ތިމާގެ މީހެއްގެ ކުއްޖަކަށް ލޭ ދިނުމަށް އަހަރެން ތެލަސީމިއާ ސެންޓަރަށް ދިޔައީމެވެ. އެތަނަށް ގޮސް އެންމެ ފުރަތަމަ ޖެހުނީ ފޯރމެއް ފުރާށެވެ. ފުރަތަމަ ފަހަރަށް ދިޔަ ނަމަވެސް ވަރަށް އަވަހަށް އަހަރެން އެފޯމް ފުރާ ނިންމާލީމެވެ. ދެން ޖެހުނީ ކޮރޮސް މެޗްހަދަން ލޭ ނެގުމަށެވެ. އެހެންވެ އެކަމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް އަހަރެން ވަނީމެވެ. އިރުއިރުކޮޅާހެން އެކޮޓަރީގެ ކުރިމަތިން ވަރަށް ރީތި އަންހެން ކުއްޖަކު ކުރި ކަނޑާލަ އެވެ. އަހަރެންގެ ލޮލުގައި އޭނަ އަޅައިގަތެވެ. އޭނަގެ ކަރުގައި އަޅުވާލާފައިވާ ކަށިގަނޑު ފެނުމުން އެއީ ޑޮކްޓަރުހެން އަހަންނަށް ހީވިއެވެ. އެކަމަކު، ހިތަށް އެރިއެވެ. އެހާ ރީތި ޒުވާން އަންހެން ޑޮކްޓަރުން ތިބޭ ބާވައެވެ؟ އަހަރެންގެ ލޭނަގަން އެޑޮކްޓަރ އަންނާނެ ނަމައޭ ހިތަށް އެރިއެވެ. ކުޑަ އިރުކޮޅަކުން އަހަރެން ލޭނެގުމަށްޓަކައި އެޑޮކްޓަރ އައެވެ.

” ހާދަ ރީއްޗޭ.” އަހަރެންގެ ގައިން ލޭ ނެގުމަށްޓަކައި ޑޮކްޓަރ އަހަންނާއި ވަރަށް ކައިރިވެލުމުން އަހަނަށް ބުނެވުނެވެ.

” އޭނ.! ކީކޭ؟” ޑޮކްޓަރަށް ސިހުމެއް ލިބުނު ކަހަލައެވެ.

” މުޅި މާލެއިންވެސް އަދި ތިހާ ރީތި އަންހެން ކުއްޖެއް ނުދެކެން!” ތީ އަހަންނަށް މިހާތަނަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖާ!” އަހަރެން ޑޮކްޓަރުގެ ރީތިކަމަށް ތަޢުރީފްކޮށްލީމެވެ.

” ތެންކިޔޫ.” ހިނިތުން ވެލަމުން ޑޮކްޓަރ ބުނެލިއެވެ.

” ހަމަ ގަންދީ ތެދަށް މިބުނަނީ. ތިހާ ރީތިކަމެއް އަހަރެންގެ ޙަޔާތުގައި އަދި ނުދެކެން!” ޑޮކްޓަރުގެ ރީތިކަމަށް ތަޢުރީފް ނުކޮށް އަހަންނަކަށް ނުހުރެވުނެވެ.

” އަނެއްކާ އަހަރެން ދަންނަނީތަ؟” ޑޮކްޓަރ އަނހާލިއެވެ.

” ނޭނގޭ. ނުދަންނަން. މީގެ ކުރިން ފެނިފައެއް ނެތް. އެކަމަކު ހީވަނީ ވަރަށް ގިނަދުވަހު އެކީގައި އުޅެވިފަ ހުރިހެން.” ފުރަތަމަ ފަހަރު ބައްދަލުވި ނަމަވެސް، އަހަންނަށް ހީވާގޮތް ބުނީމެވެ.

ޑޮކްޓަރ އަހަރެންގެ އަތުން ލޭނަގަމުން ދިޔައެވެ. އަހަރެން ސީދާ ޑޮކްޓަރގެ މޫނަށް ބަލަހައްޓައިގެން އިނީމެވެ. ވަރަށް ރީއްޗެވެ. ފުރިހަމައެވެ. ވަރަށް ފަން އިސްތަށިގަނޑަކާއި ހަމަ އެހާމެ ދޮން މޫނެއް ލިބިފައިވާ އެ ޑޮކްޓަރގެ ރީތިކަން ފެނިފައި އަހަރެން ޙައިރާން ވިއެވެ. އަހަރެންގެ އަތަށް ލޭނެގުމަށްޓަކައި ކަށި ކޮއްޕާލިކަންވެސް އިނގުނީ އެކަން ނިމި، ލޭނގި ތަނުގައި މަލަންކޮޅު އެޅި ފަހުންނެވެ. ތަދުގެ އެއްވެސް އިޙްޞާޞެއް އަހަންނަކަށް ނުކުރެވުނެވެ. އަހަރެން ޙައިރާންވިއެވެ. އަހަންނަކީ ކުރިން ލޭފެނުމުން ކޮންމެވެސް ވަރަކަށް ޖެހިލުންވާ މީހެކެވެ. އެކަމަކު، މިފަހަރު އެއްވެސް ގޮތެއް ނުވިއެވެ. ޑޮކްޓަރގެ މޫނުފެނުމުން ހުރިހާ ކަމެއް ހަނދާންނެތުނު ކަހަލައެވެ.

” މިކޮޅުން ގުޅާލުމުން އާދެވޭ ގޮތަށް ހުންނާތި.” ލޭނަގާ ނިމުމުން ޑޮކްޓަރ ބުނެލިއެވެ.

” އަބަދުވެސް.” ލާނެތް ހިނިތުންވުމަކާއިއެކު އަހަރެން ބުނީމެވެ.

އިރުއިރުކޮޅާއި އަހަރެން ފޯނަށް ބަލަމުން ގެންދިޔައީމެވެ. ތެލަސީމިއާ ސެންޓަރުން ގުޅާތޯއެވެ. އަދި އެއް ފަހަރު ނަމަވެސް، އެޑޮކްޓަރުގެ މޫނު ދެކިލުމަށެވެ. ހިތަށް އެރިއެވެ. ޑޮކްޓަރަށް ކިޔަނީ ކޮން ނަމެއްހެއްޔެވެ؟ އުޅެނީ މީހަކާއި އިނދެގެން ހެއްޔެވެ؟ އަހަންނަށް ކުއްލިއަކަށް ޑޮކްޓަރު ރީތިވީ ކީއްވެގެން ހެއްޔެވެ؟ ތެދެކެވެ. އެފަދަ ފުރިހަމަ އަންހެނަކު އަހަންނެއް އަދި ނުދެކެމެވެ. ޙަޔާތުގައި ވަރަށް ތަފާތު އަންހެން ކުދިންނާއި އަހަންނާއިވެސް ދިމާވެފައި ހުއްޓެވެ. އެކަމަކު، މިއަދު މިޑޮކްޓަރ ފެނުމުން ކުރެވުނު ކަހަލަ އިޙްޞާޞެއް ކުރިން ދުވަހަކުވެސް އަހަންނަށް ކުރެވިފައެއް ނެތެވެ. އެހެން ވެދާނެއެވެ. މީހަކާއި އިނދެގެން އުޅުނަސް އަހަންނަށް ލޯތްބެއް ނުލިބެއެވެ. ރަނގަޅުވާނީ އެވާހަކަ ނުދެއްކިއްޔާ ކަންނޭނގެއެވެ. ހަވީރު ވީއިރުވެސް އަހަރެންގެ ހިތުގައި ދައުރުވަނީ ޑޮކްޓަރުގެ ހަނދާނެވެ. އެސޫރަ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާ ކަހަލައެވެ. އައިނު އަޅައިގެން، މޫނުމަށްޗަށް ވެއްޓިފައިވާ ފަން އިސްތަށި ކޮޅު އެއްފަރާތް ކޮށްލިގޮތް އަދިވެސް ފެންނަ ކަހަލައެވެ. އެމަޑު އަތުން އަހަރެން އަތުގައި މަލަންކޮޅު އެޅިގޮތް އަދިވެސް އިޙްޞާޞްކުރެވޭ ކަހަލައެވެ.

ތެލަސީމިއާ ސެންޓަރުން ގުޅީ އަހަރެން އެ ޚިޔާލްގައި ހުއްޓައެވެ. ގުޅުމާއިއެކު، ލަހެއް ނުވެ އަހަރެން އެތަނަށް ދިޔައީމެވެ. ގޮސް ފުރަތަމަވެސް އަހަރެން ބެލީ ޑޮކްޓަރ ފެނޭތޯއެވެ. އަހަންނަކަށް ޑޮކްޓަރެއް ނުފެނުނެވެ. މިފަހަރު އަހަރެންގެ ލޭނެގުމަށް އައީ ނަރުހެކެވެ.

” ކޮބާތަ ޑޮކްޓަރ؟” ޑޮކްޓަރ ދެކެން ކޮންމެހެންވެސް އަހަރެން ބޭނުމެވެ.

” މިވަގުތު ޑޮކްޓަރ ބިޒީ.” ނަރުސް ބުނެލިއެވެ. އެވަގުތު ޑޮކްޓަރ ރޫމްގެ ކުރި ކަނޑާލިތަން އަހަންނަށް ފެނުނެވެ.

” ކޮން ނަމެއްތަ ޑޮކްޓަރަށް ކިޔަނީ؟” އަހަރެން އަނހާލީމެވެ.

” ޑޮކްޓަރަށް ކިޔަނީ ޑޮކްޓަރ!” ނަރުސް މީހާ ޑޮކްޓަރގެ ނަން ބުނާކަށް ބޭނުމެއް ނުވިއެވެ.

” ކޮން ނަމެއްތަ ކިޔަނީ؟” ޑޮކްޓަރ އައުމުން އަހަރެން އަނހާލީމެވެ.

” މައުޝާ. ޑޮކްޓަރ މައުޝާ.” ޑޮކްޓަރ ބުނެލިއެވެ.

” ލޭ ފެނުމުން އަޅުގަނޑުގެ ބޮލުގައި ރިއްސާނެ. ލޭނަގާ ނިމެންދެން ޑޮކްޓަރ މައުޝާ މިތާނގައި މަޑުކޮށްލަންވީނު.” އަހަރެންގެ ގާތަށް މައުޝާ ގެންނަންވެގެން ބުނީމެވެ.

” އެއީ ދޮގެއް. އޭނައަށް އެއްވެސް ކަމެއްނުވޭ.” މައުޝާ އެހެން ބުނުމަށް ފަހު އެތަނުން ދިޔައީއެވެ.

” އާނ. އަހަންނަށް ހީވީ ހަމަ ރަނގަޅަށް. ޑޮކްޓަރަށްވެސް އަހަރެން ހަމަ ރަނގަޅަށް އިނގެނީދޯ.” އަހަރެން ބުނީމެވެ.

ލޭ ނަގާ ނިމިގެން އަހަރެން ވަރަށް ބެލީމެވެ. މައުޝާ ފެނޭތޯއެވެ. އެކަމަކު އަހަންނަކަށް ނުފެނުނެވެ. އެތަނުން ނަރުހެއް ގާތުގައި އަނހާލުމުން މައުޝާ ޑިއުޓީ ނިންމާފައި ދިޔަކަމަށް ބުނެލިއެވެ. ދިޔައީ ކޮންތަނަކަށްތޯ އަނހާކަށް އަހަންނަކަށް ހިތްވަރެއް ނުލިބުނެކެވެ. ދެން އަހަރެންވެސް ދިޔައީ ގެއަށެވެ.

ދުވަސް ކޮޅެއް ފަހެވެ. މައުޝާގެ ހަނދާން އަހަރެންގެ ހިތުން މަޑުމަޑުން ފިލައިގެން ދާން ފެށިއެވެ. އެހެން އެކަންވީވެސް ކަމެއްގެ ސަބަބުންނެވެ. އެދުވަސްކޮޅުގެ ތެރޭގައި މިގް33 އިން ދިމާވި އަންހެން ކުއްޖަކު އަހަންނަށް ވަރަށް އުދަނގޫކުރިއެވެ. ދެން އޭނާ އެސް.އެމް.ވެސް ކުރަން ފެށިއެވެ. އޭނާގެ އުދަނގޫ ބޮޑުވެގެން އެއީ ކާކުތޯ ހޯދަން އަހަރެން ވަރަށް މަސައްކަތްކުރަމެވެ.

” މާލެއިން އިމާނަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖަކީ ކޮބާ؟” ހަވީރު ކޮފީއެއްގައި ހުއްޓައި އަހަންނަށް އެސް.އެމް.އެސްއެއް އައެވެ. ފުރަތަމަ އަހަރެން ހީކުރީ އެއީ މިގުން ދިމާވި އަންހެން ކުއްޖާގެ ކަމެއްކަމަށެވެ. ނަމަވެސް ޔަޤީންކޮށްލުމަށްޓަކައި ރައްޓެއްސަކު ލައްވާ އެސް.އެމް.އެސް އައި ނަމްބަރ ދިރާގަށް ފޮނުވާލީމެވެ. ދިރާގުން ލިބުނު އެސް.އެމް.އެސްއިން އެއީ އޭނާގެ ކަމެއްކަމަކަށް އަހަންނަކަށް ނުފެނުނެވެ. ދެން މަޑުމަޑުން ވިސްނާލީމެވެ. އަހަންނަށް މާލެއިން ފެނުނު އެންމެ ރީތި އަންހެން ކުއްޖަކީ ކޮބައިހެއްޔެވެ؟ ހިތާއި ހިތުން އަހަރެން ސުވާލުކޮށްލީމެވެ. ދެން ކުއްލިއަކަށް ހަނދާނަށް އައެވެ. ޑޮކްޓަރ މައުޝާ، އަހަންނަށް މިހާތަނަށް މާލެއިން ފެނުނު އެންމެ ރީތި އަންހެން ކުއްޖަކީ އެއީއެވެ. އަހަންނަށް ބުނެވުނެވެ.

” ޑޮކްޓަރ މައުސް.” އަހަރެން ރިޕްލައި ކުރީމެވެ.

” އެހެންތަ؟ އެހެންވިއްޔާ އޯ.ކޭ” އެކޮޅުން އެސް.އެމް.އެސް ކުރިއެވެ.

” އޯކޭތަ ހަމަ؟” އަހަރެން އެހެން ޖެހުމަށްފަހު އެސް.އެމް.އެސް ކުރީމެވެ.

” އާނ.ހަމަ އޯ.ކޭ.” އެކޮޅުން ރިޕްލައި ކުރިއެވެ.

” ކޮންކަމަކަށްތަ އޯ.ކޭ ތިދިނީ؟” އަހަރެންގެ ސުވާލު އެސް.އެމް.އެސްއިން ފޮނުވާލީމެވެ.

” ހުރިހާ ކަމަކަށް.” އެކޮޅުން ރިޕްލައި ކުރިއެވެ.

” އެހެން ވިއްޔާ އަހަރެން ބޭނުން މިވަގުތުން ވަގުތަށް މައުޝާ ދެކިލަން. ޕްލީޒް.” އާދޭހުގެ އެސް.އެމް.އެސް އަހަރެން ފޮނުވީމެވެ.

” މިވަގުތަކު ނުވާނެ. އަހަރެން ވަރަށް ބިޒީ. ފަހުންދޯ.” މައުޝާ ރިޕްލައި ކުރިއެވެ.

އަހަރެންގެ ހިތަށް އެރިއެވެ. މިވަނީ ކިހިނެއް ބާވައެވެ؟ މިނޫން އަންހެން ކުދިންނާއިވެސް އަހަންނާއި ދިމާވިއެވެ. އެކަމަކު މިވަރެއް ނުވެއެވެ. ދެން ހިތަށް އެރީ އެހެން އެއްޗެކެވެ. މިވަރުން މައުޝާއާއި ދިމާކުރަން އުޅެންވީބާވައެވެ؟ ނުވަތަ މައުޝާ އަހަންނާއި ބައްދަލުކުރަން ބޭނުންވަންދެން ކެތްކުރާނީ ބާވައެވެ؟ ތެދެކެވެ. މައުޝާމެން ކަހަލަ ފުރިހަމަ އަންހެން ކުއްޖަކާއި ބައްދަލުކޮށްލުމަކީ އަހަރެންފަދަ މީހަކަށް ލިބޭނެ ވަރަށް ބޮޑު ފަޚްރެކެވެ. އެފަދަ ރީތި ހުސްކޮށްފައިވާ ފުރިހަމަ އަންހެންކުއްޖެއްގެ ފަހަތުން އުޅޭނެ ކިތަންމެ ފިރިހެނުންނެއް އުޅޭނެއެވެ. ވީއިރު، މައުޝާއާއި ބައްދަލުކުރުމަކީ އަހަންނަށްވެސް ލިބޭ އުފަލެއް ނޫންހެއްޔެވެ؟ އެއުފާވެރިކަން ހޯދަން އަހަރެން ބޭނުމެވެ.

” ހަމަ އެކަނި ހައި ޖަހާލަން ނަމަވެސް އަހަންނަށް މައުސް ފެނިލަބަލަ. ޕްލީޒް. ޕްލީޒް. ޕްލީޒް.” އަހަރެން މައުސްއަށް އެސް.އެމް.އެސްއެއް ފޮނުވީމެވެ. އޭރު، މައުސް އާއި ބައްދަލުކުރާ ހިތުން އަހަރެން ކެތްތެރިކަން ކޮޅުން ލަނީއެވެ. އެސް.އެމް.އެސް ފޮނުވިތަނާހެން މައުޝާ އަހަންނަށް ގުޅިއެވެ.

” ހަލޯ.” ދެވަނަ ފަހަރަށް ފޯން ރިންގްވިތަނާހެން އަހަރެން ފޯން ނެގީމެވެ. މައުޝާގެ އަޑު ކަންފަތުގައި ޖެހުމުން އަހަންނަށް ހުރިހާ އުފަލެއް ލިބުނުކަހަލައެވެ.

” އެންމެ ފަހަރަކު ނަމަވެސް މަށަށް ފެނިލަބަލަ. އެންމެ ފަހަރަކު. ޕްލީޒް…” ކުޑަކުއްޖަކު ބޮޑާ ހާކާހެން އަހަރެން ބުނީމެވެ.

” މިވަގުތު ވަރަށް ބިޒީ. ފަހުންދޯ…” މައުޝާ ބުނެލިއެވެ.

” އާދޭސްކޮށްފަ މިބުނަނީ އަހަންނަށް އެންމެ ފަހަރަކު ނަމަވެސް ތިރީތި މޫނު ދައްކާލަބަލަ. ހެޔޮނުވާނެ. ޕްލީޒް.” އަހަރެން އާދޭސްކުރަން ފެށީމެވެ.

” އަހަރެން ފްރީވާނީ ވަރަށް ލަހުން.” މައުސް ބައްދަލުކުރާ ޚިޔާލެއް ނުކުރިއެވެ.

” މައުސް ފްރީވާނެ ވަގުތެއް ބުނޭ. އެވަގުތަކަށް އަހަރެން މަޑުކުރާނަން. މަގޭ ލައިފްގެ ބާކީއޮތް ހުރިހާ ވަގުތެއް މައުސް ގެންދޭ. މަ މަޑުކުރާނަން.” ދިރިއުޅުމުގައި ބާކީ ހުރި ހުރިހާ ވަގުތެއް މައުޝާއަށް ދޭންޖެހުނަސް މައްސަލައެއް ނެތެވެ.

” ކިހިނެއްވާނެ މިރޭ ބާރައިގެ ފަސް. އެއީ އަހަރެން ފްރީވާނެ ވަގުތު.” މައުޝާ ބުނެލިއެވެ.

” އައްދެ. އޮންނާނެތަ ތިއަށްވުރެ ވަކިން ފައްކާ ގަޑިއެއް؟ ސަތޭކަ. ބާރަ ގަޑި އެކެއްގައި އަހަރެން ގުޅާނަން.” އަހަރެން ހުރީ ހިތް އަވަސްވެފައެވެ.

” އުހޫނ.. އަހަރެން ގުޅަންދެން މަޑުކުރޭ.” މައުޝާ ބުނެލިއެވެ.

މައުޝާ އެހެން ބުނެލުމުން އަހަރެން ފޯން ބޭއްވީމެވެ. މާ ގަދަ ދައްކަން ފަށައިފިއްޔާ ލިބިފައިވާ ފުރުޞަތުވެސް ގެއްލިދާނެއެވެ. އެހެންވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ދެން ހިތަށް އެރިއެވެ. މައުޝާ ގުޅާނެހެއްޔެވެ؟ އަހަންނަށް ފަހުން ގުޅަން ބުނަން މީހުންގެ ފަރާތުން ގިނަ ފަހަރަށް އެއްވެސް ޚަބަރެއް ވެފައެއްނޯވެއެވެ. މިފަހަރު އެހެން ނުވާނެ ބާވައެވެ؟ އެދުވަހުގެ ހަވީރުން ފެށިގެން އަހަރެން އިންތިޒާރު ކުރަމުން ގެންދިޔައީމެވެ. މައުޝާއާއި ބައްދަލުވާނެ ވަގުތަކަށެވެ. އިރުއިރުކޮޅާ އަހަންނަށް ގަޑިއަށް ބަލާލެވެއެވެ. ކޮންމެ ސިކުންތަކީވެސް އަހަންނަށް ހީވަނީ އެތަކެއް އަހަރުތަކެއްހެނެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް އެދުވަހަކީ ވަރަށް ދިގު ދުވަހެއްހެން އަހަންނަށް ހީވާން ފެށިއެވެ. ހިތަށް އެރިއެވެ. ގަޑީގެ ކަށި އަބުރާ ލެވޭނެ ނަމައެވެ. އެހާވެސް އަހަރެން ހުރީ ހިތް އަވަސްވެފައެވެ. އެއީ ކޮންމެ އިންސާނަކަށްވެސް ހަމަ ވާނެގޮތެވެ. ކަމެއް ބޭނުންވެގެން ކެތްތެރިކަން ކޮޅުން ލައިގެންފައިވާ މީހަކަށް އެކަމެއް ޙާޞިލް ނުވަނީސް ފުރިހަމަ ނިދިވެސް ނުނިދޭނެއެވެ. އެކަން ޚުދު އަހަރެންވެސް ދަންނަމެވެ. ހިތުގައި ސުވާލް މާރކެއްވެސް ބައެއް ފަހަރު ޖެހެއެވެ. މައުޝާއާއި ހެދި އަހަރެން މިވަރު މިވީ ކީއްވެގެން ހެއްޔެވެ؟ މައުޝާ އަދި ކިރިޔާ އަހަންނަށް ފެނިލީއެވެ. އިތުރު އެހެން އެއްވެސް ކަމެއް ނުވެއެވެ. އަދި މިހާ ގާތް ގުޅުމެއް އުފެދިއްޖެއްޔާ ދެން ވާނީ ކިހިނެއް ބާވައެވެ؟

” އާދެބަލަ އަހަރެން ބަލާ ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިއަށް.” ނަހޫ އަހަންނަށް ގުޅީ އެޚިޔާލްގައި ހުއްޓައެވެ. އެއީ އަހަރެން ބެސްޓް ފްރެންޑެވެ.

” ކުރިން ބުނީމެއްނު މައުސްއެއްގެ ވާހަކަ. އޭނަ މަށަށް ގުޅައިފި. ބުނި ދިމާވާނޭ.” ނަހޫ ފެނުމާއިއެކު، ފުރަތަމަވެސް އަހަންނަށް ބުނެވުނީ އެހެންނެވެ. އެހާވެސް އަހަރެންގެ ހިތްހުރީ އަވަސްވެފައެވެ.

” އޫނ. އެއްކަލަ މައުސްދޯ. ވަރުގަދަ މައުސްއެއްނުތީ. އިންމައަށް އޭނަ ކޯޗެއްތަ ދީގެން ތިއުޅެނީ؟” ނަހޫމެންނަށް ތަޢުރީފް ނުކުރާވަރަށް އަހަރެން މައުޝާއަށް ތަޢުރީފް ކުރާތީ ނަހޫގެ ހިތުގައި ހިތްހަމަނުޖެމެއް ނޯންނާނޭ ބާވައޭ ހިތަށް އެރިއެވެ.

” ނޭނގޭ މައުސް އަހަންނަށް ހެދި ގޮތެއްވެސް. އަހަރެން މޮޔަ ކޮށްލައިފި. ސިހުރިވެރިއެއްގެ މޮޅު ސިހުރަކަށްވުރެން، ނުވަތަ ޖާދޫ ގަރެއްގެ މޮޅު ޖާދޫއަކަށްވުރެން އޭނަގެ އަސަރު ގަދަވެއްޖެ. އެވަރު ކަމެއް އަދި އަހަރެން ނުދެކެން. މައުސް ހާދަހާ ވާ ރީއްޗޭ.” އަހަރެން މައުޝާއަށް އަނެއްކާވެސް ތަޢުރީފް ކުރީމެވެ.

” ރީތި ހުރިހާ އެއްޗަކީ ތިހުރާވަރުގެ އެއްޗެއްސެއް ނޫން. ވިސްނައިގެން އުޅޭތި.” ނަހޫ ހެމުން ބުނެލިއެވެ.

” ނަހޫ އަހަންނަކަށް މިވާގޮތެއްވެސް ނޭނގެ. މިސައިކަލްވެސް މިދުވަނީ އަމިއްލަޔަށްހެން ހީވަނީ. އަހަރެންގެ އެއްވެސް ބާރެއް މިސައިކަލަށް ހިނގާހެންވެސް ހީނުވޭ. އަހަންނަށް ހީވަނީ ބައެއް ފަހަރު އުފަލުންގޮސް އަހަރެން މިއުދުހެނީހެން. އަނެއްކާ މަގުމަތީގަތަ އަހަންނަށް މިސައިކަލް މިދުއްވެނީ؟ ނަހޫ ބުނެބަލަ؟ އަހަރެން ހާދަ އުފާވެއްޖޭ މިއަދު. ނަހޫ. މައުސް ވަރަށް ފުރިހަމަ. އެވަރުގެ އަންހެނަކު އަދި ނުދެކެން. ހާދަހާވާއޭ މައުސް ރީއްޗީ.” އަހަރެންގެ ދުލުގައި މައުޝާއަށް ތަޢުރީފް ނޫން އެއްޗެއް ނެތެވެ.

” އަންހެން ކުއްޖަކު ފެންނައިރަށް ތިވަރު ވާކަށް ނުވާނެ. އުންމީދު ކުރާ ގޮތަށް ކަންތައް ނުވެއްޖެއްޔާ މުޅި މީހާ މާޔޫސްވާނެ. ދެން ކިހިނެއްތަ ވާނީ؟ އޭރުން އިންމަ ހަމަޔަކަށް އަޅުވަން އަހަރެމެންނާއި ޖެހޭނީ. އޭރުން އެޖެހުނީ އެންމެ އުދަނގޫ އެއްކަންތައް.” ނަހޫވެސް ބުނީ ތެދެކެވެ.

” ތިހެނެއް ނުވާނެ. މިރޭ އަހަންނަށް މައުސްއާއި ބައްދަލުވާނެ. އޭރުން އަދި އުފަލުން އަހަރެންގެ ހިތްމަރުވާނެ. ހިތަށްއަރާ ގަޑީގެ ކަށި އަނބުރާލެވޭނެ ނަމައޭ.” އަހަރެން ހުރީ ކެތްތެރިކަން ކޮޅުން ލާފައެވެ.

      ނަހޫ ގެއަށް ލުމަށްފަހު އަހަރެން ގުޅީ ޙުސައިން އަށެވެ. ޙުސައިން އަކީ އަހަރެންގެ ރައްޓެއްސެކެވެ. ދިރިއުޅުމުގައި ދިމާވާ މިފަދަ ބައެއް ކަންތައްތައް އަހަރެން އޭނާއާއިއެކު ހިއްސާކުރަމެވެ. އަހަންނާއި ތަފާތު ދާއިރާއެއްގައި މަސައްކަތްކުރިއަސް، ދެމީހުންގެވެސް ޚިޔާލް ބައެއް ކަންތައްތަކުގައި އެއްގޮތްވާނެއެވެ. އަހަރެން މީހަކާއި އިނދެގެން އުޅުނަސް ޙުސައިން އަދި މީހަކާއި ނީދެއެވެ. އެކަމަކު އެއީވެސް އަންހެނުންގެ ކަންތައްތަކުގައި ވަކި ފަހަތުގައި އުޅޭ މީހެއްނޫނެވެ.

      ” އޭ. ވަރަށް ސަޅި ބިޓަކާއި ދިމާވެއްޖެ. އެވަރުގެ ރީތި ކަމެއް އަދި މަގޭ މުޅި ޙަޔާތުގައިވެސް ނުދެކެން.. އަހަރެން މިހުންނަނީ މިހާރު މޮޔަވާވަރުވެފަ.. ހާދަ ސަޅި ކުއްޖެކޭ މައުސްއެއީ.” ކޮފީގެ ތެރެއިން ޙުސައިނަށް އަހަރެން އެވާހަކަ ކިޔައިދިނީމެވެ.

      ކިތައްމެ ރީއްޗަސް ތީހަމަ ހުސް ސިހުރު. ތިބުނާ ފުރިހަމަ ކަމެއް ހުރިނަމަ، މައުސް އިސްވެ އިންމައަކަށް ނުގުޅާނެ. އިންމައަށްވުރެ، މާ ވީ.އައި.ޕީ މީހުން އެމީހުންގެ ތިބޭނެ.” ޙުސައިން ބުނެލިއެވެ.

      ” ފަހަރެއްގައި ވެދާނެއްނު މައުސްއަށް އަހަރެން މާރީތިވީކަމަށް.” އަހަރެން ހެމުން ބުނެލީމެވެ.

      ” އޯ.ކޭ. އެކަމަކު އަހަންނަށް ހީވަނީ ތީ ނައިޓްމެއަރއެއްހެން.” ޙުސައިންގެ ޚިޔާލް އަހަންނާއި މުޅިން ތަފާތެވެ.

      ” އޭ. މިރޭ މައުސް ކައިރިއަށް އަހަރެން ދާއިރު، ޙުސައިންގެ ހެލްޕް ބޭނުންވާނެ.. މަށަށް ހެލްޕެއް ވައްޗޭ. އަންހެނުންނަށް ކޮންމެވެސް މަޅިއެއް ޖަހާފަހެން ހީވަނީ ދާންޖެހޭނީ..” އަހަރެން ބުނެލީމެވެ.

      ” މައްސަލައެއް ނޯންނާނެ.. ކިހާއިރަކުތަ ދަނީ؟” ޙުސައިން އަވަހަށް އަނހާލިއެވެ.

      ” މިރޭ ބާރަ ޖަހާކަށްހާއިރު އަހަރެން ދާނީ.” އަހަރެން ބުނެލީމެވެ.

      ” ހާދަ ފައްކާ ގަޑިއެއްގައި ތިދަނީ. ތިދާ ގަޑީގެ ގޮތުންވެސް އިނގޭ، ތި ދަނީ ކީއްކުރަންކަން. އޭ. އެގަޑީގައި މައުސް ނުގުޅައިފިއްޔާ ވަރަށް ދެރަވާނެދޯ.” ލާނެތް ރާގަކަށް ޙުސައިން ބުނެލިއެވެ.

      ” އާނ. އަހަރެން މަރުވެސް ވެދާނެކަން ނޭނގެ މިރޭ މައުސް ނުގުޅައިފިއްޔާ. ހާދަހާ ވާ ރީއްޗޭ މައުސް. ހާދަހާވާ ފަރިކަމެކޭދޯ އެހުންނަނީ.. ބައްދަލުކުރާހިތުން މިހާރު އަހަންނަށް ހުރެވެނީއެއްނޫން..” އަހަރެންގެ ހިތް އަވަސްވި ކަހަލައެވެ.

      ” ތިހެން ވިއްޔާ މިހާރު މަވެސް ބޭނުން ތި މައުސްއެއް ބަލާލަން.” ޙުސައިން ސީރިއަސްވެލިއެވެ.

      ” ޙުސައިން އޭނަގެ ރީތިކަން ބަލާނީ ތަންކޮޅެއް ފަހުން. އޭ. ދާންވީމަ އަހަރެން ގުޅާނަން. ހެލްޕެއްވައްޗޭ.” އަހަރެން ހަނދާންކޮށްދިނީމެވެ.

” އަހަރެން ދެން ކީއްތަ ކޮށްދޭންވީ؟” ޙުސައިން އަނހާލިއެވެ.

      ” އަހަރެން ދާންވީމަ ގުޅާނަން. ގުޅާލީމަ ޙުސައިން އަންނަންވީ. އަހަރެން ގޮސް ސަލާމަތުން މައުސްގެ ގޭތެރެއަށް ވަދެފަ އޯ.ކޭ ދޭނަން. އޯ.ކޭ ދިނީމަ ޙުސައިން ދާނީ. ދެން ކަމެއް ޖެހިއްޖެއްޔާ އަހަރެން ގުޅާނަން. ރެޑީވެގެން ހުންނައްޗޭ.” ކަންތައް ކުރަންޖެހޭ ގޮތް އަހަރެން ޙުސައިނަށް ކިޔައިދިނީމެވެ.

      ” އޯ.ކޭ. މައްސަލައެއްނެތް.” ޙުސައިން ބުނެލިއެވެ.

      ކޮފީ ނިމިގެން އައިސް ގެއަށް އައިރުވެސް، އަހަރެންގެ ހިތް ހުރީ އަވަސްވެފައެވެ. ހިތް އެދި ގޮވަމުން ގެންދަނީ ވީ އެންމެ އަވަހަށް މައުސް ދެކިލުމަށެވެ. އެހާވެސް އަހަރެން ވަނީ މައުސްގެ މޫނު ދެކިލުމަށް ބޭނުންވެފައެވެ. އަންހެނުން ހުރި ކަމުގައި ވިޔަސް، މިވީ ދެތިން ދުވަހުގައި އެއީ އަހަރެންގެ ހުންނަ މީހެއްހެންވެސް އަހަންނަށް ހީއެއް ނުވެއެވެ.

      މައުސް އާއި ބައްދަލުވާ ގަޑި މަޑުމަޑުން ކައިރި ވަމުން ދިޔައެވެ. އަހަރެން ފެންވަރާ ތައްޔާރުވެލީމެވެ. ބޯވެސް އާ ސްޓައިލްއަކަށް ފުނާ އަޅާލީމެވެ. ގަޔަށް އަހަރެންޖެހީ މަޑުމަޑު ހިތްގައިމު މީރު ވަރެއް ދުވާ ސެންޓެކެވެ. މާވަސްގަދަ ސެންޓެއް ޖަހައިފިނަމަ، މައުސްގެ ބޮލަށް އުނދަގޫވެދާނެހެން އަހަންނަށް ހީވެއެވެ. މައުސްމެންފަދަ ކުދިން ދިރިއުޅޭނީ ވަރަށް ފެންވަރުގައި ކަންނޭނގެއެވެ. އެހެންވެ. ފުރަތަމަ ބައްދަލުވާ ރޭގައިވެސް އަހަންނަކީވެސް ދިރިއުޅުމުގައި ގޮތެއް ހުންނަ މީހެއްކަން ދައްކަން ބޭނުމެވެ. މީހުން ބުނާހެން ފުރަތަމަ ބައްދަލުވުމަކީ ވަރަށް މުޙިއްމު ބައްދަލުވުމެކެވެ. އަހަރެން އާދޭސްކޮށްގެން މައުސްއާއި ބައްދަލުކުރަން އުޅުނު ނަމަވެސް. މިއީ މައުސްގެ ދަޢުވަތަށް އަހަރެން މައުސްއާއި ދިމާކުރާ ފުރަތަމަ ރޭއެވެ. މިފަދަ ރެއަކީ މައުސްއަށްވެސް އަހަންނަކީ ފާހަގަ ކުރެވޭ މީހަކަށް ހަދަން އަހަރެން ބޭނުމެވެ.

” ކޮބާ، ކޮންތާކު ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ.” ތައްޔާރުވެ ނިމިގެން އަހަރެން ޙުސައިނަށް ގުޅާލީމެވެ. ޙުސައިން ފޯން ނެގީ ފަނަރަ ވަރަކަށް މިނިޓް ފަހުންނެވެ.

” އަހަންނަށް ނިދުނިއްޔޭ. މައުސް ގުޅައިފިތަ؟” ޙުސައިން އަނހާލިއެވެ.

” ނުގުޅާ.” ކުރު ޖަވާބެއް އަހަރެން ދިނީމެވެ.

” އެހެން ވީއިރު މައްސަލައެއް ނެތެއްނު. ފެންވަރާ ހަދާލައިގެން މިދަނީ.” ޙުސައިން ބުނެލިއެވެ.

” އޯ.ކޭ އެކަމަކު އަވަހަށް އަންނައްޗޭ. އަހަރެން މިހުރީ ގޭކައިރީގައި.” އަހަރެން ބުނީމެވެ.

ޙުސައިން އަންނާނެ ވަގުތަކަށް އަހަރެން އިންތިޒާރު ކުރަމުން ގެންދިޔައީމެވެ. އިރުއިރުކޮޅާއި ގަޑިއަށް ބަލާލެވެއެވެ. ބާރަގަޑި ފަނަރަ ވެއްޖެއެވެ. މައުސް ނުގުޅިއެވެ. އަހަރެން އިސްވެ ގުޅަން ހިތަށްވެސް އެރިއެވެ. އެކަމަކު ދެން ހަނދާންވީ ކުރިން މައުސް ބުނި އެއްޗެވެ. ފްރީވިހާ އަވަހަކަށް މައުސް ގުޅާނެ ވާހަކައެވެ. އަހަންނަށް ކުޑަ ވަގުތުކޮޅަކު ކެތްކުރެވެން ޖެހޭނެ ކަންނޭނގެއެވެ. ކެތްތެރިކަން ކޮޅުންލާން ހަދައިގެން މައުސްވެސް ނުފެނި އެއްވެސް ކަމެއް ނުވެއްޖެއްޔާ އަހަންނަށް ހިތުގެ ބަލިވެސް ޖެހިދާނެކަންނޭނގެއެވެ.

” ހާދަ ލަހުން ތިއައީ.. މިހާރު ކިހާ އިރެއް ވެއްޖެ.” ޙުސައިން އައުމުން އަހަރެން ޝަކުވާގެ ރާގެއްގައި ބުނީމެވެ.

” ފެންވަރައިގެން އަންނަ މީހަކު އަންނަން ފަނަރަ ވަރަކަށް މިނިޓް ލަހެން ނޫން ކަންނޭނގެ.. އަނެއްކޮޅުން މައުސް ގުޅައިފިތަ؟” ޙުސައިން ސުވާލުކޮށްލިއެވެ.

” ނުގުޅާ..” އަހަރެން ބުނީމެވެ.

“އެހެންވީއިރު އަދި މޮޔަވެގެން އުޅޭކަށް ނުވެއެއްނު. ތިހާ ހިތް އަވަސް ވެގެން ކަމަކު ނުދާނެ.” ޙުސައިން ބުނީ ވެސް ދޮގެއް ނޫނެވެ.

“ހިނގާ ކޮފީއަކަށް. މައުސްގުޅަންދެން ކޮފީއެއްގައި ތިބެވިދާނެ. މައުސް އެއީ ތަރިއެއް. ފިލްމްކުޅެން ނިކުމެއްޖެއްޔާ ކެތަރިން، ޒީޓާ ޖޯންސްމެންވެސް ތިބެންޖެހޭނީ މައުސްގެ ފަހަތުގައި. ހާދަހާ ފުރިހަމަކަމެކޭ ޤުދުރަތުން މައުސްއަށް ދެއްވާފައި އެހެރީ.. އަހަރެން މޮޔަވެއްޖެ….” ކޮފީއަށް ދިއުމަށް ސައިކަލަށް އަރަމުން އަހަރެން ބުނީމެވެ.

“އެންމެ ފަހަރަކު ފެންނައިރަށް އަދި ތިހާވަރުވާކަށް ނުވާނެ. ރީތި ކަމުގެ މަޅީގައި މީހުންވެސް ޖެހޭ. އެކަމަކު އިންމަ ތިހިރީ ހަލާކުވެފަ.” ސައިކަލް ސްޓާޓްކޮށްލަމުން ޗޮކެއް ކަނޑާލުމާއިއެކު ޙުސައިން ބުނެލިއެވެ.

ދެން އަހަރެމެން ދިޔައީ ކޮފީއަކަށެވެ. ކޮފީގައިވެސް މުޅިން ދެއްކީ މައުސްގެ ވާހަކައެވެ. އަހަރެންގެ ދުލުގެ ކުރީގައި މައުސްނޫން ނަމެއް ނެތެވެ. ދިރިއުޅުމުގައި މައުސްފަދަ އަންހެން ކުއްޖަކާއި އަދި ދިމަލެއް ނުވެއެވެ. ހުވަފެނުންވެސް ފެނިފައެއް ނެތެވެ. ރީތި އަންހެނުންގެ ވާހަކަ އަހަރެންވެސް އަޑުއަހަމެވެ. އެކަމަކު، އެވަރެއް އަދި ނުދެކެމެވެ. މައުސް ފެނުނު ކޮންމެ މީހަކުވެސް މިހެން ބުނާނެއެވެ. އަނެއްކޮޅުން ޙުސައިންވެސް މައުސްއާއި ބައްދަލުކޮށްދިނުމަށްއެދި ވަރަށް އާދޭސްކުރިއެވެ. އަހަރެން އެކަން އަދި ވާކަށް ނެތޭ ބުނެ އެވާހަކަ އޮއްބާލީމެވެ.

ކޮފީ ނިމިގެން އަހަރެން އައީ ގެއަށެވެ. އޭރުވެސް އަދި މައުސްއެއް ނުގުޅައެވެ. ގެއަށް އައިސް އެނދުގައި ޖައްސާލީމެވެ. އޭރު އަހަރެންގެ އަންހެނުން އޮތީ އެނދުގައި ނިދާފައެވެ. ދަރިފުޅުވެސް ވަރަށް ލޯބިކޮށް ނިދާފައި އޮތެވެ. އެއްފަހަރު ދަރިފުޅުގެ މޫނަށް ބަލާލުމަށް ފަހު، ދެން އަންހެނުންގެ މޫނަށް ބަލާލީމެވެ. ހިތަށް އެރިއެވެ. އަހަރެންގެ އަންހެނުންވެސް މައުސްހާ ފުރިހަމަ ނަމައެވެ. އެކަމަކު އެކަމެއް ނުވާނެ ކަން ނޭނގެއެވެ. ދެން އަހަންނަށް ބަލާލެވުނީ ގަޑިއަށެވެ. ބާރަ ގަޑި ބަޔަށްވުރެ ބޮޑުވެއްޖެއެވެ. މައުސްއެއް ނުގުޅިއެވެ. އަހަރެން އެނދުގައި ޖައްސާލީމެވެ. އެއްއަތް ނިތްކުރި މަތީގައި ބާއްވާލައިގެން ވިސްނަމުން ގެންދިޔައީމެވެ. މައުސް ގުޅާނެ ހެއްޔެވެ؟ ނޫނީ ނުގުޅާނެ ބާވައެވެ؟ މީ އަނެއްކާ ގޭމެއް ނޫން ބާވައެވެ؟ އެފަދަ ޚިޔާލުތަކުގައި އަހަރެން މާޔޫސްވަމުން ދިޔައެވެ. އަހަރެންގެ ފޯން ރިންގްވާން ފެށީ އެހިސާބުންނެވެ. ގުޅަނީ މައުސްއެވެ. އަހަރެންގެ ހިތް އުފަލުން ފުރުނު ކަހަލައެވެ.

“ހަލޯ.” ކޮޓަރިން ބޭރަށް ނިކުމެ އަހަރެން ބުނީމެވެ.

“އަދި މި ފްރީވީ. ވަރަށް ލަސްވެއްޖެދޯ.” އާދައިގެ ރާގެއްގައި މައުސް ބުނެލިއެވެ.

“އުހޫނ. ލަހެއްނުވޭ. ދާންވީތަ؟” އަހަރެންގެ ކެތްތެރިކަން ކޮޅުންލަނީހެން އަހަންނަށް ހީވިއެވެ.

“އާދޭ. މިހިސާބަށް އައިސްފަ ގުޅާ.” މައުސްގެ ގެ ހުންނަ ހިސާބު ބުނެދިނުމަށް ފަހު، މައުސް ބުނެލިއެވެ.

“އޯ.ކޭ މިނައްޓާލީ.” އަހަރެން އުފަލުން ހުރެ ބުނީމެވެ.

“ކޮބާ ދާންވީ؟” އަހަރެން އަވަސްއަވަހަށް ޙުސައިންއަށް ގުޅާލުމުން ފުރަތަމަވެސް ޙުސައިން ބުނީ އެހެންނެވެ.

“އާނ. މާ ލަސްވެސްވެއްޖެ. އަވަހަށް އާދޭ.” އަވަސް އަވަހަށް އަހަރެން ބުނީމެވެ.

“ކިހާ ވަރަކުން ދާނެބާ މިރޭ؟” ލާނެތް ރާގަކަށް ޙުސައިން ބުނެލިއެވެ.

އަހަރެން ހީކުރިހާ އަވަހަށް ޙުސައިން އައެވެ. ޙުސައިންގެ ސައިކަލްގެ ފަހަތަށް އަރައިގެން މައުސްގެ ގެއަށް ދިއުމަށް އަހަރެން މިސްރާބް ޖެހީމެވެ. އަހަރެން ބުނި ހިސާބަށް ޙުސައިން ސައިކަލް މަޑުކޮށްލިއެވެ.

“އޭ. ޙުސައިން. މަ އޯ.ކޭ ދެންދެން ސީރިއަސްކޮށް މިތާ މަޑުކުރައްޗޭ. އެތެރެއިން ފަހާލިޔަސް ދުވެފަ އައިސް ސަލާމަތުން ދެވޭނީ އޭރުން. މަޑުކުރައްޗޭ.” އަހަރެން ތަކުރާރުކޮށް ބުނީމެވެ.

“އޯ.ކޭ.އޯ.ކޭ. މަ މަޑުކުރާނަމޭ. ދެންވެސް ލަސްނުކޮށް އަވަހަށް ދޭބަލަ. އެކަމު، އެތެރެއަށް ވަދެފަ، ހުރިހާ ކަމެއް އޯ.ކޭ ވީމަ މެސެޖްކުރަން ހަނދާންކުރާތި. ނޫނީ އަހަރެން އެކަނި މިތާ އިންނަންޖެހިދާނެ. ދަންވަރުގެ މިގަޑީގައި މިތާ އެކަނި އިނީމަ އެހެން މީހުންނަށް ހީވާނީ އަހަރެން ކަންތައް ގަޑެއް ހިންގަނިއްޔޭ. ހަނދާންކޮށް މެސެޖްކުރާތި.” ޙުސައިން ބުނެލިއެވެ.

މައުސްގެ ގެއާއި ދިމާލަށް އަހަރެން ހިނގައިގަތީދެނެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު އަހަރެންގެ ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުންލާފާނެހެން ހީވަނީވެސް ތިހެނެއްނޫނެވެ. އެންމެ ފަހުން މައުސްގެ ގޭގެ ދޮރުއަށްޓާއި ހަމައަށް އަހަންނަށް އާދެވިއްޖެއެވެ. ދެން އަހަރެން މައުސްއަށް ގުޅާލީމެވެ.

“ކޮބާ އާދެވުނީ؟” ފޯން ނެގުމަށްފަހު މައުސް އަނހާލިއެވެ.

“އާނ. މިހިރީ ދޮރުކައިރީގައި.” އަހަރެން ބުނީމެވެ.

“އަރާ ދެވަނަ ބުރިއަށް.” މައުސް ބުނެލިއެވެ.

އަހަރެން ސިޑިން މައްޗަށް އެރީމެވެ. އަހަރެން އަރަމުން ދިޔައިރު ދިޔައީ ސިޑީގެ ހަރުފަތްތައްވެސް ގުނަމުންނެވެ. އަހަރެން ބޭނުމީ މައުސްއާއި ބައްދަލުވާއިރު، ދިމާވާ ކޮންމެ ކަމެއްވެސް ވަރަށް ރަނގަޅަށް ފާހަގަ ކުރުމަށެވެ. އަހަރެން ގޮސް ދެވަނަ ބުރީގެ ދޮރުކައިރީގައި މަޑުކޮށްލީމެވެ. ދެން ރަނގަބީލް ޖަހާލީމެވެ. ރަނގަބީލް ޖަހާލުމާއިއެކު، އެތެރެއިން ތަޅު ހުޅުވަން ހިފާލި އަޑު އަހަންނަށް އިވުނެވެ. އެއަޑާއިއެކު އަހަރެންގެ މޭގަނޑު ތެޅެންފެށިއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އަނެއްކާ ދޮރު ހުޅުވާނީ މައުސްބާވައެވެ؟ ނޫނީ އެހެން މީހެއްބާވައެވެ؟ މިތަނުގައި އަނެއްކާ އުޅެނީ މައުސް އެކަނި ބާވައެވެ؟ ނޫނީ މައުސްއާއިއެކު އެހެން ބަޔަކުވެސް އުޅޭނެ ބާވައެވެ؟ މައުސް ނޫން އެހެން މީހަކު ދޮރު ހުޅުވައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެމީހަކު އަނހާނީ ކީކޭހެއްޔެވެ؟ އެއަށް އަހަރެން ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ މީ ވަރަށް ދަން ގަޑިއެކެވެ. މީހުން މީހުންނާއި ބައްދަލުކުރާ ގަޑިއެއްވެސް ނޫނެވެ. މައުސް އަކީ އަންހެން ކުއްޖެކެވެ. އަހަންނަކީ ފިރިހެނެކެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. ދޮރު ހުޅުވީމަ އިނގޭނެއެވެ. އަނެއްކޮޅުން އަހަރެން މިއައީ މައުސްގެ ދަޢުވަތަކަށެވެ. އަމިއްލަ އަމިއްލައަކަށް ނޫނެވެ. މީހަކު އެއްޗެކޭ ބުނެފިނަމަ، އަހަންނަށް އެހެންވެސް ބުނެވިދާނެއެވެ. ވަރަށް މަސައްކަތުން ނަމަވެސް، މިހާ ހިސާބަށްވެސް މިއޮތީ އާދެވިފައެވެ. މިހިސާބަށް އައިސްފައި، މައުސްއާއި ބައްދަލުނުކޮށް މިދަތުރު ނިންމާލާކަށް އަހަރެންގެ ހިތެއް ނޭދެއެވެ. އެހެން ހިތަށް އެރުމުން އަހަންނަށް ކުޑަ ހިތްވަރެއް ލިބުނެވެ.

ދެން އަހަރެން ދޮރާއި ދިމާލަށް ބަލަހައްޓާއިގެން ހުރީމެވެ. ކުއްލިއަކަށް ދޮރު ހުޅުވާލިއެވެ. ދޮރުހުޅުވާލުމަށްފަހު މައުސް ނިކުތެވެ. އަހަރެން މައުސްގެ ފައިން ފެށިގެން މޫނާއި ހަމައަށް ފުން ނަޒަރަކުން ބަލާލީމެވެ. މައުސްއިނީ ކަކުލަށްވުރެ ތަންކޮޅެއް ތިރިއަށް ފައިބާވަރުގެ ސިލްކް ސޯޓަކާއި، ގަޔަށް ދޫ ޓީޝާޓެއް ލައިގެންނެވެ. މައުސް ލާފައިވާ ތަކެތިން މައުސްގެ ރީތިކަން އިތުރަށް އަހަންނަށް ފެނިގެން ދިޔައެވެ. ހާދަހާ ވާ ފުރިހަމައެވެ. އަހަރެންގެ ހިތާހިތުން ކިޔާލެވުނެވެ.

” ހާދަ ހާސްވެފަ. އަނެއްކާ ކިހިނެއްވީ؟” އަހަރެންގެ މޫނަށް ބަލާލަމުން މައުސް އަނހާލިއެވެ.

” ހާހެއްނުވޭ. ކަމަކަށް އިންސާނަކު އިންތިހާޔަށް ބޭނުންވީމަ، ދެން ވާނީ މިހެންކަން މައުސްއަށްވެސް އިނގޭނެއްނު.” އަހަރެން ބުނެލީމެވެ.

” ދެން އެތެރެއަށް ވަންނަންވީނު.” މައުސް ބުނެލިއެވެ.

މައުސްގެ ފަހަތުން އަހަރެން އެތެރެއަށް ވަނީމެވެ. ދެން ބަލާލެވުނީ ސިޓިންގ ރޫމްގެ ތެރެއަށެވެ. ބޮޑު ސިޓިންގ ރޫމެކެވެ. މުޅި ސިޓިންގ ރޫމް ވަނީ ހައިވަކަރުން ޒީނަތްތެރި ކުރެވިގެނެވެ. ސިޓިންގ ރޫމްގައި އެންމެ ފަހުގެ ސޯފާސެޓެއް ބަހައްޓާފައި ހުއްޓެވެ. ސޯފާސެޓްގެ ކުރިމައްޗަށްވާގޮތަށް ބައްތިރީސް އިންޗީގެ ޕްލަސްމާ ޓީ.ވީއެއް ހަރުކޮށްފައި ހުއްޓެވެ. ސިޓިންގް ރޫމްގެ އަނެއްކަނުގައި އެޕަލް ކޮމްޕިއުޓަރ ސިސްޓަމެއް ހުއްޓެވެ. އަނެއްކަނުގައި އެންމެ ފަހުގެ ސައުންޑް ސިސްޓަމެއް ބަހައްޓާފައި ހުއްޓެވެ. ސިޓިންގ ރޫމްގެ ދެފަރާތަށްވާގޮތަށް ރީތި ގަސްމުށި ތަކުން ވަނީ ޒީނަތްތެރި ކުރެވިފައެވެ. އަޅާފައިވާ ރަތްކުލައިގެ ކާޕެޓްމަތީގައި ހިގާލާއިރު ފަޔަށް އިޙްޞާޞްކުރެވެނީ ފިނިކަމެވެ. އެއަރކޯން ޖައްސާފައި ހުރުމާއިއެކު، މުޅި ސިޓިންގ ރޫމަށް ޖަހާފައިވާ މަޑުމަޑު ހިތްގައި އެއަރފްރެޝްނަރގެ ވަހުން އަހަރެންގެ ހިތް ފުރުނު ކަހަލައެވެ. މުޅި ތަނަށް ދެވަނަ ފަހަރަށް އަހަރެން ބަލާލީމެވެ. ސިޓިންގ ރޫމްގެ ފުރަގަހަށް ވާގޮތަށް ހަރުކޮށްފައިވާ ކަބަޑްގައި ތަފާތު ރީޓި ފޮޓޯތަކާއި އަދިވެސް ޒީނަތްތެރި އެތަކެއް އެއްޗެއް ހުއްޓެވެ. އަހަރެންގެ ހިތަށް އެރިއެވެ. ޞުބްހާނަﷲ އެވެ. މީވެސް މީހުން ދިރިއުޅެން ހަދާފައި ހުންނަ ތަންތަން ބާވައެވެ؟ ހާދަހާ ވާ ފުރިހަމައެވެ.

” ހާދަ ބިރަކުން.” އަހަރެން ހަނުހުރުމުން މައުސް އަނހާލިއެވެ.

” ނޫން. މިތަން ބަލާލަނީ.” އަހަރެން ބުނެލީމެވެ.

” މިތަން ކިހިނެއްވީ އަނެއްކާ؟” މައުސް ސުވާލުކޮށްލިއެވެ.

” ފުރިހަމައީ. ބުނާނެ އެއްޗެއްވެސް ނޭނގިފަ މިއިންނަނީ.” އަހަރެން ބުނީމެވެ.

” އެހެންދޯ.” މައުސް ހިނިތުންވެލިއެވެ.

” މިތާ މައުސް އެކަނިތަ އުޅެނީ؟” އަހަރެން އެކަން ސާފްކުރަން ބޭނުމެވެ.

” އާނ. އަދި މިތާ މަށާއިއެކު ދިރިއުޅެން ހުރި މީހާއާއި ދިމާނުވެގެން މިއުޅެނީ.” ސަމާސާ ރާގަކަށް މައުސް ބުނެލިއެވެ. ހިތަށް އެރިއެވެ. އެމީހަކީ މަށަށް ވާނެބާވައެވެ؟

” ފޫއްސެއް ނުވޭތަ އެކަނި އުޅެން.” އަހަރެން އަނހާލީމެވެ.

” ކީއްވެތަ ފޫހިވާންވީ؟ މީތާ ކޯއްޗެއްތަ ނެތީ؟ ޓީ.ވީ ބަލާފަ، ކޮމްޕިއުޓަރު ކައިރިއަށް ގޮސް ޗެޓްކޮށްލާފަ، ލަވަޖަހާލާފަ، ދެން ބާކީ ވަގުތު ލެޕްޓްޕް ކައިރީގައި އިނދެ މަސައްކަތް ނިންމާފަ، ނިދޭއިރު އޮންނާނީ ތިނެއްވެސް ޖަހާފަ. ވީއިރު، ކޮންކަމަކާއި އަހަރެން ފޫހިވާނީ.” ކުރު ގޮތަކަށް މައުސް ކިޔައިދިނެވެ.

” ހިނގާބަލަ އަހަންނަށް މިތަން ދައްކާލަން.” މައުސްގެ ކޮޓަރި ބަލާ ހިތުން އަހަރެން ބުނީމެވެ.

” ގޮސް ބަލާލަބަލަ.” ކޮޓަރީގެ ދޮރަށް އިޝާރާތްކޮށްލަމުން މައުސްބުނެލިއެވެ.

އަހަރެން އެކަނި ގޮސް މައުސްގެ ކޮޓަރިއަށް ވަނީމެވެ. ލިބުނީ ޙައިރާން ކަމެކެވެ. ސިޓިންގ ރޫމަށްވުރެ ކޮޓަރި މާބޮޑެވެ. ކޮޓަރީގައި ހަރުކޮށްފައިވަނީ އެންމެ ފަހުގެ ޗާނދަލިޔާއަކާއި ބޮކި ތަކެކެވެ. ކޮޓަރީގައި ދިއްލާފައިވާ ބޮކި ތަކުގެ އަލިކަން ފެނުމުން ހީވަނީ މުޅި ކޮޓަރި ތެރެއަށް ހަނދުވަރު ދީފައިވާހެނެވެ. މުޅި ކޮޓަރީގައި ވަނީ މަޑު ނޫކުލައެއްގެ ކާޕެޓެއް އަޅާފައެވެ. އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ދެތިން އިންޗިއަށް ފައި ގަބައިގަންނަ ކަހަލަ ފިނި އިޙްޞާޞެއް އަހަންނަށް ކުރެވުނެވެ. ކުއީންސައިޒްގެ ބޮޑު އެންދެއް ބަހައްޓާފައި ހުއްޓެވެ. އެނދުމަތީގައި މައުސްގެ ލެޕްޓޮޕް ބަހައްޓާފައި ހުއްޓެވެ. މުޅި އެނދުވެސް ހަދާފައިވާނީ ކަޅު ހައިވަކަރުންނެވެ. ފަރުމާކުރުމުގެ ފުރިހަމަކަން އެ އެނދުންވެސް އަހަންނަށް ފާހަގަ ވިއެވެ. އެނދުގައި ކަނޑާނަގާފައިވާ ކެނޑުން ތަކާއި ހަތަރު ކަނުގައި ކުރި ބޯށިހެން ހަދާފައިވާ ތަންތަނަކީ އާދައިގެ ފަންނާނަކަށް ކުރެވޭނެ މަސައްކަތަށްވުރެ، ބޮޑު މަސައްކަތެއްކަން އިނގެއެވެ. އެނދުގެ ވަށައިގެން ވަނީ ފިޔާތޮށި ކުލައިގެ ހިތްގައިމު ފޮއްޗަކުން ސަނދުވާ ދަމާފައެވެ. ސިޓިންގ ރޫމަށް ޖަހާފައިވާ އެއަފްރެޝްނަރ އަށްވުރެ މައުސްގެ ކޮޓަރިއަށް ޖަހާފައިވާ އެއަރފްރެޝްނަރުގެ ވަސް މީރުވެފައި. މާ ހިތްގައިމެވެ. ދެން އަހަރެން ބަލާލީ ފާޚާނާ ފެނޭތޯއެވެ. ފެންނާކަށް ނެތެވެ. ދެން މަޑުމަޑުން ކޮޓަރި ތެރޭގައި ހިނގާލީމެވެ. ރަނގަޅަށް ބަލާލިއިރު، ކުރު ފައިރު ބުރިއަކާއިއެކު، ދަމާފައިވާ ވަރަށް ތީރި ކާރޓުން އަކުން ފާޚާނާ ވަނީ ފޮރުވާލެވިފައެވެ. ކޮޓަރިއަށްވުރެ ބާތް ރޫމް ބޮޑުހެން އަހަންނަށް ހީވިއެވެ. ފާޚާނާ ތެރޭގައި ހުދު ކުލައިގެ ބިލިގާއެއް ހުއްޓެވެ. ބިލިގާގެ ބޯލާ ކޮޅުގައި ހަދާފައިވާ ތަންކޮޅެއްގައި ފެންވެރުމަށް ބޭނުންވާ ސާމާނު ނަންހުސްކޮށް ހުއްޓެވެ. ފާޚާނާ އިންތަން ތިރި ފާރު ބުރިއަކުން ވަކިކުރެވި، އެތަނުގައި ވަކި ކުލައެއްގެ މުށި ޖަހާފައި ހުއްޓެވެ. ހިތަށް އެރިއެވެ. މީ މައުރަޒަކަށް ހަދާފައި ހުރި ތަނެއްބާވައެވެ؟ އެހާވެސް ފުރިހަމައީ އެވެ.

ބުނާނެ އެއްޗެއް ނޭނގި ހުރެ އަހަރެން ގޮސް މައުސްގެ އެނދުގައި އިށީނީމެވެ. އޭރުވެސް އަހަންނަށް ބެލެނީ ކޮޓަރި ތެރެއަށެވެ. ވަރަށް ފުރިހަމައެވެ. އެއްވެސް ފާޑެއް ކިޔޭކަށް ނެތެވެ. ކުއްލިއަކަށް އަހަރެންގެ ގައިގައި ފޮތި ގަނޑެއް ކޭތޭތީ އަހަރެން ބަލާލީމެވެ. އަހަރެންގެ ގައިގައި ޖެހުނީ އެދުނގެ ވަށައިގެން ދަމާފައިވާ ސަނދުވާއެވެ. ދުރުން ބަލާ މީހަކަށް އެތަން ސިފަކުރެވޭނީ ކުޑަ ވަރެއްގެ ހިތްގައި ފޭލިގެއެއް ހެންނެވެ.

” ރަނގަޅުތަ؟” އަހަރެން ސިއްސައިގެން ދިޔައީ މައުސް އެހެން އަނހާލުމުންނެވެ.

” ވަރަށް ފުރިހަމަ. މިއޮތް ބޮޑު އެނދުގައި މައުސް އެކަނިދޯ ނިދަނީ؟” ބުނާނީ ކީކޭކަން ނޭނގި ހުރެ، އަހަންނަށް ކޮށްލެވުނީ މޮޔަ ސުވާލެކެވެ.

” އަސްލު މަށަށް އަދިވެސް މިއެނދުވެސް، ކޮޓަރިވެސް، ފާޚާނާވެސްކުޑަ.” ހިނިތުންވެލަމުން މައުސް ބުނެލިއެވެ.

” އެއްޗެއް ކާންވީނު.” އަހަރެން އެއްޗެއް ނުބުނެ އިނުމުން މައުސް ބުނެލިއެވެ.

” އާނ. ހިނގާ.” ކުރު ޖަވާބެއް އަހަރެން ދިނީމެވެ. ދެން މައުސްގެ ފަހަތުން ކާކޮޓަރިއާއި ދިމާލަށް މިސްރާބް ޖެހީމެވެ. އެތަނުގެ ފުރިހަމަ ކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެންމެ ފަހުގެ ކިޗަން ސެޓަކާއި ދެންވެސް ބޭނުންވާ ފަހުގެ ހުރިހާ ސާމާނެއް އެތަނުގައި ހުއްޓެވެ.

” ރޮށި ކާންވީނު.” އަހަރެން ކާމެޒު ކައިރީ އިށީނުމުން މައުސް ބުނެލިއެވެ.

” ހަމަ އޯ.ކޭ.” އަހަރެން ބުނީމެވެ.

” ކޯއްޗެއް ބޯނީ؟” އައިސް އަލަމާރި ހުޅުވާ ދައްކާލަމުން މައުސް އަނހާލިއެވެ. އަލަމާރިގެ ފިނިކުރާ ބައި ފުރެންދެން ހުރީ ތަފާތު ވައްތަރުގެ ދަޅާއި ފުޅި އަޅާފައެވެ.

” މައުސްއަށް ރަނގަޅު އެއްޗެއް ގެނޭ.” އަވަހަށް އަހަރެން ބުނީމެވެ.

އަހަންނާއި މައުސް ދެން ތިބީ ކާށެވެ. އަހަރެން ކެއީ އަލުވި ރިހައާއި ރޮއްޓެވެ. މައުސް ކެއީ ސޭންޑްވިޗެކެވެ. އަހަރެމެން ދެމީހުންވެސް ބުއީ ކޯކެވެ. ކެއުމުގެ ތެރޭގައި މުޅިންވެސް މައުސް ދެއްކީ އޭނާ ޑޮކްޓަރ ކަން ކިޔަވަން ރާއްޖޭން ބޭރުގައި އުޅުނުއިރު ދިމާވި ކަންތައްތަކުގެ ވާހަކައެވެ. ދޭތެރެ ދޭތެރެއިން އަހަރެން މައުސްއާއި ދިމާލަށް ބަލާލަމެވެ. މައުސް ލުއި ހިނިތުން ވުމެއް މޫނުމައްޗަށް ވެރިކޮށްލައެވެ. އަހަރެން އެންމެ އަޅައިގަތީ މައުސްގެ މޫނުމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅު، މައުސްގެ ރީތި އަތުން އިރުއިރުކޮޅާ އެއްފަރާތް ކޮށްލާގޮތެވެ. ވަރަށް ފުރިހަމައެވެ. އަހަންނަށް ޙައިރާންކަމާއިއެކު ބަލަންހުރެވުނެވެ.

ކައިނިމުނު އިރު އަހަރެންގެ ބަޑު ހުރީ ފުރިފައެވެ. ރޮއްޓާއި އަލުވި ރިހައަކީ އަހަންނަށް އެހާ މީރު އެއްޗެއް ނޫނެވެ. އެކަމަކު، އަހަންނަށް އެކަން ފާހަގަ ވެސް ނުކުރެވުނެވެ. މައުސްގެ އަތުން ހަދާފައިވާ ކާނާ ކާހިތުން ކަންނޭނގެއެވެ. ނޫނީ، މައުސްގެ ރީތިކަން އެހާ ކައިރިން ފެނުމުން ހުރިހާ ކަމަކުން ހަނދާން ނެތުނީކަން ނޭނގެއެވެ. އަލުވި ރިހައާއި ރޮށީގެ މީރުކަން އަހަންނަށް އިނގުނު ފުރަތަމަ ފަހަރަކީއެއީއެވެ. އަންހެނުންގެ އަތުން މީރު ކާއެއްޗެއް ހަދާފައި ނުލިބޭއިރު، އެހެން ވެދާނެވެސް ކަން ނޭނގެއެވެ.

“ސްމޯކް ކުރާނަންދޯ.” ކައިނިމިގެން އަހަރެން ސޯފާގައި ޖައްސާލުމުން މައުން ބުނެލިއެވެ.

” ނޫން. މިތާ އެތެރޭގައި ނުކުރާނަން.” މުޅިތަން އޭ.ސީކޮށްފައި އޮތުމުން އަހަރެން ބުނީމެވެ. އަހަރެން އެހެން ބުނުމުން މައުސް އައިސް ސޯފާސެޓް ކުރިމަތީގައިވާ މޭޒުމަތީގައި އަޑިކެނޑި ބަހައްޓަމުން ހިނިގަނޑެއް ޖަހާލިއެވެ.

” މައުސް ބޮއެފަތަ މީ؟” އަޅިކެނޑީގައިވާ ބައިވަރު ފިލްޓަރތައް ފެނުމުން ޙައިރާންކަމާއިއެކު، އަހަރެން އަނހާލީމެވެ.

” ހޫނ.” ކުރު ގޮތަކަށް މައުސް ބުނެލިއެވެ.

” މަލްބަރޯ ހާޑްތަ ބޮނީވެސް؟” އަހަންނާއި ދިމާލަށް ނުކަނޑާއޮތް މަލްބަރޯ ސިނގިރޭޓް ފޮށްޓެއް މައުސް ދިއްކޮށްލުން އެހީމެވެ.

” ކީއްތަވީ؟” ލުއި ހިނިތުންވުމަކާއިއެކު މައުސް އަނހާލިއެވެ.

” ޢާއްމުކޮށް އަންހެން ކުދިން ބޯނީ ލައިޓް ސިނގިރޭޓް.” މައުސް ހާޑް ސިނގިރޭޓެއް ބޯންފެށުމުން އަހަރެން ބުނީމެވެ.

” އަހަންނަށް ރަނގަޅީ މި.” ސިނގިރޭޓްގެ އަޅިކަނޑާލަމުން މައުސް ބުނެލިއެވެ.

ސިނިގިރޭޓްބޯން އަހަންނާއި މައުސް އިރުކޮޅަކު ތިބީމެވެ. މާގިނަ ވާހަކަ ތަކެއް އަހަންނެއް ނުދައްކަމެވެ. މައުސްވެސް އެހާ ގިނަ ވާހަކަތަކެއް ނުދައްކައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. މައުސްއާއިއެކު ވަގުތުކޮޅެއް ހޭދަ ކުރެވޭތޯއެވެ. ދެންވާނީ ކިހިނެއްތޯ ވިސްނާލަ ވިސްނާލައެވެ. ދެންވީ މާރަނގަޅަށެވެ. އަހަރެން ގޮވައިގެން މައުސްވަނީ މައުސްގެ ކޮޓަރިއަށެވެ.

” އިށީދޭ. ހެޔޮ އޮށޯތަސް. ” އަހަރެން ކޮޓަރިއަށް ވަނުމުން އެނދަށް އިޝާރާތްކުރަމުން ސާދާ ރާގަކަށް މައުސް ބުނެލިއެވެ. މައުސް އެހެން ބުނުމުން އަހަރެން އެނދުގައި އިށީނީމެވެ.

” ކޮބާތަ ފޮޓޯ އަލްބަލްތައް؟” މައުސް ކިޔަވަން އުޅުނު ދުވަސްވަރުގެ ފޮޓޯތައްދައްކާނަމޭ ބުނެފައި އޮތުމުން އަހަރެން އަނހާލީމެވެ.

” މިއުޅެނީ ތިކަމާ. ވަރަށް އަޑީގަ ހުންނާނީ.” އަލަމާރިއާއި ދިމާލަށް ހިނގައިގަންނަމުން މައުސްބުނެލިއެވެ.

މައުސް ގޮސް އަލަމާރި ހާވަން ފެށިއެވެ. ފަހަރަކު އެއްޗެއް ނަގަމުން ގެންދިޔައެވެ. ގިނައިން ހުރީ ވަރުވަރުގެ ބޯ ފޮތްތަކެކެވެ. ބޯދަށުގައިލާ ބާލީހަކަށްވެސް އެއިސް ބައެއް ފޮތް ފުދޭނެއެވެ. އެހާވެސް ބައެއް ފޮތްތައް ބޮލެވެ. އެވާނީ މައުސް ކިޔަވަން އުޅުނު ދުވަސްވަރު ބޭނުންކުރި ފޮތްތައްކަން ނޭނގެއެވެ.

” އާނ މިއޮތީ.” އަލްބަލްތައް ނަގަމުން މައުސް ބުނެލިއެވެ. އެއަށްފަހު އަލްބަމްތައް ހިފައިގެން އަހަރެންގެ ގާތަށް އައެވެ. އައިސް މައުސް އެނދުގައި އޮށޯތެވެ.

” އާދެބަލަ މިތާ ޖައްސާލަން.” އަހަރެން އެނދުގައި އިށީދެގެން އިނުމުން މައުސް ބުނެލިއެވެ.

މައުސް އައިސް އެނދުގައި ޖައްސާލިއެވެ. އަދި އަލްބަމްތަކުގެ ތެރެއިން އެއް އަލްބަމް ނެގިއެވެ. ދެން އަހަންނާއި ވަރަށް ކައިރިއަށް މައުސް ޖެހިލިއެވެ. ހަމަ އެވަގުތު މައުސްގެ ހަށިގަނޑުގެ މީރުވަސް އަހަރެންގެ ނޭފަތުގައި ޖެހުނެވެ. އަހަރެން ފުން ނޭވާއެއް އެތެރެއަށްލާ ހިފަހައްޓާލީމެވެ. މައުސްގެ ގައިން ދުވި މީރުވަސް އަހަރެންގެ އެތެރެ ހަށީގައި ހިފެހެއްޓުމަށްޓަކައެވެ. އެމީރުވަހުގެ ސަބަބުން އަހަރެންގެ ޙިއްޞުތަކަށް ކުއްލި ސިހުމެއް ލިބުނުކަހަލައެވެ. ބުނަން ނޭނގޭ ކަހަލަ ފިނިފޮނި އިޙްޞާޞްތަކެއް އަހަންނަށްކުރުވިއެވެ. ތެދެއް ބުނަން ހެއްޔެވެ؟ ހަށިގަނޑުން މީރުވަސް ދުވާ އަންހެނުން އުޅޭކަން އަހަރެންވެސް ދަންނަމެވެ. އެކަމަކު، މައުސްގެ ގައިން ދުވާ މީރުވަސް ދުވި، ދެވަނަ އަންހެނެއްގެ ނަން އަހަރެން ހަނދާނެއްވެސް ނެތެވެ.

އަހަރެމެން ދެމީހުން އަލްބަމްތައް ބަލަމުން ގެންދިޔައީމެވެ. މައުސް ނަގާފައިވާ ހުރިހާ ފޮޓޯތަކެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް ރީއްޗެވެ. ދުނިޔޭގެ ބައެއް ތަފާތު ޤައުމު ތަކުގައި މައުސް ފޮޓޯ ނަގާފައި ހުއްޓެވެ.

” މީ މައުސްގެ ބޯއީ ފްރެންޑްތަ؟” މައުސް ފިރިހެން ކުއްޖަކާއިއެކު ނަގާފައިވާ ފޮޓޯއެއް ފެނުމުން އަހަރެން ސުވާލުކޮށްލީމެވެ.

” ނޫން. ތިވެސްދެން އޭރުގެ ކަމެއް.” މައުސް ހެމުން ބުނެލިއެވެ.

” އޭ. މީ ހާދަ ސަޅި ފޮޓޯއެކޭ. މީ ކޮން އެންގަލަކަށް ނަގާފައި އިން ފޮޓޯއެއްތަ؟” މައުސް ސްވިމިންގ ސޫޓްގައި ގޮތަކަށް ނަގާފައވާ ފޮޓޯއެއް ފެނުމުން އަހަރެން އަނހާލީމެވެ.

” ތިވެސް ދެން ނަގާފައި ފޮޓޯއެއް. އެކަމަކު ތިއެއްޗިއްސަށް މާބޮޑަށް ނުބަލާތި. އޭރުން މާބޮޑަށް ގޯސްވެދާނެ.” މައުސް ލާނެތް ރާގަކަށް ބުނެލިއެވެ.

” މިވަގުތު ގޯސްވެއްޖައިއްޔާ އަހަންނަށް ރަނގަޅީވެސް.” ގަޑިއަށް ބަލާލަމުން ލާނެތް ރާގަކަށް އަހަރެން ބުނީމެވެ.

” އަހަންނަށް އިނގޭ ތިކަން.” އަހަރެންގެ އަތަށް ފިތާލަމުން މައުސް ބުނެލިއެވެ.

” އަސްލު ބުނަންތަ ޙަޤީޤަތެއް. އަހަރެން ދުވަހަކުވެސް ނުދެކެން މައުސް ހާފުރިހަމަ އަންހެން ކުއްޖެއް. މިފޮޓޯވެސް ހާދަ ރީއްޗޭ.” ފޮޓޯ ގަނޑަށް ބަލާލުމަށްފަހު، ދެން މައުސްގެ މޫނަށް ބަލާލަމުން އަހަރެން ބުނީމެވެ.

” ފޮޓޯއަކުން ރީތިކަމެއް ނުފެންނާނެ. ޙަޤީޤީ ރީތިކަން ފެންނާނީ………” އަލްބަމް ލައްޕާލަމުން އަހަންނާއި ވަރަށް ގާތްވެލަމުން މައުސް ބުނެލިއެވެ.

މައުސް އަހަރެންގެ މޫނުގައި އެއް އަތުން ފިރުމާލިއެވެ. އަނެއް އަތުގެ ކޮޓަރީގެ ލައިޓް ތަކުގެ އަލި ފަނޑުކޮށްލިއެވެ. ދެން މައިކަލް ބޯލްޓަންގެ “ކެން އައި ޓަޗް ޔޫ ދެޔަރ” އެލަވަ ޖަހާލިއެވެ. ދެން މައުސް އައިސް އަހަރެންނާއި ވަރަށް ކައިރީގައި އޮށޯތެވެ. އެއަށްފަހު، މައުސް އަހަރެންގެ މޭމަތީގައި ބޯއަޅާލިއެވެ. އަހަރެން މަޑުމަޑުން މައުސްގެ އިސްތަށި ގަނޑުގައި ފިރުމަމުން ގެންދިޔައީމެވެ. މަޑުމަޑުން މައުސް އަހަރެންގެ މޫނަށް ބަލާލިއެވެ. މައުސްގެ އަރާމް ހޫނު ނޭވާގެ ވަސް އަހަރެންގެ ނޭފަތަށް އެޅުނެވެ. އަހަންނަށް ވީ އުފަލެއް ބުނަންވެސް ނޭނގުނެވެ. ޖަހަމުން ދިޔަ ލަވައިގައި ބުނާހެން، މައުސް އަހަންނަށް ލޯބި ދިނެވެ. ލޯތްބަކީ ކޮބައިކަން އަހަންނަށް އިޙްޞާޞްކޮށް ދިނެވެ. އަހަރެންގެ ހިތް އުފަލުން ފުރުވާލިއެވެ. އަހަރެން އޮތީ ވަރަށް އުފަލުންނެވެ. އެހާ ފުރިހަމަ އަންހެނެއްގެ ފަރާތުން، އެހާ ކުއްލި ގޮތަކަށް އެފަދަ އުފަލެއް ލިބޭނެކަމަށް، ކުރިން ހުވަފެނުންވެސް ފެނިފައެއް ނެތެވެ. އަހަރެންވެސް އަންހެން ކުދިންގެ ފަރާތުން ލޯބީގެ އުފާ ޙާޞިލްކުރީމެވެ. އެކަމަކު މައުސް ވަރެއް ނުދެކެމެވެ. އަހަރެމެން ދެމީހުން މަޑުމަޑު ފިނި އިޙްޞާޞްތަކެއްގެ ތެރޭގައި ހިތް މަސްތުން ފުރަމުން ގެންދިޔައީމެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް، އަންހެނުންނާއި ދަރިފުޅުގެ މަތިން އަހަރެން ހަނދާން ނެތުނެވެ. އަހަންނަށް އެހެންވެދާނެކަމަށް ޚުދު އަހަރެންވެސް ޤަބޫލުކުރަމެވެ. ކޮންމެ މީހަކު ނަމަވެސް ވާނީ މިހެންކަން ނޭނގެއެވެ. ލޯބީގެ އަރާމާއި ލައްޒަތަކީ ދިރިއުޅުމުގެ ރޫޙެވެ. ކާނާއެވެ. ކައިވެންޏެއް ކޮށްގެން އުޅުނަސް، އެބުނާ އުފާ ޙާޞިލްނުވާނަމަ، ދިރިއުޅުން މިލާ މޯޅިވާނެއެވެ. އެކަން އަހަރެމެންގެ ތެރެއިން ވަރަށް ރަނގަޅަށް މިހާރުވެސް ފެންނަން އެބައޮތެވެ. އަހަރެންގެ ޙަޔާތުގައިވެސް ދިމާވެފައިވަނީ އެހެންނެވެ.

” ގެންނަންތަ ތުވާލި؟” ބާތް ޓަބުން އަރަމުން މައުސް ބުނެލިއެވެ.

” އާނ ގެނޭ.” އަހަރެން އުފަލުން އިނދެ ބުނީމެވެ.

” ވަރަށް އުފާވެއްޖެދޯ.” މައުސް އައިސް އަހަންނާއި ދިމާލަށް ތުވާލި ދިއްކޮށްލަމުން ބުނެލިއެވެ.

” ދުވަހަކުވެސް ނުވާހާ އުފާ މިރޭ ވެއްޖެ. މީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރިރޭ. އަހަރެން ނޯޓްކުރާނަން މިރޭގެ ތާރީޚާއި ގަޑިއާއި ސިކުންތައް ދަންދެންވެސް. އެކަމަކު، ހިތަށް އަރާ މީހުވަފެނެއް ނޫން ބާވައޭވެސް؟” ތުވާލީގައި ހިފަމުން އަހަރެން ބުނީމެވެ.

” ހުވަފެނަކަށް ނުވަތަ ބިލާހަކަށްވިޔަސް، މިކަންވެސް ދެން މިއޮތީވެފަ. އަސްލު އަހަންނަށް ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އަހަރެން އިނީ އިންމައަށް ހިތް ކިޔާލަ ކިޔާލަ. ވަރަށް އުފާވެއްޖެ އަހަރެންވެސް.” ވަރަށް ހިތްހަމަޖެހިގެން އިނދެ މައުސް ބުނެލިއެވެ.

” އަސްލުވެސްތަ؟” މައުސްގެ މޫނުގައި ފިރުމާލަމުން އަހަރެން އަނހާލީމެވެ.

” ޙަމަ ޙަޤީޤަތަކަށް.” އަހަރެންގެ ގައިގައި ބައްދާލަމުން މައުސް ބުނެލިއެވެ.

” އަހަރެންދެކެ ތިވަރަށް ލޯބިވި އެއްވެސް އަންހެން ކުއްޖަކާއި އަދި ދިމަލެއްނުވޭ. އަހަންނަކީ ހާދަ ނަޞީބު ގަދަ މީހެކޭދޯ.” މައުސްގެ ކަންފަތް ދޮށުގައި މަޑުމަޑުން އަހަރެން ބުނެލީމެވެ.

” ބައެއް މީހުންގެ ދިރިއުޅުމުގައި ނަޞީބަކީ ކުއްލިއަކަށް އަންނަ އެއްޗެއް. އެކަމަކު އެ ނަޞީބުވެރިކަން ދަމަހައްޓަން އިނގެނީ ވަރަށް މަދުމީހަކަށްދޯ.” އަހަންނަށް ދޯ ދެމުން މައުސް ބުނެލިއެވެ.

” ތީވެސް ތެދެއް.” އަހަރެން ބުނީމެވެ.

” މިހާރު އިރުއަރަން އެއުޅެނީ. ދެން އިންމަ ދާންވީއެއްނު. މާދަމާ ޖެހޭނެ އޮފީހަށްވެސް ނިކުންނަން. އޭގެ ކުރިން އަދި ޖެހޭނެ ކުޑަކޮށް ނިދާލަން.” މައުސް ބުނެލިއެވެ.

” މައުސް. އަހަރެން ދަނީ. އަދި ބުނަންތަ، ވަރަށް މިސްވެސްވާނެ.” މައުސްގެ ކޮލަށް ދޮނެއް ދެމުން އަހަރެން ބުނީމެވެ.

” އަހަންނަށް އިނގޭ ތިކަން.” ހިނިތުންވެލަމުން މައުސް ބުނެލިއެވެ.

މައުސްގެ ކޮޓަރިން ނިކުންނަށް އަހަރެން ހިނގައިގަތީމެވެ. ދިއުމުގެ ކުރިން އަދި އެއްފަހަރު މައުސްއަށް އަހަރެން ބަލާލީމެވެ. ޓާޓާ ކިޔުމުގެ ގޮތުން މައުސް އަހަންނަށް އަތް ހޫރާލިއެވެ. ދެން ވިންޑް ކިސްއެއް ފޮނުވާލިއެވެ. އަހަރެންވެސް ހަމަ އެގޮތަށް ކަންތައް ކުރީމެވެ.

މައުސްގެ އެޕާރޓްމަންޓުން ނިކުމެގެން ގެއަށް އަންނަންވެގެން އަހަރެން ޙުސައިންއަށް ގުޅާލުމަށްޓަކައި ފޯން ހޯދާލީމެވެ. އެއްވެސް ޖީބެއްގައެއް ނެތެވެ. ދެން ކުއްލިއަކަށް އަހަރެން ހާސްވިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އެހެން ހުރިހާ ކަމެއްގެ މަތިން އަހަރެން ހަނދާންނެތުނީއެވެ. އަހަންނަށް ނިކުމެވުނީ މައުސްގެ ކޮޓަރީގައި ފޯން ބާއްވާފައެވެ. ގޮސް މައުސްގެ ގޭގެ ދޮރުގައި ހިފި އިރު ހުރީ ތަޅުލާފައެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ. ހަމަ ޔަޤީނުންވެސް ގޮވައިގެން މައުސްއަށް އަޑެއް ނީވޭނެއެވެ. މިގަޑީގައި ދޮރުގައި ތަޅަން ފަށައިފިއްޔާ ދެން ދިމާވާނީ އެހެން ކަމެއްކަން ނޭނގެއެވެ.

އަހަންނަށް ވިސްނުނީ އެންމެ ގޮތެކެވެ. މަޑުމަޑުން ހިނގާފައި ގެއަށް ދިއުމަށެވެ. ގެއަށް އާދެވުނު އިރު، އިރުއަރަނީ އެވެ. އަތުގައި ފޯނެއް ނެތެވެ. ނަޞީބަކުން ގޭގެ ދޮރު ހުރީ ހުޅުވާފައެވެ. އަހަރެންގޮސް ކޮޓަރީގެ ކުރިމައްޗަށް ހުއްޓިލީމެވެ. ހިތަށް އެރިއެވެ. އަންހެނުން ހޭލަންދެން ހުންނަންވީބާވައެވެ؟ ނުވަތަ ދޮރުގައި ޓަކިޖަހަންވީ ބާވައެވެ؟ ދެޚިޔާލެއްގައި ހުރެފައި ދޮރުގައި ޓަކިޖެހީމެވެ. ދެތިން ފަހަރަށް ޓަކި ޖެހުމުންވެސް އަންހެނުން ދޮރެއް ނުހުޅުވިއެވެ. ދެން ތަންކޮޅެއް ބާރަށް ދޮރުގައި ޖެހީމެވެ. އެއާއި އެކު ދަރިފުޅު ރޮއެގަތްއަޑު އަހަންނަށް އިވުނެވެ. ދެން ޓަކިޖެހުމާއިއެކު، ކުޑަ އިރުކޮޅެއްގެ ތެރޭގައި އަންހެނުން ދޮރު ހުޅުވާލިއެވެ.

” ހާދަ އަވަހަކަށް ޑިއުޓީ ނިންމާފައި ތިއައީ؟” އަންހެނުން ހިތުން އަހަރެން މިއައީ ޑިއުޓީންނެވެ.

” ކުޑަކޮށް ބޮލުގައި ރިއްސާތީ މިއައީ.” އަހަރެން ބުނީމެވެ.

” ކީއްވެތަ ފޯނުން ނުކުރީ، ދޮރު ހުޅުވަން.؟ އިންމަ މާބާރަށް ދޮރުގައި ތެޅުމުން ދަރިފުޅުވެސް ހޭލައިފި. ދެން އޭނަ ނިންދަވަން އަނެއްކާ ވަރަށް އުދަނގޫވާނެ.” ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން އަންހެނުން ބުނެލިއެވެ.

” ޙުސައިންމެންގެ ގޭގައި ފޯން ބާއްވާފައި މިއާދެވުނީ. ދީ އަހަރެންގެ އަތަށް ދަރިފުޅު ނިންދަވާލަން.” އަންހެނުން ދަރިފުޅު އުރަންފެށުމުން އަހަރެން ބުނީމެވެ.

” އުނހޫ. ތިއުޅެނީ އޭނަގެ ނިދި ހަލާކުކޮށްލަން.” އަންހެނުން ބުނެލިއެވެ.

އަހަރެން އެނދުގައި ޖައްސާލީ ދެނެވެ. ކޮންމެވެސް ވަރަކަށް ނިދިވެސް ހުރީ އައިސްފައެވެ. ނަމަވެސް، ހިތުގައި ވަނީ ސުވާލުތަކެކެވެ. އަހަރެންގެ ފޯން އަތަށް އަރާނީ ކޮން އިރަކުބާވައެވެ؟ ފޯނަށް އަންނަ ކޯލްތަކަށް މައުސް ހަދާނީ ކިހިނެއް ބާވައެވެ؟ އެކޯލް ތަކަށް މައުސް ޖަވާބުދޭނެ ބާވައެވެ؟ މައުސްގެ އަތުގައި ފޯން އޮއްވާ އަންހެނުންނަށް ގުޅިއްޖެއްޔާ ދެން ވާނީ ކިހިނެއް ބާވައެވެ؟ ނުވަތަ އެހެން އަންހެން ކުއްޖަކު ގުޅައިފިއްޔާ ދެން ވާނެ ގޮތަކީ ކޮބައިހެއްޔެވެ؟ އޭރުން މައުސް ހިތަށް އަރާނީ ކީކޭބާވައެވެ؟ އަހަރެން ހިތާހިތުން ދުޢާކުރީމެވެ. މައުސްގެ އަތުގައި އޮއްވާ ގިނަ ފޯންކޯލްތައް ފޯނަށް ނައުމަށް އެދިއެވެ. އަދި ކޯލެއް އަޔަސް އެއަށް މައުސް ޖަވާބު ނުދިނުމަށް އެދިއެވެ. އަހަންނަށް ނިދުނީ އެގިނަ ޚިޔާލްތަކުގެ ތެރޭގައި އޮއްވައެވެ.

” އޭ ދެން ތެދުވޭ. މިހާރު އެއޮތް ހަވީރުވަނީއްޔޭ. ދެން ނިދިޔަސް ތީ ބޮޑުވަރެއްނު.” އަހަންނަށް ހޭލެވުނީ އަންހެނުން ގޮވުމުންނެވެ.

” ހަވީރުވީދޯ. ކޮބާތަ ދަރިފުޅު؟” އަހަންނަށް ބުނެވުނީ އެހެންނެވެ.

” އޭނަގެ މާމަމެން އައިސް އެގެއަށް ގެންގޮސްފި. ދެންވެސް އަވަހަށް ތެދެވެގެން ދޭބަލަ ފިހާރައަކަށް. އަހަރެން މީނީ އަދި ސައިވެސް ނުބޮއެ.” އަންހެނުން ބުނެލިއެވެ.

” މޫނު ދޮވެލައިގެން މިދަނީ.” އެހެން ބުނުމަށް ފަހު އަހަރެން ވަނީ ފާޚާނާއަށެވެ.

އަހަރެން ފާޚާނާއިން ނިކުތް އިރު އަންހެނުން އިނީ ސިޓިންގ ރޫމްގައި ޓީ.ވީ ބަލާށެވެ. ނަޞީބަކުން އަންހެނުންގެ ފޯން އޮތީ ކޮޓަރީގެ އެނދުމަތީގައެވެ.

” އޭ ވަރަށް ސަކަރާތް. ވަރަށް އަވަހަށް ގޭކައިރިއަށް އައިސްބަލަ.” އަންހެނުންގެ ފޯނުން ޙުސައިނަށް ގުޅާލުމަށްފަހު އަހަރެން ބުނީމެވެ.

” މިހާރު މިދަނީ.” ޙުސައިން ބުނެލިއެވެ.

” ހާދަ އަވަހަކަށް ތިއައީ؟” އަހަރެން ގެއިން ނިކުތްއިރު ޙުސައިން ހުރީ ގޭގެ ދޮރުމަތީގައެވެ.

” ދެން އެހާ ސަކަރާތްވީމަ އަވަހަށް އަންނާނެއްނު. އަނެއްކާ ކިހިނެއްތަ ވީ؟ މައުސްގެ ކަމެއްދޯ.” ޙުސައިން އަނހާލިއެވެ.

” އިހަށް ހިނގާ ސައެއް ބޯލަން. އޭގެ ފަހުން ކިޔައިދެވޭނީ. ހެނދުނު ނިދި ގޮތަށް ދެންމެ މިހޭލެވުނީ.” ސައިކަލަށް އަރަމުން އަހަރެން ބުނީމެވެ.

” އާނ. ދެން ތިހެން ވާނީ. ރޭގަ ހިތްފުރޭ ވަރުކޮށްލެވުނީމަ، ތިހާ ގިނައިން ނިދިދާނެ. އެއީވެސް މީހުންނަށް ވާގޮތެކޭ. ނަޞީބެއްނު އިއްމައަށް ހޭލެވުނުކަން.” ހެމުން ޙުސައިން ބުނެލިއެވެ.

” ތެލެސީމިޔާ ސެންޓަރ ކައިރިޔަށް މަޑުކުރައްޗޭ ދާ މަގުމަތީގައި.” އަހަރެން ބުނީމެވެ.

” މައްސަލައެއްނެތް. މިހާރު ތިހުރި ވަރުން ބްލަޑް ޕްރެޝަރ ޗެކްކޮށްލުން ރަނގަޅުހެން އަހަންނަށްވެސް ހީވަނީ.” ޙުސައިން ހެމުން ބުނެލިއެވެ.

ތެލަސީމިޔާ ސެންޓަރ ކައިރިއަށް ސައިކަލް މަޑުކޮށްލުމުން އަވަސް އަވަހަށް ތެލެސީމިޔާ ސެންޓަރަށް އަހަރެން ވަނީމެވެ. ވަދެ ގޮސް މައުސް ފެނޭތޯ ވަރަށް ބެލީމެވެ. އެއްވެސް ތާކުން ފެންނާކަށް ނެތެވެ. ދެން އަހަރެން ދިޔައީ ރެސެޕްޝަނަށެވެ.

” ޑޮކްޓަރ މައުޝާ އެބައުޅުއްވާތޯ؟” އަހަރެން އަނހާލީމެވެ.

” އޮފީސް ދަތުރެއްގައި ރަށުން ބޭރުގައިވީ. މިރޭ ތަންކޮޅެއް ލަހުން އަންނާނީ.” ރެސެޕްޝަންގައި އިން އަންހެން ކުއްޖާ ބުނެލިއެވެ.

” އެހެންދޯ. އައިސްފިއްޔާ ބުނައްޗޭ އިންމަ ހޯދިޔޭ.” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ނުކުތީމެވެ.

” އަނެއްކާ ބްލަޑް ޕްރެޝަރ އޯކޭތަ؟” އަހަރެން ނިކުތުމުން ޙުސައިން ދިމާކޮށްލިއެވެ.

” އަދި އޯ.ކޭ.އެއްނޫން. ދެން ހިނގާ ސަޔަށް.” އަހަރެން ބުނީމެވެ.

” އޭ. ކޮންކަމެއް ސަކަރާތްވެގެންތަ ތިއުޅެނީ؟” ކެފޭއަށް ވަނުމަށްފަހު ޙުސައިން އަނހާލިއެވެ.

” މިއުޅެނީ މައުސްގެ ގޭގައި ފޯން ބާއްވާފައި އައިސްގެން. ހިތަށް އަރަނީ އަންހެނުން އަހަރެން ހޯދަން ފޯނަށް ގުޅައިފިއްޔާ ދެން ވާނީ ކިހިނެއްބާވައޭ؟ އެކަމާއި މިވިސްނަނީ.” އަހަރެން ބުނީމެވެ.

” ތީ ވިސްނާވަރުގެ ކަމެއްނޫނެއްނު. މިއޮތީ އަހަރެންގެ ފޯން. މައުސްއަށް ގުޅާބަލަ. އޭރުން ފޯން ލިބިދާނެއްނު.” ފޯން ދިއްކޮށްލަމުން ޙުސައިން ބުނެލިއެވެ.

” ނޫން. ތިއުޅެނީ މައުސްގެ ނަންބަރު ހޯދަން. އަހަރެން ކޮންމެވެސް ގޮތަކަށް ފޯން ހޯދާނަން.” ހަމަޖެހިލަން މަސައްކަތްކުރަމުން އަހަރެން ބުނީމެވެ.

” އަހަރެން ނޫޅެމޭ މައުސް ކާލަކަށް. ދެން ގުޅާބަލަ.” ޙުސައިން ބުނެލިއެވެ.

” ނޫން. އެކަމަކު ޙުސައިން ކަންތައް ކުރަންވީ މިހެން. އަންހެނުން ގާތުގައި އަހަރެން ބުނެފަ އޮންނާނީ، އަހަރެންގެ ފޯން އޮންނާނީ ޙުސައިންގެ ގޭގައޭ. އެހެންވެ، ފަހަރުގައި ޙުސައިންއަށް އަންހެނުން ގުޅައިފާނެ. ގުޅައިފިއްޔާ ބުނޭ. ފޯން އެބައޮތޭ. އަދި ބަލައެއް ނާދޭ.” އަހަރެން ބުނީމެވެ.

” އޯ.ކޭ. މީގެ ހުރިހާ ކަމެއް މިޖެހުނީ އަހަންނަކާނު.” ލާނެތް ރާގަކަށް ޙުސައިން ބުނެލިއެވެ.

” ދެން ޙުސައިންއަށް ވެސް އިނގޭނެއްނު މިކަން މިދާގޮތް.” އަހަރެން ބުނީމެވެ.

” އަދި ކިރިޔާ ދޯ ތިއާދެވުނީ.” އަހަރެން ގެއަށް ވަނުމުން އަންހެނުން އަނހާލިއެވެ.

އަހަރެން އެއްޗެކޭ ނުބުނެ އެނދުގައި ޖައްސާލީމެވެ. ދެންވެސް ނިދުނީއެވެ. އަހަންނަށް ހޭލެވުނީ އަނެއްދުވަހުގެ ހެނދުނުގައެވެ. އަވަސް އަވަހަށް މޫނު ދޮވެލައިގެން އަހަރެން ދިޔައީ ތެލެސީމިޔާ ސެންޓަރަށެވެ. އަހަންނަށް ގޮސް ހުއްޓެވުނީ މައުސްގެ ކުރިމައްޗަށެވެ.

” ވަރަށް ހޯދައިފިންދޯ؟” ލުއި ހިނިތުން ވުމަކާއިއެކު މައުސް އަނހާލިއެވެ.

” އާނ. ވަރަށް. ފޯން ބަލާ މިއައީ. އެބައޮތްތަ އަނެއްކާ؟” އަހަރެން ބުނީމެވެ.

” އާނ. މިއޮތީ. ވަރަށް ގިނަ މީހުން ގުޅި. އެކަމަކު އަހަރެން އެއްވެސް ކޯލަކަށް ޖަވާބެއް ނުދެން.” މައުސް އެހެން ބުމުން އަހަރެން ހިތަށް ފިނިކަމެއް ލިބުނެވެ.

” މައުސް ދެން ދަނީ. ފަހުން ދިމާކުރާނަން.” މައުސް ދިއްކޮށްލި ފޯނުގައި ހިފަމުން އަހަރެން ބުނީމެވެ.

” އޯ.ކޭ. އެކަމަކު އަދި ތިދަނީ އެކަތި ބާއްވާފަދޯ.” މައުސް ދިމާކޮށްލިއެވެ.

” އެއީ ކޯއްޗެއް.” އިނގިހުރެ އަހަރެން އަނހާލީމެވެ.

” އިންމަގެ ހިތް.” ލުއި ހިނިތުންވެލުމަކާއިއެކު މައުސް ބުނެލިއެވެ.

” ހިތެއްނޫން. ހުރިހާ އެއްޗެއްވެސް ބާއްވާފަ މިދަނީ.” އެހެން ބުނުމަށްފަހު އަހަރެން އެތަނުން ނިކުތީމެވެ.

ގެއަށް އައިސް ފޯން ޗާރޖަށް ޖަހާލުމަށްފަހު، އަހަރެން ވަނީ ފެންވަރާށެވެ. ދެން އަވަސް އަވަހަށް ފެންވަރާލީމެވެ. ހިތަށް އެރީ މައުސްއާއިއެކު ބާތްޓަބްގައި ހޭދަކުރެވުނު ވަގުތުކޮޅުގެ މަތިންނެވެ. އެއީ ހާދަ ހިތްގައިމު ވަގުތުކޮޅެކެވެ. އަދިވެސް އެފަދަ ވަގުތުކޮޅެއް ހޯދަން އަހަރެން ބޭނުމެވެ. އެލޯބީގެ ފިނިކަން ހޯދަން ހިތް އެދެއެވެ. ފެންވަރައި ނިމުނު އިރުވެސް އަހަރެންގެ ހަނދާނަށް އަންނަނީ ހަމަ އެކަމެވެ.

” ކާކުތަ މައުސްއަކީ؟” ފާޚާނާއިން ނިކުތް ތަނާއިހެން އަންހެނުން ސުވާލުކޮށްލިއެވެ.

” އޭނ. ކީކޭ؟ ކިހިނެއްވީ؟” ހައިރާންކަމާއިއެކު އަހަންނަށް އަނހާލެވުނެވެ.

” މައުސް ޖަހާފައިން ނަންބަރަކުން ގުޅި. އަހަރެން ހަލޯއޭ ބުނާއިރަށް ފޯން ބޭއްވި؟ ކާކުތަ އެއީ؟” އަންހެނުން ރުންކުރުކޮށް އަނހާލިއެވެ.

” އެއީ ރައްޓެއްސެއް؟” ކުރުކޮށް އަހަރެން ބުނީމެވެ.

” އިންމަގެ ރައްޓެއްސެއްވިއްޔާ ކީއްވެގެންތަ އަހަންނާއި ވާހަކަ ނުދެއްކެންވީ؟” އަންހެނުން ސުވާލުކުރަން ފެށިއެވެ.

” ތިޔެއްދެން މަށަކަށްނޭނގެ.” އަވަހަށް ބޮލުން ކަޓުވާލަން އަހަރެން ބުނީމެވެ.

” މަށަށް ވަރަށް ފާހަގަ ކުރެވޭ އިންމަގެ އަންހެން ރައްޓެހިން، އަހަރެން ފޯން ނެގުމުން ވަރަށް އަވަހަށް ފޯން ބާއްވަން އުޅޭކަން.” އަންހެނުން ބުނެލިއެވެ.

” އެވާނީ ފާތުން އެހާ ފްރެންޑްލީ ނުވާނެކަން އިނގުމުން ފޯން ބޭއްވީކަމަށް.” އަހަރެން ބުނީމެވެ.

” ތިބުނާ މައުސްވިޔަސް، ދެން ތިއުޅޭ މީހުންވިޔަސް، އަހަރެން ފްރެންޑްލީނޫންކަން އިނގޭނީ އިންމަ ބުނީމައެއްނު. ތިގޮތަށް ކިތަށް މީހުން ގާތުގައި މިހާރު އަހަރެންގެ ވާހަކަ ދައްކާފަ ހުންނާނެ. ކީއްކުރަންތަ އަހަރެންގެ ވާހަކަ މީހުންގެ ގާތުގައި ދައްކަނީ؟ ދައްކާނެ އެހެން ވާހަކައެއް ނެތީތަ؟” އަންހެނުން ރުޅިވެރި ރާގަކަށް ބުނެލިއެވެ.

” ކިރިޔާ ކަމެއްވާއިރަށް، ކީއްވެގެންތަ ތިހާ މައްޗަށް ގެންދަނީ؟ އެއީ އަހަރެންގެ ރައްޓެހި ޑޮކްޓަރެއް. ތިހީކުރާކަހަލަ ގުޅުމެއްނޯވޭ.” އަންހެނުން ހަމަޔަކަށް އަޅުވަން އަހަރެން ބުނީމެވެ.

” އެހެންތަ؟ އެހެން ކަމަށްވާނަމަ، ތިބުނާ މައުސްއަށް އަހަންނާއި ވާހަކަ ދެއްކެންޖެހޭނެ. އޭނަގެ ނިޔަތް ރަނގަޅެއްނޫން. އަހަންނަށް ހަމަ ޔަޤީން.” އަންހެނުން އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރިއެވެ.

” މީހެއްގެ ހިތުގައި އޮތްއެއްޗެއް ކިހިނެއްތަ ފާތުންނަށް އިނގެނީ؟ ހިތަށް އަރާ ކޮންމެ އެއްޗަކީ ތެދަކަށްނުވާނެ.” އަހަރެން މައުސްގެ ދިފާޢުގައި ވާހަކަ ދައްކަން ފެށީމެވެ.

” ތިހެން ވިއްޔާ ތިބުނާ ޙަޤީޤަތެއް އިންމަ ދައްކާބަލަ. މިހާރު އަހަންނަކަށް ނޭނގެ އެކަހަލަ ކިތައް ޑޮކްޓަރުންކަމެއް އިންމަ ލައިފްގަ ތިބީކީ! ނިކަން ބުނެބަލަ.” އަންހެނުން އިނީ ރުޅިއައިސްފައެވެ.

” އަހަރެން ބޭނުމެއްނޫން އިތުރަކަށް ދެން ވާހަކަ ދައްކާކަށް.” އެހެން ބުނުމަށްފަހު ކޮޓަރީގެ ދޮރު ބާރަށް ޖެހުމަށް ފަހު އަހަރެން ނިކުތީމެވެ.

އޮފީހަށް ދިޔަ މަގުމަތީގައިވެސް އަހަންނަށް ވިސްނެނީއެވެ. އަންހެނުން އެއިނީ ރުޅި އައިސްފައެވެ. އަހަންނަށް ޙަޤީޤަތަށް ވާހަކަ ދެއްކޭކަށް ނެތެވެ. އަންހެނުންގެ ގާތުގައި މައުސްއެއީ ކާކުކަން ބުނެދެވޭކަށް ނެތެވެ. އަންހެނުންނާއި އިންތާ ދުވަސްކޮޅެއް ވަންދެން އަންހެނުންގެ ފަރާތުން ވަރަށް އުފާ އަހަންނަށް ލިބުނެވެ. ދަރިއަކު ލިބުނު ފަހުން އަންހެނުންނާއ އަހަންނާއި ދެމެދު އެއްވެސް ލޯތްބެއް އޮވެޔެކޭ އަހަންނަކަށް ނުބުނެވޭނެއެވެ. އެކަމާއި އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެހެނަސް، އަހަރެންގެ ފަރާތުން ކިތައްމެ ކުޑަ ކަމެއް ފެނުނަސް، އަންހެނުން އެކަންތައް ބޮޑުކޮށްނަގާނެއެވެ. ފާތުންނަށް ނުވިސްނޭތީ އަހަރެން ވަރަށް ދެރަވެސްވެއެވެ. އަހަންނަކީވެސް ރުޅި މަޑު މީހެއް ނޫނެވެ. ބައެއް ފަހަރު ފާތުންގެ ޢަމަލުތައް ހުންނަގޮތުން އަތްއިސްނުކުރެވި ހުރެވެނީވެސް ވަރަށް ހިތްވަރުކޮށްގެންނެވެ. އަހަރެންގެ ލޯބިލޯބި ފިރިހެން ދަރިފުޅުގެ މަންމަ ކަމަށް ވާތީއެވެ. ނޫންނަމަ، މިހާރު އަހަރެން ހުންނާނީ ފާތުންނަށް އަނިޔާކޮށްގެން ކޮންމެވެސް ތަނެއްގައި ބަންދުކޮށްފައި ކަން ނޭނގެއެވެ.

” ހަލޯ ބިޒީތަ؟ ކޮންކަމެއްތަ ތިކުރަނީ؟” މައުސް އަހަނަށް ގުޅީ އަހަރެން ފާޚާނާގައި އުޅެނިކޮށެވެ. ފާޚާނާއަށް ފޯނު ހިފައިގެން ވަނީވެސް މައުސް ގުޅާފާނެ ކަމަށްޓަކައެވެ.

” މިހާރު އަހަރެން އިން ޙާލަތުގެ ގޮތުން، ހުރި ތަނަކާއި ކުރާ ކަމެއް ބުނެވޭކަށް ނެތް.” އަހަރެން ބުނީމެވެ.

” އޭ. ކޮން ބިޓެއްތަ ފޯނުނެގީ؟” މައުސް އަނހާލިއެވެ.

” އެއީ ބިޓެއްނޫން. އެއީ ވައިފް.” އަހަރެން ބުނީމެވެ.

” އޭ. ވައިފޭ….” މައުސްއަށް ޝޮކެއް ޖެހުނު ކަހަލައެވެ.

” އާނ. އެއީ އަހަރެންގެ އަންހެނުން.” އަހަރެން ދެވަނަ ފަހަރަށް ބުނީމެވެ.

” ކީއްވެ މެރީޑޭ ނުބުނީ؟” މައުސް އަނހާލިއެވެ.

” އަހަރެން ބުނިންތަ ސިންގަލްއޭ؟ އެހިންތަ އަހަރެންގެ ގާތުގަ؟ ބުނާނެ ފުރުޞަތެއް ލިބުނަ؟” ޖަވާބުދިނުމުގެ ބަދަލުގައި އަހަރެން އެއްފަހަރާ ތިން ސުވާލުކޮށްލީމެވެ.

” މިއޮތް ދިމާވި ކަމެއްދޯ؟” ހާސްވެފައިވާ ރާގަކަށް މައުސް ބުނެލިއެވެ.

” އަހަންނަކަށް ދެން ނޭނގެ ތިކަމާއި ބުނާނެ އެއްޗެއްވެސް.” އަހަންނަށްވެސް ބުނާނީ ކީކޭ ކަމެއް ނޭނގުނެވެ.

” މިކަމަށް ކިހިނެއް އިންމަގެ އަންހެނުން އަހަންނަށް މަޢާފްކުރާނީ؟ މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި އަހަރެންގެ ހިތާއި ޖާނާއި ހުރިހާ އެއްޗެއް މިދެވުނީ މީހެއްގެ ފިރިއަށްދޯ. އަހަރެން ހީނުކުރަން އިންމަ ތީ ތިކަހަލަ މީހެއް ކަމަކަށް.” މައުސް ބުނެލިއެވެ.

” މައުސް އެކަންޏެއްނޫން. އަހަރެންވެސް ވަރަށް ލޯބިވޭ. ހިތާއި ޖާނާއި ރޫޙާއި ހުރިހާ އެއްޗަކުންވެސް މައުސްދެކެ ލޯބިވޭ. ފެނުނު ފުރަތަމަ ނަޒަރުގައި މައުސްދެކެ އަހަންނަށް ލޯބިވެވިއްޖެ. އެހެންވެ، އަހަރެން ބޭނުމެއްނުވި މައުސްއާއި ދުރަށް ދާކަށް.” އަހަރެން ކިޔައިދިނީމެވެ.

” ދެން ކީއްވެގެންތަ ކުރިން ނުބުނީ ތީ އޮކިއުޕައިޑް މީހެކޭ؟ ކީއްވެގެންތަ ނުބުނީ؟” މައުސް ސުވާލުކޮށްލިއެވެ.

” ދެން ކީއްވެގެންތަ ކުރިން ނުބުނީ ތީ އޮކިއުޕައިޑް މީހެކޭ؟ ކީއްވެގެންތަ ނުބުނީ؟” މައުސް ސުވާލުކޮށްލިއެވެ.

” އެހެން އަހަރެން ބުނިނަމަ، ކިހިނެއްތަ މައުސް ހަދާނީ؟” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

” އެހެން ބުނާ ވަގުތުން ފެށިގެން ހިތުން ފިލުވާލާނަން. މީހުންގެ ދިރިއުޅުމަށް ވަނުމަކީ އަހަރެން ކުރާކަމެއްނޫން.” މައުސް ބުނެލިއެވެ.

” ކޮބާ؟ އޭރުން ކޯއްޗަކަށްތިވަނީ؟ ތިހެން ތިކަން ވާނެތީ، އަހަރެން އަމިއްލައަށް ނުބުނީ. އެކަމަކު މައުސް އެހިނަމަ، ޖަވާބުދިނީމުސް. އަސްލު، ކުރިން އަހަރެން ޤަބޫލެއްނުކުރަން ފެންނަ ފުރަތަމަ ނަޒަރުން ލޯބިވެވޭނެކަމަކަށް. އަހަރެން ހީކުރަނީ އެއް އިންސާނަކު އަނެއް އިންސާނަކަށް ބޭނުންވުމަށް ވަރަށް ރަނގަޅު ސަބަބުތަކެއްވާނެކަމަށް. މީހުން އެއަށް ލޯތްބޭ އެކިޔަނީ. އަނެއްކާ މުޅި ޢުމުރު ދުވަހު އެކަކާއި އިނދެގެން ދިރިއުޅުން ވޭތުކުރުމަކީ އަހަންނަށް ޤަބޫލުކުރެވޭ ކަމެއްނޫން. އެކަމަކު މައުސްއާއި ދިމާވިފަހުން، އަހަންނަށް އެކަންތައްތައް ޤަބޫލުކުރެވެން ފަށައިފި. އެހެންވެ، އަހަރެން މައުސްދެކެ ވަރަށް ލޯބިވި. އަދި މިހާރުވެސް ވޭ.” އަހަރެން ޙަޤީޤަތް ހާމަކުރީމެވެ.

” އަހަރެން ތިކަމެއް ޤަބޫލެއް ނުކުރަން. ތިހާ ލޯބިވާ މީހެއްނަމަ، އަހަރެން ނޭހިޔަސް، އެވާހަކަތަށް ބުނެދިނީސް. ދެން އިތުރަށް މިގުޅުން ކޮންޓިނިއު ކުރާކަށް އަހަރެން ބޭނުމެއްނޫން. ބާއީ.” އެހެން ބުނުމަށްފަހު، މައުސް ފޯން ކަނޑާލިއެވެ.

މައުސް ފޯން ބޭއްވުމުން އަހަރެން ވަރަށް ދެރަވިއެވެ. އަހަންނަށް ހުރެވުނުތަންވެސް ބުނަން ނޭނގުނު ކަހަލައެވެ. އެހާވެސް އަހަރެން މައުސް ބޭނުމެވެ. އަހަރެން ކުރިން އެވާހަކަ ނުބުނީ މައުސް އެއްވެސް ވަރަކަށް އެސުވާލު ނުކުރާތީއެވެ. މީހުން ބުނާހެން ހުރިހާވާހަކައަކީ ދައްކާ ކަހަލަ ވާހަކައެއް ނޫނެވެ. ލޯބީގައި ބައެއް ވާހަކަ އަކީ ދެއްކޭނެ ވާހަކައެއްވެސް ނޫނެވެ. ކަމެއް ބޭނުންވާ މީހާ، އެތައް ކަމެއް ސިއްރުކުރާނެއެވެ. ހާޞިލްކުރަން ބޭނުންވާ މަންޒިލަށް ދިއުމަށް އޮޅުވާވެސް ލާނެއެވެ. ކުރެވެން ހުންނަ މިފަދަ ކިތައް ކަމެއް ކުރާނެއެވެ. އެއީ މައްސަލައެއް ކަމަކަށް އަހަންނަށް ނުފެނެއެވެ. މިދުނިޔޭގައި ތިބުނާ ތެދުވެރިޔަކީ ކާކުހެއްޔެވެ؟ އެފަދަ މީހުން އުޅޭބާވައެވެ؟ ހަމަ ޔަޤީނުންވެސް، އެފަދަ މީހުން އަހަންނަކަށް ނުފެނެއެވެ. ވީއިރު، އަހަންނަށް މިކުރެވުނީ ކުށެއްކަމަކަށް އަހަރެންގެ ހިތް ޤަބޫލެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން މައުސްދެކެ، ލޯބިވެއެވެ. ނިހާޔަތަށް ބޭނުންވެއެވެ. އެހެންވެ، ކެތްނުކުރެވިގެން އަހަރެން މައުސް އަށް ގުޅާލީމެވެ. ފުރަތަމަ ފަހަރު ގުޅުމުން މައުސް ފޯނެއް ނުނެގިއެވެ. ދެވަނަ ފަހަރަށް ގުޅުމުން، މައުސް ފޯން ބިޒީކޮށްލީއެވެ. އެހެންވެ، އިތުރަށް ގުޅާކަށް މަސައްކަތެއް ނުކުރަމެވެ.

މިގޮތަށް ކަންތައް ދިމާވުމުން، އަހަރެން އެއްކޮށް މޫޑް ސަކަރާތްވިއެވެ. އޮފީހުގައިވެސް ހުންނަ ހިތެއް ނުވިއެވެ. ދެން އަހަރެން އައީ ގެއަށެވެ. ދަރިފުޅަށް ގޮވާލުމަށް ފަހު އަހަރެން ނިކުތީބޭރަށެވެ. ދެން އަހަރެން އެކަނި ދިޔައީ ޖީ ސިކްސް އަށެވެ. އެތަނުގައި އަހަރެން ވަރަށް ގިނައިރު، ވިސްނަން އިނުމަށްފަހު ޙުސައިން އަށް ގުޅާލީމެވެ.

” ކޮންމެވެސް ކަމެއް ގޯއްވެސްޖެ. ހަމަޔަޤީން.” ގޮޑީގައި އިށީނުމުގެ ކުރިން ޙުސައިން ބުނީ އެހެންނެވެ.

” އާނ. ދެން ކަމެއް ގޯސްވާނީ މިހާވަރަށް.” އާދައިގެ ރާގަކަށް އަހަރެން ބުނީމެވެ.

” އަނެއްކާ ކިހިނެއްތަ މިފަހަރުތިވީ؟” ވަރަށް އަވަހަށް ޙުސެއިން އަނހާލިއެވެ.

” ދެން ކިހިނެއްތަ ހަދަންވީ؟” ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު، ޙުސައިންގެ ޚިޔާލަކަށް އަހަރެން އެދުނީމެވެ.

” ދެން ހެދެން އޮތްގޮތަކީ، ތިކަމުގެ ތެރެއަށް ތިންވަނަ މީހަކު ވަނުން. ވަދެގެން މައުސްއާއި ވާހަކަދައްކައިގެން ހަމަޔަކަށް އެޅުވޭތޯ ބެލުން.” ޙުސައިން ޚިޔާލްދިނެވެ.

” ޙުސައިންއަށް ވެދާނެތަ މިކަން؟ ތީވެސް ވަރަށް ސްޓޯރީ މޮޅު މީހެއްނު.” އަހަރެން ބުނީމެވެ.

” ތީ އެއްވެސް ކަމެއްނޫނެއްނު. އަންހެނުންނަކީ ކުޑަކޮށް ސޭކުބައެއް. މޮޅަށް ސްޓޯރީ ޖައްސައިގެން ހައްދާނުލެވޭނެ އަންހެނަކު ވަރަށް މަދުވާނެ.” ޙުސައިން ބުނީވެސް ދޮގެއް ނޫނެވެ.

” އެހެން ވިއްޔާ ދުވަހަކުވެސް އަހަންނަށް ކަމެއް ކޮށްދެންޏާ މިކަންތައް ހަމަޔަކަށް އަޅުވަދީ.” އާދޭހުގެ ރާގުގައި އަހަރެން ބުނީމެވެ.

” މައްސަލައެއްނޯންނާނެ.” ވަރަށް ހަމަޖެހިލާފައި ޙުސައިން ބުނެލިއެވެ.

” މިއޮތީ މައުސްގެ ނަމްބަރ. އޭ. ވަރަށް ބަލައްޗޭ.” އަހަރެން ބުނީމެވެ.

ކޮފީ ނިމިގެން ގެއަށް އައިރު، އަހަރެން ހުރީ ކުޑަކޮށް ހިތްހަމަޖެހިފައެވެ. ޙުސައިންގެ އެހީތެރިކަން ލިބޭނެކަން އިނގުމުންނެވެ. މިފަހަރު މިކަމުގައި ޙުސައިންގެ އެހީތެރިކަން އަހަންނަށް ބޭނުމެވެ. ޙުސައިން ބުނިހެން، މިކަންތައް ގޮސްފައިއޮތް ހިސާބުން، އިތުރު މީހަކާއި ނުލާ މިކަންތައް ޙައްލެއް ނުކުރެވޭނެއެވެ. އެކަން އަހަރެންވެސް ޤަބޫލުކުރަމެވެ. ތެދެކެވެ. މިހެން ދިމާވާ ބައެއް މައްސަލަތަކުގައި އިތުރު މީހުންގެ ޚިޔާލް ބޭނުންވާނެއެވެ. އެހީތެރިކަންވެސް ބޭނުންވާނެއެވެ. އެކަނި، މާއެކަނި ހުރިހާ ކަމެއް އެއްވެސް މީހަކަށް ޙައްލެއް ނުކުރެވޭނެއެވެ.

” ހާދަ ޚަބަރެއްނުވޭ. އަނެއްކާ ދެއަތްބަށް މައުސްއާ އިންނަނީތަ؟” އަހަންނަށް ފޯނު ކުރީ ނަހޫއެވެ.

” މިއުޅެނީ ތިކަން ވަރަށް ސަކަރާތްވެގެން. ދެން ނޭނގެ ހާދާނެގޮތެއްވެސް.” ގޮތް ހުސްވެފައިވާ ރާގަކަށް އަހަރެން ބުނީމެވެ.

” ތިދިމާވެގެން އުޅޭކަމެއްގެ ވާހަކަ ދައްކަން ގެއަށް އާދެބަލަ. އާޒީވެސް އެބައުޅޭ. ސްޕެގެޓީ ހަދައިގެން ކާން މިތިބީ. އާދެ. ކާން.” ތުއި ރާގަކަށް ނަހޫ ބުނެލިއެވެ.

ދެޚިޔާލެއްގައި އޮވެފައި އަހަރެން އެނދުން ތެދުވީމެވެ. ނަހޫގެ ގެއަށް ދާންވީބާވައެވެ؟ ގޮސް މިވާހަކަ ޙިއްސާކޮށްލަންވީ ބާވައެވެ؟ ނަހޫ އާއި އާޒީއަކީ އަހަރެންގެ އެންމެ ގާތް ދެ އެކުވެރިންނެވެ. އެމީހުން އަހަންނާއި ދޭތެރޭ ދެކޭނީ އެއްބަނޑު ތިމާގެ މީހެއް ފަދައިންނެވެ. އަހަންނަށް ދިމާވާ ހުރިހާ ކަމެއްގައިހެން ވަރަށް އެހީވާނެއެވެ. މިވަރު ކަމެއް ވެގެންދާއިރު، އެމީހުން ގާތު ބުނުން އެއީ މައްސަލައެއް ނޫންކަމަށް އަހަންނަށްވެސް ފެނުނެވެ. އެހެންވެ އަހަރެން ނަހޫގެ ގެއަށް ދިޔައީމެވެ.

” ހާދަ ފާޑަކަށް ތިހިރީ. އަނެއްކާ މައުސްކެޓީތަ؟” ނަހޫ ސަމާސާކޮށްލިއެވެ.

” ނަހޫ…………………….” ނަހޫ ކިޔާ އަހަރެން ދަމާލީމެވެ.

” އާޒީ. ބަލާބަލަ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާގެ ޙާލު. ގޮތް ނޭނގޭ ކަމެއްގެ ތެރެއަށްވަދެ، ތާށިވެ ސަލާމަތްނުވާ ހިސާބަށް ދިއުމުން އަހަރެމެންގެ ގާތުގައި އެބުނެލަނީ. ވަރަށް ރަނގަޅު. އިންމަ އެހާވަރަށް ތެޅި ގަތުމުންވެސް، އަހަންނަށް އިނގޭ ތިކަހަލަ ބޮނޑިއެއް ބޯނެކަން.” ވެގެން އުޅޭގޮތް ކިޔައި ދިނުމުން ނަހޫ ހިތްހަމަނުޖެހުމުގެ ރާގަށް ބުނެލިއެވެ.

” ކީއްވެތަ އަހަރެމެންގެ ގާތުގައި ކުރިން ނުބުނީ؟ ސްޓްޕިޑް.” އާޒީ ހިތްހަމަ ނުޖެހިފަ އިނދެ، އެމީހުންގެ ރަސްމީ ނަމުން އަހަންނާ ދިމާލަށް ބުނެލިއެވެ.

” އަހަންނަށް އިނގޭ މިވާހަކަ ކުރިން ބުނިނަމަ، މިކަމަށް ތި ދެމީހުންވެސް ހުރަސްއެޅީސްކަން.” އަހަރެން ބުނީމެވެ.

” އެއީ ކަންނޭނގޭ ރަނގަޅު ރައްޓެހިންގެ ބޭނުމަކީވެސް.” އާޒީ ބުނެލިއެވެ.

” ރައްޓެއްސަކު، ހަލާކުވާތަ ހަލާކުކޮށްލަން ދޫކޮށްލުމަކީ އަހަރެމެން ގުރޫޕްގެ ގޮތެއްނޫން. ކިރިޔާވެސް ކޮޅެއް އޮތިއްޔާ މީހާ ސަލާމަތްކުރުން އެއީ އަހަރެމެންގެ ގޮތަކީ.” ނަހޫ އާޒީއާއި އެއްބައިވެލިއެވެ.

” އޭ ހާދަ ބޮޑު ޖަލްސާއެކޭދޯ.” ޝާހިދާ އައިސް ވަނީ އަހަރެމެން އެވާހަގައި ތިއްބައެވެ. އެއީވެސް އަހަރެމެންގެ ގުރޫޕް މެންބަރެކެވެ.

” މިއުޅެނީ މީދަ ސްޓްޕިޑޯ މާމޮޅު ކަމެއް ކޮށްލައިގެނެއްނު.” އެހެން ބުނުމަށްފަހު، ވެގެން އުޅޭގޮތް ނަހޫ ޝާހިދާއަށް ކިޔައިދިނެވެ.

” ދެންވެސް ދިމާނުކޮށް، ތިމީހުން އަހަންނަށް ދެން ހަދާނެގޮތެއް ބުނެދީބަލަ.” އަހަރެން ބުނީމެވެ.

” ހަދަންވީ އެންމެ ގޮތެއް. މައުސް މަތިން މުޅި ޢުމުރަށް ހަނދާން ނައްތާލަންވީ؟” ނަހޫ ބުނެލިއެވެ.

” ތެދެއް އެބުނީ. އޭނަގެ ނަމްބަރުވެސް އަވަހަށް ޑިލީޓްކޮށްލާ. އެއީ ނުވާކަމަށް ހަދާ.” އާޒީ ޚިޔާލްދިނެވެ.

” އެނޫން ގޮތަކަށް ތިކަމެއް ޙައްލެއް ނުވާނެ. އަހަރެމެން ބޭނުމެއްނޫން އިންމަގެ ކައިވެނި ރޫޅި ދަރިފުޅާ ވަކިވާކަށް.” ޝާހިދާވެސް ބުނީ ދޮގެއް ނޫނެވެ.

” އޯ.ކޭ ޓްރައިކުރާނަން.” އަހަރެން އެހެން ބުނީ އެމީހުން ރުއްސުމުގެ ގޮތުންނެވެ.

” އުނހޫ. ޓްރައިއެއް ނޫން ކުރަންވީ. މިވަގުތުން މިވަގުތަށް ހުއްޓާލަންވީ.” އާޒީ އެހެން ބުނުމުން އަހަރެން ހަނދާންވީ މައުސްއާއިއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގެ މަތިންނެވެ.

” ތިކަން ފާތުންއަށް އިނގޭދުވަހުން ދެން ވާނެ ގޮތަކާއި ދޭތެރޭ ވިސްނާލިންތަ އިންމަ؟” ޝާހިދާ އަނހާލިއެވެ.

” ޝާހީ އަށް އިނގޭނެ ދެން ވާނެގޮތަކާއި ދޭތެރޭ ވިސްނާ މީހެއްނޫންކަން އަހަންނަކީ.” އަހަރެން ބުނީމެވެ.

” ތިހެން ހަދައިގެން ކަމަކުނުދާނެ.. އޭރުން އިންމަގެ ދަރިފުޅޯ..އަދި އަންހެނުންނޯ..އިންމަ ބޭނުންތަ ތި ދިރިއުޅުން ހަލާކުވާން.” ނަހޫވެސް ބުނީ ދޮގެއްނޫނެވެ.

” ދިރިއުޅުން ހަލާކުވާކަށް އަހަރެން ބޭނުމެއްނޫން.. އެކަމަކު..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ.

” ކޮން އެކަމަކުއެއް.. މިތަނުން ދާންޖެހޭނީ ތިކަން މުޅި ޢުމުރަށް ހުއްޓުމަށް ނިންމައިގެން.” އަހަރެންގެ ވާހަކަ މެދު ކަނޑާލާފައި އަޑަށް ބާރުލަމުން އާޒީ ބުނެލިއެވެ.

” ވެގެން އުޅޭގޮތް އިނގޭނަމަ، ތިއިން އެއްވެސް މީހަކު ތިހެނެއް ނުބުނާނެ..އަހަރެން ވަރަށް ލޯބިވޭ މައުސްދެކެ..” އަހަރެން މަޑުމަޑުން ބުނީމެވެ.

” ތީ ޓީނޭޖްކުއްޖެއްތަ މައުސްއާއި ހެދި ލޯބިން ކްރޭޒީވެގެން އުޅެން.. މިހާރު ތިއުޅެނީ ދިރިއުޅުމެއް ފަށައިގެން.. ވިސްނާލަބަލަ.. އިންމަގެ އަންހެނުން އެހެން ފިރިހެނަކާއިއެކު، ލޯބީގެ ގުޅުން ހިންގިކަން އިންމައަށް އިނގިއްޖެއްޔާ އިންމަ ކިހިނެއް ހަދާނީ؟” ޝާހިދާ ކޮށްލީ ވަރުގަދަ ސުވާލެކެވެ.

” އަހަންނަށް އަތުންފައިން ގޯސްވެސްހެދޭނެ..” އަހަރެން ބުނީމެވެ.

” ތިހެން ވިއްޔާ ހަމަ ތިއިޙްޞާޞް އިންމަގެ އަންހެނުންގެވެސް ހުންނާނެއްނު.. ދެންވެސް ތިކަމުން ސަލާމަތްވާން އުޅެބަލަ.” ނަހޫ އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

” އަސްލު މިހާރު މިކަން ވަރަށް މައްޗަށް ގޮސްފި.. އަންހެނުންނަށްވެސް ކޮންމެވެސް ވަރަކަށް މިކަން އިނގިއްޖެ.. އަނެއްކޮޅުން މައުސްއަށްވެސް މިހާރު އިނގޭނެ އަހަރެންގެ އަންހެނުން ހުންނަކަން.. ދެން ނޭނގެ ހަދާނެގޮތެއް.” އަހަރެން ކުޑަކޮށް މާޔޫސްވިއެވެ.

” ތީ އަދި ގޮތެއް ނުނިންމޭ ވަރުގެ ކަމެއްނޫން.. ތިހިސާބުން މައުސްގެ މަތިން މުޅި ޢުމުރަށް ހަނދާންނައްތާލާ.. އޭރުން އެނިމުނީ..” އާޒީ ބުނީ އަހަންނަށް ހެދި ދާނެ ގޮތެއްގެ ވާހަކައެވެ.

” އަހަރެން މަސައްކަތްކުރާނަން ތިކަން ވޭތޯ.” އެތަނުން ދަމުން އަހަރެން ބުނީ އެހެންނެވެ.

ދެން އަހަރެން އައީ ގެއަށެވެ. އޭރު އަންހެނުން އުޅެނީ ދަރިފުޅު ގޮވައިގެނެވެ. އަހަރެން ގޮސް ދަރިފުޅު އުރާލީމެވެ. އަދި މަޑުމަޑުން އެދަރިފުޅުގެ މޫނަށް ބަލާލީމެވެ. ދަރިފުޅު އަހަންނަށް ބަލާފައި ވަރަށް ލޯބިކޮށް ހީނލިއެވެ. ދެވަނަ ފަހަރަށް އަހަރެން އެމޫނަށް ވަރަށް ލޯބިން ބަލާލީމެވެ. ވަރަށް މައުޞޫމް މޫނެކެވެ. ދެން ހަނދާންވީ ނަހޫމެން ދެއްކި ވާހަކައެވެ. އެއީވެސް ހަމަ ތެދެކެވެ. އަހަރެންގެ ލޯބިވާ މިދަރިފުޅުގެ މުސްތަޤްބަލް އުޖާލާކުރުމަކީ ހަމަ އަހަރެންގެ ކަމެކެވެ. އެކުޑަކުޑަ ދަރިފުޅުގެ އެއްވެސް ކުށެއް އެބައޮތްހެއްޔެވެ؟ ދިރިއުޅުމުގައި އަހަންނަށް އެޅޭ ޅައެއްޗެއްގެ ސަބަބުން އަހަރެންގެ ދަރިފުޅުގެ ލޮލުން ހިތި ކަރުނަ އޮހޮރޭކަށް އަހަރެން ބޭނުމެއްނުވާނެކަން ނޭނގެއެވެ. އިރުކޮޅަކުން ދަރިފުޅު ނިދައިފިއެވެ. އަހަރެންގޮސް އެދަރިފުޅު އެނދުގައި ބޭއްވީމެވެ. ދެން ބޮލުގައި ފިރުމާލީމެވެ.

އަހަރެންގޮސް ދެއްޖައްސާލީ ސޯފާގައެވެ. ޓީ.ވީ ހުޅުވާލީ ދެނެވެ. އަންނަނީ ހިތްގައިމު ލަވައެކެވެ. އެކަމަކު އަހަރެންގެ ހިތަށް އެއްވެސް ފިނިކަމެއް ނުލިބެއެވެ. ހަމަ ހަނދާންވަނީއެވެ. އެކަނިވެރިވާ ވަގުތުގައި އަހަރެންގެ ހިތުގައި ވަނީ މައުސްއެވެ. ހިތުގައި ރަސްކަން ކުރަނީ މައުސްއެވެ. މައުސްގެ އެހަނދާންތަކެވެ. އެފިނިފޮނި ފިރުމުންތައް އަދިވެސް އަހަންނާއި ދުރަށް ދާކަށް ނޫޅެއެވެ. ނުވެސްދާނެކަން ނޭނގެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ލޯތްބަކީ ހަމަ މިހާ ބާރުގަދަ އެއްޗެއް ބާވައެވެ؟

” އާދެބަލަ ބޭރަށް. ކޮފީއަކަށްދާން..” ޙުސައިން އަހަންނަށް ގުޅީދެނެވެ.

“މިދަނީ.” އެހެން ބުނުމަށްފަހު އަހަރެން ބޭރަށް ނުކުތީމެވެ.
” ހާދަ ފާޑަކަށް ތިހުންނަނީ. ކަންތައް ގަނޑެއްލައިގަތީދޯ.” ޙުސައިން ފާޑަކަށް އަނހާލިއެވެ.

” ހުރިހާ ކަމެއް މުޅިން ގޯސް. މިތާކު ވާހަކައެއް ނުދެއްކޭނެ.”

އަހަރެން މޮޅިވެރި ރާގަކަށް ބުނީމެވެ.

“އަސްލު ކިހިނެއް ވެގެންތަ މިއުޅެނީ؟ އަހަންނަށް ކިޔައިދީބަލަ.”

ކޮފީގައި އިށީންނަމުން ޙުސައިން ބުނެލިއެވެ.

” މައުސްއަށް ހުރިހާ ކަމެއް އެނގިއްޖެ. އަންހެނުންނަށްވެސް މިކަން އެނގިއްޖެ. އަހަރެންގެ ބޯހަލާކު. ދެން ކިހިނެއްތަ ހަދާނީ؟” ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު އަހަރެން ބުނީމެވެ.

” އަދިވެސް ހެދޭނެ ގޮތް ހުންނާނެ. އެކަމު ތިކަން ހަމައަކަށް އަޅުވަން ދެން ތަންކޮޅެއް އުދަނގޫވެދާނެ.” ޙުސައިން ބުނެލިއެވެ.

” މިކަމުގައި އަހަރެން ވަރަށް ބޭނުން ޙުސައިންގެ އެހީތެރިކަން. ޙުސައިންއަށް މައުސް ހަމައަކަށް އެޅުވިދާނެހެން އަހަންނަށް ހީވަނީ.” ޙުސައިންގެ އެހީތެރިކަން އަހަރެން ބޭނުމެވެ.

” އަހަރެން އަބަދުވެސް އެހީވާނަން. އެކަމަކު، އަހަރެން ހީއެއް ނުކުރަން ތިވަރު ވާނެކަމަކަށް. ކުރިންވެސް ބުނީމެއްނު އެއީ ވަން ނައިޓް ސްޓޭންޑެކޭ. އަހަރެން ހީކުރީ އިންމަ ޖެއްސީވެސް އެހެން ކަމަށް. އެކަމަކު މުޅި މަންޒަރު ބަދަލުވެފަދޯ މިއޮތީ.” ކުޑަކޮށް ހީނލަމުން ޙުސައިން ބުނެލިއެވެ.

” އަހަރެންވެސް ހީއެއް ނުކުރަން މިވަރު ވާނެކަމަކަށް. އެކަމަކު، އަހަރެން މައުސްދެކެ ވަރަށް ލޯބިވޭ. އަދިވެސް އޭނަ ބޭނުން. ޙުސައިން މިކަން ކޮށްދީފިއްޔާ އަދިވެސް ހަމައަކަށް އެޅިދާނެ. މައުސް އާއި ވާހަކަދައްކައިގެން ބަލާބަލަ އަދިވެސް މިކަން ވޭތޯ.” އަހަރެން އާދޭހުގެ ރާގެއްގައި ބުނީމެވެ.
“މައްސަލައެއް ނޯންނާނެ.” އިތުބާރާއިއެކު ޙުސައިން ބުނެލިއެވެ.
ކޮފީ ނިމިގެން ގެއަށްއައި މަގުމަތީގައިވެސް އަހަރެން ވިސްނަމުންދިޔައީ މައުސްއާއި ދޭތެރޭގައެވެ. އަހަރެންގެ ހިތުގައި ވަނީ މިކަން ވާނެބާވައެވެ؟ މައުސްގެ ރުހުން އަހަންނަށް ލިބޭނެ ބާވައެވެ؟ ޙުސައިންއަށް މައުސް ހަމަޔަކަށް އެޅުވިދާނެ ބާވައެވެ؟ މިހުރިހާ ޚިޔާލްތަކެއް އަހަރެންގެ ހިތުގައި ދައުރުވަމުންދެއެވެ.
ގެއަށް އައިއިރު، އަންހެނުން އިނީ ސިޓިންގ ރޫމްގައި ޓީ.ވީ ބަލާށެވެ. އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަންހެނުންގެ މޫނުމަތިން އަންހެނުން އަދިވެސް ހަމަޔަކަށް ނޭޅޭކަން އަހަންނަށް އިޙްޞާޞްވިއެވެ. އެހެންވެ، އިތުރަށް މައްސަލަ ގޯސްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަނެއްކޮޅުން ދަރިފުޅު އޮތީ ނިދާފައެވެ. ޒުވާބަކަށް ހަދައިގެން ދަރިފުޅު ނިދިން ހޭލައްވާލާކަށް އަހަރެން ބޭނުމެއްނޫނެވެ.
” ހުރިހާ ކަމެއް ހަމަކަޔަށް އެޅިއްޖެތަ؟” އަހަންނަށް ގުޅާލުމަށް ފަހު ނަހޫ އަނހާލިއެވެ.

” އަދި ރަނގަޅެއްނޫން. އަންހެނުން އަދިވެސް އިނީ ހިތްހަމަ ނުޖެހިފައި.” އަހަރެން މަޑުމަޑުން ބުނީމެވެ.

” އަންހެނުންނާއި ވާހަކަ ދައްކަބަލަ. އަންޑަރސްޓޭންޑް ކޮށްދީބަލަ. އޭރުން ދެންވެސް ތިކަން ޙައްލުވާނީ.” ނަހޫ ބުނެލިއެވެ.

” ހީއެއްނުވޭ މިވަގުތު އަންހެނުންނާއި ވާހަކަ ދައްކައިގެން ރަނގަޅުވާނެހެނެއް. އަހަރެން ފަހުން ވާހަކަ ދައްކާނަން.” އަހަރެންގެ އަންހެނުންގެ އުޞޫލް އަހަރެން ދަންނަމެވެ.

” ދެންވެސް ދިރިއުޅުމުގައި ކަމެއް ކުރުމުގެ ކުރިން ވިސްނާތި. އަންހެނުންނަކީ ވަރަށް ޖަޒުބާތީބައެއް. އެމީހުންގެ ހިތުގައިލާ ލަކުނު ވަރަށް ގިނަ ދުވަހަށް ދެމިހުންނާނެ. އަނެއްކޮޅުން އިންމަގެ ދަރިފުޅުގެ މުސްތަޤްބަލް. އެކަމަށްވެސް ފުންކޮށް ވިސްނައްޗޭ.” ނަހޫ އަކީ ވަރަށް ވިސްނޭ އަންހެން ކުއްޖެކެވެ.

” ތިހުރިހާ ކަމަކަށްވެސް އެބަ ވިސްނަމޭ. އެކަމަކު ލޯތްބަކީ މާ ބާރުގަދަ އެއްޗެއް. އެއީ އަހަންނަށް ހަމަ ގައިމުވެސް އެނގޭކަމެއް.” އަހަރެންގެ ހިތުން މައުސްގެ ހަނދާންތައް ކުޑަކޮށްވެސް ނުފިލައެވެ.

” އަހަރެން ކުރިން ހީކުރީ ލޯބީގައި ދީވާނާވަނީ ހަމައެކަނި އަންހެނުން ކަމަށް. އެކަމަކު މިއޮތީ މުޅިން ކޮޅު ބަދަލުވެފަދޯ. ކުރިން ހީކުރީ އިންމައަކީ ވަރަށް ހިތްވަރުގަދަ މީހެކޭ. އެކަމަކު އެހެނެއްނުވިދޯ. އެކަމަކުވެސް އަދިވެސް މަސައްކަތްކޮށްބަލަ. ދިރިއުޅުމުގައި ވަރަށް ރީތި އަންހެން ކުދިންނާއި ދިމާވާނެ. އެކަމަކު އެހުރިހާ އެންމެންނާއި އިންމަ ކިހިނެއްތަ އިންނާނީ؟ ތީ ލައިފެއް ސްޓާޓްކޮށްގެން އުޅޭމީހެއް. ފުރަތަމަ އިސްކަން ދޭންޖެހޭނީ އެކަމަށް. ނޫނީ ފަހުން ހިތާމަ ކުރަންޖެހޭނެ. އަހަރެން މިވާހަކަ ދައްކަނީ އިންމައަށް ހެޔޮއެދޭ ރައްޓެއްސެއްގެ ހައިޘިއްޔަތުން. ހީކުރަން އަހަރެންގެ ވާހަކަ އަޑު އަހާނެކަމަށް.” އެހެން ބުނުމަށްފަހު ނަހޫ ފޯން ބޭއްވިއެވެ.
ތެދެކެވެ. ނަހޫވެސް ބުނީ ދޮގުވާހަކައެއް ނޫނެވެ. އެކަމަކު، އަހަރެން މިހުރި ހިސާބުގައި ނަހޫ އިންނަމަ ނަހޫ ހަދާނީ ކިހިނެއްބާވައެވެ؟ ކޮންމެ މީހަކަށްވެސް ކަމެއް ދިމާނުވާއިރު، ހައްލު ކިޔައިދޭން ވަރަށް މޮޅަށް އިނގޭނެއެވެ. އެކަމު، ކަމެއް ދިމާވުމުން ހަމަޖެހޭނީ އެއްތާކުގައެވެ. އިންސާނީ ދިރިއުޅުމުގެ ފަލްސަފާއަކީ މިއީއެވެ. އަނެއްކޮޅުން ލޯބީގެ ޙަޤީޤީ ލައްޒަތު ލިބުނު ފަރާތެއްގެ މަތިން ހަނދާން ނެތޭނެ ހެއްޔެވެ؟ އެހާ އަވަހަށް އެއުފާވެރި ވަގުތުކޮޅުގެ މަތިން ހަނދާން ނައްތާލެވޭނެ ބާވައެވެ؟ އެޚިޔާލްގައި އޮއްވައި ކުއްލިއަކަށް ޙުސައިން އެސް.އެމް.އެސްކުރިއެވެ. އޭގައި ވަނީ މައުސް އެކަމާއި ވާހަކަ ދައްކަން ބޭނުން ނުވާ ވާހަކައެވެ. އަހަރެންގެ އަންބެއް އިން ވާހަކަ ކުރިން ނުބުނުމުން މައުސް އިނީ ވަރަށް ރުޅިއައިސްފަ ކަމަށެވެ. އަދި ވީ ކަންތައްތައް އެއީ ހުވަފެނަކަށް ހެދުމަށް މައުސް ބުނިކަމަށްވެސް ވަނީ ލިޔެފައެވެ. އެސް.އެމް.އެސް ކިޔުމަށްފަހު އަހަރެން ވަރަށް ދެރަވިއެވެ. ދެން ހަދާނެގޮތަކާއި ދޭތެރޭގައި ވިސްނަން އޮވެވުނީ ކިހާއިރަކު ކަންވެސް އަހަންނަށް ނޭނގެއެވެ.

“މީ ކޮން އެސް.އެމް.އެސްއެއް.” އަހަރެން ފާޚާނާއިން ނިކުތުމުން އަންހެނުން ސުވާލުކޮށްލިއެވެ.

“މިހާރު ޝައްކުވެސް ކުރަން ފެށީތަ އަހަންނަށް؟ ފޯނަށް އަންނަ އެސް.އެމް.އެސްތައް ޗެކްކުރަން ތިފެށީ؟”

“ޝައްކު މިއޮތީ ޙަޤީޤަތަކަށް ބަދަލުވެފައެއްނު. އެހެންނޫނީ ކީއްކުރަން މައުސް ބުންޏޭ ކިޔާފައި ޙުސައިން މިހެން އެސް.އެމް.އެސްކުރަންވީ. ދެންވެސް ބުނޭ އެއްވެސް ކަމެއް ނުހިނގައޭ.” އަންހެނުން ގާތަށް ރުޅިއައެވެ.

“ކަމެއް ދިމާވުމުން އެހާ އަވަހަށް ރުޅިއައިސްގެން ނުވާނެ. ރީތިކޮށް ވާހަކަ ދައްކައިގެން ޙައްލުހޯދަން މަސައްކަތް ކުރުމުން ރަނގަޅުވާނީ.” އަހަރެން މަޑުމަޑުން ބުނީމެވެ.

“އެހެންވެދޯ މިކަހަލަ އެސް.އެމް.އެސް މިއަންނަނީ. އަހަރެން އިންމަގެ އަންބެއްގެ ގޮތުގައި އިނދެ އެހެން ފިރިހެނަކާއިއެކު ލޯބީގެ ގުޅުން ހިންގައިފިނަމަ، ތިބުނާ ރީތިކޮށް ވާހަކަދައްކައިގެން ކައްތައްތައް ޙައްލުކުރާނެބާ؟ މައުސްގެ ކަންތައް ޙަޤީޤަތަށް މިހާރުން މިހާރަށް ކިޔައިދީ. ނޫނީ ދަރިފުޅު ގޮވައިގެން އަހަރެން މިދަނީ.” އެހެން ބުނުމަށްފަހު، އަންހެނުން ދަރިފުޅު ނަގާ އުރާލުމަށްފަހު ހިނގައިގަތެވެ.
“އިހަށް މަޑުކޮށްބަލަ.” އަންހެނުން މަޑުކުރުވަން އަހަރެން މަސައްކަތްކުރީމެވެ.
” އަހަރެން ދޫކުރޭ.. އަހަރެންމިދަނީ.” އެހެން ބުނުމަށްފަހު، ދަރިފުޅު ގޮވައިގެން އަންހެނުން ކޮޓަރިން ނިކުމެގެން ދިޔައެވެ.

” އިހަށް މަޑުކޮށްބަލަ. ތިހެން ގެއިން ނިކުމެން ދިއުމުން މާރަނގަޅެއް ނުވާނެ..އޭރުން މީހުން ބުނާނީ ކީކޭތަ؟” އަހަރެންގޮސް އަންހެނުންގެ އަތުގައި ހިފަހައްޓަމުން އަހަރެން ބުނީމެވެ.

” މީހުން ކިޔާނެ އެއްޗަކަށް ބަލައިގެންތަ ހިލޭ އަންހެނުންނާއިއެކު، މަޖާ ނަގަމުން ތިގެންދަނީ.. ހަމަ މިހާރު ދޫކުރޭ އަހަރެންގެ އަތުން.. އޭރުން ދެންވެސް ރަނގަޅުވާނީ..” އަހަރެންގެ އަތް ފޮޅުވާލަމުން އަންހެނުން ބުނެލިއެވެ.

” އަދި އެއްފަހަރު ވިސްނާލަބަލަ! ކިހިނެއްތަ އަހަރެމެންގެ ދިރިއުޅުމަށްވާނީ ތިހެން ހެދުމުން..؟ ކިހިނެއްތަ އަހަރެމެންގެ ކުޑަ ދަރިފުޅަށް ވާނީ؟” އަސަރާއިއެކު އަހަރެން ބުނީމެވެ.

” ތިހުރިހާ ކަމަކަށް ވިސްނާނަމަ، މިހެނެއް ނުވާނެއްނު… އަހަރެން މިދަނީ.. އިންމަ އުޅޭނެ ގޮތަކަށް އުޅޭ..” އެހެން ބުނުމަށްފަހު އަންހެނުން ގެއިން ނިކުމެގެން ދިޔައެވެ.

އަންހެނުން ގެއިން ނިކުމެގެން ދިޔުމުން، އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ދެން އެނދުގައި ޖައްސާލީމެވެ. އަހަރެން ވަރަށް ދެރަވިއެވެ. ކުއްލިއަކަށް ހާސްވާގޮތްވިއެވެ. މޮޅި ވެރިކަން އަހަރެންގެ ހިތަށް އިޙްޞާޞްކުރެވުނެވެ. އެހެން އެނދުގައި އޮވެވުނީ ކިހާ އިރަކު ކަން ހަނދާނެއްވެސް ނެތެވެ. ދެން ބަލާލެވުނީ ގަޑިއަށެވެ. ވަރަށް ދަންވެއްޖެއެވެ. އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު، ބޭރަށް ބަލާލީމެވެ. ދެން ނިކުތީ ގޭގެ ދޮރުމައްޗަށެވެ. މަގުގެ ދެކޮޅަށް އަހަރެން ބަލާލީމެވެ. އަންހެނުން އާދޭތޯއެވެ. ދަންވަރުގެ ވަގުތެއްކަމުން އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަހަރެން ދެންވެސް ވަނީ ކޮޓަރިއަށެވެ. އަހަންނަށް ހަމަ ވިސްނެމުން ދަނީއެވެ. އަހަރެންގެ އަންހެނުން ދަރިފުޅު ގޮވައިގެން އެހެން ގެއެއްގައި އުޅޭނެ ގޮތެވެ. އަންހެނުން ދިޔައީ އޭނަގެ މަންމަގެ ގެއަށް ކަމުގައި ވިޔަސް، އެއީ އަހަރެން އެހާ ހިތަހަމަޖެހޭކަމެއް ނޫނެވެ. އަހަރެމެން ދެމީހުންގެ ކައިވެންޏާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެމީހުން ނުރުހެއެވެ. އެހެންވެ، އަހަރެންގެ ފަރާތުން ކުޑަކަމެއް ފެނިގެން އަންހެނުން އެގޮތަށް އެމީހުންގެ ގާތަށް ދިއުމުން، އެމީހުންގެ ހިތުގައި އަހަންނާއި ދޭތެރޭ އުފެދޭނެ ނަފްރަތު އަހަންނަށް އިނގެއެވެ. އެކަމަކު، އެކަން އަހަރެންގެ އަންހެނުންނަށް ނުވިސްނިދާނެއެވެ. އަހަންނަށް ނިދުނީ މިފަދަ ޚިޔާލް ތަކެއްގެ ތެރޭގައި އޮއްވައެވެ.

ހޭލެވުނީ އޮފީހުން އަހަންނަށް ގުޅުމުންނެވެ. އަހަރެންގެ ބަލި ޙާލަތު ހުރި ގޮތުން އޮފީހަށް ނުދެވޭނެ ވާހަކަ ބުނީމެވެ. ކުޑަ އިރުކޮޅެއް ފަހުން އަހަންނަށް ނަހޫ ގުޅިއެވެ.

” ކޮބާ އަނެއްކާ ބަލި ގަނޑު ޖެހުނީދޯ..” ނަހޫ އަނހާލިއެވެ.

” ނޫން.. އެކަމު ހުރިހާ ކަމެއް ވަރަށް ގޯސްވެގެން މިއުޅެނީ.. ރޭގަ އަންހެނުން ގެއިން ނިކުމެގެން ހިގައްޖެ..” ހިތާމަވެރި ރާގަކަށް އަހަރެން ބުނީމެވެ.

” ތީ ކުރިންވެސް އަހަރެން ބުނި ވާހަކަ.. އެހެންވެ، އެދުވަހު ބުނީ މައުސްގެ ކަންތައްތައް ހުއްޓާލާށޭ.. އެދުވަހު އެކަން އެހެން ކުރިނަމަ، މިއަދު ތިތަން ދެކޭކަށް ނުޖެހޭނެއްނު..” ނަހޫގެ ރާގުން ނަހޫ ހިތްހަމަ ނުޖެހިފައި އިންކަން އަހަންނަށް އިނގުނެވެ.

” ދެންވެސް އެއްޗެހި ނުކިޔާ މިކަމަށް ޙައްލެއް ހޯދަން އުޅެބަލަ..ދަރިފުޅުވެސް ގޮވައިގެނޭ އެދިޔައީ އޭނަގެ މަންމަގެ ގެއަށް..” އަހަރެން މަޑުމަޑުން ބުނީމެވެ.

” މިހާރު އަންހެނުންނަށް ގުޅާބަލަ.. ގުޅާފަ މަޢާފަށް އެދިބަލަ.. ބުނޭ ދަރިފުޅުގެ ޙައްޤްގައިވެސް ތިގޮތަށް ކަންތައްތައް ނުކުރާށެ..ހަމަ މިހާރު ގުޅާބަލަ..” ނަހޫ އަޑަށް ބާރުލަމުން ބުނެލިއެވެ.

” މިވަގުތު އަހަރެން ގުޅައިގެން އެއްވެސް ފައިދާއެއް ނުކުރާނެ.. މިކަމުގައި އަހަންނަށް އެހީވާންޖެހޭނީ ނަހޫމެން.. އޭރުން ކަން ނޭނގެ ދެންވެސް މިމައްސަލަ މާގޯސްނުވަނީސް ސަލާމަތްވެވޭނީ..” އަހަރެން ބުނީމެވެ.

” ބުނޭ.. ކޮންކަމެއްތަ ކޮށްދޭއްވީ؟ އިންމަގެ ދިރިއުޅުން އާބާދުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއްވެސް ކުރަން އަހަރެން މިއިނީ ތައްޔާރަށް.” ނަހޫ އަކީ އަހަންނަށް ވަރަށް ހެޔޮއެދޭ ރައްޓެއްސެކެވެ.

” އަންހެނުންނަށް ގުޅާފައި މިކަންތައް ދިޔަ ގޮތް ކިޔައިދީ.. އަހަރެން ކިޔައިދޭން ހަދައިފިއްޔާ ވާނީ ގޯސް. ޤަބޫލެއްވެސް ނުކުރާނެ.. މައުސްގެ ފަރާތުން ކަހަލަ ގޮތަކަށް އައި އެސް.އެމް.އެސްއެއް އަންހެނުންނަށް ފެނިއްޖެ.. އަސްލު މައްސަލަ މިހާ ގޯސްވީވެސް އެހެންވެގެން.. ނަހޫ އަހަރެންގެ އަންހެނުންނަށް ގުޅާފައި ކިޔާދީ އެއީ ނުވާކަމެކޭ..އަސްލު އަހަންނާއި ހެދި އުޅުނީ މައުސްއޭ.. އަހަންނަކީ ރަނގަޅު މީހެކޭ.. އޭރުން ހީވަނީ ރަނގަޅުވެދާނެހެން.. މިހާރު އަހަރެން ދައްކާ ވާހަކަ އަށްވުރެ، އެހެން މީހުން ދައްކާ ވާހަކަ އަންހެނުންނަށް މާ ޤަބޫލުކުރެވޭނެ.. އަނެއްކޮޅުން ނަހޫއަށްވެސް އިނގޭނެ އަހަރެންގެ އަންހެނުންގެ މިޒާޖު.. އަހަންނަށް ކަމެއްކޮށް ދެންޏާ މިކަންތައްތައް ކޮށްދީ..” އަހަރެން ބުނީމެވެ.

” ދެން ވެސް ސަލާމަތް ނުހޯދާ، ކަނޑަކަށް ނުނިކުންނާތި! ނިކުތީމަ ވާގޮތް މިހާރު ފެނެއެއްނު.. މައްސަލައެއްނެތް.. އަހަރެން މަސައްކަތް ކޮށްދޭނަން..އެކަމަކު އެއީ މީގެ ފަހުން އިންމަ އެކަހަލަ އެއްވެސް ކަމެއްނުކުރާ މަތިން..އޯ.ކޭދޯ.. ދެން އިހަށް ވަކިވެލަނީ…” ނަހޫ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

މީހުން ބުނަނީ ތެދެކެވެ. ދިރިއުޅުމަކީ ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން އިންތިހާޔަށް އެކުލެވިގެންވާ ދަތުރެކެވެ. ކިތަންމެ، ބަލައިގެން ހުއްޓަސް ނޭނގި އަންނަކަމަކުން ސަލާމަތެއް ނުވާނެއެވެ. އިންސާނާ މަސައްކަތްވެސް ކުރާނެއެވެ. އެކަމަކުވެސް ބައެއް ފަހަރު މަޅީގައި ބެދުން އޮންނަނީ ވަރަށް ގާތުގައެވެ. އަހަންނަށްވެސް މިވަނީ މިހެން ކަން ނޭނގެއެވެ. އަހަރެން ހީކުރީ އަހަރެން ވަރަށް ހުޝިޔާރުވާނެކަމުގައެވެ. އަހަރެން އެހެން ކުރާ ކަމެއް، އަންހެނުންނަށް ފަޅާ ނާރާނެކަމުގައެވެ. އެކަމަކު އެހެނެއް ނުވިއެވެ. އަންހެނުންނަށް އެކަން އެއޮތީ ކޮންމެވެސް ވަރަކަށް އިނގިފައެވެ. މުޅި ޙަޤީޤަތް އަންހެނުން ސާފްނުވި ނަމަވެސް، އަހަންނާއި މައުސް އާއި ކޮންމެވެސް ގުޅުމެއް އޮތްކަމަށް އަންހެނުންނަށް ވަރަށް ބޮޑަށް ޔަޤީން ކުރެވިއްޖެއެވެ. ނޫންނަމަ، މިހެނެއް ނުވީސްކަން ނޭނގެއެވެ.

” ނިދަނީތަ އަދިވެސް؟” އަހަރެން ސޯފާގައި ޖައްސާލައިގެން ހުއްޓާ ޙުސައިން އައިސް ވަނެވެ. އޭރު ހަވީރު ފަހެއް ޖަހަނީއެވެ.

” ނޫނޭ.. ކުޑަކޮށް ވަރުބަލިވެފަ އިނުމުން އެހެން ހީވަނީ..” ގަޔާނުވާ ގޮތަކަށް އަހަރެން ބުނީމެވެ.

” ކޮބާތަ އަންހެނުންނާއި ދަރިފުޅު..؟” ކޮޓަރި ތެރެއަށް ބަލާލަމުން ޙުސައިން ބުނެލިއެވެ.

” އަންހެނުން ރޭގައި ގެއިން ނިކުމެގެން ހިނގައްޖެ..” އަހަރެން މަޑުމަޑުން ބުނީމެވެ.

” ކިހިނެއްތަ ވީ އަނެއްކާ؟ ކޮބާތަ މައްސަލައަކީ..؟” ޙުސައިން ކުއްލިއަކަށް އަނހާލިއެވެ.

” މައުސްގެ މައްސަލަ… ޙުސައިންވެސް އަންހެނުންނަށް ވިސްނައިދީގެން މިގެއަށް ގެނެވޭތޯ ބަލާދީބަލަ…” އަހަރެން ބުނީމެވެ.

” ހާދަ އަވަހަކަށް ތިމައްސަލަ ތިހާ މައްޗަށް ތިދިޔައީ. އަހަރެން ހީނުކުރަން ތިވަރުވާނެކަމަކަށް. ދެން ވެސް އަންހެނުންނަށް ގުޅާފައި ގެއަށް އަންނަން ބުނެބަލަ. އޭރުންދޯ ތިކަންތައް ހަމަޔަކަށް އެޅޭނީ.” ޙުސައިން ބުނެލިއެވެ.

” އަހަންނަކަށް ނުކެރޭނެ ގުޅާކަށް.” އަހަރެން ބުނީމެވެ.

” ތީ ވަރަށް ދެރަކަމެއް. އިންމަ ޖެހޭނެ ކޮންމެ ގޮތެއް ހަދާފައިވެސް އަންހެނުންނާއި ދަރިފުޅު މިގެއަށް ގެނެވޭތޯ ބަލަން. އަހަރެން ގުޅަންތަ އިންމަގެ އަންހެނުންނަށް؟.” ފޯން ނަގަމުން ޙުސައިން ބުނެލިއެވެ.

” އަޅެ. ގުޅާލަބަލަ. ފަހަރުގައި ޙުސައިން ބުނާ އެއްޗެއް ޤަބޫލުކޮށްދާނެ. ވާހަކަ ދައްކަމުން ބުނޭ އެކަމުގައި އަހަރެންގެ މައްސަލައެއްނެތޭ. ހަމަ އެކަނި މައުސް އާއި އަހަންނާއި ދޭތެރޭ އެސް.އެމް.އެސް ތަކެކޭ ދައުރުވީ. އިތުރު ގުޅުމެއް ނެތޭ. ވަރަށް މަޑުމަޑުން ރީތިކޮށް ވާހަކަ ދައްކާތި.” މަޑުމަޑުން އަހަރެން ބުނީމެވެ.

އަހަރެން އެހެން ބުނުމުން ޙުސައިން އަހަރެންގެ އަންހެނުންނަށް ގުޅިއެވެ. ޙުސައިން ގުޅާފައި ވަރަށް ވާހަކަ ދެއްކިއެވެ. މައުސްގެ ކަންތައްތައް ފެށުނު ހިސާބުން ފެށިގެން މިހާތަނަށް ވީ ހުރިހާ ކަމެއްގެ ވާހަކަ ވަރަށް ރީތިކޮށް އަންހެނުންނަށް އޮޅުން ފިލުވައިދިނެވެ. ފަނަރަވަރަކަށް މިނިޓްވަންދެން ޙުސައިން ވާހަކަ ދެއްކިއެވެ.

” ހީވަނީ މިކަމަށް ކުޑަ ދުވަސްކޮޅެއް އަދިވެސް ބޭނުންވާނެހެން. އިންމަ ޖެހޭނެ ކެތްކުރަން. އަހަރެން ގުޅާފަ އަދިވެސް ވާހަކަ ދައްކާނަން. ހީވަނީ ހުރިހާ ކަމެއްދާނީ ރަނގަޅަށްހެން.” އަހަރެންގެ ކޮނޑުގައި ޖަހާލަމުން ޙުސައިން ބުނެލިއެވެ.

” ވާނުވާ އަންގައްޗޭ އަހަންނަށް.” ޙުސައިންއަށް ބަލާލަމުން އަހަރެން ބުނީމެވެ.

” މައްސަލައެއް ނޯންނާނެ.” ގެއިން ނިކުންނަމުން ޙުސައިން ބުނެލިއެވެ.

ޙުސައިން ދިއުމުން އަހަރެން އެނދުގައި ޖައްސާލީމެވެ. ދެން ބަލާލެވުނީ ކޮޓަރި ތެރެއަށެވެ. މަޑުމަޑުން އަހަރެން އެނދުން ތެދުވީމެވެ. ގޮސް ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވާ ދަރިފުޅުގެ ފޮޓޯތައް ކުރިމަތީގައި ހުއްޓުނީމެވެ. ދެން އަހަރެންގެ އަތުން އެފޮޓޯ ތަކުގައި ފިރުމާލީމެވެ. ދެން ފެނުނީ އަންހެނުންނާއި ދަރިފުޅާއި އަހަންނާއި އެކުގައި ނަގާފައިން ފޮޓޯއެވެ. އެއީ އަހަރެންގެ ދިރިއުޅުމެވެ. އެފޮޓޯތައް ފެނުމުން އަހަރެންގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަހަރެންގެ އަންހެނުންނާއި ދަރިފުޅަށް އަބަދުވެސް އަހަރެން ބޭނުންވާނެއެވެ. ދެން ބަލާލެވުނީ ދަރިފުޅު ނިންދަވާ އެނދާއި ދިމާލަށެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަންހެނުންނާއި ދަރިފުޅުމަތިން ހަނދާންވާލެއް ބޮޑުކަމުންނެވެ.

” ހަލޯ.” ފޯން ނަގަމުން އަހަރެން ބުނީމެވެ.

” އެބަދަން.” ގުޅާލުމަށްފަހު ޙުސައިން ބުނެލިއެވެ.

އިރުކޮޅަކުން ޙުސައިން އައެވެ. ދެން އަހަރެން ޙުސައިން އާއިއެކު ދިޔައީ ކޮފީއަކަށެވެ.

” ވަރަށް ވާހަކަ ދެއްކިއްޖެ. ހީވަނީ ވަރަށް އަވަހަށް އިންމަގެ އަންހެނުން ގެއަށް އަންނާނެހެން. އެކަމަކު އެވެސް ޝަރުތެއްގެ މަތިން. ދެން އިންމަގެ ފަރާތުން އެފަދަކަމެއް ނުވާނެކަމުގެ ޔަޤީންކަން ދިނުމުން.. އަހަރެން ބުނިން ދެން އެފަދަކަމެއް ނުވާނޭ.” ޙުސައިން ބުނެލިއެވެ.

” އާނ. ދެންނުވާނެ. މިކަމުގެ ހިތި މިހާރު އަހަންނަށް ފެނިއްޖެ. މިހާރު ތިން ދުވަސްމިވީ މިހެން އެކަނި އުޅޭތާ.” އަހަރެން ޔަޤީންކަން ދިނީމެވެ.

” ދެންވެސް ވިސްނައިގެން އުޅޭތި. އަސްލު އަހަރެން ހީކުރީ އިންމަ މައުސް ނަގާނީ ވަން ނައިޓް ސްޓޭންޑެއްގެ ގޮތުގައި ކަމަށް. އެކަމަކު މާ އަވަހަށް ވިއްޔަ ތި ސީރިއަސް ތިވީ.” ޙުސައިން ބުނެލިއެވެ.

” ލޯތްބަކީ ފާޑެއްޖެ އެއްޗެކޭ.” އަހަރެން ބުނީމެވެ.

ރޭގަނޑުގެ ވަގުތެކެވެ. އަހަރެން އިނީ ގޭގެ ސިޓިންގރޫމްގައެވެ. ކުއްލިއަކަށް ދޮރުހުޅުވާލުމަށް ފަހު ނަހޫ ވަނެވެ.

” ހާދަ ނުވަގުތެއްތަ ތިއައީ؟” އާދައިގެ ރާގަކަށް އަހަރެން ބުނީމެވެ.

” ލޯމަރާލަބަލަ… ސަޕްރައިސެއްދޭން މިއައީ…” ހިނިތުންވެލަމުން ނަހޫ ބުނެލިއެވެ.

” އަނެއްކާ ކިހިނެއްތަ ހަދަން ތިއުޅެނީ.؟” ޙައިރާންކަމާއިއެކު އަހަރެން އަނހާލީމެވެ.

” އަޅެ ދެލޯ މަރާލަބަލަ..” ނަހޫ ހެމުން ބުނެލިއެވެ.

” ދެން މިހާރު ލޯހުޅުވަންތަ؟” ދެލޯމަރާލުމަށްފަހު އަހަރެން ބުނީމެވެ.

” އާނ. އޯ.ކޭ..” ނަހޫ ބުނެލިއެވެ.

އަހަރެން ލޯ ހުޅުވާލީމެވެ. އަންހެނުންނާއި ދަރިފުޅު އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ޝާހިދާއާއި އާޒީވެސް އެމީހުންގެ ފަހަތުން އައެވެ. އަހަރެން އަވަހަށް ދަރިފުޅު އުރާލީމެވެ. ދެން އަންހެނުންނަށް ބަލާފައި ހިނިތުންވެލީމެވެ. އަންހެނުންވެސް ހިނިތުންވެލިއެވެ. ކުޑައިރުކޮޅެއް ފަހުން ޙުސައިންވެސް އެތަނަށް އައެވެ.

” ހުރިހާ އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ؟” އަހަރެން އުފަލުން ބުނީމެވެ.

” ރައްޓެހިންގެ ބޭނުމަކީ މީދޯ..” ހުރިހާ މީހުންހެން އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

އަހަރެމެން އެންމެން ވާހަކަ ދައްކަން އިރުކޮޅަކު ތިބީމެވެ. ދެން އެމީހުން ދިޔައެވެ.

” ދެން ނުވާނެ މިކަހަލަ ކަމެއް..” އަންހެނުންގެ އަތުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. އަނެހުނުން ހިނިތުންވެލިއެވެ.

ދުވަސްކޮޅެއް ފަހުން އަހަރެން މައުސްއާއި އޭނަގެ އޮފީހުން ބައްދަލުކުރީމެވެ. އޮފީހަށް ވަންތަނާއިހެން އަހަރެންގެ ލޮލުގައި އަޅައިގަތީ މައުސްގެ ޗުއްޓީ ޗިޓެވެ.

” ޗުއްޓީއަށް ފުރަނީދޯ.؟” އަހަރެން އަނހާލީމެވެ.

” ޗުއްޓީއެއްނޫން. އިތުރަށް ކިޔަވަން މިދަނީ. ރާއްޖޭގައި އުޅޭ ހިތެއްނެތް މިހާރު. ވަރަށް ހިތި ފެނިއްޖެ އަހަންނަށް.” ރުންކުރު ގޮތަކަށް މައުސް ބުނެލިއެވެ.

” އަހަރެންގެ މަތިން ހަނދާންކުރައްޗޭ.” އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

” ހަނދާނެއް ނުކުރާނަން. އެކަމު، ހިތުން ފިލުވާލަން އުނދަގޫވާނެހެން ހީވަނީ. މީ އަހަރެންގެ މިސްޓޭކް. ބަލާނުލާ މީހެއްގެ ފިރިއަކާއި ލޯބިވެވުނީ.. ވަރަށް ބޮޑަށް ސޮރީ..” ލުއި ހިނިތުންވެލުމަކާއިއެކު މައުސް ބުނެލިއެވެ.

” އިޓްސް އޯ.ކޭ..” އެހެން ބުނުމަށް ފަހު އަހަރެން މައުސްއާއި ސަލާމްކޮށްލީމެވެ. ދެން އެތަނުން ނުކުމެގެން ދިޔައީއެވެ.

ފަހުން އަހަންނަށް ވަރަށް ގިނަ ކަންތައްތައް އިނގުނެވެ. މިކަމުގައި އެންމެ ނުބައި ރޯލް އަދާކުރީ ޙުސައިންއެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް ޙުސައިން މައުސްއާއި ދައްކާފައިވަނީ ވަރަށް ގޯސްކޮށެވެ. އެންމެ ފަހުން މައުސްގެ ކުރެޑިޓް ކާރޑާއި އަދިވެސް މައުސްގެ ވަރަށް ގިނަ ފައިސާ ޙުސައިން ބޭނުން ކުރިކަމަށްވެއެވެ. މިވާހަކަތައް ޗެޓުން މައުސް އަހަންނަށް ކިޔައިދިނެވެ. މިކަމުން އަހަންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވިއެވެ. މައްސަލަތަކެއްގެ ތެރޭގައި ދިރިއުޅެމުންދާ މީހެއްގެ ދިރިއުޅުމަށް އިތުރު މައްސަލަތައް ކުރިމަތިވުމުން ދެން ވާނެގޮތެވެ. ޖެހޭނެ އިތުރު މައްސަލަތަކެވެ. އަހަރެމެންގެ ދިރިއުޅުމުގައި ލޯތްބާއި އަޅާލުން އިންތިހާޔަށް އޮވެއެވެ. ހަމަ މިއާއިއެކު، ޚިޔާލް ތަފާތުވުން އޮންނަކަމެވެ. މިޚިޔާލް ތަފާތުވުންތައް ބޮޑުވެ، ދިރިއުޅުން ހަލަބޮލިވާކަމެވެ. އަދި މިހަލަބޮލިކަމުގެ ތެރެއަށް އިތުރު މައްސަލަތަކެއް ވަދެ، މީހާ ހަލާކުތެރެއަށް ގެންގޮސްދާނެކަމެވެ. އެކަމުން ސަލާމާތްވާން ކުރަންޖެހޭ މަސައްކަތެވެ. މިހާރު ދުނިޔެއަކީ ކުޑަކުޑަ ތަނެއްކަމުން އެއްވެސް މީހަކަށް އަބަދު ފަރުދާއެއްގެ ތެރޭގައި ނޫޅެވޭނެއެވެ. ކޮންމެވެސް އެއްދުވަހަކުން ތިމާއަކީ ކާކުކަން އެހެން މީހުންނަށް އިނގޭނެއެވެ.

އެރޭ މައުސްއާއިއެކު ހޭދަކުރެނު އުފާވެރި ވަގުތު ކޮޅުގެ މަތިން އަބަދުވެސް ހަނދާންވާނެއެވެ. އެކަމަކު މިހާރު، އަންހެނުންނާއި ދަރިފުޅު އަހަންނަށް މާމުޙިއްމެވެ. ދެން އަހަރެން ދިރިއުޅޭނީ އަނެހުންނާއި ދަރިފުޅާއެކުގައެވެ.

=ނިމުނީ=

5

25 Comments

 1. athoo.

  January 24, 2015 at 6:13 pm

  Emme thankolheh goahy. Ey doctor eh cigarette boa vaahaka liyefa othy ma.
  e dhen docs kuraane kahala kameh noonennu.
  Salhi script eh.

 2. huney

  January 24, 2015 at 6:18 pm

  midhen vaahakaeh??? heevanee faahish kanthahthakah suport dheefa liyefa oii ehcheh hen…!!!!!!!!!

 3. sum 1

  January 24, 2015 at 7:10 pm

  bodu haasaru gandeh. foohi kamaaeve

 4. aisha

  January 24, 2015 at 11:48 pm

  So borin

 5. Faai

  January 25, 2015 at 10:13 am

  Athoo cigarette boa doctors vx ulheyey…

 6. athoo.

  January 25, 2015 at 1:29 pm

  faai athoo ah ekam gabool kuran haadha dhahchey. athoo varah gina docs aa meet koh vaahaka vex dhahkaa fa vaany. cigarette boa doc eh nudheken..
  mee docs ge nuragalhu akhlaag dhahka dheyn vegen liyefa oi vaahaka eh hen heevany.

 7. Lilx

  January 25, 2015 at 1:34 pm

  kuruvaahaka mihaa dhigeh nuvaane….

 8. aria

  January 25, 2015 at 8:09 pm

  Athoo doc in cigarette boey…… China ge 32 % docs cigarette boey….adhi baivaru gaumuge docs in ves……athoo aa dhimaanuviyas cigarette boa docs in ulhumaky ekashygen vaa kameh dhw…

 9. black widow

  January 25, 2015 at 8:23 pm

  Saharo eve……

 10. lol

  January 25, 2015 at 10:59 pm

  Athoo ah maa egeynee dhen…. doc akah vaan ulhey theeve maa egeynee.. hee hee halaaku!

 11. athoo..

  January 26, 2015 at 1:38 pm

  athoo research kohlaafa mibunanee.
  1974 vana aharaa 2004 ka dhemedhu kurevunu dhiraasaa in dhahkaa gothugaa china ga 32 percent bony male doctors, female docs in noon. e gaumuga zero percent female docs cigarette bony.
  dhen lol athoo aky ves insaaneh. olhi dhaane, neygi dhaane, ehenveema hee hee halaakey jehumuge maana eh nei.

 12. lol 2

  January 26, 2015 at 2:05 pm

  Athoo kada vee dho… hehe hehe.. hama hee hee varu bali vejje

 13. lol 2

  January 26, 2015 at 2:28 pm

  Btw this is 2015.! 2004 ge research thakaa mihaaruge research thakaa alhaa kiyu makee ehaa ekasheegen vaa kameh henneh hiyeh nuvey.. lol lol o lol. Sooo funyy

 14. athoo..

  January 26, 2015 at 3:29 pm

  laughing out loud, neyge ehnu mihaaru e adhadhu thirivedhane noon kamehves. meehunnah visni ekamuga sihhathah huri nurahkaa eguneema docs in ves smoke kurun madhu kohfaane eh noon tha. evarah egaumu thakuga heyluntheri kuran workshop thah hinga ey.

 15. Anonymous

  January 26, 2015 at 4:43 pm

  NICE STORY, VARAH REETHI MI VAAHAKA…..:-) VARAH TOUCHING

 16. Someone

  January 26, 2015 at 7:19 pm

  Athoo kada vy Mihaaru
  Hehehehe
  Hama ulhey smoke kuraa doctors vex
  Magumathyga ulhey myhunnah vure emyhun Maa nubai

 17. lol 2

  January 26, 2015 at 7:21 pm

  Hahaa. AaN heynamey. … gaimu mihaaru ciggeratte impoet kuraa min varu maa gina.. and heylun theri ey???? My foot! Hehehe.. Boa dhaa hiyaal.. heylun therI koh research hedi varakaha vanee nubai!!

 18. Someone

  January 26, 2015 at 7:37 pm

  Some people’s think that they only know how to write stories
  Dhn doctor akah vaan ulheythy
  Foni vegen ulhunas thankolheh
  Bodu varu kanneyge

 19. athoo..

  January 26, 2015 at 7:54 pm

  um, athoo buny egaumu thakuge vaahaka. egaumuthah heylun theri ey. dhivehi raahjeyge vaahaka eh nubunan.

 20. someone2

  January 26, 2015 at 10:39 pm

  Mihaaru heevanee athoo ah athoo buni echeh ves neygey hen… dhen ehen vaane dho.. Maa gadha vanyyaa

 21. fann

  January 27, 2015 at 9:14 am

  Oh god athoo. Mi athoo nubehey vaahakaeh noannaane. athoo hithun athoo ah hurihaa kameh ingey. Wanna be doctor athoo 😛 pls stop commenting others stories. You are tooo much. :@

 22. kivi

  January 27, 2015 at 5:58 pm

  Haadhaha vey kuraa hiy samaasaa..mi ee kaaku ge vaahaka eh tha..kivi alun kiyan beynun vgn hoadha hoadha nufenunu…

 23. athoo ge luv

  January 29, 2015 at 12:59 pm

  athoo r yu a gal o boy?

 24. rfdcfgbhmiuktrferfdreftrtytr

  July 6, 2015 at 3:48 pm

  i think vaahaka commitee hulhuvy mikahala vaahakathah nahthaalumattakai kanneyge

 25. Aarsh

  July 14, 2015 at 8:33 pm

  very boring I wish I had not started to read this

Comments are closed.