
ހަވަނަ ނަޒަރު
ހުޅުވާފައި ހުރި ކުޑަދޮރުން ވަތް ފިނި ވައިރޯޅިން ހުދު ދޮރުފޮތިގަނޑު ހުރަސްވީ، މޭޒުދޮށުގައި ފޮތަކަށް ގެއްލިފައި އިން ރާއިދާގެ ކުރިމައްޗަށެވެ. ފޮތުން ނަޒަރު ހިއްލާލައިފައި ކުރިއަށް ބަލައިލުމުން ދޮރުފޮތިގަނޑު އަނބުރައި އޭގެ މަގާމަށް ދިޔަހިނދު، ކުރިމައްޗަށް ވާގޮތަށް ތަންކޮޅެއް ދުރުގައި ހުރި މޭޒު ދޮށުގައި އިން ދާނިޝްއާއި ކަޅި ހަމަވިއެވެ. ކަޅި ހަމަވިތާ ފަޅި ސިކުންތެއްގެ ތެރޭގައި ދެ މީހުންނަށްވެސް އިސްޖަހައިލެވުނީ އެއްފަހަރާއެވެ. ސްކޫލުގައި ހުރި އެންމެ ހިމޭން ތަނުގައިވެސް އެހެން އިންސާނަކާއި ކަޅި ހަމަކުރަން ޖެހުމުން ފޫހިކަމެއް ދެ މީހުންގެ ހިތަށްވެސް ވަނެވެ. ދެވަނަ ފަހަރަށް އިސްއުފުލައި ނުލަން ނަފްސަށް ވައުދުވެވުނީވެސް ދެ މީހުންނަށް އެކުއެކީގައެވެ.
އަނބުރާ ވާހަކައިގެ ތެރެއަށް ވަންނަން މަސައްކަތްކުރި ދާނިޝްއަށް ދެވަނަ ފަހަރަށް އިސް އުފުލައިލެވުނީ އަނެއްކާވެސް ދޮރުފޮތިގަނޑު މާ ދުރަށް ވިހުރުވުނު ތަން ފެނިފައެވެ. މި ފަހަރު އެ ފޮތިގަނޑު ގޮސް އެޅުނީ ރާއިދާގެ މޫނުގައެވެ. ކިޔަން އިން ފޮތަށް ގެއްލި ހުސްވެފައި އިން ރާއިދާ ދިޔައީ އެއްލިގެންނެވެ. އަވަސްއަވަހަށް މޫނުމަތިން ފޮތިގަނޑު ދުރަށްލީއިރު ކުރިމަތީގައި އިން ދާނިޝްއާއި އަނެއްކާ ކަޅި ހަމަވެއްޖެއެވެ. މި ފަހަރު އެއް ސިކުންތަށެވެ. ދާނިޝް އިސްދަށަށް ޖެހީއެވެ. ރާއިދާ ނޭންގޭ ކަމަށް ހަދާފައި ދޮރުފޮތިގަނޑުގައި ގޮށެއް ޖެހިއެވެ.
“އޫފް… ލަދުން ބޯ ހަލާކު. އޭނަ މަށަށް ނިކް ނޭމް އެ ހެދީ، ދޮރުފޮތި ކިޔާފަ… ޔަގީން.” ރާއިދާ އަމިއްލައަކަށް ހިތަށްއެރީ ދާނިޝް އެއްޗެކޭ ބުނެގެނެއްވެސް، މޫނުން މަލާމާތުގެ ކުލަވަރެއް ދައްކައިގެނެއްވެސް ނޫނެވެ.
“މަށަށް އެހެން ވީނަމަ މުޅި އުމުރަށް ދޮރުފޮތިދެކެ ބިރުގަންނާނެ. ނަސީބެއް މަ ނޫން މީހަކު ބަލަން ނެތްކަން. ޕުއާރ ގާލް…” ދާނިޝްއަށް ނަންވެސް ނޭންގޭ ރާނިޔާއަށްޓަކައި ހަމްދަރުދީވެވުނެވެ. އެ ދެކުދިންނަށް އެ ވަރު ކުޑަ ކަމެއްވެސް ވީ ލަދުގަންނަ ވަރު ކަމަކަށެވެ.
“އޭނަ އެބަ ބަލާބާ؟ ހެނީކަންނެ… ޝިޓް ޝިޓް ޝިޓް…” ދޮރުފޮތިގަނޑު އިތުރަށް ވަޔާ ނުހިއްލޭނެހެން ގޮށެއް ޖަހާފައި އަލުން ފޮތް ކިޔަން މަސައްކަތްކުރި ރާނިޔާއަށް އެކަން ވީ ނާކާމިޔާބެވެ. ކުރިމައްޗަށް ވާ ގޮތަށް އިން ދާނިޝް ކުރާނެ މަލާމާތަކާއި ހިތަށް އަރާނެ އެއްޗަކާއި ދޭތެރޭ ވިސްނޭ ވަރުންނެވެ. އިސް އުފުލައިލާފައި އޭނާއަށް ބަލައިލަން ބޭނުންވި ނަމަވެސް ހިތްވަރެއް ނުލިބުނެވެ. އަނެއްކާ ކަޅި ހަމަވެއްޖެއްޔާ ދެން ދުވަހަކުވެސް މި ލައިބްރަރީއަށް ވަންނާކަށް ނުކެރޭނެއޭ ހިތަށް އެރުމުންނެވެ. ނުކުމެގެން ދާން ބޭނުންވި ނަމަވެސް އެހެން ކަންތައް ދިމާވުމަށްފަހު ވަގުތުން ތެދުވެގެން ދިޔުމުން އެ ދިޔައީ ގަތް ލަދުންނޭ ހިތަށް އަރާނެއޭ ހިތާ ދާކަށްވެސް ނުކެރުނެވެ.
އަނެއްކޮޅުން ދާނިޝްއެވެ. ރާއިދާގެ ހިތަށް އަރަމުން ދިޔަ ހުރިހާ އެއްޗެއް ސީދަލަށް އޭނާގެ ހިތަށް އަރަމުންދިޔައެވެ.
“އޭނަ މިހާރު އޭނީ މަ މަލާމަތްކުރަނީއޭ ހިތާ ކަންނެ. ދާން ބޭނުންވެފަ އިނަސް މި ގަޑީ ތެދުވެގެން ދިޔައިމަ އެ ދިޔައީ ލަދުންނޭ މަގޭ ހިތަށް އަރާނެއޭ ހިތާ ދާން ނުކެރިފަ ކަންނެ އޭނީ.” ތިމާއަށް އަބަދުވެސް ކުރެވޭ ޒާތެއްގެ އިހުސާސުތަކެއް ކަމުން އެހެން މީހަކުވެސް އެހެން ހިތަށްއަރާފާނޭ ވިސްނޭކަށް ދާނިޝްއަކަށް މާ އުނދަގުލެއް ނުވިއެވެ. އޭނާގެ ސިކުނޑި ތެރެ ފަޅައި ބަލައިލެވޭ މީހަކަށް ހީވާނީ މީނާ މީ އެހެން މީހުން ހިތަށް އަރާ އެއްޗެހި އަޑުއިވޭ މީހެއްހެނެވެ. އިރުގަނޑަކު މިފަދަ ފިކުރުތަކެއްގައި އިނުމަށްފަހު ދާނިޝް ނިންމީ އިސްނަގައި އެތަނުން ނުކުމެ ދާށެވެ. އެ ނުދަންނަ އަންހެންކުއްޖާގެ ލަދަށް ލުޔެއް ހޯދައިދެވޭތޯއެވެ.
ދާނިޝް ތެދުވެގެން ދާތަން ފެނުމުން ރާނިޔާއަށް ހީވީ ބޮލުމަތީ އޮތް ގާގަނޑެއް ދުރަށް ލެވުނުހެނެވެ. ހިތާހިތުން ނުދަންނަ ފިރިހެންކުއްޖާއަށް ޝުކުރުއަދާކުރެވުނެވެ. އަދި ދެން ދުވަހަކުވެސް އޭނާއާއި ދިމާނުވޭތޯ ދުޢާވެސް ކޮށްލެވުނެވެ.
އޭގެ އަނެއް ދުވަހެވެ. އިންޓަވަލް ގަޑި ޖެހުމުން ކްލާހުން ހުރިހާ ކުދިންތައް ނުކުތް ވަގުތު ވީ ރާއިދާއަށް ހިންދެމިލަން ލިބުނު ވަގުތުކޮޅަށެވެ. ކައިރީގައި އިންނަ ކުއްޖާގެ އަނގަގަދަ ކަމުންވެސް ސަލާމަތްވެވޭ ވަގުތުކޮޅެވެ. ދަބަސް ހުޅުވައިލީ އިންޓަވަލް ތަށި ނަގަންށެވެ. ނަމަވެސް ތަށި ނެތުމުން އިރުކޮޅަކު ވާނުވާގައި އިންނަންޖެހުނެވެ. ދެން ރޭކާލީ މިއަދު ގަޑިޖެހޭތީ އިންޓަވަލް ލާން ހަނދާންނެތުންކަމެވެ. ވޮލެޓުން ވިހި ރުފިޔާ ނަގާފައި، ކެންޓީނަށް ދާންވީތޯ ނުދާންވީތޯވެސް އެތެރެފުށުން އެތަށް ބަހުސެއް ކުރިއެވެ. ތޮއްޖެހިފައިވާ ތަންތަނަކީ އޭނާ އެއްގޮތަކަށްވެސް ގާތްވާ ހިތްވާ ތަންތަނެއް ނޫނެވެ.
“އިންޓަވަލް ގެންނަން ހަނދާންނެތޭ ދުވަހުތަ ހަމަ މިހާ ކެންޓީނުގަ މީހުން ގިނަވާންވެސް އިނގެނީ. އިއްޔެ މިއަށްވުރެ މީހުން މަދުކަންނެ މިތާ.” ކެންޓީނު ކުރިމަތީ ސަފުގައި ދެ ޖީބަށް އަތް ޖަހައިގެން ހުރި ދާނިޝްގެ ހިތަށްއެރިއެވެ. ފަހަތުގައި ހުރި ކުއްޖާ އޭނާ ބުރަކަށީގައި ޖެހިގަތުމުން ހިތްހަމަ ނުޖެހުނީ އާދަޔާހިލާފަށެވެ. ނޭވާލާންވެސް ތަންކޮޅެއް ނެތޭ ހިތަށްއެރި ދާނިޝް ހުރީ ކެންޓީނަށް ނާދެވުނުނަމައޭ ހިތަށްއަރާފައެވެ. ނަަމަވެސް އެހާ ގިނައިރު ހުރެ ހުރެފައި ދެން އެއްޗެއް ނުގަނެ ދިޔުމަކަށް އޭނާގެ ކުކުރަމުންދިޔަ މައިދާ އެއްބަހެއް ނުވިއެވެ.
އަންހެންކުދިންގެ ސަފު ކުރިއަށްދިޔައީ ތަންކޮޅެއް ބާރަށެވެ. އެކަމާ ރާއިދާ އޭނާގެ ކުރީގައި ތިބި ހުރިހާ ކުދިންނަށް ވަކިވަކިން ޝުކުރުއަދާކުރިއެވެ. އަނގަބަހަކުން ނޫނެވެ. ހިތުންނެވެ. ކާއެއްޗެއްސާއި ހަމައަށް ދެވުނުތަނާ ޖެހިގެން އޮތް ފިރިހެން ސަފަށް ބަލައިލެވުނު ވަގުތު، އެއްހަމައެއްގައި ހުރި ދާނިޝް ފެނުނެވެ. ދާނިޝް ފެނުމާއިއެކު މޫނުމަތިން އަސަރެއް ފާޅު ނުވިނަމަވެސް ރާނިޔާއަށް ސިކުނޑި ތެރޭގައި ހަޅޭއްލަވައިގަނެވުނެވެ. އަވަސްއަވަހަށް މޫނު ފޮރުވުމުގެ ގޮތުން ކަންހުޅިއާއި ދިމާލުން ހިރުވާލާ ކަމަށް ހަދާފައި އަތް ހުރަސްކޮށްލިއެވެ.
“ކޯޗެއް ނަގަނީ؟” ކުރިމަތީ ހުރި ބިދޭސީ މީހާގެ އަޑަށް ރާއިދާ ދިޔައީ ސިއްސައިގެނެވެ. ވަށްކަޅިން ދާނިޝްއާއި ދިމާއަށް ބަލައިލާފައި އެތާންގައި އަޑުގަދަކަމުން ދާނިޝްއަށް އޭނާއާއި ދިމާއަށް ބަލައިނުލެވުނުކަން ފާހަގަވުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
“ސޭންޑްވިޗް… އެކަތި…” ދާނިޝް ބުނެލިއެވެ. ސޭންޑްވިޗް ދިއްކޮށްލި ބިދޭސީ މީހާއަށް ބަލައިލުމެއް ނެތި އޭގައި ހިފާފައި އަނެއް އަތުން ވިހި ރުފިޔާ ދިއްކޮށްލި ދާނިޝް، އެ ސޭންޑްވިޗްގައި މަޔޮނައިސް ގިނަވާނެތޯ ނުވާނެތޯ ހިތަށްއެރި އެރުމުން ސިކުނޑި ފުރިފައިވުމުގެ ސަބަބުން، ހިނގައިގަނެވުނީ ބާކީ ނުލައެވެ. ފަހަތަށް އޮތް ސަފުގެ މެދާއި ހިސާބަށް ދެވުނުތަނާ ފަހަތުން ބިދޭސީ މީހާ ވަރަށް ބާރަށް ‘ކޮއްކޯ، ބާކީ’ އޭ ކިޔައި ގޮވައިލި އަޑަށް ދާނިޝްއަށް ހުރި ފިޔަވަޅުމަތީ ހުއްޓެވުނެވެ. އެ ގޮވީ އޭނާއަށްތޯ ޔަގީންކޮށްލުމަށްޓަކައި އަތުގައި ދިހަ ރުފިޔާ ނެތްތޯ ބަލައިލަންވެސް ޖެހުނެވެ. އެ ގޮވީ ހަމަ އޭނާއަށެވެ. ނޭންގޭ ކަމަށް ހަދާފައި ހުރި ގޮތަށް ދާން ހިތަށްއެރި ނަމަވެސް އޭރަށް އެ މީހާ އަދި މާ ބާރަށް ގޮވައިގެން ހުރިހާ އެންމެންގެ ޝައުގު އޭނާއަށް އެނބުރިއްޖިއްޔާ ދުވަސްދިޔައީއޭ ހިތަށް އެރުމުން ހިންދިރުވައިލާފައި ނިންމީ އަނބުރާ ދާންށެވެ. ބިދޭސީ މީހާ އަތުން ދިހަ ރުފިޔާ އަތުލާފައި ވަށައިގެން ބަލައިލެވުނީ އެއްވެސް މީހަކު އޭނާއާއި ދިމާއަށް ބަލާތޯ ނުވަތަ ހޭތޯ ބެލުމަށެވެ. އެވަގުތު ތިންވަނަ ފަހަރަށް ރާއިދާއާއި ދާނިޝްގެ ކަޅި ހަމަވިއެވެ. އެ ދެ ހިތުގެ ތެޅުން އަވަސްވީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ލޯބީގެ ވާހަކަ ކިޔުމަށް ޝައުގު ހުންނަ މީހުންނަށް އެއީ ލޯބިވެގެން އަވަސްވީ ހިތުގެ ތެޅުމެއްކަމަށް ހީވެދާނެއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެ ދެ ހިތުގައި ދުވެލީ ލަދުވެތިކަމާއިއެކީ ބިރެއް އެކުލެވުގެންވީ އިހުސާސެކެވެ.
“ބޮޑު ކަމެއްނު. މީނައަށްތަ ހަމަ ފެންނަން ވަނީ؟ މިހާރު އެހެރީ ‘ހަހަހާ، މިހާރު ދެ މީހުން އެއްވަރުވީ’ އޭ ހިތަށްއަރާފަ ކަންނެ.” ބާކީ ހިފައިގެން އައި ކޮޅަށް ހިނގައިގަތް ދާނިޝްގެ ހިތަށްއެރިއެވެ. އެ ވަގުތު ސޭންޑްވިޗްއެއް އަތަށް ލައިގެން އަންހެން ސަފުން ނުކުތް ރާއިދާގެ ހިތަށް އެރީ ހަމަ ސީދާ އެހެނެވެ. ދާނިޝްގެ ‘ލަދުވެތި ވަގުތުކޮޅު’ ފެނި ހިތްހަމަ ޖެހިފައި ހުރި ރާއިދާ ކްލާހަށް ދިޔައީ މަޑުމަޑު ރާގެއް ލައްވަމުންނެވެ. ކިތަންމެ ހިތްހަމަޖެހުނު ނަމަވެސް ދެން ދުވަހަކުވެސް އެ ފިރިހެންކުއްޖާއާއި ދިމާނުވޭތޯ ކުރެވުނު އުންމީދަކަށް ބަދަލެއް ނާދެއެވެ. އަނެއް ފަޅީގައި ހުރި ކްލާހަށް ގޮސް ވަތް ދާނިޝްގެ ވީ އެއް އެދުމެކެވެ. އެހެނަސް ތަގުދީރުގެ ސަމާސާއާއި ދެކޮޅަށް ދިޔުން އެހާ ފަސޭހައެއް ނުވިއެވެ.
އެ ދުވަހުވެސް އާދައިގެމަތިން ސްކޫލު ނިމުން ގަޑީ ލައިބްރަރީއަށް ދިޔަ ރާއިދާ ފޮތެއް ނަގަން ފޮތް ހަރުގަނޑު ކުރިމަތީ ހުއްޓުނު ވަގުތު، ދޮރުން ވަތް ދާނިޝް ފެނިފައި އައި ރުޅިން ހަރުގަނޑުގައި ބޮލުން ތަޅައިގަނެވުނެވެ. އޭނާ އައުމުގެ ކުރިން ދާނިޝް އައިނަަމައޭ ހިތަށްއެރިއެވެ. ދާނިޝް އިންތަން ފެނުންނަމަ ނުވަނީހެވެ. ދެން ނުކުމެވޭކަށްވެސް ނެތެވެ. ދާނިޝް އިށީނީ ދޮރާއި ކުރިމައްޗަށް ވާގޮތަށްވިއްޔާއެވެ. ފޮތެއް ނަގައިގެން ރާއިދާ އިށީނީ ދާނިޝްއަށް ނުފެންނާނެހެން ކަނެއްގައި އިން މޭޒެއް ދޮށުގައެވެ. ކޮންމެ ދެ ސަފްހާއެއް ނިންމުމަށްފަހު ދާނިޝް ދިޔަތޯ ރާއިދާއަށް ބަލައިލެވެއެވެ. އޭނާ ނުދަނީސް ރާއިދާ ހަމަ ހިލާ ނުނިކުންނާނެއެވެ.
“މީ ކާކުތަ؟ ފުރަތަމަ ޓާރމްގަ އެއްކޮށް ދުވަހަކުވެސް ނުދެކެން މީނަ. އަލަށް އައި މީހެއް ދޯ.” ރާއިދާ ހިތާހިތުން ކިޔައިލިއެވެ. ދާނިޝްއާއި މެދުގައި ޝައުގުވެރިކަމެއް އުފެދުނީކީ ނޫނެވެ. ކުއްލިއަކަށް އައިސް އޭނާގެ ހަޔާތަށް ތޫފާނެއް ގެނައިތީ ހިތްހަމަ ނުޖެހުނީއެވެ. “މީ މަގޭ އޭރިއާއޭ. އައިސް ވަދެގަތްފި ޖަހާ.” ލައިބްރަރީއަކީ، ހަމަޖެހުމެއްނެތް ގެއާއި، ކުލާހާއިވެސް ހިލާފަށް މަޑުމައިތިރި މާހައުލެއް ހޯދައިދޭ ހަމައެކަނި ތަންވިއްޔާއެވެ. ރާއިދާފަދަ އެކަހެރި ކުއްޖަކު، ތިމާގެ ތަނަކަށް ހަދަން ކިހާ ބޭނުންވާނެހެއްޔެވެ.
“މިއަދު ނެތް އޭނަ ފެންނާކަށް… ނަސީބެއް. ކޮންމެ ދުވަހަކު އަންނަންޏާ މަ ކިހިނެތް މިތަން ވެރިކުރާނީ. މީގެ ފަހުން މީ މަގޭ ޓާފް.” ރާއިދާ ފެންނަން ނެތުމުން ދާނިޝް ވަރަށް ހިތްހަމަ ޖެހުނެވެ. އޭނާފަދަ އެހެން މީހުންނާ ދުރު ކުއްޖަކަށް ލައިބްރަރީފަދަ ހަމަހިމޭން ތަނަކީ ހިތުގެ ފިނިކަމެވެ.
ފޮތް ކިޔާ ނިމުމުން ދެވަނަ ފޮތެއް ނަގަން ތެދުވި ދާނިޝް، ތަންކޮޅެއް އެތެރޭގައި ހުރި ފޮތް ހަރުގަނޑަކާއި ދިމާއަށް ވަތް ވަގުތު އެތާ ހުރި ރާއިދާ ފެނިފައި ދެލޯ ބޮޑުވިއެވެ.
ހަރުގަނޑަށް ފޮތް ލާފައި، އަރިމައްޗަކުން ބޯ ދިއްކޮށްލިއިރު ދާނިޝް އިން ގޮނޑި ހުސްކޮށް ހުރިތަން ފެނިފައި ރާއިދާގެ މޭތެޅިގަތެވެ. ހަވަނަ ހިއްސު ގޮވި ގޮވުމަކުން، ކަނާތްފަޅިން އިވުނު ފިޔަވަޅުތަކާއި ދިމާއަށް ބަލައިލެވުނުއިރު އިތުރު ދެވަނަ މީހެއް ނޫނެވެ. ދާނިޝްއެވެ. ހަތަރުވަނަ ފަހަރަށް ދެކުދިންގެ ކަޅި ހަމަވިއެވެ. މިފަހަރު ދެ ސިކުންތަށެވެ. ރާއިދާ އަވަސްއަވަހަށް ފޮތް ހިފައިގެން އަނެއް ފަޅިން ނުކުތެވެ. ކުރިން އިން ގޮނޑިމަތިން ދަބަސް ނަގައިގެން ދޮރާއި ދިމާއަށް އެޅުނީ ދެ ފިޔަވަޅެވެ.
“މަ ކީއްވެ ދާންވީ؟ މީ މަގޭ އޭރިއާ. މަ އެންމެ ފުރަތަމަ މިތަނަށް އަންނަން ފެށީ. އޭނަ ޖެހޭނީ ދާން. އޭނައަކަށް ދެން ނުކެރޭނެ އަންނާކަށް. އެވެސް މަކަހަލަ އިންޓްރޮވާރޓްއެއްކަން ޔަގީން. ދެން ނާންނާނެ. އޭރަށް މަށަށް މިތަން ލިބޭނެ.” ކުއްލިއަކަށް ވެރިވެގަތް އަމިއްލަ އެދުން ބޮޑުކަމެއްގެ ސަބަބުން ރާއިދާއަށް ހުއްޓެވުނެވެ. އެ ވަގުތު އެތަނުން ނުކުމެއްޖެނަމަ އޭނާ ދަށްވާނެ ކަމަށް ވިސްނުނެވެ. އެ ހިމޭން ޖާގައާއި އެތަނާއި އެކުގައިވީ އަމާންކަން މިލްކުކުރުމަށްޓަކައި ރާއިދާގެ ހިތުގައި ޖޯޝެއް އުފެދިގަތެވެ.
“ހަހަހަ… އޭނަ ހީކުރަނީ މަ ދެން ލަދުން ނާންނާނެކަމަށްތަ؟ އޭރަށް އޭނައަށް މިތަން ލިބޭނެކަމަށް ދޯ. ނުވާނެ ތިކަމެއް. ކަލޭ މިތަނަށް އައިސް އުޅުނީ ކިހާ ގިނައެއްކޮށް ކަމެއް ނޭންގެ. އެކަމު މީ މީގެ ފަހުން މަގޭ ޓާފް. ދަށްވެގެން ނުކުންނަން ޖެހޭނީ ކަލޭ.” ނުފެނުނެއް ކަމަކު ރާއިދާ އިން ދިމާއަށް ބަލަހައްޓައިގެން އިނދެ ދާނިޝް ހިތާހިތުން ކިޔައިލިއެވެ. ދެ ބީރައްޓެހިންގެ ދެމެދުގައި އެއްބަސްވުމެއް ނެތި، ހިތްވަރުގަދަކުރުމުގެ ހަނގުރާމައެއް ފެށިގެންދިޔައި މިފަދަ ގޮތަކަށެވެ.
އޭގެ ފަހުން ކޮންމެ ދުވަހަކު ސްކޫލުގެ ކިޔެވުން ނިމޭގަޑީ ބަރާބަރަށް ރާއިދާއާއި ދާނިޝް ލައިބްރަރީއަށް ހާޒިރުވިއެވެ. ކޮންމެ ދުވަހަކުވެސް ދެ ކުދިންގެ ވީ އެއް އަމާޒެކެވެ. އެންމެ ފުރަތަމަ ލައިބްރަރީއަށް އައުން ހުއްޓާލާނީ ކާކުތޯ ބެލުމެވެ. ހަމަގައިމުވެސް ތިމާއެއް ނޫނޭ ހިތުގައި އޮވެއެވެ. އެންމެ ފުރަތަމަ އައުން ހުއްޓާލާ ކުއްޖާ އެއީ ލަދުން ބަލިގަބޫލުކުރާ ފަރާތްކަމުގައި ދެ ކުދިންވެސް ދެކޭތީއެވެ.
“އޭނަ ކައްސާލައިގެން ވެއްޓޭނެނަމަ ދޯ. އޭރަށް ހަމަ ގައިމުވެސް ދެން ނުކެރޭނެ މަގޭ ކުރިމައްޗަށް އަންނާކަށް.” ރާއިދާގެ ހިތަށް އަރައެވެ.
“މީނައަށް ކުރަތްޕެއް ފެނިގެން ވަރަށް ބާރަށް ހަޅޭއްލަވައިގަނެވޭނެނަމަ. އޭރަށް ދެން މަ އިންނަ ތާކަށް އަންނާކަށް ނުކެރޭނެ.” ދާނިޝްގެ ހިތަށްއަރައެވެ. މިގޮތުގައި ދެ ހަފްތާ ވޭތުވެދިޔައިރުވެސް އެކަކުވެސް ދަށްވާކަށް ނޫޅެއެވެ.
ޖެހިގެން އޮތް ހަފްތާގެ އާދިއްތަ ދުވަހެވެ. ފޮތް ހަރުގަނޑުތަކުން ފުރިފައިވީ ހަނގުރާމައިގެ މައިދާނަށް ވަތް ރާއިދާ ވަގުވަގަށް ވަށައިގެން ހޯދައިލިއެވެ. ދާނިޝް ފެންނާކަށް ނެތެވެ. ދެތިން ފޮތް ނަގައިގެން ކަނުގައި އިން މޭޒުދޮށުގައި އިށީންއިރު އަމިއްލަ އިހުތިޔާރަކާއި ނުލައި ދުޝްމަނަށް އިންތިޒާރު ކުރެވެމުންދިޔައެވެ. އެހެނަސް ތިން ފޮތް އެކީ ކިޔާ ނިމުނުއިރުވެސް އެ އިންތިޒާރުގެ ނިމުން އަންނަ ގޮތެއްނުވިއެވެ.
“ނަ…ނަ…ނާދޭ!!!” އުފަލުން ފޮޅިފައި ރާއިދާއަށް ހިތާހިތުން ބުނެލެވުނެވެ. ދުޝްމަނު ބަލިވީއެވެ. ބޭނުންވެގެން އުޅުނު ބިން ހިޞާރު ކުރެވުނީއެވެ. ފޮތް ލާން ދިޔަ ގަޑީ ވީ އުފަލުން ކުޑަކޮށް ނަށާވެސްލެވުނެވެ. ލައިބްރޭރައިންއަށް ނުފެނުނުކަން ނަސީބެކެވެ. އެހެން ނޫންނަމަ އެއޮށްވަރުން މިލްކުކުރެވުނު ބިމަށް އަލުން ވަންނާކަށް ނުކެރޭނެއެވެ.
ހޯމަ ދުވަހުވެސް ރާއިދާ ލައިބްރަރީއަށް ދިޔައިރު ދާނިޝްއެއް ނެތެވެ. އެ ދުވަސްވެސް ހޭދަކުރީ އުފަލުގައެވެ. ނަމަވެސް އަންގާރަ ދުވަހު ފާޑެއްގެ ހުސްކަމެއް އިހުސާސުވާހެން ހީވިއެވެ. ފޯރީގައި ކުރިއަށްގެންދިޔަ ހަނގުރާމަ ނިމުނީތީ ކަންނޭންގެއެވެ. އަލުން ދުވަހަކުވެސް އެހާ ވަރުބަލިކުރުވަނިވި ވިސްނުންތަކެއް ވިސްނަން ނުޖެހޭތީ ވަރަށް ބަރާބަރޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. ބުދަ ދުވަހު ލައިބްރަރީއަށް ވަދެފައި ރާއިދާއަށް ބޭއިހްތިޔާރުގައި ދާނިޝް އިންތޯ ހޯދައިލެވުނެވެ. އާދަވެފައިވީ ކަމަަކަށް ވުމުންނެވެ. ދާނިޝް ނުފެނުމުން އޭނާއަށް މިއަދު ލިބުނީ ގޮތްނޭންގޭ މާޔޫސްކަމެކެވެ. އަންނާނެނަމައޭ ހިތަށްއެރީ ކޮން ސަބަބަކާހުރެ ކަމެއް ނޭންގެއެވެ.
ބުރާސްފަތި ދުވަސް ވީ އަނެއްކާވެސް ރާއިދާ އިންޓަވަލް ގެންނަން ހަނދާން ނެތުނު ދުވަހަކަށެވެ. ކަންނެތް ގޮތަކަށް ގޮސް ސަފަށް އަރާފައި ފިރިހެން ސަފާއި ދިމާއަށް ބަލައިލެވުނެވެ. ހަނދާންވީ ދާނިޝް ބާކީ ދިހަ ރުފިޔާ ނުލައި ދެވިގެން އުޅުން ދުވަސް މަތިންނެވެ. އެ ސަފުގައި ދާނިޝް ހުރިތޯ ހޯދައިލެވުނީ އަމިއްލަ އިޙުތިޔާރަކާއި ނުލައެވެ.
“އޭ، އަހަރުން ކްލާހުގަ އިންނަ ދާނިޝްގެ މަންމަ މަރުވީއޯ.” ފިރިހެން ސަފުގައި ހުރި ކުއްޖަކު ބުނި ބަސް ރާއިދާގެ ސަމާލުކަން އަތުލިއެވެ.
“ދާނިޝް ކިޔާ މީހެއް އިނދޭތަ އަހަރުން ކްލާހުގަ.” އެހެން ކުއްޖަކު އަހައިލިއެވެ.
“ކަލޭ ގަޅިތަ؟ އެންމެ ފަހަތު ރޯގަ ކަނުގަ އިނދެއެންނު… މެތްސް ޓެސްޓުން ފުލް މާކްސް ހޯދި، އާ ގޮލާ.” ކުރިން ވާހަކަދެއްކި ކުއްޖާ އަނެއް ކުއްޖާގެ ބޮލުގެ ފުއްކިބައިގައި ޖަހައިލާފައި ބުންޏެވެ.
“އޯ، އެއްކަލަ ކޮންމެ ދުވަހަކު ނިމޭގަޑީ ލައިބްރަރީއަށް ދާ ގޮލާ ދޯ.” އަނެއް ކުއްޖާ ބުނި ޖުމުލައިން ރާއިދާ ގަބުއެރިއެވެ. ދެލޯ ބޮޑުވެފައި އެ ދެ ފިރިހެންކުދިންނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތް އެހެން ކުއްޖަކަށް ފާހަގަނުވީކަން ނަސީބެކެވެ.
“އޭތް! ކުރިއަށް ދޭބަލަ!” ރާއިދާއަށް ހޭވެރިކަމެއްވީ ފަހަތުން އަންހެންކުއްޖަކު ބުރަކަށީގައި ޖަހައިލުމުންނެވެ. ކުރިއަށް ޖެހެލި ނަމަވެސް އޭނާގެ ސިކުނޑި ބިމާއި ހަމައަކަށް ނުފޭބިއެވެ. ނުވެސް ދަންނަ ކުއްޖަކާއި ހެދި އޭނާ އެހާ ވަރަށް ކަންބޮޑުވި އެއީ ފުރަތަމަ ފަހަރެވެ.
“އެހެންވެ ދޯ ނައީ… އޭނައަށް އެހާ ހިތާމަވެރި ކަމެއް ދިމާވިއިރު މަ އިނދެގެން މި އުފާކުރީ އޭނަ ނައީތީ…” އަނގައިގާ ލީ ހިތި ރަހައަކުން ރާއިދާ ކާހިތްވެސް ކެނޑުނެވެ. ސޭންޑްވިޗް ހިފައިގެން ގޮސް ކްލާހުގައި އިށީންދެފައި، އެއްކަލަ ދެ ފިރިހެންކުދިން ދާނިޝް އުޅޭ ކްލާހަށް ވަތްތަން ބަލަން އިނދެވުނުއިރު އެ ހިތުގައި ދައުރުވަމުންދިޔައީ އުނދަގޫކުރުވަނިވި އިހުސާސްތަކެކެވެ. އެ ދުވަހު ނިމުން ގަޑީ ލައިބްރަރީ ކުރިމައްޗަށް ގޮސްފައިވެސް ރާއިދާއަަކަށް އެތެރެއަކަށް ނުވަދެވުނެވެ. ދޮރުގައި ހިފާފައިވެސް އަލުން އަނބުރައިލާފައި ދިޔައީއެވެ.
ހަފްތާ ބަންދަށްފަހު ސްކޫލު ހުޅުވުނު އާދިއްތަ ދުވަހެވެ. އިރުއިރުކޮޅާ އެތެރެ ނުފެންނަ ދާނިޝްގެ ކްލާހާއި ދިމާއަށް ބަލައިލެވުމުގައި ރާއިދާއަށް ހޭދަކުރެވުނު ވަރުބަލި ފަސްގަޑިއިރަށް ފަހު ދަންފަޅި ނިމިއްޖެއެވެ. ލައިބްރަރީ ކުރިމަތިންލާފައި އޭނާއަށް ދެވުނީ ފޮތެއް ކިޔާހިތަކުން ނޫނެވެ. ދިޔަ މަގުމަތީގައި ލައިބްރަރީ ކުރިމަތީ ތިބި ދެ އަންހެން ކުދިންގެ ވާހަކައެއް ރާއިދާގެ ކަންފަތުގައި އަޅައިގަތެވެ.
“މިއަދުވެސް އެ ދެމީހުން ވަންނާނެކަންނެ މިތަނަށް. ކީއްބާ ކުރަނީ އެކަނި ތިބެގެން.” ބުރުގާ އަޅާފައި ހުރި ކުއްޖާ ވަރަށް މަޖާވެފައި ހުރެ ބުންޏެވެ.
“އެކަންޏެއް ނުވާނެ އެންނު. ލައިބްރޭރިއަން އިންނާނެ.” ބުރުގާ ނާޅާ ހުރި ކުއްޖާ ބުންޏެވެ.
“ޖަމީލާއެންނު… ޔަގީން ނިދާފަކަން އިންނަނީ. ޗާންސް ލިބޭނެ ހެސްކިޔާފަ.” ބުރުގާ އަޅާފައި ހުރި ކުއްޖާ ލާނެއްފާޑަކަށް ބުންޏެވެ.
“އެ ފިރިހެންކުއްޖާގެ މަންމަ މަރުވީއޯ ކުރީ ދުވަހެއްގަ.” ބުރުގާ ނާޅާ ހުރި ކުއްޖާ ހަމްދަރުދީގެ ކުލަވަރެއް ފާޅުކޮށްލިއެވެ.
“ޒިނޭކުރީމަ މުސީބާތް ޖެއްސެވީކަންނެ.” ހިނިގަނޑެއް ޖަހައިލާފައި ބުރުގާ ނާޅާ ހުރި ކުއްޖާ ބުނި އެތިން ރާއިދާގެ ރުޅިގަނޑު ކުއްލިއަކަށް މައްޗަށް އެރީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. ހަރުފިޔަވަޅުގައި ދިޔަ ގޮތަށް ގޮސް އެހެން ބުނި ކުއްޖާގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް އަރުވައިލިއެވެ.
“ނޭންގޭ ވާހަކަ ނުދައްކާނީ އިނގޭ…” އައިސްފައި ހުރި ރުޅީގައި ބުނި ޖުމުލައާއިއެކު ރާއިދާގެ އަނގައިން ނުކުތީ އޭނާގެ މުޅި ހަޔާތުގައި ކީ އެންމެ ފުރަތަމަ ހުތުރު ބަސްކަންނޭންގެއެވެ. އެ ކުއްޖާ ދެލޯ ބޮޑުކޮށްފައި ރާއިދާއާއި ދިމާލަށް ބަލައިލީ ދުލަށް އައިހާ އެއްޗެއް ގޮވަން ތައްޔާރަށެވެ. ނަމަވެސް ރާއިދާގެ ފަހަތުން ކޮންމެވެސް އެއްޗެއް ފެނިފައި މަޑުޖެހުނެވެ.
“މިސް އެބަ އާދޭ. ހިނގާ ދާން.” ތަންކޮޅެއް ދުރުން ޓީޗަރެއް އަންނަތަން ފެނުމުން މައްސަލަ ބޮޑުވެދާނެތީ ބުރުގާ ނާޅާ ހުރި ކުއްޖާ އަނެއް ކުއްޖާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ޓީޗަރެއްގެ ވާހަކަ ބުނުމުން ރާއިދާއަށް ހޭވެރިކަންވެ، އަވަސްއަވަހަށް އެ ދިމާލަށް ބަލައިލެވުނެވެ. އެ ޓީޗަރު އެ ދިމާލަށް ނުބަލާކަން އެއީ ރާއިދާގެ ނަސީބެވެ. ލައިބްރަރީއާއި ދިމާއަށް ކަޅި އަނބުރާލި ވަގުތު، ބިއްލޫރި ދޮރުން ފެނުނީ އޭނާގެ ފަހަތުގައި ހުރި ދާނިޝްއެވެ. ރާއިދާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެނެވެ. ރުޅިން އަވަސްވެފައިވީ ހިތުގެ ތެޅުން އިތުރަށް ބާރުވިއެވެ. ހަމަ ވިސްނުމެއް ވިސްނުމުގެ ގާބިލުކަން ނުލިބި ރާއިދާއަށް ލައިބްރަރީ ތެރެއަށް ދެމިގަނެވުނެވެ.
އެންމެ އެތެރޭގައި ހުރި މޭޒުދޮށުގައި އިށީންދެ ރާއިދާއަށް މޭގައި އަތްއެޅުނީ ހިތް ބޭރަށް ނުކުންނަން އުޅޭހެން ހީވެގެންނެވެ. މީހެއް ގައިގައި އޭނާއަށް ޖެހުނީ އަލަށެވެ. އެވަރަށް ރުޅި އާދެވުނީވެސް މުޅިން އަލަށެވެ. އެ ވަގުތުކޮޅު އެ އަރައިގަތީ ކޮން ބާރެއް ކަމެއް އަދިވެސް ސާފެއްނުވިއެވެ. އެއީ ފެނުނު ހުވަފެނެއްބާއޭވެސް ހިތަށްއެރިއެވެ. ނުވީތާކަށް ދާނިޝްއަށް އެ މަންޒަރު ފެނުނީއެވެ. އޭނާ ހިތަށްއަރާނީ ކީކޭހެއްޔެވެ.
“އެހާ ރުޅިއެއް އެ އައީ ކީއްވެ؟… އޭނަގެ ބޮލުގަ އެކަހަލަ އިލްޒާމެއް އެޅުވީމަތަ ނޫނީ….. އަހަންނޭ ކިޔައިގެން އެހެން ކީމަތަ؟” ބޭރުގައި ހުރި ދާނިޝްގެ ހިތަށް އެރިއެވެ. އޭނާއަށް އެ ދެ އަންހެންކުދިންގެ ވާހަކަ ފެށުނީންސުރެ އަޑުއިވުނެވެ. އަދި އޭގެ ފަހުން ރާއިދާއަށް ވީ ގޮތްވެސް ސާފުކޮށް ފެނުނެވެ. ފާޑެއްގެ އިހުސާސެއް އޭނާގެ ސިކުނޑި ހިޞާރުކޮށްލިއެވެ.
“މަގޭ މަންމަ މަރުވީކަމަށް ހީކޮށްގެން އެންމެން މި އުޅެނީ ކީއްވެތަ؟” ސިއްސައިގެން ގޮސްފައި ރާއިދާއަށް ބަލައިލެވުނެވެ. އެއް ގޮނޑި ދޫކޮށްފައި އިށީންދެ އިން ދާނިޝް އިނީ އޭނާއާއި ދިމާއަށް ބަލަންށެވެ. ހަތަރުކަޅި ހަމަވީ ފަސްވަނަ ފަހަރަށެވެ. އެ އަޑު ނުކުތީ ހަމަ އޭނާގެ އަނގައިންބާއޭ ރާއިދާގެ ހިތަށްއެރިއެވެ. އަލަށް އިވުނު އެ އަޑު ހިސާބަކަށް ބަރުވެފައި މަޑުމައިތިރިއެވެ. ދާނިޝްއާއި ވަރަށް ގުޅޭ އަޑެކެވެ. ދާނިޝް ބުނި އެއްޗަކާއި ދޭތެރޭ ރާއިދާއަށް ވިސްނައިލެވުނީ ތަންކޮޅެއް ފަހުންނެވެ.
“މަންމަ މަރެއް ނުވޭތަ؟” ރާއިދާ އަހައިލިއެވެ. ދޮރުމަތިން އިވުނު ހަރުކަށި، ރުޅިވެރި އަޑާއި ހިލާފަށް މިފަަހަރު ރާއިދާގެ އަޑު މަޑުމައިތިރިއެވެ. ހައިރާންކަން އެކުލެވިގެން ވީ ނަމަވެސްއެވެ.
“ނުވޭ…” ދާނިޝް ޖަވާބުދިނެވެ. ހައިރާންކަން އެކަހެރިކޮށްލާފައި ރާއިދާއަށް ލިބުނީ ހަމަޖެހުމެކެވެ. ދާނިޝްގެ މަންމަ މަރުނުވާކަން އިވުމުން، ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި ވީ ނުތަނަވަސްކަން ފިލައިދިޔައެވެ. “މަންމަ ބަލިވެގެން އެޑްމިޓް ކުރީ. މަރުވީއޭ ކިޔައިގެން ކޮންމެސް ބައެއް ވާހަކަ ފަތުރައިފި އެހާ އަވަހަށް.” ދާނިޝްއަށް ހެވުނުތަން ފެނިފައި ރާއިދާގެ ހިތް އަނެއްކާވެސް އަވަސްވެއްޖެއެވެ. ދާނިޝްގެ ހިނިތުންވުންވެސް ފެނުނީ އަލަށެވެ. ކޮލަށް އެރި އަޑިކޮޅު ލޯބިކަމާއޭ ރާއިދާގެ ހިތަށް ނާރާ ނުދިޔައެވެ.
“އެހެންދޯ…” މި ފަހަރު ތިރީސް ސިކުންތައް ދިމާވެފައި ހުރި ނަޒަރު ދުރުކޮށްލަމުން ރާއިދާ ކިޔައިލިއެވެ. ކައިރީގައި އޮތް ފޮތެއް ނަގައި ހުޅުވީ ދެން އިތުރަށް ވާހަކަދައްކަން ބޭނުންނުވާ ކަމުގެ އިޝާރާތެއްގެ ގޮތުންކަމަށް ވެދާނެއެވެ. ކުށްހީއެއްގެ ސަބަބުން އަލަށް މީހެއް ގައިގައި ޖެހިފައި، އަލަށް ނުބައި އެއްޗެހި ކިޔުނީތީ ގަތް ލަދުން ދެ ކަންފަތް ރަތް އަރައިފިއެވެ. ދާނިޝްއަށް އެކަން ފާހަގަވިއެވެ.
“ހައްހައްހާ! މަ މޮޅުވީ. ދެން ނުކެރޭނެ އަންނާކަށް… ޔަގީން…” ދަބަހުން ނެގި ވާހަކަ ފޮތް ހުޅުވި ދާނިޝް ހިތު ތެރޭގައި ކިޔައިލިއެވެ. ނަމަވެސް އެ ހިތުގެ ކޮންމެވެސް ކަނެއްގައި އަމިއްލައަށް ކީ އެއްޗާ ދެކޮޅު ހަދާ ބައެއްވިއެވެ. އަލުންވެސް ރާއިދާ ދެކެން ބޭނުންވި އިހުސާސެއް ވިއެވެ. އެއާއިއެކު ބޭރުގައި ހުރެ އޭނާއަށް ވިސްނުން ސުވާލު ދެވަނަ ފަހަރަށް ނަފްސާއި ކޮށްލެވުނެވެ. މިފަހަރު ޖަވާބު ލިބިއްޖެއެވެ. ރާއިދާ އެ ވަރަށް ރުޅި އައީ އޭނާއަށްޓަކާއެވެ. އެވަގުތު ދާނިޝްގެ ތުންފަތުގައި ދުވެލި ހިނިތުންވުން ރާއިދާއަށް ފެނުންނަމަ ނޭވާވެސް ކުރުވާނެ ކަންނޭންގެއެވެ.
“ކޮން ނަމެއް ކިޔަނީ؟” މުޅި ހަޔާތުގައި ދުވަހަކުވެސް އިސްވެ މީހެއް ގާތުގައި ނަން އަހާފައި ނުވާ ދާނިޝް، ފޮތަށް ބަލަހައްޓައިގެން އިނދެ އަހައިލިއެވެ.
“މަށަށް ތަ؟” އިރުކޮޅެއްގެ ސުކޫތަކަށްފަހު ރާއިދާއަށް އަހައިލެވުނީ، ދާނިޝް ވާހަކަދެއްކީ އޭނާއަށްކަން ހަގީގަތުގައިވެސް ޔަގީންނުވެގެނެވެ. ރާއިދާވެސް ދާނިޝްއާއި ދިމާލަކަށް ސީދާ ނުބަލައެވެ. ހީވަނީ އެއީ ކްލާހުގައި ޓީޗަރަށް ނޭންގި ވާހަކަދައްކަން ވެގެން ކަޅި ހަމަނުކުރަން ތިބި ބައެއްހެނެވެ.
“ދެން ކާކު މިތާ އިނީ؟” ދާނިޝްއަށް އަނެއްކާވެސް ހެވުނެވެ. އެ ހިނިތުންވުން ބަލައިލާހިތުން ރާއިދާ ވަށްކަޅިއެއް އެއްލިއެވެ. ކޮލަށް އެރި އަޑިކޮޅު ފެނިފައި ހިތް ފުރިގެން އެއަށްވުރެ މައްޗަކަށް ނުބަލައެވެ.
“ރާއިދާ…” ރާއިދާ ޖަވާބު ދިނެވެ.
“މަށަށް ކިޔަނީ ދާނިޝް…” ދާނިޝް، މީހަކު ނާހަނީސް އިސްވެ ނަން ބުނީވެސް އަލަށެވެ.
“އިނގޭ…” ރާއިދާ ވަރަށް ފަހުރާއެކު ބުންޏެވެ. ދުޝްމަނުގެ ނަން ދެން އިނގޭނެ ނޫންހެއްޔޭ ހިތަށްއަރުވަމުންނެވެ. ދެ ކުދިންގެ މޫނުމަތީވެސް އެ ވަގުތު ވީ ލުއި ހިނިތުންވުމެކެވެ.
“މީނަ މަގޭ އޭރިއާއަށް ވަނަސް ދެން އޯކޭ ދޯ. ހުއްދަ ދީފާނަން.” ރާއިދާގެ ހިތަށްއެރިއެވެ.
“މީނަ މަގޭ ޓާފްއަށް ވަނަސް އޯކޭ. އެންމެ މީހަކު ދެން އޯކޭއެންނު. ގެއްލުމެއް ނެތެންނު.” ދާނިޝްގެ ހިތަށްއެރިއެވެ. ހަމަހިމޭންކަމުގައި ބާކީ އޮތް ވަގުތުތައް ހޭދަކުރި ނަމަވެސް އެ ދެހިތުގައި ވީ އެއް އެދުމެކެވެ. ހަވަނަ ފަހަރަށްވެސް އެކަކު އަނެކަކާއި ނަޒަރު ބައްދަލުވާނެ ކަމުގެ އުންމީދެވެ.
(ނިމުނީ)
4 Comments!
Comments are closed.
superrbb?
Maasha Allah … Wowwwwww …. Hama hee vanee real life story ehhen …. Haadha salhieyy
Thnk u imkko
wow vv salhi…stry eh ..heevany i ge rel life hn…..vvv salhi