“ހަމްމް.. ކޮބާ؟ ކިހިނެއްވަނީ ވިޔަފާރި؟ ރަނގަޅުތަ؟ ރަނގަޅު ނުވިއްޔާ ވިއްކާ ތަކެތި ރަނގަޅުކޮށްލާ..” އަނގަފުރާ ދުފާލައިގެން އިން މުނާ ވާހަކަދައްކަމުން ދިޔައީ ފޯނު ކަންފަތުގައި ޖަހައިގެން އިނދެއެވެ. ކެއުމަށްފަހު އާދަކޮށް ދުފާލެވޭ އެތިކޮޅު ހަފާލަ ހަފާލަ އެތަށް އިރަކު އޭނާއަށް އިނދެވެއެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކަށް ގެއްލިހުސްވެފައި އިން މުނާއަށް މީކާން ވަދެގެން އައިކަންވެސް އިނގުނީ އޭނާ ކުރިމައްޗަށް ހުއްޓި އަތުން އިޝާރާތްކޮށްލުމުންނެވެ. މީހާގެ ނޭވާ އެތެރެހަށީ ތާށިވީފަދައިން މުނާގެ ހަރަކާތްތަށް ހުއްޓި ސިހުނެވެ. ފޯނު ކަންފަތުން ނައްތާލަމުން ކަނޑާލީ މީކަންއަށް އަވަސް ނަޒަރެއް ދެމުންނެވެ. “ކޮން ވިޔަފާރިއެއް މަންމާ؟” ރިވެތި ހިނިތުންވުމަކާއި އެކު މީކާން އެ ސުވާލުކުރުމުން މުނާގެ އެތެރެހަށީގައި ތާށިވި ނޭވާ ލުއިގޮތަކަށް ނިކުތެވެ. މީކާންއަށް މާބޮޑު އެއްޗެއް ދޭހަނުވާކަން އެނގުމުން ދެން އަވަސްވެލީ އެޔަށް ދޭނެ މޮޅު ޖަވާބެއް ތައްޔާރުކޮށްލާށެވެ.
“އެންޖީއޯ އާއި ގުޅެންވެގެން ބޭނުންވާ ބަޔަކު އުޅެނީއޯ.. އެކަމު އެމީހުންގެ ބެކްގުރައުންޑު ކަމަކުނުދޭ.. ޖުވާ ކުޅުމާ މަނީ ލޯންޑަރިންގެ ވަރަށް މައްސަލަތަށް އޮވޭ އެމީހުންގެ… އެކަމް މަންމަ ވަގުތުން ނޫނެކޭ ބުނެފިން. އެމީހުން ކަމެއްކޮށްފާނެބާއޭ ހިތަށްއަރަނީ…..” މުނާގެ ވާހަކަތަށް އަހާފައި މީކާންގެ މޫނުމަތިން ފެނުނީ ހާސްވުމެވެ. ދެބުމަ ގޮށްޖެހިގެން ދިޔައިރު ކަންބޮޑުވުން ފާޅުވަމުންދިޔަ މަންމައަށްޓަކައެވެ. “މަންމާ! އިސްލާމްދީނުގެ އުސޫލަކަށް ނޫނީ ޝަރީއަތަކަށް ގަބޫލުނުކުރާ ހިސާބެއްގައި މަންމަ އެންޖީއޯ އެއް ހުޅުވީމަވެސް ތިކަހަލަ ގޮންޖެހުން ލިބޭނެ… ރާއްޖެ އޮތްގޮތަށް އޮއްވާ މަންމަ ވިސްނީ އިންޑިޔާގައި ތިކަންފަށަން…” މީކާން އެހެން ބުނުމާއި އެކު މުނާ އިސްޖަހާލިއެވެ. އަދި ދެތިންފަހަރު ނޭވައި ދޫކޮށްލުމަށްފަހު މީކާންއަށް އަނެއްކާވެސް ބަލައިލީ ކަރުނަވީ ދެލޮލަކާއި އެކުގައެވެ.
“މަންމައަށް އިނގޭ ދަރިފުޅާ! އެކަމް ކީއްކުރާނީ، އިންޑިޔާއަކީ މަންމަގެ ހިތް އޮތްތަން… އެފަސްގަނޑާއި އެތަނުގައި އުޅޭ ބަޔަކަށް މަންމަގެ ފަރާތުން އެހީއެއް ލިބެންޏާ އެއީ މަންމަގެ މި ހިތަށް ހާދަ ހަމަޖެހުމެއްލިބޭ ކަމެކޭ… މަންމަ ހުޅުވި ކުޑަ ވިޔަފާރި ފުޅާވެ އެ ފައިސާއިން އެންޖީއޯ މި ހިންގަނީ، މީހެއްކައިރިއަށް ނުދަން ސަލާންޖަހާކަށް.. ދަރިފުޅުވެސް މިހާރުތިހިރީ އަމިއްލަ ފައިމައްޗަށް ތެދުވެ.. ދަރިފުޅު ތިވަރު ވީއިރުވެސް މަންމަ ނުދަން އާދޭސްކޮށް ރޯކަށް މީހަކު ކައިރިއަކަށް.. ހަމަ އަމިއްލައަށް ބެލީ..” މުނާ މީކާންގެ އަތުގައި ހިފަހައްޓާލުމަށްފަހު ރޮއެގަތެވެ. މަންމައަށް ކުރި ފުންއަސަރާއި އެކު މީކާން މަންމަގެ ގައިގާ ބައްދާލިއެވެ. އެއަށްފަހު މައާފަށް އެދުނީ މަންމަ ބޭނުންކަމެއް ކުރުމުގެ މިނިވަންކަން ލިބޭނޭ ކަމަށް ބުނަމުންނެވެ. މީކާންގެ ވަރުގަދަ ކަސްރަތީ ހަށިގަނޑުގައި ހިފަހައްޓާލައިގެން އިން މުނާގެ މޫނުމަތިން ފެނުނީ ވިހަ ހިނިތުންވުމެކެވެ. ކާމިޔާބީ ލިބިގެން އެ ފާހަގަކުރާ އަސަރުތަކެކެވެ. މީގެ އަހަރުތަކެއްކުރިން އޭނާ ވަނީ އެހިތުގައިވާ އަސަރާއި ހަށިގަނޑުގައިވާ އިހުސާސްތަށް ފަސްލާ ފޮރުވާފައެވެ. ހިތް ހަރުކޮށްލެވިފައިވާއިރު އަމިއްލަ ލެއަށްޓަކައިވެސް އޭގައި ކުލުނެއްނުވާނެކަން ޤައިމެވެ.
މުނާއާއި އެކު ވަގުތުކޮޅެއް ހޭދަކޮށްލާފައި މީކާން އޭނާގެ އަމިއްލަ ކޮޓަރިތެރެއަށް ވަނީ ވަރުބަލިކަމާއި އެކުގައެވެ. މަސައްކަތް ކުރާއިރު މެޝިނެއްހެން ކުރިއެއްކަމަކު އެހެންމީހުންނާބަލާފައި މީކާންގެ ސިކުނޑިވެސް އަދި ހަށިގަނޑުވެސް ވަރުބަލިވާލެއް އަވަހެވެ. އަތްފައި ވާޅުވެ މީހާގެ ހިތްއަވަސްވެއެވެ. އެކަން އެގޮތަށް ދިމާވީ ޅަދުވަސްވަރުގައި ދިމާވި ހިތްދަތި ހާދިސާއަކަށްފަހު އޭނާއަށް ލިބުނު ނަފްސާނީ ބަލިކަމެއްގެ ސަބަބުންކަމަށް އޭރު ބެލި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެތަށް އަހަރުތަކަކަށް ދެމިގެންދިޔަ ބޭހާއި ކައުންސިލިންއިންވެސް އޭނާއަކަށް ފައިދާއެއް ނުކުރިއެވެ. އޭގެ ބަދަލުގައި ކުރިމަތިވީ އިތުރު ހިތްދަތިކަމެކެވެ. މީކާންއަށް ވީގޮތް އޭނާ ނޫން އިތުރު މީހަކަށް ނޭނގެއެވެ. ހުދު މުނާވެސް އެކަމާ އަދި އަދަށްދާންދެންވެސް ސުވާލުކުރެއެވެ. ނިންޖާއިނުވެވެސް ދެލޯ މަރާލައިގެން އޮންނައިރު އެތަށް އެތަށް އަހަރުތަކެއް ފާއިތުވެގޮސްފައިވާ މަންޒަރުތަށް ސިފަވަނީ ދާދިދެންމެއަކު ހިނގާދިޔަ ކަންތަށްގަނޑެއްހެންނެވެ. އެކަމާއި ވިދިގެން ދެލޯ މަރާލާ ނިދާލުންވެސް ވަނީ މީކާންއަށް ބޮޑު ދުށްތުރާއަކަށެވެ. ބޭހުގެ އަސަރާއިއެކު ނިދިއްޖެނަމަ އަނެއްދުވަހު ހޭލާއިރު މީހާގެ މޫޑު ހުންނަނީ އެކަށް ގޯސްވެފައެވެ.
“ލަމްޔާ…” ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް މީކާންގެ ދުލުން އެ ނަން ނިކުތީ އިޚުތިޔާރަކާއި ނުލައެވެ. އެނަން ދުލަށް އެންމެ ފަހުން އައި ދުވަހެއް ހަނދާނެއްނެތެވެ. ނަމަވެސް މިއަދު އެނަމާއި އެ ވެރިޔާގެ ކޮށި ހަނދާނެއްވެގެން ދިޔައީ އީރަމް ފެނުމާއި އެކުގައެވެ. އީރަމް އަކީ ދަންނަމީހަކަށްނުވިއެއްކަމަކު އޭނާގެ ބައެއް އާދަތަށް ވެގެންދިޔައީ ލަމްޔާގެ މަތިން ހަނދާންކުރުވި ކަމަކަށެވެ. ލަމްޔާ އަކީ މީކާންގެ ފުރަތަމަ ލޯތްބެވެ. އެ އިހުސާސްތަށް އާލާވެ ކުރިއަރާ ނުފޯދެނިސް ހިތަށްޖެހުނު ލައްގަނޑާއި އެކު އެ ލޯބި އެހިތުތެރޭ އަބަދުމެ އަބަދަށް ފޮރުވިގެންދިޔައީ އެހެންމީހަކަށްވެސް އެއިން ޖާގަނުލިބޭނެހާ ފޫނަށެވެ. އެ ހަނދާންތަކާއި ދުރުވުމަށް އޭނާ ކުރާ މަސައްކަތް އެތަށް ދުވަހަކަށް ކާމިޔާބުވެގެން ދިޔައެއްކަމަކު މިއަދު އަނެއްކާވެސް ލަމްޔާގެ މަތިން ހަނދާން އާލާވަމުންދިޔައީ މިއަދު އެފަކީރު އުޅޭނެގޮތަކާއި މެދު ކަންބޮޑުވެވިގެންނެވެ. ކޮންމެ ގޮތެއްވިޔަސް ދިމާވި ކަމެއް އެ ދިމާވީ ހިތްދަތިގޮތަކަށެވެ. އާއިލާ ރޫޅި ޔަތީމުވެގެން ދިޔައީ ކިތަށް ކުދިންކަމެއް މިހާރަކު ހަނދާނަކަށް ނައެއްކަމަކު އެއިން އެކަކަކީ ލަމްޔާކަން އޭނާއަށް ޔަޤީނެވެ. އަދިއަދަށްދާންދެންވެސް މީކާން އަމިއްލަ ނަފްސު ކުށްވެރިކުރުވަމުން ދިޔައީ އެ ހާލަތުގައިވެސް އޭނާ އަށް އެއްވެސް ފިޔަވަޅެއް ކުރިއަށް ނޭޅުނީތީއެވެ.
“އާހް.. ލަމްޔާ ލަމްޔާ…” ބޮލުގައި ހިފަހައްޓާލާފައި މީކާން ކޮޅަށް ތެދުވީ ހަމަކުއްލިއަކަށެވެ. މާދުރުން ކަޅި އެއްލިތަނާ ފެނުނު އެއްޗަކާއި ދިމާލަށް އޭނާ ދިޔައީ ހަރުފިޔަވަޅުތަކެއްގައެވެ. ކުޑައިރު އޭނާ ގެންގުޅު މެދު ސައިޒުގެ ހިފާ ގެންގުޅޭ “ހަޒާނާ ފޮށި” ނަގާ އެއާއި އެކު އެނބުރި އެނދާއި ދިމާލަށް އައީ ފުންވިސްނުންތަކަކަށް ގެއްލިހުރެއެވެ. އުނދަގުލަކާއި ނުލާ އޭގެ މަތިހުޅުވާލާ މީކާން ނެގީ ކުޑަކުޑަ ރުމާލެކެވެ. ފަތްޖަހާލެވިފައިވާ ރުމާ ނިއުޅުވާލުމާއި އެކު ރީތި އަތުފެހުމަކުން ފަހާލެވި، ފުރިހަމަކުރެވިފައިވާ ސަންފްލާވާރގައި އަތްހާކާލެވުނީ އެ ފެހުމާއި އެ ޑިޒައިނުގައިވާ ފުރިހަމަކަމާއި މެދު މީގެ ކުރިއެކޭ އެއްފަދައިން މިއަދުވެސް ތައުރީފުކުރާ ހާލުގައެވެ. ސަންފްލާވާރ އަކީ ބަލާލަން ރީތިވެފައި އޭގެ ޖާދޫގައި އެތަށް ބަޔަކު ޖައްސާ ރީތިމަލެކެވެ. ކުރީގައި އޭނާ އެއާއި ބެހޭގޮތުން އެއްކުރި މައުލޫމާތުތަކު ތެރޭގައި ސަންފްލާވާރ ގެ އެތަށް އެތަށް މާނަތަކުގެ ތެރޭގައި ތެދުވެރިކަމާއި ވަފާތެރިކަން ވަނީ ހިމެނިފައެވެ. އެންމެ ބޮޑަށް މި ރުމަލުގައި ވާ މަލާއިމެދު އޭނާއަށް ސުވާލު އުފެދެނީ އޭގައި ސަންފްލާވަރ ގެ އަސްލު ކުލަތަކުގެ ބަދަލުގައި ނޫކުލަ އިނުމުންނެވެ. ހޯދި ހޯދުމެއްގައި ބުނާގޮތުގައި ނޫކުލައަކީ ތެދުވެރިކަމާއި، އިތުބާރާއި ވަފާތެރިކަން ހާމަކޮށްދޭ ކުލައެކެވެ. އެ މަލުގައި ނޫކުލަ އިނުންވެގެންދިޔައީ މީކާންގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނު ކަމަކަށެވެ. އެހެންކަމުން އޭގެ ޖަވާބު އޭނާ ބެލީ ނެޓުންހޯދޭތޯއެވެ. ޖަވާބު ސާފުނުވިއެއްކަމަކު އޭގެ ކުލައާއި އެމަލާ ގުޅުމެއްވާކަން އޭނާއަށް ހީވެއެވެ.
އެއާއި ޖެހިގެން ނޫކުލައިން މިވަނީ “އެލް” އަކުރެއް އަތުފެހުމަކުން ފަވާލެވިފައެވެ. އެ އެލް އަކުރު ރަމްޒުކޮށްދެނީ އެންމެ މީހެކެވެ. އެއީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ހިތުގައި ކޮށްޓާލި ހަމައެކަނި އިންސާނާއެވެ. ލަމްޔާއެވެ. ލަމްޔާގެ ހަނދާނެއްގެ ގޮތުގައި އެ ރުމާ ގެންގުޅޭތާ އެތަށް އަހަރެއް ވީއިރުވެސް ލަމްޔާގެ ހަބަރެއް ދަބަރެއް އޭނާއަކަށް ނޭނގެއެވެ. ހިތާމައަކީ އެ ރީތި ކަމަނާގެ ނަން ފިޔަވާ އިތުރު މައުލޫމާތެއް ނޭނގުމެވެ. މިރުމާ އޭނާ އަތުގައި އޮތުން ގުޅިފައިވީ މަޖާ ހަނދާނަކަށްވުމުން އެ ހަނދާން އާވުމާއި އެކު މިލާމޯޅިވެފައިވާ މީކާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
……………………
“ލަމްޔާ!! ލަމްޔާ!!” ސުކޫލު ދަބަސް އަޅުވާލައިގެން ސުކޫލު ބޭރުގައި މަޑުކޮށްލައިގެން ހުރި މީކާން ސިހުނީ އޭނާގެ ދާދި ކައިރިން އަންހެންކުއްޖަކު އެހެން ގޮވަމުން ދިޔަ ތަން ފެނިފައެވެ. އަވީގައި މަޑުކޮށްގެން ހުރިއިރު އޭނާގެ މޫނުމަތީގައިވާ ތާޒާކަން ގެއްލިދިޔައީ ދާހިއްލަން ފެށުމުންނެވެ. އިރުއިރުކޮޅާ އަަތުން މޫނުފޮހެލާފައި އޭނާ ހިޔާގަނޑުގައި ތިބި އަންހެންކުދިންތަކަށް ބަލާލިއެވެ. އޭނާގެ ކަނާތްފަރާތުގައި ތިބި އަންހެންކުދީންގެ ތެރެއަށް އެކުއްޖާ ވަދެގަނެ ހިފެހެއްޓީ މީކާންގެ ދެލޮލުގައި ވަރަށް ގިނައިން އަޅައިގަންނަ ކުއްޖެއްގެ އަތުގައެވެ. ކުދިން ގިނަވުމުގެ ސަބަބުން މާބޮޑު ސަމާލުކަމެއް އެކުއްޖާގެ ހަރަކާތްތަކަށް ނުދެވުނެއްކަމަކު، މިދުވަސްކޮޅު މީކާންގެ ލޮލުގައި އަބަދުހެން އަޅައިގަންނަ ހޫރުޕަރީގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވީތަން ފެނުނީ ދެކުއްޖަކު ދޭތެރެއިން ހެދުނު ކުޑަ ޖާގައެއްގެ ތެރެއިންނެވެ. އެކަމާއި ވެގެން މީކާންގެ ތުންފަތްމަތީވެސް ކުޅެލީ ރީތި ހިނިތުންވުމެކެވެ. “މިއަދު ނަންވެސް މިއިނގުނީތާ… ލަމްޔާ! މި އެންމެންގެ ތެރެއިންވެސް މިކުއްޖާ ލޮލުގައި އަޅައިގަންނަނީ އެކުއްޖާ ރީތިވީމަތަ؟؟” އިނގިރޭސިބަހުން އަމިއްލަ ނަފްސާއި މީކާން ވާހަކަދެއްކީ ދެޖީބަށް އަތްޖަހާލަމުންނެވެ. ސުކޫލު ނިމި އިރުކޮޅެއްވެގެން ދިޔައިރުވެސް އޭނާ ބަލައި އަންނަ ކާރު ނާންނާތީ އެހެންޏާ އަންނަ ރުޅިއަށްވުރެބޮޑަށް އެކަމާއި އުފާކުރެވުނެވެ. ފަހަރަކު ކުއްޖެއް މަދުވަމުން މަދުވަމުން ގޮސް ދެކުދިންނަށްވެގެން ދިޔުމާއި އެކު އަތުގުޅުވާލައިގެން އެދެކުދިން އެކި ވާހަކަތަކުގައި މަޖާނަގަމުން މީކާންއާއި ނުހަނު ކައިރިންލާފައި ދިޔައެވެ. މީކާންގެ ހިތް އެދިޔައީ ގޮވައިގެންބާއޭ އޭނާގެ ހިތަށްއެރިއެވެ.
ގުރޭޑް ދިހައެއްގައި އުޅެމުންދިޔަ މީކާންއަށް ލަމްޔާ ފާހަގަވާންފެށިތާ މިވީ ދެހަފްތާއެވެ. ލަމްޔާގެ ރީތިކަމަށްވުރެ ބޮޑަށް ލޮލުގައި އަޅައިގަންނަނީ އެގެންގުޅޭ ސާދާ މިޒާޖެވެ. ކިތަންމެ ކުރަން ބޭނުންނުވިޔަސް ލިބޭ ހުސްގަޑީގައި ލަމްޔާ ފެންނަ ހިސާބުގައި އޭނާއަށް ހުރެވެނީ އޭނާއަށް ބަލަހައްޓައިގެންނެވެ. އާޝޯހުވެފައެވެ. ލަމްޔާ އާއި އޭނާގެ އެކުވެރިން ދައްކާ ވާހަކަތަށް އަޑުނީވޭ ހިސާބުގައި ހުއްޓެއްކަމަކު އެދޭތެރޭ ދެކެވެނީ އުފާވެރި،ހިތާމަވެރި ނުވަތަ ހައިރާންކުރަނިވި ވާހަކަތަށްކަން އިނގެނީ ލަމްޔާގެ ވައްމޫނަށް އަންނަމުންދާ ބަދަލުތަކުންނެވެ. ކިޔަވާ މޮޅުކުއްޖަކަށްވުމަށް ގަދައަޅާ ކުރަމުންދާ މަސައްކަތުގައި އޭނާއަށް އެކުވެރިންގެއްލި ދިޔުމާއި އެކު ވާހަކަދައްކާ ހަދާނެ މީހަކު ވަނީ ނުވެފައެވެ. އަބަދުވެސް އެ ކިޔެވި މާއްދާއަކުން އެންމެ މަތީ ފާސް ހޯދާތީވެ އެކުވެރިންގެ ހަސަދަތަކުންނާއި މަންމަގެ ފަރާތުން ލިބެމުންދިޔަ ނަސޭހަތްތަކުގެ ސަބަބުން އެކުވެރިން ދޫކޮށްލައިގެން މީކާން އުޅެމުންދިޔައީ އޭނާއަށް ރަނގަޅަކަށެވެ. ކަންމިހެންވުމުން ލަމްޔާ އަކީ ކޮން ކުލާހެއްގެ ކޮން ތަނެއްގައި އުޅޭ ކޮން އާއިލާއެއްގެ ކުއްޖެއްކަން އޭނާއަށް އޮޅުންފިލުވައެއްނުލެވުނެވެ.
ކާރުގައި ނޫނީތަނަކަށް ދާން މަނާވެފައިވުމުން މީކާންއަބަދުވެސް އުޅެނީ ގޭގައެވެ. ސުކޫލުން ގެޔަށް އައުމަށްފަހު ބޭރަށް ނިކުތުމުގެ ހުއްދަ ލިބެނީ ހަމައެކަނި ޓިއުޝަނަށް ދާށެވެ. މަންމަ ގެންގުޅޭ ހަރުކަށި ގަވާއިދުތަކަށް އޭނާ ކަމޭހިތަނީ އެކަމުގައި އޭނާއަށް ފައިދާތަކެއް ވާނޭކަމަށް ގަބޫލުކުރާތީއެވެ. މަންމައަކީ އެތަށްބައެއް ތެރޭ މައްޝޫރު އަޑުހިނގާ ލީޑަރަކަށްވުމީ ފަހަރުގައި މީކާންއަށްވެސް އިދިކޮޅު މީހުންގެ ފަރާތުން ލިބިދާނޭ ނުރައްކަލެއްކަމުގައި މަންމަ ބުނެދެއެވެ. މަންމައާއި ބައްޕަގެ ބުރަ މަސައްކަތުން ކޮޅަށްނަގައިގެން ނުހަނު ފޯރީގައި ހިނގާ ވިޔަފާރި ބަނގުރޫޓުކޮށްލަން އެތަށްބަޔަކު ހިފާފައި ހުރިކަމީ ހުދު މީކާންއަށްވެސް އިނގޭ ބޮޑު ސިއްރެކެވެ.
ޓިއުޝަން ނިންމާފައި އެތަށް އިރަކު ބޭރުގައި އޭނާއަށް ހުންނަންޖެހުނީ ކާރު ނައިސްގެންނެވެ. މާލޭގެ ޓްރެފިކަކީ އެއްވެސް އިތުބާރެއް އޮތް އެއްޗެއް ނޫނޭ ބުނިހާހިސާބުން އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ދެލޯ ދެކެން އެންމެ ބޭނުންވި ހޫރުޕަރީއެވެ. ދަބަހެއް އަޅުވާލައިގެން ފަރިހިނގުމެއްގައި ލަމްޔާ ދިޔައިރު އޭނާ ހުރީ ކުރިއަށްވާ ގޮތަށް އަތް ދިމާކޮށްގެން ކޮންމެވެސް ކަމެއް ކުރާށެވެ. އެތަކެއް ސުވާލުތަކެއް އުފެދުމުން ލަމްޔާގެ ފަހަތުން މީކާން ހިނގައިގަތީ އޭނާ ކުރާ މަސައްކަތެއް ބަލަމުންނެވެ. އަތުގެ އިނގިލިތަކަށް ގެންނަ ބަދަލުތަކާއި ކުއްލިއަކަށްހުރެފައި އަތް އަނބުރާލާ އެކި ދިމާދިމާލަށް ގެންދާތަން ފެނުމުން ކައިރިން އަޅާފައި ދާ މީހުންވެސް ލަމްޔާއަށް ބަލަމުންދިޔައީ ހައިރާންވެފައި ތިބެއެވެ. މީކާން ދެފަޔަށް ތަންކޮޅެއް ބާރުލާ ލަމްޔާއާއި ހަމަނުކުރަނިސް ލަމްޔާ ފަސްއެނބުރި މީކާންއާއި ކުރިމަތިލުމާއި އެކު އޭނާގެ އިނގިލި ވަނީ މީކާންގެ ކަނާއަތު ލޮލަށެވެ. ލަމްޔާއަށް ހަޅޭލަވައިގަނެވުނުއިރު މީކާން އޭނާގެ ކަނާއަތު ލޯ ފޮރުވާލަމުން ގުދުވެލީ އެރި ދިލައެއްގެ ސަބަބުންނެވެ. “އޯނޯ.. ސޮރީ ސޮރީ ސޮރީ..” ރީތި އަޑު ކަންފަތުގައި ޖެހުމާއި އެކު މީކާންގެ ތަދު ކެނޑުނުހެންވެސް ހީވިއެވެ. މީހާ ހަމައަކަށް އެޅިލުމުގެ ގޮތުން އޭނާ ހަށިގަނޑު ސީދާކޮށްލާފައި ލަމްޔާއާއި ކުރިމަތިލީއިރު އޭނާގެ ލޮލުން ދިޔައީ ފެންއަންނަމުންނެވެ. ރަތްވެގެން ގޮސް “ބަޑި”އަރަން ކައިރިވެފައެވެ. ލަމްޔާގެ މޫނުމަތިން އޭނާ ދެރަވެފައިވާ މިންވަރު ނުހަނު ސާފުކޮށް ދިޔައީ ފެންނަމުންނެވެ.
އޭނާ ދަބަހުގެ އެއްފަޅިއަށް އަތް ކޮށްޕާލާފައި ނެގި ރުމާ ދިއްކުރީ މީކާންއަށެވެ. އަދި މީކާންއަށް ކަންތަށްކުރަންވީ ގޮތް ބުނެދިނުމުން އެ ރުމަލުގެ އެހީގައި މީކާން ލޮލަށް ހޫނުކުރިއެވެ. އެހުރިހާއިރުވީއިރުވެސް ލަމްޔާ ދިޔައީ އޭނާ ކައިރިން މައާފަށް އެދެމުންނެވެ. މީކާންއަށް ރައްދުގައި ދެވެނީ ހިނިތުންވުމެއް އެކަންޏެވެ. އޭނާ ހުރީ ޖަވާބުދޭވަރަށްވުރެ ބޮޑަށް ހާލުދެރަވެފައެވެ. “އަހަރެން އެބަޖެހޭ ދާން.. ވަރަށް ބޮޑަށް ސޮރީ ކުރެވުނު ކަންތައްތަކާއި މެދު..” ލަމްޔާ ގަޑި ބަލާލާފައި އެހެން ބުނިއިރު އޭނާ ހުރީ ހަމަ ހަޤީޤަތުގައިވެސް ވަރަށް ދެރަވެފައިކަން މީކާންއަށް އިނގުނެވެ. އެއީ މައްސަލައެއްނޫނޭ ބުނަން އުޅެނިކޮށް ލަމްޔާ ހަރުފިޔަވަޅުތަކެއްގައި އެތަނުން ދުއްވައިގަތީ މީކާންގެ އަތުގައި ރުމާ ބާއްވާފައެވެ. އެ ރުމާ ނިއުޅުވާލާފައި ބަލާލިއިރު ލޮލުގައި އަޅައިގަތީ ނޫ ސަންފްލާވާރ އަކާއި އެލް އަކުރު ޖަހާލެވިފައިވާ ތަނެވެ. ލަމްޔާއަށް އަނބުރާ ރުމާ ނުދެވިއުޅެނިކޮށް މިވީ ގޮތަކުން އޭނާ އުފާވީ ލަމްޔާއާއި ދިމާވާނެ ފުރުސަތެއް އަނެއްކާވެސް ލިބުމުންނެވެ. ރުމާ ދިނުމުގެ ބަހަނާގައިވިޔަސް ލަމްޔާއާއި ބައްދަލުކުރުމުގެ އުއްމީދު އާލާ ވުމާއި ގުޅިގެންނެވެ.
އަނެއްދުވަހު ސުކޫލަށް އައިސް އެހެންޏާ ލިބޭ އިންޓަވަލް ގަޑީގައި ލަމްޔާމެން އައިސް ތިބޭ ތަން ކައިރީ ވަށާ ބުރުޖެހިއިރުވެސް ލަމްޔާގެ ވަސްވެސް ނެތުމުން އެކަމާއި މީކާން މާޔޫސްވިއެވެ. އާދަވެގެން ލަމްޔާ ކުރާ ކަމަކަށްވުމުން މިއަދު އޭނާ ނުފެނި ދިޔުމުން މީކާން ނިންމީ ލަމްޔާ ސުކޫލަށް ނާންނަކަމުގައެވެ. އެގޮތުގައި ދެދުވަސް ފާއިތުވެ ގޮސް ހުކުރު ހޮނިހިރުވެސް ނިމިގެންދިޔައެވެ. ލަމްޔާގެ ހަބަރެއް ނެތްތާނގާ އޭނާގެ އެކުވެރިންކައިރީ އަހާލާނެ ހިތްވަރެއް މީކާންއަކަށް ނުލިބުނެވެ. ކޮންމެ ދުވަހަކު ރުމަލަށް ފުން ނަޒަރެއް ދީގެން ލަމްޔާގެ ފިކުރުގައި އިނުމުން އޭނާގެ އުޅުމަށް އައި ކުޑަ ބަދަލު މަންމައަށް ފާހަގަވެގެންދިޔައެވެ. މުނާގެ ސުވާލުތަށް މީކާންއަށް ލިބެމުންދިޔައެއްކަމަކު މަންމަ ގެންގުޅޭ ހަރުކަށި އުސޫލުތަކެއްގެ ސަބަބުން އެ ވާހަކަ މަންމައާއި ހިއްސާކުރާކަށް މީކާން ބޭނުމެއްނުވިއެވެ.
“މަންމަވެސް ހީވަނީ ކަމަކާ ފިކުރުކުރާހެން.. އޮފީހުގައި މާ ބުރަވަނީތަ؟” މީކާންއަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ފަށާފައި އޭނާ ވާހަކަ ބަދަލުކޮށްލުމުން މުނާގެ ހާލު ގޯސްވެގެންދިޔައެވެ. “ނު.. ނޫނޭ.. ދަރިފުޅާ..! ހަމަ ރަނގަޅު… ކޮންމެވެސް ވަރަކަށް މަސައްކަތް ބުރައީ…” ހުއްޓަހުއްޓައިގެންވިޔަސް މުނާ އޭނާގެ ވާހަކަ ފުރިހަމަކުރިއެވެ. އޭނާގެ މިޒާޖަށް އައި ބަދަލާއި އެ ވާހަކައާއި ގުޅުމެއްނުވާކަން މީކާންއަށް ވިސްނުނެއްކަމަކު މަންމަ އަށް އިތުބާރުކުރާތީވެ އިތުރު ސުވާލެއްނުކުރީއެވެ. މީކާންއަށް އިނގެންނުޖެހޭ އޮފީސް އެތަށް ވާހަކަތަކެއް ހުންނާނެކަން އޭނާއަށްވެސް އިނގެއެވެ. ކޮންމެއަކަސް ޖެހިގެން އައި ދުވަހު ފޫހިކަމާއި އެކު މީކާން ސުކޫލަށް އައީ މިއަދުވެސް ލަމްޔާ ފެނިދާނެކަމުގެ އުއްމީދު ހަނިވެފައިވަނިކޮށެވެ.
އިންޓަވަލް ގަޑިއަށް ކުދިންނަށް ހޭލަމޭލިވެގެން އުޅެނިކޮށް މީކާންގެ ލޮލުގައި އަޅައިގަތީ އެކަހެރިވެފައި އިން ލަމްޔާއެވެ. އެމޫނުމަތީ އެއްވެސް އުޖާލާކަމެއް ނުވެއެވެ. އެހެންޏާ ފެންނައިރު ހުންނަ ތާޒާކަމާއި އުފާވެރިކަން މިއަދަކު އެމޫނުމައްޗަކުން ނުފެނެއެވެ. ކަމެއްވަރަށް ބޮޑަށް ގޯސްވެއްޖެކަމުގެ އިހުސާސް އޭނާއަށް ކުރުމާއި އެކު ލަމްޔާއާއި ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. ނަސީބުދެރަކަމުން އޭނާ ލަމްޔާއާއި ހަމައަށް ނުދެވެނިސް ދެތިންކުއްޖަކު އޭނާ ގޮވައިގެން ދުރަށް ހިނގައިގަތެވެ. އެތަށް ސުވާލުތަކަކާއި އެކު މީކާން އޭނާގެ ސުކޫލު ނިންމާލާފައި ގޭޓު ދޮށުގައި މަޑުކޮށްލީ ލަމްޔާ އަންނާނެ އިރަކަށެވެ. ހިތުން އެތަކެއް ފަހަރު ކާރު މިގަޑީ ނައުމަށް އެދެވެމުންދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތީ ސުކޫލު ތެރެއިން ނިކުތް ލަމްޔާއެވެ. އެމޫނުމަތީގެ ކުލަ އަދިވެސް ވަނީ އޮއްސިފައެވެ. އިސްޖަހައިގެން ހުރިއިރު ދެއަތުން އަޅުވާލައިގެން ހުރި ދަބަހުގެ ވާގަނޑުގައި ބާރަށް ވަނީ ހިފަހައްޓާލެވިފައެވެ. މީކާން ބަލާކަށް ނުހުރެ ލަމްޔާއާއި ދިމާލަށް ހިނގައިގަތީ ޖީބުގައި އޮތް ރުމާ އަތުތެރެއަށް ލަމުންނެވެ.
އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއި އެކު މީކާންގެ ހިތް އަވަސްވަމުންދިޔައެވެ. އެދޭތެރޭ މަދު ދުރުމިނަކަށްވެފައި ވަނިކޮށް ދުރުން ދުވެފައި އައި ކުއްޖަކު މީކާން ކޮށްޕާލާފައި އައިސް ލައްވެގަތީ ލަމްޔާގެ ގައިގައެވެ. އެކުއްޖާ އަވަސްއަރުވާލާފައި ބުނަން އުޅުނު އެއްޗެއް މީކާންއަށްވެސް އަދި ލަމްޔާއަށްވެސް ދޭހަވީހެންނެއްހިއެއްނުވެއެވެ. ދެފައި އެއްތާނުޖަހާ ހުރެ އެކުއްޖާ ވާހަކަދައްކަމުން ދިޔައިރު ލޮލުން ދިޔައީ ހޯސްލާފައި ކަރުނަތަށް ފައިބަމުންނެވެ. “މަންމަ.. މަންމަ.. އޮފީހުގައި… އަލިފާން ރޯވެފައި..” އެ ބަސްތަށް އެކުއްޖާއަށް އަތުރާލެވުނީ އުނދަގުލަކުންނެވެ. އެޖުމްލަ އިވުމާއި އެކު ލަމްޔާގެ ދެލޯ ބޮޑުވެގެން ދިޔުމާއި އެކު ފަޔަށް ލެވުނުހާ ބާރެއްލާ އެތަނުން ދުއްވައިގަތެވެ. މީކާންވެސް ބަލާކަށް ނުހުރެ ލަމްޔާގެ ފަހަތުން ދުއްވައިގަތެވެ. ކުދިންނާއި ބެލެނިވެރިން ހަލަބޮލިކޮށްލާފައިވާ ހަނި މަގުތަކުން ލާފައި ލަމްޔާ ދުވަމުންދިޔައިރު މީކާންވެސް އެއިން ކަމަކަށް ފަރުވާލެއްނުބަހައްޓާ ދިޔައީ ދުވަމުންނެވެ.
ލަމްޔާ ގޮސް ހުއްޓުނު ހިސާބަށް މީކާންއަށް ހުއްޓާލެވުނުއިރު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީ ހުރެ އަނދާ އަޅިއަށްވަމުންއެދަނީ އޭނާގެ މަންމައާއި ބައްޕަ އެތަށް ބުރަމަސައްކަތަކުން ކޮޅަށް ނެގި ކުންފުނި ހިންގާ ފަސް ފަންގިފިލާގެ އިމާރާތެވެ. އަލިފާނުގެ އަސަރު އަދިވެސް ކެނޑިގެން ނުދާއިރު އެ ނިއްވުމުގެ މަސައްކަތް ދިޔައީ އެކަމަށް ގާބިލު މީހުން ކުރަމުންނެވެ. އެތަށްބަޔަކު އެތާ އެއްވެފައި ތިބިއިރު ހުދު މީކާންގެ ހިތުގައި ބިރުވެރިކަން ވަށާލީ އޭނާގެ މަންމައާއި މެދުގައެވެ. އެމްބިއުލާންސްތަށް ދާދި ކައިރީ ހަރަކާތްތެރިވަމުންދިޔައިރު އެތެރޭގެ ހަނި ދޮރުން އެއްބައިމީހުންގެ މަރުވެފައިވާ މަސްގަނޑު ނެރެމުންދިޔައިރު އެމީހުންގެ ހަށިގަނޑުވަނީ ފާހަގަނުކުރެވޭހާ ވަރަށް ފިހިފައެވެ. ހިތުގެ ތެޅުން އަވަސްވެފައި ހުރި މީކާންއަށް ލަމްޔާ އާއި ދިމާ ބަލާލެވުނީ ލަމްޔާ މަންމާއޭ ކިޔާ ބާރުބާރަށް ދުއްވައިގަތްތަން ފެނިފައެވެ. އޭނާ ހުއްޓުވުމަށް އެތަށް ބަޔަކު މަސައްކަތްކުރިއެއްކަމަކު ލަމްޔާ އެމީހުން ފޮޅާލާފައި ގޮސް ހުއްޓުނީ ދުއްވާ އެނދެއްގައި ބާއްވާލެވިފައި އޮތް، ފިހި އެކަށް އަނދާފައިވާ އަންހެނެއްގެ ކައިރިއަށެވެ. ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ފިހިފައިވާއިރު އޭނާ އަކީ ލަމްޔާގެ މަންމަކަން އޭނާއަށް ޔަޤީންވެފައިވާކަހަލައެވެ. މަންމާއޭ ކިޔާ ލަމްޔާ ރޮމުންދިޔައިރު އޭނާގެ ކައިރި ހަރަކާތްތެރިވަމުންދިޔައީ އަންހެން ފުލުހުންތަކެކެވެ. ލަމްޔާއަށް ކުރަމުންދިޔަ ފުންއަސަރާއި އެކު މީކާންގެ ހާލު ގޯސްވަމުންދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް އޭނާ ބަލަހައްޓައިގެން ހުރިއިރު މަރުވެފައިވާ އެތަށް ހަށިތަކެއް އެތަނުން ދިޔައީ ނެރެމުންނެވެ. އެތަށްބައެއްގެ ފުރާނަ ދުއްވާލި މި ބޮޑު އަލިފާނުގެ ހާދިސަގައި އޭނާގެ މަންމަމެންނަށް ވީ ގޮތެއް ބަލަން އޭނާ އަވަސްވެލިއެވެ.
ފުލުހެއްކައިރީ އެހުމުގެ ނިޔަތުގައި ގާތްވެލިއިރު މީކާންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި އެމްބިއުލާންސްއެއްގެ ތެރޭ ފަރުވާކުރެވެމުންދިޔަ އޭނާގެ މަންމައެވެ. ދާދި ކައިރީ ރަނގަޅު ސިއްހަތެއްގައި ބައްޕަ ހުރިތަން ފެނި އެތަށް ހަމްދެއް ކުރަމުން އޭނާ އެދިމާލަށް ދިޔައީ އެންމެންގެ ތެރެއިން ލާފައެވެ. “ބަ..ބައްޕާ.. ކިހިނެއްވީ؟؟ މަންމަ ރަނގަޅުތަ؟ މަންމަ އަށް ކިހިނެއްވީ؟؟” މީކާންގެ ސުވާލުތަށް އޮއްސުނީ ސަލީމުއަށެވެ.. ސަލީމުގެ މޫނުމަތީ ވަނީ އިންތިހާ ދަރަޖައިގެ ހިތާމައާއި ދެރައެވެ. “އަލިފާނުގެ ހާދިސާ ހިނގިއިރު މަންމަ މިތާ އެތެރޭ ނުވުން އެއީ މަންމަގެ ނަސީބު އެކަމަކު މަންމަގެ ކުރިމަތީ މި ހިނގައިދިޔަ ހިތާމަވެރި ހާދިސާ މަންމަ ދިރިހުއްޓާ މަރާލިފަދަ. މަންމަ އަށް ލިބުނު ޝޮކެއްގެ ސަބަބުން ހޭނެތުނީ.. މިހާރު ހޮސްޕިޓަލަށް ގެންދަން ތައްޔާރުވަނީ.. އެތަށް މުވައްޒަފުންގެ ފުރާނަ ގޮއްސި..” ބައްޕަ ރޮއެރޮއެފައި ވާހަކަދެއްކުމުން ހިތުގައި ޖެހިގެން މީކާންއަށް ބައްޕަގެ ގައިގާ އޮޅުލައިގަނެވުނެވެ. ލަމްޔާއާއި މެދު ވިސްނާލެވުމާއި އެކު އެދިމާލަށް މޫނު އަނބުރާލެވުނުއިރު ގަނޑުވެފައި ހުރި މީހެއްފަދައިން ލަމްޔާ އެ ހުރިގޮތަށް އެތަނުގައި ހުއްޓެވެ. އޭނާއާއި ވާހަކަދައްކަމުންދިޔަ އެކުވެރިންނަށްވެސް އޭނާގެ ފަރާތުން ޖަވާބެއް ނުލިބުނުތާންގާ އެ ބޮޑު ދެލޯ ހުރީ އެއްދިމާލަކަށް ގެއްލި ހުސްވެފައެވެ. މިދިމާވި ހިތާމަވެރި ހާދިސާގައި އޭނާގެ މަންމަ ނިޔާވެއްޖެކަން ކަށަވަރުވެގެންދިޔައީ އޮފީހުތެރޭ އެގަޑީ ތިބި އެއްވެސް މުވައްޒަފެއްގެ ފުރާނަ ސަލާމަތްވެފައި ނެތްކަމުގެ ހަބަރު ފުލުހަކު ދިން ހިސާބުންނެވެ. ލަމްޔާ ހުރި ދިމާލަށް އޭނާގެ ހަށިގަނޑު ދާން މަސައްކަތްކުރިއެއްކަމަކު އެންމެ ފިޔަވަޅެއްވެސް އޭނާއަކަށް ނޭޅުނެވެ.އަތުގައި އޮތް ލަމްޔާގެ ރުމާލުގައި މީކާންއަށް ހިފަހައްޓާލެވުނުވަގުތު އޭނާގެ ހެޔަށް ގޮތްވެ ބައްޕަގެ އަތްމައްޗަށް ވެއްޓުނީ ލިބުނު ހިތާމައެއްގެ ސަބަބުންނާއި އެ ސިކުނޑިއަށް ފެންނަމުންދިޔަ މަންޒަރުތަކުން ކުރި އަސަރަކާއިގެންނެވެ.
ހޭނެތުނުތާ އެތަށް ގަޑީއިރެއްފަހުން މީކާން ހޭއެރިއިރު އޭނާއަށް ހުރީ މި ދިމާވި ހާދިސާއިން ފުންއަސަރެއް ކޮށްފައެވެ. ހާއްސަކޮށް އެހިތުގެ ރާނީއަށް ލިބުނު ހިތްދަތިކަމާއިވެގެން އޭނާއަށް ވަމުންދިޔަ ގޮތްތަށް ހުދު އޭނާގެ ކޮންޓޯރަށްގެނައުންވީ ބޮޑުކަމަކަށެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނައަންނަމުންދިޔައިރު ދެލޯ މަރާލާ ކޮންމެ ވަގުތެއްގައި ފެންނަމުންދިޔައީ ފޮތިގަނޑުތަކެއްގެ އެހީގައި ނިވައިކުރެވިފައިވާ އަނދާ އަޅިއަށްވެގެން ނެރެމުންދިޔަ ފުރާނަނެތް ހަށިތަކެކެވެ. ހާލުދެރަވެފައި ހުރި މުނާވެސް ހިތްވަރު ދެމުންދިޔައީ މީކާންއަށެވެ. އެންމެންވެސް ގަބޫލުކުރިގޮތުގައި މީކާންއަށް އެގޮތަށް ކަންތަށްވާން މެދުވެރިވީ އޭނާގެ ކުރިމަތީ އެ މަންޒަރުތަށް ފެނުމުންނެވެ. މިއީ ހަމައެކަނި މީކާންއަށް ވީކަމެއްނޫނެވެ. އެ މަންޒަރުދުށް އެތަށްބައެއްގެ ސިކުނޑިއަށް ވަނީ އަސަރުތަކެއްކޮށްފައެވެ. އޮބްސަރވޭޝަންގައި އެތަށް އިރަކު މީކާން އޮންނަންޖެހުނީ އިރުއިރުކޮޅާ އޭނާގެ ހާލުދެރަވެ ހާރޓްބީޓް ދަށްވުމާއި ގުޅިގެންނެވެ. މީކާން އޮށޯވެ އޮތް ކޮޓަރިން ބޭރަށް ނިކުތުމުގެ ފުރުސަތު ލިބުނީ މަންމައާއި ބައްޕަ އިރުކޮޅަކަށްވިޔަސް ގެޔަށް ދިޔުމާއި ގުޅިގެންނެވެ. އޭނާ އޭރު ގެންގުޅުނު ލަމްޔާގެ ރުމާ ކަބަޑުމަތީ އޮތްތަން ފެނި އެ ވަގުތުން ފޮރުވީ އެ ގެއްލިދާނެކަމުގެ ބިރަށްޓަކައެވެ. ނަރުހެއްގެ އެހީގައި އޭނާ ބޭރަށް ނިކުމެ ސާފުވައި ހޯދަން މަސައްކަތްކުރަނިކޮށް ދާދިކައިރީގައި ބަޔަކު ހޭލަމޭލި ވެ އުޅޭތަންފެނި އެދިމާލަށް ނަޒަރު ހުއްޓުނެވެ. ޑޮކްޓަރުންނާއި ނަރުހުން އެލާރޓަށް އައިސްފައިވާއިރު އެކޮޓަރީގެ ބޭރުގައި ތިބި މީހުން އަޑުންއަޑުނަގާ ރޮނީއެވެ.
އޭނާ ވެސް ވީގޮތެއް އޮޅުންފިލުވާލަން އެދިމާލަށް ހިނގައިގަތްއިރު އެހިސާބުގައި ތިބިއްޔާ ތިބިބައެއްވެސް އެމަންޒަރު ބަލަން ތިބީ ހުއްޓީލައިގެންނެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ މީކާންގެ ހިތާއިއެއްވަރަށް ނޭވައިވެސް ހުއްޓުނީ ތަޅުގަންގަނޑުމައްޗަށް ތިރިވެ އިން އޭނާގެ ލަމްޔާ ފެނިގެންނެވެ. ކަޅިޖަހައިލުމެއްނެތި އެ ނިކަމެތި އަންހެންކުއްޖާ އިށީނދެ އިންއިރު އޭނާއާއި ވާހަކަދައްކަން އެތަށް ބަޔަކު ދިޔައީ މަސައްކަތްކުރަމުންނެވެ. އިރުކޮޅެއްނުވެ އެތަނުން ނިކުމެގެން އައީ ޑޮކްޓަރެކެވެ. އެޑޮކްޓަރު ދައްކަމުންދިޔަ ވާހަކައަށް އެތާ ތިބި މީހުންގެ ނަޒަރު ހުއްޓުމާއި އެކު މީކާންވެސް ތަންކޮޅެއް ރަނގަޅަށް އެ ވާހަކަތަށް އަޑުއެހުމުގެ ގޮތުން ކައިރިވެލިއެވެ. ޑޮކްޓަރުގެ އަނގައިން ނިކުތް ބަސްތަކާއި އެކު މީކާންއަށްވެސް ލިބުނީ ސިހުމެކެވެ. ލަމްޔާގެ މަންމަ ނިޔާވުމުގެ ހިތްދަތި ހަބަރާއި އެކު އެތާ ތިބި އެންމެންނަށް ރޮވެމުންދިޔައެވެ. ލަމްޔާއަށް ކުރަމުންދިޔަ އަސަރުތަށް މީކާންއަށް ދިޔައީ ފެންނަމުންނެވެ. “މިހުރިހާ.. ކަމެއްވެސް ވީ އެމީހުންނާއި ހެދި.. މަންމަ މަސައްކަތްކުރި އޮފީހުގެ މީހުންނާއި ހެދި… އަހަރެން އޭރުވެސް ބުނިން މަންމަ ކައިރި ނުދާށޭ އޮފީހަށް މަންމަ މަރާލާނޭ އެ އަންހެންމީހާގަނޑު.. މިއީ އެމީހުންގެ ކުށެއް.. އެމީހުން އަހަރެންގެ މަންމަ މަރާލީ.. ދުވަހަކުވެސް އެ އަންހެންމީހާއަށް މައާފެއްނުކުރާނަން… އެ އާއިލާ އެންމެންނަށް ނަފުރަތުކުރާނަން،، އެއީ އެމީހުންގެ ކުށެއް.. އަހަރެންގެ މަންމަ…..” ލަމްޔާ އަޑުންއަޑުނަގާ ހަޅޭލަވައިގަނެފައި އެހެން ބުނަމުންދިޔައިރު އޭނާގެ ހަށީގަނޑަށް އަންނަމުންދިޔަ ލޮޅުންގަނޑު ހިފަހައްޓާލެވޭތޯ ފިރިހެނަކު ދިޔައީ މަސައްކަތްކުރަމުންނެވެ. އެ ފިރިހެންމީހާ ދަރިފުޅާއޭ ގޮވަމުން ދަނިކޮށް އެ އަތުތެރެއަށް ލަމްޔާ ހޭނެތިގެން ދިޔުމާއި އެކު މީކާންވެސް ފަސްއެނބުރި ހިނގައިގަތީ ކުށްވެރިއެއްހެންނެވެ. ދެލޮލުގައިވާ ކަރުނަތަށް ފޮރުވާކަށް އޭނާ ބޭނުމެއްނުވިއެވެ.
ލަމްޔާގެ ވާހަކަތަކުން އޭނާގެ މަންމަގެ މަރުގެ ކުށްވެރިންނަކީ މީކާންގެ އާއިލާކަމަށް އޭނާއަށް ދޭހަވިއެވެ. ލަމްޔާއަށް ލިބުނު ޝޮކުގެ ސަބަބުން އެކަހަލަ ވާހަކަތަށް ދެއްކުން މައްސަލައަކަށް ނުވިޔަސް މީކާންގެ ހިތް ދިޔައީ އެކަމާއި ފުންހިތާމައެއްކުރަމުންނެވެ. ލަމްޔާއަށް އެ ދިމާވި ހާދިސާގައި އަމިއްލަ ނަފްސު ކުށްވެރިކުރެވެމުންދިޔައީ އޭނާގެ ކުށެއްއޭގައި ނުވާކަން އެނގިހުރެއެވެ. ލަމްޔާއާއި ދިމާލަށް އެންމެ ފިޔަވަޅެއް އިތުރަށް އަޅާނެހާ ހިތްވަރެއް އޭނާގެ ގަޔަކުނެތެވެ. ކައިރި ހުރި ނަރުސްކުއްޖާގެ އެހީގައި މީކާން އެނބުރި ކޮޓަރިއަށް އާއިރު އޭނާއެކޭ މަރުވެފައިވާ މައްޔިތެކޭ އެއްފަދައެވެ. އޭނާ އެ ނަރުސްކުއްޖާކުރެން ސުވާލުކުރީ އެދިމާވި ހާދިސާއާއި މެދުގައެވެ. އޭނާއަށް އަޑުއިވުނުގޮތުގައި އެއްވެސް މުވައްޒަފަކު ސަލާމަތްވެފައެއްނުވެއެވެ. ދެންމިވީ ކީއްބާއެވެ؟
“ކުރިން މައުލޫމާތު ލިބުނު ގޮތުގައި އެންމެވެސް ނެރުނުއިރު އޮތީ މަރުވެފައި.. ދެން އެ އަންހެންކުއްޖާގެ މަންމަ ގެ ހާރޓްބީޓް ސެންސްވެގެން ވަގުތުން ފަރުވާދޭން މަސައްކަތްފެށުނު.. އޭނާ އެކަމު އޮތީ ވަރަށް ހާލުދެރަވެފައި.. ޑޮކްޓަރުންވެސް އުއްމީދުކަނޑާލާފައިވަނިކޮށް ނިޔާވެގެންއެދިޔައީ.. އެ އަންހެންކުއްޖާ އަށް އެކަމުން ވަރަށް އަސަރުތަކެއްކުރި.. ވާހަކަވެސް ނުދައްކާ ގެނައިފަހުން އެ އިންގޮތަށް އިނދެފައި ދެންމެ އެ ވާހަކަދެއްކީ. އަޑުއިވުނެއްނު ބުނި އެތި. މީކާންގެ މަންމަމެން އެ އަންހެންކުއްޖާ ކުށްވެރިކުރަނީ..” ނަރުސްކުއްޖާ ދެއްކި ވާހަކަތަކުން މީކާންއަށް ލިބެމުންދިޔައީ އިތުރު ހިތްދަތިކަމެކެވެ. އުއްމީދުގެ ހުޅުކޮޅު ނިވިފައިވަނިކޮށް އެ ދިއްލައިދީފައި އަނެއްކާވެސް އެ ނިވިގެންދިޔައީ ކިހާ ހިތްދަތިގޮތަކަށްހެއްޔެވެ؟ ލަމްޔާގެ ހިތުގައިވާ އެއްޗަކާއި އޭނާއަށް ހިތަށް ކުރާނެ އަސަރުތަށް އިހުސާސްވުމާއި އެކު މީކާންގެ ނޭވައިއަވަސްވެގެންދިޔައެވެ. އެހިތުގައި ލަމްޔާއަށްޓަކައި ވާ އިހުސާސްތަށް ފުރިގެންބަންޑުންވާން ކައިރިވިޔަސް ލަމްޔާ ދުވަހެއްގެ ކޮޅުންވެސް މީކާންއަށް ބަލައިނުލާނޭކަމަށް އޭނާއަށް ހީވަމުންދިޔައެވެ. ލަމްޔާ އޭނާ ދެކެ ނަފުރަތު ކުރާނޭކަން ޔަޤީނެވެ. ހާއްސަކޮށް އެފަދަ ދަނޑިވަޅެއްގައި ކޮންމެ މީހަކަށްވެސް ފުރަތަމަ ވާނީ އެފަދަގޮތެކެވެ. ނަމަވެސް އުމުރުދުވަހު އެ ނަފުރަތާއި ރުޅިވެރިކަން ދެމިގެންދާނޭކަމަށް މީކާންގެ ސިކުނޑި ބުނަމުންދިޔައެވެ. އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރުތަކާއި އިބިލީހުގެ ނުބައި ވަސްވާސްތަށް ގަބޫލުކުރެވިގެން ދިޔުމާއި އެކު އޭނާގެ ހާލު ގޯސްވާންފެށިއެވެ. ހިތުގެ ވިންދު ލަސްވަމުންގޮސް އޭނާގެ ނޭވައި ފުންވަމުންދިޔައެވެ. ހިތާއިވީ ދިމާލުގައި އޭނާއަށް އަތްއަޅާލެވުނީ ވަމުންދިޔަ ތަދަކާއި ގުޅިގެންނެވެ. ނަރުސްކުއްޖާގެ އިތުރަށް ޑޮކްޓަރުން އޭނާއަށް ފަރުވާދޭން މަސައްކަތްކުރަނިކޮށް އަނެއްކާވެސް މީކާން ގެ ހޭނެތުނެވެ.
މިފަދަގޮތަކަށް ދެ ދުވަސްފާއިތުވެގެންދިޔައިރު މީކާންގެ ސިއްހަތަށް ރަނގަޅު ކުރިއެރުމެއްލިބުމާއި އެކު އޭނާ ދޫކޮށްލެވުނެވެ. އަދި އޭނާއަށް ނަފްސާނީގޮތުން ކުރިމަތިވި ކަންތަށްތަކާއި މެދު ސުވާލުކުރެވި ކައުންސިލިންއާއި ހިސާބަށް ކަންތަށްތަށް ދިޔުމާއި އެކު މީކާންގެ ކިޔެވުމަށް އެކަމުން ހުރަސްއެޅުނެވެ. އޭނާ މި މާހައުލުން ދާން ބޭނުންވާކަމަށް އެތަށްފަހަރަކު ބުނަމުންދިޔައީ ލަމްޔާ ގެ ސަބަބުންނެވެ. ލަމްޔާއާއި ކުރިމަތިލާން އޭނާ ބޭނުންނުވާތީއެވެ. ލަމްޔާގެ ހިތަށް ވަމުންދާނޭ ކޮންމެ އުނދަގުލަކީ އޭނާގެ ސަބަބުން ވާކަމެއްކަމަށް އެހިތަށް ގަބޫލުކުރެވި ކެތްނުވެގެންނެވެ. މީކާން ބުނި ބަހަށް އޭނާގެ މައިންބަފައިން އެއްބަސްވީ އެމާހައުލުގައި އުޅެންވެއްޖެނަމަ މީކާންގެ ހާލު ގޯސްވާނޭކަމަށް ކައުންސިލިން ދޭ ޑޮކްޓަރު ބުނުމާއި އެކުގައެވެ. އޭނާގެ ސުކޫލު ދައުރުގެ ފަހު އަހަރު އޭނާ ރާއްޖޭން ބޭރަށް ދިޔައީ އައު ފެށުމަކުން ފެށުމުގެ އުއްމީދަކާއި އެކުގައެވެ.
…………………………………
ކުރީގެ ހަނދާންތަކުން މީކާންގެ ސިކުނޑި ހަލާކުކުރަމުންދިޔައެވެ.
ނުނިމޭ!
11 Comments!
Comments are closed.
Salaam guys! So as i said before, i will try my best to upload everyday and if i fail, I will upload once in two days. I hope you guys missed me BECAUSE I have missed each and every one of you all, as it’s been two years already, i feel glad being back and uploading stories (also letting you guys read it). I get so excited. I will try to reply to your comments and questions. Let me know how the story is going in the comment section. I hope you guys are enjoying it. Be safe guys! Love you all.
Also my facebook page is still on. I will post regularly and if you want to contact me, text me there. It’s RYN’S stories.
Thankyou. 🙂
Thank you so much Ryn. Ryn ge inthizaaruga wait kuraatha 2 years vy. So happy to see you again. BTW this story is awesome. Bunaane ehchehves neyngifa mi iny. Love you. Good night. Be safe.
Thankyou miu! I am very very happy too. Thankyou for reading and take care. Have a great night. Love you too. ! 🙂
Hey ryn…stry is awesome…and i really liked the way u brought up meekan’s past…really curious about lamyaa..next part ga eeram ge baeh ves himanahchey…and yes ofc i really missed u and u r stries afterall u are one of my favourite writers…stay safe and keep going…ly❤️❤️❤️
Thankyou. I didnt really write part thah vakivaki kohgen, i wrote a whole story and am just dividing according to the word limit i want to keep in each part… Thankyou darling! Be safe. LYT
verry nice i love this storry and one of my faviourit author is u pls conme dhuvahaku part eh ap kohlevetho balahche and be safe in home ???
Yes in sha Allah! Thankyou. Take care 🙂
Wow?? this is wonderful ???? i think eeram eyy lamyaahen. Her name change kuree hen heevanee?????
Hahaha lets see. Thankyou!! <3
Maasha allah …. superb hama … just woowwwwww ….. love this story ❤❤❤❤❤❤