ޒީން
ޒީން ހަތަރުވަނަ ބައި
‘އޭ، ޒީން. ރޯމިއޯ އެނބުރި އައިއްސި. ތީނަ ލައްވާ ކޮފީ ތައްޔާރު ކުރާށޯ.’ ލިލީ އަޑު ގަދަ ކޮށްލިއެވެ. ސިއްސައިގެން ގޮސް ޒީން ގެ އަތުން ކިރު ފުޅި ވެއްޓުނެވެ.
‘ކޮން ރޯމިއޯ އެއް؟’
‘މޮޑެލް އެއްގޮތަށް އެ ހުންނަ ފިރިހެން ކުއްޖާ.’
‘ކޮން މޮޑެލްއެއް؟’ ސުވާލު އެއްކޮށް ނުނިމެނީސް ލިލީ ހިނގައްޖެއެވެ.
ނަބީލާ އަށް ޕޭން ކޭކު ހެދުމަށް އެހީވެެދޭން ޒީން ހުރީ ބަދިދޭގައެވެ.
ޒީން ބަދިގެއިން ބޭރަށްނުކުތެވެ. ހުރިހާ ކަސްޓަމަރެއްގެ މޫނަށް ނަޒަރު ހިންގާލިއެވެ. ޒީން ގެ ލޮލުގައި ފިރިހެނަކު އަޅައިގަތެވެ. ޒީން އާއި ދިމާއަށް ‘ހިމަ’ އޭ ބުނެ ދިމާކުރި މީހާއެވެ. ‘އެއީ ލިލީ އެ ބުނާ ރޯމިއޯބާއެވެ.’ ޒީން ހިތައް އެރިއެވެ. އޭނާ މީގެ އިރުކޮޅެއް ކުރިން ކާރުގައި ދަނިކޮށް ޒީންއަށް ވަނީ ފެނިފައެވެ.
ޒީންގެ ނަޒަރުގައި އޭނާ އަކީ މައާފަށް އެދެން ނޭނގޭ މީހެކެވެ. މިއަދު އެ ދެ މީހުން އެކަކު އަނެކެއްގެ ގައިގައި ޖެހެން މެދުވެރިވީ އެ ފިރިހެން މީހާގެ ކުށަކުންކަން ޒީން ގަބޫލުކުރެއެވެ. .
ގަޑިޖެހި، ލަސްވެފައިވާތީ، ޒީން ބާރު ބާރަށް ކޮފީ ޝޮޕްއަށް ވަންނަން އައިރު ޒީން އަށް ދޮރުމަތިން ފެނުނީ އިއްޔަވެސް އެ ތަނަށް އައި ކަސްޓަމަރެކެވެ. އޭނާ އައީ ވަރަށް ބާރަށް ހިނގަމުންނެވެ. ފޯނަށް ބަލަންހުރެ ދެވޭ ނުދެވޭ ތަނެއް ނުބަލައެވެ. މަގުގެ ސީދަލަށް މިސްރާބުޖަހާފައި ކުއްލިއަކަށް އޭނާ ޒީންއާއި ދިމާއަށް އެނބުރެލީއެވެ. ކުއްލިއަކަށް އެނބުރެލުމުން ޒީންއަށްވެސް ދުރުވާން ވަގުތު ނުލިބުނީއެވެ.
ޒީންގެ މޫނުގޮސް ޖެހުނީ އޭނަގެ މޭމަތީގައެވެ. ގައިން ދުވީ ފިރިހެން ވަހެކެވެ. މީރުވަސްދުވާ ސެންޓް، މަސްކް އާއި ކޮފީވަސް ހުރީ އެކުވެފައެވެ. ބަލާލަން ވަރަށް ރީތި، އަޅައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ..
ޒީން އަށް އިހްސާސްވީ އެއީ ޒީންގެ ހުވަފެންތަކުގެ ރާޖާއެވެ.
ޒީން އުއްމީދުކުރީ އޭނާ މައާފަށް އެދޭނެ ކަމަށެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. އޭނާ ބުނަމުން ގެންދިޔައީ އެއްވަހާކައެކެވެ. އޭނާގެ ވަރުގަދަކަމާއި، ޒީންގެ ހިމަ ކަމާއި ވަރުދެރަ ކަމުގެ ވާހަކައެވެ. ޒީން ހިމަ ކަމަށް ދައްކަނީ ޒީންގެ އިސްކޮޅު ދިގުވީމައެވެ. ޒީން އަކީ ފަސް ފޫޓު އަށް އިންޗި ދިގު ކުއްޖެކެވެ.
ޒީންގެ ނަޒަރުގައި އޭނާއަކީ، ޝިޔާމް އާއި ލިލީއެކޭ އެއްފަދައިން ޒީންއާއި މަލާމަތްކުރާ މީހެކެވެ.
ޒީން އޯރޑާރ ސްލިޕް ކިޔާލިއެވެ. ‘1 އެސްޕްރެސޯ.’
ޒީން އިރުކޮޅަކު އޭނައަށް ބަލަން ހުއްޓެވެ. ބޮޑާކޮށް ވާހަކަ ދެއްކިއެއް ކަމަކު، އެއީ ރީތިކަން ލިބިފައިވާ ފިރިހެނެކެވެ. ކުއްލިއަކަށް އޭނާ އެނބުރެލިއެވެ. ޒީން ބަލަން ހުރިތަން އޭނައަށް ފެނުނީތީ ޒީން ކަންބޮޑުވިއެވެ. ޒީން އަވަހަށް އެހެން ދިމާއަކަށް ބަލާާާާާާާާލިއެވެ.
ޒީން ކޮފީ މެޝިން ކައިރިއަށް ދިޔައެވެ. ކޮފީ ތައްޔާރު ކުރިއެވެ. އެސްޕްރެސޯގައި މިފަހަރު ދެ ހިތުގެ އާރޓް އެއް ހެދިއެވެ.
އެ ކޮފީ ޖޯޑު ގެންގޮސްދިނީ ލިލީއެވެ…
‘އަހަރެން ބޭނުމީ އެ އަންހެން ކުއްޖާ.’
ނިޒާރު ކޮށި އެރިއެވެ. އާހިލް ބުނި އެއްޗެއްގެ މާނަ ނިޒާރަށް އޮޅުން ނުފިލީއެވެ.
‘ކީކޭތޯ؟ އަހަރެން ބޭނުމީ އެ އަންކުއްޖާއޭ ތި ބުނުއްވީ ކޮންމާނައެއްގައިތޯ؟ ‘ އާހިލްއާއި ދިމާލަށް ނިޒާރު ބަލާލިއެވެ.
‘އާނ. އަހަރެން ބޭނުމީ އެ އަންހެންކުއްޖާ، އަހަރެންނަށް ކޮފީ ތައްޔާރު ކުރަން… ކޮންމެ ދުވަހަކުވެސް. ‘ އާހިލް ކޮފީ ރަހަބަލައިލިއެވެ.
‘މި ކޮފީހާދަ މީރޭ.’
‘ތި ބުނުއްވީ އޭނާއަށް އެ ވަޒީފާ ؟؟’
‘ ކިހިނެއްވީ؟ އޭނައަށް ނޫނެކޭ ބުނަން ނުކެރޭވަރުގެ އޮފާރއެއް ދޭނަން. މިއީ އަހަރެން ބުއި ކޮފީ ތަކުގެ ތެރެއިން އެންމެ މީރު ކޮފީ.’ އާހިލް ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
‘އެކަމަކު އެ އަންހެންކުއްޖާ…ވަރަށް ފާޑު.. .’ ނިޒާރު ބުނެލިއެވެ.
‘ފާޑޭ؟ ނޫން. ހާއްސަ… އެހެންމީހުންނާ ތަފާތު.’
ނިޒާރު އަނެއްކާވެސް ކެއްސާލިއެވެ. އާހިލްއާއި އެއްބަސް ވުމުގެ ގޮތުން ބުނެލިއެވެ.
‘ތިހެން ބުނަން އުޅުނީ. ވަރަށް ތަފާތު.’
ކޮފީ ނިންމާލުމަށްފަހު އެ އަންހެން ކުއްޖާއާއި ބައްދަލުކުރިއެވެ. އެކުއްޖާ ހުރީ ކައުންޓަރުގައި އެކަންޏެވެ.
‘މި އޮތީ ކޮފީގެ ރުފިޔާ.’ އާހިލް އެއްހާސް ރުފިޔާ ދިއްކޮށްލިއެވެ. އަދި އެކުއްޖާގެ މޫނަށް ބަލައިލިއެވެ.
‘ބިލަށް އެރީ ހަތްދިހަ ރުފިޔާ.’ އެ ކުއްޖާ ބިލުކޮޅަށް ބަލާލިއެވެ.
‘ބާކީވާ ފައިސާ ބާއްވާ.’
އާހިލް މިހެން ބުނުމުން އޭނާ އާހިލްއާއި ދިމަ ބަލާލިއެވެ.
އެ ލޯ، އެ ބެލުން، އެއީ އާހިލް އަށް ކޮންމެވެސް ތަނަކުން ފެނިފައިވާ ލޮލެކެވެ.
ނަމަވެސް ކޮން އިރަކު، ކޮން ތަނަކުން ކަމެއް އާހިލްގެ ހަނދާނަކަށް ނާދެއެވެ.
‘ޝުކުރިއްޔާ. އެކަމަކު ތިއީ ޓިޕްސްގެ ގޮތުގަ ދޭންވެސް ބޮޑު އަދަދެއް. އަޅުގަނޑަށް ތި ބަލައެއްނުގަނެވޭނެ.’
‘ތީނައަށް މި ލިބުން ހައްގު. ކޮފީ ވަރަށް މީރު.’
އޭނާ އެ ޓިޕްސް އަށް އިންކާރު ކުރާތީ އާހިލް ހައިރާންވިއެވެ. އާންމު ގޮތެއްގައި ވެއިޓްރެސް އަދި ކޭޝިއަރުން ޓިޕްސްއަށް އިންކާރު ނުކުރާތީއެވެ.
‘ޝުކުރިއްޔާ. އެކަމަކު އަޅުގަނޑަށް މިއަކު ނުހިފޭނެ.’ އޭނާ ކައުންޓަރު މަތީ ބާކީ ރުފިޔާ ބަާާާާާާާާާާާއްވާލިއެވެ.
‘ޒީން.’ އާހިލް އެ އަންހެންކުއްޖާގެ ނަން ޓެގް ކޮޅުން ކިޔާލިއެވެ.
‘ކޮންތާކު ދިރި އުޅެނީ؟’
‘އޫމްމް.. ނުދަންނަ މީހުންނަށް އަޅުގަނޑުގެ މައުލޫމާތު ދީ ނުހަދަން. އަމިއްލަ ރައްކާތެރި ކަމަށް.’ ޒީން އަތުގެ އިނގިލިތަކާއި ކުޅެލަމުން ބުންޏެވެ.
އާހިލްއަށް މަޖާވިއެވެ.
‘އަހަރެން މިއީ މީހުން މަރާ މީހެއް ނޫން. އަހަރެން ތީނަ އުޅޭ ތަނެއް އަހާލީ ދަންނަ ގޮތެއް ހުންނަތީ. މީގެ ކުރިންވެސް އަހަރެމެން ބައްދަލުވިތަ؟’
ނޫނެކޭ ބުނުމުގެ ގޮތުން ޒީން ބޯ ތަޅުވާލިއެވެ.
‘ނޫން. ހިޔެއްނުވޭ. އެހެން ނޫނަސް ދެ މީހުންގެ ދުނިޔެވެސް ވަރަށް ތަފާތު.’
ޒީން ބުނި ބަހުގެ މާނަ އާހިލް އަށް ވިސްނުނެވެ. އާހިލް ގޮސް އުޅޭ ތަންތަނާއި އާހިލް ބައްދަލުކުރާ މީހުންނާއި ޒީންއާއި ވަރަށް ތަފާތެވެ. އެ ދެ މީހުންގެ ދުނިޔެވެސް ތަފާތެވެ.
‘އަޅުގަނޑު އެބަހުރި އެހެން ކަންތައްވެސް ކުރަން.’
‘މަޑުކޮށްލާ.’ ޒީންގެ އަތުގައި އާހިލް އަށް ހިފުނެވެ. ޒީން ކުއްލިއަކަށް އަތް ދަމައިގަތެވެ.
‘އަހަންނަށް މަސައްކަތް ކޮށްދެންވީ.’
‘ކީކޭ ތޯ؟’ ޒީން ހުއްޓުންއެރި ކަހަލަ ގޮތަކަށް އާހިލްއަށް ބަލައިލިއެވެ.
‘އަހަންނަށް މަސައްކަތް ކޮށްދީ. ހަމައެކަނި ކުރަންޖެހޭނެ ކަމަކީ އަހަންނަށް ކޮފީ ތައްޔާރުކުރުން.’
‘ޖެއްސުމެއް،ސަމާސާއެއް ތޯ؟’
‘ނޫން. އަހަރެން ސަމާސާ ކޮށް ނުހަދަން.’
ޒީން އިސްޖަހާލައި އަތަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު އާހިލް އާއި ދިމަ ބަލާލިއެވެ. ‘ނޫން. ތިކަން ކުރެވޭކަށް ނެތް.’
‘އެ ކީއްވެ؟’
‘ މިތަން ދޫ ކޮށްލެވެން ނެތް. އަޅުގަނޑުގެ ވެރިޔަކަށް ހުންން މީހާ ވަރަށް ރަނގަޅު. ‘
‘ނޫން.ނޫން… މިހާރު ޖަވާބު ދޭކަށް ނޫން މި ބުނަނީ. މިރޭ ރަނގަޅަށް ވިސްނާލާ. މާދަން ހެނދުނުން ޖަވާބެއް ދިނަސް އެންމެ ރަނގަޅު.’
ޒީން ފުން ނޭވައެެެއް ބޭރުކޮށްލިއެވެ.
‘އަޅުގަނޑުގެ ޖަވާބު ބަދަލެއް ނުވާނެ. މާދަންވެސް… ނޫނެކޭ ބުނެވޭނީ.’
‘މި ތަނުން ލިބޭ މުސާރައިގެ ޑަބަލް ދޭނަން.’
ޒީން ލޯ ބޮޑުކޮށްލިއެވެ. ނިތް ކުރި ކަހާލިއެވެ. މޫނުގައި އަތް އަޅާލިއެވެ.
‘ނޫން. އަސްލުވެސް ، އަޅުގަނޑަށް ތިކަން ކޮށްދެވެން ނެތް. މި އަދާކުރާ ވަޒީފާއާއިމެދު ވަރަށް ހިތްހަމަޖެހޭ. ޕްލީޒް… މި ވަގުތު އަޅުގަނޑު ވަރަށް ބިޒީ.’
‘މިހާރުގެ މުސާރައިގެ ޓްރިޕަލް.. މިއީ ފައިނަލް އޮފާރ.’
‘ ދެއްވި އޮފާރ އަށް ޝުކުރިއްޔާ. ތިކަން ކޮށްދެވޭކަށް ނެތް.’ ޒީން ހީލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Varah reethi Masha Allah waiting