
ނައިޝަމްގެ ކޮޓަރީގެ ދޮރު ކުރި މައްޗަށް އަރައި އައިލީޝް ހުރީ ދޮރުގައި ޓަކި ޖަހަންވެސް ނުކެރިފައިއެވެ. އޭނާ ކުރަމުން ދިޔަ ކޮންމެ ހަރަކާތެއްގައިވެސް ޖެހިލުން ވުމެއްވިކަން ބަލައިލި ކޮންމެ މީހަކަށްވެސް ފާހަގަވާނެއެވެ. ނައިޝަމްއަށް ގޮވުމުގެ ބަދަލުގައި އިރުކޮޅެއް ވަންދެން އައިލީޝް ދޮރުގައި ލެގިލައިގެން ހުރީ ރޭގައި ނައިޝަމްގެ މޫނުމަތިން ފެނުނު ހިތާމައާއި ލޮލުން ވެއްޓުނު ކަރުނަ ސިފަކޮށްލާށެވެ. ނަމަވެސް އެހެން ހުއްޓައި އައިލީޝް ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވާލުމުންނެވެ. އަމިއްލަ ހަށިގަނޑު ނުހިފެހެއްޓި ވެއްޓެން ދިޔުމާއިއެކު އޭނާގެ ދެލޯ މަރައި ބާރުކޮށްލީ ތަދުވިޔަސް ހެޔޮކަމަށް ނިންމައިގެންނެވެ.
ނައިޝަމްގެ ކުރިމައްޗަށް ވެއްޓެން އައި އައިލީޝް ފެނިފައި ހުށިޔާރު ކަމާއިއެކީ އައިލީޝްގެ ގައިގައި ހިފަހައްޓާލިއެވެ. އައިލީޝްގެ ދޮން މޫނު އެހައި ކައިރިން ފެނުމާއިއެކު ހިނދުކޮޅަކަށް ނަމަވެސް ނައިޝަމްގެ ހިތް ހުއްޓުނު ކަހަލައެވެ. އެހެން ތަނަކަށް ބަލަން ބޭނުންނުވާ ފަދައެވެ. ނަމަވެސް ހަމަ އޭގެ ދެވަނަ ސިކުންތުގައި ނައިޝަމް އައިލީޝްގެ މޫނުން ނަޒަރު ހުއްޓާލީ އޭނާގެ އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އަދި އައިލީޝް ސީދާ ކޮށްލީ ދުރު ބަލަހައްޓައިގެން ހުރެއެވެ.
އައިލީޝްއަށް އޭޏާގެ ދެލޯ ހުޅުވާލަން މަޖުބޫރުވީ ބާރުގަދަ ދެއަތަކުން އޭނާގެ އުނަގަނޑުގައި ހިފަހައްޓާލުމުންނެވެ. އެހައި ކައިރިން ނައިޝަމްގެ މޫނު ފެނިފައި އައިލީޝްއަށްވެސް ވީ ނައިޝަމްއަށް ވީ ވަރެވެ. އަތެއް ފައެއް ހަރަކާތްވެސް ކޮށްލަން ނުކެރިފައި އައިލީޝްއަށް ހުރެވުނީއެވެ. އޭރު އޭނާގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ.
”މީ.. މީ.. ކާން އާދެ.” އައިލީޝްއަށް އޭނާ ބުނަން އައި ވާހަކަވެސް ހަނދާން ނެތުނު ފަދައެވެ. ނައިޝަމް ކުރިއަށް ހިނގައިގަތުމާއިއެކު އައިލީޝް ދެން ދިޔައީ ޔޫހާއަށް ގޮވުމަށެވެ. ޔޫހާ އަކީ ދުވަހަކުވެސް މީހަކު ނުގޮވަނީހެން އޮންނަތަނަކުން ގުޑާވެސް ލާ މީހެއް ނޫނެވެ. ގިނަ ދުވަސް ދުވަހު އައިލީޝްއަށް ޖެހޭނީ ފެން އަޅައިގެން ޔޫހާއަށް ގޮވާށެވެ. މިއަދުވެސް އައިލީޝްއަސް ޖެހުނީ ޔޫހާއަށް އެހެން ގޮވާށެވެ. ފެން އެޅުމާއިއެކު ޔޫހާ ފުންމައިގެން ގޮސް ކޮޅަށް ޖެހުނެވެ. އައިލީޝްގެ ގާތަށް އައީ ލާނެތް ހިންނެކެވެ. ޔޫހާ ފެނުނި ކޮންމެ މީހަކަށްވެސް ވާނީ ހަމައެވަރެވެ.
”އަހަ. އަވަހަށް އިށީންދޭ ކާން. ބޭބެ މިއުޅެނީ ކައި ނިންމައިގެން ނައިޝަމްގެ ކޯހުގެ ކަންތައް ހަމަޖައްސަން. އައިލީޝްވެސް ޔޫހާގެ ވެސް.” އާކިފް އަނގައަށް ރޮށިކޮޅެއް ލަމުން ބުނެލިއެވެ. ޒާހިދާ އަނގައިންވެސް ބުނެނުލާ ކަމުން ދިޔައީ ތަނަކަށް ދާން ލަސްވެގެން އުޅޭ ފަދައަކުންނެވެ.
”ކޯއްޗެއްތަ ނައިޝަމް ކިޔަވަން ތިއުޅެނީ؟ ނައިޝަމްގެ ބައްޕަ ގާތު ބުނީމަ ނޭނގުނު އެ ކިޔާކަށް. ހެހެ.” އާކިފް އަނެއްކާވެސް ވާޙަކަ ދެއްކިއެވެ.
”ޕްރޮސެކިއުޓާރ. ޕްރޮސެކިއުޓަރަކަށް ވާން ބޭނުމީ.” ނައިޝަމް ވަރަށް މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. ޕްރޮސެކިއުޓަރަކަށް ވުމަކީ ނައިޝަމް އެންމެ ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނެކެވެ. އެކަން ވެއްޖެ ނަމަ އޭނާ އެ ވަޒީފާ އެންމެ ފުރިހަމައަށް ކުރާނެ ކަން ގައިމެވެ.
”އެހެންތަ؟ ތީ ވަރަށް ރަނގަޅު ވަޒީފާއެއް. އެކަމަކު ވަރަށް ވިސްނައިގެން ދޯ އުޅެން ޖެހޭނީ. މީހުންގެ ފާޑު ކިޔުންވެސް ވަރަށް އަމާޒުވާނެ. އައިލީޝްއާ ޔޫހާ އުޅެނި ނަރުސް ކޯސް ހަދަން ވެގެން. ތިން ކުދިން އެއްކޮށެއް ނުވެސް ދެވޭނެ ދޯ. ނައިޝަމްއަށް އަނެއްކޮޅުން މާލޭގައި އުޅެން ވެސް ނޭނގެ ދޯ. ބޭބެ މިރޭ ޖެހޭ ފުރަންވެސް. އެކަމު ދިޔުމުގެ ކުރިން ބޭބެ ބަލާނަން ނައިޝަމްއަށް އެތަން ހުންނަތަން ބުނެދެވޭތޯ.” އާކިފްގެ ވާހަކަ ނިމުނު ވަގުތަކީ އައިލީޝްއާ ޔޫހާ އެތަނަށް އައި ވަގުތެވެ. ޔޫހާ ހަލުވި ކަމާއިއެކު އައިސް ގޮޑީގައި އައިސް އިށީންދެ ކާން ފެށިއެވެ. ނަމަވެސް އައިލީޝް ހުރީ އިސްއުފުލާލަންވެސް ނުކެރިފައިއެވެ. އަނެއްކޮޅުން އެނާއަށް އިށީންނަން ވެސް ޖެހެނީ ނައިޝަމްގެ ކުރިމަތީގައިއެވެ. އެހެންކަމުން އޭނާ ހުރީ ފާޑަކަށް ފިނިވެފައިއެވެ.
”ދަރިފުޅާ. ބައްޕަ މިއުޅެނީ މިރޭ ފުރަން. އެކަމު ދިޔުމުގެ ކުރިން ދަރިފުޅުމެންގެ ކޯހުގެ ކަންތައް ބައްޕަ ހަމަޖައްސައިލާނަން. މިހާރު މިދަނީ އެކަން ކުރަން.” އާކިފް ދާކަން އެނގުމުން އައިލީޝްއަށް ވީ ގޮތްވެސް ނޭނގުނެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. ލޯ އަމާޒުވެފައި ހުރީ ޒާހިދާއަށެވެ. މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އެންމެން ކައި ނިންމާފައި ދިޔައީވެސް އައިލީޝް އެގޮތަށް އިންދައެވެ. ނަމަވެސް ނައިޝަމް އެތަނުގައި މަޑުމަޑުން ކާން އިނީ ވާހަކައެއް ބުނަން އުޅޭ ފަދައަކުންނެވެ.
”ނުކަނީތަ؟ ހާދަ ފާޑަކަށް.” ނައިޝަމްއަކަށް އެއްޗެކޭ ބުނެ ނުލައެއް ނީނދެވުނެވެ. އައިލީޝްގެ ހަރަކާތްތައް ހުރި ގޮތުން ނައިޝަމްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
”ނެތް ކާހިތެއް. ނައިޝަމް ކައި ނިމުނީތަ؟” މޭޒުމަތީގައި ހުރި ހުރިހާ ތަށިތަކެއް ނަގަމުން އައިލީޝް ވާޙަކަ ދެއްކިއެވެ. ނައިޝަމްވެސް ކައި ނިމުނުކަން އެނގުމާއިއެކު އައިލީޝް ސިންކު ކައިރިއަށް ދިޔައީ ނައިޝަމްގެ ތަށިވެސް ހިފައިގެންނެވެ.
***
”ދަރިފުޅުމެންނޭ. މިއަދު އެބަ ޖެހޭ މަންމަގެ އެކުވެރިއެއްގެ ގެޔަށް ސަޔަކަށް ދާން. ދަރިފުޅުމެންވެސް ގެންނާށޭ ބުނި. ހަތަރަކަށް އަންނާށޭ ބުނީ. ތައްޔާރުވެގެން ހުންނާތި އެގަޑިއަށް.” ނަތާޝާ ވާހަކަދައްކަމުން ދިޔައީ އޭޏާގެ ދެދަރިންނާއެވެ. ޔުނާން އަދި ޒައިކްވެސް އެކަމާ އެއްޗެކޭ ނުބުނެ ކަމުން ދިޔައީ ނުހަނު ހަލުވި ކަމާއިއެކުއެވެ.
”ދަރިފުޅުމެން ރޭގަ ބައްޕަ ދެއްކި ވާހަކަތަކާ މެދު ވިސްނައިފިންތަ؟” ޝާހިދު އޭޏާގެ ނޭވާ ހިފަހައްޓާލައިގެން އިނެ އެހެން ބުނެލީ ލިބޭނި ޖަވާބެއް ނޭނގޭތީ އާ އެކުއެވެ. ”ލައްބަ ބައްޕާ. އަޅުގަނޑުމެން ދެމީހުންވެސް ވިސްނީ ބައްޕައަށް އެހީތެރިވާން. އަޅުގަނޑުމެން މިތިބީ ބައްޕަގެ ތިން ރެސްޓޯރެންޓް ހިންގަން.” ޔުނާން ވާހަކަ ދައްކަން ފެށީ ޒައިކްގެ ވެސް ހިޔާލެއް ހޯދާލާފައިއެވެ. ޝާހިދުއަށް ބުނާނެ އެއްޗެސް ވެސް ނޭނގުނެވެ. ދެލޮލުން ކަރުނަތައް އޮހިގަތީ އުފާވި ވަރުންނެވެ.
”ބައްޕަ ވަރަށް އުފާވެއްޖެ. ވަރަށް ވަރަށް އުފާވެއްޖެ.” ޝާހިދަކަށް އޭނާގެ ކަރުނަތަކެއް ހިފަހައްޓައެއް ނުލެވުނެވެ. ޔުނާން އަދި ޒައިކްވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އަދި އެހައިމެ އުފާވެސް ވެފައިއެވެ.
***
”އިޝާމް. އިޝާމް. ދޭބަލަ މީތި ދޭން މިއަދު މާލެއަށް ފުރާ ހަސަންބެގެ އަތަށް. ދީފަ ބުނޭ އަލިފުޅަށް ހަވާލު ކުރާށޭ. އަހަރެން އަލިފުޅަށް ގުޅާފަ ބުނިން ހަސަންބެ ހަވާލު ކުރާނޭ އެއްޗެއް. އޭތި ނައިޝަމްއަށް ހަވާލު ކުރާށޭ.” ޝަމްހާގެ ބަހަށް ދެކޮޅު ނަހަދައި އިޝާމް އެ ފޮށިގަނޑު ހިފައިގެން ދިޔައީ ހަސަންބެ އާ ދިމާވޭތޯއެވެ.
***
”ޒާހިދާ. ކޮން ދުވަހަކުތަ ތި ކުރަން އުޅޭ ކަމެއް ކުރާނި. މާ ލަސްވަންޏާ މަގޭ އަތުން ބޮޑިއެއް ލިބިދާނެ އިނގޭ.” ބޭރުގައި ހުރި ގޮޑިއެއްގައި ޒާހިދާ އިށީންދެލައިގެން އިނީ ކަންފަތުގައި ފޯނު ޖައްސާލައިގެން މީހަކަ ވާހަކަދައްކާށެވެ. އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމާއި މަކަރުވެރިކަމެވެ.
”މާޖިދު. އިހަށް މަޑުކޮށްބަލަ. މިރޭ އޭނާ ފުރާނެ. ދެން މިފަހަރަކު އަހަރެމެންނަކަށް އެއްވެސް ކަމެއް ނުކުރެވޭނުން. އަނެއްކާވެސް އަންނާނެ ކަންނޭނގެ ހަ މަސް ފަހުން. އެއިރަސް ވާއިރަށް ހިނގާބަލަ އަހަރެމެން މޮޅު ޕްލޭނެއް ރާވައިލަން.” ޒާހިދާ އޭނާގެ އަތް މުއްކަވައި ބާރުކޮށްލިއެވެ.
”ހަމަސް. އަދި ވެސް ހަމަސް ދުވަހަށް އަހަރެން މަޑު ކުރަން ތަ ތި ބުނަނީ. ޒާހިދާ ދެން މިކަމެއް ނުވާނެ އިނގޭ. މަޑު ކުރާށޭ ކިޔަން ހުންނަތާ ކިތައް އަހަރު ފާއިތުވެގެން މިދަނީ.” މާޖިދުގެ އަޑު ދިޔައީ ހަރުކަށިވަމުންނެވެ. ހީވާ ގޮތުން އޭނާ އެއުޅެނީ ކަމެއް ނިންމައި ނުލެވިގެންނެވެ.
”ދެން މާޖިދު. ކިތަންމެ އަހަރެއް ފާއިތުވެގެން ދިޔަޔަސް އަހަރެން އަދިވެސް ލޯބިވަނީ މާޖިދު ދެކެއޭ. މިއަދު ތި ގޮތަށް ރުޅި އައިސްގެން އަހަރެން ދޫކޮށްލާފަ ދިޔައީމަ އަހަރެމެން ހޯދަން އުޅޭ މުދާ ގަނޑަށް ވާނި ކިހިނެއް؟ އަހަރެން މިކަން ނިންމާނި އާކިފްގެ ހުރިހާ މުދަލަކާ ފައިސާއެއް އަހަރެންގެ އަތަށް އެރީމަ. މާޖިދު ކެތްތެރިވެބަލަ. އަހަރެން ބުނާ ގޮތް ހަދާބަލަ.” ވާހަކަދައްކަމުން ދިޔަ ވަރަކަށް ޒާހިދާގެ އަޑު ދިޔައީ މަޑުވަމުންނެވެ. މަކަރުވެރި ރޭވުމެއް ޒާހިދާ ރާވަމުން ދިޔައިރު އެއަޑު އަހަން ފަހަތުގައި މީހަކު ހުރިކަމެއްވެސް އޭނާއަށް ރޭކާ ނުލައެވެ.
ޒާހިދާއަކީ މަކަރުވެރި އަންހެނެކެވެ. އޭނާ އާކިފްއާ ކައިވެނި ކުރީ އާކިފްގެ ލޮލުގައި އަނދުން އަޅުވާފައިއެވެ. ކުރިން އޭނާއަކީ ކިތަންމެ ފަގީރު މީހަކަސް އޭރުވެސް އޭނާ ބޭނުންވީ މުއްސަންޖަކަށް ވާށެވެ. މުއްސަންޖަކަށް ވުމަކީ އޭނާ އެންމެ ކުޑައިރުންސުރެ ދެކެމުން އަންނަ ހުވަފެނެކެވެ. މާޖިދުއާ ދެމިހުން އެކުގައި ވުމަކީވެސް އެނާގެ ހުވަފެނެކެވެ. ނަމަވެސް އޭނާގެ އެ ހުވަފެން ކާމިޔާބު ވުމަށް އިތުރު ދުވަސް ތަކަކަށް ކޮންމެ ފަހަރަކުވެސް ދިގުދެމިގެން ދަނީ އާކިފްއަށް މާ އަވަހަށް ދާން ޖެހޭތީއެވެ. އެހެންނޫންނަމަ މިހާރުވެސް އޭނާ ހުންނާނީ އެކަން ކާމިޔާބު ކޮށްފައިއެވެ.
***
އާކިފް ސޯފާގައި އިށީންދެލައިގެން އިނީ އައިލީޝްމެންގެ ކޯހުގެ ކަންތައް ނިންމާފައި އެކަމާ މަޝްވަރާ ކުރުމަށެވެ. ކޯހުގެ ކަންތައް ހަމަޖެހުމާއިއެކު ތިން މީހުންގެ މޫނުމަތިންވެސް ފައުޅުވަމުން ދިޔައީ އުފާވެރިކަމެވެ. އެމީހުންގެ އުންމީދުތައް ހަގީގަތަކަށް ވާން އުޅޭ ކަހަލަ އިހްސާސް ކުރެވޭތީއެވެ.
”އަންނަ ހަފްތާގަ ހުރިހާ ކޯހެއް ފެށެނީ. ރަނގަޅަށް ކިޔަވާތި ތިން ކުދިންވެސް. ބަރާބަރަށް ނަމާދު ކޮށްފަ. ހުރިހާ ދުވަހަކު ދާން ވާނެ އެންމެ ގަޑިއެއްވެސް ކެންސަލް ނުކޮށް. ނައިޝަމް ހިނގާ ބޭބެ އާއިއެކު ފިހާރައަށް ދާން. ގަމީސް އެއްޗެހި ގަނެލަން.” އާކިފް އެތަނުން ތެދުވެގެން ދިޔައީ ނައިޝަމް ގާތު ދާން ތައްޔާރުވުމަށް ބުނެފައިއެވެ.
***
ދެމީހުން އެކުގައި ހިނގާފައި ގޮސް ފިހާރައަށް ވަނީ ނައިޝަމްއަށް ބޭނުންވާނޭ ބައެއްތަކެތި ގަންނާށެވެ. އެއްވެސް ވަރަކަށް ހަރަދަށް ނުބަލައި އާކިފް ދިޔައީ ނައިޝަމްއަށް ނުހަނު ގިނަ ސާމާނުތަކެއް ނަގަމުންނެވެ.
”ބޭބޭ. އަޅުގަނޑަށް ތިހާ ގިނަ އެއްޗެހި ނުގަނެދިނަސް އެންމެ ރަނގަޅު.” ނައިޝަމް އިސްދަށަށް ޖަހައިލިއެވެ.
”ނޫނޭ ނައިޝަމް. މިއީ ބޭބެ ދޭ ހަދިޔަލެއް ކަމަށް ބަލާ. މިއީ އަދި އެހައި ބައިވަރެއްވެސް ނޫނެއްނު.” ނައިޝަމްގެ އަތަށް ހަވަރަކަށް ގަމީހާ ހަތަރު ފަޓްލޫނު ލައިދެމުން އާކިފް ބުނެލިއެވެ. ނައިޝަމްއަށް ހުރެވުނީ ބުނާނެ އެއްޗެސް ނޭނގިފައިއެވެ. އޭނާއަށް އެހައި ބައިވަރު އެއްޗެހި ލިބުނު އެއީ ފުރަތަމަ ފަހަރެވެ.
”ބޭބޭ. އަޅުގަނޑުގެ މަންމަމެން އަތަކު ނުހުންނާނެ މިހާ ރީތި އެއްޗެއްސެއް. އެމީހުން އެގޮތަށް ބަހައްޓާފައި އަޅުގަނޑު ކިހިނެއްތޯ މިހައި ރީތި އެއްޗެހި ލާނީ. އަޅުގަނޑު މިކަހަލަ އެއްޗެހި ލާން މަންމަމެން ކިތަންމެ ބޭނުންވިޔަސް އަޅުގަނޑަށް ކުޅަދާނައެއް ނުވާނެ މަންމަމެން ހަޑިކޮށް ހުއްޓާ އަޅުގަނޑު ރީތި އެއްޗެހި ލާކަށް.” ނައިޝަމްއަށް ރޮވިއްޖެއެވެ. ހަގީގަތުގައިވެސް އޭނާ އެބުނީ ތެދެކެވެ.
”ނައިޝަމްއަށް ހީވަނީތަ ބޭބެ ނައިޝަމްގެ މަންމަމެންނަށް އެއްޗެހި ނުފޮނުވަ ހުންނާނެހެން. އަލިފުޅު އަތަށް ދީފަ ހަމަ މިކަހަލަ އެއްޗެހި ފޮނުވާފިން. ނައިޝަމް އެހާ ހާސް ނުވެބަލަ.” އާކިފްގެ ހެޔޮކަން ވިސްނިފައި ނައިޝަމްއަށް އަނެއްކާވެސް ރޮވުނީއެވެ. ދުވަހަކުވެސް އޭނާއަށް އެވަރު ހިތްހެޔޮ މީހަކު ނުފެނެއެވެ. ފެންނަ ކޮންމެ މީހަކީވެސް ވެސް އޭނާއާ ދިމާލަށް ފަގީރޭ ކިޔާ މުހާތަބު ކުރާ މީހުންނެވެ. މުސްކުޅިއެއް ޒުވާނެއް ކުޑަކުއްޖެއް ނޯވެއެވެ. އެކި އުމުރުފުރައިގެ މީހުން ނައިޝަމްއާ ދިމާކުރެއެވެ. ފަގީރަކަށް ވީމައިއެވެ.
***
ހަވީރުގެ ސައި އެންމެން އެކީގައި ބޮމުން ދިޔައިރު ‘ޕެރެޑައިސް’ ގެ ހަމަހިމޭން މާހައުލު ވަނީ ހަލަބޮލި ކޮށްލާފައިއެވެ. ޒާހިދާއާއި ނަތާޝާގެ އަޑު އެއް އަޑަކަށް އެތަނުގައި ހަރުލާފައި ހުރިއިރު އާކިފްއާ ޝާހިދުވެސް ދިޔައީ އެތައް ވާހަކައެއް ދައްކަމުންނެވެ. އެހަތަރު މީހުންނަށް ވެސް ނޭނގުނީ އެމީހުންގެ ދަރިންގެ ސިކުނޑީގައި އެވަގުތު އެބުރެމުން ދިޔަ ކަންތައް ގަނޑެވެ.
~ ނުނިމޭ ~
5 Comments!
Comments are closed.
Varah varah reethi mi bai vx…..curiously waiting for the nxt part…..and whn nxt???
thanks kairaa.. and thank u soo much for ur endless support
salaam all. unmeedhu kuran mi vaahaka adhi mi part vs kiyuntehrinnah kamudhaane kamah. vaahaka aa medhu dhekey goii kiyuntherin bunedhinumaky alhugandu ge vr bodu edhumeh. rangalhu kohlan jehey kameh huri nama ekan vs faahaga kohladhy. thank u all.. and have a blessed ramazan!
Varah reethi Masha Allah
thanks yan