ނޭދެން ވަކިވާކަށް (15)
ވާންއުޅޭގޮތް ނޭނގޭ ހާލު އީލާފް ހުރީ ވަރަށް ހަމަޖެހިފައެވެ. ރައިސާންގެ މައިންބަފައިން ހިތްހެޔޮވުމުން އީލާފް ހުރީ އުފާވެފައެވެ. ހިތާހިތުން އެފަދަ އެކުވެރިއެއް ލިބުނީތީ އުފާކުރިއެވެ. އެހެން މީހުންވެސް ޖޫސްބޯންފެށުމުން އީލާފްވެސް ޖޫސްތަށްޓެއް ނެގިއެވެ. ގަފޫރު ޖޫސްފޮދެއް ބޯލުމަށްފަހު ވާހަކަދެއްކިއެވެ. ”ލާމިއު ދެން މި ކައިވެނި ލަސްކުރާނެކަމެއް ނެތެއްނުން…… ރައިސާން އަދި އަނާގެ ކައިވެނި އަންނަ މަހަށް ހަދަން އަހަންނަށް ފެންނަނީ……”ގަފޫރު ވަރަށް ހަމަޖެހިލާފައި ވާހަކަދެއްކިއެވެ. ގަފޫރު، ރައިސާން އަދި އަނާގެ ކައިވެންޏޭ ބުނުމުން އީލާފް ކުށިނޭރީ ކިރިޔާއެވެ. އަވަހަށް ޖޫސްތަށި މޭޒުމަތީ ބޭންދުމަށްފަހު ނިއްކުރީގައި އަތް ހާކާލިއެވެ. ގަފޫރުގެ އެ ޖުމްލައިން އީލާފްގެ ހަމަޖެހުން ނަގާލާފިއެވެ. މީހާދާހިއްލަންފެށީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. އީލާފް ދެއަތުން މޫނު ފުހެލުމަށްފަހު އަނާއަށް ބަލާލިއެވެ. އީލާފް އަނާއަށް ބަލާލިއިރު އަނާވެސް އިނީ އީލާފްގެ ހަރަކާތްތަކަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު އަނާ އިސްޖަހާލީ ކުއްވެރިއެއް ފަދައިންނެވެ.
”އާ ރަގަޅުވާނެ… އެކަމު މިއަންނަ މަހު ފަހުކޮޅަށްވާނީ…..އެގޮތް ދަރިފުޅުމެންނަށް އޯކޭތަ؟….” ލާމިއު އިރުކޮޅަކު ވިސްނަން އިނުމަށްފަހު ބުނެލިއެވެ. ލާމިއުގެ ސުވާލާއެކު ރައިސާންއަދި އަނާވެސް ބޯޖަހާލިއެވެ. ދެމީހުންވެސް އިނީ އިސްޖަހައިގެނެވެ. އަނާ ބޯޖަހާލުމުން އީލާފްއަށް ގަބޫލުކުރަން ދަތިވިއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ކައިވެނި ހުއްޓުވަން ހުރި ނަމަވެސް އަނާ ކައިވެންޏަށް އެއްބަސްވުމުން މާޔޫސްވިއެވެ. އީލާފް، ފަހަތު ހުރި އެލީޝާއަށް ބަލާލީ ޝަކުވާއިން ފުރިފައިފައިވާ ލޮލަކުންނެވެ. އެއިރު އީލާފްގެ ދެލޯހުރީ ފެންކަޅިވެފައެވެ. އީލާފް ބަލާލުމުން އެލީޝާ ދެކޮނޑުއަރުވާލީ އޭނާއަށް ކުރިން މިކަން ނޭގޭކަން އެންގުމަށެވެ. އީލާފް އެތާއިންދައި ރޮވިދާނެތީ ތެދުވިއެވެ. އީލާފް ދާން އުޅުމުން ލާމިއުގެ ސުވާލާ ކުރިމަތިލާންޖެހުނެވެ. ”އީލާފް… ކޮންތާކަށް ދާން؟…. މަންމަ ގުޅީތަ؟….” ލާމިއު އީލާފްއަށް ބަލާލަމުން އަހާލިއެވެ. އީލާފް ބޯހޫރާލިއެވެ. ”މީ….ފާހާނާއަށް ގޮސްލަންވެގެން” އީލާފް ދޮގެއް ހަދާލިއެވެ. ”މިބައިގަވެސް ހުންނާނެއް ފާހަނާ…. އެލީޝާ ދަރިފުޅު ދޭބަލަ ފާހަނާ ދައްކާލަން….”ލާމިއު ހިނިތުންވެލަމުން ބުނެލިއެވެ. އަދި ގަފޫރުއާ ވާހަކަދައްކަންފެށިއެވެ. އެލީޝާ ބޯޖަހާލުމަށް ފަހު އީލާފް ގޮވައިގެން ގެސްޓުރޫމްއަށް ދިޔައެވެ.
”ވަޓް؟…..ލީޝް….މީ ކޮންކަމެއް؟ ކޮންއިރަކު ވީކަމެއް މީ؟….. ލާމިއުބެ ނުވެސް ބުނޭ… ނަންނިވެސް ނުބުނޭ…. ކިހިނެއް؟….ކިހިނެއް ނަންނިގެ ކައިވެނި ރައިސާންއާ ކުރެވެނީ؟….ނަންނި ކީއްވެތަ ކައިވެންޏަށް އެއްބަސްވީ؟….” ކޮޓަރިއަށް ވަނުމާއެކު އީލާފް ފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ. އެލިޝާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އެހާ ބޮޑު ނިންމުމެއް ނިންމި އިރު އެލީޝާއަށްވެސް ރޭކާނުލައެވެ. ”އީލު… ލީޝްއަށްވެސް އެގުނީ މިއަދު…. ބައްޕަ ބުނީ އަހަރެއް ކުރިން ހަމަޖެހިފައި އޮތް ކައިވެންޏެކޯ….. އެކަމު ދޮންތިވެސް ނުވެސް ދައްކާ އެކަހަލަ ވާހަކައެއް….” އެލީޝާވެސް ހުރީ އަނާގެ ކައިންޏާމެދު ހައިރާންވެފައެވެ. އީލާފް އެނދުގައި އިށީންނަމުން ދެއަތުން މޫނު ފޮރުވާލިއެވެ. ”ދެން މިގަޑީ ހިނގާ، ފަހުން ދޮންތިއާ ވާހަކަދައްކާނީ….ދޮންތި ބުނެފިއްޔާ ކައިވެނި ކެންސަލް ކޮށްފާނެ…..” އެލީޝާ އީލާފް ހަމަޖަށްސާލުމުގެ ގޮތުން ބުނެލިއެވެ. އީލާފް އެލީޝާއަށް ބަލާލިއެވެ. އަދި ފަނޑު ހިނިތުންވުމެއްދެމުން ބޯޖަހާލިއެވެ.
އީލާފްއާ އެލީޝާ ކޮޓަރިން ނިކުތްއިރު ގަފޫރުމެން އުޅުނީ ދާށެވެ. ރައިސާން އީލާފްއާ ސަލާމްކޮށްލުމަށްފަހު މާދަން ގުޅާނަމޭ ބުނުމަށްފަހު ދިޔައެވެ. އީލާފްވެސް ލާމިއު ކައިރީ ދަނީ ކަމަށް ބުނެފައި އެގެއިން ނިކުތެވެ. ސަދަފް ނިދިއަރުވައިގެން އުޅޭތީ އެލީޝާވެސް އެމީހުން އުޅޭ އެޕާޓްމެންޓަށް ދިޔައެވެ. ދެފަހަރު ޔުއާންއަށް ގުޅި ނަމަވެސް ޔުއާންގެ ފޯނު އޮތީ ނިއްވާލާފައެވެ. އެލީޝާ ސަދަފް ނިންދުވުމަށްފަހު ކޮޓަރިން ނިކުތެވެ. އެއިރު ސިޓިން ރޫމްގައި އަނާ އޮތެވެ. ދެކަންފަތަށް ހެޑްސެޓް ޖަހަގެން ލޯމަރައިގެން އޮތް އަނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނެއެވެ. އެލީޝާ އަނާ އޮތް ސޯފާކައިރީ ހުރި ގޮޑީގައި އިށީނެވެ. ނަމަވެސް އަނާއަށް މީހަކު އައި ކަމެއްވެސް ނޭނގެއެވެ. އެލީޝާ އިރުކޮޅަކު އަނާގެ މޫނަށް ބަލަން އިނެވެ. އަނާގެ މޫނުމަތިން، އޭނާ ކައިވެންޏާމެދު ހިންހަމަޖެހޭ ކަހަލަ ކުލަވަރެއް ނުފެނެއެވެ. ލޯމަރައިގެން އޮތް އަނާގެ ލޮލުކައިން ރޮގެއްހެން ކަރުނަ ފައިބަން ފެށިއެވެ. އެއޮތްގޮތަށް އޮވެ އަނާ އަތުން ކަރުނަތަށް ފުހެލިއެވެ. އެލިޝާ އަނާގެ ގައި ކޮށްޓާލީ އަނާއާ ވާހަކަ ދައްކާށެވެ. ކޮންމެ ގޮތަކަށް ކައިވެނި ހަމަޖެހުން ނަމަވެސް އަނާ އެކަމާމެދު އުފާނުވާނަމަ އެކަން ހުއްޓުވަން ޖެހޭނެކަމަށް އެލީޝާގެ ހިތް ބުނެދިނެވެ. އޭނާގެ ދޮންތަ އަނެއްކާވެސް ބޮޑު ހިތާމައެއްކުރަން އެލީޝާ ބޭނުމެއް ނޫނެވެ.
އެލީޝާ ގޮވުމުން އަނާ މަޑުމަޑުން ލޯހުޅުވާލިއެވެ. އަނާގެ ދެލޯ ހުރީ ރަތްވެފައެވެ. އެލީޝާ ވާހަކައެއް ދައްކަން ބޭނުންކަމަށް ބުނެލިއެވެ. އަނާ ޖަހައިގެން ހުރި ހެޑްސެޓް ނައްޓާލުމަށްފަހު ތެދުވެ ސޯފާގެ ފަޑީގައި ލެގިލިއެވެ. އެލީޝާ އަނާ ކައިރީ އިށީނުމަށްފަހު އަނާގެ އަތުގައި ހިފާލިއެވެ. އަދި ހިނިތުންވެލާފައި އަނާގެ މޫނަށް ބަލާލިއެވެ. ”ދޮންތީ…. ލީޝްއަށް އެގޭ ދޮންތި މިކައިވެންޏާމެދު އެހާ ހިތްހަމަ ނުޖެހޭކަން…. ދޮންތިއަށް ބަލާފަ ދޮންތި ކައިވެންޏާމެދު އުފާވެފަ ހުރިހެނެއް ހިޔެއް ނުވޭ….ދޮންތީ ބައްޕަކައިރީގަ ބުނީމަ ބައްޕަ ދޮންތި ބުނާގޮތް ހަދާނެކަން ޔަގީން…. ދޮންތިއަށް އެންމެ ރަގަޅަށް އެގޭނީ ބައްޕަ އެއްވެސް ކަމެއް ކުރަން މަޖުބޫރު ނުކުރާނެކަން… ބައްޕަ އަބަދުވެސް ބުނެއެއްނުން އެހެން….”އެލީޝާ އޯގާތެރިކަމާ އެކު އަނާއަށް ވިސްނައިދެވޭތޯ ވާހަކަދެއްކިއެވެ. އެލީޝާގެ އޯގާތެރިކަން ލިބުމުން އަނާ އިތުރަށް ބަލިކަށިވިއެވެ.
އަނާ އެލީޝާގެ ގައި ބައްދާލަމުން ރޯންފެށިއެވެ. އަނާއަށް ނެގުނު ފިޔަވަޅު ރަގަޅު ނޫންކަން ހުދު އަނާއަށްވެސް އެގެއެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެކަމަށް އަނާއަށް ގަބޫލުކުރެވުނެވެ. ކުޑަ ކުއްޖެއްހެން ރޮމުން ދިޔަ އަނާގެ ބޮލުގައި ފިރުމާލަމުން އެލީޝާ އެކި ވާހަކަ ދައްކަމުން ދިޔައެވެ. އަނާ ރުއިން ހުއްތާޓާލުމަށްފަހު ހަމަޔަކަށް އެޅެމުން ވާހަކަދެއްކިއެވެ. ”ލީޝް ދޮންތި ވަކި ކީއް ކުރާނީތަ؟….. އާނ ބައްޕަ މަޖުބޫރެއް ނުކުރޭ އެކަމު….ބައްޕަ ފުރަތަމަވެސް އެހީ ދޮންތި އެއްވެސް ކުއްޖަކާ ރަށްޓެހިވެގެންހޭ އުޅެނީ….ދެން ދޮންތި ބުނީ ނޫނެކޭ….” އަނާ އަތުގެ ނުފުށުން ކަރުނަފުހެމުން ވާހަކަދެއްކިއެވެ. ”ދެން ބައްޕަ ދެއްކީ ރައިސާންގެ ރަގަޅުވާހަކަޔާ އެމީހުން ދޮންތި އާ ރައިސާން ގުޅެން ބޭނުންވާ ވާހަކަ….ރައިހާނަށްތަވެސް ދޮންތިއަށް އެހާ ރަގަޅު…. ދޮންތި މި ނިންމުން ނިންމީ ވަރަށް ވިސްނާފަ….ބައްޕަކައިރީ ނޫނެކޭ ބުނަންވެސް އުޅުނިން…އެކަމު….” އަނާ އެލީޝާއާ ދުރުވެލިއެވެ، އަދި އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު އަށްސާލިއެވެ.
”އެކަމަކު ދޮންތީ…. ދޮންތި ލޯބިވަނީ އީލުދެކެ އެއްނުން…. އީލުވެސް ދޮންތިދެކެ ލޯބިވޭ…. އީލުކައިރީ ބުނިންތަ އެންމެ ފަހަރަކުވެސް މި ކައިވެނީގެ ވާހަކަ؟..” އެލީޝާ އަނާއަށް އަނާ ބޭނުންވާ ގޮތް ހަދާންކޮށްދޭން މަސައްކަތް ކުރަމުން ދިޔައެވެ. އަނާ އެލީޝާ ކުރި ސުވާލަށް ބޯހޫރުވާލިއެވެ. ” ލީޝް ހީކުރީތަ ދޮންތި ނުވިސްނައޭ……ވަރަށް ވިސްނިން…. އެތަށް ދުވަހަކު ވިސްނިން…. ޔާ ދޮންތި އީލުދެކެ ލޯބިވޭ… އެކަމު އީލު މޫވް އޮން ކުރީދޯ….. ހީ ގޮޓް އަ ގާލްފްރެންޑް….. ދެން ދޮންތި މަޑުކުރުމުގެ ބޭނުމެއް ނެތެއްނުން…..އެހެންވެ ދޮންތިއަށް މޫވް އޮންކުރަން ފެނުން ގޮތަކީ މީ…….” އަނާ ގިސްލަމުން ވާހަކަދެއްކިއެވެ. މިރޭ ވީ ކަންތަކުން މިހާރު އަނާއަށް ވަނީ އޮޅުން އަރާފައެވެ. އީލާފްގެ ގާލްފްރެންޑެއް ހުންނަނަމަ އީލާފް އަނާއާ އެހާ ގާތްވަންވީ ކީއްވެހެއްޔެވެ. އީލާފް އަނާދެކެ ލޯބިވާނަމަ ކުއްޖަކާ ރައްޓެހިވީ ކީއްވެހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު މާ ލަސްވެއްޖެއެވެ. ކައިވެނި ހަމަޖެހި ދެން ބާކީ އޮތީ އެންމެ މަހެކެވެ.
އެލީޝާއަށް އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. އިތުރަށް ނަސޭހަތުގެ ގޮތުން ބުނާނެ އެއްޗެއްވެސް ނޭނގެއެވެ. އީލާފްއާ އަނާގެ ދެމެދުގައިވަނީ ބޮޑު އޮޅުންގަޑެކެވެ. ފުރަތަމަ ފަހަރު ދެމީހުން ދުރުވާންޖެހުނީ އޭނާގެ ސަބަބުންކަން އެލީޝާ ގަބޫލުކުރެއެވެ. ނަމަވެސް އެއީ ދެމީހުން ވަކިވާންވި ސަބަބެއްނޫނެވެ. އެފަހަރު އެލީޝާ ހިތްހަމަ ނުޖެހުނެވެ. އެކަމު އެއީ ދޮންތިއާ އީލާފް ގުޅުން ސިއްރުކުރީމައެވެ. އަނާ ކުރެން އެހުމުންވެސް އެކަން ސިއްރުކުރުމުންނެވެ. އަނާއާ އީލާފްގެ ދޭތެރެއަށް ވަންނަން އެއްގޮތަކަށްވެސް އެލީޝާ ބޭނުމެއްނުވެއެވެ. މިހާރު އެކަން އެވަނީ ނިމިފައެވެ. ނަމަވެސް މީހާރު ދެމީހުން އަނެއްކާވެސް ދުރުވަނީއެވެ. އެލީޝާއަށްވެސް އީލާފް އެހެން ކުއްޖަކާ ރައްޓެހިވިކަމެއް ނޭނގެއެވެ. ކިތަންމެ ކުދިންނާ ރައްޓެހިވިއޭ ބުންޏަސް މިއަދު އީލާފްގެ ލޮލުން އަނާދެކެ ސާފު ލޯބިވާކަން ޔަގީންކޮށްދީފިއެވެ. އެލީޝާ އަނާއަށް އިތުރަށް ނަސޭހަތް ދިނުމަށްފަހު ފަހުން އީލާފްއާ ވާހަކަދައްކަން ލަފާދިނެވެ.
އަނާ ކޮޓަރިއަށް ދިއުމުން އެލީޝާ ސިޓުންރޫމްގައި މަޑުކޮށްގެން އިނީއެވެ. އެއިރު ގަޑިން އެގާރަގަޑި ބައިވަނީއެވެ. ގޭ ބެލް އެޅުމުން އެލީޝާއަށް ހިނތުންވެވުނެވެ. ޔުއާން އައީކަމަށް ހިތަށްއަރާ އަވަހަށް ގޮސް ދޮރުހުޅުވިއެވެ. ނަމަވެސް ދޮރުކުރިމަތީ ހުރީ އީލާފްއެވެ. ވަގުތުން އެލީޝާގެ ތުންފަތްމަތީވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ”މީ… ފޯނު ބާއްވާފަ ދެވުނިމަ މިއައީ….ނަންނި ކޮޓަރީގަތަ؟….” އީލާފް އެތެރެއަށް ވަންނަމުން ބުނެލިއެވެ. އެލިޝާ ބޯޖަހާލުމަށްފަހު ފައިވާންހަރުގަޑު މަތީއޮތްތަޅުދަޑި އީލާފްއަތަށް ދިނެވެ. ”ލީޝް މިދަނީ ނިދަން…. އީލު ދަމުން ތަޅުލާފަ ދައްޗޭ….” އެލީޝާ އީލާފްއަށް ހިނިތުވުމެއް ދިނުމަށްފަހު އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އީލާފް އަނާގެ ކޮޓަރިކުރިމަތީ މަޑުކޮށްލިއެވެ. އޭނާ ހުރީ ދެވިސްނުމެއްގައެވެ. އިރުކޮޅަކު ވިސްނަންހުރެފައި އީލާފް ދޮރުގައި ޓަކިޖަހާލިއެވެ. ދެވަނަ ފަހަރަށް ޓަކިޖަހާލިމާއެކު އަނާ ދޮރުހުޅުވާލިއެވެ. އަނާ ފެނުމުން އީލާފް ބުނަން އުޅުނު އެތިވެސް ހަދާންނެތުނެވެ. އަނާހުރީ ގަޔަށް ހޭވަރުގެ އަތްދިގު ޓީޝާޓަކާ ދޫހަރުވާޅެއް ލައިގެނެވެ. ކުރިމަތީ ހުރި އީލާފް ފެނުމުން އަނާ ކުޑަކޮށް ހައިރާންވިއެވެ. ކަމަކުތޯ އަހާލަންވެސް ނުކުރުމުން އަނާ އިސްޖަހާލިއެވެ. އަނާ އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލުމުން އީލާފް ހިތުގައިޖެހުނެވެ. ”މީ…ފޯނު ބާއްވާފަ ދެވުނީމަ ބަލައި މިއައީ……” އީލާފްވެސް އިސްޖަހާލަމުން ބުނެލިއެވެ. އަނާ އީލާފްއަށް ވަންނަން ތަންދެއްކިއެވެ.
އީލާފް ގޮސް އެދުމަތީއިން ވަށިގަނޑު ނެގިއެވެ. ވަށިގަނޑު އިނީ އީލާފް ބޭންދިތާއެވެ. އަނާގެ ލޮލުގައި އެ ވަށިގަނޑު އަޅައިގަތީ އީލާފް އެނެގުމުންނެވެ. އަނާ މަޑުމަޑުން ހިގާލާފައި ގޮސް އެދުގައި އިށީނެވެ. އީލާފް ވަށިގަނޑުގައި އަށްސާފައި އިން ވާކޮޅުނައްޓާލިއެވެ. އަދި އަނާއަށް ބަލާލަމުން ފަޑު ހިނިތުންވުމެއް ދިނެވެ. އީލާފް ވަށިގަނޑުތެރޭ ހުރި އެއްޗެހި ނަގަންފެށިއެވެ. އޭނާއަށް ފޯނު ނެތްކަން އެގުނީ ގެއަށް ދާން އުޅެނިކޮށެވެ. އެމީހުން ވަށިގަނޑު ޕެކްކުރިއިރު ފޯނުލިކަން ހަދާންވުމުން ފޯނުބަލާ ކޮންމެހެންވެސް އަންނަން ޖެހުނީއެވެ. އީލާފް ފަހަރަކު އެއްޗެއް ނަގައި އެދުމަތީ ބެހެއްޓިއެވެ. އީލާފް އެދުމަތީ ބޭއްވި ބެއާ ފެނުމުން އަނާއަށް ހިނިތުންވެވުނެވެ. އީލާފްގެ ފޯނު އޮތީ އެންމެ އަޑީކަމުން ގިނަ އެއްޗެހި ޖެހުނީ ނަގާށެވެ. އެހެންވެ އީލާފް ހުރިހާއެއްޗެއްވެސް ނަގައި އެދުމަތީ ބެހެއްޓިއެވެ.
އީލާފް އޭނާގެ ފޯނު ޖީބަށް ލުމަށްފަހު އަނާއަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ. ”މީ… ނަންނިއަށް ގެނައި ގިފްޓްސް…. ދެން ހީކޮށްލަ މީ އެންގޭޖްމެންޓް ގިފްޓްސްއޭ….. ކޮންގްރާ………” އީލާފް އަނާ އާ ސަލާމް ކޮށްލިއެވެ. އަނާ ހިނިތުންވެލާފައި ޝުކުރުއަދާކުރިއެވެ. އިތުރަށް އެއްޗެކޭ ބުނާނެ ހިއްވަރެއް އީލާފް ގަޔަކުނެތެވެ. އީލާފް ދެލޯ ފެންކަޅިވާންފެށުމުން އަނާއަށް ފުރަގަސް ދިނެވެ. އަދި ދަނީ ކަމަށް ބުނެ ކޮޓަރިން ނިކުތެވެ. އީލާފް ނިކުތުމުން އަނާ އީލާފް ދިން ބެއާނަގާ ގަޔާލާ ބޮޑިކޮށްލަމުން އޮށޯތެވެ. އެއިރު އަނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން ބޯއަޅައިގެން އޮތް ބާލިސް ތެންމަމުން ދިޔައެވެ.
ޔުއާން އަވަދި ނެތި މަސަކަތް ކުރަމުން ދިޔައިރު ގަޑި ހިގަމުންދިޔަ ބާރުމިނެއް ނޭނގެއެވެ. ޔުއާންގެ ދަށުން މަސައްކަތް ކުރާ މުއަށްޒަފެއް ގެއަށްދާން ހުއްދައަށް އެދުމުން ޔުއާން އެންމެ ރަގަޅޭ ބުނެލިއެވެ. އަދި ހަދަންއިން ރިޕޯޓް ސޭވްކޮށްލުމަށްފަހު ގަޑި ބަލާލިއެވެ. ގަޑިން ބާރަގަޑި ބައިވަނީއެވެ. ޔުއާންއަށް ކޮޅަށް ތެދުވެވުނީ އެލީޝާ ތަކުރާރުކޮށް ދެއްކިވާހަކަ ހަދާން ވުމުންނެވެ. މޭޒުމަތީ އޮތް އޭނާގެ ފޯނުނަގަމުން ޔުއާން ބޮލުގައި ޖަހާލީ އޭނާގެ ފަރުވާކުޑަކަމުންނެވެ. ޔުއާންގެ ފޯނުވެސް އޮތީ ޗާރޖް ހުސްވެގެން ނިވިފައެވެ. ޔުއާން އަވަހަށް ގެޔަށް ދާން ކްލިނިކުން ނިކުތެވެ. ގެއަށް ދިޔައިރު އެލީޝާ އޮތީ ނިދާފައެވެ. ސަދަފްވެސް އޭނާގެ އެދުގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ޔުއާން ފެންވަރައިގެން އައިސް ނިދަން އޮށޭވެވުނު އިރު އެކެއްޖަހައިފިއެވެ.
3 Comments!
Comments are closed.
varah reethi ????maa sha Allah ❤❤❤waiting waiting
Thankyou yanaa ❤❤❤
When next part