Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހީވޭ ހިތް ބުނާހެން 17

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
March 5, 2020 8 Mins Read
7 Comments

“ޝަނާޒް…” އެ ކުދިންނާ ދިމާއަށް ބަލާލި ނަބާހާއަށް ބުނެވުނެވެ.

“ނަބާ އެ ކުދިން ދަންނަންތަ؟” ނަވާޒް އަހާލިއެވެ.

“އާނ، ކްލާސްމޭޓެއް އެއީ… ހޭ ޝަނާޒް!” ނަވާޒްއަށް ޖަވާބު ދީފައި ނަބާހާ ބާރަށް ގޮވާލިއެވެ.

ޝަނާޒްގެ ނަމުން ގޮވާލި އަޑު އިވުމުން އެ ދިމާއަށް ޝަނާޒް ބަލާލިއެވެ. ނަބާހާ ފެނުމުން ޝަބާ ކައިރީ ކޮންމެވެސް އެއްޗެއް ބުނެފައި ދެ ކުދިން އެކުގައި އައިސް ނަބާހާމެން ކައިރީ މަޑުކޮށްލިއެވެ.

“ނަބާ! ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ؟ ކިހިނެއްތަ؟” ނަބާހާގެ އަތުގައި ހިފާލަމުން ޝަނާޒް ބުންޏެވެ.

“އާނ ދޯ! ރަނގަޅޭ، ޝަނާޒް ކިހިނެއް؟” ނަބާހާވެސް ދުވަސްތަކެއް ފަހުން އެކުވެރިޔާ ފެނުމުން ހުރީ ވަރަށް އުފަލުންނެވެ.

“އަހަރެންވެސް ރަނގަޅު. ނަބާއަށް އެނގޭ ދޯ ދޮންތަ؟” ޝަބާއަށް އިޝާރާތް ކޮށްލަމުން ޝަނާޒް ބުންޏެވެ.

ނަބާހާ ބޯ ޖަހާލާފައި ޝަބާއާ ސަލާން ކޮށްލިއެވެ.

“ހޭ ޝަނާޒް، މީ ނަވާޒް އަމް… އަމް…” ނަވާޒް ތަޢާރަފް ކޮށްދޭން ބުނާނެ އެއްޗެއް ނޭނގިފައި ނަބާހާއަށް މަޑުކޮށްލެވުނެވެ.

“ނަބާގެ ފިއުޗަރ ހަޒްބަންޑް” އެ ވަގުތު ނިހާން ބުނެލިއެވެ.

އެންމެން އެއް ފަހަރާ ހީގަތެވެ.

“މީ ނަވާގެ ދޮންބެ… ނިހާން” ނަބާހާ، ޝަނާޒްއަށް ނިހާން ތަޢާރަފް ކޮށްދިނެވެ.

“ޝަނާޒް… ދެން މީ އަހަރެންގެ ދޮންތަ، ޝަބާ” ނިހާންއާ ސަލާން ކޮށްލަމުން ޝަނާޒް ބުންޏެވެ.

އެއީ ނިހާންއަށް ޝަނާޒްގެ ނަން އެނގުނު ގޮތެވެ. އޭގެ ފަހުން ހަފްތާއެއް ވީ އިރު ނަބާހާ މެދުވެރި ކޮށްގެން ޝަނާޒްގެ ފޯން ނަމްބަރު ހޯދައިގެން ނިހާން ޝަނާޒްއާ ވާހަކަ ދައްކަން ފެށިއެވެ. ފުރަތަމަ ވާހަކަ ދެއްކުނީ އެކުވެރިކަމުގައި ނަމަވެސް އެ ގުޅުން ލޯތްބަށް ބަދަލު ވާން ގިނަ ދުވަހެއް ނުނެގިއެވެ.

ޝަނާޒް ބްލޫހިލްއަށް ދަނީ، ޝަނާޒްގެ މަންމަ ޝަހާމާއާ ރާބިޔާގެ އެކުވެރިކަމުގައެވެ. އެ ގެޔަށް ދިޔުމުގައި އަސަދުއާ އިޔާދުއާވެސް ޝަނާޒް ވަރަށް ރައްޓެއްސެވެ. ޚާއްސަކޮށް އަސަދު އަކީ ޝަނާޒްގެ ވަރަށް ގާތް އެކުވެރިއެކެވެ.

އަސަދުގެ އުޅުމާ މެދު ޝަނާޒް ހިތްހަމަ ނުޖެހުނު ނަމަވެސް އަސަދުގެ ހުންނަ އެކުވެރި މަޖާ މިޒާޖުގެ ސަބަބުން ޝަނާޒް ދުށީ އެއީ އިތުބާރު ކުރެވޭ އެކުވެރިއެއް ކަމުގައެވެ. އަސަދުގެ އުޅުން ބަދަލު ކުރުމަށާ، އަސަދު އެ ކުރާ ކަންތައް ހުއްޓާލުމަށް ޝަނާޒް އަބަދުވެސް އަސަދުއަށް ނަސޭޙަތް ދެއެވެ. ހުޒާމްއާ އަސަދުގެ މެދުގައި ހިނގާ ވަރުގަދަ ޒުވާބުތަކަށް ފަހު އަބަދުވެސް އަސަދުގެ ރުޅިގަނޑު ފިލާ މައިތިރި ވަނީ ޝަނާޒްގެ ސަބަބުންނެވެ. ރާބިޔާއަށް އަސަދު މައިތިރި ނުކުރެވޭ ކޮންމެ ފަހަރަކު ޝަހާމާއަށް ގުޅައިގެން ޝަނާޒް ފޮނުވައި ދިނުމަށް ރާބިޔާ އެދެނީ، ޝަނާޒް ބުނާ ގޮތް އަސަދު ހަދާނެ ކަން އެނގޭތީއެވެ. އެ ހުރިހާ ވާހަކައެއް ނިހާންއަށް ޝަނާޒް ކިޔާދިނީ، ބްލޫހިލް ގެއާ ޝަނާޒްއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ނިހާން ސުވާލު ކުރުމުންނެވެ.

“ނާޒްއާ އެގޭ ކުއްޖަކާ ގުޅުމެއް އޮވެދާނެ ކަމަށް ވަރަށް ބިރުން އަހަރެން ހުރީ” ޝަނާޒްގެ އަތުގައި ހިފާލައިގެން އިނދެ ނިހާން ބުންޏެވެ.

“ނިހާން ރުޅި އާދޭތަ އަހަރެން އެ ގެޔަށް ދާތީ؟” ދެ އާއިލާގެ މެދުގައި ކަންތައް ވީ ގޮތް ނިހާންގެ ފަރާތުން އަޑު އިވިފައި ވާތީ ޝަނާޒް އަހާލިއެވެ.

“ނޫން، އެއީ ނާޒްމެންގެ ފެމިލީ ފްރެންޑްސް، އެ ކަމަކަށް އަހަރެން ދުވަހަކުވެސް ހުރަހެއް ނާޅާނަން” ނިހާން ބުންޏެވެ.

ނިހާންގެ ވާހަކަ މަންމަ ކައިރީ ބުނަން ބޭނުން ވި ނަމަވެސް ޝަނާޒް ފަސް ޖެހެނީ ޝަހާމާއާ ރާބިޔާގެ އެކުވެރިކަމުގެ ސަބަބުން ނިހާންއާ ގުޅުމަށް ޝަހާމާ ދެކޮޅު ހަދާފާނެތީއެވެ. ނަމަވެސް ގިނަ ދުވަސް ނުކޮށް ބުނަން ޝަނާޒް ބޭނުނ ވަނީ، އިތުރު މީހެއްގެ ފަރާތުން މަންމައަށް އެނގުން ނޭދޭތީއެވެ.

“މިރޭ ގެއަށް ގޮސް މަންމަ ކައިރީ ބުނާނަން. ކޮންމެ ފަހަރަކު ނަބާގެ ނަން ކިޔާފަ ދޮގު ހަދާކަށް ނުވާނެއެއްނު؟” ޝަނާޒް ނިހާންއާ ބައްދަލު ކުރަން ދަނީ ޝަހާމާ ކައިރީ ނަބާހާމެން ގެޔަށް ދާ ކަމަށް ބުނެފައެވެ. ހަފްތާއަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ކޮންމެވެސް ރެސްޓޯރެންޓަކުން ދެ މީހުން ބައްދަލު ކުރަނީ ނިހާންމެން ގެއަށް ދާން ޝަނާޒް އަދި ދެކޮޅު ހަދާތީއެވެ.

ހަމަ އެރޭ ގެޔަށް ދިޔަ ގޮތަށް ޝަނާޒް، މަންމައަށް ނިހާންގެ ވާހަކަ ކިޔާދިނެވެ. ފުރަތަމަ ޝަހާމާ އެއްޗެއް ނުބުނެ އިނުމުން ޝަނާޒް ކަންބޮޑުވިއެވެ.

“މަންމާ، ރުޅި އައީތަ؟” ޝަހާމާގެ އަތުގައި ހިފާލަމުން ޝަނާޒް އެހިއެވެ.

“ނޫން، މަންމަ ރުޅި އައީއެއް ނޫން. އެގޭ ކުދިންނަކީ ގޯސް ކުދިން ހެނެއް މަންމައަކަށް ހިއެއް ނުވޭ. ދުވަހަކުވެސް އެކަހަލަ އަޑެއް ނާހަން. އެކަމަކު ހިތަށް އެރީ ޝަނާ އެގޭ ކުއްޖަކާ އިންނަން އުޅޭ ވާހަކަ އަޑު އިވިއްޖެއްޔާ ރާބިޔާ ބުނާނީ ކީކޭ ބާއޭ” ޝަހާމާ ބުންޏެވެ.

“ރާބިޔައްތައަށް ކަމު ނުގޮސްފާނެތީ މަންމަ ކަންބޮޑުވަނީތަ؟” ޝަނާޒް އަހާލިއެވެ.

“އޭނައަކަށް ކަމަކު ނުދާނެ، އެކަން ހަމަ ޔަގީން. އެކަމަކު ރާބިޔާ މާ ކުރީގެ ކަމަކާ އަދިވެސް މާ ރުޅި އަންނަނީ. އެކަމުގަ ރުޝްދާއެކޭ ނަޒީދުއެކޭ ހަމަ އެއްވަރު. ދެން ކީއްކުރަން އެކަމާ މުޅި އުމުރަށް ނަޝީލާމެން ދެކެ ރުޅި އައިސްގެން އުޅެންވީ؟ ރުޅި އަންނަންޏާ އަސްލުގަ ހުޒާމްއާ ހާނިމް ދޯ ރުޅި އަންނަން ވީ؟ އެކަމަކު ހާނިމްވެސް މިހާރު އެހެން މީހަކާ އިނދެ ދަރިންވެސް އެބަ ތިބި. ދުނިޔޭގަވެސް ނެތް ބަޔަކާ ހެދި ކީއްކުރަން އުމުރު ދުވަހު ބަޔަކާ މެދު ހިތުގަ ނަފްރަތު އުފައްދައިގެން އުޅެންވީ؟ މަންމަވެސް މިހާރު އެތައް ފަހަރަކު ބުނެފިން ރާބިޔާ ކައިރީ އެ ކަންތައް ހަނދާން ނައްތާލާފަ އެ ރުޅިގަނޑު ފިލުވާށޭ. އެކަމަކު ރާބިޔާއަކީ މާ ގޮތް ދޫ ނުކުރާ މީހެއް ވިއްޔަ. މަންމަގެ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް އެއީ ރާބިޔާ ގައިގަ ހުރި ވަރަށް ކަމުނުދާ ސިފައެއް” ރާބިޔާގެ ވިސްނުން ހުރި ގޮތް ޝަހާމާއަށްވެސް ކަމަކު ނުދެއެވެ.

“އެހެން ވިއްޔާ މަންމައަށް އޯކޭތަ؟” ޝަނާޒް އަހާލިއެވެ.

“އާނ، މަންމައަށް އޯކޭ. ދަރިފުޅު އުފާ ވަންޏާ މަންމައަށް އެ ނިމުނީ. ދޮންތައާ ނާސިފްވެސް އެ އުޅެނީ އިންނަން. ދެ ކުދިން އެކީގަތަ އިންނަން ތި އުޅެނީ؟” ޝަނާޒްގެ ބޮލުގައި ފިރުމާލަމުން ޝަހާމާ އެހިއެވެ.

“ނޫން. އަހަރުމެން އަދި ތިކަމާ ވިސްނާނީ ތަންކޮޅެއް ފަހުން” ޝަނާޒް އަވަސް އަވަހަށް ބުންޏެވެ.

އޭގެ އަނެއް ދުވަހު ޝަނާޒް އަޞްރު ނަމާދު ކޮށް ނިމުނު ތަނާ ރާބިޔާ ގުޅާފައި އައިސްދިނުމަށް އެދުނެވެ.

ރޭ ހަތަރުދަމާ އެ ދުވަހުގެ ބޮޑު ބައި ބޭރުގައި އުޅެފައި އައިސް އަސަދުއަށް ގެޔަށް ވަދެވުނީ ހުޒާމްވެސް ގެޔަށް އައި ވަގުތުއެވެ. ދެބަފައިންގެ ހޫނު ޒުވާބަކަށް ފަހު ކޮޓަރިއަށް ވަދެ އަސަދު ބާރަށް ދޮރު ލައްޕާފައި ކޮޓަރިތެރޭ ހުރި ހުރިހާ އެއްޗަކަށް ހަމަލާ ދެމުން ދިޔައީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ.

ޝަނާޒް އައިސް އެ ކޮޓަރިއަށް ވަނީ އޭގެ ފަނަރަ ވަރަކަށް މިނަޓް ފަހުންނެވެ. އޭރު އަސަދު އެނދުމަތީ ބަންޑުން އޮތެވެ.

ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ބޯ ހިއްލާ ބަލާލި އިރު ޝަނާޒް ފެނުމުން އެނބުރިފައި ޝަނާޒްއަށް ބަލަން އަސަދު އޮތެވެ.

ޝަނާޒް އެއްޗެއް ބުނުމެއް ނެތި، އެފުށް މިފުށަށް ޖަހާފައި އޮތް ކޮޓަރި ތަރުތީބު ކުރަން ފެށިއެވެ. އެންމެ ފަހުން އެނދާ ކައިރިއަށް ޖެހިލިއެވެ.

“ތި ތަނުން ތެދުވީމަ ދޯ އެނދުގަ ތަންމަތި އަޅާލެވޭނީ؟” ނުރުހުން އެކުލެވިފައިވާ ރާގަކަށް ޝަނާޒް ބުނެލިއެވެ.

އަސަދު އެނދުން ތެދުވެގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ. ޝަނާޒް އެނދުމަތީ އޮތް ތުވާލި އަސަދުގެ މޫނު މައްޗަށް އެއްލިއެވެ. ތުވާލި ނަގާފައި އަސަދު ޝަނާޒްއާ ދިމާއަށް ބަލާލިއެވެ.

“ފެން ވަރަން ދޭ!” އަމުރެއް ކޮށްލާހެން ޝަނާޒް ބުނެލިއެވެ.

އޭރުވެސް ދެލޯ ރަނގަޅަށް ނުހުޅުވި ހުރި އަސަދު ހިނި އައީ ޝަނާޒް ރުޅި އައިސްފައި ހުރި ވަރުންނެވެ.

ފަނަރަ ވަރަކަށް މިނަޓް ފަހުން އަސަދު ފެން ވަރައިގެން ނިކުތް އިރު ޖޫސްތައްޓެއް ހިފައިގެން ޝަނާޒް ޑްރެސިންގޓޭބަލް ކައިރީ އިނެވެ. އުނަގަނޑުގައި ހަމަ އެކަނި ތުވާއްޔެއް އޮޅާލައިގެން ހުރި އަސަދުގެ ހިކިފައިވާ ހަށިގަނޑަށް ޝަނާޒް ބަލާލިއެވެ. އެންމެ ކުޑައިރުނެ ފެށިގެން އަސަދުއަކީ ޝަނާޒްގެ އެކުވެރިއެކެވެ. އެ އެކުވެރިޔާއަށް ވަމުން ދާ ގޮތް ފެނި ޝަނާޒް ދެރަވެއެވެ. އެތައް ފަހަރަކު ޝަނާޒް އަސަދުއަށް ނަސޭޙަތް ދީފިއެވެ. އެ އުޅުން ދޫކޮށްލާ އިސްލާހުވާން އެދުނެވެ. ނަމަވެސް މަންމައާ ބައްޕަގެ ނަސޭޙަތަށް ބީރު ކަންފަތެއް ދިން ހެން ޝަނާޒްގެ އަޑެއްވެސް އަސަދު ނާހައެވެ.

“އެހެރީ އެއްޗެހި އިސްރިތި ކޮށްފަ” އަސަދު އަލަމާރިއާ ދިމާއަށް ދާން ފެށުމުން ޝަނާޒް ބުންޏެވެ.

އެނދުމަތީ ބާއްވާފައި އޮތް ޓީޝާޓާ ޖީންސް އަސަދުއަށް ފެނުނީ ޝަނާޒް އެހެން ބުނުމުންނެވެ.

އެއްޗެހި ލައިގެން އަސަދު އެނދުގައި އިށީނދެ އިސް ޖަހާލިއެވެ.

“އަސަދު ކީއްވެތަ ތިހެން ތި އުޅެނީ؟ ކޮން ދުވަހަކުންތަ ތި ކަންތައް ހުއްޓާލާނީ؟” ޝަނާޒް އަހާލިއެވެ.

“އަހަރެންގެ ވައިފްއަށް ވެގެން ޝަނާ އަހަރެންގެ ލައިފްއަށް އައިސް ހުއްޓާލާށޭ ބުނާ ދުވަހަކުން ހުއްޓާލާނަން” އަސަދު ބުނެލިއެވެ.

އެއީ ޝަނާޒް އެހެން ބުނާ ކޮންމެ ފަހަރަކު އަސަދު ދޭ ޖަވާބެވެ. އެހެން ފަހަރު ތަކުގައި އަސަދު އެހެން ބުނެގެން ޝަނާޒްއަށް ވަނީ މަޖަލަކަށެވެ. ނަމަވެސް އެ ދުވަހު ޝަނާޒް އައީ ރުޅިއެވެ. އެއީ ނިހާންއާ ޝަނާޒް ގުޅުނު ފަހުން އަސަދު އެހެން ބުނި ފުރަތަމަ ފަހަރެވެ.

“އަމިއްލައަށް ރަނގަޅު ވާން ބޭނުން ނުވަންޏާ މީހަކު ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް ރަނގަޅެއް ނުވެވޭނެ. ކޮންމެ ކަމެއް އަސަދުއަށް ވަނީ މަޖަލަކަށް” ޖޫސްތަށި އަސަދުގެ އަތަށް ދީފައި ޝަނާޒް އެ ކޮޓަރިން ނިކުތެވެ.

ދުވަސްތައް ފާއިތު ވަމުން ގޮސް ޝަނާޒްއާ ނިހާންގެ ގުޅުމަށް އަހަރެން ވާން ކައިރި ވީ އިރު ނަވާޒްއާ ނަބާހާ ކައިވެނި ކުރަން ބޭނުން ވެގެން އެ ވާހަކަ ދެއްކުމުން ނިހާންއާ ޝަނާޒްވެސް ބޭނުން ވީ އެ މީހުންނާ އެއްކޮށް، އެއް ދުވަހަކުން ކައިވެނި ކުރާށެވެ. ތިން އާއިލާ އިންވެސް އެ ގޮތާ ގަބޫލު ވިއެވެ.

ޝަނާޒް އޭރުވެސް އަސަދުމެން ގެޔަށް ދެއެވެ. އަސަދުއަށް ނަސޭހަތް ދެއެވެ. އެކުގައި ވަގުތު ހޭދަ ކުރެއެވެ. އެހެން ނަމަވެސް އެ ދެމެދުގައި ވަނީ ކޮންމެވެސް ވަރެއްގެ ދުރު ކަމެއް އުފެދިފައެވެ. އެ ގެޔަށް ދިޔުންވެސް ޝަނާޒް ވަނީ ކުރިއަށް ވުރެން މަދު ކޮށްފައެވެ. ނިހާން އެއްވެސް އެއްޗެއް ނުބުނި ނަމަވެސް، ޝަނާޒްއާ އަސަދުގެ އެކުވެރިކަމުން ނިހާންއަށް އުނދަގޫ ވާ ކަން ޝަނާޒްއަށް އެނގެއެވެ.

ޝަނާޒް ނުބުނި ނަމަވެސް އަސަދުއަށް ހުރިހާ އެއްޗެއް އެނގެއެވެ. އެކި ފަހަރު މަތިން ނިހާންއާ އެކީ އެ ގެޔަށް ޝަނާޒް ވަންނަ މަންޒަރު އަސަދުއަށް ވަނީ ފެނިފައެވެ. ޝަނާޒް އައިސް އަސަދުއާ އެކި ވާހަކަ ދައްކާ އިރު، ނިހާންއާ އޮތް ގުޅުމުގެ ވާހަކަ ޝަނާޒް ނުބުނާތީ އަސަދުވެސް އެ ވާހަކަ ނުބުނަނީއެވެ. އެކަން އެނގުނު ފަހުން އަސަދުއަށް ވަނީ ކުރިއަށް ވުރެ ބޮޑަށް އެ ގޯސް ކަންތަކުގެ ތެރެއަށް ވަދެވިފައެވެ.

ޝަނާޒްއަށް ނޭނގުނު ނަމަވެސް އަސަދު ޝަނާޒް ދެކެ ލޯބި ވެއެވެ. ކުޑަ އިރުން ފެށިގެން އެ ދެމެދުގައި ވި އެކުވެރިކަން ލޯތްބަށް ބަދަލު ވީ ކޮން އިރަކު ކަމެއް އަސަދުއަކަށް ނޭނގެއެވެ. ޝަނާޒް ދެކެ ލޯބި ވެވިއްޖެ ކަން އިހުސާސް ކުރެވުނު އިރު އަސަދު ވަނީ އެ ނުބައި މަގުން ހިނގަން ފަށާފައެވެ. ހިތުގައި އޮތް ލޯބި ސިއްރު ކުރީ، އެ އާދައާ އެކު ޝަނާޒްއަށް އަސަދުގެ ލޯބި ގަބޫލު ނުކުރެވޭނެ ކަމުގެ ބިރު ހިތުގައި އޮތީތީއެވެ. ކިތަންމެ ފަހަރަކު އެ ލޯބި ފާޅު ކުރަން އަސަދު ހިތަށް އަރައެވެ. ނަމަވެސް ފަސް ޖެހެނީ، ޝަނާޒްގެ ފަރާތުން އެ ފަދަ އެއްވެސް އިޝާރާތެއް ފެނިފައި ނުވާތީއެވެ.

އަސަދުއަށް ޝަނާޒް ނަސޭހަތް ދޭ ކޮންމެ ފަހަރަކު އަސަދުގެ ޙަޔާތަށް ޝަނާޒް އަންނަ ދުވަހަކުން އެ ކަންތައް ހުއްޓާލާނަމޭ އަސަދު ބުނާ އިރުވެސް، އަސަދުއާ މެދު ޝަނާޒްގެ ހިތުގައި އެ ފަދަ އެއްވެސް އިހުސާސެއް ވާ ކަމުގެ ނިޝާނެއް ޝަނާޒްގެ ފަރާތަކުން ދުވަހަކުވެސް ނުފެނެއެވެ. އަސަދުގެ ހިތުގައި ވާ އެއްޗެއް ހިއްސާ ކޮށްގެން އެ ދެމެދުގައި އޮތް އެކުވެރިކަން ގެއްލޭކަށް އަސަދު ބޭނުމެއް ނުވެއެވެ. ކޮންމެވެސް ގޮތަކުން އަސަދުގެ ދިރިއުޅުމުގައި ޝަނާޒް ހުރުން އަސަދު ބޭނުން ވާތީއެވެ. ލޯބިވެރިއެއްގެ ގޮތުން ނޫން ނަމަ އެކުވެރިއެއްގެ ގޮތުގައެވެ.

ނަމަވެސް، ނިހާންއާ ޝަނާޒްގެ މެދުގައި ވީ ގުޅުން އެނގުނު ފަހުން އަސަދުއަށް ކެތް ނުވެގެން ހިތުގެ ހާލު ޝަނާޒްގެ ކުރިމަތީ ހާމަ ކުރެވުނު ދުވަހަކީ އެ ދެމެދުގައި އޮތް އެކުވެރިކަމަށް ނިމުމެއް އައި ދުވަހެވެ.

އަސަދު ގެޔަށް އަންނަ އިރު ހުންނަ ގޮތުން އަބަދުވެސް ރުޅި އައިސްގެން އެއްޗެއް ބުނާނީ ހުޒާމްއެވެ. ރާބިޔާ ބަލާނީ އަސަދު ދިފާޢު ކުރެވޭތޯއެވެ. ނަމަވެސް އެ ދުވަހު ރާބިޔާއަށް އަސަދުއާ ދިމާއަށް އެއްޗެއް ބުނެވުނީ އެ ކަންތައް ދޫކޮށްލަން އަސަދު އެއްވެސް މަސައްކަތެއް ނުކުރާތީއެވެ.

ކުރީ ދުވަހު ހަވީރު ހޭލައިގެން ބޭރަށް ދިޔަ އަސަދު އެ ދުވަހު ގެޔަށް އައީ އަސުރު ވީ ފަހުންނެވެ. ބަދިގެއާ ދިމާއަށް އަސަދު ދިޔައީ ބަނޑުހައި ވެފައި ހުރި ވަރުންނެވެ. އޭރު ރާބިޔާ ބަދިގޭގައި އުޅެއެވެ.

“މަންމާ، ވަރަށް ބަނޑުހައި ވެއްޖެ. ކާން ހަދާދީބަލަ…” ގޮނޑިއެއްގައި އިށީންނަމުން އަސަދު ބުންޏެވެ.

“ސައުވީސް ގަޑި އިރު ވަންދެން ގެޔަށް ނުވަދެ ތި އުޅުނު ތާކުން ކާން ދާން ވީނު؟ ނޫނިއްޔާ ތި ބޭނުން ކުރާ އެއްޗެއް ކައިގެން ބޮއެގެން ބަނޑުހައި ފިލުވަން ވީނު؟ އަސަދު ތީ މަންމައެއް ބައްޕައެއް އާއިލާއެއް ގެޔެއް ހުރި މީހެއް ނޫން ވިއްޔަ. ކީއްކުރަންތަ ގެޔަށް އަންނަންވީ؟ ތި އުޅޭ ތާކު، ތި ބޭނުން ކުރާ އެއްޗެއް ބޭނުން ކޮށްގެން އުޅެން ވީނު؟” އެއީ ރާބިޔާ ރުޅި އައިސްގެން އަސަދުއާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

“ބައްޕަހެން މިހާރު މަންމަވެސް މަގޭ ލައިފްއާ ބެހެން ފެށީތަ؟” ހިތްހަމަ ނުޖެހިފައި އަސަދު ބުނެލިއެވެ.

“އަހަރުމެން ނުބެހި ދެން ކާކުތަ އަސަދުގެ ކަންތަކާ ބެހޭނީ؟ އަސަދުއަށް ހީވަނީތަ އަސަދު ތި ކުރާ ކަންތައް ރަނގަޅު ވެގެންނޭ އަހަރެން އެއްޗެއް ނުބުނެ މި ހުންނަނީ؟ އަސަދުއަކަށް ނުފެނޭތަ އިޔާދުއަށް ވާ ގޮތެއް؟ އަސަދު ބޭނުން ވަނީ އަސަދު ތި އުޅޭ ހެން އޭނަވެސް އުޅޭކަށްނު؟ އެކަން ކާމިޔާބު ވެއްޖެ، އޭނަވެސް ތި ކަންތައް ފަށައިގެން އެ އުޅެނީ. މަށަށް މިތިބީ ދަރިންތަކެއް ލިބިފަ” ހިތްހަމަ ނުޖެހިފައި ހުރި ރާބިޔާއަށް ވާހަކަ ދެއްކުނީ ބާރަށެވެ.

“އަހަރެން ބުނެގެންތަ އިޔާދު އެހެން އުޅެނީ؟” ރުޅިއައިސްފައި އަސަދު އަހާލިއެވެ.

“ނުބުންޏަކަސް މިސާލު އެބަ ދައްކަމެއްނު؟ އަމިއްލައަށް ރަނގަޅު ވާން ހިތަށް ނާރާ ތަނުގަ ހުރި ހަމަ އެކަނި ކޮއްކޮއަށްވެސް ތި ނުބައި މަގު ދެއްކީ ހަމަ އަސަދު. އަސަދު ތިހެން ނޫޅުނު ނަމަ އިޔާދުވެސް ނޫޅޭނެ ތިހެންނެއް. ތިހެން އުޅޭ މީހުން ބޭނުން ވާ ގޮތެއްނު އެއީ؟ ވީހާވެސް ގިނަ ބަޔަކު ތި ކަމުގެ ތެރެއަށް ވެއްދުމެއްނު އަސަދުމެންގެ ބޭނުމަކީ؟” ރާބިޔާ އެންމެ ދެރަ ވަނީ އަސަދު ރަނގަޅު ނުކުރެވުނު އިރު، ދެން ހުރި ދަރިފުޅުވެސް އެ ކަންތަކުގެ ތެރެއަށް ވަނީތީއެވެ.

އަސަދު އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އެ ވަގުތު ބެލް ޖަހާލި އަޑު އިވުމުން އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ ބާރަށް ދޮރު ލެއްޕީ އެ ގަޑީގައި ގެޔަށް އައީ ހުޒާމް ކަމަށް ހީކޮށްފައެވެ.

ރާބިޔާ ދޮރު ހުޅުވި އިރު ދޮރުމަތީ ތިބީ ޝަހާމާއާ ޝަނާޒްއެވެ.

“ކިހިނެއްވީ؟” ރާބިޔާ ފެނުމާއެކު ޝަހާމާ އަހާލީ ރާބިޔާ ހުރި ގޮތުންނެވެ.

“އަސަދުގެ ކަންތަކާ ހެދި މިހާރު ބޯ ގޮވާ ވަރު ވެއްޖެ. އަނެއްކާ މިހާރު އިޔާދުވެސް އެ އުޅެނީ ހަމަ އެހެން. އަހަރެން ދެން ކިހިނެއްތަ ހަދާނީ ޝަހާމާ؟” ސޯފާގައި އިށީނދެފައި ރާބިޔާ ދެ އަތުން ބޮލުގައި ހިފަހައްޓާލިއެވެ.

“އަހަރެން އިޔާދުއަށްވެސް ވަރަށް ނަސޭހަތް ދެން، އޭނަވެސް އަޑެއް ނާހާ. އަސަދު ހެން އިޔާދުވެސް މީހަކު ބުނާ އެއްޗެއް ގަބޫލެއް ނުކުރޭ” ޝަނާޒް ބުންޏެވެ.

ރާބިޔާ ޝަނާޒްގެ މޫނަށް ބަލަން އިނދެފައި މޫނުގައި ދެ އަތް އަޅާލުމާ އެކު ރޯން ފެށިއެވެ.

“ރާބިޔާ، އަދިވެސް އެ ކުދިންނަށް ނަސޭހަތް ދީގެން ރަނގަޅު ވޭތޯ ބަލަންވީ. ރުޅި އައިސްގެން އެއްޗެހި ކިޔައިގެން ނުވާނެ ރަނގަޅެއް. އަސްލުގަ ކުރިން އެ ކުދިން މާ ބޮޑަށް ދޫކޮށްލެވުނީމަ އެހެން އެވީ… އަދިވެސް އެ ކުދިން ރަނގަޅު ކުރެވޭނެ އިރާދަ ކުރެއްވިއްޔާ” ރާބިޔާގެ ކޮނޑުގައި ފިރުމާލަމުން ޝަހާމާ ބުންޏެވެ.

“ދެންމެ އައިސް ބަނޑުހައި ވެގެން ބުނީމަ ކާ އެއްޗެއްވެސް ނުދީ އަހަންނަށް އަސަދުއާ ދިމާއަށް އެއްޗެހި ކިޔައިގަނެވުނީ…” ރާބިޔާ ބުންޏެވެ.

“ރާބިއްތަ ދެން ނުރޮއެ ހުއްޓާލާ. އަހަރެން ދާނަން އަސަދުއަށް ކާން ހަދައިގެން” ރާބިޔާގެ އަތުގައި ހިފާލާފައި ޝަނާޒް ތެދުވިއެވެ.

ޝަހާމާއާ ރާބިޔާ ބަލަން ތިއްބާ ޝަނާޒް ބަދިގެއަށް ވަދެ އަސަދުއަށް ކާން ތައްޔާރު ކޮށްގެން ތަށިތައް ތަބަކަކަށް ލައިގެން ގޮސް އަސަދުގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެ ފަހަރަށް ޓަކި ޖެހުމުންވެސް އަސަދު ދޮރު ނުހުޅުވުމުން ޝަނާޒް ގޮވާލިއެވެ. އިރުކޮޅަކުން އަސަދު އައިސް ދޮރު ހުޅުވިއެވެ.

ޝަނާޒް ރީތިވާ މޭޒުމަތިން ތަން ހުސްކޮށްލާފައި ތަބައް ބަހައްޓާފައި ބަލާލި އިރު ނިތްކުރީގައި އެއް އަތް އަޅުވާލައިގެން އަސަދު އެނދުގައި އޮތެވެ. ޝަނާޒް ގޮސް އަސަދުގެ ފައިކޮޅުގައި އިށީނެވެ.

“އަސަދު، ބަނޑުހައި ވެފައެއްނު ތި އޮތީ؟ ތެދުވޭ ކާން” ޝަނާޒް ގޮވާލިއެވެ.

އަސަދު އެއްޗެއް ނުބުނެ އޮތެވެ.

“އަސަދު…” އަސަދުގެ ފައިގެ ބޮޑުވާ އިނގިލީގައި ހިފާލަމުން ޝަނާޒް ގޮވާލިއެވެ. ނަމަވެސް ދެންވެސް އަސަދު އޮތީއެވެ.

“ދެން ކުޑަ ކުއްޖެއް ހެން ބޮޑާ ނުހާކާ ތެދުވެބަލަ” ޝަނާޒް ތެދުވެފައި އަސަދުގެ އަތުގައި ހިފާ ނަގަން މަސައްކަތް ކުރަން ފެށުމުން އެންމެ ފަހުން އަސަދު ތެދުވިއެވެ. ދެންވެސް އަސަދު ކާން ނޫޅުމުން ޝަނާޒް ރޮށި މޮޑެގެން ގެނެސް އަސަދުގެ އަތަށް ދިނެވެ.

ޝަނާޒް އެ ކޮޓަރީގެ ފާހާނާއަށް ވަދެ އަތް ދޮވެގެން ނިކުތް އިރު އަސަދު އިނީ ކާށެވެ.

“އެހާ ބަނޑުހައި ވެފަ ހުރި އިރުވެސް ބޮޑާ ހާކާފަ އޮވެއްޖެޔޭ ހަމަ” އަސަދު ކައި ނިމުމުން ޝަނާޒް ޖޫސްތަށި ދިއްކޮށްލިއެވެ.

“ބަނޑުހައި ވިޔަކަސް ކާ ހިތެއް ނުވާނެއެއްނު ގެޔަށް ވަންނަ އިރަށް ކޮންމެވެސް އެކަކު އަބަދު އެއްޗެހި ކިޔަން ވެފަ ހުންނަންޏަކާ” އަސަދު ބުންޏެވެ.

“އަސަދު ތިހެން އުޅެންޏާ އެ މީހުން އެއްޗެހިވެސް ކިޔާނެއެއްނު؟ އެއީ އަސަދުގެ މަންމައާ ބައްޕައޭ. އެ މީހުން އެއްޗެއް ނުބުނެ ދެން ކާކުތަ ބުނާނީ؟ ކީއްވެތަ އަސަދު ތިހެން އުޅެނީ؟ ކޮން ކަމެއްތަ އަސަދުގެ ލައިފްގަ މަދީ؟ ތި އުޅުން ދޫކޮށްލަބަލަ، ތި ކަންތައް ހުއްޓާލަބަލަ. ނޭނގޭތަ ތި ކުރަނީ ގޯސް ކަމެއް ކަން؟” އެކުވެރިޔާއަށް ވިސްނައިދެވޭތޯ ޝަނާޒް މަސައްކަތް ކުރިއެވެ.

“އެނގެޔޭ ގޯސް ކަމެއް ކަން… އެކަމަކު… ޝަނާއަކަށް ނޭނގޭނެ…” އަސަދު އެހެން ބުނެލީ ހިމޭން ވަގުތުކޮޅަކަށް ފަހުއެވެ.

“އާނ، އަހަންނަކަށް ނޭނގޭނެ، ތި ކަން ކުރާ މީހަކަށް އެނގޭނީ. އެކަމަކުވެސް ހުއްޓައެއް ނުލެވޭނެތަ؟ މަސައްކަތެއް ނުކުރެވޭނެތަ؟” ޝަނާޒް އެހިއެވެ.

“ހުއްޓާލާނަން އެ ވަރުގެ ކުއްޖަކު އަހަންނަށް ލިބިއްޖެއްޔާ…” އަސަދު މަޑުމަޑުން ބުނެލިއެވެ.

“އަނެއްކާވެސް އެއްކަލަ ވާހަކަ! އަހަރެން ނޫޅެން އަސަދުއާ ސަމާސާ ކުރާކަށް. ސީރިއަސް ވެބަލަ!” ޝަނާޒް ހިތްހަމަ ނުޖެހުނެވެ.

“އައިމް ސީރިއަސްއޭ ޝަނާ…” ޝަނާޒްގެ މޫނަށް ބަލާލަމުން އަސަދު ބުންޏެވެ.

“އަސަދު…” ޝަނާޒް އެ ވަގުތު އެއްޗެއް ބުނަން އުޅުނު ނަމަވެސް އަސަދު ޝަނާޒްއަށް ފުރުސަތެއް ނުދިނެވެ.

“އައި ލަވް ޔޫ ޝަނާ!”

އަސަދު އެހެން ބުނެލުމާއެކު ގަބޫލު ނުކުރެވިފައި ޝަނާޒް އަސަދުއާ ދިމާއަށް ބަލަން އިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފަޅިސިކުންތު

Next

ނޭދެން ވަކިވާކަށް (15)

Next
March 5, 2020

ނޭދެން ވަކިވާކަށް (15)

Previews
March 5, 2020

ފަޅިސިކުންތު

7 Comments!

  1. Mar Sha Marsha says:
    March 5, 2020 at 8:35 am

    Salaam, miothy part 17, kamudhaane kamah hy kuran, kiyaalaafa comment kollahchey. Part 18 Insha Allah Sunday ga. Hav a blessed friday n fun weekend. ?❤️?

  2. Kairaa says:
    March 5, 2020 at 8:35 am

    …varah reethi mi part vx….waiting for the nxt…

    1. Kairaa says:
      March 5, 2020 at 8:36 am

      Btw Me first dhw….

  3. Nuhaam says:
    March 5, 2020 at 8:38 am

    Vrh vrh reethi??
    Anehbai kiyaahithun ebahurin
    Waiting for the next……………..

  4. Yanaa says:
    March 5, 2020 at 9:04 am

    Varah varah reethi ??????
    maa sha Allah ❤❤❤❤❤❤❤
    waiting waiting

  5. Faadukiyuntherieh says:
    March 8, 2020 at 11:09 am

    Kuryge vaahakathah gennaathy vvvhadi

  6. Mar Sha Marsha says:
    March 8, 2020 at 2:24 pm

    Thank u all for reading, 18 upload koffin, comments ah reply nukurevuny mi dhiya weekend ga thankolheh busy vyma.

Comments are closed.

Next Episodeހީވޭ ހިތް ބުނާހެން 18←


All Right Reserved!