ޖަވާހިރު
މީހުން ބުނާތީ އަހަމެވެ. މީހެއްގެ ގޮތް އެނގޭނީ އެމީހަކާ އެކީ އެއް ތަނެއްގައި ދިރިއުޅެން ފެށުމުންނެވެ. މި ބުނުމަށް އަހަރެން މާބޮޑު ސަމާލު ކަމެއް ނުދެމެވެ. އަހަރެން އުޅެ ބޮޑުވީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ ގޮތުގައެވެ. ހަމަ އެހެންމެ، އަހަރެމެންނާ އާއިލާގެ އެހެން މީހުންނާ މާ ބޮޑު ގުޅުމެއް އެއް އިރެއްގައިވެސް ނޯވެއެވެ. އެކި މީހުން އެކި ތަންތާނގައި އުޅޭ އިރު ވާނީ ވެސް އެކަހަލަ ގޮތެކެވެ. ކޮންމެއަކަސް ބުނަން މިއުޅޭ ވާހަކައަކީ، އަހަރެން ދުވަހަކުވެސް މައިންބަފައިން ނޫން ބަޔަކާ އެކީ އެއްގެއެއްގައި ނޫޅޭ ވާހަކައެވެ. އަހަންނަށް ހަމައެކަނި ފެނިފައި ހުރީ އެދެމީހުންގެ އުޅުމެވެ. އެއީ ވަރަށް ސާދާ ބައެކެވެ. އާއިލާގެ އެހެން މީހުން ވަޒީފާއާއި ކިޔެވުމުގެ ކަންކަމުގައި މާލެއަށް ބަދަލުވި އިރުވެސް، އަހަރެންގެ މައިންބަފައިން ބޭނުންވީ ރަށުގައި ދިރިއުޅޭށެވެ. އެހެނޭ ކިޔާފައި އަހަންނަކީ ވަކި ދެރަ ތަޢުލީމެއް ލިބިފައިވާ މީހެއް ނޫނެވެ.
އަހަރެންގެ ވަޒީފާ ހަމަޖެހުނީ ރަށު އޮފީހުންނެވެ. ރަށުގެ އާބަދީގެ ގޮތުން، އެތާނގައި މަސައްކަތް ކުރަނީ ހައެއްކަ މީހުންނެވެ. އެގޮތުން، އެއްފަހަރަކު އޮފީސް ކަމެއްގައި މާލެ ދާން ޖެހުނެވެ. ދަތުރު ލިބުނީ އަހަންނަށާއި ރާއިދަށެވެ. ދެމީހުން މާލެއަށް ފުރީ ހުންނާނެ ތަނެއް ހަމަޖެހުމުންނެވެ.
އަހަންނަކީ މީގެ ކުރިންވެސް އެކި ފަހަރު މަތިން މާލެ އައިސްފައި ހުރި މީހެއް ކަމުން، މާލޭގައި އުޅެން އެނގެއެވެ. މަގުތައް ވެސް ހިތުދަހެވެ. މާލޭގައި އަހަރެންގެ ބައެއް ރައްޓެހިން ވެސް އުޅެއެވެ. މި ދަތުރު އައު ވީ ރާއިދަށެވެ. އޭނާއަށް އަހަރެން ވަރަށް ގިނަ އެއްޗެހި ކިޔައިދޭން ޖެހުނެވެ. އެކަމާ އަހަރެން ހުރީ ވަރަށް ފޫހިވެފައެވެ. ކިޔަވައިގެން ހުރި މީހަކާ ބަލާފައި ރާއިދެކޭ ކުޑަކުއްޖެކޭ ތަފާތެއް ނެތެވެ.
ނަމަވެސް އަހަރެންގެ “ފޫހި” މާލެ ދަތުރު ޝަޢުގުވެރި ވީ ތިންވަނަ ދުވަހެވެ. އަހަރެމެން އާއްމުކޮށް ކާން ދާ ރެސްޓޯރަންޓު ކުއްލި ގޮތަކަށް ބަންދު ކުރުމުން ޖެހުނީ ތަންކޮޅެއް ދުރުގައި ހުރި ތަނަކަށް ދާށެވެ. އެތަނުން އަހަރެންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކައުންޓަރުގައި އިން އަންހެން ކުއްޖާއެވެ. އެވަރުގެ ރީތި ކުއްޖެއް މީގެ ކުރިން އަހަންނެއް ނުދެކެމެވެ. މޭޒު ކައިރީ އިށީނދެފައި އަހަރެން ފަސްއެނބުރި އެތައް ފަހަރަކު ބެލީމެވެ. ނަމަވެސް އެކުއްޖާ އެންމެ ފަހަރަކުވެސް އިސްއުފުލާފައި ބަލައި ނުލިއެވެ.
“މާޒިން! އޭ! ތިވަރަށް ނުބެލިޔަސް ވެދާނެ އިނގޭ!” ދިމާ ކުރާ ރާގެއްގައި ރާއިދު ބުނެލިއެވެ. “މަށަށް ވެސް ވަރަށް ކަމުގޮސްފި އެ މަންޖެ. އެކަމަކު އަހަރެމެން ކަހަލަ މީހަކާ ދިމާލަށް ބަލާލާނެ ހެން ހީވޭތަ؟ ކައިރީގައި ހުއްޓަސް ހޭ ވެސް އަހައިނުލާނެ!” ރާއިދުގެ ބޭނުމަކީ އަހަރެންގެ ހިތް މަރައިލުން ކަމުގައި ވެދާނެއެވެ. ނަމަވެސް އަހަރެން އޭނާގެ ވާހަކައަކަށް ސަމާލުކަމެއް ނުދެމެވެ. އޭރު އަހަރެން ހިތުގައި ޢަޒުމެއް ކަނޑައެޅީމެވެ.
“އަހަރެން މިތަނުން ކައި ނިމިގެން ދާނީ އެކުއްޖާގެ ނަންބަރު ހިފައިގެން! ބަލާތި!” ޔަޤީންކަމާއެކީ އަހަރެން ބުނީމެވެ. ރާއިދު ޖަހައިލީ ހިނިގަނޑެކެވެ. އޭނާ މަލާމަތްކުރަން ފެށުމުން އަހަރެންގެ ޢަޒުމު އިތުރަށް ވަރުގަދަ ވިއެވެ.
ކައި ނިމިގެން ބިލް ދައްކަން އަހަރެން ދިޔައީ ސީދާ ކައުންޓަރަށެވެ. “160 ރުފިޔާ.” ބިލް އަހަންނާ ދިމާއަށް އަނބުރާލާފާއި ނިކަން ތޫލި އަޑަކުން އެކުއްޖާ ބުންޏެވެ. އަހަރެން ޖީބުން ވޮލެޓު ނެގީމެވެ. ރާއިދު ހުރީ ދުރުގައި ބަލާށެވެ. އޭނާގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.
“މުޅިން ސަކަރާތް!” އަހަރެން ޗޮކެއް ކަނޑައިލީމެވެ. “ވޮލެޓުގަ އިނީ އެންމެ 100 ރުފިޔާ. ރާއިދުވެސް އެ އައީ ވޮލެޓު ނުލާ. ދެން ކިހިނެއް ހަދާނީ؟” ބޯ ކަހަން އަހަރެން ހުރީމެވެ. އެވަގުތު އެކުއްޖާ ފުރަތަމަ ފަހަރަށް އަހަރެންގެ މޫނަށް ބަލައިލިއެވެ. “އެކަމަކު އަހަރެމެން އުޅޭ ތަން ވެސް ހުންނަނީ ވަރަށް ދުރުގަ. ހިނގާފަ މި އުޅެނީ ވެސް.. މީހަކަށް ގުޅަން ވީ ދޯ؟” އަހަރެން އެކަނިމާ އެކަނި ވާހަކަ ދައްކަމުން ދިޔަ އިރުވެސް އޭނާ ރައްދުގައި އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ބަލަހައްޓައިގެން ހުރީއެވެ.
ފޯނު ނަގާފައި އަހަރެން އަނެއްކާ ބޮލުގައި ފިރުމައިލީމެވެ. “ފޯނުވެސް ނިވިފަ މިއޮތީ. ރާއިދަކީ ފޯނު ގެންގުޅޭ މީހެއް ނޫން! ހާދަ ދެރަ ގޮތެކޭ މިވީ!”
“މީގެން ގުޅަންވީނު؟” އޭނާ އިޝާރާތްކުރީ އެތާ ހުރި އަތްގަނޑުލީ ފޯނަށެވެ. އަހަރެން ވަގުތުން އިންކާރު ކުރީމެވެ.
“މި ގުޅަން އުޅޭ މީހާ ނުނަގާނެ ފޯނެއް ތިކަހަލަ ނަންބަރަކުން ގުޅައިގެން!” އަހަރެން އިތުރު ބަހަނާތައް ދައްކަމުން ދިޔައިމެވެ. އެންމެފަހުން އަހަރެން ބޭނުންވި ގޮތަށް ވިއެވެ. އެކުއްޖާގެ ފޯނު ދަބަހުން ނަގާފައި ދިއްކޮށްލިއެވެ. އަހަރެން ވަގުތުން ހިފީމެވެ. އެހަނަސް އަހަރެން ޖެހީ ދެވަނަ މީހެއްގެ ނަންބަރެއް ނޫނެވެ. އަމިއްލަ ނަންބަރެވެ. މިސްޑް ކޯލެއް ދީފައި ވަގުތުން ކަނޑައިލީމެވެ. އެންމެފަހުން ރާއިދުވެސް އެތަނަށް އަރައި ހަމަކޮށްފިއެވެ.
“ކިހިނެއްވެގެންތަ މި ލަސް ވަނީ؟” ރާއިދު އަހައިލިއެވެ.
“މިއުޅެނީ.. މި.. އައްމަޑޭ ފޯނު ނިއްވާލައިގެން..” އަހަރެން އަޅައަޅައިގެންފައި ބުނީމެވެ.
“ކޮން އައްމަޑޭ އެއްތަ؟ އަދިވެސް ބިލް ނުދެއްކޭ؟ ނޫނީ މިހިރަ މަންޖެއަށް ކެޓެން ހުރީތަ މިހާއިރު ވަންދެން؟ މި މާޒިންމެން ނުވާނެ ރަނގަޅެއް!” ރާއިދު ޖީބުން ވޮލެޓު ނަގާފައި ފައިސާ ދެއްކިއެވެ. އޭރު އަހަރެން ބޭޒާރުވެ ނިމިއްޖެއެވެ. އިތުރަށް މަޑުނުކޮށް އަހަރެން އެތަނުން ނުކުތީމެވެ. އިރުކޮޅެއް ފަހުން ރާއިދު އައެވެ.
“ކޮބާ؟ އެކަން ވެއްޖެތަ؟ ނޫނީ އަހަންނަށް މި ފަނި ކޮށްލެވުނީތަ އެންމެ ފަހު ގަޑީގަ؟” އަހަރެން ސައިކަލު އިސްޓާޓު ކޮށްލުމުން ރާއިދު ފަހަތަށް އެރިއެވެ.
“އެކަން ވެއްޖެ. އެކަމަކު ކޯއްްޗެއްތަ ތި ހެދީ؟ އަހަރެން މުޅިން ލަދުބޭޒާރު ކޮށްލައިފި! ދެން ނުކެރޭނެ ނަންބަރު އޮތަސް ގުޅާކަށް. އެ މަންޖެގެ މޫނަށް ބަލައިލާކަށް ވެސް ނުކެރުން ތި ހެދި އެއްޗަކުން.” އަހަރެން ހުރިހާ ރުޅިއެއް ބޭލީ ރާއިދަށެވެ.
“އަޅެ މަށަށް އެބަ އިނގޭތަ؟ އެހެންނޫނަސް އޭނަ އިނީ ރަކި ފާޑަކަށް ހެވިފަ. ކުޑަކޮށް މަސައްކަތް ކޮށްލިޔަސް ސެޓް ވާނެ! ޔަޤީން! ތިކަން ވެއްޖިއްޔާ އަހަންނަށް ކެއުން އޮންނާނެ ދޯ.” ރާއިދު ޔަޤީންކަން ދިނުމުން އަހަރެންގެ އުއްމީދު އައުވިއެވެ.
މާ ގިނަ ދުވަހު މަޑުނުކޮށް އަހަރެން އެކުއްޖާއަށް ގުޅީމެވެ. ފޯނު ނެގުމުން ފުރަތަމަ ފަހަރު ކިޔާނެ އެއްޗެއް ނޭނގިގެން ކަނޑައިލީމެވެ. އަނެއްކާވެސް ގުޅީމެވެ. އެފަހަރުވެސް ބުނާނެ އެއްޗެއް ނޭނގިގެން ކަނޑައިލީމެވެ. ތިންވަނަ ފަހަރު ގުޅީ އެކޮޅުންނެވެ. އަހަރެން ދިޔައީ ސިއްސައިގެނެވެ.
“އަހަންނަށް އިނގެޔޭ ތީ ކާކުކަން!” އެއްކަލަ ތޫލި އަޑުން ބުނެލިއެވެ. އަހަރެން ހުރީ ހައިރާންވެފައެވެ. ނަމަވެސް އެފަހަރު ހިތްވަރު ކޮށްފައި ވާހަކަ ދެއްކީމެވެ.
“ސޮރީ އިނގޭ! މާ ރަނގަޅު ކަމެއް ނޫން ދޯ އަހަންނަށް ކުރެވުނީ.” ފުރަތަމަވެސް އަހަރެން މާފަށް އެދުނީމެވެ. އެއީ އޭނާގެ އިތުބާރު ހޯދަން އަހަރެން ބޭނުންކުރި އުކުޅެކެވެ.
“އޯކޭ ވާނެ. މިއީ ޝަފް އިނގޭ. ތީ..؟” ޝަފް އިސްވެ އަހަރެންގެ ނަން އެހިއެވެ. އޭރު އަހަންނަށް ރާއިދު ކުރިން ބުނި ވާހަކަ ގަބޫލުކުރެވެން ފަށައިފިއެވެ.
ޝަފްގެ އަސްލު ނަމަކީ ޝަފްގާއެވެ. އަހަރެމެން ދެމީހުން އެކި ދުވަސް މަތިން ގުޅައިގެން ވާހަކަ ދައްކަމުން ގޮސް ވަރަށް ގާތް އެކުވެރިންނަށް ބަދަލުވިއެވެ. ކޮންމެ ދުވަހަކު ކާން ދާ އިރު ދިމާވެސް ވެއެވެ. އޭނާ އަބަދުވެސް ހުންނަނީ ވަރަށް ރީތި ވެލައިގެންނެވެ. ކައިރީގައި ހުންނަ އިރު ދުވަނީ ވަރަށް މީރު ސެންޓެއްގެ ވަހެވެ. އެކަހަލަ އެތައް ސިފަތަކެއް ފެންނަން ފެށުމުން އަހަންނަށް ޝަފްގާދެކެ ލޯބިވެވުނެވެ. ނަމަވެސް އެވާހަކަ ނުބުނެވި އުޅެނިކޮށް އަހަރެމެންގެ އޮފީސް ދަތުރަށް ނިމުން އައިސްގެން އަހަރެން ފުރަން ޖެހުނެވެ.
ރަށަށް ގޮސްފައިވެސް ބަރާބަރަށް ޝަފްގާއަށް ގުޅަމުން ދިޔައިމެވެ. އަހަރެމެން އަބަދުވެސް ދައްކަނީ އެކަކު އަނެކަކު ވާހަކައެވެ. އެގޮތުން ޝަފްގާގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާއަކީ ވަރަށް ބައިވަރު ހުވަފެންތަކެއް ދެކެމުން އަންނަ ކުއްޖެކެވެ. ކުޑައިރު މާލެ ބަދަލުވި ގޮތަށް ކިޔަވައި ނިންމީ ވެސް މާލޭންނެވެ. މިހާރު އެއުޅޭ ވަޒިފާއަކީ ވަގުތީ ގޮތުން ދާ ތަނެކެވެ. އެއަށްވުރެ ރަނގަޅު ވަޒީފާއެއް ހޯދޭތޯ މަސައްކަތް ކުރަމުން ދާ ވާހަކަ ބުންޏެވެ.
އަހަރެންގެ ނަޒަރުގައި ޝަފްގާއަކީ އެންމެ ފުރިހަމަ އަންހެން ކުއްޖާއެވެ. އޭނާއަށް ކައްކަން ނޭނގޭ އެއްޗެއް ނެތް ކަމަށް ވެއެވެ. އޭނާއަކީ މުރާލި ކަމުގެ އިންތިހާއެވެ. ވަޒީފާގައި ބުރަކޮށް އުޅެފައި ގެއަށް ގޮސް ވެސް އެވަރަށް ގޭތެރޭގެ މަސައްކަތް ކުރެއެވެ. ގިނަ ފަހަރަށް އަހަރެން ގުޅުމުން އޭނާއަށް ފޯނު ނުނެގި ދަނީވެސް ކޮންމެވެސް ކަމެއްގައި ބުރަކޮށް އުޅޭތީއެވެ.
އަހަރެމެން ދެމީހުންގެ އެކުވެރިކަން އެކި ހަރުފަތްތައް ގިރާކުރަމުން ގޮސް އެންމެފަހުން ދެ ލޯބިވެރިންނަށް ބަދަލުވިއެވެ. އޭރު އަހަރެން އޮތީ ރާއިދަށް ކާންދޭން ޖެހިފައެވެ. އެދުވަހު ކާން ގޮސްފައި އެކި ވާހަކަ ދައްކަމުން ރާއިދު ވަރަށް މަޖާ އެއްޗެއް ބުންޏެވެ. “ދެން އެންމެ އަވަހަށް އޮންނާނީ ކައިވެނީގެ ސައި ދޯ!” އަހަރެންގެ ކޮނޑުގައި ޖަހައިލަމުން ރާއިދު ބުނެލި ވާހަކައިން އަހަރެންގެ ބޮލަށް ހާސްކަން ވެރިކުރުވިއެވެ.
ފުރަތަމަ ކަމަކަށް، އަހަރެންގެ ލޯބިވެރިއެއް ހުންނަ ވާހަކަ އަހަރެންގެ މައިންބަފައިންނަކަށް ނޭނގޭނެއެވެ. އަނެއްކޮޅުން، ޝަފްގާގެ މައިންބަފައިންނަކީ ކޮން ބައެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ކައިވެންޏާ ހަމައަށް ދެވޭނީ އެ ހުރިހާ ކަމެއް ފުރިހަމަ ވުމުންނެވެ. ނަމަވެސް ޝަފްގާއާ ކައިވެނި ކުރަން އަހަރެން ވަރަށް ބޭނުމެވެ. އެކަހަލަ ކުއްޖެއް ދެން އަހަންނަށް ނުލިބޭނެ ކަމަށް ސިކުނޑި ބުނަމުން ދިޔައެވެ.
އެދުވަސްވަރު މަންމަ މާ ގަދަޔަށް އުނަގަނޑުގައި ރިއްސައިތީ އުޅޭވަރުން މާލެ ދާން ބައްޕަ ނިންމިއެވެ. އަހަރެން ދެކުނީ އެއީ ރަނގަޅު ފުރުސަތެއް ކަމުގައެވެ. އެމީހުންނާ އެކީ އަހަރެންވެސް މާލެ ދިޔައީ އެހެންވެގެންނެވެ. ނަމަވެސް އަހަރެން ދާން އުޅޭކަން ޝަފްގާއަކަށް ނާންގަމެވެ. ބޭނުމަކީ އޭނާއަށް ސަޕްރައިޒެއް ދިނުމެވެ.
މާލެ ގޮސްފައި ދެވަނައަށް ވީ ދުވަހު މަންމަ ޑޮކްޓަރަށް ދައްކަން ދިޔައިމެވެ. ޑޮކްޓަރު މަންމަ ގާތުގައި ބުނީ މާ ބުރަކޮށް މަސައްކަތް ނުކުރަމަށެވެ. އަދި މާ ގިނަ ވަގުތު ކޮޅަށް ނުހުރުމަށް ވެސް ލަފާދިނެވެ. އެދުވަހު އަހަންނަށް ވިސްނުނީ އަހަރެންގެ ހަޔާތަށް އަންބަކު ގެންނަން ވަގުތު ޖެހިއްޖެ ކަމެވެ. އަހަރެންގެ އެއްވެސް ކަމެއް މަންމަ ލައްވާ އިތުރަށް ކުރުވާކަށް ބޭނުމެއް ނުވިއެވެ.
އެދުވަހު މަންމަ ގެއަށްލާފައި އަހަރެން މިސްރާބު ޖެހީ ޝަފްގާ އުޅޭ ރެސްޓޯރަންޓަށް ދާށެވެ. އެއީ އޭނަ ޑިއުޓީގައި އުޅޭނެ ވަގުތު ކަމަށް ބަލާފައި ދިޔައިރު އަހަންނަށް ލިބުނީ ހައިރާން ކަމެވެ. ޝަފްގާގެ ބަދަލުގައި އެތާ އިނީ އެހެން ކުއްޖެކެވެ. ކޮންމެއަކަސް އެކުއްޖާ ކައިރިން ޝަފްގާ ކޮބައިތޯ އަހައިލީމެވެ. އަހަންނަށް ލިބުނު އިތުރު ހައިރާން ކަމެކެވެ. “ޝަފްގާ މިތަނުން ކެނޑުންތާ ހަފްތާއެއް ވެއްޖެ.”
ވަގުތުން އަހަރެން ޝަފްގާއަށް ގުޅީމެވެ. “ޖޮބުން ކެނޑުން ވާހަކަ ބުނެވެސް ނުލާ. އަހަރެން މީ ވަރަށް ދުރު މީހެއްތަ؟” އަަހަރެން ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
“ނޫން.. މާޒިން ކައިރީ ބުނަން އުޅުނީ އެކަމަކު އަހަރެން ދެކެ ފޫހިވެދާނެތީ.. މާޒިން އަހަރެންދެކެ ލޯބިވީ އަހަންނަކީ ވަޒީފާއެއްގަ އުޅޭ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހުރި ކުއްޖަކަށް ވީމައެއްނު؟ ދެން ކުއްލިއަކަށް ވަޒީފާއިން ކެނޑުން ވާހަކަ ބުނީމަ..” ޝަފްގާގެ އަޑުގައި ވަނީ ހިތާމައެވެ.
“ޝަފް ކީކޭތަ ތި ކިޔަނީ؟ ކާކު ބުނީ އަހަރެން ލޯބިވީ އެހެންވެގެންނޭ؟ އަހަރެންގެ އަނގައިން އެއް އިރެއްގަވެސް އެހެން ބުނެވުންތަ؟” ސަބަބު އޮޅުންފިލުމުން އަހަރެންގެ ރުޅިގަނޑު ފިނިވެއެވެ. އަދި އޭނާއާމެދު ހަމްދަރުދީ ވެވުނެވެ.
“ނުބުންޏަސް އިނގޭ. މާޒިންއަށް އަހަރެން ކަމުދިޔައީވެސް ޑިއުޓީގަ އިންތަން ފެނިގެން… އެކަމަކު މިއަދު އަހަރެން މިއީ ގޭގަ އިންނަ މީހެއް. ނުދަން އެއްވެސް ތަނަކަށް. އަހަންނަށް އެއްޗެއް ލިބެނީ ބައްޕަ ދިނިއްޔާ.” ޝަފްގާ ކިޔައިދެމުން ދިޔައެވެ.
“ނޫން! އަހަރެން ޝަފްދެކެ ލޯބިވީ އެއްވެސް ޝަރުތަކާ ނުލާ. އަހަންނަށް ހެޔޮ ދުވަހަކު ވަޒީފާއަކަށް ނުދިޔަސް. އަހަންނަށް ޝަފް ބޭނުން އެއްޗެއް ގަތްދީގެން އުފަލުގަ ގެންގުޅެވޭނެ. އިރާދަކުރެއްވީތީ އަހަރެންގެ އެބަހުރި އެ ފެންވަރު.” އަހަރެން ބުނީމެވެ.
“ކީކޭ ތިބުނީ؟” ޝަފްގާ ހައިރާންވިއެވެ. އެވަގުތު އަހަންނަށް ބުނެވުނީ ކިހާވަރެއްގެ އެއްޗެއްކަން އެނގިގެން ހިންދިރުވައިލެވުނެވެ.
“އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ.. އަހަންނާ ބައްދަލުކުރެވިދާނެތަ؟ މިހުރީ މާލޭގަ. އަހަރެން ބޭނުން މިފަހަރު ޝަފް އިތުރު ބަޔަކަށް ވެސް ތަޢާރަފް ކޮށްދޭން.” ބުނަން ނުބުނަން ހުރެފައި އަހަރެން އެދުނީމެވެ. ޝަފްގާ އިރުކޮޅެއް ފަހުން ޖަވާބު ދިން އިރު ހީވީ އޭނާވެސް ހުރީ އެހާލަތުގައި ހެނެވެ.
ޝަފްގާ ވަޒީފާއިން ކެނޑުން ސަބަބެއް އަހަންނަކަށް އަހައިނުލެވުނެވެ. އެކަން ހަނދާންވީ ވެސް ފޯނު ކަނޑައިލި ފަހުންނެވެ. އެހެންކަމުން ފަހުން އެވާހަކަ އެހުމަށް އަހަރެން ގަސްދުކުރީމެވެ.
މަންމައާއި ބައްޕައަށް ޝަފްގާ ބައްދަލުކުރުވަން އަހަރެން ގެންދިޔައީ ލޮނުޒިޔާރަތް ކޮޅުގައި ހުރި ރެސްޓޯރަންޓަކަށެވެ. ފުރަތަމަ މަންމަމެން ގޮވައިގެން އެތަނަށް ގޮސްފައި ޝަފްގާއަށް ގުޅީމެވެ. އޭރު ޝަފްގާވެސް ހުރީ އެތަނާ ވަރަށް ކައިރީގައެވެ. އޭނާ ސިޑިން މައްޗަށް އަރައިގެން އައި އިރު އަހަރެންގެ ހިތުގެ ތެޅުން ދެގުނައަށް ބާރުވެފައި ވިއެވެ.
ޝަފްގާ ފެނިފައި އަހަރެންގެ މޫނު އަލިވެގެން ދިޔައެވެ. ހާސްކަން ފިލައިދިޔައެވެ. އޭނާ އާދައިގެ ހެދުމުގައި ހުއްޓައި ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ކުރިން އަބަދުވެސް ފެނިފައި ހުރީ ޔުނީފޯމުގައި ހުއްޓައެވެ. މިރޭ ޝަފްގާ މާ ނަލަ ކަމަށް ދައްކައެވެ. ޝަފްގާ ކޮންމެ އެއްޗެއް ލިޔަސް އޭނާއާ ގުޅޭނެއެވެ. އެއީ އެހާވެސް ރީތި ކުއްޖެކެވެ. އޭނާގެ ޤުދުރަތީ ރީތި ކަމަށް އެކަކުވެސް ދެބަހެއް ނުވާނެއެވެ.
އަހަރެން އިޝާރާތްކޮށްލުމުން ޝަފްގާ އަހަރެމެން ތިބި މޭޒަށް އައެވެ. އޭރު މުޅި ތަނަށް ވެރިވެގެން ދިޔައީ ޝަފްގާ ޖަހައިގެން ހުރި ހިތްގައިމު ސެންޓުގެ ވަހެވެ. އޭނާ އައިގޮތަށް މަންމަމެންނަށް ސަލާމް ގޮވައިލިއެވެ. އެ އަޑު އިވިފައި އަހަރެން ވަކިން އުފާވިއެވެ. ޝަފްގާގެ ކިބައިގައި ހުރި ރީތި ސިފަތަކަށް ހިތާހިތުން ތަޢުރީފު ކޮށްލެވުނެވެ.
އަހަރެންގެ މަންމައަށާއި ބައްޕައަށް ވެސް ޝަފްގާ ވަރަށް ކަމުދިޔައެވެ. އަހަރެން ކައިވެނީގެ ވާހަކަ ނުދައްކައި ހުއްޓާ އެވާހަކަ ފެއްޓީ ވެސް އެމީހުންނެވެ. އެވަގުތު ޝަފްގާގެ މޫނަށް ޖަންބު ކުލަ އެރިތަން އަހަންނަށް ފެނުނެވެ. އޭނާ އިނީ ވަރަށް ލަދުންނެވެ. ނަމަވެސް އަހަރެން ހާސްކަނޑާލައިފައި ކައިވެންޏަށް އެހީމެވެ. އަހަރެންގެ މަންމައާއި ބައްޕަގެ ހާޒިރުގައެވެ.
“އަހަރެން ވިސްނާލަން އަދި ދުވަސްކޮޅެއް ބޭނުން.” ރަކި ގޮތަކަށް ޝަފްގާ ޖަވާބު ދިނެވެ. ޝަފްގާގެ އެ ޖަވާބުން އަހަރެން ވަކި ހައިރާނެއް ނުވަމެވެ. މާޔޫސްއެއް ވެސް ނުވެއެވެ. އެއީ އަންހެން ކުއްޖެއްގެ ހަޔާތުގައި އަންނާނެ ކިހާ ވަރެއްގެ ކަމެއްކަން އަހަންނަށް އެނގެއެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ވިސްނަން ވަގުތު ބޭނުންވާނެކަން ވެސް އަހަންނަށް އެނގެއެވެ. އަނެއްކޮޅުން ޝަފްގާގެ މައިންބަފައިންނަށް އަހަރެން ތަޢާރަފް ކޮށްދިނުން ވެސް އޮންނާނެ ނޫންހެއްޔެވެ.
އޭގެ ދެދުވަސް ފަހުން ޝަފްގާ ގުޅާފައި އޭނާގެ ޖަވާބު ހާމަ ކުރިއެވެ. އެހެނަސް އޭގެ ކުރިން އެހެން ވާހަކަ ތަކެއް ދެއްކިއެވެ. “އަހަރެން ވަރަށް ލޯބިވޭ މާޒިން ދެކެ. އަދި އަހަރެން މާޒިންއާ އެކީ ހަޔާތެއް ފައްޓަން ވެސް ބޭނުން. އެކަމަކު.. އަހަރެންގެ މައިންބަފައިން ހިތްހަމައެއް ނުޖެހޭނެ އަހަރެން އެހެން ރަށަކަށް ދިރިއުޅުން ބަދަލު ކުރާކަށް. އަދި އަހަރެން މިއުޅޭ ގެއަކީ ވަރަށް ކުޑަކުޑަ ތަންކޮޅެއް. އިނދެގެން މިތާކު ނޫޅެވޭނެ. ދެން ކިހިނެއް ހަދާނީ؟”
“އަހަރެން ކޮންމެވެސް ގޮތެއް ވިސްނާނަން. މާލޭން ތަނެއް ކުއްޔަށް ވެސް ހިފިދާނެ އެއްނު؟ ސުވާލަކީ ޝަފް އަހަންނާ އިންނާނަން ހޭ؟” އަހަރެން ތަކުރާރު ކޮށްލީމެވެ.
“އާނ.” ޝަފްގާ ވަގުތުން ޖަވާބު ދިނެވެ. އެވަގުތު އަހަރެން ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއް ނޭނގޭ ހާލަތުގައެވެ. އަހަރެންގެ ހަޔާތަށް އަންނަން މިއުޅެނީ ރަންގަނޑެއް ކަހަލަ ކުއްޖެކެވެ. އެއީ ޖަވާހިރެކެވެ. ޝަފްގާގެ އެއްވެސް އުނި ސިފައެއް އަހަރެން ނުދެކެމެވެ. އެއީ ފުރިހަމަ ކަމުގެ ލާމަސީލު މިސާލެކެވެ. ޝަފްގާ ފެންނަ ކޮންމެ ފަހަރަކު ހީވަނީ ދެގޮތެއް ނުވާ ފުރިހަމަ ތަސްވީރެއް ފެންނަ ހެނެވެ. އެއީ އަނެއްކާ ހަޤީޤަތެއް ބާއޭ އެތައް ފަހަރަކު ހިތާ ސުވާލު ކުރެވެއެވެ. އަހަރެން މިހައި ނަސީބު ގަދަވީ ކޮން އިރަކު ހެއްޔެވެ؟
އަހަރެން ރަށަށް ފުރުމުގެ ކުރިން ޝަފްގާގެ މައިންބަފައިންނާ ބައްދަލުކުރީމެވެ. އަހަރެން އެގެއަށް ގެންދިޔުމުގެ ބަދަލުގައި، ޝަފްގާ އެމީހުން ގޮވައިގެން އައީ އަހަރެން ހުރި ތަނަށެވެ. ފުރަތަމަ އެވާހަކަ ބުނުމުން އަހަންނަށް އެހެން ކަހަލަ އެއްޗެއް ހީވިއެވެ. ނަމަވެސް އިންކާރެއް ނުކުރަމެވެ. އެއްގޮތަކުން އެއީ ޝަފްގާ ނިންމި ރަނގަޅު ނިންމުމެކެވެ. ސަބަބަކީ، އެމީހުންނާ އަހަރެންގެ މައިންބަފައިންނާވެސް ދިމާވުމެވެ.
ކަންދިމާކުރިގޮތުން ޝަފްގާގެ މައިންބަފައިންނަށްވެސް އަހަރެން ވަރަށް ކަމުދިޔައެވެ. އަހަރެމެން ދެމީހުންނާއި، ދެ ފަރާތުގެ އާއިލާ އެއްބައިވެގެން ކައިވެނި ކުރާނެ މުއްދަތެއް އެދުވަހު ކަނޑައެޅިގެން ދިޔައެވެ. މާލެއިން ތަނެއް ކުއްޔަށް ހިފަން ވަގުތު ބޭނުންވާނެތީ ކައިވެނި ކުރަން ހަމަޖެހުނީ އޭގެ 5 މަސް ފަހުންނެވެ. އެއީ އެންމެންގެވެސް ފަހުގެ ނިންމުމެވެ. އެދުވަހު އެއްކޮށް އަހަންނަށް ހުރެވުނީ ހުރިހާ ދަތްތަކެއް “ސޭލު އަޅުވައިގެންނެވެ”. އަހަންނަށް އިޙުސާސްވަމުން ދިޔައީ އަހަރެންގެ ހުވަފެން ޙަޤީޤަތަކަށްވާން ކައިރިވަމުންދާކަމެވެ.
ޗުއްޓީ ހަމަވެގެން އަހަރެން އެނބުރި ރަށަށް ދާން ޖެހުނެވެ. ދިޔަ ގޮތަށް އަހަރެން އުޅެންޖެހުނީ އަވަދިނެތި މާލެއަށް ބަދަލުވާން ކުރަން ޖެހޭ ކަންކަން ކުރުމުގައެވެ. އެންމެ މުޙިއްމުކަމަކަށް އަހަރެންގެ ވަޒީފާ މާލެއަށް ބަދަލުކުރަން ވަރަށް ގިނަ މަސައްކަތް ކުރަންޖެހުނެވެ. އެކި ފަރާތްތަކަށް ސިޓީ ލައި، ގުޅަން ޖެހުނެވެ. އެއަށްފަހު މާލެއިން ދެކޮޓަރީގެ ތަނެއް ކުއްޔަށް ލިބޭތޯ، ރައްޓެއްސެއްގެ އެހީއާއެކީ ކެނޑިނޭޅި އުޅެމުންދިޔައިމެވެ. ދެކޮޓަރީގެ ތަނެއް ހިފަން އަހަރެން ބޭނުންވީ، ފަހުންވިޔަސް މަންމަމެން މާލެއަށް ބަދަލުކުރުމުގެ ބޭނުމުގައެވެ.
އެއީ 2000ގެ ކުރީކޮޅު ކަމުން، މާލެއިން ތަނެއް ކުއްޔަށް ހޯދުން މާ އުނދަގޫ ކަމަކަށް ނުވިއެވެ. ހަފްތާއެއްގެ ތެރޭގައި ރަނގަޅު ތަނެއް ލިބިގެން، އަހަރެންގެ އެކުވެރިޔާ ގުޅިއެވެ. އެތަން ބަލައިލުމަށް ޝަފްގާވެސް ދިޔައެވެ. އޭނާއަށް އެތަން ކަމުދިޔުމުން ވަގުތުން އެތަން ނެގީމެވެ.
5 މަސް ދިޔައީ ލޯމަރާފައި ހުޅުވާހާ އަވަހަށެވެ. ނޭނގި ހުއްޓައި، ކައިވެނީގެ ދުވަސް އައިސް ޖެހުނެވެ. އޭރު އަހަރެން ހުރީ މަންމަމެން ގޮވައިގެން މާލޭގައެވެ. ކައިވެނީގެ ހަފްލާ މާ ކުލަގަދަކޮށް ބާއްވާކަށް އެކަކުވެސް ބޭނުމެއްނުވިއެވެ. އަހަރެމެން ކުޑަ ސައެއް ބޭއްވީ އަހަރެން ހިފި އެޕާޓުމަންޓު ހުންނަ ފަންގިފިލާގެ މަތީގައެވެ. އެ ކުޑަ ޙަފްލާއަށް ގިނައިން އައީ ޝަފްގާގެ ފަރާތުގެ މީހުންނެވެ. އާއިލާއާއި އެކުވެރިންނެވެ. އަހަރެންގެ ފަރާތުން އައީ ހައެއްކަ މީހުންނެވެ.
ޝަފްގާއާ ކައިވެނިކުރެވުމުން އަހަރެން ހުރީ “ހަތް އުޑު މަތީގައެވެ”. އެހާވެސް އުފާވެ، ހިތްހަމަޖެހިފައެވެ. އަހަރެމެންގެ ކައިވެނީގެ ފުރަތަމަ ތިން މަސް ދިޔައީ ވަރަށް އަމާން އޮމާންކޮށެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކު އުފާކޮށްދީ، ހިތްހަމަޖައްސައިދޭން އަމާޒު ހިފައިފައެވެ.
މަންމަ ކައްކާ އެއްޗެހި މަތިން ހަނދާންނެތޭހާ މީރުކޮށް ޝަފްގާ އަހަންނަށް ކައްކާފައި ކާންދެއެވެ. އޭނާ ކުރިން ބުނީ ތެދެކެވެ. އޭނާއަށް ކައްކަން ނޭނގޭ ހަމަ އެކައްޗެއް ވެސް ނެތެވެ. އަހަރެން އޮފީހުން އަންނަން ވާއިރަށް އެކި ދުވަހު ހުންނަނީ އެކި އެއްޗެހި ހަދާފައެވެ. އަދި އަހަރެން އައުމުގެ ކުރިން ޝަފްގާ ހުންނަނީ ވަރަށް ނަލަހެދިލައިގެންނެވެ. ހައްތާވެސް އަހަރެން ހިތްއެދޭ ސިފަތަކެވެ.
ކައިވެންޏަށް ތިން މަސް ވީއިރު، އަހަރެންގެ ސިކުނޑީގައި ބައެއް ސުވާލު އުފެދެން ފަށައިފިއެވެ. ޝަފްގާ އަދިވެސް ވަޒީފާއަކަށް ދާން ނޫޅެނީ ކީއްވެހެއްޔެވެ؟ ކުރިން އޭނާ ބުނެފައިވާ ގޮތުންނަމަ، އޭނާއަކީ ވަރަށް ގިނަ ހުވަފެންތައް ދެކޭ ކުއްޖެކެވެ. އެއްދުވަހަކު އަހަރެން ޝަފްގާއާ އެ ސުވާލު ކުރީވެސްމެއެވެ. އެއްގޮތަކަށްވެސް ޝަފްގާ ވަޒީފާއަކަށް ނުގޮސްގެން އަހަންނަށް ދަތިވެގެންނެއް ނޫނެވެ. އަހަރެން އެކަނި ވަޒީފާ އަދާކޮށްގެންވެސް އަހަރެމެންނަށް ފަސޭހައިން އެބައުޅެވެއެވެ. ފައިސާއަށް ދައްޗެއް ނުވެއެވެ. އަނެއްކޮޅުން، ރަށުން ބައްޕައަށް ލިބިފައި އޮތް ގޯއްޗެއް ކުއްޔަށް ދީފައި ހުންނާތީ، އެތަނުން ވެސް އަހަންނަށް ލިބެއެވެ.
ނަމަވެސް ޝަފްގާ މާނަ ނެގީ އެންމެ ގޯސްކޮށެވެ. “މިހާރު ފައިސާއަށް ދަތިވާން ފެށީތަ؟ ގައިމު މާޒިން ކުރިން ބުނި އަހަރެން ވަޒީފާއަކަށް ނުދިޔަސް މާޒިންއަށް ވަރިހަމައޭ. އެއަށްވުރެ ތަނަވަހޭ. ދެން ކީކޭ ތިކިޔަނީ؟” ޝަފްގާ އެނދުގައި އޮވެފައި އަނެއްކޮޅަށް ފުރޮޅިލިއެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން އަހަންނަށް ހާމަވިއެވެ.
“އެހެންނެއް ނުބުނަމެންނު؟ އަހަންނަކަށް އެއްވެސް ދައްޗެއް ނުވޭ. އަދި ނުވެސް ވާނެ އިރާދަ ކުރެއްވިއްޔާ. އެކަމަކު ޝަފް ކުރިން އެހެން ބުނީމަ.. ހަމަ އަހާލީ.” އަހަރެން ބޭނުންވީ ޖަވާބު ނުލިބުނުކަމުގައިވިޔަސް އެ މަޢުޟޫ އެހިސާބުން ނިންމައިލާށެވެ. ނަމަވެސް ޝަފްގާ ހުރީ އަދިވެސް ހިތްހަމަނުޖެހިފައެވެ. އެރޭ އަހަރެން އޭނާގެ ގައިގައި އަތްޖައްސައިލުމުންވެސް ދުރުކޮށްލިއެވެ.
އެރެއަށްފަހު ޝަފްގާ މުޅިން ބަދަލުވެގެން ދިޔަތަން އަހަންނަށް ފެނުނެވެ. އަހަންނާ އަނގައިންބުނުން މަދުކުރިއެވެ. އެތައް ފަހަރަކު މާފަށް އެދުމުންވެސް އޭނާގެ ރުޅި މަޑުވިހެނެއް ހިޔެއްނުވެއެވެ. އެގޮތުން، އެއްދުވަހަކު އަހަރެން އޮފީހުން އައި އިރު ޝަފްގާ ހުރީ ކާން ނުހަދައެވެ.
“ޝަފް! މިއަދު ކާއެއްޗެއް ނެތީތަ؟ ވަރަށް ހައި.” ޝަފްގާ ސޯފާގައި ޓީވީ ބަލަން އިންދައި އަހަރެން ގޮސް ކައިރީގައި އިށީނީމެވެ.
“ހުންނާނެ ކައްކާފަ. ދޭ އަޅައިގެން ކާން. ތީ ކުޑަކުއްޖެއް ނޫނެއްނު އަމިއްލައަށް އަޅައިގެން ނުކެވޭހާ!” އަހަރެންގެ މޫނަށް ބަލައިވެސްނުލައި ޝަފްގާ ބުންޏެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. ނަމަވެސް އިތުރު އެއްޗެއް ބުނެގެން ޝަފްގާ ރުޅިއަރުވާކަށް ބޭނުމެއް ނުވިއެވެ.
އެދުވަހު އަހަރެން ކެއީ އަމިއްލައަށް ތަށްޓަށް ބަތް އަޅައިގެނެވެ. އެއީ އަހަންނަށް އެއްވެސް ކަމެއްނޫނެވެ. އެކަން އެގޮތަށް ކުރަން އަހަރެންގެ ޝަކުވާއެއްވެސް ނެތެވެ. ނަމަވެސް އަހަންނަށް ކަމުނުދިޔައީ ޝަފްގާ ބުނި ރާގެވެ. އޭގެ ފަހުން ކަންކަން ދިޔައީ ގޯހުން ގޯހަށެވެ. އެއްބައި ދުވަސްދުވަހު ޝަފްގާ ހުންނަނީ ނުކައްކައެވެ. ބޭރުން ބަތްޕާރުސަލެއް ގެނެސްގެން ކާންޖެހޭ ދުވަސްތައް ދިޔައީ ގިނަވަމުންނެވެ. އެހެނަސް އަހަރެން ހުރީ ކެތްކޮށްލައިގެނެވެ. ޝަކުވާއެއް ނުކުރަމެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަންނަށް ދުވަހަކުވެސް ނުލިބޭނެ ފަދަ ރީތި ފަތްމިންޏެއް ލިބުމުން، މިވަރުގެ ކުޑަ ކަމެއްގައި ޒުވާބު ކޮށްގެން ދޫކޮށްލާކަށް ނުވާނެއެވެ. ދެވަނަ ފަހަރަށް އަހަރެން އެހާ ނަސީބުގަދަ ނުވެދާނެއެވެ. ނަމަވެސް އަހަރެންގެ ނަސީބު ހުރިގޮތް އޭރު އަހަންނަކަށް ނުވިސްނުނެވެ. އަހަރެން ހުރީ މުޅިން ކުށްހީއެއްގައެވެ.
ޝަފްގާ އަހަރެންގެ އަންނައުނު ދޮންނަނީ އޭނާ ހިތަށް އެރިއްޔާއެވެ. ބައެއް ދުވަސްދުވަހު އޮފީހަށްދާން ލާނެ އެއްޗެއް ނެތިގެން، އަހަރެން އަމިއްލައަށް ދޮންނަން ޖެހެއެވެ. ޝަފްގާ އޮންނާނީ ނިދާފައެވެ. ނޫނީ އިންނާނީ ޓީވީއަށް ދެލޯ ތަތްކޮށްލައިގެނެވެ. ނޫންނަމަ ކޮންމެވެސް ރައްޓެއްސަކާއެކީ ބޭރުގައެވެ. އަހަންނަށް މިކަންކަން ކިތަންމެ ކަމުނުދިޔަސް، އަދިވެސް ކެތްކޮށްލައިގެން ހުރީމެވެ. ނަމަވެސް އަހަންނަށް މިގޮތަށް ކެތްކޮށްލައިގެން، ދޫ ތަޅުއަޅުވައިގެން އުޅެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟
އެންމެފަހުން އަހަރެން އެންމެ ފޫހިވާ ސިފަތައް ޝަފްގާގެ ކިބައިން ފެންނަންފެށިއެވެ. އެއީ ނުސާފުތާހިރުކަމެވެ. ދެދުވަސް ވަންދެން ފެންނުވަރައި ޝަފްގާ ހުރެދާނެއެވެ. ނިދާހޭލާފައި ތަންމަތި އެޅުން ހުއްޓައިލިއެވެ. އަހަރެން އޮފީހުން އަންނަން އިރު ގޭތެރެ ހީވަނީ ގޮނޑެއްހެނެވެ. އެއްބައި ދުވަސްދުވަހު ނުހުރެވިގެން އަހަރެން އަމިއްލަ ދެއަތުން ގޭތެރެ ސާފުކުރަމެވެ.
ހެދުން ބާލާފައި ޝަފްގާ ހުންނަނީ ފާހަނާތެރެއަށް އުކާފައެވެ. އޭއްޗެހި ވެސް ނަގަން ޖެހެނީ އަހަންނަށެވެ. އެންމެފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ބަޑިފަޅައިގެންދިޔައެވެ. އެއީ އަހަރެން އިންތިހާއަށް ލޯބިވެގެން ކައިވެނި ކުރި ޝަފްގާ ނޫންކަން އެނގުމުން، އިތުރަށް ދެލޯ މަރައިގެން ހުންނާކަށް ބޭނުމެއްނުވިއެވެ. ކިތައްމެ ދުވަހަކު ލޯބިން ބުނެގެން ޝަފްގާ ލައްވައި އެކަންތައްތައް ރަނގަޅު ކުރެވޭތޯ ބަލައިފީމެވެ. އަހަރެން ބަލަމުން އައީ ރުޅި އިސްނުކުރެވޭތޯއެވެ. އަހަންނަށް ބުނެވޭ އެއްޗަކުން ޝަފްގާ ހިތުގަޖެހިގެން ގެއިން ނުކުމެގެން ގޮސްދާނެތީއެވެ. އެހެނަސް ކަންކަން ރަނގަޅު ކުރުމުގެ ބަދަލުގައި، އަހަންނަށް ފެންނަނީ ގޯހުން ގޯހަށް ދާތަނެވެ.
“ޝަފްގާ ހެޔޮނުވާނެ! ތިހާ ކަންނެތްވެގެން ކިހިނެއްތަ އުޅެނީ؟ ހަމަގައިމުވެސް މި ފެންނަ މަންޒަރުތަކުން އަހަންނަކަށް ނޫޅެވޭނެ ދެން! ޝަފްގާ ތިއީ އެއްވެސް ކަމެއްނުކޮށް ގޭގަ އިންނަ މީހެކޭ! އަހަރެން މިއީ ދުވާލުދާ ހަތަރުދަމު އޮފީހުގަ ބުރަކޮށް އުޅެފަ އަންނަ މީހާ! ގެއަށް އަންނަގޮތަށް ގޭތެރޭގެ ހުރިހާ ކަމެއްވެސް ކުރަންވީ އަހަރެންތަ؟ ތިއީ އަޅެ ކޮންކަހަލަ ކުއްޖެއް؟ ގައިމުވެސް އަހަރެން ލޯބިވި ޝަފްގާ ތިޔަށްވުރެ ހަރުދަނާވާނެ، މުރާލިވާނެ، ސާފުތާހިރުވާނެ!” ރުޅިއައިސްގެން އަހަރެން ބުނީމެވެ.
“މާޒިން ތިހާވަރުވާންޖެހޭ ކަމެއް އަހަންނަށް ކުރެވިއްޖެތަ؟” ޝަފްގާވެސް ލަވައިގަތީ ހަޅޭކެވެ. “ތިހާ ރުޅި އަންނަންޏާ އަހަރެން ވަރިކޮށްފަ ފޮނުވާލަންވީނު ދޯ؟ އަހަރެން މިއީ އެއްވެސް މީހެއްގެ އަޅެއް ނޫން. އެހެންނޫނަސް މާޒިންއެއްނު ކައިވެނި ކުރުމުގެ ކުރިން ބުނީ، މާޒިން އަހަރެންދެކެ ލޯބިވީ އެއްވެސް ޝަރުތަކާ ނުލައޭ؟ ހަނދާންވޭތަ؟ ދެން މިހާރު ކޮން ޝަރުތުތަކެއް ތިއީ؟” ޝަފްގާ އަބަދުވެސް ބުނާ އެތި ތަކުރާރުކޮށްލިއެވެ. އެއީ އޭނާ އަހަންނާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ.
“އަހަންނަށް ހެޔޮ! ދެން ނޫޅެވޭނެ! އަދި ބުނަން، މިއީ ޝަރުތުތަކެއް ނޫން. މިއީ ކޮންމެ އިންސާނެއްގެ ގައިގަ ހުންނަންޖެހޭ ސިފަތަކެއް. މި ސިފަތައް ޝަފްގާގެ ގައިގަ ނެތްކަން އަހަންނަށް މިއަދު ވިސްނިއްޖެ! އެހެންވީމަ ދެން އިތުރަކަށް..” އަހަރެން ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވަނީސް ޝަފްގާ ހަޅޭއްލަވައިގަތެވެ.
“އެެހެންވީމަ އަވަހަށް އަހަރެން ވަރިކުރޭ! ކީއްވެ ނުކެރިފަ ތި ހުންނަނީ؟” ޝަފްގާ ހީކުރީ އޭނާ ވަރިކުރަން އަހަންނަށް ނުކެރޭނެ ކަމަށެވެ. އެހެންކަމުން އޭނާ އުޅުނީ އޭނާގެ ގަދަކަން ދައްކާށެވެ.
ނަމަވެސް އަހަންނަކީ ޝަފްގާ ހީކުރާ ކަހަލަ ފިނޑިއެއްނޫނެވެ. އޭނާ ހީކުރާ ކަހަލައެވެ. އޭނާ ފަދަ ރީތި ކުއްޖެއް ލިބުމަކީ އަހަރެން ފަދަ މީހަކަށް މި ދުނިޔެމަތީގައި ލިބޭނެ “މުއުޖިޒާތެކެވެ”. އެހެންކަމުން، ޝަފްގާ ދޫކޮށްލުމަކީ އަހަންނަށް ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެން މިހާރު ޝަފްގާދެކެ އެއްކޮށް ފޫހިވެ ނިމިއްޖެއެވެ. ރީތި ކަމަކީ އެއްވެސް އަގެއްނެތް އެއްޗެއްކަން އަހަންނަށް މިއަދު ވިސްނިއްޖެއެވެ. އަދި ހަމައެކަނި ޝަފްގާގެ ރީތިކަމަށްޓަކައި، އަހަރެން ދެން އިތުރަކަށް އޭނާއާ އެކީ ނޫޅޭނެއެވެ.
އަހަރެންގެ އަނގައިން ނުކުތް ލަފްޒުން ޝަފްގާއަށް ލިބުނީ ބޮޑު ސިހުމެކެވެ. އޭނާގެ ދެލޯ ބޮޑުވެ، އަނގަ ހުޅުވިގެންދިޔަތަން ފެނުނެވެ. އެންމެފަހުން އޭނާ ގެއިން ނުކުމެގެން ދިޔައީ ރޮމުންނެވެ. އޭނާ ދިޔަތަން ފެނުމުން، އެވަގުތުކޮޅުގައި އަހަރެންގެ ހިތަށް ތަދުވިއެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޝަފްގާއަކީ އަހަރެން އެތައް ދުވަހެއް މަތިން ދެކުނު ހުވަފެނެކެވެ. އެ ހުވަފެން ކާމިޔާބު ކުރެވުން ދުވަހު އަހަންނަށް ހީވީ އަހަރެން ހާ ނަސީބުގަދަ މީހެއް މުޅި މި ދުނިޔޭގައިވެސް ނުހުންނާނެ ހެނެވެ. އަދި ޝަފްގާއާއެކީ ފުރަތަމަ ހޭދަވި މަދު ދުވަސްކޮޅު އަހަންނަށް އިޙްސާސްކުރެވުނު އުފާވެރި ލައްޒަތުގެ މަތިން ހަނދާނެއް ނުނެތޭނެއެވެ. ނަމަވެސް އޭނާގެ ޙަޤީޤީ އުޅުން އަހަންނަށް ރޭކާލީ އޭގެފަހުންނެވެ.
މިއަދު ވިސްނައިލުމުން، ޝަފްގާ ވަޒީފާއިން ކެނޑުން ސަބަބުވެސް އަހަންނަށް ސާފުވެއްޖެއެވެ. އެއީ އޭނާގެ ކަންނެތްކަމެވެ. ފަރުވާކުޑަކަމެވެ. ކުރިން ޝަފްގާ އަހަންނަށް ދައްކައިލީ ދަޅައެކެވެ. ފުރިހަމަ ތަސްވީރެއްގެ ފަހަތުގައިވެސް، އަޑިނޭނގޭ ކަންތައްތަކެއް ވާނެއެވެ. ތަސްވީރަކީ ހަމައެކަނި ލޯ ކުރިމައްޗަށް ފެންނަން ހުންނަ އެއްޗެކެވެ. ހަމައެގޮތަށް ބޭރުން މީހަކު ފެންނަ އިރު ހުންނަ ގޮތާއި، އެމީހަކު ގޭތެރޭގައި އުޅޭގޮތް ހާސްބައި ތަފާތުވާނެއެވެ. އަހަރެމެންނަށް ފެންނަނާނީ އެމީހަކު ދެއްކި އެއްޗެކެވެ. މީހުން ބުނަނީ ތެދެކެވެ. މީހެއްގެ ގޮތް އެނގޭނީ އެމީހަކާއެކީ އެއްތަނެއްގައި ދިރިއުޅެން ފެށުމުންނެވެ.
ކޮންމެއަކަސް މިއަދު އަހަންނަކީ އެހެން މީހެއްގެ ފިރިއެކެވެ. ދެކުދިންގެ ބައްޕައެވެ. ނާޒްލީއަކީ ޝަފްގާއާ ބަލާފައި، އޭގެ އިދިކޮޅެވެ. މުރާލިކަމުގެ އިންތިހާއެވެ. ދަރިންބެލުމުގައި ނަމޫނާ މަންމައެކެވެ. ދުވަހަކުވެސް އަހަންނަށް ބޭނުންވާ ކަމެއް ނުކޮށްދީގެން ބުނާކަށް ނުޖެހެއެވެ. އޭގެކުރިން އޭނާ ހުންނާނީ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދީފައެވެ. އަހަރެންގެ އުފަން ރަށުގައި، މައިންބަފައިންގެ ގާތުގައި އުޅެމުންދާއިރު، ނާޒްލީ އެމީހުންނަށްވެސް ނުލާހިކު ހެވެވެ. މަންމައަށް ނުކުރެވޭ ހުރިހާ މަސައްކަތެއް ކުރަނީ އޭނާއެވެ. ޝަފްގާއާ ބަލާފައި ބޭރުފުށުން އެހާ ރީތި ނުވިޔަސް، ހަޤީޤީ ޖަވާހިރަކީ ނާޒްލީއެވެ.
(ނިމުނީ)
One Comment
Comments are closed.
ފުން އިހުސާސެކޭ” އަށް ފަހު އައިޝާޝާގެ ވާހަކައެއް މިސައިޓުން ފެނުމުން ވަރަށް” ޝައުގުވެރިކަމާއެކު ކިޔާލެވުނު. ލިޔުމުގެ ފެންވަރު ވަރަށް ރަނގަޅު. އެކަމަކު ހިތާމަޔާއެކު ބުނެލަން ޖެހެނީ “ކަލާ”ގެ ނަޒަރުގައި މީ ހަމަ ޓިޕިކަލް ދވެހި ވާހަކައެކޭ. މީއެއްގޮތަކަށްވެސް ދެރަކޮށްލުމުގެ ގޮތުން ބުނެލި އެއްޗެއް ނޫން. އިޚުލާސްތެރި ހިތަކުން ހެޔޮ ނިޔަތުގައި ބުނެލި އެއްޗެއް