Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 9

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
March 24, 2020 9 Mins Read
18 Comments

”މިވަރުގެ މުސީބާތަކާ މަގޭ މުޅި ހަޔާތުގައިވެސް ދިމައެއް ނުވެޔޭ، ރައްޓެއްސަކާ އެކީގައި ކޮފީއަކަށް އެރޭ ކަމަކަށް ނުވެޔޭ، ބައްދަލުވާ ކޮންމެ ވަގުތަކު ދެކެވެނީ ކަލޭގެ ލަދުކުޑަ ވާހަކަ، މަގޭ އަގު އެންމެންގެ ކުރިމަތީގައި ވައްޓާލައިފިއޭ، ހުސްނާއަށް މޫނު ދައްކަންވެސް ލަދުގަންނަވަރު ކޮށްފިޔޭ… އަހަރެންގެ އެކުވެރިންގެ ކުރިމަތީގައި އަހަރެންގެ ޤަދަރުވެސް ކަލެއާ ހެދި ވެއްޓިއްޖެ… އެއީ ދޯ ކަލޭ ބޭނުންވާ ގޮތަކީ؟… އޭއި!، ކަލެއާ އަހަރެންމި ވާހަކަ ދައްކަނީ… ޖެހި ބުދެއްހެން ހުންނަން ވީކީ ނޫނޭ، ލަދުކުޑަ!…”

ދިމްނާއާ ދިމާއަށް ހިނގައިގަންނަމުން ބަރްކާ ވާހަކަދެއްކިއެވެ. ދަރިންގެ އުފަލަށްވުރެން ބަރްކާއަށް އަބަދުމެ މުހިންމުވަނީ އެހެނިހެން މީހުންގެ ކުރިމަތީގައި އޭނަގެ ޤަދަރާއި އިއްޒަތް ދެމެހެއްޓުމެވެ. ހަމައެއާއެކު އޭނަގެ މުއްސަނދިކަމާއި ބޮޑާކަން ދެއްކުމެވެ. ލާހެދުމާއި އަރާ ފައިވާނުގެ އިތުރުން ތުންފަތުގައި ޖައްސާ ކުލައިން ދާންދެން އޭނަގެ އަރާމު މުއްސަނދި ދިރިއުޅުން ދުނިޔެއަށް އިޢުލާންކުރަން ބަރްކާ ބޭނުން ވެއެވެ. އެއިން ކަމަކަށް ކުޑަމީސް އުނިކަމެއް ލިބެން އޭނަގެ ހިތާއި ޒަމީރު އަބަދުމެ ދެކޮޅުހަދައެވެ. ދުނިޔޭގެ ލައްޒަތަށް މީހާ ވަނީ ދެވިހިފާފައެވެ. އޭނަގެ ”ހައި ކްލާސް” އެކުވެރިންގެ ގުރޫޕުގެ ބޮންތީގައި ހުންނަނީ އޭނައެވެ. ދިމްނާ ކުރިކަމެއްގެ ސަބަބުން އޭނަ މިހުރިހާ ދުވަހު ވެރިވެ އިން ތަހުތައް ގުޑުންތަކެއް އަރައިގެން ގޮސްފިއެވެ. މީހުން ދެކެފާނެ ގޮތަކާ މެދު އެނަގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ބޮލުގައި އެޅިފައިވި ”އެންމެ ފުރިހަމަ އަދި މުއްސަނދި” ދިރިއުޅުުގެ ތާޖު ގެއްލިގެންދާ މަންޒަރު ބަލަން އޭނަގެ ލަގޮނޑިއަށް ހަމަހިލާ ކެތެއް ނުވާނެއެވެ.

ދިންމާގެ ކޯތާފަތުގައި ހޫނު އެތިފަހަރެއް ވީއްލައިލަމުން ބަރްކާ މޫނު ހަދާލިއެވެ. އެއަށްފަހު ޝަހާދަތް އިނގިލީގައި އޮތް އަލިމަހުގެ އަނގޮޓި ރަގަޅުކޮށްލަމުން ދިމްނާއަށް ބަލާލިއެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން ބަރްކާގެ މޫނު ވަނީ ރަތްވެފައެވެ.

މަންމަގެ އަތުގެ ހޫނު ހަމަލާއިން ދިމްނާއަށް ރޮވުނީއެވެ. ޖަނަވާރެއްގެ ވަކިތަކުގެ ދަށުން ސަލާމަތްވެގެން ހިމާޔަތަށް އެދިގެން އައި އަތުންވެސް އޭނައަށް އެލިބުނީ އަނިޔާއެވެ. ވޭނެވެ. ތަދެވެ. އޭނަގެ އަޑު އަހަން އޭނަގެ އުފަން މަންމަ އެދިޔައީ ދެކޮޅު ހަދަމުންނެވެ. ދަރިއަށް ވުރެން އިތުބާރު އެކުރަނީ ހިލޭ މީހުންނަށެވެ. މަންމަގެ ކުރިމަތީގައި އޭނަގެ އެއްވެސް އަގެއް ނެތެވެ. އެހިތުގައި އޭނައަށް ލޯބި ނުވަނީ ހެއްޔެވެ؟ ކުލުނެއް ނެތީ ހެއްޔެވެ؟ ދަރިއަކަށް އެހިތުގައި މައިވަންތަކަމުގެ އިިހުސާސްތައް ނުވަނީ ހެއްޔެވެ؟ މަންމަގެ ލޮލަށް އޭނަ ސިފަވަނީ ހަމައެކަނި ވިޔަފާރިއަށް ބޭނުންކޮށްލެވޭނެ ފަދަ މުދަލެއްގެ ގޮތުގައި ހެއްޔެވެ؟

ކުޑައިރުއްސުރެން ފެށިގެން ވެސް މައިވަންތަކަމުގެ ލޯބިން ދިމްނާއާއި އަޝްކާންވީ މަހުރޫމު ވެފައެވެ. މަންމައަށް އަބަދުމެ މުހިންމުވީ ރައްޓެހިންނެވެ. މަންމަގެ މުއްސަނދި ދިރިއުޅުމެވެ. އަބަދުމެ ސިކުނޑީގައިވީ ތަނަވަސްކަން އިތުރުކުރުމެވެ. އެކަމުގެ ސަބަބުން ބައްޕައަށް ވެސް ގިނަފަހަރު އެމީހުންނަށް ސަމާލުކަމެއް ނުދެވެއެވެ. މަންމަގެ ނަޒަރުގައި ލޯބި ސިފަކުރެވެމުން އައީ ފައިސާއާއި އަގުބޮޑު ތަކެތިންނެވެ. އުފަންދުވަސްތަކުގައި ވެސް އަގުހުރި އެއްޗެހި ލިބެއެވެ. ނަމަވެސް އެމީހުންނަށް ދޭން ވަގުތެއް ނޯވެއެވެ. މަންމައާއި ބައްޕައަށް އިހުސާސް ނުކުރެވުނީ ފައިސާއަށްވުރެން ބޮޑަށް ދަރިންނަށް ބޭނުންވަނީ ލޯތްބާއި، ކުލުނާއި އޯގާތެރިކަންކަމެވެ. އެހުރިހާކަމަކުން މަހުރޫމުވެފައި ތިބި ދިމްނާއާއި އަޝްކާން ބޮޑުވެގެން އައީ އެކަހެރި އަދި އެކަނިވެރި ދިރިއުޅުމެއްގައެވެ. އަޅާލާނެ ބަޔަކަށް ގާތުގައި ތިބީ ނޯކަރުންނެވެ. ކުލުނު ޖެހުނު މީހުންނަކީ ވެސް އެއީއެވެ. ނަމަވެސް، މިހާރު އެމީހުން ވެސް ގާތުގައި ނެތެވެ. މަންމަ އެމީހުންނާ މެދު ހިތްހަމަ ނުޖެހުމުން ވަޒީފާއިން ވަކިކޮށްލީއެވެ.

ހަށިފުރާ ދޫކޮށްލި ނޭވާއަށްފަހު ބަރްކާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން އެތާނގައި އިތުރަށް މަޑުކުރާކަށް ބަރްކާ ބޭނުމެއް ނުވިއެވެ. އެހެން ނޫނީ އަތުންފައިން ބޮޑު ގޯހެއް ހެދިދާނެއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން އޭނަ ހިނގައިގަތެވެ.

”އިތުރު އެއްވެސް ގޮތެއް ކަލެއަކަށް ނޯންނާނެ، ކަލޭ ޖެހޭނީ ހަމަ އުސައިދު ގާތަށް ދާން!، އަޑު އިވިއްޖެތަ؟… ކަލޭގެ ބައްޕަ ކޮންމެ އެއްޗެކޭ ބުންޏަސް މިގޭގައި ގަދަ ވާނީ އަހަރެންގެ ބަސް!…” ކޮޓަރިން ނިކުތުމުގެ ކުރިން ފަސްއެނބުރި ދިމްނާއަށް ބަލާލި ބަރްކާ ބުނެލިއެވެ. ރޮމުން ދިޔަ ދިމްނާ ފެނި ބަރްކާ ވީ ފޫއްސެވެ. ތުންފަތް އަރިއަކަށް ދަމާލާފައި އޭނަ ކޮޓަރިން ނިކުތެވެ. ދަރިފުޅުގެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބު އޮޅުންފިލުވާލުން އޭނައަށް މުހިންމުކަމަކަށް ނުވިއެވެ. މުހިންމުވީ އޭނަގެ ބާރު ދަރިންގެ މައްޗަށް އިސްކުރުމެވެ. އޭނަ އެދޭފަދައިން ކަންތައް ކުރަން މަޖުބޫރުކުރުމެވެ.

މަންމަ ނިކުމެގެން ދިއުމާއެކު ދިމްނާއަށް ތިރިވެވުނީ ސޯފާ އަށެވެ. އޭރު އޭނަގެ ވޭނީ ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރުތެރޭގައި ގުގުމަމުންފިޔައެވެ. އިރުއިރުކޮޅާ އެގިސްލުންތަކުން ކޮޓަރީގެ ހިމޭންކަން ނަގާލައެވެ. ހިތާމައިގައި ބައިވެރިވާނެ މީހަކު ނެތި އެކަނިވެރިކަން ވަށަލި ހިނދު ދިމްނާއަށް މޫނުގައި އަތްއަޅާލެވުނެވެ. އޭރު ހިމަހޯލި އިނގިލިތަކުގެ ތެރޭން ކަރުނަތައް ފޭދެމުން ދިޔައެވެ.

*****

”ވިވިއަން…” ކެބިން އިން ނިކުތް އަޝްކާން ގޮވާލީ މޭޒުދޮށުގައި މަސައްކަތެއްގައި އިން ވިވިއަން އަށެވެ. އެއާއެކު ކުރަން އިން މަސައްކަތްތައް ވަގުތުން ހުއްޓާލުމަށްފަހު ވިވިއަން ގޮނޑިން ތެދުވެލިއެވެ.

”އޭރު ހަވާލުކުރި ޑޮކިއުމެންޓްސްތައް މިއަދު ހަވީރު އޮތް މީޓީންގްއަށް ރެޑީކޮށްފަ ބަހައްޓާތި…” ލައިގެން ހުރި ކަޅުކުލައިގެ ކޯޓުގެ ގޮށްއަޅުވަމުން އަޝްކާން ބުނެލިއެވެ. އަދި އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ލިފްޓާ ދިމާއަށް ހިނގައިގަތެވެ.

”ލައްބަ” ވިވިއަން އަދަބުވެރިކަމާއެކުގައި ބުނެލިއެވެ.

އަޝްކާން ގޮސް ލިފްޓާއި އަރާހަމަވި ވަގުތަކީ ލިފްޓްގެ ދޮރު ހުޅުވުނު ވަގުތު ވެސް މެއެވެ. ލިފްޓްގައި ހުރި ޒުވާން އުމުރުފުރައިގެ އަންހެންކުއްޖާގެ ނަޒަރު އަޝްކާންއަށް ހުއްޓުމާއެކު ކަންފަތުގައި ޖައްސާލެވިފައިވި ފޯނު ވަގުތުން ތިރިކޮށްލިއެވެ. ހީވީ ކުރަންނުޖެހޭ ކަމެއް ކުރަނިކޮށް އަތުލައިގަތް މީހަކު ހެންނެވެ.

”ހޭއި ބޮސް!… ކިހިނެއްތަ؟ ލަންޗަށް ދާންތަ ތި ދަނީ؟…” އަވަސްއަވަހަށް އަތުގައި އޮތް އަތްދަބަހުގެ ތެރެއަށް ފޯނު ލަމުން އޭނަ އަޝްކާންއަށް ނުތަނަވަސްކަން އެކުލެވިފައިވި ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އަވަސްއަވަހަށް ލިފްޓުން ނިކުތެވެ. އަޝްކާންއަށް މުހާތަބު ކުރުމުގައި އެއްވެސް އަދަބުވެރިކަމެއް ނެތެވެ.

ހިތްހަމަނުޖެހުމުގެ އަސަރު އަޝްކާންގެ ފަރާތުން ފެނުނެވެ. އޭނަ ލިފްޓަށް އަރަމުން ލިފްޓްގެ ބަޓަންތަކަށް ފިތާލުމުގެ ކުރިން ވިވިއަންއަށް އަވަސް ނަޒަރެއް ދިނެވެ. އެނަޒަރުގައި އެކުލެވިފައިވި މާނަ ވިވިއަންއަށް ނަގައިގަނެވުނެވެ.

”ސުހާ!، ކީއްވެތަ ބޮސްއާ އެގޮތަށް ވާހަކަދެއްކީ؟، މިހާރު އެތައް ފަހަރަކު ބުނެފިން ޑިއުޓީ ގަޑީގަ ޕަރސަނަލް ފޯނާ ނުކުޅޭށޭވެސް!……” ލިފްޓްގެ ދޮރު ލެއްޕުމާއެކު ވިވިއަންއަށް ބުނެލެވުނެވެ. ސުހާ އަކީ ވިވިއަންގެ ވަގާމަށް ގެއުމަށް ހޮވުނު އަންހެންކުއްޖާއެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމަޤާމަށް ސުހާ ހޮވުމުން ވިވިއަން ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އެއީ މަސައްކަތަށް އެންމެ އެކަށީގެންވާނެ ކަމަށް ޤަބޫލުކޮށް އަޝްކާން ހޮވި ކެންޑިޑޭޓުބާވައޭ ވިވިއަންއަށް އޭނަގެ ޒަމީރާ ސުވާލުކުރެވުނެވެ. އިންޓަވިއުއަށް ކެންޑިޑޭޓުން ނެގިއިރުގައި ވެސް ސުހާ ނަގަން ޖެހުނީ އެންމެ ދަށް މިސްގަނޑުން ވިޔަސް ޝަރުތު ހަމަވާ އިތުރު ކުއްޖަކު އެމަޤާމަށް ކުރިމަތިލާފައި ނުވާތީއެވެ. ނަމަވެސް އެމަޤާމަށް ސުހާ ހޮވުމުން ވިވިއަން ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. ފަހަރެއްގައި ސުހާއަށް ލިބިފައިވާ ރީތިކަމެއްގެ ސަބަބުން އަޝްކާންގެ ހިތް ދީލާލީ ކަމަށް ވެސް ވެދާނެޔޭ ވިވިއަންގެ ހިތަށް އެރިއެވެ. އަޝްކާންގެ މިޒާޖު އަދި ވިސްނުން ހުންނަ މިސްރާބެއް އޭނައަށް އެނގެނީކީ ނޫން ވިއްޔާއެވެ.

”ވަޓްސް އަޕް ވިވީ!…” ބުޑު އަނބުރަމުން އައިސް ގޮނޑީގައި އިށީންނަމުން ސުހާ ބުނެލިއެވެ. އެއަށްފަހު އޭނަގެ އަތްދަބަސް މޭޒުމަތީ ބަހައްޓަމުން އޭގެ ތެރެއިން މޫނުގައި ފުށްޖަހާ ދަޅަކާއި ތުންފަތުގައިވި ކުލަ ގަދަކޮށްލަން ލިޕްސްޓިކެއް ނެގިއެވެ. އޭނައަށް ވިވިއަންގެ ޖުމްލަ އަޑު ނީވޭ ކަހަލައެވެ. ނޫނީ ދެނެހުރިކަމަށް ހަދާނުލީއެވެ.

ސުހާގެ ހަރަކާތަކަށް ބަލަން ހުރި ވިވިއަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އޭނަ ހިސާބަކަށް ރުޅިވެސް ގަދަވިއެވެ.

”ޔޫ ނޯ، ވިވީ އެބަޖެހޭ މޭކްއޯވާރއެއް ހަދަން، ތިހާ ސިމްޕަލްކޮށް ހުރީމަ ވަރަށް ހަޑި، މިހާ ހައި ކްލާސް ތަނެއްގަ އުޅޭއިރު ޖެހޭނެ މީހާގެވެސް ފެންވަރު ހުންނަކަން ދައްކާލަން، އަނެއްކާ ބޮސްގެ ސަމާލުކަން ހޯދޭނީ ވެސް ނަލަހެދިގެން ހުރީމަތާ… ވިވީ ތިހެން ހުރީމަ ވަރަށް ހަޑި…” ވިވިއަންގެ ސާދާކަން ސުހާއަށް ކަމަކު ނުދިޔައެވެ. އެކަމަށް ފާޑުކިޔާލީ އެހެންވެއެވެ. ސުހާގެ ވާހަކަދެއްކުމުގެ ރާގުން ވެސް ކިބުރުވެރިކަމާއި ބޮޑާކަން ސިފަވެއެވެ.

”އަހަރެންގެ ވަޒީފާއަކީ މޮޑެލް ކުރުމެއް ނޫން، އެހެންނޫނަސް ތިރީތިކަމަކީ ދުނިއުމުރަށް ދެމިގެންދާނެ ކަމެއް ނޫން، މާދަމާވެސް ލޯމެރުނީމަ ފަސްގަނޑާއެކުވެގެން ދިއުން އޮތީ…”

ވިވިއަން ހިތްހަމަނުޖެހިފައި ބުނެލިއެވެ. ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ވަޒީފާގެ ކަންތައް ސުހާއަށް ދަސްކޮށްދޭން އޭނަ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް ވީކަމެއް ހަރާމުން ހަރާމެވެ. އަބަދު އިންނަނީ ފޯނާ ކުޅެންށެވެ. އެވަރުން ނުފުދިގެން އޮފީސް ފޯނުން އިންނަނީ ރައްޓެހިންނަށް ގުޅައިގެންނެވެ. އެއިން ކަމެއްގައި ނުވާނަމަ އިންނަނީ މޫނު ކުރެހުމުގައެވެ. ކުރާ މަސައްކަތް ކޮށްފައި ހުންނަނީ އަމާބުނީތީ ފަރަށްދާ އުސޫލުންނެވެ. ހަވާލުކުރެވޭ މަސައްކަތެއް ގަޑިއަށް ނިންމަނީކީއެއް ވެސް ނޫނެވެ. އެކަމާ ހެދި ހިލުނު މައްސަލައެއްގައި އަޝްކާން ހުންނަނީ ރުޅިގަދަވެފައެވެ.

”ދެން އެއްކަލަ މީހާގަނޑު، ދެން ތި ކޮން ކަހަލަ މޮޔަ ވާހަކައެއް، ތިކަހަލަ ފޫހި ވާހަކަ ނުދައްކާ ހުރޭ، ފަސްގަނޑާ އެކުވާނީޔޯ!…” ތުންއަނބުރާލަމުން ސުހާ ބުނެލިއެވެ. މަރުމަތިން ހަނދާންކުރާކަށް ބޭނުންނުވާކަން ސުހާގެ ވާހަކަދެއްކުމުގެ މޭރުމުން ހާމަވެއެވެ.

”ހާދަ ޓަޔަޑް ޔޭ، އަދި ހަތަރެއްޖަހަން ހާދަ ގިނަ އިރެއް އެބަ އޮތޭ، އެންމެ ރަގަޅުތަ އަހަރެން ކޮފީ ބްރޭކަކަށް ދިޔަޔަސް؟…” ރީތިވާން ބޭނުންކުރާ ސާމާނުތައް އަތްދަބަހަށް ލަމުން ސުހާ އެދުނެވެ. ވިވިއަން ދިނީ ނުރުހުމުގެ ބެލުމެކެވެ.

”ދީފަ ހުރި މަސައްކަތްތައް ފުރަތަމަ ނިންމަބަލަ!، އަނެއްކޮޅުން ދެންމެ ލަންޗް ބްރޭކަށް ގޮސްފަ ތިއައީ!……” ވިވިއަން ހަށަން ބަނދެލިއެވެ.

”މިހާރު ކިހިނެއްވީ؟… ހާދަ ފޫހިވާ ވައްތަރަކަށޭ ތިއުޅެނީ!، މި ހީވަނީ އަހަންނާ ހަވާލުކުރާ މަސައްކަތްތައް ނުނިންމަނީ ހެން!، ވަރަށް ފޫހިވޭ…” ސުހާ އަމާޒުހިފީ ޒުވާބުކުރުމަށެވެ. ހެނދުނުން ފެށިގެން އޭނައާއި ހަވާލުކުރެވުނު މަސައްކަތްތައް ނުނިމި މެޒުމަތީ ފުނިޖެހިފައި ހުރިތަން ފެނިފައިވެސް އެކަން ޤަބޫލުކުރާކަށް ސުހާ ބޭނުމެއް ނުވިއެވެ. ތިމާގެ ގޮތުގައި ހިފެހެއްޓީ އޭނަ ރަގަޅަށް ވަޒީފާ އަދާކުރަމުންދާ ކަމަށް ބުނަމުންނެވެ.

ޒުވާބުކުރަން ބޭނުންނުވާތީ ވިވިއަން ހިޔާރުކުރީ ހިމޭންކަމެވެ. އެއީ ސުހާއަށް ލިބުނު ހިތްވަރެކެވެ. އެންމެފަހުން އޭނަގެ މަސައްކަތްތައް ވެސް ޖެހީ ވިވިއަންގެ ބޮލަށެވެ. އަދި ތަންވަޅު ބަލާފައި ދިޔަ މީހާ ވީ ބަޚަބަރެވެ. އެކަމާ ރުޅިގަދަވެގެން ގޮސް ވިވިއަން ގުޅުމުން ފޯނު ކޮށްލީ ބިޒީއެވެ. އޭގެ ފަހުން ގުޅުމުން ފޯނެއް ނުވެސް ނެގިއެވެ. އޭގެ ފަހުން ސުހާ ލޮލަށް ދައްކާލީ ދެ ގަޑިއިރު ފަހުންނެވެ. އޭރު ތިނެއް ޖަހާއިރު އޮތް މީޓީންގްއަށް ދާން ވިވިއަން ހުރީ ހުރިހާ މަސައްކަތެއް ނިންމައިގެންނެވެ.

އަޝްކާން ކެބިން އިން ނިކުންނަން ވާއިރަށް މަތި އޮމާންކޮށްލަން ސުހާ އަވަސްއަވަހަށް ވިވިއަން ގާތަށް ދިޔައެވެ.

”ބޮސް!، މިހިރީ ހުރިހާ ޑޮކިއުމެންޓެއް…” ވިވިއަންއަށްވުރެ ކުރިން މޭޒުމަތީ ހުރި ފައިލުތައް ނަގައި އަޝްކާންއަށް ދިއްކޮށްލީ ސުހާ އެވެ. ފައިލުތަކުގައި ހިފަމުން ސުހާއަށް އަޝްކާން ބަލާލިއެވެ. އޭނަގެ ނަޒަރުގައި ވަނީ ޝައްކެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ސުހާގެ މިޒާޖު އޭނައަށް ވަނީ ރަގަޅަށް ދަސްވެފައެވެ. ސުހާގެ މަސައްކަތާ މެދުގައި ވެސް އޭނަ ހިތްހަމައެއް ނުޖެހެއެވެ.

”ޓޭކިންގް ކްރެޑިޓް ފޯރ އަދާރ ޕީޕަލްސް ހާރޑްވޯރކް؟…” އަޝްކާންގެ ޖުމްލައިން ސުހާ ރަކިވިއެވެ. ލަދުގަތެވެ. ވަގުތުން މޫނުގެ ކުލަ އޮއްސި މީހާގެ މިޒާޖު ބަދަލުވެއްޖެއެވެ. އަޝްކާންގެ ސަމާލުކަން ހޯދަން ސުހާ އެތައް މަސައްކަތެއް ކޮށްފިއެވެ. ނަމަވެސް މިއަދާ ޖެހެންދެން ވެސް އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ. އެކަމާ ހެދިވެސް ސުހާ ރުޅިގަދަވެއެވެ. އޭނަގެ ރީތިކަމަށް އަޝްކާންގެ ސަމާލުކަން ނުހުއްޓޭތީއެވެ.

އަޝްކާންގެ ފަހަތުން ސުހާއާއި ވިވިއަން ގޮސް މީޓިންގް ރޫމަށް ވަނެވެ. މީޓިންގް ކުރިއަށް ދަނިކޮށް ސުހާއަށް ފޯނުކޯލެއް އައެވެ. ވަގުތުން އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެއިން ކަމަކަށް ސަމާލުކަން ނުދިން ސުހާ ފޯނަށް އަވަސްއަވަހަށް ޖަވާބު ދިނެވެ. އެކަން ހުއްޓުވަން ގާތުގައި އިން ވިވިއަން ސުހާގެ އަތުގައި ހިފާލިއެވެ. ނަމަވެސް ސުހާ އެކަމަށް ސަމާލުކަމެއް ނުދިނެވެ. އޭނައަށް މުހިންމުވީ ރައްޓެއްސެއްގެ ފޯނުކޯލެވެ.

ޕްރެސެންޓޭޝަން ދެމުން ދިޔަ އަޝްކާން ރުޅިގަދަވެ މުށްކަވާލެވުނެވެ. ނަމަވެސް މޭޒު ދޮށުގައި ތިބި މީހުންނަށް ދިން އަވަސް ނަޒަރާއެކު ރުޅީގެ އަސަރު މޫނުމަތިން ފޮރުވާލިއެވެ. އަދި ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.

އެންމެންގެ ސަމާލުކަން ހުއްޓިފައިވީ އެއްވެސް ހަމައެއްލަމައެއް ނެތި ފޯނުގައި އިން ސުހާއަށެވެ. ވިވިއަން ގޮވާލުމުން ވެސް ދެނެ ހުރިކަމަށް ހަދާނުލިއެވެ.

”ސޮރީ ވަރަށް އިމްޕޯރޓެންޓް ކޯލެއް އައީ…” ފޯނުކޯލް ނިންމާލަމުން ސުހާ ބުނެލިއެވެ. އޭނައަށް ކުރެވުނުކަންތައް ރޭކާނުލާ ކަހަލައެވެ. މީހާ ހަމެޖެހިލި ހިނދު އޭނަގެ ސަބަބުން މީޓިންގް ހުއްޓުމަކަށް އައިކަމާ މެދު ވިސްނައެއް ނުލިއެވެ. އަޝްކާން އައިސްފައި ހުރި ގަދަ ރުޅިގަނޑުގެ ހިލަމެއްވެސް ނުވިއެވެ.

*****

މީޓިންގް ނިމި މީޓިންގް ރޫމް ހުސްވަންދެން އަޝްކާން ހުރީ ރުޅިގަނޑު ކޮންޓްރޯލްކޮށްގެންނެވެ. ސުހާއާއި ވިވިއަންއާއެކުގައި އެކަނިވުމާއެކު އަޝްކާންއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ސުހާއަށް އޭނަ ބަލާލީ ނުރުހުމާއެކުގައެވެ.

”ޔޫ އާރ ފަޔާރޑް!…” އައިސްފައި ހުރި ގަދަ ރުޅީގައިވެސް މަޑުމައިތިރިކަން އަޝްކާން ޚިޔާރުކުރިއެވެ. ”މިހާރުން މިހާރަށް ތިހިރީ ވަޒީފާއިން ވަކިކޮށްފަ…”

އިތުރަށް މަޑުކުރުމެއް ނެތި އަޝްކާން ނިކުމެގެން ދިޔައީއެވެ. ލިބުނު ޝޮކުގައި ސުހާ ހުރީ ބަސްހުއްޓިފައެވެ. ނިކުމެގެން ދިޔަ އަޝްކާންއަށް ބަލަން އޭނައަށް ހުރެވުނީއެވެ. ވިވިއަން ވެސް ނިކުމެގެން ދިޔައީ ސުހާއަށް ބަލާލަމުންނެވެ.

”ބޮޑު ފޫހި ފިރިހެނާ، އަހަރެން ނޫޅެން މިތާކު ހުންނާކަށްވެސް، ވަރަށް ފޫހިވޭ…” ތުންއަނބުރާލަމުން ސުހާ ބުނެލިއެވެ.

*****

ހަވީރެވެ. ބަރްކާ ހުރީ ސިޓިންގްރޫމްގެ ސޯފާގައެވެ. އަތުގައި އޮތް ފެޝަން މެގެޒިންގެ ގަނޑުތައް އުކަމުން ދިޔަ އިރު އިރުއިރުކޮޅާ ބޮޑުކޮޓަރީގެ ފާރުގައި ހުރި ޝާހީ ގަޑިއަށް ނަޒަރު ހިންގާލައެވެ. ހީވާ ގޮތުން މީހެއްގެ އިންތިޒާރުގައި އިން ކަހަލައެވެ.

”އައްސަލާމްޢަލައިކުމް…” ކުއްލިޔަކަށް އިވުނީ ބަރު ފިރިހެންވަންތަ އަޑަކެވެ. އަތުގައި އޮތް މެގެޒިންއާއި ނަޒަރު ވަކިކޮށްލަމުން ބަރްކާ އިސް އުފުލާލިއެވެ. އެއާއެކު އޭނައަށް ފެނުނު ސޫރައާއެކު ބަރްކާއަށް ހިނިތުންވެވުނެވެ. އޭނަ ހަޤީޤަތުގައި އެއިނީ އުސައިދު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

”ދަރިފުޅު އުސައިދު!…” ހިނިތުންވުމަކާއެކު ބަރްކާ ބުނެލިއެވެ. ”އޮފީސް ނިންމާލި ގޮތަށް ދޯ ތިއައީ…”

ރަސްމީ ހެދުމުގައި ހުރި އުސައިދު ފެނި ބަރްކާއަށް ބުނެލެވުނެވެ. އަދި އަތުގައި އޮތް މެގެޒިން ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ބާއްވަމުން އޭނަ ސޯފާއިން ތެދުވުނެވެ. އަދި އޭނަ ގާތަށް އައިސް ހުއްޓުނު އުސައިދު ގައިގައި ބައްދާލިއެވެ.

”އިށީންނަން ވީނު؟…” އުސައިދުއާއި ދުރަށް ޖެހިލަމުން ބަރްކާ ބުނެލިއެވެ. ”ކޮފީއެއް ބޯނަންތަ؟…” އޯގާތެރިކަމާއެކު ބަރްކާ ވާހަކަދެއްކިއެވެ. އުސައިދުއާއި ވާހަކަދައްކާއިރު ބަރްކާގެ އަޑުގައި އޯގާތެރިކަން ވެއެވެ. ކުލުނު ވެއެވެ. މުޅިން އެހެން މީހެއް ފަދައެވެ.

”ފުރަތަމަ ބޭނުމީ ދިމްނާއާ ބައްދަލުކޮށްލަން…” ސޯފާގައި އިށީންނަމުން އަދަބުވެރިކަމާއެކު އުސައިދު ބުނެލިއެވެ.

”ދަރިފުޅުމެންގެ ދެމެދުގައި ޖެހިފައިވާ މައްސަލަ ހައްލުކުރަން މަންމަ ބޭނުން، އެހެންވެ އުސައިދު ގާތު އަންނާށޭ ބުނީވެސް، ދިމްނާ ވީ ކޮޓަރީގަ…” ބަރްކާ ބުނެލިއެވެ.

”އެންމެ ރަގަޅުތަ އަޅުގަނޑު ދިޔަޔަސް؟…” ބަރްކާގެ ގާތުން ހުއްދައަށް އުސަައިދު އެދުނެވެ. އެކަން ބަރްކާއަށް ވީ މަޖާ ކަމަކަށެވެ.

”އެއީ ދަރިފުޅުގެ އަނބިމީހާއެއްނު، އަވަހަށް ދޭ…” ބަރްކާ ވަގުތުން ބުނެލިއެވެ. އުސައިދު ތެދުވެގެން ސިޑިއާ ދިމާއަށް ދިޔަތަން ބަލަން ބަރްކާ އިނެވެ.

”މަގޭ ގަމާރު ދަރިއަށް ލިބިފައިވި ޖަވާހިރާ މެދު ޝުކުރުކުރަން ވެސް ނޭގޭ!…” އުސައިދުގެ އޯގާތެރިކަމާއި ހިތްހެޔޮކަމާ މެދު ވިސްނަމުން ބަރްކާ ބުނެލިއެވެ. އަދި ހިތާހިތުން ދިމްނާއަށް އެއްޗެހި ގޮވާލިއެވެ.

*****

”ކުރިން އިންޓަވިއުއަށް ގެނެވުނު ކެންޑިޑޭޓުންނަށް އަނެއްކާވެސް އިންޓަވިއުއަށް ގުޅާ، އަނެއްކާ ކުރިމަތިލާން ހުޅުވައިފިއްޔާ އެކަމަށް ވަގުތު ނަގާނެ، އިތުރަށް ވަގުތު ބޭކާރުކުރެވޭކަށް ނެތް!…” ވިވިއަން އޭނަގެ ކެބިންއަށް ގެންނަމުން އަޝްކާން ބުނެލިއެވެ. އަޝްކާން އިނީ އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައެވެ. އަޝްކާންއާ ކުރިމައްޗަށް ވާހެން ކޮޅަށް ހުރި ވިވިއަންއަށް އަޝްކާންގެ މޫނަށް ބަލާލެވުނެވެ. އަދިވެސް އަޝްކާންގެ މޫނުން ނުރުހުމުގެ އަސަރު ފާޅުވެއެވެ.

”ލައްބަ…” އަޝްކާންއަށް ބަލާލަމުން ވިވިއަން ބުނެލިއެވެ. އަދި ކެބިންއިން ނުކުންނަން ހިނގައިގަތެވެ.

ވިވިއަން ނިކުތް އިރު ސުހާ އޭނަގެ ސާމާނުތައް ކުޑަ ކަރުދާސް ފޮއްޓަކަށް އަޅައިގެން ނިކުންނަން ދަނީއެވެ.

”އައި ހޯޕް ހީ ނެވާރ ގެޓްސް ޔޯރ ރިޕްލޭސްމެންޓް!… އެފޮނިބޮޑު ފިރިހެނާއަށް ހަލާކުހުރި!…” ސުހާއަށް ވިވިއަން ފެންނައިރަށް މޫނު ހަދާލަމުން ތުންއަނބުރާލާފައި ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ދިޔަ މަގުމަތީގައި އަވަގުރާނަ ގޮވާލިއެވެ.

ވިވިއަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ސުހާ ދިޔަތަން ބަލަން ހުރެފައި އޭނަ އަވަސްވެގަތީ އޭނައާއި އަޝްކާން ހަވާލުކުރި މަސައްކަތް ނިންމުމަށެވެ. އެންމެ މިނެޓެއް ބޭކާރުކުރެވޭކަށް ނެތެވެ.

*****

އެނދުމަތީ ފޫހިވެފައި އޮތް މަލްސާ ސިއްސައިގެން ދިޔައީ އޭނަގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގައި ސްކްރީނަށް ހިންގާލި ނަޒަރާއެކު ހިތުގެ ވިންދު އަވަސް ވާން ފެށިއެވެ. ނޭވާ ކުރުވިއެވެ. މީހާއަށް ލިބުނު ފިނިކަމާއެކު އެނދުން ކޮޅަށް ތެދުވެވުނެވެ. އަތްފައިގައި ހީލިއެއް އެފެދިފައި ވިއެވެ.

ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ހިތުގެ އިހުސާސްތައް ހަމައަކަށް އަޅުވާލަމުން މަލްސާ ފޯނަށް ޖަވާބު ދިނެވެ.

”މަލްސާ ތޯ؟…” އެކޮޅުން އިވުނީ ވިވިއަންގެ އަޑެވެ. މަލްސާއަށް ބޯޖަހާލެވުނީއެވެ. އެކުރެވުނީ މޮޔަކަމެއްކަން ރޭކާލި ހިނދު ބޮލުގައި ފުއްޓަކިއެއް ދެމުން އަވަސްއަވަހަށް ”އާނ” އެކޭ ބުނެ ޖަވާބު ދިނެވެ.

”މާދަމާ ހެނދުނު އެގާރައަށް އިންޓަވިއުއަށް ދުރުވެވޭނެތޯ؟…” ވިވިއަންގެ ސުވާލުން މަލްސާއަށް ލިބުނީ ހައިރާންކަމެވެ. އޭނަ އުއްމީދުކޮށްގެން ހުރީ އެފޯނުކޯލަކީ މަޤާމަށް ހޮވިގެން އެކަން އަންގަންވެގެން ކުރި ފޯނުކޯލެއް ކަމަށެވެ. ނަމަވެސް އެހެނެއް ނުވިއެވެ. ހިތަށް ލިބުނު އުފާވެރިކަން އުދާހަށް ބަދަލުވެގެން ދިޔައެވެ. މޫނުގެ ކުލަވަރު އޮއްސި މާޔޫސްކަން ފާޅުވިއެވެ.

ދެވަނަ ފަހަރަށް އިންޓަވިއުއަށް ގުޅަން ޖެހުނު ސަބަބަކާ މެދު މަލްސާއަށް ވިސްނާލެވުނެވެ. ފަހަރެއްގައި ދެބުރަށް ބަހައިގެން ގެންދާ އިންޓަވިއުއެއްކަމަށް ގަސްދުކޮށް މަލްސާ ވާހަކަދައްކަން ފެށިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި މަންޒިލާ ހަމައަށް ވާސިލުވާން މަލްސާ ބޭނުންވިއެވެ. މާޔޫސްވާން ޖެހޭ ވަރުގެ ކަމެއް އަދި ކުރިމަތިނުވެޔޭ ހިތަށް ވިސްނައިދިނެވެ. ފުރުސަތެއް އެއޮތީ ފަހިވެފައެވެ. ކުރިއަށް ދިއުމުން މެނުވީ ވާނެގޮތެއް ނޭގޭނެއެވެ.

”ލައްބަ…” މަލްސާ ބުނެލިއެވެ. ވިވިއަން ވަކިވެލީ އަދިވެސް އެއްފަހަރު އިންޓަވިއު އޮންނާނެ ގަޑިއާއި ތަން ހަނދާންކޮށްދީފައެވެ.

”ދިސް އިޒް މައި ލާސްޓް ޗާންސް، ޕްލީޒް ގޯޑް ޑޫ އެ މިރޭކަލް ފޯރ މީ…” ފޯނު ގެނެސް މޭގައި ޖައްސާލަމުން މަލްސާއަށް ބުނެވުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ދެވަނަ ފަހަރަށް އަޝްކާން ފެނުމުގެ ނަސީބު ލިބޭނެކަން ހިތަށް ގެނެވުމާއެކު މަލްސާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ކުރެހިގެން ދިޔައެވެ.

*****

ގިނައިރު ރުއިމުގެ ސަބަބުން ލޮލަށް ނިދި ސަވާރުވެ ސޯފާގައި ނިދިފައި އޮތް ދިމްނާ ސިއްސައިގެން ދިޔައީ އޭނަގެ ކޯތާފަތުން ބީހުމެއްގެ އަސަރު އިހުސާސް ކުރެވިގެންނެވެ. ތެތްކަން އެކުލެވިފައިވި އެސްފިޔަތަށް ތަޅުވާލަމުން ދެލޯ ހުޅުވާލެވުނެވެ. އޭރު އޭނަގެ މަގަތުގައި ކުރުފައި މައްޗަށް ތިރިވެ އިން އުސައިދު ފެނި ދިމްނާއަށް ފުންމައިގެން ގޮސްފައި ކޮޅަށް ތެދުވަން އުޅުނެވެ. އެދަނޑިވަޅުގައި އޭނަގެ ފައި އަރިއަޅާލުމާއެކު ބިންމަތީ އަޅާފައި އޮތް ކާރޕެޓްގެ މައްޗަށް ވެއްޓުނެވެ. އޭރު އެދެލޮލުން ފެންނަނީ ބިރުވެރިކަމެވެ. ސިހުމެވެ.

ދިމްނާއަށް ބަލާލި އުސައިދު އެއްމިޔަކަނިން ހިނިތުންވެލިއެވެ. އެދެލޮލުގައި ވަނީ މަލާމާތުގެ އަސަރެވެ. ދިމްނާގެ މޫނުން ފެނުނު ބިރުވެރިކަމުން އުސައިދުގެ މޫނަށް ވެރިވީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.

”ކާކު މިތަނަށް ވަންނަން ހުއްދަ ދިނީ!!!…” ކޮޅަށް ތެދުވަމުން ދިމްނާ ބުނެލިއެވެ. އުސައިދުއާއި އެކު ކޮޓަރީގައި އެކަނިވުމުން ދިމްނާ ހާސްވާ ގޮތް ވިއެވެ. ކުރިއަށް ވެދާނެ ގޮތްތައް ހިތަށް އަރައި އޭނަ ބިރުގަންނަން ފެށިއެވެ.

ފުރިހަމަ އިސްކޮޅުގެ މައްޗަށް އުސައިދު ތެދުވިތަން ފެނި ދިމްނާއަށް ފަހަތަށް ޖެހިލެވުނެވެ.

”މަންމަ!…” މައުސޫމްކަން އެކުލެވިގެންވާ އަޑަކުން އުސައިދު ބުނެލިއެވެ. އެއާއެކު ގޮތްހުސްވެފައިވާ މީހަކު ފަދައިން ދިމްނާއަށް ކަރުއެލުވާލެވުނެވެ. ހިތަށް އެވަގުތު ވެރިވީ ފުން ތަދެކެވެ.

”ދުރުގަ ހުރޭ…” ދިމްނާ ގާތަށް ދިއުމަށް އުސައިދު އަޅާލި ފިޔަވަޅާއެކު ދިމްނާއަށް ބުނެވުނެވެ. ފަހަތަށް ޖެހުމުންޖެހެމުން ގޮސް އެންމެފަހުން ފާރާއި އުސައިދުއާއި ދެމެދު އޭނަ ހައްޔަރުވިއެވެ. ދިމްނާއަށް ދުރަށް ނުދެވޭނެހެން އެދެމެދުގައިވާ ދާއިރާ އިތުރަށް ހަނިކުރަމުން ފާރުގައި ދެއަތް ވިއަދާލަމާއެކު އުސައިދު ވާހަކަދައްކަން ފެށިއެވެ.

”އާހ… ތި މީރުވަސް ނުލިބޭތާ މިހާރު ކޮން ދުވަހެއް…” ދިމްނާގެ ކަނދުރާއާއި ނޭފަތް ކައިރިކުރަމުން އުސައިދު ބުނެލިއެވެ. އުސައިދުގެ ހޫނު ނޭވާތަކުން ދިމްނާއަށް އިހުސާސުވީ އަލިފާނުގެ ހޫނުކަން ޖިސްމަށް ފޭދި ފިހުނު ހެންނެވެ.

އިސްޖަހާލަމުން ދުރަށްދާން ދިމްނާ މަސައްކަތްކުރިއެވެ. އެއާއެކު އޭނަގެ ބާރު ދިމްނާގެ މައްޗަށް އުސައިދު އިސްކުރިއެވެ.

”އަދިވެސް ތީ މަގޭ އަނބިމީހާކަން އެނގޭ ދޯ!… މަ ބުނާ ކޮންމެކަމެއް ފުރިހަމަކޮށްދޭން ޖެހޭނެކަން އެނގޭ ދޯ!…” ދިމްނާގެ ދަތްތޮޅީގައި ޝަހާދަތް އިނގިލި އަޅުވާލަމުން އޭނައަށް ބަލަން މަޖުބޫރުކުރުވަމުން އުސައިދު ވާހަކަދެއްކިއެވެ. އެތުންފަތުގައިވަނީ މަލާމާތެވެ.

”އެކަކުވެސް ދިމްނާގެ ވާހަކައެއް ޤަބޫލެއްނުކުރި ދޯ…” އުސައިދުގެ ތުންފަތުގައިވި ހިނިތުންވުމުން ދިމްނާ ގާތަށް ރުޅި ގެނުވިއެވެ. ބިރުން ހުރިކަމުގައި ވިޔަސް އުސައިދުގެ މޭގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. ދިމްނާގެ އެހަރަކާތް ވެގެން ދިޔައީ އުސައިދުގެ އެތެރެހަށީގައި ފިލާހުރި ޝައިތާނާ އުފަންކުރުވި ކަމަކަށެވެ. ތުންފަތުގައިވި ހިނިތުންވުން ގެއްލި މޫނަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަގެ ހަޤީޤީ ބާރު ދިމްނާގެ މައްޗަށް ދައްކާލީ ދެނެވެ.

”*****!” ހަޑިހުތުރު ބަހުން ދިމްނާއާއި މުހާތަބު ކުރަމުން އުސައިދު ހިފީ ދިމްނާގެ އިސްތަށިގަނޑުގައެވެ. އެދިގު އިސްތަށިގަނޑު އަތުގެ އިނގިލިތަކުގެ ތެރެއަށް އޮޅާލަމުން ބާރުކޮށްލިއެވެ. އެއާއެކު ވޭނީ އާހް ތަކެއް ދުލުން ބޭރުވިއެވެ. ދިމްނާގެ ހަޅޭކުގެ އަޑު ބޭރުވުމުގެ ކުރިން ދިމްނާގެ އަނގަމަތީ އުސައިދު އަތް އެޅިއެވެ. އެއަށްފަހު ގަދަކަމުން ގެންގޮސް އެނދުމައްޗަށް ވައްޓާލިއެވެ.

ބޮލަށް އަރާފައިވި ތަދާއެކުގައިވެސް އެދުމަތީ ޖެހުމާއެކު އުސައިދުގެ ވަކިތަކުގެ ދަށުން ސަލާމަތްވާން ދިމްނާ މަސައްކަތްކުރިއެވެ. ނަމަވެސް އެއަށްވުރެން އުސައިދު މާ ހުޝިޔާރެވެ. ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން އޭނަ ޖެހިގަތީ ދިމްނާގެ ގައިމައްޗަށެވެ. އެއަށްފަހު ހިފީ ދިމްނާގެ ކަރުގައެވެ.

އުސައިދު އޭނަގެ އަތުގެ އިނގިލިތަކަށް ބާރުކޮށްލި ހިނދު ނޭވާ ނުލެވިގެން ދިމްނާ ތެޅިފޮޅެން ފެށިއެވެ. ދެލޯބޮޑުވެ ނޭވާއަށް އެދި އަނގަ ތަންމިނަށް ހުޅުވުނެވެ. އެއީ އުސައިދުގެ ހިތަށް ފިނިކަން ގެނެސްދިން މަންޒަރަކަށް ވިއެވެ.

ނޭވާ އުފުރިގެން ހިނގައިދާނެހެން ހީވި ދަނޑިވަޅުގައި އުސައިދު ލުޔެއް ދިނެވެ. ނަމަވެސް ނޭވާ ފުރިހަމަވުމުގެ ކުރިން އަނެއްކާވެސް ކަރުގައި އިގިލިތަކުން ވަށާލައި ބާރުކުރިއެވެ. މިފަހަރު ނޭވާހޮޅިން ހުސްވެ ދިމްނާގެ ދެލޯ ބޮޑުވެ މުދިމަށް އަރައި، ދެލޯ ރަތްވެ މޫނު ހުދުވަންދެން ދުލެއް ނުދިނެވެ. އޭރު ދިމްނާގެ އަރުގައި ލޭގެ ރަހަވެސް އެކުލެވިގެން ދިޔައެވެ.

”މޮޅުތަކެއް ލިބޭނެ ކަމަށް ކަލޭގެ ގެއަށް އައުމުން ވަކި ރަގަޅެއް ވިތަ!، ކަލޭ ޖެެހޭނީ ހަމަ އަހަރެން ހެދިހާ ގޮތެއް ވަރިހަމަވެގެން ހުންނަން… ކަލޭގެ އަމާ ވެސް ކަލޭގެ ބަހެއް ޤަބޫލެއް ނުކުރި… ކަލޭ ހިތުން އަހަރެންގެ އަގު ވައްޓާލަންކަމަށް ދޯ ފޫގަޅައިގެން މިގެއަށް އައީ… އެހެންވާނެކަމަށް ހީނުކުރައްޗޭ، އަހަރެން ކަލޭ ވަރިއެއްވެސް ނުކުރާނަން، މިމުށުތެރެއަށްލާ ކަލޭ ފިސްފިސްކޮށްލާނަން މިފަހަރު… މަގޭ ހުރި ނުބައިކަން ރަގަޅަށް ދައްކާލާނަން!…” އެނދުން ތެދުވަމުން އުސައިދު ބުނެލިއެވެ. އެއެއަށްފަހު ދިމްނާގެ ދަށްބަނޑުގައި ބާރަސް ގޮށްމުށުން ޖެހިއެވެ.

”މަންމާ!…” ޖިސްމަށް ލިބުނު ވޭނާއެކު ދިމްނާއަށް ރޮއެގަނެވުނެވެ. ނަމަވެސް އޭގެ ކުރިން ދިމްނާގެ އަނގަމަތީ އުސައިދު އަތްއެޅިއެވެ. އަދި އަޑުބޭރުވިޔަ ނުދިނެވެ.

”ކަލޭގެ މަންމައެއް ނާންނާނެ އެހީވާކަށް!…” ވިހަ ހިނިތުންވުމަކާއެކުގައި އުސައިދު ބުނެލިއެވެ.

ދިމްނާއަށް ރޮވެނީއެވެ.

”ކަލޭގެ މަގާމު ދަންނާތި…” ވޭނާއި ކެކުޅުމުގައި ވަނިކޮށް އުސައިދު ދިމްނާ ކޮއްޕާ ބިންމައްޗަށް ވައްޓާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކައިރީގައި އެހެނަސް.. ދުރުގައި… 6

Next

ހީވޭ ހިތް ބުނާހެން 26

Next
March 25, 2020

ހީވޭ ހިތް ބުނާހެން 26

Previews
March 23, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 6

18 Comments!

  1. Yan♥️ says:
    March 24, 2020 at 1:39 pm

    Varah reethi Masha Allah ? waiting for the next part ?

  2. ރާނީ says:
    March 24, 2020 at 2:13 pm

    Masha Allah ♥️♥️♥️♥️ v v v v v reethi

  3. Naba says:
    March 24, 2020 at 4:42 pm

    Alhey dhimna ah ehen nadhaa ??

  4. mauvaa says:
    March 24, 2020 at 7:12 pm

    I don’t think that the writer of this story cares about what the readers think
    he isn’t even responding to our comments
    so sad

    1. Yan♥️ says:
      March 24, 2020 at 7:33 pm

      I totally agree ?

    2. Muthahhar Ibrahim (Mutha/S.Hithadhoo) says:
      March 24, 2020 at 8:43 pm

      Hi Mauva and Yan.
      First thank you for your kind feedback. I always take my readers feedback into consideration. I’m sorry if I have disappointed you as i wasn’t able to reply to your feedback. For every writer, their readers feedback is very important as we are writing for them.
      Every readers feedback is valuable for me, both positive and negative.
      I try to be in touch with my readers as much as possible. In the future, I’ll respond to the readers feedback promptly.
      Thank You. I do hope that you’ll continue reading the story. Stay healthy and be safe. 🙂

  5. Yan♥️ says:
    March 24, 2020 at 7:33 pm

    I totally agree ?

  6. Fort says:
    March 24, 2020 at 7:41 pm

    Mee haadha dhen faadegge site ekey.. Abadhuves mutha aa marsha aa axoo ge vaahaka thah mi fennanee.. Kobaatha ehen vaahakathah??

  7. Imkko says:
    March 24, 2020 at 8:19 pm

    Maasha allah …. mi baives v reethi …. v dhera vi dhimnaa ah ehn vaathee … hope dhimnaa ah rangalhu gothe vaane kamah …. n very excited for malsa …. curiously waiting for next part …. ly ❤

  8. Lakva says:
    March 24, 2020 at 8:27 pm

    …hey fort
    Baivaru points libifa hunna writers ah e writer beynun vaguthaku stry up kohleveyne … nama vx e aa khilaafah points madhu writers ah stry submit kureveyniii submit kurii ma admins publish kuraniii admin publish kuri haa avahakah points madhu writers ge stry thah kiyaa lan libeniii
    Hope u understanded

    1. Fort says:
      March 24, 2020 at 9:22 pm

      Ehen.. Aan ehenya ma mi hunnanee e maaf vaahaka kiyaahithun. E vaahaka au comment kureema comment publishves veekeenooney

    2. yevyvyfv3vydvy3 says:
      March 25, 2020 at 12:39 pm

      its been 4 days since i uploaded my story adhives up eh nuvey daily koh ehn writers ge stories eba publish vey wats this problem.

    3. Fort says:
      March 25, 2020 at 12:54 pm

      Admin au gulhaaha ahaabala. Eyrau ingidhaanenno vaagotheiy

  9. Ibsha says:
    March 24, 2020 at 8:46 pm

    Mi vaahaka varah reethi konme dhuvahaku update vaathy n dhigukoh genesdheythy varah ufaavey

  10. Anonymous says:
    March 25, 2020 at 6:49 pm

    Hi. Ehves meehakah ingeytha loa merey hindhu heevey gaathuga vaahen liyuny kon author ehkan. Pls reply.

    1. Anonymous2 says:
      March 25, 2020 at 10:30 pm

      That story is uploaded by the author ITHOO
      .Thank you

    2. Quiiin? says:
      March 26, 2020 at 7:40 pm

      Thats my fav stry …
      Hehehe

    3. Anonymous2 says:
      March 26, 2020 at 7:58 pm

      Oh really dear..hehe
      Um quiiiin? thy NAFRATHU UFEDHUNU LOABI ge author dhw
      If so are you using hangouts

Comments are closed.

Next Episodeނުވާނަން ތަފާތެއް… 10←


All Right Reserved!