* “އެންމެ ރަނގަޅު… ކަލެއަށް އިތުބާރު ކުރާނަން.. ކޮބާ ޕްލޭނަކީ..؟؟ މަ މި ވިސްނަނީ ކަލެއަށް އެ އަންހެން ކުއްޖާގަނޑު އެނގޭކަމަށް އިނގޭ…! ދެން ކިޔާބަލަ.. މަށަށް އެހީ ވާނަންދޯ..؟” ރަނާ ގޮތެއް ނިންމީ ވިސްނާވެސް ނުލައެވެ. “އެކަމަކު ހަމަ އެންމެ ކަމެއްގެ މަތިން…” އެ ޒުވާނާ ބުނެލިއެވެ. *

ގާގަނޑު މައްޗަށް އެރުމަށްފަހު ކައިޔަން އަވްލީންއަށް އަތް ދިއްކޮއްލިއެވެ. އެއަތަށް ބަލާލާފައި އަވްލީން ނުހިފަން ހުރެފައި ވެސް ހިފިއެވެ. ދެމީހުން ވެސް ވިނަގަނޑު މަތީގައި އިށީނެވެ.

”އޭ އަވްލީން.. މި ކިހިނެތްވާނެ..؟” ގޫގްލް ސާރޗް ކޮއްލާފައި އެންމެ ފަސޭހަ އެއްޗަކަށް ފެނުނު އެތި ކައިޔަން ދައްކާލިއެވެ. “މިޔޯ…؟” އަވްލީން އޭނާގެ ފޯނުން ފޮޓޯއެއް ދައްކާލިއެވެ. “އައި ލައިކް ދެޓް..!” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. “ފޯނު އެކްސްޗޭންޖު ކޮއްލަމާ.؟” ކައިޔަން ބުނެލިއެވެ. “އޯކޭ އޯކޭ..” އަވްލީން އޭނާގެ ފޯނު ދިއްކޮއްލިއެވެ. ކައިޔަން އެފޯނު ނަގާފައި އަވްލީންއަށް އޭނާގެ ފޯނު ދިނެވެ. ދެމީހުންވެސް ހެދީ ތަފާތު އެއްޗެކެވެ. އަވްލީން ހެދީ ހޮލީވުޑް ތަންތަނުގައި ހުންނަ ކަހަލަ އެއްޗެކެވެ. މޫވީތައް ދައްކާއިރު ފިލްމް ރޯލްކުރާ ކަހަލަ އެއްޗެކެވެ. ކައިޔަން ހެދީ މޫވީ ޓޭޕް އެކެވެ. އޭގައި ކުލަޖައްސަންވެގެން ދެމީހުން ކަޅާއި ހުދުކުލަ ނެގިއެވެ.

ދެމީހުން ކުލަޖައްސަން ފެށިއިރު ހީވަނީ ވާދަޔަށް ކުލަޖައްސާހެންނެވެ. ނިކަން އަވަހަށް ދެމީހުންވެސް ކުލަޖައްސާ ނިންމާލިއެވެ.

ކައިޔަން އަވްލީންއަށް ޖެއްސުމެއްކޮއްލާ ހިތްވިއެވެ. އެހެންވުމާއެކު އަތުގައިވާ ކަޅުކުލަޖައްސާފައި ހުރި ފިހިން އަވްލީންގެ ނޭފަތްކުރީގައި ރޮނގަކަށް ކާއްތާލިއެވެ. “އުހް…” އަވްލީން ދިޔައީ ސިއްސައިގެންނެވެ. ކައިޔަންއަށް ހީގަނެވުނެވެ. އަވްލީން ހުދުކުލައިން ހިތެއްގެ ބައްޓަމަށް ކައިޔަންގެ ނޭފަތުގައި ކުރަހާލިއެވެ. ދެމީހުން ސެލްފީއެއް ނަގާފައި ހޭންފެށިއެވެ.

“ޔޫ ލުކް ލައިކް އެ ޕެންގުއިން..” ކައިޔަން ހީނލިއެވެ. އަދި ފޮޓޯގައި ”ވޯކިން ވިތް އެ ޕެންގުއިން”އޭ ޖަހާ ސޭވްކުރިއެވެ. ”ޔޫ ލުކް ލައިކް އެ ހީރޯ..” އަވްލީން ހީނލިއެވެ. ”ސުޕަރމޭން..؟ ސްޕައިޑަރ މޭން..؟ ބެޓްމޭން.؟ އަޔަން މޭން..؟ ކެޕްޓަން އެމެރިކާ..؟ ފްލޭޝް..؟ ކާކާ ވައްތަރީ..؟” ކައިޔަން އަމުނާލިއެވެ. “އަމްމް.. އަމްމް… މައި އޯން ހީރޯ.. ކައިޔަން… ޖަސްޓް ކައިޔަން..” އަވްލީން ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި ކުޑަކުޑަ ރަކިކަމެއް ފާއްދާލާފައިވެއެވެ. ”ވޯހް ތޭންކްސް…” ކައިޔަން ކުޑަކޮށް ރަކިވިއެވެ. ހީރޯއަކާއި ކައިޔަން ވައްތަރީކީއެއްވެސް ނޫނެވެ. އަވްލީންއާއި ކައިޔަން އެންމެ ގަޔާވަނީ އެހެން ކުދިންނާއި ބަލާފައި އަވްލީން ނިކަން ތަފާތު ވާތީއެވެ.

“ހިނގާދާން.. މިހާރު އެދިހައެއް ޖަހަނީ..” އަވްލީން ތެދުވިއެވެ. ކައިޔަންވެސް ތެދުވިއެވެ. ފެންގަނޑު ހުރަސް ކުރަން ވާގަނޑުގައި ދެމީހުން އެލިގަތީ އެކީގައެވެ. ދާންދިޔަ ބާރުމިނުގައި އަވްލީންގެ އަތް ވާގަނޑުން ނެއްޓުނެވެ. ކައިޔަން ވާގަނޑުގައި އެއްއަތުން ހިފާއްޓާފައި އަވްލީންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އަވްލީންގެ ދެއަތްހުރީ ކައިޔަންގެ ކަނދުރާގައި ވަށާލެވިފައެވެ. އޭރު އަވްލީންގެ މޫނަށް ރަތްކުލަ ފާއްދާލާފައިވާ ވަރުން ކައިޔަންގެ ގާތަށް ހިނިއައެވެ. ހީވަނީ ގައިގައި ހުރިހާ ލެޔެއް މޫނަށް ޖަމާކޮއްލި ހެންނެވެ.

“ކަލޭ ބޭނުންވަނީ ކޮން ކަމެއް..؟ ހުރެ ބަހައްޓާފައި އެދޭ ކޮންމެ ކޮންމެ ކަމެއް މަ ނޫޅެން ކަލެއަށް ކޮށްދޭކަށް..!” ހިތަށް ވަތް އެއްޗަކުން ރަނާގެ ޚިޔާލު ބަދަލުވިއެވެ. “އަހަރެން މީ އެހާ ނުބައި މީހެއް ނޫން….” އެ ޒުވާނާ ވަގުތުން ބުނެލައިފިއެވެ. ހިނދުކޮޅަކަށް ނަމަވެސް ރަނާގެ ހިތް އެ ޒުވާނާ އެ ބުނަނީ ތެދު ކަމަށް ގަބޫލު ކޮއްލިއެވެ. “ކަލޭ ބޭނުންވަނީ ކޮން ކަމެއް ހޭ..؟؟” އެ ޒުވާނާ ހަނު ހުންނަވަރުން އެ ބުނަން ބޭނުންވާ ކަމެއް ބުނަން ޖެހިލުންވަނީ ކަމެއް ނުވަތަ ފަސް ޖެހެނީ ކަމެއް ރަނާއަށް ބުނެދޭކަށް ނޭނގުނެވެ.

“އަހަރެން ރަނާއަށް ކިޔައިދޭ އެއްވެސް ވާހަކައެއް އެހެން މީހެއްގެ ގާތު ދައްކައިގެންނެއް ނުވާނެ..! ފަހަރެއްގައި އަހަރެންނަށް ކިޔައިދެވޭ ވާހަކައަކީ ރަނާއަށް ވަރަށް ފައިދާ ކޮށްފާނެ ވާހަކައަކަށް ވެސް ވެދާނެ.. އެކަމް ޕްލޭން ހަދާނީ އަހަރެން.. އެ ޕްލޭންއާއި ރަނާ ޚިލާފް ވެގެންނެއް ނުވާނެ..! އެ ޕްލޭން ކާމިޔާބު ވެއްޖެނަމަ ކައިޔަން ރަނާއަށް ލިބޭނެ.. އެއީ ޝައްކެއްވެސް އޮތްކަމެއް ނޫން..!” އެ ޒުވާނާ ސަޅި ކަނޑާލާފައި އެ ދައްކާލި ވާހަކަތަކުން ރަނާ ހެވި ދިލިއްޖެއެވެ.

“މަށަށް ހެޔޮ ކަލޭގެ ޕްލޭނަކީ އެ އަންހެންކުއްޖާ ދިިރިހުއްޓާ ވަޅުލުން ކަމަށްވިޔަސް.. ކައިޔަން މަށަށް ލިބެނިކޮށް ނިމުނީ…!” ރަނާ ބުނެލިއެވެ. “ވަން މޯރ..” މޫނުވެސް ރަނގަޅަށް ފެންނަން ނެތް އެ ޒުވާނާ ހިނިތުންވެލި ތަން ފެނި ރަނާއަށް ރުންކުރު ވެވުނެވެ. “ބުނަން ރަނގަޅު ވާހަކައެއް.. މިއީ އަރާމަގު ދޮންކަމަނައިގެ ސީންއެއް ނޫން ކަލޭ ކޮންމެހެން އަހަރެން ގެ މައްޗަށް ފާޑުފާޑުގެ ޝަރުތުތައް ހަދާ އަޅާކަށް..!” ރަނާ ބުނެލިއެވެ. ޖަވާބުގައި އެ ޒުވާނާ ޖަހާލީ ހިނިގަނޑެކެވެ.

”އަހަރެންނަށް އެނގޭ ކަލޭމެން އެންމެންގެ ގޮތްވެސް.. އައިސްފައިވާ އާއިލާގެ ފެންވަރު އަދި ދަސްވެއްޖެޔޭ ބުނާހާ ވަރަށް މައުލޫމާތު މަށަށް އެނގޭ..!” ހިމޭންވެފައި އޮތް އެ މާހައުލުގެ ހިމޭން ކަން ކަނޑުވާލަމުން އެ ޒުވާނާ ބުނެލި ޖުމްލައިން ރަނާ ހައިރާންވިއެވެ. “އައި ނީޑް ކޭޝް..!” އެ ޒުވާނާ ”އައިސްފައިވާ އާއިލާގެ ފެންވަރު އެނގެޔޭ” ބުނެލި ސަބަބު ރަނާއަށް ވިސްނުނީ އޭނާ އެހެން ބުނެލުމުންނެވެ. ރަނާއަކީ ނިކަން މުއްސަނދި ކުއްޖެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނަގެ ބައްޕަގެ ދެ ރިސޯޓާއި މިރަށުގެ ހަތަރު ބިން އެބައޮތެވެ. އޭގެ ތެރެއިން ދެ ބިމުގައި އަޅާ ފައްކާ ކޮށްފައިވާ ދެ ރެސްޓޯރެންޓަކީ ރަށުގައި އެންމެ ނަން ހިނގާ ދެ ރެސްޓޯރެންޓެވެ. ލާރިތައް މަތިން އޮހޭއިރުވެސް ރަނާ ވަޒީފާއަށް ދަނީ ގޭގެ ހަތަރު ފާރުތެރޭ ބިތްޖެހިފައި ނޯންނަން ވެގެންނެވެ.

“ކޭޝް… އަހަރެންނަށް އެނގޭ ރަނާގެ އަތުގައި ލާރި ހުންނާނެކަން… އަހަރެން ޔަގީންކަން މިދެނީ އަހަރެންގެ އެހީތެރިކަމާއި ނުލާ ރަނާއަށް ކައިޔަން ނުލިބޭނެކަން.. އެހެންވެ އަހަރެން ރަނާއަށް ހެލްޕް ވާނީ އެއިން އަހަރެންނަށް ކުޑަވެސް ފައިދާއެއް ލިބޭނަމަ…” އެހީވާން އެ ޒުވާނާ އެ އެދުނީ ފައިސާގެ ބޭނުމުގައިކަން ރަނާއަށް އެނގުނެވެ.

“ނޫން ނޫން..! ރަނާގެ ގާތަށް އަހަރެން އަސްލު އައީ ފައިސާގެ ބޭނުމަކުއެއް ނޫން..! ޕްލޭންގެ މެދުތެރެއަށް ދިޔައީމައި އަހަރެން ކިޔާދޭނަން އަހަރެންގެ އަސްލު… ނަންވެސް ބުނާނަން.. މޫނުވެސް ދައްކާނަން..!” އެ ޒުވާނާ ހީވީ ރަނާގެ ސިކުނޑީގައިވީ އެއްޗެހިތައް ކިޔާލިހެންނެވެ. “އަހަރެންގެ މައްސަލައެއް ނެތް… އެކަމް…….” ރަނާ ޖުމްލަ ނިންމާ ނުލަނީސް އެ ޒުވާނާ ފެށިއެވެ. “އަހަރެން ފިނޑިވެގެންނޭ ކިޔާ ރަނާ ދޫކޮށްލާފައެއް ނުދާނަން.. ޕްލޭން ފުރިހަމަ ވަންދެން އަހަރެން ހުންނާނީ ރަނާއާއެކީ… އަހަރެން މީ ބިޓްރޭޔަރއެއް ނޫން..!” އެ ޒުވާނާގެ ބަސްމަގު ހުރިގޮތުން އޭނަގެ މައުލޫމާތު އެ ޒުވާނާއަށް އެނގޭކަމަށް އެ ބުނަނީ ތެދެއްކަން ރަނާއަށް އިހުސާސްވިއެވެ.

“އަހަރެމެން މާދަން މީޓް ކުރާނީ ހަމަ މިތަނުން… ހަމަ މިގަޑީގައި… ދެން ދޭ…” އެ ޒުވާނާ އެހެން ބުނެލުމުން ރަނާ ހިނގައިގަތެވެ. ކުރިއަށް ދެތިން ފިޔަވަޅު އަޅާލާފައި ރަނާ ފަހަތް ބަލާލިއެވެ. އެ ޒުވާނާ ޖެހުނުތާ ލަކުނުވެސް ނެތެވެ. އެ ޒުވާނާ ބުރަކަށިން ވަރައެއް ނެރިގެން އެރީ އުޑަށް ކަމެއް ނޫނީ ބިން ކޮނެ ވަނީ އަޑިއަށް ކަމެއް ނޭނގުނެވެ. އެ ޒުވާނާގެ ގޮތް ނޭނގުނަސް ކައިޔަން ލިބިއްޖެ ނަމަ ރަނާއަށް އެ ނިމުނީއެވެ. އެ ޒުވާނާގެ އަޑާއި ރާގާއި ދޭ ޔަގީންކަމުން އެ ޒުވާނާއާއި އެއްބައިވާން ރަނާގެ ހިތް މަޖުބޫރު ކުރުވީއެވެ. ނަމަވެސް އެ ޒުވާނާއަކީ ކާކުކަން ހޯދަން ރަނާގެ ހިތް އިންޒާރު ދެމުން ދިޔައީ ކީއްވެގެން ކަމެއް ޚުދު ރަނާއަކަށް ނޭނގުނެވެ. ގެއަށް އައިސް އެނދަށް ވެއްޓިގަތް ގޮތަށް ރަނާއަށް ނިދުނީ ވިސްނަން އޮއްވައެވެ.

ގެއަށް ދިޔަ މަގުމަތީގައި ކައިޔަންއާއި އަވްލީން ދިޔައީ ތަފާތު ވާހަކަތަކެއް ދައްކަމުންނެވެ. “މާދަމާ އަވްލީން ސްކޫލަށް ލައިދޭނަމޭ ބުނެފިއްޔާ އަންނާނަންތަ..؟” ކައިޔަން އެއްސެވެ. ކުޑަކޮށް ސީރިއަސް ރާގެއްގައެވެ. “ތިއީ ހަމަ އަސްލަށްވެސް ބުނާ ވާހަކައެއްނަމަ އޯކޭ.. ސްކޫލަށް ލައިދިނަސް..” އަވްލީން ވެސް ކައިޔަން އެހެން ބުނެލި ރާގުގައި ބުނެލިއެވެ. “އޯކޭ.. އަލާންވެސް ގޮވައިގެން އަންނާތި.. އެނޫނީ ޒިވީ ދެރަވާނެ..” ކައިޔަން ބުނެލިއެވެ. ”އެލަން ގޮވައިގެންނޭ އަންނާނީ.. މިހާރު ގެއަށް އައިސްފިއްޔާ އޮންނާނީ ހުސް ކައިޔަންގެ ކޮއްކޮ ޒިވީންގެ ވާހަކަ ދެއްކުން.. އަނގަ މަޑުވެސް ނުކުރާނެ..” އަވްލީން ހީލަމުން ބުނެލިއެވެ.
“އޯކޭ.. ގުޑްނައިޓް..” ކައިޔަން ބުނެލިއެވެ. “ސްވީޓް ޑްރީމްސް..” އަވްލީން އަތްހޫރުވާލާފައި ގެއަށް ވަނެވެ. ކައިޔަން ގޭތެރެއަށް ވަނެވެ.

އޭރު ޒިވީން ކުދިކިޔާ އަޑުއިވެއެވެ. އޭރު ޒާއިން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއް ފަދައިން ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. “ޒިވްގަނޑޫ…؟؟ ކިހިނެތްވީތަ..؟” ކައިޔަން ޒިވީންގެ ކޮޓަރި ތެރެއަށް ވަންނަމުން އެއްސެވެ. “މިއުޅެނީ މާދަމާއަށް ލާނެ ހެދުމެއް ނޭނގިގެން…” ޒިވީން ބުނެލިއެވެ. “އެއީ..؟ އެހެން ނޫނިއްޔާ ސްކޫލަށް ދާއިރު ޒިވީއަށް އެނގޭ ވަގުތުން ކޮން ހެދުމެއްކަން ލާންވީ..” ކައިޔަން ބުނެލިއެވެ. “އާހް..! ދޮންބެ ކުރިން އުޅުނު އެއްވެސް އަންހެން ކުއްޖެއްގެ ފަރާތުން އެކައްޗެއްވެސް ދަހެއް ނުވިތަ..؟ ޒިވީ ނަގާ ހެދުން…! ވަޓް އިފް އެލަން ޑަޒް ނޮޓް ލައިކް އިޓް..؟” ޒިވީން އެއްސެވެ. ”އެބައަންނަން..” ކައިޔަންއަށް ރަނގަޅު ޚިޔާލެއް ލިބުނެވެ. ގައިމުވެސް އެ ޚިޔާލު މަސައްކަތް ކޮށްފިއްޔާ ޒާއިން ހެން ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ކައިޔަންއަށް ހުންނާކަށް ނުޖެހޭނެއެވެ. ބެލްކަންޏަށް ގޮސް ކައިޔަން ޖީބަށް އަތް ކޮއްޕާލާފައި ފޯނު ނެގިއެވެ.

“އޭނ..؟؟” ފިޔާތޮށި ކުލައިގެ ސާމަރާ ދޫންޏެއްގެ މޫނު ފެނުމުން ކައިޔަން ސިއްސައިގެން ދިޔައެވެ. “އޯހް ނޯ…” ކައިޔަންއަށް ނެގުނީ އަވްލީންގެ ފޯނެވެ. މިރޭ ކައިޔަން ގެންގުޅުނު ފިޔާތޮށި ކުލަ އާއި ނޫކުލައިގެ އިތުރުން ދަނބު ކުލައިން ޑިޒައިން ކޮށްފައިވާ ސާމަރާ ދޫނި ހުރި ކަވަރު ލައްވާލާފައިވާ ފޯނު ވަކިކުރާކަށް ކައިޔަންއަށް އުނދަގުލެއް ނުވިއެވެ. އެހެންވެއްޖެނަމަ އަވްލީންގެ އަތުގައި އޮންނާނީ ކައިޔަންގެ ފޯނެވެ. އަވްލީންގެ ފޯނުގައި ޖަހާފައިވާ ކޯޑް ކައިޔަންއަށް އެނގޭތީ ކައިޔަން ފޯނު ހުޅުވާ ފައި އަމިއްލަ ނަމްބަރަށް ޑަޔަލް ކޮއްލިއެވެ. ރިންގުވާން ފެށިތާ އިރުކޮޅެއް ނުވަނީސް އަވްލީން ފޯނު ނެގިއެވެ. “ސޮރީޒް.. ގެންދެވުނީ އޮޅުމަކުން..” އަވްލީން ވަގުތުން މާފަށް އެދުނެވެ.

“އިޓްސް އޯކޭ… މާދަމާ ދާއިރަށް ފޯނު ދޭގޮތަށް ހަދާލާ… ދެން އަސްލު މިގުޅާލީ އެލަންގެ ޚިޔާލެއް ހޯދާށޭ..” ކައިޔަން ބުނެލިއެވެ. “އެލަންއޭ..؟ އޯހް ބުނަން… ތިގުޅީ ރަނގަޅު ގަޑިއެއްގައި.. އެލަން އެބައުޅޭ މާދަން ލާންވީ ކޯޗެއްކަން ނޭނގިގެން.. މަށަށް ވުރެ ކަންތައްފަލަ…!” އަވްލީން ބުނެލިއެވެ. “ސޭމް.. ހަމަ ތިހާލުގައި މިއުޅެނީ… ޒިވީ ވެސް މުޅި ކްލޯސެޓް އެކީއެކަށް ހާވާހާވާ ޚަރާބު ކޮއްލައިފި.. އެލަން ގާތު އަހާދީބަލަ.. އެލަންގާތު އެލަންއަށް އަންހެންކުދިން ރީތީ ކޮންކަހަލަ އެއްޗެއް ލީމަ ހެއްޔޭ..؟ ކައިގޮސް ޒިވީގާތު އަހާނަން..” ކައިޔަން އެދުނެވެ.

“އޯކޭ.. އެކަމު ޒިވީގެ ގާތުގައި ނުބުނައްޗޭ ފޯނުކޮއްގެން އުޅޭ ވާހަކަ.. އެނޫނީ ކަޑަވާނޭ…” އަވްލީން ބުނެލިއެވެ. “އޯކޭ..” ކައިޔަން ފޯނު ފޮރުވާލަމުން އެތެރެއަށް ވަނެވެ. “އޭތް ޒިވީ.. ވަޓް އިފް ސަމްވަން އާސްކްޑް ޔޫ އައުޓް…؟” ފަސްޓް ޑޭޓަށް ދާއިރު ޒިވީއަށް އެ މީހާ އެންމެ ރީތިވާނީ ކޮން ކަހަލަ ހެދުމެއް ލިއްޔާ..؟ ދޮންބެގެ ފްރެންޑަކަށް އެބައުޅޭ ނޭނގިގެން..” ކައިޔަން ނުގޮތަކަށް އަހާލިއެވެ. “އަމް.. ޒިވީއަށް ރީތީ ކެރެޓް ޖިންސްއާއި ހުޑީސް..” ޒިވީން އަލަމާރި ހޭވުމުގައި އަވަދި ނެތި އުޅެމުން ބުނެލިއެވެ.
”އެލަން.. ދޮންތައަށް އެބަ ބޭނުންވޭ އެޑްވައިސްއެއް…. ޑޭޓްއަކަށް ދާ ބޯއިއަކީ އެލަން ނަމަ އެކީ ދާ އަންހެން ކުއްޖާ އެލަންއަށް އެންމެ ކަމުދާނީ ކޮން ކަހަލަ ހެދުމެއް ލީމަ..؟ އަވަސް.. އާރޖެޓް ކޮށް އެބަ ބޭނުންވެޔޭ…!” ކޮޓަރި ތެރެއަށް ބޯ ދިއްކޮއްލައިގެން ހުރެ އަވްލީން އެއްސެވެ.

“ކްރޮޕްޓޮޕާއި ހައިވެއިސްޓްސް.. އައްދޭ..! ތިވަރަށް ނޫޅުނަސް އަވް ގޮވައިގެން މަ ނޫޅެމޭ ޑޭޓަކަށް ދާކަށް…! އަވް މަށާއި ނޫޅެއްޗޭ އަނެއްކާ..!!” އަލާން ބުނެލިއެވެ. އެފަދަ ނާޒުކު ވަގުތު ކޮޅެއްގައި ވެސް އަލާންގެ ލާނެތް ކަން އެންމެ އިންސައްތައަކަށްވެސް ދަށެއް ނުވެއެވެ. އަލާންއަކީ ސަމާސާ ތަކުން ފުރިގެންވީ އުފާވެރި ކުއްޖެކެވެ. “އޯކޭ ޝުކުރިއްޔާ..” އަވްލީން ދުވެފައި ބޭރަށް ނުކުތެވެ. އައި ބޭނުން ފުދުމުން އިތުރު ވާހަކަ ދައްކަން ހުންނަން އަވްލީން ބޭނުން ނުވީއެވެ. މާ އަވަހަށް ދެވުނީ ކައިޔަންއަށް އެ ޚަބަރު އިއްވާލާށެވެ.

“ބުނެފި…” ކައިޔަން ބޭރަށް ނުކުމެފައި ކަންފަތުގައި ފޯނު ޖަހައިގެން ހުރެ ބުނެލިއެވެ. “އޯކޭ.. އެލަން ބުނީ ކްރޮޕްޓޮޕާ ހައިވެއިސްޓްސްއޭ.. ޒިވީ ބުނީ ކީކޭ..؟” އަވްލީން އެއްސެވެ. “ކެރެޓް ޖިންސް އާއި ހުޑީ..” ކައިޔަން ޒިވީންގެ ޖަވާބު ހޯދަން ބޭނުން ވާތީ ބުނެލިއެވެ. އަދި ފޯނު ބާއްވާފައި އެތެރެއަށް ވަންނަން ދިޔައެވެ. އަދި އަލަމާރި ތެރެއަށް ބަލާލިއެވެ. ”އޭތް ދޮންބެ ބުނަންތަ ލާންވީ އެއްޗެއް.. ދޮންބެއަށް ޓްރަސްޓް ކުރަންޏާ މިހެދުންލާ…” ބޮނޑިއަކަށް ޖަހާލާފައިވާ ހެދުންތަކުގެ ތެރެ ހާވާލާފައި ރަތް ފިނިފެންމާ ތަކެއް ޖަހާފައި ހުރި ކަޅު ކްރޮޕްޓޮޕަކާއި ރިޕްޑް ހައިވެއިސްޓެއް ނަގާފައި ދެމުން ކައިޔަން ބުނެލިއެވެ. ”އެކަމަކު.. ދެން..” ޒިވީން އެއްޗެކޭ ބުނަން އުޅުނެވެ. “އައި ގޮޓް ޔޯ ބެކް ޒިވީ.. އައި އޯލްވޭސް ވިލް..!!!” ކައިޔަން ބުނެލިއެވެ. “އޯކޭ.. އެކަމް ނުވެއްޖިއްޔާ ފެއިލް..” ކައިޔަން ޔަގީންކަން ދިނުމުން ޒިވީން އެ ހެދުން އިސްތިރި ކުރަން އަވަސް ވެގަތެވެ.

ކައިޔަން ވަގުތުން ނުކުތް ގޮތަށް އަވްލީންއަށް ގުޅާލިއެވެ. “އެލަން އެއްބަސް ވިތަ..؟” ކައިޔަން އެއްސެވެ. “ހޫމް.. ކުސްތަޅަތަޅާ ބޮޑާ ހާކާފައި އެންމެފަހުން ނަގައިފި.. ޒިވީންވެސް އެއްބަސްވިދޯ..؟” އަވްލީން އެއްސެވެ. “ހޫމް.. މާވަރުކުރާކަށެއް ނުޖެހުނު ނަސީބަކުން..” ކައިޔަން ހީގަނެފައި ބުނެލިއެވެ.

”އޯކޭ.. އެކަމަކު ކައިޔަން ތައްޔާރު ވެއްޖައިންތަ މާދަމާއަށް..؟ މިބުނީ ލާން ހެދުމެއް ނަގައިފިން ހެއްޔޭ..؟” އަވްލީން އެއްސެވެ. “ނޫން.. އަދި ނުނަގަން.. ހިތަށް އަރަނީ އަވްލީންއަށް ފިރިހެން ކުދިން ރީތިވާނީ ކޮން ކަހަލަ ހެދުމެއް ލީމައި ބާވައޭ..؟” ލާނެތް ފާޑަކަށް ކައިޔަން އަހާލީކަން އަވްލީން އަށް އެނގުނެވެ. “އަމްމް.. ވަކި އައުޓްފިޓެއް ނެތް..” އަވްލީން ބުނެލިއެވެ. “މަށަށް އަންހެން ކުދިން ރީތި ކޮންމެ އެއްޗެއް ލިޔަސްވެސް..” އަވްލީން ނާހަނީސް ކައިޔަން ބުނެލައިފިއެވެ. “އޯކީ.. މިދަނީ ހެދުން އިސްތިރިކުރަން.. މާދަމާ ހުންނާނަން ނުކުމެ އިނގޭ..” އަވްލީން ބުނެލިއެވެ.

“އޯހް އޯކޭ އޯކޭ.. ގުޑްނައިޓް އެގެއިން.. އަވްވް..” ކައިޔަން އެހެން ބުނެ ފޯނު ކަނޑާލިއިރު ތުންފަތު ގައި ކުޅެލާފައިވަނީ ލާނެތް ހިނިތުންވުމެކެވެ.

އަވްލީންއާއި ދިމާލަށް އަވްއޭ ކިޔާ ނިކަން ލޯބިން ގޮވާލުމުން އަވްލީންއަށް ފޯނުކަނޑާލިގޮތަށް ފޯނުގައި ބައްދާލެވުނީ އެވެ. އޭރު ލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ނަމަވެސް އެ އުފާވެރި ކަމުގެ ކަރުނަތައް ބިރުވެރިކަމުގެ އިންޒާރުތަކަކަށް ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ. ލިޔާންގެ މަތިން އަނެއްކާ ހަނދާންވީއެވެ. “އަވްބޭބީ..” ލިޔާންގެ އަޑު އަވްލީންގެ ކަންފަތްދޮށުގައި ގުގުމައިގެން ދިޔައެވެ. “ލިޔާން ކީއްވެތަ އަވްލީން ދޫކޮއްލާފައި ދިޔައީ..؟” އަވްލީންއަށް ހިތާހިތުން ބުނެލެވުނެވެ. ”ދެން ހެޔޮ.. ނިއު ޕްލޭސް.. ނިއު ބިގިނިންގް.. ނިއު ލައިފް.. ދެން ލިޔާން ނަޔަސް ހެޔޮ.. މިރަށުގައި ވެސް މީހުން މަދީކީއެއްނޫން.. ކައިޔަންވެސް އެބަހުރި.. ނަތިން ޓު ވޮރީ އެބައުޓް..” އަވްލީންއަށް ކިޔެމުންދިޔައެވެ.

ހަގީގަތަކީ އަވްލީންގެ އެއްފަޅި އަދިވެސް ލިޔާންދެކެ ލޯބިވާކަމެވެ. ކިތަންމެވަރަކަށް އެއްބަސްނުވާން ގަދަހެދިޔެއްކަމަކު އެއީ ތެދެވެ. އަނެއް ފަޅީގެ ގޮތް އަދިވެސް ޔަގީނެއް ނޫނެވެ. ރަނގަޅަށް ބުނާނަމަ އެފަޅި ޚާއްސައީ ކައިޔަންއަށެވެ. ކައިޔަން ފެނުނުތާ ދުވަސްކޮޅެއްވެސް ނުވަނީސް ކައިޔަން ޚާއްސަ ވެއްޖެއެވެ. ކައިޔަންގެ ހިތްހެޔޮކަމާ ހިނިތުންވުމާއި އަޅާލާވަރުން އެކަނިވެސް އަވްލީންގެ ހިތުން މަތީ ދަރަޖައެއް ހޯދާލައިފިއެވެ. އަވްލީންއަށް ހުރެވުނީ ކުޑަދޮރުން ބޭރު ބަލާށެވެ. ފިނިފެންމާ ގަސްބޮނޑި އަކަށް ގެއްލިފަ އެވެ. ސީދަލަށް ހިނގަމުން އައި މަގުގެ ދެ ކަފިއާއި ހަމައަށް އާދެވުމުން އަޅަންވީ ގޯޅިއެއް ނޭނގިފައެވެ. ޚިޔާރު ކުރާނީ ކާކުތޯ ނޭނގިފައެވެ.

ކައިޔަންއަށް ނިދަން އެނދަށް އަރާފައިވެސް ހުރެވުނީ އަވްލީންގެ ފޯނު ބަލާށެވެ. އަވްލީންއަށް ނޭނގި ވަގަށް ފޯނު ބަލާލަން ކައިޔަންއަށް އެ ދެއްވި ފުރުސަތަށް ކައިޔަން ޝުކުރު ކުރިއެވެ.

ފޯނުގެ އިންސްޓަގްރާމް ގައި ހުރި ބައެއް ފޮޓޯތަކެއް ބަލާލާފައި ފަސްޖެހުމެއް ނެތި ކައިޔަން ސީދާ ފިތާލީ ގެލެރީއަށެވެ. އިރުކޮޅެއް ވަންދެން ކައިޔަންއަށް ހުރެވުނީ ފޮޓޯތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އެކިއެކި ކުލަކުލައިގެ ހެދުންތައް ލައިގެން އަވްލީން ފޮޓޯ ނަގާފައި ހުއްޓެވެ. އެއިން ކޮންމެ ފޮޓޯއެއްގައި އަވްލީންގެ ތުންފަތުގައި ކުޅެލާފައިވަނީ އެންމެ ރީތި ހިނިތުންވުމެވެ.

އެވަރުން ނިމުނީކީއެއް ނޫނެވެ. އަވްލީން އަދި އެހެން މީހުންނަށް ފޮޓޯ ނަގާދީފައި ހުއްޓެވެ. ފޮޓޯގްރަފީ އަށް އަވްލީންއަކީ އެއްވަނައެވެ. ފޯކަސް ރަނގަޅެވެ. ލައިޓްނިންގ ބަރާބަރެވެ. ކޮލެޖް ދުވަސްވަރުގައި އަވްލީން ނަގާފައިވާ ފޮޓޯތައް ބަލަމުންގޮސް ކައިޔަންގެ ނަޒަރުގައި އެއްފޮޓޯ އަޅައިގަތެވެ. އެފޮޓޯގަނޑު ގައި ހުރީ އަވްލީންއާއި ކޮންމެވެސް އެހެން ފިރިހެން ކުއްޖެކެވެ. ދޮން ކޮށް ހުރި އެ ފިރިހެން ކުއްޖާގެ އިސްތަށިގަނޑުވަނީ ނުހަނު ތުނިކޮށް ކޮށާލާފައެވެ. ކަށިކޮށް ހުރި ކުރު ތުނބުޅި ކޮޅެއްވެސް ހުއްޓެވެ. އަނެއްހެން ފުދެއެވެ. ދެ މީހުންވެސް ހުރީ ކޮންމެވެސް ހަފްލާއެއްގައި ކަން ފޮޓޯގެ ބެކްގްރައުންޑަށް ބަލާލާފައި އެނގެއެވެ. އެ ފިރިހެން ކުއްޖާ އާއި އަވްލީންގެ އަތުގައި ކޮޓަން ކޭންޑީ އެއް އޮތެވެ. ދެމީހުން ހެވިފައި ހުރިވަރުން އެއީ ހަޔާތުގައިވެސް ތަޖުރިބާ ކުރެވުނު އެންމެ އުފާވެރި ދުވަހޭވެސް ބަލާ މީހާއަށް ހީވާނެއެވެ. އެއީ ކާކުކަމެއް ކައިޔަން އަކަށެއް ނޭނގުނެވެ. ނަމަވެސް އަވްލީން އެއްވެސް މީހަކާއެކީގައި ނޫޅެމޭ ބުނުމުން އެބަހަށް އިތުބާރުކޮށް ކައިޔަން ހިތްހަމަޖައްސާލިއެވެ.

ކައިޔަން ކިތަންމެ ވަރަކަށް އެހެން ފޯލްޑަރތައް ހޭވިއެއް ކަމަކު އެ ފިރިހެން ކުއްޖާއާއެކީ ނަގާފައިވާ އެންމެ ފޮޓޯގަނޑެއް ވެސް ނުފެނުނެވެ.

ވަގުވަގަށް އެ ފޮޓޯތައް ޕެންޑްރައިވްއަކަށް ކައިޔަން އެޅިއެވެ. ހުރިހާ ފޮޓޯއެއް އެހާ ވަގަށް ކައިޔަން އަށް ނެގުމުން ޚުދު ކައިޔަންވެސް އެހާ ހައިރާންވިއެވެ. ކައިޔަންއަކީ ދުވަހަކުވެސް އެ ފާޑަށް އުޅުނު މީހަކަށް ނުވާތީއެވެ. އެންމެން އޭނަގެ ހުންނަކަމަށް ބުނި ‘ހަރުދަނާކަން’ މަޑުމަޑުން ނެތި ދާން ފެށީބާއެވެ.؟ އަވްލީން އައިފަހުން އަވްލީން ނޫން އެހެން މީހަކާއި ދޭތެރޭ ކައިޔަންއަކަށް ނުވިސްނެއެވެ. ކުރިން ޔޫޝުއަލްއަށް ނުގޮސް ބަތްސުވާއެއް އަނގަޔަށް އެތެރެ ނުކޮށްލެވުނު ކައިޔަންއަށް ރޭގައި ޔޫޝުއަލް ކެންސަލް ކޮށްލެވުނީ އެސްފިޔަ ޖަހާލާހާ ފަސޭހައިންނެވެ. ޔަގީނެވެ. އަވްލީން ކައިޔަން ބަދަލު ކޮށްލައިފިއެވެ. އެހެން މީހުންގެ ކުރިމަތީ ރަނާދެކެ ލޯބިވަމޭ ކިޔައި އުޅުނަސް ކައިޔަންގެ ހިތް އެދެނީ އަވްލީންއަށް އެކަންޏަށެވެ. ނަމަވެސް ސިކުނޑި ބުނަނީ ރަނާއާއި ވަކި ނުވުމަށެވެ. ސިކުނޑި އާއި ހިތް ދެ ވާހަކައެއް ކިޔަމުން ގެންދާތީ ކައިޔަންއަށް އަބަދު ހުރެވެނީ އޮޅިފައެވެ.

ޕެންޑްރައިވް ރަނގަޅަށް ފޮރުވާފައި ކައިޔަން ނިދަން އެނދަށް ވެއްޓިގަނެފައި ބާރަށް ބާލީހުގައި ބައްދާލިއެވެ. އެނދުމަތީ އޮތް އަވްލީންގެ ފޯނު މޭޒަށް ލާން އުޅެނިކޮށް އަވްލީންގެ ފޯނުގެ ކަވަރު ކަހައިގެން ގޮސް ވެއްޓުނެވެ. ކައިޔަން ކަވަރު ނަގާ ފޯނަށް ލައްވާލަނިކޮށް އެއްޗެއް ފެނުނެވެ. ކައިޔަން ލެއްވި ކަވަރު އަލުން ނައްޓާލާފައި ބަލާލިއެވެ. ފޯނުގެ އެއްފަރާތެއްގައި އެހެން ފުރާނައަކަށް ނޭނގޭނެގޮތަށް ވަރަށް ރީތި އަކުރު ތަކަކުން ކައިޔަންގެ ނަން އަޅާލާފައިވެއެވެ. އެއީ އަވްލީންގެ އަތު ލިޔުމެވެ. ސްޕެލިންގެ އެއްވެސް މައްސަލައެއް ނެތެވެ. ކައިޔަންއަށް މަޑުމަޑުން ހިނިތުންވެލެވުނެވެ. ކައިޔަން ނިދަން އޮށޯތީ އޭގެ ގާތުގައި ކުޑަކުޑަ ސްމައިލީ ފޭސްއެއް ކުރަހާލާފައެވެ. އަވްލީންގެ ހިތުގައިވާ އެއްޗެއް ކައިޔަންއަށް އެނގުނު ކަހަލައެވެ.

ޖެހިގެން އައި ދުވަހުގެ އިރުއެރިގޮތަށް ކައިޔަން ފެންވަރައިގެން ރަތްކުލައިގެ، ކަޅުން ސްޓްރައިޕް ދަމާލާފައިވާ އަތްދިގު ޓީޝާޓެއް ނަގާފައި ކަޅު ޖިންސެއްލިއެވެ. އިސްތަށިގަނޑުގައިވެސް އެހެން އެއްވެސް ދުވަހަކު ފުނާ ނާޅާވަރަށް ރީއްޗަށް ފުނާ އެޅުނެވެ. ދެތިން ވައްތަރެއްގެ ބޮޑީ ސްޕްރޭއެއް ޖެހުނެވެ. ރަތް ސްނިކަރސް އަކަށް އަރާފައި ކައިޔަން ކޮޓަރިން ބޭރަށް ނުކުތްއިރު ބަލާލާ ކޮންމެ މީހެއްގެ ހިތް ދަމައިގަންނާނެއެވެ. އެ އެންދެރި ކޮޅެއްފަދަ ދެ ލޮލުގެ ޖާދޫގައި ޖެހި ސިކުންތެއްގެ ތެރޭ މީހެއްގެ ހިތް އޮޔާ ބެހިދާނެއެވެ. ވައަތު ކޮލަށް އަޑިކޮޅު އަޅާލާފައި އެ ހީނލާ އެންމެ ހީނލުމަކުން މީހުންތައް މޮޔަ ކުރުވާނެއެވެ. ހޮލީވުޑްގެ އުޑުގެ އެންމެ މަތީގައި ފިޔަޖަހާ ތަރިއަށް ކައިޔަން ފުކެއްވެސް ދޫނުކުރާނެކަން ޔަގީނެވެ.

އޭރު ޒާއިން ހުރީ ޔުނީފޯމެއް ހެޔޮވަރު ކުރާށެވެ. ޒާއިން އެހާ ކުޑައިރުވެސް ހުންނަލެއް ބޮޑުކަމުން ޔުނީފޯމް ބާރެވެ. ނިއްވާލާފައިވާ ޓީވީ އިން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަމުން ޒާއިން ފާޑަކަށް މަޑު ކޮއްލިއިރު ހީވީ ފެޝަން ޝޯވްއެއްގައި އުޅޭ ޅަ މޮޑެލެއް ހެންނެވެ. “އޯހް.. ޔުނީފޯމް ފޮނުވައިފިދޯ އެކޮޅުން.. ހެޔޮވަރުތަ..؟” ކައިޔަން އެއްސެވެ. ”ހޫމް.. ތަންކޮޅެއް ހިކި ވާނެ ޖެހިއްޖެ ކަންނޭނގެ… ޔުނީފޯރމް އެހުންނަނީ ގަޔަށް ތަތްލަވާފައި.. ހީވަނީ ތެރަސް ލާފައި ހުންނަހެން..” ޒާއިން ގިރުވާން ރީތި ކޮއްލަމުން ބުނެލިއެވެ.

“ދޮންބޭ..! ބުނެބަލަ..! ޒާއިން ވަރަށް ހަޑިތަ..؟” ޓައީގައި ހިފަމުން ޒާއިން ދެން ގެނައި ހަރަކާތުން ސީރިއަސް ކަމަށް ހެދިގެން ހުރި ކައިޔަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ”އުހުން… ކިހިނެތްވީތަ ލިލް ބްރޯ..؟” ކައިޔަން މޭޒު ދޮށުގައި އިށީންނަމުން އަހާލައިފިއެވެ. “އިއްޔެ އައިން ސްކޫލަކަށް ނުދޭ… ނޭނގޭ ކީއްވެކަމެއް.. އެގެއަށްގޮސް އައިން އާއެކީ އޮރިގާމީ ހަދަން ހުއްޓާ އައިން ކޮންމެވެސް ޚިޔާލެއްގައި ހުރެ ކަތުރު ހުޅުވާ ލައްޕަނިކޮށް އަމިއްލަ އިސްތަށިގަނޑުން ބައެއް ކޮށާލެވުނީ… އެއާއި ވިއްދާ އެއްޗެކޭ ބުނީމައި އައިން ބުނީ ޒާއިންވެސް ވަކި ރީއްޗެއް ނޫނޭ… އެހެންވެ ހަމަ އަހާލެވުނީ…” ޒާއިން އަދިވެސް މޮޑެލް ކުރަނީއެވެ.

“އަންހެން ކުދިން އެހެން އުޅެފާނެޔޭ… ދެން ޒާއިން ޖެހޭނީ ކޮންމެވެސް އެއްޗެކޭ ކިޔާ އެ އަންހެންކުއްޖާ އުފާކޮއްލަދޭން..! އޭރުން ދެންމެ ވީކަމެއް ހަނދާނެއްވެސް ނުހުންނާނެ..!” ކައިޔަން ބުނެލިއެވެ.

“ހްމްމްމްމްމްމް..؟” ދަތްދޮޅީގައި އަތް ކާއްތާލަމުން ޒާއިން އެހެން ބުނެލިއިރު ހީވީ އައިން އުފާ ކޮށްދޭނެ ގޮތަކާއި ދޭތެރޭ ވިސްނާހެންނެވެ. “ދެން ސާބަސް… ފަރިނުވެ ދޮންތި ގޮވައިގެން އަންނަން ދޭބަލަ…!” ވިސްނަމުން ޒާއިން ދެކޮޅަށް ހިނގީ ‘ކެޓް ވޯކް’ އެއްގައި ކަމުން ހިނިގަނޑު މަތަކޮށްލައިގެން ހުރެ ކައިޔަން ބުނެލިއެވެ. “އޯކޭ..” ޒާއިން ވިދުވަރެއްހާ ހަލުވިކޮށް ސިޑިން މައްޗަށް އެރިއެވެ. ”އޯކޭ.. ދޮންބެމެން އިރުކޮޅަކުން ދާނަން ސްކޫލަށް…. ޒާއިން އަވީނާ ދައްތަމެންގެ ގޭގައި ބަސް އަހައިގެން ހުންނައްޗޭ.. އޯކޭ..؟” ކައިޔަން ބުނެލިއެވެ. ”އޯކޭ..” ޒާއިން ބުނެލިއެވެ. ނިކަން ހަމަޖެހޭ ކޮއްކޮއެއް ލިބުނުކަން ނަސީބޭ ކައިޔަންގެ ހިތަށް އެރިއެވެ.

އޭރު ޒިވީން ތައްޔާރުވެގެން ނުކުންނަނީއެވެ. ލައިގެން ހުރީ އިއްޔެރޭ ކައިޔަން ދެއްކި ހެދުމެވެ. އިސްތަށިގަނޑު ދޫކޮއްލާފައި އިސްތަށިގަނޑުގެ އެއްކައިރިއަށް ފިނިފެންމާބޮނޑި ދައްޗެއް ޖަހާފައިވެއެވެ. ރަތް ކުލައިގެ ގަދަ ލިޕްސްޓިކެއް ޖައްސާލާފައިވެއެވެ. އަރައިގެންހުރީ ރަތް ހައިހީލްއަކަށެވެ. މޫނު މަތީގައި ކުޑަކޮށް ފުށް ޖަހާލާފައިވެއެވެ. ތުންފަތް މަތީގައި ހިނިތުންވުމެއް ކުރަހާލައިގެން ޒިވީން ހުއްޓަސް ނުތަނަވަސް ވެފައިވާވަރުން ތިން ފޫޓު ދުރުގައި ހުންނަ މީހާއަށްވެސް އެހިތުގެ ތެޅުން އަޑު އިވޭނެހެން ހީވެއެވެ. “ދޮންތި ޔޫ ލުކް ޕްރީޓީ..” ޒާއިން ނުކުންނަމުން ބުނެލިއެވެ. ”ތެންކިއު ޒާއިން..” ޒިވީން ބުނެލިއެވެ. އެއަޑު ގައި ހުރި ތުރުތުރުން ކައިޔަން ކުދި ކިޔާލިއެވެ.

”އޯކޭ.. ދަމާ…؟” ކައިޔަން ބުނެލިއެވެ. ޒިވީން ޖެހިލުންވެފައި ހުރެ ކައިޔަންއާއެކީގައި ބޭރަށް ނުކުތެވެ. ޒިވީން އުޅުނުގޮތުން ހީވަނީ އަލަށް ކުރާ ކައިވެންޏަށް ގެންދާ އަންހެން ކުއްޖާ ހެންނެވެ. އޭރު އަލާން އާއި އަވްލީން އުނދޯލީގައި އިށީނދެލައިގެން ހުއްޓެވެ. އަލާން ހުރީ ކަޅުކުލައިގެ ކެރެޓަކާއި ރަތް ކުލައިގެ ހުޑީއެއް ލައިގެންނެވެ. އެދިގު އިސްތަށިގަނޑުގައި ވަނީ ސްޕައިކް ޖައްސާލާފައެވެ.

ކައިޔަންއަށް ހުރެވުނީ އަނގަނެގިފައެވެ. އަލާންގެ ގާތުގައި އެހުރީ އުޑުން ތިރިކޮއްލި ހޫރުޕަރީއެކޭ ކައިޔަންގެ ހިތަށްއެރިއެވެ. އަނެއްކާ އެއީ ހަމަ އަވްލީން ބާއޭވެސް ހިތަށްއެރިއެވެ. ހަރަކާތެއް ކޮއްލަން ނޭނގިފައި ކައިޔަންއަށް ހުރެވުނީ އެހެންވެއެވެ.

ކައިޔަން ފެނުމުން އަވްލީން އުނދޯލިން ތެދުވިއެވެ. އަވްލީން ހުރީ ކަޅުކުލައިގެ ހައިވެއިސްޓަކާއި ރަތް ޓީޝާޓެއް ލައިގެންނެވެ. އެޓީޝާޓުގައި ބޮޑު ހިތެއް އަޅާލާފައިވެއެވެ. އޭގެ ތެރޭ ކަޅުކުލައިން އިނގިރޭސި އަކުރުތަކުން ”ކިލްސް އޯލް”އޭ ޖަހާލާފައިވެއެވެ. ކޭ އަކުރާއި އޭ އަކުރު ވަނީ ބޮޑަށް ފާހަގަވާނެ ހެން އެހެން އަކުރުތަކަށްވުރެ ސައިޒުން ބޮޑު ކޮއްލާފައެވެ. އެއިން ކައިޔަންއަށް ނެގުނީ މުޅިން އެހެން މާނައެކެވެ.

“މާނައަކީ..؟” ކައިޔަން އެހެން އަހާލީ ޖެއްސުމަށެވެ. އަވްލީން ބުނާ ޖަވާބެއް އަހާލާ ހިތުންނެވެ. “ކިލްސް އޯލް.. މާނައަކީ އަވްލީންއަށް ބަލާ އެންމެން މަރާލާނެޔޭ..” އަވްލީން ކުޑަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. “މާނައަކީ…… ދެން އަހަރެންވެސް މަރާލާނެޔޭތަ..؟” ކައިޔަން ބޭނުންވީ އަވްލީން ލައްވާ ބުނުވާށެވެ. “ނޫނޭ.. ނޫނޭ.. ދެން އެކުވެރިންނެއް ނުމަރާނެތާ.” އަވްލީން ބުނެލިއެވެ. “އޯކޭއި.. ހިނގާ ދަމާ ޕީޕަލް..” ކައިޔަން ކާރަށް އަރަމުން ބުނެލިއެވެ.

ސްކޫލަށް ވަތްއިރު ހުރިހާ ދަރިވަރުންގެ ނަޒަރަކަށްވެފައިވަނީ އަވްލީންއާއި ކައިޔަންއެވެ. އެންމެން ދެފަރާތަށް ބޮނޑި ވެގަނެގެން ހުރިއިރު ހީވަނީ ދެ ފިލްމްސްޓާރުންނަށް މަރުހަބާ ކިޔަން ހުރީ ހެންނެވެ. “އަމް.. ހޭންސަމް ސަރ..؟ މިއީ ސަރގެ ހޮޓް ގާލްފްރެންޑްދޯ..؟” އެތަނުން ކެރޭކުއްޖަކު އަހާލިއެވެ. “އޮފީސް ޕާޓްނަރސް..” ކައިޔަންއަށް ބުނެވުނެވެ. “މިސް.. ޔޫ އަރ ޕްރީޓީ.. ސަބަބެއް ބުނެބަލަ މި ހޮޓް ސަރ މިސްގެ ބޯއިފްރެންޑަށް ހެދީ ކީއްވެތޯ.؟” އެހެން ކުއްޖަކު އަވްލީންއާއި ސުވާލުކުރިއެވެ. އެ ކުދިންތައް ރިޕޯޓަރުންނަށްވުރެ ކަންތައްފަލައެވެ.

އަވްލީންއަށް ރަކިވެގެން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިގެންނެވެ.

“ކުދިން ކުދިން.. ބަސްއަހާ ބަސްއަހާ..” ޓީޗަރެއް އައިސް ކުދިންތައް މައިތިރިކޮއްފައި ކައިޔަންއާއި އަވްލީންއަށް އިވޭވަރަށް އެއްސެވެ. “އާރ ޔޫ ގައިސް ޑޭޓިން..؟” “އޮފީސް ޕާޓްނަރުން..” އެ ޓީޗަރު ބިރުން ދުއްވައިގަންނަހާ ބާރަށް ދެމީހުންނަށް އެއްއަޑަކުން ބުނެލެވުނެވެ.

އަވްލީންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެންމެން ވެސް ހީކުރަނީ ނުބައިކޮށެވެ. އެކަހަލަ ކަމެއްގައި ކައިޔަންއާއި އަވްލީންއެއް އަދި ނޫޅެއެވެ.

ކައިޔަން ހުރީ އެ ޓީޗަރާއި ދިމާލަށް ލޯ ކުޑަ ކޮށްލައިގެންނެވެ. އެއީ ކައިޔަންމެންނަށް ގްރޭޑް އަށެއް ގައި ދިވެހި ކިޔަވައިދިން ޓީޗަރެވެ. ރަނާއާއި ހެދި ކައިޔަން އުޅެނިއްޔޭ ކިޔާ ކުއްޖަކު އަޑު ފަތުރާލުމުން އެ ޓީޗަރު ރަނާ އާއި ކައިޔަންއަށް ދިން ލެކްޗަރުތައް މަތިން ކައިޔަން ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. އެ ދުވަހު ލެކްޗަރުތައް އަޅާލާފައި މިއަދު އެހެން އަޅުވާ ކިޔަން އެ ޓީޗަރު މާ ތާހިރެއް ނޫނޭ ކައިޔަންއަށް ހިތާހިތުން ބުނެލެވުނެވެ. އަދި އެ ޓީޗަރާއި ދިމާލަށް ގަދަކަމުން ހިނިތުންވެލިއެވެ.

އެސެމްބްލީ ގަޑިއެވެ. ހުރިހާ ޓީޗަރުން ހުރީ ކުދިންނަށް ކުރިމަތި ވާނެހެން އިށީނދެގެންނެވެ. ކައިޔަން އާއި އަވްލީންއާއި ހައިނާވެސް ހުރީ އިށީނދެލައިގެންނެވެ. ހައިނާއާއި އަވްލީންވެސް މަޑުމަޑުން އެކުވެރިވަމުން އައެވެ. ހިނިތުންވެލައިގެން ދެމީހުން ވާހަކަ ދެއްކިއިރު އެއީ އިހަކަށް ދުވަހު ދިމާވި ދެ މީހުންނޭ މީހަކު ނުވެސް ބުނާނެއެވެ. ކުޑަ ޓެކްނިކަލް މައްސަލައަކާއި ހުރެ ސްކޫލް ލަވަ ހުއްޓުމެއް ނެތި އަންނަމުން ދިޔައެވެ. އެ މައްސަލައާއި ހުރެ އެސެމްބްލީ ނުފެށޭތީ ދެ މީހުންވެސް ހުރީ އަނގަ ތަޅާލަ ތަޅާލާއެވެ. އަނގަ މަޑުން ލައިގެން ނުހުންނަން ކައިޔަންވެސް ކޮންމެވެސް އެއްޗެކޭ ކިޔާ އެ ދެ މީހުންނާއި ބައިވެރިވެލައެވެ.

“ވާރޭޕަރީ އިސް ސޯ ކޫލް..!! މިބުނީ ރަނާއަށްވުރެ ހިތްހެވޭ.. ވާރޭޕަރީ ބޭނުންވަނީ ސައިކޭޓްރިސްޓް އަކަށް ވާންނަމަ ހައި ޔަގީންކަން ދެން އެކަން އޭނައަށް ވާނެކަމަށް… އެ ކައިންޑް ހިނިތުންވުމުން އެކަނި ވެސް ވާރޭޕަރީ މީހެއްގެ އިތުބާރު އަތުލާނެ..! ދެން ހައި ޖަޖް ނުކުރާތި..! ގޮސިޕް ކުރަނީކީއެއް ނޫން.. ދެން އަބަދުވެސް ރަނޫގެ ގޮތްވީމަ ބުނެވުނީ.. ލައިކް ވާރޭޕަރީ ވަރަށް ވަރަށް ހިތްހެޔޮ…!! ވަރަށް މަޖާ.. ރަނޫ އަކީ ހައިގެ ބެސްޓްފްރެންޑަށް ވީނަމަވެސް ދުވަހަކު ހައިގެ ޚިޔާލު ކަމަކަށް ހޯދާލީކީއެއް ނޫން… ޔެސް އައިމް ގޮސިޕިންގ… އެކަމް ކައިޔަން ރުޅިއަރުވާކަށެއް ނޫން.. ޑެސްޕައިޓް ކައި.. ޔޫ ލައިކް ރަނޫ..” ހައިނާ ކައިޔަންގެ ކަންފަތް ދޮށަށް ގުދު ވެލާފައި ބުނެލިއެވެ.

“އައި ނޯ ރައިޓް..؟ ވާރޭޕަރީއެއް ނޫނޭ ވާރޭޕަރީއެއް ނޫނޭ… އެއީ އަވްލީން..” ކައިޔަން ބުނެލިއެވެ. ”ސޯ ކައި ރުޅިއެއް ނާންނަން ދޯ..؟ ރަނާ އާއި ބެހޭގޮތުން އެހެން ބުނީމައިވެސް..؟” ހައިނާ އެއްސެވެ. ”ނޮޕް.. ދެން ރަނޫއާއި ބެހޭގޮތުން ތެދެއް ހަދައިފިއްޔާވެސް ހުންނަން ވީތަ ރުޅިއައިސްފަ..؟” ކައިޔަން ބުނެލިއެވެ. “ކްލާސިކް މީހުންގެ ގޮތް..” ހައިނާ ކުޑަކޮށް ހީނލިއެވެ. ހައިނާ މައްސަލަ ޖައްސާކަށް ވެސް ނޫޅުނެވެ. ހައިނާގެ އަޑާއި ރާގު ހުރިގޮތުން ރަނާ ހައިނާ ލައްވާ ޖާސޫސު ކުރުވަނީ ނޫންކަން އެނގެއެވެ. ރަނާ ހައިނާ ލައްވާ އެވަގުތު އެ ޖާސޫސް ކުރުވަނީނަމަ އަޑާއި ރާގު ބަދަލު ކޮށްލައިގެން އެކްޓު ކުރަން ހައިނާ ހަމަ މޮޅީއެވެ.

ގުރްއާނުގެ މާތް ކަލިމަތަކުން ހޯލްތެރެ ގުގުމާލުމާއެކީ އެންމެން މަޑުވިއެވެ. ގުރްއާން ކިޔަވާ ނިމުމުން ހުށައަޅައިދޭން ހުރި ކުއްޖާ ޕްރިންސިޕަލް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ދިނެވެ. ކަޅު ކުލައިގެ ޓަކްސީޑޯގެ ޓައީ ރީތިކޮއްލަމުން ޕްރިންސިޕަލް ސްޓޭޖަށް އެރުއްވިއެވެ. ދެތިން ކަރުކެހެލުމަކަށް ފަހު ޕްރިންސިޕަލް ހިނިތުންވެލާފައި އައިސް ތިބި އެންމެންނަށް މަރުހަބާގެ ފަށުވި ބަސްކޮޅެއް އިއްވާލިއެވެ.

“އާދެ.. އަޅުގަނޑުމެން އެންމެން ވެގެން ހިނގާ ހުރިހާ އާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާލަން ދެއްތޯ..؟؟” ޕްރިންސިޕަލް ގޮވާލިއެވެ. ”އިސްމާއިލް ކައިޔަން..، މަރިޔަމް އަވްލީން އަލީ..، ހައްވާ ހައިނާ ވަހީދު.. އަދި ފާތިމަތު ރަނާ…” ޕްރިންސިޕަލް އެހެން ގޮވާލުމުން ކައިޔަން ހީވީ އިދިފުށަށް ޖަހާލާ ވައްޓާލި ހެންނެވެ. ”ރަނޫ..؟” ހައިނާވެސް ވަށައިގެން ހޯދާލިއެވެ. “އައިމް ހިޔަރ..” ފަހަތުން ރަނާގެ އަޑު ޖެހުނެވެ. “ރަނޫ..؟!؟!؟!” ކައިޔަންގެ ދޫ ބުރިވި ފަދައެވެ.

 

= ނުނިމޭ =

84

2 Comments

  1. Anonymous

    May 16, 2020 at 5:33 pm

    Vrh reethi mi part vess 💙

  2. Imkko

    May 17, 2020 at 6:45 pm

    Maasha allah … v reethi mibaives …. oh ! Rana a ee dhw emme fahun school ah ves … v salhi vaane kamah ummeedhukuran dhen oi baithah ves 💓💓

Comments are closed.