Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިޙަޔާތާ ދުރުނުވޭ (9ވަނަބައި)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
January 17, 2015 8 Mins Read
21 Comments

“ކޮބާތަ އެންމެން… އަހަރެމެންނަށް މާއަވަހަށްތަ މިއާދެވުނީ…؟؟؟” އެއްވެސް މީހަކު ކެބިންގައި ނެތުމުން ގަޑިބަލާލަމުން ނަޝާމް ބުނެލިއެވެ. އެވަގުތު އެންމެން ފަހަތުން ނަޝާމަށް ވިޝްކުރަމުން ކެބިންއަށް ވަނުމުން ނަޝާމްހުރީ ސަޕްރައިޒްވެފައެވެ. ޒަޔާން ކޭކުގެނެސް ނަޝާމްގެ ކުރިމަތީގައި ބެހެއްޓިއެވެ. ނަޝާމް ކޭކު ފެޅުމަށްފަހު ޒަޔާނަށް އެތިކޮޅެއް ލެވިއެވެ. އަދި ދެވަނަ އެތިކޮޅު ނެގުމަށްފަހު އެނބުރުނީ އޭނާގެ ކަނާތުފަޅިއަށެވެ. އެތާހުރީ ލިމްޝާއާއި ސާރާއެވެ. ނަޝާމް ރީތި ހިނތުންވުމަކާއިއެކު ކޭކުކޮޅު ސާރާއަށް ލެވިއެވެ. ލިމްޝާގެ އިތުރުން އޮފީހުގެ ހުރިހާ ކުދިންވެސް ހުރީ ހައިރާންވެފައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ނަޝާމް ލިމްޝާދެކެ ލޯބިވާކަން އޮފީހުގެ ހުރިހާ ކުދިންނަށްވެސް އެނގެއެވެ. ނަމަވެސް މިޔަދު މިވީ ކިހިނެއް ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައިވެސް ނަޝާމަށް ލިމްޝާއަށް ވުރެ ސާރާ ޚާއްސަވީއެވެ.

ސުހާއަށް ބަލާލެވުނީ ލިމްޝާއަށެވެ. ލިމްޝާގެ ހިތުގެ ތޫފާން އެނގޭ މީހަކަށް އެތާހުރި ހަމައެކަނި މީހަކީ ސުހާއެވެ. ލިމްޝާ ނަޝާމްދެކެ ލޯބިވާކަން އެނގޭ މީހަކީ ހަމައެކަނި ސުހާއެވެ. ލިމްޝާގެ މޫނުމަތީގައިވާ އަސަރުތައް ހިތުދަސްވެފައިވާ ފޮތެއް ފަދައިން ސުހާ ދެނެގަތެވެ. ފެންކަޅިވެފައިވާ ދެލޯ އެހެންމީހަކަށްފެނިދާނެތީ ލިމްޝާ އިސްޖަހާލިއެވެ. ކަރުނަތައް ބޭރުވިޔަނުދޭން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. ސުހާގެ ހިތުގައި ލިމްޝާއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. އެންމެގާތް އެކުވެރިޔާ އަމިއްލަ ނަފްސާ ކުރަމުންއެދާ ހަނގުރާމަ ބަލާކަށް ސުހާއަށް ކެތްވަނީކީ ނޫނެވެ. ކޮންމެވެސް ގޮތަކުން ލިމްޝާ ނަޝާމްދެކެ ލޯބިވާކަން ނަޝާމަށް އަންގަން ސުހާ ނިންމިއެވެ. ލިމްޝާގެ އިތުބާރު ގެއްލުވައިލައިގެން ނަމަވެސް ލިމްޝާގެ ޙަޔާތަށް އުފާވެރިކަން ގެނެސްދެން ސުހާ ބޭނުންވެއެވެ.

 

ނަޝާމްއާއި ޒަޔާން ތިބީ އޮފީހުގެ ވެއިޓިންގް ރޫމްގައެވެ. ނަޝާމްއިނީ ޒަޔާންގެ ފޯނުން ދެންމެ ކޭކުފެޅިއިރު ނަގާފައިވާ ފޮޓޯތައް ބަލާށެވެ. ބައެއް ފޮޓޯތައް ބަލާލާފައި އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެއެވެ. ފޮޓޯތައް ބަލަމުންގޮސް ލިމްޝާގެ ފޮޓޯއެއް ފެނުމުން ނަޝާމް އެފޮޓޯއަށް ވަރަށް އިރުވަންދެން ބަލަންއިނެވެ.

“މިފޮޓޯގައި ލިމް ހާދަ ރީއްޗޭ.. ހީވަނީ ހަމަ ލޯބި ލޯބި ޕަރީއެއްހެން…” އެއިންގޮތަށް އިނދެ ނަޝާމް ބުނެލިއެވެ. ނަޝާމް މިހެން ބުނުމުން ކައިރީގައި އިން ޒަޔާން ސުވާލުގެ ނަޒަރަކުން ނަޝާމަށް ބަލާލިއެވެ.

“ކީއްވެތަ ބްލޭންކް ފޭސްއެއް ދީގެން ތިއިންނަނީ…؟؟؟ އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ…؟؟” ޒަޔާން އެގޮތަށް ބަލަންއިނުމުން ނަޝާމް އަހާލިއެވެ.

“އަހަންނަށް ހަމަ ރަނގަޅަށްވެސް އޮޅިއްޖެ…” ދެފަރާތަށް ބޯހޫރާލަމުން ޒަޔާން ބުނެލިއެވެ. ނަޝާމް ޒަޔާނަށް ބަލާލަމުން ކީއްވެގެންތޯ އަހާލިއެވެ.

“ލިމް ދެކެ ލޯބިވެއޭ ކިޔާފައި، ސާރާ އައިފަހުން އަބަދު ސާރާއާއި އެކީ ތިއުޅެނީ… އަނެއްކޮޅުން ކޭކު ފެޅިއިރުވެސް ލިމް ހުއްޓަ ސާރާއަށް ކޭކު ލެވީ… އަނެއްކާ ތިބުނީ ލިމްގެ ފޮޓޯއެއް ދައްކާފަ އޭނަ ރީތި ވާހަކަ… ތީގަ ސާރާގެ ފޮޓޯވެސް ހުންނާނެ… އެހެންވީމަ އަހަންނަށް އޮޅިއްޖެ އަސްލު ނަޝާމް އެތަނުން ބޭނުންވަނީ ކާކުކަން…” އަނގަޔަށް ގޮތެއް ހަދާލަމުން ޒަޔާން ބުނެލިއެވެ. ނަޝާމް ހިނިގަނޑެއް ޖަހާލިއެވެ.

“ތީގަ އޮޅެންވީ އެއްވެސް ކަމެއް ނެތެއްނު… އަހަރެން ލޯބިވަނީވެސް ބޭނުންވަނީވެސް ލިމް… ސާރާއާއިއެކީ މިއުޅެނީ ލިމް ޖެލެސް ކޮށްލަންވެގެން… އެކަން ކާމިޔާބުވެސް ވެއްޖެހެން ހީވަނީ…” ޒަޔާންއަށް ބަލަން އިނދެ ނަޝާމް ބުނެލިއެވެ.

“ނަޝާމަށް ތިހީވީ އަދި ރަނގަޅަކަށް ނޫން….” ލިމްޝާގެ އަޑަށް ނަޝާމްއާއި ޒަޔާން ދޮރާއި ދިމާއަށް ބަލާލިއެވެ. އޭރު ދޮރުމަތީގައި ލިމްޝާއާއި ސުހާ ހުއްޓެވެ. ލިމްޝާގެ މޫނުގައިވާ ނުރުހުމުގެ އަސަރުތަކުން ހެކިދެނީ ނަޝާމްމެން ދެއްކި ވާހަކަތައް އޭނާއަށް ރަނގަޅަށް އަޑުއިވުނުކަމެވެ. ނަޝާމްއާއި ޒަޔާން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. ލިމްޝާ އައިސް ނަޝާމްމެންގެ ގާތު މަޑުކޮށްލިއެވެ.

“ނަޝާމަށް ހީވަނީތަ ސާރާއާއިއެކު ތިއުޅޭ ގޮތުން އަހަރެންނަށް އަސަރު ކުރާނެއޭ…. އެހެން ހީވަންޏާ އެއީ ނަޝާމަށް ކުރެވޭ ކުށްހީއެއް… އަހަރެން ނަޝާމްގެ އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތް…” ލިމްޝާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އެހެންބުނެފައި ލިމްޝާ އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ނަޝާމް ލިމްޝާގެ އަތުގައި ހިފެހެއްޓިއެވެ.

“ލިމް… އަހަންނަށް އެނގޭ ލިމް އަހަރެންދެކެ ލޯބިވާކަން… އެހެންވެ އަހަރެން އެގޮތަށް ކަންތައް ކުރީ… އަހަރެން ދެކުނިން އަހަރެން ސާރާއާއިއެކު އުޅުންއިރު ލިމްއަށް އައި ބަދަލުތައް… އަހަރެން އެހެން އަންހެންކުދިންނާއި އެކީ އުޅޭތީ ލިމް ހިތްހަމަ ނުޖެހޭކަންވެސް އަހަންނަށް އެނގޭ…” ނަޝާމް ވާހަކަ ދެއްކީ ޔަގީން ކަމާއި އެކީގައެވެ.

“އަހަންނަކަށް ނޭނގެ ދެން ނަޝާމް ގާތު ބުނެދޭނެ ގޮތެއްވެސް… ގަނޑެއްގަ ލިޔެފަ ސޮއިކޮށްފަ ދިނީމާތަ ނަޝާމްއަށް ގަބޫލު ކުރެވޭނީ އަހަރެން ނަޝާމްދެކެ ލޯބިނުވާކަން… ރީތިކޮށް ބުނީމަވެސް ގަބޫލުނުކުރަން ތިއުޅެނީ ކީއްވެތަ..؟؟ އަހަރެން ނަޝާމްދެކެ ލޯތްބެއް ނުވެއޭ.. އަހަންނަށް ގޮތްދައްކަން އަންހެން ކުދިންނާއެކީ އުޅުނަސް އަހަންނަށް އެއްވެސް އަސަރެއް ނުކުރާނެ… އަހަންނަށް ވަރަށް ރަނގަޅު ދެން ނަޝާމް އަހަންނާ ވާހަކަދައްކަންވެސް މަސައްކަތް ނުކުރިއްޔާ…” ނަޝާމްގެ އަތް ފޮޅުވާލަމުން މިހެން ބުނެފައި ލިމްޝާ އެތަނުން ނުކުމެގެން ދިޔައެވެ. ލިމްޝާގެ ފަހަތުން ސުހާވެސް ދިޔައެވެ. ލިމްޝާ ދިޔަ ދިމާއަށް ބަލަން ހުރެފައި ނަޝާމް އޭނާގެ އަތްމުށްކަވާލަމުން ފާރުގައި ޖެހިއެވެ. ޒަޔާން ނަޝާމްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެތާހުރި ސޯފާއެއްގައި ނަޝާމްގޮސް އިށީނދެ ހަށިގަނޑުދަމާލިއެވެ. އަދި އަޅާފައިވާ ޓައީ ދޫކޮށްލަމުން ލޯމަރާލައިގެން އިނދެ ނިއްކުރީގައި ފިރުމާލިއެވެ.

“ނަޝާމް ކީއްވެ އަހަރެމެންނަށް އަންގާނުލާ އެކަހަލަ ކަމެއް ތިކުރީ..؟؟ ލިމް އެހުރީ ނަޝާމް އެގޮތަށް ކަންތައް ކުރީމަ ވަރަށް ހިތްހަމަނުޖެހިފައި ކަންނޭނގެ…” ނަޝާމްގެ ގާތުގައި އިށީންނަމުން ޒަޔާން ބުނެލިއެވެ. ނަޝާމް ވަކިއެއްޗެއް ނުބުނެ އިންގޮތަށް އިނީއެވެ.

 

އައިރުޅިގައި ލިމްޝާގޮސްވަނީ ޕްރޭޔަރ ރޫމަށެވެ. ލިމްޝާގެ ފަހަތުން ސުހާވެސް އެތަނަށް ވަނެވެ.

“ލިމް… އަހަންނަށް ހީވަނީ ދެން ލިމްވެއްޖެހެން ގޮތްދޫކުރަން… ކިތަންމެ ގަދަކޮށްފައި ނަޝާމްގާތު ލިމް އޭނަ ދެކެ ލޯތްބެއް ނުވެއޭ ނޫނީ އޭނަ އެހެން ކުދިންނާއެކީ އުޅޭތީ އަސަރެއް ނުކުރެއޭ ބުންޏަސް އަހަރެން ގަބޫލެއް ނުކުރާނަން… އަހަންނަށް އެނގޭ އޭނަ ސާރާއާއިއެކީ އުޅުނީމަ ލިމް ދެރަވިކަން…” ލިމްޝާގެ އަތުގައި ހިފާލަމުން ސުހާ ބުނެލީ ވިސްނާދޭ ރާގަކަށެވެ.

“އަހަރެން ޖޭ ކުރަންށޭ ކިޔާފަ އޭނަ ޖެހޭތަ އެގޮތަށް އެހެންކުއްޖަކާއެކީ އުޅެން…” ލިމްޝާ ވާހަކަ ދެއްކި ގޮތުން އަދިވެސް އޭނާހުރީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ.

“ލިމް ތިހާގޮތުގަ ހުންނަންޏާ އޭނަ ނޫން އެހެންމީހަކު ނަމަވެސް އެގޮތަށް ކަންތައް ކުރެވޭނެ… ލިމް އޭނަދެކެ އެހާ ލޯބިވާއިރުވެސް ގަދަކޮށްފަ ތިބުނަނީ ލޯތްބެއް ނުވެއޭ… ކޮބާ ތިކަމުން ލިމްއަށް ލިބޭ އުފަލަކީ…؟؟؟ އަހަންނަށް އެނގޭ އެއްޗަކީ ލިމް ތިގޮތަށް ކަންތައްކުރީމަ ލިމްއަށްވެސް އަދި އޭނައަށްވެސް ދެރަވާނެކަން… އަހަރެން ބުނާ ބަހެއް ގަބޫލުކުރަންޏާ ލިމް އޭނަދެކެ ލޯބިވާކަމަށް އެއްބަސްވޭ… އަދި ލިމްގެ ހަގީގަތްވެސް އޭނައަށް ކިޔައިދީ… އޭރުން ދެން އޭނަ ލިމް ބޭނުމިއްޔާ ލިމް ގަބޫލުކުރާނެއްނު… ބޭނުން ނޫނިއްޔާ ދުރަށް ދާނެއްނު…” ސުހާ އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ.

“ނޫން.. އަހަންނެއް ނުބުނާނަން އޭނައެއް ކަމަކު އަހަރެންގެ އިހުސާސްތަކާ ކުޅުމުގެ ހައްގެއް ނޯންނާނެ… އޭނަ ކަންތައް އެކުރީކީ ރަނގަޅަކަށް ނޫން…” މިހެން ބުނެފައި ލިމްޝާ އެތަނުން ނުކުމެގެން ދިޔައީއެވެ. ސުހާ އެދިމާއަށް ބަލަން ހުރެ ދެފަރާތަށް ބޯހޫރާލިއެވެ.

 

ޖެހިގެންއައިދުވަހެވެ. ލިމްޝާއާއި ސުހާ މީޓިންގްރޫމަށް ދިޔައީ މީޓީންގް އަކަށް ކިޔުމުންނެވެ. ލިމްޝާ އެތެރެއަށް ވަންނަން ތަޅުގައި ހިފާލިވަގުތަކީ އެތެރެއިން ނަޝާމް ދޮރުހުޅުވާލި ވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވި ވަގުތު ލިމްޝާ އަވަސްއަވަހަށް އެތެރެއަށް ވަނެވެ. ލިމްޝާގެ މޫނުމަތިން އިއްޔެގެ ކަންތަކާ އަދިވެސް ހިތްހަމަނުޖެހިފައި ހުރިކަން އެނގެއެވެ. ނަޝާމްވެސް ހުރީ އޭނައަށް ކަންތައް ކުރެވުނު ގޮތުން ދެރަވެފައެވެ. އެކަމުގެ ސަބަބުން ލިމްޝާއާއި ދެމެދު އޮތް އެކުވެރިކަންވެސް ގެއްލުމުން ނަޝާމް ވަކިންބޮޑަށް ދެރަވިއެވެ. ދެން ލިމްޝާ އޭނާއާއި ވާހަކަވެސް ނުދައްކާނޭ ހިތަށް އެރުމުން ނަޝާމްގެ ދެލޯ ފެންކަޅިވިއެވެ. ސުހާއަށް މިމަންޒަރު ކިތަންމެ ރީއްޗަކަށްވެސް ފެނުނެވެ. ނަޝާމް ބަލާލުމުން ކުޑަކޮށް ހީލަމުން ސުހާވެސް އެތެރެއަށް ވަނެވެ.

ލިމްޝާމެން އެތެރެއަށް ވަންއިރު އެތެރޭގައި ތިބީ ޒަޔާންއާއި އޮފީހުގެވެރިޔާ، ޒަޔާންގެ ބައްޕަ ޒަރީރުއެވެ. ލިމްޝާމެން ވަނުމުން ހިތްހެޔޮކަމާއިއެކު ހިނިތުންވެލަމުން އިށީނުމަށް ޒަރީރު ބުންޏެވެ. އޭގެ އިރުކޮޅެއްފަހުން ނަޝާމްވެސް އެތެރެއަށް ވަނެވެ. އޭނާގެ އަތުގައި ފައިލެއްވެސް އޮތެވެ.

ނަޝާމް އައުމުން މީޓިންގް ފެށުނެވެ. މީޓިންގްގައި ވާހަކަ ދެކެވުނީ އޮފީހުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން އައްޑޫއަށް ދިއުމާއި ބެހޭގޮތުންނެވެ. އެޕްރޮޖެކްޓްގެ މަސައްކަތަށް އައްޑޫއަށް ދިއުމަށް ހަމަޖެހިފައިވަނީ އެތިންމީހުންގެ އިތުރުން ޒަޔާންއެވެ. ޕްރޮޖެކްޓާއި ބެހޭ ގޮތުން މައުލޫމާތުދީ ނިމުމުން މީޓިންގް ނިންމާލީ ޖެހިގެން އަންނަ ހަފްތާގައި ފުރުމަށް ހަމަޖެހިފައިވާ ވާހަކަ ބުނަމުންނެވެ.

 

އެއްހަފްތާ ފަހެވެ. ލިމްޝާމެން ތިބީ އައްޑޫގައެވެ. ވޭތުވެ ދިޔަ ހަފްތާ ތެރޭގައި ނަޝާމްއާއި ލިމްޝާ އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ނަޝާމްގެ މިޒާޖަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. އޮފީސްތެރޭގައި އެވަރަކަށް މީހުންނާއި ވާހަކަދައްކާ ހަދައެއް ނޫޅެއެވެ. އަދި ޚާއްސަކޮށް ސާރާއާއި އެއްވެސް ވަރަކަށް ވާހަކައެއްނުދައްކައެވެ. ނަޝާމަށް އެބަދަލުއައި ސަބަބު ލިމްޝާއަށް އެނގުނު ނަމަވެސް ލިމްޝާއަށް އެބަދަލުގެ ސަބަބުން އުނދަގޫވާން ފެށިއެވެ. ނަޝާމްގެ އެމަޑުމައިތިރިކަން ލިމްޝާއަކަށް ކަމަކު ނުދިޔައެވެ. ލިމްޝާ ވާހަކަ ނުދައްކާށޭ ބުނީމަ ނަޝާމް ވާހަކަ ނުދައްކަ ހުންނާނެއެކޭ ލިމްޝާ ހިތަކަށް ނާރައެވެ. ސުހާ އެދެއްކި ވާހަކަތައް ލިމްޝާއަށް މިހާރު ގަބޫލުކުރެވެން ފަށައިފިއެވެ. ލިމްޝާ އެކަންތައް ކުރާގޮތުން އޭނާއަށްވެސް އަދި ނަޝާމަށްވެސް ލިބެނީ ހިތްދަތިކަމެވެ. ނަޝާމް އެކުރި ކަންތައް ހަނދާން ނައްތާލާފަ ނަޝާމްގެ ލޯބި ގަބޫލުކުރަން ލިމްޝާގެ ހިތްއެދެމުން ދަނީއެވެ. ނަމަވެސް ނަޝާމް ލިމްޝާއާއި ވާހަކަ ނުދައްކަންޏާ ލިމްޝާ ލޯބިވާ ވާހަކަ ބުނާނީވެސް ކިހިނެއް ހެއްޔެވެ.؟ އިސްވެ ނަޝާމްއާއި ވާހަކަ ދައްކާކަށް ދެން ލިމްޝާއަކަށް ނުކެރޭނެއެވެ.

“ލިމް.. ކޮން ޚިޔާލަކަށް ގެއްލިފައި ތިހުރީ…؟؟؟” ލިމްޝާ ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި ޖަހާލަމުން ސުހާ މިހެން އަހާލުމުންނެވެ. ދެފަރާތަށް ބޯހޫރާލަމުން ލިމްޝާ ހީލިއެވެ. އޭރު ޒަޔާންއާއި ނަޝާމް ދަބަސްތައް ވޭނަށްލަނީއެވެ. ކައިރީގައި ޒަޔާންގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ރީހާންވެސް ހުއްޓެވެ. އޭނާ އެހުރީ ޒަޔާންމެން ބަލާ އައިހެވެ.

ލިމްޝާމެން ދަތުރުކުރި ވޭންގޮސް މަޑުކޮށްލީ ވަރަށް ރީތިކޮށް ހަދާފައިވާ ގެއެއްގެ ކައިރިއަށެވެ. ވޭނުން ފައިބަމުން ލިމްޝާ އެގެއަށް ނަޒަރު ހިންގާލިއެވެ. ބޭރުގެ ރީތި ޑިޒައިނަކަށް ހަދާފައިވާ ކުޑަކުޑަ ރީތި ގެއެކެވެ. ގޭގެ ބޭރުގައި ލާފައިވަނީ މަޑު ނޫކުލައެކެވެ. ގޭގެ ވަށައިގެން ވަށާފާރު ނަގާފައިވާއިރު ބޮޑު ގޭޓެއް ލާފައި ހުއްޓެވެ. ގޭޓުން ފެށިގެން ގެއާއި ހަމައަށް ދާން ކުދިގަލުން މަގެއް ހަދާލާފައި ހުއްޓެވެ. މަގުގެ ދެފަރާތުގައި ފެހިކަން ގަދަ ވިނަގަނޑެއް ހައްދާލާފައި އޮތެވެ. ހީވަނީ ހަމަ ކާޕެޓެއް އަޅާލާފައި އޮތްހެންނެވެ. ވިނަގަނޑުގެ ތަންތަންކޮޅުގައި ރަތްކުލައާއި ރީނދޫކުލައިގެ ކުދި މާތަކެއް އަޅާފައި ހުރުމުން ހިތްގައިމުގޮތެއް ހުރެއެވެ. ގޭގެ ވާތްފަޅީގައި ހުރި ވިނަގަނޑުމަތީގައި ހިޔާކޮށްފައި ހުރި ތަންކޮޅެއް ހުއްޓެވެ. އޭގެ އެތެރޭގައި ކުޑަމޭޒެއް ހުރިއިރި މޭޒުގެ ވަށައިގެން ހަތަރު ގޮނޑިބަހައްޓާފައި ހުއްޓެވެ. ގޭގެ ކަނާތްފަޅިގައި ހުރީ ބޮޑު އަނބުގަހެކެވެ. އެއަނބުގަހުގެ ސަބަބުން މުޅި އެހިސާބުގަނޑު އޮތީ ހިޔާވެފައެވެ. އެދުވަސްވަރަކީ އަނބުއަޅާ ދުވަސްވަރެއްކަމުން ގަހުގައި ވަރަށް ބައިވަރު އަނބު އަޅާފައި ހުއްޓެވެ. ގަހުގައި ހުރި ހުތް އަނބުތައް ފެނުމުން ލިމްޝާގެ ކުޅުދިޔާވާގޮތްވިއެވެ. ވޭން ސްޓާޓް ކޮށްލިއަޑަށް ލިމްޝާ ފަސްއެނބުރި ބަލާލިއެވެ. ހަވީރު ހަތަރެއް ޖަހާއިރު ސައިބޯންދާން ރެޑީވެގެން ހުރުމަށް ބުނެފައި އެޒުވާނާ ވޭންދުއްވާލިއެވެ.

ލިމްޝާ މަޑުމަޑުން ހިނގާލާފައި އައިސް އޭނާގެ ދަބަސް ނަގަން އޭގައި ހިފިވަގުތަކީ ކައިރީގައި ހުރި ނަޝާމްވެސް އެދަބަހުގައި ހިފިވަގުތެވެ. އެވަގުތު ދެމީހުންގެ އަތް އެކަކު އަނެކަކުގެ އަތުގައި ބީހިލުމުން ދެމީހުނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވިވަގުތު ނަޝާމް ދުރުބަލާލިއެވެ. އެއަށްފަހު ދަބަހުން ދޫކޮށްލަމުން އޭނާގެ ދަބަސް ހިފައިގެން ޒަޔާންގެ ފަހަތުން ހިނގައިގަތެވެ. ނަޝާމް ކުއްލިއަކަށް ދަބަސް ދޫކޮށްލުމުން ދަބަހާއިއެކު ލިމްޝާ ނުވެއްޓުނީ ކިރިޔާއެވެ. މިމަންޒަރު ފެނުމުން ސުހާގެ ގާތަށް ހިނިއައިނަމަވެސް ދެރަވެސް ވިއެވެ. ލިމްޝާއާއި ނަޝާމް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާއިރުވެސް އެދެމެދުގައި އެވާ ދުރުމިނުގެ ސަބަބުން އޭނާގެ ހިތުގައި އެދެމީހުންނަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ސުހާއާއި ލިމްޝާ ޒަޔާންމެންގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ.

“ހާދަ ރީތި ގެއެކޭ މީ… ކޮންބައެއްތަ މިގޭގައި އުޅެނީ…؟؟” އެކިދިމަދިމާއަށް ބަލަމުން ސުހާ އަހާލިއެވެ.

“މިހާރު އެއްވެސް ބަޔަކު ނޫޅެ… މީ މަންމަގެ ގޭ…. އަހަރެންގެ މަންމައަކީ މިރަށުމީހެއް… އާއްމުކޮށް މީހުންނަށް ކުއްޔަށްދީފައި ހުންނާނީ… އެކަމަކު އަހަރެމެން އަންނަންވެގެން ގެ ހުސްކުރީ….” ޒަޔާން ކިޔައިދިނެވެ.

 

ހަވީރުގެ ވަގުތެވެ. ޒަޔާންމެން ދިޔައީ އޭނާގެ ބޮޑުދައިތަގެ ގެޔަށް ސައިބޯންށެވެ. ބޮޑުދައިތަގެ ގެ ހުންނަނީ ތަންކޮޅެއް އަތިރީގައި ކަމުން ސައިބޮއި ނިމިގެން އެމީހުން ބޭރަށް ނުކުމެލީ އެހިސާބުގަނޑު ބަލާލުމަށެވެ. ވަކި ހިސާބަކަށް ދެވުމުން ތަންކޮޅެއް ދުރުގައި ތިބި ކުދިންތަކެއް ވޮލީ ކުޅޭތަން ފެނުމުން އެމީހުން އެހިސާބަށް ގޮސް ހުއްޓެލިއެވެ. ނަޝާމްއާއި ޒަޔާންގެ އިތުރުން ސުހާވެސް ހުރީ ޝައުގުވެރިކަމާއިއެކު ކުޅޭތަން ބަލާށެވެ. ލިމްޝާއަށް ކުޅޭތަނަށްވުރެ ގިނައިން ބެލެނީ ނަޝާމްއަށެވެ. ނަޝާމަކަށް މިކަމެއް ނޭނގެއެވެ. އެވަގުތު ކުއްލިއަކަށް ހުރެފައި ނަޝާމް ލިމްޝާގެ އަތުގައި ހިފައި ދަމާލިއެވެ. އެވަގުތު ލިމްޝާގެ މޫނު ކައިރިންލާފައި ބޯޅަދިޔުމުން ލިމްޝާއަށް ވީގޮތްވިސްނުނެވެ. ނަޝާމްއާއި ދިމާއަށް ބަލަން އުޅެން ހަދައިގެން އޭނާއާއި ދިމާއަށް ބޯޅައައި އިރުވެސް އޭނާއަށް ނޭނގުނީއެވެ.

“ކިރިޔާއެއްނު ބޯފަޅައިގެން ނުދިޔައީ…” ހީލަމުން ނަޝާމް ބުނެލިއެވެ. ލިމްޝާއަށް ނަޝާމްއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެރީތި ހިނިތުންވުން ލިމްޝާއަށް މިފެނުނީ ހަފްތާއެއްގެ ފަހުންނެވެ. އޭރުވެސް ނަޝާމް ހުރީ ލިމްޝާގެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ލިމްޝާ ނަޝާމްގެ އަތަށް ބަލާލުމުން ނަޝާމް އަވަހަށް ލިމްޝާގެ އަތްދޫކޮށްލިއެވެ. ލިމްޝާގެ މިބަލާލުމުން ނަޝާމްއަށް ވިސްނުނީ މުޅިން ތަފާތު ގޮތަކަށެވެ. ނަޝާމް ހީކުރީ ލިމްޝާ ހީވެސްނުލާ އެގޮތަށް ބަލަން ހުރުމުން އަދިވެސް ލިމްޝާ ހިތްހަމަ ނުޖެހިފައި ހުރީކަމަށެވެ. ނަޝާމްގެ ތުންފަތުގައިވާ ހިނިތުންވުން ފަނޑުވިއެވެ. މިދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރެފައި ސުހާއާއި ޒަޔާން އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

 

ޖެހިގެން އައި ދުވަހުގެ ހެނދުނާއި މެންދުރު ލިމްޝާމެން ހޭދަކުރީ ޕްރޮޖެކްޓްގެ މަސައްކަތުގައެވެ. ވެފައިވާ ވަރުބަލިކަމުގެ ސަބަބުން އައިގޮތަށް އައިސް ލިމްޝާއަށް ނިދުނީއެވެ. ލިމްޝާއަށް ހޭލެވުނީ ހަވީރު ފަހެއް ޖަހާއެހާކަށްހައިރެވެ. ތެދުވެ އަސުރު ނަމާދުކޮށްލައިގެން ބޭރަށް ނުކުތްއިރު ސުހާއާއި ޒަޔާން ހިޔާކޮށްފައިވާ ތަނުގެ ތެރޭގައި ތިއްބެވެ. ގޭގެ ދިމަދިމާއަށް ބަލަމުން ލިމްޝާ އެދިމާއަށް ހިނގައިގަތީ ނަޝާމް ފެންނަން ނެތުމުންނެވެ.

“ރަނގަޅަށް ނިދިއްޖެތަ…؟؟؟” ލިމްޝާ އައިސް އެތާހުރި ގޮނޑިއެއްގައި އިށީނުމުން ސުހާ އަހާލިއެވެ. ލިމްޝާ ބޯޖަހާލަމުން ހީލިއެވެ.

“ވެއިޓަރ.. އެއްބޯ އިތުރުވެއްޖެ…” ޒަޔާން ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

“ކޮން ވެއިޓަރ އެއް…؟؟” ހައިރާންވެފައި އިނދެ ލިމްޝާ އަހާލިއެވެ. އޭނާއިނީ ނަޝާމް ކޮބާތޯ އަހާލަންވެސް ބޭނުންވެފައެވެ. ނަމަވެސް އަހަން ނުކެރިފައެވެ.

“އޯހް… ލިމް ގާތު ބުނަން ހަނދާން ނެތިފައޭ މިހުރީ… މިޔަދު މިގެއަށް ވެއިޓަރެއް އައިއްސިއޭ…” ހީލަމުން ޒަޔާން ބުނެލިއެވެ.

“މިއޮށް އަންނަނީނު…” އޭގެ އިރުކޮޅެއްފަހުން ހިނިގަނޑެއް ޖަހާލަމުން ސުހާ މިހެން ބުނުމުން ލިމްޝާ ފަސްއެނބުރި ބަލާލިއިރު ތަބަކަކަށް ހަތަރު ކޮފީތަށި ލައިގެން އެއަންނަނީ ނަޝާމްއެވެ. ލިމްޝާ ފެނުމުން ނަޝާމަށް ހުއްޓުން އެރިކަން ލިމްޝާއަށް ފާހަގަ ކުރެވުނެވެ. އަދި އޭނާގެ މޫނުމަތީގައިވި ހިނތުންވުން ފަނޑުވިތަންވެސް ލިމްޝާއަށް ފެނުނެވެ. ނަޝާމްއައިސް ތަބަށް މޭޒުމަތީގައި ބަހައްޓަމުން ކޮންމެ މީހަކަށް ކޮފީތަށި ދިއްކޮށްލިއެވެ. އަދި އޭނާވެސް ކޮފީތަށި ހިފައިގެން ބާކީއަށްހުރި ގޮނޑީގައި އިށީނެވެ. އިއްތިފާގުން އޭނާއަށް އިންނަން ޖެހުނީ ލިމްޝާއާއި ކުރިމަތިވާ ގޮތަށެވެ. ޒަޔާން ކޮންމެވެސް މަޖާ ޖޯކެއް ކިޔައިދިނުމުން އެންމެން ހޭންފެށިއެވެ. ނަޝާމް ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ގޮނޑީގައި ހަށިގަނޑު ދަމާލިއެވެ. އެވަގުތު ނަޝާމްގެ ފައިން ލިމްޝާގެ ފައިގައި ޖެހިލުމުން ލިމްޝާ ސިހިފައި ނަޝާމަށް ބަލާލިއެވެ. ނަޝާމްވެސް ލިމްޝާއަށް ބަލާލަމުން އަވަސްއަވަހަށް ދެފައި ކުރުކޮށްލަމުން ސޮރީއޭ ބުނެލިއެވެ. ލިމްޝާ ހީލިއެވެ. އެވަގުތުކޮޅުވެގެން ދިޔައީ ވޭތުވެ ދިޔަ ނުވަދުވަސްތެރޭގައި ނަޝާމް އެންމެ ހިތްހަމަޖެހުނު އެއްވަގުތުކޮޅަށެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ.؟ މިވޭތުވެ ދިޔަ ނުވަދުވަސްތެރޭގައި ލިމްޝާ ނަޝާމްއާއި ވާހަކަ ދައްކާނުލާތާނގައި އޭނާއާއި ދިމާއަށް ހީވެސް ނުލައެވެ.

“ހިނގާ އަނބު ބިންނަން ދާން…” ސުހާ މިހެން ބުނުމުން އެންމެންވެސް އެކަމަށް އެއްބަސްވެ އަނބު ބިންނަން ދިޔައެވެ.

 

ފަސްދުވަސް ވޭތުވެގެން ދިޔައިރު ޕްރޮޖެކްޓްގެ މަސައްކަތް އެއްކޮށް ނިންމާލެވުނެވެ. ވޭތުވެ ދިޔަ ފަސް ދުވަސްތެރޭގައި ލިމްޝާއާއި ނަޝާމްގެ ގުޅުން ވަކިއިތުރަކަށް ރަނގަޅެއް ނުވެއެވެ. އެކަކު އަނެކަކު ފެނުމުން ހީލުން ފިޔަވައި އިތުރުކަމެއް ނެތެވެ. ރޭގަނޑުގެ ވަގުތެވެ. ނިދަން އޮވެއޮވެ ނުނިދުމުން ލިމްޝާ ނުކުތީ ބޭރަށެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔައެވެ. ލިމްޝާ އެހުރިގޮތަށް ހުރެ ވާރޭ ތެރެއަށް ނުކުމެ ދެއަށް ފުޅާކޮށްލައިގެން ހުރެ ދެލޯމަރާލިއެވެ. އޭނާގެ ހިތަށް ލިބެމުންދިޔައީ ބުނެދެންނޭނގޭ ހިތްހަމަޖެހުމެކެވެ. އިސާހިތަކު އޭނާގެ ކުޑަކުޑަ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ވެހެމުންދިޔަ ވާރޭގެ ތިކިތައް ލިމްޝާގެ އޮމާން މޫނުގައި ބީހެމުން ދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. ބައެއް ފެންތިކި މޫނުގައި ހަރުލާފައިވުމުން ހީވަނީ މޫނުމަތީގައި މުތީތަކެއް ވިދަމުންދާހެންނެވެ. ލިމްޝާ އެހުރިގޮތަށް ހުރެ އެނބުރެލިއެވެ. ވާރޭގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލިބިފައިވާ ލުއިކަމެއްގެ ސަބަބުން އޭނާ ވަނީ ހުރިހާ ހިތާމައެއް މަތިން ހަނދާން ނެތިފައެވެ. ލޯމަރާލައިގެން ހުރި ލިމްޝާ ފެހިވިނަގަނޑުމަތީ ރީތިހަމައަކަށް ނަށަމުން ދިޔައިރު ހީވަނީ  ބިމަށް ފައިބާހުރި  ހޫރުޕަރީއެއްހެންނެވެ. އެގޮތަށް ނަޝަމުންގޮސް ލިމްޝާ ލޯހުޅުވާލިއެވެ. އަދި މާ ބޮޑަށް ފިނިވާން ފެށުމުން އޭނާ މިސްރާބުޖެހީ ގެއާއި ދިމާއަށް ދިއުމަށެވެ. ހަށަންބަނދެލައިގެންހުރެ ލިމްޝާ ގެއާއިވީ ދިމާއަށް ހިނގައިގަތްވަގުތު އޭނާއަށް ހުއްޓުންއެރީ ގޭގެ ކުޑަދޮރުން އޭނާއަށް ބަލަން ހުރި ނަޝާމް ފެނުމުންނެވެ. ނަޝާމަށްވެސް ލިމްޝާ ފެނުމުން ކުޑަދޮރުން އަތް ނައްޓާލެވުނެވެ. އަދި އަވަސްއަވަހަށް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ނަޝާމް ދިޔުމުން ލިމްޝާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. މިއޮށް ހުރިހާއިރު އެތާ ހުރެގެން އޭނާޖެހި ސަކަރާތް ނަޝާމަށް ފެންނާނެ އޭ ހިތަށް އެރުމުން ލަދުންގޮސް މޫނުގައި އަތް އަޅާލެވުނެވެ. އެވަގުތު ލިމްޝާގެ ހަށިގަނޑު ފިނިވެގެން ގޮސް ތަޅުވައިގަތެވެ. މިކަހަލަ ހިތްގައިމު ފިނި މާހައުލެއްގައި ނަޝާމްއާއިއެކީ ވަގުތު ހޭދަކޮށްލެވޭނެނަމައޭ ލިމްޝާގެ ހިތަށް އެރިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ.؟ އެދެމެދުގައި މިޔަދު އެކުވެރިކަމުގެ ގުޅުމެއްވެސް ނެތެވެ. ނަޝާމްވެސް އެދިޔައީ ދުރުގައި ހުރެގެން ބަލާލައިގެން ހިތްހަމަ ޖައްސާލައިގެންނެވެ. ކޮންފަދަ ހިތްދަތި ކަމެއް ހެއްޔެވެ.؟ އެދެމެދުގައި އެވާ ދުރުކަން ގާތްކަމަށް ބަދަލުކުރަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.

“ނޫން.. ދެން މިގޮތަށް ދުރަކު ނުހުންނާނަން… އެނބުރި މާލެއަށް ދިޔުމުގެ ކުރިން އަހަރެން ނަޝާމްގާތު ލޯބިވާ ވާހަކަ ބުނާނަން…” ލިމްޝާ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.

 

ޖެހިގެން އައިދުވަހަކީ އެރަށުގައި ހުރެވޭނެ އެންމެ ފަހުދުވަސް ކަމުން ޒަޔާން ބޭނުންވީ ކުޑަކުދިންގެ ހަވީރެއް ބާއްވާށެވެ. އެހެންކަމުން ހެނދުނު ސައިބޮއެލައިގެން ހަތަރު މީހުން ދިޔައީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަށެވެ. އެކަން ބޭއްވުމަށް ހަމަޖެއްސީ ބޮޑުދައިތަމެންގޭ ކައިރީގައި އޮތް ހުސްބިމުގައެވެ. އެމީހުންގެ އިތުރުން އެރަށުގެ އެހެން ކުދިންވެސް އެކަމުގައި އެހީވެދެން އުޅުނެވެ. މެންދުރުވާން ގާތްވުމުން މަސައްކަތް ހުއްޓާލަމުން އެންމެން ދިޔައީ ބޮޑުދައިތަ ގެއަށް ޖޫސްބޯށެވެ. ލިމްޝާހުރީ އޭރު އެއްޗެހިތަކެއް ޕެކްކުރަންކަމުން އޭނާ މަޑުކޮށްލީއެވެ. ލިމްޝާގެ ހަރަކާތްތަކަށް ބަލަން ދުރުގައި ނަޝާމް ހުއްޓެވެ. އެވަގުތު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ކާރެއްގައި  މޫނުފޮރުވައިގެން އައި  ދެމީހަކު ލިމްޝާ އުފުއްލާލައިގެން ގެންގޮސް އެކާރަށް އެރުވިއެވެ. އެތަނުން އެކަކު ހުރީ ލިމްޝާގެ އަނގަމަތީގައި އަތް އަޅައިގެންކަމުން ލިމްޝާއަށް ހަޅޭވެސް ނުލެވުނެވެ. ލިމްޝާގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އެދުވަހު އަވަސްއަވަހަށް ފިހާރައަށް ދާންޖެހޭތީ ނަޝާމް އުޅުނީ ކުއްޖެއްގެ ސައިކަލް ހޯދައިގެންނެވެ. ބަލަންނުހުރެ ނަޝާމް އަވަސްއަވަހަށް ސައިކަލަށްއަރާ އެކާރުގެ ފަހަތުން ދުއްވާލިއެވެ. އަވަސްކުރަން ހަދައިގެން އެހެންމީހަކަށް އަންގާލަންވެސް ހަނދާނެއް ނުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

މިޙަޔާތާއި ދުރުނުވޭ (8ވަނަބައި)

Next

ކަފުނަށް މިހިތް އަދި ނުލަކަން ޔަގީން……………16

Next
January 18, 2015

ކަފުނަށް މިހިތް އަދި ނުލަކަން ޔަގީން……………16

Previews
January 13, 2015

މިޙަޔާތާއި ދުރުނުވޭ (8ވަނަބައި)

21 Comments!

  1. athoo .. says:
    January 17, 2015 at 8:44 pm

    Eem raa atholhu alifushee kuhjeh tha?

  2. athoo .. says:
    January 17, 2015 at 8:58 pm

    Hee kuri gothaa khilaafah kanthah vegen dhi ya ee.
    hi eh nukuran cake colhu lahvaa nee sara ge agaiga kameh.
    ekam dhen inna bai vex kiyaa hiy eba oi. Shaugu veri thankolha kun thi nimma ly.
    dhen inna baiga lim aa nasham gulhey ne kanney ge.
    eem next part ga zayaan and eynage

  3. athoo .. says:
    January 17, 2015 at 9:00 pm

    I mean nashaam ge kokko ge bai vex genes dheh chey..

  4. Lovely says:
    January 17, 2015 at 10:23 pm

    Varah salhi.. Waiting for the next part..

  5. eemiyaa says:
    January 17, 2015 at 11:06 pm

    Nuney athoo.. Eem Raa Atoll eh nun.. kyve thihen thi ahaaly??
    Yaa dw athoo.. Mifaharu mi v hykuri gothakah nun dw..
    Next part ga genesdheynan edhekudhinge vaahakaves.. 🙂

  6. eemiyaa says:
    January 17, 2015 at 11:09 pm

    Thanks Lovely.. 🙂

  7. Faari says:
    January 17, 2015 at 11:29 pm

    v nice next part v avahah up kohdhehchey nd keep it up eemy.. <3

  8. pwincex says:
    January 17, 2015 at 11:30 pm

    v nice next part v avahah up kohdhehchey nd keep it up eemy.. <3

  9. eemiyaa says:
    January 17, 2015 at 11:46 pm

    Thanks Faari and Pwincex 🙂
    Yeah v avahah up kohdheynan In sha Allah

  10. elsa says:
    January 18, 2015 at 8:56 am

    molhu twisteh ingey.. i m liking it.. avaha up koh dhechey ingey eeem.. <3

  11. eemiyaa says:
    January 18, 2015 at 11:39 am

    Thanks Elsa.. 🙂 Yeah next part avahah genesdheynan..

  12. zee says:
    January 18, 2015 at 1:48 pm

    varah reethi waiting for the next part

  13. athoo .. says:
    January 18, 2015 at 2:14 pm

    Eem comment kuraa iruvex “kahalaige” kahala raa atoll alifushi meehun beynun kuraa basthah hunnathy aa ekeega.
    athoo aky alifushi kuhjeh noon. Ekam athoo ge friend eh e rah, e kuhjaa vaahaka dhah kaa iru vex varah kahalaige kahala basthah beynun kuraane ..
    ehen ve athoo hama ahaaly.

  14. Lovely says:
    January 18, 2015 at 3:46 pm

    Eeeem..!! Can u tell kon. Dhuvasthakaku kan mi vaahaka upp vaani..?? ☺️ Hama keiy nuvaa varun… Kiyaa hithun avadhi vaneee.. Btw.., u r an amazing writer..

  15. iru says:
    January 18, 2015 at 5:32 pm

    up kolhaalah thankolheh las ekamakuves varh reethi

  16. shdwo says:
    January 18, 2015 at 5:39 pm

    than kolheh avahah up koh deebala mi partves varh reethi eeem gevahakath varh reethi mi esfiyage ehme reethi vaahaka mirogun raglhu kurierumakah eden

  17. eemiyaa says:
    January 18, 2015 at 5:55 pm

    Thanks zee, lovely,iru and shdwo 🙂
    Ehentha atoo..E word a e aanmukoh beynun kurevey word eh v ma liyevuny.. aslu kiyany “ekahala” dw.. mifaharu neygigen jehuny..

  18. eemiyaa says:
    January 18, 2015 at 5:59 pm

    Lovely, ehn vaki dhuvasthakeh nubalan up kuraairu. Eem v balaanan 3 days thereyga upp kohladheveytho.. baehfaharu kanthah hunna gothun delay ves vey. Bt next part tomorrow nyt ga up kohladheynan In Sha Allah.. 🙂

  19. Shai says:
    January 18, 2015 at 8:47 pm

    I like it… Dhen faharakun varah dhigu koh Genesdheeba. Avahah up kurachey!!! Waiting 4the next part..

  20. maee says:
    January 19, 2015 at 5:05 pm

    Lim goi dhoo nukuran ulheythty maee vrh foohi vehje lim dheke..ekam miharu eyna e ulheny dhera vegn dw….lim ah nasham dheke lwbi va vahak nubunevign ulhenikoh kanneynge vaguthu faithu vany…eem, mi prt ga hadha mistakes gina ey…for eg:” nasham vx e dhabasgai hifi vaguthu” aslu mi tha innany dhabahuga kanneynge…maee ah feney adhi eem mi prt kiyalafa mistakes thah rangalhu kuran…

  21. eemiyaa says:
    January 19, 2015 at 5:40 pm

    Thanks Shai 🙂
    Oh, yeah dw.. Thanks mai mistakes bunela dhinythy.. Mihaaru rangalhu kohlaafa innaany.. 🙂

Comments are closed.

Next Episodeމިޙަޔާތާ ދުރުނުވޭ (10ވަނަބައި)←


All Right Reserved!