Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 7

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
March 22, 2020 7 Mins Read
4 Comments

ކާކޮޓަރީގައި އެކަނިވުމާއެކު މޭޒު ދޮށުން ގޮނޑިއެއް ނަގައި އޭގައި ޖަމީލާ ހަމަޖެހިލިއެވެ. އެއަށްފަހު އޭނަ ވިސްނަން ފެށީ ޝުއައިބުގެ އެދުން ފުރިހަމަކޮށްދޭނެ ގޮތަކާމެދުގައެވެ. ޝުއައިބު އެދުނު ފަދައިން ކަންތައް ކޮށްދެވިއްޖެނަމަ ހުރިހާ ގޮތަކުން ވެސް އޭނައަށް މަންފާ ލިބެން އެބައޮތެވެ. ބޭނުންވާ ވަރަށް ފައިސާ ލިބުމުގެ އިތުރުން މަލްސާގެ ދިރިއުޅުން ނަރަކައަކަށް ހަދާލުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެއެވެ. ފަޟީހަތްކޮށް މީހުންގެ ތެރެއަށް ނިކުމެ އުޅެން ދަތިވާވަރުކޮށްލެވޭނެއެވެ. އުފަލުގައި ދިރިއުޅުމުގެ ފުރުސަތެއް ވެސް ނުމެލިބޭނެއެވެ. އަބުރު ގެއްލި ނިކަމެތިވެގެން ދާނެއެވެ. މިހުރިހާ ދުވަސް ވަންދެން އެހިތުތެރޭގައި އަނދަމުންދާ ނަރުފަރުގެ ގިނި އަލިފާނުން މަލްސާގެ ހުވަފެންތަކާއި ދިރިއުޅުމާމެދު ދެކެމުންދާ ފޮނި އުއްމީދުތައް އޭނަ އަނދާއަޅިޔަށް ހަދާލާނެއެވެ.

ސިކުނޑީގައި ކުރެހިގެން އައި މަންޒަރުތަކާއި ހާދިސާތަކަށްފަހު ޖަމީލާގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

”މިފަހަރު ރަގަޅު ބޮޑިއެއް ދޭނަން އޭނައަށް!، އޭނަގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނަން!… މަށަށް ޖެއްސި އުނދަގޫތަކުގެ ބަދަލު ރަގަޅަށް ހިފާނަން!، އޭނަގެ އުފާތައް ފެރިގަންނާނަން!…”

ޖަމީލާ ހިތާހިތާ ބުނެލިއެވެ.

”ކުޑަދުވަސްކޮޅަކަށް ވިޔަސް އޭނަގެ ކުރިމަތީގައި ހިތްހެޔޮ މީހަކަށް ވާން އެބަޖެހޭ، އޭގެ ފަހުން ޝުއައިބު އެދުނު ކަންތައްކޮށްދޭން މަސައްކަތްކުރާނީ، ފުރަތަމަ އޭނަގެ އިތުބާރު ހޯދުން މުހިންމީ، އެއަށްފަހު ރަގަޅަށް އަހަރެންގެ ދަންތުރައިގައި ހައްޔަރުކޮށްލާނަން…”

*****

ދުވަހުގެ މަރުޚަބާ ކިޔަމުން އުދަރެހުން ފާޅުވެގެން އައި އިރުގެ ދޯދިތަކުން ދުނިޔެއަށް ހޫނުކަން ވެރިކުރުވަމުން ދިޔައެވެ. އަރައިގެން އައި އިރާއެކުހެން މާލޭގެ މަގުތައް ހަލަބޮލިވާން ފަށައިފިއެވެ. ހަފްތާ ބަންދުގެ ދުވަސްތަކަށް ފަހު އޮފީސްތަކާއި ސްކޫލްތައް ހުޅުވޭތީ ކޮޅުކޮޅަށް ފެންނަނީ މީހުން ހަރަކާތްތެރިވާތަނެވެ.

ފަތިހާ ދުވަން ނިކުތް އަޝްކާން ވަރުބަލިވެގެން ހުއްޓާލީ ރަސްފަންނާ އަރާހަމަވިފަހުންނެވެ. އެތަނުގައި ހުރި އަށްޓެއްގައި ހަމަޖެހިލަމުން ފުންނޭވާތަކެއް ދޫކޮށްލިއެވެ. ލައިގެން ހުރި ސޯޓުގެ ޖީބުން ނެގި ކުޑަ ތުވާލިކޮޅުން މޫނުގައިވި ދަލުގެ އަސަރު ފޮހެލަމުން އޭނަގެ ނަޒަރު ހުއްޓާލީ މޫދަށެވެ. ކަނޑުގެ ސަތަހަޔާއި ސަމާސާކުރަމުން އައިސް ބީހިލާ ރޯޅިތަކުގައި ތާޒާކަން އެކުލެވިފައިވިއެވެ. މީހާއަށް ލިބިފައިވާ ވަރުބަލިކަން ފިލައި ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ހަށިފުރާދޫކޮށްލި ނޭވާއަށް ފަހު އަތުގައި އޮތް ފެންފުޅިން ކޯވަރެއް ބޯލަމުން އެއާރޕޮޑް ކަންފަތާއި ވަކިކޮށްލިއެވެ. އެއާއެކު މާލޭގެ ހަލަބޮލި މާހައުލު އައިސް އޭނަ ވަށާލިއެވެ. އެއާއެކު އޭނަގެ މޫނުމަތިން މީގެ އިރުކޮޅެއް ކުރިން ފެނުނު ހިތްހަމަޖެހުމުގެ އަސަރު ފިލައި ފޫހިކަން ވެރިވެއްޖެއެވެ. އަނެއްކާ ވެސް އެއާރޕޮޑް ކަންފަތުގައި ޖަހަމުން އަށިން ތެދުވެލިއެވެ. އަދި އަތުކުރީ އޮތް ސްމާޓް ގަޑިއަށް ދިން އަވަސް ނަޒަރަށްފަހު ލަސް ދުވުމެއްގައި އޭނަގެ މަންޒިލާ ހަމައަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ދުވަހުގެ ފެށުން އަބަދުވެސް އަޝްކާން ފަށަނީ ފަތިސް ނަމާދުންނެވެ. އެއަށްފަހު ދުވަހުގެ ތާވަލުގެ ދަށުން ގަޑިއެއްހާއިރު ވަންދެން އަބަދުވެސް ދުވަން އޭނަ ދެއެވެ. ކަސްރަތުކުރުމާއި ދުވުމަކީ މީހާއަށް ލިބޭ ސްޓްރެސް ފިލުވާލަން އަޝްކާން އެންމެ ގަޔާވާ ކަންތަކެވެ. ބައެއް ދުވަސްދުވަހު ހިތަށް އަރައިފިނަމަ ފަތަން ވެސް ދެއެވެ. ދުޅަހެޔޮ ސިއްހަތަކަށް އަޝްކާން ލޯބިކުރާ މިންވަރު އޭނަގެ ފުރިހަމަ ހަށިގަނޑުން ހާމަކޮށްދެއެވެ.

*****

”ކިހާ ދެރަކަމެއްތަ މީ ދެން!، ދިމްނާ ކައިރީގަ މަންމަ ކިތައް ފަހަރު ބުނާނީ ތިކަންތައް ހުއްޓާލާށޭ!… ތިހެން އުޅެން ހަދައިގެން ވަކިލިބޭނެ މޮޅެއް އެބައޮތްތަ؟، އަހަރުމެން އުސައިދުގެ ޢާއިލާ ކުރިމަތީގަ ބަދުނާމުކުރުންތަ ދިމްނާގެ ބޭނުމަކީ؟…” ގޭގެ ތަނަވަސް ބޮޑުކޮޓަރިއަށް ވަދެވުމާއެކު ފުރަތަމަވެސް އަޝްކާންގެ ކަންފަތުގައި ޖެހުނީ އޭނަގެ މަންމަ ބަރްކާގެ ހަރުކަށި އަޑެވެ. އެއާއެކު އޭނަގެ ފިޔަވަޅުތަކުގެ މިސްރާބު ސީދާކޮށްލެވުނީ ކާކޮޓަރިއަށް ދިއުމަށެވެ. އެދިޔަ އިރު ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ހާދިމުން އަޝްކާންއަށް އަދަބުއިހުތިރާމު އަދާކުރަމުން ދިޔައެވެ. އެއިން ކޮންމެ މީހަކަށް އަޝްކާން ބޯޖަހާލައެވެ.

ކާމޭދުދޮށުގައި އިން ބަރްކާގެ މޫނުމަތިން ފެންނަނީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމެވެ. އޭނަގެ މަގަތުން އިށީންދެގެން އިން ފިރިމީހާ ނާޒިމް އެވަގުތު މޭޒުމަތީ އޮތް ބަރްކާގެ އަތުގައި ހިފާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލީ އިތުރަށް އެމައުޟޫއުއަށް ވާހަކަ ނުދެއްކުމަށް އެދޭ ފަދައިންނެވެ. ނަމަވެސް ހިތްހަމަނުޖެހިފައިވާތީ ބަރްކާއަށް އޭނަގެ ފިރިމީހާގެ އަމުރަށް އިޖާބައެއް ނުދެވުނެވެ. މޭޒުގެ އަނެއްކޮޅުގައި އިން އޭނަގެ އަންހެން ދަރިފުޅަށް އޭނަ ނުރުހުމާއެކު ބަލާލިއެވެ.

”ކީއްވެގެންތަ ދިމްނާ ތިހެން ކަންތައް ތި ކުރަނީ، ކުރީދުވަހު ވެސް އުސައިދު އައިސް އެހާ ވަރަށް އާދޭސް ކުރީމަވެސް އޭނައާއެކު ނުގޮސް ތިމާގެ ގޮތް ދެއްކީ، ނިކަން އެހެން ކަންތައް ކުރަން ޖެހުނު ގޮތެއް ވެސް ބުނީމަ ދޯ މަންމަމެންނަށް އިނގޭނީ!… ކޮންމެހެން ވިޔަސް ދިމްނާގެ މައްސަލައެއް އޮތީމަ އެއްޗެއް ނުބުނެ ހިމޭނުން ތިހުންނަނީ… އުސައިދުގެ ހިތްހެޔޮކަމުން އަދިވެސް ތިދެމެދުގައި ޖެހިފައިވާ މައްސަލައެއް ނަމަވެސް ހައްލުކުރަން އެއުޅެނީ!…” ދިމްނާއަށް ބަލާލަމުން ބަރްކާ ބުނެލިއެވެ.

އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ދިމްނާ އޭނަގެ މަންމައަށް ބަލާލިއެވެ. އޭރު އެދެލޮލުގައި ރިހުމެއް ވިއެވެ. ކުލުނުގެ ނަޒަރަކުން މަންމަ އޭނައަށް ބަލައިލިނަމަ އޭނަގެ ވޭނާއި އުދާސްތައް އިހުސާސް ކުރެވުނީހޭ ދިމްނާގެ ހިތަށް އެރިއެވެ. އޭނައާއި އުސައިދުގެ ކައިވެންޏަކީ މަންމައާއި ބައްޕަގެ ވިޔަފާރި ފުޅާކޮށް އައު ހަރުފަތަކަށް ގެންދިއުމަށް ކުރެވުނު ވިޔަފާރީގެ މުޢާމަލާތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކައިވެނީގެ ހުރިހާކަމެއް ދެޢާއިލާގެ ދެމެދުގައި ރާވައި ނިންމާލި އިރުވެސް އޭނައަށް އެކަމުގެ ހިލަމެއް ނުވިއެވެ. ރާއްޖޭންބޭރުން ވިޔަފާރީގެ ދާއިރާއިން މަތީތަޢުލީމު ހާސިލުކޮށްގެން އައިއިރު ހުރިހާ ކަމެއްގެ ތައްޔާރީތައް އޮތީ ވެނިމިފައެވެ. ވަގުތުފާއިތުވެފައެވެ. މަންމަގެ ހަރުކަށިކަމާ ހުރެ އެކައިވެންޏަށް ދެކޮޅު ހެދުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ. ހަމައެއާއެކު ބައްޕަގެ އުއްމީދުތައް އެކައިވެންޏާއި ގުޅިފައިވަތާން ފެނި މައިންބަފައިންގެ އުފަލަށްޓަކައި ދިމްނާއަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް ވިޔަސް އުސައިދުއާ ކައިވެނި ކުރާށެވެ. އެކުގައި އުޅެން ފެށުމުން ހިތުގައި ކުލުނު އާލާވެދާނެ ކަމަށް އުއްމީދުކޮށްގެންނެވެ. ފަހަރެއްގައި އުފާވެރި ހަޔާތެއް ލިބިދާނެކަމަށް ވެސް އުއްމީދު ކުރެވުނެވެ. ނަމަވެސް ދިމްނާ ހީކުރި ފަދަ ޝަހުސިއްޔަތެއްގެ މީހަކަށް އުސައިދު ނުވިއެވެ. ހިތްހެޔޮ އޯގާތެރި މީހެއްގެ ނިވަލުގައިވަނީ ކޮންފަދަ ޖާހިލު އަދި ޖައްބާރު މީހެއްކަން ފާއިތުވެދިޔަ ހަ މަސް ދުވަސް ތެރޭގައި ދިމްނާއަށް ވަނީ ކިތަންމެހާ ވެސް ރަގަޅަށް ދަސްވެފައެވެ. އެއަނިޔާތަކާއި ވޭން ބަރުދާސްތުކުރުން ދަތިކަމަކަށްވުމާއެކު މައިންބަފައިންގެ ހިޔާމަޔަތުގެ ދަށަށް އަންނަން އޭނަ ގަސްދުކުރީ ވޭނާއި ކެކުޅުންތަކުން ނިވަލެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނަގެ އަޑު އަހާނެ މީހަކު ނެތެވެ. އޭނަގެ ވޭންތައް ފާހަގަ ކުރެވޭނެ މީހަކު ވެސް ނުވެއެވެ. އޭނައަށް ވުރެން ޢާއިލާގެ މެންބަރުންތައް އިތުބާރުކުރަނީ އުސައިދުއަށެވެ. އުސައިދު ގިރިޓީކޮށްދައްކާ ކުލަތަކުގެ އަވާގައިޖެހިފައިވަނީ ސަލާމަތެއް ނުވާނެ ފަދައަކުންނެވެ.

ޢާއިލާ މީހުން ތިބި ކަމުގައި ވިޔަސް އެކަނިވެރިކަން ނޫން އެހެން އެއްޗެއް ދިމްނާއާއެކުގައި ނުވާ ކަހަލައެވެ. ދިމްނާގެ ހިތުގައި އިތުރަށް ރިއްސާލިއެވެ. ހަޤީޤަތް ހާމަކުރިޔަސް އޭނައަށް އެއްބާރުލުން ދޭނެ މީހަކު ނުވާ ފަދައެވެ.

”މިހާރު އެފެށީ ރޯން، މިތާނގައި މީހަކު ރޯވަރުގެ އެއްޗެއް މަންމައަށް ބުނެވިއްޖެތަ؟، ކުޑައިރުއްސުރެން ބޭނުންހާ ކަމެއްކޮށްދީގެން ބޮޑުކުރުމުގެ ނަތީޖާ މިފެންނަނީ!…” ދެލޮލުން ފޭދުނު ކަރުނަތައް ދިމްނާ ފޮހެލިތަން ފެނި ބަރްކާ ދެފަރާތަށް ބޯހޫރާލިއެވެ.

”މަންމާ…” ކާކޮޓަރިއަށް ވަން އަޝްކާން އޭނަގެ މަންމައަށް ގޮވާލިއެވެ. މަސްލަހަތު ގޯސްވެފައި އޮތް މިންވަރު މާހައުލަށްވެރިވެފައި އޮތް ނުތަނަވަސްކަމުން އޭނައަށް ނަގައިގަނެވުނެވެ. ދޮންތަ ރޮމުން ދިޔަތަން ފެނި އަޝްކާންއަށް އަވަސްފިޔަވަޅުތަކެއް އަޅާލެވުނީ ދޮންތަ ގާތަށް ދިއުމަށެވެ.

”ޝާން ހުރޭ މިކަމުގެ ތެރެއަށް ނުވަދެ!…” އަޝްކާންއަށް ނުރުހުމާއެކު ބަރްކާ ބުނެލިއެވެ. މީގެ ކުރިން ދުވަހަކުވެސް އަޝްކާންއާ ދިމާއަށް ހަރުކަށިކޮށް ބަރްކާ އެއްޗެކެ ބުނެފައި ނެތެވެ. އަޝްކާންއަކީ ބަރްކާގެ ރަން ދަރިފުޅެވެ. ހިތުގެ ފިނިކަމާއި ދެލޮލުގެ ނޫރެވެ. ވާރިސަކަށް ކުރި ފޮނި އުއްމީދުތަކުގެ ނިމުން ވެސް މެއެވެ.

ނުރުހުމުގެ މޭރުމަކުން އަޝްކާންއާ ވާހަކަދެއްކުމުން ބަރްކާ ހިތްހަމަނުޖެހިފައި ހުރި މިންވަރު ހާމަކޮށްދެއެވެ.

”އެންމެނަށް ގޯސްވާނީ އަހަރެން… މިހުރިހާ ކަމަކީ ދިމްނާގެ ގޮތް ދޫނުކުރުމާ ހެދިވާހާ ކަންތަކޭ، ރަގަޅު ފިރިއަކު ލިބިފައި ވަނިކޮށް އެނިއުމަތާ މެދު ޝުކުރުވެރިވާކަށް ނޭގުނު، ފިރިމީހާގެ އަގުވެސް އެންމެންގެ ތެރޭގައި ވައްޓާލަނީ، ނުވީތާކަށް އަހަރުމެންގެ ނަންވެސް އެބަ ހަޑިކުރޭ، ދިމްނާ ތިކުރާ ކަންތަކުން މީހުން ބުނާނެ އެއްޗެއް ނޭގޭތަ؟، ރައްޓެހިންނާއެކު ބޭރަށް ދާން ނުކުރޭވަރު ކޮށްފިއްޔޭ، ކޮންމެ މީހަކު ދައްކަނީ މަށަށް ލިބިފައި ހުރި އަންހެން ކުއްޖާގެ އަދަބުކުޑަ ވާހަކަ، އަހަރެން ދިން ތަރުބިއްޔަތާ މެދު މީހުން ސުވާލު އެބަ އުފައްދާ… ފިރިމީހާއަށް ރުޅި މޫނު ދައްކާފައި މައިންބަފައިން ގާތަށް އައި ވާހަކަ އެކި ގޮތްގޮތަށް އެބަދައްކާ!… މި ކުއްޖަކާ ހެދި އަހަރެންގެ ބޯފަޅައިގެން ދާހާ ވެއްޖެޔޭ!، ބުނާ ގޮތަކަށް ކަމެއް ނުކުރޭ، ވެގެން އުޅޭ ގޮތެއް ކިޔައެއް ނުދޭ!……” ކާމޭޒުމަތީގައި ބާރަށް ދެއަތުން ޖަހަމުން ބަރްކާ ވާހަކަދެއްކިއެވެ.

”ބަރްކާ…” ހިތްހަމަނުޖެހުނުކަމުގައި ވިޔަސް ދަރިންގެ ކުރިމަތިގައި އަޑުހަރުކުރާކަށް ނާޒިމް ބޭނުމެއް ނުވިއެވެ. އޭނަ ގޮވާލީ ބަރްކާއަށް ވިސްނައިދޭ ފަދައިންނެވެ.

”މަންމަ ހިތްހަމަނުޖެހޭނަމަ އަހަރެން މިގެއިން ގޮސްދާނަން، އެކަމަކު އެނބުރި އުސައިދު ގާތަށް ދުވަހަކު ނުދާނަން…” ރޮވިފައިވާ އަޑަކުން ދިމްނާ ބުނެލިއެވެ.

”ދިމްނާ!…” އަޑަށް ބާރުލަމުން ބަރްކާ ބުނެލިއެވެ. އޭރު އޭނަ ހުރީ ރުޅި ގަދަވެފައެވެ. ކުއްލިޔަކަށް ގޮނޑިން ތެދުވީ ފުލުގައި ކައްޓެއް ޖެހުނު ފަދައަކުންނެވެ.

”ބަރްކާ!…”

ނާޒިމް ވެސް ތެދުވުނެވެ. ރޮމުން ދިޔަ ދަރިފުޅަށް ބަލާލި ނާޒިމްގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ދިމްނާއަކީ މީގެ ކުރިން މައިންބަފައިންގެ އެދުމާއި ދުވަހަކު ވެސް ދެކޮޅު ހެދި ކުއްޖެއް ނޫނެވެ. އަބަދުވެސް ކަންތައް ކުރަމުން އައީ އޭނައާއި ބަރްކާ ނިންމައިދިން ގޮތަކަށެވެ. މައިންބަފައިންގެ ހުރިހާ އެދުމަކާއި ރުހިޤަބޫލުވީ އެއީ ދިންމާއަށް އެންމެ ރަގަޅު ގޮތްކަން ވިސްނުނީތީއެވެ. އޭނަގެ ކޮންމެ އެދުމަކަށް ބޯލަނބަމުން އައި ދަރިފުޅު ފާޅުގައި ކަމަކާއި އިންކާރުކުރާނީ ސަބަބެއް އޮތުމުން ކަމަށް އޭނަގެ ޒަމީރު ބުނެލިއެވެ. ދަރިފުޅުގެ ލޮލުން ފައިބަމުންދާ ކަރުނަތަކުން ވޭން އޭނައަށް ފާހަގަ ކުރެވުނެވެ. އުދާސީ މޫނުމަތިން ހިތްދަތިކަން ބުނެދޭ ކަހަލައެވެ. މުޅި އުމުރުގައި ވެސް އޭނައަށް ފުރަތަމަ ފަހަރަށް ގޯހެއް ހެދިއްޖެ ކަމަށް ނާޒިމަށް ރޭކާލާން ފެއްޓިއެވެ. އުސައިދުއާއި ދިމްނާގެ ކައިވެންޏަކީ އޭނައަށް އެޅުނު ކަތިފިޔަވަޅެއް ބާވައެވެ!

”ދަރިފުޅު ދިމްނާ…” ކާމޭޒު ދޮށުން ދާން ތެދުވުނު ދިމްނާއަށް ނާޒިމް ގޮވާލިއެވެ. އޯގާތެރިކަމާއެކުގައެވެ. ”ދަރިފުޅު ބޭނުން ދުވަހަކު މިގޭގައި ހުރެވޭނެ، ބައްޕަ އެއްވެސް ސުވާލެއް ނުކުރާނަން، މަންމަ ވެސް އެއްޗެކޭ ނުބުނާނެ، ދަރިފުޅު ބޭނުންވި ދުވަހަކުން ވާހަކަދައްކަން ބޭނުންވުމުން ބައްޕަ ހުންނާނަން އަޑުއަހަން… އެކަކުވެސް ދަރިފުޅަށް މަޖުބޫރެއް ނުކުރާނެ… ދަރިފުޅު ބޭނުން ވަރަކަށް ވަގުތު ނެގިޔަސް ވަރިހަމަ…” ދިމްނާ ގާތަށް ގޮސް ހުއްޓެމުން ނާޒިމް ވާހަކަދެއްކިއެވެ. ކަރުނައިގެ ތެރެއިން ނާޒިމްއަށް ދިމްނާ ބަލާލިއެވެ. އެވަގުތު ނާޒިމްގެ މޭގައި ރިއްސާލިއެވެ. ލޯބިވާ ދަރިފުޅުގެ ދެލޮލުން ވޭނީ ކަރުނަ އޭނައަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެކަރުނަތަކުން އޭނައަށް ވާހަކަތަކެއް ބުނެދޭ ފަދައެވެ. ބަސްހުއްޓިފައި ހުރެވުނީ ލިބުނު މަޑުމޮޅިކަމެއްގެ ސަބަބުންނެވެ. ދަރިފުޅާއި މެދު ބޭއިންސާފުން ކަންތައް ކުރެވިއްޖެކަން ގައިމެވެ. ހިތާމަޔަކީ ދަރިފުޅު ހަޤީޤަތް ހާމަނުކުރާތީއެވެ. އެހަޤީޤަތް އަޑުއަހަން އޭނަގެ ހިތްވެސް ވަނީ ބިރުގަނެފައެވެ.

ބައްޕަގެ ޖުމްލައިން ދިމްނާގެ ހިތަށް ކުޑަމީސް ތަސައްލީއެއް ލިބުނެވެ. ކޯތާފަތުން ފިރުކަމުން ދިޔަ ކަރުނަތައް ފޮހެލެވުނެވެ. އަދި އެތެރެއަށް ނޭފަތް ދަމާލެވުނެވެ.

”އަހަރެން ބޭނުމެއް ނޫން ދެން މިކަމަށް އިތުރަށް ވާހަކަދައްކާކަށް، ބަރްކާ ވެސް ދެން އިތުރަށް ދިމްނާއާއި ދިމާއަށް އެއްޗެކޭ ބުނެގެން ނުވާނެ…” ބަރްކާ އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ ދޫބަންދުވީ ނާޒިމުގެ ފަހުގެ ނިންމުން އަޑުއިވިފައެވެ. ހިތްހަމަނުޖެހުނަސް ފިރިމީހާއާއި ޖަދަލުކުރަން އޭނަ ބޭނުމެއް ނުވިއެވެ. ރުޅި އައުމުން އެތަނުން ނުކުމެގެން ދިޔައީ ބަރްކާއެވެ. ބަރްކާ ނިކުތްތަން ބަލަން ހުރެފައި ބަރްކާގެ ފަހަތުން ނާޒިމް ހިނގައިގަތެވެ.

”ދަރިފުޅުމެން ސައިބޯލާ… ބައްޕަ އަންނާނަން މަންމަގެ ރުޅި ފިނިވޭތޯ މަސައްކަތްކޮށްފަ…” އޯގާތެރި ހިނިތުންވުމެއް ލޯބިވާ ދެދަރީންނާ ބައްދަލުކޮށްލަމުން ނާޒިމު ދިޔައެވެ.

”އެވްރީތިންގް ވިލް ބީ އޯކޭ…” ދިމްނާގެ ކޮނޑުގައި ފިރުމާލަމުން އަޝްކާން ބުނެލިއެވެ. އޭނަ ދިންމާއަށް ބަލާލަމުން ހިނިތުންވުމެއް ދިނެވެ. ހިތަށް ލިބިފައިވި އުދާސްކަމުގެ ތެރޭން ދިމްނާ ވެސް ލުއި ހިނިތުންވުމެއް ދިނެވެ. ދެން ދެބެއިންގެ ދެމެދަށް ވެރިވެގެން އައީ ހިމޭންކަމެވެ.

ދިމްނާ އަނެއްކާ ވެސް ގޮނޑީގައި އިށީންނަމުން ސަޔަށް އިންސާފުކުރަން ފެށިއެވެ. ގާތުގައި އެމަންޒަރު ބަލަން އަޝްކާންއަށް ހުރެވުނެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އޭނަގެ ދޮންތައަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. ކުރިން އަބަދުވެސް އެދެމެދުގައި ކަންތައްތައް ހިއްސާކުރެވޭނެއެވެ. ނަމަވެސް އުސައިދުއާއި ކައިވެނި ކުރިފަހުން ސަކަ މިޒާޖުގެ ދޮންތަ ވަނީ ގެއްލިފައެވެ. ކުރިން އަބަދުވެސް އޭނައަށް ލަނޑެއް ދީގެން މެނުވީ ހިތްހަމަނުޖެހޭ ދޮންތަގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. ދުނިޔެމަތިން ފޫހިވެފައިވާ ތަނެވެ. އެތައްފަހަރެއްގެ މަތީން އޭނަ ހަޤީޤަތް އޮޅުންފިލުވަން މަސައްކަތްކޮށްފިއެވެ. އެހެނަސް ކުރިއެރުމެއް ނުލިބުނެވެ. ދޮންތަ އަބަދު އޭނަގެ ސުވާލުތަކަށް ޖަވަބު ދެނީ ހިމޭންކަމުންނެވެ. ކުރިއެރުމެއް ނުލިބުމުން އޭނަ އުސެއިދުއާ ވެސް ބައްދަލުކުރިއެވެ. އުސައިދުގެ މޭރުމުން ކުށްވެރިޔަކީ އޭނަގެ ދޮންތައެވެ. ނަމަވެސް، ދޮންތަގެ ހިމޭންކަމުން އޭނައަށް ކިޔައިދެނީ މުޅިން އެހެން ވާހަކައެކެވެ.

*****

”ކީއްވެގެންތަ އެފަދަ ނިންމުމެއް އަހަންނާ މަޝްވަރާކުރުމެއް ނެތި ނާޒިމް ނިންމާލީ؟…” ހައިބަތު ވަރުގަދަ ކޮޓރީގައި ހުރި ޒަމާނީ ސޯފާގައި އިން ބަރްކާއަށް ކޮޓަރިއަށް ވަން ނާޒިމް ފެނުމާއެކު ހަށަން ބަނދެލަމުން ބުނެލިއެވެ.

”މަސްލަހަތަށް މިވަގުތު އޮތް އެންމެ ރަގަޅު ހައްލަކީ އެއީ… އަހަންނަށް ހީވަނީ އަވަސްއަރުވާލަން ހަދައިގެން އަހަރުމެންނަށް ނިންމުނު ނިންމުމަކީ ގޯސް ނިންމުމެއްހެން…” ބަރްކާގެ ގާތުގައި އިށީންނަމުން ނާޒިމު ބުނެލިއެވެ.

”ކީކޭތަ ނާޒިމު ތިކިޔަނީ؟، ކޮން ގޯސް ނިންމުމެއްތަ؟…” ހިތްހަމަނުޖެހިފައި ބަރްކާ ބުނެލިއެވެ.

”އުސައިދުއާއި ދިމްނާގެ ކައިވެނި… އޭރު އަހަރުމެންގެ ވިޔަފާރިފުޅާކުރުން ބޭނުމަކަށްވީ، އެނޫން އިތުރުކަމެއް ނުވެސް ފެނުނު، އެކަމުގެ ތެރޭން ގޯހެއް ހެދިއްޖެކަން އަހަންނަށް ޔަޤީން، ދިމްނާއަށް އެކައިވެންޏާ މެދު ވިސްނާލުމުގެ ފުރުސަތެއް ވެސް އަހަރުމެންނަށް ނުދެވުނު… ފަހަރެއްގައި…”

ނާޒިމްގެ ޖުމްލަ ފުރިހަމަނުކުރެވުނީ ބަރްކާ ވާހަކަދައްކަން ފެށުމުންނެވެ.

”ނުވާނެ އެހެންނެއް… އުސައިދުއަކީ މޮޅަށް ކިޔަވައިގެން ހުރި ހަރުދަނާ ޒުވާނެއް… ނުލާހިކު ޤަދަރުވެރި ޢާއިލާއަކުން އައިސްފައި ހުރީ، އަހަރުމެންނެކޭ އެއްފަދައިން މާލޭގެ މަހުޖަނުންގެ ތެރޭގައި އެބަ ގުނާލެވޭ… އެހާ ހިތްހެޔޮ ޒުވާނެއް އަދި މަށެއް ނުދެކެން… ގޯހެއް ހެދުނަސް ހެދޭނީ ހަމަ ދިމްނާއަށް… މިކަމުގައި އަހަރެން ކުށްވެރިކުރާނީ ދިމްނާ!…” ގޮތް ދޫކުރާކަށް ބަރްކާ ބޭނުމެއް ނުވިއެވެ. މީހާގެ ބޯހަރުކަމާ ހުރެ އޭނައަށް ގޯހެއް ހެދުނަސް އެކަން ޤަބޫލުކުރާކަށް ބަރްކާ ބޭނުމެއް ނުވިއެވެ. ބަރްކާއަށް ވިސްނައިދިނުމަކީ ފޫނެއްފަޔަށް ފެންފުރުން ކަހަލަ ކަމެކެވެ.

ނާޒިމަށް ދެފަރާތަށް ބޯހޫރާލެވުނެވެ. އެކުގައި އެތައް އަހަރެއް ހޭދަކުރެވުނު އިރުވެސް ބަރްކާގެ އެހުންނަ މިޒާޖު އެނައަށް ބަދަލެއް ނުކުރެވުނެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ސިފަތައްވެސް މެއެވެ. އެންމެފަހުން އަމާންކަން ދީފައި ދާން ޖެހުނީ ނާޒިމަށެވެ. އެހެނަސް، އޭނަގެ ނިންމުން ބަރްކާގެ ކުރިމަތީގައި ތަކުރާރުކުރިއެވެ.

*****

ޖަމީލާއަށް އައިސްފައިވާ ކުއްލި ބަދަލާ މެދު މަލްސާގެ އިތުރުން ގިޔާން ވެސް ހުރީ އަޖައިބުއަންތަރީސް ވެފައެވެ. ހެނދުނާ ހޭލައިގެން ނާޝްތާ ހުރީ ތައްޔާރުކޮށްފައެވެ. އެއްވެސްކަމެއް މަލްސާއަކަށް ނުޖައްސައެވެ. ވާހަކަދައްކަނީ އޯގާތެރިކަމާއެކުގައެވެ. ހެނދުނުގެ ސަޔަށް އިންސާފުކުރަމުން ދިޔަ ހިނދު އެހެނިހެން ދުވަސްތަކާ ޚިލާފަށް ކާމޭޒުދޮށަށް ވެރިވެފައިވަނީ އަމާންކަމާއި ހިމޭންކަމެވެ.

ހުސޭނު ނިކުމެގެން ދިއުމާއެކު މަލްސާގެ ދެބެއިންނާއި ޖަމީލާ ކާކޮޓަރީގައި އެކަނި ވިއެވެ. އޭރުވެސް ފެންނަމުން ދިޔައީ މުޅިން އެހެން ޖަމީލާއެކެވެ. މީހަކު އަޖައިބުވާހާ ޖަމީލާގެ އެކްޓްކުރުމުގެ ހުނަރު މޮޅެވެ.

”ދޮންމަންމަގެ ބޮލަށް އެއްޗެއް ވެއްޓުނީތަ؟، މިއަދު ކިހިނެއްވަފަތަ އެހެރީ؟… ޝީ ސީމްސް ކްރޭޒީ!…” ގާތުގައި އިން މަލްސާގެ އަތުގައި ކޮއްޓާލަމުން ގިޔާން ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.

”ގިޔާ…” ގިޔާންގެ ބޮލުގައި ފުއްޓަކިއެއް ޖަހަމުން މަލްސާ ބުނެލިއެވެ. އޭރު އޭނައަށް ހެވިއްޖެއެވެ.

”ދެބެއިން ކޮން ސަމާސާ ވާހަކައެއް ތި ދައްކަނީ؟…” އެތެރެއިން އަނދަމުން ދިޔަ ކަމުގައި ވިޔަސް ހިތުގެ މުރާދު ހާސިލުކުރަން އަޑަށް ފޮނިކަން ގެންނަމުން ޖަމީލާ ވާހަކަދެއްކިއެވެ.

”ކަމެއް ނުވޭ…” ގިޔާން އޭނަގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އަދި ބޮލަށްވީ ތަދާ ހުރެ މަލްސާއަށް ލޯއަޅާލިއެވެ.

”އައެމް ސީރިޔަސް!، ސަމްތިންގް އިޒް ޑެފިނީޓްލީ ރޯންގް ވިތް ހާރ، ބީ ކެއާރފުލް، އެގްޒާމް ނިމުނުހާ އަވަހަކަށް އަންނާނަން ގެއަށް، އައި ޑޯންޓް ޓްރަސްޓް ހާރ ކައިންޑްނެސް…” އިމްތިހާނުގެ ވަގުތު ކުޑަތަންވާ ތަން ފެށުމުން ކުޑަގޮތެއް ހަދާލަމުން ގިޔާން ކާމޭޒުދޮށުން ތެދުވިއެވެ. އަދި ދިއުމުގެ ކުރިން މަލްސާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލަމުން ދާން ހިނގައިގަތެވެ.

ނިކުމެގެން ދިޔަ ގިޔާންއަށް ބަލާލި މަލްސާއަށް ގިޔާންގެ ޖުމްލައާ މެދު ވިސްނާލެވުނެވެ. މިއިން ޒަމާނެއްގައި ވެސް ޖަމީލާގެ ފަރާތުން އޭނައާއި ގިޔާންއަށް ކުލުނެއް ލިބިފައި ނެތެވެ. އެއައި ކުއްލި ބަދަލުގެ ފަހަތުގައި ސަބަބެއް ވާނެކަން ގައިމެވެ. ނުވިސްނުނީ އެބަދަލުގެ ފަހަތުގައިވާ ސަބަބެވެ. ޖަމީލާ ހާސިލު ކުރަން ބޭނުންވާ މަޤުސަދެވެ.

މަލްސާއާއި ޖަމީލާ ކާކޮޓަރީގައި އެކަނި ވިއެވެ. މުޅި މާހައުލުގައިވަނީ ހިމޭންކަމެވެ. އޭގެ ސަބަބުން މަލްސާއަށް އުނދަގޫ ވިއެވެ. ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ޖަމީލާގެ ހިތްހެޔޮކަން ވިސްނައިނުގަނެވުނީމައެވެ.

*****

މެންދުރުގެ ވަގުތެވެ. މަލްސާ އިނީ ފޯނުން އޭނަގެ އެކުވެރި ރޭޝަމްއަށް ގުޅައިގެންނެވެ. އޭރު އިންޓަވިއުގެ ނަތީޖާ އަންގަން ނުގުޅާތީ މަލްސާއަށް ރޭޝަމް ގާތު ކުރެވެނީ ހުސް ޝަކުވާތަކެވެ.

”އަދި ނުގުޅައިގެން ހަލެއް ނުވެއެއްނު!…” ރޭޝަމް ބުނެލިއެވެ.

”އެކަމަކު އެހާ ރަގަޅަކަށް ނޫން އިންޓަވިއު ދިޔައީކީ އެއްވެސް… ހިތަށް އަރަނީ ނުހޮވިދާނެޔޭ…” ހިތުގެ ނުތަނަވަސްކަން ފަސް ވަނަ ފަހަރަށް އެކުވެރިޔާ ގާތު މަލްސާއަށް ހިއްސާކުރެވުނެވެ.

”ސާބަހޭ މަލް، ކެތްތެރިވެބަލަ، އަޝްކާން ނުފެނިގެން އުޅުނަސް ތީ ދެން ބޮޑުވަރުހެން މަށަށް ހީވަނީ، ތިހާވަރުން ގޮސްފަ އެކުގައި މަސައްކަތްކުރަން ފެށީމަ ކިހާވަރެއް ވާނެ، ފެއިންޓް ކަން ނޭގެ ވާނީ…” ރޭޝަމް ދިމާކޮށްލިއެވެ.

”ފެއިންޓް ވެގެން ވިޔަސް އެދެއަތުގެ ތެރެއަށް ވެއްޓެނިކޮށް އަހަންނަށް ފުދޭނެ…” ހީލުމަކާއެކު މަލްސާ ބުނެލިއެވެ.

”މަލްސާ!…” ވާހަކައިގެ ތެރޭން ޖަމީލާ ގޮވާލި އަޑު މަލްސާއަށް އިވުނެވެ. ”އާދެބަލަ މަށާއެކު ފިހާރައަކަށް ގޮސްލާފަ އަންނަން!…”

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

ކައަރީގައި އެހެނަސް.. ދުރުގައި… 4

Next

ކައިރީގައި އެހެނަސް.. ދުރުގައި… 5

Next
March 22, 2020

ކައިރީގައި އެހެނަސް.. ދުރުގައި… 5

Previews
March 21, 2020

ކައަރީގައި އެހެނަސް.. ދުރުގައި… 4

4 Comments!

  1. Yaal says:
    March 22, 2020 at 2:53 pm

    ?nice?

  2. Yan♥️ says:
    March 22, 2020 at 5:17 pm

    Varah reethi Masha Allah ? waiting for the next part

  3. imkko says:
    March 22, 2020 at 10:19 pm

    Maasha allah … wow v reethi mi baives ….. keep your awesome work dear … curiously waiting for next part …. ly ❤❤❤❤

  4. Abdul Rahmaan says:
    March 23, 2020 at 7:26 am

    Mihaaru099p,
    ,q

Comments are closed.


All Right Reserved!