“ވައި..” އަނާނީއަށް ޤަބޫލު ނުކުރެވިގެން އަހައިލެވުނެވެ.

“އެއީ ވަރީގެ ފޯމު ލާފަ އޮތީމަ. ކޯޓުން ގުޅާފާނެ އެއްނު.” ލޫކަސް ހަމަޖެހިފައި އިނދެ ބުންޏެވެ. އެއާއެކު އަނާނީގެ ހިތް ގެނބުނުހެން ހީވިއެވެ. ލޫކަސް ހަމަ އަސްލުގައި ވެސް އެ ފޯމު ލީތާއެވެ.

“އޯހް..” ރަކިވެފައި ހުރިކަން ނުދައްކަން ވެގެން އަނާނީ އިސްތަށިގަނޑާއި ކުޅެލިއެވެ. “ގުޅީމަ އަންނާނަން. މިހާރު ޓިކެޓު ވެސް ނަގާފަ އޮންނާނީ ދާން. ސޯ އައި ނީޑް ޓު ގޯ.” އަނާނީ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އެއާއެކު ލޫކަސް ހިންދިރުވައިލިއެވެ. އަނާނީއަށް ހަގީގަތް ހާމަ ކުރަންވީބާއޭ ހިތަށް އެރިއެވެ.

އަނާނީ ހީކުރީ ކިތައްމެ ދުރުން އުޅުނަސް، އޭނާ ފުރުވަން ލޫކަސް ދާނެ ކަމަށެވެ. ނަމަވެސް، އޭނާ ފުރަން އޮތް ދުވަހު އެއްގޮތަކަށް ވެސް ލޫކަސްގެ ހަބަރެއް ނުވިއެވެ. އޭގެ ކުރީ ދުވަހު ބޭރަށް ދިޔަ ގޮތަށް ގެއަށް އައި ހެނެ ހިއެއްނުވެއެވެ. އެހެނަސް އެ ކޮޓަރީގައި ޓަކި ޖަހައިގެން ބަލާކަށް އަނާނީއަކަށް ނުކެރުނެވެ. ނުވިތާކަށް ލޫކަސްއަށް ގުޅާކަށް ވެސް ހިތްވަރެއް ނެތެވެ. އެންމެ ރަނގަޅު ވާނީ ލޫކަސްގެ މޫނު ނުފެނި ދިޔުމެވެ. އެހެން ނޫންނަމަ ހިތަށް އިތުރު ތަކުލީފަކަށް ވެދާނެއެވެ.

އަނާނީ ފޮށި ހިފައިގެން ލޯންޗާ ހަމައަށް ދިޔައީ ޓެކްސީއެއްގައި އެކަނިމާ އެކަންޏެވެ. އޭނާއަށް އެހީ ވާން އަންނާނެ މީހަކު ނެތެވެ. ގޮތެއް ނެތަސް ޔާނިއުއަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. ނޫން ނަމަ ޔާނިއު އައިސްގެން ބޮޑު ކަންތައް ގަނޑަކަށް ހަދައިލަފާނެއެވެ. އަނާނީ ނުފޮނުވަން އޭނާ އެތައް މަސައްކަތެއް ކުރާނެއެވެ. އެ ގޮތް ވާކަށް އަނާނީ ބޭނުމެއް ނޫނެވެ. އެއަށްވުރެ އެކަނި ދިޔުން ވެސް މާ ފަސޭހައެވެ. ނަމަވެސް ޓެކްސީއަށް އެރީއްސުރެ، އެކަނިވެރިކަމުގެ އިހުސާސް ފިލައިނުދެއެވެ. މިއޮއް ފަދަ މީހުން ގިނަ ތަނުގައި ވެސް އޭނާއާ އެކު ވާނެ މީހެއް ނެތެވެ.

ލޯންޗުގައި އިން އިރު އަނާނީއަށް ނުރޮވި އިނީ ކިރިޔާއެވެ. އެސްފިޔަ ޖަހައިފި ނަމަ ދެންމެ ދެންމެ ކަރުނަތައް ފައިބަފާނެހެން ހީވެއެވެ. ސަބަބަކީ، ކުރީ ފަހަރު މަންމަ ނިޔާވެގެން ރަށަށް ދިޔަ އިރު ގާތުގައި ލޫކަސް އިން ކަން ހަނދާން ވުމެވެ. އެދުވަހަށް ވުރެ މިއަދު މާ ކަނޑު ގަދައެވެ. އަނާނީ އިނީ ވެސް ބިރުންނެވެ. ނަމަވެސް، މިއަދު އޭނާއަށް ހިތްވަރު ދޭކަށް މީހަކު ނެތެވެ. ބޮޑު ރާޅެއް ނަގާ ކޮންމެ ފަހަރަކު ލޯންޗަށް ލޮޅުން އަރާއިރު، އަނާނީ އިންނަނީ އެތާ އިން ދަގަނޑު ހޮޅީގައި ވަރަށް ބާރަށް ހިފަހައްޓައިގެނެވެ. ނަމަވެސް އޭގެ ބަދަލުގައި، މީހެއްގެ އަތުގައި ހިފައިގެން އިން ނަމަ ބިރުވެރިކަން ކުޑަވެ، ހިތަށް ހަމަޖެހުން ލިބުނީސްކަން ޔަގީނެވެ.

ރަށުން އަނާނީއަށް މަރުޙަބާ ކީ ދޮންބެއާއި ފަހަރިއެވެ. އެދެމީހުން ފެނުނު ހިސާބުން، އަނާނީގެ އެކަނިވެރިކަން ފިލައި، އޭނާގެ ދެކެ ލޯބިވާ ބަޔަކު ތިބިކަން ހަނދާން ވިއެވެ. އެފަހަރު އަނާނީއަށް ރޮވުނީ އުފަލުންނެވެ. މަލީހާގެ ގައިގައި ބައްދައިގެން ހުރެ ރޯން ފެށުމުން އެމީހުން ހީކުރީ އަނާނީ ކަމަކާއި ދެރަވެގެން ރޮނީ ކަމަށެވެ. އެއާއެކު އެންމެ ފުރަތަމަ ވެސް އަލީ އެހީ ލޫކަސްގެ ވާހަކައެވެ. ލޫކަސް އަނާނީއަށް ގޯސްކޮށް ކަމެއް ކުރީހޭ އެހުމުން އަނާނީ ވަގުތުން އިންކާރު ކުރިއެވެ. އަދި ލޫކަސް ފުރުވަން ވެސް އައި ކަމަށާއި، އަނާނީ ނުފޮނުވަން ވަރަށް މަސައްކަތް ކުރި ކަމަށް ބުނެ ދޮގު ހެދިއެވެ. ލޫކަސް އަންނަން ބޭނުންވެފައި ހުއްޓަސް، ވިޔަފާރީގެ ކަންކަމާ ހެދި ނާދެވުނީ ކަމަށް ވެސް ބުންޏެވެ. އަލީއާއި މަލީހާ ހުރީ އެ ވާހަކަ ޤަބޫލު ކޮށްލައިގެން، ވަރަށް އުފާ ވެފައެވެ. އެވަރުގެ ބޮޑު ދޮގެއް ހަދަން ޖެހުމުން އަނާނީ އެތެރެއިން ހުރީ ލަދުގަނެފައެވެ. ލޫކަސްއާއި މިހާރު އޮތް ގުޅުން ކިޔައިދޭނެ ހިތްވަރެއް ހަމަ އެއްގޮތަކަށް ވެސް ނެތެެވެ. ނަމަވެސް ލަސް ނުކޮށް އެވާހަކަ ބުނަން އެބަ ޖެހެއެވެ.

އަނާނީ އައިސް ވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ. އެއީ އޭނާ އެންމެ ކުޑަ އިރުން ފެށިގެން ނިދައި އުޅުނު ތަނެވެ. އެތަން ހަމަ އަދިވެސް ހުރީ ކުރިން ހުރި ގޮތަށެވެ. ނަމަވެސް، އެންމެ ހިރަފުސް ކޮޅެއް ވެސް ފެންނަން ނެތުމުން އެނގުނީ މަލީހާ އެތަން ސާފު ކޮށްފައި ހުރި ކަމެވެ. އެނދުގައި ވެސް އޮތީ މުޅިން އައު ބެޑުޝީޓެއް އަޅާފައެވެ. ނަމަވެސް، އިތުރު އެއްވެސް އެއްޗަކަށް ބަދަލެއް ނައިސް، ކުރިން ހުރި ތަރުތީބަށް އެބަހުއްޓެވެ. އަނާނީއަށް ހިނިތުންވެލެވުނެވެ.

އަނާނީ ރަށަށް އައިތާ ދެދުވަސް ނުވަނީސް، އޭނާ އައި ހަބަރު ލިބިގެން އެކުވެރިން އެގެއަށް އަންނަން ފަށައިފިއެވެ. އެންމެން ވެސް ދައްކަނީ އަނާނީއަށް އައިސްފައި ހުރި ބޮޑު ބަދަލުގެ ވާހަކައެވެ. މިހާރު މުޅިން މާލެ ކުއްޖަކަށް ބަދަލު ވެއްޖެޔޭ ކިޔައިގެން ދިމާކޮށް ހެދިއެވެ. އަނާނީވެސް އެމީހުންނާ އެކީ ސަކަރާތުގަައި ބައިވެރިވާން ފެށުމުން އިސާހިތަކު ހިތާމަތަށް މަތިން ހަނދާން ނެތެން ފެށުނެވެ. އޭނާ ރަށަށް އައި ބޭނުން ކާމިޔާބު ވާ ކަމުގެ އުފާވެރި އިހުސާސް ކުރެވުނެވެ.

އެއްދުވަހަކު އަނާނީ ބަދިގޭގައި ފަތް ތެލުލާން އުޅެނިކޮށް މަލީހާ ގޮވާ އަޑަށް ބޭރަށް ނުކުތް އިރު، މަލީހާ ޓީވީ އަށް އިޝާރާތް ކޮށްފައި ކޮންމެވެސް އެއްޗެކޭ ބުނުމުން އަނާނީއަށް ބަލައިލެވުނެވެ. އެއާއެކު ކަމަކު ދާކަށް ނެތެވެ. ޓީވީން ދައްކަމުން ދަނީ ދެވަނަ ދެމީހެއްގެ ފޮޓޯއެއް ނޫނެވެ. އެއީ ޔާނިއުކަން ފުރަތަމަ ވެސް ވަކި ކުރަން އެނގުނެވެ. އެވަގުތު އަނާނީގެ އަނގަ ހުޅުވިގެން ދިޔައީ ލިބުނު ޝޮކަކުންނެވެ. ނަމަވެސް އޭރު އެ ހަބަރު ނިމި، އެހެން ހަބަރެއް ކިޔަން ފަށައިފިއެވެ. އަނާނީ ހުރީ ވީ ގޮތެއް އެނގެން ބޭނުންވެފައެވެ. އެއަށް ޖަވާބު ލިބުނީ މަލީހާ ވާހަކަ ފެށުމުންނެވެ.

“މަސްތުވާތަކެތީގެ ބޮޑު ނެޓުވޯކެއް އެ އަތުލައިގަތީ! އެތިބަ ޒުވާން ކުދިން ފެނުނެއްނު. އެއީ އެކަމުގެ ބޮޑުންނަކީ. ކާކު ހީކުރާނީ ދޯ! ހަމަ ލޫކަސްމެން ވަރު ވާނީ އުމުރުން، ނަސީބެއްނު ލޫކަސް ކަހަލަ ރަނގަޅު މީހެއް ނާނިއަށް ލިބުނު ކަން! ނޫނީ އޭގެން މީހެއްގެ އަތުޖެހުނު ނަމަ ނާނި މެން ކަހަލަ މައުސޫމް ކުދިން ވެސް މަގުފުރައްދައިލާނެ ކަން ޔަގީން!” މަލީހާ ޕިސްޕިސް ތަޅުވަމުން ކިޔަން ފެއްޓިއެވެ. “މިހާރު ފިސާރި މޮޅުތަކެއް ލިބިފަ އޮންނާނީ! އުމުރަށް ޖަލަށް ޙުކުމް އެ ކުރީ!” މަލީހާގެ ފަހު ޖުމްލަ އިވިފައި އަނާނީގެ ބޮލަށް އެނބުރު އެރިހެން ހީވިއެވެ. އެއާއެކު އެންމެ ކައިރީގައި އިން ގޮނޑީގައި އަވަސް އަވަހަށް އިށީނެވެ.

އަނާނީއަށް ވީ ގޮތް މަލީހާއަކަށް ނުފެނުނެވެ. އޭނާ ތެދުވެގެން ހިނގައިގަތީ އަވައްޓެރިއަކު ގޮވައިލި އަޑު އިވުމުންނެވެ. އޭރު އަނާނީ އިނީ ބޮލުގައި އަތް އަޅާލައިގަނެވެ. ދެން ހަދަންވީ ގޮތެއް ވެސް ނޭނގުނެވެ. ނަމަވެސް ކުއްލިއަކަށް ތެޅިގަނެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ފޯނު ނަގާފައި ޔާނިއުއަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވައިލާފައެވެ. ދެން ގުޅީ އީވާ އަށެވެ. ވަގުތުން އީވާ ފޯނު ނެގިއެވެ.

“ހަލޯ!” އަނާނީގެ އަޑުން އޭނާ ހާސްވެފައި ހުރި ވަރު އެނގެއެވެ.

“އަނާނީ! އަހަންނަށް އިނގޭ ގުޅާނެ ކަން. ހީ އިޒް ގޯން.. ދެން ސަލަމާތެއް ނުވެވޭނެ. ނެތް އެއްވެސް އުއްމީދެއް..” އީވާގެ އަޑުގައި ވެސް ވަނީ މާޔޫސް ކަމެވެ. އެންމެ ގާތް އެއް އެކުވެރިޔާ ލޯމަތިން ގެއްލުމުން، އެކަމުގެ ހިތްދަތިކަން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައެވެ.

“ކީއްވެ ކުއްލިއަކަށް..؟” އަނާނީ އަހައިލިއެވެ.

“ނޭނގެ. މިހާރު މިއޮތީ ސަރުކާރު ބަދަލު ވެފައެއްނު. ދެން ކަންތައްތައް ތަފާތު ވާނެއެއްނު. އެހެންވެ ކަންނޭނގެ. އަޅެ އޭނަ އެކަންތައް ހުއްޓާލަން އުޅެނިކޮށް ހަމަ އެއީ! އެންމެ ފަހު ޑީލް ނިންމަން ވެގެން ގޮސް ހުއްޓާ! ވަރަށް ބޮޑު ޑީލެއް އެއީ.” އީވާ އޭނާއަށް އެނގޭ މިންވަރު ހިއްސާކުރިިއެވެ. އެއާއެކު އަނާނީގެ ހަނދާނަށް އައީ އެންމެ ފަހު ދުވަހު ޔާނިއުއާ ފޯނުން ވާހަކަ ދެކެވުނު އިރު ޔާނިއު ބުނި ވާހަކައެވެ. ވަރަށް ބޮޑު މަސައްކަތެއް އޮތުމުން ބިޒީ ވެދާނެ ކަމަށް އެދުވަހު އެބުނީ އެހެންވެގެންތާއެވެ.

އެދުވަހުގެ ފަހުން އަނާނީގެ މޫނުމަތި ހުންނަނީ މިލައިމޯޅިވެފައެވެ. ހިނިތުންވެލަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ހިތަށް އަންނަނީ ޔާނިއުގެ ނަމެވެ. ޔާނިއުއާ އެކީ ހޭދަކުރެވުނު މަދު ދުވަސްކޮޅު ހަނދާނަށް އަންނަ ވަރަކަށް ދެރަވާން ފަށައެވެ. ދެން ދުވަހަކުވެސް ދިމާނުވެދާނެތީ ހިތަށް ބިރުވެރިކަން ވަދެއެވެ. ރަށަށް އައިސް ގުޅަން މަޑު ނުކޮށް، ތަންކޮޅެއް ކުރިން ގުޅުނު ނަމައޭ ހިތަށް އަރާފައި، އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ މަދަކުންނެއް ނޫނެވެ. ނަމަވެސް، ކުރިން ގުޅައިގެން ވެސް އަނާނީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެއެވެ. ޔާނިއު ހުރީ “އެންމެ ފަހު ޑީލް” ނިންމާފައި އެކަމުން ބޯ ދަމައިގަންނަން މާ ކުރިންސުރެ ރާވައި ނިންމައިގެނެވެ. ދެން ދިރިއުޅުން ބައްޓަން ކުރާނެ ގޮތް ވެސް އެ ސިކުނޑީގައި އޭރު ވިއެވެ. ނަމަވެސް ކަންތައް މިވީ އެންމެ ހީ ނުކުރި ގޮތަށެވެ.

އަނެއްކޮޅުން އަނާނީ ރަށަށް ފުރި ފަހުން ލޫކަސްގެ މިޒާޖަށް ވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ކުރިއާ ހިލާފަށް މިހާރު ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. އެހެން އޮންނަން ފެށުމުން އެކަނިވެރިކަން ވަށައިލައިފިއެވެ. މިހާރު ސާރާ އަޔަސް ލޫކަސްގެ ސަމާލުކަމެއް އޭނާއަކަށް ނުލިބެއެވެ. ސާރާ އައިސް، އަމިއްލައަށް އަނގަ ތަޅަތަޅާފައި ހިނގައިދާނެއެވެ. އަބަދުވެސް ދައްކަނީ ކައިވެނީގެ ވާހަކައެވެ. ކައިވެނީގެ ހަފްލާ ބާއްވާނީ އެވެނި ތަނަކު އޭ، އެވެނި ޑިޒައިނަރެއް ލައްވައި ވެޑިންގ ޑްރެސް ފަހުވަން ބޭނުމޭ ކިޔައިގެން ކިޔާ އިރު ހީވަނީ ދެންމެ ދެންމެ އިންނަން އުޅޭހެނެވެ. ނަމަވެސް ޙަޤީޤަތަކީ، ލޫކަސް އެއްވެސް ގޮތަކަށް ކައިވެނީގެ ވާހަކައެއް ސާރާ ކައިރީގައި ދައްކާފައެއް ނުވެއެވެ. އެއްކަލަ ވަރީގެ ފޯމު ފެނުން ފަހުން ސާރާ ހުންނަނީ އަމިއްލައަށް އެކަން ނިންމާލައިގެނެވެ.

ލޫކަސް އެއްރެޔަކު ފިހާރައިގެ ސޭލްސް ނިންމާފައި ގެއަށް ދާން ވެގެން ސައިކަލާ ދިމާއަށް ދަނިކޮށް، ދުވާރު މަތިން މީހެއްގެ ގައިގައި ޖެހިގަނެވުމުން ބަލައިލި އިރު ވަރަށް ދަންނަ ކުއްޖެއް ހެން ހީވިއެވެ. ނަމަވެސް ކާކު ކަން ޔަގީން ނުވެގެން، ހަނދާން ކުރަން ހުރެވުނެވެ.

“ލޫކަސް؟” ރީޝާއަށް ލޫކަސް ފެނުމާއެކު އެނގުނެވެ. “މިއީ ރީޝާ. އަނާނީގެ ފްރެންޑެއް. ކުރިން ތިގެއަށް ދަން ވަރަށް ކުރިން.” ރީޝާ ހަނދާން ކޮށްދިނެވެ.

“އާނ! ހައު އާ ޔޫ؟” ލޫކަސް ސަލާމް ކޮށްލަމުން އަހައިލިއެވެ.

“ހަމަ ރަނގަޅު. ކޮބާ އަނާނީ؟ ދުވަސްކޮޅެއް ވެއްޖެ ހަބަރެއް ނުވާތާ.”

“ރަށަށް ގޮއްސަ ވީ. ނުބުނޭތަ؟ އެނީވޭ، ރީޝާ ނުފެންނަތާ ވެސް ހާދަ ދުވަހެއް ވެއްޖެޔޭ. އަހަރެމެން މެރީ ކުރި ފަހުން ހަމަގައިމު ވެސް ނާދޭ އަނާނީ ކައިރިއަކަށް!” ސައިކަލުގެ މަޑިން ފެންތިކިތައް ފޮހެމުން ލޫކަސް ވާހަކަ ދެއްކިއެވެ.

“މެރީ؟” ރީޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ޔޫ ޓޫ؟”

(ނުނިމޭ)

7

6 Comments

  1. Shiv

    December 23, 2019 at 8:14 am

    Dhn kn dhuhaakun tha next part up kohdheveynee.. V las up kohdheyleiii..
    Anyways mi part vx v salhi..

  2. yan

    December 23, 2019 at 1:36 pm

    varah reethi

  3. Minion

    December 23, 2019 at 5:37 pm

    Wow.. when are you going to post next episode.. can’t wait…..

  4. Sara

    December 28, 2019 at 12:36 am

    Alheyyyyy woowww…next part konirakun tha..
    cantt waitttttt

  5. Loabi

    December 29, 2019 at 10:27 pm

    Haadha gina dhuvahekey.. Can’t wait

  6. fuun ihusaasekeyyy

    January 1, 2020 at 12:57 pm

    Alheyyy pleeezzz next partttt..

    whn are you gonna uploadddd
    cant waitttt

Comments are closed.