މިޙަޔާތާ ދުރުނުވޭ (12ވަނަބައި)
“އައި ލަވް ޔޫ” ނަޝްވާގެ ދެލޮލަށް ބަލަން އިނދެ ޒަޔާން ބުނެލިއެވެ. ނަޝްވާގެ ދެލޯ ބޮޑުވެގެން ދިޔައިރު ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.
“ސާބަސް ޒަޔާން… އަހަރެން މިބުނީ އަހަރެންގެ ގާތުގަ ބުނާށެކޭ ނޫނޭ… ޒަޔާން ލޯބިވާ ކުއްޖާގެ ގާތުގައޭ ބުނަންވީ…” ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ނަޝްވާ ބުނެލިއެވެ.
“އައި ލަވް ޔޫ ނަޝް…” ޒަޔާން އެއިން ގޮތަށް އިނދެ އަނެއްކާވެސް ބުނެލިއެވެ. ނަޝްވާއަށް ގަބޫލުނުކުރެވޭ ފަދަ ގޮތަކަށް ކަޅިޖަހާވެސް ނުލާ ޒަޔާނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ކަންފަތަށް އިވެމުން މިދާ އަޑުތަކަކީ ހަގީގަތެއްބާއޭ ނަޝްވާގެ ހިތަށް އަރަމުން ދިޔައެވެ. ޒަޔާން މަޑުމަޑުން މޭޒުމަތީގައި އޮތް ނަޝްވާގެ އަތުގައި ހިފާލިއެވެ. ނަޝްވާ ސިހިފައި އޭނާގެ އަތާއި ދިމާއަށް ބަލާލެވުނެވެ. ޒަޔާންގެ އަތް ނަޝްވާގެ އަތުގައި ބީހިލުމުން ހީވީ ކަރަންޓްގެ ރާޅުބާންޏެއް ހަށިގަނޑުގެ އެތެރޭގައި ދުވެލިހެންނެވެ. ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނުއިރު ހިތްތެޅޭވަރުން ހީވަނީ މޭފަޅާލާފައި ބޭރަށް ނުކުމެދާނެހެންނެވެ.
“އަހަރެން ނަޝްދެކެ ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ… ވަރަށް ގިނަ ދުވަސް ވެއްޖެ ނަޝްގާތުގައި މިވާހަކަ ބުނަން ބޭނުންވެފައި ހުންނަތާ…. އެކަމަކު….” ޒަޔާންގެ ޖުމްލަ މެދުކަނޑާލަމުން ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ނަޝްވާގެ ޖަންބުކުލަ އަރާފައިވާ ދޮންމޫނަށް ބަލާލިއެވެ.
“އަހަރެން ބޭނުން އަހަރެންގެ ޙަޔާތަށް ނަޝް ގެންނަން…” ޒަޔާން ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ނަޝްވާ އެއްވެސް އެއްޗެއް ނުބުނެ ޒަޔާންގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނީއެވެ.
“ނަޝް ޕްލީޒް… ވާހަކަ ދައްކަބަލަ… އަހަންނަށް ޖަވާބެއް ދީބަލަ…” ނަޝްވާގެ އަތަށް މަޑުމަޑުން ފިތާލަމުން ޒަޔާން ބުނެލީ ނަޝްވާގެ ދެލޮލަށް ބަލަން އިނދެއެވެ. ނަޝްވާގެ އެހަމަހިމޭންކަމުން ޒަޔާނަށް އުނދަގޫވަނީއެވެ. ނަޝްވާ ދޭނެ ޖަވާބެއް ނޭނގޭތީ ހިތްނުތަނަވަސްވަމުން ދިޔައީ އިންތިހާއަށެވެ.
ނަޝްވާއަށް އެންމެ ފަހުން ޒަޔާންއަށް ބަލަން ނުކެރިގެން އިސްޖަހާލެވުނެވެ. ޒަޔާންގެ ކަޅުކުލައިގެ ދެލޮލުގައި ހިތްދަމައިގަންނަފަދަ ޖާދުވީ ބާރެއްވާ ކަހަލައެވެ.
“ނަޝް އަހަރެންދެކެ ލޯބިވޭތަ..؟؟” ނަޝްވާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ޒަޔާން އަހާލިއެވެ. ނަޝްވާގެ ހަރަކާތްތަށް ހުރިގޮތުން ޒަޔާންގެ ހިތް ބުނަމުން ދިޔައީ ނަޝްވާވެސް އޭނާދެކެ ލޯބިވާކަމުގައެވެ. ނަޝްވާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނުމުން ޒަޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު ނަޝްވާގެ ދޮންމޫނު ކުރިޔަށްވުރެވެސް ބޮޑަށް ރަތްވެގެން ދިޔައެވެ.
“އެކަމަކު… ތުއްތުމެން…” ނަޝްވާ އުޅުނީ ވާހަކަ ދައްކާށެވެ. ނަމަވެސް ޒަޔާން ނަޝްވާގެ ލޭކޮޅެއްފަދަ ރަތްކުލައިގެ ތުންފަތުގައި އޭނާގެ އިނގިލި ޖައްސާލަމުން ނަޝްވާގެ ވާހަކަ ހުއްޓުވިއެވެ.
“ނަޝްގެ ޖަވާބު އަހަންނަށް ލިބިއްޖެ… ދެން މިގަޑީގައި އިތުރުވާހަކަ ނުދައްކާ ހުރިހާކަމެއްވެސް އަހަންނަށް ދޫކޮށްލާ…” ނަޝްވާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލަމުން ޒަޔާން ބުނެލިއެވެ. ޒަޔާންގެ އަތުގެ ބީހުމުން ވީއަރާމުން ނަޝްވާއަށް ލޯ މަރާލެވުނެވެ. އިރުކޮޅެއްވަންދެން ލޯމަރައިގެން އިނުމަށްފަހު ލޯހުޅުވާލިވަގުތު ކުރިމަތިން ފެނުނު މަންޒަރުން ވީއުފަލުން އަނގަމަތީ އަތްއަޅާލަމުން ނަޝްވާއަށް ހޭންފެށުނެވެ. އޭރު ޒަޔާންއިނީ ރަތްކުލައިގެ ކާނޭޝަން މާބޮނޑިއެއް ނަޝްވާއަށް ދިއްކޮށްގެންނެވެ. އުފަލުން އިނދެ ނަޝްވާ އެމާބޮނޑީގައި ހިފައި އޭގައިވާ މާތަކުގައި ފިރުމާލިއެވެ.
“އަދި މިވެސް…” ޒަޔާންގެ އަޑަށް ނަޝްވާ ޒަޔާނަށް ބަލާލުމުން ޒަޔާން އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ސްޓޯންތަކެއް ލާފައިވާ ރިހި ކެވެލި ކޮޅެއް ނަޝްވާއަށް ދައްކާލިއެވެ. ނަޝްވާ ހީލަމުން އަތް ދިއްކޮށްލުމުން ޒަޔާން ނަޝްވާގެ އަތުގައި އެކެވެލިކޮޅު އަޅުވާލަދިނެވެ. މިރެއަކީ ޒަޔާންއާއި ނަޝްވާގެ ޙަޔާތަށް އައި އެންމެ އުފާވެރި އެއްރެއެވެ. ލޯބިވެރިންގެ ލިސްޓުގެ އެންމެކުރީގައި މިހާރު ޒަޔާންއާއި ނަޝްވާގެ ނަން ވެސް ވަނީ ހިމެނިފައެވެ.
ކޮޓަރިތެރެއަށް ވެރިވެފައިވަނީ ރޭގަނޑުގެ ކަޅުއަނދިރިކަމެވެ. ކޮޓަރީގެ ހަމަހިމޭންކަން ފޫދުއްވާލާފައިވަނީ އެނދުމަތީގައި ބަނޑުވަތަށް ރޯން އޮތް ލިމްޝާގެ މަޑު ގިސްލުމުގެ އަޑުންނެވެ. އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލާ އަޑުވެސްއިވެއެވެ. އޭނާގެ ބަދުނަސީބުކަމާއިމެދު ވިސްނާފައި ލިމްޝާ އަދިވެސް ރޮނީއެވެ. ނަޝާމްއަކީ އޭނާގެ ހިތުގެ ވިންދުފަދައެވެ. ވީއިރު ނަޝާމްއާއި ނުލާ އޭނާގެ ޙަޔާތް ކުރިޔަށް ގެންދާނެގޮތް ހިތަށް އަރުވާލަންވެސް ލިމްޝާއަށް ނޭނގެއެވެ. އަނެއްކޮޅުން ނަޝާމަށް އޭނާގެ ކުއްލި ކައިވެނީގެ ޚަބަރު ލިބިއްޖެނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ. ޔަގީނުންވެސް އޭނާއަށް ކުއްލި ޝޮކެއް ލިބޭނެއެވެ. ލިމްޝާގެ ހިތަށް އަރާފައިބަމުންދާ އެއްޗެހީގެ ސަބަބުން އޭނާއަށް ކުރިޔަށް ވުރެވެސް ބޮޑަށް ރޮވޭގޮތް ވިއެވެ.
އެވަގުތު ކައިރީގައި އޮތް އޭނާގެ ފޯން ރިންގްވާންފެށިއެވެ. މިހާރު އެފޯން ދިހަވަރަކަށް ފަހަރު ރިންގް ވެއްޖެއެވެ. ގުޅަނީ ނަޝާމްއެވެ. ލިމްޝާގެ ގައިގާ އެފޯންކޯލްތަކަށް ޖަވާބުދޭނެހާ ހިތްވަރެއްނެތެވެ. ޔަގީނެވެ. ފުރަތަމަވެސް ފޯނު ނަގާފައި އޭނާއަށް ފެށޭނީ ރޯށެވެ. ލިމްޝާ ބަލަން އޮއްވާ ފޯނު ކެނޑުނީއެވެ. އަނެއްކާވެސް ނަޝާމް ލިމްޝާއަށް ގުޅަންފެށިއެވެ. ލިމްޝާ ވިސްނާލިއެވެ. އޭނާއަށް އަބަދަކު ނަޝާމްގެ ކޯލްތަކަށް ޖަވާބު ނުދީއެއް ނުހުރެވޭނެއެވެ. ވަރަށް ވިސްނުމަށްފަހު ނަޝާމަށް ހުރިހާ ވާހަކައެއް ހަގީގަތަށް ކިޔައިދިނުމަށް ލިމްޝާ ނިންމިއެވެ. ކޮންމެ ގޮތަކުން ވިޔަސް ނަޝާމަށް މިވާހަކަތައް ކިޔައިދެން އެބަޖެހެއެވެ.
ނަޝާމް އެވަރަކަށް އެގުޅަނީ ލިމްޝާމެންގެ ގޭދޮށުގައި އިނދެގެންކަން ލިމްޝާއަށް އެނގެއެވެ. ނަޝާމްވަނީ މިރޭ އޭނާއާއިއެކު ދުއްވާލަން ދިޔުމަށް ލިމްޝާގެ ގާތުން އެދިފައެވެ. އެހެންކަމުން އޭނާ އެއިނީ ލިމްޝާ ބަލާ އައިހެވެ.
ދިހަވަރަކަށް މިނެޓްތެރޭގައި އެބަ ނުކުންނަމޭ ބުނެފައި ލިމްޝާ މެސެޖެއް ފޮނުވާލިއެވެ. އަދި ކަރުނަތައް ފޮހެލަމުން އެނދުންތެދުވެގެންގޮސް ކޮޓަރީގެ ހޮޅިބުރި ދިއްލާލިއެވެ. އެއަށްފަހު ފާހާނާއަށް ވަދެ މޫނުދޮންނަ ތަށްޓާއި ދިމާ މަތީގައި ހަރުކޮށްފައިހުރި ލޯގަނޑުގެ ކުރިމައްޗަށް ހުއްޓެލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމުން ލިމްޝާ ދެރަވިއެވެ. އެރީތި ބޮޑުދެލޯ ވަނީ ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައެވެ. ފަށުވިކޮޅެއްފަދަ ފަންއިސްތަށިގަނޑު ވަނީ ހޭވިފައެވެ. ނޭފަތާއި ކޮލާއި ނިއްކުރިވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ދޮން މޫނުމަތީގައިވަނީ ހިތާމައާއި މޮޅިވެރިކަމެވެ. އެއްވެސް އުޖާލާކަމެއް އެމޫނުމަތިން ފެންނާކަށް ނެތެވެ. އިސްކުރު ދޫކޮށްލުމަށްފަހު ލިމްޝާ މޫނު ދޮވެލިއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރުއެވެ. އޭނާ ރޮއުނުކަން އެއްވެސް މީހަކަށް އަންގާކަށް ލިމްޝާ ބޭނުމެއް ނޫނެވެ.
ތައްޔާރުވެލައިގެން ލިމްޝާ ނުކުތްއިރު ނަޝާމް އޭނާގެ އިންތިޒާރުގައި ސައިކަލްމަތީގައި އިނެވެ. “ހާދަ ދިގު އިންތިޒާރެކޭ ތިކުރުވީ…” ލިމްޝާ ފެނުމުން ނަޝާމް ލިމްޝާގެ ނޭފަތުގައި ހިފާލަމުން ހީލާފައި ބުނެލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު ލިމްޝާގެ މޫނަށް ބަލާލިއެވެ. ލިމްޝާ ކިތަންމެ ވަރަކަށް ސިއްރުކުރަން އުޅުނަސް ނަޝާމަށް ލިމްޝާ ރޮއުފައި ވާކަން އޭނާގެ ދެލޮލަށް ބަލާލުމުން އެނގުނެވެ. ނަޝާމް އެވަރަށް ބަލަން ފެށުމުން ލިމްޝާ އިސްޖަހާލީ ދެލޯ ފެންކަޅިވާން ފެށުމުންނެވެ. ލިމްޝާ އޭނާގެ ތިރީ ތުންފަތުގައި ދަތްއަޅާލީ ލޮލަށް ޖަމާވަމުން ދިޔަކަރުނަތައް ހިންދާލުމަށެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ.
“ހޭއި ބޭބީ… ރޮއެފާތަ ތިހުރީ…؟؟” ލިމްޝާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ނަޝާމް އަހާލީ ނުހަނު ލޯތްބާއި އެކީގައެވެ. ލިމްޝާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލަމުން ގަދަކަމުން ހިނިތުންވެލިއެވެ.
“އަހަންނަށް މިއާދެވުނީވެސް ވަރަށް ލަހުން… ދެންވެސް ހިނގާ އަވަހަށް ދާން…” ވާހަކަ އޮޅުވާލުމުގެ ބޭނުމުގައި ސައިކަލްގެ ފަހަތަށް އަރަމުން ލިމްޝާ ބުނެލިއެވެ. ނަޝާމަށް ލިމްޝާގެ އަޑަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އެއަޑުވަނީ ކުރެހިފައެވެ. ލިމްޝާ ނުބުންޏަސް އޭނާ ރޮއެފައިވާކަން ނަޝާމަށް ޔަގީންވިއެވެ. ނަމަވެސް އިތުރަށް އެވާހަކަ ނުދައްކާ ނަޝާމް ސައިކަލް ދުއްވާލިއެވެ.
ސައިކަލް ދުއްވަމުން ގޮސް ސުނާމީ ބިނާއާއި އަރާ ހަމަވުމުން ނަޝާމް ސައިކަލް މަޑުކޮށްލިއެވެ. “ހިނގާ އެތާ އިށީނދެލަން ދާން…” ސުނާމީ ބިނާއާއި ދިމާއަށް އިޝާރާތްކޮށްލަމުން ނަޝާމް ބުނެލިއެވެ. ލިމްޝާ އެކަމާ އެއްބަސް ވީ އޭނާވެސް ނަޝާމްއާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރީމައެވެ. ދެމީހުން އެއްހަމައެއްގައި ހިނގާލާފައި ގޮސް އެތާގައި އިށީނެވެ.
ކުޑަކޮށް ވިއްސާރަ ގޮތަކަށް މޫސުން އޮތުމުން އެހެން ރޭ ރެއާއި ޚިލާފަށް މިރޭ އެހިސާބުގަނޑުގައި މީހުން މަދެވެ. އެތާގައި އެދެމީހުންގެ އިތުރުން އެއްވެސް މީހަކު ނެތް ނަމަވެސް ރާޅުގަނޑު ސަރަހައްދުގައި ދެތިންމީހުން ފެންނަން ތިއްބެވެ.
ނަޝާމް ލިމްޝާއަށް ބަލާލިއެވެ. ލިމްޝާގެ ނަޒަރު ހުއްޓިފައިވަނީ ބިޔަ ރާޅު ނަގަމުންދާ މާ ސިންގާ ކަނޑާ ދިމާއަށެވެ. ކޮންމެވެސް ކަމަކާ ވިސްނަމުން ދާކަން މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަތަކުން ހާމަވެއެވެ. ދެއަތްދެއަތާ މޮޑެމުން ދާއިރު އިރުއިރުކޮޅާ ހިންދިރުވާލައެވެ. ނަޝާމް ލިމްޝާގެ މޫނަށް ބަލަން އިނދެ ލިމްޝާގެ އަތުގައި ހިފާލިއެވެ. ލިމްޝާ ސިހިފައި ނަޝާމަށް ބަލާލިއިރު އޭނާގެ ބޮޑުދެލޯ ވަނީ ފެންކަޅިވެފައެވެ.
“އަހަންނަށް ހަމަ ޔަގީން… ލިމް އަހަންނަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެ… އަޅެ ޕްލީޒް… އަހަރެންގާތު ބުނެބަލަ ތި ވެގެން އުޅޭގޮތެއް….” ވަރަށް ފަރުވާތެރިކަމާއިއެކު ލިމްޝާއަށް ބަލަން އިނދެ ނަޝާމް ބުނެލިއެވެ. ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ލިމްޝާއަށް ހިފަހައްޓާލެވުނީ އެހިސާބަށެވެ. ބަޑި ފަޅައިގެން ހިނގައްޖެއެވެ. ނަޝާމްގެ އަތުތެރޭގައިވާ އޭނާގެ އަތް ދަމައިގަންނަމުން ދެއަތުން އޭނާގެ މޫނު ފޮރުވައިގެން އިނދެ ގިސްލަގިސްލާފައި ލިމްޝާ ރޯން ފެށިއެވެ. ލިމްޝާގެ އެވޭނީ ގިސްލުމުގެ އަޑުން ނަޝާމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރިއެވެ. ލިމްޝާގެ ދެއަތުގެ ދޭތެރެއިން ފުރޭނިގެން އެއަންނަ ކޮންމެ ކަރުނަ ތިއްކަކީ ނަޝާމްގެ ހިތްމަތީ ބާއްވާލެވޭ ހަރުހިލަގަނޑެއް ފަދައެވެ.
“ހޭއި ބޭބީ… ޕްލީޒް ނުރޮއެ ހުއްޓާލަބަލަ… ލިމް ތިގޮތަށް ރޮންޏާ އަހަންނަށްވެސް ރޮވިދާނެ…” ލިމްޝާގެ އުނަގަނޑުގައި ހިފަހައްޓާލާ އޭނާގެ ގަޔާއި ކައިރި ކޮށްލަމުން ނަޝާމް ބުނެލިއެވެ. ލިމްޝާ ނަޝާމްގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ ރޮމުން ދިޔައެވެ.
“ތިވެގެން އުޅޭ ގޮތެއް ބުނެބަލަ… އޭރުންނެއްނު އަހަންނަށްވެސް ހެލްޕެއް ވެވޭނީ…” ލިމްޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ނަޝާމް ބުނެލިއިރު ލިމްޝާގެ ރުއިމުގެ ސަބަބުން އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. ލިމްޝާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭތަން ބަލާކަށް ނަޝާމްގެ ހިތެއް ނުރުހެއެވެ. ވީއިރު ލިމްޝާ އެގޮތަށް ރޮންޏާ ނަޝާމަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ.؟
އިރުކޮޅަކު އެގޮތުގައި ހޭދަވުމަށްފަހު ލިމްޝާ ނަޝާމްއާއި ދުރުވެލިއެވެ. އަދި ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނަޝާމްގެ މޫނަށް ބަލާލިއެވެ. އޭރު ނަޝާމްވެސް އިނީ ލިމްޝާއަށް ބަލަހައްޓައިގެންނެވެ. ލިމްޝާ ކޮޅަށް ތެދުވެ ނަޝާމަށް ފަސްދީގެން ހުރެ ވާހަކަ ކުރިޔަށް ގެންދޭވޭތޯ ބެލިއެވެ.
“ނަޝާމް…” ލިމްޝާއަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް ރޯން ފެށިއެވެ.
“ލިމް ނިކަން ހިތްވަރުކޮށްފައި ކިޔައިދީބަލަ… އަހަރެން މިހުރީ އަޑުއަހާށޭ….” ލިމްޝާގެ ފުރަގަހުގައި ހުއްޓި އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ނަޝާމް ބުނެލިއެވެ.
“ނަޝާމް… …. އަހަންނަށް މަޖުބޫރުވެއްޖެ…” ލިމްޝާ ވާހަކަ ކުރިޔަށް ގެންދެވޭތޯ ބެލިއެވެ.
“ކޮންކަމަކަށް…؟؟؟” ލިމްޝާ ބުނަން އެއުޅޭ އެއްޗެއް ނޭނގުމުން ނަޝާމް ހުރީ ހިތްއަވަސް ވެފައެވެ.
“އަހަންނަށް އެހެންމީހަކާ ކައިވެނިކުރަން މަޖުބޫރު ވެއްޖެ….” ދެލޯ މަރާލަމުން ނިކަން ހިތްވަރު ކޮށްލާފާ ލިމްޝާ ބުނެލިއެވެ. ލިމްޝާގެ ޖުމްލަ ނަޝާމަށް އަޑު އިވުނީ ހޮނުގުގުރިއެއްގެ އަޑު ފަދައިންނެވެ. އެއީ ދުވަހަކުވެސް އޭނާ އަޑުއިވޭނެ ކަމަށް އުއްމީދުކޮށްގެން ހުރި ޖުމްލައެއް ނޫނެވެ. މަޑުމަޑުން ލިމްޝާގެ ކޮނޑުގައި ހިފަހައްޓައިގެން ހުރި ނަޝާމްގެ އަތް ދޫވުމުން ލިމްޝާ ފަސްއެނބުރި ނަޝާމަށް ބަލާލިއެވެ. އޭރު ނަޝާމް ހުއްޓުން އަރާފައި ލިމްޝާއަށް ބަލަން ހުއްޓެވެ. ނަޝާމް އަށް ވެގެން ދިޔަ ގޮތް ފެނިފައި ލިމްޝާއަށް އަނެއްކާވެސް ރޯންފެށުނެވެ.
“އެހެންނެއް ނުވާނެ… ލިމް އެހެން މީހެއްގެ ހައްގަކަށް ނުވާނެ… ތީ އަހަރެންގެ ހައްގެއް… ބުނެބަލަ … ލިމް އަހަންނާ ސަމާސާ ކުރަނީ ދޯ… ތީ ދޮގެއް ދޯ…” އިރުކޮޅަކު ހުއްޓުން އަރާފައި ހުރެފައި ލިމްޝާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ނަޝާމް މޮޔައެއް ފަދައިން ވާހަކަދެއްކިއެވެ. ލިމްޝާއަކަށް ވާހަކައެއް ނުދެއްކުނެވެ. ނަޝާމްގެ ދެއަތުގައި ހިފަހައްޓައިލައިގެން ހުރެ ރޮމުން ދެފަރާތަށް ބޯހޫރުވާލެވުނީއެވެ.
“ނޫން… ކީއްވެ އެހެން ވާންވީ… ލިމް ލޯބިވަނީ އަހރެންދެކެއެއްނު… ލިމްގެ މަންމަމެން ގާތު ބުނެބަލަ ލިމް ލޯބިވަނީ އަހަރެންދެކެއޭ… ލިމްއަށް ބުނަން ނުކެރެންޏާ އަހަރެން ބުނެފާނަން….” ނަޝާމަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފިރިހެނަކަށްވިޔަސް އެމީހެއްގެ ލޯބިވާ މީހަކު ގެއްލިގެންދާތަން ބަލާކަށް ކެތެއް ނުވާނެ ނޫން ހެއްޔެވެ.
“ލިމް ޕްލީޒް… އަހަރެންގެ ޙަޔާތުން ދުރަށް ދާން މަސައްކަތް ނުކުރޭ… އަހަންނަށް ލިމްއާއި ނުލާ ނޫޅެވޭނެ… ދެފައިގައި ހިފައި އާދޭސްކޮށްފަ މިބުނަނީ އަހަރެންގެ ޙަޔާތުން ދުރަށް ނުދޭ ލިމް… ނަޝާމް ލިމްޝާގެ ކައިރިއަށް ދެކަކޫމައްޗަށް ތިރިވެ ލިމްޝާގެ ދެފައިގައި ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. ލިމްޝާ އޭނާގެ ތުރުތުރުއަޅަމުންދާ އަތުން ނަޝާމްގެ އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން އަނެއް އަތުން އޭނާގެ ބޮލުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން ނަޝާމްގެ ކައިރިއަށް ތިރިވެ ދެކަކޫ ޖަހާލަމުން ނަޝާމްގެ ގައިގާ ބައްދާލަމުން ރޯން ފެށިއެވެ. އެގޮތުގައި ވަގުތުކޮޅެއް ހޭދަވެގެން ދިޔުމަށްފަހު ލިމްޝާ ނަޝާމްއާއި ދުރުވެލަމުން ކޮޅަށް ތެދުވެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލާ ނޭފަތް އެތެރެއަށް ދަމާލިއެވެ. ނަޝާމްވެސް މަޑުމަޑުން ކޮޅަށް ތެދުވެ ދެލޯ ފޮހެލިއެވެ.
“ނަޝާމް… އަހަރެން ނަޝާމް ދެކެ ވަރަށް ލޯބިވޭ… އިންސާނަކު އަނެއް އިންސާނެއްދެކެ ލޯބިވާ އެންމެ މަތީ ދަރަޖައަށް އަހަރެން ނަޝާމް ދެކެ ލޯބިވޭ… ހަމަ އެހާ ވަރަށް އަހަރެން އަހަރެންގެ މަންމައާއި ބައްޕަދެކެވެސް ލޯބިވޭ… އެއީ އަހަރެންގެ އަސްލު މައިންބަފައިން ކަމުގައި ނުވިނަމަވެސް އަހަންނަށް އެދެމަފިރިންގެ ފަރާތުން ހިތް ފުރި ބަންޑުންވާ ވަރަށް ލޯބިލިބުން… އަހަންނަށް އުނިވާ އެއްވެސް ކަމެއް ނޯވޭ… ދުވަހަކުވެސް އެއީ އަހަރެންގެ އަސްލު މައިންބަފައިން ނޫންކަން އަހަންނަށް އިހުސާސް ވިޔަކަ ނުދޭ…. އަމިއްލަ ދަރިއެއް ފަދައިން އެދެމީހުން އަހަރެން ބަލާ ބޮޑުކުރީ ބަސްއަހާ ކިޔަމަންތެރި ދަރިއެއްގެ ގޮތުގައި… މީހުން ދަރިން ބަލާ ބޮޑުކުރަނީ ވަރަށް ފޮނި އުއްމީދެއްގައި… މަންމަމެން އަހަރެންގެ ކިބައިން އެދުނީ އެންމެ ކަމަކަށް… އެއީ މިކައިވެނި…. އެމީހުން އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އަހަރެން ގާތު އަހާނުލާ ކައިވެނި ހަމަޖެއްސީ… އަހަރެން ކިހިނެއް ދެން އެކަމަށް އިންކާރު ކުރާނީ… އަހަރެންގެ ލޯތްބަށްޓަކައި ބައެއްގެ ކުރިމަތީގައި ބައްޕަގެ އަގު ވައްޓާލުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން… އަހަރެން ދެކޭ ގޮތުގައި މިއީ އެމީހުން އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލު ދޭން އަހަންނަށް ލިބުނު ފުރުސަތެއް…..” ލިމްޝާއަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކާވެސް ރޮވިއްޖެއެވެ. ނަޝާމް އޭނާއަށް ފުގަސްދީގެން ހުރި ލިމްޝާގެ ކުރިމައްޗަށް އަރަމުން ލިމްޝާގެ ކަރުނަތައް ފޮހެލައިދިނެވެ.
“ލިމް… ތިހާ ވަރަށް ނުރޮއެ… އަހަންނަކަށް ކެތެއް ނުވޭ ލިމް ރޯތަން ބަލާކަށް… އަހަރެން ލިމް ދިޔަކަ ނުދޭނަން… ތީ އަހަރެންގެ ލިމް… ހާދަ ވަރަކަށް އިންތިޒާރުކޮށްގެންނޭ ލިމް އަހަރެންގެ ޙަޔާތަށް އައީ… އަނެއްކާ މާގިނަދުވަސްތަކެއް ނުވެ ތިދައްކަނީ އަހަރެންގެ ދިރިއުޅުމުން ދުރަށް ދާ ވާހަކަ…. ލިމް އަހަންނަކަށް ލިމްއާއި ނުލާ ކެތެއް ނުކުރެވޭނެ….” ލިމްޝާ ގެނެސް އޭނާގެ މޭގައި ލައްކޮށްލަމުން ނަޝާމް ލިމްޝާގެ ފަށުވި އިސްތަށިގަނޑުގައި ފިރުމާލިއެވެ. އޭރު އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.
“ނޫން ނަޝާމް… ނަޝާމް ޖެހޭނީ ކެތްކުރަން… ހަގީގަތާ ކުރިމަތިލާ ނަޝާމް… އަހަންނާ ނުލާ އުޅެން ދަސްކުރޭ… އަހަންނަކަށް ދެން ނަޝާމްގެ ޙަޔާތުގެ ހުޅުކޮޅު ދިއްލައެއް ނުދެވޭނެ… އަހަންނަށް ޖެހޭނީ ނަޝާމްގެ ދިރިއުޅުމުން ދުރަށް ދާން…. އަހަންނަށް މާފުކުރޭ ނަޝާމް… އަހަންނަށް މާފުކުރޭ….” މިހެން ބުނެފައި ރޮމުން ރޮމުން ލިމްޝާ މަގުމައްޗަށް ދުއްވައިގަތެވެ. ނަޝާމްވެސް ލިމްޝާގެ ފަހަތުން ދުއްވައިގަތީ ލިމްޝާ ހުއްޓުވާށެވެ. ނަމަވެސް އޭގެ ކުރިން މަގުމަތިން އައި ޓެކްސީއެއް ހުއްޓުވާފައި ލިމްޝާ އެއަށް އަރާފިއެވެ. ނަޝާމަށް އެހިސާބަށް ދެވެންވާއިރަށް ޓެކްސީ ނައްޓާލާފިއެވެ. ވީދެރައިން ކައިރީގައި ހުރި ހޮޅިދަނޑީގައި އަތްމުށްކަވާފައި ނަޝާމް ޖެހިއެވެ. މަގުމަތިން ދިޔަ މީހުންގެ ނަޒަރު ނަޝާމަށް ސީދާވުމުން އެތާ މަޑުނުކޮށް ސައިކަލަށް އަރާ ދުއްވާލިއެވެ.
ގެއަށްދިޔަގޮތަށް ލިމްޝާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނަސީބަކުން ސިޓިންރޫމަގައި އެއްވެސް މީހަކު ނެތުމުން މީހަކާ ކުރިމަތިލާން ނުޖެހި ކޮޓަރިއާއި ހަމައަށް ދެވުނެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަންނަމުން ލިމްޝާ ރޯންފެށިއެވެ. މިރޭ އޭނާގެ ހިތަށް ވަނީ ދުވަހަކުވެސް އަސަރު ނުކުރާ ވަރަށް އަސަރު ކޮށްފައެވެ.
އިންސާނާގެ ޙަޔާތުގައި އެއްދުވަހު އުފަލުގައި އުޅެފިއްޔާ އަނެއްދުވަހު ހިތާމައާއި ކުރިމަތިލާންވެސް ޖެހިދާނެއެވެ. ދުނިޔެމީ އެކަހަލަ ތަނެކެވެ. މާދަމާ ކަންވާނެ ގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. ދިރިއުޅުމުގައި ދިމާވާ އަޑިގުޑަންތަކަކީ ދުނިޔެމަތީގެ އިމްތިހާނެވެ. އިންސާނުން ޖެހޭނީ އެއިމްތިހާނުތަކުން ފާސްވޭތޯ ކެތްތެރިވެ ހިތްމަތާއިއެކު މަސައްކަތްކުރާށެވެ. އެއްބައެއްގެ ލޯބީގެ ފަލްސަފާ އުފަލާއިއެކު ފެށިގެންދާއިރު އަނެއް ބައެއްގެ ލޯބީގެ ފަލްސަފާގައި ނިމުމުގެ ސިއްކަ ޖެހިގެންދަނީ މަދުފަހަރަކު ނޫނެވެ.
އާދުވަހަކަށް އިރުއަރައިގެން އައީ ލިމްޝާގެ ހިތްރޮއްވާލަމުންނެވެ. ލިމްޝާ މިޔަދު އޮފީހަށް ނުގޮސް ސަލާމް ބުނީ ނަޝާމްގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އޭނާގެ ގައިގައި ނެތީމައެވެ. ފެންވަރައިލައިގެން ބަދިގެއަށް ދިޔައީ މަންމައަށް އެހީވެދިނުމަށެވެ. ނަމަވެސް ލިބުނު ޚަބަރަކުން އޭނާގެ ބޯސަކަރާތްވާ ގޮތްވިއެވެ. ނާއިޝްމެންގެ ގެއަށް މިޔަދު ހަވީރު ދިޔުމަށް އެއާއިލާއިން ލިމްޝާމެނަށް ދައުވަތު ދިނީއެވެ.
އެދުވަހުގެ ހަވީރުގެ ވަގުތެވެ. ލިމްޝާމެންގެ ކުޑަކުޑަ އާއިލާ ވިލިނގިއްޔަށް ދިޔައީ ނާއިޝްމެންގެ ގެއަށް ދިޔުމަށްޓަކައެވެ. ލިމްޝާމެންނާއިއެކު ނޫރާވެސް ދިޔައެވެ. ލިމްޝާހުރީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މަންމަމެން ތިއްބާ އޭނާއާއި ދިމާއަށް އެއްޗެކޭ ބުނާކަށްވެސް ނުކެރޭނެއެވެ.
ލިމްޝާމެން ނާއިޝްމެން ގެއަށް ދިޔައިރު އެމީހުންގެ އިންތިޒާރުގައި ނާއިޝްއާއި އޭނާގެ މައިންބަފައިންގެ އިތުރުން ނަޝްވާވެސް އިނެވެ.
“ދަރިފުޅާ ދޭބަލަ ތުއްތުއަށް ގޮވާލަން…” ލިމްޝާމެނަށް އިށީނުމަށް ތަން ދައްކަމުން ފަރީޝާ މިހެން ބުނުމުން ނަޝްވާ މައްޗަށް ދިޔައެވެ.
“މިއަންނަނީ އަހަރެންގެ ދެވަނަ ފިރިހެން ދަރިފުޅު…. ނަޝާމް….”ސިޑިން ފައިބައިގެން އައި ނަޝާމަށް މުޚާތަބުކޮށް ނާޝިދު މިހެން ބުނުމުން ލިމްޝާއަށް ފަސްއެނބުރި ބަލާލެވުނެވެ. ނަޝާމް ފެނުމުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަޝާމަށްވެސް ވީ ލިމްޝާއަށް ވީކަހަލަ ގޮތެކެވެ. ހުއްޓުން އަރާފައި ހުރެވުނީއެވެ. ލިމްޝާއަށް އިންނަން މިޖެހުނީ ނަޝާމްގެ ބޭބެއާއި ބާވައޭ ލިމްޝާގެ ހިތަށް އެރިއެވެ. ނޫރާއަށްވެސް ހައިރާންކަން ލިބުނު ނަމަވެސް މިކަންވީ މަޖާކަމަކަށެވެ. އޭނާގެ ތުންފަތަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ.
“ދެމީހުން އެކަކު އަނެކަކު ދަންނަންތަ…؟؟؟” ނަޝާމްގެ މޫނުމަތީ ފުށްޓަތްކެއް ޖަހާލަމުން ނަޝްވާއަހާލިއެވެ. ނަޝާމް ސިހިފައި އެންމެނަށް ބަލާލިއެވެ. އެންމެންގެ ނަޒަރު ސީދާވެފައި ވަނީ އޭނާއަށެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. ހީވާ ގޮތުން އެމީހުން އެތިބީ އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
“އަހަރެމެން އުޅެނީ އެއް އޮފީހެއްގައި…” ނަޝާމް މަޑުމަޑުން ހިނގާލާފައި އައިސް ނާއިޝްގެ ގާތު ސޯފާގައި އިށީންނަމުން ބުނެލިއެވެ. ނަޝާމްގެ ޖަވާބުން އެންމެންގެ މޫނުމަތިން ހައިރާންކަން ފިލާގޮސް އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ.
ދެއާއިލާގެ ދެމެދުގައި އެކިވާހަކަ ދެކެވެމުން ދިޔައިރު ނަޝާމްއަށާއި ލިމްޝާއަށް އެކަކު އަނެކަކުގެ މޫނަށް އަވަސްއަވަހަށް ބަލާލެވެއެވެ. ބައެއްގެ ކުރިމަތީގައި ހިތުގެ އިހުސާސްތައް ފޮރުވުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ލިމްޝާއާއި ނަޝާމް ދިޔައީ ހިތުގެ ހާލު ފޮރުވުމަށްޓަކައި ކެތްކުރެވޭ އެންމެ މަތީ ދަރަޖައަކަށް ކެތް ކުރަމުންނެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ސައިގެ ކަންތަކާއިގެން ކުރިޔަށް ދިޔައެވެ. ނޫރާ ދަނޑިވަޅުގެ ބޭނުންކޮށް ނަޝާމްގެ ގާތަށް ޖެހިލިއެވެ.
“ބަލާބަލަ ލިމްގެ ގޯސްކަން… އެންމެފަހުން އެއުޅެނީ ނަޝާމްގެ ދޮންބެއާއި މެރީކުރަން… ނަޝާމްއާއި ރައްޓެހިވުމުގެ ކުރިންވެސް ލިމް އުޅުނީ ނަޝާމްގެ ދޮންބެއާއި ރައްޓެހިވެގެން… އެއީ އޭނާ އަބަދުވެސް އުޅޭ ވައްތަރު…” ނޫރާ ނަޝާމްގެ ގާތު އެހެން މީހަކަށް ނީވޭނެހެން ބުނެލިއެވެ. ނަޝާމްގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“ޚަބަރުދާރު ނޫރާ… ލިމްއާއި ދިމާއަށް އިތުރަށް އެންމެ ބަހެއްވެސް ނުބުނާތި… ލިމްއަކީ އެކަހަލަ ކުއްޖެއް ނޫން… އެއަށްވުރެން މާ އަޚުލާގު ރަނގަޅު ކުއްޖެއް އެއީ…” މިހެން ބުނެފައި ހަލުވިކަމާއި އެކު ސިޑި ގިރާކޮށްލަމުން ނަޝާމް މައްޗަށް ދިޔައެވެ. ނޫރާ ނަޝާމް ދިޔަ ދިމާއަށް ބަލަން ހުރެފައި އަނގައިން ވައްތަރެއް ޖައްސާލިއެވެ.
ސައިބޮން އުޅެފައި ލައިޝާ މައްޗަށް ދިޔުމުން ލިމްޝާ މައްޗަށް ދިޔައީ މަންމަ ބުނެގެން ލައިޝާ ބަލައެވެ. ދެވަނަ ބުރިއަށް އެރިތަނުން ލައިޝާ ހޭއަޑަށް ލިމްޝާ ޓެރަހަށް އެރުމަށްޓަކައި ސިޑިން އަރަން ފެށިއެވެ.
“ނަޝާމްބެ ހާދަ މަޖަލޭ… ނަޝާމްބެ ލައިއްކޮގެ ދޮންތައާއި މެރީކުރަންވީނު….” ލައިޝާ މިހެން ބުނި ވަގުތަކީ ލިމްޝާއަށް ޓެރަހަށް އެރުނު ވަގުތެވެ. އޭރު ނަޝާމް ލައިޝާ އުނގަށްލައިގެން ގޮނޑިއެއްގައި އިނެވެ. ލައިޝާގެ ޖުމްލައިން ނަޝާމްގެ މޫނުމައްޗަށްވެސް ސީރިޔަސްކަން ވެރިވިއެވެ.
“ލައިއްކޯ… ދޮންތަ ބުނީމެއްނު ކުޑަކުދިން ތިކަހަލަ ވާހަކައެއް ނުދައްކާނެއޭ… އާދޭ ސައިބޯން ދާން…” ލިމްޝާ މަސައްކަތް ކުރީ ނަޝާމަށް ނުބަލާ ވޭތޯއެވެ. ނަޝާމް އޭނާއަށް ބަލަހައްޓައިގެން އިންކަން ލިމްޝާއަށް އެނގެއެވެ. ލިމްޝާ މިހެން ބުނުމުން ލައިޝާ ދުވެފައި އައިސް ލިމްޝާގެ އަތުގައި ހިފާލިއެވެ. ލިމްޝާމެން ދާން އެނބުރުންވަގުތު ނަޝާމް ގޮވާލުމުން ލިމްޝާ ހުއްޓުނެވެ.
“ލައިއްކޮ ދޭ ތިރިއަށް… ދޮންތަ އެބަދަން…” ލިމްޝާ މިހެން ބުނުމުން ލައިޝާ ބަސްއަހައިގެން ދިޔައެވެ. ނަޝާމް އައިސް މަޑުކޮށްލީ ލިމްޝާގެ ކުރިމަތީގައެވެ.
“ލިމް ތީ ވަރަށް ނަސީބުގަދަ ކުއްޖެއް… އަހަރެންގެ ދޮންބެ ލިމް ދެކެ ވަރަށް ލޯބިވޭ… އަހަންނަށް ޔަގީން ދޮންބެ ލިމް ވަރަށް އުފަލުގައި ގެންގުޅޭނެ…. ދޮންބެގެ މުޅި އުމުރުގައިވެސް ހަމައެކަނި ލޯބިވި ކުއްޖަކީ ތީ…” މިހެން ބުނެފައި އިތުރަށް އެތާ މަޑުނުކޮށް ނަޝާމް އެތަނުން ދިޔައީއެވެ. އޭނާއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. އޭނާއަށާއި އޭނާގެ ދޮންބެއަށް ލޯބިމިވެވުނީ އެކަކު ދެކެއެވެ. ލިމްޝާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް ލިމްޝާ ފަދައިން އޭނާވެސް ބޭނުންވީ އޭނާގެ ދޮންބެގެ ލޯތްބަށްޓަކައި އޭނާގެ ލޯބި ގުރުބާން ކުރާށެވެ. ލިމްޝާވެސް ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލަމުން ތިރިޔަށް ދިޔައެވެ.
ޖެހިގެން އައި ދުވަހެވެ. އާދައިގެ މަތިން ނާއިޝް އިނީ ހޮސްޕިޓަލުގައި އޭނާއަށް ޚާއްސަކޮށްފައިވާ ރޫމްގައި ބަލިކުދިން ބަލާށެވެ. ނަންބަރު ދީފައިވާ ތަރުތީބުން ފަހަރަކު މީހަކު އައިސް އެމީހެއްގެ ދަރިފުޅު ދައްކަމުން ދިޔައެވެ. ފަސްވަނަ ނަންބަރު ޖެހުމުން އެތެރެއަށް ވަނީ ސައްވީސްވަރަކަށް އަހަރުގެ އަންހެންކުއްޖަކާއި ސާޅީސްފަސްވަރަކަށް އަހަރުގެ އަންހެނެކެވެ. އެއަންހެންމީހާގެ އަތުގައި ގާތްގަނޑަކަށް ދޮޅުއަހަރުގެ ފިރިހެން ކުއްޖެއް އިނެވެ. އެއަންހެން ކުއްޖާ ފެނުމުން ނާއިޝްއަށް އެކުއްޖާއަށް ބަލަން އިނދެވުނީ އެއީ ދަންނަ ކުއްޖެއްހެން ހީވުމުންނެވެ. އެކުއްޖާވެސް ވަންގޮތަށް ހުއްޓުން އަރާފައި ނާއިޝްއަށް ބަލަހައްޓައިގެން ހުރީއެވެ.
“ނާއިޝް….” އެއަންހެންމީހާ އެކުއްޖާގެ ގައިގައި ކޮށްޓާލުމަށްފަހު އިށީންނަން އަންނާށޭ ބުނުމުން ނާއިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އެކުއްޖާ ނާއިޝްއަށް ގޮވާލިއެވެ.
“ޒޯޔާ…” ނާއިޝްގެ ކަންފަތުގައި އެކުއްޖާގެ އަޑު ޖެހުމުން ނާއިޝްއަށް އެއީ ޒޯޔާކަން ޔަގީންވުމުން ޒޯޔާއަށް ގޮވާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.







dhen edhemyhunah thihen nahadhaa……plx plx nasham n lim vaki nukohlacheyy
Pis, dhen mihen v ma fooh… 🙁
Varah dhera mihaaru vaagoi
Ish, i will think abt it
Faai, kihineh v ma foohy?
Babu, fahun rangalhu vedhaane
🙂 Thanks all
Nicee..:)
Thanks lovely 🙂
THIS WAS BEAUTIFUL
Varah salhi
Nice story… thankx 4 the lovely story.. 😉
kihineh vaan baa miulheny???
kn iraku next part up kuranyy???
Thanks Lee, Zuby & Look 🙂
Next part tomorrow night ga up kohlaanan In Sha Allah
koba eem hadha lahey up kohlalah thi haa lahun up kuranaya kiuntherin foohivaane pls up kohladeebala mirey
Sorry all.. 28 ga up kuran v try kurin.. bt dhimaavi kuda kamehge sababun nukurevuny…
Shdwo, 12 ge fas viyas next part up kohladhyfa innaany..
🙂