ގެއަށް އައި މަގުމަތީގައިވެސް ގެއަށް އައި ފަހުންވެސް ދަހުލާންގެ ޚިޔާލުތަކުގައިވީ އާލިޔާއެވެ. އެ ހިނިތުންވުން ސިފަވާ ކޮންމެ ފަހަރަކު ދަހުލާން ހިތަށް ފިނިކަން ވެރިވެއެެެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދުގައި އޮށޯވެ ދަހުލާންއަށް ވިސްނެމުން ދިޔައީ އާލިޔާއާއި މެދުގައެވެ. އެ އަންހެން ކުއްޖާ ރަނގަޅަށްވެސް އޭނާ ޖާދޫގައި ޖައްސައިފިއެވެ.
ދަހުލާންއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. މަންމަގެ ކަންބޮޑުވެފައިވި މޫނު ފެނި ފުންމައިގެން ތެދުވެވުނެވެ. “ޑޭން މަންމަ ކިރިޔާއޭ ބިރުން ހަލާކު ނުވީ. ސްޓެފް ކާން އައިސް އެތައް އިރެއްވީ ފަހުންވެސް ދަރިފުޅު ނައިމަ މަންމަ ގޮވަން އައި. ގޮވާ ގޮވާ ޚަބަރެއް ނުވެގެން ތަޅުދަނޑިން ދޮރުހުޅުވައިގެން ވަން އިރު ދަރިފުޅު އެނދުގަ ތިއޮތް ގޮތުން މަންމަގެ ހިއްނުހުއްޓުނީ ކިރިޔާ. މަންމަގެ ޑޭންއަށް ކަމެއް ވީ ކަމަށް ހީކުރީ.” ލިލީ އޭނާ ކަންބޮޑުވެފައި ހުރި މިންވަރު ދަހުލާންއަށް ބުނެދިނެވެ. އާންމުގޮތެއްގައި ސްކޫލް ނިންމާފައި އައިސް ކާން އަވަހަށް އަންނާނީ ހަގު ދަރިފުޅު ދަހުލާންއެވެ. އެކުދިން ނާންނަނީސް ލިލީ ނުކާނެކަން އެނގޭތީވެ ދަހުލާން ބަލާނީ ވީހައިވެސް އަވަސްކޮށްގެން ދެވޭތޯއެވެ. އޭނާގެ ސަބަބުން މަންމަގެ ކެއުން ލަސްވާން ބޭނުންނުވާތީއެވެ. ދަހުލާންއަށް ވުރެ އެންމެ ބައިގަޑިއިރު ދޮށީ ދަރިފުޅު ސުފްޔާނަށް ކާމެޒު ދޮށަށް އާދެވޭވަރު ވަނީ އޭގެ ދިހަވަރަކަށް މިނެޓު ފަހުންނެވެ. ދަހުލާންއާއި ޚިލާފަށް ސުފްޔާންއަކީ މީހުންނާމެދު ވިސްނާ ކުއްޖެއްނޫނެވެ. އަމިއްލަ ނަފްސައިގެން އުޅެވުނީމައި އެ ނިމުނީއެވެ.
“މަންމަ އަޅުގަނޑަށް މާފު ކުރައްވާ. މިއަދު ވަރުބަލިވެފައި ހުރުމުން އެނދުގައި ޖައްސައިލި ތަނުން ނިދުނީ. ފަސް ވަރަކަށް މިނެޓު ތެރޭ އެބަދަން. މަންމަދެން ކާންފަށާ. އަޅުގަނޑު ވަރަށް އަވަހަށް އެބަދަން” މަންމަ އަތްތިލައަށް ބޮސްދީފައި ދަހުލާން މާފަށް އެދުނެވެ. ލިލީ ކޮޓަރިން ނިކުތުމުން ދަހުލާން ފެންވަރަން ދާން އަވަސްވެ ގަތެވެ.
ޖޫން ކާންހަދައިގެން އެތައް އިރެއްވީއިރުވެސް ޖިރާންއާއި އާލިޔާ ކާން ނާދެއެވެ. އެ ދެކުދިން އަމިއްލައަށް ފެނިގެން ކާން ނާންނާނެކަން އެނގޭތީވެ އެކުދިންނަށް ގޮވަން ޖޫން ދިޔައެވެ. ޖިރާން ކޮޓަރިއަށް ދިޔައިރު އޭނަ އިނީ ހެޑްސެޓް އަޅައިގެން ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. ޖޫން ކާން އަންނަން ގޮވުމުން ނުކާނަން ކަމުގައި ބުންޏެވެ. ޖިރާންއަށް ކުދި ކިޔަމުން ގޮސް އާލިޔާ ކޮޓަރިއަށް ވަންއިރު އޭނާ އޮތީ ނިދާފައެވެ. އާލިޔާ މޫނު ރަތްވެފައި ހުރުމުންނާއި ބޯ އަޅައިގެން އޮތް ބާލިސް ތެމިފައި ހުރުމުން ނިދިފައި އޮތީ ރޮއެރޮއެ ވަރުބަލިވެގެންކަން އެނގުނެވެ. އާލިޔާއަށް އުނދަގޫ ނުކޮށް ދިޔައެވެ.
ކައިރާ ގެއަށް ގޮސް ތާޒާވެގެން އަމިއްލައަށް ކާން ތައްޔާރުކޮަށްގެން ކެއެވެ. ބަނޑުހައިވެގެން ހަލާކުވިއަސް މަންމަ ކާން ހަދަން ނާންނަކަން އެނގެއެވެ. އޭނާއަށް ވުރެ މަންމައަށް އެހެން ކަންތައް މާ މުހިންމެވެ. ހޫނުކޮށް ނޫޑްލްސް ތައްޔާރުކޮށްގެން ކައިރާ ސޯފާގައި އިށީންދެ ޓީވީ ހުޅުވިއެވެ. އިނގެރޭސި ފިލްމެއް ބަލަމުން ކެއުމުން ތަށި ހުސްވިއިރުވެސް ކައިރާއަށް ނޭންގުނެވެ. ކައިރާއަށް ފިލްމު ތެރެއިން ނުކުމެވުނީ މީހަކު އައިސް ފަހަތުން އޭނާގެ އިސްތަށިގަނޑާ ކުޅެލުމުންނެވެ. “ކައިލާން؟” ކައިރާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ތެދުވިއެވެ. އޭރު އެއް މިޔައަކުން ހިނިތުންވެލައިގެން ކައިލާން އިނެވެ. ކައިލާން އޭނާއަށް ބަލަން ހުރި ގޮތުން ކައިރާއަށް އުނދަގޫވިއެވެ. “މަންމަ އަދި ނާދޭ ގެއަށް!” ކޭތަށި ހިފައިގެން ބަދިގެއަށް ގޮސް ކައިރާ ދޮވުނެވެނ ކައިލާންވެސް އޭނާ ފަހަތުން އައެވެ. “އެހެންތަ. ކެރާ ކީއްވެތަ މާ ފަޑަކަށް ތި އިނީ ؟” ކައިރާ އަތުގައި ހިފާލަމުން ކައިލާން އެހިއެވެ. ކައިލާން އަތުން އަތް ދަމައިގަނެފައި ކައިރާ ދުރަށް ޖެހިލިއެވެ. “ކަމެއް ނުވެ!” އިސްޖަހައިގެން އިނދެ ކައިރާ ބުނެލިއެވެ. ކައިލާން ކައިރާއާއި ދިމާއަށް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ކައިރާ ދާން ވެއްޖެކަމަށް ބުނެ ގޮސް ދުވެފައި ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަދެ ދޮރު ލެއްޕި ގޮތަށް ދޮރުގައި ލެގިލައިގެން ކައިރާ އިނެވެ. އާދަޔާ ޚިލާފު ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައެވެ. ފަހަކަށް އައިސް ކައިލާންގެ އަމަލުތައް ހުނަން ގޮތުން ކައިރާގެ ހިތްބިރުގަނެއެވެ. ކައިލާންގެ ނިޔަތް ރަނގަޅު ނޫންހެން ހީވަނީއެވެ. ކައިލާންއާ މެދު ނުބައި ގޮތަކަށް ވިސްނާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިލާންއަކީ އޭނާ މަންމައަށް ބޮޑުދައިތަ ކިޔާ ކުއްޖެކެވެ. އޭނާއަށްވުރެ ދިހަ އަހަރު ދޮށްޓެވެ. ކައިލާން އުޅެނީ ޤަދަރުވެރި އާއިލާއެއްގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެންނެވެ. އެދެމީހުން އުޅެމުން ދަނީ އުފާވެރި ދިރިއުޅުމުކެވެ. އޭގެ އިތުރަށް ކައިލާންއަކީ މިސްޓިކް އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރެކެވެ. އަބަދުވެސް ކައިރާއަށް އެހީވެދޭ ބޭބެއެެއް ފަދަ މީހެކެވެ. ކައިލާންގެ ނިޔަތް އޭނާއާއި މެދު ގޯސްވެދާނެކަން ޤަބޫލު ކުރަން ކައިރާއަށް ދަައްޗެވެ. “މިއީ ހަމަ އަހަންނަށް ހީވާ ގޮތް. ކައިލަންބެ އަހަރެން ކޮއްކޮއެއް ގޮތުގައި ދެކެނީ” ކައިރާ އަމިއްލަ ނަފްސަަށް ވިސްނައިދިނެވެ.
ރޭގަނޑުގެ ވަގުތެވެ. ކައިރާއާއި ބަލްޤިސް އާލިޔާމެން ގެއަށް ދިޔައީ އާލިޔާ ބަލައެވެ. ސްކޫލް ފަހަތު އޮންނަ ހުސްބިމުގައި އޮތް ޕާޓީއަށް ދާށެވެ. އާލިޔާ ފުރަތަމަ ދެކޮޅު ހެދިއެވެ. ނަމަވެސް ކައިރާ އަދި ބަލްޤިސް ކިޔާ ކިޔައި އެންމެ ފަހުން ދާން އެއްބަސްވީއެވެ.
ޕާޓީ އޮތް ހިސާބަށް ތިން ކުދިން ދިޔައީ ބަލްޤިސްގެ ކާރުގައެވެ. ސީނިއާރ ކުދިންނާއި ޖޫނިއާރ ކުދިންނުން މުޅި ސަރަހައްދު ވަނީ ފުރިފައެވެ. ދެ ޖިންސު އެއްވެގެން ސަކަރާތްޖެހުމުގައި އުޅުނެވެ.
ގާތް އެކުވެރިޔާ ތަސްލީންއާއި އެއްކޮށް ހުރި މިހްތަރްގެ ސަމާލުކަން އެތަނަށް ވަދެގެން އައި ތިން ކުދިންގެ ތެރެއިން އާލިޔާއަށް ހުއްޓުނެވެ. އާލިޔާ ހުރީ ރަތްކުލައިގެ އަތް ދިގު ޓޮަޕަކާ ކަޅު ޖިންސެއް ލައިގެންނެވެ. މުށި ކުލައިގެ ފަން ދިގު އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެހާ އާދައިގެ ގޮތަކަށް ހުރިއިރުވެސް އާލިޔާގެ ރީތިކަން ފަނޑުނުވެއެވެ. އާލިޔާ އޭނާއަށް ބަލައިލައިފައި ހިނިތުންވުމުން މިހްތަރް ދުރުބަލާލިއެވެ. އާލިޔާގެ ހިނިތުންވުން ފަނޑުވެ އިސްޖަހައިލިއެވެ. “އަދި ރަނގަޅުވާނެ!” އާލިޔާ އަތުގައި ބަލްޤިސް ހިފައިލިއެވެ. އެ ތަނަށް ވަން ގޮތަށް ކައިރާ ގެއްލުނެވެ. ކައިރާ ހޯދާކަށްވެސް އެމީހުންވަކި ނޫޅެއެވެ.
އެކަނި މައި އެކަނި ހިނގަމުން ދިޔަ ކައިރާއަށް ހިނިތުންވެވުނީ ދުރުގައި ހުރި ދަހުލާން ފެނިފައެވެ. ނާންނާނަމޭ ކިޔައިފައިވެސް ދަހުލާން އައިތާއެވެ. ދުރުގައި ހުރިއިރުވެސް ދަހުލާންގެ ރީތިކަން އިންތިހާއެވެ. ދަހުލާން ލައިގެން ހުރި އަތްދިގު ކަޅު ޓީޝާޓާއި ކަޅު ސްކިނީ އޭނާގެ ދިގު އިސްކޮލާއި ނުހަނު ގުޅެއެވެ. ސްކިނީގެ ޖީބަށް އެއް އަތް ޖަހައިގެން އަނެއް އަތުން އޭނާގެ އިސްތަށިގަނޑު ރީތި ކުރަމުން ދިޔައެވެ. ހީވާ ގޮތުން އޭނާ އެ އިންނަނީ މީހެއްގެ އިންތިޒާރުގައެވެ. ވަގުތު ބޭކަރު ކުރަން ނުހަދައި ހަލުވިކޮށް ހިނގައިފައި ކައިރާ ދަހުލާން ގާތަށް ދިޔައެވެ. ދަހުލާން ގާތު ހުއްޓިފައި އޭނާ ގޮވާލިއެވެ. ދަހުލާންގެ ފެހިލުކައިގެ ދެލޮލުން އޭނާއަށް ބަލާލި ގޮތުން ހުރިތަނަށް ވިރިގެން ނުދިޔައީ ކިރިޔާއެވެ. ބުނަން އުޅުނު އެތިވެސް ކަރުގައި ތާށިވިއެވެ. އޭނާ އަނގައިން ނުބުނުމުން ދަހުލާން އެއް ބުމަ ހިއްލާލިއެވެ. ކައިރާ އަނބުރައި ގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. “އުމްމްމް ޔޫ ކޭމް!” ހިތްވަރުކޮށްފައި ކައިރާ ބުނެލިއެވެ. ދަހުލާން ބޯޖަހައިލައިފައި އެއް މިޔައަކުން ހިނިތުންވެލިއެވެ. “އާނ އެއީ ބޭބެ އާދޭސް ކުރާ ވަރުން!” އެތަނަށް އައި ސަބަބު ދަހުލާން ހާމަކޮށްލިއެވެ.
ދަހުލާން ހާމަކޮށްލީ ސަބަބުގެ އެއް ބައެވެ. ހަޤީގަތަކީ ސުފްޔާން އެދުމުން އެތަނަށް އަންނަން އެހާ ފަސޭހައިން އެއްބަސްވީ އާލިޔާއާއި ދިމާވޭތޯއެވެ. އެ އަންހެން ކުއްޖާ ފެނުނީންސުރެ އޭނާގެ މުޅި ނަފްސުވަނީ އެ އަންހެންކުއްޖާ ހިޞާރުކޮށްފައެވެ. އާލިޔާ ނޫން ކަމަކާމެދު ނުވިސްނެއެވެ. އަނެއްކޮޅުން ކައިރާއާއި ހެދި އޭނާ އިނީ ބޮލަށް އުނދަގޫވެފައެވެ. ފެންނަހާ ތާކުން ވާހަކަ ދައްކައެވެ. އޭނާ އެވަރުން ނޫޅޭއިރުވެސް އުނދަގޫ ކުރަމުން ދިޔައެވެ.
ދެ ރެޑްބުލް ދަަޅު ހިފައިގެން އެ ހިސާބަށް އައިސް ހުއްޓުނު ސުފްޔާނަށް ކައިރާ ފެނުމުން ތުން ފުމެލިއެވެ.
ކައިރާ އިނީ ފިޔާތޮށި ކުލައިގެ އަތްކުރު ޓޮަޕަކާއި ހުދު ކުލައިގެ ޖިންސެއް ލައިގެންނެވެ. ކޮނޑަށް ވުރެ ތިރިއަށް އޮތް އިސްތަށިގަނޑު އޮތީ ގަތާފައި އެއް ފަރާތަށް ގެނަސްފައެވެ. ތިރި ފައިވާނަކަށް އަރައިގެން އިން އިރުވެސް އިސްކޮޅު ރީތިވަރަކަށް ދިގެވެ. އާދައިގެ ދިވެއްސަކަށްވުރެ ހަމުގެ ކުލަ އައްޔެވެ. ކައިރާގެ އެންމެ ތަފާތު ސިފައަކީ އޭނާގެ ދިހުން ކުލައިގެ އިސްތަށިގަނޑެވެ. އެއީ ޤުދުރަތީ ގޮތުން އޭނާއަށް ލިބިފައިވި އިސްތަށިގަނޑެވެ. “ހައި. މަށަށް ކިޔަނީ ސުފްޔާން. ރަށްޓެހިންނާ އެންމެ ގާތް މީހުން ކިޔައި އުޅެނީ ސްޓެފް!” ސުފްޔާން ސަލާމަށް އަތް ދިއްކޮށްލިއެވެ. ދަހުލާންއެކޭ އެއްވަރަށް އޭނާގެ ބޭބެ ސުފްޔާންވެސް ރީއްޗޭ ހިތާހިތުން ކައިރާއަށް ބުނެވުނެވެ. “ސްޓުޕިޑް މީ. އެއީ ޓްވިންސްއެކޭ އެހެންވީމަ އެކަކު ރީތިއްޔާ އަނެކަކުވެސް ރީތިވާނެއްނު!” އަމިއްލަ މޮޔަކަމާއިމެދު ކައިރާއަށް ވިސްނުނެވެ. ދަހުލާންއެކޭ އެއް ގޮތަށް ސުފްޔާންގެ ފެހި ކުލައިގެ ލޯ ފެނުމުން އަންހެން ކުދިންގެ ހިތްތައް ފިދާވެގެން ދާނެއެވެ. އެހެނެއްކަމަކު އާލިޔާއެކޭ އެއްފަދައިން ކައިރާވެސް ބޮޑަށް އަޅައިގަތީ ދަހުލާންއާއިއެވެ. ސުފްޔާނާއި ކައިރާ ސަލާންކޮށްލިއެވެ. އެއް މިޔައަކުން ހީލައިފައި ސުފްޔާން ކައިރާއަށް އެއް ލޯ މަރާލިގޮތުން ކައިރާ ލަދުގަތެވެ. ދަހުލާން އަތަށް އެއް ދަޅުދީފައި ކުދިން ބައިބޯ ހިސާބަށް ސުފްޔާން މިސްރާބު ޖެހިއެވެ. އޭނާއާއި އެކު ދިއުމަށް ކައިރާއަށްވެސް ދަޢުވަތު ދިނެވެ. ދަހުލާންއަށް ބަލައިލައިފައި އޭނާގެ އެއްވެސް ޝައުޤެއް ނެތުމުން ކައިރާ ސުފްޔާނާއި އެކު ދިޔައެވެ.
ބަލްޤިސްއާއިއެކު ހިނގަމުން ދިޔަ އާލިޔާގެ ލޮލުގައި ދަހުލާން އަޅައިގަތެވެ. ބަލްޤިސް ގައިގައި ކޮށްޓާލައިފައި އާލިޔާ ދަހުލާން ދައްކާލިއެވެ. “ހޫން މަށަށް އެ ސޮރު ނުދައްކާ އެލީ އަމިއްލައަށް ގޮސް ވާހަކަ ދައްކަބަ” ބަލްޤިސް އާލިޔާ ކޮށްޕާލިއެވެ. ބަލްޤިސްއާއި ދިމާއަށް މޫނު ހަދައިފައިވެސް އާލިޔާ ދަހުލާން ގާތަށް ދިޔައެވެ. “ހެއި” ނުހަނު ގާތުން އިވުނު އަންހެންވަންތަ ރީތި އަޑަށް ދަހުލާން އިސްެއުފުލާލިއެެވެ. ރީތި ހިނިތުންވުމަކާއި އެކު އޭނާ ގާތު ހުރީ އާލިޔާއެވެ. “ހައި” ދަހުލާންގެ ފިރިހިންވަންތަ އަޑު އެހާ ސާފުކޮށް އިވުމުން އާލިޔާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ބަހެއް ބުނުމެއް ނެތި ދެމީހުންވެސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހިނިތުންވެލައިގެން ތިއްބެވެ.
އަތުގައި އޮތް ދަޅަށް ބާރަށް ފިއްތައި މިހްތަރު އޭތި ބަނޑިކޮށްލިއެވެ. އާލިޔާއާއި ދަހުލާންގެ ގާތް ކަމުން އެހިތް ހަލާކުވަމުން ދިޔައެވެ. “އޭއި އޭއި. ކަލޭ ތިދަޅަށް ތި ބާލަނީ ކޮންހައި ވަރެއް. ބުނަން މިތާ އިނދެ ކިތަންމެ ހާޑުވިއަސް ކަމެއް ނުވާނެ!” ވިސްނައިދޭ ފަދައަކުން ތަސްލީން ވާހަކަ ދެއްކިއެވެ. “މަށަށް ހެޔޮ!” އަތުގައި އޮތް ދަޅު ނަގައި ހޫރާލައިފައި މިހްތަރު އެތަނުން ދިޔައެވެ.
މިހްތަރްއަށް ކުރިއަށް ނުދެވުނީ ބަލްޤިސް އައިސް ހުރަސް އެޅުމުންނެވެ. “މެޓް ތީ ދެން ކޮން ގޮތެއް އުޅޭކަށް. ބުނަން އާލިޔާ އެކުވެރިއެއްގެ ގޮތަށް މެޓްދެކެ ވަރަށް ލޯބިވޭ. އެހެންވީމަ ދެން ތި ރުޅިގަނޑު ފިނިކޮށްފަ އެންމެ ކުރިން އުޅުނުހެން އެކުވެރިން ގޮތުގަ އުޅެބަ. އޭރަށް އާލިޔާ އަދި މެޓްގެ ހިތަށްވެސް ހަމަޖެހުން ލިބޭނެ! އަހަންނަށް އިނގޭ ތި ހިތުގެ ކޮންމެސް ހިސާބެއްގަ އާލިޔާއަށް ޖާގައެއް ވާކަން. ލޯބިވެރިއެއް ގޮތަށް ނޫނަސް!” އެކުވެރިޔާއަށް ވިސްނައިދެވޭތޯ ބަލްޤިސް މަސައްކަތް ކުރިއެވެ. ބަލްޤިސްގެ ވާހަކަތަކަށް ތަސްލީންވެސް ތާއިދުކުރިއެވެ. ރުޅިގަނޑު ފިނިކޮށްފައި އާލިޔާއާއި އެކުވެރިންހެން އުޅުމަށް ތަސްލީންވެސް ބުންޏެވެ. މިހްތަރް ވަކި އެއްޗެއް ނުބުނެ ދިޔައީއެވެ.
ކުދިންތައް ނެތް ހަމަހިމޭންކަން އޮތް ހިސާބުގައި އާލިޔާއާއީ ދަހުލާން ހިނގަމުން ދިޔައެވެ. ދުލުން ވާހަކަ ނުދެކެވުނު ނަމަވެސް ހިތުން އެތައް ވާހަކައެއް ދެކެވެމުން ދިޔައެވެ. ފުރަތަމަ ނަޒަރުންވެސް ދެ މީހުންނަށްވެސް ދެ މީހުން ކަމުގޮސްފިއެވެ. އެކީގައި ހޭދަކުރެވުނު މަދު ވަގުތުުކޮޅުވެސް ޚާއްސަވިއެވެ.
ނުނިމޭ
5 Comments!
Comments are closed.
Salam dear readers here is the second part of Zakham. Hope u all enjoy reading.
Yaarabbee.haaaadha undhagoo names thakeh.vrh olhey undhagoo kiyan. haadha faadu ge names thakekey.??? Change kurevey kah ne??? Kailaan okay dhen haadha undhagoo names thakekey ??? please change..btw vaahaka hessa salhi ingey hama.hama enme thankolheh names thah ?? vrh rythi wow wow waiting ingey..lym sis
Varah varah reethi??????
maa sha Allah ❤❤❤❤❤❤❤
waiting for the next part???
Next part vrh avahah up kohla dhehchey…. ?♀️?
Varah majaaa