އަކްމަލްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްފައި ދާން ވެއްޖެކަމަށް ބުނެފައި އަލައިކާވެސް ދިޔައެވެ. އަކްމަލް ވެސް ދެފަރާތަށް ބޯ ހޫރުވާލާފައި ކުޅުންތެރިން ތިބި ތަނަށް ދާން މިސްރާބު ޖެހިއެވެ.
****

އިވާން އެނބުރި މާލެ އައި ފަހުން އިސްރާއަށް ވިސްނެނީ ހުސް އިވާންއާއި މެދުގައެވެ. އިވާންގެ ދަރިފުޅަށް އޭނާގެ ނަން ދިން ކަން އެނގުނު ހިސާބުން މުޅި މިހާ އެކީ ނުތަނަވަސް ވާން ފެށިއެވެ. ވިޔަފާރި ކަމެއްގައި އަހުސަމް ވެސް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުން އޭނާ ހިތުތެރޭގައި އުފެދެމުން ދިޔަ އިހްސާސްތައް ހިއްސާ ކުރާނެ މީހަކުވެސް ނެތެވެ. އެކަމުގެ ސަބަބުންވެސް އިސްރާގެ ސިކުނޑިއަށް ބުރަ ވަމުން ދިޔައެވެ.
އިސްރާއަށް އުނދަގުލެއް ވެގެން އުޅޭހެން އައިރާއަށް ހީވަމުން ދިޔައެވެ. އަބަދުވެސް ކޮންމެސް ނުތަނަވަސް ކަމެއްގެ ތެރޭގައި އުޅޭހެން ހީވެއެވެ. މަންމަގެ މޫނު މަތިން ފެންނަމުން ދިޔަ އުދާސްކަމުން އައިރާއަށް ނީންދެވިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރިއެވެ.
އައިރާއަށް ހިނިތުންވެލައިފައި އިސްރާ ދެލޯ މަރާލިއެވެ. އޭނާގެ މާޒީ އެދަރިފުޅަށް ކިޔައިދޭންވި ދުވަސް ޖެހިއްޖެ ކަމަށް ޤަބޫލު ކުރެވުނެވެ. އިސްރާ ބަދިގޭގައި ކުރަން ހުރި މަސައްކަތް ނިންމާފައި އައިރާ ގޮވައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އައިރާ ވާންއުޅެނީ ކިހިނެއްކަން ނޭންގި ކުޑަކޮށް ބިރުގަތެވެ. އިސްރާ އައިރާ އެނދުގައި ބައިންދާފައި އަލަމާރީގެ އެންމެ އަޑިން ފަސް ވަރަކަށްފޮތެއް ނެގިއެވެ. އެ ފޮތް ތައް ހިފައިގެން އައިސް އައިރާ އަތަށް ދިނެވެ. “މިއީ މަންމަ ކުޑައިރު ލިޔުނު ޑައިރީ ދަރިފުޅު މީތި ކިޔާބަ!” އައިރާ ފޮތަށް ނަޒަރެއް ދިނެެވެ. ހުރިހާ ފޮތެއް ވެސް ހުރީ ބާވެފައެވެ. ނަމަވެސް ހުރިހާ ފޮތެއްވެސް ހުރީ ރީތިކޮށެވެ. އައިރާ ފޮތްތައް ހިފައިގެން ތެދުވަން އުޅުމުން އިސްރާ މަޑުކުރަން އެދުނެވެ. އަދި ކުރު ގޮތަކަށް އޭނާގެ ޅަދުވަސްވަރުގެ ވާހަކަތައް ކިޔައިދިނެވެ.
އިވުނު ވާހަކަތަކުން އައިރާ އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. “ނަވާރްގެ ބައްޕައަކީ މަންމަގެ އެކްސް ބޯއި ފްރެންޑް އެންޑް މާނީ ދައްތަގެ އެކްސް ފިއާންސޭ؟؟” އައިރާ އަކުރުތަކަށް ދަމަމުން ބުނި ގޮތުން އިސްރާއަށް ހެވުނެވެ. “ހޫމް. އިވާން އެނބުރި އައިމަ ވަރަށް އުނދަގޫވޭ އެބަ. ކުރީގެ ހަނދާންތައް އާ ކުރަން ބޭނުން ނުވިއަސް ހަނދާންވަނީ އިވާން ބަދަލުވި ނަމަވެސް އޭރު ދިން އަނިޔާ ދުވަހަކުވެސް ހަނދާން ނުނެތޭނެ” ފަހު ޖުމްލަ ބުނެ ނިމުނު އިރު އިސްރާގެ ދެލޯ ފެންކަޅިވިއެވެ. އައިރާގެ ހިނިތުންވުންވެސް ފިލައިގެން ދިޔައެވެ. ޝާރިމް މަތިން ހަނދާންވިއެވެ. އޭނާ ފަދައިން މަންމަވެސް ލޯބީގައި ވޭނާ އަނިޔާ ތަހައްމަލު ކުރަން ޖެހުނުކަން އިނގުނެވެ. އިސްރާ އާއި ކުޑަކޮށް ވާހަކަ ދައްކާލަން އިނދެފައި އައިރާ ޑައިރީތައް ހިފައިގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެވަގުތު އިތުރަށް ކުރަން ޖެހޭނެ ކަމެއް ނެތުމުން ހަމަޖެހިލައިފައި އައިސް އެތަނުން އެންމެ ފުރަތަމަ ފޮތް ކިޔަން ފެށިއެވެ.

ކުރިިއަށް އޮތް ތޭވިސް އަހަރުން ދަށުގެ އޭޝިއަން ކަޕަށް ދާ ޓީމުން އަލްޔަސް އަދި ޔޫސުފްއަށް ވެސް ޖާގަ ލިބުނެވެ. މުބާރާތް އޮންނަނީ ތައިލޭންޑް ގައެވެ. ރާއްޖެއާއި އެއް ގުރޫޕެއްގައި އޭޝިއާގެ ގަދަ ދެބާރު ކަމަށްވާ ޗައިނާ އަދި ޖަޕާން ލައްވާލިއެވެ. އެހެނެއް ކަމަކު ޒުވާން ކުޅުންތެރިންނާ މެދު ސަޕޯޓަރުންނާއި ކޯޗުންގެ އުއްމިދު ވަރަށް ބޮޑެވެ. އެންމެން ވެެސް އުއްމީދު ކޮށްގެން ތިބީ ރާއްޖެއިން ރަނގަލު ނަތީޖާއެއް ނެރޭނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީނުކުރާ ގޮތަށެވެ. ގުރޫޕް ސްޓޭޖުގެ އެންމެ މެޗަކުންވެސް މޮޅުނުވެވި މުބާރާތައި އަލްވަދާއު ކިޔަން ޖެހުނެވެ. ސަޕޯޓަރުންނާއި ފުޓުބޯޅަ އާއިލާގެ އެތައް ބައެއްގެ ފާޑުކިޔުން ކޯޗަށް އަމާޒުވިއެވެ. ނަތިޖާއެއްގެ ގޮތުން އެނބުރި ރާއްޖެ ނައިސް ކޯޗު މަޤާމުން އިސްތިއުފާ ދިނެވެ. ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނެގިއެވެ. ސަޕޯޓަރުންގެ ފަރާތުން ކުޅުންތެރިންނަށް ވެސް ފާޑުކިޔުންތައް އަމާޒުވިއެވެ. ކޯޗު އިސްތިއުފާ ދިން ތަން ދެ ދުވަސް ތެރޭ ޤައުމީ ޓީމު އަދި ޒުވާން ޓީމުގެ ކޯޗު ކަމަށް މާއިޒް އައްޔަނު ކުރިއެވެ. މާއިޒް ކޯޗުކަމާއި ހަވާލުވިތާ ހަފްތާއެއްގެ ތެރޭ ޤައުމީ ޓީމުން ރާއްޖެއިން ބޭރުގައި ވަރުގަދަ މެޗެއް ކުޅުނެވެ. ޔޫރަޕުގެ އެންމެ ވަރުގަދަ ސްޕެއިންއާއި ދެކޮޅަށް ސްޕެއިންގައި ކުޅުނު އެކުވެރި ކަމުގެ މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ސުމެއް ސުމަކުން އެއްވަރު ވެގެންނެވެ.
*****
އިސްރާ ދިން ހުރިހާ ފޮތްތަކެއް ކިޔައި ނިމުނުއިރު އައިރާގެ ލޮލުން ކަރުނަ ނުހިކެއެވެ. ބައްޕަ އަދި މަންމައާއި މެދު އޭނާ ފަޚުރުވެރިވިއެވެ. އުނދަގޫ ރާސްތާއެއް ކަޑަތު ކުރުމަށްފަހު ވެސް މަންމައާއި ބައްޕަ އެކީގައި ދިރިއުޅުމެއް ފަށައި އަމިއްލައަށް މަސައްކަތްކޮށްގެން އުފާވެރިކަން ހޯދިއެވެ. މަންމަ އަދި ބައްޕަގެ އެކުވެރިންނަށް އަބަދުވެސް އޭނާ ޝުކުރު ވެރިވާނެއެވެ. އޭނާގެ މައިންބަފައިން ފަދައިން އޭނާވެސް އޭނާގެ އަމިއްލަ އުފާވެރިކަން ހޯދާނެއެވެ. މަންމަގެ ހަޔާތަށް ބައްޕަ އައި ފަދައިން އޭނާގެ ދިރިއުޅުން ފުރިހަމަކޮށްދޭނެ ބައިވެރިއަކަށް ޔާޒް އެބަހުއްޓެވެ. ލޯބިވާ ގާތް އެކުވެރިން އެބަތިއްބެވެ. ޝާރިމް ދިން އަނިޔާއާއީ ހިތްދަތިކަމަށް ވުރެ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު އޭނާއަށް އެބައޮތެވެ. އެހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު ޔާޒްއާއީ އެކީ އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން އައިރާ ދެކުނެވެ.

އަލައިކާއަށް ވަޒީފާ ލިބުނީ އަކްމަލްމެން ކުލަބުން ހިންގާ ޓީވީ ޗެނަލުންނެވެ. އެތަނުގެ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން ޖެހުމުން ކޮންމެ ދުވަހުކެހެން އަލްޔަސްއާއި އަލައިކާ ކުރިމަތިލާން ޖެހެއެވެ. ނުފެންނަ ކަމަށް ހެދިގެން އުޅުނަސް އަލްޔަސްއަށް ނޭންގޭނެހެން ސިއްރުން އެރީތި ސޫރައަށް އަލައިކާއަށް ބެލެއެވެ. އަލްޔަސް އިސްވެ އޭނާއާއި ވާހަކަ ދެއްކުމަށް ހިތް އެދެވެއެވެ. ލޯބިވާވަރު ބުނަން ހިތް ބޭނުމެވެ.
އަލްޔަސްގެ ހާލަކީވެސް އެއީއެވެ. މުލި ދުނިޔެއަށް ވެސް އޭނާ އަލައިކާ ދެކެ ވާ ލޯބި އަންގަން ބޭނުމެވެ. އެ އަންހެން ކުއްޖާ އަބަދުގެ އަބަދަށް އޭނާގެ މިލްކަކަށް ހަދަން ބޭނުމެވެ.

ހަނދުވަރު ރީތި ރެއެކެވެ. ހަނދު ވަށައިގެން ތަރިތައް ތިއްބެވެ. ހިތްގައިމު ވައިރޯޅިން ހިތްތަކަށް ފިނިކަން ގެނެސްދެމުން ދިޔައެވެ. ބެލްކަނީ ރެއިލިންގައި އަތް އަޅުވައިގެން ދެލޯ މަރާ ބާރުކޮށްގެން ޔޫސުފް ހުއްޓެވެ. ނަވާރްގެ ސޫރަ ހިތަށް ވެރިވުމާއެކު މޫނު މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “މަންމަގެ ރާޖާ ކޮން ކުއްޖެއް ހަނދާންކޮށްފަ ތަ މި ހެނީ؟” ނުހަނު ގާތުން މާނީގެ އަޑު އިވުމުން ސިހިފައި ޔޫސުފްއަށް ދެލޯ ހުޅުވާލެވުނެވެ. މާނީ ހިނިތުންވެގެން ހުރި ގޮތުން ޔޫސުފް ރަކިވިއެވެ. “ދެން ބުނެބަ ކޮން ކުއްޖެއްގެ ޚިޔާލުގަތަ؟” ޔޫސުފްގެ ފަރާތުން ޖަވާބެއް ނުލިބުމުން މާނީ އަނެއްކާވެސް އެހިއެވެ. “ކާކު ކޮން ޚިޔާލެއްގަ؟” ބެލްކަންނަށް ނިކުން އާރާޝްއަށް މާނީގެ ސުވާލު އަޑު އިވިގެން އަހާލިއެވެ. ޔޫސުފް ކުރިއަށް ވުރެ ބޮޑަށް ރަކިވިއެވެ. “އަހަރުމެންގެ ރާޖާ ކޮންމެސް ކުއްޖެއްގެ ޚިޔާލުގަ ހުރީމަ މި އަހަނީ އެ ނަސީބުގަދަ ކުއްޖަކީ ކޮން ކުއްޖެއްތޯ؟” ދިމާ ކުރާ ރާގަކަށް ބުންޏެވެ. ޔޫސުފް ރަކިގޮތަކަށް ހީލިއެވެ. ބޯ ކަހާލުމަށްފަހު އެއްޗެކޭ ނުބުނެ ހުއްޓެވެ.
“އެއީ ތެދެއްތަ؟ ކޮން ކުއްޖެއްތަ އެއީ؟” އާރާޝް ވެސް ޔޫސުފް އާއި ދިމާ ކޮށްލިއެވެ. ޔޫސުފް ދެފަރާތަށް ބޯ ހޫރާލައިފައި މަންމަ މެންނަށް ތިހީވަނީ ގޯސްކޮށޭ ބުނެލިއެވެ. “އައްދެ ދަރިފުޅު ހީކުރީ ބައްޕަމެންނަށް އޮޅުވާލެވޭނެ ކަމަށްތަ؟ ތިއީ އެއް ޒަމާނެއްގެ އަހަރުމެންވެސް އުޅުނު ގޮތޭ ދޯ މަރިޔަނބު” މާނީ އާއީ ދިމާއަށް އެއްލޯ މަރާލަމުން އާރާޝް ބުންޏެވެ. މާނީއާއި ދިމާއަށް އާރާޝް މަރިޔަނބުއޭ ބުނުމުން އޭނާ އާރާޝްއާއި ދިމާއަށް ލޯ އަޅާލިއެވެ.
“މަންމީ ޑެޑީ ކީއްވެ ކޮއްކޮ ނުލާ އެންމެ ތިތާ ތިތިބީ؟” ތުންކޮޅު ދަމައިގެން ހުރެ މިންހާ އެހިއެވެ. އޭނާ ނުލާ ދޮންބެ ގާތު މަންމައާއި ބައްޕަ ތިބުމުން ކަމު ނުދިޔައީއެވެ. “ކޮއްކޮ ކާޓޫން ބަލަން ހުރީމަ ނުގޮވީއޭ.” އާރާޝް ހިނިތުންވެލައިފައި މިންހާ އުރާލިއެެވެ. އާރާޝްގެ ކުޑަ އާއިލާ އެކުގައި ވަގުތު ކޮޅެއް ހޭދަކުރުމަށްފަހު މާ ލަސްވާން ހެދުމުން އެތެރެއަށް ވަނެވެ. އާއިލާ އެކީ މަދު ވަގުތުކޮޅެއް ނަމަވެސް ހޭދަކުރެވުނީ ތީ އެންމެން ވެސް ތިބީ އުފަލުންނެވެ.

ޕްރެކްޓިސް ނިންމާފައި އަކްމަލް ވަކިން ބައްދަލު ކޮށްލަން އެދުމުން އަލްޔަސް ހިތް ބިރުގަތެވެ. އަކްމަލްއަށް ކަމެއް އެނގުނީބާއޭ ހިތަށް އެރިއެވެ. ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިނަމަވެސް އެކަމެއް ނުވިއެވެ. ޕްރެކްޓިސް ނިމުމުން އެެހެން ކުޅުންތެރިން ދިއުމުން އަކްމަލް އަލްޔަސް ގޮވައިގެން ދަނޑުގައި އިން ކޮފީ ޝޮޕަށް ވަނެެވެ. ކޮފީ އަކަށް އޯޑަރުދިނުމުން ވެއިޓަރު ދިއުމުން ފުން ނަޒަރަކުން އަލްޔަސްއަށް އަކްމަލް ބަލާލިއެވެ. އަކްމަލް ބެލި ގޮތުން އަލްޔަސްގެ ހިތް އޮބިނޯންނަ ވަރަށް ތެޅުނެވެ. އެތަން އޭސީކޮށްފައި ހުރި ނަމަވެސް މުޅި މީހާ އެކީ ދާހިއްލަން ފެށިއެވެ. ގަދަ ކަމުން ހިނިތުންވާން އުޅުނު ނަމަވެސް އެކަންވެސް ނުވިއެވެ.
އަލްޔަސް އުޅޭ ގޮތުން އަކްމަލް ގާތަށް ހިނިވެސް އައެވެ. އަލްޔަސްގެ ބޮޑު ސިއްރެއް އޮތްކަން އެނގުނެވެ. އަލްޔަސް ބިރުން އެއުޅެނީ އޭނާއަށް އެކަން ފަޅާ އެރީކަމަށް ހީކޮށްކަން އަކްމަލްއަށް އެނގުނެވެ. އެތެރެެެއެތެރެއިން ހެވުނު ނަމަވެސް އަކްމަލް އަލްޔަސްއަށް އެކަން ނުދައްކާ ސީރިއަސްކަމާއެކު ހުރީ އަލްޔަސް ތަޅުވާލަންށެވެ. ވެއިޓަރު ކޮފީތަށި ބަހައްޓާފައި ދިއުމުން އޭގެން ކޯވަރެއް އަކްމަލް ބޯލިއެވެ. ބިރުން ގޮސް އަލްޔަސްއަށް ކޮފީކޮޅެއް ވެސް ދިރުވުނީ ހާލަކުންނެވެ.
“އަލްޔަސް އަސްލު އަލްޔަސްއާ ވަކިން މި ބައްދަލު ކުރަނީ ތިއީ އަހަރެން ވަރަށް އުއްމީދު ކުރާ ކުޅުންތެރިއަކަށް ވީމަ. އެކަމަކު ފަހަކަށް އައިސް އަލްޔަސްގެ ފޯކަސް ތިހުންނަނީ މުޅިން އެހެން ދިމާލަކަށްހެން އަހަންނަށް ވަރަށް ހީވޭ. ހީވަނީއެއް ނޫން ޔަގީން. ތާނިޔާއާއި އަލްޔަސްގެ ބްރޭކަޕްގެ ވާހަކަ ކޯޗުވެސް އަޑުއެހިން. ހީވަނީ އަދިވެސް އެކަންތަކުން އަލްޔަސްއަށް އަރައިނުގަނެވިގެން އުޅޭހެން. ކޯޗު ނުބުނާނަން ފުޓުބޯޅައިން ކުރިއަށް ދާންށޭ ކިޔާފަ އަމިއްލަ ލައިފެއް ފަށަން ނުވިސްނާށެކޭ. ކޯޗުވެސް ވަރަށް ޔަންގް އިރުގަ މެރީކުރީ. އަލްޔަސް ތިހުރި އުމުރުގަ އަލްކޮ ލިބިއްޖެ. މެރީކޮށްގެން ފެމެލީއެއް ސްޓާޓްކޮށްގެން ވެސް ފުޓުބޯޅައިން ކުރިއަށް ދާން މަސައްކަތް ކުރިން. ބޭބީއާއި ވައިފްއާ މެދު ވިސްނަންވެސް ވިސްނަން. އެކަމަކު ގޭމްއަށް ވެސް ފޯކަސްކުރަން. އެ ފޯކަސް ނުގެއްލުވަން. ހިތްހަލާކު ވާފަހަރު ފަހަރާ ކަންކަމާ ވެސް ދިމާވާނެ. ބަޓް ޔޫ ހޭވް ޓު ބޯ ސްޓްރޯންގް އިނަފް ޓު ޑީލް ވިތް އިޓް. ތީހަމަ ވަރަށް އުއްމީދީ ކުޅުންތެރިއެއް. އިރާދަކުރައްވާފިއްޔާ އަލްޔަސް ހަމަ އާރާޝްމެންނާ އެއް ފެންވަރަކަށް ދެވޭނެ. އެކަމަކު އަލްޔަސް ޖެހޭނީ މަސައްކަތް ކުރަން. އާރާޝްއަށް ވެސް އެހިސާބަށް ދެވުނީ ވަރަށް މަސައްކަތުން. ހީ ލޮސްޓް ދި ގާލް ހީ ލަވްޑް. ލޯ ކުރިމަތީގަ އެކުއްޖާގެ ކައިވެނި ހަމަޖެހުނީ. އެކަމާ ޑީލް ކުރަމުން އާރާޝް މޮޅު ކުޅުންތެރިއަކަށް ވީ. އިން ދި އެންޑް ހީ ގޮޓް ދި ގާލް އެންޑް ވޮން އެވްރީތިން އިން ފުޓްބޯލް. ޔޫ ހޭވް ޓު ވޯކް ހާރޑް ޓޫ އަލްޔަސް. އޭރަށް އަންހެން ކުއްޖާވެސް ފުޓުބޯޅައިންވެސް ކާމިޔާބީ ލިބޭނީ!” އަމިއްލަ ދަރިއަކަށް ނަސޭހަތްދޭ ފަދައަކުން އަލްޔަސްއަށް ނަސޭހަތް ދިނެވެ. އަކްމަލް ދެއްކި ވާހަކަތައް ކަނުލައި އަޑު އަހަން އަލްޔަސް އިނެވެ. އެއިން ކޮންމެ ވާހަކައަކާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލިއެވެ. އެއިން ކޮންމެ ވާހަކައެއް އޭނާ ގަބޫލު ކުރީ ހިތުގެ އަޑިންނެވެ.

ޔޫސުފް ގެއަށް ދިޔަ ގޮތަށް އެންމެ ފުރަތަމަވެސް ހޯދީ އަލައިކާއެވެ. މާނީ ގާތު އަލައިކާ ވީ ތަން ދެތިން ފަހަރު އެހިއެވެ. ޔޫސުފް އުޅުނު ގޮތުން މާނީއަށް ހީވީ ޔޫސުފް އަލައިކާއާއި މެދު ތަފާތު ނަޒަރަކުން ދެެކެނީހެންނެވެ. އޭނާއަށް ހިނިތުންވެވުނެވެ. އިޝްމާ ގާތު އެ ވާހަކަ ބުންނަން މާނީ ކެތް މަދުވިއެވެ. ޔޫސުފް ރީތިވެސް ނުވެ ދުވެފައި ކަހަލަ ގޮތަކަށް އިޝްމާ މެން ބަޔަށް ދިޔައެވެ. އިޝްމާ ގާތު އަލައިކާއަށް ގޮވާލަން އެދުނެވެ. އަލައިކާ އައުމާއެކު އަލައިކާ ގޮވައިގެން ޔޫސުފް ޓެރަހަށް އެރިއެވެ. ޔޫސުފް އުޅުނު ގޮތުން އިޝްމާވެސް ހުރީ ހައިރާންވެފައެވެ.

ޔާޒްއަށް ވިސްނެމުން ދިޔައީ އޭނާގެ ކައިވެންޏާ މެދުގައެވެ. ކަައިވެނި ގާތް ވެފައިވާއިރު އައިރާ އާއި މެދުވިސްނެމުން ދިޔައެވެ. ވިސްނިވަރަކަށް އޭނާގެ ބޮލުގައި ރިހެމުން ދިޔައެވެ. އެންމެ ފަހުން އެނދުގައި ނޯވެވިގެން ތެދުވެ އައިރާމެން ގެއަށް ދާން ތައްޔާރުވިއެވެ.

“ވަޓް؟ އެކަމް ބައްޕަ ކީއްވެ ވަކިން އަލްޔަސްއާ މީޓް ކުރަންވީ އޯނޯ ބައްޕައަށް އެއްޗެއް އެނގުނީތަ؟” އަކްމަލް އަލްޔަސް އާއި ވަކިން ބައްދަލު ކުރި ވާހަކަ ބުނުމުން އަލައިކާ ވެސް ބިރުގަތެވެ. ކުރީދުވަހުވެސް ބައްޕަ ހުރީ ހިތްހަމަ ނުޖެހިފައިކަން އޭނާއަށް އެނގުނެވެ. ބިރުން ގޮސް ތުންފަތުން ލޭ އަންނަވަރަށް ތުންފަތުގައި ދައިގަނެވުނެވެ. “އޭ އަލް ރިލޭކްސް ދޮންތަބެއަށް އިނގުނަސް އެއީ މާ ބޮޑު ކަމެއް ނޫން. އައި އޭމް ޝުއާރ ހީ އިޒް ގޮއިން ޓު ބީ އޯކޭ” އަަލައިކާ ދެ ކޮނޑުގައި ހިފައްޓާލަމުން ޔޫސުފް އެހެން ބުނި އަލައިކާ ހިތްހަމަ ޖައްސާލަ ދިނުމަށެވެ.
ައެވަގުތު ޓެރަހަށް އެރި އިޝްމާ އަދި މާނީއަށް ރީތިކޮށް އެ މަންޒަރު ފެނުނެވެ. މައްޗަށް އަރަމުން މާނީއަށް ހީވާ ގޮތް އޭނާ ވަނީ އިޝްމާ ގާތު ބުނެފައެވެ. ފެނުނު މަންޒަރުން އެދެމީހުންނަށް ކުރެވިފައިވި ކުށްހީ ބޮޑުވެގެން ދިޔައެވެ. މާނީއާއީ އިޝްމާއަށް ދެލޯ ބޮޑު ކުރެވި އަނގަ ތަން މިނަށް ހުޅުވުނެވެ. ޔޫސުފް އާއި އަލްޔަސްއަށް ހިލަން ވުމުގެ ކުރިން އެދެމީހުން ތިރިއަށް ދިޔައެވެ. އިޝްމާއާއި އެކީ އެބަޔަށް ވަން ގޮތަށް މާނީ ހަޅޭއްލަވައިގަތެވެ. “އޯ މައި ގޯޑް ދޮންތާ! އައި ކާންޓް ބިލީވް އިޓް. އަހަރުން ދެމީހުންގެ ދަރިން އޯ މައި ގޯޑް” އުފަލުން ގޮސް މާނީއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭންގެއެވެ. އިޝްމާވެސް ހުރީ އެހާލުގައެވެ.

ހޫނު ކޮފީތަށްޓެއް ހިފައިގެން ނަވާރް ބެލްކަނީގައި އިނެވެ. ޕްރެކްޓިސް ނިންމާފައި އައިސް ޔޫސުފް ގެއަށް ވަންތަން ރީތިކޮށް ނަވާރްއަށް ފެނުނެވެ. ޔޫސުފް ފެނުމާއެކު ނަވާރްގެ ތުންފަތް މައްޗަށް ރަކިހިނިތުންވުމެއް ވެރިވިއެވެ. “އިސްކޮ ކިހިނެއްވެފަ؟” ނަވާރްއަށް ހޭވެރިކަންވީ އިވާން އައިސް ވާހަކަ ދެއްކުމުންނެވެ. ކަމެއް ނުވެޔޭ ބުނެ ކޮފީ ތަށި އެއްފަހަރުން ދަމާލައިފައި ނަވާރް އެތެރެއަށް ވަނެވެ.

އިސްރާ ދޮރު ހުޅުވުމުން ޔާޒް އެތެރެއަށް ވަނެވެ. އަންޖަލްއާއި އައްްމާރު ކޮންމެސް ވާހަކައެއްގައި ސޯފާގައި ތިއްބެވެ. ޔާޒް ގޮސް އިށީނުމުން އަންޖަލް ދިމާކޮށްލިއެވެ. އައްމާރުވެސް އަންޖަލްއާއި ބައިވެރިވެގެން އެއްޗެކޭ ބުނެލިއެވެ.
ދިހަ ވަރަކަށް މިނެޓަށް ފަހު އައިރާ އައުމުން ޔާޒް އެދުނީ އޭނާއާ އެއްކޮށް ބޭރަށް ދިޔުމަށެވެ. އިސްރާ ގާތުން ހުއްދަ ހޯދާފައި ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން އައިރާ ޔާޒްއާއީ އެކީ ބޭރަށް ދިޔައެވެ.
ނުނިމޭ

158

4 Comments

 1. samra

  January 6, 2020 at 10:39 am

  siss when next

  • samra

   January 6, 2020 at 10:40 am

   mi bai vx v reethi

 2. Reader

  January 6, 2020 at 4:16 pm

  Why so slow up vaaleh 😭😭😭. Can’t wait

 3. 1234

  January 9, 2020 at 6:27 pm

  Konirakun next part

Comments are closed.