ނޭދެން ވަކިވާކަށް (16)
ޔުއާން އަވަދި ނެތި މަސަކަތް ކުރަމުން ދިޔައިރު ގަޑި ހިގަމުންދިޔަ ބާރުމިނެއް ނޭނގެއެވެ. ޔުއާންގެ ދަށުން މަސައްކަތް ކުރާ މުއަށްޒަފެއް ގެއަށްދާން ހުއްދައަށް އެދުމުން ޔުއާން އެންމެ ރަގަޅޭ ބުނެލިއެވެ. އަދި ހަދަންއިން ރިޕޯޓް ސޭވްކޮށްލުމަށްފަހު ގަޑި ބަލާލިއެވެ. ގަޑިން ބާރަގަޑި ބައިވަނީއެވެ. ޔުއާންއަށް ކޮޅަށް ތެދުވެވުނީ އެލީޝާ ތަކުރާރުކޮށް ދެއްކިވާހަކަ ހަދާން ވުމުންނެވެ. މޭޒުމަތީ އޮތް އޭނާގެ ފޯނުނަގަމުން ޔުއާން ބޮލުގައި ޖަހާލީ އޭނާގެ ފަރުވާކުޑަކަމުންނެވެ. ޔުއާންގެ ފޯނުވެސް އޮތީ ޗާރޖް ހުސްވެގެން ނިވިފައެވެ. ޔުއާން އަވަހަށް ގެޔަށް ދާން ކްލިނިކުން ނިކުތެވެ. ޔުއާން ގެއަށް ދިޔައިރު އެލީޝާ އޮތީ ނިދާފައެވެ. ސަދަފްވެސް އޭނާގެ އެދުގައި އަރާމުކޮށް ނިދާލާފައި އޮތެވެ. ޔުއާން ފެންވަރައިގެން އައިސް ނިދަން އޮށޭވެވުނު އިރު އެކެއްޖަހައިފިއެވެ.
އަނުމްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާން ފެށީމައެވެ. ގުޅަނީ އޭނާ ވަޒީފާއަށް ދާ ތަނުންނެވެ. އަނުމް މޯޅިއަކަށް ދެމިލަމުން ފޯނު ކަންފަތުގައި ޖަށްސާލިއެވެ. އެއިރު ގަޑިން ހެދުނު ހައެއް ޖެހީއެވެ. އެކޮޅުން ބުނީ އަނުމް އެދިފައި އޮތް ޗުއްޓީ ލިބިފައިވާ ކަމަށެވެ. އަނުމް ފޯނު ކަޑާލީ އުފާވެފައި ހުރެއެވެ. ރަށަށް ދާ ހިތްނުވިޔަސް އެހާ ދުވަސްކޮށްފައި ރަށަށް ދެވޭތީ އުފާވިއެވެ. އަދި މިފަހަރު ދާއިރު އައިމިނަވެސް ހުރީ އަނުމްއާ އެކީ ދާގޮތަށެވެ. އަނުމް ފާހަނާއަށް ވަދެ މޫނުދޮވެ ހަދައިގެން ބޭރަށް ނިކުތީ ކޮފީއެއް ބޯލުމަށެވެ. އަނުމް ނިކުތްއިރު ސިޓިން ރޫމް ސޯފާގައި ނިދާފައި އީލާފް އޮތެވެ. އެއިރު ބަދިގޭގައި އައިމިނަ ހެދިކާ ހަދަން އުޅުނުވެ. އަނުމްވެސް ބައެއް ދުވަހު އައިމިނައަށް އެހީވެދެއެވެ. އައިމިނަ އަނުމްއަށް ވަރަށް ކަންކަން ހަވާލުނުކުރެއެވެ. އައިމިނަ ދެކެނީ އަނުމްއަކީވެސް އޭނާގެ ދަރިއެއް ގޮތުގައެވެ.
އަނުމް އޭނާގެ ފޯނުގައި އޭނާއަށް މަހުގެ ފަހުކޮޅަށް ޗުއްޓީ ލިބުންވާހަކަ ލިޔުމަށްފަހު އައިމިނައަށް ދައްކާލިއެވެ. އަނުމް އޭނާއަށް ޗުއްޓީ ލިބުންވާހަކަ ބުނުމުން އައިމިނަ ހުރީ ވަރަށް އުފާވެފައެވެ. އަނުމްއަށް ސައިން ލެންގުއޭޖް ނޭގޭތީ ގިނައިން އަނުމް އައިމިނައާ ވާހަކަދައްކަނީ މެސެޖުންނެވެ. ނަމަވެސް މިހާރު އަނުމް ކްލާސް ނަގައިގެން އިޝާރާތުން ވާހަކަދައްކަން ދަސްކުރެއެވެ. ދުނިޔޭގައި އޭނާގެ އާއިލާ މީހަކަށް ހަމަ އެކަނި ހުރީ އައިމިނައެވެ. އައިމިނަވެސް އޭނާގެ ދައްތަގެ ބަސްގަބޫލުނުކޮށް އުޅެވުނު ގޮތުން މިއަދު ދެރަވެއެވެ. މިއަދު ދައްތަ ނެތުމުން ދައްތަގެ ހުރި ހަމައެކަނި ދަރިފުޅަށް ހުރިހާ ގޮތަކުންވެސް އެހީވާން އައިމިނަ ބޭނުން ވެއެވެ.
އައިމިނަ އީލާފްއަށް ވެސް ކޮފީތަށްޓެއް ހަދާށޭ ބުނުމުން އަނުމް ދެކޮފީތަށި ހެދިއެވެ. ސިޓިން ރޫމްގައި ހުރި މޭޒުމަތީ ދެ ކޮފީތަށި ބޭންދުމަށް ފަހު އަނުމް އީލާފްއަށް ގޮވިއެވެ. އީލާފްގެ ލޮލާދިމާލުން ކަރުނައިގެ ރޮގެއް ފާހަގަވާން ހުއްޓެވެ. ގިނައިރުވުމުން ކަރުނަ ހުރީ ހިކިފައެވެ. އަނުމް ދެތިންފަހަރު އީލާފްއަށް ގޮވާލުމުން އީލާފް އުދަގުލުން ދެލޯ ހުޅުވާލިއެވެ. އީލާފްގެ ރަތްވެފައި ހުރި ދެލޯ ފެނުމުން އަނުމްއަށް ސުވާލުނުކޮށް ނީންދެވުނެވެ. ”ކިހިނެއްވީ…. ރޭގަ ކަމެއް ވީތަ؟…” އަނުމް ޖެހިގެން ހުރި ސޯފާގައި އިށީންނަމުން އަހާލިއެވެ. އަދި އީލާފްއަށް ގިރާފައިން ކޮފީތަށި ދައްކާލިއެވެ. އީލާފް އަނުމްއަށް ހިތުންވެލަމުން ކަމެއް ނުވާކަމަށް ބުނަމުން ކޮފީތަށި ހިފައިގެން ކޮޓަރިއަށް ދިޔައެވެ.
ހެނދުނުގެ ވަގުތެވެ. ޔުއާންއަށް ހޭލުވުންއިރު އެލީޝާއެއް ކޮޓަރިއަކުނެތެވެ. ސަދަފް އޮތީ ހަމަގަދަޔަށް ނިދާފައެވެ. ޔުއާން އޭނާގެ ފޯނު ނަގައި ގަޑި ބަލާލިއެވެ. އެއިރު ގަޑިން އަށެއް ޖަހާފިއެވެ. އެހެންނޫނީ ހަތެއް ޖަހާއިރަށް ކޮންމެހިނެއް ހަދައިގެންވެސް އެލީޝާ ޔުއާން ހޭލުއްވާނެއެވެ. ޔުއާންއަށް ހިނިތުންވެވުނީ މިއަދު އެލީޝާ ނުގޮވީ ރޭ އަވަހަށް ގެޔަށް ނައީމަކަން އެގުނީމައެވެ. ޔުއާން އަވަހަށް ކްލިނިކަށް ގުޅާލުމަށް ފަހު މިއަދު ނުދާނެވާހަކަ ބުނެލިއެވެ. ޔުއާން އެދުން ތެދުވެ ކުޑައެދުގައި ނިދާފައި އޮތް ސަދަފްގެ ބޮލުގައި ފިރުމާލުމަށް ފަހު ފާހަނާއަށް ވަނެވެ.
ޔުއާން ކޮޓަރިން ނިކުތް އިރު އަނާއަދި އެލީޝާ ބަދިގޭގައި އުޅުނެވެ. އަނާ ރޮށި ދަމާވަރަކަށް އެލީޝާ ދިޔައީ ރޮށި ފިހަމުންނެވެ. ޔުއާން ކާމޭޒުކައިރީ އިށީނުމަށް ފަހު ކަރުކެހެލިއެވެ. އަނާ ފަހަތް ބަލާލުމަށް ފަހު ހީލިއެވެ. ނަމަވެސް އެލީޝާ ބަލާވެސް ނުލިއެވެ. ޔުއާން އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ. އަދި އޭނާ އަމިއްލައަށް ކޮފީ ގިރުމަށް ފެން ހުނުކުރަން ޖެއްސިއެވެ. ޔުއާން ކޮފީތަށި ގިރައިގެން ކާމޭޒުކައިރީ އިށިން އިރު އެމީހުން ރޮށި ފިހެ ނިންމައިފިއެވެ. މޭޒުމަތީ މޮޑިފައިހުރި މަސްހުނި ތައްޓެއް ހުއްޓެވެ. އެލީޝާ ރޮށިތަށި ކާމޭޒުމަތީ ބެހެއްޓުމުން ޔުއާން ވާހަކަދެއްކިއެވެ. ”ތައްޓެއް ދީބަލަ…. ހާދަ މީރުހެން ހީވެއޭ….” ޔުއާން ފުޅާ ހިނިތުންވުމެއް ދެމުން ބުނެލިއެވެ. އެލީޝާ ޔުއާން ދެއްކި ވާހަކަ އަޑުއިވުނު ކަމަށްވެސް ނުހަދާ ނިކުމެގެން ދިޔައެވެ. އެލީޝާ ހެދި ގޮތުން އަނާއަށް ހެވުނެވެ. ތަށި ހަރުގަޑުން ތައްޓެއް ޔުއާން އަށް ދިނުމަށް ފަހު އަނާ ހެމުން ހެމުން ވާހަކަ ދެއްކިއެވެ. ”މިއަދު ކަމަނާ ވަރަށް ރުޅިދުރުވެފަ ހުރީ…. ޔާންބެ ކްލިނިކަށް ނުދަނީހޭ އެހީމަވެސް އެއްޗެކޭވެސް ނުބުނި….” އަނާވެސް ތައްޓެއް ނަގައިގެން މޭޒުކައިރީ އިށީނެވެ.
”އާނ ރޭގަ ލަހުން އައީމަ އެކަމާ ރުޅި އައިސްފަ އެހުރީ….. ” ޔުއާން ކާންފަށަމުން ބުނެލިއެވެ. އަނާވެސް ހިނިތުންވެލަމުން އެމީހުން ކުޑައިރު އެލީޝާ ރުޅިއައިސްގެން އުޅުން ގޮތެއްގެ ވާހަކަ ކިޔާދިނެވެ. ޔުއާން އަވަސް އަވަހަށް ކައިގެން ކޮޓަރިއަށް ދިޔައެވެ. އެއިރުވެސް ސަދަފް އޮތީ ނިދާފައެވެ. އެލީޝާ އިނީ އެދުމަތީ ސަދަފްގެ އަންނައުނުތަކެއް ފަތްޖަހާށެވެ. ޔުއާން އެލީޝާ ކައިރީ އިށީނުމަށް ފަހު އެލީޝާގެ ފުރަގަހުން ބައްދާލިއެވެ. ނަމަވެސް އެލީޝާ ޔުއާންއާ ދުރުވެލަމުން އަނެއްކާވެސް އެއްޗެހި ފަތްޖަހަން ފެށިއެވެ. ”ދެން ހަމަ އެހާ ރުޅި އައިސްފަތަ ތިހުރީ…. ދެން މިއަދުގަ ދެވިދާނެއްނުން ހޮސްޕިޓަލަށް… އެހާ ބޮޑުކަމަކަށް ނަހަދަބަލަ…..” ޔުއާން އެލީޝާގެ އުނގުމަތީ ބޯ އަޅާލަމުން ވާހަކަ ދެއްކިއެވެ. އަދި އެލީޝާގެ ކޮލުގައި ހިފާލިއެވެ. މިފަހަރުވެސް އެލީޝާ އަޅާނުލައެވެ. ފަތް ޖަހާފައި ހުރިއެއްޗެހި ނަގައިގެން އަލަމާރިއަށް ލާން ދިޔައެވެ.
އެލީޝާ އެއްބައި ލުމަށްފަހު އެބުރުން ވަގުތު ޔުއާން އެލީޝާ އޭނާގެ އަތްދަޑިމައްޗަށް ލިއެވެ. އެލީޝާ ތެޅިގަތްނަމަވެސް ޔުއާންހުރީ ދެއަތުން ބާރަށް ހިފަހަށްޓައިގެނެވެ. ”ތިރީ ބަހައްޓަ….ސަދަފްގެ އެއްޗެހިތައް ލާންޖެހެއޭ….ދެން…. ބަހައްޓާށޭ……” އެލީޝާ ތަންކޮޅެއް އަޑު ބާރުކޮށްލިއެވެ. ”ޝްހް…… ބޭބީ ހޭލާފާނެ….. އެލީ ވާހަކަ ދެއްކީމަ ތިރީގަ ބަހަށްޓާނީ…..ދެން މިއަދުގަ ނޫޅެމޭ ކްލިނިކަށް ދާކަށް އަބަދު ގޭގަ ހުންނާނީ… މިއަދުގަ ހޮސްޕިޓަލަށްވެސް ދެވޭނެއްނުން….” ޔުއާން ތުންހަދައިގެން އޮތް އެލީޝާއާ ވާހަކަދެއްކިއެވެ. ޔުއާން ވާހަކަ ދެއްކުމުން އިރުކޮޅަކު ޔުއާންއަށް ލޯ އަޅައިގެން އެލީޝާ އޮތެވެ. ” ދެން…. ބަހައްޓަބަލަ ތިރީގަ…. އެހެންނޫނަސް ޔާން އިއްޔަ ނާއީމަ އެލީ އެކަނި ހޮސްޕިޓަލަށް ގޮސްފިން…. ދެ ހެޔޮ ނުދިޔަސް….ހަމަ އަސްލުވެސް ރުޅި އައިސްފަ މިހުރީ…… ބޭބީ އާ އެއްކޮށް އެލީ ގޭގަ ބަހަށްޓާފަ ޔާން ނާދޭ އެންމެދުވަހަކުވެސް އަވަހަކަށް…. ބޭބީގެ ހާލު ބަލާވެސް ނުލާ… ބްރޭކްއަށް ވެސް ނާދޭ….. އަސްލުވެސް ރުޅިއައިސްފަ މިހުރީ…..” އެލީޝާ މޫނު ހަދާލަމުން ދުރު ބަލަންފެށިއެވެ.
މޫނު ބޯކިބާއެއްހެން ހަދައިގެން އޮތް އެލީޝާއަށް ބަލަހައްޓްއިގެން ހުރެ ޔުއާން ހޭންފެށިއެވެ. ޔުއާން ހޭންފެށުމުން މަޖަލެއް ނޫނޭ ކިޔާފައި އެލީޝާ ދެބުމަ ގޮށްޖާލަމުން ޔުއާންއަށް ލޯއަޅާލިއެވެ. ”ހެހެހެ…. އަޅެ ހަދާން ނެތުނީ އޭ…… މިހެން ވާނެއްނުން ދެ ބޭބީގެ ހާލުބަލަން ޖެހުނީމަ… އަދި އެނިދާފަ އޮތް ބޭބީއަށް ވުރެ މިބޭބީ މާ ކުޑަ…..” ޔުއާން ހެމުން ހެމުން އެލީޝާ ތަޅުން ގަޑުމަތީ ބެހެއްޓިއެވެ. އަދި އެދުމަތީ އިށީންނަމުން އަނގަމަތީ އަތް އަޅާލީ ހުނުން ކޮންޓޮރޯލު ކުރުމަށެވެ. ޔުއާން ހޭތީ އެލީޝާ އިތުރަށް ރުޅިއައެވެ. އެލީޝާ ދާން އުޅުމުން ޔުއާން އެލީޝާގެ އަތުގައި ހިފާ އޭނާކަރިއަށް ގެނައެވެ. އަދި ޔުއާންގެ އުނގުމަތީ އެލީޝާ ބައިންދަމުން އެލީޝާގައި ބައްދާލިއެވެ. ”ދެން އެލީ ރުޅި މަޑު ކުރަން ކޮންކަމެއް ކޮށްދޭންވީ…..ކީއްވެތަ އެވަރަކުން ހޮސްޕިޓަލަށް ދިޔައީ؟…. ބަލީތަ؟….” ޔުއާން އެލީޝާ ކަރުގައި އަތް ޖައްސާލިއެވެ. އެލީޝާ މަޑުމަޑުން ބޯހޫރުވާލިއެވެ.
އެލީޝާ ޔުއާންގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. ”ކޮންމެ ކަމެއްވެސް ކޮށްދޭނެ؟…. ކޮށްދޭންދޯ ޖެހޭނީ، މިހާރު އެލީ މިހުރީ ވަރަށް ރުޅި އައިސްފަ….” އެލީޝާ ޔުއާންއަށް ބަލާލަމުން ބުނެލިއެވެ. ޔުއާން އެލީޝާގެ ނިތަށް ބޮސްދެމުން ބޯޖަހާލިއެވެ. ”އެހެންމަ އެލީ ބޭނުންވަނީ ޔާން ވީކްއަކަށް ޗުއްޓީ ނަގަން….. ދެން ދާނީ ކޮންމެސް ރަށަކަށް…. ޔާ… ލައިކް ރާއްޖެތެރޭ ރަށަކަށް ދާނީ……ދޮންތިވެސް ގޮވައިގެން ދާނީ…..” އެލީޝާ އަވަސްއަވަހަށް ބުނެލިއެވެ. ޔުއާން ދިޔައީ އެލީޝާ ބުނި ކޮންމެ އެއްޗަކަށް ބޯޖަހަމުންނެވެ. އެލީޝާ ރޭގަ ކަންތަށް ވީގޮތްވެސް ޔުއާންއަށް ހިއްސާ ކުރިއެވެ. އަނާގެ ކައިވެނި ހަމަޖެހުނު ވާހަކަޔާ އީލާފް އަދި އަނާގެ ވާހަކަވެސް ކިޔާދިނެވެ. ޔުއާން އިރުކޮޅަކު ވިސްނަން އިނދެފައި ވާހަކަ ދެއްކިއެވެ. ” އެހެންމަ މި ދަތުރުމީ ނަންނިގެ އެންގޭޖްމެންޓް ސެލެބްރޭޝަންތަ؟….” ޔުއާން ހިނިތުންވެލާފައި ބުނެލިއެވެ. އެލީޝާ ދެފަރާތަށް ބޯހޫރާލުމަށްފަހު ޔުއާންގެ އަތް ނަގާ އޭނާގެ ބަނޑުގައި ޖައްސާލިއެވެ.
އެލީޝާ ބުނަން އުޅުނު އެތި ޔުއާންއަށް ދޭހަވާން މާ ގިނައިރެއް ނުނެގިއެވެ. ޔުއާން ފުންމައިގެން ތެދުވުމަށް ފަހު ހަމަ އަސްލަށްވެސްހޭ އަހާލިއެވެ. އެލީޝާ ފުޅާ ހިނިތުންވުމެއް ދެމުން ބޯޖަހާލިއެވެ. ”ޔެސް…..ޔެސް…. އައެމް ގޮނަ ބީ އަ ޑޭޑް……އައެމް ގޮނަ ބީ އަ ފާދާރ….” ޔުއާން ހަޅޭއްލަވައިގަންނަމުން އެލީޝާގައި ބައްދާލިއެވެ. ޔުއާންގެ އަޑަށް ނިދާފައި އޮތް ސަދަފްވެސް ހޭލިއެވެ. ޔުއާން ސަދަފް އޭނާގެ އެދުން ނަގައިގެން އެލީޝާ ކައިރިއަށް އައެވެ. ”ސަދަފް ބޭބެއަކަށް ވަނީ…. މީ މިހާރު ބިގް ބްރަދާ އެކޭ….” ޔުއާން ސަދަފްގެ ކޮލަށް ބޮސްދެމުން ސަދަފްގެ އަތް އެލީޝާގެ ބަނޑުގައި ޖައްސާލިއެވެ. ސަދަފްއަށް ވެގެން އުޅޭގޮތް ނޭންގުނަސް ބައްޕަ އުފާވެފައި ހުރުމުން ދެއަތް ޖަހާލަމުން ހީލީއެވެ. ޔުއާންގެ އަމަލު ހުރިގޮތުން އެލީޝާ ފެންކަޅިވިއެވެ. ޔުއާން އެހާ އުފާވެފައި ހުއްޓާ އަދި އެލީޝާ ނުދެކެއެވެ. ޔުއާން ސަދަފް ގަޔާ ކައިރި ކޮށްލަމުން އެލީޝާގެ ނިތަށް ބޮސްދިނެވެ.
2 Comments!
Comments are closed.
Wow it’s so interesting……. Ly shiff…….. And plx thankolheh avahah up kohladheeba ????????vrh vrh reethi mi vaahaka
Varah reethi Masha Allah next part thankolheh avahah upkohlahjey ?????