(ނޯޓް: މިވާހަކައަކީ ހިޔާލީ ވާހަކައެކެވެ.)
އެންމެ ތުއްތު އިރުއްސުރެވެސް ޝަހުފާނަކީ ވަރަށް ހަލަނިކޮށް އުޅޭ ކުއްޖެކެވެ. ނަމަވެސް އެންމެންވެސް އޭނާ ދެކެ ވަރަށް ލޯބިވެއެވެ. އެއީ އޭނާއަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ދަރިއެވެ. އޭނާގެ ސަކަ މިޒާޖުގެ ސަބަބުން އޭނާއާއެކު އުޅޭ މީހަކު އުޅެންޖެހޭނީ އޭނާ ދައްކާ ވާހަކަތަކުން ހީހީއެވެ.
ޝަހުފާން ސްކޫލަށްދިޔަ ފުރަތަމަ ދުވަހުވެސް ވަރަށް ގިނަ އެކުވެރިން ލިބުނެވެ. އޭނާ ބޮޑުވަމުން އައި އިރު އޭނާއަކީ ކިޔެވުމަށް ވަރަށް މޮޅު ދަރިވަރެކެވެ. މުދައްރިސުންގެ ލޯބި ލިބިގެން ކުރިއަށް ދިޔައިރު އޭނާއަކީ މުޅި ސްކޫލުގައިވެސް ވަރަށް މަޝްހޫރު ކުއްޖެކެވެ. ލިބިފައިވާ ގުދުރަތީ ރީތިކަމުގެ ސަބަބުން އެތައް އަންހެންކުދިންނެއްގެ ސަމާލުކަން ލިބެމުންދިޔެވެ. އޭނާގެ ބުޅި އިސްތަށިގަނޑަށް ހުންނަނީ މަޑު މުށިކުލައެއް އަރާފައެވެ. ނިތްކުރިމައްޗަށް އިސްތަށިކޮޅުތައް އަބަދު ވެރިފައި ހުރެއެވެ. އޭނާއަށް ތޫނު މަޑު މުށިކުލައިގެ ލޮލެއް ލިބިފައިވެއެވެ. ފުޓުބޯޅަކުޅުމަށް އޭނާ ވަރަށް މޮޅެވެ. ގިނައިން ކުޅެން ދިޔުމުގެ ސަބަބުން އޭނާއަށް ލިބިފައިވަނީ ކަސްރަތީ ހަށިގަނޑެކެވެ.
އޭނާ ބޮޑުވަމުންދިޔައިރު އޭނާއަށް މަދު އެކައްޗެއްވެސް ނެތެވެ. ނަމަވެސް އޭނާއަށް ފަނަރަ އަހަރު ފުރުނުއިރު އޭނާއަކީ ނެތް މީހެއް ފަދައެވެ. ކޮޓަރިން ނުކުންނަނީ ބަނޑުހައިވެގެން ނުހުރެވިގެންނެވެ. ދެދުވަސް ވާއިރުވެސް އެންމެ އިރަކު ކާލައިގެންވެސް ފުއްދާލަފާނައެވެ. ގޭތެރެއިން މީހަކު ފެނުނަސް އަނގައިންވެސް ނުބުނެ ދުވެފައި ދަނީ ބިރުންނެވެ. އޭނާގެ އެކުވެރިން އޭނާ ހޯދަން އެތައް ފަހަރަކު އައުމުންވެސް އޭނާ އެމީހުނަށް ބަލާވެސް ނުލިއެވެ. އޭނާގެ މަންމަ އައިސް އޭނާ ހޯދަން އެމީހުން އައި ވާހަކަ ބުނުމުން ބިރުން ދެފަރާތަށް ބޯހޫރާލަމުން ދުރަށް ޖެހިލާއިރު ހުންނަނީ ރޮވިފައެވެ. އަބަދު އެނދުގައި އޮންނަނީއެވެ. މީހަކު އަތްލިޔަސް އޭނާ ބިރުގަނެއެވެ.
އެގޮތުގައި ޝަހުފާންގެ ދުވަސްތައް ފާއިތުވަމުން ދިޔައިރު އޭނާގެ ހަށިގަނޑަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ.
އެންމެފަހުން ޝަހުފާންގެ މައިންބަފައިން އޭނާއާއި މެދު ކަންބޮޑުވެގެން އޭނާ ދެއްކީ ޑރ ޝާމިންއަށެވެ. ޑރ ޝާމިންއަކީ ސައިކޮލޮޖިސްޓެކެވެ. އޭނާ ޝަހުފާނާއި ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ނަމވެސް އޭނާ ވާހަކަ ނުދައްކާތަނުގައި ބަލާވެސް ނުލައެވެ. އެވަރުންވެސް ޑރ ޝާމިން ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ. ޑރ ޝާމިން އޭނާގެ ހަޔާތުގައި އަޑިގުޑަންތަކުގެ ވާހަކަތަކާއި އެކަންކަމުން އަރައިގަތް ގޮތްތައް ކިޔާދިނެވެ. ޝަހުފާން އޭނާއާއި ދިމާލަށް ނުބަލައި އިސްޖަހާލައިގެން އިނަސް އޭނާ ދައްކާ ވާހަކަ ކަނުލާ އަޑުއަހާކަން ޝާމިންއަށް އެނގެއެވެ.
އެގޮތުގައި ދެތިން ހަފްތާ ފާއިތުވެދިޔައެވެ. އާދައިގެމަތިން ޝާމިން ޝަހުފާން ކައިރިއަށް އައެވެ. ހިނިތުންވުމަކާއެކު ޝަހުފާންގެ ހާލުއަހުވާލު އަހާލީ ވަކި މިއަދު ޝަހުފާން ޖަވާބު ދޭނެ ކަމަށް އުއްމީދު ކޮށްގެނެއްނޫނެވެ. ނަމަވެސް ޝަހުފާން ކަރުނަވީ ލޮލަކުން ޝާމިނަށް ބަލާލަމުން އޭނާއަށް ބުނެވުނީ ‘އަހަންނަށް އެހީވެދީ ހެޔޮނުވާނެ’ މިހެންނެވެ. އެއަށްފަހު އަޑުންއަޑުނަގާ ބާރުބާރަށް ރޯންފެށުނީ ޝާމިން އޯގާތެރި ކަމާއެކު އޭނާގެ ގައިގައި ބައްދާލުމުންނެވެ. އޭނާ ހިތްފުރެންދެން ރުއިމަށްފަހު އޭނާ ހުރިހާ އެއްޗެއް އަލިފުން ޔާއަށް ކިޔާދިނެވެ.
………………………………….
ޝާމިން ކިޔެވުމަށާއި ކުޅުމަށް މޮޅުވެފައި އޭނާގެ ރީތިކަމުން މުޅި ސްކޫލުގައިވެސް އޭނާ ވަރަށް މަޝްހޫރެވެ. ލިބެމުންދިޔަ ލޯތްބާއި އެއްވަރަށް އެތައް ބަޔެއްގެ ހަސަދަވެސް އޭނާއާއި ކުރިމަތިވިއެވެ. ފުރަތަމަ އޭނާ އެކަހަލަ ކަންކަމާއި އަޅައެއްނުލައެވެ. އޭނާ އަންހެންކުދިންގެ ތެރޭގައި މަޝްހޫރުވުމުން އޭނާއޭ ކިޔާގެން ފާޑުފާޑުގެ ވާހަކަވެސް ކިޔައެވެ. އެކަހަލަ ވާހަކަތަކަށް އޭނާ އަބަދުވެސް ދެނީ ބީރު ކަންފަތެކެވެ. އޭނާއަކީ ދުވަހަކުވެސް އަންހެންކުއްޖަކާއި ރައްޓެހިވެސްވީ މީހެއް ނޫނެވެ. ވީއިރު އެކަހަލަ ދޮގު ވާހަކަތައް ފަތުރަންވީ ސަބަބެއް އޭނާއަކަށް ނޭނގުނެވެ.
ސްކޫލުގެ އެންމެންގެ ތެރެއިންވެސް އޭނާ އެންމެ އިތުބާރު ކުރަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ލިސާނަށެވެ. ނަމަވެސް އިންޓަހައުސް މުބާރާތަށް ޕްރެކްޓިސް ކުރަން ކުޅެން ލިސާނާއެކު ޗަހުފާން ދިޔައެވެ. ލިސާނުގެ ހައުސް އެދުވަހު ނުކުޅޭތީ އޭނާ ދަނޑުގެ އެއްކައިރީގައި ހުރި ޗޭންޖިންގް ރޫމް ކުރިމަތީގައި ހުރި ގޮނޑިބަރިއެއްގައި އެމީހުން ކްލާސް ކުދިންތަކެއްގެ ކައިރީ މެޗު ބަލަން އިށީނީއެވެ.
ޝަހުފާންމެންގެ މެޗު ފެށެން އަދި ވަގުތުކޮޅެއް އޮތުމުން އޭނާ ޗޭންޖިންގް ރޫމަށް ވަދެ ތައްޔާރުވެލާގެން ނުކުންނަން އުޅެނިކޮށް ލިސާން އެމީހުންގެ ކްލާސް ކުދިންގެ ކައިރީގައި އޭނާއޭ ކިޔާގެން އެއްޗެކޭ ކިޔާ އަޑުއިވުމުން އޭނާ ނުނުކުމެ ދޮރުގައި ކަންފަތް ޖައްސާލައިގެން އެދައްކާ ވާހަކަ އަޑުއަހަން މަޑުކޮށްލިއެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ އޭނާއޭ ކިޔާގެން ލިސާން ދައްކަމުން ދިޔަ މުޑުދާރު ވާހަކަތައް އިވިފައެވެ. އޭނާ ރުޅިއައިސްގެން ތުރުތުރު އަޅަމުން ދިޔަ ހާލު އެތަނުން ނުކުންނަން ދޮރުގެ ތަޅުގެ ހިފާލި ވަގުތު އޭނާ ބުނެލި ވާހަކައަކުން އޭނާ ހުއްޓުންއެރިއެވެ.
“އޭނާ އަލިފަކަށް ވެގެން ހުއްޓަސް އެއީ ހާދަ ނުލަފާ މީހެކޭ. ލޫތް ކައެއަށް އެނގޭތަ ކައެގެ ކޮއްކޮގެ އެއްކަލަ ފޮޓޯތައް ލީކުކޮށްލީވެސް އެ ޝަހުފާނޭ.” ލިސާން އެހެން ބުނެލުމާއެކު ލޫތް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. “މަ އަތުން އޭނާ މަރުވާނެ މިފަހަރު.” “މަކައިރީ އަދި އެވާހަކަ ކިޔޭ ހީހީފަ. އަދި ކީ ތިމަންނަ ކޮންމެވެސް އަންހެން ކުއްޖެއް ރޭޕް ކުރީމޭވެސް. މަށަކަށް ނޭނގެ އެއީ ތެދެއް ކަމެއްވެސް.” ލިސާން އެވަރުންވެސް ހުއްޓާނުލިއެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައިރު އެތަނުގައި ތިބި އެންމެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެކަކު ޝަހުފާންގެ ޓީމް ކުއްޖެއްގެ ކައިރީ ޝަހުފާންވީ ކޮންތާކުތޯ ސުވާލުކުރުމުން އޭނާ ޗޭންޖިންރޫމްގައޭ ބުނެ ދުރަށް ދިޔަ އަޑުވެސް އިވުނެވެ.
އިރުކޮޅަކުން ޗޭންޖިންގް ރޫމް ދޮރު ހުޅުވާލުމަށްފަހު ލޫތް ވަތެވެ. އޭނާގެ ފަހަތުން ލިސާނުގެ އިތުރަށް ފަސް ކުއްޖަކު ވަތެވެ. ދެ މީހެއްގެ އަތުގައި ކަޓަރެއްވެސް އޮތެވެ. ޝަހުފާން އެމީހުނާއި ވާހަކަ ދައްކަން މަސައްކަތް ކުރި ނަމަވެސް އެކަކުވެސް އޭނާ ދެއްކި ވާހަކައެއް ނޭހިއެވެ. ޝަހުފާންގެ ގަޔަށް ބޮލަށް އަރާގަތީ ތަނެއް ދޮރެއް ބެލުމެއް ނެތިއެވެ. އެތަން ޝަހުފާންގެ ޓީމްގެ ބައެއް މީހުނަށް ފެނުނު ނަމަވެސް އޭނާއަކަށް އެހީއެއް ނުވިއެވެ. ކޮންމެ މީހަކުވެސް އޭނާއަށް ބަލަމުން ދިޔައީ ފަކުރު އެއްޗަކަށް ބަލާފަދައިންނެވެ.
އެމީހުން ހިތްފުރޭވަރަށް އޭނާއަށް އަނިޔާ ކުރެވުމުން އޭނާ އޮތް ހާލަށް ދޫކޮށްލާފައި ދިޔައެވެ. އޭނާގެ ބަނޑުގަޔާއި ބުރަކަށީގައި އެތަށް ފަހަރަކު ކަޓަރު އަޅާފައި ވީއިރު އޭނާގެ އަތާއި ފައިގެ އެކި ތަންތަން ނޫފައިގަނެފައިވެއެވެ. އޭނާއަށް ކޮޅަށް ނުހުރެވިގެން ވެއްޓުމުން ފައިންވެސް އޭނާގެ އެކި ތަންތަނަށް ހަމަލާ ދިނެވެ. އޭނާ އެތާ އެކަނި މާއެކަނި އެތައް އިރެއ ވާންދެން އޮތުމަށްފަހު ތެދުވެ ކިރިޔަ ކިރިޔާ ހިނގޭ ހާލު އޭނާގެ ލޮކަރު ހުސްކޮށްލިއެވެ. އެމީހުން ވަނީ ކުޅެން ނާންނަން އިންޒާރު ދީފައެވެ. މިހާލުގައި އެހެންނޫނަސްވެސް އޭނާއަކަށް ނުކުޅެވޭނެކަން ވިސްނުނެވެ.
އޭނާގެ އަނިޔާތައް ފޮރުވުމަށް ހުޑީއެއް ލަމުން ގެޔަށް ދާން ހިނގައިގަތްއިރު އިރު އޮއްސެން ކައިރިވެފައިވުމުން އެކަކުވެސް ފެންނަ ހިސާބަކު ނެތެވެ. އޭރުވެސް އަޅާ ވޭނަށް ކެތްނުވެއެވެ. ގެ ތަޅުލާފައި ހުރުމުން އޭނާގެ މަންމައާއި ބައްޕަ އަދި އޮފީހުން ނާންނަކަން އެނގުމުން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. އެމީހުނާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ. އޭނާ ޒަހަމުތައް ސާފުކޮށްލަން ޝަވަރު ދޮށަށް ގޮސް އިސްކުރު ދޫކޮޤލުމުން ފެންތައް އޭނާގެ ޒަހަމުތަކުގައ ޖެހުމުން އިތުރަށް ދިލަ ނަގަން ފެށުމުން އޭނާ ހުރި ތަނަށް ތިރިވެވުނެވެ.
އެފަހުން އޭނާއަށް ކޮންމެ މީހަކު ފެނުނަސް އިހުސާސް ކުރެވެނީ އެމީހުން ހީކުރަނީ އޭނާއަކީ މުޑުދާރު މީހެއް ކަމަށެވެ. އެތައް ބަޔަކަށް މިހާރު އިވިފައި އޮންނާނީ އޭނާއަކީ ރޭޕިސްޓެއް ކަމަށެވެ. އެހެންކަމުން އެއްވެސް މީހަކާއި ކުރިމަތިލުމަކީ އޭނާއަށް ކުޅަދާނަ ވެގެންވާވަރުގެ ކަމެއް ނޫނެވެ. އެކި މީސްމީހުން އޭނާއަށް ހަޅޭއްލަވާ އަޑު އިވެއެވެ. އެހެންކަމުން ބައެއްފަހަރު އޭނާ ކުރަން ހިތައްވެސް އަރުވާފައި ނުވާ ކަންކަމަށް އަމިއްލަ ނަފުސަށް ކުށްވެރި ކުރެވެންފެށިއެވެ. އޭނާގެ ބޮލު ތެރޭގައި ‘އެ އަޑުތައް’ އަބަދު އެނބުރެމުން ދެއެވެ.
………………………………….
އޭނާގެ ވާހަކަ ނިމުން އިރު ޑރ ޝާމިންގެ ލޮލުންވެސް ކަރުނަ އައެވެ. އޭނާ ޝަހުފާންގެ މައިންބަފައިންގެ އެހީގައި ޝަހުފާނަށް އިންސާފް ހޯދައިދިނެވެ. އަދި ޓްރީޓްމެންޓް ހޯދުމުގައިވެސް އެހީތެރިވެދިނެވެ. ނަމަވެސް ޝަހުފާންގެ ގައިގައިވާ ލަކުނުތައް އޭނާއަށް އެކަޅު މާޒީ އަބަދު ހަނދާން ކޮށްދެއެވެ. އޭނާގެ ގަދަ ހިތްވަރުން އޯލެވެލްއާއި އޭލެވެލް މާލޭގެ ސްކޫލަކުން ހެދިއެވެ. ރަނގަޅު ނަތީޖާއެއް އޭނާއަށް ލިބުން ނަމަވެސް އޭނާއަށް މީހުނާއި ރަނގަޅަށް އެކުވެ އުޅެން ދަސްވީ އޭގެ ހައަހަރު ފަހުންނެވެ.
ނިމުނީ
(އެންތްރޮފޯބިއާ އަކީ ބައްޔެއް ނޫނެވެ. އެއީ އެހެން މީހުންދެކެ ގަންނަ ބިރެވެ. އެންތްރޮފޯބިއާ ހުންނަ މީހުން އެހެން މީހުނާއި ކުރިމަތިލާން ޖެހިލުންވެއެވެ. ހާއްސަކޮށް ވަކި ބަޔަކު ނުވަތަ ކަމަކާއިއެވެ. އެހެންކަމުން އެކަމެއް ނުވަތަ މީހަކާއި ވީހާވެސް ދުރުވާނެއެވެ. އެމީހުން އެކަމަށް އާދަޔާހިލާފަށް ބިރުގަންނާނެއެވެ. އާންމު ދިރިއުޅުމަށް މިކަންކަމުން އަސަރު ކުރެއެވެ. އާންމުކޮށް ހަމަސް ދުވަހުގެ މުއްދަތަކަށް މިކަން ދެމިގެ ދެއެވެ. ކުއްލިއަކަށް ދިމާވި ހާލަތަކުން ނުވަތަ ޖެނެޓިކްސްއިން ނުވަތަ އޭނާ އުޅޭ މާހައުލުގެ ސަބަބުންވެސް އެންތްރޮފޯބިއާ ތަހައްމަލު ކުރަން ޖެހިދާނެއެވެ. މިކަމުގެ އަލާމާތްތައް ފެނިއްޖެނަމަ އޭނާއަށް ފަރުވާ ދިނުން މުހިންމެވެ.)
463 Comments
Comments are closed.
Yan♥️
March 30, 2020 at 7:47 pmVarah reethi Masha Allah 😘
Smilyyyyy 😊
April 17, 2020 at 10:46 pmMaasha allah 😊 vrh reethi vaahaka eh 😊
Seceret gigglee
September 14, 2020 at 11:28 pmOhhwow❤️❤️MASHA ALLAH varah salhi ingey😘😘
I can do this❤️❤️ ALL THE BEST 😘👍