ތަޤްދީރު 07 ވަނަ ބައި

- by - 95- March 21, 2020

ރޭގަނޑުގެ ކެއުމަށް ތައްޔާރުކޮށްލުމަށްފަހު ސަލީމާ ވިދާންގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އަދި ގޮސް ކޮޓަރީ ދޮރު ހުޅުވަލުމަށްފަހު ވިދާންއަށް ކާންގޮވާ ހަރުކަށި ގޮތަށް ގޮވާލަންވެގެން އަނގަ ހުޅުވާލިތަނާ، ކޮޓަރީގެ ހަތަރު ފާރުގެ އެތެރޭގައިވާ އަނދިކަން ފެނުމުން ބަސްހުއްޓުނެވެ. އަދި މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެހާ ހިސާބުން ވިދާން މިހާރު ސަލީމާގެ ކުރިމަތީ ނެތްކަން ހަނދާންވިއެވެ. އަދި ދެތިން ފިޔަވަޅު ކުރިއަށް އަޅާލުމަށްފަހު ފަސްއެނބުރި ވިދާންގެ ކޮޓަރިއާ ދިމާއަށް ސަލީމާ ފުން ހިތާމަޔާއެކުއެވެ. އޮޅިގެންވެސް ވިދާން ނެތްކަން ހަނދާންނެތި ސަލީމާ ވިދާނަށް ކާން ވެގެން ގޮވަން ދިޔައިރު ސަލީމާގެ ވިހަ ގަދަ ބަސްތަކުގެ އަޑު އިވޭ ހިސާބުގައި ނެތުމުން ސަލީމާއަށް މޮޅިވެރިކަމާއި އެކަނި ވެރިކަން އިހްސާސް ކުރެވުނެވެ. ނަމަވެސް ސަލީމާގެ މާޒީގެ ސަބަބުން ވިދާން ވީތަނެއް ބަލާކަށްވެސް އަދި ހޯދަން ދާކަށްވެސް ބޭނުމެއް ނުވިއެވެ. އެންމެފަހުން މޭޒުމަތީ ހުރި ތަށިތައް ނެގުމަށްފަހު ސަލީމާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

” ހަލޯ ” ޔާނާ ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. ” ހިނގާބަލަ އަހަރެންނާއެކު ފިހާރައަކަށް ދާން ” ޔާނާ ފޯން ނަގާ ވާހަކަ ދައްކަން ފެށުމުން ސީމާ ބުނެލިއެވެ. ” އަހަރެން މިއުޅެނީ ފައި ފުރޮޅިގެން ހިނގާ ވެސް ނުލެވިގެން. ކިހިނެއް ފިހާރައަށް ދާނީ ” އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިން ޔާނާ ބުނެލިއެވެ. ” އަނެއްކާ ކިހިނެއް ހަދަންވެގެން ފަޔަށް ތިހާވަރު ވެގެން ތިއުޅެނީ ” ސީމާ އަހާލިއެވެ. ” ދިމާވީމާ ކިޔާ ދޭނަން. މިދަނީ މަންމަ ގާތަށް ފައިގަ ބޭހެން އުނގުޅަން އަންނާށޭ ބުނެފަ އޮތީމާ ” ޔާނާ އެނދުމަތީގައި ދަމާލާފަ ހުރި ދެފައި އެނދުން ބޭރަށް ތިކޮށްލަމުން ބުނެލިއެވެ. ” ފަހުންނޭ ބުނެފިއްޔާ ތި ފަހެއް ނާންނާނެ ” ސިމާ ދިމާކުރާ ފާޑަކަށް ބުނެލިއެވެ. ” އެހެން ވިއްޔާ މާދަން ވަގުތެއް ވިޔާ ގެއަށް އައިސްބަލަ. އޭރުން ކިޔާ ދޭނަން ” ޔާނާ މިހެން ބުނެ ފޯން ކަޑާލުމަށްފަހު ފޯން އެނދުމަތީ ބާއްވާފަ ކޮޓަރިން ބޭރަށް ނިކުތެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ޝުހާދާ ވިދާން ކާމޭޒް ކައިރީގައި ތިއްބެވެ. ސަކީލާ ކާއެއްޗެހި އަޅާފަ ހުރި ތަށިތައް މޭޒްމަތީ ބަހައްޓަމުން ދިޔައިރު ވިދާން އިސްޖަހާލައިގެން އަތުގެ އިނގިއްޔާ ކުޅެލަކުޅެލާ އިނެވެ. އޭރު ކައިރީގައި އިން ޝުހާދު ފާޑަކަށް ހެމުން ދިޔައެވެ. ޝުހާދު އެއްޗެއް ނުބުނުމުން ބައެއްފަހަރު ވިދާން ޝުހާދަށް ބަލާލުމުން ނޫންކަމަށް ހެދިގެން އިނދެ އަނެއްފަރާތަށް މޫނު އަނބުރާލައެވެ. މިހެން ތަކުރާރުކޮށް ޝުހާދު ކަންތައް ކުރަން ފެށުމުން ވިދާން ހުށިޔާރުކަމާއެކު ބަލާލިއިރު ޝުހާދު ބަލަން އިނދެ ހެނީއެވެ. ވިދާނަށް އެމަންޒަރު ފެނުމުން މޭޒް ދަށުން ޝުހާދުގެ ފައި ތިލަމަތީ ފައިން ޖަހާލިއެވެ. ހަމަ އެވަގުތު ޝުހާދު ކޮންޓްރޯލް ކުރަމުން ދިޔަ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޝުހާދު ހޭންފެށުމުން ފުރަގަސްދީގެން ހުރި ސަކީލާ ބަލާލިއެވެ. އޭރުވެސް ޝުހާދު ހަމަ ހެނީއެވެ. ” ކިހިނެއްވެގެންތަ ޝުހާދު މާވަރަކަށް ތިހެނީ. އަނެއްކާ ކަމަކާ ދިމާވީތަ؟ ” އަތުގައި ހުރި ތަށި މޭޒްމަތީގައި ބަހައްޓަމުން ސަކީލާ ސުވާލުކޮށްލިއެވެ. ” ނުވޭ ކަމެއް ” ސަކީލާ އެހެން ސުވާލުކޮށްލުމުން ކަރުކެހިލަމުން ޝުހާދު ބުނެލިއެވެ. ” ޝުހާދުގެ ތަވީދު ގެއްލިގެން އެއުޅެނީ ” ސަކީލާ ވިދާން ކައިރީގައި ބަތްކާ ތައްޓެއް ބެހެއްޓުމުން، ތަށި ގަޔާ ކައިރިކޮށްލަމުން ވިދާން ބުނެލިއެވެ. ” ތަވީދޭ!!! ” ސަކީލާ ހައިރާންވެފަ ސުވާލުކޮށްލިއެވެ. ” ބަލާބަލަ ދައްކާ ވާހަކަ ” ޝުހާދު އަނެއްކާވެސް ހީގަންނަމުން ވިދާނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” އާނ. އެހެންވެގެންނެއްނު އޭރުން ފެށިގެން ހުނުން ނުހުއްޓިގެން ތިއުޅެނީ ” ވިދާން ވެސް ހީލަމުން ބުނެލިއެވެ. ” ކޮންތަވީދެއްގެން ގެއްލިގެން ޝުހާދު ތިއުޅެނީ ” ސަކީލާ މޭޒް ކައިރީ ހުރި ގޮޑި ދުރުކޮށްލާ، ގޮޑީގައި އިށީންނަމުން އަހާލިއެވެ. ” މަންމަ ވެސް ދޯ. ދާން އެހެން އެނބުނީ މިއަދު އަހަރެން އޭނަޔާ ދިމަކުރަން ފެށިމާ ” ޝުހާދު ބުނެލިއެވެ. ” ތީދެން ކުޑަ ކުދިންނެއް ނޫނެއްނު. އަބަދު ސަކަރާތް ޖަހަން ” ސަކީލާ ގޮޑިން ތެދުވަމުން ބުނެލިއެވެ. ” އެއީ މަޖާ. އަނެއްހެން އެއްވެސް ކަމެއްނުވޭ. ދޯ ދާން! ” ޝުހާދު ވިދާންގެ އަތުގައި އަތުން ޖަހާލަމުން ބުނެލިއެވެ. ” ނޭންގެ އަހަންނަކަށް ” ވިދާން ބުނެލިއެވެ. ” ކައިގެން ތަށިތައް ބަހައްޓާފަދޭ. މަންމަ މިއަންނަނީ ފާހާނާއަށް ވަދެލާފަ ” ސަކީލާ ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު އެހެން ބުނެލާފަ ދިޔައެވެ.

” މިއަދު އަހަރެން ދިމާކުރީމާ އެކަމާ ރުޅި އައިސްފަތަ ތިއިންނަނީ ” ޝުހާދު ފާހާނާއިން ނިކުމެގެން ތުވާލިން އިސްތަށިގަނޑުގެ ފެން ހިއްކަމުން ވިދާން އެނދުމަތީގައި އިށީދެގެން އިނުމުން ސުވާލުކޮށްލިއެވެ. ” ނޫން ” ވިދާން ބޯހޫރާލަމުން ބުނެލިއެވެ. ” ދޮގުހަދަން ނޫޅެބަލަ ” ތުވާލި ކޮޑުމަތީ ބާއްވާލަމުން ޝުހާދު ވިދާން ގާތުގައި އިށީންނަމުން ބުނެލިއެވެ. ” ޔަގީން އެކަމާ ރުޅި އައިސްފަ ތިއިންނަނީ ” ޝުހާދު އަނެއްކާ ވެސް ބުނެލިއެވެ. ” އަހަރެން ރުޅި އަންނަވަރު އެއްޗެއް ޝުހާދު އަދި ނުބުނޭ. އެހެންވީމާ އަދި ދިމާކުރިޔަސް އަހަރެން ހިތަށް އެއްޗެއް ނާރާނެ ” ވިދާން ޝުހާދަށް ބަލާލަމުން ބުނެލިއެވެ. ” ވަރަށް ހީވޭ. ރުޅި ނާންނާތީދޯ ދުވެފަ ކޮޓަރިއަށް އައިސް ވަނީ ” އެނދުން ތެދުވަމުން ޝުހާދު ދިމާކުރާ ރާގެއްގައި ބުނެލިއެވެ. ” މޮޔަވާކަށް އަހަރެން ދިޔައީ ޝުހާދުގެ އަޑަށް މަންމަ އައީމާ ” އެނދުމަތީ އޮތް ބާލީސް ނަގާ އުގައްލަމުން ވިދާން ބުނެލިއެވެ. ” ނުބުނަން އުޅުނަސް އަހަރެންނަށް އެނގޭ ކޮންމެވެސް ކަމެއްވެފަކަން ތިއިންނަނީ ” އަތުގައި އޮތް ތުވާލި ހަރުގައި އަޅުވާލަމުން ޝުހާދު ބުނެލިއެވެ. ” ނުބުނާކަށް ނޫޅެމޭ ” ވިދާން ބުނެލިއެވެ. ” އެހެންވިއްޔާ ބުނެބަލަ ” ޝުހާދު އައިސް އެނދަށް އަރަމުން ބުނެލިއެވެ. ” މިއަދު މަންމަ މަތިން ވަރަށް ހަނދާންވާތީ މިއުޅެނީ ” ވިދާން އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. ” އަހަރެން ނުބުނާނަން ދާން ގާތުގަ މިގެއިން ދާކަށް. މަންމަ ކައިރިއަށް ދާން ބޭނުން ވިޔަސް ކޮންމެ ގަޑިއެއްގަ ވެސް ދެވޭނެ. ދާން ބޭނުންނަމަ އެގެއަށްދޭ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އެއީ ދާންގެ މަންމަ ” ޝުހާދު ބުނެލިއެވެ. ” ތިކަން އަހަރެންނަށް އެނގޭ. ހަމަ އެކަނި އަހަރެން މިބުނީ އަހަރެން މަންމަ މަތިން ހަނދާންވާ ވާހަކަ. އަހަރެންނަށް އަނބުރާ މަންމަ ގާތަށް ދެވިދާނެ. އެކަމަކު މީގެ ކުރިން ކަންތައް ވަމުން ދިޔަ ގޮތަށް މަންމަގެ ރުޅިވެރި މޫނާ، ނުރުހުން ނުފެންނާނެ ކަމުގެ ޔަގީން ކަމެއްނެތް ” ޝުހާދަށް ފުރަގަސްދީގެން އިން ވިދާން ޝުހާދާ ދިމާއަށް އެނބުރިލަމުން ބުނެލިއެވެ. ” ކަންތައް އޮތީ ތިހެން. އެހެންވެ މިބުނީ، ދާންއަށް ފެންނަ ގޮތެއް ހަދަންވީ ހަމަ. އިރާދުކުރެއްވިއްޔާ އަބަދުވެސް އަހަރެން ވާނަން ދާންއާ އެކުގަ. ދެން މާބޮޑަށް އެކަމާ ނުވިސްނާ ނިދަން އަރާ ” ޝުހާދު އެނދުގައި އޮށޯވެ ހަމަޖެހިލަމުން ބުނެލިއެވެ. ޝުހާދު އޮށޯތުމުން ވިދާން އެނދުން ތެދުވެގެން ގޮސް ތުވާލި ހިފައިގެން  ފާހާނާއަށް ވަނެވެ.

ފަތިސް ނަމާދު ކޮށްލައިގެން ސަކީލާ ހެނދުނުގެ ސައިގެ ކަންތައް ނިންމާލުމަށް މަސައްކަތް ފެށިތަނާހެން ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ޓަކީގެ އަޑަށް ސަކީލާ ސިއްސައިގެން ވެސް ދިޔައެވެ. އެހެން ކަމުން ސަކީލާއަށް ބަލާލެވުނީ ސިޓިންރޫމު ފާރުގައި ހަރުކޮށްފަ ހުރި ގަނޑިއަށެވެ. އޭރު ގަޑިން ފަސްގަނޑި ބައި ވުމަށް ކުޑަތަންވަމުން ދިޔައެވެ. ” އަނެއްކާ މިގަޑީގަ ކާކު ޓަކި ޖަހަނީ ” ސަކީލާއަށް ބުނެވުނެވެ. އޭރުވެސް ދޭތެރެ ދުރުކޮށް ޓަކީގެ އަޑު އިވެމުން ދިޔައެވެ. ސަކީލާ މަޑު ހިގުމެއްގައި ދޮރާ ހަމަޔަށް ގޮސް މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު ސަކީލާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އޭގެ އިރުކޮޅެއްކުރިން މޫނުމަތީގައި ހުރި ހާސްކަން ފިލާ ސަކީލާގެ މޫނު އުޖާލާ ވިކަހަލައެވެ. ” ތައުފީގް ” ސަކީލާއަށް މަޑުމަޑުން ބުނެލެވުނެވެ. ” ގޭތެރެއަށް ވަންނާކަށް ވެސް ނުބުނާނަންތަ؟ ” ކޮނޑުގައި ބޮޑު ދަބަހެއް އަޅުވަލައިގެން ހިނިތުންވެލައިގެން ހުރި ތައުފީގް ބުނެލިއެވެ. ” އާދޭ… އާދޭ… ” ތައުފީގް އެހެން ބުނުމުން ސަކީލާ ބޮޑަށް ދޮރު ހުޅުވާލާ ތައުފީގް ވަނުމަށް ތަން ދައްކާލިއެވެ. ގޭތެރެއަށް ވަދެވުމާއެކު ތައުފީގް އަވަސްވެގަތީ ކޮނޑުގައި އަޅުވާފަ ހުރި ދަބަސް ބެހެއްޓޭތޯއެވެ. ” ތިތާގަ ނުބަހައްޓާ ކޮޓަރިއަށްގަ ބަހައްޓަންވީނު ” ސިޓިންރޫމު ސޯފާގައި ދަބަސް ބަހައްޓަން އުޅުމުން ސަކީލާ ބުނެލިއެވެ. ” އެކަމަކު ދެން މިހާ ބަރު ދަބަހެއް ހިފައިގެން ނުހިނގޭނެ ” ސަކީލާއާ ދިމާއަށް އެނބުރިލަމުން ތައުފީގް ބުނެލިއެވެ. ” މި ހުރިހާ އިރުވެސް ހަމަ ހުރީނު. ދެން ކޮޓަރިއާ ހަމަޔަށް ވެސް ދެވޭނެ ދޯ ” ސަކީލާ ހީލަމުން އެހެން ބުނެލުމުން ތައުފީގް ކޮޓަރިއަށް ދިޔުމަށް ހިނގައިގަތުމުން ފަހަތުން ސަކީލާވެސް ހިނގައިގަތެވެ.

” އަންނަ ވާހަކަ އެއްވެސް ނުބުނަމެއްނު ” ތައުފީގް ދަބަސް އެނދުމަތީ ބަހައްޓާ އެނދުގައި އިށީދެލުމުން ސަކީލާ ބުނެލިއެވެ. ” ހަމަ ގަސްތުގަ ނުބުނެ މިއައީ ” ތައުފީގް ބުނެލިއެވެ. ” އަސްތާ! މި ދަބަހުގަ މީ ކޮންއެއްޗެއްތަ؟ ހާދަ ބަރޭ ” ދަބަހުގެ އަތްގަނޑުގައި ހިފާ އުލާލި ވަގުތު ދަބަހުގެ ބަރުކަން ސަކީލާއަށް އިހުސާސް ކުރެވުމުން ބުނެލިއެވެ. ” ދަބަހުގަ ތީ އަހަރެން އެކޮޅުން ގަނެފަ ހުރި އެއްޗެހި. ދެން ޝުހާދަށް ވެސް އަދި ސަކީލާއަށް ވެސް ހަދިޔާ ހުންނާނެ ” ތައުފީގް ކައިރީގައި ހުރި ސަކީލާގެ މޫނަށް ބަލާލާފަ ބުނެލިއެވެ. ” އަދި  މިހުރެވެނީ ހަނދާންނެތިފަ. ކޮބާތަ އަހަރެންގެ ޝުހާދު. މިހާރު ހާދަ ބޮޑުވާނޭދޯ ” ކުއްލިއަކަށް ޝުހާދު މަތިން ހަނދާންވުމުން ތައުފީގް އެނދުން ތެދުވަމުން އަހާލިއެވެ. ” ޝުހާދު އަދި ނުހޭލާނެ ” ސަކީލާ ބުނެލިއެވެ. ” އަންނާނަން ބަލާލާފަ ” މިހެން ބުނެ ތައުފީގް ޝުހާދުގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ. އެވަގުތު ސަކީލާގެ މޫނުމަތިން ނުތަނަވަސްކަން ހާމަވެގެން ދިޔައެވެ. ސަބަބަކީ ތައުފީގް ގާތުގައި ވެސް އަހާނުލާ ވިދާން ގޭގައި ބެއްޓިފަ ހުރީތީއެވެ. ތައުފީގް ދޮރުން ބޭރަށް ނިކުތުމުން ފަހަތުން ސަކީލާ ވެސް ނިކުތެވެ. ކޮޓަރީގައި ދިއްލާފަ ހުރި ބޮކީގެ ފަޑު އަލިކަމުގެ ތެރެއިން ތައުފީގަށް ޝުހާދުގެ މޫނު ނުފެނުނެވެ. ނަމަވެސް އެނދުގައި އިތުރު މީހަކު އޮތްކަން ތައުފީގަށް ފާހަގަވިއެވެ. ” ކާކު ޝުހާދު ގާތުގައި ނިދާފަ އެއޮތީ ” ކޮޓަރީގެ ދޮރު ލައްޕާލަމުން ހައިރާންކަމާއެކު ތައުފީގް ސަކީލާ ކުރެން ސުވާލުކޮށްލިއެވެ. އެވަގުތު ސަކީލާ ތައުފީގަށް ފުރަގަސްދީ ދެއަތް ދެއަތަށް ޖޯޑްކޮށް ފިއްތާލިއެވެ.

” ތައުފީގް އަހަރެންނަށް މާފުކުރޭ! އަހަރެންނަށް ތައުފީގް ގާތުގައި އަހާނުލާ ވަނީ ކަމެއް ކުރެވިފަ. އެހެން ވާން ޖެހުނީވެސް ތައުފިގަށް ގުޅަށް އުޅި ނުގުޅުމުން ” ސަކީލާ ބުނެލިއެވެ. ” ކޮންކަމެއް އަހަރެން ގާތުގައި ނުބުނެ ކުރެވިގެން ތިއުޅެނީ ” ސަކީލާގެ ކޮޑުގައި ހިފާ އަނބުރާލަމުން ތައުފީގް ސުވާލުކޮށްލިއެވެ. ” ޝުހާދުގެ ގާތުގައި ނިދާފަ އެ އޮތީ ޝުހާދުގެ އެންމެގާތް ރަހުމަތްތެރިޔާ. އަހަރެންނަށް ތައުފީގް ނެތި އެކުއްޖާ އުޅެމުންދާ ނިކަމެތި ހާލުފެނި ކެއްނުކުރެވިގެން ޝުހާދުގެ ވެސް އެދުމުގެ މަތިން ގޭގަ އެހުރީ ” ސަކީލާގެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. ” އޭތް. އަދި ރޯކަށް ނުވޭނު. އަހަރެން އަދި ރުޅި އައިސްގެ އެއްޗެއް ނުބުނަމެއްނު. އަހަރެންނަށް އެނގޭ އަހަރެން ނެތަސް ދެވަނަ ވިސްނުމަކަށް ދާން ނުޖެހޭނެ ގޮތަށްކަން ސަކީލާގެ ކޮންމެ ނިންމުމެއް ހުންނާނީ ” ސަކީލާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތައުފީގް ފޮހެލަމުން ބުނެލިއެވެ. ” އަހަރެން ކުރާ ކަމަކާ ތައުފީގް އެއްޗެއް ނުކިޔާނެކަން އެނގޭ. އެކަމަކު އެވެސް ޝުހާދާ އެއް އަހަރުގެ ކުއްޖެއް. އެކަމަކު އުޅެމުން އެދަނީ ހިތްދަތިކަމާ ވޭނުގަ. އެދެކުދިން ބައެއްފަހަރު ވާހަކަ ދައްކާއިރު އަހަރެންނަށް އަޑު އިވުނަސް ހިތް ފަޅައިގެންދާ ވަރުވޭ ” ސަކީލާ އަސަރާއެކު ބުނެލިއެވެ. ” އެއީ ޝުހާދާ އެއް ކުލާހެއްގައި އުޅުން ވިދާން ދޯ ” ތައުފީގް ކާމޭޒް ކައިރީ ހުރި ގޮޑިތަކުން ގޮޑިއެއްގައި އިށީދެލަމުން ބުނެލިއެވެ. ” އެކަމާ ދެން އަޅާނުލާ. ވިދާން މިގޭގައި ހުންނަން ބޭނުންނަމަ ބަހައްޓާ. އެކަމަކު ސަކީލާ ވާނެ ދެކުދިންނަން ވަރަށް ރަނގަޅަށް ބަލަން. އުފަން މައިމީހާ ގާތުން ނުލިބުނު އުފަލާ ހިތްހަމަ ޖެހުން ސަކީލާ ދޭތި ” ތައުފީގް ބުނެލިއެވެ. ” ދެން ހަމަ މިއަދު ސައި ވެސް ނުދޭނަންތަ؟ ” ތައުފީގް އުނދުނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ. ” އަދި މިއަދު މިއުޅެނީ ސައި ނުހެދިިގެން. ދާންވީނު ފެންވާރާލައިގެން ފަތިސް ނަމާދު ކޮށްލައިގެން އަންނަން. އޭރަށް ވާއިރަށް ސައި ތައްޔާރު ވާނެ ” ސަކީލާ ބުނެލިއެވެ. ” އެންމެ ރަނގަޅު ” ތައުފީގް ސަކީލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެވަގުތު ސަކީލާ ހިނިތުން ވެލާފަ އަތްދަމާ ގަތުމުން ތައުފީގް ކޮޓަރިއަށް ގޮސްވަނެވެ.

” ކޮބާ އަދިވެސް ނުވޭތަ؟ ” ތައުފީގް ކޮޓަރިން ނިކުމެ ބުނެލިއެވެ. ” މި ދެން ނިމުނީ ” ސަކީލާ ތައުފީގަށް ފެންތައްޓެއް މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ” މީ ކީއްކުރާ ފެންތައްޓެއް ” ތައުފީގް ގޮޑީގައި އިށީދެލަމުން ބުނެލިއެވެ. ” ފެންތަށި ބަހައްޓާނީ ބޯކަށް ނޫންތަ؟ ” ފެންތައްޓަށް ބަލާލުމަށްފަހު ތައުފީގްގެ މޫނަށް ސަކީލާ ބަލާލަފަ ބުނެލިއެވެ. ” ދީބަލަ ވަރަށް މީރު ކަޅުސައި ތައްޓެއް. ވަރަށް ދުވަސް ވެއްޖެ ސަކީލާ ކައްކާ އެއްޗެއް ނުކައި އުޅޭތާ ” ތައުފީގް ފެންތަށި ދުރުކޮށްލަމުން ބުނެލިއެވެ. ” ސާބަހޭ. ތިހެން ބުނަން އަހަރެންމި މޮޅަށް ކައްކާ މީހަކީތަ؟ ” ސަކީލާ ފެންތަށި ނަގަމުން ބުނެލިއެވެ. ” އާނ. އަހަރެންނަށް ސަކީލާ ހަނދާ ކޮންމެ ކާއެއްޗެއް ވެސް ހަމަ އެހާ މީރު ” ތައުފީގް ހީލަމުން ބުނެލިއެވެ.

95

You may also like...

6 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.