“ކޮން ޒައިންއެއް؟” މޫނުމަތީގައިވި ސީރިއަސްކަން އެއްފަރާތް ކޮށްލުމަށްފަހު އާރިޝް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. “ނޭނގެ ދާދި އިހަކަށް ދުވަހަކު އަހަންނާ ދިމާވީ. ޝައްމު އާ އެކީގަ އޭނަ އުޅެނީ. އަހަންނަށް އޭނަ ފެނުނު ފުރަތަމަ ދުވަހު ހީވީ ބައްޕަ ފެނުނުހެން. އޭނަވެސް ހުރީ ފާޑަކަށް ދެލޯ ބޮޑުކޮށްފަ ބަލަން.” ނައިޒަކް ކިޔައިދިނެވެ. “ހެހެ.. ތި ވާނީ ހަމަ ޒެކް އަށް ހީވި ގޮތަކަށް. އެހެންނޫނަސް ދުނިޔޭގަ އުޅޭއިރު އިއްތިފާގުންވެސް އެއްވައްތަރު މީހުނާ ދިމާވެއެއްނު.” އާރިޝް ކިޔައިދިނީ އޭނަ ނިންމައިފައި އޮތް ގޮތެވެ. އެގޮތަށް ނިންމައިފައި ވުމުގެ ސަބަބުން ވޭތުވެ ދިޔަ ދުވަސްތަކުގައި އާރިޝް އެހާވަރަކަށް ޒައިން އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ހޯދާކަށްވެސް ނޫޅެއެވެ. ނަމަވެސް އާރިޝްގެ ހިތް އަބަދުވެސް ބުނަނީ ޒައިން އާއި އެމީހުނާއި ލޭގެ ގުޅުމެއް އޮންނަ ކަމުގައެވެ. “އެކަމަކު ތިއްތިބޭ.. އޭނައަށް ކިޔަނީވެސް ޒައިން އަލީ ޒައިދް. އަޅެ އަހަރެން މަންމަ ގާތުގަ މިވާހަކަ ބުނަންވެއްޖެ.” އާރިޝްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއްވެސް ނުދީ ނައިޒަކް ސިޑިބަރިއާއި ދިމާލަށް ހިނގައިގަތެވެ. އާރިޝްވެސް ގެއިން ނުކުތީ ނުތަނަވަސްވެފައިވާ ހިތަކާއި އެކީގައެވެ.

ނައިޒަކް އަސްމާގެ ކޮޓަރި ދޮރުގައި ދެތިންފަހަރަށް ޓަކި ޖެހުމުންވެސް ދޮރެއް ނުހުޅުވިއެވެ. އެހެންކަމުން ނައިޒަކް އިތުރަށް އެތަނުގައި މަޑުކުރަން ނަހަދާ އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ލައިޓްތައް ދިއްލައިލުމަށްފަހު އަލަމާރިން އޭނާގެ ލެޕްޓޮޕް ނެގިއެވެ. ޕާސްވޯޑު ޖެހުމުން އިރުކޮޅެއްގެ ތެރޭގައި ލެޕްޓޮޕް ހުޅުވިގެން ދިޔައެވެ. އޭރު ލެޕްޓޮޕްގެ ބޮޑު ސްކްރީނަށް އަރައިފައި އިނީ ނައިޒަކް އާއި އަސްމާ އަދި ޒައިދްގެ ފޮޓޮއެކެވެ. ނައިޒަކް ފޮޓޯ ފޯލްޑަރ އަށްވަދެ ހަމަ އެ ފޮޓޯ ހޯދިއެވެ. އަސްމާ ކުޑަކުޑަ ނައިޒަކް އުރައިލައިގެން ހުރިއިރު ޒައިދް ހުރީ އަސްމާގެ ކޮނޑަށް އަތްވައްޓައިލައިގެންނެވެ. ލެޕްޓޮޕަށް ނަޒަރު ހުސްކޮށްލައިގެން އިން ނައިޒަކް ސިހުނީ އޭނާގެ ކޮޓަރި ދޮރުހުޅުވުނު އަޑަށެވެ.

“ދަރިފުޅު ކިހިނެތްވީ މާވަރަކަށް ދޮރުގަ ޓަކިޖެހީ؟” ކޮޓަރި ދޮރު ލައްޕައި އެތެރެއަށްވަދެ އެނދުގައި އިށީންނަމުން އަސްމާ އެހިއެވެ. “ވާހަކައެއް އަހާލަންވެގެން.” ނައިޒަކް އެހެން ބުނިއިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރަކަށް ތުރުތުލުމެއް އެކުލެވިފައިވިއެވެ. އަސްމާ ބޯ ޖަހައިލުމުން ނައިޒަކް ވަރަށް ހިތްވަރުކޮށްފައި އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުކުރިއެވެ. އެއާއިއެކު އަސްމާ ގަނޑުވިކަހަލައެވެ. “ދަރިފުޅު ކީކޭތަ ތި ކިޔަނީ؟” ހިތަށް ވެރިވި ނުތަނަވަސްކަމެއްގެ ސަބަބުން އަސްމާއަށް އެހެން އެހުނީވެސް ތަންކޮޅެއް ބާރަށެވެ. “މި ބުނީ ޒައިން އަކީ އަޅުގަނޑުމެންނާ ގުޅުން ހުރި މީހެއްހެއްޔޭ؟” ނައިޒަކް އޭނާ ބުނި އެއްޗެއް ތަފްސީލުކޮށްދިނެވެ. އަސްމާ އިނީ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައެވެ. “ދަރިފުޅަށް ކިހިނެތްތަ ތިބުނާ ޒައިން އެއް އިނގުނީ؟” އަސްމާވެސް ޖަވާބުދިނުމުގެ ބަދަލުގައި އޭނާގެ ހިތަށް އަރަމުން އަންނަ ސުވާލުތައް ކުރަމުން ދިޔައެވެ. “މަންމާ. މަންމަ އަށް އަނެއްކާ އިނގެނީތަ އޭނަ؟” ނައިޒަކްވެސް ސުވާލުކުރިއެވެ. ކޮންމެއަކަސް ދެމައިންނަށް އެކަކު އަނެކަކު ކުރާ ސުވާލުތަކަކަށް ޖަވާބެއް ނުދެވުނެވެ. އެކަކު ސުވާލެއް ކުރުމުން އެ ސުވާލާއި ވިއްދައިގެން އަނެކަކު އެހެން ސުވާލެއް ކުރެއެވެ. “މަންމަ މި ދަނީ ކުޑަކޮށް ޖައްސާލަން.” އަސްމާ އެންމެ ފަހުން އެތާ އިންނަން ބޭނުންނުވުމުން ދެވުނު އެންމެ ބާރަކަށް ގޮސް އެ ކޮޓަރިން ނުކުތެވެ.
ނައިޒަކް އޭނާގެ ލެޕްޓޮޕް ނިއްވައިލައިފައި އޭތި އަލަމާރިއަށް ލިއެވެ. އަދި މެންދުރު ނަމާދުނުކުރެވޭކަން ހަނދާންވުމުން ނައިޒަކް ފާޚާނާއަށްވަދެ ފެންވަރައި ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމައިގެން ނައިޒަކް އެނދުގައި އިށީނދެ ހެޑްބޯޑުގައި ލެނގިލަމުން އޭނާގެ ފޯނު ނެގިއެވެ. ނައިޒަކް އެންމެ ފުރަތަމަވެސް ބެލީ ޝިމާޔާ އެއްވެސް ފޮޓޮއެއް އިންސްޓަރގްރާމަށް ޝެއަރ ކޮށްފައި އިންތޯއެވެ. ނައިޒަކް ހީކުރި ގޮތާއި ޚިލާފަށް ޝިމާޔާ އެއްވެސް ފޮޓޮއެއް ޝެއަރ ކޮށްފައެއް ނެތެވެ. ނައިޒަކް އިންސްޓަރގްރާމް އިން ނުކުމެ ޓޫން ބްލާސްޓް ގޭމް ހުޅުުވައިގެން އޭތި ކުޅެން ފެށިއެވެ. ފޯރީގައި ގޭމް ކުޅެން އިން ނައިޒަކް ހުއްޓުން އެރީ ވައިބަރ ނޮޓިފިކޭޝަންއެއް އޭނާގެ ފޯނަށް އައުމުންނެވެ. “ޕިސް. މިކަހަލަ ގަޑީގަ އަދި މީހުން މެސެޖްކުރާނީވެސް.” ފޫހިކަން އެކުލެވިފައިވި އަޑަކުން ނައިޒަކް ބުންޏެވެ. ނަމަވެސް ނައިޒަކް އެއަކަށް ސަމާލުކަމެއް ނުދީ ގޭމް ކުޅުމައިގެން ކުރިއަށް ދިޔައެވެ. ފޯރީގައި ގޭމްކުޅެން އިން ނައިޒަކް އަށް ނޭނގުނު ކަމަކީ އެ މެސެޖަކީ ޒައިންގެ ފަރާތުން ލިބުނު މެސެޖެއް ކަމެވެ.

ރޭގަނޑުގެ ވަގުތެވެ. ކަޅުފުސް ވިލާތަކުން އުޑުމަތި ވަނީ އެއްކޮށް ބައްދައިލައިފައެވެ. އެ ވިލާތަށް ރޭގަނޑުގެ ރާނީ ހަނދަށް ހުރަސްއަޅަމުން ދިޔައެވެ. ތުނިތުނިކޮށް ވާރޭ ވެހެމުން ގޮސް އެންމެ ފަހުން ވާރޭ ބޯކޮށްލައިފިއެވެ. އެއްބަޔަކު ވާރެއިން ސަލާމަތްވުމަށްޓަކައި އެކިތަންތަނުގެ އަސްކަނި ދަށުގައި މަޑުކޮށްގެން ތިއްބެވެ. އަނެއްބަޔަކު ވާރެއާއި ތެމިލައިގެން އެމީހަކު ދާން ބޭނުންވާ މަންޒިލާއި ހަމައަށް ވާސިލްވެވޭތޯ ބެލިއެވެ. ޒައިންވެސް ވާރޭތެރޭގައި ތެމެމުން ދިޔައީ އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ޙާލު އެ ސިކުނޑިއަށް ލުއިކަމެއް ލިބޭތޯއެވެ.

ބޯކޮށް ވާރޭ ވެހެމުން ދިޔައިރުވެސް ރަސްފަންނުގައި މީހުންތައް ހަރަކާތްތެރިވަމުން ދާ މަންޒަރު ފެނެއެވެ. އެއްބަޔަކު ވާރޭތެރޭ މިނިވަންކަމާއިއެކީ ނަށަމުންދިޔައިރު ހީވަނީ އަޅުވެތިކަމުން މިންޖުވުމުން ދޫންޏެއް ފުމޭހެންނެވެ. ޒައިން އެކަމަށް ސަމާލުކަމެއް ނުދީ އެތަނުގައި ހަދައިފައި ހުރި ހަޓެއްގެ ދަށުގައި އިށީނެވެ. ވާރެއާއި ތެމުމުގެ ސަބަބުން މީހާ ވަނީ އެއްކޮށް ހީކަރުވާފައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ނަމަވެސް ޒައިން ބޭނުންވީ މިހާރު ދިމާވެގެން އުޅޭ ކަންތައްތަކާމެދު ވިސްނާލައިށެވެ. ނަމަވެސް ޒައިން އަށް ވިސްނާލާނެ ފުރުސަތެއް ނުލިބުނީ އޭނާ އިން ހަޓުގައި އެހެން މީހަކު އިށީނުމުންނެވެ. އެކަނިވެލަން ބޭނުންވެފައިވި ވަރުން ޒައިން އެމީހަކަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮށްފައި އެތަނުން ދާން ހިނގައިގަތެވެ. މާޙައުލަކީ ހިމޭން މާޙައުލަކަށް ނުވުމުގެ ސަބަބުން ޒައިން ނިންމީ އަނބުރައި ގެއަށް ދާށެވެ. ވާރެއިން ކިތަންމެ ވަރަކަށް ފިނިކަން ލިބުނަކަސް ޒައިންގެ ސިކުނޑިއަކަށް އެއްވެސް ފިނިކަމެއް ނުލިބުނެވެ. ސިކުނޑި ތެރޭ އަބަދުވެސް އެނބުރެނީ ނައިޒަކްގެ ޚިޔާލުތަކެވެ. ޒައިންގެ ސިކުނޑިއަށް ފިނިކަމެއް ލިބޭނީ ނައިޒަކް އާއި ވާހަކަ ދައްކައިގެންކަން ޚުދު ޒައިންވެސް ޤަބޫލުކުރެއެވެ. ނަމަވެސް އޭނާއަށް ހަމަ ފަސްޖެހެވެނީއެވެ.

ބަރާބަރު ދިހައެއް ޖެހި އިރަށް ޒައިންއަށް ގެއަށް ދެވުނެވެ. ޒައިން އެންމެ ފުރަތަމަވެސް ގެއަށް ވަދެ ފައިފުހިން އޭނާގެ ފައި ހިއްކައިލިއެވެ. “ޒައިން.” ޒައިން ކުރިމައްޗަށް ބަލައިލިއިރު ފެހިކުލައިގެ ތުވާއްޔަކާއިއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ޝިމާޔާ ހުއްޓެވެ. ޒައިން އެ ތުވާލިން ބޯ ހިއްކައިލައިފައި ޝިމާޔާ އަތަށް ދިނެވެ. އަދި ބާރު ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ކޮޓަރިއަށްވަދެ އެންމެ ފުރަތަމަވެސް ޒައިން އަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ނައިޒަކްގެ ނަމްބަރަށް ފޮނުވައިފައި އިން މެސެޖް ސީންކޮށްފައި ނުވުމުން ޒައިންގެ ހިތް މާޔޫސްވާގޮތްވިއެވެ. އެތައް މަސައްކަތަކުން ނައިޒަކްގެ ނަމްބަރު ހޯދައިގެން އޭނާ ނައިޒަކް އަށް މެސެޖެއް ކުރީވެސް ނައިޒަކް އާއި ވާހަކަ ދައްކައިލުމުގެ ނިޔަތުގައެވެ. ވަގުތު ބޭކާރު ކުރަން ނަހަދައި ގަމީސް ބާލައި ދާވަށިގަނޑަށް ލުމަށްފަހު ޒައިން ފާޚާނާއަށް ވަނީ ފެންވަރައިލާށެވެ.

އޭގެ އަނެއްދުވަހެވެ. ވައިގަދަ ދުވަހެއްކަމުން ނައިޒަކް އިނީ ބެލްކަންޏަށް ނުކުމެ އެތާ ގޮނޑިއެއްގައި އިށީންދެލައިގެން އޭނާގެ ފޯނާއި ކުޅޭށެވެ. ޖެހޭ ބާރުގަދަ ވައިރޯޅިތައް ނައިޒަކްގެ ފަން އިސްތަށިގަނޑަށް ބާރުގަދަ ހަމަލާތައް ދޫކުރަމުން ދިޔައެވެ. އެކަމުގެ ސަބަބުން ނައިޒަކްގެ ނިތްކުރިވެސް ވަނީ އިސްތަށިގަނޑުން ފޮރުވިފައެވެ. ވައިގެ ހަމަލާތަކުން ލޮލަށް އުނދަގޫވުމުގެ ސަބަބުން ނައިޒަކް އަށް ޖެހުނީ ދެލޯ ހަަނިކޮށްގެން އިންނާށެވެ. ކޮންމެއަކަސް ފޯނާއި ކުޅެމުން ގޮސް ވައިބަރ ނޮޓިފިކޭޝަން އެއް އައިއްސަ އިންތަން ނައިޒަކް އަށް ފެނުނެވެ. ވައިބަރ އަށް ވަދެވުނުތަނާ ފެނުނު ނަމަކުން ނައިޒަކްގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. “ޒެން؟” ސުވާލުން ފުރިގެންވާ ނަޒަރަކުން ނައިޒަކް އެ ނަން ކިޔައިލިއެވެ. މިއީ އަނެއްކާ ޒައިން ބާވައެވެ؟ ނޫނެކެވެ. އެހެންވެގެނެއް ނުވާނެއެވެ. ޒައިންއަކަށް އަހަރެންގެ ނަމްބަރެއް ނޭނގޭނެއެވެ. ކޮންމެއަކަސް ސުވާލުން ފުރިގެންވާ ނަޒަރަކުން އެ ނަމާއި ދިމާލަށް ބަލަން އިނދެ ތުރުތުރު އަޅަމުން ދިޔަ އަތުން ނައިޒަކް އެ ޗެޓްލޮގް ހުޅުވިއެވެ. އެއާއިއެކު ފެނުނީ ‘ހައި’ ޖަހައިފައި އިން ސްޓިކާއެކެވެ. ސްކްރީނުގެ ތަންކޮޅެއް މައްޗަށް ‘ޔެސްޓަރޑޭ’ އަރައިފައި އިނުމުން އެއީ އިއްޔެ ފޮނުވައިފައި އިން މެސެޖެއްކަން ނައިޒަކް އަށް އިނގުނެވެ. ނައިޒަކް ގޮނޑިން ތެދުވެ ރެއިލިންްގައި ލެނގިލަމުން ރަނގަޅަށް ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ސްޓިކާ ފޮނުވައިފައި އިން ގަޑި ފެނުމުން ނައިޒަކްއަށް ލުއްކެއްޖަހައި ރެއިލިންގް އާއި ދުރަށް ޖެހިލެވުނެވެ. “މަ މޮޔަކަން. ހަމަ ރަނގަޅަށްވެސް ގޭމްގެ ތެރެއަށް ވަދެ މަމީނީ.” އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް އެހެން ބުނެ ‘ޒެން’ ގެ ޕްރޮފައިލް ޕިކްޗަރ ނައިޒަކް ބެލިއެވެ. ބިއްލޫރި މޭޒެއްގެ މަތީގައި ފޮތްބަރިތަކެއް ބެހެއްޓިފައިވާއިރު ފޮޓޯގައި ލިޔުމެއް ލިޔެފައިވެއެވެ. “އިފް ޔޫ ވޯންޓް އަ ނިއު ވޭ ޓު ޔުއަރ ލައިފް އެންޑް ޓު ގިވް ޑިފްރެންޓެ ޕަރސްޕެކްޓިވް ޓު ޔުއަރ ލައިފް، ދެން ކަމް ކްލޯސް ޓު ދަ ބުކްސް.” ނައިޒަކް މަޑުމަޑުން އެ ލިޔުންކޮޅު ކިޔައިލިއެވެ. ނައިޒަކް ދެން އިތުރަށް ވިސްނަން ނުހަދާ ‘ޒެން’ ގެ ޕްރޮފައިލްއިން ނުކުމެ ތީ ކާކުހެއްޔޭ ޖަހައި މެސެޖެއް ފޮނުވައިލިއެވެ. އޭރުވެސް ނައިޒަކްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ހީވަނީ ބޮޑު ބިރަކާއި ކުރިމަތިލާން އުޅޭހެންނެވެ.

ރެސްޓޯރެންޓުގައި ސައިބޯން ތިބި ޝަމީމް އާއި ޒައިން އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ބޮޑަށް ދެކެވެމުން ދިޔައީ ނައިޒަކް އާއި ބެހޭ ވާހަކަތަކެވެ. ނައިޒަކްް އާއި ބެހޭގޮތުން ގިނަ ކަންތައްތަކެއް ޝަމީމް ކިޔައިދެމުން ދިޔަވަރަކަށް ޒައިން އަށް ނައިޒަކް އާއި ދޭތެރޭ ގާތްކަމެއް އިޙުސާސްކުރެވެމުން ދިޔައެވެ. ނައިޒަކްގެ ގައިގައި އެހުރީ ބޮޑަށް ޒައިން ގައިގައި ހުރި ސިފަތަކެވެ. ޒައިންއަކީ ރުޅިއައިއްސިއްޔާމުން އެހާ ފަސޭހައިން ރުޅި މައިތިރިކުރަން އެނގޭ މީހެއްނޫނެވެ. ނައިޒަކްގެ ގައިގައިވެސް އެ ސިފަ ހަރުލައިފައި ހުންނަކަން ޝަމީމްގެ ވާހަކަތަކުން ޒައިން އަށް އިނގުނެވެ. އަދި މިނޫންވެސް އެތައް ބައިވަރު އެއްގޮތް ސިފަތަކެއް ޒައިންއަށް ފާހަގަކުރެވުނެވެ. “އޭ ދެން ހިނގާ ދަމާ.” ފެންތަށިން ކޯވަރެއް ބޮއެލުމަށްފަހު ޝަމީމް ބުންޏެވެ. “ތީތިކޮޅު ހުހެއްވެސް ނުކުރަމެއްނު. ހުސްކޮށްގެން ދާންވާނީ. ތިހުރީ މިިހާރު މީހާ ހުރިގޮތް.” ޝަމީމްގެ ހަށިގަނޑަށް އިޝާރާތްކުރަމުން ޝަމީމް ބުންޏެވެ. “ޕިސް. ޝިމް އަށް މީތިކޮޅު ބަހައްޓާނީ. އޭނާ ހޭލާއިރު ގޭގަ ކޮންމެވެސް ކަހަލަ އެއްޗެއް ހުންނަންވާނެއެއްނު.” ޒައިން އެވާހަކައާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. ބިލް ދެއްކުމަށްފަހު ދެމީހުންވެސް ރެސްޓޯރެންޓުން ނުކުތެވެ.

މަގުމަތިން ހިނގަމުން ދިޔައިރު ދެމީހުންވެސް ދިޔައީ ފޯރީގައި ވާހަކަދައްކަމުންނެވެ. ކުއްލިއަކަށް ޒައިންއަށް ހިނގުން މަޑުކޮށްލެވުނީ ތަންކޮޅެއް ދުރުން މަގެއްގެ ކަންމަތިން ފެނުނު މަންޒަރަކުންނެވެ. ޒައިން އަށް ތަންކޮޅެއް ހަރުއަޑުން ޝަމީމްއަށް ގޮވައިލެވުނެވެ. އެއާއިއެކު އެއެއް މިއެއް ބަލައިނުލައި ވާހަކަދައްކަމުން ދިޔަ ޝަމީމްއަށް ހުއްޓެވުނެވެ. އަދި ފަސްއެނބުރި ޒައިންއާއި ދިމާލަށް ބަލައިލިއެވެ. ޒައިން މަޑުމަޑުން މަގުގެ ކަންމައްޗަށް އިޝާރާތްކޮށްލިއެވެ. އެއާއިއެކު ސުވާލުން ފުރިގެންވާ ނަޒަރަކުން ޒައިން އިޝާރާތްކުރި ދިމާލަށް ޝަމީމް ބަލައިލިއެވެ. ޝަމީމްއަށްވެސް ވީ ޒައިންއަށް ވީ ވަރެވެ. ޝަމީމްގެ އަތުން ހެދިކާ ކޮތަޅުދޫނުވީ ކިރިޔާއެވެ. އެހެންނުވާވަރެއް ނޫނެއްނޫންހެއްޔެވެ؟ ކަންމަތީގައި އޮތް ބޮޑު ގޭންގެއްގެ ތެރޭގައި ޝިމާޔާ އެހުރީ ސިނގިރޭޓު ބޯށެވެ. ޒައިން އަށް ދެން ބަލައިލެވުނީ ޝަމީމްގެ މޫނަށެވެ. ޝަމީމްގެ މޫނުމަތިްން ފެނުނު ހިތާމަވެރި ކުލަވަރުން ޒައިންއަށް އިސްޖަހައިލެވުނެވެ. ޝަމީމް ބަލާކަށްނުހުރެ އެ ގްރޫޕާއި ދިމާލަށް ހިނގައިގަތެވެ. ޒައިން އެއްޗެކޭ ބުނަންވެގެން އަނގަހުޅުވައި އިސްއުފުލައިލި ތަނުން ޝަމީމް އެ ގޭންގާއި ދިމާލަށް ދާތަން ފެނުނެވެ. އެއާއިއެކު ޒައިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތާއިހިތުން ޝަމީމްއާއި ދިމާލަށް އެއްޗެހި ގޮވަމުން ދިޔައިރު ޒައިންއަކަށް އެތަނަށް ދާކަށް ނުކެރުނެވެ.

“ޝިމް. ތީ ކޮންކަމެއްތަ؟ ހިނގާ ދާން ދޮންބެ އާ އެއްކޮށް.” ޝަމީމް އައިގޮތަށް އައިސް ޝިމާޔާގެ އަތުގައި ހިފަހައްޓަމުން ބުންޏެވެ. ޝަމީމް ޝިމާޔާގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުމުން ޝިމާޔާ ގަދަހެދިއެވެ. އަދި ވަށްކަޅިން އަންޖަދު އާއި ދިމާލަށް ބަލައިލިއެވެ. “ގަދައެއް ނުދެއްކޭނެ. ހިނގާ ދާން.” ހަރުކަށިކަން އެކުލެވިފައިވި އަޑަކުން ޝަމީމް ބުންޏެވެ. “އޭތް. ކަލޭ ތީ ކާކުތަ؟ ދޫކޮށްލާ އޭނަ އަތުން.” އަންޖަދު އައިސް ޝިމާޔާގެ އަތުން ޝަމީމްގެ އަތް ނައްޓުވަން މަސައްކަތްކުރަމުން ބުންޏެވެ. “ޖަަހާބަލަ.” އަންޖަދުއަށް އަޑުއިވޭވަރަށް ވައިއަޑަކުން ޝިމާޔާ ބުންޏެވެ. އަންޖަދު ބަލާކަށް ނުހުރެ ޝަމީމްގެ މޫނުމައްޗަށް އޭނާގެ އަތުގެ ހޫނު ޙަމަލާއެއް ވީއްލައިލިއެވެ. މޫނުމައްޗަށް އެރި ތޫނު ތަދެއްގެ ސަބަބުން ޝަމީމްގެ އަރުތެރެއިން ވޭނީ އާހެއްގެ އަޑު ނުކުތެވެ. ޝަމީމްގެ ޙާލު ފެނި ޝިމާޔާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި ޝިމާޔާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ޝަމީމްގެ ޙާލު ފެނި މަޑުން ނުހުރެވުނީ ޒައިންއަށެވެ. ކިތަންމެ ޖެހިލުންވެފައި ހުރެވެސް އެކުވެރިޔާއަށްޓަކައި ޒައިން އެ ގޭންގު ކައިރިއަށް ދިޔައެވެ. އެއިން އެއްވެސް މީހަކާއި ދިމާލަށް ބަލައިވެސްނުލައި ޒައިން ޝަމީމްގޮވައިގެން ދާން ހިނގައިގަތެވެ. ޝަމީމްވެސް އިތުރަށް ގަދަނުހަދައި ޒައިން އާއިއެކު ދިޔައީ އިތުރު ވޭނެއް ތަޙައްމަލު ކުރަން ބޭނުންނުވުމުންނެވެ. ކޮއްކޮއަށްވުރެ ބޮޑަށް އެވަގުތު ޝަމީމްއަށް ސަމާލުކަން ދެވިފައިވީ އޭނާގެ މޫނުމަތީގައި އަޅާ ވޭނަށެވެ.

ޝަމީމްގެ މޫނުމަތީގައި އަޅާ ވޭނުގެ ސަބަބުން އޭނައަށް ހިނގެނީވެސް ވަރަށް މަޑުންނެވެ. ބައެއްފަހަރު މޫނުމައްޗަށް އަނދިރިވާންއުޅޭހެންވެސް ހީވެއެވެ. ޝަމީމް އޭނާގެ މޫނުމައްޗަށް އަނދިރިވާންއުޅޭހެން ހީވެޔޭ ބުނުމުން ޒައިން ހުރީ ޝަމީމްގެ ކޮނޑުގައި ބާރަކަށް ހިފަހައްޓައިގެންނެވެ. މާގިނައިރުތަކެއް ނުވެ ޝަމީމްގެ މޫނުމައްޗަށް އަނދިރިވެގެން އޭނާގެ ހަށިގަނޑުން ވަރު ދޫވިއެވެ. ޒައިން ކުރިއަށްވުރެވެސް ބާރަށް ޝަމީމްގެ ގައިގައި ހިފެހެއްޓިއެވެ. ނަމަވެސް ޝަމީމްގެ ބަރު ހަށިގަނޑު ހިފަހައްޓަން އުނދަގޫވުމުން ޒައިން އަށް ޖެހުނީ ޝަމީމްއާއިއެކީ ބިންމައްޗަށް ތިރިވާށެވެ. ޒައިންގެ އެއްއަތް ޝަމީމްގެ ކަނދުރާގައި އަޅުވައިގެން ހުރިއިރު އަނެއް އަތުން ޒައިންގެ ޖިންސުގެ ޖީބުގައި އޮތް ފޯނުނެގިއެވެ. އަދި ތުރުތުރުއަޅަމުން ދިޔަ އިނގިލިން ނަމްބަރުތަކަށް ފިތައިލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ.

ޝަމީމް ހޭއެރިއިރު އޭނާއަށް އޮވެވުނީ އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ. އެއްއަތަށް އައިވީ ގުޅައިފައި އޮތްއިރު އަނެއް އަތަށް މީހެއްގެ އަތުގެ ބީހުން އިޙްސާސްކުރެވެމުން ދިޔައެވެ. ލޮލުން ކަރުނަ އޮހޮރޭ ޙާލު ޒައިން އިނީ ޝަމީމްގެ އަތުގައި ފިރުމައިލަ ފިރުމައިލައެވެ. ޝަމީމް ގާތުގައި ޒައިން އިންނަތާ މިހާރު މެންދުރު އަނބުރައި ދިޔައީއެވެެ. “ޒައިން.” ޝަމީމްގެ އަޑު ކަންފަތުގައި ޖެހުމުން ޒައިން އަވަސް އަވަހަށް އޭނާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. އަދި ޝަމީމްގެ ބޮލުގައި ފިރުމައިލަމުން ކިހިނެތްތޯ އަހައިލިއެވެ. “ހިއެއްނުވޭ ކަމެއް ވީހެންވެސް.” ޒައިން ހިތްހަމަޖައްސައިދިނުމުގެ ގޮތުން ޝަމީމް ވަރަށް ފޯރީގައި ބުންޏެވެ. ޝަމީމް އެބުނީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫނެވެ. އޭނާގެ މޫނަށް ބަލައިލިޔަސް އެކަން ފާހަަކުރެވޭނެއެވެ. ޝަމީމްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނަންނެތްއިރު އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ޝިމާޔާ ކިތަންމެ މަޑުން ޖަހާށޭ ބުންޏަސް ޝަމީމްއަށް އެ އަޑު ވަރަށް ސާފްކޮށް އިވުނެވެ. އަންޖަދު ޝަމީމްގެ މޫނުމަތީގައި ޖެހިއިރު ޝިމާޔާގެ ތުންފަތަށް ވެރިވި ނުލަފާ ހިނިތުންވުންވެސް ޝަމީމްއަށް ފަނޑު ގޮތަކަށް ފެނުނެވެ.

ޝަމީމް ގެއަށްދޫކޮށްލެވުނުއިރު އެދުވަހުގެ ޢަޞްރު ނަމާދަށް ބަންގި ގޮވައިފިއެވެ. “ޝަމީމް ސީރިއަސްކޮށް ބުނެބަލަ. ހަމަ ރަނގަޅުތަ؟” ޝަމީމް ރަނގަޅުނުވާހެން ހީވާތީ ޒައިންއަށް އަހައިލެވުނެވެ. “ޕިސް. އަހަރެން ރަނގަޅޭ.. ޑޮކްޓަރުވެސް ބުންޏެއްނު އެހާ ސީރިއަސްކަމެއް ނުވެޔޭ. އެކަމް ކުޑަކޮށް ނޭފަތުގަ ރިއްސާ.” ނޭފަތުގައި އަތްއަޅައިގެން ހުރެ ޝަމީމް ބުންޏެވެ. “އޯކޭ. ދެންވެސް ބަލައިގެން އުޅޭތި. މަމި ދަނީ ނަމާދަށް. ޝަމީމްދެން ގޭގަ ނަމާދުކުރޭ. އަހަރެން އަންނާނަން ވަރަށް އަވަހަށް.” ޒައިން އެހެން ބުނެ މިސްކިތަށް ދާން ހިނގައިގަތެވެ. ޒައިންއަކީ ހިތްއަލި މީހެއްކަމުން މާލޭގެ މަގުތައް ދަސްކުރާކަށް މާކަ ގިނަދުވަހެއް ނުނެގިއެވެ. މުޅި މާލެ އޭނައަށް ހިތުދަސްވެފައިވާ ފަދައެވެ. ޝަމީމްވެސް އިތުރަށް މަޑުކުރަން ނަހަދާ އޭނާގެ ކޮޓަރިއަށްވަނެވެ.

ދަންވަރުގެ ވަގުތެވެ. ގޭގެ ސިޓިންގްރޫމް ވަނީ ނޫކުލައިގެ އައްޔަކުން ދިއްލައިފައެވެ. ބަދިގެވެސް ވަނީ ހަމަ އެކުލައިން ދިއްލައިފައެވެ. މުޅި ގޭގައިވެސް ރަސްކަންކުރަމުން ދިޔައީ ހިމޭންކަމެވެ. އެ ހިމޭންކަން ކެނޑިގެން ދިޔައީ ގޭގައި ހުރި ކޮޓަރިތަކުން ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑަށެވެ. ޝިމާޔާ ކޮޓަރިން ނުކުމެ މަޑުމަޑުން ދޮރު ލައްޕައިލައިފައި ޝަމީމްގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރި ދޮރު ހުޅުވަން ތަޅުގައި ހިފިއިރު ދޮރު ހުރީ ތަޅުލައިފައެވެ. ޝިމާޔާ އަނެއްކާވެސް ހިނގައިގަތީ ޒައިންގެ ކޮޓަރިއާއި ދިމާލަށެވެ. އެކޮޓަރިވެސް ހުރީ ތަޅުލައިފައެވެ. ބަދިގޭގައި އެއްވެސް މީހަކު އުޅޭތޯ ބެލުމަށްފަހު އަނެއްކާވެސް ޝިމާޔާ އޭނާގެ ކޮޓަރިއަށްވަނެވެ. “ހެލޯ.. އަންޖް އާދޭ މަ ބަލައި.” ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ޝިމާޔާ ބުންޏެވެ. އެކޮޅުން އޯކޭ އޭ ބުނުމުން ޝިމާޔާ ފޯނު ބާއްވައިފައި އެނދުގައި އިށީނީ އަންޖަދު އަންނާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.

މާލޭގެ މަގުތައްމަތިން ސައިކަލު ދުއްވަމުން އައިސް ޝިމާޔާމެންގޭ ދޮރުމަތީގައި އަންޖަދު ސައިކަލު ޕާކުކުރިއެވެ. މަގުގެ ދެފަރާތް ބަލައިލައިފައި ޝިމާޔާގެ ކޮޓަރީ ކުޑަދޮރު ކައިރިއަށް އަންޖަދު ދިޔައެވެ. އެހެންރޭތަކެކޭ އެއްފަދައިން އަންޖަދު މިރޭވެސް ޝިމާޔާއަށް ގުޅިއެވެ. އަންޖަދު އައީކަން އިނގުމުން ޝިމާޔާ ފޯނު ބިޒީކޮށްލައި ފޯނު އެނދުމަތީގައި ބާއްވައިފައި ކުޑަދޮރުކައިރިއަށް ދިޔައެވެ. ދޮރު އެއްފަރާތަކަށް ކަހައިލުމަށްފަހު ޝިމާޔާ ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު އަންޖަދު ޝިމާޔާ އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަންޖަދު އަތްދިއްކުރުމުން އެއްވެސްކަހަލަ ފަސްޖެހުމެއް ނެތި ޝިމާޔާ ކުޑަދޮރުން ބޭރަށް ފުންމައިލިއެވެ. ޝިމާޔާ ވެއްޓުނީ އަންޖަދުގެ އަތްދަނޑި މައްޗަށެވެ. ޝިމާޔާ ތިރީގައި ބެހެއްޓުމަށްފަހު ޝިމާޔާގެ އަތުގައި ހިފައިގެން އަންޖަދު އޭނާގެ ސައިކަލު ޕާކުކޮށްފައި ހުރި ތަނަށް ދިޔައެވެ. “ކޮބާ ލައިލާ މެން؟ އެމީހުން ނާދޭތަ؟” އެހެން ރޭރެއާއި ޚިލާފަށް މިރޭ ލައިލާމެން ނެތުމުން ޝިމާޔާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ. “މިރޭ އެމީހުނެއް ނެތޭ. މަ ބުނީ އަންނާނެކަމެއްނެތޭ.” އަންޖަދު ބުންޏެވެ. އަނެއްކާވެސް ޝިމާޔާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ އަންޖަދު އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް ބުންޏެވެ. އަދި ސައިކަލަށް އަރައި ޝިމާޔާ ކައިރީގައިވެސް ސައިކަލަށް އަރަން ބުންޏެވެ. ސުވާލުން ފުރިގެންވީ ނަޒަރަކުން އަންޖަދު އާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ޝިމާޔާ ސައިކަލަށް އެރިއެވެ. އެއާއިއެކު ބާރު ސްޕީޑެއްގައި އަންޖަދު މިޞްރާބު ޖެހީ އޭނާގެ ގެއާއި ދިމާލަށެވެ.

ހެނދުނު ސަޔަށް ޝަމީމްއާއި ޒައިން ވެގެން ސޭންޑްވިޗް ހެދިއެވެ. ދެމީހުންވެސް ތައްޓަކަށް ސޭންޑްވިޗް ލައިގެން ސިޓިންގްރޫމަށްގޮސް ސޯފާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ. ޒައިން ސޯފާގައި އިށީނުމުން ޝަމީމް ޓީވީ ރެކްމަތީގައި އޮތް ރިމޯޓު ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ‘ދަ ކޮމެޑީ ޝޯ’ އަޅުވައިގެން ދެމީހުން އެ ބަލަމުން ސޭންޑްވިޗް ކަމުން ދިޔައެވެ. ޝޯ ގައި ދައްކާ މަޖާ މަންޒަރުތަކުން ދެމީހުންނަށްވެސް ހެވެމުން ދިޔައެވެ. އެންމެ ގަދަޔަށް ހެވިމީހަކަށް ޝަމީމް ވާނެއެވެ. ޝަމީމް ހެމުން ހެމުން ގޮސް އެންމެ ފަހުން އޭނާގެ ލޮލުން ފެންފައިބަން ފެށިއެވެ. އެވަރުންވެސް ޝަމީމްއަކަށް ހުނުމެއް ނުހުއްޓުނެވެ. ޝަމީމް އަށް އެންމެ ފަހުން ކާން އުނދަގޫވެގެން އެތަނުން ތެދުވެގެން ބަދިގެއަށް ދާން ހިނގައިގަތެވެ. އެވަގުތުވެސް ޝަމީމް ދިޔައީ ބަނޑުގައި އަތްއަޅައިގެން ހެމުންނެވެ. ޝަމީމް ބަދިގެއަށް ވަތް ވަގުތަކީ ޝިމާޔާ ބޭރުން އައިސް ގެއަށް ވަތް ވަގުތެވެ. ހެމުން ދިޔަ ޒައިންއަށް ޝިމާޔާ ފެނި އެއްކޮށް ގަނޑުވިކަހަލައެވެ. އިސްތަށިގަނޑު ހޭވިފައިހުރިއިރު ލައިގެން ހުރީ ތުނިތުނި ނޫކުލައިގެ ކުރު ހެދުމެކެވެ. އެ ހެދުން އިން ގޮތުން އެއީ ޝިމާޔާ ނިދަން ލާ ހެދުންކަން ޒައިންއަށް އެނގުނެވެ. ޒައިން އިސްޖަހައިލީ އިތުރަށް ޝިމާޔާ އާއި ދިމާލަށް ބަލަން ބޭނުންނުވާތީއެވެ.

ޝިމާޔާ އަވަހަށް އޭނާގެ ކޮޓަރިއަށް ދެވޭތޯ ބެލިއެވެ. ނަމަވެސް ބަނޑަށް އަރާ ތަދެއްގެ ސަބަބުން ޝިމާޔާ އަށް ހިނގުންވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން ފާރުގައި އެއްއަތް ޖައްސައިގެން އަނެއްއަތުން ބަނޑުގައި ހިފަހައްޓައިގެން ހުރެ ޝިމާޔާ ކޮޓަރިއާއިދިމާލަށް ދެވޭތޯ ބެލިއެވެ. ޒައިން އިނީ ވަށްކަޅިން މި މަންޒަރު ބަލާށެވެ. ޝިމާޔާގެ އަރުތެރެއިން ނުކުންނަ ވޭނީ އާހުތަކުގެ އަޑު ޒައިންއަށް ވަރަށް ސާފްކޮށް އިވުނެވެ. ޝިމާޔާގެ ބަނޑުގައި އަޅާ ވޭނަށް ކެތްކުރަމުން މަޑުމަޑުން ހިނގައިފައި ގޮސް ޖިންސްގެ ޖީބުގައި އޮތް ތަޅުދަނޑި ނަގައި ކޮޓަރި ދޮރު ހުޅުވައި ޝިމާޔާ ކޮޓަރިތެރެއަށް ވަނެވެ. ޝިމާޔާ އަށް އެވީ ކިހިނެތްބާވައެވެ؟ ޝިމާޔާ މާބޮޑަށް ބަލިވީހެއްޔެވެ؟ ނޫނީ ނުޙައްޤުން އެއްވެސް މީހަކު ޝިމާޔާ ގައިގައި އަތްލީ ހެއްޔެވެ؟ މީހަކު ޝިމާޔާ އަށް އަނިޔާއެއްކުރީ ހެއްޔެވެ؟ އެންމެންގެ ތެރޭގައި ޝިމާޔާ ބޭޒާރުވާފަދަ ކަމެއް މީހަކު ކުރީހެއްޔެވެ؟ ޒައިންގެ ސިކުނޑި ދިޔާއި ސުވާލުމާކުތަކުން ފުނި ޖެހެމުންނެވެ.

ޒައިން އެހެން އިންއިރު ކުއްލިއަކަށް އޭނާގެ ފޯނު މަތިން ހަނދާންވިއެވެ. ޖިންސުގެ ޖީބުގައި އޮތ ފޯނު ނަގައި ޕާސްވޯޑު ޖަހައިލުމަށްފަހު ފޯނު ހުޅުވައިލިއެވެ. އެއާއިއެކު ވައިބަރ ނޮޓިފިކޭޝަން އެއް އައިއްސަ އިންތަން ޒައިންއަށް ފެނުނެވެ. ޒައިން އުންމީދުކުރި ފަދައިން އެވީ ނައިޒަކްގެ ވައިބަރ މެސެޖަކަށެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު މީ ޒައިންއޭ ބުުނެ އެކޮޅަށް އެ މެސެޖު ފޮނުވައިލިއެވެ. ދެން ވާނެގޮތެއް ނޭނގޭ ޙާލުގައި ޒައިން ފޯނު މޭޒުމަތީ ބާއްވައިފައި ތަށި ހިފައިގެން ބަދިގެއަށްދިޔައެވެ.

-ނުނިމޭ-

106

9 Comments

 1. Dhonthy

  December 14, 2019 at 3:37 pm

  Salaam! Miothee dhihavana bai upload vefa. Unmeedhukuran gina kiyuntherinnauves kamudhaane kamau. Dhn vaanee kihineiy baavaey mi hithau aranee. Hehe. 🙂 Enjoy reading and Leave a comment! Hurihaa comment ehves ufalaai ekeega balaigannaanan. Love you all <3 <3 <3 <3 <3 <3 <3

 2. Izabell

  December 14, 2019 at 4:48 pm

  Varah reethi ingey mi part vx, Masha Allah ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ varah interesting kollaafa thi nimmaaly. Varah kiyaa hiyyvey next part. Kon irakun tha up kuraani Dhonthy. 😊😊😊😊😊😊😊😊 Avahah up kollahche💜💜💙💙💚💚❤❤🧡🧡💛💛💛 Lysm

  • Dhonthy

   December 15, 2019 at 12:40 pm

   Thank you so much Izabell 🙂 🙂 Egaara vana bai v avahah upload kolladheynan inge. vagutheh vee varakun hama upload kodhdheynan inge. 🙂 Love you too <3 <3 <3 <3 <3

 3. magnumm

  December 14, 2019 at 7:33 pm

  🌹🌹🌹😘😘Awwwwww…..itx really beautiful koyaaa

  • Dhonthy

   December 15, 2019 at 12:41 pm

   Thank you so much magnumm <3 <3 <3 <3 <3

 4. Chocolate lover🍫

  December 15, 2019 at 7:40 am

  Dhonthy haadha molhey Maasha Allah❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💯💯💯💯💯💯💯💯💯💯💯👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💙💙💜💜

  • Dhonthy

   December 15, 2019 at 12:42 pm

   Awwwwn what a beautiful comment. <3 <3 🙂 😉
   Thank you so so so much dear <3 <3 <3

 5. Kylie

  December 15, 2019 at 1:21 pm

  Maasha allah mi part vx v reethi…….. Waiting fr nxt…. LYSM sis…… Keep it up dear……….

  • Dhonthy

   December 15, 2019 at 2:51 pm

   Thank you so much Kylie. Love you too Kylie <3 <3 <3

Comments are closed.