
މިހިތުންނުފިލާނޭ…..
އާދައިގެ މަތިން މިއަދުވެސް ޒީނާ ދިޔައީ އޭނާގެ ދޮށީ ދަރިފުޅު ރީހާގެ ސުކޫލް ގަޑި ނިމޭތީ އޭނާ ބަލައެވެ. ރީހާ އުޅެނީ ގްރޭޑް ދޭއްގައެވެ. ޒީނާ ސްކޫލް ދޮށަށް ދިޔައީ އޭނާގެ ހަގު ދަރިފުޅު ރީމާ ގޭގައި ބަހައްޓާފައެވެ. ރީމާގެ އުމުރުން އަދި ވީ އެންމެ ތިން އަހަރެވެ. ޒީނާގެ ފިރިމީހާ މަސައްކަތްކުރަނީ މާލެކައިރި ރިސޯޓެއްގައި ކަމުން ދެކުދިންގެ ހުރިހާ ކަމެއްހެން ކުރަމުން ދަނީ ޒީނާއެވެ. ޒީނާގެ މަންމަ ހައްވަ އުޅެނީ އެމީހުންގެ މުސްކުޅިގޭގައެވެ. ނަމަވެސް ވަރަށް ގިނައިން ޒީނާ އުޅޭގެއަށް ދެއެވެ.ހައްވަގެ ދިހަ ކުދިން ތިބޭއިރު ޒީނާއަކީ އެންމެ ހަގު ދަރިފުޅެވެ. ހައްވަގެ ލޮލުގެ ނޫރެވެ.ހިތުގެ ފިނިކަމެވެ. ޒީނާ އަކީ ވަރަށްވެސް ރީތި ދޮން މީހެކެވެ. އޭނާ ކައިވެނި ކޮށްގެން ވަކިން އުޅެން ބޭނުންވީ އެއްބަނޑު ކުދިން އެއްގެއެއްގައި އުޅޭނަމަ މައްސަލަ ބޮޑުވާނެތީއެވެ.އަދި އޭނާގެ މިނިވަންކަމަށް ބުރޫ އަރާނެތީއެވެ.އެހެންކަމުން ކުޑަ އަގަކަށް އެއް ކޮޓަރިއާއި ބަދިގެއެއް ހުރި އޭނާގެ ތިމާގެ މީހެއްގެ ގެއަށް ބަދަލުވީއެވެ. ޒީނާގެ މިހާރުގެ ފިރިމީހާ ޒީނާއާއި ބަލައިފައި ރީތި ނުވިނަމަވެސް އޭނައާއި އެކީ ޒީނާ އުޅެން ބޭނުންވީ އޭނަ ޒީނާދެކެ ވާލޮތްބެއްގެ ބޮޑުކަމުންނެވެ. ދެމީހުން ފޯނުން ދިމާވެ ކައިވެނި ކުރަން ބޭނުންވި އިރުގައިވެސް ހަސަނަކީ އެހާ ކަޅު މީހެއްކަމެއް ޒީނާއަކަށް ނޭނގެއެވެ. ޒީނާއަކީ ރީތިކަމަށް ވަރަށްވެސް ލޯބިކުރާމީހެކެވެ. މުޅި ހިރިލަންދޫގައިވެސް ރީތިކަމަށް މަޝްހޫރުމީހެކެވެ. ޒީނާއަކީ ފިރިހެނުންނާއި އެކީ ވަރަށްވެސް ބޮޑަށް ގުޅުން ބާއްވާ މީހަކަށްވިނަމަވެސް އެއްވެސް މީހަކު ޒީނާއާއިއެކު ކައިވެންޏާއި ހަމައަށް ދާކަށް ބޭނުމެއް ނުވެއެވެ. އެންމެންވެސް ބޭނުންވަނީ ވަގުތީ އުފަލެވެ. އެހެންކަމުން ޒީނާއަށްވުރެ ދިހައަހަރު ދޮށީ ހަސަނާއި ކައިވެނި ކުރީއެވެ. ހަސަނަކީ އައްޑުއަތޮޅު މީހެކެވެ.
ރީހާ ގޮވައިގެން އަވަހަށް ގެއަށް މިސްރާބްޖެހި ޒީނާއަށް ފަހަތް ބަލައިލެވުނީ ޒީނާއާއި ދިމާއަށް މީހަކު ބަލާހެން ހީވާތީއެވެ. ޒީނާގެ މެއަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސާލިހެންނެވެ. ޒީނާއާއި އަރާހަމަކުރީ ޒީނާގެ ކުޑައިރުގެ ލޯބިވެރިޔާ އަހުމަދު އަކުރަމް އެވެ. ޒީނާ ލޯބިން ކިޔާނަމުންނަމަ “އަންމު” އެވެ. ގްރޭޑް 7ގައި އެއްކުލާހުގައި އުޅުމަށްފަހު އަހުމަދު ގެއްލުނީއެވެ. އަހުމަދަކީ ވިލިފުށީ މީހެކެވެ. އެއިރަކީ މޯބައިލް ފޯން ހުންނަ ޒަމާނަކަށް ނުވުމާއިއެކު ވާހަކަދެއްކޭނެ ގޮތެއްނެތެވެ. ލަދުރަކި ހިނިތުންވުމެއް އަހުމަދުއަށް ރައްދުކުރުމަށްފަހު އަވަހަށް ގެއަށް ދިޔައީ މަގުމަތީގައި މީހުން ގިނަކަމުންނެވެ. އެކިހިޔާލުތަކުގައި ހުރެ ދެކުދިންނަށް ބަތާއި ގަރުދިޔަ ކާން ދިނުމަށްފަހު އެނދުގައި އޮށޯއްވެލީ މާޒީގެ އެފޮނިފޮނިހަނދާންތައް އާކޮށްލުމަށެވެ. އަހުމަދަކީ ޒީނާގެ ފުރަތަމަ ލޮތްބެވެ. ދެމީހުން ސުކޫލްގައި އުޅުނު އިރު އުޅުނީ ރައްޓެހިވެގެންނެވެ. އަހުމަދު އެރަށަށް ކިޔަވަން އައިސްހުރީ އޭނަގެ މަންމަމެންގެ ރައްޓެއްސެއްގެ ގޭގައެވެ.
ޒީނާ ސްކޫލަށް ދަނީކަމަށްބުނެ އޭނަގެ މަންމަމެނަށް ވަގަށް ދަނީ އަހުމަދު އުޅޭގެއަށެވެ. އެގެއަށް ޒީނާދަނީ އަހުމަދުއުޅޭގޭ މީހުނަށްވެސް ނޭނގިއެވެ. އަހުމަދުގެ އެހީތެރިކަމާއިއެކުގައެވެ.މިދެމީހުން ސުކޫލަށްދަނީ މަދު ދުވަހަކުއެވެ. އަހުމަދުގެ ކޮޓަރީގައި ދެމީހުން އެތައް ވަގުތުތަކެއް ހޭދަކުރެއެވެ. އެކަކު އަނެކެއްގެ އުނގުތެރޭގައެވެ. ހަށިގަނޑަށް އުފަލާއި އަރާމު ހޯދުމުގައެވެ. އެތައް އަހުދަކާއި ވައުދެއް ވުމުގައެވެ.
މިހެން އުޅުމުގެ ތެރޭގައި އެއްދުވަހަކު ޒީނާގެ ބޭބެއަށް ސްކޫލް އޮފީހުން ގުޅިއެވެ. ޒީނާ މާގިނައިން ސްކޫލަށް ސަލާންބުނާތީއެވެ.ސަބަބެއް އޮޅުންފިލުވާށެވެ. ޒީނާ މުދައްރުސުން ގާތުގައި ބުނަނީ ބަލިވެގެން ނާންނަނީ ކަމުގައެވެ. އެހެން ކަމުން އޭގެ އަނެއް ދުވަހު ޒީނާގެ ބޭބެ ނިންމީ ޒީނާއަށް ފާރަލުމަށެވެ. ޒީނާ ސްކޫލަށްދާން ނިކުންނަކަން އޭނާއަށް އެނގޭތީއެވެ. ޒީނާއަށް ފާރަލަމުންގޮސް ޒީނާގޮސް ވަންނަ ކަމަށްވީ ރަށުގެ އެއްކޮޅުގައި އަތިރިމަތީ ކައިރީ ހުރި ގެއަކަށެވެ.ޒީނާ އެގެއަށް ވަނީ އެގޭ ވަލުދޮރޯށިންނެވެ. އެއިރު އެތާ ކައިރީ ޒީނާއާއި ދާދި އެއްއުމުރެއްގެ ފިރިހެން ކުއްޖެއްވެސް ހުއްޓެވެ. ނަމަވެސް ދެމީހުންވެސް އެގެއަށްވަނީ ވަރަށް ވަގުވަގަށެވެ. ވުމާއިއެކު އިރުކޮޅެއް ފަހުން ޒީނާގެ ބޭބެ ވެސް އެގެއަށް ވަނެވެ. އެއީ އޭނާވެސް ކޮންމެވެސް ވަރަކަށް ވާހަކަދައްކާއުޅޭ ދެކެފަރިތަ ބައެއްގެ ގެއެކެވެ. ވުމާއިއެކު ޒީނާގެ ބޭބެ ޒާން މާދުރުދުރުން ނުފައްޓާ ސީދާ ކަންތައްތައް އޮތްގޮތުގެ ވާހަކަ ފެއްޓިއެވެ. އެގޭ ސަރީފާބުނިގޮތުންނަމަ އޭނަގެ ކުދިންތައްވަނީ ކިޔަވާނިމިފައެވެ.އެކަން ޒައިން އަށްވެސް އެނގެއެވެ. އެއިން ކުއްޖަކާ ޒީނާއާއި ގުޅުމެއް އޮތްކަމެއް އެނގިފައެއްނެތެވެ. ދެން އެގޭގައި އުޅެނީ އޭނާގެ ރައްޓެހި ވިލިފުށީ މުހަންމަދުބެއާއި ޒުލައިހާގެ ދޮށީ ފިރިހެން ދަރިފުޅެވެ. ނަމަކީ އަހުމަދު އަކުރަމެވެ. އަހުމަދުވެސް ސްކޫލަށް ނުދާވާހަކަ ސްކުލުން އެންގި ކަމަށް ވެއެވެ. ނަމަވެސް މިއަދުވެސް އޭނަ ޔުނީފޯމް ލައިގެން ނިކުތްކަމަށް ސަރީފާ ބުންޏެވެ. އެހެންނަމަވެސް ޒާންއަށް ޝައްކުވާކަމުގައިވާނަމަ އެގެ ބެލުމަށް ބުންޏެވެ. އެހެންކަމުން ގެ ބަލަންފެށިއެވެ. އެވަގުތު ސަރީފާގެ ފިރިމީހާ ހުސެއިން މަނިކުވެސް ގެއަށް އައިސްވަނެވެ. ކޮޓަރިތައް ބަލަމުންގޮސް އަހުމަދު އުޅޭކޮޓަރީގެ ތަޅުގައި ހިފިއިރު ހުރީ ތަޅުލައިފައެވެ. އެހެންކަމުން ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ހުޅުވިއެވެ. އެއިރު އަހުމަދު އޮތީ އޮށޯވެލައިގެންނެވެ. ސަރީފާ އޭނަގާތު ސްކޫލުންއައީ ކޮންއިރަކުތޯ އެހުމުން ބުނީ އިރުކޮޅެއް ކުރިން ބޮލަށްތަދުވާތީ ގެއަށް އައީ ކަމުގައެވެ. ކޮޓަރިތެރޭން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ނަމަވެސް އެގެއިން ނިކުތުމަށްފަހު ޒީނާގެ ބޭބެއާއި ހުސައިން މަނިކު ވާހަކަދައްކަން މަޑުކޮށްލިއެވެ.އިރުކޮޅެއްފަހުން ޒީނާ ނިކުމެގެން އަންނަތަން ފެނުނެވެ. މިތަން އެންމެ ފުރަތަމަ ފެނުނީ ހުސައިން މަނިކަށެވެ. ޒީނާގެ ބޭބެ ޒައިން އަށް ދެއްކުމުން އެއީ ޒީނާކަމަށް ބުންޏެވެ.