Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (13ވަނަބައި)

Eemyaa
January 29, 2015
7 Mins Read
10 Comments

އެއަންހެން ކުއްޖާ ފެނުމުން ނާއިޝްއަށް އެކުއްޖާއަށް ބަލަން އިނދެވުނީ އެއީ ދަންނަ ކުއްޖެއްހެން ހީވުމުންނެވެ. އެކުއްޖާވެސް ވަންގޮތަށް ހުއްޓުން އަރާފައި ނާއިޝްއަށް ބަލަހައްޓައިގެން ހުރީއެވެ.

“ނާއިޝް….” އެއަންހެންމީހާ އެކުއްޖާގެ ގައިގައި ކޮށްޓާލުމަށްފަހު އިށީންނަން އަންނާށޭ ބުނުމުން ނާއިޝްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އެކުއްޖާ ނާއިޝްއަށް ގޮވާލިއެވެ.

“ޒޯޔާ…” ނާއިޝްގެ ކަންފަތުގައި އެކުއްޖާގެ އަޑު ޖެހުމުން ނާއިޝްއަށް އެއީ ޒޯޔާކަން ޔަގީންވުމުން ޒޯޔާއަށް ގޮވާލިއެވެ. އެވަގުތު ދެމީހުންވެސް އެކަކު އަނެކަކަށް ހީލިއެވެ.

ދެއަހަރެއްހާދުވަސް ފަހުން ނާއިޝްއަށް ޒޯޔާ ފެނުނުއިރު ޒޯޔާވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ދޮންމޫނުގެ ކުލަވަނީ އަވީގައި އުޅުމުގެ ސަބަބުން ބަދަލުވެފައެވެ. އޭނާގެ ލޫޅާފަތި ހަށިގަނޑުވަނީ ކުރިއަށްވުރެ އަނަރޫފަވެފައެވެ. ކުރީގައި ލާފައި ހުންނަ ޓޮޕްކޮޅުގެ ބަދަލުގައި މިހާރު ލާފައި އެވަނީ ގަޔަށް ދޫ ކުރުތާ ހެދުމެވެ. އޭރު އަބަދުހެން ފަހަތަށް ދޫކޮށްލާފައިވާ ފަން އިސްތަށިގަނޑުވަނީ ޝޯލްއަކުން ނިވާކޮށްލާފައެވެ. ނަމަވެސް ކަޅުކުލައިގެ ޝޯލްތެރޭން ފެންނައިން ވަށްމޫނުގެ ރީތިކަމަކަށް މާބޮޑު ބަދަލެއް ނާދެއެވެ. ދެލޯ ކައިރި ކަޅުވެފައި ކޮލުގައި މަސްކޮޅެއް ނެތްނަމަވެސް ހިތް ދަމައިގަންނަފަދަ ރީތިކަމެއް އެމޫނުމަތީގައި ވެއެވެ. އެމޫނުމަތީގައިވާ މައުސޫމުކަމާއި ހިތާމަވެރިކަން ކުރިއެކޭ އެއްގޮތަށް ނާއިޝްއަށް ފާހަގަކުރެވުނެވެ.

“ދަރިފުޅު ދަންނަންތަ އޭނަ…؟؟” ޒޯޔާގެ މަންމަ ޒަރީނާ ޒޯޔާގެ ގާތުގައި އަހާލުމުން ޒޯޔާ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“އަހަރެމެން މެލޭޝިޔާގައި ކިޔަންވަން އުޅުނީ އެއްކޮށް… އެކަމަކު ޗުއްޓީއަށް މިކޮޅަށް އައިސް އެނބުރި ދިޔަފަހުން އަހަރެން ޒޯޔާ އެއް ނުދެކެން… ކީއްވެ ޚަބަރެއްނުވީ…؟؟؟” ނާއިޝް ޒަރީނާއަށް އިތުރަށް އޮޅުންފިލުވާލަދެމުން ވާހަކަ ނިންމާލީ ޒޯޔާއަށް ސުވާލެއް ކުރިމަތިކޮށްލަމުންނެވެ. ނާއިޝްގެ ސުވާލާއިއެކު ޒޯޔާ އިސްޖަހާލިއެވެ. ޒޯޔާގެ މިހަރަކާތުން ނާއިޝްއަށް ނަގަންވީ މާނައެއް ނޭނގުނެވެ. ހައިރާންވެފައި އިނދެ އޭނާއަށް ދެން ބަލާލެވުނީ ޒަރީނާއަށެވެ. ޒަރީނާ އަނގަޔަށް ގޮތެއް ހަދާލަމުން ދެފަރާތަށް ބޯހޫރާލުމުން ނާއިޝް އިތުރަށް ހައިރާންވިއެވެ. އެވަގުތު ޒަރީނާގެ އުނގުގައި އިން ކުޑަފިރިހެންކުއްޖާ މަންމާއޭ ބުނެ ޒޯޔާގެ ގާތަށް ދާން ގަދަހަދަންފެށިއެވެ. ޒޯޔާ އެދަރިފުޅު މަންމަގެ އަތުން އަތުލުމަށްފަހު އެކުއްޖާގެ މޫނަށް ބޮސްދިނުމަށްފަހު ލޮލުން ވެއްޓުނު ކަރުނަތިކި އަތުގެ ނުފުށުން ފޮހެލިއެވެ. މިހުރިހާ މަންޒަރެއް ފަރުވާތެރިކަމާއިއެކު ބަލަން އިން ނާއިޝްގެ ހިތުގައިވަނީ އެތައް ސުވާލެއް ފުނިޖެހިފައެވެ. ނަމަވެސް އިތުރަށް އެއްވެސް ސުވާލެއް ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

“ޒޯޔާގެ ޚަބަރެއް ނުވި ސަބަބަކީ މިދަރިފުޅު…” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލީ ޒަރީނާއެވެ. ޒޯޔާގެ އުނގުގައިވާ ތުއްތުކުއްޖާގެ ބޮލުގައި ފިރުމާލަމުން ޒަރީނާ ބުނެލިއެވެ.

“މީ ޒޯޔާގެ ތަ…؟؟؟ ކޮންނަމެއް ކިޔަނީ ބޭބީއަށް…؟؟” އެތުއްތު ކުއްޖާގެ ކޮލުގައި ހިފާލަމުން ނާއިޝް އަހާލިއެވެ.

“ނަޒާން…. މީއަހަރެންގެ ދަރިފުޅު…” ކުޑަކޮށް ހީލަމުން ޒޯޔާ ބުނެލިއެވެ.

“އަހަރެމެން ހިތްމަތާއި މިންނަތުން އެތައް މަސައްކަތެއް ކޮށްގެން ހުރި ހަމައެކަނި ދަރިފުޅަށް ކިޔަވައިދޭން މެލޭޝިޔާއަށް ފޮނުވީ ވަރަށް ފޮނި އުއްމީދެއްގައި… އެކަމަކު… ކިޔަވަން ދިޔަ މީހާ ޗުއްޓީއަށް ރަށަށް އައި އިރު އައީ މިކުއްޖާއަށް ބަލިވެ އިނދެ…” މިހެން ބުނިއިރު ޒަރީނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނާއިޝްއަށް ހައިރާންކަމެއް ލިބުނެވެ. ދެލޯބޮޑުކޮށްލަމުން އޭނާއަށް ބަލާލެވުނީ ޒޯޔާއަށާއި އޭނާގެ އުނގުގައި އިން ނަޒާން އަށެވެ.

“މަންމާ…” ޒޯޔާގެ މަންމަ އެވާހަކަ ފެށުމުން ހިތްހަމަ ނުޖެހިފައި އިނދެ ޒޯޔާއަށް އޭނާގެ މަންމައަށް ގޮވާލެވުނީ ނާއިޝްގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރު ފެނުނީމައެވެ.

“އަހަންނަށް ގޮވާނެ ކަމެއް ނެތް… ޒޯޔާ ތިގަނޑެއް ނުގަންނަނަމަ މިޔަދު ޒޯޔާވެސް އިންނާނީ އޭނާ އެއިންކަހަލަ މަގާމެއްގައި… ޑޮކްޓަރެއްގެ ގޮތުގައި.. އޭރުން އަހަރެން ކިހާ އުފާވީސް… އަހަންނަށްވެސް ފަހުރުވެރިކަމާއިއެކު އަހަރެންގެ ދަރިފުޅަކީ ޑޮކްޓަރެކޭ ބުނެވުނީހެއްނު… އެކަމަކު…”

“މަންމާ ހެޔޮނުވާނެ ހުއްޓާލަބަލަ….” ޒަރީނާގެ ޖުމްލަ މެދުކަނޑާލީ ޒޯޔާ އާދޭހާއިއެކު މިހެން ބުނުމުންނެވެ.

“އަހަރެން އަހާއަހާވެސް ދަރިފުޅުގެ ބައްޕައަކީ ކާކުކަމެއް ނުބުނި… ހަމައެކަނި ބުނިހާވެސް އެއްޗަކީ އެއީ ދިވެއްސެކޭ… ކޮއްކޮއަށް އެނގޭތަ އެއީ ކާކުކަން…؟؟؟” ޒޯޔާގެ މަންމަ ސުވާލުކުރީ ނާއިޝްއާއެވެ. ނާއިޝްއަށް ބަލާލެވުނީ ޒޯޔާއަށެވެ. ޒޯޔާ އިސްޖަހާލިއެވެ. ނާއިޝް ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލަމުން ހީލިއެވެ. އެއަށްފަހު ނަޒާން ބަލަން ފެށިއެވެ.

ޒޯޔާމެން ނުކުމެގެން ދިޔުމުންވެސް ނާއިޝްއަށް ވިސްނެމުން ދިޔައީ ޒޯޔާއާއި ދޭތެރޭގައެވެ. ޒޯޔާ އެފަދަ ވިޔާނުދާ އަމަލެއް ކޮށްފާނެބާއޭ ނާއިޝްގެ ހިތަށް އެރިއެވެ. އެކަން ގަބޫލުކުރަން ނާއިޝްއަށް އުނދަގޫވަނީއެވެ. ކިޔަވަން އުޅުންއިރުވެސް ނާއިޝްއަށް ޒޯޔާ ފާހަގަ ކުރެވިފައިވަނީ އަހުލާގު ރަނގަޅު މަޑުމައިތިރި ބަރާބަރަށް ނަމާދުކުރާ ދީންވެރި ކުއްޖެއްގެ ގޮތުގައެވެ. އެފަދަ ކުއްޖަކު އެކަހަލަ ދީން ހުއްދަނުކުރާ ކަމަކަށް އަރާގެންފާނެބާވައެވެ. ނާއިޝްގެ ޒަމީރު ބުނަމުން ދިޔައީ އެއީ ޒޯޔާއަށް މީހަކު ދިން ލަނޑެއްކަމުގައެވެ.

 

ލިމްޝާ އިނީ ޒަޔާންގެ ކެބިންގައެވެ. މަސައްކަތް ހަވާލުކުރުމަށްފަހު ދެން ދިޔަޔަސް އެންމެ ރަނގަޅޭ ބުނުމުން ލިމްޝާ ތެދުވީ އެތަނުން ދިޔުމަށްޓަކައެވެ. އެވަގުތު އެކެބިންގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަޝާމެވެ. ލިމްޝާއާއި ނަޝާމްގެ ހަތަރުކަޅި ބައްދަލްވެގެން ދިޔަވަގުތު ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދުލުން ވާހަކަ ނުދެއްކިނަމަވެސް ހިތުން ވާހަކަދެކެވުނެވެ. ދެމީހުނަށްވެސް އަނެކާގެ ހިތުގެ ޝަކުވާތަކާއި ގޮވުންތައް އަޑުއިވެމުންދާކަހަލައެވެ.  ދެމީހުންގެ ދެލޮލަށް ބަލާލުމުންވެސް އެކަކު އަނެކަކަށް ބޭނުންވެފައި މިންވަރު ހާމަވެއެވެ.

“ނަޝާމް…”ދެމީހުން ސިހިގެން ދިޔައީ ޒަޔާން ނަޝާމަށް ގޮވާލުމުންނެވެ. ލިމްޝާ އަވަސްއަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. ނަޝާމް ލިމްޝާ ދިޔަ ދިމާއަށް ބަލަންހުރެފައި ދެޖީބަށް އަތްޖަހާލަމުން ހިންދިރުވާލިއެވެ. އެވަގުތު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ޒަޔާން އައިސް ނަޝާމްގެ ކޮނޑުގައި އަތް ބާއްވާލުމުން ނަޝާމް ސިއްރުސިއްރުން ކަރުނަތައް ފޮހެލިއެވެ. އަދި މަޑުމަޑުން އައިސް ގޮނޑީގައި އިށީނެވެ.

“ނަޝް ބުނި ދޮންބެގެ ކައިވެނި ހަމަޖެހުން ވާހަކަ… އެއީ މި ލިމްތަ…؟؟؟” ޒަޔާން ބޭނުންވީ ޔަގީން ކުރާށެވެ. ނަޝާމް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ނަޝާމްގެ މޫނުމަތީގައިވާ އަސަރުތައްފެނި ޒަޔާންވެސް ދެރަވިއެވެ. އެފަދަ ހާލަތެއްގައި ނަޝާމްގެ ހިތަށް ކުރާނެ އަސަރާއި އެހިތަށްލިބޭނެ ވޭން ޒަޔާން އަށް އަންދާޒާކޮށްލެވުނެވެ.

“އެއީ ކިހިނެއްވީ ކަމެއް..؟؟ ދެން ކިހިނެއް ހަދާނީ…؟؟” ގޮނޑީގައި އިށީންނަމުން ޒަޔާން އަހާލިއެވެ. ނަޝާމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“އަހަންނަށާ ދޮންބެއަށް ލޯބިވެވުނީ ލިމްދެކެ… ކުރިއަކުން ނޭނގެ ދެމީހުނަށް ލޯބިވެވުނީ އެކަކު ދެކެކަމެއް… ދޮންބެގެ ނަސީބު ރަނގަޅުކަމުން އެކަން އެނގުމުގެ ކުރިން ދޮންބެއާއި ލިމްގެ ކައިވެނި ހަމަޖެހުނީ… ދޮންބެއަކަށް އަދިވެސް ނޭނގޭނެ އަހަރެން ރައްޓެހިވެގެން އުޅުނީ ލިމްއާއި ކަމެއް…..” އިސްޖަހާލައިގެން އިނދެ ނަޝާމް ވާހަކަ ދެއްކިއެވެ.

“ދެން… ދެން ކިހިނެއް ހަދާނީ…؟؟؟”

“ދެން ކިހިނެއް ހެދޭނީ… އަހަރެން ބޭނުމެއް ނޫން ދޮންބެ އަތުން ލިމް ޖަހައިގަންނާކަށް…. ދޮންބެއަށް ދެރައެއްދީފައި އަހަރެން ވަކި އުފަލުގައި އުޅޭނީ ކިހިނެއް…؟؟؟ ދޮންބެ ނޫން އެހެން މީހެއްނަމަ ހަމަ ޔަގީނުންވެސް އަހަރެން ލިމް ކާމިޔާބު ކުރަން މަސައްކަތް ކުރާނަން… އަހަރެންގެ ލިމް އަހަންނާ ވަކިވިޔަކަ ނުދޭނަން…. އެމީހެއްގެ އަތުން ލިމް އަތުލާނަން… އެކަމަކު…” ނަޝާމްގެ ޖުމްލަ މެދުކަނޑާލީ އޭނާއަށް ރޮވެން ފެށުމުންނެވެ. ނަޝާމްގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެކުވެރިއެއްގެ ކުރިމަތީގައި އޭނާ މިނޫނީ ރޮއެފައެއް ނުވެއެވެ. ނަމަވެސް މިޔަދު ހުރިހާ ކަމެއްމިވަނީ ބަދަލުވެފައެވެ. ހުރިހާ ކަމެއްވެސް މިވަނީ އޭނާގެ އިޚުތިޔާރުން ބޭރުވެފައެވެ. ޒަޔާން ނަޝާމްގެ ކޮނޑުގައި ހިފަހައްޓާލުމުން ނަޝާމް ކަރުނަތައް ފޮހެލިއެވެ. ޒަޔާންވެސް އިނީ ވަރަށް ދެރަވެފައެވެ. ނަޝާމް ލިމްޝާދެކެ ވާ ލޯބި އެންމެ ގާތުން ފެނުނު އެކަކީ ޒަޔާންއެވެ. ލިމްޝާ ކާމިޔާބުކުރަން އޭނާކުރި މަސައްކަތާއި ކުރިހިތްވަރު ޒަޔާނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

“އަހަންނަށް ފެންނަނީ ދޮންބެއަށް ހަގީގަތް ކިޔައިދޭން… މިހާރު ކަންތައް ތިވާ ގޮތުން ތިންމީހުން ކުރެ އެކަކަށްވެސް އުފަލެއް ނެތެއްނު…” ޒަޔާން އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

“ނޫން ޒަޔާން… އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫން… ތިގޮތަށް ކަންތައް ކޮށްފިއްޔާ އަހަރެމެންނަށް އަހަރެމެންގެ ލޯބި ކާމިޔާބުވާނެ… އެކަމަކު ދޮންބެއަށް ވާނީ ކިހިނެއް…؟؟ ދޮންބެގެ ހިތަށް ތަދުކޮށްފައި އަހަރެމެންނަށް ވަކި އުފަލުގައި ހިތްހަމަ ޖެހިގެން އުޅޭވޭނެތަ..؟؟” ނަޝާމް މިހެން ބުނުމުން ޒަޔާންއަށްވެސް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

 

ނާއިޝް ސައިކަލް ދުއްވަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. އޭނާ ބޭނުންވީ ލިމްޝާ ގޮވައިގެން ދުއްވާލަން ދާށެވެ. ނަމަވެސް ލިމްޝާގެ ރައްޓެހި ކުއްޖަކާއެކީ ތަނަކަށް ދާންޖެހުމުން ނާއިޝްއާއިއެކީ ނުދެވުނީއެވެ. ހަގީގަތުގައި ނުދެވުނީކީ ނޫނެވެ. ލިމްޝާ ގަސްތުގައި ނުދިޔައީއެވެ. އޭނާ ނާއިޝްއާއި އެކީ ދާން ބޭނުންނުވީއެވެ. އެހެންކަމުން ބަހަނާއެއް ދައްކާލީއެވެ.

ސައިކަލް ދުއްވަމުންގޮސް ކުޑަކުދިންގެ ޕާކާ އަރާ ހަމަވުމުން ނާއިޝް މަޑުކޮށްލީ ޒޯޔާ އޭނާގެ ދަރިފުޅު ގޮވައިގެން ޕާކަށް ވަންތަން ފެނުމުންނެވެ. ސައިކަލް ޕާކުކޮށްލާފައި އޭނާވެސް ޕާކަށް ވަނީ ޒޯޔާ އާއި ވާހަކަ ދައްކާލަން ބޭނުންވީމައެވެ.

ޒޯޔާގޮސް މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ހިސާބެއްގައެވެ. ކުޑަކުޑަ ނަޒާންގެ ފައި ބިމުގައި ޖެހުމުން ހީވީ ބަންދުވެފައިވާ ކޮށްޓަކުން ނުކުމެވިގެން އުޅޭހެންނެވެ. އުފަލާއިއެކު ދެކޮޅަށް ދުވެލަ ދުވެލާ ހުއްޓެވެ. ނާއިޝް އެދިމާއަށް އަންނަތަން ފެނުމުން ހިނިއައިސްފައި ހުރެ ނަޒާން މިސްރާބުޖެހީ ނާއިޝްއާއި ދިމާއަށެވެ. އަދި ދިޔަ ގޮތަށް ގޮސް އެތުއްތު ދެއަތުން ނާއިޝްގެ ދެފައިގައި ބައްދާލިއެވެ. ނާއިޝް ހީލަމުން ނަޒާން އުރާލިއެވެ. އަދި ދެފަހަރަކު ނަޒާން މައްޗަށް އެއްލުމުން އޭނާ މަޖާވެފައި އިނދެ ގަޑަގަޑަ ލާފައި ހޭންފަށައެވެ. މިމަންޒަރު ބަލަން މާދުރުނޫން ހިސާބެއްގައި އިން ޒޯޔާގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ނަޒާންއާއިއެކު ކުޑަކޮށް ސަކަރާތްޖަހަލުމަށްފަހު އޭނާ ގޮވައިގެން ނާއިޝް މިސްރާބުޖެހީ ޒޯޔާއާއި ދިމާއަށެވެ. އަދި ތިރީގައި ނަޒާން ބެހެއްޓުމަށްފަހު ޒޯޔާގެ ގާތުގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“ވަރުބަލިކޮށްލައިފި ދޯ…” ނާއިޝްގެ ހަރަކާތްތަކަށް ބަލަން އިނދެ ޒޯޔާ އަހާލިއެވެ.

“ނޫނޭ… ނަޒާން ވަރަށް މަޖާ… ވަރަށް އެކުވެރި…” ހޫނުވެފައި ހުރުމުން ލައިގެން އިން އަތްދިގު ޓީޝާޓު ގަޔާއި ދުރުކޮށްލަމުން ނާއިޝް ބުނެލިއެވެ.

“”ނާއިޝް މިތާ ކީއްކުރަނީ…؟؟؟ ދަރިފުޅު ގޮވައިގެންތަ…؟؟؟” ޒޯޔާ މިހެން އަހާލުމުން ނާއިޝް އަނގަމަތީ އަތްއަޅައިގެން ހޭން ފެށިއެވެ. ޒޯޔާ ހައިރާންވެފައި އިނދެ ނިއް އަރުވާލަމުން ހެނީ ކީއްވެގެންތޯ އަހާލިއެވެ.

“ހެހެހެ… އަހަންނަށް ކުއްޖެއް ލިބޭނީ އަދި މީހަކާ އިނދެގެންނު… އެކަމަކު ވަރަށް އަވަހަށް މެރީ ކުރަން މިއުޅެނީ….” ޒޯޔާގެ ކަންފަތްދޮށުގައި ނާއިޝް މިހެން ބުނެލުމުން ޒޯޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެއްވެސް އިޚުތިޔާރަކާ ނުލާ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ތިރީ ތުންފަތުގައި ދަތްއަޅާލަމުން އޭނާ ބަލާލީ ނަޒާންއަށެވެ. އެތުއްތު ދަރިފުޅަށް ބަލާލާ ކޮންމެފަހަރަކު އޭނާއަށް ދިރިއުޅުމުގައި ދިމާވާ ހުރަސްތަކާއި ކުރިމަތިލުމަށްޓަކައި އައު ހިތްވަރެއް ލިބޭކަހަލައެވެ.

” އެހެންތަ… މަރުހަބާ….” ގަދަކަމުން ހިނިތުންވެލަމުން ޒޯޔާ ބުނެލިއެވެ.

“އަހަރެން ވާހަކަ އެއް އަހާލަންތަ..؟؟” އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ސީރިޔަސް ކަމާއިއެކު ނާއިޝް އަހާލިއެވެ. ޒޯޔާ ކުރިޔަށް ގެންދާށޭ ބުނުމުން ނާއިޝް ވާހަކަ ދައްކަން ފެށިއެވެ.

“ނަޒާންގެ ބައްޕައަކީ ކާކު…؟؟؟” ޖެހިލުންވި ނަމަވެސް ނާއިޝް އަހާލިއެވެ. ޒޯޔާ ދެލޯ ބޮޑުކޮށްލަމުން ނާއިޝްއަށް ބަލާލިއެވެ. އެއަށްފަހު ދެން އޭނާ ބަލާލީ ކުރިމަތީގައި ދުވެލަދުވެލާ ހުރި ނަޒާންއަށެވެ. މިފަހަރު ކަރުނަތައް ކޮންޓްރޯލްކުރަން ޒޯޔާ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށުމުން އޭނާ އިސްޖަހާލިއެވެ. ޒޯޔާ އެތާ އިނދެފައި ރޯންފެށުމުން ނާއިޝް ވަރަށް ކަންބޮޑުވިއެވެ.

“ޒޯޔާ ރޮނީތަ…. ސޮރީ… އަހަރެން ޒޯޔާ ދެރަކުރާކަށް ނޫން އެވާހަކަ މިފެށީ…  ޕްލީޒް ހުއްޓާލަބަލަ…” ނާއިޝް ޒޯޔާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

“އަހަންނަށް އެނގޭ ޒޯޔާ އެކަހަލަ ވިޔާނުދާކަމެއް ނުކުރާނެކަން… އެއީ ޒޯޔާއަށް މީހަކު ދިން ލަނޑެއް ދޯ….” ނާއިޝް ބޭނުންވީ ހަގީގަތް އޮޅުންފިލުވާށެވެ. އޭނާގެ ޒަމީރު ބުނަމުން ދިޔައީ ޒޯޔާ އެކަހަލަ ވިޔާނުދާކަމެއް ނުކުރާނެ ކަމަށެވެ.

“ނޫން… އެއީ އޭނަ އަހަންނަށް ދިން ލަނޑެއް ނޫން… އެކަން ހިނގާ ދިޔައިރު އޭނާ ހުރީ ހަމަހެޔަކު ނޫން… އެއީ ބަޔަކު އޭނައަށް ދިން ލަނޑެއް… އޭނާ ހަމަހޭގަ ހުރިނަމަ އެކަހަލަ ނިޔަތެއްގަ އަހަރެންގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނެ… އެއީ އެއަށްވުރެ މާރަނގަޅު މީހެއް… އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ… އޭރުވެސް… މިހާރުވެސް… އަދި ކުރިއަށް އޮތްތާނގަވެސް އަހަރެން އޭނަދެކެ ހަމައެވަރަށް ލޯބިވާނަން….” ނަޒާންގެ ބައްޕައާއި ދިމާއަށް އެކަހަލަ ބަހެއް ބުނާއަޑުއަހަން ކެތްނުވެގެން ޒޯޔާ އެއްފަށްޗަކަށް އަމުނާލިއެވެ. އޭރުވެސް އޭނާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ނާއިޝް އިނީ ހައިރާންވެފައެވެ. ނަޒާންގެ ބައްޕަދެކެ ޒޯޔާ އެވަނީ ހާދަ މަތިވެރި ލޯތްބެކޭ ނާއިޝްގެ ހިތަށް އެރިއެވެ.

“ބުނެބަލަ ނަޒާންގެ ބައްޕައަކީ ކާކުތަ…؟؟؟ އޭނަޔަށް އެނގޭތަ އޭނަގެ ދަރިއަކު ހުންނަކަން…؟؟؟” ނާއިޝްގެ ހިތުގައި އުތުރި އަރަމުންދާ ސުވާލުތައް ޒޯޔާގެ ކުރިމަތީގައި ބަންޑުންކޮށްލިއެވެ. ޒޯޔާ އޭނާގެ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލަމުން ނާއިޝްއަށް ބަލާލިއެވެ.

“އަހަރެން މިވީހާތަނަށް އެއްވެސް މީހެއްގެ ގާތުގައި ނުބުނަން ނަޒާންގެ ބައްޕައަކީ ކާކުކަމެއް… އަހަންނަށް މާފުކުރޭ… އަހަންނަކަށް ނުބުނެވޭނެ އެއީ ކާކު ކަމެއް… ނަޒާންގެ ބައްޕައަކަށްވެސް ނޭނގޭނެ އޭނާގެ ދަރިއަކު ހުންނަކަމެއް…” އަނެއްކާވެސް ނަޒާނަށް ބަލާލަމުން ޒޯޔާ ބުނެލިއެވެ.

” ޒޯޔާ ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް އެނމެ ރަނގަޅު… އެކަމަކު އަހަރެން ވަރަށް ދެރަވޭ ޒޯޔާ އަބަދު ތިހެން ދެރަވެފަ އިންނާތީ….” ޒޯޔާގެ މޫނަށް ބަލަން އިނދެ ނާއިޝް ބުނެލިއެވެ. ޒޯޔާ ކުޑަކޮށް ހިނިތުންވެލިއެވެ.

“ޒޯޔާ ތީ ހުރިހާކަމެއްގަވެސް އަހަންނަށް ވަރަށް ހެލްޕްވާ ކުއްޖެއްނު… ވަރަށް ދެރަވި ފަހުން ޒޯޔާގެ ޚަބަރެއް ނުވީމަ… އަހަރެން ހީކުރީ އަހަރެންގެ އެންމެ ރަނގަޅު އެކުވެރިޔާ އަހަންނަށް ގެއްލުނީކަމަށް…. އެކަމަކު އަނެއްކާވެސް މި ދިމާވީނުދޯ….” ހީލަމުން ނާއިޝް މިހެން ބުނުމުން ޒޯޔާވެސް ހީލަމުން އާނ އެކޭ ބުނެލިއެވެ.

އެވަގުތު ކުޑަކުޑަ ނަޒާން ދުވެލާފައި އައިސް މަޑުކޮށްލުމުން ޒޯޔާ އޭނާގެ ހޭންޑްބޭގްއިން ކުޑަ ފެންފުޅިއެއްނެގުމަށް ފަހު ނަޒާނަށް ފެންދިނެވެ. ފެންފުޅި ނެގިވަގުތު ބޭގްތެރެއިން އެއްޗެއް ވެއްޓުންތަން ފެނުމުން ނާއިޝް ތިރިވެ އެނެގިއެވެ. އެއީ ޒޯޔާގެ ފޮޓޯއެކެވެ. ލާނެއް ހިނިތުންވުމަކާއިއެކު ޒޯޔާއަށް ދައްކާވެސް ނުލާ ނާއިޝް އެފޮޓޯގަނޑު އޭނާގެ ވޮލެޓަށްލީ އެފޮޓޯގަނޑަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތިއެވެ. އިރުކޮޅަކު އެތާ އިނުމަށްފަހު ޒޯޔާ ހިނގައިގަތުމުން ނާއިޝްވެސް އޭނާއާއިއެކު ދިޔައެވެ. އަދި ޒޯޔާއާއިއެކު ހިނގާފައި ޒޯޔާގެ ގެއާއި ހަމައަށް ދިޔައެވެ. ޒޯޔާމެން އުޅެނީ ދަރުބާރުގޭ ކުރިމައްޗަށް ހުރި ގެއެއްގައި ކަމުން މާދުރަކަށް ހިނގާކަށް ނުޖެހުނެވެ.

 

އޭގެ ދެދުވަސްފަހެވެ. ލިމްޝާ ވިލިނގިއްޔަށް ނާއިޝްމެން ގެޔަށް ދިޔައީ ނާއިޝްގެ މަންމަ ދިން ދައުވަތަކަށެވެ. ކިތަންމެ ދާން ބޭނުން ނުވިކަމުގައި ވީނަމަވެސް ނުގޮސް ނުވީއެވެ. އަބަދު އަބަދު ނަޝާމްގެ ކުރިމައްޗަށް އެރުމަކީ ލިމްޝާއަށް މާފަސޭހަ ކަމެއް ނޫނެވެ. އަނެއްކޮޅުން ނާއިޝްއާއި ކުރިމަތިލާކަށްވެސް ލިމްޝާ ބޭނުމެއް ނުވެއެވެ. ނަމަވެސް ކައިވެނި ކުރަން ހަމަޖެހިފައިވާއިރު އޭނާއާއި ކުރިމަތިނުލާ އުޅޭނީވެސް ކިހިނެއް ހެއްޔެވެ.؟ ނަސީބަކުން ލިމްޝާ ގޮސް މާގިނައިރުތަކެއް ނުވަނީސް ކުއްލި ގޮތަކަށް ނާއިޝްއަށް މާލެދާން ޖެހުމުން ލިމްޝާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޒަޔާން އައިސް އުޅޭތީ ނަޝާމްވެސް އުޅުނީ އޭނާގެ ކޮޓަރީގައެވެ.

އިޝާނަމާދު ކޮށްލައިގެން ލިމްޝާ ނަޝްވާއާއިއެކު ފިހާރައަށް ދާން ނުކުތެވެ. އެމީހުން ދިޔައީ ތަންކޮޅެއް މީހުން މަދު މަގުތައް ބަލައިގެންނެވެ. ދެމީހުން ވާހަކައިގައި ތިބެ ހިނގަމުންގޮސް ގޯޅިއަކަށް ލަނބާލިވަގުތު ދެމީހުންގެ ހުރަސް ކަނޑާލީ އަޒީމް އެވެ. އަޒީމް ފެނުމުން ނަޝްވާއަށް ލިމްޝާގެ އަތުގައި ހިފާލެވުނެވެ.

“އަޒީމް…” އަދި މަޑުމަޑުން އެނަން ކިޔާލެވުނެވެ. ލިމްޝާވެސް އަޒީމް ހުރި ސިފަ ފެނުމުން ޖެހިލުންވާގޮތްވިއެވެ. އޭނާ ހުރީ މުޅީން ހަމަޔަކުވެސް ނޫނެވެ. އަޒީމް ބަލަން ނުހުރެ ހިފީ ނަޝްވާގެ އަތުގައެވެ. އަޒީމްގެ މި ކުއްލި ހަރަކާތުން ނަޝްވާގެ އިތުރުން ލިމްޝާވެސް ވަރަށް ބިރުގަތެވެ. ލިމްޝާއަށް މަގުގެ ދެފަރާތް ބަލާލެވުނީ ސަލާމަތުގެ އަތެއް ފޯރުކޮށްދޭނެ މީހަކު ފެންނަން ހުރިތޯއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ލިމްޝާއަށް ބިރުން ހިންދިރުވާލެވުނު އިރު ނަޝްވާ މަސައްކަތްކުރަމުން ދިޔައީ އަޒީމްގެ އަތުން އޭނާގެ އަތް ސަލާމަތް ކުރެވޭތޯއެވެ.

“ހަނދާންވޭތަ އަހަރެންގެ ކަންކަށިމަތީގައި ޖެހި ހަނދާން…” އަޒީމް އޭނާގެ ކަންކަށިމަތީ ފިރުމާލަމުން ނުލަފާ ވައްތަރަކަށް ހެމުން ބުނެލިއެވެ.

“އަހަރެން ބުނީމެއްނު އޭގެ ބަދަލު އަހަރެން ހިފާނަމޭ…. އެންމެ ފަހުން އަހަރެންގެ އިންތިޒާރަށް ނިމުމެއް އައިއްސި….” މިހެން ބުނަމުން އަޒީމް ނަޝްވާއާއި ގާތްވެލިއެވެ. ނަޝްވާ ބިރުން ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ޖެހުނެވެ. ނަމަވެސް އަޒީމް ނަޝްވާގެ އުނަގަނޑުގައި ހިފައި އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ. ނަޝްވާ ގަދަހަދަމުން ދިޔައީ އަޒީމްއާއި ދުރަށް ދެވޭތޯއެވެ. ކިތަންމެ ބިރުން ހުރިނަމަވެސް ލިމްޝާއަށް މިމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. އޭނާ އުޅުނީ އަޒީމް ނަޝްވާއާއި ދުރުކުރުވާށެވެ. ލިމްޝާގެ މިހަރަކާތުން އަޒީމްގެ ރުޅިއިތުރަށް ގަދަވިއެވެ. އޭނާއައި ރުޅީގައި ލިމްޝާ ކޮށްޕާލުމުން އޭނާގޮސް ޖެހުނީ އެތާހުރި ގަހެއްގައެވެ. ގަހުގައި ޖެހުނުލެއް ބާރުކަމުން ލިމްޝާގެ ނިއްކުރި މަށައިގެންގޮސް ލޭއަންނަން ފެށިއެވެ.

“ލިމް….” މިމަންޒަރު ފެނުމުން ނަޝްވާ ރޮއެގަންނަމުން ލިމްޝާއަށް ގޮވާލިއެވެ. އޭނާ އުޅުނީ ލިމްޝާގެ ގާތަށް ދާށެވެ. ނަމަވެސް އަޒީމް އޭނާގެ އަނގަމަތީގައި އަތް އަޅަމުން ގަސްތަކާވީ ދިމާއަށް ގެންދަންފެށިއެވެ. ގަހުގައި ޖެހުނުލެއް ބާރުކަމުންނާއި ނިއްކުރިން ލޭއައުމުގެ ސަބަބުން ލިމްޝާ ހުރީ އެނބުރުން އަރާފައެވެ. ނަމަވެސް އެހާލުގައިވެސް އޭނާ ބޭނުންވީ ނަޝްވާ ސަލާމަތްކުރާށެވެ. ލިމްޝާ އަޒީމްގެ ފަހަތުން ގަސްތަކާއިވީ ދިމާއަށް ދުއްވައިގަތެވެ. އެވަގުތު އެތާ ތަންކޮޅެއް ތިރީގައި އޮތް ގޮފިގަނޑެއްގައި އަޅައިގެންފައި ލިމްޝާ ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަވަގުތު އޭނާއަށް ފައިއެޅުނު ގޮތަކުން ފައިވިދުނެވެ. ތަދުވީވަރުން ލިމްޝާއަށް ބާރަށް ރޮއެގަނެވުނެވެ. ތެދުވަން ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އޭނާއަކަށް އެއްގޮތަކަށްވެސް ނުތެދުވެވުނެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ލިމްޝާ ބަލާލީ އަޒީމްއާއި ދިމާއަށެވެ. އޭރު އަޒީމް ގަދަކަމުން ނަޝްވާ ގެންދަނީއެވެ. ނަޝްވާ ސަލާމަތްވުމަށްޓަކައި އޭނާއަށް ވީވަރަކުން ގަދަހަދަމުން ދިޔައެވެ. ލިމްޝާއަށް މިމަންޒަރު ފެނުމުން ވަރަށް ދެރަވިއެވެ. އެންމެ ދެރަވީ އޭނާއަށް އެހީވެދޭން ނުދެވުނީތީއެވެ. ލިމްޝާ އަވަސްއަވަހަށް ފޯނު ނަގައި ނަޝާމަށް ގުޅާލިއެވެ. އަދިކުރުގޮތަކަށް ކަންވީގޮތް ކިޔައިދީފައި އަވަހަށް އެތަނަށް އައުމަށް ބުނަމުން ފޯނުކަނޑާލިއެވެ.

ނުނިމޭ

49
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Eemyaa

Other Articles

Previous

މިޙަޔާތާ ދުރުނުވޭ (12ވަނަބައި)

Next

ސައިބަރބުލީންގް

Next
January 30, 2015

ސައިބަރބުލީންގް

Previews
January 25, 2015

މިޙަޔާތާ ދުރުނުވޭ (12ވަނަބައި)

10 Comments

  1. zee says:
    January 29, 2015 at 7:21 am

    varah reethi eemi avaha up koh dhechey

  2. zuby says:
    January 29, 2015 at 9:56 am

    Varah reethi

  3. nilaa says:
    January 29, 2015 at 10:36 am

    dhen maa avas aruvaalaafa anekkavex.. aslu thiulheny naaishge athu in photo lim ah dhahkan dhw?

  4. Faai says:
    January 29, 2015 at 10:37 am

    Salhi… Nazaan eii naaish ge kuhjeh…

  5. sal says:
    January 29, 2015 at 10:39 am

    nice update another part fast

  6. sal says:
    January 29, 2015 at 10:42 am

    nazaan ey naaish ge kuja kah vejje ya thn varah rythe vaane dhw faai……….

  7. sum 1 says:
    January 29, 2015 at 11:00 am

    huh ehves suspenseh nethehnun, mihaaru ves eba engey ei naaish ge kideh kan,..dhn lim ah nasham dheyn vegen hedhi ehcheh dhw…
    thi idea aslu salhi..
    massala aky maa avas aruvaalaafa gendhiyaeema anehka engijje dhen vaane goiy ves..
    fooohi…

  8. aii says:
    January 29, 2015 at 12:30 pm

    Nice one

  9. Lovely says:
    January 29, 2015 at 12:44 pm

    Varah salhi 🙂 avahah up kohlahchey…

  10. eemiyaa says:
    January 29, 2015 at 2:19 pm

    Thanks all 🙂
    Ehentha nilaa.. ekm eem akah hiyeh nuve avas heneh.. faharehga lim ah fenives dhaane.. nufenives dhaane..
    Faai n sum1, kihineh ingeny nazaan a e naaish ge kujjeh kameh..
    Zee, Sal and lovely balaanan v avahah next part up kohdheveytho.. 🙂

Comments are closed.

All Right Reserved!