ތަޤްދީރު 09 ވަނަ ބައި
( ތަޤްދީރު 08 ވަނަ ބައިގެ ތެރެއިން )
ގޭގައި އިދެ އިދެ ފޫހިވެގެން ވިދާން މަގުމައްޗަށް ނިކުތެވެ. އަދި މަގުގެ ދެކޮޅު ބަލާލިއެވެ. މަގުމަތިން ކޮޅުކޮޅު މައްޗަށް ދަތުރުކުރާ ވެހިކަލްތަކާ، އެކިއެކި ކަންކަމުގައި މަގުމަތީ އުޅޭ މީހުން ތަކުން މަގު ވަނީ ފުރިފައެވެ. އެހެން ކަމުން ވަކި މަންޒިލެއް ނެތި ވިދާން ކުރިއަށް ހިނގައިގަތެވެ. ދިމަ ދިމާލަށް ކަޅި އެއްލަމުން ހިނގަމުން ދިޔަ ވިދާން ދިޔައީ އަލަށް މީހަކު މާލެ އައިސްގެން، ފެންނަ މަންޒަރުތަކުން އާޝޯހުވެގެން ހިނގާފަ ދާ އުސޫލުން ތަންތަން ބަލަމުންނެވެ. އެހެން ހިނގަމުން ދަނިކޮށް ނަފުރަތާ ރުޅިވެރިކަމާއެކު އުޅެ ބޮޑުވި ގެއާ ހަމައަށް އާދެވުނެވެ. ބުރި ބުރިއަށް ނަގާފަ ހުރި އިމާރާތަށް ވިދާން އަސަރާއެކު ބަލާލިއެވެ. އެވަގުތަކީ ސަލީމާ ނަލަހެދިލައިގެން ގެއިން ބޭރަށް ނިކުތް ވަގުތުކަމުން ސަލީމާއަށް ނުކިމެވުނީ ވިދާންގެ ކުރިމައްޗަށެވެ. ސަލީމާއަށް ވިދާން ފެނުމުން ދެލޯ ބޮޑުވެގެން ދިޔައެވެ. ސަލީމާ ބަލާލި ގޮތުން ވިދާން އިސްދަށަށް ޖަހާލިއެވެ. އަދި އިރުކޮޅަކުން އިސްއުފުލާލާ ސަލީމާއަށް ބަލާލިއެވެ. ” މަންމާ ! ” ވިދާނަށް ބުނެލެވުނެވެ. ނަމަވެސް ސަލީމާ ރުޅިވެރިކަމާއި ނަފުރަތުގެ ނަޒަރަކުން ވިދާންއަށް ބަލަން ހުރުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
ތަޤްދީރު 09 ވަނަ ބައި
ސަލީމާ ދިޔަ މަންޒަރު ބަލަން ހުރުމަށްފަހު ވިދާން ލިބެމުން ދިޔަ ހިތާމަޔާ ހިތްދަތި ކަމުގެ ޗޭނު ގަނޑަށް ބޮޅެއް އިތުރުކޮށްލިއެވެ. އަދި ލޭގެ ގުޅުންވެސް ނެތް ބަޔަކު ހިތް ހެޔޮ ކަމާއެކު ދިން ހިޔާވަހި ކަމާދިމާއަށް ހިނގައިގަތެވެ. ވިދާން ގެއަށްވަދެގެން ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ، ދޮރުގައި ލެނގިލުމަށްފަހު ބޯ ދޮރުގައި ޖައްސާލިއެވެ. އަދި ދެލޯ މަރާ ބާރުކޮށްލުމުން ލޮލަށް ޖަމާވެގެން ދިޔަ ކަރުނަތައް އޮހިގަތެވެ. އުފަން މައިމީހާގެ އެއަމަލުން ވިދާން އިންތިހާއަށް ދެރަވިއެވެ. ދުވަހަކުވެސް ހިތުގަ ނުޖެހޭ ވަރަށް ހިތުގަ ޖެހުނެވެ. ދުނިޔެއަށް ނޭވާ ލުމަށް މެދުވެރިއަކަށް ވީ މައިމީހާ، މިހާ އަނިޔާ ވެރި ވާނެކަމަށް ވިދާން ކުޑަކޮށްވެސް ވިސްނާނުލައެވެ. ވިދާންގެ ވިސްނުމުގައި އެނބުރެމުން ދިޔަ ތަފާތު އެކި ހިޔާލުތަކާއެކު ވިދާނަން ރޯންފެށުނެވެ. ނަމަވެސް އޯގާތެރިކަމާއެކު ފިރުމާލަން ވެސް ސަލީމާ ނެތުން ވެގެން ދިޔައީ ވިދާނަށް އިތުރަށް ލިބެމުން ދިޔަ ވޭނަކަށެވެ.
” މަންމާ… މަންމާ… ” ޝުހާދު ގެއަށް ވަދެވުމާއެކު ސަކީލާއަށް ގޮވާލިއެވެ. އެވަގުތު ސަކީލާ ކޮޓަރީ ދޮރު ހުލުވަލުމަށްފަހު ބޭރަށް ނިކުތެވެ. ” ކިހިނެއްވީ ” ސަކީލާ އަހާލިއެވެ. ” ކޮބާ ދާން ” ޝުހާދު ވިދާން ކޮބާތޯ އަހާލީ އައިސް އަލަމާރިން ފެން ފުޅިއެއް ނަގަމުންނެވެ. ” މަންމަ ކޮޓަރިއަށް ވަތްއިރު ސޯފަގަ އިށީދެގެން އިން. މިހާރު ވީތަނެއް ނޭންގެ ” ސަކީލާ ބުނެލިއެވެ. ” ކޮބާ ބައްޕަ ” ސަކީލާ އަހާލިއެވެ. ” ބައްޕަ އެބައާދޭ ސައިކަލް ޕާކް ކޮށްލާފަ ” ޝުހާދު ފެން ބޮއި ނިމިގެން ފުޅި އައިސްއަލަމާރިއަށް ލަމުން ބުނެލިއެވެ. ބޭރުގަ އުޅެފަ އައީމާ ހޫނުވެގެން ފެންވަރާލަން ވެގެން ޝުހާދު ކޮޓަރީ ދޮރު ހުޅުވާލި ވަގުތު އެނދުކައިރިއަށް ވެއްޓިފަ އޮތް ވިދާން ފެނުމުން ޝުހާދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ދާން ” ޝުހާދަށް ބާރަށް ގޮވާލެވުނެވެ. ޝުހާދުގެ އަޑަށް ސޯފާގައި އިށީދެލައިގެން އިން ސަކީލާ ވެސް ދުވެފަ ކަހަލަ ގޮތަކަށް އައިސް ޝުހާދުގެ ކޮޓަރިއަށް ވަނެވެ. އޭރު ޝުހާދު ހުއްޓުމެއްނެތި ވިދާނަށް ގޮވަމުން ދިޔައެވެ. އަދި ވިދާންގެ މޫނު އަރިވެފައިވާ ދިމާލުގައި ލޭވެސް ހުރުމުން އިތުރަށް ޝުހާދު ހާސްވެގެން ދިޔައެވެ. ” މަންމާ ބައްޕަ ކޮބާތަ؟ ” ސަކީލާ އައިސް ވިދާން ގާތުގައި އިށީނުމުން ޝުހާދު ސުވާލުކޮށްލިއެވެ. ” އަދި ގެއަށް ނާދޭ ” ސަކީލާ ބުނެލިއެވެ ” .ދޭބަލަ ބައްޕަ ކޮބާތޯ ބަލާލަން ” ހާސްވެ ގޮތް ހުސްވެފައިވާ ގޮތަކަށް ޝުހާދު އެހެން ބުނެލުމުން ސަކީލާ ތައުފީގް ކޮބާތޯ ބަލަންވެގެން ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ތައުފީގް ދޮރު ހުޅުވާލާފަ ގެއަށް ވަންނަނީއެވެ. ” ތައުފީގް ” ތައުފީގް ފެނުމުން ސަކީލާއަށް ރޯންފެށުނެވެ. ” ކިހިނެއްވީ ސަކީލާ ” ތައުފީގަށް ސަކީލާގެ ހާލަތު ފެނުމުން ހާސްވެ ސުވާލުކޮށްލެވުނެވެ. ” ވިދާން… ވިދާން ” ސަކީލާއަށް ރަގަނޅަށް ވާހަކަ ވެސް ނުދެއްކުނެވެ. ސަކީލާގެ ހާލަތުފެނުމުން ތައުފީގް އަތުގައި އިން ކޮތަޅު ކާމޭޒްމަތީ ބެހެއްޓުމަށްފަހު ޝުހާދުގެ ކޮޓަރިއަށް ގޮސް ވަނެވެ. އޭރު ޝުހާދު ވިދާން ނަގާ އެނދުގައި ބާއްވާފައި އޮތެވެ. ” ދަރިފުޅާ ކިހިނެއްވީ ކަމެއްމީ ” އެނދުކައިރީ ހުރި ލޭ ފެނުމުން ތައުފީގް އެނދާ ދިމާލަށް ދަމުން އަހާލިއެވެ. ” ނޭންގެ ބައްޕާ. އަހަރެން ވެސް ކޮޓަރިއަށް ވަތް އިރު ފެނުނީ ދާން ވެއްޓިފަ އޮށްވާ ” ޝުހާދު ބުނެލިއެވެ. ” ވިދާން… ވިދާން ” ތައުފީގު ވެސް ވިދާން ކައިރިއަށް ޖެހިލާ ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވާލިއެވެ. ނަމަވެސް ވިދާންގެ ހަބަރެއް ނުވުމުން ތައުފީގަށް ބަލާލެވުނީ ޝުހާދަށެވެ. އޭރު ޝުހާދުގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. ” ބައްޕާ ހިނގާބަލަ ދާން ހޮސްޕިޓަލަށް ގެންދަން. އަހަރެން އެމްބިއުލާސްއަށް ވެސް ގުޅައިފިން ” ޝުހާދު އަވަސް އަވަހަށް ބުނެލިއެވެ. އެވަގުތު ސައިރެން އަޅަމުން އެމްބިއުލާސް އަންނަ އަޑު އިވިގެން ދިޔުމުން ޝުހާދު ގޮސް ކުޑަ ދޮރު ހުޅުވާލާ ބޭރު ބަލާލިއެވެ. ” ހިނގާ ބައްޕާ އެމްބިއުލާސް އެއައީ ” ޝުހާދު އެހެން ބުނެލުމުން ތައުފީގް ލޯތްބާ އޯގާތެރިކަމާއެކު އަތްދަޑިމައްޗަށް ވިދާން އުފުލާލިއެވެ. ” ސަކީލާ ގޭގަ މަޑުކޮށްލާ. ހޮސްޕިޓަލަށް ގޮސްފަ ގުޅާނަން ” ވިދާން ގޮވައިގެން ތައުފީގް ކޮޓަރިން ނިކުންނަން ދަމުން ބުނެލިއެވެ. ތައުފީގް ވިދާން ގޮވައިގެން އަވަސް އަވަހަށް ގެއިން ބޭރަށް ނިކުތެވެ. އޭރު ސްޓްރެޗަރ ކައިރީގައި ޝުހާދު ގޭ ދޮރުމަތީ ހުއްޓެވެ. ތައުފީގް ވިދާން ސްޓްރެޗަރގައި ބޭއްވުމުން އެމްބިއުލާސްގެ ސްޓާފުން ސްޓްރެޗަރ އެމްބިއުލާސްއަށް އަރުވިއެވެ. ފަހަތުން ތައުފީގާ ޝުހާދު ވެސް އެމްބިއުލާސްއަށް އެރުމުން އެމްބިއުލާސް ސައިރެން އަޅަމުން އޭގެ ބާރު ދުވެލީގައި ދުއްވާލިއެވެ.
ވިދާން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭންފެށީ އެމެޖެންސީގައެވެ. ޑޮކްޓަރ ވިދާނަށް ވީގޮތެއް ބަލަމުން ދިޔައިރު އެމެޖެންސީ ރޫމް ކުރިމަތީ ވާނުވާ ނޭންގިގެން ތައުފީގް ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ޝުހާދު ކަންބޮޑުވެފާވާ ހާލުގައި އެތާހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެގެން އިނެވެ. ” އެންމެ ފުރަތަމަ ދުވަސްހު ވެސް ޑޮކްޓަރަށް ދައްކަން ދާން ބުނީމާ އިންކާރު ނުކުރިނަމަ މިއަދު މިހެން ވާކަށް ނުޖެހުނީހެއްނު ” ގޮޑީގައި އިށީދެގެން އިންއިރު ޝުހާދު ހިތާހިތާ ކިޔާލިއެވެ. ދެމީހުން ވެސް ކަންބޮޑުވުމާ ހާސްކަމުގައި ތިއްބާ އެމެޖެންސީ ރޫމް ތެރެއިން ޑޮކްޓަރ ބޭރަށް ނިކުމުން ތައުފީގާ ޝުހާދަށް އެކީ ކަހަލަ ގޮތަކަށް ޑޮކްޓަރ ކުރިމައްޗަށް އާދެވުނެވެ.
” ޑޮކްޓަރ ވިދާން ކިހިނެއް މިހާރު ” ތައުފީގް ސުވާލުކޮށްލިއެވެ. ” މިހާރު ރަނގަޅު. އެކަމަކު އެހެން އަބަދު ވާން ވެއްޖެނަމަ ފުރާނައަށް ގެއްލުން ވުމަކީ ދުރުގާ ވާނެ ކަމެއްނޫން. ފަހަރެއްގަ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން ވެސް އެކަށީގެންވޭ ” ޑޮކްޓަރ ބުނެލިއެވެ. ” ތިބުނީ ކިހިނެއް ކަންތައް ވަންޏާ ފުރާނައަށް ގެއްލުންވާނެ ވާހަކަ ” ތައުފީގު ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ. ސަބަބަކީ ތައުފީގަށް އެއްވެސް އެއްޗެއް ނޭންގޭތީއެވެ. ވިދާނަށް ވަމުން ދިޔަގޮތުގެ ކުޑަނަމަވެސް ހިލަމެއްވެފަ އޮތީ ޝުހާދަށް އެކަނި ނަމަވެސް، އެކަން ސިއްރުކުރަން ވިދާން އެދިފަވާތީ ޝުހާދު މަޑުން ހުންނަން މަޖުބޫރުވިއެވެ. ” ކަމެއް ސިއްރުކޮށްގެން ވަކި ކަމެއް ރަނގަޅެއް ނުވާނެ. ވިދާން ކޮންމެވެސް ކަންތައްތަކަކާ ވިސްނާ ފިކުރު ކުރޭއެބަ. ފަހަރެއްގައި ވެދާނެ އެކަންތައްތަކަކީ އަދި ވިދާނަށް އެކަނި ކޮންޓްރޯލް ކުރާވަރަށް ވުރެއް ބޮޑެތި ކަންތައްތަކެއް ކަމަށް ވެސް. އަހަރެން ހަމަ އެކަނި ބުނެލަން އޮތީ ވިދާން ކަންތައްތަކާ ނުވިސްނާ ގެންގުޅެން. އެހެން ނޫނީ ދެރަގޮތެއް ވެސް ވެދާނެ. އަދި އިންނާނެ ޓެސްޓެއް ހަދަންވެފަ ވެސް. ލޭއިސްފަހުރީ ކިހިނެއްވެގެންތޯ ބަލާލަން ބޭނުންވާތީ. އެއަށްފަހު ވިދާންގެ ހާލަތު ރަނގަޅު ނަމަ ދޫކޮށްލާނަން ” ޑޮކްޓަރ ބުނެލިއެވެ. ” ވިދާންއާ ބައްދަލުކުރެވިދާނެތޯ؟. ތައުފީގް ޑޮކްޓަރ ކުރެން އަހާލިއެވެ. ” އާނ… އެކަމަކު އެހާ ގިނައިރު ދެ ބޭފުޅުންނަށް އެތެރޭގައި ނުތިބެވޭނެ. ހުންނަންޏާ އެއްބޭފުޅަކަށް ހުރެވިދާނެ ” ޑޮކްޓަރ އެމެޖެންސީ ރޫމަށް ވަންނަމުން ބުނެލިއެވެ. އަދި ތަންކޮޅަކަށް ދިޔުމަށްފަހު އެމެޖެންސީ ރޫމުގެ އެއްފަރާތުން ކަނަށް ވާ ދިމާލުގައި ހުރި އެދާ ދިމާއަށް އިޝާރާތް ކޮށްލިއެވެ. އޭރު އެނދުގެ ވަށައިގެން ވަނީ ފަރުދާ ދަމާލެވިފައެވެ. ޑޮކްޓަރުގެ އިޝާރާތާއެކު ޝުހާދު އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ފަރުދާ އެއްފަރާތް ކޮށްލުމަށްފަހު ބަލާލިއެވެ. ފަހަތުން ތައުފީގް ވެސް އައިސް ބަލާލިއެވެ. އޭރު ވިދާންގެ ދެލޯމެރިފަ އޮތުމުން ޝުހާދު ކައިރީގައި ހުރި ހަރުގައި އަޅުވާފަ އިން އައިވީ ފުޅިއަށް ބަލާލިއެވެ. އޮކްސިޖަން ހަށިގަނޑަށް ބޭނުންވާ ވަރަށް ނުލިބޭތީ އޮކްސިޖަން ހަށިގަނޑަށް ފޮނުވުމަށް ބޭނުންކުރާ ރަބަރު ހިމަ ހޮޅިވެސް ވަނީ ވިދާންގެ ނޭފަތަށް ގުޅާފައެވެ. ފައިން ފެށިފެން މެޔާ ހަމަޔަށް ހުދު ފޮތިގަނޑު ދަމާލެވިފައިވާ އެންމެ ގާތް ރަހުމަތްތެރިޔާއަށް ޝުހާދު ބަލާލަމުން ވިދާންގެ އަތުގައި ހިފާލިއެވެ. އެވަގުތު ވިދާން މަޑުމަޑުން ލޯ ހުޅުވާލިއެވެ. ރަނގަޅަށް ލޯ ހުޅުވާލާ ކައިރީގައި ހުރި ޝުހާދަށް ވިދާން ބަލާލީ ވަރުބަލި ކަމާއެކުއެވެ. އެވަގުތު ޝުހާދު ބަލާލީ ތައުފީގަށެވެ. ޝުހާދުގެ ނަޒަރު އެހެން ދިމާލަކަށް ހުރުމުން ވިދާން ވެސް އަނެއްފަރާތަށް ބަލާލިއެވެ. އޭރު ތައުފީގް ހިނިތުން ވެލައިގެން ހުއްޓެވެ. ވިދާން ފެނުމާ ހަމަޔަށް މޫނުމަތީ ހުރި ނުތަނަވަސްކަން ވިދާން ފެނުމުން އެއްފަރާތްކޮށްލަމުން އައިސް ވިދާންގެ އަތުގައި ހިފާލިއެވެ. އަދި ތައުފީގްގެ އަތުގައި ވިދާންވެސް ހިފާލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށެވެ. ” މިހާރު ކިހިނެއް ” ތައުފީގް އޯގާތެރިކަމާއެކު ވިދާން ކުރެން އަހާލިއެވެ. ” ރަނގަޅު ” ވިދާން މަޑުމަޑުން ބުނެލިއެވެ.
އޭގެ ދެގަޑިއިރު ފަހުން ވިދާން ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އަންނަން ޓެކްސީއަކަށް އަރަމުން ތައުފީގް ސަކީލާއަށް ގުޅާފަ ގެއަށްދާ ވާހަކަ ބުނެލިއެވެ. ގޭގައި ހުރެ ވިދާނަށް އެހާވަރު ވެގެން ދިޔައިރު ރެޔަކާނުލުމުން ސަކީލާ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. އެކަމާ ވިސްނަން ސޯފާގައި އިންދާ ވިދާން ގޮވައިގެން ޝުހާދާއި ތައުފީގް އައިސް ގެއަށް ވަނެވެ. ސަކީލާއަށް ވިދާން ފެނުމުން ސޯފާއިން ތެދުވެގެން އައިސް ވިދާންގެ ކުރިމަތީ ހުއްޓުނެވެ. ” ކީއްވެ މަންމައަށް ގޮވާނުލީ ” ސަކީލާ އަސަރާއެކު ބުނެލިއެވެ. ” ގޮވާނެ ފުރުސަތެއް ނުލިބުނު. ވިދާން އިސްޖަހާލަމުން ބުނެލިއެވެ. ” ސަކީލާ ވެސް ދެން ސުވާލުތަކެއް ކުރަން ނުހަދާ ވިދާނަށް ކާއެއް ތައްޔާރުކޮށްލައިގެން ގެންގޮސްދީ. ދަރިފުޅު ވިދާން ގޮވައިގެން ދޭ ކޮޓަރިއަށް ” ޝުހާދަށް ބަލާލާ، ސޯފާގައި އިށީންނަމުން ތައުފީގް ބުނެލިއެވެ.
ކޮޓަރިއަށް ވަދެ ވިދާން އެނދުގައި އިށީދެލިއެވެ. އަދި ވެދިޔަ ކަންތަކާ ވިސްނާލިއެވެ. ” ކިހިނެއްވީ ” ވިދާން އެނދުގައި އިށީދެގެން އިނުމުން ޝުހާދު އަހާލިއެވެ. ” ކަމެއްނުވޭ ” ވިދާން އެނދުގައި އޮށޯވެލަމުން ބުނެލިއެވެ. ” އަހަރެން ކުރިން ވެސް ދާން ގާތުގައި ބުނީމެއްނު ޑޮކްޓަރަށް ދައްކަން ދާން. އެކަމަކު އަހަރެން ބުނީމާ ވެސް ނުދިޔަ ” ޝުހާދު އެނދުގައި އިށީދެލަމުން ބުނެލިއެވެ. ” އެއީ ދެން އެހާވަރުގެ ކަމެއް ނޫނެއްނު ” ވިދާން ބުނެލިއެވެ. ” ދާން އަށް އެހާވަރުގެ ކަމަކަށް ނުވިޔަސް އަހަރެންނަށް އެއީ ވަރަށް ބޮޑު ކަމެއް. އަހަރެން ބޭނުމެއްނޫން އަހަރެންގެ ރަހުމަތްތެރިޔާއަށް ދެރަ ގޮތެއް ވާކަށް ” ޝުހާދު ވިދާންއަށް ބަލާލަމުން ބުނެލިއެވެ. ” ދެން އެއީ އެހާވަރަށް ވިސްނަން ޖެހޭ ވަރުގެ ކަމެއް ނޫނޭ ” ވިދާން ބުނެލިއެވެ. ” އަހަރެން ނުވިސްނާ ހުރެފާނަން. އެކަމަކު އެންމެ ފުރަތަމަ އަމިއްލަ މީހާ ނުވިސްނާ އުޅެން ދަސްކޮށްބަލަ ” ޝުހާދު ބުނެލިއެވެ. ” އަހަރެން ނުވިސްނާ އުޅޭނީ ކިހިނެއް. މިއަދު އަހަރެންގެ ދިރިއުޅުން މިވަނީ އެފުއްމިފުށަށް ޖެހިފަ. ޝުހާދުގެ މައިންބަފައިންގެ ހެޔޮކަމުން މަގުމަތި ނުވެ މިހުރީ. އެހެން ނޫންނަމަ ބޯހިޔާ ވަހިކަން ހޯދާނީ ކިހިނެއްކަމެއް ވެސް ނޭންގެ ” ވިދާން މޫނު އަނެއްފަރާތަށް އަނބުރާލަމުން ބުނެލިއެވެ. ” ދެން ތިހެން ކިޔާފަ ވިސްނާނެ ކަމެއްނެތް. ޑޮކްޓަރ ބުނީ ދާން ކަންތައްތަކާ ނުވިސްނާ އުޅޭށޭ. އެހެން ނޫނީ ރަނގަޅެއް ނުވާނޭ ” ޝުހާދު ބުނެލިއެވެ. ” އަހަރެން ވަރަށް މަސައްކަތް ކުރަން ކަންތައްތަކާ ނުވިސްނާ އުޅެން. އެކަމަކު ތަގްދީރުގަ އަހަރެންނަށް ހުރީ މިގޮތް. އެކަން އަހަރެންނަށް ބަދަލެއް ނުކުރެވޭނެ ދޯ ” ވިދާން ބުނެލިއެވެ. ” ބަދަލު ކުރެވޭނެ ކަންތައްތަކެއް ވެސް ހުންނާނެ. ބަދަލު ނުވާނެހެން ހީވާ ކަންތައް ދޫކޮށްލާފަ ކުރިއަށް ދާނީ. އޭރުން އޯކޭ ވާނެ. އަންނާނަން މަންމަ ކޮބާތޯ ބަލާލާފަ ” ޝުހާދު އެނދުން ތެދުވަމުން ބުނެލިއެވެ.
” ކިހިނެއްވެގެންތަ ތިއުޅެނީ ” ޔާނާ މަގުމަތިން ހިނގާފަ އަންނަނިކޮށް ފަޒީލް ފަހަތުން އައިސް ޔާނާގެ އަތުގައި ހިފުމުން ފަސްއެނބުރި ބަލާލުމަށްފަހު އަތް ފޮޅުވާލަމުން ބުނެލިއެވެ. ” ޔާނާ. ކިހިނެއްވެގެންތަ ތިހެން ތިހަދަނީ. އަހަރެންގެ ކުށަކީ ކޮބާތަ؟ ” ޔާނާ އަތް ފޮޅުވާލުމުން ފަޒީލް ބުނެލިއެވެ. ” ކަންތައް ވީ ކިހިނެއްކަން ފަޒީލްއަށް އެނގޭނެ. އަދި ފަޒީލްގެ ކުއްވެސް ފަޒީލަށް އެނގޭނެ. ހުރިހާ ކަމެއް އެނގިހުރެ ތިފާޑަން މަގުމަތިން ކޮންމެހެން ދިމާކުރަން އުޅޭނެ ކަމެއްނެތް ” ޔާނާ ވަށައިގެން ވާ މާހައުލަށް ބަލާލަމުން ބުނެލިއެވެ. އަދި ފަޒީލަށް ފުރަގަސްދީ ކުރިއަށް ހިނގައިގަތެވެ. ” އިންސާނުންނަށް ކުއް ކުރެވެނީ. އެގޮތުން އަހަރެންނަށް ވެސް އެހެން ކަންތައް ކުރެވުނީ ” ޔާނާ ކުރިއަށް ހިނގައިގަތުމުން ފަޒީލް ބާރު ބާރަށް ހިނގާފައި އައިސް ޔާނާގެ ކުރިމަތީ ހުއްޓި ބުނެލިއެވެ. ” ބޭކާރު ވާހަކަ ނުދައްކާ އަހަރެން ދާންތައްދައްކާ ” ޔާނާ ރުޅި ވެރިކަމާއެކު ބުނެލިއެވެ. ” ޔާނާ ތިހެން ނުހަދާ. ޕްލީޒް ” ފަޒީލް ދެރަވެލާފަ ބުނެލިއެވެ. ” އެންމެ އަންހެނަކުން ވާނެ ނަމަ މިއަދު ފަޒީލް ތި ވައްތަރު މަގުމަތީގަ ޖައްސާކަށް ނުޖެހުނީ ހެންނު. އެކަމަކު އިނގިއްޔަކަށް އަންހެނަކު ބޭނުންވެފަ ހުރީ. ދެން މިއަދު ކޮންމެހެން އަހަރެންގެ ފަހަތުން ހިނގާނެ ކަމެއްނެތް ” މަގުމަތީގައި ބަލަން ތިބި މީހުންނަށް ޔާނާ ބަލާލަމުން ފަޒީލްގެ ކޮޑުގައި ހިފާ އެއްފަރާތް ކޮށްލުމަށްފަހު ކުރިއަށް ހިނގަމުން ގޮސް ފަޒީލްގެ ލޯމަތިން ގެއްލުނެވެ. ޔާނާ ދިޔުމުން ފަޒީލް އިސްދަށަށް ޖަހާލައިގެން ހުރެ ހިނގައިގަތެވެ.
(ނުނިމޭ)
( ވާހަކަ ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދެމުން ދަނިކޮށް، މެދުކަނޑާލަން ޖެހުނު ކަމަށްޓަކާ، ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މާފަށްއެދެން )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

