ފޯނު ކަނޑާލި ދީނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަމުން ދިޔައެވެ. އެންމެ ގާތް އެކުވެރިޔާ އޭނާއާ މުހާތަބު ކުރިގޮތުން އެހިތުގައި އެތައް ވޭނެއް އަޅަމުން ދިޔައެވެ. ހިތަށް ކެތް ނުވުމުގެ ސަބަބުން އެނދަށް ވެއްޓިގަނެފައި ހުއްޓާނުލައި ދީނާ ރޮމުން ދިޔައެވެ.

***

”އާދޭ އަރަން. ދައްތަމެން ގެންގޮސްދޭނަން ގެޔަށް.” އިރާދާ ކާރުގެ ކުރީ ސީޓުގައި އިނެ އެހެން ބުނެލީ ދަބަސް ހިފައިގެން ހިނގައިގަތް އިކާލްއަށާއި ފާއިޒްއަށެވެ. ހިނގާފައި ދާހިތް ނުވެފައި ތިބުމުގެ ސަބަބުން ދެމީހުންވެސް ގޮސް ކާރަށް އެރީ އަދި އިރާދާގެ އެދުމަށް ދެކޮޅުނުހަދަން ވެގެންނެވެ.

”އިކާލްގެ ގެޔަށް ފުރަތަމަ މިދަނީ.” އިރާދާއަށް ހުއްޓާ ނުލައި ބެލެމުން ދިޔައީ އިކާލްގެ ކައިރިއެވެ. މޫނުމަތިން މާޔޫސްކަން ނޫން އިތުރު އެހެން އެއްޗެއް ފެންނަން ނެތް އިރު ތުންފަތުގައި ހިނިތުންވުމެއް ވެސް ނެތެވެ. އިކާލްގެ މޫނުމަތި ފެނިފައި އިރާދާގެ ހިތަށް ގޮތެއްވެގެން ދިޔައިރު އޭނާގެ ހިތުގެ އެއްކަނަކުން އިކާލްއަށް ކަމެއްވެއްޖެކަމުގެ ސިގްނަލް ދޭން ފެށިއެވެ.

”ނޫން. އަހަރެން ދާނީ ފާއިޒްގެ ގެޔަށް.” ބޭރު ބަލަން އިނެ އިކާލް އެހެން ބުނެލިއިރު އަޑުގައި އެއްވެސް ޖޯޝެއްނެތެވެ. މަޑުމޮޅިކަމާއިއެކު އިކާލް އެހެން ބުނެލިއިރު ފާއިޒްވެސް އިނީ އޭނާއާ ދިމާލަށް ބަލާށެވެ. ނަމަވެސް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިކާލް އެމީހުންގެ ގޭގައި މަޑުކުރަން އުޅޭތީއެވެ. ހިތްއުފަލުން ނަށާލި ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިތް މޯޅިވީ އިކާލްއަށް ވެފައި އިން ގޮތް ސިފަވުމުންނެވެ.

އިކާލްއާއި ފާއިޒް ގެޔަށް ލުމަށްފަހު އިރާދާ ދެން މިސްރާބު ޖެހީ އެމީހުންގެ ގެޔަށް ދިޔުމަށެވެ. އޭރު ކާރު ތެރޭގައިވަނީ ހަމަހީމޭންކަމެވެ. ދެމީހުންގެ ސިކުނޑިވެސް ފުރާލެވިފައިވީ އެކި އެކި ހިޔާލުތަކުންނެވެ. ރާކިންގެ ސިކުނޑީގައި ރާޔާ ނޫން އެހެން އެއްޗެއް ނެތް އިރު އިރާދާގެ ސިކުނޑި ވަނީ އިކާލްގެ ހިޔާލުތަކުން ފުނިޖެހިފައިއެވެ. އިކާލްއަށް ވެފައި އިން ގޮތް ބަލައިލުމުގެ ޝައުގުވެރިކަން އިންތިހާ ދަރަޖައަށް އުފެދިފައިވުމުގެ ސަބަބުން އޭނާ ދުއްވަމުން ދިޔައިރު އެކަމަށްވެސް ސަމާލުކަން ދެވެނީ މަދުފަހަރަކުއެވެ.

”މަންމާ. ކޮބާ ބައްޕަ؟ އަހަރެން ހީކުރީ ބައްޕަވެސް އަންނާނެ ކަމަށް.” ރާކިން ވަރަށް ދެރަވެލާފައި އެހެން ބުނެލީ އިރާދާގެ މޫނަށް ފުން ނަޒަރެއް ދެމުންނެވެ.

”ބައްޕަ އަންނާށޭ ހުރީ. އެކަމަކު ސުކޫލަށް ދާން ޖެހުނީމަ ދިޔައީ.” އިރާދާ ވިކާޝްއަށް ވީ ގޮތް އޮޅުންފިލުވައިދިނެވެ.

”ދަރިފުޅާ. އިކާލްއަށް ކީއްވެފަ އެއިނީ އެހައި ނެގިމަޑުވެފަ. ވަރަށް ދެރަވެފަ އިންހެން ހީވަނީ. ކިހިނެއްވީ އަނެއްކާ؟” އިރާދާ އޭނާގެ ހިތުގައި އުފެދިފައި އިން ސުވާލު ބޭރުކޮށްލިއިރު ރާކިން އިނީ އެސުވާލުގެ ސަބަބުން ރުޅިއައިހެވެ. އިކާލް ކާރަށް އެރުވުމުންވެސް އޭނާގެ ރުޅި ހިފަހައްޓާލެވުނީ ހަމަ ކިރިޔާއެވެ. އަނެއްކާ އެރުޅި މަޑުނުވެ އުޅެނިކޮށް އެސުވާލު ކުރުމުން އޭނާގެ އަތް ގޮށް މުއްކެވިގެން ދިޔައެވެ. ނަމަވެސް ދެން އިރާދާއަށް ނުކިޔާދީ ނުވާނެ ކަން އެނގުމުން ރާކިން އެރަށުގައި ވީ ކަންތައް އިރާދާއަށް ކިޔާދޭން ފެށިއެވެ. ނަމަވެސް އެކަން ކުރީ ރާޔާ ކަމެއް އެންމެ ފަހަރަކުވެސް ރާކިން ނުބުނެއެވެ. ރާޔާ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް އޭނާއަށް އަދިވެސް ގަބޫލުނުކުރެވޭތީއެވެ.

”ހާދަ ދެރައޭ. ކާކު ބާ އެކަން ކުރީ؟” އިރާދާގެ ހިތުގައި ފުރަތަމަ ފަހަރަށް އިކާލްއާ މެދު ހަމްދަރުދީ އުފެދުނެވެ. އެކެއްގެ ވެސް ލޯބި ނުލިބުމުން ވާނެ ގޮތް އޭނާ ވެސް ވަނީ ވަރަށް ރަނގަޅަށް ތަޖުރިބާ ކޮށްފައިއެވެ.

”ހޫ ނޯސް.” ރާކިން ވަރަށް ކުރު ޖަވާބެއްދީފައި ބޭރު ބަލަން ފެށީ އިތުރަށް އެވާހަަކަ ނުދައްކަން ވެގެންނެވެ.

***

ގެޔަށް ވަތް ފާއިޒްއާއި އިކާލްއަށް އެންމެ ފުރަތަމަވެސް މަރުހަބާ ކީ ގޭތެރޭގެ ފަޅުކަމެވެ. އޭގެ ދެވަނަ ސިކުންތުގައި ދެމީހުންގެ ސިކުނޑީގައިވެސް ކޮށްޓަން ފެށީ ފަޒާގެ ހިޔާލުތަކެވެ. އެހިޔާލުތަކުން ދެމީހުންނަށްވެސް ކިތަންމެ އުނދަގޫވި ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އެޅެވޭތޯ ބެލިއެވެ. ”އިކާލް. ރާކިންއަށް ކީއްވެގެންނޯ މިއަދު އެއުޅުނީ؟ ކަލޭ އާ ވާހަކަވެސް ދައްކާ ނުލައި ދޯ.” ފާއިޒް ހުރިހާއިރު ހިފަހައްޓާލައިގެން ހުރި ވާހަކަ ބުނެލީ އޭނާގެ އެއްބުމަ އަރުވައިލަމުންނެވެ.

”ރާޔާގެ ވާހަކަ ދެއްކި ފަހުން އޭނާއަށް އައި ބަދަލެއް އެއީ. ފާއިޒް އެތާ އިނެފަ ބުނީ މެއްނު ރާޔާ ލޯބިވަނީ މަދެކެ އޭ. މަށަށް ހީވަނީ އެހެންވެ ހެން. އޭގެ ފަހުން އޭނާ މަށަކާ ވާހަކައެއް ނުދައްކާ. ދޭން ނޭނގޭ ވެގެން އުޅޭ ގޮތެއް.” އިކާލް އޭނާއަށް އެނގުނި އެއްޗެއް ބުނެފައި ދަބަސް ހިފައިގެން އޭނާ އެންމެ ކުޑައިރުން ސުރެ އުޅުނި ކޮޓަރިއަށް ވަނީ އަރާމުކޮށްލުމުގެ ބޭނުމުގައިއެވެ. ނަމަވެސް ހަގީގަތުގައި އޭނާ ބޭނުންވީ އޭނާއަށް ވެފައި ހުރި ގޮތް ފާއިޒްއަށް ފޮރުވާށެވެ. އަދި އޭނާގެ ސަބަބުން އިތުރު މީހަކަށް ބުރައެއް ނުޖައްސާށެވެ.

***

ނިދާ އިންޖަކްޝަން ޖެހުމުގެ ސަބަބުން ނިދާފައި އޮތް މާއީއަށް ހޭލެވުނީ ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭރު މީހާ ވަނީ ބަނޑުހައި ވެގެން ހާންތިވާ ވަރުވެފައިއެވެ. ނަމަވެސް މާއީގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އޭނާއަށް ކެއުން ވެސް ވީ ދަތިކަމަކަށެވެ. އަދި ބަނޑަށްވެސް ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ. މައިޝްވެސް މާއީއަށް ވެފައި އޮތްގޮތް ފެނިފައި ބުނާނެ އެއްޗެއް ނޭނގިފައި ހުރީއެވެ. ނާޒްވެސް މާއީ ފެނުމާއިއެކު ރޯން ފެށި މީހަ ހުއްޓާލީވެސް އެތައް އިރެއް ފަހުންނެވެ.

”މާއީ. އިކާލްމެން މިއަދު ހެނދުނު ފުރާފި.” މައިރާ ތައްޓަކަށް ފެން އަޅާފައި މާއީއަށް ދޭން އުޅުނެވެ. ނަމަވެސް އޭނާއަށް ބުނެވުނި އެއްޗަކުން މާއީގެ އަރުތެރެއަށް އިތުރު އެއްޗެއް ނުވެސް ލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަނެއްކާވެސް އެނދުގައި އޮށޯވެލީ ހިތަށް ކެތް ނުކުރެވުމުންނެވެ.

”އިކާލް ދިޔުމުން އަހަރެންނަށް މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އިކާލް ގާތު ދާންވެސް ބުނީ އަހަރެން ނޫން ހެއްޔެވެ. ދެން އަހަރެންގެ ހިތަށް މިހާ ތަދު މިވަނީ ކީއްވެ ހެއްޔެވެ؟ ހިތަށް ހަމަޖެހުމެއް ނުލިބިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ އިކާލް އެއީ އަހަރެންގެ ރައްޓެއްސަކަށް ވީ އިރު އަހަރެންގެ ގާތުގައި ވުމަށް އެދެވެނީ ކީއްވެ ހެއްޔެވެ؟ އިކާލް ދެކެ އަހަރެންނަށް އަނެއްކާ ލޯބިވެވުނީ ހެއްޔެވެ؟ ނޫނެކެވެ. އިކާލްވެސް އަހަންނާމެދު އެހެންނެއް ނުދެކޭނެއެވެ. ދެން އަހަރެން އިކާލް އާ މެދު އެކަހަލަ ގޮތަކަށް މިދެކެވެނީ ކީއްވެ ހެއްޔެވެ؟ އިކާލް ދިޔުމުން މި ހިތް މާޔޫސްވެގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ މި ދެލޯ އިކާލް ދެކިލުމަށް އެހައި ވަރަށް އެދެނީ ކީއްވެ ހެއްޔެވެ؟ އިކާލްގެ މޭގައި ބޯއަޅައިލައިގެން އޮވެ ރޯލަން ބޭނުންވަނީ ކީއްވެ ހެއްޔެވެ؟ ” މާއީގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައިއެވެ. އޭނާ އަދިވެސް އިކާލްދެކެ އޭނާއަށް ވަނީ ހަގީގީ ތެދުވެރި ލޯބިވެވިފަކަން ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

***

މައިރާގެ އެދުމުގެ މަތިން މައިޝްވެސް އަރާމުކުރުމުގެ ގޮތުން ހެނދުނު ވަނީ ގެޔަށް ގޮހެވެ. ނަމަވެސް ގޭގަ އެކަނި ކޮޓަރީގައި އޮވެ އޭނާއަށް އެއްވެސް އަރާމެއް ނުލިބުނެވެ. ދަންވަރު ހޭލާ އިން ނަމަވެސް ލޮލަށް ކުޑަކޮށްވެސް ނިދިވެސް ނައެވެ. އޭނާގެ ސިކުނޑީގައި ވަނީ އިކާލް އާއި މާއީގެ ހިޔާލުތަކެވެ. އިކާލްގެ ލޮލުން މާއީއަށްޓަކައި ތެދުވެރި ސާފު ލޯބި ފެނިގެން ދިޔައިރު މާއީ ދޫކޮށްލާފައި ދާން ޖެހުމުން އެދެލޮލުން މައިޝްއަށް ފެނިގެން ދިޔައީ ހިތާމަ ނޫން އެހެން އެއްޗެއް ނޫނެވެ. އެދެލޮލުން ފޭބި ކަރުނަތައް އެކަމަށް ހެކި ދެމުން ދިޔައިރު އެމަންޒަރު ހިތަށް ސިފަކުރެވުނަސް މައިޝްގެ ހިތަށް ތަދުވެއެވެ. ބޭބެއެއް ގޮތަށް ދެކެމުން އައި މީހެއް ރޯތަން ބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ.

***

މުފީދާއަށް އަދިވެސް ވިސްނެމުން ދިޔައީ އިކާލްއާ މެދުއެވެ. އިކާލްގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔަ މަންޒަރު ބަލަން އޭނާ އެރޭ އެތަނުގައި ހުރީ ފެންކަޅިވެފައިވި ދެލޮލުންނެވެ. އިކާލް ރޮމުން ދިޔަ މަންޒަރު ބަލަން ހުރި އިރު އޭނާގެ ހިތުގަިއވެސް ރިއްސަން ފެށިއެވެ. ނަމަވެސް އިކާލް ގާތު މާއީ އާ ދުރުވާން ބުނީވެސް މާއީއަށް އިތުރު ގެއްލުމެއް ލިބެން ބޭނުން ނުވާތީއެވެ. އެއްވެސް ގޮތެއްގައި ފޮނުވާލަން ބޭނުންވާތީއެއް ނޫނެވެ.

އޭނާގެ މުޅި ހަޔާތުގައި ވެސް ފިރިހެނަކު ރުއި ތަން އެފެނުނީ މުޅިން އަލަށެވެ. އެތައް އިރެއް ވަންދެން އިކާލް ރުއިތަން ބަލަން ހުރެވުނީވެސް އެހެންވެއެވެ. ނަމަވެސް އެރޭ އެތަނުގައި ހުރި އިރުވެސް އޭނާގެ ހިތް އަމުރުކުރަމުން ދިޔައީ އިކާލްއަށް ހިތްވަރު ދިނުމަށް ދިޔުމަށެވެ. އެހެންނަމަވެސް އެހިތްވަރެއް އޭނާއަށް ނުލިބުނީ އިކާލް ރޮމުން ދިޔަވަރުންނެވެ. ހަގީގަތުގައިވެސް އެހިތުގައި އެތައް ޒަހަމެއް، ފާރެއް ލެވިފައި ވާނެކަން މުފީދާގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް ދެން އޭނާއަށް އިތުރު ކަމެއް ކުރެވެން ނެތްކަން އެނގުންވުމުން އޭނާގެ ހިތުގައިވެސް ރިއްސާލިއެވެ.

”މަންމާ.” ހިޔާލަކަށް ގެއްލިފައި ހުރި މުފީދާ ސިއްސައިގެން ދިޔައީ މައިޝް އޭނާގެ ގައިގައި ކޮއްޓާލުމުންނެވެ.

”މަންމާ. ތިއްތަ އެގޮތަށް އޮންނަތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ. މަންމާ. އަހަންނަށް ފެނުނި އިކާލްބޭގެ ލޮލުން ތިއްތައަށްޓަކައި ސާފު ލޯބި. އެދެލޮލުން ތިއްތައަށްޓަކައި އެތައް ކަރުނައެއް އެޅި. މަންމާ. އަހަރެންގެ މިދެލޮލުން ދުށިން. އަހަރެން ކައިރިއަށް އައިސް ކަރުނަ އަޅައި ރުއި. މަންމާ ދެން ކިހިނެއް ހަދާނީ. ހާދަ އިންސާފެއް ނެތް ގޮތަކަށޭ އިކާލްބެ އާ މެދު ކަންތައްތައް އެ ވަނީ. ފާއިޒްބޭ ބުނި އިކާލްބޭގެ މަންމަ ވީ ތަނެއްވެސް ނޭނގޭ. ފާއިޒްބޭގެ މަންމަ އޯ އިކާލްބޭ ބެލީވެސް. އަދި ދެންމެ ދޮންތަ ގުޅާފައި ބުނި ތިއްތަ އަނގައަށް އެއްޗެއް ނުވެސް ލިޔޯ އިކާލްބޭ މެން ފުރި ވާހަކަ ބުނީމަ. އޮއްތި ގޮތަށް ނުވެސް ތެދުވިޔޯ. އަހަރެންނަށް ހަމަ ޔަގީން ތިއްތަވެސް ލޯބިވަނީ އިކާލްބެ ދެކެ ކަން. އެކަމު ހިޔެއް ނުވޭ ތިއްތަ އެކަން ގަބޫލުކުރަން ބޭނުންވާ ހެނެއް.” މައިޝް އޭނާއަށް އެނގުނު ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔައިރު އޭނާއަށް ނޭނގުނުކަމަކީ މުފީދާއަށް ވެސް އެހުރިހާ ކަމެއް އެނގޭކަމެވެ.

”ދަރިފުޅާ. މަންމައަށްވެސް އިނގޭ ތިކަން. މަންމަ އިކާލްގާތު ތިއްތައާ ދުރުގައި ހުންނަން ބުނީމަވެސް އިނީ ވަރަށް ދެރަވެފަ. އެހެން ބުނިއިރަށް އިކާލްއަށް ރޮވުނި. އެކަމް އިކާލް މަންމައަށް ނުދައްކަން ވެގެން ކަރުނަތައް ފޮހެލީ. މަންމަ އެހެން ބުނެލި އިރަށް އިކާލްބުނީ މާލެދާން ލޯންޗް ހަމަޖައްސާދޭށޭ. ދަރިފުޅާ މަންމަވެސް މި ވިސްނަނީ ތިކަމާއޭ. މަންމަ އެހެން ބުނީ އެއްވެސް ހާލަތެއްގަ އިކާލް ފޮނުވާލަން ބޭނުން ވެެގެންނެއް ނޫން. އެކަމު ދެން ތިއްތައެއް މާލެއެއް ނުފޮނުވާނަން. މަންމަ މަސައްކަތް ކުރާނަން މިރަށު ހޮސްޕިޓަލުން ވަޒީފާ ލިބޭތޯ ތިއްތައަށް.” މުފީދާ އޭނާ ބުނަން ހުރި އެއްޗެހި ބުނެފައި ގެއިން ނުކުމެގެން ހިނގައިގަތީ މާއީ ކައިރިއަށް ހޮސްޕިޓަލަށް ދިޔުމަށެވެ.

***

”ދީނާ ރަސްފަންނަށް ދެވިދާނެތަ މިރޭ އެއިޓް ގަ.” ފާއިޒް އިންސްޓަގުރާމުން ދީނާއަށް މެސެޖް ކުރީ ޖަވާބު ލިބޭނޭ ކަމަކަށް ނޫނެވެ. ނަމަވެސް މިނެޓެއްގެ ތެރޭގައި އޯކޭ އޭ ދީނާ ފޮނުވުމުން ފާއިޒްގެ ހިތް އުފަލުން ނަށާލީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެހިތް ނުތަނަވަސްވެގެން ދިޔައީ އޭނާ ކުރަން އުޅޭ އަދި ހަޔާތުގައި ނިންމަން އުޅޭ ބޮޑު ކަންތައްތައް މަތިން ހަނދާން ވުމުންނެވެ. އެހެންކަމުން އެނދުން ތެދުވެލައިގެން ގޮސް އިކާލްގެ ކޮޓަރިއަށް ވަދެލީ އޭނާ ކުރަން އުޅޭ ކަންތައްތައް އިކާލްއާ މަޝްވަރާ ކޮށްލުމަށެވެ.

~ ލޮލާ ލޯ ސީދާ ވީމާ ވާގޮތް.. ނޭނގެނީއޭ.. ލޯބިވޭ ނިހާޔަތަށް، ހިތް އެދޭ އެހާ ވަރަށް، ލޯމަރާލުމުންވެސް ފެންނަހެން ހީވަނީއޭ… ޝަކުވާ ހިތަށް، ކުރެވޭ ރޮމުން، އާދޭސްކުރާ ހިތްވޭ ރޮމުން.. މިދެލޯ ފޮހެލާދޭން.. ކަލާ އަންނާށޭ.. އިންތިޒާރުގައި ހުންނަމޭ ލޯބިން.. ~

އިކާލް އޭނާގެ ރަތް ކުލައިގެ ބޮޑު ގިޓާ ހިފައިގެން އެނދުގެ އެއްކޮޅުގައި އިށީންދެލައިގެން އިން އިރު އެދެލޮލުން ދިޔައީ އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަމުންނެވެ. ކިޔަމުން ދިޔަ ލަވައިންވެސް އެހިތަށް ލިބިފައި ހުރި ޒަހަމްތައް އަޑުއަހަން ހުރި މީހަކަށް ވެސް އެނގިގެންދާނެއެވެ. އަސަރުގަދަކޮށް ލަވަ ކިޔަމުންދިޔައިރު ދޮރުގައި ލެގިލައިގެން ހުރި ފާއިޒްގެ ލޮލުގައިވެސް އިކާލްގެ އަޑުއިވިފައި ކަރުނަތަށް ބޮޑިވިއެވެ. ފާއިޒް ގޮސް ކޮޓަރީގެ އެތެރެއަށް ވަތް އިރުވެސް އިކާލްއަށް މީހަކު ކޮޓަރިއަށް ވަތްހެން ވެސް ހީނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ އިނީ ހިތުގައި ޖެހިފައިއެވެ.

”އިކާލް. މިއައީ ކަމެއް މަޝްވަރާ ކޮށްލަންވެގެން. މަ ބޭނުން އިކާލްގެ ހެލްޕެއް. ދެވޭނެތަ؟” ފާއިޒް ދިޔަ ގޮތަށް ގޮސް އިކާލްގެ އަތުން ގިޓާ އަތުލައި އެއިންތާ ބައިންދާލީ އިކާލްއާ ވާހަކަދައްކަން ބޭނުންވެފައި ހުރުމުގެ ސަބަބުންނެވެ. އަދި އިކާލްގެ އެހިތާމަތައް ހިނދުކޮޅަކަށް ނަމަވެސް ދުރުކޮށްލުމަށެވެ.

”ކޮންކަމެއް ކުރަން ތިއުޅެނީ. އަދި މިއުޅެނީ އެރަށުން އައިސް ރަނގަޅަށް އަރާމުވެސް ކޮށްނުލެވިގެން. މިގަޑިއަކު ނުވާނެ. މިއުޅެނީ ނިދާލަންވެގެން.” އިކާލް އެއްވެސް ކަމެއްކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އަވަހަށް ބަހަނާތަކެއް ދައްކައި ފާއިޒް އެތަނުން އަވަހަށް ފޮނުވާލާށެވެ. ހަގީގަތުގައި އިކާލް މިހާޜު މީހަކާ ވާހަކަ ދައްކާ ހިތެއްވެސް ނުވެއެވެ. ކާހިތެއްވެސް ނުވެއެވެ. ބޭރަށް ނުކުންނަ ހިތެއްވެސް ނުވެއެވެ.

”އަރާމުކުރަން މިރޭ ދޭނަމޭ. މާ ބޮޑު ކަމެއް ނޫން. ހަމަ ޖަސްޓް ޓެން މިނެޓްސް އައި ނީޑް.” އެނދުގައި އޮތް އިކާލްއަށް ފުން ނަޒަރެއް ދެމުން ފާއިޒް އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވީ ޖޯޝެވެ. އެހެންކަމުން އިކާލްވެސް ފާއިޒް ކުރުނުކޮށް ކިޔަން ފެށުމުން އޭނާ ކުރަން އުޅޭ ކަންތަކާ ބައިވެރިވެލިއެވެ. ދެމީހުންވެގެން ރަނގަޅު މަޝްވަރާއެއް ކޮށްލުމަށްފަހު އެކަން ނިންމާލީ މަޣްރިބު ނަމާދަށް ގޮވުމުންނެވެ. ރަނގަޅު މަޝްވަރާއެއް ކުރެވުނު ނަމަވެސް އިކާލް އަނގައިން ބުނަނީވެސް މަދު ފަހަރަކުއެވެ. އޮތްހާއިރު ފާއިޒް ވާހަކަ ދައްކަމުން ދިޔައިރުވެސް އިކާލް އިނީ އެހެން ކަމަކަށް ގެއްލި ހުސްވެފައިއެވެ.

***

”ރާޔާ ދެން ހިނގާ މާލެ ދާން. މަގޭ ބައްޕަ ވަރަށް ގުޅާބަ މާލެ ނައިސްގެން. މަމީ ބައްޕަގެ އޮފީހުގައި އެންމެ އިސްކޮށް ދެވަނައަށް މަސައްކަތް ކުރާ މީހާ. މިހާރު ބައްޕަ އޮފީސް ކަމަކު އެހެން ގައުމަކަށް ދާން ޖެހިގެން އެހެން މީހަކަށް އޮފީސް ހަވާލުކޮށްފަ ނުދަންވެގެން މަށަށް އެގުޅަނީ.”  ލަޔާން އޭނާއަށް ވެގެން އުޅޭ ގޮތް ރީތިވާން ހުރި ރާޔާއަށް ކިޔައިދިނީ ޖެހިލުންވެފައި ހުރެއެވެ. ރާޔާ ރުޅިއައިސް ދާނެތީއެވެ.

”އޯކޭ. މާދަމާ ހިނގާ ދާން. މަވެސް ބޭނުން މާލެ ދާން. މިހާރު އިކާލްވެސް ގޮއްސި މާލެ. ދެން ކުޅޭ ކުޅިވަރެއް ކުޅެވޭނި މާލޭގަ.” އެއްމިއްޔަ ކަނުން ރާޔާ ހީލަމުން އޭނާ ކުރަން ހުރި ކަންތައް ނިންމާލާފައި އެތަނުން ނުކުމެގެން ދިޔައީ ލަޔާން ގާތުވެސް އަންނާށޭ ބުނެފައިއެވެ.

ރާޔާ އެއްވެސް ހާލެއްގައި ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ ބޭނުންވީ އިކާލްއެވެ. މީހެއްގެ ފުރާނަ ދުއްވާލައިގެންވެސް އޭނާ ހުރީ އިކާލް އޭނާގެ މިލްކަކަށް ހަދައިލަން ނުހަނު ބޭނުންވެފައިއެވެ.

***

ޓެރަހުގައި ކަމަކާ ވިސްނަން ހުރި ރާކިންއަށް އެ ވިސްނުމުގެ ތެރެއިން ނުކުމެވުނީ ހިމަފޮދު ވާރޭ ވެހެން ފެށުމުންނެވެ. ވާރޭ ބޯކޮށްލަން އުޅުނުހެން ހީވުމުން ދުވެފައި ގޮސް އެމީހުންގެ ބަޔަށް ވަދެލީ އަދި އިތުރު ކަމެއް ކުރަން ބޭނުންވެފައި ހުރުމުގެ ސަބަބުންނެވެ. އެހެންނޫންނަމަ އޭނާ އެވެހޭ ވާރޭގައި ތެމޭނެކަން ގައިމެވެ.

”ދަރިފުޅާ. ބައްޕަމެންނަށް މިއަދު ގެޔަށް ދެވޭނީ ތަންކޮޅެއް ލަހުން އިނގޭ.” ރާކިން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައިލަން ތަޅުގައި ހިފައިލުމާއިއެކު އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ތަޅުން އަތް ދޫކޮށްލުމަށްފަހު ޖީބުގައިއޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލާފައި ހަމައެކަނި ހޫމް އޭ ބުނެފައި ފޯން ބޭއްވީ އޭނާ ކުރަން އުޅުނި ކަންތައް ކުރުމަށެވެ. ކޮޓަރިއަށް ވަދެ އޭނާގެ ދަބަހުން ކުޑަ ފޮއްޓެއް އަތައްލައިގެން އައިސް ވިކާޝްމެންގެ ކޮޓަރިއަށް ރާކިން ވަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އެނދުމަތީގައި އެ ކުޑަ ފޮށި ބައިންދާލުމަށްފަހު ރާކިން އެކޮޓަރީގެ އެއްކަނަށް ވާގޮތަށް އިން ބޮޑު އަލަމާރި ކައިރިއަށް ޖެހިލައި ދޮރުފަތްތައް ހުޅުވާލުމަށްފަހު އެއްޗެއް ހޯދަން ފެށިއެވެ. ނަމަވެސް އެ ހޯދަމުން ދިޔައިރުވެސް ރާކިން ސަމާލުވެލައިގެން ހުރީ މީހަކަށް ޝައްކެއް ނުވާނެ ފަދައިން އެކަން ކުރުމަށެވެ. އަލަމާރީގެ ހުރިހާ ދޮރުފަތެއް ހުޅުވައިގެން ބަލައިވެސް އޭނާ ބޭނުންވި އެއްޗާ ވައްތަރުގެ އެއްޗެއް ނުފެނުމުން ދެން ބަލަންފެށި އެނދުގެ ދެފަރާތުގައި ހުރި ސައިޑް ޓޭބަލްއެވެ. ނަމަވެސް އެއަކުން ވެސް ރާކިން ބޭޏުންވި އެއްޗެއް ނުފެނުމުން އެހިތް މާޔޫސްވާން ފެށިއެވެ. އެހެންނަމަވެސް އެއްލިކަޅިއަކުން ޑްރެސިން ޓޭބަލް ވަތްގަޑު ފެނުމާއިއެކު އަވަސް ފިޔަވެޅެއްގައި ގޮސް  ވަތްގަނޑު ހުޅުވާލިއެވެ. އެ ވަތްގަޑު ހުޅުވާލި ރާކިންގެ ދެލޯ ބޮޑުވެގެން ދިޔައީ ފެނުނު އެއްޗަކުންްނެވެ. އަވަހަށް އެ ހިފައިގެން އަދި އެނދުމަތީގައި އޭނާ ބޭންދި ކުޑަފޮށިވެސް ހިފައިގެން އެ ކޮޓަރިން ނުކުމެލީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ.

ކޮޓަރިއަށްވަނެ ދޮރު ލައްޕާފައި އެއެއްޗެހި ހިފައިގެން ރާކިން ގޮސް އިށީންދެލީ އެނދުމަތީގައިއެވެ. ޝައުގުވެރިވެފައިވާ ފަދައިން އެދެ ފޮށިގަނޑަށް ފުން ނަޒަރެއް ދެމުން ރާކިން ދެފޮށިވެސް ހުޅުވައިލިއެވެ. އެއާއިއެކު އަނެއްކާވެސް އޭނާގެ ދެލޯ ބޮޑުވެގެން ދިޔައީ އޭގެތެރޭގައި އޮތް އެތި ފެނިފައިއެވެ. އޭނާގެ ދަބަހުން ނެގި ފޮށި ތެރޭގައި، މޫނުގަނޑުގައި މަންމަގެ ދޫނި ލިޔެފައި އޮތް ގަޑިއެއް އޮތްއިރު އެ ގަޑީގެ ކަމަރުގައި ރަންކުލައިގެ ތަޅުދަނޑިތަކެއް ހުއްޓެވެ. ދެން ރާކިން ބަލައިލީ ވިކާޝްގެ ކޮޓަރިން ނެރުނު ފޮށީގައި އޮތް ގަޑިއަށެވެ. އޭގެ މޫނުގަނޑުގައި ކުޑަކުއްޖެއްގެ ފޮޓޯއިން އިރު އެފޮޓޯއަކީ ކުރީގަޑީގައިވެސް އިން ފޮޓޯއެވެ. ކަމަރުގައި އަޅިކުލައިގެ ތަޅުތަކެއް ހުއްޓެވެ. އެހެންކަމުން ރާކިން ތަޅު ހުރި ގަޑި ނަގައި ރީތިކޮށް އެނދުގައި ބައިންދާލުމަށްފަހު އެނެއް ގަޑިވެސް އޭގެ ކައިރީގައި ބާއްވާ ކޮންމެ ތަޅަކަށް ތަޅުދަނޑި ލައްވާލިއެވެ. ކޮންމެ ތަޅަކަށް ތަޅުދަނޑިތައް ފިޓްކޮށް އިން އިރު ރާކިންއަށް ސިހުމެއްވެސް ލިބިގެން ދިޔައެވެ. އެފެނުނި އެއްޗެހިތަކުގެ ސަބަބުން އޭނާގެ ހީތައް ޔަގީނަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ފަދަގޮތަކަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ލޮލުން ކަރުނަތައް އަންނަން ފެށީ އެއިނގުނި ހަގީގަތުގެ ސަބަބުންނެވެ. ހިނދުކޮޅެއްގެ ތެެރެގައި ހިތުގައި ރިހުމެއް އުފެދިގެން ދިޔައިރު އޭނާގެ ހިތުގެ ކަނުގައި އަނދަމުން ދިޔައީ ރުޅިވެރިކަމުގެ އަލިފާންގަނޑެކެވެ. އަލިފާންގަނޑު ބޮޑުވަމުންގޮސް ރާކިންގެ މުޅި ހިތް ފުރާލިއިރު އޭނާގެ އަތް މުއްކެވި ދަތްޕިލާ ޖައްސާ ބާރުކޮށްލެވުނެވެ. އޭރު ދެލޮލުންވެސް ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ނަފްރަތެވެ.

***

”ފާއިޒް އެޔެއް ނެތޭ. ކަލޭ އަނެއްކާ މަ ދަބަހާ ކުޅުނީތަ؟ މަ އެ ގެންދީމޭ އެރަށަށް.” އިކާލްގެ އަޑު ތުރުތުރު ލަމުން ދިޔައިރު އޭނާ އެއްކޮށްވަނީ ހާސްވެފައިއެވެ.

”ކޯއްޗެއްތަ ތި ހޯދަނީ؟ އޭއްޗޭ އެނެއް އެއްޗެކޭ ކިޔަސް މަށަކަށް ނޭނގޭ ތި ހޯދަނީ ކޯއްޗެއް ކަމެއް.” ފާއިޒް ގޮސް އިކާލްގެ ކުރިމަތީގައި ހުއްޓިލިއެވެ.

”މަގޭ މަންމަގެ ހަމައެކަނި ހަނދާން. އެއީ ވަރަށް މުހިންމު އެއްޗެކޭ ފާއިޒް. މަށާއެކު އެ ހޯދަން ހިނގާބަ”

”އެކަމު އިކާލް. އެޔޮށް އަށެއް ޖަހަން ފަނަރަ މިނެޓަށް ވީ. މާދަން ހޯދާލަން މަޑު ކުރަން ވީނުން. ހިނގާ އިހަށް މިރޭ މަށާއެކު ދާން.” ގޭގެ ބޮޑު ދޮރު ކައިރިއަށް ފާއިޒް ދިޔައީ ނުހަނު އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އިކާލްވެސް މާދަން އެހޯދަން ނިންމާ ފާއިޒްގެ ފަހަތުން ދިޔައީ ފާއިޒްއަށް އެކަން ކޮށްދޭނެކަމަށް ބުނެވިފައިވާތީއެވެ.

***

”ފާއިޒް ކޮން ތާކު ތިހުރީ؟ އަހަރެން އެކި ތަންތަން މިބަލަނީ ފާއިޒް ފެނޭތޯ. އެކަމު ނުވެސް ފެނުނި.” ދީނާ ފާއިޒްއަށް މެސެޖް ފޮނުވާލިއެވެ. އެއާއިއެކު އޭގެ ދެވަނަ ސިކުންތުގައި ފާއިޒް ދީނާއަށް ގުޅަން ފެށިއެވެ. ދީނާގެ ހިތަށް ގޮތެއް ވެގެން ދިޔައިރު އަވަސްވެގެންވެސް ދިޔައެވެ. އަތް ތުރުތުރުލައި ފިނިވާން ފެށިއެވެ. ނަމަވެސް އެހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ދީނާ ފޯނު ނެގީ ލަދަކާ ހުރެ ތަދެއް ނުފިލާނެކަން ހަނދާން ކުރަމުންނެވެ.

”އަހަރެން މިދަނީ. ތިހުރިތާ ހުރޭ އިނގޭ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނާޅާތި ފަހަތަށްވެސް.” ދީނާ އޯކޭ އޭ ބުނެފައި ފޯނު ކަނޑާލީއެވެ. އެއަށްފަހު އޭނާ ވަގުތު ގުނަމުން ދިޔައީ ފާއިޒް އަންނާނެ އިރަކަށެވެ. އެތަނުގައި ހުއްޓިލައިގެން ހުރި ދީނާއަށް ނޭނގުނު ކަމީ އޭނާއަށް އެހުރެވުނީ ފާއިޒް އެތަނުގައި އަޅާފައި އިން ހިތުގެ މެދުގައި ކަމެވެ. އަދި އެތަނުގައި ހުރެގެން ފާއިޒް އޭނާއާ ވާހަކަ ދެއްކިކަމެވެ.

ފާއިޒް މަޑު ހިނގުމެއްގައި ހިނގަމުން ގޮސް ފަހަތަށް އެނބުރިގެން ހުރި ދީނާގެ ކުރިމަތީގައި އެއްފައި މައްޗަށް އިށީންދެލިއެވެ. އޭރު ގިނަ މީހުންގެ ނަޒަރު އޭނާއަށް އަމާޒުވެފައި ހުރި ނަމަވެސް އޭނާއެކަމަކަށް އަޅައެއް ނުލައިއެވެ. ނަމަވެސް އޭނާގެ ކޮންމެ ހަރަކާތަކުންވެސް ޖެހިލުންވެފައި ހުރި މިންވަރު ފެނިގެން ދިޔައެވެ.

”ދީނާ.” ދީނާއަށް ސިހުންގެނުވީ ފަހަތުން މީހަކު ގޮވާލި އަޑު އިވުމުންނެވެ. ފަސްއެބުރި ބަލައިލި ދީނާއަށް ދެވަނަ ފަހަރަށްވެސް ސިހުން ލިބުނީ ފާއިޒް އޭނާގެ ކުރިމަަތީގައި އިށީންދެލައިގެން ހުދުކުލައިގެ ކުދިކުދި އެހުން ޖަރީކުރެވިފައިވި އަނގޮޓިއެއް ދިއްކޮށްގެން އިނުމުންނެވެ. ދީނާއަށް ހީވީ ދެއީދު އެއްފަހަރާ އައިހެންނެވެ. އަނގަމަތީގައި އަތް އަޅާ ފަހަތަށް އެނބުރިލެވުނީ އުފާވިވަރުންނެވެ.

”ވިލް ޔޫ މެރީ މީ؟ ދީނާ..” ފާއިޒް އަނެއްކާވެސް ބުނެލިއެވެ. އޭރު އޭނާވެސް ހުރީ ދީނާއަށް ވަމުން ދިޔަ ގޮތުގެ ސަބަބުން ނުހަނު ބޮޑަށް އުފާވެފައިއެވެ. ދީނާ އަނެއްކާވެސް ފާއިޒްއާ ދިމާލަށް އެނބުރި ޔެސް އޭ ކިޔައި އޭނާގެ ވާއަތް ފާއިޒްއަށް ދިއްކޮށްލިއެވެ. އޭރު އޭނާގެ ހިތް ނޭނގޭ ބާޜު މިނެއްގައި ތެޅެމުން ދިޔައިރު އަތްވެސް ވަނީ ގަނޑުފެން ގަނޑެއްހައި ފިނިވެފައިއެވެ.

ދީނާގެ އަތް ފާއިޒްއަށް ދިއްކޮށްލުމާއިއެކު އަނގޮޓި އޭނާގެ ކަށި އިނގިލީގައި ފާއިޒް އަޅުވާލިއެވެ. އަދި ދީނާގެ އަތަށް ދަމާލައިފައި ފާއިޒް އިން ތަނުން ތެދުވެލިއެވެ. އެއާއިއެކު ދީނާގޮސް ޖެހުނީ ފާއިޒްގެ ތަނަވަސް މޭމަތީގައިއެވެ. ”އައި ލަވް ޔޫ ސޯ މަޗް.” ގުޑިވެސް ނުލައި ދީނާއަށް ހުރެވުނީ ފާއިޒްގެ ހޫނު ނޭވާ އޭނާގެ މޫނަށް އެޅެމުން ދިޔުމުންނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ދީނާ ފާއިޒް އާ ދުރުވެލިއެވެ. އޭރު ފާއިޒްގެ އަނގައިން ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ.

”އައި ލަވް ޔޫ މޯރް. އެންޑ ވަރަށް ލޯބި” ދީނާ އޭނާގެ އަތުގައި ފާއިޒް އަޅުވާލި އަނގޮޓި ގެނެސް ތުންފަތުގައި ޖައްސާލިއެވެ. އަދި ލޮލުން ފޭބި އުފާވެރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއިރު ފާއިޒް ހުރީ އެސްފިޔަވެސް ޖަހާ ނުލައި އޭނާ އާ ދިމާލަށް ބަލާށެވެ. ދީނާ ފާއިޒް ކާއިރި ބަލާލުމާއިއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް އެހެންތަނެއް ބަލައިނުލައިއެވެ. އެއަށްވުރެ ބޮޑަށް ދެމީހުން ތިބީ އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ފީނާގަނެފައިއެވެ.

”އެހެމް އެހެމް. މިތަނުގައި އެހެން މީހުންވެސް އުޅޭ އެބަ. އިހަށް މަޑުކޮށްލާ.” އިކާލްއައިސް ދެމީހުންނާ ދިމާލަށް ފޯނު ދިއްކޮށްލާފައި ފޮޓޯއެއް ނަގާލިއެވެ. އެއާއިއެކު ދީނާގެ ކޮލަށް ޖަންބު ކުލަ އަރައިގެން ދިޔައީ ގަތްލަދުންނެވެ. ފާއިޒްވެސް އޭނާ ކައިރި ބަލަން ހުރުމުން މާ ބޮޑަށް ދީނާ ލަދުގަންނަ ގޮތް ވިއެވެ. އެހެންކަމުން އިސްޖަހާލީ ފާއިޒްގެ ކަތި ނަޒަރުން ސަލާމަތްވުމުގެ ނިޔަތުގައިއެވެ. އަދި ދެމީހުންނަށް ވެސް ނޭނގުނު ކަމަކީ އޮތްހާއިރު އެތާ ފިލައި އިކާލް ހުރީ އެދެމީހުން ކުރަމުން ދިޔަ ކަންތައް ވީޑިއޯ ކުރަން ކަމެވެ.

”ދެން ކޮން ދުވަހަކުންތަ ތިދެމީހުން މެރީ ކުރަނީ؟ އަވަސް މުސްތަގުބަލެއްގަ ތިކަން ވާނެ ދޯ؟” އިކާލް އޭނާގެ ހިތާމަވެރިކަން ފޮރުވަމުން ވާހަކަ ދައްކަން ފެށިއެވެ. އެކަމުގެ ސަބަބުން ފާއިޒްއަށްވެސް ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

”ހޫމް. މަ ބޭނުން ވަރަށް އަވަހަށް މެރީ ކުރަން. އޯކޭ މިއަންނަ ވީކްގަ ވިޔަސް ދީނާ އޯކޭ އިއްޔާ.” ފާއިޒް ދީނާއާ ދިމާލަށް ބަލާލަމުން ވާހަކަ ދައްކަން ފެށިއެވެ.

”އަހަރެންނަށްވެސް އޯކޭ މިއަންނަ ވީކް. އެކަމު މަންމަމެންނާ އަދި ވާހަކަ ދައްކަން ވެސް ޖެހޭނުން. ފާއިޒް މިރޭ ހިނގާ ދާން ގެޔަށް.” ދީނާ ބޭޏުންވީ ފާއިޒް އެރޭވެސް އެގެޔަށް ގެންދާށެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަންވެސް ވަނީ އުފެދިފައިއެވެ. ޒަހުދާ އެކަމަށް އިންކާރު ކޮށްދާނެތީއެވެ. ދީނާގެ އެދުމުގެ މަތިން ތިން މީހުންވެސް ހިނގައިގަތީ ދީނާގެ ގެޔަށް ދިޔުމަށެވެ. އޭރު ފާއިޒްގެ ހިތްވެސް ވަނީ ނުތަނަވަސްވެފައިއެވެ.

***

”މާއީ ދަރިފުޅާ. އެއްޗެއް ކާލަންވީނުން ތިހެން ނޯވެ. ވާތާވެދާނޭ ދަރިފުޅާ. ހެނދުނުން ސުރެ ތިއޮންނަނީ އެއްޗެއް ނުކައި. ތިހެން ނުކައި އޮންނަންޏާ އަވަހަކަށް ރަނގަޅެއްވެސް ނުވާނުން.” މުފީދާ ދިޔައީ މާއީއަށް ކުޑަކުއްޖަކު ނުކައިގެން އެއްޗެހި ބުނެދޭ ގޮތަށް ބުނެދެމުންނެވެ. ހެނދުނު އޮއްތި ގޮތަށް ބޯ ހިއްލައިވެސް ނުލައި މާއީ އެއޮންނަނީއެވެ.

”ތިއްތާ. ދެން އެއްޗެއް ކާލަބަލަ ތިހެން ނޯވެ. ހުވާ ކޮށްފަ އަހަރެން މިދަނީ އިކާލްބޭއަށް ގުޅަން.” މައިޝް ގޮޑީން ތެދުވެލާފައި އޭނާގެ ޖީބުން ފޯނު ނަގައި ފިއްތަކަށް އޮބަން ފެށިއެވެ. އެއާއިއެކު މާއީ އޮތްތަނުން ތެދުވެ މައިޝްގެ އަތުގައި ހިފައި ދެކޮޅަށް ބޯހޫރުވަން ފެށީ ނުގުޅުމަށް ބުނާ ފަދައިންނެވެ.

މައިޝް އެހެން ބުނިފަހުން މާއީ އެނދުގައި އޮށޯތީ ރަނގަޅަށް ބަނޑު ފުރާ ކައިގެންނެވެ. އަދި ހުއްޓާ ނުލައި ވާހަކަވެސް ދެއްކިއެވެ. އެކަމުގެ ސަބަބުން މުފީދާގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައިރު މައިޝްއަށްވެސް ވީ އެހެންނެވެ.

***

ކޮޓަރިއަށް ވަން އިރާދާގެ ދެ ލޯ ބޮޑުވެގެން ދިޔައީ ޑްރެސިން ޓޭބަލްގެ ވަތްގަނޑު ހުޅުވާފައި ހުރުމުގެ ސަބަބުންނެވެ. އަވަހަށް ގޮސް އޭގެ އެތެރެ ބަލައިލީ އެތަނުގައި އޭނާ ހުރިހާ ދުވަހު ފޮރުވައިގެން ގެންގުޅު ފޮށިއޮތްތޯއެވެ. ނަމަވެސް އެފޮށި އެތަނުގައި ނެތުމުގެ ސަބަބުން އިރާދާގެ ހިތަށް ބިރުވެރިކަން ވެރިވީ އިންތިހާ ދަރަޖައަށެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ. އެއީ މިހުރިހާ ދުވަހުވެސް އޭނާ ފޮރުވައިގެން ގެންގުޅުނި ފޮއްޓެކެވެ. އެތަނުގައި ނެތުމުގެ ސަބަބުން އިރާދާ ދެން ގޮސް ބެލީ އަލަމާރިއެވެ. ނަމަވެސް އެތަނުގައިވެސް ނެތުމުގެ ސަބަބުން ކޮޓަރިން ނުކުމެ ގޭތެރޭގައި ހުރި ކަބަޑުތައް ބަލަން ފެށީ ލެވިފައި އޮތްތޯއެވެ. ނަމަވެސް އެއްވެސް ތާކުން އެ ނުފެނުމުން އިރާދާގެ ހިތް މާޔޫސްވެގެން ދިޔައެވެ. ރާކިންގެ ކޮޓަރީގައި އޮތްތޯ ބެލުމުގެ ގޮތުން އިރާދާ އެކޮޓަރިއަށް ވަނީ އެއްވެސް ހާލެއްގައި އެތަނުގައި އޮންނާނެ ކަމަކަށް ނޫނެވެ.

”އިރާދާ. ކޯއްޗެއްތަ ތި ހޯދަނީ؟”

އިރާދާ ސިހިގެން ދިޔައީ ރާކިން އެނދުމަތީގައި އޭނާ ހޯދާ އެތި ހިފައިގެން އިނުމުންނެވެ. އަދި އޭގެ އިތުރުން އެހެން އެއްޗެއްވެސް ހިފައިގެން އިނުމުންނެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް ރާކިން އާ ހަމަ ކޮށްފައި ދޭތިވެސް ރާކިންގެ އަތުން އަތުލައި އެއަށް ފުން ނަޒަރެއް ދިނެވެ. އެއީ ހަމަ އޭތި ތޯ ބެލުމަށެވެ. އޭރު އިރާދާގެ ފަހަތުގައި ވިކާޝްވެސް ހުއްޓިލައިގެން ހުރީ ވަމުންދާ ގޮތް އޭނާއަށް އެއްވެސް ވަރަކަށް ފަހުމް ނުވާތީއެވެ.

”ބައްޕާ. މީ މިގޭގައި ގެންގުޅެން ހެޔޮވާވަރު އަންހެނެއް ނޫން. މަ ލަދުގަނޭ މިހިރި އަންހެނާއަށް މަންމަ މިހުރިހާ ދުވަހު ކިޔުނީމަވެސް. އެކަމު ދެން މަށެއް ކަލޭއަކަށް މަންމައެއް ނުކިޔާނަން. ތީ އެއްވެސް ރަހުމެއް ކުލުނެއް ހަމްދަރުދީއެއް ނެތް މީހެއް.” ރާކިންއަށް ހުއްޓާލަން ޖެހުނީ ވިކާޝްގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޮލަށް އެރުމުނެވެ. ނަމަވެސް އޭނާގެ ހިތުގައި ބަންދުކޮށްގެން ހުރި އެއްޗެހި ބޭރުކުރެވުމުން އެހިތަށް ހަމަޖެހުމެއްވެސް ލިބިގެން ދިޔައެވެ.

”މަށަށް އިނގޭ ބައްޕަ ގަބޫލުނުކުރާނެކަން. އަދި ނުވެސް ކުރެވޭނެކަން. ކިހިނެއް ގަބޫލު ކުރެވޭނީވެސް. މީނާ އަހަރެމެން އެންމެންގެ ލޮލުގަ އަދުން އެޅުވީ. ބައްޕާ މިއޮށް އެއްޗަށް ބަލާލަބަ. އޭނާގެ ވައަތުގައި އެޔޮތީ އޭނާ ހުރިހާ ދުވަހު ފޮރުވާގެން ގެންގުޅުނު ހަޒާނާ. ވައަތުގައި ތިއޮތީ މައެއްގެ ލޯބި މިހުރިހާ ދުވަހުވެސް ނުލިބި ހުރި އިކާލްގެ ހަމައެކަނި މަންމަގެ ހަނދާން. އިކާލްއަކީ މި އަންހެނާގެ ދަރިއެއްކަން މިއަދު މަށަށް ޔަގީން ވެއްޖެ. އިކާލްގެ ކުރިމަތީގައި އެކަން ފޮރުވައިގެން އުޅެން ކަލޭއަށް ކެތްކުރެވުނިތަ؟ ތި ހިތުގައި މައިވަންތަ ކަމުގެ ކުލުނުވެސް ނެތީތަ؟” ރާކިން ހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު އިރާދާ ހުރީ ކުއްވެރިއަކު ފަދައިން އިސްދަށަށް ޖަހައިލައިގެންނެވެ. އޭރު އެދެލޮލުން ކަރުނަތަށް ފައިބަމުން ދިޔައެވެ.

”ކީއްވެ؟ ކީއްވެ އިރާދާ؟ ކީއްވެ މަށަށް ހުރިހާ އެއްޗެއް އޮޅުވާލީ؟ ކީއްވެ މަ ކައިރީ ތި ވާހަކަ ނުބުނީ؟ ކީއްވެ ތިކަން ސިއްރު ކުރީ؟ އިރާދާގެ އިތުރު ދަރިއެއް ހުންނަކަން ކީއްވެ ކުރިން ނުބުނީ؟” ވިކާޝް އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރު ރާކިންގެ ހިތުގައިވެސް ވަނީ ރިހުމެއް އުފެދިފައިއެވެ.

”އަހަރެންނަށް މަޢާފު ކުރޭ ވިކާޝް. އަހަރެން ވަރަށް މަސައްކަތް ކުރިން ވިކާޝްއަށް ކިޔާދޭން. އެކަމު އެހިތްވަރެއް އަހަރެންނަކަށް ނުލިބުން. އަހަރެން އެއަށްވުރެ މާ ބިރުގަތް ވިކާޝް އަހަރެން ދޫކޮށްލާފަ ގޮސްދާނެތީ. އެހެންވެ ހުރިހާ ދުވަހު ވެސް ވިކާޝްއަށް ނުކިޔާދިނީ. އެކަމު އަަހަރެންނަށް އިނގޭ ކަންތައްތައް މުޅި އުމުރަކަށް ސިއްރެއް ނުވާނެކަން. ކޮންމެސް ދުވަހަކުން ފަޅާއަރާނެކަން. ވިކާޝް. އަހަރެންނަށް މަޢާފުކުރޭ.” އިރާދާގެ އަޑުބެދުނު ކަހަލައެވެ. އިތުރަށް އިތުރު އެއްޗެކޭވެސް ނުބުނެ ހުރި ތަނަށް ތިރިވީ ހިތަށް ތަދުވަމުން ދިޔަލެއް ބޮޑުކަމުންނެވެ. ނަަމަވެސް އެއަޑު އަހާނީ ކާކު ހެއްޔެވެ؟ ރާކިން އަދި ވިކާޝްވެސް އެތަނުން ނުކުމެގެން ދިޔައީ އިރާދާ އެއިންތާ ބައިދާފައިއެވެ.

”އާން ވިކާޝް. އަހަރެން ފުރަތަމަ ކައިވެނި ކުރީ ވިކާޝްއަކާ ނޫން. އަހަރެން ފުރަތަމަ ކައިވެނި ކުރީ ދާއިންއާ. އެކަމަކު އަހަރެންނަކަށް އޭނާއާ ކައިވެނިކޮށްގެން ލިބުނު އުފަލެއް ނެތް. އަހަރެންނަށް ލިބުނީ އަނިޔާ. ހިތާމަ. އިކާލްއަށް ނުވަމަހުގައި ދާއިން އަހަރެން ވަރިކުރި. ނޭނގޭ ދިޔަތަނެއްވެސް. އަހަރެން ދޫކޮށްލާފައި ދިޔަ މީހާގެ ހަބަރެއްވެސް ނުވޭ. ކުޑަމިނުން އިކާލްއަށް ހަރަދުވެސް ނުކުރޭ. އިކާލްއަށް އެއް އަހަރު ވަންދެން އަހަރެން ބެލިން. އެކަމު އިކާލް އަހަރެންގެ ދައްތަ ފަޒާގެ އަތަށް ދޫކޮށްލާފައި އަހަރެން މާލެ އައީ އާ ދިރިއުޅުމެއް ފަށަން. އޭރު އަހަރެންނަށް ވިސްނުނީ ދަރިޔަކު ހުރިއްޔާ މީހުން އަހަަރެން ބަލައި ނުގަންނާނެކަމަށް. އެހެންވެ ފަޒާގެ އަތަށް އިކާލް ދޫކޮށްލާފައި އައީ. މާލޭގައި އަހަރެން އެކި ގޮތްގޮތަށް އުޅެނިކޮށް ވިކާޝް ފެނުނީ. އޭގެ ކުޑަދުވަސްކޮޅެއްފަހުން އަހަރެންނަށް ލިބުނީ ފަޒާ މާލެ ބަދަލުވި ހަބަރު. އަހަރެން ފަޒާ އަތަށް އިކާލް ދިން އިރު ފަޒާ ވެސް ހުރި އިކާލްއާ އެއްއުމުރެއްގެ ކުއްޖެއް. އެއީ ފާއިޒް. ރާކިން ކިޔާގެނެއް ނޫން އަހަރެން ފަޒާގެ މޫނު ބަލަންވެސް އެދުވަހު ދިޔައީ. އެއީ އަހަރެންގެ ދައްތައަށް ވީމަ. އެކަމު އަހަރެން މިގޮތަށް އުޅުނަސް އަހަރެންގެ ދަރިފުޅު މަތިން ހަނދާންވޭ. ހަނދާން ނުވާތީއެއް ނޫން މިހެން މިއުޅެނީ. އިކާލް ފުރަތަމަ ފެނުނި ދުވަހުވެސް ކެތް ކުރެވުނީ ކިރިޔާ. ވިކާޝް ގަބޫލު ކުރޭ. އަހަރެން ބޭނުމެއްނޫން ވިކާޝް އާ ދުރުވާކަށް.” ބޭރު ދޮރާ ދިމާލަށް ހިނގަމުން ދިޔަ ވިކާޝްއާއި ރާކިންގެ ފައިގައި ތަޅުއެޅުވުނީ އިރާދާގެ ދުލުން ބޭރުވަމުންދިޔަ ބަސްތަކަށެވެ.

”ތީދޮގެއް. މަށެއް ގަބޫލެއް ނުކުރާނަން އިރާދާ އިކާލްގެ މަތިން ހަނދާން ވާނެ ކަމެއް. ހަނދާންވާ ނަމަ އެކުއްޖާ ދެކިލަން ދާނެ. ލޯބިވާނަމަ އެހެންނެއް ނަހަދާނެ. ހުސް ދޮގު ތި ހަދަނީ. އިރާދާ އަހަރެންނަށް ވެސް މަޢާފު ކުރޭ. މިއޮށް ހުރިހާ ދުވަހު އިރާދާއަށް އެންމެ ފުރިހަމައަށް އިތުބާރު ކުރެވުނީތީ.” ވިކާޝްގެ ހިތް ހަމަ ރަނގަޅަށްވެސް ހަލާކުވެއްޖެއެވެ. ފުޑުފުޑުވެއްޖެއެވެ. އޭނާއަށްވެސް ހުރި ތަނަށް ތިރިވެވުނީ އޭނާގެ ހަޔާތުގައި ކަންތައްތައް ވަމުން ދާ ގޮތުންނެވެ. ތަގުދީރުގައި އޭނާއާ މެދު ކަންތައްތައް ވާން އޮތީ މިގޮތަށް ހެއްޔޭ އޭނާގެ ހިތަށް ހާސްފަހަރު އަރަމުން ދިޔައެވެ.

”ނޫން ނޫން ނޫން..” އިރާދާއަށް އަޑުން އަޑުނަގައި ރޯންފެށުނެވެ. އެހިތުގައި މިއަދު އެތައް ލަކުނެއް ލެވިއްޖެއެވެ.

***

ފާއިޒް އޭނާގެ ލަދާއި ބިރު އެކީހެން ފިލުވާލުމަށްފަހު ދީނާގެ ގެޔަށް ވަނީ ނުހަނު ބޮޑަށް ހަމަޖެހިލައިގެން ހުރެއެވެ. ނަމަވެސް ދީނާގެ ހިތްދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ގެޔަށްވަނެ ފާއިޒްމެން ގާތު އެތަނުގައި އިށީންނުމަށް ބުނެ ދީނާ ދިޔައީ އޭނާގެ މަންމައާއި ބައްޕަ ބަަލައެވެ. އެވަގުތުކޮޅުގައިވެސް އިކާލް ދިޔައީ ފާއިޒްއާ ދިމާކުރަމުންނެވެ. އިކާލްއަށް އޭނާގެ ހަނދާންތަކުން ދުރުވުމަށް އޮތް ހައްލީ އެއީ ކަމަށްވާތީ އޭނާ އެކަން ކުރަނީއެވެ.

”ދަރިފުޅާ. މީ ކީއްކުރަން އާ ކުދިންނެއް؟” ދީނާގެ ބައްޕަ ޝުކޫރު އެމީހުންގެ ކުރިމަތީގައި އައިސް އިށީންދެލަމުން ބުނެލިއެވެ. އޭރު ޒަހުދާވެސް ޝުކޫރުގެ ގާތުގައި އައިސް އިށީންނަނީއެވެ.

ފާއިޒްއަށް ޝުކޫރު ފެނުމާއިއެކު ތަނަކުން ފެނުނި މީހަކާ ވައްތަރުވިއެވެ. ނަމަވެސް އޭނާ ހަނދާން ކުރަން އެތައް މަސައްކަތެއް ކުރިއިރުވެސް އެކަން ކާމިޔާބެއް ނުވިއެވެ.

”އަޅުގަނޑު މިއައީ ދީނާގެ ކައިވެންޏަށް އެދެން ވެގެން. އަޅުގަނޑު ބޭނުން ދީނާއާ ކައިވެނި ކުރަން.” ފާއިޒްގެ ޖުމުލަ އަޑުއަހާފައި ޝުކޫރު އިންތަނުން ތެދުވުމާއިއެކު ފާއިޒްގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. ދީނާއަށްވެސް ވީ ހަމަ އެވަރެވެ.

”އަލްހަމްދުލިއްލާހް. ހާދަ އިންތިޒާރަކަށް ފަހުއޭ އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ވާން މިއުޅެނީ. އިނގޭތަ ދަރިފުޅަށް. ބައްޕަ މިހުންނަނީ ދަރިފުޅު ބަލައި އަންނާނެ ރަނގަޅު ކުއްޖެއްގެ އިންތިޒާރުގައި. ބައްޕަ ތިކަމާ ގަބޫލު. ބައްޕައަށް އިނގޭ ފާއިޒްގެ ގޮތް ވަރަށް ރަނގަޅަށް. ފާއިޒް ހަނދާންވޭތަ ބައްޕަ މަތިން. ފާއިޒްގެ ސަބަބުންނޭ ބައްޕަ ސިނގިރޭޓް ބުއިން ހުއްޓާލީވެސް.” ޝުކޫރުގެ އުފާވެރިކަން ވަނީ އިންތިހާ ދަރަޖައަށް އަރާފައިއެވެ.  ޒަހުދާގެ ވެސް މެއެވެ.

ފާއިޒްއަށާއި ދީނާއަށްވެސް ލިބުނު އުފާ ބަޔާންކުރަންވެސް ދައްޗެވެ. އެދެމީހުންގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ދުވަހަށް އެދުވަސް ވާނެކަން ޔަގީނެވެ.

”ބައްޕާ އަޅުގަނޑުމެން ބޭނުމީ މިއަންނަ ހަފްތާގަ ކައިވެނި ކުރަން. ބައްޕަމެން އޯކޭތަ؟ ވީހާވެސް އަވަހަކަށް ކުރަން ބޭނުމީ.” ދީނާ އޭނާގެ މަންމައާއި ބައްޕަގެ މޫނަށް ބަލައިލިއެވެ.

”އާން. ބައްޕަމެން ހަމަ އޯކޭ. ހޯމަ ދުވަހު ވީނުން ކުރަން. އޭރުން އެދުވަސް އިތުރަށް ސްޕެޝިއަލްވެސް ވާނެ. ދަރިފުޅުމެން އަވަހަށް ނިންމަން ޖެހޭ ކަންތައްތައް ނިންމާލަ.”

”އެއީ ކީއްވެ އިތުރަށް ސްޕެޝިއަލް ވަނީ؟” ދީނާގެ ސިކުނޑީގައި އުފެދިފައިވާ ސުވާލު ބޭރުކޮށްލިއެވެ. އެއާއިއެކު ޝުކޫރު ޖަހާލީ ބާރު ހިނިގަނޑެކެވެ. ވާނުވާ ނޭނގިފައި ތިން މީހުންވެސް އިނީ ޝުކޫރާ ދިމާލަށް ބަލާށެވެ.

”އެއީ ބައްޕަމެންވެސް ހަމަ ކައިވެނި ކުރިދުވަސް. ދޯ ޒަހުދާ. ޖެނުއަރީ 13.” ޝުކޫރު ވަރަށް މަޖާވެލާފައި އެހެން ބުނެލިއިރު ދީނާގެ ހިތް ދިޔައީ ނަށަމުންނެވެ. އޭނާ ދުވަހަކު އުފާ ނުވާ ވަރަށް މިއަދު އުފާވެއްޖެއެވެ. ހީވެސް ނުކޮށް ހުއްޓާ އެކަހަލަ ކަމެއްވުމުން ވާނީވެސް އެހެން ނޫންހެއްޔެވެ.

ފާއިޒްއާއި އިކާލް އެރޭ އެގެއިން ނުކުމެގެން ދިޔައީވެސް ނުހަނު ލަސްވެފައި ވަނިކޮށެވެ. ކައިވެންޏަށް ގިނަ ކަންތައްތަކެއް އެންމެންނާއެކު މަޝްވަރާ ކޮށް އަދި އެގެއިން ކައިގެންނެވެ.

”ފާއިޒް. މިއަދު މަ ވަރަށް އުފާވެއްޖެ. ފަޒާއްތަ ހުރި ނަމަވެސް މިއަަދު އުފަލުން މޮޔަވީސް. މަވެސް މޮޔަނުވީ ހަމަ ކިރިޔާވިޔަ ދީނާގެ ބައްޕަގެ ރުހުން ލިބުނީމަ. ހެހެ.” އިކާލް ފާއިޒްގެ ގައިގައި ބައްދާލައި މަރުހަބާ ކިޔާލިއެވެ. އެވަގުތު ފާއިޒްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ހިލެންފެށިއެވެ.

”އަސްލުވެސް މިއަދު މަންމަ ހުރި ނަމަ ވަރަށް އުފާވީސް. މަންމަ އެންމެ ދެކެން ބޭނުންވި ދުވަސް މީ. އެކަމު މަންމައަށް އެދުވަސް ބަލާނެ ފުރުސަތެއް އަހަރެންނަކަށް ނުދެވުން.” ފާއިޒްއަށް ރޮވެން ފެށިއެވެ. ފަޒާގެ ހިޔާލުތަކުން ސިކުނޑި ފުރިފައިވުމުގެ ސަބަބުންނެވެ.

*އެއް ހަފްތާ ފަސް*

ފާއިޒްގެ ގޭގެ ބޮޑު ޓެރަހުގައި ކައިވެނި އޮތްއިރު އެތަން ވަނީ ވަރަށް ބޮޑަށް ޖަރީކުރެވިފައިއެވެ. ދެ ހޮޅިދަނޑިއެއްގައި ރަންކުލައިން ދިއްލޭ ބޮކިފަތި އެލިވިފައިވި އިރު އޭގެ ކުރިމަތީގައި ފޮޓޯނަގަން ރީތިތަނެއް ވަނީ ހަދާފައިއެވެ. ތިރީގައި ބޮޑު ފެހި ކުލައިގެ ކާޕެޓް ގަނޑެއް އަޅާފައިވާއިރު ވަށްބުރެއް މަތީގައި އެލުވިފައިވެއެވެ. އަދި އެބުރުގެ ދެފަރާތުގައި ފިޔާތޮށި ކުލައާއި ހުދުކުލައިގެ މައި ތަކެއް ހިއްޕާފައި ވުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެެވެ. އަދި މަތީގައި ކުދި ކުދި ފުޅި ބައްތިތައް އެލުވިފައިވީރު އެތާ ކައިރީ ކޭކް ބައިންދާފައި އިނެވެ. ދެބުރިއަށް ނަގާއިފައިވާ އެކޭކްވެސް ވަނީ ނުހަނު ރީތިކޮށް އަޅާފައިއެވެ.

ކަޅު ކުލައިގެ ކޯޓް ފަޓްލޫނުގައި ފާއިޒް ހުރިއިރު އޭނާ ނުހަނު ފުރިހަމަ ކަމަށް ދައްކައެވެ. އަޑިން ހުދުކުލައިގެ ގަމީހެއްލައި ފިޔާތޮށި ކުލައިގެ ޓައީއެއް އަޅާފައިވުމުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ތުނބުޅި އާއި މަތިމަސްވެސް ރީތިވަރަަކަށް ކޮށާފައިވުމުން ފާއިޒްގެ ފިރިހެން ވަންތަކަން އިތުރުވެފައިވިއެވެ. ފޮޓޯ ނަގަން އެތަނުގައި ހުއްޓިލައިގެން ހުރިއިރު ފާއިޒްގެ ގާތުގައި ހުރި ދީނާ ވެސް ނުހަނު ޗާލެވެ.

މަޑު ފިޔާތޮށިކުލައިގެ ބޮޑު ވެޑިން ޑްރެސް އެއްލައި ހަމަ އެކުލައިގެ ޝޯލްއެއް އަޅާފައިވުމުން ދީނާ ނުހަނު ޗާލެވެ. އަދި ހެދުމުގެ މޭމަތީގައި މާ ޖަހާފައިހުރި ތުނި ލޭސް ފޮތިގަނޑެއްލާފައި ވާއިރު އޭގެ ފޮތިގަނޑެއްވަނީ ބޮލުގައިވެސް އަޅާފައިއެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައި ވާއިރު ތުންފަތުގައިވަނީ އެންމެ ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ޖެއްސިފައިއެވެ. އަތުގައި ފިޔާތޮށިކުލައާއި ހުދުކުލައިގެ މާ ހުރި ބޮއުކުއެޓެއް އޮތް އިރު އިތުރަށް ދީނާ ފުރިހަމަކަމަށް ދައްކައިއެވެ. އަދި ދީނާގެ ޗާލުކަން ގެނުވާފައިވީ ތުންފަަތަށް ވެރި ކުރުވާފައިވި ފުޅާ ހިނިތުންވުމެވެ. ދެމީހުން އެކުގައި އެކިގޮތްގޮތަށް ފޮޓޯނަގަމުން ދިޔައިރު އެކިމީހުންގެ ނަޒަރުވަނީ އެމީހުންނަށް ހުއްޓިފައިއެވެ.

ހުރިހާ އަންހެނުން ގަދަ ފިޔާދޮށިކުލައިގެ ހެދުން ލައި މަޑު ފިޔާދޮށި ކުލައިގެ ޝޯލް އަޅާފައިވީއިރު ފިރިހެނުން ވަނީ ހުދުކުލައިގެ ގަމީސްލައި ކަލު ފަޓްލޫނު ލާފައިއެވެ. އަދި ގަމީހުގެ ޖީބުގައި މާކޮޅެއް ވަނީ ތަތްކުރެވިފައިއެވެ. އެންމެންވެސް ވަނީ ޕާޓީއަށް ނުހަނު ބޮޑަށް ތައްޔާރުވެލާފައިއެވެ. އެހައި ގިނަ ބަޔަކަށް ނުކީ ނަމަވެސް އެތަންވަނީ އެއްކޮށް ފުރި ބާރުވެފައިއެވެ. ކިޔާފައިވަނީ ހަމައެކަނި ރައްޓެހިންނަށާއި އާއިލާ މީހުންނަށްށެވެ.

ފާއިޒްގެ އެދުމުގެ މަތިން މާއީގެ އާއިލާ ހުރި ގޮތަށް އައިސްފާވާއިރު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. ތައްޔާރީގައި އިކާލްއާއި މާއީ ކުޑަކޮށް ވާހަކަ ދެއްކި ނަމަވެސް ދެމީހުންކުރެ އެކަކުވެސް އެހައި ގިނައިން ވާހަކަ ދައްކާކަށް މަސައްކަތެއް ނުކުރެއެވެ. އެއް ހަފްތާ ތެރޭ ދެމީހުންގެ ގުޅުންވެސް ހީނަރުވެފައިވީ ނުހަނު ބޮޑަށެވެ. އެންމެން އެއްކޮށް ފޮޓޯ ނަގާލުމަށްފަހު ޕާޓީ ނިންމާފައި އެންމެންވެސް ގެޔަށް ދިޔައީ ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ.

ފާއިޒް ދީނާ އުފުއްލާލައިގެން ކޮޓަރިއަށް ދިޔަ އިރު އިކާލް ހުރީ އެމަންޒަރު ވީޑިއޯ ކުރާށެވެ. މިއަދުވެސް އިކާލް ވަނީ މުޅި އެތަނުގައި އެދެމީހުން ލަދުގަންނަވާލައިފައިއެވެ. ރަސްފަންުނުގައި އޭނާ ނެގި ވީޑިއޯ އެތަނުގައި ދައްކާލެވެނު އިރު ފާއިޒް އާއި ދީނާ ހުރީ ލަދުންގޮސް ހަލާކުވާވަރުވެފައިއެވެ. އެހެންކަމުން ދެވަނަ ފަހަރަށް އެކަހަލަކަމެއް ނުވުމަށް ދުއާ ކުރަމުން ފާއިޒް އަވަސް ފިޔަވަޅުތަކެއް އަޅުމުން ގޮސް ކޮޓަރިއަށްވަދެލީ އިކާލްއަށް ކުދި ކިޔަމުންނެވެ.

ކޮޓަރިއަށްވަނެ ދޮރު ޖަހާލުމަށްފަހު ތަޅުލައިފައި ފާއިޒް ދީނާ ބާއްވާލީ އެނދުމަތީގައިއެވެ. އެއަށްފަހު ކޮޓަރީގެ އަލި ފަޑު އައްޔަކަށް ބަދަލުކޮށްލުމަށްފަހު ފާއިޒްވެސް ގަމީސް ބޭލުމަށްފަހު އެނދުގައި އޮށޯވެލީ ވަގުތުގެ އުފާވެރިކަން އިތުރުކުރުމަށެވެ.

***

”ޑޮކްޓާ. ވަޓް ހެޕެން.” އިކާލްއަށް ހަމަހޭވެރިކަން ވެރިވީ ކައިރީގައި އިން ނަރުސް ކުއްޖާ ގޮވަމުން ދަނިކޮށެވެ. އެތަނަށް މީހުން އައިސްފައި ހުރިއިރުވެސް އިކާލްއަށް އެކަމެއް އެއްވެސް ވަރަކަށް ފަހުމްވެސް ނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ ވަނީ މާއީގެ ހިޔާލުތަކަށް ގެއްލި ހުސްވެފައިއެވެ.

~ ނުނިމޭ ~

142

2 Comments

  1. ☕Coffee☕

    January 12, 2020 at 9:31 am

    Wowww❤️❤️❤️❤️ Nafu haadha molhey ‏‎مشاءالله💯💯💯💯💯👍👍👍👍👌👌👌👌

  2. ~señorita~

    January 12, 2020 at 11:26 am

    Wooooow varah salhi Hama habeys 👍💓💗💖💖💝💝💟💟💟💌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍💓💓💗💖💖💝💝💟💌♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕♥️💕

Comments are closed.