
ކޮންމެއިންސާނަކުވެސް ދުނިޔޭގައި އުޅޭއިރު ތިމާގެ ވަށައިގެން އުޅޭ އެންމެންނަކީ ތެދުވެރިންކަމުގައިވާން ބޭނުންވާނެއެވެ. ވަފާތެރިން ކަމުގައިވާން ބޭނުންވާނެއެވެ. ނަމަވެސް ހިތާމައަކީ ތިމާއެންމެ ހީނުކުރާމީހާއެއީ ތިމާއަށް ހެވެއް ނޭދޭ މީހާ ކަމުގައިވާތީއެވެ. މިބުނާ މީހާ އަކީ ތިމާގެ މައިންބަފައިންގެ ތެރެއިން މީހަކަށް ވެދާނެއެވެ. ދަރިންގެ ތެރެއިން މީހަކަށްވެދާނެއެވެ. ގާތްތިމާގެ މީހަކަށް ނުވަތަ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ވެދާނެއެވެ. ލޯބިވާ އެކުވެރި ގާތް ރަހުމަތްތެރި އަކަށްވެސް ވުން އެކަށީގެންވެއެވެ.
*********
މާލޭގެ ހަލަބޮލި މާހައުލުގައި ހުރި މ.ހިތަށްފިނިވާގެއަކީ އެގޭގެ ހައިބަތާއި ރީތިކަން ވަރަށްދުރަން ފެންނަން ހުންނަ ގެއެކެވެ. ގޯއްޗަކީ ފުދޭވަރަކަށް ބޮޑު ގޯއްޗެކެވެ. ގޭގެ އެއްބައި 10 ބުރިއަށް ނަގައި ރަނގަޅު ފެންވަރަކަށް ހުންނަނީ ހަދާފައެވެ. އަދި އެބައި ހުންނަނީ ކުއްޔަށް ދީފައެވެ. ގޭގެ އަނެއްބަޔަކީ ގޭގެ ވެރިފަރާތުގެ އާއިލާ ދިރިއުޅޭ ބައެވެ. އެބައި ހުންނަނީ 8 ބުރިއަށް ނަގާފައެވެ. އެތަނުން ހަތަރު ފްލޯ ބޭނުންކުރަނީ އޮފީހުގެ ގޮތުގައެވެ. ގްރައުންޑް ފްލޯ ބޭނުންކުރަނީ ގަރާޖެއްގެ ގޮތުގައެވެ. އަދި އޭގެ މައްޗަށް ހުންނަ ދެފްލޯ ބޭނުންކުރަނީ ވެރިފަރާތުގެ އާއިލާ ދިރިއުޅޭށެވެ. ދެވަނަ ފްލޯގައި ތިން ކޮޓަރިއާއި ސިޓިންގްރޫމްގެ އިތުރުން ބަދިގެއާއި ކާގެވެސް ހުރެއެވެ. އެއްކޮޓަރި ބޭނުންކުރަނީ ގެސްޓް ރޫމެއްގެ ގޮތުގައެވެ. އަނެއް ދެކޮޓަރީގެ ތެރެއިން އެއްކޮޓަރީގައި އުޅެނީ ނިޒާރުއާއި އޭނާގެ އަންހެނުން ފަރީޝާއެވެ. އަނެއް ކޮޓަރީގައި އުޅެނީ އެދެމަފިރިންގެ ދަރިފުޅު ނާއިލްއެވެ. އޭގެ މަތީގައި ހުންނަ ފްލޯގައި ހަތަރު ކޮޓަރި ހުރެއެވެ. އެއްކޮޓަރީގައި އުޅެނީ މަޝްހޫރު ވިޔަފާރިވެރިޔާ ރަމީޒު އާއި އޭނަގެ އަންހެނުން ރާޝިފާއެވެ. އަނެއް ކޮޓަރީގައި އުޅެނީ އެދެމަފިރިންގެ ދޮށީ ދަރިފުޅު ރޭޝަމްއެވެ. އެއްކޮޓަރި ގެސްޓް ރޫމްގެ ގޮތުގައި ބޭނުންކުރާއިރު ދެންހުރި ކޮޓަރީގައި އުޅެނީ ހަގު ދަރިފުޅު ރާޝިފްއެވެ. މާލޭގެ އެހެން ގިނަގޭގެއާއި ހިލާފަށް އެގޭގައި ތިރީބައިގައި ކުޑަކުޑަ ބަގީޗާއެއްވެސް އޮވެއެވެ. އެއީ ފަރީޝާއާއި ރާޝިފާގެ މިންނެތް މަސައްކަތެވެ. ފިނިފެންމަލުގެ އެކިވައްތަރުތަކާއި އޯކިޑްގެ އެކިވައްތަރުގެ މާތަކުން ދުވާ މީރުވަހުން އެބަގީޗާ ތެރެއިން ނިކުންނަން އެއްވެސް މީހަކު ހިތެއް ނުރުހޭނެއެވެ. ހެނދުނުގެ ފަތިސް ނަމާދަށްފަހު އެންމެންވެސް ކޮފީ ބޯލުމަށް މަޑުކޮށްލާނީ އެހިތްގައިމު މާހައުލުގައެވެ. ކޮފީބުއިމަށް ހާއްސަކޮށް ކުޑައެއްގެ ދަށުގައި ހަތްމީހުނަށް އިށީނދެވޭ ޖާގައެއް ހުރެއެވެ. އާއިލާއަކީ ވަރަށްވެސް ހަމަޖެހޭ އުފާވެރި އާއިލާއެކެވެ.
ގަޑިން ހެނދުނު ހަތެއް ޖެހީއެވެ. މިއަދަކީ ރޭޝަމްއާއި ރާޝިފް އޭލެވެލް ކިޔެވުމަށްޓަކައި ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ނުވަތަ ސީ.އެޗް.އެސް.އީ އަށްދާ ފުރަތަމަ ދުވަހެވެ. އެދެކުދިން އޯލެވެލް ނިންމީ ޖަމާލުއްދީން ސުކޫލުންނެވެ. އެއްމާބަނޑު ދެކުދިންނަމަވެސް ރޭޝަމް އަކީ ވަރަށް ހިތްއަލި ކިޔަވާހިތްވާ ކުއްޖެއްކަމުން އެމީހުން އޯލެވެލް ނިންމި އަހަރު ޓޮޕްޓެންގެ އެއްވަނައިގެ އިތުރުން ޖަމާލުއްދީން ސުކޫލްއިން ބެސްޓް އޯލް ރައުންޑް ސްޓޫޑެންޓް ކަންވެސް ލިބުނެވެ. ރާޝިފް ކިޔަވާ ހިތްނުވިނަމަވެސް މަންމަމެންގެ އެދުމުގެ މަތިން ކިޔެވުމުގެ ސަބަބުން ރާއްޖެއިން ޓޮޕްޓެންގެ ދިހަވަނައިގެ ތެރޭގައި ހިމެނުނެވެ.
ދެކުދިން ތައްޔާރުވެގެން ސައިބޯން އައިއިރު ނާއިލް އިނީ ސައިބޯންށެވެ. ނާއިލް މިއަހަރު އުޅެނީ ސީ.އެޗް.އެސް.ސީގެ ގްރޭޑް 12 ގައެވެ. އަނެއްދެކުދިންނެކޭ އެއްފަދައިން ނާއިލްއަކީވެސް ރާއްޖޭގެ ގަދަ ދިހައެއްގައި ފާހަގަ ކޮށްލެވޭ ކުއްޖެކެވެ. އޭނާ އޯލެވެލް ނިންމާފައި ގަދަދިހައެއްގެ ހަތަރުވަނައިގައި ހިމެނިފައިވެއެވެ. ” ކޮބާ ފުރަތަމަ ދުވަސް ކިހިނެއް ވާނެހެން ހީވޭ..” ނާއިލް ރޭޝަމް އަދި ރާޝިފްއާއި ދެކުދިންނަށް ބަލާލަމުން އަހާލިއެވެ. “އަހަރެން މިހުރީ ވަރަށް “ނާވަސް” ވެފައި.. ހިތަށް އަރަނީ ކުލާހުގައި އުޅޭނީ ކޮންކަހަލަ ކުދިންނެއް ބާއެވެ.. ނާއިލް އަށް އެނގެއެއްނު އަޅެ އެސުކޫލްގެ ޓީޗަރުން ކިހިނެއް ވާނެތަ؟ވަރަށް ރުޅިގަދަވާނެތަ؟” ރޭޝަމް އަވަސްއަވަހށް ޖަވާބުދިނެވެ. “އަޅޭ މިދޮންތަ ހާދަ ބިރެކޭ މިގަންނަނީ އަހަރެން މިހުރީނު. އަހަރެން ދޮންތައާއި އެއްކުލާހެއްނު. އެހެންވީމަ ދޮންތަ ނުޖެހޭނެ ހާސްވާކަށް” ރާޝިފް ވަރަށް ހަމަޖެހިލައިފައި ވާހަކަދެއްކިއެވެ. މިކަހަލަ ވާހަކަތަކެއްގައި ތިބެ ސައިބޮއެނިންމާލައިގެން ތިން ކުދިން ސްކޫލަށްދާން ނައްޓާލީ އެގޭ ކާރުގައެވެ.އެކުދިން ދިޔަތަން ބަލަން އެކުދިންގެ މަންމަމެން އުފަލުން ތިއްބެވެ.
ނާއިލް އަތުގައި ލައިސަންސް އޮންނާތީ ނާއިލް އިނީ ކާރު ދުއްވާށެވެ. ކާރު ތެރޭގައއ އެކިއެކި ވާހަކަދައްކަމުންގޮސް ސީއެޗްއެސްސީ ކައިރީގައި ކާރު ޕާކު ކޮށްލުމަށްފަހު ތިންކުދިންވެސް އެކުއްޖެއްގެ ކުލާހާދިމާއަށް ހިނގައިގަތެވެ. ކުލާހާ ދިމާއަށްދިޔަ ރޭޝަމް ކުރިއަށްދިޔައީ އެކިހިޔާލުތަކުގައި ހުރެއެވެ. ސިއްސައިގެންދިޔައީ ރޭޝަމްގައިގައި މީހަކު ޖެހި ރޭޝަމް ވެއްޓެން ދިއުމުންނެވެ. ރޭޝަމްގެ ގައިގައި ޖެހުނު ކުއްޖާ އަވަސް އަވަހަށް ރޭޝަމް ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. ރޭޝަމްއަށް އޮވެވުނީ އޭނާގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ. އެއީމުށި ކުލައިގެ ލޮލެކެވެ. އެލޮލުގައި ޖާދޫއެއްވާކަހަލައެވެ. ރޭޝަމް ދުވަހަކުވެސް އެފަދަ ހިތްގައިމު ލޮލެއް ނުދެކެއެވެ.
4 Comments!
Comments are closed.
I’m first dho. Varah varah reethi. When next??????
Yes thee first.. next part in shaa allah thursday ga emme laanvegen.. thanks?❤
luv ur work?
vaahaka vrh reethi maasha allah. is this the hamdha i know 🙂 hamtti?