މިސް ކިހިނެއްތަވީ؟” ތަކުރާރުކޮށް އުސްމާނު އެ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ޒުމްރާ އެ ސަރަހައްދަށް ނަޒަރު ހިންގައިލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލަމުން ވާހަކަ ދައްކަން އަނގަހުޅުވައިލިވަގުތު ފިނި ވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހުނެވެ. ޒުމްރާ ތެޅިގަތެވެ. ހަމަ އެވަގުތު އުސްމާނަށްވެސް އެވައިރޯޅީގެ އަސަރުކޮށްލިއެވެ. އުސްމާނުވެސް ތެޅިގަތެވެ.
“މިސްއަށް ކަމެއް ފާހަގަ ކުރެވުނުތަ؟” ނިތަށް ކުދި ރޫތަކެއް އަރުވާލަމުން އުސްމާނު ބުންޏެވެ. ޒުމްރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެ ފަނޑު ހިނިތުންވުން މާނަކުރެވުނީ އެއްވެސްކަމެއް ނުވާކަހަލައެވެ.
“ވަރަށް ލަސްވޭ މިސްއަށް.. މީޓިންއެއް އޮތީމަ އަވަހަށްދާން މިދަނީ؟ ” ދެކޮޅު ހޯދާ ނަޒަރުން ހިންގާލަމުން ޒުމްރާ ބުންޏެވެ. “މާނު ނަމާދުކޮށްގެން ގެއަށް ދޯ ތި ދަނީ…” ޒުމްރާގެ ސުވާލަށް އުސްމާނު ބޯޖަހައިލިއެވެ. އިސްޖަހާލަމުން ޒުމްރާ ހިނގައިގަތެވެ. އޭނަގެ އުޅުމުން ކަމެއް ހިނގިކަމެއްވެސް ނޭންގޭކަހަލައެވެ. ޒުމްރާ ގޮސް ލޮލުކޮޅަށް ގެއްލެންދެން އުސްމާނު އެ ފިޔަވަޅުމަތީގައި ހުއްޓެވެ.
“އަޖައިބެއް.. ހަމަ ގައިމުވެސް ގޮތްނޭންގޭ ވައިރޯޅިއެއް އަސަރު އަހަރެންނަށް ފީލް ކުރެވުނު.. ވެދާނެ ހީވި ހީވުމަކަށް…” މަގު ހުރިގޮތަށް އުސްމާނު ހިނގައިގަތެވެ. ވަގުތުގެ ގޮތުން މަގުމަތީގައި މީހުންވެސް ކޮޅުކޮޅަށް އުޅޭމަންޒަރު ފެންނަމުން ދިޔައެވެ. އުސްމާނުވެސް ހިނގަމުން ދިޔައީ އެއްވެސް ޙިޔާލެއް ފިކުރެއްނެތިއެވެ.
ޒުމްރާ މެންއުޅޭގެ ކައިރިން ވަކި ހިސާބަކަށް ދެވުނުތަނާ މަޑުޖެހުނީ އެއްލިކަޅިއަކުން ފެނުނު މަންޒަރަކުންނެވެ. އެހިސާބު ހުރި ފަޅު ގޯއްޗެއްގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ކަޅު ހިޔަންޏެކެވެ. ކުއްލިއަކަށް އުސްމާނު ގައިގެ ބާރު ދޫވާންފެށިއެވެ. އޭރުވެސް އެ ހިޔަނި ހަމަ އެހުރިގޮތަށް ހުއްޓެވެ. ސިފަ ވަކިކުރަން ނޭންގޭ ޒާތުގެ ހިޔަންޏެކެވެ. ހިޔަނި ފެނުމާއެކުވެސް ދެފައިކޮޅު ތުރުތުރު އަޅައިގަތެވެ. ހީވީ ޗޭނުގަނޑެއްގައި ދެފައި ކަސްތޮޅު އެޅިގެން ދިޔަހެންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭގޮތެއްނުވިއެވެ. ހިނގައިގަނެވޭތޯ ފަޔަށް ބާރެއްވެސް ލެވުނެވެ. ނަމަވެސް ހުރިތަނުން ގުޑާލެވޭގޮތެއް ނުވިއެވެ. އުސްމާނުގެ ނޭވާވެސް ހީވީ އެކީ އެކައްޗަކަށް ހަށިގަނޑުތެރެއިން ނުކުމެގެން ހިނގައިދާނެހެންނެވެ. ބިރުން ރޫރޫ އަޅަންފެށިއެވެ. އެހެނަސް ގައިގައި ހީވަނީ ވަކި ބާރެއްގެ ހިމާޔަތުގައި ހައްޔަރުކުރެވިފައި ހުރިހެންނެވެ. ކުއްލި އަކަށް މީހާ އުދާސްވާންފެށިއެވެ. ފާޑަކަށް ވަރުބަލިވާން ފެށިއެވެ. އުސްމާނުގެ ކަނދުރާ ތިރިކޮށްލެވުނީ އޭނަގެ ބާރުގައެއްނޫނެވެ. އޭނަގެ ކަނދުރާ މަޑުމަޑުން ތިރިވަމުން ދިޔައިރު ދެއަތްވެސް ހުރީ ދަގަނޑު އަރާފައެވެ. ކުއްލިއަކަށް އުސްމާނުގޮސް ބިންމައްޗަށް ޖެހުނެވެ. ވެއްޓި ގޮސް ޖެހުނީ ވެސް އަރިއަކަށެވެ. ހަމަ އެ ސިކުންތުކޮޅު ތެރޭ އެތަނުގައި ހުރި ހިޔަނިވެސް ކުޑިތަކެއް ބުރައިގެން ދިޔަހެން ގެއްލިގެން ދިޔައެވެ. އުސްމާނު ބިންމައްޗަށް ޖެހުނުތަނާހެން ފެނުނީވެސް އާދަޔާ ޙިލާފުމަންޒަރެކެވެ. އެ ފަޅުގޯތި ތެރެއިން ނުކުތީ އަންހެނެކެވެ. އެ ހިސާބުގަނޑު އަނދިރިކަމުން ކާކުކަން ވަކިވާރެއް ނޫނެވެ. ފެންނަ ފެނުމަށް އެއީ ބުރުގާވެސް އަޅައިގެން ހުރި އަންހެނެއްކަން ފަހުމްވާނެއެވެ. މަގުގެ ދެކޮޅު ހޯދާ ބަލައިލަމުން އެ އަންހެންމީހާގެ މިސްރާބުޖެހީ މަގުގެ އަނެއްކޮޅަށެވެ.
***
ގަޑިން ނުވަގަޑި ބައިވެ ބޮޑުވަނީއެވެ. “ރުކުމާ” ގެ ގޭތެރެއަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. ގޭތެރެ އަލިކުރަން ދިއްލާފައިވަނީ ފަނޑު ބޮތްކެކެވެ. ފެންޑާތެރޭގައި ހުރީ ހަމަ އެކަނި ލަކުޑި މޭޒަކާއި ދެ ގޮނޑިއެކެވެ. ގެ ރާނާފައިވަނީ ތެޅިގަލުންނެވެ. މޭޒުމަތީގައި ފެންޖަކާއި ބަނޑުންޖަހާފައި އޮތް ދެ ބިއްލޫރިތަށި ފިޔަވައި މޭޒުމަތީގައި އެއްވެސް އެއްޗެއް ނެތެވެ. ގޭތެރެ ތަރުތީބެވެ. ސާފުތާހިރެވެ. ނަމަވެސް ބަލައިބެލުމަށް ބިރުވެރި ނާމާންކަމެއް އެގޭތެރެއިން އިހްސާސްކުރުވައެވެ. ދިރޭ ފުރާނައެއް ދިރިއުޅުނަސް ފަޅުކަމެއް ފާހަގަކުރެވޭނެއެވެ. ކުއްލިއަކަށް އިވުނީ ދޮރުހުޅުވޭ ކަހަލަ އަޑެކެވެ. ގޭނިގެން ދިޔަ ތޫރި އަޑާއެކު ހުޅުވުނީ އެ ގޭތެރެއިން ކޮޓަރިއެއްގެ ދޮރެކެވެ.
ކޮޓަރި ތެރެއިން ދިއްލާފައިވާ ރަތްކުލައިގެ ބޮކީގެ އަލި ބޭރަށް އެޅުނެވެ. ކޮޓަރިތެރެއިން ނުކުތީ ބުރުގާ އަޅާއިގެން ހުރި އަންހެނެކެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ފިޔަވަޅުމަތީގައި ފިޔަވަޅުތަށް ގުނަމުން ހިނގައިގަތީ ކުރިމަތީގައި ހުރި ކޮޓަރިއަށެވެ. ތަޅުންގަނޑުމަތިން ފިޔަވަޅުތައް ނަގަމުން ދިޔައިރު އޭނަ ނުކުތް ކޮޓަރިއާއި ދިމާއަށް ފަސްއެނބުރިލަމުން ބަލައިލައެވެ. ހީވަނީ އެކޮޓަރީގައި އޮތް މީހަކާއި ސިއްރުން އެ ކޮޓަރިއަށް ވަންނަން އުޅެނީހެންނެވެ. ކަންތައްވެސް ވީ ހަމަ އެހެންނެވެ. ވަގުވަގަށް ވަރަށް ސިއްރުން ގޮސް ކޮޓަރީގައި ދޮރުގައި މަޑުމަޑުން ޓަކިދިނެވެ.
އިސާހިތަކު އެކޮޓަރީގެ ދޮރުވެސް ހުޅުވުނެވެ. އެ އަންހެން މީހާ ލައިގެން ހުރި ހެދުންގަނޑު އަރުވަ ޖަހާލަމުން ކަނދުރާ ދެފަރާތަށް ހަރަކާތްކޮށްލަމުން ކޮޓަރިތެރެއަށް ދެމިގަތީވެސް ވަގަކު ދެމިގަންނަހެންނެވެ. އަމިއްލަ ގޭގައި އެހާ ސިއްރުން އުޅޭނީ ކޮންމެވެސް ސުންޕާކަމެއްގައެވެ. ކޮޓަރިއަށް ވަނުމާއެކު ކޮޓަރީގެ ދޮރުޖެހިއެވެ.
“މަންމަ ނުޤަބޫލުވިއަސް އަހަރެން ބޭނުން އެކަން ކުރަން….” ކޮޓަރިތެރެއިން އިވުނީ ޒުވާނެއްގެ އަޑެވެ. ފިރިހެންވަންތަ އަޑެކެވެ. އެ އަޑުގައި ގޮތް ދޫނުކުރުމާއި އަމިއްލަ އެދުވެރިކަމެއް ހުއްޓެވެ. ރުންކުރު އަމުރުވެރިކަމެއް ހުއްޓެވެ. ކޮޓަރިތެރޭގައި ތިބީ މަންމައާއި ދަރިފުޅުކަން އޭނަގެ ވާހަކަތަކުން އެނގުނެވެ.
“ދަރިފުޅާ.. އެންމެ ފަހަރަކުވެސް މަންމަ ބުނާބަހެއް އަހާބަލަ.. އެއީ މުސްކުޅިއެކޭ.. ދެކުދިންގެ އަމަޔެއް.. ދަރިފުޅަށް އެނޫން މީހަކު ނުލިބުނީތަ ހޭބަލިވާން” ފިރިހެން ކުއްޖާގެ ޖަވާބުގައި އޭނަގެ މަންމަ ބުނި އަޑުއިވުނެވެ. އެމީހުންގެ ދެމެދުގައި ކޮންމެވެސް ކަހަލަ ޚިޔާލުތަފާތުވުންތަކެއް ހުއްޓެވެ. އަންހެންމީހާ ވާހަކަ ދެއްކުމުގައި އޯގާތެރިކަމެއް ހުރި ނަމަވެސް ހަސަދަވެރި ރާގެއް ހުއްޓެވެ. ލަފާކުރެވޭގޮތުން އޭނަގެ ދަރިފުޅު ހިތާވެވުނީ އުމުރުން ދޮށީ އަންހެނަކާއެވެ. އެކަން އޭނަގެ މަންމަގެ ވާހަކަތަކުން އެނގުނެވެ. ދެމީހުން އަރާރުންވަމުން އެދަނީވެސް އެ މައުޟޫގައެވެ.
“ވަރިހަމަ. ދެކުދިން ތިއްބަސް ކީއްތަ ވީ..؟” އަޑު ހަރުކޮށް ފިރިހެންކުއްޖާ ޖަވާބުދިނެވެ. “މީހަކާ އިނދެގެން އުޅުނަސް ވަރިހަމަ…” ކޮޓަރިތެރޭގައި ވަރުގަދަ ސުރުހީއަކަށް އަރާރުންވަނީއެވެ.
“ޒާލިމް އުމުރުގެ ދަރިން އޭނަ އެބަތިބި. ލަދެއްވެސް ނުގަނޭތަ؟” އަންހެންމީހާގެ އަޑުގައި ރުޅިވެރިކަން އަނދައިގެން ދިޔައެވެ. “އޭނަ އެއީ އަހަރެންގެ އުމުރުގެ އަންހެނެކޭ.. ހޭބަލިވީތަ؟ ޒާލިމް އިންނާނެ ނުލާހިކު ރަނގަޅު ކުދިން މިރަށުގައި އެބަތިބި.. ޒުމްރާވެސް އެހުރީ….” އެ އަންހެންމީހާގެ ދުލުން އިވުނީ ޒުމްރާގެ ނަމެވެ. އެ ޒުވާނާ ހިތާވެފަ ހުންނަ މުސްކުޅި އަންހެންމީހާއަކީ މީހެއްގެ އަތްބެއްކަން އެނގޭއިރު ޒުމްރާގެ ނަން އެބުނީ އޭނަ މާ ގަޔާވާ މީހަކަށްވާތީއެވެ.
“މަންމަ މޮޔަވީތަ؟ އެއީ އަހަރެންގެ ކާކުކަން ވަރަށް ރަނގަޅަށް މަންމައަށް އެނގޭނެ.. މުޑުދާރު ވާހަކަ މިދައްކަނީ މަށެއްނޫންދޯ..” ޒާލިމްގެ ޖަވާބުދިނީ ހައިރާންވެ އަންތަރީސްވާ ރާގެއްގައެވެ. ކޮޓަރިތެރޭގައި އެދެމީހުންގެ ބަހުގެ ހޫނު ހަމަލާތައް އިންތިހާ ދަރަޖައަށް އަރައިގެން ދިޔައެވެ.
“އާން.. މުޑުދާރު ކަންތައް ކުރަން މި ބުނަނީ މަންމަ ދޯ.. ދަރިފުޅު މުސްކުޅިއެއްދެކެ ހޭބަލިވެގެން ތިއުޅެނީ ރާބޮއިގެންތަ؟ ބައްޕައަށް ތިކަން އެނގޭއިރަށް މުޅި މި ގެ ވައްޓާ ތިރިކޮށްލާނެ. އެނގޭތަ ކުރަން ތިއުޅެނީ ކިހާވަރެއްގެ ކަމެއްކަން.. މީހުން ކިހާ އެއްޗެއް ކިޔާނެ. މިހާރުވެސް ރަށުތެރޭގައި އަހަރެމެންނާ ކިޔައިގެން ނުކިޔާ އެއްޗެއް ނެތް…” އާދައިގެ ރުންކުރު ރާގެއްގައި އަންހެންމީހާ ޖަވާބުދިނެވެ.
“އެހެންތަ؟ މީހުން ކިޔާ އެއްޗަކަށް ބަލައިގެން މިރަށުގައި ކީއްކުރަން މި ދުނިޔޭގައި ވެސް ނޫޅެވޭނެ.. ބައްޕަ މިކަމާއި ރުހި ޤަބޫލު.. ބައްޕަ ހުރީ އަހަރެންނަށް މިކަން ކޮށްދޭން ތައްޔާރަށް… ކޮންމެ ގޮތެއް ހަދައިގެންވެސް ބައްޕަ އަހަރެންނަށް މިކަން ކޮށްދޭނެ.. މިހާރު މަސައްކަތްވެސް ފަށައިގެން ކުރިއަށްދަނީ…” ޒާލިމްގެ އަޑުގައި ހިތްހަމަ ޖެހުމެއް ހުއްޓެވެ. އޭނަ ކުރަން އުޅޭ ކަންތައްކުގައި އޭނަގެ ބައްޕަ ރުހުން ލިބިފައިވާކަން އޭނަގެ ވާހަކަތަކުން އެނގުނެވެ.
“ކަލޭ ބަފައަކީވެސް ހަމަ ކަލޭ ކަހަލަ ވަހުޝީ ކަމާއި ސުންޕާކަމުން ފުރިގެންވާ ނުބައި ޖާހިލު މީހެއް… ބަލަން ހުންނާތި.. ކަލޭ އިންނަންޖެހޭނީ ޒުމްރާއާ.. ކަލޭ ބަފާކޮޅުން ކުރެވެން ހުރި އެންމެ މޮޅަކަށް ކަމެއް ކުރޭ.. އަހަރެންމީ ކަލޭގެ މަންމަ.. މަވެސް ކަންތައްކުރާނީ މަ ބޭނުންގޮތަކަށް.. މަ ކަލޭގެ އަމަޔަށްވެ ހުރެ މި ބުނަނީ ކުޅިވަރު މި ފެށުނީޔޭ.. ހަނދާން ކުރާތި ކަލޭ ދެވާނީ ޒުމްރާއާ..” ޒާލިމްގެ މަންމަގެ ވަރުގަދަ ހަމަލާއެއް ފޮނުވައިލި އަޑު އިވުނެވެ. ލަސްތަކެއް ނުވެ ކޮޓަރީގެ ދޮރުހުޅުވުނެވެ. ދޮރު ހެސްކިޔާފަ ޖަހަމުން ވައިސޫރިއެއް ފައިބައިގެން ދިޔަގޮތަށް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.
***
އެސްފިޔަތަށް ގުޑުވާލަމުން މަޑުމަޑުން އުސްމާނުގެ ދެލޯ ހުޅުވައިލެވުނީ މޫނަށް ފިނިވާހެން ހީވެގެންނެވެ. އޭނަގެ މޫނުމަތިން ވަރުދެރަކަމެއް ފެންނަން ހުއްޓެވެ. ރަނގަޅަށް ދެލޯ ހުޅުވާލުމާއެކު ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވެ އެނދުގައި އިށީންނެވެ. އޭރު އުސްމާނުގެ މަންމަ ސަމީރާ އިނީ އޭނައާއި ދާދި މަގަތުގައި އިށީންދެލައިގެންނެވެ. އަތުގައި ބިއްލޫރި ފެންތައްޓެއް އޮތެވެ. ސަމީރާއަށް ނަޒަރު ހިންގާލަމުން ކޮޓަރިތެރޭގެ އެކި ދިމާއަށް ނަޒަރު ހިންގައިލިއެވެ. މާނާވެސް ވަރަށް ހާސްވެފައި އުސްމާނަށް ބަލަން ހުއްޓެވެ. އަބްދުﷲ ކޮޓަރިތެރެއަށް އައިސްވަނެވެ. އޭރުވެސް އުސްމާނު އެކި ތަންތަން ހޯދަމުން ދިޔައެވެ. ސަމީރާ އިނީ އުސްމާނުގެ އުޅެމުންދިޔަ ގޮތުން ބުނާނެ އެއްޗެއް ނޭންގިފައެވެ. އުސްމާނު ދެއްކި ވާހަކަތައް މާނާގެ ސިކުނޑިއަށް އުނދަގޫކުރަމުންދިޔައެވެ. ވިސްނާލަން ހުރުމަށްފަހު މާނާ ކޮޓަރިން ނުކުތީ އަބްދުﷲ އައިސް އެނދުކައިރީގައި މަޑުޖެހުމުންނެވެ.
“ދަރިފުޅާ.. އުސްމާނު..” އޯގާތެރިކަމާއި ލޯތްބާއެކު އަބްދުﷲ ގޮވައިލިއެވެ. އެހެނަސް އުސްމާނަށް ކަމެއްވާހެންވެސް ހީނުވިއެވެ. ކޮޓަރީގެ އެދި ދިމާލަށް ކަޅި ހިންގާލަ ހިންގާލަ އިނީއެވެ. ސަމީރާއަށް ވެސް އިނދެވުނީ ބުނާނެ އެއްޗެއްނޭންގި ބަސްހުއްޓިފައެވެ. ސަމީރާއަށް ލޮލުގެ އިޝާރާތަކުން އަބްދުﷲ އެދުނީ އެތަނުން ތެދުވުމަށެވެ. ފެންތަށި ހިފައިގެން ސަމީރާ ތެދުވިއެވެ. އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން ހަށިފުރާ ނޭވާއެއްލިއެވެ.
ސަމީރާ ތެދުވުމުން އަބްދުﷲ އެނދުގެ މަގަތުގައި އިށީންނެވެ. މަޑުމަޑުން އުސްމާނުގެ އަތުގައި ހިފައިލިއެވެ. އޭނަގެ ހަށިގަނޑުގައި މީހަކު ބީހުނުކަމުގެ އިހްސާސްކުރުވިއެވެ. ކުރިމަތީގައި އިށީންދެލައިގެން އިން އޭނަގެ ބައްޕައަށް ކަޅި ހުއްޓައިލިއެވެ. އެސްފިޔައެއްވެސް ޖަހާނުލައި އުސްމާނު ބަލަން އިނެވެ. ހީވަނީ ނުދަންނަ މީހަކަށް ބަލަމުން ދިޔަހެންނެވެ.
“މާނު.. ދަރިފުޅާ..” ބަފައެއްގެ ރަހުމާއި ކުލުނު އަބްދުﷲގެ އަޑުގައި ހުއްޓެވެ. އުސްމާނަށް ވެފައި އިންގޮތް ފެނުމުން ސަމީރާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. އިސްޖަހައިލަމުން މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. “ދަރިފުޅާ މާނު.. ކިހިނެއްތަވީ؟” އަބްދުﷲ ވާހަކަ ދައްކަމުން ދިޔައިރު އުސްމާނު އިނީއެވެ. ދުނިޔެމަތީގައި ހިނގާ އެއްވެސް ކަމެއް އޭނައަށް ނުފެންނަ ކަހަލައެވެ. ގަބުކައިފައި އިނީއެވެ.
“ސަމީ ދޭ އަރާމުކޮށްލަން.. މިރޭ އުސްމާނު ކައިރީގައި އަހަރެން މަޑުކޮށްލާނަން..” އިސްއުފުލާލަމުން ސަމީރާގާތު އަބްދުﷲ ބުންޏެވެ. ސަމީރާ އެއްވެސް ޖަވާބެއް ނުދީ ހުއްޓެވެ. އެތަނުން ދާކަހަލަ ވިސްނުމެއް އޭނަގެ ނެތެވެ. އުސްމާނަށް ވީގޮތެއް ނޭންގޭތީ ސަމީރާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ސިކުނޑީގައި ގުޅަވަމުން ދިޔަ ސުވާލުތައް ބޮނޑިވަމުންދިޔައެވެ. އެހެނަސް އޭގެ އެއްވެސް ކަމެއް ދުލާއި ހަމައަށް ގެންނާކަށް ނޭންގުނެވެ. ސަމީރާވެސް ހީވަނީ ހަދާނެ ގޮތެއް ނޭންގިފައި ހުރި ގަމާރެއް ހެންނެވެ.
“ސަމީރާ.. ކިހިނެއްވެފަ؟” ދެބުމަ ގަތާލަމުން އަބްދުﷲ ބުންޏެވެ. ސަމީރާ ހުރީ ފުންމިން ނޭންގޭ ވިސްނުމަކަށް ގެއްލި ހުސްވެފައެވެ. ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ސަމީރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އިންތަނުން ގުޑިލަމުން ސަމީރާގެ އަތުގައި ހިފައިލިއެވެ. ސަމީރާ ތެޅިގަނެފައި އަބްދުﷲގެ މޫނަށް ބަލައިލިއެވެ.
“ކިހިނެއްވެފަ…” އަބްދުﷲ އެއްސެވެ. މޫނަށް ގޮތެއް ހަދާލަމުން ކަމެއް ނުވާކަމަށް އިޝާރާތެއްދިނެވެ. “ދޭ ނިދާލަން.. ވަރަށް ލަސްވެއްޖެ.. އަހަރެން މިރޭ އުސްމާނު ކައިރީގަ މަޑުކޮށްލާނަން.. ފަތިހު ހޭލަންވެސް ޖެހޭނެ. ގޯހެއް އުޅެންޏާއި ސަމީރާއަށް ގޮވާނަން..” އަބްދުﷲ ވާހަކަ ދައްކަމުން ދިޔައިރުވެސް ސަމީރާ ހުރީ އެވެ. އަދިވެސް އޭނަގެ ސިކުނޑީގައި ކޮންމެވެސް އޮޅުންބޮޅުންގަނޑެއް ހައިޖާނު ހަދަނީއެވެ.
“މިރޭ މިކަމެއް ހިނގި ގޮތާއިމެދު މި ވިސްނަނީ.. އެކުދިން އުސްމާނު ގެނެސް ބުނީ މަގުމައްޗަށް ވެއްޓިފައި އޮތް ވާހަކަ.. ހަށިގަނޑުގެ ބޭރުންފުށުން އެއްވެސް ކަހަލަ އަނިޔާއެއްވެސް ފެންނާކަށްނެތް.. މީހަކު އަނިޔާއެއް ދޭވަރުގެ ކުއްޖެއްނޫން އުސްމާނަކީ… ދެން މިހާރު ބަލާބަލަ އެސޮރަށް..” އުސްމާނަށް ބަލައިލަމުން ސަމީރާ ވާހަކަ މެދުކަނޑައިލިއެވެ. ސަމީރާގެ އަޑު ކުރަރިވިއެވެ. އުސްމާނު އިނީ ބުދެއްހެންނެވެ. އެސްފިޔަ ޖަހާލަނީވެސް މަދު ފަހަރަކުއެވެ. ދުނިޔޭގެ ޙިޔާލެއް ފިކުރެއް ނެތްކަހަލައެވެ. އަދިވެސް ސަމީރާގެ ބުއްދިއަށް ނުވިސްނިގެން އުޅެނީ އުސްމާނަށް އެދިމާވި ކަންތައްތަކާއި މެދުގައެވެ. އުސްމާނު ވެއްޓިފައި އޮތްތަން ފެނިގެން ގެއާއި ހަމައަށް ގެނެސްދިނީ އެރަށުގެ ކުދިންތަކެވެ.
“އަނެއްކާ މީ ދުވަހަކުވެސް އުސްމާނަށް ވީކަމެއްނޫން.. މިކަމާ ވިސްނާ ވިސްނާ އަހަރެންގެ ސިކުނޑި ފަޅައިގެން ދާވަރުވެއްޖެ..” ސަމީރާގެ އިހްސާސްތަކާއި ފިކުރުތައް ބަންޑުންކޮށްލިއެވެ.
“ދެން އެހާވަރަށް ނުވިސްނާށޭ.. ދޭ އަރާމުކޮށްލަން.. މާދަމާ އުސްމާނު ގޮވައިގެން ހަސްފަތާލަށްދާނީ.. އޭރުން ވެފަ ހުރިގޮތެއް ބަލައިލެވޭނެ.. ދެން ދޭ..” އަބްދުﷲ ގެ އާދޭސްތަކަށް ބޯލަނބަމުން ސަމީރާ ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. އެހެނަސް އެ މައިލަގޮނޑިއަށް ކެތް ނުވާކަން އޭނަގެ މޫނުމަތިން ވަރަށް ރަނގަޅަށް ތަސައްވަރުކުރެވެން ހުއްޓެވެ.
ސަމީރާ ނުކުންނަމުން ކޮޓަރީގެ ދޮރު ޖެހިއެވެ. އުސްމާނުގެ މޫނަށް ބަލައިލަމުން ތުން ތަޅުވައިލިއެވެ. ހީވަނީ ކޮންމެވެސް ހެޔޮ އެއްޗެއް ދުލުން ކިޔައިލިހެންނެވެ. ތުންތަޅުވާލުމަށްފަހު އުސްމާނުގެ މޫނަށް ފުމެލިއެވެ. ފުމެލި ވަގުތު އުސްމާނުގެ އެސްފިޔަތަށްވެސް ނަށައިލިއެވެ. ނަމަވެސް މަރުވެފައި އޮތް މައްޔިތެއް އޮންނަހެން ގުޑުމެއް އަރުވާވެސް ނުލާ އުސްމާނު އިނެވެ. އޭނަގެ ދެކޮނޑުގައި ހިފާލަމުން އެނދުގައި ބޭއްވިއެވެ. އުސްމާނުގެ ބޯ ބާލީހުގައި ޖެހުނު އިރުވެސް އޭނަގެ ކަޅި ހުއްޓިފައިވަނީ ހިޔާކޮށްފައިވާ ފުރާޅަށެވެ. ކަޅި ގުޑުވާވެސް ނުލައެވެ. މާ ގިނައިރުތަކެއް ނުވެ އޭނަގެ ދެލޯ މެރެންފެށިއެވެ. އޭނައަށް ނިދޭކަން ޔަޤީންވުމުން އަބްދުﷲވެސް ބާލީސް ނަގަމުން އުސްމާނުގެ މަގަތުގައި ހަށިގަނޑު ދަމައިލިއެވެ. އިސާހިތަކު އޭނަގެ ލޮލަށްވެސް ނިދި ބަރުޖެހެންފެށިއެވެ.
މެންދަމުގެ ހަމަ ހިމޭންކަމެވެ. “ފެންރީތި“ ގޭތެރެވެސް ވަނީ އަރާމު ނިންޖެއްގެ ތެރޭގައެވެ. ކުއްލިއަކަށް އެގޭ ގިފިލީގެ ދޮރު ހުޅުވުނެވެ. ގޭތެރެއަލިކުރަން ދިއްލާފައިހުރި ބޮތްކަށްވެސް ގޮތެއްވާހެން ހީވިއެވެ. އަލި މަޑުވެފައި އަލިގަދަވާންފެށިއެވެ.
(ނުނިމޭ)