ތަޤްދީރު 08 ވަނަ ބައި
” އަދިވެސް ޝުހާދު ނުހޭލަނީތަ؟ ” ތައުފީގް ޝުހާދުގެ ކޮޓަރިއާދިމާއަށް ބަލާލުމަށްފަހު ސަކީލާ ކުރެން އަހާލިއެވެ. ” އާން. އަދި ނުހޭލާ. ހޭލައިގެން ޝުހާދު ތައުފީގް ހެން ގޮދަޑި ހޫނު ކުރާކަށް ނޯއްނާނެ ” ސަކީލާ ހީލަމުން ބުނެލިއެވެ. ” އަންނާނަން ގޮވާފަ. މިއަދު އެންމެން އެއްކޮށް ސައި ބޯނީ ” ތައުފީގް ގޮޑިން ތެދުވަމުން ބުނެލިއެވެ. އަދި ގޮސް ޝުހާދުގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. އޭރު ޝުހާދު އަރާމު ނިންޖަކުން ނިދާލާފަ އޮތެވެ. ވިދާން ވެސް ނިދާފަ އޮތުމުން ތައުފީގް ވަރަށް މަޑުމަޑުން ގޮސް ޝުހާދުގެ މަގަތުން އެނދުގައި އިށީދެލިއެވެ. އަދި ޝުހާދުގެ ނޭފަތުގައި ހިފާ ފިއްތާލިއެވެ. އެވަގުތު ޝުހާދަށް ނޭވާލާން އުނދަގޫވެގެން އަތުން ތައުފީގްގެ އަތް ފޮޅުވާލިއެވެ. އެވަރަކަމުން ވެސް ތައުފީގް ދޫކުރާކަށް ނުހެދިއެވެ. ދެއަތުން ޝުހާދުގެ ކޮލުގައި ބާރަށް ހިފާލިއެވެ. އެވަގުތު ޝުހާދު ތަދުވެގެން ލޯ ހުޅުވާލިއެވެ. ނިދީގެ އަސަރު ހުރުމުން ރަނގަޅަށް ސާފުކޮށް ނުފެނުމުން ޝުހާދު ދެލޯ އުނގުޅަމުން ބަލާލިއެވެ. ” ބައްޕާ ” ކުރިމަތީ އިން ތައުފީގް ސާފުކޮށް ފެނުމުން ޝުހާދަށް ބުނެލެވުނެވެ. އަދި ފުއްމައިގެން ތެދުވިއެވެ. ” ބައްޕާ. ކޮންއިރަކު މާލެއައީ ” ޝުހާދު ތެދުވިގޮތަށް ތެދުވެ ތައުފީގްގެ ކޮޑުމަތިން ދެއަތް ވަށާ ބާރުކޮށް ބައްދާލަމުން ބުނެލިއެވެ. އެވަގުތު ތައުފީގް ޝުހާދުގެ ބުރަކަށީ އަތުން ފިރުމާލިއެވެ. ” އަދި މާގިނަ އިރެއް ނުވޭ މާލެ އައިތާ ” ޝުހާދު ތައުފީގާ ދުރުކޮށްލަމުން ތައުފީގް ބުނެލިއެވެ. ” ބައްޕަ މިއައީ ސައިބޯން ވެގެން ދަރިފުޅަށް ގޮވަން ” ތައުފީގް ބުނެލިއެވެ. އެއަށްފަހު އެނދުގެ އަނެއްފަރާތުގައި ނިދާފަ އޮތް ވިދާނަށް ތައުފީގް ބަލާލުމުން ޝުހާދު ވެސް ވިދާނަށް ބަލާލިއެވެ. އަދި ޝުހާދު ތައުފީގަށް ދެވަނަ ފަހަރަށް ބަލާލުމުން ތައުފީގް ޝުހާދުގެ ބޮލުގައި ފިރުމާލަމުން ހީލިއެވެ. ” ބައްޕަ ދޭ. އަހަރެން މިދަނީ ރީތިވެލައިގެން ” ގައިމަތީ އޮތް ފޮތިގަނޑު އެއްފަރާތް ކޮށްލަމުން ޝުހާދު ބުނެލިއެވެ. ” އަންނަމުން ވިދާން ވެސް ގޮވައިގެން އާދޭ ” މިހެންބުނެފަ ތައުފީގް ކޮޓަރިން ބޭރަށް ނިކުތެވެ.
” އޭތް ދާން ހޭލާބަލަ. އެބައުޅޭ ރޯވެގެން ” އަޑުގާ ހާސްވެފާ ހުރި ކަމުގެ އަސަރާއެކު ޝުހާދު ވިދާނަށް ގޮވާފަ ބުނެލިއެވެ. ” ކޮންތާކު ރޯވެގެން އުޅެނީ ” ޝުހާދު އެހެން ބުނުމުން ވިދާން ފުއްމައިގެން ތެދުވެ އަހާލިއެވެ. ވިދާން ތެދުވި ގޮތުން ޝުހާދު ގާތަށް ހިނިވެސް އައެވެ. ނަމަވެސް ވިދާނަށް އެކަން ފާހަގަ ވުމުގެ ކުރިން ހުނުން ކޮންޓްރޯލް ކޮށްލިއެވެ. ” ސާބަހޭ ދާން. ހަމަ އެއްޗެއް ބުނާއިރަށް ވޭތަ ތެޅިގަންނަން ” އެނދުން ފައިބަމުން ޝުހާދު ބުނެލިއެވެ. ” އެހެން ވިއްޔާ ޖެހޭތަ ކޮންމެހެން ދޮގު ހަދަން ” ވިދާން އަނެއްކާ ވެސް އޮށޯންނަމުން ބުނެލިއެވެ. ” ތިވަރަށް ނުވާނެ ނިދާކަށް ” ހަރުގަނޑުން ތުވާލި ނަގަމުން ޝުހާދު ބުނެލިއެވެ. ” އެހެން ވިޔަސް އަދި އިރުކޮޅަކު ނިދާލާފަ ތެދުވާނީ ” ވިދާން އެނދުގައި ހަމަ ޖެހިލަމުން ބުނެލިއެވެ. ” ބައްޕަވެސް އެބައުޅޭ ” ޝުހާދު މިހެން ބުނެލުމުން ވިދާން މަރާލައިގެން އޮތް ދެލޯ ހުޅުވާ ބޮޑުކޮށްލިއެވެ. ” އަނެއްކާ އަނެއް ދޮގު ” ދެލޯ ބޮޑުކޮށްގެން ހުރެގެން ވިދާން ތެދުވެފަ ޝުހާދަށް ބަލާލަމުން ބުނެލިއެވެ.” ފާޑަކަށް ލޯ ބޮޑުކުރިޔަސް ކުރާނެ ކަމެއް ނެތް. ބައްޕަ އެބައުޅޭ ” ވިދާން އިން ގޮތުން ހީލަމުން ޝުހާދު ބުނެލިއެވެ. ” ދެން ތިހާވަރަށް ދޮގު ނުހެދިޔަސް ޝުހާދަށް ނުވެގެން އުޅޭ ކަމެއް ވެދާނެ ކަންނޭންގެ ” ވިދާން މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ” އަހަންނެއް ނޫޅެން ކޮންމެހެން ކަމެއް ނުވެގެން. އެކަމަކު ހަމަ ރަނގަޅަށް މިބުނީ ބައްޕަ އެބައުޅޭ. ބައްޕަ އަހަރެންނަށް ގޮވާފަ އެދިޔައީ ސައި ބޯން އަންނާށޭ ކިޔާފަ. އެހެންވެ ދާންއަށް ގޮވީ ވެސް. ދެން މިއަދު ސައި ބޯން ބޭނުން ނޫންކަމަށް ވަންޏާ ނިދަން އޮވޭ. މަށަށް ވަރިހަމަ ” ޝުހާދު ދެކޮޑު އަރުވާލަމުން ބުނެލިއެވެ. ” އެހެން ވިއްޔާ ތުއި ނުދައްކާ ފާހާނާއަށް ވަދެވޭތޯ ބަލަން ދޭބަލަ ” ޝުހާދާ ދިމާއަށް ވިދާން ބުނެލިއެވެ. ” އަދި ވެސް އަހަރެން ދޯ މި ތުއި ދައްކަނީ ” ޝުހާދު ބުނެލިއެވެ. އެންމެ ރަނގަޅު. ތުއި ދައްކަމުން އަހަރެން މިދަނީ ފާހާނާއަށް ވަންނަން ” ވިދާން މިހެން ބުނެ އެނދުން ފައިބަން އުޅެން ފެށުމުން ޝުހާދު ދުވެފަ ގޮސް ފާހާނާގެ ދޮރު ހުޅުވާލިއެވެ. ” ފުރަތަމަ ހޭލީ އަހަރެން، އެހެންވީމާ ފާހާނާއަށް ވެސް ވަންނާނީ ވެސް އަހަރެން ” ޝުހާދު ބުނެލިއެވެ. ” ދެން އަވަސް ކޮށްބަލަ ” ވިދާން މިހެން ބުނެލުމުން ޝުހާދު ފާހާނާގެ ދޮރު ލައްޕާލިއެވެ.
” މި އޮތް އައީނު ދެކުދިން. ސަކީލާ ބުނާނެ އަވަހެއް ނުވާނޭ ” ކޮޓަރިން ކުރިން ޝުހާދު ނިކުތުމުން ތައުފީގް ބުނެލިއެވެ. އޭރު ޝުހާދުގެ ފަހަތުން މަޑުމަޑުން ވިދާން ނިކުތެވެ. ތައުފީގް ބަލާލުމުން ވިދާން އިސްދަށަށް ޖަހާލިއެވެ. ” އަވަހަށް އާދޭ ދެކުދިން ” ވިދާން އިސްޖަހާލިތަން ތައުފީގަށް ފެނުމުން ދެމީހުންނަށް މުހާތިބްކޮށް ބުނެލިއެވެ. ” ބައްޕަ އަންނަ ވާހަކަ މަންމަ ނުބުނަމެއްނު ” މޭޒްމަތީ އިން ތަށި ކައިރި ކޮށްލަމުން ޝުހާދު ބުނެލިއެވެ. ” މަންމައަށް ވެސް އެނގޭނެނަމަ ދޯ ބުނާނީ ” ރޮށިލާ ތަށި މޭޒްމަތީ ބަހައްޓަމުން ސަކީލާ ބުނެލިއެވެ. ” ބައްޕަ ކީއްވެ އަންގާވެސް ނުލާ ތިއައީ ” ޝުހާދު ތައުފީގް ކުރެން އަހާލިއެވެ. ” ބައްޕަ ބޭނުންވީ ހަމަ އަންގާވެސް ނުލާ އަންނަން. އެންމެންނަށް ސަޕްރައިޒްއެއް ދޭން ބޭނުންވާތީ ” ތައުފީގް ސަކީލާއަށް ބަލާލަމުން ބުނެލިއެވެ. ” ކިހިނެއްވެފަ ތިއިންނަނީ ” ވިދާން އިސްދަށަށް ޖަހާލައިގެން އިނުމުން ސަކީލާ ސުވާލުކޮށްލިއެވެ. އެވަގުތު ވިދާން ނޫނެކޭ ބުނާ ފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލިއެވެ. ” ކިހިނެއްވީ ” ޝުހާދު ވިދާން ކޮޑުގައި އަތް އަޅާލަމުން ސުވާލުކޮށްލީ ވިދާންގެ ލޮލުގެ އެސްފިޔަ ތަކުގެ ތެރެއިން ފޫދިގެން ވެއްޓެއް ދިޔަ ކަރުނަ ތިކި ފެނިގެންނެވެ. ނަމަވެސް ވިދާން ޖަވާބެއް ނުދިނެވެ. ” ދެން ކާންފަށާ. ތިހެން ތިއްބަސް އަދި އެއްޗެއްގެ ރަހައެއް ނުލާނެ ” ވިދާންގެ އެ އަމަލުން ސަކީލާ އެހެން ބުނުމުން ވިދާން މަޑުމަޑުން އަތް ނަގާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި އެމަންޒަރު އެއްވެސް މީހަކަށް ނުފެންނަ ކަމަށް ހެދިގެން ތިބެ ހެނދުގެ ސައިގެ ކަންތަކާ އުޅެންފެށިއެވެ.
” ކިހިނެއްވެގެން ސައި ބޯން އަރާފަ ރުއީ ” ޝުހާދުގެ ކޮޓަރީގެ މަގުމައްޗަށް ހުޅުވޭ ގޮތަށް ހުރި ކުޑަ ދޮރު ކައިރީގައި ވިދާން ހުއްޓާ ޝުހާދު އައިސް އަހާލިއެވެ. ” ނުވޭ އެއްވެސް ކަމެއް ” އެއްފަރާތަށް ވިދާން މޫނު އަނބުރާލަމުން ބުނެލިއެވެ. ” އަޅެ ކާކަށް ފޮރުވަންތަ ދޮގަކަށް ވެސް ނުވާ ޒާތުގެ ދޮގު ހަދަން ތިއުޅެނީ ” ޝުހާދު ކުޑަ ދޮރުން ބޭރު ބަލާލަމުން ބުނެލިއެވެ. ” ބުނެބަލަ ކިހިނެއްވީތަ؟ ދާންއަށް ވީގޮތެއް ނޭންގުނީމާ މަންމަ ވެސް ބައްޕަ ވެސް ކިހާ ކަންބޮޑު ވާނެ. އެހެންވެ މިއަހަނީ ކިހިނެއްވީހޭ. އަނެއްކާ އަހަރުމެންނަން ދާން ދެރަވާ ކަހަލަ އެއްޗެއް ބުނެވުނީތަ؟ ” ޝުހާދު ބުނެލިއެވެ. ” ނޫނޭ. ތިކަހަލަ އެއްވެސް ކަމެއް ނުވޭ. އެކަމަކު އަހަރެންނަށް ރޮވުނީ މިއަދު ޝުހާދުގެ ބައްޕަ ޝުހާދާއެކުގަ ވާތަން ފެނުނީމާ. އަހަރެންގެ ހިތަށް ވެސް އަރާ އަހަރެންގެ ބައްޕަ އަހަރެންނާ އެކުގަ ވާނެ ނަމައޭ. އެކަމަކު އަހަރެންގެ ތަޤްދީރުގަ ނެތް އެކަން ވާކަށް ” ވިދާން އިސްޖަހާލަމުން ބުނެލިއެވެ. ” ތިކަމާ އަހަރެން ވެސް ވަރަށް ވިސްނަން. އެކަމަކު މިއަދު ތިކަމުގަ އަހަރެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އަހަރެންނަށް ކުރަން ފަސޭހަ ކަމަކަށް ވާނަމަ އަހަރެން ދާންގެ މަންމަ ގާތަށް ގޮސް ވާހަކަ ދެއްކީމުސް. އެކަމަކު އެއީ ވެސް އަހަރެންނަށް ކުރަން އެހާ ފަސޭހަކަމަކަށް ނުވާނެ ” ޝުހާދު ވިދާންގެ ކޮޑުގައި އަތް އަޅާލަމުން ބުނެލިއެވެ. ” އަހަރެންގެ ދިރި އުޅުމުގަ މިހެން ވާން އަހަރެންގެ ކުށަކީ ކޮބާ؟. އަހަރެން މީހަކަށް ދެރައެއް ލިބޭކަށް ނޭދެން. މީހަކަށް ގެއްލުމެއް ނުދެން. ދެން ކީއްވެ!!! ” ވިދާން ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް ފޮހެލިއެވެ. ” ދިރިއުޅުމުގައި އަބަދު އެއްގޮތަކަށް ކަންތައް ނުވާނެ. ދާން ވެސް އަޑު އަހަމެއްނު މީހުން ބުނާ އަޑު ދިރިއުޅުމަކީ ހަނގުރާމައެކޭ. ތިހުރިހާ ކަމެއް ތިހެން ހުރި އިރު މިއަދު ދާން ވިސްނަންވީ ދިރިއުޅުމުގެ ހަނގުރާމައިން ނަސްރު ލިބޭނެ ގޮތަކާމެދު ” ޝުހާދު ވިދާނަށް ވިސްނާދެވޭތޯ ވާހަކަ ދައްކަމުން ދިޔައެވެ.
” ތިބުނާ ހަނގުރާމައިން ވެސް ސަލާމަތް ވާނީ ދެންހުރި ކަންތަކުން ސަލާމަތް ވެގެނެއްނު. އަމިއްލަ މައިން ބަފައިންގެ ފަރާތުން ލޯބި ނުލިބި ބިކަވެގެން ދިރިއުޅުމުގެ ހަނގުރާމައިން ކޮން ފަތަހައެއް ލިބޭނީ ” ވިދާން ބުނެލިއެވެ. ” ހަށީގަ ފުރާނަ ހުރިހާ ހިނދަކު ކަންތައްތަކަށް ކެއްކުރުމަކީ ވެސް ވަރަށް ބޮޑުވަރެއް ” ޝުހާދު ބުނެލިއެވެ. އޭރު ޝުހާދުގެ ކޮޓަރީ ދޮރު ކުޑަކޮށް ހުޅުވާލައިގެން ތައުފީގާ ސަކީލާ، ވިދާނާ ޝުހާދު ދައްކަމުން ދިޔަ ވާހަކަ ދިޔައީ އަޑު އަހަމުންނެވެ. ” ދަރިފުޅު ތިބުނީ ރަނގަޅަށް. ދިރިއުޅުމަކީ ހަނގުރަމައެއް. ހުރިހާ އެންމެންނެއް އުފަލުގަ އެއް ވެސް ނޫޅޭނެ. އަދި ހުރިހާ އެންމެންނަށް އުފަލާ ހިތްހަމަ ޖެހުން ވެސް ނުލިބިދާނެ. އެކަމަކު އުފަލާ ހިތްހަމަ ޖެހުމަކީ ހޯދީމާ ލިބޭނެ އެއްޗެއް ” ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ތައުފީގް ވާހަކަ ދައްކަމުން ކޮޓަރިއަށް ވަދެގެން ދާން ފެށުމުން ސަކީލާ ވެސް ފަހަތުން ވަނެވެ. ” ވިދާން އެއްވެސް ކަމަކާ ވިސްނާކަށް ނުޖެހޭނެ. ޝުހާދު ހުންނަހެން ވިދާން ވެސް މީގެ ފަހުން ހުންނާނީ އުފަލުން. ވިދާންގެ މަންމަ ވިދާންގެ މުހިންމުކަން އެގިގެން ބަލާ އަންނަންދެން ވިދާން ހުންނާނީ މިގޭގަ. ދުވަހަކު ވެސް ބައްޕަ ނުފެނުނެއް ކަމަކު ބައްޕައެއްގެ ލޯބި ދޭންބޭނުން އަހަރެން ” ސަކީލާއާ ދިމާލަށް އެނބުރިލަމުން ތައުފީގް ބުނެލިއެވެ. އެވަގުތު ސަކީލާ އާއެކޭ ބުނުމުގެ ގޮތުން ހިނިތުން ވެލަމުން ބޯޖަހާލިއެވެ. ” ޝުކުރިއްޔާ ބައްޕާ ” ޝުހާދު ތައުފީގާ ގާތް ވެލަމުން އެހެން ބުނެލުމުން، ތައުފީގް ދެފަރާތުން ވިދާނާ ޝުހާދު ގެނެސް ގާޔާ ކައިރިކޮށްލިއެވެ. އެވަގުތު ވިދާނަށް ބަފައެއްގެ ހިމާޔަތުން ހިޔާ ލިބުނު ކަމުގެ އިހުސާސާއެކު، ބާރަށް ރޯންފެށުނެވެ. ” ކިހިނެއްވީ ” ވިދާން ރޯން ފެށުމުން ތައުފީގް ވިދާންގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލަމުން ސުވާލުކޮށްލިއެވެ. ނަމަވެސް ވިދާންގެ ހާލަތު އެއްޗެއް ބުނާކަށް ފުރުސަތެއް ނުދެއެވެ. އެއަށް ވުރެއް ބޮޑަށް ވިދާން ވަނީ ދެރަވެ ހިތުގައި ޖެހިފައެވެ. ” އެއްގޮތަކަށް ވެސް ރޯނެކަމެއްނެތް. ބައްޕަ މިހުރީނު. ދަރިފުޅަށް ދެރަ ގޮތެއް ވިޔަ ނުދޭނަން ” ވިދާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައުފީގް އޯގާތެރިމާއެކު ފޮހެލަމުން ބުނެލިއެވެ. އެވަގުތު ވިދާން ބަރަށް ތައުފީގްގެ ގައިގައި ބައްދާލިއެވެ. އޭރު ތައުފީގްގެ ލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ސަބަބަކީ ސަކީލާ ތައުފީގަށް ވިދާންގެ ހުރިހާ ވާހަކަ އެއް ކިޔާދީފަ އޮތުމުންނެވެ. ކައިރީގައި ހުރި ސަކީލާގެ ހަލަކީ ވެސް މިއީއެވެ.
” އައްސަލާމް ޢަލައިކް ” ސީމާ ދޮރުމަތީ ހުއްޓި ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމުއްސަލާމް ” ޔާނާ ދޮރާ ދިމާއަށް މަޑުމަޑުން ހިނގަމުން އަންނަމުން ބުނެލިއެވެ. ” އަހަ ސީމާ. ކޮން ވަޑާމެއް ” ސީމާ ފެނުމުން ޔާނާ ބުނެލިއެވެ. ” ވަޑާމެއް ނޫން. ހަމަ ޔާނާ ގާތަށް މިއައީ ” ސީމާ ހިނިތުން ވެލަމުން ބުނެލިއެވެ. ” އެހެންތަ؟ އާދޭ އެތެރެއަށް ” ޔާނާ ދޮރުމަތިން އެއްފަރާތަށް ޖެހިލަމުން ސީމާ ގާތުގައި ގޭތެރެއަށް ވަންނަން ބުނެލިއެވެ. ” ފަޔަށް ތިހާ ވަރުވެފާ އޮށްވާ ވެސް ހިނގަނީ ކީއްކުރަން ” ސިޓިން ރޫމް ސޯފާގައި އިށީދެލަމުން ސީމާ ޔާނާގެ ފަޔަށް ބަލާލުމަށްފަހު ބުނެލިއެވެ. ” އަސްލު އަހަރެން ނުހިގަން. މަންމަ ވެސް ގޭގަ ނެތީމާ މީހަކު ސަލާމް ގޮވާލި އަޑު އިވުނީމާ އައީ ” ޔާނާ ސޯފާގައި އިށީދެ ކުރިމަތީ އިން ކުޑަ މޭޒް މަތީ ފައި ހަމަ ޖައްސާލަމުން ބުނެލިއެވެ. ” ކިހިނެއްވީތަ ފަޔަށް ” ސީމާގެ ސުވާލާއެކު ޔާނާ ކަންތައް ވީގޮތް ތަފްސީލްކޮށް ކިޔާދިނެވެ. ޔާނާގެ ވާހަކަ އަޑު އެހުމަށްފަހު ސީމާ ހޭންފެށިއެވެ. ” ކިހިނެއްވީ ” ޔާނާ ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ” މީހަކަށް ނުހެވޭ ވަރެއްތަ؟ ދެން މީހަކު ފެނުނަސް ތިހާ ވަރު ވާނެ ކަމެއް ކުރިން އެނގިފަ ނެތީމާ ހަމަ ހެވުނީ ” ސީމާ ބުނެލިއެވެ. ” ސާބަހޭ. މީހަކު ފެނިގެނެއް ނޫން މިހެންވީ ” ޔާނާ ސީމާގެ ކޮޑުގައި ހިފާ ކޮށްޕާލަމުން ބުނެލިއެވެ.
” ސަޅި ކުއްޖެއްތަ އެއީ ” ސީމާ ގަޔާވެލާ ގޮތަކަށް އަހާލިއެވެ. ” ނޫޅެން ބުނާކަށް ” ޔާނާ ބުނެލިއެވެ. ” ބުނެބަލަ. އަހަރެން ދިމާ ނުކުރާނަން ” ސީމާ ބުނެލިއެވެ. ” ޔަގީންތަ ދިމާ ނުކުރާނެކަން ” ޔާނާ ބުނެލިއެވެ. ” އާއެކޭ. ދިމައެއް ނުކުރާނަން. ބުނެބަލަ ” ސީމާ ޔަގީން ކަމާއެކު ބުނެލިއެވެ. ” އަސްލު ވަރަށް ސަޅި ކުއްޖެއް އެއީ. އަޅައި ގަންނަ ކަހަލަ ގޮތެއް ވެސް ހުރޭ. ހާއްސަކޮށް މޫނުމަތީގަ ބަލާ ފޫހި ނުވާ ކަހަލަ ގޮތެއް ހުރޭ ” ޔާނާ ހިނިތުން ވެލަމުން ބުނެލިއެވެ. ” ދެން ފަޒީލްގެ މުނުމަތީގަ ހުންނަނީ ފޫހި ފާޑެއްތަ؟ ” ސީމާ ދިމާ ކުރާ ފާޑަކަށް އަހާލިއެވެ. ” އޭނަ ވާހަކަ ނުދައްކާ. އެކަހަލަ މީހެއްގެ ވާހަކަ ދައްކާކަށް ބޭނުމެއް ވެސް ނޫން ” ޔާނާ މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން ބުނެލިއެވެ. “ކޮބާތަ އެ ފަޒީލް މިހާރު. ޔާނާއަށް ނުގުޅާތަ ” ސީމާ ސީރިއަސްވެލާފަ ސުވާލުކޮށްލިއެވެ. ” އުޅޭ ތަނެއް ނޭންގުނަސް އޭނަ ހުންނާނެތަ އަހަންނަށް ނުގުޅާ. ގުޅައިގެން ފޯން ނުނެގިޔަސް މައިތިވާން އެނގޭ މީހެއް ނޫންއެއީ. ހުވާ މިބުނީ ގުޅާ ވަރުން މެސެޖް ކުރާވަރުން ބޮލަން އުދަގޫވެފަ މިހުންނަނީ ” ޔާނާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” ކޮންތަކަށް ދާން ތިދަނީ ” ޔާނާ ސޯފާއިން ތެދުވުމުން ސީމާ އަހާލިއެވެ. ” ވާހަކަ މޮޅު ކޮށްގެން އަހަރެން މި އިންނަނީ ސީމާއަށް ބޯލާނެ އެއްޗެއްވެސް ނުދީ ވިއްޔާ. އެހެންވެ އެއްޗެއް ބަލައި ދާން މިދަނީ ” ޔާނާ ފަސްއެނބުރި ސީމާއަށް ބަލާލަމުން ބުނެލިއެވެ. ” އެއްޗެއް ގެންނާނެ ކަމެއްނެތް. ޔާނާ ތިއުޅެނީ ހަމަޔަށް ފައި ޖައްސާނުލެވިގެން. އެވަރުން ވެސް އަހަރެންވީ ޔާނާ ހިންގުވާފަ ގެންނަ އެއްޗެއް ކައިގެން ބޮއިގެން ދާންތަ ؟ ” ސީމާ ބުނެލިއެވެ. ” ކީއްތަވީ. ހަމަ ރަނގަޅު ވަނެދޯ ” ޔާނާ ކުރިއަށް ހިނގައި ގަންނަމުން ބުނެލިއެވެ. ” އެއްޗެއް ގެންނާނެ ކަމެއް ނެތް. ޔާނާ ފައި ރަނގަޅުވީމާ ބޭރަށް ކާންދާނީ. އަހަރެން ދޭނަން ” ސީމާ ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” މީ އަދި މާމޮޅު މީހެއް ” ޔާނާ އެނބުރި ސޯފާގައި އިށީންނަން އަންނަމުން ބުނެލިއެވެ. ” ޔާނާ ދެން އަހަރެން ދަނީ. އަދި ފަހުން އަންނާނަން ” ޔާނާ ސޯފާގައި އިށީނުމުން ސީމާ ޔާނާގެ ކޮޑުގައި އަތް އަޅާލަމުން އެހެންބުނެފަ ގެއިން ނިކުމެގެން ދިޔައެވެ.
” ކިހާ ދެރަ ކަމެއްތަ ؟ ” ސީމާ ދިޔަ ތަނާހެން ފަޒީލް ޔާނާއަށް ގުޅުމުން ފޯން ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު ޔާނާ ބުނެލިއެވެ. ” މިހާރު ހުރިހާ ކަމެއް ދެރަ ކޮށްގެން، ބޮޑުކޮށްގެން ތިއުޅެނީ ޔާނާ އެއްނޫންތަ؟ ” ފަޒީލް ބުނެލިއެވެ. ” އަހަރެން އަދި ބޮޑުކުރާ ވަރު ކުޑަ. ފަޒީލް ހީނުކުރާތި އަހަރެންމީ ފަޒީލް ކުޅެން ގެންގުޅޭ އެއްޗެއް ކަމަށް ” ޔާނާ ރުޅި ގަދަވެގެން ބުނެލިއެވެ. ” އަހަރެން ތިހެން ނުބުނަންދޯ ” ފަޒީލް ބުނެލިއެވެ. ” އާނ… ނުބުނޭ. އެކަމަކު ފަޒީލް ކަންތައްކުރީ އެހެން ” ޔާނާ ބުނެލިއެވެ. ” އެއީ އެހެންވީ ކަމެއްނޫން. އަހަރެންނަށް މާފްކުރޭ ” ފަޒީލް ބުނެލިއެވެ. ” ބޭކާރު ވާހަކަ ނުދައްކާ ފޯން ބާއްވާ ” ޔާނާ އެހެން ބުނެލުމަށްފަހު ފޯން ކަޑާލިއެވެ.
ގޭގައި އިދެ އިދެ ފޫހިވެގެން ވިދާން މަގުމައްޗަށް ނިކުތެވެ. އަދި މަގުގެ ދެކޮޅު ބަލާލިއެވެ. މަގުމަތިން ކޮޅުކޮޅު މައްޗަށް ދަތުރުކުރާ ވެހިކަލްތަކާ، އެކިއެކި ކަންކަމުގައި މަގުމަތީ އުޅޭ މީހުން ތަކުން މަގު ވަނީ ފުރިފައެވެ. އެހެން ކަމުން ވަކި މަންޒިލެއް ނެތި ވިދާން ކުރިއަށް ހިނގައިގަތެވެ. ދިމަ ދިމާލަށް ކަޅި އެއްލަމުން ހިނގަމުން ދިޔަ ވިދާން ދިޔައީ އަލަށް މީހަކު މާލެ އައިސްގެން، ފެންނަ މަންޒަރުތަކުން އާޝޯހުވެގެން ހިނގާފަ ދާ އުސޫލުން ތަންތަން ބަލަމުންނެވެ. އެހެން ހިނގަމުން ދަނިކޮށް ނަފުރަތާ ރުޅިވެރިކަމާއެކު އުޅެ ބޮޑުވި ގެއާ ހަމައަށް އާދެވުނެވެ. ބުރި ބުރިއަށް ނަގާފަ ހުރި އިމާރާތަށް ވިދާން އަސަރާއެކު ބަލާލިއެވެ. އެވަގުތަކީ ސަލީމާ ނަލަހެދިލައިގެން ގެއިން ބޭރަށް ނިކުތް ވަގުތުކަމުން ސަލީމާއަށް ނުކިމެވުނީ ވިދާންގެ ކުރިމައްޗަށެވެ. ސަލީމާއަށް ވިދާން ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ސަލީމާ ބަލާލި ގޮތުން ވިދާން އިސްދަށަށް ޖަހާލިއެވެ. އަދި އިރުކޮޅަކުން އިސްއުލާލާ ސަލީމާއަށް ބަލާލިއެވެ. ” މަންމާ ! ” ވިދާނަށް ބުނެލެވުނެވެ. ނަމަވެސް ސަލީމާ ރުޅިވެރިކަމާއި ނަފުރަތުގެ ނަޒަރަކުން ވިދާންއަށް ބަލަން ހުރުމަށްފަހު ކުރިއަށް ހިނގައިގަތެވެ. “
2 Comments!
Comments are closed.
Varah reethi Masha Allah
Thankolheh avahah upkohladhevey tho balahjey ?
#stay home and be safe
Thanx Yan…
Aslu balan avahah up kuran… ekamaku ehen work thah ves kuramun vaahaka liyaathy ehen vanee…