
ހީވޭ ހިތް ބުނާހެން 5
“ޝަނާ، އަސްލުވެސް ބޭބީއެއް ބޭނުންތަ؟” އަސަދު އަހާލިއެވެ.
“އަސަދުއަށް ޔަގީން ނުވަނީތަ؟ ބޭބީއެއް ބޭނުން ނުވާ ނަމަ ބޭސް ކެއުން ހުއްޓައެއް ނުލާނެއެއްނު؟” ޝަނާޒް ބުންޏެވެ.
“އެކަމަކު… ޝަނާ ބުނީމެއްނު…؟” އަސަދު ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. ކައިވެނި ކޮށްގެން ގިނަ ދުވަސްތަކެއް ނުވެ ޝަނާޒް ބުނި ބަސް ހަނދާން ކުރަމުން އަސަދު އަހާލިއެވެ.
“އޭރު އެހެން ބުންޏަކަސް މިހާރު އަހަރެން އެ ގޮތަކަށް ނުވިސްނަމޭ… އޭގެ ފަހުން ކިތަށް އަހަރު ވެއްޖެ މިހާރު؟ ކީއްކުރަން އޭރުގެ ވާހަކަ ދައްކަނީ؟” އަސަދުގެ މޭގައި އަތްތިލަ ޖައްސާލަމުން ޝަނާޒް ބުންޏެވެ.
“އައި ލަވް ޔޫ…” ޝަނާޒް ގައިގައި ބައްދާލަމުން އަސަދު ބުންޏެވެ.
ބަލަން އިން ފިލްމުގައި ވީ އެއްވެސް ގޮތެއް އިޔާދުއަކަށް ނޭނގެއެވެ. ކުރިމަތީ ހުރި ބޮޑު ޓީވީއާ ދިމާއަށް ބަލަން އިން ނަމަވެސް އޭގެން ދައްކަމުން ދިޔަ އެއްވެސް މަންޒަރެއް އިޔާދުއަކަށް ނުފެނެއެވެ.
ޓީވީ ނިއްވާލާފައި އިޔާދު ތެދުވިއެވެ. ހިތާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތަކުން ސަލާމަތް ވުމަށް އިޔާދު ބޭނުން ވީ މާލޭގެ މަގުތަކުގައި ދުއްވާށެވެ. ޑްރެސިންގ ޓޭބަލް މަތީ އަތް ޖައްސާލާފައި ސައިކަލު ތަޅުދަނޑީގައި އަތް ނުޖެހުމުން ބޮކި ދިއްލާލިއެވެ. ތަޅުދަނޑި ވީ ނަޒީމް އަތުގައި ކަން ހަނދާން ވުމުން ހިތް ހަމަ ނުޖެހިފައި ފާރުގައި އަތުން ޖަހާލެވުނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އިޔާދު ކޮޓަރިން ނިކުމެގެން ގޮސް އަސަދުގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ.
އެކަކު އަނެކަކުގެ އަތުތެރޭ ތިބި ޝަނާޒްއާ އަސަދު އެކީގައި ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ.
“ދޮންބޭ…؟” ޖަވާބެއް ނުލިބުމުން ދެވަނަ ފަހަރަށްވެސް ޓަކި ޖަހާލަމުން އިޔާދު ގޮވާލިއެވެ.
“ދޭބަލަ…” ދުރަށް ޖެހިލަމުން ހިނި އައިސްފައި ޝަނާޒް އަސަދުއަށް ބުންޏެވެ.
ހިތްހަމަ ނުޖެހިފައި ހުރެ އަސަދު ތެދުވެގެން ދިޔައީ، ޖަވާބެއް ނުލިބެނީސް އިޔާދު ނުދާނެ ކަން އެނގޭތީއެވެ.
“ކިހިނެއް ވީ؟” ދޮރު ކައިރިއަށް އައިސް އަސަދު އަހާލިއެވެ.
“ދީބަލަ ދޮންބެ ސައިކު ކީ” އިޔާދު ބުންޏެވެ.
އަސަދު ދޮރު ހުޅުވާލާފައި އިޔާދުއަށް ބަލާލިއެވެ.
“ކޮބާ އިޔާދުގެ ސައިކަލު؟” އަސަދު އެހިއެވެ.
“ނަޒީމް އަތުގަ، ދެން ދީބަލަ” އިޔާދު ބުންޏެވެ.
“މި ގަޑީގަ ކޮން ތާކަށް ދާން” ގަޑިން ދޭއް ޖަހަން ކައިރި ވެފައި ހުރުމާއެކު އަސަދު އަހާލީ ކޮއްކޮއާ މެދު ކަންބޮޑު ވެގެންނެވެ.
“ތާކަށް ދާކަށް ނޫން… ދުއްވާލަން ދާން ހަމަ…” އިޔާދު ޖަވާބު ދިނެވެ.
“އިޔާ…” އަސަދު ކޮޓަރިން ނިކުމެ ދޮރު ލައްޕާލިއެވެ.
“ދޮންބޭ… މިއަދު އަހަރެން ޒައިނާއާ އޭނަގެ ބޭބީ ދެކުނިން…” އިޔާދު އިސް ޖަހާލަމުން ބުނެލީ، އަސަދު ސުވާލު ކުރުން ހުއްޓާނުލާނެ ކަން އެނގޭތީއެވެ.
“އިޔާ…” ކޮއްކޮގެ ކޮނޑުގައި ހިފާލަމުން އަސަދު ގޮވާލިއެވެ.
“ދޮންބޭ، އަހަރެން… އަހަރެން…” ބުނަން އުޅެނީ ކީކޭ ކަން ޚުދު އިޔާދުއަކަށްވެސް ނޭނގެއެވެ.
“ޒައިނާއަށް ހެދުނު ގޮތާ މެދު ގިލްޓީ ވަނީތަ؟” އަސަދު އަހާލިއެވެ.
“ނޭނގެ… ކީ ދޭނަންތަ؟” އަސަދުގެ އަތް ދުރަށް ޖައްސާލަމުން ދުރަށް ޖެހިލާފައި ކުއްލިއަކަށް އިޔާދު އަހާލިއެވެ.
“މި ދެނީ” އިޔާދުގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި އަސަދު ބުންޏެވެ.
މާލޭގެ މަގުތަކުގއި އެތައް އިރަކު ސައިކަލު ދުއްވުމުންވެސް އިޔާދުގެ ސިކުނޑިއަކަށް ލުޔެއް ނުލިބުނެވެ.
ބުރާސްފަތި ދުވަހު އޮފީހުން ގެޔަށް އައިސް ކުޑަ ދަބަހަކަށް ދެ ދުވަހަކަށް ބޭނުން ވާނެއެއްޗެހި އަޅާ ތައްޔާރު ވެގެން ދައުހާ ކޮޓަރިން ނިކުތް އިރު އަމީރާ ސިޓިންގރޫމްގައި އިނެވެ.
“މަންމާ، އުނދަގުލެއް ނުވާނެތަ އަހަރެން ދިޔަޔަސް؟” ދައުހާ އަހާލިއެވެ.
“ކޮން އުނދަގުލެއްތަ ވާނީ؟ ދޮންތަވެސް އޮފް ދުވަހެއް މާދަމާ އަކީ. ދެން އަވަހަށް ދޭ، ޒައިނާ މިހާރުވެސް ހުންނާނީ ދަރިފުޅު ލަސް ވެގެން” އަމީރާ ބުންޏެވެ.
“ބައްޕަ އައިމަ ބުނެދޭތި އަހަރެން ދިޔަ ވާހަކަ. ކޮބާތަ ނާބެ؟” ދައުހާ ބޭރަށް ނިކުތެވެ.
“އަހަރެން ބޭރުގަ ހުންނަތާ ކޮން އިރެއް މިހާރު؟” ނާއިލް ބުނެލިއެވެ.
“އަޅެ، ފަހެއް ނުޖަހަނީސް މި އަންނަނީޔޭ ބުނި މީހާއަށް އަދި ކިރިޔާތަ ތި އާދެވުނީ؟ ކޮން އިރެއް މިހާރު އަހަރެން ދައުގެ އިންތިޒާރުގަ ހުންނަތާ؟” ދައުހާ ފެނުމާއެކު ސިޓިންގރޫމގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒައިނާ ޝަކުވާ ކޮށްލިއެވެ.
“ސާބަސް! ގެޔަށް ވަން އިރަށް ތި ފެށީ ޝަކުވާ ކުރަން، އޮފީހުން އައި ގޮތަށް ސައިވެސް ނުބޮއެ މިއައީ މި ގެޔަށް، ޒައި ލަސް ވެގެން އުޅޭނެތީ. އެ ވަރުންވެސް ރަނގަޅެއް ނުވިއެއްނު؟ ނަޝީއްތަވެސް ބުނާނެ އަހަރެން ނާންނަ ވާހަކަ، ކިހިނެއް އަންނާނީ ފެންނަ އިރަށް ޝަކުވާ ކުރަންޏާ؟” ދައުހާ ވަން ގޮތަށް އަދާ އުރާލަމުން ބުންޏެވެ.
“ތި ދެ ކުދިންގެ މެދުގަ ކުރާ ޒުވާބުގެ ތެރެއަށް މަންމަ ނުވައްދާ، ދެން ސައި ހަދަންތަ ނަންނާ؟” ސޯފާއިން ތެދުވަމުން ނަޝީލާ އެހިއެވެ.
“ސައިވެސް ނުބޮއެތަ ތީނީ؟” ދައުހާ އަހާލިއެވެ.
“އާނ، ދައު އައިމަ ދައުއާ އެކީ ސައި ބޯން ވެގެން މަޑުކޮށްލީ” ޒައިނާ ތުން ދަމާލިއެވެ.
“އޯހ، މާ ބޮޑަށް ބަނޑުހައި ވީމަ ދޯ ތަންކޮޅެއް ޝަކުވާ ގިނަވީ؟ ސޮރީ އިނގޭ. އޮފީހުން ނިކުމެވުނީ ތަންކޮޅެއް ލަހުން ވީމައޭ މިހެން މިވީ” ދައުހާ ބުނެލިއެވެ.
“ދެން އޯކޭ، ހިނގާ އަވަހަށް ސައި ބޯން. މިއަދު ދައު އަންނަ ވާހަކަ ބުނީމަ މަންމަ އެބަ ހުރި ރިހަ ފޮޅި ހަދާފަ” ޒައިނާ ބުންޏެވެ.
ސައި ހަދާފައި ނަޝީލާ އައިސް އަދާ އުރާލުމުން ދެ އެކުވެރިން ސައި ބުއި ގޮތަށް ވަނީ ޒައިނާގެ ކޮޓަރިއަށެވެ. ނަމާދު ވަގުތު ޖެހެން ދެން ދެކެވުނީ އަޒްމަންއާ ނިހާންގެ ވާހަކައެވެ.
“އަޅެ، އަހަރެން ހިތަށް އަރާ ދައު އަހަރެންގެ ފަހަރިއަށް ވާ ނަމައޭ، އޭރުން ކިހާ މަޖާ ވާނެ؟” ޒައިނާ ބުނެލިއެވެ.
“ތިކަން ވާނީ ޒައިގެ ދޮންބެ ގޮތް ދޫކޮށްގެނެއްނު؟” ދެރަވެފައި އިނދެ ދައުހާ ބުންޏެވެ.
“އިރާދަ ކުރެއްވިއްޔާ އަދި ދޮންބެ ގޮތް ދޫ ކުރާނެ، ދައު ދެރަ ނުވޭ” ޒައިނާ ހިތްވަރު ދިނެވެ.
އަށެއް ޖެހުމުން އަދާ ނިންދަވަން ވެގެން ޒައިނާ އިށީނެވެ. އޭރުވެސް ދައުހާ އެކި ވާހަކަ ދެއްކުމުގައި ޒައިނާ ކައިރީ އިނެވެ.
އަށްގަޑި ބައި ވުމުން ނަޝީލާ، އަދާ ނިދައިފިތޯ ބަލާލަން އައި އިރު ޒައިނާ، އަދާ އެނދުގައި ބޭއްވީއެވެ. ޒައިނާއާ ދައުހާ، ނަޝީލާގެ ފަހަތުން ނިކުތް އިރު ނަވާޒްއާ އާހިލްއާ ރިޔާންއާ ރާއިދު ތިބީ ކާމޭޒު ދޮށުގައެވެ.
“އަދިވެސް ނިހާން ނާންނަނީތަ؟ މިރޭ ހާދަ ލަސް ވެއްޖެޔޭ ދޯ” އެ ވަގުތު ކޮޓަރިން ނިކުތް ވަސީމް އަހާލިއެވެ.
“މިރޭ ތަންކޮޅެއް ލަސް ވާނެ ވާހަކަ ނިހާން ގުޅާފަ ބުނި، ވަސީމް ދެން ކާން ވީނު؟ ނިހާން އަންނަން ދެން މަޑު ކުރަން ވެއްޖެއްޔާ މާ ލަސް ވެދާނެ” ނަޝީލާ ބުންޏެވެ. އަދި ވަސީމް އިށީނުމުން ބަތް އަޅައިދޭން ކައިރި ވިއެވެ.
ނިހާން ގެޔަށް އައީ ނަޝީލާއާ ނަބާހާއާ ޒައިނާއާ ދައުހާ ކައި ނިމެން އުޅެނިކޮށެވެ.
“އާދޭ އަވަހަށް ބަތް ކާން” ނިހާން ފެނުމާ އެކު ނަޝީލާ ބުންޏެވެ.
ދައުހާ ފެނުމުން ފިޔަވަޅު މަޑު ވެލި ނަމަވެސް ނިހާން އައިސް ޒައިނާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. ޒައިނާއަށް ހުރިހާ ކަމެއް އެނގުނު ފަހުން ޒައިނާއާ ދައުހާއާ ނިހާން އެއްތަންވި އެއީ ފުރަތަމަ ފަހަރެވެ. ނިހާންއަށް ޒައިނާއާ ދިމާއަށް ބަލާލަންވެސް ނުކެރުނެވެ.
ކައި ނިމިގެން ތެދުވަން ދެންވެސް ނަޝީލާ ބުނި އެއްޗަކަށް ޖަވާބެއް ދިނުމަށް ނޫނީ ނިހާން އަނގައިންވެސް ނުބުނެއެވެ. ވީހާވެސް އަވަސް ކޮށްލައިގެން ނިހާން ތެދުވިއެވެ.
“މިރޭ ދޮންބެއަށް ކިހިނެއް ވެފަ އެ އިނީ؟” ނިހާން ދިޔުމުން ނަބާހާ އަހާލިއެވެ.
“މާ ބަސް މަދު ވެފަ އިނީ ދޯ؟ ވެދާނެ އޮފީހުގަ މާ ބުރަ ވީމަ ވަރުބަލި ވީ ކަމަށް” ނަޝީލާއަށްވެސް އެކަން ފާހަގަ ކުރެވުނެވެ.
ދައުހާއާ ޒައިނާ އެކަކު އަނެކަކަށް ބަލާލިއެވެ.
އެގާރަ ގަޑި ބައި ވީ އިރުވެސް ޒައިނާއާ ދައުހާ ތިބީ ނުނިދާ ވާހަކައިގައެވެ. ސިޓިންގރޫމްގެ ޓީވީ ނިއްވާލި އަޑު އިވުމާއެކު ދައުހާ ތެދުވެ އިށީނެވެ.
“އެ ދަނީ ނިދަން ދޯ؟” ދައުހާ އަހާލިއެވެ.
ޒައިނާ ބޯ ޖަހާލިއެވެ.
“ޔަގީންތަ ނިހާންއަކަށް ނޭނގޭނެ ކަން އަހަރެން މި ގޭގަ ހުރި ކަން؟” ދައުހާ އަހާލިއެވެ.
“ނޭނގޭނެ، މަންމަ ކައިރީވެސް އަހަރެން ބުނީ ހަވީރު، އޭރު ދޮންބެ ނެތެއްނު ގޭގަވެސް؟ ދެން ފަހުން ކެއި ގޮތަށް ދޮންބެ އެރީ މައްޗަކަށްނު؟” ޒައިނާ ބުނެލިއެވެ.
“އޯކޭ… އަދި އިރުކޮޅަކުން ދޯ ދާންވީ؟” ފުން ނޭވައެއް ލާފައި ދައުހާ އަހާލިއެވެ.
ދައުހާއަށް ނިހާންއާ ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދުމުގެ ގޮތުން ޒައިނާއާ ދައުހާ ނިންމީ އެންމެން ނިދުމުން ދައުހާ ނިހާންގެ ކޮޓަރިއަށް ގޮސް ވާހަކަ ދެއްކުމަށެވެ.
ދައުހާގެ ސުވާލުގެ ޖަވާބެއްގެ ގޮތުން ޒައިނާ ބޯ ޖަހާލިއެވެ.
ފަނަރަ ވަރަކަށް މިނަޓް ފަހުން ދައުހާގެ އަތުގައި ކޮއްޓާލަމުން ޒައިނާ މައްޗަށް އިޝާރާތް ކޮށްލިއެވެ. ނަމަވެސް ދައުހާ ފަސް ޖެހުނެވެ.
“ދޭބަލަ ދެން” ޒައިނާ ބުންޏެވެ.
“ނިހާން ރުޅި އައިއްސިއްޔާ؟” ދައުހާ އަހާލިއެވެ.
“ދެން… ދޮންބެ ނާންނާނެ ރުޅިއެއް. ދޭބަލަ، ތިހާ ފިނޑި ވެގެން ކަންތައް ވޭތަ؟ ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު؟” ޒައިނާ ބުންޏެވެ.
“އޯކޭ އޯކޭ. މި ދަނީ” ދައުހާ ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ދެ ފަރާތް ބަލާލިއެވެ.
“އެހެން މީހާކު ނިކުމެއްޖެއްޔާޔޯ؟” އަނެއްކާވެސް އެތެރެއަށް ވަންނަމުން ދައުހާ އަހާލިއެވެ.
“ސާބަސް، ނިދަން ވަދެފަ ދެން އެކަކުވެސް ނުނިކުންނާނެ، ދޭބަލަ ދެން. އެހެން ނޫނީ އާދޭ ދެން ނިދަން، ދައު އަކަށް ނުވާނެ ތި ކަމެއް” ޒައިނާ އެހެން ބުނެލީ، އެހެން ބުނުމުން ދައުހާ ދާނެ ކަން އެނގޭތީއެވެ.
“ވިޝް މީ ލަކް!” ދައުހާ ބުނެލިއެވެ.
“ގުޑް ލަކް” ޒައިނާ ބުނެޏެވެ.
ކޮޓަރިން ނިކުމެ ދޮރު ލައްޕާލާފައި ދައުހާ މަޑުމަޑުން ގޮސް ސިޑިން އަރަން ފެށިއެވެ. ނިހާންގެ ކޮޓަރީގެ ކުރިމަތީ މަޑުކޮށްލާފައި ދައުހާ ފުން ނޭވައެއް ބޭރުކޮށްލިއެވެ. ދޮރު ދަށުން ނިދާ ބޮކީގެ ފަނޑު އަލި ފޭދިފައި ހުރި ނަމަވެސް ނިހާން އަދި ނުނިދާ ކަން ދައުހާއަށް ޔަގީން ވީ ކޮޓަރި ތެރެއިން އަޑު އިވޭތީއެވެ.
ބާރުބާރަށް ތެޅެމުންދާ ހިތުގެ އަޑު އެހެން މީހުންނަށް ނީވޭ ބާއޭ ހިތަށް އަރާ އެއް އަތް މޭގައި ޖައްސާލަމުން ދައުހާ ލޯ މަރާލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ލޯ ހުޅުވާލާފައި ދައުހާ އެ ދޮރުގައި ޓަކި ޖަހާލިއެވެ.
ފެން ވަރައިގެން ނިކުމެ ނިދަން އޮށޯންނަން ތައްޔާރު ވި ނިހާން، ޓަކި ޖެހި އަޑު އިވުމުން ހުއްޓި ބަލާލިއެވެ. ދެ ވަނަ ފަހަރަށްވެސް ޖަހާލުމުން އެ ގަޑީގައި އަންނާނީ ނަވާޒްއޭ ހުތަށް އަރާފައި ނިހާން ގޮސް ދޮރު ހުޅުވާލިއެވެ.
“ކިހިނެއްވީ ނަވާ—؟” އެހެން އަހާލަމުން ދޮރު ހުޅުވާލުމާ އެކު ނިހާން ގަނޑުވި ކަހަލައެވެ.
“ދައު…؟” ގަބޫލު ނުކުރެވިފައި ހުރި ހެން ނިހާން އަހާލިއެވެ.
ނިހާން ބަލަން ހުންނަން ފެށުމުން ދައުހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
“ދައު… މިގޭގަ… މި ގަޑީގަ ކީއް ކުރަނީ؟” ނިހާންއަށް ސުވާލު ކޮށްލެވުނީ އިރުކޮޅެއް ފަހުންނެވެ.
ދައުހާ ޖަވާބެއް ނުދީ ގޮސް ނިހާންގެ އެނދުގައި އިށީނެވެ. ދައުހާއާ ދިމާއަށް ބަލަން ނިހާން ދޮރު ކައިރީ ހުއްޓެވެ. ދެ މީހުންވެސް ދުރުގައި ތިބެ އެކަކު އަނެކަކަށް ބަލަމުން ދިޔައެވެ.
ދައުހާ ނިހާންގެ އެނދުގައި އިށީނދެ އިން ގޮތުން ނިހާން ހަނދާން ވީ ޝަނާޒް މަތިންނެވެ. އަހަރުތަކެއް ކުރިން އެރޭ ޝަނާޒްވެސް އިނީ ހަމަ އެ ގޮތަށް ނިހާންއާ ދިމާއަށް ބަލާށެވެ.
ޝަނާޒްއާ ދައުހާ ކިހާ ތަފާތު ހެއްޔެވެ؟ ޝަނާޒް އަބަދުވެސް ހުންނާނީ މަޑުމަޑުންނެވެ. ރުޅި އައުމަކީ ޝަނާޒް ނުވެސް ދަންނަ ސިފައެއް ފަދައެވެ. ހީ ސަމާސާ ކޮށް، ސަކަރާތް ޖެހުމަކީ، އެ ކަމުގައި ބައިވެރި ވުމަށް ވުރެ ދުރުގައި ބަލަން ހުރުމަށް ޝަނާޒް ބޭނުންވާ ކަންތަކެވެ.
އެއާ ޚިލާފަށް ދައުހާއަކީ އަބަދުވެސް ސަކަރާތް ޖަހާލަ ޖަހާލާ ހުންނަ ކުއްޖެކެވެ. ނިހާންގެ ކޮއްކޮމެންވެސް ތިބެނީ ދައުހާ ފެނިއްޖެ ނަމަ ތިބެނީ އަބަދު ދައުހާއާ ދިމާކޮށްލާ ސަމާސާ ކޮށްލަކޮށްލައެވެ. ދައުހާވެސް އެ މީހުންގެ ސަކަރާތުގައި ބައިވެރި ވެއެވެ.
ދައުހާ އެ ގަޑީގައި އެގޭގައި ހުރުމުން، ދޭތެރެއަކުން ދެ ދުވަހެއް ވަރު ވަންދެން އެ ގޭގައި ހުންނަން އަންނަ ހެން އެރޭވެސް އައީ ކަން ނިހާންއަށް އެނގުނެވެ. ހައިރާން ވީ ކުރިން އެ ކަން ނިހާންއަށް އެނގިފައި ނެތުމުންނެވެ.
އެރޭ އެ ވަގުތު ނިހާންއާ ދައްކަން އައި ވާހަކައިންނާ، ފުރަތަމަ ފަހަރަށް ދެ މީހުން އެކަނި ބަންދު ކޮޓަރިއެއްގެ ތެރޭގައި ތިބެވުނު ކަން އިހުސާސް ކުރެވުމުގެ އިތުރުން، ހަމަ އެކަނި ނިދަން ލާ ދޫ ހަރުވާޅެއް ލައިގެން ހުރި ނިހާން ދައުހާއާ ދިމާއަށް ބަލަން ހުރި ގޮތުން ކުރިއަށް ވުރެވެސް ދައުހާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ހާސް ވީ ނަމަވެސް ނިހާން ގާތު ދައްކަން އައި ވާހަކަ ދައްކާފައި ނޫނީ އެރޭ ނުދާން ދައުހާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ.
ދައުހާއަށް ވަމުން ދިޔަ ގޮތް ނިހާންއަށް ފާހަގަ ކުރެވުނެވެ. ކަންބޮޑުވެގެން ދެއަތް ދެ އަތާ މޮޑެމުން، ތުންފަތުގައި ދަތް އަޅާލަ އަޅާލާ އިން ދައުހާގެ ތުންފަތް ރަތް ވަމުން ދިޔަ ތަން ފެނުމުން، ފުރަތަމަ ފަހަރަށް ނިހާންއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން އުނދަގޫ ވިއެވެ. އިޚްތިޔާރަކާ ނުލާ ދައުހާއާ ކައިރިއަށް ދެ ތިން ފިޔަވަޅު އަޅާލެވުނެވެ.
ނަމަވެސް ނިހާން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ. ދެ އަހަރު ވަންދެން ދައުހާގެ އެދުމަށް ދެކޮޅު ހަދަމުން ދިޔަ ސަބަބު ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ދެ ފަރާތަށް ބޯ ހަލުވާލުމާ އެކު ހުރި ހިސާބުގައި ހުއްޓުނެވެ.
އެ ދެ މީހުންގެ ގުޅުމަކަށް ދައުހާގެ އާއިލާ އިން ދުވަހަކުވެސް ގަބޫލެއް ނުވާނެއެވެ. އެ ފަދަ ވާހަކައެއް އަޑު އިވިއްޖެ ނަމަ ނިހާންގެ މަންމައާއި ބައްޕަވެސް ހީކުރާނީ ކީކޭ ހެއްޔެވެ؟ ދައުހާއަކީ ޒައިނާ ވަރުގެ ކުއްޖެކެވެ.
“ކީއްވެ ހުއްޓުނީ؟” ދައުހާއާ ދިމާއަށް އައިސްއައިސް ހުރި ނިހާން ހުއްޓުމުން ދައުހާ އަހާލިއެވެ.
ނިހާން ޖަވާބެއް ނުދިނެވެ.
“ބައެއް ފަހަރު ހީވޭ ނިހާން އަހަރެން ދެކެ ބިރު ގަންނަ ހެންވެސް” ދައުހާ ބުނެލިއެވެ.
“އަހަރެން ބިރު ގަންނަނީ ކޮށްގެން ނުވާނެ ކަމެއް ކުރެވިދާނެތީ” ނިހާން ދުރު ބަލާލަމުން ބުންޏެވެ.
“އެހެން ވީމަ ނިހާންއަށް ގޮތެއް ނުވާތީއެއް ނޫން ދޯ ދުރުގަ ހުންނަނީ؟” ދައުހާ އަހާލިއެވެ.
“ދައު… މި ގަޑީގަ ކީއް ކުރަން ތި އައީ؟ މަންމަ މެންނަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ؟ މީ އެހާ ރަނގަޅު ގޮތެއް ނޫން” ކަން ބޮޑުވެފައި ހުރި ނިހާން އަތުން އިސްތަށިގަނޑު ހާވާލިއެވެ.
“އަހަރެން އައީ ވާހަކައެއް ދައްކަން ބޭނުން ވެގެން. ނިހާން ބުނެބަލަ، ކިހާ ދުވަހެއް ވަންދެން ދެކޮޅު ހަދާނީ؟ އަހަރެން ލައްވާ ކިހާ ދުވަހެއް ވަންދެން އާދޭސް ކުރާނީ؟” ދައުހާ ވަހަކަ ދެއްކީ މަޑުމަޑުންނެވެ.
“އަހަރެން ކިހާ ވަރަކަށްތަ ދައު ކައިރީ ބުނާނީ ތި ވާހަކަ ނުދައްކާށޭ؟ އަހަންނަށް ދައު ބޭނުން ޖަވާބެއް ނުދެވޭނެޔޭ؟ ދައު ކީއްވެތަ ގަބޫލު ނުކުރަނީ؟ ދައުއާ އަހަރެން ގުޅޭކަށް ދައުގެ ފެމިލީ އިން ގަބޫލެއް ނުވާނެ، ކީއްވެތަ އެ ކަން ދައުއަށް ނުވިސްނެނީ؟” ނިހާން ދައުހާއަށް ޖަވާބު ދިނީ ސުވާލުތަކެއްގެ ގޮތުގައެވެ.
“ކީއްވެތަ ނިހާންއަށް ތިހެން ހީވަނީ؟ އަހަރެންގެ މަންމަމެން އަހަރެންގެ އުފަލަކަށް ހުރަހެއް ނާޅާނެޔޭ ނިހާން. ކީއްވެތަ ގަބޫލު ނުކުރެވެނީ؟” ދައުހާ އަހާލިއެވެ.
“ދައުއަކަށް ނުވިސްނޭނެ… އަހަރެން މީ ދައުއާ ބަލާފަ މާ ދޮށީ މީހެއް. އެއްވެސް މީހަކު ގަބޫލެއް ނުވާނެ—” ނިހާން ބުނަން އުޅުނު ޖުމްލަ މެދުކަނޑާލަމުން ދައުހާ ވާހަކަ ދައްކަން ފެށިއެވެ.
“އަހަންނަށް ހެވޭ މަންމަ ގަބޫލު ނުވިޔަސް، ހެޔޮ އެންމެން ދެކޮޅު ހެދިޔަސް” ދައުހާ އަޑަށް ބާރު ލަމުން ބުނެލިއެވެ.
ނުނިމޭ
7 Comments!
Comments are closed.
Salaam, kiyaalaafa comment kohlahchey. Next part on Sunday. Have a great weekend!!
Wow it was very nice and when is the next part? By the way I am first?
Dear Marshaaaa…. Viyas ga next episode upload vaaaanyyy.. varah inthizaaaru kurevey eba..
ވަރަށް ރީތި ވާހަކަ އެއް މިއީ! 6 ވަނަ ބަޔަށް އިންތިޒާރު ކުރަން!???
Varah reethi??maa sha Allah?waiting for the next part❤❤
Ma sha allah.
❤?Vrh rythi
Thank u hurihaa kudhin. Part 6 now uploaded