Skip to content
އެސްފިޔަ

ވާނަމޭ އުމުރަށް އެކީ ޖާނާ! 1

ހޫނުވެފައިވާ ޖައްވުތެރެއަށް ފިނި ވައިކޮޅެއް އައުމާއި އެކު މީކާންއާއި އެއްވަރަށް ގަސްތަކާއި ފަތްތަށް އުދުހިގަތެވެ. ހިތުގެ އަޑީން އެ ދުވަހާއި މެދު ތައުރީފު ކޮށްލެވުނެއްކަމަކު މޫނުމަތީ ވަނީ ސީރިއަސްކަމެވެ. އެމޫނުމަތިން ނުފިލާ ސީރިއަސްކަމަކީ އޭނާގެ ސްމާރޓުކަން އިތުރުކޮށްދޭ އެހެނަސް މީހުން އޭނާ ދެކެ ޖެހިލުންވާ އެއް ކަމެވެ. އާދައިގެ މަތިން ކެބިންއަށް ދެވޭ ހަނި ރާސްތާއިން ދިމާވާ ކޮންމެ މީހަކަށް ބަލައިލުމެއްނެތި ބޯޖަހާލާފައި ދަނީ އެމީހުންގެ އަނގައިން ހެނދުނުގެ ތަހުނިޔާ އިވުމާއި އެކުގައެވެ. އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައިވާ ހުރި ކުޅޭ އެއްޗެހިތަކެއްހެން އޮފީހުގެ އެ ފަންގިފިލާގައި ތިބޭ މުވައްޒަފުންގެ ބައިތައް ވަކިކޮށްލެވިފައި ވެއެވެ.

އެކަމަށް ހައްލެއް ގެނައުމަށް މީކާން ދިޔައީ އޮފީސް ހުރި ހަތް ފަންގިފިލާގެ އިމާރާތުން އިތުރު އެއް ފަންގިފިލާ އެ އޮފީހަށް ތައްޔާރުކުރަމުންނެވެ. ތިރީ ފަންގިފިލާވެސް ވަނީ ފުރިބާރުވެފައިފަދަ ގޮތަކަށެވެ. އަމިއްލަ އިމާރާތަކަށްވުމުން ހުރިހާ ބާރެއްވެސް އޭނާއަށް ލިބިފައިވާ ކަހަލައެވެ. އެ އޮފީހާއި ޖެހިގެން މަތީގައި ދިރިއުޅޭ އާއިލާއަށް ހަތް ދުވަސްތެރޭ އެބައިން ނިކުތުމަށް އެންގިއިރު އެމީހުންނަށް ފުރިހަމައަށް ތައްޔާރުނުވެވެނިސް، އިމާރާތުގެ މަސައްކަތް ކުރާ ގުރޫޕެއް އެތަނަށް ފޮނުވާ އެ ފަންގިފިލާގައި ހުރި ކޮޓަރިތަކަށް އޭނާ ގެންނަން ބޭނުންވާ، އޮފީހާ ގުޅޭ ބަދަލުތަށް ގެނައުމުގެ މަސައްކަތް ފެށުނެވެ.

“ހަލޯ…” ފިރިހެންވަންތަ އަޑުގައިވާ ހަރުކަށިކަން ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަން ހުރި މީކާންގެ އެސިސްޓެންޓައްވެސް ފާހަގަކުރެވުނެވެ. އެކޮޅުން މިއަދު އިންޓަވިއު އޮންނާނެ ވާހަކަ ބުނުމާއި އެކު މީކާން އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑާލީ އެކޮޅުން ދައްކާ އިތުރު ވާހަކައެއް އަޑުއެހުމެއްނެތިއެވެ. އޮފީސް އެސިސްޓެންޓެއްގެ ބޭނުމެއް ވަނީ ވަރަށް ބޮޑަށް ޖެހިފައެވެ. ހާއްސަކޮށް މުވައްޒަފުން އިތުރުވުމާއި އެކު ލިޔުމުގެ މަސައްކަތަށް އައި ދަތިކަމަށް ހައްލެއް ގެނެސް އިތުރު އެހެނިހެން މަސައްކަތް ކުރަން އެ މަޤާމަށް މީހަކު ހޮވުމަށް އިއުލާންކުރެވި މިއަދު އިންޓަވިއު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގައި ބުރަވެ އިން މީކާން ގެ ދޮރުގައި ޓަކި ޖަހާލާފައި ވަތް އޭނާގެ އެސިސްޓެންޓަށް ބަލައިލިއެވެ. އެ އޮފީހުގައި ކެރިގެން އޭނާއާއި ވާހަކަދައްކަންވެސް ހުރި މީހަކީ އެއީއެވެ.

“އަޅުގަނޑު ބުނިން ކުރިންވެސް ސަރ ކައިރި، އެންމެ ދެމީހުންނޭ މިކަމަށް ކުރިމަތިލީ.. އެއްކުއްޖަކު މި މަޤާމަށް ވަރަށް ފިޓު އެކަމް އޭނާގެ ހުންނަނީ އެންމެ މައްސަލައެއް…. ދެން ހުރި ކުއްޖާ، ހިއެއްނުވޭ ސަރ އެހާ ބޭނުންވެދާނެހެން ނަގަން…” އެތަށް ދުވަހެއްވަންދެން މީކާންގެ ދަށުން މަސައްކަތްކޮށްފައިވާ އޭނާގެ އެސިސްޓެންޓު ހަމްދާ އެހެން ބުނީ ވަރަށް ޔަޤީންކަމާއި އެކުގައެވެ. އެ ބުނި ކުއްޖެއްގެ އުޅުމާއި ސިފަތަކަކީ މީކާން އެންމެ ފޫހިވާ ސިފަތަކުން ޖަރީވެފައި ހުރި ކުއްޖެކެވެ. އެންމެ ރަނގަޅުކަމަށް ބުނެ މީކާން އިންޓަވިއު ކުރުމަށް ތައްޔާރުވެލިއިރު ހަމްދާ ވެސް ބޭރަށް ނިކުތީ އެކުދިން ބަލައިދަނީކަމަށް ބުނަމުންނެވެ.

ހަމްދާ ވަދެގެން އައި އަޑާއި އެކު އިތުރު އެހެން އަޑެއް ކަންފަތުގައި ހިފާލި މީކާން، އެއްޗެއް ޓައިޕުކުރަމުން ދިޔަ އަތަށްވެސް ހުއްޓުމެއް ގެންނަން މަޖުބޫރުވިއެވެ. ގޮށްމުއްކެވިގެން ދިޔައިރު ކުރިމަތިން އޭނައާއި ބައްދަލުކުރާނީ ކޮންކަހަލަ ކުއްޖެއްކަން އޭނާ އަށް ޔަޤީނާހާ ގާތެވެ. މީކާން އިސްއުފުލާލާ ލެޕްޓޮޕުން ނަޒަރު ދުރުކޮށްލާފައި ޖެހިލުންވެފައި ހުރި ހަމްދާއާއި ޖެހިގެން ހުރި އަންހެންކުއްޖާއާއި ދިމާއަށް ބަލާލެވުނެވެ. ސިލްކު  ފޮތީގެ އޮމާން ރަތް ކުލައަކަށް ދާ ކަކުލުން މައްޗަށް އަރާ ހުރި ހެދުމެއްގައި އެކުއްޖާ ހުރިއިރު އެ ހެދުމުގެ ކަރުވެސް އެހާ ބޮޑެވެ. ވަކިގޮތަކަށް އައްސާފައި ހުރި އިސްތަށިގަނޑުން ފެންނަނީ ކިފުޅިކަމެވެ. ގަދަ ރަތްކުލައިން ތުންފަތް ފަވާލެވިފައިވާއިރު ލޮލު ބޭރުގައި ހުރި ކުލަތަކުގެ އަދަދު ބުނެދެންވެސް ނޭނގުނެވެ. ޓޮއްޓޮއް ގޮއްވަމުން އައި ހަތަރު އިންޗިއަށްވުރެ ކުރުނޫން ރަތް ހީލްގައި އެ ހިކި އިލޯށި ފެންނަނީ ފޫހި ސިފައެއްގައެވެ. އެއްވެސް މީހެއްގެ ސިފައަށް ގޮތްކިޔަން ބޭނުންނުވިޔަސް މީކާންގެ މޫނުމަތިން ފޫހިކަން ހަމްދާއަށް ވެސް ފާހަގަވިއެވެ. ގޮނޑީގައި އިށީންއިރުވެސް ހީވަނީ މީކާންއަށް އޭނާއަށް ލިބިފައިވާ އަންހެންވަންތަ ސިފަތަށް ދައްކުވަން އުޅޭހެންނެވެ.

ކޮންމެ ގޮތެއްވިޔަސް މީކާން އެ ކުއްޖާއަށް ނުބަލަން އިސްޖަހައިގެން އިނދެ ހަމްދާ ދިއްކުރި ފައިލަށް ބަލަހައްޓައިގެން ސުވާލުތަށް ކުރަން ފެށިއެވެ. ވާހަކަދެއްކުމުގައި ގެންގުޅުނު ފޮނިކަމާއި ތުއިކަމާއި ތޫލިކަމުން މީކާން ސުވާލުކުރަންވެސް ފޫހިވިއެވެ. ފަހު ސުވާލު ކުރެވުނީ އެ އަންހެންކުއްޖާ މި ވަޒީފާއަށް ވަނުމުގެ ބޭނުމަކަށްވީ ކީއްވެގެންތޯ އާއި މެދުގައެވެ. އެކުއްޖާ ޖަހާލީ ތޫލި ހިނިގަނޑެކެވެ. “އަސްލު.. އަނެއް… އަޅުގަނޑަށްވަރަށް ކަމުދޭ ހުރިހާ ކަމެއްވެސް… ހާއްސަކޮށް މީކާން ސަރ.. އަޅުގަނޑަށްވަރަށް ގިނައިން ފެނޭ ސަރ. ވަރަށް ރީތިވެސް މެ. އެހެންވެ ބޭނުންވަނީ މި ވަޒީފާއަށް ވަންނަން…” ކުރިމަތީ އިން މީކާންއާއި މެދު ޖެހިލުމެއްނުވެ އެއަންހެންކުއްޖާ އޭނާގެ އަސްލު ބޭނުން އިއްވާލިއެވެ. މީކާންއަށް ދެލޯ ބޮޑުކޮށްލެވިފައި ބަލައިލެވުނީ ހަމްދާއަށެވެ. އޭރު އޭނާގެ މޫނުމަތިންވެސް ފެންނަނީ އެ ހައިރާންކަމެވެ.

“ބުނަން.. މިސް.. އައިޝަތު ސަމާ.. މި ކަމަކީ އެއްވެސް ކުޅިވަރެއްނޫން.. މިތަނަށް ބޭނުންވަނީ ހަމައެކަނި ކިޔަވައިގެން ތިބި މީހުންނެއްވެސް ނޫން.. އުޅުމާއި ސިފަތަކަކީވެސް މިއޮފީހަށް ވަނުމުގެ ކުރިން ބަލާ އެއްޗެއް… އަދި ހާއްސަކޮށް އަޅުގަނޑު ކަމުދާތީއޭ ކިޔާފައި މި އޮފީހަށް ވަނުމަކީ އެއްވެސް ހާލެއްގައި މި ވަޒީފާ ޔަޤީންވާނެ ކަމެއްނޫން… އެންމެ ރަނގަޅު ދިޔަޔަސް..” ހިތްހަމަނުޖެހުމުގެ އަސަރުތަށް ކިތަންމެ ދައްކަން ބޭނުންނުވިޔަސް ގޮށްޖެހިފައިވާ އެ ބުމައިން އެކަނިވެސް އޭނާ އައިސްފައިވާ ރުޅިގަނޑު ފެނެއެވެ. އެ އަންހެންކުއްޖާގެ މޫނުމަތީ ވި ބޮޑައިކަން ފިލައިގެން ގޮސް މިލާ މޯޅިވެގެން ދިޔައީ އުއްމީދު ނުކުރާ ޖަވާބެއް ލިބުމުންނެވެ. “އެކަމް… ފިލްމުތަކުގައި މިހެން ވޭ…! އަހަރެންގެ ކޮން ސިފައެއް ހަޑީ. އަހަރެން…..” އެ ދެލޮލުން ކަރުނަ ފައިބަން ތައްޔާރުވެފައި ހުރިއިރު އޭނާގެ އަނގައިން ނިކުތް ގިނަ ބަސްތަށް އަޑުވެސް ނީވުނެވެ.

“އެއްވެސް މީހަކީ ހަޑިބައެއްނޫން… ހަޑި ސިފަތަކަކީ އެމީހުން އަމިއްލައަށް ހޯދާ އަމިއްލަ ހަށިގަނޑުގައި އަށަގަންނަ ސިފަތަކެއް.. އެންމެ ރަނގަޅު…” މީކާން އެ ބަސްތަށް އިއްވާލުމަށްފަހު މަސައްކަތަށް ރުޖޫއަ ވީ އެ އަންހެންކުއްޖާ އާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. ހަމްދާ ގަދަކަމުން ކަހަލަ ގޮތަކަށް އެކުއްޖާ ކެބިން އިން ނެރުނުއިރު އޭނާ ދިޔައީ ރޮމުންނެވެ. ވާހަކަ ދެއްކިއެއްކަމަކު އޭނާ ކިޔާ ނުކިޔާ އެކަކަށްވެސް ތަރުޖަމާއެއް ނުކުރެވުނެވެ. ފާޑަކަށް ރިއްސާގަތް ބޮލުގެ ނިތުގައި ހިފަހައްޓާލަމުން މީކާން އެތެރެއަށް ވަދެގެން އައި ހަމްދާއާއި ކުރިމަތިލިއެވެ. “އެއީ މީދަލެއްތަ؟؟ އަޑު އެހާވެސް ތޫލި.. އޭނާ ލަދެއްވެސް ނުގަނޭތަ އެހެން ބުނާކަށް… ދެން ހުރީ ކޮންކުއްޖެއް؟ ބުނީމެއްނު އޭނާ ވަރަށް މަޤާމަށް ފިޓޭ.. ދެން ކޮބާ އޭނާގެ މައްސަލައަކީ؟” މީކާން ދެއްކި ވާހަކައަކުން ހަމްދާ ކައިރިއަށް ހިނިއަންނަގޮތްވިއެވެ. އެއަށްފަހު މީކާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަތުގައި ވާ ފައިލް އޭނާއަށް ދިނެވެ. މީކާން ހުޅުވާލަމުންދިޔަ ކޮންމެ ގަނޑަކުން އޭނާގެ ސަމާލުކަން އިތުރަށް އެ ފައިލަށް ދެވުނެވެ. މިމަޤާމަށް އެންމެ އެކަށޭނެ އެއް ކުއްޖެއްކަމުގައި މިކުއްޖާ ވާނެކަން އެނާއަށް ޔަޤީނާހާ ގާތެވެ.

“އެހެންވީމަ މިކުއްޖާ ނަގަންވީއެއްނު.. އަދިވެސް ނުބުނަމެއްނު އޭނާގެ މައްސަލައެއް…” މީކާން ހަމްދާއަށް ބަލައިލިއެވެ. ހަމްދާވެސް ހުރީ އެ ކުއްޖާއާއި މެދު ވަރަށް ހިތްހަމަޖެހިފައި ވިއެއްކަމަކު މީކާން ކައިރި އެވާހަކަ ބުނަން އޭނާ ހުރީ ޖެހިލުންވެފައެވެ. މީކާން އަކީ މީހެއްގެ ހާލަތަކަށް ވިސްނައިގެން ކަމެއްކުރާ މީހެއްނޫންކަމުން، މީކާން އެކަމާއި މެދު ބުނާނެ އެއްޗެއް އޭނާއަށް އިނގެއެވެ. “އޭނާ އަކަށް ވާހަކައެއް ނުދެއްކޭ…” ނުތަވަސްވެފައި ހުރި ހަމްދާގެ އަނގައިން އެ ބަސްތަށް ނިކުތުމާއި އެކު މީކާން ގެ ހަރަކާތްތަށް ހުއްޓުނެވެ. ޝައުގުވެރިކަމާއި އެކު ގަނޑު އުކަ އުކާފައި ބަލަމުންދިޔަ ފައިލުން ނަޒަރު ވަކިކޮށްލެވުނެވެ.

“އީރަމް އިސްމާއީލް…” ފައިލުގައި ޖަހާފައި އިންނަމަށް މީކާން ބަލައިލީ ދެނެވެ. ހަނދާނުން ކައްސާލެވިފައިނުވާ ކުޑައިރުގެ ދުވަހެއްގައި އެކަހަލަ ނަމެއް އިވުނު ހެން އޭނާއަށް ހީވިއެއްކަމަކު އެއީ ކާކުކަމެއް އަދި ކާކާއި ގުޅިގެން އައި ނަމެއްކަމެއް ހަނދާނަކަށް ނައެވެ. މިކަމާއި ވެގެން އެކުއްޖާއާއި ބައްދަލުކުރުމުގެ ޝައުގު އުފެދެންފެށިއެވެ. ކިޔެވުމުގެ ފެންވަރު ރަނގަޅުވެފައި މަޤާމަށް އޭނާ ކިތަންމެހާވެސް ފިޓެވެ. “އޭނާ އަށް ދައްކާ ވާހަކަ އަޑުއިވޭ.. ހަމައެކަނި ވާހަކަ ނުދައްކަނީ..ފައިލުގައި އިން އޭނާ ކުރީގައި މަސައްކަތް ކުރި ތަނެއް، އެ ތަނަށް ގުޅާލާފަ މައުލޫމާތު ހޯދީމަ ބުނި އޭނާ ވަރަށް ރަނގަޅޭ، ވާހަކަ ނުދެއްކުނަސް މަސައްކަތްތަށް ހަމަބަރާބަރަށް ގެންދެޔޭ.. ދެން އޭނާ އެ ވަޒީފާއިން ވަކިވީ ކިހިނެއްވެގެންތޯ ސުވާލުކުރީމަ އެކޮޅުން ބުނި އެތަނުގެ މުވައްޒަފުންގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ ފުރައްސާރަތަކަކުންނޭ.. އޭނާގެ މައްސަލައެއް އެކަމުގައޮ އޮވެގެންނެއް ނޫނޭ..” ހަމްދާ ނިކުތުމުގެ ކުރިން އެހެން ބުނުމުން މީކާން ބޯޖަހާލިއެވެ. ތައުލީމީ ފެންވަރު ރަނގަޅުވިއެއްކަމަކު މިހުންނަ ކުދި ކުދި ކަންތައްތަކަކީ އޭނާ ޤަބޫލުކުރާ ކަންތައްތަކެއްނޫނެވެ. މިބުނާ އަންހެންކުއްޖާގެ މަސައްކަތުގެ ތަޖުރިބާވެސް ރަނގަޅެވެ. މީހަކު ނެތްތާނގައި އެކުއްޖާ ނެގުން ރަނގަޅުވާނެބާއެވެ؟

ސުވާލުތަކެއްގައި ބަނދެވެމުންދިޔަ މީކާން ދޮރާއި ދިމާލަށް ބަލައިލީ ދޮރު ހުޅުވިގެންދިޔުމާއި އެކުގައެވެ. ހަމްދާގެ ފަހަތުން މަޑު ހިނގުމެއްގައި އެތެރެއަށް ވަދެގެން އައި ރީތި އަންހެންކުއްޖާ ފެނި މީކާންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ހަމުގެ ކުލަ އަލިވެފައި މޫނުމަތި އޮމާނެވެ. ފަން އިސްތަށިގަނޑު އައްސާލެވިފައިވާއިރު ލައިގެން ހުރީ އާދައިގެ ދިގު ގަމީހެކެވެ. ބަލާލަން ރީތިވެފައި ސާފުތާހިރެވެ. އީރަމް ފެނުމާއި އެކު އޭނާއަށް މާޒީ އެ ހިތި ދުވަސްތަކުގެ މަތިން ހަނދާނަށް އައުމާއި އެކު ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނެވެ. ދުވަހަކުވެސް މީހަކު ފެނިގެން މާޒީގެ އެ ދުވަސްތަށް ހަނދާނަށް ނާންނައިރު އީރަމް ގެ ނަމާއި އެ ސޫރަ އެ މާޒީގެ ސޮފުހާތަކަށް ބެލުމަށް މަޖުބޫރުކުރަނީ ކީއްވެހެއްޔެވެ؟ އީރަމްގެ މޫނުމަތީ ދަންނަ ސިފަތަކެއް ޖެހިއެއްކަމަކު އެއީ އޭނާ ދަންނަ ކުއްޖެއްނޫނެވެ. އެއީ އޭނާގެ މާޒީގެ އެންމެ ބޮޑު ރޯލު އަދާކުރި ފަރިކަމަނާއެއްނޫނެވެ.

އީރަމް އިސްއުފުލާލުމެއްނެތި މީކާންގެ ކުރިމަތީ އިން ގޮނޑީގައި އިށީނދެލުމަށްފަހު ފުންނޭވަޔަކާއި އެކު ތައްޔާރުވެލިއެވެ. ވަޒީފާއަކަށް ބޭނުންވެފައި ހުރި އީރަމްއަށް މި ވަޒީފާވެސް ލިބޭނެކަމާއި މެދު ޝައްކެވެ. އެތަށް ދުވަހެއްވަންދެން މަސައްކަތް ކުރަމުން ދިޔަ ތަނުން ކެނޑުނުތާ ދެމަސް ފާއިތުވީއިރު އެތަށް ތަނަކަށް އޭނާ ވަނީ ފޯރމުލާފައެވެ. ކޮންމެ ތާކުންވެސް ލިބެނީ އެއްޖަވާބެކެވެ. ތައުލީމާއި މެދު ކިތަންމެ ހިތްހަމަޖެހުނެއްކަމަކު އީރަމްގެ އެ ނުކުޅެދޭ ސިފައަކީ އެމީހުން ގަބޫލުކުރާ ކަމެއްނޫންކަމަށް ބުނަމުންދިޔައެވެ. އެތަށް އަހަރެއްވަންދެން ކިޔެވައިގެން ލިބުނު ރަނގަޅު ނަތީޖާވެސް މިއަދު އޭނާއަކަށް އެހީއެއްނުވިއެވެ. ސުވާލުކޮށް އެކުއްޖާ ފަރަތުން ޖަވާބު ހޯދާނެ އަދި އިންޓަވިއު ކުރާނެ ގޮތެއް ނޭނގިފައި އިން މީކާން ހަމްދާއަށް ކަޅި އެއްލިއެވެ. އޭނާ ސިކުނޑިވެސް ދެޚިޔާލެއްގައި ވީ އީރަމް އަށް ވާހަކަނުދެއްކޭއިރު މަސައްކަތުގެ މައިދާނުގައި އޭނާ ކުރިއަށް ދާނެ ގޮތެއް ނޭނގޭތީއެވެ. އޭނާ ވަޒީފާއަށް ވަދެއްޖެނަމަ ފަހަރުގައި އޭނާ ބެލުމުގެ ޒިންމާވެސް އޮފީހަށް އަތުވެދާނެއެވެ. އޭނާ ހޮވާލެވޭ މަޤާމުގެ މަސައްކަތް އިތުރު ބަޔަކަށް ބަހާލަންޖެހިދާނެއެވެ. އެކަން އެގޮތަށް ވެއްޖެނަމަ މުވައްޒަފުންނަށް އެލިބެނީ އިތުރު ބުރައެކެވެ. ނަމަވެސް ހަމްދާ ބުނިފަދައިން އީރަމްގެ މަސައްކަތުގެ ތަޖުރިބާ ރަނގަޅެވެ. ކުރިން މަސައްކަތްކޮށްފައިވާ ކުންފުންޏަކީ އޭނާ ދަންނަ ތަނަކަށްވެފައި އެތަނުން އީރަމްއަށް ތައުރީފު ލިބުމުން އީރަމް ރަނގަޅުވާނެކަމަށް އޭނާއަށް ގަބޫލުކުރެވެމުންދިޔައެވެ.

“އަހަރެން ސުވާލުކުރީމަ ޖަވާބު ދޭނީ ކިހިނެއް؟” މީކާން ގެ އެސުވާލުން އިސްޖެހިފައި އިން އީރަމް އިސްއުފުލާލާ މީކާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އީރާމް އަވަސްއަވަހަށް އޭނާގެ ދަބަހުން ކުޑަ ނޯޓު ޕެޑެއް ނަގައި އަވަސް ލިޔުމަކުން އެ ގަނޑު ފުރާލާފައި މީކާންއަށް ފެންނާނެހެން މެޒުމަތީ ބާއްވާލިއެވެ. ހަމްދާވެސް ކައިރިވެލާފައި އެއަށް ނަޒަރު ހިންގާލިއެވެ. “އަޅުގަނޑަށް ވާހަކަނުދެއްކުނަސް ދައްކާ ވާހަކަ ސާފުކޮށް އިވޭ… ބޮލުގެ އިޝާރާތުން ޖަވާބުދެވޭ.. އަތުގެ އިޝާރާތުން ޖަވާބުދެވޭ.. ލިޔުމުން ޖަވާބުދެވޭ..އަޅުގަނޑު ގަބޫލުކުރަން މި ނުކުޅެދޭ ކަމަކީ އަޅުގަނޑު މި ވަޒީފާއަށް ހޮވަން ވަރަށް އުނދަގޫވާނެ ކަމެއްކަން.. އެކަމް އަޅުގަނޑު ގެ އެންމެ އުނި ސިފައަކުން އަޅުގަނޑު ގެ އެހެން ހުރިހާ ސިފަތަށް ޖަޖް ނުކުރޭ….” އީރަމްގެ ޖަވާބުގައިވާ ކެރުމަކީ މީކާންއަށް އެންމެ ކަމުދިޔަ އެއްކަމެވެ. ވާހަކަނުދެއްކުނަސް އޭނާ އެ ސިފައާއި މެދު ލަދުނުގަންނަކަން ދިޔައީ ހާމަވަމުންނެވެ. އީރަމް ދައްކަމުން ދިޔަ ސިފަތަށް މީކާންގެ ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ. ބޮލުގެ އިޝާރާތުން ޖަވާބުދެވޭ ފަދަ ސުވާލުތަށް މީކާން ކުރަން ފެށިއެވެ. އަދި ހިތްހަމަޖެހޭވަރުގެ ޖަވާބުވެސް އީރަމްގެ ފަރާތުން އޭނާއަށް ދިޔައީ ލިބެމުންނެވެ.

“އީރަމް މިވަޒީފާއަށް ހޮވިއްޖެނަމަ މި އޮފީހަށް ލިބޭނީ ކޮން ފައިދާތަކެއް؟ މި އޮފީހަށްޓަކައި އީރަމް އަށް ކޮށްދެވޭނީ ކޮންކަމެއް؟” ފަހު ސުވާލު ތަފާތުކޮށްލަމުން މީކާން އެހެން އެހީ ސީދާ އީރަމްއަށް ބަލަހައްޓައިގެން އިނދެއެވެ. އީރަމް އޭނާއާއި ހަތަރުކަޅި ހަމަކުރަން ފަސްޖެހޭކަން އޭނާ އަށް ދިޔައީ އިންޓަވިއުގެ ތެރެއިން ފާހަގަކުރެވެމުންނެވެ. އީރަމް ނޯޓު ފޮތުގައި ލިޔުނު އެއްޗެއް ކިޔާލާފައި މީކާންއަށް ހިނިތުންވެވުނެވެ. އެއަށްފަހު އީރަމް ކައިރި ޖަވާބު ދެދުވަސްތެރޭ ނުވަތަ އޭގެ ކުރިންވެސް ލިބޭނެކަމަށް ބުނަމުން ވަކިވެލިއެވެ. އީރަމްގެ ފޮތް އޭރުވެސް އެ އޮތްގޮތަށް މޭޒުމަތީ އޮތެވެ. ދުވަހަކުވެސް މީހެއްގެ ފަރާތުން ކަމެއްވެގެން އެފަދަ މައުނަވީ ހިނިތުންވުމެއް ދައްކައިނުލާ މީކާންއަށް ހަމްދާ ބަލަހައްޓައިގެން ހުރީ ހައިރާންކަމާއި އެކުގައެވެ. އޭނާއަށްވެސް އީރަމްގެ ޖަވާބުތަށް ކަމުދިޔައެވެ. ނަމަވެސް މަސައްކަތުގެ މައިދާނުގައި އޭނާއަށް އެތަށް ދަތިކަންކަމާއި ދިމާވާނެކަން އޭނާއަށް އިނގެއެވެ. ހަމައެހެންމެ އެހެން މުވައްޒަފުންނަށްވެސް ދިމާވާނެކަމަށް ހީކުރެވުނެވެ. “އަޅުގަނޑުގެ އަނގައިން އަޑެއް ނުނިކުތަސް މިއަތާއި ދެފައިންކުރެވެންހުރި ހުރިހާކަމެއް މި އޮފީހަށްޓަކައި ކޮށްދޭނަން.. އޮފީހަށް ފައިދާވާނެ ކޮންމެކަމެއްގައި އަޅުގަނޑު ހިއްސާވާނަން އަދި ދިމާވާ ކޮންމެ ދަތި ކަންތައްތަކުގައި ބައިވެރިވެ އެކަން ރަނގަޅުކުރަން ކުރާނެ ހުރިހާ ކަމެއްގައި ހިއްސާވާނަން..” އީރަމްގެ ފޮތުގައި ލިޔެފައިވެއެވެ.

“ކުރިއަށް އޮތް ފަސް މިނެޓް ތެރޭ އެންމެން މީޓިން ހޯލްއަށް އައުމަށް އަންގާ… އަހަރެން ބޭނުން މިކަން އެންމެންނާ ހިއްސާކޮށްގެން ގޮތެއް ނިންމަން..” މީކާންގެ އެ އާދައަކީ ހަމްދާއަށް އެންމެ ކަމުދާ އެއްކަމެވެ. މޫނުމަތީ ސީރިއަސްކަން ހުރެފައި އޭނާގެ ހަރަކާތްތަކުގައި ހަރުކަށިކަންވިއެއްކަމަކު މީކާންއަކީ މުވައްޒަފުންނާއި މެދު ވިސްނާ މަސައްކަތް ކުރިއަރާނޭ ގޮތަކަށް އެންމެންނާއި މަޝްވަރާކޮށްގެން ކޮންމެ ނިންމުމެއްވެސް ނިންމާ ރަނގަޅުވެރިއެކެވެ. ދެރައީ މީކާން ގެންގުޅޭ އެ ހަރުކަށިކަމެވެ. އެކަމާއި ވިދިގެން ބައެއްފަހަރު މުވައްޒަފުންނާއި ކުރިމަތިވާ ދަތި އުނދަގޫތަކެވެ. އެމީހުންގެ ހާލަތަށް ނުވިސްނާ ކިޔާ އެއްޗެއްސެވެ. އޮފީހުގެ މާހައުލު ކިތަންމެ ރަނގަޅުކުރަން މީކާން ބޭނުންވިއެއްކަމަކު އެންމެ ފުރަތަމަ ކުރަން ޖެހޭ އެއްކަމަކީ މުވައްޒަފުންނާއި ދޭތެރޭ އޮތް ގުޅުން ރަނގަޅުކުރުމެވެ. އެނޫންހުރިހާ ކަމެއް އޭނާ ކުރަނީ ވަރަށް ފުރިހަމައަށެވެ. އެންމެންނަށްވެސް އިނގޭ ބޮޑު ސިއްރަކީ މީކާން މީހަކާއި މެދު ނުވިސްނިޔަސް އޮފީހާއި މަސައްކަތްތަކާއި މެދު ވިސްނާ ވިސްނުމާއި ކުރާ ކަންތަށް ފުރިހަމަވެފައި ފައިދާކުރާކަމެވެ. އޭނާ ގެންގުޅޭ އުކުޅުތަކާއި ދުރަށް ވިސްނާ ވިސްނުމަކީ މުވައްޒަފުންގެ ތައުރީފުވެސް އޭނައަށް ލިބޭ އެއްކަމެވެ.

މީޓިންރޫމްގައި އެންމެން ހަމަވަންދެން މީކާން އިންއިރު ގަޑިއަށް އޭނާ ހުރީ ނަޒަރު ހުއްޓާލައިގެންނެވެ. ގަޑިއަށް ފަރުވާބަހައްޓާ މީކާން ފަސްމިނެޓް ހިނގުމާއި އެކު ސަލާމުގެ ބަރަކާތުން އެންމެންނާއި ކުރިމަތިލިއެވެ. އޭނާގެ ކޮންމެ އާދައެއް ރަނގަޅަށް ދަސްވެފައި ތިބި މުވައްޒަފުންވެސް ސަލާމަށް ޖަވާބުދާރީވީ ހިނިތުންވުމަކާއި އެކުގައެވެ. “މި ކުޑަ ބައްދަލުވުން އެހާ ކުއްލިގޮތަކަށް ބާއްވާލަންޖެހުނީ ވަރަށް ކުޑަ ކުޑަ ކަމެއް ހިއްސާކޮށްލަން.. މިހާރު އެންމެންނަށްވެސް އިނގޭ ކަމެއް އެއީ މި އޮފީހަށް އެސިސްޓެންޓެއް ބޭނުންވާކަން.. ހަމްދާގެ މަސައްކަތްވަރަށް ރަނގަޅު އެކަމް އެނޫނަސް އަދި އެކަކު މިކަމަށް އެބަޖެހޭ އައްޔަންކުރަން.. ވިޔަފާރި ފުޅާވާވަރަކަށް މުވައްޒަފުން ބޭނުންވާނެ.. ތަން ބޭނުންވާނެ.. ރަޝީދުތަށް ބަލަހައްޓާ ލިޔެކިޔުންތަށް ބަލަހައްޓާ މީހަކު ބޭނުންވާނެ.. މިއަދު ކުރިއަށް ދިޔަ އިންޓަވިއުގައި މިވަނީ އެއްކުއްޖަކު ވަރަށް ބޮޑަށްވެސް މި މަޤާމަށް ފިޓުވެފައި.. ކިޔެވުމުގެ ފެންވަރާއި އެއްވަރަށް ތަޖުރިބާވެސް ރަނގަޅު ކުއްޖެއް..”

“ސަރ.. އަޑުއިވުނުގޮތުގައި އެކުއްޖާއަކީ ވާހަކަނުދެއްކޭ ކުއްޖެއް… އެއްވެސް މުއާމަލާތެއް ކުރެވެން ނެތިއްޔާ ކިހިނެއް؟” މެނޭޖަރުގެ ސުވާލުން އެންމެންވެސް އެދިމާލަށް ކަޅި ހުއްޓާލާފައި އޭގެ ޖަވާބުދޭން ތައްޔާރުވި މީކާންއަށް ބަލައިލިއެވެ. “ރަނގަޅު ވާހަކައެއް.. އެކުއްޖާއަކަށް ވާހަކައެއްނުދެއްކޭ، އެކަމް ކިޔާ އެއްޗެއް އަޑުއިވި އެއަށް އަމަލުކުރެވޭ.. މިގަޑީގައި އަހަރެމެން މި ބޭނުންވަނީ ހުސްއަނގަ ތަޅަން އިންނަ ކުއްޖެއްނޫން.. ބޭނުންވަނީ އަތުގެ މަސައްކަތް ހަލުވި ލިޔެކިޔުމާއި އެހެނިހެން އެއާއި ބެހޭ މަސައްކަތްތަށް ކުރެވޭ ކުއްޖެއް.. ނޫންތަ؟ އެކުއްޖާގެ ތަޖުރިބާއަށް ބަލާފަ މި ގޮތަށް މި ބުނެވެނީ.. އަބަދުވެސް ކަންތަށްކުރާހެން މިފަހަރުވެސް ބޭނުންވީ މަޝްވަރާކޮށްލަން..”

“އަޅުގަނޑަށް ފެންނަނީ ދެ ހަފްތާވަރު ބަލާލަން އޭނާ ސީދާ ރަސްމީކޮށް ވަޒީފާ ހަވާލުކުރުމުގެ ކުރިން…. އޭނާގެ މަސައްކަތް ބަލާލާފައި ގޮތެއްނިންމަން.. އެއީ ކުރީގައި މަސައްކަތް ކުރިތަނާ މިތަނާ ތަފާތުވީމަ އޭނާގެ މަސައްކަތްތަށްވެސް ތަފާތުވެދާނެ..” މެނޭޖަރުގެ ނިންމުމާއި މެދު އެތަށް މުވައްޒަފުންތަކެއް ތާއިދުކުރިއެވެ. މީކާންއަށްވެސް އެ ވިސްނުން ކަމުދިޔައެވެ. މީޓިން ނިންމާލުމުގެ ކުރިން އޮފީހަށް ގެނެވޭނެ ބައެއް ބަދަލުތަކުގެ ވާހަކަ މީކާން ދެއްކިއިރު މަތިން ހުސްކުރެވެން ފެށިފައިވާ ފަންގިފިލާއަށް ވަރަށް އަވަހަށް އޭނާގެ ކެބިންއާއި އެކު މީޓިން ރޫމްއާއި ބައެއް އިސް މުވައްޒަފުންގެ ކެބިންތައް ބަދަލުކުރެވޭނެ ވާހަކަ އޭނާ ބުންޏެވެ. އެއާއި ގުޅިގެން ފުރަތަމަ އަދި ދެވަނަ ފަންގިފިލާއަށް އަންނާނެ ބަދަލުތަކާއި، އެމަސައްކަތަށް ހުރިހާ އެންމެންގެ އެހީ ބޭނުންވާނެކަމަށް އޭނާ ބުނުމުން އެންމެންވެސް އެކަމަށް ހޭވައްލާ ތައްޔާރުވިއެވެ. ޖާގައިގެ ދަތިކަމާ ހެދި އެންމެންވެސް ވަރަށް ޝަކުވާކުރެއެވެ. މީކާންގެ މި ނިންމުމާއި މެދު އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ.

“އެކުއްޖާއަށް ނުވާނެ އެއްވެސް ކަމެއް ފޮރުވައިގެންނެއް.. ބުނާތި މިކޮޅުން އޭނާގެ ޓްރެއިނިން ކުރިއަށް ގެންދާނޭ ދެ ހަފްތާވަންދެން.. ރަނގަޅުވެއްޖެނަމަ ވަޒީފާ ހަވާލުކުރެވޭނޭ.. އެހެންވީމަ މާދަމާއިން ފަށައިގެން އައުމަށް ބުނޭ..” މީކާން ބުނި ބުނުމަށް ހަމްދާ އެކަން ނިންމާލުމަށް އަވަސްވެގަތެވެ.

……………..

ހަނި ގޯޅިތެރެއިން ސިޑިބައްރިއަކުން މައްޗަށް އަރަމުން ދިޔަ އީރަމްގެ ސިކުނޑީގައި އެތަށް ކަމެއްދިޔައީ ހިނގަމުންނެވެ. އެހުރިހާ ކަމެއްވެސް ގުޅިފައިވީ ދާދިދެންމެއަކު ނިންމާލި އިންޓަވިއުއަކުންނެވެ.  ކުޑަ ތަޅުދަނޑިއެއްގެ އެހީގައި އެތެރޭގެ ދޮރު ހުޅުވާލާފައި އީރަމް އެތެރެއަށް ވަނެވެ. “ކޮބާ ކިހިނެއްދިޔައީ؟ ހީވޭތަ ރަނގަޅުވާނެހެން؟” ކޮޓަރިއަށް ވަނުމުގެ ކުރިން އީރަމް އާއި ކުރިމަތިލި އޭނާގެ ދޮންބޭބެއާއި ދޮންމަންމަގެ ޖަވާބަށް އީރަމް ބޯޖަހާލިއެވެ. ދޮންބޭބެ، ސާނިހު، ރީތި ހިނިތުންވުމަކާއި އެކު އީރަމްގެ އަތުގައި ހިފާ އިނގިލިތަކާއި ކުޅެލިގޮތުން އީރަމް އަށް އުނދަގޫވެ އޭނާގެ އަތް ދަމައިގަތެވެ. ސާނިހުގެ ފަރާތުން އެންމެ ކުރީންސުރެވެސް މި ފެންނަ ނުބައި އަމަލުތަކާއި މެދު އީރަމް ކިތަންމެހާވެސް ހިތްހަމަނުޖެހި ރުޅިއާދެވެއެވެ. ވަޒީފާ ލިބި ހުރިހާ ކަމެއް ހަމަޖެހުމާއި އެކު އޭނާ ދޮންމަންމައާއި ވަކިން އެހެންތަނެއްގައި އުޅުމަށް ނިންމިއެވެ. އަބަދަކު ދޮންމަންމަ ކައިރިއަކު އޭނާއަކަށް ނޫޅެވޭނެއެވެ. ހާއްސަކޮށް ދޮންމަންމަ އެހެން މީހަކާއި އިނުމަށް ނިންމާތީއެވެ. އޭގެ ކުރިން އޭނާ ހުރީ ވަޒީފާއެއް ބޭނުންވެފައެވެ. ދޮންމަންމަ އޭނާއާއި މެދު ކިތަންމެ ރަނގަޅަށް ކަންތަށް ކޮށްފައިވިއެއްކަމަކު އިތުރަށް އެ ދިރިއުޅުމުގައި އޭނާ ހުންނަން ބޭނުންނުވަނީ އައު ދިރިއުޅުމަކަށް އެޅޭނެ ހުރަހަކަށް އޭނާ ނުވުމަށެވެ.  އަމިއްލަ ނުކުޅެދޭކަމެއްގެ ސަބަބުން އެ ލޮބުވެތި ދޮންމަންމައަށް އިތުރު ދުއްތުރާތަކެއް ދޭހިތެއް އޭނާ ނުވެއެވެ.

ކޮޓަރިއަށް ވަދެ ހަމަނުޖެހެނިސް ފޯނަށް އައީ މެސެޖެކެވެ. އިންޓަވިއުގެ ޖަވާބު ހަމްދާގެ އަމިއްލަ ނަމްބަރުން ފޮނުވާނަންކަމަށް ބުނެ އީރަމްގެ ފޯނުގައި ސޭވްކޮށްފައިވުމުން އެ ލިބުނު މެސެޖުވީ ހަމްދާގެ ނަންމަތީގައެވެ. އަވަސްހިތަކާއި އެކު ފޯނު އަންލޮކް ކޮށްލާފައި އީރަމް މެސެޖުކިޔާލިއެވެ. މެސެޖުގައިވި އުފާވެރި ހަބަރާއި އެކު އޭނާއަށް އެތަކެއް ފަހަރު ވެރި ރައްބަށް ހަމްދުކުރެވުނެވެ. ވަޒީފާ ޔަޤީންނުވިއެއްކަމަކު އޭނާ އެ ލިބުނު ދެހަފްތާގެ ބޭނުން ރަނގަޅުގޮތުގައި ހިފާ އެ ވަޒީފާއަކީ އޭނާއަށް އެކަށޭނެ ވަޒީފާއެއްކަން ދައްކަން ހިތުގެ އަޑިން އަޒުމްކަނޑައެޅިއެވެ. މީހުންނާއި ކުރިމަތިލާ ހެދުމަކީ އީރަމް ކުރަން ކިތަންމެ ބޭނުންނުވާ ކަމަކަށްވިއެއްކަމަކު އެކަމަށްވެސް އޮތް ބިރުކަނޑުވާލީ ދިރިއުޅުމަށްޓަކައެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން ދޮންމަންމަގެ ބޮލުގައި އޭނާގެ ޒިންމާ އެޅިފައިވުމުން އެޔަށް ލުޔެއް ހޯދުމަށް އެންމެ ފުރަތަމަ އަދާކުރި ވަޒީފާގައި ހަރުލާ ހުރިއެއްކަމަކު އޭނާގެ “އެންޓި ސޯޝިއަލް ސެލްފް” އެކަމަށް ހުރަސްއެޅިއެވެ. މީހުންގެ ފުރައްސާރައާއި ދުއްތުރާތަށް ލިބުމުން އިތުރަށް އެތަނުގައި ކެތްނުކުރެވި ކެނޑެންމަޖުބޫރުވީ ހިތްވަރު އެލިގެންނެވެ. ނަމަވެސް ދެވަނަ ފަހަރަށް ހިތްވަރު އާލާކޮށް އެތަށް ވަޒީފާތަކަކަށް ލީ އަމިއްލަ ނަފްސުގެ ކުރިމަތީ އަގުވައްޓާނުލުމަށެވެ. މިއަދު އޭގެ ފޮނި މޭވާ ލިބުނެއްކަމަކު އަދި އޭގެ ރަހަ ލާވަރު ވާނީ އޭނާ ހިތްވަރާއި އެކު މި ދެހަފްތާތެރޭ އޭނާގެ ވަޒީފާ ކަށަވަރުކުރެވޭވަރަށް މަސައްކަތްކުރެވުމުންނެވެ. މަސައްކަތުގެ މައިދާނުގައި އޭނާއަށް ލިބޭނެ އައު ތަޖުރިބާއެއްކަމަށް އެކަން ދެކި އެ މަސައްކަތް ރަނގަޅަށް ކުރުމަށް އޭނާ އަޒުމްކަނޑައެޅިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Ryn

    Salaam everyone.
    Its midnight and I couldn’t wait to post it! I was too excited. I have been writing a lot of drafts and a lot of stories which I couldn’t complete. But well, this story was very much close to me and it is almost done so i think i will upload it daily. If not Once in two days. ANYWAYS, how are you all? Rangalhutha? Also lets wait inside our house and avoid being in contact with people until things get okay around us. Love you all. Goodnight!! <3

  2. Anonymous

    Yayyy my favorite author is back. Missed you ryn v balan abadhuves ryn ge story eh up veytho. Finally 2 yrs ge inthizaaruge nimun. Glad to see that ur back. Just loved this story too. Be safe inge ryn. Love you ❤

    1. Ryn
      Anonymous

      That’s very sweet of you. And yes it’s been two years already and I have missed this site and writing stories. I’m glad that I continued. Thankyou so much. Be safe ❤️

  3. Shayaalyn

    Wow it’s wonderful ❤️❤️❤️ varah thafaathu vaahakaeh hen heevanee curiously waiting for next part. When next part? ?

    1. Ryn
      Shayaalyn

      Thankyou. I’ll try to upload it tonight in sha Allah. ❤️

  4. Shaa

    Omg..yayyyy ryn u r back..and i m sure u r back with an amazing stry…words can’t express how much happy i m to have u back in esfiya…really dhn nujeheyne esfiya in kiyaane vhk eh nethigen ulheykah…like everyday i m wishing esfiya hulhuvaalaairu ryn ge stry eh innaane nama ey….and finally its here….abt the stry there is nothing to tell…its that beautiful…sifa kurun thah ves and also i really liked the name MEEKAAN..ik this stry will be mesmerizing as the other stries…lysm..

    1. Ryn
      Shaa

      Alhey that’s so sweet I was really excited to publish the story as it’s been two years already. Thankyou so much for the kind words and for reading as well. I’ve always loved the name meekaan tho ? thankyou once again love ya ❤️

  5. magnumm

    feshun hama varah cute?????dhen in part vx hama mihaa cute vaane kamah heekuran????whn next rynn???????waiting ngey…purple u gurl????n b safe ngeyyy

    1. Ryn
      magnumm

      Tonight in sha Allah. Thankyou so much. Purple you more.. <3 Be safe

    2. magnumm
      magnumm

      u thy army eh tha??juss askinn??..n also kiihve tha cover ah jungkook men kahala hot gola eh nuly…I was wishing…ekm vx dhn k vaane?

  6. Imkko

    Maasha allah … this story is way more interesting and awesome than i thought it would be …. great work dear … sifakurun v reethi …. hama ekani mi part kiyaigenves lolun fen aissi …. love this story already ❤❤❤❤❤❤

  7. saaaa

    kuryge bayakaa ehvx gulhumeh nei .. kihineh vegen??

  8. Loabi

    Wowww haadha nice ey

Comments are closed.