
ހީވޭ ހިތް ބުނާހެން 32
“މިރޭ ނިހާން އަންނަން ވީނު މި ގެޔަށް؟” ދައުހާ އަހާލިއެވެ.
“މިރެއަކު ނޫން. މިރޭ ދައުގެ ޓައިމް ދައުގެ ފެމިލީއަށް. އެކަމަކު ދައު ބުނެފިއްޔާ މިހާރުވެސް ދައު ބަލާ ގޮސްދާނަން. އިރުކޮޅަކުން އަޒްމަންގެ ފެމިލީ އަންނާނެ، އެ މީހުންނާ ދައުވެސް މީޓް ކޮށްލަން ވާނެއެއްނު؟” ނިހާން ބޭނުން ވީ އެ ބަހަނާގައި ނަމަވެސް ދައުހާއާ އެރޭ ބައްދަލުކޮށްލުމެވެ.
“ތި އުޅެނީ ކޮންމެސް ގޮތަކުން އަހަރެން ގެންދަން ދޯ؟ އެހާ ދުވަސްކޮށްފަ މަންމަމެން އައި ދުވަހު ނުވާނެއެއްނު އެހެން ހަދާކަށް؟ ނިހާން މާދަން އައިމަ އޯކޭ ވާނެ. އެހާ އިރަށް ކެތްކޮށްލެވޭނެއެއްނު ދޯ؟” ސަމާސާ ރާގަކަށް ދައުހާ ބުންޏެވެ.
“އޯކޭ. އެހެން ވިއްޔާ މާދަން ރޭ” ނިހާން އެއްބަސް ވިއެވެ.
އެ ދުވަހު ހަވީރު އަޒްމަންގެ އާއިލާއާ ޒައިނާގެ އާއިލާ ބައްދަލުވިއެވެ. ދެ ފަރާތުގެ މެދުގައި އެކުވެރިކަން އުފެދިގެން އައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އަޒްމަންގެ އާއިލާގެ އެންމެންސްވެސް ނަޝީލާއަށް ވަރަށް ކަމުދިޔައެވެ. އާއިލާއިން ނަޝީލާމެންނާ ދިމާ ނުވަނީ ނާދިޔާއާ ނާޝިދުގެ ދެވަނަ ދަރިފުޅު އަޔާންއާއެވެ. އެހެން ނަމަވެސް އަޒްމަންއާ ޒައިނާގެ ކައިވެންޏަށް އަޔާން އަންނާނެ ކަމުގެ ޔަގީން ކަން ނާދިޔާ ދިނެވެ.
އެރޭ އެންމެ ފޯރީގައި ދެކެވުނީ އަޒްމަންއާ ޒައިނާގެ ކައިވެނި ކުރެވޭނެ ދުވަހެއްގެ ވާހަކައެވެ. އަޒްމަންގެ އާއިލާ އިން ތިބީ، ޒައިނާ ބުނާ ދުވަހަކަށް ތައްޔާރަށެވެ. އަޒްމަން އިތުރަށް ކިޔަވަން ދާން ވެފައި ހުރުމާއެކު ނާދިޔާއާ ނާޝިދު އެދުނީ އަޒްމަން ކިޔަވަން ދިޔުމުގެ ކުރިން ކައިވެނި ކޮށްގެން އަޒްމަންއާ އެކު އަދާ ގޮވައިގެން ޒައިނާވެސް ދިޔުމެވެ. އަދި އެކޮޅުގައި ހުންނަ އިރު ހުހަށް ހުރުމުގެ ބަދަލުގައި ބޭނުން ދާއިރާއަކުން ޒައިނާވެސް ކިޔެވުމެވެ.
ނަޝީލާއާ ވަސީމްވެސް އެދެނީ މާ ލަސް ނުކޮށް ކައިވެނި ކުރުމެވެ. އެހެން ކަމުން ނާދިޔާމެން ބުނި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ މީހުން އެއްބަސް ވިއެވެ. އެންމެ ފަހުން ޒައިނާއާ އަޒްމަން ނިންމީ އަދާއަށް އަހަރު ފުރޭ ދުވަހު ކައިވެނި ކުރުމަށެވެ.
ޒައިނާގެ ކައިވެނީގެ ކަންތައް ހަމަ ޖެހުމުން ނަޝީލާއާ ވަސީމް ބޭނުން ވީ ވީހާވެސް އަވަހަކަށް ނިހާންއާ ދައުހާގެ ކައިވެނީގެ ކަންތައްވެސް ނިންމާށެވެ. އެހެން ކަމުން، ޖެހިގެން އައި ދުވަހު ދައުހާއަށްވެސް އަންގާނުލާ ވަސީމްގެ އާއިލާ އެކީ ދައުހާމެން ގެޔަށް ދިޔައީ އަމީރާއާ ފާއިޒްއާ ބައްދަލުކޮށް ކައިވެނީގެ ވާހަކަ ދައްކާށެވެ.
ކުރީރޭ ދައުހާއާ ނިހާންގެ ވާހަކަ އަމީރާ ފާއިޒް ގާތު ބުނުމުން ފުރަތަމަ ފާއިޒްއަށް އެ ގުޅުމަށް އެއްބަސް ވާން އުނދަގޫ ވި ނަމަވެސް ނިހާންއާ، އެ އާއިލާގެ ވާހަކަ އަމީރާ ބުނުމުން ފާއިޒް ދެކޮޅެއް ނުހަދައެވެ. އަމީރާއެކޭ އެއްގޮތަށް ނަޝީލާއާ ވަސީމްއަށް ފާއިޒް އިތުބާރު ކުރެއެވެ. އަދި އެ ދެމަފިރިންގެ ދަރިންނަކީ ރަނގަޅު ކުދިން ކަމުގައި ހިތުގެ އަޑިން ގަބޫލު ކުރެއެވެ.
އަންގާވެސް ނުލާ އެންމެން އައުމުން ހައިރާން ވެފައި އިން އަމީރާ ދައުހާއާ ދުންޔާއަށް ގޮވާފައި އެދުނީ، ނަޝީލާމެންނަށް ސައި ތައްޔާރު ކުރުމަށެވެ.
“ދެން ބުނެބަލަ، ކުއްލިއަކަށް އެންމެން އެކީ އަންނަން ޖެހުނީ މާ ބޮޑު ކަމެއް އޮވެގެންތަ؟” އަމީރާ އަހާލިއެވެ.
“އާނ އަމީރައްތާ. އަހަރުމެން މި އައީ ދައު ބަލާ. އަހަރުން ގޭ ކުއްޖަކަށް ހަދައިގެން ދައު ގެންދަން ބޭނުން ވާތީ. އެކަމަކު ގެންދިޔުމުގެ ކުރިން އެބަ ޖެހޭ ވިއްޔަ އަމީރައްތައާ ފާއިޒްބޭގެ ހުއްދަ ހޯދަން” އަމީރާގެ ސުވާލަށް ޖަވާބު ދިނީ ޒައިނާއެވެ.
ބަދިގޭގައި ސައި ހަދަން އުޅުނު ދައުހާ އެ ވާހަކަތައް އަޑު އިވުމުން ރަކިވެފައި ހުރެވެސް ޒައިނާއާ ދިމާއަށް ލޯ އަޅާލިއެވެ.
“ހަމަ ގެންދަން ވީ. ކުރަން ޖެހޭ ކަންތައް ކޮށް ނިމޭ އިރަށް ގެންދަންވީ. ދޯ ދައު؟” އަމީރާ ބުންޏެވެ.
“ފުރަތަމަ އަމީރާ އެހެން ބުނި ވަގުތު އިރުކޮޅަކަށް ފަސް ޖެހުނަސް އަހަރެންވެސް ގަބޫލު ކުރަން އަހަރެންގެ ދަރިފުޅަށް ނިހާންއަށް ވުރެ ވަކި ރަނގަޅު ފިރިހެން ކުއްޖަކު ނުލިބޭނެ ކަން. ދައުހާ ވަރަށް ނަސީބު ގަދަ ވީމަ ނަޝީލާއާ ވަސީމްގެ ދަރިއަކާ ދައުހާގެ ކައިވެނި ކުރެވެން މި އުޅެނީ. ދެ ކުދިން ބުނާ ދުވަހަކުން ކައިވެނީގެ ހުރިހާ ކަމެއް ކޮށްދޭން ތައްޔާރަށް ބައްޕަ މިހިރީ” އަމީރާ ކައިރީ އިން ފާއިޒް ތެދުވެގެން ގޮސް ނިހާން ކައިރީ އިށީނދެ، ވާން އުޅޭ ދަނބި ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ.
ނިހާން އެއްޗެއް ނުބުނެ ހިނި އައިސްފައި ދައުހާއަށް ބަލާލިއެވެ.
“އޯހ… ދެން ދޮންބެއާ ދައުގެ އިންތިޒާރުވެސް ނިމުނީ ދޯ” ސަމާސާ ހުސްނުވާ ރިޔާން ނިހާންއާ ދައުހާއާ ދިމާކޮށްލިއެވެ.
އެއާއެކު އެންމެން ހީގަތެވެ.
އިރު އޮއްސެން އުޅެނިކޮށް ނަޝީލާމެން އެ ގެއިން ނިކުތީ އެއްމަސް ފަހުން ނިހާންއާ ދައުހާގެ ކައިވެނި ކުރަން ނިންމާފައެވެ. ދެން ހުރި ކަންތައްތައް ނިންމަން ނިހާންއާ ދައުހާގެ އަތްމައްޗަށް ދޫކޮށްފައެވެ.
ނިހާން ނިކުތީ އެރޭ އިޝާ ނަމާދުގެ ފަހުން އަންނާނެ ކަމަށް ދައުހާ ގާތު ބުނެފައެވެ.
އެ ދުވަސްކޮޅަކީ ގޭ ތެރޭގައި އަބަދުވެސް ކޮންމެވެސް ސަކަރާތެއް އޮންނަ ދުވަސްކޮޅަކަށް ވިއެވެ. ހޫރިޔާ އަންނަ ދުވަހެއް ވިއްޔާ އޮންނަނީ ބަލިވެ އިނުމާ، ވިހެއުމާ ބެހޭ ގޮތުން ނަބާހާއާ ސުވާލު ކުރުމެވެ. ސިދްރާ އަންނަ ފަހަރެއް ވިއްޔާ ގިނަ ފަހަރު ސިދްރާވެސް އެ ވާހަކައިގައި ބައިވެރިވެއެވެ. ޒައިނާއާ ދައުހާގެ މެދުގައި އޮންނަނީ ކައިވެނީގެ ކަންތައް ރާވާނެ ގޮތުގެ މަޝްވަރާއެވެ. އެ ވާހަކަ ދެކެވޭ ދުވަސްތަކުގައި ޒައިނާ އާރާއަށް ގުޅައިގެން ގެނެސް އެ ކަންތަކުގައި އާރާވެސް ބައިވެރި ކުރެއެވެ. ނިހާންއާ އަޒްމަންވެސް ކައިވެނީގެ ކަންތައް ރޭވުން ދޫކޮށްލައިގެން ތިބީ ދައުހާއާ ޒައިނާގެ އަތްމައްޗަށެވެ.
ގޭތެރެއިން ފެންނަމުން ދިޔަ އުފާވެރި މާހައުލު ފެނިފައި ނަޝީލާއާ ވަސީމް ތިބެނީ އުފަލުންނެވެ. ކުދިންގެ އުފަލަށް ވުރެ ބޮޑު ކަމެއް އެމީހުންނަކަށް ނުވެއެވެ. ނަބާހާއާ ހޫރިޔާ ވިހަން ކައިރި ވާތީ ނަޝީލާ އެ ކުދިންނަށް ކޮންމެ ކަމެއްގައި އެހީ ވަމުން ދިޔައެވެ. ހޫރިޔާއާ އަޔާޒް ދުރުގައި އުޅޭތީ އެކަމާ ނަޝީލާ ވަރަށް ދެރަވެއެވެ. ނަމަވެސް ދުރުގައި އުޅުނަސް އެއްވެސް ކަމެއްގައި ނަޝީލާ ހޫރިޔާއާ މެދު ފަރުވާ ކުޑައެއް ނުކުރެއެވެ. ޒިދުނާއާ ޒައިނާ ވިހޭ އިރު ކަންތައް ކޮށްދިން ހެން ނަބާހާއާ ހޫރިޔާއަށްވެސް ކަންތައް ކޮށްދޭން ނަޝީލާ ބޭނުން ވެއެވެ.
އަޒްމަން އައި އިރު ދައުހާއާ ޒައިނާ ތިބީ ދައުހާއާ ނިހާންގެ ކައިވެނީގެ އެންމެ ފަހުގެ ކަންތައް ނިންމާށެވެ. ކައިވެނި ކުރެވެން ހަފްތާއަކަށް ވެފައި ވީ އިރު ހުރިހާ ކަމެއްހެން އޮތީ ނިމިފައެވެ.
ބާރަ ޖަހަން ދެން ވާހަކަ ދައްކަން ތިބެފައި އަޒްމަން ދާން ނިކުތުމުން ޒައިނާ އަޒްމަންއާ އެކު ބޭރަށް ނިކުތެވެ.
“މި އަންނަ ވީކް ވަރަށް ބިޒީ ވާނެ. ހިއެއް ނުވޭ އާދެވޭނެ ހެންނެއް” ބޭރަށް ނިކުމެފައި އަޒްމަން ބުންޏެވެ.
“އަންނަ ވީކް ނިމުނީމަ އާދެވޭނެއެއްނު. އެހާ ކަންބޮޑު ވާކަށް ނުވާނެ” ޒައިނާ ބުންޏެވެ.
“މިރޭ ނުވޭ ދާ ހިތެއް” ޒައިނާއާ ވަކިވާ ހިތް ނުވެފައި ހުރި އަޒްމަން ޒައިނާގެ އަތުގައި ހިފާލިއެވެ.
“އެހެން ވިއްޔާ މަޑު ކުރޭ. އެކަމަކު އަޒްމަން ނިދަން ޖެހޭނީ ސިޓިންގްރޫމް ސޯފާގަ. އެ ގޮތް އަޒްމަންއަށް ރަނގަޅިއްޔާ މަޑު ކުރިޔަސް އަހަރެންގެ މައްސަލައެއް ނެތް” ޒައިނާ ބުނެލީ ސަމާސާ ރާގަކަށެވެ.
“މަޑު ކުރަންޏާ ޒައިގެ ކޮޓަރީގަ އޮންނާނީ” އަޒްމަން ޒައިނާގެ އަތަށް ދަމާލަމުން ޒައިނާ ގެނެސް މޭގައި ޖައްސާލިއެވެ.
“އަޒްމަން…” ޒައިނާ އަޒްމަންގެ މޭގައި އަތް ޖައްސާލަމުން ދުރަށް ޖެހިލަން އުޅުނެވެ.
ނަމަވެސް އަޒްމަން ޒައިނާ ކައިރި ކޮށްލަމުން ދެ ފަރާތަށް ބަލާލާފައި އަވަސްއަވަހަށް ޒައިނާގެ ތުންފަތުގައި ލުއިކޮށް ބޮސްދިނުމަށް ފަހު ދޫކޮށްލިއެވެ.
“ދެން އަޒްމަން!” ވަށައިގެން ބަލާލަމުން ޒައިނާ ގޮވާލިއެވެ.
“މިހާރު ދެން އަޒްމަންއޭ ކިޔާފަ ދުރަށް ދާން އުޅުނަސް އަހަރެން ދުރަށް ދާން އުޅުނަސް ދިޔަނުދީ ހިފަހައްޓާނެ ދުވަހެއް އަންނާނެ އިނގޭ” ހިނި އައިސްފައި އަޒްމަން ޒައިނާއާ ދިމާކޮށްލިއެވެ.
“އާއެކޭ، އެ ދުވަސް އައިމަ ދުލެއް ނުކުރާނަމޭ” ދެރަ ނުވާން ވެގެން އެހެން ބުނެލި ނަމަވެސް އަޒްމަންގެ ޖުމްލައާ އެކު ޒައިނާގެ މޫނަށް ވެރިވި ލަދުވެތިކަމުގެ ރަތްކުލަ އަޒްމަންއަށް ފެނުނެވެ.
“އޯކޭ. އެ ދުވަހަކަށް އަހަރެން ވެއިޓް ކުރާނަން. މިރެއަށް ދެން ގުޑް ނައިޓް!” ޒައިނާގެ އަތުގައި ހިފާ ފިތާލާފައި އަޒްމަން ކާރަށް އެރިއެވެ.
އަޒްމަންގެ ކާރު އަނެއް މަގަށް އަޅާލަން ދެން ބަލަން ހުރެފައި ޒައިނާ ގެޔަށް ވަން އިރު އެ މަންޒަރު ބަލަން އިތުރު މީހަކު ހުރި ކަމެއް ޒައިނާއަކަށް ނޭނގެއެވެ.
ޒައިނާ ގެޔަށް ވަނުމުން އިޔާދު ހިފަހައްޓއިގެން ހުރި ދޮރުފޮތިގަނޑުން ދޫކޮށްލާފައި ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. އޭރުވެސް އިޔާދުގެ ދެ އަތުގެ އިނގިލިތައް ހުރީ، އަޒްމަންއާ ޒައިނާގެ މެދުގައި ހޭދަވި ވަގުތުކޮޅުގެ މަންޒަރު ފެނުނު ވަގުތު މުށްކަވާލެވުނު ގޮތަށެވެ. އެ ހުރިހާ އިރު ހިތަށް ވެރިވެފައިވި ރުޅިގަނޑު އިޔާދުއަކަށް އިތުރަކަށް ނުހިފެހެއްޓުނެވެ.
ޑްރެސިންގްޓޭބަލް މަތީ ހުރި ހުރިހާ އެއްޗެއް އަތުން ޖަހާ މުޅި ކޮޓަރިތެރެއަށް އުކާލުމާއެކު ލޯގަނޑުގައި ޖަހާ ލޯގަނޑުވެސް ތަޅާލިއެވެ. ދެންވެސް ރުޅި މަޑު ނުވުމުން ދެ އަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާލަމުން އެނދަށް ވެއްޓިގަތެވެ. ލޯމަރާލުމާއެކު ސިފަވެގެން ދިޔައީ ދެންމެ ފެނުނު މަންޒަރެވެ.
އެ ހުރިހާ ދުވަހު ހިތް ބުނެދޭން މަސައްކަތް ކުރަމުން ދިޔަ ހަގީގަތާ އިޔާދުއަށް އެރޭ ކުރިމަތިލާން މަޖުބޫރުވީ އެރޭ ފެނުނު މަންޒަރުގެ ސަބަބުންނެވެ. ޒައިނާ ވިހައިގެން ގެޔަށް އައި ދުވަހުން ފެށިގެން އަމިއްލަ ނަފްސަށްވެސް ސިއްރުން ޒައިނާއަށް އިޔާދު ފާރަލަމުން އައީ އެ ސަބަބާ ހެދިއެވެ. އެ ކުޑަކުޑަ މައުސޫމް ކުއްޖާ ދެކިލުމަށް ހިތް އެދެމުން ދިޔައީ އެހެންވެއެވެ. ޒައިނާއާ ވާހަކަ ދައްކާ، ކުރެވުނު ކުށަށް މާފަށް އެދެން ބޭނުން ވަނީ އެހެންވެއެވެ. މަގުމަތިން ޒައިނާއާ ފެނިގެން ޒައިނާއާ ވާހަކަ ދައްކަން މަސައްކަތް ކުރި ދުވަހު ޒައިނާގެ ލޮލުން އިޔާދުއަށް ޓަކާ ވާ ނަފްރަތު ފެނި، ގެޔަށް އައިސް އެ ޚިޔާލުތަކާ ދުރަށް ދާން އެހީއަކަށް ބޭނުން ކުރަން ނެގި އެއްޗެހި ދެކެ ވީ ފޫހިން އެ ދުވަހުން ފެށިގެން މަސްތުވާ އެއްޗެއްސާ ދުރު ވެވުނީވެސް ހަމައެކަނި ޒައިނާގެ ސަބަބުން ކަން އިޔާދުއަށް ވިސްނުނެވެ.
އާނއެކެވެ. އިޔާދުއަށް ޒައިނާ ދެކެ ލޯބި ވެވުނީއެވެ. އެ އިހުސާސް އިޔާދުގެ ހިތުގައި ހިނގާލީ ފުރަތަމަ އަދާ ފެނުނު ދުވަހުއެވެ. ދުނިޔޭގެ ކުރިމަތީ ދެކޮޅު ހެދި ނަމަވެސް އެއީ އިޔާދުގެ ދަރިއެއް ކަން އިޔާދު ހިތުން ގަބޫލު ކުރެއެވެ. ޒައިނާއަށް، އަދި ޒައިނާގެ ޒަރީޢާއިން އެ ގޭ މީހުންނަށް އިޔާދުގެ ފަރާތުން ދެރައެއް ދެވުނީތީ އެކަމާ ފަޚުރުވެރި ވެވޭނެ ކަމުގައި އިޔާދު ހީކުރިއެވެ. ނަމަވެސް ވީ އެހެންނެއް ނޫނެވެ. ފުރަތަމަ ފަހަރަށް އެ ކުށެއް ނެތް ތުއްތު ކުއްޖާ ފެނުނު ދުވަހުން ފެށިގެން އަމިއްލަ ނަފްސަށްވެސް އިޔާދުއަށް އައީ ނަފްރަތު ކުރެވެމުންނެވެ. ހަމަ އެއާއެކު ޒައިނާއާމެދު އިޔާދުގެ ހިތުގައި އުފެދުނު އިހުސާސް ދިޔައީ ވަރުގަދަ ވަމުންނެވެ. އެ ލޯބި ދިޔައީ ފުންވަމުންނެވެ.
އެރޭ އަޒްމަންއާ އެކު ޒައިނާ ފެނުމުން އިޔާދުގެ ހިތަށް ތަދުވަމުން ދަނީ އިންތިހާއަށެވެ. އެ ހަގީގަތާ ދެކޮޅު ހަދަން ބޭނުން ވި ނަމަވެސް ދެކޮޅު ނުހެދޭނެ ވަރަށެވެ. މޭގައި އަތް ޖައްސާލައިގެން އޮތް އިޔާދު އެނދުން ތެދުވެގެން ކޮޓަރިން ނިކުމެ ގައިގައި ހުރި ބާރަކާއެކު ދޮރު ލައްޕާފައި ގެއިން ނިކުމެގެން ގޮސް ސައިކަލަށް އަރާ ދުއްވާލިއެވެ.
ހޮޑުލެވިލެވި ވަރުބަލި ވެގެން ގޮސް އަސަދުގެ އަތްމަތީ ނިދިފައި އޮތް ޝަނާޒްއަށް ހޭލެވުނީ އެ އަޑަށެވެ. ޝަނާޒް ތެޅިލުމާއެކު އަސަދުވެސް ހޭލިއެވެ.
“އަނެއްކާވެސް ހޮޑު ލަވަނީތަ؟” ޝަނާޒް ތެދުވަން އުޅުމުން އަސަދު ޝަނާޒްއަށް އެހީވިއެވެ.
“ނޫން…” އިށީނދެފައި ޝަނާޒް ބުންޏެވެ.
“އެއްޗެއް ކާލަން ވީ ދޯ؟” އަސަދު އަހާލިއެވެ.
“ކާ ހިތެއް ނެތް، އެކަމަކު ވަރަށް ބަނޑުހައި ވޭ އެބަ” ޝަނާޒް މޫނަށް ވައްތަރެއް ޖައްސާލިއެވެ.
“ކާ ހިތް ނުވިޔަސް ކޮންމެސް އެއްޗެއް ކެވޭތޯ ބަލަން ވާނެއެއްނު؟” ޝަނާޒްގެ މޫނުމައްޗަށް ފައިބާފައި ހުރި އިސްތަށިތައް ކަންފަތް ކައިރީ އަޅުވާލަމުން އަސަދު ބުންޏެވެ.
“އިހަށް އިޔާއަށް ވީ ގޮތެއް ބަލާލަބަލަ. ކޮންމެސް ކަމަކާ ހިތް ހަމަ ނުޖެހިގެން ކޮޓަރީގެ ދޮރު އެހާ ބާރަށް އެ ޖެހީ” ފަހަކަށް އައިސް އިޔާދުއަށް އަންނަމުން ދިޔަ ބަދަލު ފާހަގަ ކުރެވިފައި ވާތީ އިޔާދުއާ މެދު ޝަނާޒް ކަންބޮޑުވިއެވެ.
ބޯ ޖަހާލާފައި އަސަދު ތެދުވިއެވެ.
ބޭރަށް ނިކުމެފައި ފަސް ވަރަކަށް މިނަޓް ތެރޭ އަސަދު އަނެއްކާވެސް ކޮޓަރިއަށް ވަނީ ހުސް ޕާން ފޮއްޗަކާ އެކު ސޯސްކޮޅެއް ތައްޓަކަށް އަޅައިގެންނެވެ.
“އިޔާދު ނެތް ގެޔަކު. ބޭރަށް ދިޔައީ ކަންނޭނގެ” ޝަނާޒް ކައިރީ އިށީންނަމުން އަސަދު ބުންޏެވެ.
ޝަނާޒް އެއަށް ޖަވާބެއް ނުދީ ޕާންކޮޅެއް ސޯސް ކޮޅަކާ ޖައްސައިގެން ކާލިއެވެ. ހިތްވަރު ކޮށްގެންވެސް ޝަނާޒްއަށް ކެވުނީ ޕާން ފޮއްޗެއްގެ އެއްބައެވެ. ފެންފޮދެއް ބޯލުމާއެކު އަނގަމަތީ އަތް އަޅާލަމުން ޝަނާޒް އޯކަށް ދެމުނެވެ.
ޝަނާޒް ނިމެންދެން ޝަނާޒްގެ ގައިގައި ހިފަހައްޓަލައިގެން ހުރި އަސަދު ފާހާނާއިން ނިކުތީ ދެ އަތް މައްޗަށް ޝަނާޒް ނަގައިގެންނެވެ.
“އަހަރެން ހިތަށް އަރާ މި ވަރުންވެސް މީހުން ކިހިނެއް ބާއޭ ހަ ކުދިން ހަތް ކުދިން ހޯދަނީ…؟” އެނދުގައި ހަމަ ޖެހިލަމުން ޝަކުވާގެ ރާގަކަށް ޝަނާޒް ބުނެލިއެވެ.
“ޝަނާ ހާދަ މޮޔައޭ ދޯ؟ ބަލިވެ އިނުމާ ހަމައަށް ދަނީ ކިހިނެއްތަ؟ ބަލިވެ އިނުމާ ވިހެއުން އެހާ އުނދަގޫ ކަމަކަށް ވާ އިރުވެސް ޕޮޕިއުލޭޝަން އިތުރު ވަނީ އެހެން ވީމައެއްނު؟” ހުނުމަކާއެކު އަސަދު ބުނެލިއެވެ. އެއާއެކު ޝަނާޒް އަސަދުގެ ކޮނޑުގައި ޖަހާލިއެވެ.
“އަސަދުމެންނަށް ވަރަށް މަޖާ ވާނެ” ޝަނާޒް ތުން ދަމާލިއެވެ.
އަސަދު އަނެއްކާވެސް ބާރަށް ހީގަތެވެ. ދެންވެސް ޝަނާޒް އަސަދުގެ އަތުގައި ޖެހުމުން އަސަދު ޝަނާޒްއާ ކައިރި ވެލާފައި ލޯބިން ބައްދާލިއެވެ.
”އައިމް ސޮރީ” ޝަނާޒްގެ ބަނޑުގައި ފިރުމާލަމުން އަސަދު ބުންޏެވެ.
“ޕްރޮމިސް ކުރޭ އަހަރެން އިސްވެ ނުބުނަނީސް ދެވަނަ ކުއްޖެއް ހޯދާ ވާހަކަ ނުދައްކާނަން ކަމަށް” ޝަނާޒް ބުންޏެވެ.
“ޕްރޮމިސް” އެ ވަޢުދާއެކު އަސަދު ޝަނާޒްގެ ތުންފަތުގައި ބޮސްދިނެވެ.
ކައިވެންޏަށް ތައްޔާރު ވެގެން އިން ދައުހާ ކައިރީގައި ޒައިނާ ހުރި އިރު އިރުއިރުކޮޅާ ދައުހާއާ ދިމާކޮށްލުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ބުނެލައެވެ. ދައުހާ ރަކިވެފައި އިނދެވެސް ޒައިނާ ބުނާ ކޮންމެ އެއްޗަކަށް ޖަވާބު ދެމުން ދިޔައެވެ.
“ހިނގާ” އެ ކުދިން ތިބި ކޮޓަރީގެ ދޮރު ހުޅުވާލާފައި އަމީރާއާ ނަޝީލާ ވަނެވެ.
“ދާން ވީތަ؟” ދައުހާއަށް އަހާލެވުނެވެ.
“މިއޮއް ހުރިހާ ދުވަހު މި ދުވަސް ނައިސްގެން ކެތް މަދުވެފަ އިން ކުއްޖާ މިއަދު އެ އުޅެނީ ބިރުން” އަނެއްކާވެސް ޒައިނާ ދިމާ ކޮށްލިއެވެ.
“ދެން ޒައި!” ޒައިނާ ގައިގައި ވިކާލަމުން ދައުހާ ބުންޏެވެ.
“އައޫ…” ޒައިނާ އަތުގައި ފިރުމާލަމުން އަޑެއް ލައްވާލިއެވެ.
ދައުހާމެން ބޭރަށް ނިކުތް އިރު އަޒްމަންއާ، ހުރިހާ ފިރިހެން ކޮއްކޮމެންނާ ވާހަކަ ދައްކަން ހުރި ނިހާން ފެނުމުން ދައުހާއަށް އެ ދިމާއަށް ބަލަން ހުރެވުނެވެ.
ހުދު ގަމީހާ، ކަޅު ފަޓްލޫނާއެކު މަޑު ނޫ ކުލައިގެ ޓައީއެއް އަޅައިގެން ހުރި ނިހާން ފެނުމުން ދައުހާގެ ވިންދު އަވަސް ވެލިއެވެ. އެ ރެއަކީ ގާތްގަނޑަކަށް ތިން އަހަރު ވަންދެން ދައުހާ ކުރި އިންތިޒާރު ނިމޭނެ ރެއެވެ. އެހެން ހިތަށް އެރުމާއެކު ދައުހާއަށް ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.
ނިހާންއާ ދިމާއަށް ދައުހާ ބަލަން ހުއްޓާ ނިހާންވެސް ދައުހާއަށް ބަލާލިއެވެ. ހީލަމުން އަތުގައި އޮތް ފޯނު ދައުހާއަށް ދައްކާލާފައި ނިހާން ދައުހާއަށް މެސެޖެއް ކޮށްލިއެވެ.
އަވަސްއަވަހަށް ޒައިނާގެ އަތުގައި އޮތް ދައުހާގެ ފޯން އަތުލާފައި ދައުހާ މެސެޖް ކިޔާލިއެވެ.
“ޔޫ ލުކް ލަވްލީ! މި ހުރިހާ ކަމެއް އަވަހަށް ނިމި ދައުއާ އެކީ އެކަނި ވެވޭނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަން” މެސެޖް ކިޔާ ނިމުމާއެކު ދައުހާ ޖަވާބު ފޮނުވާލިއެވެ.
“ދެން ނެތް ގިނަ އިރެއް، ކެތް ކޮށްލާ…”
ދައުހާގެ މެސެޖް ކިޔާފައި ނިހާން ދައުހާއާ ދިމާއަށް ބަލާލިއެވެ. ނަޝީލާ ބުނި ކޮންމެވެސް އެއްޗަކަށް ޖަވާބު ދޭން ހުރި ދައުހާގެ ފައިން ފެށިގެން ބޮލާ ހަމައަށް ނިހާން ބަލާލިއެވެ. ސެޓިން އާ ލޭސް ފޮތިން މާ ބޮޑު ގޮތެއް ހަދާފައި ނުވާ ހުދު ކުލައިގެ ވެޑިންގް ޑްރެސްގައި ދައުހާ ހުރި އިރު ދައުހާގެ ރީތިކަން އެތައް ގުނައެއް އިތުރު ވެފައި ވެއެވެ. ކަރުގައި ރިހި ކުލައިގެ ހިމަ ފަށަކާއި، ކަންފަތުގައި ހުދު އެހެއް ވިދަވިދާ ހުރި އިރު، އަތުގައި އަޅާފައި އޮތީ ހިމަ ކެވެލިކޮޅެކެވެ.
އެންމެންނާ ވަކިން ދައުހާއާ ކައިރި ވެވޭނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ނިހާންގެ ހިތަށް އެކިއެކި ޚިޔާލުތައް އަންނަން ފެށިއެވެ.
“ދޮންބޭ…؟” ނަވާޒް އައިސް ނިހާންގެ ކޮނޑުގައި ޖަހާލީ، ދައުހާއަށް ބަލަން ނިހާން ހުރި ގޮތުންނެވެ.
ލޯ މަރާލަމުން ނިހާން ދެ ފަރާތަށް ބޯ ހަލުވާލީ ހިތަށް ސިފަވަމުން ދިޔަ ޚިޔާލުތައް ފޮހެލާށެވެ.
“ޑްރީމިންގް އެބައުޓް ޓުނައިޓް؟” ނަވާޒް ހީވީ ނިހާންގެ ހިތުގައި ވާ އެއްޗެއް އެނގިގެން އަހާލި ހެންނެވެ.
ނިހާން ޖަވާބެއް ނުދީ ހީލިއެވެ.
“އޯކޭ، ޑްރީމްވެސް ކުރެވޭނެ ދޯ ދެން…” ހީގަންނަމުން ނަވާޒް ދިމާކޮށްލިއެވެ.
“ސަކަރާތް ޖަހަން ނޫޅޭ” ނިހާން ބުންޏެވެ.
ނިހާންއާ ދައުހާއަށް އެކަނި ވެލެވުނީ އޭގެ ހަތަރު ގަޑި އިރު ފަހުންނެވެ. ވަރުބަލި ވެފައި ތިބި ނަމަވެސް އެކަން އެކަކުގެ ހިތަކުވެސް ނެތެވެ. ދެ މީހުންވެސް ބޭނުން ވީ ވިހާވެސް ގާތްވެ، ދެ ހިތުގައި ވީ ލޯބި އެކަކު އަނެކަކާ ހިއްސާ ކުރާށެވެ. ލޯބީގެ ބަސްތަކާއެކުއެވެ. އަމަލުން އެ ލޯބި ހާމަ ކުރުމުގައި މުޅި އެރޭ ހޭދަ ކުރާށެވެ.
ނުނިމޭ
13 Comments!
Comments are closed.
haadha dhigu inthizaare kohfeemey…. thanks
V sorry for the late upload. 2 vandhen kids ge online classes onnaathy eyge kurin vaahakaige ehves kamakaa noolheveythy upload kurun las vany. N mi bai thankolheh kuru vaane, but next bai dhigu kohleveytho balaanan. Next part on Thursday. Pls comment and like ingey. ❤️❤️❤️❤️❤️
waiting and waiting?
Varah varah reethi mi part vx….waiting for the nxt part….
Wow….varah reethi mi part vs……..
Varah reethi mi part vx….waiting for nxt part…n take care…
Woww Hama varah reethi mi part ves….. Waiting for the next part ?❤️❤️?
Salhi ingey ???
Kobaa thr miadhuge part??
Miadhuge part kobaa?
mihaaru haadha lahey vaahaka up kohla dheyne… thihen nuhadhaa pls pls
Kihaa dhera kamehnu avahah upkohbala kiyaa hithunney miulheny eves meehaku kiyaahithun ulheythy avahah nunwrevigen eulheny nerifa bunaane mathi omaan kuran sorry ey kykey bunany mikamàdheytherey
Thank u everyone for reading and the comments.