
ހީވޭ ހިތް ބުނާހެން 26
“ޝަނާ ބޭނުން ނުވަންޏާ އަހަރެން ސުވާލެއް ނުކުރާނަން. ޝަނާ ބޭނުން ނުވާހާ ދުވަހަކު އަހަރެންވެސް ބޭނުމެއް ނޫން” އަސަދު ބުންޏެވެ.
ޝަނާޒްއަށް ރޮވުނީ ދެނެވެ. ޝަނާޒް ކުއްޖަކު ބޭނުން ނުވާނީކީ ނޫނެވެ. ނަމަވެސް… އެ ހިތުގައި އަދިވެސް ވަނީ ނިހާންއެވެ. ހިތުގެ އެދުމަކީ ކޮންމެވެސް ދުވަހަކުން ނިހާންގެ މީހަކަށް ވުމެވެ. އެ އުއްމީދު އަދިވެސް ޝަނާޒްގެ ހިތުގައި ވެއެވެ.
ހީވެސް ނުކުރާހާ ހަލުވި ކަމާއެކު ދުވަސްތައް ފާއިތު ވަމުން ދިޔައެވެ. މަދުމަދުން ޝަނާޒްއަށް ނިހާން ގުޅާލައެވެ. ނޫން ނަމަ މެސެޖް ކޮށްލައެވެ. ނިހާންގެ ކޯލަށް އަދި މެސެޖަށްވެސް ޝަނާޒް ޖަވާބު ދެނީ މަދު ފަހަރަކުއެވެ. ނިހާންއާ ވާހަކަ ދައްކާލެވޭ ކޮންމެ ދުވަހަކު ޝަނާޒް ރޮއެވެ. އަދި މަޑު ކުރަން ޖެހޭނީ ކިހާ ދުވަހަކު ތޯ ނިހާން ކުރާ ސުވާލުގެ ޖަވާބުގައި އިތުރު ވަގުތު އަދި ބޭނުން ވާ ކަމުގައި ޝަނާޒް ބުނެއެވެ. އެ ޖަވާބުން ނިހާންގެ މާޔޫސްކަން އިތުރު ވުން ނޫން ކަމެއް ނުވެއެވެ. އެހެން ނަމަވެސް އިތުރަށް ނިހާން އެ ވާހަކައެއް ނުދައްކައެވެ. ޝަނާޒްއަށް ވަގުތު ދީގެން އިންތިޒާރުގައި ހުންނަނީއެވެ.
ނަވާޒްއާ ނަބާހާގެ ކައިވެންޏަށް ތިން އަހަރުގައި އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ލިބުނެވެ. ނީލަމް އުފަން ވުމުން އެންމެ ބޮޑު ބަދަލެއް އައީ ނިހާންއަށެވެ. ގޭގައި ހޭދަވާ ގިނަ ވަގުތު ނިހާން ހޭދަ ކުރަނީ ނީލަމް ކައިރީގައެވެ. ހިތުގައި ނުފިލާ ވި ރިހުމަށް ލުޔެއް ލިބެން ފެށީ އެ ތުއްތު ކުއްޖާގެ އެހީގައެވެ.
ނަޝީލާއާ ވަސީމްގެ ހަތަރު ވަނަ ދަރިފުޅު އަޔާޒްގެ ކައިވެނި ކުރެވުނީ ނީލަމްއަށް އަހަރެން ވީ ތަނާއެވެ. ކައިވެންޏަށް ފަހު އަޔާޒް ދިރިއުޅުން ބަދަލު ކުރީ އަންހެނުން ހޫރިޔާގެ ގެޔަށެވެ. އެހެން ނަމަވެސް އާއިލާއާ އޮތް ގާތްކަން ދުރުވިޔަ ނުދުނިމަށް އަޔާޒް ޚާއްސަ ސަމާލު ކަމެއް ދިނެވެ.
އަސަދުއާ ޝަނާޒްގެ ކައިވެންޏަށް ތިން އަހަރު ވީ އިރު އަސަދު ވަނީ މުޅިން އެހެން މީހަކަށް ބަދަލު ވެފައެވެ. ކުރީގެ ސަމާސާ ގޮތް އަދިވެސް ހުރި ނަމަވެސް އަސަދުއަކީ ހަރުދަނާ، ޒިންމާދާރު ޒުވާނަކަށް ވިއެވެ. ހުރިހާ ވަގުތެއްގައި މިސްކިތަށް ނަމާދަށް ގޮސް، ގޭތެރޭގެ ކަންތަކުގައި ހުޒާމްއާ ރާބިޔާއަށް އެހީ ވެއެވެ.
ރާބިޔާގެ ނަޒަރުގައި ޝަނާޒްއަކީ ރާބިޔާއަށް ނުލިބުނު އަންހެން ދަރިފުޅެވެ. އަސަދުއަށް ވުރެ ބޮޑަށް ޝަނާޒް ދެކެ ރާބިޔާ ލޯބިވެއެވެ. ރާބިޔާގެ އުއްމީދަކީ މާމައަކަށް ވުމެވެ. އެ ނޫނީ ދިރުއުޅުމުގައި އުނި ކަމެއް ނެތް ފަދައެވެ.
ކައިވެންނަށް އަހަރު ފުރުނު ދުވަހުގެ ފަހުން ކުއްޖަކު ހޯދާ ވާހަކައެއް އަސަދު ނުދައްކައެވެ. ދޭތެރެއަކުން ރާބިޔާ އެ ވާހަކަ ދެއްކި ނަމަވެސް، ވަގުތު ޖެހުމުން އެކަންވެސް ވާނެ ކަމަށް ބުނެ އަސަދު ހަމަޖައްސާލައެވެ.
އަސަދުއާ ވަކި ވާން ޚިޔާލު ކުރާ ކޮންމެ ފަހަރަކު ޝަނާޒްއަށް ވިސްނެނީ އެ ފަދަ ވާހަކައެއް ޝަނާޒް ބުނާ ދުވަހަކުން އަސަދުއަށް ވެދާނެ ގޮތަކާ މެދުއެވެ. އަސަދުގެ މުޅި ދުނިޔެ އެނބުރެނީ ޝަނާޒްގެ ވަށައިގެން ފަދައެވެ. ކޮންމެ ކަމެއްގައިވެސް އަސަދުއަށް އެންމެ މުހިއްމު ކަމަކަށް ވަނީ ޝަނާޒް ދެކޭ ގޮތެވެ. އެހާ ދުވަސް ވީ އިރުވެސް ޝަނާޒް ހިތް ހަމަ ނުޖެހިދާނެ ފަދަ ކަމެއް އަސަދު ނުކުރެއެވެ. އަމިއްލަ ނަފްސަށް ވުރެ އަސަދު އިސްކަން ދެނީ ޝަނާޒްގެ އުފަލަށެވެ.
އަސަދުއާ މެދު ވިސްނި ވަރަކަށް ޝަނާޒްއަށް އަސަދުގެ އުފަލާ މެދުވެސް ވިސްނެން ފެށިއެވެ. ޝަނާޒްއަށް ޓަކާ އެ ވަރަށް ބަދަލު ވި މީހަކު ދޫކޮށްލުން އެއީ ރަނގަޅު ގޮތެއް ހެއްޔެވެ؟ ނިހާންއަށްވެސް ދެން ރަނގަޅު ވާނީ އެހެން ދިރުއުޅުމެއް ފެށުން ނޫން ހެއްޔެވެ؟ ޝަނާޒްގެ އިންތިޒާރުގައި ނިހާން ހުންނާނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އެ ދުވަސް އައިސްދާނެ ކަމާ މެދު ޝަނާޒްއަށްވެސް މިއަދު ޝައްކުވެއެވެ. ވީ އިރު އެ ފަދަ އޮޅުވާލުމެއްގައި ނިހާން ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެ ވާހަކަ ނިހާންއާ ދައްކާނެ ގޮތެއް ޝަނާޒްއަކަށް ނުވިސްނެއެވެ.
އެހެން އެއްކަމެއް ޔަގީން ނުވި ނަމަވެސް އަސަދުއާދެން ވަކި ވާން ބޭނުން ނުވާ ކަން ޝަނާޒްއަށް ޔަގީން ވީ ކޮން އިރަކު ކަމެއް ބުނާކަށް ޝަނާޒްއަކަށްވެސް ނޭނގެއެވެ. ޝަނާޒްއަށް ޔަގީން ވާ ކަމަކީ ޝަނާޒްއަށް ޓަކާ އަސަދުގެ ދިރިއުޅުމަށް އެ ގެނައި ފަދަ ބަދަލެއް ގެންނާނެ ދެވަނަ މީހަކު ދެން ނުވާނެ ކަމެވެ. އެ ގޮތަށް ޝަނާޒް ދެކެ ލޯބި ވާނެ އެހެން މީހަކު ނުހުންނާނެ ކަމެވެ. އޭގެ މާނައަކީ ނިހާންގެ ލޯތްބާ މެދު ޝަނާޒްގެ ހިތުގައި ޝައްކެއް ވެއެކޭ ނޫނެވެ.
އަސަދުއަށް ޓަކާ ޝަނާޒްގެ ހިތުގައި ވާ އިހުސާސް ބުންދޭކަށް ޝަނާޒްއަކަށް ނޭނގެއެވެ. ނަމަވެސް އެ ހިތުގައި އަސަދުއަށް ޚާއްސަ މަގާމެއް ދެވިއްޖެ ކަން ޔަގީނެވެ. އަސަދު ޝަނާޒް ދެކެ ވާ ލޯތްބަކީ ސާފު، ތެދުވެރި ލޯތްބެއް ކަން ޔަގީނެވެ. އެ ލޯތްބަށް އެއްވެސް ބަދަލެއް ނާންނާނެ ކަންވެސް ޔަގީނެވެ.
ވީ އިރު އެ ފަދަ މީހަކު ދޫކޮށްލާފައި ދިޔުން އެއީ އިންސާފަކަށް ވާނެ ހެއްޔެވެ؟ އަސަދު ދޫކޮށްލާފައި ނިހާންއާ އެކު، ނުވަތަ އެހެން މީހަކާއެކު ވިޔަސް ޝަނާޒްއަށް ހަމަ ޖެހިގެން އުޅެވިދާނެ ހެއްޔެވެ؟ ނޫނެކެވެ. ޝަނާޒްގެ ހިތަކީ އެހާ ހަރު ހިތެއް ނޫނެވެ.
ޝަނާޒް ގޮތެއް ނިންމިއެވެ. ދެން އޮތީ އެ ކަން ނިހާންއަށް އަންގާނެ ގޮތެއް ހޯދުމެވެ. ނިހާންއަށް ވިސްނައި ދިނުމެވެ.
ނަޝީލާ އެކި ދުވަސް މަތިން ކައިވެނީގެ ވާހަކަ ދެއްކި ނަމަވެސް އެ ކަމާމެދު ވިސްނާކަށް ނިހާން ބޭނުމެއް ނުވެއެވެ. އެތައް ގޮތަކުން ނިހާންގެ ހަޔާތަށް އަންހެން ކުއްޖަކު ގެނެވޭތޯ ނަވާޒްވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ކާމިޔާބެއް ނުވެއެވެ. ނިހާން ހުރީ ޝަނާޒްގެ އިންތިޒާރުގައެވެ.
ޒައިނާއާ ދައުހާ ދިމާވީ ގްރޭޑް ނުވައެއްގައެވެ. ފުރަތަމަ ދިމާވި ދުވަހުން ފެށިގެންވެސް އެ ދެމެދުގައި ވަރުގަދަ އެކުވެރިކަމެއް އުފެދުނެވެ. އެކަކު އަނެކަކުގެ ގެޔަށް ދިޔުން އާންމުވެ، ދެ އާއިލާ ބައްދަލުވެ ދެ އާއިލާގެ މެދުގައިވެސް އެކުވެރިކަން އުފެދުނެވެ. ޒައިނާގެ ބޭބެމެންނާ ދައުހާއާ އޮތީ އެ ކުދިންނާ ޒައިނާއާ މެދުވެސް އޮތް ފަދަ ގުޅުމެކެވެ. ހުރިހާ ކުދިންވެސް ދައުހާއާ ދިމާކޮށް ހަދަނީ ޒައިނާއެކޭ އެއްފަދައިންނެވެ. އެންމެ ކުޑަ ކޮއްކޮއަށް ދެމުން އައި ލޯބި ދައުހާއަށްވެސް ދިނެވެ.
ދައުހާއަށް ނިހާންއާ މެދު ތަފާތު ގޮތަކަށް ދެކެވެން ފެށުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނިހާން ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ކުރެވުމުން އެ ކަން ޒައިނާއާ ހިއްސާ ކުރަން ބޭނުން ވި ނަމަވެސް ދައުހާއަށް ބުނާކަށް ނުކެރުނެވެ. އެއްވެސް މީހަކާ ހިއްސާ ނުކޮށް އެ ސިއްރު ހިތުގައި ފޮރުވައިގެން ދައުހާ ހުރީއެވެ.
އެ ގެޔަށް ދައުހާ ދާ ގިނަ ދުވަސް ދުވަހު ދައުހާ ގެޔަށް ދަނީ ދިހައެއް އެގާރަ ޖަހާ ފަހުންނެވެ. އެ ގޭގައި ދައުހާ އެހާއިރު ވަންދެން ހުރުމާ މެދު ދައުހާގެ މަންމަ އަމީރާގެ އެއްވެސް މައްސަލައެއް ނޯވެއެވެ. އެގޭ މީހުން، އަދި ވަކިން ޚާއްސަކޮށް ނަޝީލާ ދައުހާއާ މެދު ބަހައްޓާ އަޅާލުން ފެނިފައި ވަތީ ނަޝިލާއަށް އަމީރާ ފުރހިހަމައަށް އިތުބާރު ކުރެއެވެ. އެ ގޮތަށް ލަސް ވަންދެން އެ ގޭގައި ދައުހާ ހުންނަ ރޭރޭގައި ދައުހާ ގެޔަށް ގެންގޮސްދިނުމަށް ނަޝީލާ ހަވާލު ކުރަނީ ނިހާންއާއެވެ.
އެ ގޮތުން އެއް ރެއެވެ. ދިހައެއް ޖަހަން ދެން ޒައިނާއާ އެކު ފިލާވަޅު ދަސްކުރަން އިނދެފައި ދައުހާ ގެޔަށް ދާން ނިކުތީ ނިހާންއާ އެކުއެވެ. ގެއިން ނިކުތް ތަނުން ޝަނާޒް އޭނަގެ ދޮންތައާ އެކު އައި ތަން ފެނުނެވެ. އޭރު ނިހާންއާ ޝަނާޒްގެ ވާހަކަ ދައުހާއަށްވެސް ވަނީ އެނގިފައެވެ.
ގިނަ އިރެއް ނުވެ ނިހާންގެ ފޯނަށް މެސެޖެއް އައުމުން ސައިކަލު މަޑުކޮށްފައި ނިހާން ފޯން ބަލާލިއެވެ. އެއާއެކު ނިހާން ވަގުތުން އެ ނަމްބަރަށް ގުޅާލިއެވެ. ދެތިން މިނަޓް ވާހަކަ ދެއްކުމަށް ފަހު އެ ކޯލް ނިމުނު އިރު އެއީ ޝަނާޒްގެ ކޯލެއް ކަން ދައުހާއަށް އެނގުނެވެ.
ޝަނާޒްގެ ވާހަކަ ނިހާން ކައިރީ ދައުހާ އެހީ އޭގެ ދެ މަހެއްހާ ދުވަސް ފަހުންނެވެ. އެއީވެސް ދައުހާ ގެޔަށް ލައިދޭން ނިހާން ދިޔަ ރެއެކެވެ.
“ޝަނާޒްގެ ވާހަކަ ކިޔާ ދެވިދާނެތަ؟” ދައުހާ އަހާލީ ދިޔަ މަގުމަތީގައެވެ.
“ކީއްވެ؟” ދައުހާގެ އެ ސުވާލުން ނިހާންއަށް ހައިރާން ކަމެއް ލިބުނެވެ.
“ވަކި ކަމެއް ވެގެންނެއް ނޫން. ހަމަ ކިއުރިއަސް ވެގެން. ކިޔާދޭން ބޭނުން ނުވަންޏާ އޯކޭ” ދައުހާ ބުންޏެވެ.
ދައުހާމެން ގެޔާ ހަމައަށް ދެވެންދެންވެސް ނިހާން ޖަވާބެއް ނުދެއެވެ. ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން، ނިހާން އެ ވާހަކަ ދައކަން ބޭނުން ނުވަނީ ކަމަށް ނިންމައިގެން ދަނީއޭ ބުނެފައި ދައުހާ ގެޔަށް ވަންނަން އުޅުނެވެ.
“އެ ވާހަކަ އަޑެއް ނާހާނަންތަ؟” ނިހާން އަހާލިއެވެ.
ހުއްޓިފައި ދައުހާ ބަލާލިއެވެ.
“ކިޔާ ނުދޭނެ ކަމަށް ހީކުރީ” ދައުހާ ބުންޏެވެ.
ނިހާން ސައިކަލުން ފައިބާފައި އައިސް ދައުހާ ކައިރީ ހުއްޓީ ފާރުގައި ލެނގިލިއެވެ.
ނިހާން ވާހަކަ ދައްކަން ފެށިއެވެ. ހުރިހާ ވާހަކައެއް އެއްވެސް މީހަކަށް ނިހާން އެ ކިޔާދިނީ ފުރަތަމަ ފަހަރަށެވެ. ފެށިގެން ނިމެންދެން ހުރިހާ އެއްޗެއް ކިޔާދިން އިރު ނިހާން އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ވާހަކަ ދައްކަމުން ދިޔައިރު އެ ވާހަކަތަކުގައި ދައުހާ ފަދަ ކުއްޖަކަށް ކިޔާދިނުން ރަނގަޅު ނޫން ކަންތައްތަކެއް ހުރި ކަމެއް ނިހާންގެ ހިތަކަށް ނާރައެވެ.
“އޯހް ގޯޑް! އައިމް ސޮރީ!” ވާހަކަ ދައްކާ ނިމިގެން އިރުކޮޅެއް ވީ ފަހުން ނިހާން ކުއްލިއަކަށް ބުނެވުނެވެ. ދައުހާއާ ދިމާއަށް ބަލާލި ނިހާންގެ މޫނު ރަތްވެގެން ދިޔައީ ނަވާޒް ނޫން މީހަކަށް ނޭނގޭ ކަންތައްވެސް ދައުހާއަށް ކިޔާ ދެވުނު ކަން އިހުސާސް ވުމުންނެވެ.
“ޖސްޓް ފޮގެޓް ދެޓް! އައިމް ސޯ ސޮރީ…” މޫނުގައި އަތް ހާކާލަމުން ނިހާން އަނެއްކާވެސް މާފަށް އެދުނެވެ.
“އިޓްސް އޯކޭ” ދައުހާ މަޑުމަޑުން ބުންޏެވެ.
“ކީއްވެ އެ ވާހަކަ ކިޔާދޭން ބުނީ؟” އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ނިހާން އަހާލިއެވެ.
“އަހަރެން ބުންޏަސް ގަބޫލެއް ނުކުރާނެ” ދުރު ބަލާލަމުން ދައުހާ ބުންޏެވެ.
“ކާކު ގަބޫލު ނުކުރާނީ؟” ނިހާން އަހާލީ ދައުހާ ނިހާންގެ ނަން ނުކިޔާ ކަން ފާހަގަ ކުރެވުމުންނެވެ.
ދައުހާ ޖަވާބެއް ނުދީ ހުރީއެވެ.
“ކާކުތަ ގަބޫލު ނުކުރާނީ؟ ބުނެބަލަ” ނިހާން ތަކުރާރު ކޮށްލިއެވެ.
“ޔޫ…” ބުނަން ނުބުނަން ހުރެފައި ދައުހާ ބުންޏެވެ.
“ކީއްވެ ތިހެން ތި ބުނީ؟ ކީއްވެ އެއްވެސް ނަމަކުން އަހަންނަށް ނުގޮވަނީ؟” ހިނި އައިސްފައި ނިހާން އަހާލިއެވެ.
“ކިޔަން ވީ ކީކޭ ކަމެއް ނޭނގެ” ދައުހާ ބުންޏެވެ.
“އަހަންނަކީ ނަންނަގެ ދޮންބެ” ނިހާން ދައުހާގެ މޫނަށް ބަލާލިއެވެ.
“ނަންނަގެ އެއްނު؟ އަހަރެންގެއެއް ނޫނެއްނު؟” ދައުހާ އިސްޖަހައިގެން ހުރެ ޖަވާބު ދިނެވެ.
ނިހާން އިރުކޮޅަކު ދައުހާގެ މޫނަށް ބަލަން ހުރެ ވިސްނަމުން ދިޔައެވެ.
“ދެން ދަނީ. ގުޑް ނައިޓް” ނިހާން ދުރަށް ހިނގައިގަތެވެ.
“ނިހާން!” ދައުހާ ނިހާންގެ ނަމުން ގޮވާލިއެވެ.
“ކީއްވެ އަހަންނަށް ނަމުން ތި ގޮވީ؟” ނިހާން ހުއްޓިފައި އަހާލިއެވެ.
“ހަމަ ނޭނގިގެންތަ ތި އެހީ؟” ދައުހާވެސް ކޮށްލީ ސުވާލެކެވެ.
އެ ދެމެދުގައި ހިމޭން ވަގުތުކޮޅެއް ދިޔައެވެ. ދައުހާގެ ލޮލުން ނިހާންއަށް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ.
“ނޭނގެ” ނިހާން ބުންޏެވެ.
“ކީއްވެ ހުރިހާ އެއްޗެއް އަހަންނަށް ކިޔާދިނީ؟” ދައުހާ އަހާލިއެވެ.
“ނޭނގެ” ނިހާން ހަމަ އެ ޖަވާބު ދިނެވެ.
“އެހީމެއްނު ކީއްވެހޭ ޝަނާޒްގެ ވާހަކަ ކިޔާދޭން ބުނީ؟ ޖަވާބު ބޭނުންތަ؟” އެރޭ ހުރިހާ އެއްޗެއް ނިހާންއަށް އަންގަން ދައުހާ ބޭނުންވިއެވެ.
“ވަރަށް ލަސްވެއްޖެ” ނިހާން ސައިކަލާ ދިމާއަށް ފިޔަވަޅެއް އަޅާލީ ދައުހާ ކުރި ސުވާލުގެ ޖަވާބު ދިނުމެއް ނެތިއެވެ.
“ބިކޯޒް އައި ލަވް ޔޫ!” ނިހާންގެ އަތުގައި ހިފާ ދައުހާއާ ދިމާއަށް އަނބުރާލަމުން ބުންޏެވެ.
“ވަޓް؟” ގަބޫލު ނުކުރެވިފައި ނިހާން ދައިހާގެ އަތް ފޮޅުވާލިއެވެ.
“އައި ލަވް ޔޫ!” ދެވަނަ ފަހަރަށްވެސް ދައުހާ ބުންޏެވެ.
“ނޯ!” ނިހާން ބުނެލިއެވެ.
“ކީއްވެ ގަބޫލު ނުކުރަން ތި އުޅެނީ؟” ދައުހާ އަހާލިއެވެ.
“ތީ ނަންނަގެ ބެސްޓް ފްރެންޑް… ތީ އަހަންނަށް ހަމަ ނަންން ކަހަލަ ކުއްޖެއް…” ނިހާން ބުނެލިއެވެ.
“ދެވަނަ ފަހަރަށް ތިހެން ނުބުނާތި! އަހަންނަކީ ނިހާންއަށް ނަންނަ ކަހަލަ ކުއްޖެއް ނޫން. އަހަންނަކަށް ނޭނގެ މި ގޮތަށް ނިހާންއާ މެދު ފީލްވާން ފެށީ ކޮން އިރަކު ކަމެއް. އެކަމަކު އައި ނޯ ދެޓް އައި ލަވް ޔޫ” ނިހާންއާ ކައިރި ވެލާ ނިހާންގެ މޭގައި ދެ އަތްތިލަ ޖައްސާލަމުން ދައުހާ ބުންޏެވެ.
“ދައު މޮޔަވީތަ؟ ތީ އަހަންނަށް ވުރެ ސާދަ އަހަރު ކުޑަ ކުއްޖެއް. ތީ މޮޔަ ހިޔާލެއް. ތި ކަން ހިތުން ފޮހެލާ. ތީ އަދި ކުޑަ ކުއްޖެއް. ލޯބި ވަނީ ކިހިނެއް ކަމެއްވެސް އަދި ދައުއަކަށް ނޭނގޭނެ” ދައުހާގެ ދެ އަތްތިލަ ދުރުކޮށްލަމުން ނިހާން ފަހަތަށް ޖެހުނެވެ.
“ލޯބި ވުމަކީ މޮޔަ ކަމެއްތަ؟ ނޫނީ ލޯބި ވާން ޖެހެނީ ނިހާންއާ ޝަނާޒް ވީހެންތަ؟ ނޫނީ ތި ދެ މީހުންގެ މެދުގަ ވީ ކަންތަކަކީތަ ލޯތްބަކީ؟” ދައުހާ އަހާލިއެވެ.
“ދަނީ ދެން” އިތުރު އެއްޗެއް ބުނުމެއް ނެތި ނިހާން ސައިކަލަށް އަރާ ދުއްވާލިއެވެ. ނިހާން ގެއްލެން ދެން ބަލަން ހުރެފައި ދައުހާ ގެޔަށް ވަނެވެ.
އޭގެ ފަހުން ނިހާން ދައުހާއާ ދުރުދުރުން އުޅެން ފެށިއެވެ. ޒައިނާއަށާ ގޭ އެހެން މީހުންނަށް އެކަން ފާހަގަ ކުރެވިގެން ސުވާލު ކުރުމުން ނިހާން އަނެއްކާވެސް ދައުހާއާ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް ދެންވެސް އެ ދެމެދުގައި ކުރިން އޮތް ގާތް ކަމެއް ނުބާއްވައެވެ.
އެހެން ނަމަވެސް ދައުހާ ހިތްވަރު ދޫކޮށެއް ނުލައެވެ. ދައުހާ ވީ ނިހާން ހީ ކުރި ފަދަ ކުއްޖަކަށް ނޫނެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ނިހާން ދެކެ ލޯބި ވާ ކަން ދައުހާ ނިހާންއަށް ހަނދާން ކޮށްދެމުން ދިޔައެވެ. އިތުރު މީހަކަށް ނޭންގި ނަމަވެސް ދައުހާގެ އަމާޒަކަށް ވީ ކޮންމެވެސް ދުވަހަކުން ނިހާންގެ ލޯބި ކާމިޔާބު ކުރުމެވެ.
ދައުހާގެ ވާހަކަ ނިހާން ހިއްސާ ކުރީ ޝަނާޒްއާއެވެ. އެ ވާހަކަތައް ޝަނާޒްއާ ހިއްސާ ކުރަން ފެށުމުން ޝަނާޒް ބޭނުން ވެފައި ހުރި ފުރުސަތު ޝަނާޒްއަށް ލިބުނެވެ.
“ނިހާން… އަހަރެން އެއްޗެއް ބުނަން ބޭނުން… ނިހާން އަޑު އަހައްޗޭ” އެއް ދުވަހެއްގެ ހެނދުނު ނިހާން ގުޅުމުން ޝަނާޒް ފޯން ނަގާފައި ބުންޏެވެ.
“އަޑު އަހާނެ ކަން އެނގެއެއްނު؟ ބުނެބަލަ” ނިހާން ބުންޏެވެ.
“އަހަރެން ހިތަށް އަރަނީ ނިހާން ދެން… އެހެން ދިރިއުޅުމެއް ފަށަން ވީ ނޫންހޭ؟” ޝަނާޒް އެވަރަށް ބުނެފައި މަޑުކޮށްލީ ނިހާން ބުނަނީ ކީކޭތޯ ބަލާށެވެ.
“ނާޒް…” ނިހާންއަށް ގޮވާލެވުނެވެ.
“ޕްލީޒް. ނޫނެކޭ ނުބުނެ ނިހާން އިހަށް ވިސްނާލަބަލަ… އެއީއެއް ނޫންތަ މިހާރު އެންމެ ރަނގަޅު ގޮތަކީ؟ ނިހާން މަސައްކަތް ކޮށްފިއްޔާ އަހަރެންގެ މަތިން ހަނދާން ނައްތާލެވިދާނެ. ޕްލީޒް… ވިސްނާނަމޭ ބުނޭ ނިހާން…” ޝަނާޒް އެދުނެވެ.
“ޑޫ ޔޫ ލަވް ހިމް؟” ނިހާން އަހާލިއެވެ.
“ޖަވާބު ބޭނުން ވެގެންތަ ތި ސުވާލު ތި ކުރީ؟” ޝަނާޒްވެސް ކޮށްލީ ސުވާލެކެވެ.
“ނޫން… ޖަވާބެއް ބޭނުމެއް ނޫން… އިހަށް ބާއްވަނީ” އެ ވަގުތު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވެގެން ނިހާން ފޯން ކަނޑާލިއެވެ.
ޝަނާޒްގެ އެ ވާހަކައިން ނިހާން ހައިރާނެއް ނުވިއެވެ. ހިވީ އެހާ ދުވަސް ވީ އިރު އެ ފަދަ ކަމެއް ވެދާނެ ކަމަށް ވިސްނައިގެން ނިހާން ހުރި ހެންނެވެ. ޝަނާޒް އެދުނުހެން ނިހާން އެކަމާ ވިސްނިއެވެ. އެއީ ޝަނާޒްގެ ދިރިއުޅުމެވެ. ގޮތެއް ނިންމާނީ ޝަނާޒްއެވެ. ޝަނާޒް ބޭނުން ވަ ގޮތަކީ އެއީ ކަމަށް ވާ ނަމަ ނިހާންއަށް ދެކޮޅަށް އެއްޗެއް ނުބުނެވޭނެއެވެ. އެ ގޮތަށް ނުހެދުމަށް ޝަނާޒްއަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެހެން ހަދައިފި ނަމަ ނިހާންއަށް ކަންތައް އެ ކުރެވެނީ އަސަދުއެކޭ އެއްގޮތަށް ނޫން ހެއްޔެވެ؟
ނިހާންވެސް ގޮތެއް ނިންމިއެވެ. ޝަނާޒް ދެކެ ލޯބި ނުވާތީއެއް ނޫނެވެ. ޝަނާޒްގެ އުފަލަށް ޓަކައެވެ. އެ ނިންމުމުން ނިހާންއަށް ލިބުނީ ހިތްހަމަޖެހުމެވެ. އުފަލެވެ.
އޯލެވެލް ހަދާ ނިމުމުން ޒައިނާ ބޭނުން ވީ އޭ ލެވެލް ނަހަދާ ކޮންމެވެސް ކޯހެއް ހަދާށެވެ. ޒައިނާއެކޭ އެއް ގޮތަށް ދައުހާވެސް ނިންމީ އޭ ލެވެލް ނަހަދާ ދޫކޮށްލާށެވެ. އެހެން ނަމަވެސް ޒައިނާއާ ޚިލާފަށް ދައުހާ ބޭނުން ވީ ވަޒީފާއަކަށް ދާށެވެ. ދެ ކުދިންވެސް ހުހަށް ހިނަ ދުވަހު ނުތިބެ ދައުހާ އޮފީސްތަކަށް ވަޒީފާ ހޯދަން އެޕްލައި ކުރި އިރު ޒައިނާ ކޮލެޖްތަކަށް އެޕްލައި ކުރަން ފެށިއެވެ.
ސްކޫލް ނިމުމާއެކު ސޯޝަލްމީޑީއާގެ ތެރެއަށް ދެ ކުދިންވެސް ވަންނަން ފެށިއެވެ. ޒައިނާއަށް އިޔާދުއާ ދިމާވީ ފޭށްބުކް އިންނެވެ. ފްރެންޑް ރިކުއެސްޓެއް އައުމުން އެކްސެޕްޓް ކުރީ އެއީ އިޔާދު ކަން އެނގިގެންނެއް ނޫނެވެ. ޒައިނާ ދަންނަ މީހަކަށް ނުވިޔަސް ރައްޓެއްސެއްގެ ރައްޓެއްސަކަށް ވުމުން ޗެޓް ކުރަން ފެށިތާ ދެ މަހެއްހާ ދުވަސް ފަހުން އެއީ ބްލޫހިލް ގޭ އިޔާދު ކަން އެނގުމާއެކު ޒައިނާ ޗެޓް ކުރުން ހުއްޓާލިއެވެ.
އިޔާދުވެސް ޒައިނާއާ ފޭސްބުކް އިން ޒައިނާއާ އެކުވެރިވީ އެއީ ނިހާންމެންގެ ކޮއްކޮ ކަން ނޭނގިއެވެ. ނަމަވެސް ޒައިނާ ޗެޓް ކުރުން ހުއްޓާލުމުން، ދެ މީހުންގެވެސް “މިއުޗުއަލް ފްރެންޑް” ކައިރީ އަހައިގެން އެއީ ކޮން ކުއްޖެއްތޯ އޮޅުން ފިލުވިއެވެ. ޒައިނާގެ ހަގީގަތް އެނގުމުން އިޔާދުއަށް ޒައިނާއާ މެދު ވިސްނެން ފެށިއެވެ. ދެ އާއިލާގެ މެދުގައި އަހަރުތަކެއް ވަންދެން އޮތް ރުޅިވެރިކަން އިޔާދުގެ ހިތުގައިވެސް އޮތެވެ.
އެއީ އިޔާދު ކަން އެނގުނު ހިސާބުން ޗެޓް ކުރުން ހުއްޓާލީތީވެސް ޒައިނާއަށް ބަދަލެއް ދޭން ބޭނުން ވި އިޔާދު އެކުވެރިޔާގެ އެހީގައި ޒައިނާގެ ނަމްބަރު ހޯދައިގެން ގުޅަން ފެށިއެވެ. ފުރަތަމަ އެ ނަމްބަރުން ފޯން އައި ދުވަހު އެ ކޯލަށް ޖަވާބު ދިން ނަމަވެސް އޭގެ ފަހުން ޒައިނާ އެ ކޯލަށް ޖަވާބެއް ނުދެއެވެ. ނަމަވެސް ހުއްޓާނުލާ އިޔާދު ގުޅާތާ މަހެއް ވީ ފަހުން ޒައިނާ އެ ކޯލަށް ޖަވާބު ދިނީ އެހެން ގޮތެއް ނެތިގެންނެވެ.
“ކީއްކުރަން އަހަންނަށް ތި ގުޅަނީ؟” ޒައިނާ އެހިއެވެ.
“ކަމެއް ވެގެނެއްނު މި ވަރަށް އަހަރެން ގުޅާނީ؟ ކީއްވެ ފޯން ނުނަގަނީ؟ އަހަރެން ހީކުރީ އަހަރުމެންނަކީ ފްރެންޑްސް ކަމަށް” އިޔާދު އެހިއެވެ.
“އެނގޭނެ އަހަރުމެންނަކަށް ފްރެންޑްސްއަކަށް ނުވެވޭނެ ކަން. އަހަރެންގެ ފެމިލީވެސް، އަދި ތި ފެމިލީވެސް ގަބޫލެއް ނުވާނެ” ޒައިނާ ބުންޏެވެ.
“އެކަން އެނގެޔޭ. އެކަމަކު މަޖުބޫރު ވީމަ ގުޅާނެއެއްނު؟” އިޔާދު ބުންޏެވެ.
“މަޖުބޫރު ވާންވީ ކީއްވެ؟” ޒައިނާއަކަށް ނުވިސްނުނެވެ.
“އަހަރެން ޒައި ދެކެ ލޯބި ވާތީ” އިޔާދު ބުނެލިއެވެ.
ނުނިމޭ
23 Comments!
Comments are closed.
Hi all, here’s part 26, hykuran kamudhaane kamah, kiyaalaafa comment kollahchey ingey. 27 maadhamaa upload kolleveytho v try kuraanan. Stay at home, b safe n take care ❤️❤️❤️?
varah salhi.. maadhamaa ah varah inthizaaru kurevey eba
Thank u Aki,
Vvvv reethi mi part vx… Curiously waiting for next part ngey… N Marsha you are so talented… Lysm…. Me first tha ???????????
Thank u so much Queeny, yes u r 1st. ?❤️
Varah reethi mi part vx…..waiting for the nxt….
Thank u Kairaa
Maasha allah.. mi baives v reethi …. curiously waiting for the next part dear … ly ❤
Thank u imkko ?
Varah reethi next part
Thank u Ash ?
Varah varah reethi…❤❤❤❤❤
maa sha Allah???????
waiting waiting ❤❤❤❤❤❤
Thank u Yanaa ?❤️
Maasha Allah
Mi part vs varah reethi????????
Can’t wait to read next part ❤❤❤❤❤❤❤
Thank u Yaal, new part now uploaded
HOW OLD U MARSHA DEAR
Y dear??
HOW OLD U MARSHA DEAR
BTW NICE STORY
Thank u girl. Y do u want to know my age??
NO I AM NOT DEAR. MAY THE ANOTHER PERSON ALSO COMMENTED AT THE SAME TIME. AND I JUST ASKED BUT IF DONT WANT TO GIVE THE ANSWER ITS NOT A PROBLEM FOR ME. OK MARSHA?
How old are you?
Mee hama same girl tha??? ?
Koba update..