Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 25

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login
March 23, 2020 10 Mins Read
11 Comments

“ގޯ ގެޓް މެރިޑް!” ނަވާޒްގެ ބުރަކަށީގައި ޖަހާލާފައި ނިހާން ބުންޏެވެ.

ދެ ހަފްތާ ފަހުން ނަވާޒްއާ ނަބާހާގެ ކައިވެނި ކުރެވުނެވެ. ހަމަ އެކަނި އާއިލާއަށް ބާއްވާ ކުޑަ ހަފްލާއަކުން އެ ކަންތައް ނިންމާލަން ނަވާޒް ބޭނުން ވީ ނިހާންއާ މެދު ވިސްނާފައެވެ. ނަމަވެސް އެހެން ހެދުމުން ނަބާހާ ދެރަވާނެ ކަމަށް ބުނެ ކުރިން ދެ މީހުން ހަމަޖެއްސި ގޮތަށް ނިހާންގެ ޚަރަދުގައި ބޮޑު ޕާޓީއެއް ބޭއްވީ އެއީ ނަބާހާއާ ނަވާޒްއަށް ނިހާންގެ ފަރާތުން ދޭ ހަދިޔާއެއް ކަމުގައި ބުނަމުންނެވެ.

ކައިވެނި ކޮށް ނިމުމުން ނަބާހާ ޝަނާޒްއަށް ގުޅިއެވެ. ކުރިން އެތައް ފަހަރަކު ނަބާހާ ގުޅައިގެން ޖަވާބު ނުދިން ނަމަވެސް އެ ރޭ ޝަނާޒް އެ ކޯލަށް ޖަވާބު ދިނެވެ.

“މިރޭ ނާޒް ވަރަށް މިސް ވި” ޝަނާޒް ފޯން ނެގުމުން ނަބާހާ ބުންޏެވެ.

“މެރީ ކުރީތަ؟” ޝަނާޒް އަހާލިއެވެ.

“އާނ” ނަވާޒްއަށް ބަލާލަމުން ނަބާހާ ހީލިއެވެ.

“މަރުހަބާ! ނަވާ ކައިރީވެސް ބުނެދެއްޗޭ” ނަވާޒްއާ ނަބާހާއަށް ޝަނާޒް މަރުޙަބާ ކިޔެވެ.

“އަހަރުމެން ޕްލޭން ކުރި ގޮތަކަށް ނޫން މި ވީ… ކީއްވެތަ ނާޒް ކުރިން ނުބުނީ؟ ދޮންބެ ކައިރީ ބުނި ނަމަ…” ނަބާހާއަށް ޝަކުވާ ކުރެވުނީ ނިހާން ހުރި ގޮތުން ދެރަ ވެގެންނެވެ. އަދި ޝަނާޒްވެސް ދެރަވާނެ ވަރު އެނގޭތީއެވެ.

ޓީވީ ބަލަން އެނދުގައި އޮތް އަސަދުއަށް ބަލާލާފައި ޝަނާޒް ސޯފާއިން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ.

“ދެން އެ ވާހަކަ ނުދައްކާ. ވެ ނިމިފަ އޮތް ކަމެއް ދެނެއް ބަދަލެއް ނުވާނެއެއްނު؟” ޝަނާޒް ބުންޏެވެ.

“އެނގޭ ތި ކަން. އެކަމަކުވެސް ހިތަށް އަރަނީ ހަމަ… މިރޭ އަހަންނާ ނަވާއާ އެކީ ނާޒްއާ ދޮންބެވެސް ތިބި ނަމައޭ” ނަބާހާ ފާޅު ކުރީ ހިތުގެ އެދުމެވެ.

“ކޮބާ ނިހާން؟” ޝަނާޒްއަށް އަހާލެވުނެވެ.

“އެބައިން، މަންމަމެން ކައިރީ” ވަށައިގެން ބަލާލަމުން ނަބާހާ ބުންޏެވެ.

“ހައު އިޒް ހީ ނަބާ؟” ލޯ މަރާލައިގެން ހުރެ ޝަނާޒްއަށް އެ ސުވާލު ކޮށްލެވުނީ މޭގައި އަތް ޖައްސާލަމުންނެވެ.

ނަބާހާ ނިހާންއާ ދިމާއަށް ބަލާލިއެވެ. ނަޝީލާއާ ވަސީމްއާ ޒައިނާ ކައިރީ އިށީނދެގެން އިން ނިހާން އިނީ ދުރު ބަލަހައްޓައިގެންނެވެ. ނަޝިލާ ބުނި އެއްޗެއް ނިހާންއަށް އަޑު ނީވުމުން ނަޝީލާ ނިހާންގެ އަތުގައި ހިފާލުމުން ސިހިފައި ބަލާލިއެވެ. ހީލަމުން ނަޝީލާ ނިހާންގެ އަތުގައި ފިރުމާލިއެވެ. ނިހާން ވަށައިގެން ބަލާލާފައި ނަވާޒް ފެނުމުން ހީލިއެވެ. އެ ވަގުތު ނަޝީލާ ކޮންމެވެސް އެއްޗެއް ބުނުމުން ނިހާން އިސް ޖަހާލިއެވެ. ނިހާންއާ ޖެހިގެން އިން ޒައިނާ އެ ވަގުތު ނިހާންގެ އަތުގައި ބައްދާލިއެވެ. ޒައިނާގެ ބޮލުގައި ފިރުމާލުމާއެކު ނިހާން ތެދުވިއެވެ. ނިހާންއަށް ގޮވާލަމުން ތެދުވި ނަޝީލާގެ އަތުގައި ހިފަހައްޓާލަމުން ވަސީމް ދެ ފަރާތަށް ބޯ ހަލުވާލީ ނިހާންގެ ފަހަތުން ދިޔުން މަނާ ކުރާށެވެ. ނަވާޒް ކައިރިއަށް ގޮސް ކޮންމެވެސް އެއްޗެއް ބުނެފައި ނިހާން އެ ހޯލުން ނިކުތެވެ.

“ނަވާއަށް ޓަކާ ދޮންބެ ހެވިފަ ހުއްޓަސް، އަހަރުމެންނަށް ޓަކާ އުފާ ވިޔަސް ދޮންބެއަކަށް އެ އުފަލެއް ފާޅެއް ނުކުރެވޭ. ދޮންބެ ހިތުން ސިއްރު ކުރިޔަސް، އަސްލު ދޮންބެ ދެރަވެފަ ހުންނަ ވަރު މޫނުމަތިން ފެނޭ” ނަބާހާ ބުނެދިނެވެ.

ނަބާ، އައި މިސް ހިމް… އައި ލަވް ހިމް ސޯ މަޗް… އަހަރެންގެ ހިތުން ދުވަހަކުވެސް ނިހާންގެ ލޯތްބެއް ނުފޮހެވޭނެ. އެއަށް ވުރެ އަހަރެން މާ ލޯބިވޭ… ޕްލީޒް، ޓޭކް ކެއަރ އޮފް ހިމް…” ރޮވިފައި ހުރެ ސިއްރުން ކަހަލަ ގޮތަކަށް އެހެން ބުނެފައި ޝަނާޒް ފޯން ކަނޑާލިއެވެ. ރޯ އަޑު އަސަދުއަށް އިވިދާނެތީ ޝަނާޒް އެއް އަތް އަނގަމަތީ އަޅާލަމުން ބެލްކަނީގައި ހުރި ގޮނޑީގައި އިށީނދެފައި ދެފައި ގޮނޑި މައްޗަށް ނަގާ ކުރުކޮށްލާފައި ކަކުލުގައި ބޯ ޖަހާލިއެވެ.

ބަލަން އިން ޕްރޮގްރާމް ނިމުމުންއަސަދު ތެދުވެ ބެލްކަނީގައި ހުރި ޝަޏާޒް ފެނުމުން އެ ދިމާއަށް ދިޔަ އަސަދުއަށް ހުއްޓެވުނީ ޝަނާޒް އެންމެ ފަހުން ދެއްކި ވާހަކަ އަޑު އިވުމުންނެވެ.

މޭގައި އަތް ޖައްސާލަމުން އަސަދު ސޯފާގައި އޮށޯތެވެ. އެހެން މީހެއް ދެކެ ލޯބި ވާ ވާހަކަ ޝަނާޒްގެ ދުލުން އަޑު އިވުމުން އެރޭ އަސަދުގެ ހިތަށް ތަދުވީ ކުރިން އެއްފަހަރުވެސް ނުވާ ވަރަށެވެ. ލޯ މަރާލައިގެން އިރުކޮޅަކު އޮވެފައި އަސަދު ޝަނާޒްއާ ދިމާއަށް ބަލާލިއެވެ.

ފާއިތުވެ ދިޔަ ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު ނުކޮށް ހުރި ކަންތައް ކުރަން އެ ވަގުތު އަސަދު ބޭނުން ވީ އިންތިހާއަށެވެ. ހިތުގެ ރިހުމަށް ލުޔެއް ހޯދުމަށް އަސަދުއަށް ވިސްނުނީ އެ ގޮތެވެ. ތެދުވެގެން ގޮސް އަލަމާރި ހުޅުވާލާފައި މީހަކަށް ޝައްކުވެސް ނުވާ ފަދަ ގޮތަކަށް ފޮރުވާފައި ހުރި އެއްޗެހި އަސަދު ނެގިއެވެ. ޝަޏާޒްއާ ދިމާއަށް އަދިވެސް އެއްފަހަރު ބަލާލާފައި އަސަދު ފާހާނާއަށް ވަނެވެ.

ލޯ ފޮހެލާފައި ހަމަ ޖެހިލުމަށް ޝަނާޒް ފުންކޮށް ދެތިން ނޭވާ ލިއެވެ. ޝަނާޒް ކޮޓަރިއަށް ވަން އިރު އަސަދު ފެންނަން ނެތުމުން ސިޓިންގް ރޫމަށް ނިމުތީ ކަމަށް ނިންމާފައި ޝަނާޒް ފާހާނާއަށް ވަންނަން ދިޔައީ މޫނު ދޮވެލާށެވެ.

ދޮރު ތަޅުލާފައި ހުރުމުން ދުރަށް ޖެހިލަން އުޅެފައިވެސް ޝަނާޒް ދޮރާ ކައިރިވެލީ އަޑެއް އިވުމުންނެވެ. ޝަނާޒް އަވަސް އަވަހަށް ޑްރެސިންގް ޓޭބަލްގެ ވަތްގަނޑުން ޑަބަލް ތަޅުދަނޑި ނަގައިގެން އައިސް ތަޅު ހުޅުވާލިއެވެ.

މުށިތައް މަތީ އިށީނދެގެން އަތުގައި ހުރި އެއްޗެހި ބޭނުން ކުރަން ތައްޔާރަށް އިން އަސަދު ސިހިފައި ބަލާލިއެވެ.

“އަސަދު!” ޝަނާޒް ގޮވާލިއެވެ. އަދި އެތެރެއަށް ވަދެ އަސަދުގެ އަތުގައި ހުރި އެއްޗެހި ޝަނާޒްގެ އަތުން ޖަހާ ފޮޅާލާފައި މުށިތައް މަތީ ހުރި އެއްޗެހި ފައިން ޖަހާ ވިއްސާލިއެވެ.

އެއާއެކު އަސަދު އެ އެއްޗެހި ނެގޭތޯ އުޅުނެވެ. ޝަޏާޒް އަސަދުގެ އަތުގައި ހިފާ ނަގަން އުޅުނެވެ.

“އަސަދު، ބުނީމެއްނު ހުއްޓާލާނަމޭ؟ ޓްރައި ކުރާނަމޭ؟” ޝަނާޒް ބުންޏެވެ.

“އިޓް ހަރޓްސް ޓޫ މަޗް ޝަނާ… އަހަންނަކަށް ކެތެއް ނުކުރެވޭނެ… ބޭނުމީ މި ރިހުން ފިލުވަން… ހަނދާން ނައްތާލަން…” އަސަދު އަމިއްލަ މޭގައި ގޮށްމުށުން ދެ ފަހަރަކު ޖަހާލިއެވެ.

“ހަނދާން ނައްތާލަން ބޭނުން ވާ ކޮންމެ ފަހަރަކު ތި ބޭނުން ކުރަން ވެއްޖެއްޔާ ކިހިނެއް އަސަދު ތި ކަންތައް ހުއްޓާލާނީ؟” ޝަނާޒް މަސައްކަތް ކުރީ އަސަދު ފާހާނާއިން ނެރެވޭތޯއެވެ.

“އައި ހަރޑް ޔޫ ޝަނާ… ދެންމެ … ކީއްވެތަ ޝަނާއަށް ނުވިސްނެނީ؟ އިޓް ހަރޓްސް… އިޓް ހަރޓްސް… ހުރިހާ ކަމެއް ހަނދާން ނައްތާލަން ބޭނުމީ” ޝަނާޒްގެ އަތް ފޮޅުވާލަމުން އަސަދު ބުންޏެވެ.

ހުއްޓުން އަރާފައި އިރުކޮޅަކު ޝަނާޒްއަށް ހުރެވުނީ ފޯނުން ޝަނާޒް ދެއްކި ވާހަކަ އަސަދުއަށް އަޑު އިވުނު ކަން އެނގުމުންނެވެ.

އަސަދު އަނެއްކާވެސް ފާހާނާއަށް ވަންނަން އުޅުނެވެ. ނަމަވެސް ޝަނާޒް އަސަދުގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“އަސަދު، އައިމް ސޮރީ… ދެން ދުވަހަކުވެސް އަހަރެން އެހެން ބުނާ އަޑެއް އަސަދުއަކަށް ނީވޭނެ… ޕްރޮމިސް… އަހަރެން ބުނީމެއްނު އަސަދުއަށް ހެލްޕް ވާނަމޭ؟ އަޑު އަހާބަލަ…” އާދޭހުގެ ރާގެއްގައި ޝަނާޒް ބުންޏެވެ.

“ކިހިނެއް؟ ކިހިނެއް ޝަނާ ހެލްޕް ވާނީ؟” އަސަދު އަނެއްކާވެސް ޝަނާޒްގެ އަތް ފޮޅުވާލިއެވެ.

ހަދާނެ ގޮތެއް ނުވިސްނިފައި ޝަނާޒްއަށް ހުރެވުނެވެ. އަސަދު އަނެއްކާވެސް ފާހާނާއަށް ވަނުމާއެކު ޝަނާޒް ފަހަތުން ވަން ގޮތަށް އަސަދުގެ މޫނުގައި ދެ އަތުން ހިފާލަމުން އެ ތުންފަތުގައި ބޮސްދިނެވެ.

ޝަނާޒް އެ ކުރި ކަމަކުން ސިހުނު ނަމަވެސް އެންމެ އިރުކޮޅަކަށްވެސް އަސަދު ފަސް ނުޖެހެއެވެ. ދެ އަތުން ޝަނާޒް ގައިގައި ހިފާލަމުން ގެނެސް އަސަދުގެ ގައިގައި ޖައްސާލިއެވެ.

ޝަނާޒް މަޑުމަޑުން ދުރަށް ޖެހިލި އިރު ހުރީ ނޭވާ ކުރުވެފައެވެ. މެރިފައިވި ދެ ލޯ ހުޅުވާލަމުން އަސަދު ޝަނާޒްއަށް ބަލާލި އިރު އެ ދެ ލޮލުގައި ވީ ކީކޭ ކަން ދެނެގަންނާކަށް ޝަނާޒްއަކަށް އުނދަގުލެއް ނުވިއެވެ.

“އަހަރެން މިހިރީ… އަސަދު އޭގެ ބޭނުން ކުރަން ހިތް އެދޭ ކޮންމެ ފަހަރަކު އަހަރެން މިހިރީ… އަސަދު ޗޫޒް ކުރޭ… ކޮން ކަމެއް އަސަދު ބޭނުން ވަނީ؟” އަސަދުގެ މޫނަށް ބަލަން ހުރެ ޝަނާޒް ބުންޏެވެ.

“ފަހުން އަހަރެން ދެކެ ރުޅިއެއް ނާންނާނަންތަ؟” ޝަނާޒްގެ މޫނުގައި ދެ އަތުން ހިފާލަމުން އަސަދު އެހިއެވެ.

ޝަނާޒް ދެ ފަރާތަށް ބޯ ހަލުވާލިއެވެ. އެއާއެކު އަސަދު ޝަނާޒް ގެނެސް އަތުތެރެއަށް ލާ ފިއްތާލަމުން އެ މޫނާ ކައިރިވެލިއެވެ.

އެރޭ ޝަނާޒްއަށް ފެނުނީ އަސަދުގެ މުޅިން އެހެން ސިފައެކެވެ. އަސަދު ބުނާ ކޮންމެ ބަހަކުން، ކުރާ ކޮންމެ ހަރަކާތަކުން އަސަދުގެ ކޮންމެ ބީހިލުމަކުން ޝަނާޒް ދެކެ އަސަދު ވާ ލޯބި ޝަނާޒްއަށް އިހުސާސް ކުރެވެމުން ދިޔައެވެ.

ޝަނާޒްގެ ހިތް ނުރުހުނު ނަމަވެސް ޝަކުވާއެއް ކުރާނެ އެންމެ ފުރުސަތެއްވެސް އަސަދު ނުދެއެވެ. އަސަދުގެ ފަރާތުން ލިބެމުން ދިޔަ ލޯބީގެ ސަބަބުން ނޫން ނަމަ އެ ގޮތަށް އަމިއްލަ ނަފްސު ޝަނާޒްއަށް އަސަދުއާ ހަވާލު ނުކުރެވުނީހެވެ.

“ތެންކްޔޫ!” ނިދިނިދި އޮތް ޝަނާޒްއަށް ލޯ ހުޅުވާލެވުނީ އަސަދު އެހެން ބުނި އަޑަށެވެ.

“ތެންކްޔޫ އެއް ބޭނުމެއް ނޫން. ބޭނުމީ އަސަދު ދެން އެ ޔޫޒް ނުކުރާނެ ކަމުގެ ޔަގީން ކަން” ޝަނާޒް ބުންޏެވެ.

“މި ވަގުތު އަހަރެން ދެން އެ ބޭނުމެއް ނުކުރާނަމޭ ބުނެ ވައުދެއް ކޮށްފިއްޔާ އަހަންނަށް އެ ވައުދާ ހިލާފް ވެވިދާނެ. އަމިއްލަ ނަފްސަށް އެ ޔަގީން ކަން ލިބެން ދެން އަހަންނަށް ބުނެވޭނީ މަސައްކަތް ކުރާނަމޭ. އައި ވިލް ޓްރައި ޝަނާ، އިފް ޔޫ އާރ ވިތް މީ” އަސަދު ބުންޏެވެ.

“އޯކޭ. މިހާރަށް ތި ވަރުން ފުދޭ” އެ ވަރުން ޝަނާޒް ހިތްހަމަ ޖެހުނެވެ. ހަމަ ޖެހިލަމުން ޝަނާޒް ލޯ މަރާލިއެވެ.

ފަތިހު އަސަދުއަށް ވުރެ ކުރިން ހޭލައިގެން ޝަނާޒް ފެން ވަރައިގެން އައިސް އަސަދުއަށް ގޮވިއެވެ.

“ތެދުވޭ ނަމާދު ކުރަން. މިއަދުން ފެށިގެން ދެން އަސަދު ވާނެ ހުރިހާ ނަމާދެއް ކުރަން” އަސަދު ހޭލުމުން ޝަނާޒް ބުންޏެވެ.

ތެދުވަން ބޭނުން ނުވި ނަމަވެސް އަސަދު ތެދުވިއެވެ. ފެންވަރައިގެން އަސަދު ނިކުތް އިރު ޝަނާޒް ހުރީ އަސަދު ލާނެ އެއްޗެހި ނަގާފައި ނަމާދަށް އަރައެވެ. އިރުކޮޅަކު ޝަނާޒްއަށް ބަލަން ހުރެފައި އަސަދު އަވަސް ކޮށްލައިގެން ނަމާދަށް އެރިއެވެ.

ނަމާދު ކޮށްލުމުން ބަޔާން ކުރަން ދަތި ހިތް ހަމަޖެހުމެއް އަސަދުއަށް އިހުސާސް ކުރެވުނެވެ. ނަމާދުން ނިމުމަށް ފަހުވެސް މުސައްލަ މަތިން ނުތެދުވެ އަސަދުއަށް ވިސްނަން އިނދެވުނެވެ.

އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް އަސަދު ހަނދާނެއް ނެތެވެ. ހަތަރު އަހަރެން ހާ ދުވަސް ކުރިން ފެށުނު ކަންތަކަށް ފަހު ދިރިއުޅުމުގައި މުހިއްމު އެހެން ކަމެއް ވާ ކަމެއް އަސަދުއަކަށް ނޭނގެއެވެ. ވަޒީފާ ދޫކޮށްލާ، މައިން ބަފައިންނާ އޮތް ގުޅުން ބަދަލުވެ، އެއްބަނޑު އެއްބަފާ ހުރި ހަމަ އެކަނި ކޮއްކޮއަށް ނުބައި ނަމޫނާއެއް ދެއްކުނު އިރު އަސަދު ވަނީ ދެ ދުނިޔެ މަތިން ހަނދާން ނެތިފައެވެ.

އިޔާދު މަތިން ހަނދާން ވުމާއެކު އަސަދުގެ ލޮލުން ކަރުނަ އައެވެ. ހުރި ހަމަ އެކަނި ކޮއްކޮއަށް އަސަދުގެ ފަރާތުން އެ ދެއްކުނީ ކޮން ކަހަލަ ނަމޫނާއެއް ހެއްޔެވެ؟ ކުޑަ އިރުން ފެށިގެންވެސް އިޔާދުއަކީ އަސަދު ކުރާކޮންމެ ކަމެއް ބަލައިގެން އެ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލަމުން އައި ކުއްޖެކެވެ. އަދިވެސް އިޔާދު ކަންތައް ކުރަނީ އެހެންނެވެ. އަސަދުގެ ފަރާތުން އެ ކަންތައް ފެނި، އިޔާދުވެސް އެ ވަނީ އަސަދުގެ ފިޔަވަޅުތަކުގެ މަތިން ހިނގަން ފަށާފައެވެ.

ކޮފީ މަގެއް ހިފައިގެން ޝަނާޒް ކޮޓަރިއަށް ވަން އިރު އަސަދު އެހެން އިންދާ ފެނުމުން ޑްރެސިންގްޓޭބަލް މަތީ މަގު ބަހައްޓާފައި ޝަނާޒް އައިސް އަސަދު ކައިރީ އިށީނެވެ.

“އަސަދު، ކިހިނެއް ވީ؟” އަސަދުގެ ލޮލުން ކަރުނަ އައިސްފައި ވާ ތަން ފެނުމުން ޝަނާޒް ކަންބޮޑުވިއެވެ.

“އަދި ކިރިޔާ އަހަންނަށް ވިސްނުނީ އަހަންނާ ހެދި އަހަރެންގެ އާއިލާއަށް ވަމުން ދާ ގޮތް. މަންމައާ ބައްޕަ އެ ތިބީ އަހަންނާ ހެދި ވިސްނާ ވިސްނާ ބޯ ގޮވާ ވަރު ވެފަ. އިޔާދު… އިޔާދު އެ އުޅެނީ އަހަރެން އުޅޭ ގޮތަށް، އަހަރެން ނަމޫނާއަކަށް ބަލައިގެން. އަހަންނާ ހެދި އަހަރެންގެ ކޮއްކޮގެ ލައިފްވެސް ހަލާކު ވީ… އަހަންނަކީ ކޮން ކަހަލަ މީހެއް؟ ދުނިޔެއަށް އުފަން ވީ ގޮތަށް ހަމަ އެ ދުވަހު އަހަރެން މަރުވި ނަމަ މިހެންނެއް ނުވީސް… މަންމައާ ބައްޕައާ އިޔާދުއާ ޝަނާވެސް…” އިތުރަށް ވާހަކަ ނުދެއްކިގެން އަސަދު ހުއްޓާލިއެވެ.

“އަސަދު… ތި ގޮތަށް ވިސްނާކަށް ނުވާނެ. ތި ކަހަލަ އެއްޗެހި ހިތަށް އަރުވާކަށް ނުވާނެ. އަޑު އަހާބަލަ…” އަސަދުގެ އަތުގައި ހިފާލަމުން ޝަނާޒް ބުންޏެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އަސަދު ޝާނާޒްއާ ދިމާއަށް ބަލާލިއެވެ.

“އަސަދުއަށް މާޒީ ބަދަލު ކުރެވޭނެތަ؟” ޝަނާޒް އަހާލިއެވެ.

އަސަދު ދެ ފަރާތަށް ބޯ ހަލުވާލިއެވެ.

“އެހެން ވިއްޔާ ދެރަ ވިޔަސް ނިމި ގޮސްފަވާ ކަންތައްތަކަކާ މެދު ވިސްނާ ވަގުތު ބޭކާރު ނުކޮށް މަސައްކަތް ކުރަން ވީ ކުރިއަށް އޮތް ތަން ރަނގަޅު ކުރަން. އަސަދު ރަނގަޅު ވާން މަސައްކަތް ކުރާ ތަން އިޔާދުއަށް ފެނުނީމަ އޭނައަށް ވިސްނޭނެ، އޭރުން އޭނަވެސް ރަނގަޅު ވާން މަސައްކަތް ކުރާނެ. އަސަދު މަސައްކަތް ކުރަން ވީ އިޔާދުއަށް ވިސްނައިދޭން. އެކަމަކު އެއަށް ވުރެ ކުރިން އަސަދު ރަނގަޅު ވާން ވީ. ރޭގަ ވީ ހެން ކަމަކާ ކަން ބޮޑުވެ ދެރަ ވާ އިރަށް އޭގެ ބޭނުން ކުރުމުގެ ބަދަލުގަ ނަމާދުކޮށް ގުރުއާން ކިޔެވީމަ ރަނގަޅު ވާނެ. އަހަރެން މި ދެއްކި ވާހަކައާ މެދު އަސަދު ވިސްނާނަންތަ؟” ޝަނާޒް އެހިއެވެ.

އަސަދު އަނެއްކާވެސް ބޯ ޖަހާލިއެވެ.

މަހެއްހާ ދުވަސް އެ ގޮތުގައި ހޭދަ ވެގެން ދިޔަ އިރު ޝަނާޒް އެއްފަހަރުވެސް ނިހާންއަކަށް ނުގުޅައެވެ. ޝަނާޒްގެ ހުރިހާ ވަގުތެއް ހުސްކޮށްލީ އަސަދުއަށް ޓަކައެވެ. މުޅި ދުވަސް އެކުގައި އަސަދު ފެންނަ ހިސާބުގައި ޝަނާޒް ހުންނަނީ ސިއްރުން ވިޔަސް އަސަދު ކޮށްފާނެ ކަމަކަށް ފާރަ ލުމުގެ ގޮތުންނެވެ. އެ ދުވަހަށް ފަހު ކޮޓަރިއާ ގޭތެރޭގެ އެހެން ތަންތަން ޝަނާޒް ސާފު ކުރީ އަސަދު އެފަދަ އެއްޗެއް ފޮރުވާފައި ހުރެދާނެ ކަމަށެވެ. އެއްގޮތަކަށްވެސް އަސަދު އެކަނި، ނުވަތަ ރައްޓެއްސަކާ އެކުވެސް ބޭރަށް ދިޔަ ނުދީ ޝަނާޒް ހިފެހެއްޓީ އެ ފަދަ ކަމެއް ކުރާނެ ފުރުސަތު އަސަދުއަށް ނުދިނުމުގެ ގޮތުންނެވެ.

އެހާ ދުވަސް ވީ އިރުވެސް އަސަދުގެ ފަރާތުން އެދެވޭ ބަދަލެއް ފެންނަން ފަށައިފި ކަން ރާބިޔާއާ ހުޒާމްއަށް ފާހަގަ ކުރެވުނެވެ. ކުރިންވެސް ޝަނާޒް ދެކެ ލޯބި ވާ ރާބިޔާ، އެ ކަމުގެ ސަބަބުން ވަކިން ބޮޑަށް ޝަނާޒް ދެކެ ލޯބި ވާން ފެށިއެވެ.

މަސް ދުވަސް ދިޔަ އިރު، ބަލިވެ އިނދެދާނެތީ ޝަނާޒްގެ ހިތުގައި އޮތް ބިރު ފިލުމާއެކު ފުރަތަމަވެސް ޝަނާޒް އެހެން ވިޔަ ނުދިނުމަށް ފިޔަވަޅު އަޅާ، ދޭތެރެ ދުރު ކުރާ ބޭސް ކާން ފެށީ އަސަދުއަށް ވެސް ނާންގައެވެ.

ފާއިތު ވަމުން ދިޔަ ކޮންމެ ދުވަހަކާ އެކު ޝަނާޒް ދެކެ އަސަދު ވާ ލޯބި އިތުރު ވަމުން ދިޔަ ފަދައެވެ. ޝަނާޒްގެ ހިތުގައި އަސަދުގެ ލޯތްބާ މެދު ކުޑަވެސް ޝައްކެއް ވާ ނަމަ، އެ ޝައްކު ފިލާ ވަރަށް އަސަދު ޝަނާޒްއަށް ލޯބި ދެއެވެ. ނަމަވެސް ޝަނާޒްގެ ހިތުގައި ނިހާންއަށް ޓަކާ ވާ ލޯތްބަށް އުނި ކަމެއް ނާދެއެވެ. އެހެން ވިޔަސް އަސަދުއާ މެދު ޝަނާޒްގެ ހިތުގައި ދިޔައީ ބުނެދޭން ނޭނގޭ ފަދަ އިހުސާސްތަކެއް އުފެދެމުންނެވެ.

އަސަދުއަށް އައި ބަދަލާ މެދު ރާބިޔާއާ ހުޒާމް އުފާ ފާޅު ކުރަމުން ދިޔަ އިރު، އިޔާދުއާ މެދު ކަންބޮޑު ވަމުން ދިޔައެވެ. ލޯބިން ވާހަކަ ދައްކާ ނަސޭޙަތް ދިން ނަމަވެސް އެ މީހުންގެ އެއްވެސް ބަހެއް އިޔާދު ނާހައެވެ. ޝަނާޒްވެސް އިޔާދުއާ ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނަމަވެސް އަސަދުއަށް ވަގުތު ދެމުން، ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިޔާދުއާ ވާހަކަ ދެއްކުން ޝަނާޒްއަށް ވީ އިނދަގޫ ކަމަކަށެވެ. އިޔާދުއާ މެދު އަސަދުވެސް ކަންބޮޑުވެއެވެ. ކޮއްކޮގެ ކިބައިން އެ އާދަ ފިލުވާނެ ގޮތަކާމެދު އަސަދުވެސް ވިސްނަމުން ދިޔައެވެ. ކުރިން އަބަދު އަސަދުގެ ފަހަތުން އުޅެމުން ދިޔަ އިޔާދު، ފަހުން އަސަދުއާ މުޅިން ދުރު ވެގެން ދިޔައެވެ.

އާދީއްތަ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ޝަނާޒް އުޅުނީ ހަވީރަށް ސައި ތައްޔާރު ކުރާށެވެ. ޝަނާޒްއަށް އެހީ ވުމުގައި ރާބިޔާވެސް ބަދިގޭގައި އުޅެއެވެ.

“އަސަދު އަންނަން ވާ އިރަށް ޝަނާ ދޭ ފެން ވަރާލަން، މަންމަ މި އެއްޗެހި ތެލުލާ ނިންމާލާނަން” ގަޑިން ހަތަރެއް ޖެހުމުން ރާބިޔާ ބުންޏެވެ.

“ބަދިގެ ތެރެ ސާފުވެސް ކޮށްލަން ޖެހޭނެއެއްނު؟ މަންމައަށް އުނދަގުލެއް ނުވާނެތަ؟” އަސަދު އަންނަން ވާ އިރަށް ފެން ވަރާ ރީތި ވެލަން ބޭނުން ވި ނަމަވެސް އިތުރު މަސައްކަތް ހުރުމުން ރާބިޔާއަށް އުނދަގޫ ވެދާނެތީ ޝަނާޒް އަހާލިއެވެ.

“ނުވާނެ. ދޭ ދެން. އިރުކޮޅަކުން އަސަދު އަންނާނެ” ހީލަމުން ރާބިޔާ ބުންޏެވެ.

ޝަނާޒް ފެން ވަރައިގެން ނިކުމެ މޭޒުމަތި ތައްޔާރު ކުރަން ހުއްޓާ ބެލް ޖަހާލުމާ އެކު ޝަނާޒް ދޮރު ހުޅުވަން ދާން އުޅުނެވެ.

“މަންމަ ދޮރު ހުޅުވާނަން، ޝަނާ މަޑު ކުރޭ” ސޯފާގައި އިން ރާބިޔާ ގޮސް ދޮރު ހުޅުވިއެވެ.

“ހާދަ ވަސް ރަނގަޅޭ، ކޯޗެއް ހަދާލަނީ؟” އެތެރެއަށް ވަން ހުޒާމް އަހާލިއެވެ.

“ޝަނާ މިއަދު ސައި ހަދާލީ” ރާބިޔާ ޖަވާބު ދިނެވެ.

އެ ވަގުތު ކޮޓަރި ހުޅުވާލާފައި އިޔާދު ނިކުތެވެ.

“މަންމާ، ކޯޗެއް ހަދައިގެން ތި އުޅެނީ؟ ވަސް ޖެހުނީމަ މާ ބޮޑަށްވެސް ބަނޑުހައި ވެއްޖެ. ވަރަށް އަވަހަށް ކާ އެއްޗެއް ދީބަލަ” ނިދާ ހޭލައިގެން ފެން ވަރައިގެން ނިކުތް އިޔާދު ބުންޏެވެ.

ރާބިޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އަނެއްކާވެސް ބެލް ޖަހާލި އަޑު އިވުނެވެ. ރާބިޔާ ދޮރު ހުޅުވާލުމުން އަސަދު ވަން ގޮތަށް ފުރަތަމަވެސް ބަލާލީ ޝަނާޒް ފެންނަން ހުރިތޯއެވެ. ޝަނާޒް ފެނުމާއެކު އަސަދުގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ.

“ދޮންބެ ހާދަ އޮފިޝަލް ވެފަ…؟” އަސަދު ހުރި ގޮތުން އިޔާދުއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ.

“ދޮންބެ ޖޮބަށް ދާ ކަމެއް އަދި އިޔާދު އަކަށް ނޭނގޭ ދޯ؟” ހިނި އައިސްފައި ރާބިޔާ އަހާލިއެވެ.

އިޔާދުއަށް އަސަދުއާ ދިމާއަށް ބަލަން ހުރެވުނެވެ.

އަސަދު ކުރިން ދިގުކޮށް ބޮލިގެ މެދަށް ހުޅިއެއް ޖަހާފައި އޮންނަ އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލާފައެވެ. ސިފަ ހުތުރު ވާ ވަރަށް ދިގުކޮށްފައި ހުރި ތުނބުޅިއާ މަތިމަސްވެސް ހުރީ ތުނިކޮށްލާފައެވެ. ކޮންމެވެސް ކުރެހުމެއް ނުވަތަ ލިޔުންގަނޑެއް ހުންނަ ޓީޝާޓާއި، ދޫ ވެގެން ގޮސް އުނަގަނޑުގައި ކިރިޔާ ހަރުލާފައި ހުންނަ ޖީންސްގެ ބަދަލުގައި އަސަދު ހުރީ މަޑު ނޫ ކުލައިގެ ގަމީހަކާ ކަޅޫ ފަޓްލޫނަކާ އެކު ޓައީވެސް އަޅާފައެވެ. ކުރިން އަބަދު ނިދި ނުފިލާ ހުންނަ މޫނުމަތިން ފެންނަނީ ތާޒާކަމެވެ.

“އަހަރުމެން މި ތިބީ ވަރަށް ބަނޑުހައި ވެފަ، ދެން އިތުރަށް މިހެން ބައިތިއްބަން ނަހަދާ ސައި ދޭން ވީނު؟” ބަނޑުގައި އަތް ހާކާލަމުން ހުޒާމް ސަމާސާ ރާގަކަށް އެހެން ބުނެފައި ގޮސް މޭޒު ކައިރީ ގޮނޑިއެއްގައި އިށީނެވެ.

“ތެދެއް، އިށީނދޭ އެންމެން. އިޔާދު، އާދޭ” އިޔާދުގެ އަތުގައި ހިފައިގެން ރާބިޔާ ގޮސް އިށިނެވެ.

“އެބަ އަންނަން ޗޭންޖް ކޮށްގެން. ޝަނާ…” އަސަދު ކޮޓަރިއާ ދިމާއަށް ދަމުން ޝަނާޒްއަށް ގޮވާލިއެވެ.

ޝަނާޒް ކޮޓަރިއަށް ވަން އިރު އަސަދު ޑްރެސިންގް ޓޭބަލް ކައިރީ ހުއްޓެވެ.

“ހެޕީ އެނިވަރސަރީ!” ޝަނާޒްގެ އަތުގައި ހިފާ ގަޔާ ކައިރި ކޮށްލަމުން އަސަދު ބުންޏެވެ.

“އަސަދުއަށްވެސް” ޝަނާޒް ޖަވާބު ދިނެވެ.

“އެނިވަރސަރީ ގިފްޓަކަށް ކޯޗެއް ބޭނުމީ؟” ޝަނާޒްގެ އުނަގަނޑުގައި ދެއަތުން ހިފާލަމުން އަސަދު އަހާލިއެވެ.

“ބޭނުން ވާ އެއްޗެއް ނެތް، އެކަމަކު އަސަދު ކޮންމެ އެއްޗެއް ދިނަސް ގަބޫލު ކުރާނަން” އަސަދުގެ މޭގައި ޝަނާޒް ބޯ ޖައްސާލިއެވެ.

ދެ އަތުން ޝަނާޒްގެ މޫނުގައި ހިފާލަމުން އަސަދު ޗަނާޒްއާ ލޯބީގެ ހަދިޔާއެއް ބަދަލު ކޮށްލިއެވެ. އެއަށް ފަހު ޝަނާޒްގެ އަތުގައި ހިފާ އުފުލާލަމުން ކަށި އިނގިލީގައި އަނގޮޓިއެއް އަޅުވާލިއެވެ.

ޝަނާޒް ބަލާލިއެވެ. އެއީ އޭގެ އަހަރެއްހާ ދުވަސް ކުރިން އަސަދު ޝަނާޒްއަށް ދޭން އުޅުނު އަނގޮޓިއެވެ. އެ ދުވަހުގެ ހަނދާން ވުމުން ޝަނާޒްގެ ލޯ ފެންކަޅި ވެގެން ދިޔައެވެ.

“އައިމް ސޮރީ… އޭރުގެ އަސަދުއެއް ނޫން މިއަދު ޝަނާއަށް ތި އަނގޮޓި މި ދިނީ… ޝަނާ ބޭނުން ނޫނިއްޔާ ތި އަޅާކަށް ނުޖެހޭނެ…” އަސަދު ބުންޏެވެ.

“ނޫން…” ޝަނާޒް އިސް އުފުލާ އަސަދުގެ މޫނަށް ބަލާލިއެވެ. ދެ އަތުން އަސަދުގެ ގައިގައި ބައްދާލަމުން އެ މޭގައި ބޯ ޖައްސާލިއެވެ.

އިރުކޮޅަކު ދެ މީހުން އެހެން ތިއްބެވެ.

“ހިނގާ ސައި ބޯން ދާން، މަންމަމެން ހިތަށް އަރާނެ އަހަރުމެން ކޮބާހޭ” ދުރަށް ޖެހިލާފައި އަލަމާރިން ޓީޝާތެއް ނަގާ އަސަދު އަތަށް ޝަނާޒް ދިނެވެ.

އެންމެން އެކުގައި ސައި ބޮއެގެން ސިޓިންގްރޫމް ސޯފައި ތިބި އިރު ހުޒާމްއާ އަސަދު އެކި ވާހަކަ ދައްކަމުން ދިޔައެވެ. ކުރިން އަބަދުވެސް އަސަދުއާ ހުޒާމްގެ މެދުގައި ކުރެވެނީ ޒުވާބެވެ. އަހަރުތަކެއް ފަހުން އެ ގޮތަށް ދެ ބަފައިން ތިބި ތަން ފެނުމުން ރާބިޔާއަށް ބަލަން އިނދެވުނީ ހިނި އައިސްފައެވެ.

“ޝަނާ ދޮންބެއަށް ކިހިނެއްތަ ހަދާފަ އެހެރީ؟” އިޔާދު ޝަނާޒްއާ ސުވާލު ކޮށްލިއެވެ.

“ކިހިނެއްވީ؟ އިޔާދުގެ ދޮންބެ އެހެން ހުރީމަ ކަމު ނުދަނީތަ؟” ހިނި އައިސްފައި ޝަނާޒްވެސް ކޮށްލީ ސުވާލެކެވެ.

“ނޫން، ދޮންބެގެ ހޭންޑްސަމް ކަން އަދި ކިރިޔާ އެ ފެންނަނީ. ޝަނާ ވަރަށް ކުޅަދާނަ. މަންމަމެންނަށް އެތައް އަހަރަކުންވެސް ނުވި ކަމެއް ވިއްޔަ އެންމެ އަހަރެއް ތެރޭ ޝަނާ ތި ކޮށްލީ. ދޮންބެ އަސްލުވެސް ޝަނާ ދެކެ ވަރަށް ލޯބި ވޭ” އިޔާދު ބުންޏެވެ.

“އިޔާވެސް ޓްރައި ކޮށްބަލަ، ތި ކަންތައް ދޫ ކޮށްލާފަ ރަނގަޅު ވާން މަސައްކަތް ކޮށްބަލަ، ކާމިޔާބު ވާނެޔޭ” ޝަނާޒް މަޑުމަޑުން ބުންޏެވެ.

“ބައި ދަ ވޭ، ހެޕީ އެނިވަރސަރީ އިނގޭ! ދޮންބޭ، ސެލެރީ ލިބުނީމަ ކާން ދޭން ވާނެ” އަސަދުއަށް ގޮވާލަމުން އިޔާދު ބުންޏެވެ.

“އާނ، ޔަގީނެއްނު” އަސަދު އެއްބަސް ވިއެވެ.

“އިޔާދު، ދެން ދަރިފުޅުވެސް ތި އުޅޭ ގޮތް ބަދަލު ކޮށްލަން މަސައްކަތް ކޮށްބަލަ” އިޔާދުގެ ބުރަކަށީގައި ފިރުމާލަމުން ރާބިޔާ ލޯބިން ބުންޏެވެ.

“އެހެރީއެއްނު މިހާރު މަންމަމެންގެ ޕަރފެކްޓް އެއް ދަރިފުޅު” ފޫހިވެފައި އިޔާދު ބުނެލިއެވެ.

“އިޔާދު!” ހުޒާމް ބާރަށް ގޮވާލިއެވެ.

“އޯކޭ! ހެޕީ ޓައިމް ނިމުނީ. ބޭރަށް ދާން ވެއްޖެ” އިން ތަނުން ތެދު ވެގެން އެއްވެސް މީހަކަށް ބަލާލުމެއް ނެތި އިޔާދު ނިކުމެގެން ދިޔައެވެ.

“މަންމާ. ޓައިމް ބޭނުން ވާނެ އިޔާއަށްވެސް… އަދި ރަނގަޅު ވާނެ” އަސަދު މަޑުމަޑުން ބުނެލިއެވެ.

ރާބިޔާ ބޯ ޖަހާލާފައި ޝަނާޒްއަށް ބަލާލިއެވެ.

“މަންމަމެންގެ އަސަދު މަންމަމެންނަށް ލިބުނީ ހަމަ އެކަނި ދަރިފުޅުގެ ސަބަބުން، މަނަމްއަކަށް ނޭނގެ ޝަނާއަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް” ރާބިޔާ ލޯތްބާއެކު ޝަނާޒްގެ ބޮލުގައި ފިރުމާލިއެވެ.

ޝަނާޒް އެއްޗެއް ނުބުނެ އިނެވެ.

“މިހާރު ދެން ކައިވެންޏަށް އަހަރެއްވެސް ވީ، އަސަދުއަށް ވަޒީފާވެސް ލިބުނީ. ދެން މަންމަ ބޭނުމީ މާމައަކަށް ވާން. ދަރިފުޅުމެން ކޮން އިރަކުން ކުއްޖަކު ހޯދާނީ؟” ރާބިޔާ އަހާލިއެވެ.

ރާބިޔާ އެހެން ބުނުމާއެކު ޝަނާޒްއާ އަސަދުވެސް ހަނދާން ވީ އަސަދުގެ ކުއްޖަކު ހޯދާކަށް ބޭނުމެއް ނޫނޭ ޝަނާޒް ބުނި ދުވަހެވެ.

އަސަދު ޝަނާޒްއަށް ބަލާލުމުން ޝަނާޒް ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ.

“އަސަދުވެސް ދޭ ދެންރެސްޓް ކޮށްލަން” ރާބިޔާ ބުންޏެވެ.

އަސަދު ކޮޓަރިއަށް ވަން އިރު ޝަނާޒް ބެލްކަނީގައި ހުއްޓެވެ.

“ޝަނާ…” ޝަނާޒް ކައިރީ މަޑުކޮށްލަމުން އަސަދު ގޮވާލިއެވެ.

އަސަދުގެ މޫނަށް ބަލާލާފައި ޝަނާޒް އިސް ޖަހާލިއެވެ.

“އެބަ އޮތް… ވާހަކައެއް ބުނަން…” ހުއްޓަމުން ޝަނާޒް ބުންޏެވެ.

“ކޮން ވާހަކައެއް؟” ޝަނާޒް ބުނި ގޮތުން އަސަދުގެ ހިތް ތެޅިގަތީ، އެއީ އަސަދު އަޑު އަހަން ބޭނުން ނުވާނެ ވާހަކައެއް ހެން ހީވީތީއެވެ.

މުށްކަވާފައި އޮތް އަތްތިލަ ހިއްލާ ޝަނާޒް، އަސަދުއާ ދިމާއަށް ދިއްކޮށްލާފައި ހުޅުވާލިއެވެ.

ހައިރާން ވެފައި ޝަނާޒްގެ އަތަށް އެއް ފަހަރު، އަނެއް ފަހަރު ޝަނާޒްގެ މޫނަށް އަސަދުއަށް ބަލާލެވުނެވެ. ދެން ޝަނާޒްގެ އަތުގައި އޮތް ބޭސް ކާޑް ނަގާ ބަލާލިއެވެ. އެއްބައި ހުސް ވެފައިވާ އެ ބޭހުގެ ނަން ބަލާލުމާއެކު އަސަދުގެ ހިތަށް ތަދު ވެލިއެވެ.

“ކިހާ ދުވަހެއް…؟” އަސަދު ފުރިހަމަ ނުކުރި ނަމަވެސް ޝަނާޒްއަށް ވިސްނުނެވެ.

“އޭރު… ފުރަތަމަ މަންތްގަ… ޕްރެގް ނޫން ކަން ޔަގީން ވީ އިރުން ފެށިގެން…” އިސް ޖަހައިގެން ހުރެ ޝަނާޒް ޖަވާބު ދިނެވެ.

ދެ މިހުންގެ ހިތުގައިވެސް ވީ އެއް ޚިޔާލެކެވެ. އެ ދުވަހު ޝަނާޒް ބުނި އެ ބަސްތަކެވެ. އެ ވިސްނުން ބަދަލު ކުރާކަށް ޝަނާޒް ބޭނުމެއް ނޫނެވެ. ނަމަވެސް ޝަނާޒްގެ އެ ނިންމުމުން އަސަދުގެ ހިތަށް ކުރާނެ އަސަރާ މެދު މިއަދު ޝަނާޒް ދެރަވެއެވެ.

އަސަދުގެ ހިތަށް ތަދުވިއެވެ. ނަމަވެސް ޝަނާޒްގެ އެ ނިންމުމާ ދެކޮޅަށް އެއްޗެއް ބުނާކަށް އަސަދު ބޭނުމެއް ޏޫނެވެ.

ޝަނާޒް ގެނެސް މޭގައި ޖައްސާލަމުން އަސަދު ޝަނާޒްގެ ނިތްކުރީގައި ބޮސްދިނެވެ.

“ޝަނާ ބޭނުން ނުވަންޏާ އަހަރެން ސުވާލެއް ނުކުރާނަން. ޝަނާ ބޭނުން ނުވާހާ ދުވަހަކު އަހަރެންވެސް ބޭނުމެއް ނޫން” އަސަދު ބުންޏެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ބޭވަފާގެ އިންތިހާ

Next

ނުވާނަން ތަފާތެއް… 8

Next
March 23, 2020

ނުވާނަން ތަފާތެއް… 8

Previews
March 22, 2020

ބޭވަފާގެ އިންތިހާ

11 Comments!

  1. Mar Sha Marsha says:
    March 23, 2020 at 11:36 am

    Hi all, here’s part 25. Like vanya a angaalahchey. Part 26 on Wednesday. ???

  2. Aharen says:
    March 23, 2020 at 11:52 am

    masha allah Vv reethi mi part ves
    Keep it up
    Curiously waiting for next part
    Love you marsha.

    1. Mar Sha Marsha says:
      March 24, 2020 at 4:11 pm

      Thank u Aharen

  3. R ♥️ says:
    March 23, 2020 at 11:52 am

    Woww, marsha ge stories abadhuves kiyan, varah varah reethi

    1. Mar Sha Marsha says:
      March 24, 2020 at 4:12 pm

      Thank u so much R❤️

  4. Yaal says:
    March 23, 2020 at 12:34 pm

    Varah reethi mi part vx..
    ……When next…….waiting for next part……

    1. Mar Sha Marsha says:
      March 24, 2020 at 4:13 pm

      Thank u Yaal, Wednesday ga

  5. Yanaa says:
    March 23, 2020 at 12:54 pm

    Varah varah reethi ❤❤❤❤❤❤
    maa sha Allah????????
    waiting waiting waiting????

    1. Mar Sha Marsha says:
      March 24, 2020 at 4:13 pm

      Thank u Yanaa ??

  6. Kairaa says:
    March 23, 2020 at 1:09 pm

    Varah varah reethi…..masha allah….waiting for the nxt….luv u marsha sis….

    1. Mar Sha Marsha says:
      March 24, 2020 at 4:14 pm

      Thank u Kairaa

Comments are closed.


All Right Reserved!