”ޑޮކްޓާ. ވަޓް ހެޕެން.” އިކާލްއަށް ހަމަހޭވެރިކަން ވެރިވީ ކައިރީގައި އިން ނަރުސް ކުއްޖާ ގޮވަމުން ދަނިކޮށެވެ. އެތަނަށް މީހުން އައިސްފައި ހުރިއިރުވެސް އިކާލްއަށް އެކަމެއް އެއްވެސް ވަރަކަށް ފަހުމްވެސް ނުވެއެވެ. އެހައިވެސް ބޮޑަށް އޭނާ ވަނީ މާއީގެ ހިޔާލުތަކަށް ގެއްލި ހުސްވެފައިއެވެ.
”ބޮޑަށް އަތްވަށް އެލާޖިކް ވެފައި ތިހުރީ. ދެން މާގިނައިން ޑިޓަޖެންޓް ކަހަލަ އެއްޗިއްސަށް އަތް ނުލުން ރަނގަޅުވާނީ. މިހިރީ ބޭސް. މީގައި އޮންނާނެ ސައިބޯންޏެއް. ރޭގަނޑު ނިދަން އޮށޯންނަމުން އޭގެން އަތް ދޮވެގެން ނިދާނީ. އަދި އަތްދޮވުމަށްފަހު އުނގުޅައިބޭސް އަތުގައި އުނގުޅާނީ. އިންޝާ ﷲ ރަނގަޅުވާނެ އޭރުން.” އެތަނުގައި ތިބި މީހުންނަށް ބޭސް ސިޓީ ދިއްކޮށްލަމުން އިކާލް ގޮޑިއަށް ލެގިލި ވަރުބަލިވެފައި ހުރުމުގެ ސަބަބުންނެވެ. ނަމަވެސް އަނެއްކާވެސް އޭނާގެ ހަނދާނަށް އަންނަން ފެށީ މާއީއާ އެކު ކޮށްފައި ހުރި މަޖާ ކަންތަކާއި އެކުގައި ކުރެވިފައި ހުރި ކަންތައްތައް މަތިންނެވެ. އެއާއިއެކު އޭނާގެ ލޮލުގައި ކަރުނަތައް ހިލެން ފެށިއެވެ. އިރުކޮޅަކު ގޮޑީގައި އޮވެލާފައި އިކާލް ކެންޓީނަށް ދާން ހިނގައިގަތީ ފެންފުޅިއެއް ގަތުމަށެވެ. ނަމަވެސް ދިޔުމުގެ މަގުމަތީގައި އިކާލްއަށް ރާޔާއާ ދިމާވުމުން ދެމީހުންވެސް މިސްރާބު ޖެހީ ޑައިނަމޯއަށް އެއްޗެއް ކާލަން ދިޔުމަށެވެ. ނަމަވެސް އެތަނުގައި ވާނޭ ގޮތެއް އިކާލްއަށް އިނގޭނީ ފަހެ ކިހިނެއް ހެއްޔެވެ.
ޑައިނަމޯއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކުވެސް އިކާލްގެ ލޮލުގައި އަޅާގަތީ އޭނާއާ ދިމާލަށް ބަލަން އިން މައިޝްއާ މާއީއެވެ. ނަމަވެސް އެދެމީހުން ފެންނަ ކަމަށްވެސް ހަދާނުލައި އިކާލް އެތެރެއަށް ވަދެގެން ދިޔައީއެެވެ. އެކަމުގެ ސަބަބުން ކިތަންމެ ހިތަށް ތަދުވިނަމަވެސް އެވަގުތަށް ކެތްކޮށްލައިގެން އޭނާ ހުރީއެވެ. ރާޔާގެ އުނަގަނޑުގައި އަތްވަށައިލައިގެން ގޮސް މޭޒެއް ކައިރީ ދެމީހުންވެސް އިށީންދެލީ އެމީހުންނަށް ބަލަން ތިބި ބަޔަކަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ.
އިކާލްއާ ރާޔާގެ ކުޅިވަރުތައް ބަލަން އިން މާއީގެ ދެލޯ ފުރިފައިވީ ކަރުނައިންނެވެ. އޭނާގެ ހިތުގައި ރިހުމެއް އުފެދިފައިވީ އިރު އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި އިންނާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ހުރިހާ އެއްޗެއް ބަހައްޓާފައި މުފީދާމެން ގޮވަގޮވާ އޮއްވަ އެތަނުން ނުކުމެގެން ދިޔައީ މޫނުގައި އަތް އަޅާއިލައިގެން ހުރެއެވެ. މާއީ އެތަނުން ނުކުތުމާއިއެކު އެންމެންގެ މޫނުމަތީގައިވެސް ހިނިތުންވުމެއް ދުވެލީ އެމީހުންގެ ކަންތައްތައް ކާމިޔާބުވަމުން ދާތީއެވެ. ރާޔާގެ ތުންފަތުގައިވެސް ވަނީ ލުއި ހިނިތުންވުމެކެވެ.
***
”މާއީ ދަރިފުޅާ. ދެން އަވަސްކޮށްލަބަލަ. އެޔޮއް މިހާރު އަށްގަޑި ބައިވަނީ.” ރީތިވާން ހުރީ މާއީއަށް މުފީދާ ގޮވާތާ އެތައް އިރެއް ވީއެވެ. ނަމަވެސް މާއީ ނުކުންނާކަށް ނޫޅެއެވެ. މައިރާވެސް އެއްފަހަރު ގޮސް މާއީ ގާތު އަވަސްކުރާށޭ ބުނެފިއެވެ. އެދުވަހަކީ މާއީގެ ހަޔާތުގައިވެސް އެންމެ ބޮޑު އެއް ކަންތައް ނިންމާ ރެއެކެވެ. އެރެއަކީ މުފީދާ ބޭނުން މީހަކާ މާއީގެ ކައިވެނި ހަމަޖައްސާ ރަން ކިޔާ ރެއެވެ. މާއީގެ ބޭރުން ހުރިހާ ކަމެއް ރަނގަޅުކަމަށް ފެންނަން ހުރި ނަމަވެސް އެތެރެހަށިވަނި އެއްކޮށް މަރުވެފައިއެވެ.
މާއީ އޭނާއަށް ވެވުނި އެންމެ ރީތިވެލައިގެން ކޮޓަރިން ނުކުމެގެން ދިޔައީ އިސްދަށަށް ޖަހައިލައިގެންނެވެ. އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލައިވެސް ނުލައިއެވެ. މުފީދާ މާއީގެ އަތުގައި ހިފައިގެން ގޮސް މޭޒުކައިރީގައި މާއީ ބައިންދާލީ ރަން ކިޔާށެވެ. އިށީންދެލައި މުފީދާ އޭނާގެ ކައިވެނި ހަމަ ޖެއްސި މީހާގެ މޫނަށް ބަލައިލިއެވެ. އެވަގުތު މާއީގެ ނަޒަރު އެމީހަކާ ދިމާލަށް ހުއްޓިގެން ދިޔައެވެ. އިތުރު އެއްވެސް ތަނެއް ބަލައިވެސް ނުލައި އޭނާގެ ކުރިމަތީގައި އިން މިހާގެ ދެލޮލަށް ބަލަމުން ދިޔައީ ފެންކަޅިވެފައިވި ދެލޮލުންނެވެ. އޭނާއަށް އިނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލުވެސް ނުކުރެވިފައިއެވެ. އެހެންނުވާންވީ ފަހެ ކީއްވެ ހެއްޔެވެ. އޭނާގެ ކުރިމަތީގައި އިށީންދެލައިގެން އެއިނީ އިކާލްނޫން ދެވަނަ މީހެއްނޫނެވެ. ގަބޫލުނުކުރެވިފައިވި ފަދައަކުން މުފީދާ މާއީއާ ދިމާލަށް ބަލައިލިއެވެ. އަނެއްކާވެސް އިކާލްގެ މޫނަށް ބަލަން ފެށީ ވާ ގޮތް ކިޔާދޭށޭ ބުނާ ފަދައަކުންނެވެ.
އެއާއިއެކު އިކާލް އޭގެ އެއް ހަފްތާ ކުރިން ހިނގި ކަންތައްތައް މާއީއަށް ކިޔައިދޭން ފެށިއެވެ.
- * ފާއިޒްއާއި ދީނާގެ ކައިވެންޏަށް އެތައް ތައްޔާރީތަކެއް ވަމުން ދިޔައިރު ރާޔާވެސް އައިސް ކުދި ކުދި އެހީތައް ވަމުން ދިޔައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް ދީނާއާ ވަހަކަ ނުދައްކައިއެވެ.
- ”ރާޔާ ތިހުންނަނީ އަހަރެންދެކެ ވަރަށް ރުޅި އައިސް ދޯ. އެކަމު ރާޔާ ތިހެން އުޅޭކަށް ނުވާނެ. އަހަރެންނަށް ވެސް ވިސްނުނީ ވަރަށް ފަހުން. އަހަރެން ބޭނުމެއްނުވޭ ރާޔާވެސް ތިގޮތަށް އުޅޭކަށް. އެކަމު ރާޔާ. ރާޔާ އަހަރެންނަށް އެންމެ ކަމެއް ކޮށްދީފާނަންތަ އަހަރެމެން ދެމީހުންގެ އެކުވެރިކަމަށްޓަކައިވެސް. އަހަރެން އިތުރު އެއްވެސް ކަމަކު ދެން ރާޔާގެ ކައިރިއަކު ނޭދޭނަން. އެކަމަކު ޕްލީޒް. ރާޔާއަށް އަހަރެން ބުނެގެން ތި މޭކަޕް ކުރުމެއްވެސް ދުރެއް ނުކޮށްލެވުނި. ހަމައެކަނި މިކަން ކޮށްދީ. ރާޔާ ކޮށްދޭން ވީ ކަމަކީ އިކާލްއާ ދުރުގައި އުޅެންވީ. އިކާލް ލޯބިވަނީ މާއީ ދެކެ އޭ ރާޔާ. ލިބެން ނެތް ލޯތްބެއް ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ބައެއްފަހަރަށް އޮންނަނީ ނުލިބިފައި. ރާޔާ ތިކުރަން އުޅޭ ކަމުގެ ސަބަބުން ކިތައް މީހުންގެ ދިރިއުޅުން ހަލާކުވެގެން ދާނީ. ތިން މީހުންގެ ދިރިއުޅުން. ރާޔާ ނިކަން ވިސްނާލަބަލަ. ތި ކުރަން އުޅޭ ކަންތައް ކުޑައެއް ނޫން. ތި ކުރަން އުޅޭ ކަމަކުން ރާޔާއަށް މުޅި އުމުރުގައިވެސް ހިތާމަ ކުރަން ޖެހިދާނެ. ދުވަހަކު އުފަލެއް ނުވެސް ލިބިދާނެ. ޕްލީޒް. ލީވް އިކާލް ފޯ ދަ ސޭކް އޮފް ޔުއާރ ލަވް ފޯ އިކާލް. ޕްލީޒް. އަހަރެންނަށް ހަމަ ޔަގީން ރާޔާ އިކާލް ދެކެ ހަގީގީ ލޯބިވާނަމަ އިކާލްއަށް އެފަދަ ބޮޑު ދެރައެއް ލިބެން ނޭދޭނެކަން. ވިސްނާލަބަލަ. ކޮންމެ ކަމެއް ވެސް ކުރަން ވާނީ ވަރަށް ވިސްނާފަ. ކަމެއް ކުރުމުގެ ކުރިން ވިސްނަންވީ ވަރަށް ނުވިސްނާފިއްޔާ ލިބޭ ދެރަ މާ ބޮޑު ވާނެ. ރާޔާ ދެކެ މާ ލޯބިވާނެ މީހަކު މިހާރުވެސް ރާޔާއަށް ހުރީ ލިބިފައި. އެކަމު ރާޔާ. ތިކުރަން އުޅޭ ކަންތައް ހުއްޓާލާ. ޕްލީޒް” ފާއިޒްގެ އެދުމުގެ މަތިން ދީނާ ދިޔައީ ރާޔާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރަމުންނެވެ. އަދި ދީނާވެސް ރާޔާ އެގޮތަށް އުޅެން ބޭނުންނުވާތީއެވެ. ދީނާ ދައްކަމުން ދިޔަ ވާހަކަތަކަށް ފުރަތަމަ ފަހަރަށް ރާޔާއަށް ވިސްނެން ފެށިއެވެ. އެވާހަކަތަކުގެ ސަބަބުން ރާޔާއަށް އިތުރު އެއްވެސް ކަމަކާ ނުވިސްނުނި އިރު އޭނާގެ ތަބީޢަތުވެސް ދިޔައީ ހައްތާ ގޯސްވަމުންނެވެ. އެހެންކަމުން އެތަނުން ވެސް ނުކުމެގެން އޭނާ ދިޔައީ އެމަންޒަރު ދީނާއަށް ނުދައްކަން ވެގެންނެވެ.
- ***
- އެނދުގައި އޮށޯވެލައިގެން އޮތް ރާޔާއަށް ވިސްނެމުން ދިޔައީ ދީނާ ދެއްކި ވާހަކަތަކާއި މެދުއެވެ. ފުރަތަމަ ފަހަރަަށް އޭނާއަށް ކުރެވުނު އަދި ކުރެވެން އުޅޭ ކަންތަކާ މެދު ވެސް ވިސްނެން ފެށިއެވެ. އަދި އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަންވެސް އޭނާއަށް އަންދާޒާކުރެވެމުން ދިޔައެވެ.
- ”ތެދެކެވެ. އަހަރެންގެ ސަބަބުން ހަލާކުވެގެން ދާނީ އެންމެ މީހެއްގެ ދިރިއުޅުމެއް ނޫނެވެ. ތިން މީހުންގެ ދިރިއުޅުން ނަރަކައަށް ހަދާލެވޭނީވެސް ހަމަ އަހަރެންގެ މި ދެއަތުންނެވެ. މިކުރެވެން އުޅޭ ކަންތަކުގެ ސަބަބުން ދުވަހަކު އަހަރެންނަށް އުފަލެއް ނުލިބިވެސް ދާނެއެވެ. އެހެން ވެއްޖެނަމަ ކިހާ ދެރަ ހެއްޔެވެ.” ވަގުތުތައް ހިނގަމުން ދިޔަ ވަރަކަށް ރާޔާއަށް ވިސްނެމުން ދިޔައެވެ. އެންމެންގެ ފަރާތުން މައާފަށް އެދެން ބޭނުން ވިއެވެ. މަންމައާއި ބައްޕަ ކައިރިއަށް ގޮސް ރޯން ބޭނުންވިއެވެ. އަދި އޭނާއަށް ކުރެވުނު ކަންތަކަށް ތައުބާވާން ބޭނުންވިއެވެ. އިސާހިތަކު ރާޔާގެ ހަރު ހިލަ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވެގެން ދިޔައެވެ. އެރޭ އޭނާއަށް ނިދުނީވެސް ކަންކަމާ ވިސްނާ ރޯން އޮއްވައެވެ. ދުވަހަކުވެސް މިފަދަ ކަމެއް ވާނެކަމަކަށް އޭނާއަށް ހުވަފެނުންވެސް ނުފެނެއެވެ.
- **
- ”ދީ.. އަހަރެންނަށް މަޢާފު ކުރޭ. އަހަރެންނަށް އުޅެވުނީ ވަރަށް ގޯސްކޮށް. މިހާރު ވިސްނިއްޖެ. ކުރެވެމުން ދިޔައީ ގޯސް ކަންތައްތަކެއް ކަން. އެޅެމުން ދިޔައީ ނުބައި ފިޔަވަޅެއްކަން. އަހަރެންނަށް ވިސްނިއްޖެ ދީ. އަހަރެން ދެން ދުވަހަކުވެސް އެހެންނެއް ނޫޅޭނަން. އަހަރެން ބޭނުން އަހަރެންގެ ފަރާތުން ވެސް ބަޔަކަށް އުފާވެރިކަމެއް ލިބެން. އަހަރެން އިކާލް ދޫކޮށްލައިފިން. މިހާރު އެނގިއްޖެ އަހަރެންނަށް އިކާލް ދެކެ ވެވުނީ ހަގީގީ ލޯބި ނޫންކަން. އަހަަރެން އޭރު ބޭނުންވީ މާއީއަށް އިކާލް ނުދެން. މާއީއަށް ދެރަގޮތް ހަދަން އަހަރެން އަބަދުވެސް ބޭނުންވީ. ދީ މައާފުކުރޭ ކުރިން ދުވަހަު ދީއާ ދިމާލަށް ކިޔުނި އެއްޗިއްސަށް.” ރާޔާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާގެ ހިތުގައި ރިއްސަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައިއެވެ. އެދުވަހު އެއްކޮށް ރާޔާ އުޅުނީ އޭނާއަށް ދެރަކޮށް ކަންތައްތައް ކުރެވުނު މީހުންގެ ކައިރިން މަޢާފަށް އެދުމުގައިއެވެ. މީހުންގެ މަޢާފު އެހައި ފަސޭހައިން ލިބެމުން ދިޔުމުން ރާޔާއަށް ކިރިޔާވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.
- އެދުވަހަށްފަހު ކޮންމެ ދުވަހެއްވެސް ފާއިތުވެގެން ދިޔައީ ރާޔާގެ ފަރާތުން ކޮންމެސް މީހަކަށް އެހީތެރިކަމެއް ނޫނީ އުފާވެރިކަމެއް ލިބުމަށްފަހުއެވެ. ނަމަވެސް އޭނާގެ ހިތުގެ އެއްކަނުގައި ބިރުވެރިވެރިކަމެއް އަދިވެސް ވަނީ އުފެދިފައިއެވެ. ހަމައެކަނި މާއީގެ ގާތުގައި މަޢާފަށް ނޭދިހުރިއިރު މާއީ އޭނާއަށް މައާފު ކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމުގެ ސަބަބުންނެވެ. މާއީއަށް ކަންތައް ކުރެވިފައި ހުރި ގޮތް ހިތަށް ސިފަވެގެންދިޔަސް ރާޔާގެ ހިތަށް ތޫނު ތަދެއް އަރައިގެން ދެއެވެ.
- އިކާލްގެ މަޢާފުވެސް ނުހަނު ފަސޭހައިން ރާޔާއަށް ލިބިގެން ދިޔައިރު އޭނާގެ ހިތަށް ލިބުނު އުފާ ބަޔާން ކުރަންވެސް ދައްޗެވެ. ނަމަވެސް އިކާލްގެ ވަރަށް ބޮޑު އެދުމެއްވެސް ރާޔާގެ ފަރާތުން އެދުނެވެ. އެއީ މާއީމެން މާލެ އަންނަން މާގިނަ ދުވަހެއް ދެން ނެތުމުން އެދެމީހުންގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. މާއީގެ ނަޒަރުން އެދެމީހުން އެއީ ލޯބިވެރިންކަން ދައްކާށެވެ. އޭގެ ފަހަތުގައި އޮތް ހަމައެކަނި އެއް ސަބަބަކީ މާއީ ލޯބިވަނީ އިކާލްދެކެ ކަން ޔަގީން ކުރުމެވެ. މާއިީގެ ކުރިމަތީގައި ދެމީހުން އެކުގައި އެކި ކަންތައްތައް ކޮށް މަޖާކުރުމުގައި އުޅުނީވެސް އެކަމުގެ ސަބަބުން މާއީއަށް ލިބޭ ދެރަ އަދި ކުރާ ހިތާމަ ދެނެގަތުމަށެވެ. އަދި ޑައިނަމޯއަށްވެސް އެމީހުން ދިޔައީ ރާވައިގެންނެވެ.*
- މާއީއަށް ހުރިހާ ކަމެއް ފަހުމްވުމާއިއެކު އަޑުން އަޑުނަގައި ރޯންފެށުނީ ލިބުނި ހިތްހަމަޖެހުމުގެ ސަބަބުންނެވެ. މައިޝްގެ ފަރާތުން އޭނާއަށް އަނިޔާ ކޮށްފައިވަނީ ރާޔާކަން އެނގިފައިވާއިރު އިކާލް ރާޔާއާ އެކު އުޅޭތީވެސް މާއީގެ ހިތުގައި ވަނީ އިކާލްއަށްޓަކައި ޝަކުވާއެވެ. މާއީ ހުއްޓާ ނުލައި ރޮމުން ދިޔައީތީ އިކާލް އިންތަނުން ތެދުވެލައިގެން ގޮސް މާއީގެ ގާތުގައި ހުއްޓިލައި މާއީ ކޮޅަށް ނަގައި މޭގައި ޖައްސާލީ ބޭނުންވަރަކަށް ރޯށޭ ބުނާ ފަދައިންނެވެ. އިކާލް އެހެން ހެދުމުގެ ސަބަބުން މާއީގެ ރުއިމުގެ އަޑުގަދަވެގެން ދިޔައެވެ. އިކާލްގެ ގަމީހުގެ އެއްބައި ތެމިގެން ދިޔައިރު އޭނާގެ ލޮލުން ފައިބަންނަމުން ދިޔަ ކަރުނަތަށްވެސް ދިޔައީ މާއީ އަޅައިގެން ހުރި ބުރުގާ ތެންމަމުންނެވެ.
- ”މާއީ. އައިމް ސޮރީ. އައިމް ސޮރީ.” އިކާލް މާއީގެ ބޮލުގައި ފިރުމަންފެށިއެވެ. އޭރު އެތަނުގައި ރާޔާމެން އެންމެން ތިބިއިރު ހަމަ އެކަނި އެތަނުގައި ނެތީ ރާކިންއެވެ. އެހުރިހާ ކަމެއް ނިމިގެން ދިޔައިރުވެސް ރާކިން އެމީހުން ފެންނަ ހިސާބަށްވެސް ނާދެއެވެ.
- ”އައިމް ސޮރީ ޓޫ އިކް. އައިމް ސޯ ސޮރީ. އިކް. އޭރު އަހަރެން ގަބޫލެއް ނުކުރަން އަހަރެންނަށް އިކް ދެކެ ވެވުނީ ލޯބިކަމަކަށް. އަހަރެން ހީކުރީ އިކް ވެސް އަހަރެންނާ ދޭތެެރޭ އެކަހަލަ ނަޒަރަކުން ނުދެކޭނެކަމަށް. އަހަރެން ފަހަރުގައިވެސް ހިޔެއް ނުކުރަން އިކް ދެކެ ހަގީގީ ލޯބިވެވިދާނެ ކަމަކަށް. އިނގޭތަ އިކް ދިޔުމުން އަހަރެން އުޅުނި ހާލު. އިކް ގާތު އެރޭ އަހަރެންގެ ކަިއރިން ދުރަށް ދާށޭވެސް ބުނީ އަހަރެންގެ މިހިތާ ދެކޮޅަށް. އިކް ދިޔުމުން މި ހިތަށް ވަރަށް ތަދުވި. އިކް ގާތު އެހެން ބުނެވުމުން އަމިއްލަ ނަފްސު ދެކެ ނުހަނު ރުޅިއައި. އިކް ދިޔުމުން ހީވީ އަހަރެންގެ ހަށިގަނޑުގެ އެއްބައި މަދުވިހެން. އެއްބައި ގެއްލުނުހެން. ހިތަށް ހީވީ މީހަކު ފައިން އަރާ ޗިސްޗިސް ކޮށްލިހެން. ވަޅިއަޅައި ކޮށާލިހެން. އިކް ގާޓުގައި ވުމަށް އަބަދުވެސް މިހިތް އެދެމުން ދިޔައީ. އިކްގެ މޭގައި ބޮއަޅާލައިގެން އޮވެ ރޯލަން ހިތް އެދުނީ. އިކް ދުވަހަކުވެސް އަހަރެން ދޫނުކޮށްލައްޗޭ. އަހަރެންގެ ގާތުގައި ވައްޗޭ. އަހަރެންދެކެ އަބަދުވެސް ތިގޮތަށް ލޯބިވައްޗޭ. އަބަދުވެސް ކުރިން އަޅާލި ގޮތައް އަޅާލައްޗޭ.” އިކާލްގެ ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އެމަންޒަރު ބަލަން ތިބި އެންމެންގެ ލޮލުގަިއވެސް ކަރުނައިގެ ފަށަލައެއްވިއެވެ.
- ”މާއީ ދެން ހުއްޓާލާ. އަހަރެން ވައުދުވަން. އަބަދުހުވެސް މާއީދެކެ ހަމަ މިގޮތަށް ލޯބިވާނަން. އަބަދުވެސް ވާނަން މާއީގެ ގާތުގައި. އަބަދުވެސް މާއީއަށް ކުރިން އަޅާލިހެން އަޅާލާނަން. އަހަރެން މާއީދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެންގެ ހިތުގައި މާއީއަށްޓަކައިވީ ތެދުވެރި ސާފު ލޯބި. އައި ލަވް ޔޫ މާއީ. ޔޫ އާ މައިން ފޯރްއެވާ. ޔޫ އާ މައިން.” އިކާލް ނުހަނު ބާރަށް މާއީގެ ގައިގައި ބައްދާލިއެވެ. ވައިސޫރިއަކަށްވެސް އެދެމެދަށް ނުވަދެވޭނެހާ ބާރަށެވެ. ދެމީހުން އެގޮތުގައި ތިއްބާ ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުން ދުރުވެލައި މޫނުވެސް ރީއްޗަށް ފޮހެލައި ދެމީހުންވެސް ގޮސް ގޮޑީގައި އިށީންދެލީއެވެ.
- ރަންކިޔުމުގެ ހުރިހާ ކަމެއް ނިމިގެން ދިޔައިރު އިކާލްއަށާއި މާއީގެ ހިތް އުފަލުން ނަށަން ފެށިއެވެ. މުފީދާވެސް ހުރީ ނުހަނު އުފާވެފައިއެވެ. މާއީ އާ ދެމީހުންނަށް ވަގުތުކޮޅެއް ދިނުމުގެ ގޮތުން އެންމެންވެސް އެމީހެއްގެ ގެޔަށް ދިޔައީ އަދި މާބޮޑަށް ލަސްވެފައި ހުރުމުގެ ސަބަބުންނެވެ.
- ”ފައިނަލީ އަހަރެންނަށް ހަމަޖެހުމެއް ލިބިއްޖެ. އިނގޭތަ މާއީއަށް ދައްކަން ރާޔާއާ އެކީ އުޅުނިއިރު މިހިތަށް ހާދަ ތަދެއް ވިޔޭ. އެކަމުވެސް ހަމަ އެކަން ޔަގީން ކުރަން ބޭނުންވެފައި ހުރިވަރުން ކުރީވެސް. މާއީ. ދެން މަގޭ ހިތުގަ ފިރުމާލަ ދޭން ވީނުން. މިހާރުވެސް ވަރަށް އެބަ ތަދުވޭ. އަދި އެ ފާރުތަކެއް ރަނގަޅެއް ނުވޭ ކަންނޭގެ.” އިކާލް ބެލީ މާއީ ހެއްވާލެވޭތޯއެވެ. މާއީ އެނާގެ މޭމަތީގައި އަތްބައްވާލުމާއިއެކު އިކާލް ހަލެލަވައިގަތީ ތަދުވާކަމަށް ހެދެމުންނެވެ. އެއާއިއެކު މާއީ އޭނާގެ މޭމަތީގައި މަޑުމަޑުން ޖަހާލަމުން ދުރަށް ދާން ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން އިކާލް މާއީގެ އަތުގައި ހިފައި ކައިރިކޮށްލާފައި އޭނާގެ ނިތަށް ބޮސްދިނެވެ.
- ****
- ވިކާޝްއާއި އިރާދާގެ ގުޅުމަށް ހީނަރުކަމެއް އައިސްފައިވާއިރު ރާކިން އާއި އިރާދާގެ ގުޅުންވެސް އޮތީ ހަމައެފަދަ ގޮތަކަށެވެ. ރާކިން އިރާދާ ދެކެ ނުހަނު ލޯބިވި ނަމަވެސް އެކަހަލަ މީހަކަށް މަންމަ ކިޔަން އޭނާ ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ. ވިކާޝްވެސް އެފަދަ މީހަކަށް އެއީ އޭޏާގެ އަންބެކޭ ބުނަން ވެސް ލަދުގަނެއެވެ. އެދުވަހުން ފެށިގެން އެއިން އެކަކުވެސް އިރާދާއާ ވާހަކަ ނުދައްކާ އިރު އިރާދާވެސް ވާޙަކަ ދައްކަން މަސައްކަތެއް ނުކުރެއެވެ.
- ”އިރާދާ. މިއަދު ވާނެ އިކާލް ކައިރިއަށް ދާން. އަހަރެން ބޭނުން އިކާލްއަށް އޭނާގެ މަންމައެއް ހުންނަކަން އަންގަން. އޭނާއަށް މަންމައެއްގެ ލޯބިދޭން ބޭނުން. މާދަމާ އިރާދާ އެކަން ނުކޮށްފިއްޔާ އަހަރެން ދެން ދުވަހަކުވެސް އިރާދާއެކީ ނޫޅޭނަން. އަހަރެން އިރާދާގެ ގާތުގައި ވުމަށް އެދެންޏާ މާދަމާ ގޮސް އިކާލްއަށް ހަގީގަތް އޮޅުން ފިލުވައިދޭތި. އަދި އިކާލްގެ ގަޑި ގެންގޮސް އިކާލްއަށް ދޭތި.” ވިކާޝްގެ ހިތް އެންމެފަހުން މަޑުން ނޯންނަން ފެށުމުން އިރާދާއާ ވާހަކަ ދައްކަން ފެށިއެވެ. އިރާދާ އިސްއުފުލައިވެސް ނުލައި އެހުރި ގޮތަށް ހުރީ ވިކާޝްގެ ކައިރި ބަލަންވެސް އޭނާގެ ދެލޯ ނުކުޅެދޭތީއެވެ. ނަމަވެސް ވިކާޝްއާއިއެކު ވުމަށް އެހިތް އެދެމުން ދިޔަލެއް ބޮޑުކަމުން އޭނާ އިކާލްއަށް ހަގީގަތް ކިޔައިދޭން އެއްބެސް ވިއެވެ.
- ***
- ”ފާއިޒް. އިކް ވަރަށް އުފާވެފަ ދޯ މިހާރު ހުންނާނީ. އެންމެ ކުޑައިރުން ފެށިގެން އެދުނު ލޯބި ލިބުނީމަ.” ދީނާ ފާއިޒްގެ މޭގައި ބޯއަޅައިލައިގެން އޮވެ ބުނެލިއެވެ.
- ”އަސްލުވެސް. ވަރަށް ބޮޑަށް އިކް ހުރީ އުފާވެފަ. އަސްލު އިކް ހާދަ ރުއިމެއް ރުޔޭ. ހާދަ ކަރުނައެއް އެޅިއޭ މާއީ ނުލިބުމުން. ރާޔާގެ ސަބަބުން އިކްގެ ހިތް މުޅިން ފުޑުފުޑުވެގެން ދިޔަ. މަވެސް އަސްލު ވަރަށް ދެރަވި އިކް އެދުވަސްކޮޅު އުޅެމުން ދިޔަގޮތުން.” ފާއިޒްވެސް ހީލަމުން އެހެން ބުނެލީ ހަގީގަތުގައި އޭނާވެސް ނުހަނު ބޮޑަށް ހިތްހަމަޖެހިފައިހުރުމުގެ ސަބަބުންނެވެ.
- ”ދެން ހިނގާ ނިދަން.” ފާއިޒް އެހެން ބުނެލުމަށްފަހު ބޮކިތައް ނިއްވާލީ ނިދިއައިސްފާ ހުރުމުގެ ސަބަބުން އަވަހަށް ނިދާލުމަށެވެ.
- ***
- ހެނދުނުގެ އަލިކަން ދުނިޔެއަށް ފެތުރިގެން ދިޔައީ އިކާލްގެ ހަޔާތަށް ބޮމެއް ގޮއްވާލަމުންނެވެ. ”ދަރިފުޅާ އިކާލް. މަންމައަށް މައާފުކުރޭ. މީ ދަރިފުޅުގެ މަންމައޭ. މިއޮތީ ދަރިފުޅު ގެއްލިގެން އުޅޭ މަންމަ ދަރިފުޅަށް ދިން ހަމައެކަނި ހަނދާންވެސް. ދަރިފުޅާ. މަންމަ ދަރިފުޅު މަތިން ވަރަށް ހަނދާންވޭ. ވަރަށް ލޯބިވޭ ދަރިފުޅުދެކެ.” އިރާދާ ދިޔައީ އޭނާގެ މާޒީގެ ސޮފުހާތަށް އިކާލް އާއި ފާއިޒް އަދި އެންމެންގެ ކުރިމަތީގައި ހުޅުވާލަމުންނެވެ. ފާއިޒްއަށް އިރާދާ ދައްކަމުން ދިޔަ ވާހަކަ ގަބޫލުނުކުރެވިފައި ހުރިއިރު އިކާލްވެސް ހުރީ ހަމަ އެފަދަ ހާލެއްގައިއެވެ.
- ”ނޫން. އަހަރެންނެއް ނުހުންނާނެ މަންމައެއް. އަހަރެން ދުވަހަކުވެސް ބޭނުމެއްވެސް ނޫން މަންމައެއް. މަންމައަކީ އަހަރެންގެ ދިރިއުޅުމަށް ނެތް މީހެއް. އަހަރެން ބޭނުންނެތިގެން އެހެންމީހަކަށް ދީފައި ދިޔަ މީހަކަށް ކިހިނެއް އަހަރެން މަންމަ ކިޔާނީ. ތިހަދަނީ ހުސް ދޮގު. އަަހަރެން މީ މަންމަ ނެތް މީހެއް. މައިންބަފައިން ނެތް ނިކަމެއްޗެއް. އާއިލާ ނެތް ބޮޑު ފަގީރެއް.” އިކާލްއަށް ރޮމުން ހުރި ތަނަށް ތިރިވެވުނެވެ. ދެލޮލުން ނަގަން ފެށި ދިލައިން ދެލޯ މަރައި ބާރުކޮށްލެވުނީ ހިތަށްވެސް ތޫނު ތަދެއް އަރައިގެން ދިޔުމުންނެވެ.
”ނޫން ދަރިފުޅާ ތިހެން ނުބުނޭ. މީ ދަރިފުޅުގެ މަންމައޭ. މަންމައަށް މަޢާފު ކުރޭ. މަންމައަށް މިހާރު ވިިސްނިއްޖެ. މަންމަ ބޭނުން ދަރިފުޅަށް މަންމައެއްގެ ލޯބިދޭން. ދަރިފުޅާ އާދޭސްކޮށްފައި މި ބުނަނީ.” އިރާދާ ގޮސް އިކާލްގެ ގައިގައި ނުހަނު ބާރށް ބައްދާލިއެވެ. އޭނާގެ ލޮލުން ފައިބަންނަމުން ދިޔަ ކަރުނަތަށް އިކާލްގެ ގަމީސް ތެންމަމުން ދިޔައިރު އެކަމުގެ ސަބަބުން އިކާލްގެ ހިތަށްވެސް ގޮތެއްވެގެން ދިޔައެވެ. ނަމަވެސް..
”މަ ކުރި މަތިން ދުރަށްދޭ. މިބުނީނު މަ ކުރި މަތިން ދުރަށްދާށޭ. މަ ނުހުންނާނެ މަންމަ ކިޔާނެ މީހެއް. މަ މަންމައެއް ނުހުންނާނެ.” އިކާލްގެ ހަރުކަށިއަޑު އިވިފައި އެތާ ތިބި އެންމެންވެސް ދިޔައީ ސިއްސައިގެންނެވެ. ދުވަހަކުވެސް މާއީއަށް އިކާލް ރުޅިއައިސްފައި ހުއްޓާ ދެކިފައި ނުވާއިރު ދެންމެ އެފެނުނި މަންޒަރުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އިރާދާވެސް ސިއްސައިގެންގޮސް އިކާލްގެ ކައިރިން ދުރަށް ދިޔައީ ދުވަހަކުވެސް އިކާލްގެ މަޢާފު ލިބެންނެތްކަން އެހިތަށް ޔަގީން ކުރެވުމުންނެވެ. އިރާދާގެ ފަހަތުން ވިކާޝްވެސް ދިޔައިރު އިކާލް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
”އަހަރެންގެ މަންމައަށް ރާކިންގެ މަންމަވަނީ ކިހިނެއް ހެއްޔެވެ؟ މިކަން އަހަރެން ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ ފަޒާއްތަ އަކީ ރާކިންގެ މަންމަގެ ދައްތައަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފަޒާއްތަވެސް އަހަރެންނަށް މިވާހަކަތައް ސިއްރު ކުރީ ކީއްވެ ހެއްޔެވެ؟” އިކާލްގެ ސިކުނޑި ފުރިފައިވީ ޖަވާބުނުލިބޭ އެތައް ސުވާލުތަކަކުންނެވެ. ތަގްދީރު އޭނާއާ މެދު ކުޅެމުންދާ ކުޅިވަރު ގަބޫލުކުރާނީވެސް ކިހިނެއް ހެއްޔެވެ. އެއްވެސް އިންސާފެއް ނެތް ގޮތަކަށް ކަންތައްތައް ނިމިގެންމި ދަނީ ކީއްވެ ހެއްޔެވެ؟ އިކާލް އެކި އެކި ހިޔާލުތަކުގައި އިންދާ އެތަނަށް ފާއިޒް އަންނަ ތަން ފެނުމުން އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލިއެވެ.
ފާއިޒްވެސް ހުރީ އޭނާއާ މެދު ކަންތައްވަމުންދާ ގޮތް ގަބޫލުނުކުރެވިފައިއެވެ. އޭނާ ހުރިހާ ދުވަހު ހީކޮށްގެން ހުރީ އޭނާގެ އާއިލާ މީހަކު އަދި ތިމާގެ މީހަކުވެސް ނެތް ކަމަށެވެ. ނަމަވެސް ނޭނގިހުއްޓާ އޭނާގެ ދައްތައެއް ހުރިކަން އެނގުންވުމުން އެހިތަށް އުފާވެރިކަމެއް ލިބިގެން ދިޔައެވެ.
”އިކް ދެން މަންމައަށް މަޢާފު ކުރޭ. ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެ. މަންމައަށް މަޢާފު ކޮށްފަ މަންމަ ކާއިރިއަށް ދޭ. މަންމަ އެހުރީ މިހާޜުވެސް އިކާލްއަށް ލޯބިދޭން ތައްޔާރަށް. ތިހެން ހަދާކަށް ނުވާނެ.” ފާއިޒް އިކާލްގެ ކައިރީގައި އިށީންދެލިއެވެ. އޭރު މާއީވެސް އެކޮޓަރިއަށް ވަދެގެން އައީ ލަސް ފިޔަވަޅުތަކެއްގައިއެވެ. އޭނާއަށްވެސް ހުރީ ދެންމެ އެއިވުނި ވާހަކަތައް ގަބޫލުނުކުރެވިފައިއެވެ.
”ފާއިޒް. އަހަރެން ކިހިނެއް ދެން ހަދާނީ. އަހަރެން މީ ހާދަ ގޯސް މީހެކޭ. ރާކިންގެ ހުރީހާ ހައްގެއް އަހަރެންނަށް މި އަތުލެވެނީ. އެހެންވެ ކަންނޭގެ ރާކިން އަހަރެން ދެކެ ރުޅި އައިސްގެން އެއުޅެނީވެސް. ދެން ކިހިނެއް އަހަރެން ހަދާނީ. ފާއިޒް ބުނެބަލަ.” އިކާލްގެ އޭނާގެ މޫނުމަތީގައި އަތްއަޅާލީ ރޮވެން އުޅުމުންނެވެ.
”އިކް. ތިހެން ނުބުނޭ. އިކްގެ އެއްވެސް ކުށެއް ތިކަމަކު ނެތް. ރާކިން އިކް ދެކެ ކިތަންމެ ރުޅިއަޔަސް ތީ އިކް ކުރިކަމެއްތަ؟ އިކް އަމިއްލައަށްތަ ހުރިހާ ކަމެއް ކުރީ. ރާޔާވެސް ރާކިންގެ އަތުން އަތުލީ އިކް ތަ. ރާކިންގެ މަންމަވެސް އަތުލީ އިކްތަ؟ އިކް ތި ވިސްނަނީ ކިހިނެއްތަ؟ ތި ކަންތައް މަތިން ހަނދާން ނައްތާލާފަ އިކް މަންމައަށް މަޢާފު ކުރޭ. މަންމަ ވާނީ މަންމައަށް. މަންމަ ކޮންމެ ގޮތެއް ހެދިޔަސް އިކް ޖެހޭނެ މަންމައަށް މަޢާފު ކުރަން.” މާއީ އިކާލްގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުއްލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.
”އެބުނީ ތެދެއް އިކް.”
”ނޫން. އަހަރެން ދުވަހަކުވެސް އޭނާއަކަށް މަޢާފެއް ނުކުރާނަން. އެއީ މަޢާފުކުުރުން ހައްގު މީހެއް ނޫން.” އިކާލް އަނެއްކާވެސް ރޮއިގަތެވެ.
”އިކް. ދެން ކީއްވެ އަހަރެން ކުރި ކަންތަކަށް އިކް މަޢާފު ކުރީ. އިކްގެ މަންމައަށް ވުރެ އަހަރެން މާ މުހިންމީތަ؟ ކީއްވެ އަހަރެން ކުރި ކަންތަކަށް އިކް އެހައި ފަސޭހައިން މަޢާފު ކުރީ؟ ކީއްވެ މަންމަ ކުރި ކަންތަކަށް މަޢާފު ނުކުރެވިގެން ތިއުޅެނީ؟ އަހަރެންނަށް މަޢާފު ކުރެވުނިއްޔާ މަންމައަށްވެސް މަޢާފު ކުރަން ޖެހޭނެ. އިކް މަންމައަށް މަޢާފު ނުކޮށްފިއްޔާ އަހަރެން އިކް އަކާ ދުވަހަކުވެސް ވާހަކައެއް ނުދައްކާނަން.” މާއީ ހުރީ އޭނާގެ ގޮތުގައިއެވެ.
”ނޫން މާއީ. އަހަރެން ދޫކޮށްލާފަ ނުދައްޗޭ. ޕްލީޒް. އަހަރެން މަންމައަށް މަޢާފުކޮށްފިން. އަހަރެން މަންމަ ކައިރިއަށް ގޮސް މިއަދު ބުނާނަން. މަންމައާ ހެޔޮހިތުން ވާހަކަ ދައްކާނަން. އެކަމު މާއީ އަހަރެން ދޫނުކޮށްލައްޗޭ.” އިކާލްއަށް އަނެއްކާވެސް ރޯން ފެށުނެވެ. ފާއިޒްއަށާއި މާއީއަށްވެސް އިނދެވުނީ އިކާލްގެ އެއަމަލުގެ ސަބަބުން ރޮވިފައިއެވެ. ނަމަވެސް އިކާލް އިރާދާއަށް މައާފު ކުރާނެ ކަން އެނގުމުން އެދެމީހުންނަށް ލިބިގެން ދިޔައީ އެއްވަރެއްގެ އުފަލެކެވެ. އެދުވަހު ހަވީރު އިރާދާގެ ކައިރިއަށް ދާން ނިންމިއިރު އަދިވެސް އިކާލް ރަނގަޅަަކަށް ހަމައަކަށް ނޭޅެއެވެ.
***
”މަންމާ. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ. އަހަރެން މިއަދު މިއައީ މަންމަމެން ބުނާ މީހަކާ ކައިވެނި ކުރަން. ބައްޕާ. އަހަރެންނަށް މަޢާފު ކުރޭ އެކަމަށް ދެކޮޅު ހެދުނީމަ. އަހަރެން ދެން ދުވަހަކުވެސް މަންމަމެން ނުގަބޫލުގަ އެއްވެސް ކަމެއް ނުކުރާނަން. އަދޭސް ކޮށްފައި މިބުނަނީ.” ރާޔާ އައިސް އެދެމީހުންގެ ކުރިމަތީގައި ބުނެލި ބަސްތަކުން ދެމީހުންނަށް އެކުއެކީ ހިނިތުންވެލެވުނީ ލިބުނު ހިނިތުންވުމެއްގެ ބޮޑުކަމުންނެވެ. ރިޝާންއާއި ހަމީދާ ހެޔޮހިތުން ރާޔާއަށް މަޢާފު ކުރިއިރު ރާޔާއަށްވެސް ލިބުނީ ބުނެދޭން ނޭނގޭފަދަ ބޮޑު އުފަލެކެވެ.
~ ނުނިމޭ ~
2 Comments!
Comments are closed.
Mi part ves hama varah varah varah reethi ingey❤️❤️❤️❤️❤️??????????????مشاءالله
oww…v salhu mi part nafu….whn nxt part …..thankolheh avhaha genesdhecheyy