އިރު އޮއްސުމާއެކު 2 (އެޕިސޯޑް 03)

- by - 7- December 14, 2019

(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)

 

އާހިލްމެން ގޭގެ ދޮރުމަތީގައި ދެތިން މިނެޓެއް ވަންދެން އެގެޔަށް ވަންނަން ނުކެރިފައި ހާޒިމް ހުރީ އެގޭތެރެޔަށް ބަލާށެވެ. ގޭތެރޭގައި އެއްވެސް މީހެއްގެ ހިލަންވެސް ފެންނާކަށް ނެތެވެ. ފަސްޖެހެވެނީ ފާތުން ދައްތަގެ މޫނުދެކެންކަން ހާޒިމްއަށް އެނގެއެވެ. ހާޒިމް ފެނުމުން އާހިލްގެ ހަނދާންތަށް ފާތުމާގެ ވިސްނުމަށް އަންނާނެކަން ހާޒިމްއަށް އެނގެއެވެ. ނަމަވެސް އޭނާ ގެއިން ނުކުމެގެން ހިފައިގެން އެއައި ސުވާލުތަކުގެ ޖަވާބު ހޯދައިގެން ނޫނީ އޭނާގެ ހިތް ދާކަށް ބޭނުމެއް ނުވިއެވެ.

“އައްސަލާމު އަލައިކުމް” ހާޒިމް އެންމެ ފަހުން ސަލާމް ގޮވާލިއެވެ. ގިނައިރުތަކެއް ނުވެ ސަލާމް ބަލައިގަތެވެ. އެގޭގެ ބަދިގެތެރެއިން ސަލާމް ބަލައިގަތް މީހާ ނުކުތެވެ. އެއީ ފާތުމާއެއް ނޫނެވެ. “ކީއްކުރާ ކުއްޖެއް؟” މާ ރީތި ނޫންގޮތަކަށް ބުރުގާ އަޅައިގެން ބާވެފައިވާ ހެދުމެއް ލައިގެން ހުރި އެ އަންހެނާ ހާޒިމް ގާތު ސުވާލު ކޮށްލިއެވެ. “މިއައީ ފާތުން ދައްތަ ހޯދަން.” ޖެހިލުންވެ ހުރެ ހާޒިމް ބުނެލިއެވެ. އެވަގުތު އެމީހާ ހާޒިމް ކައިރީގައި އެތެރެއަށް ވަދެ އިށީންނާށޭ ބުނީ ވަރަށް ހިތްހެޔޮ ހިނިތުންވުމަކާއި އެކުގައެވެ.

އެމީހާ ގޮސް ވަދުނީ ފާތުމާގެ ކޮޓަރިއަށެވެ. އަދި އޭނާ ދެއްކި ވާހަކައެއް ދެއްކިތަނާ އިރުކޮޅަކުން ފާތުމާ އެކޮޓަރިން ނުކުތެވެ. ފާތުމާގެ މޫނަށް ބަލައިލުމުން އޭނާގެ ހިތުގެ ހުރިހާ ވޭނެއް ހާޒިމަށް ފެނުނެވެ. ދެލޯވަނީ ރަތްވެފައެވެ. މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ. ހީވަނީ ބަލިވެ އުޅޭ މީހެއްހެންނެވެ. “ހާޒިމް ކަމަކުތަ ތިއައީ..” ފާތުމާ ހިނިތުންވެލީ ހަށިގަނޑުގެ ހުރިހާ ހިއްވަރެއް ބޭނުން ކޮށްގެނެވެ.

“ނޫން.. ފާތުން ދައްތަގެ ހާލު ބަލާލަން..” ކުޑަ އިރުކޮޅަކު ވިސްނާލާފައި ހާޒިމް މިހެން ބުނެލީ ކުއްލިއަކަށް އާހިލްގެ ވާހަކަ ފަށަން ނުކެރުނީމައެވެ. “ދައްތަ ރަނގަޅޭ.. ހާޒިމް ކިހިނެއްތަ؟” ފާތުމާ ހާޒިމް ކައިރީގައިއިން ސޯފާއެއްގައި އިށީނދެލިއެވެ. “އަޅުގަނޑުވެސް ރަނގަޅު! އެއީ ކޮން ދައްތަ އެއްތަ؟” ހިއްވަރު ކޮށްކޮށްވެސް އާހިލްގެ ނަން ދުލަށް ނައުމުން ހާޒިމް އަހާލިއެވެ. “އެއީ ފާތުން ދައްތަގެ އެއްބަނޑު އެއްބަފާ ކޮށްކޮއެއް. މިހާރުދެން ފާތުންދައްތަ އެކަނިވީމަ އެއައީ ބަލާ.. މާދަން ރަށަށްދާން މިއުޅެނީ.. ހާޒިމްގެ މަންމައާވެސް ދިމާނުވާތާ ވަރަށް ދުވަސް ވެއްޖެ/ ދެން ނޭނގެ މިފަހަރު ދެވޭނެކަމެއްވެސް. މަންމައަށް ސަލާމް ބުނައްޗެ!” ފާތުމާގެ ވާހަކަ ދެއްކުން ކޮންމެސް ވަރަކަށް ފަސޭހަވަމުން ދާކަން ހާޒިމްއަށް ފާހަގަ ކުރެވެން ފެށިއެވެ.

“އާނނ ބުނާނަން. ފާތުން ދައްތަ ތީ މިރަށު މީހެއް ނޫންތަ؟” ހާޒިމް މަސައްކަތް ކުރީ އަދިވެސް އާހިލްގެ ވާހަކަ ފެށޭތޯއެވެ. އެގޮތުން އޭނާ ދުރުދުރުން ސުވާލެއް ކޮށްލިއެވެ. “އާނ.. ދައްތަމީ މިއަތޮޅު މީދޫ މީހެކޭ. އާހިލްމެންގެ ބައްޕައާ އިނދެގެން ފާތުން ދައްތަ މިރަށަށް އައީ.. މިހާރުދެން މިގޭގަ ހުރުމުގެ ބޭނުމެއްވެސް ނެތެއްނު. މިހުރިހާ ދުވަހުވެސް މިހުރީ އާލިމް ކިޔަވާ ނިމުނީމަ ދާންކަމަށް. އެރަށުގަ ކިޔެވުމުގެ ފެންވަރު ދަށްކަމުން” ފާތުމާ އެންމެ ފަހުން އާހިލްގެ ނަން ކިޔައިފިއެވެ. “އާހިލްގެ ބައްޕައަށް ކިހިނެއްވީ؟” ހާޒިމް ލޯމަރާލާފައި އެސުވާލު ކޮށްލިއެވެ. “ވަރަށް ބޮޑަށް ބަލިވެގެން ނިޔާވީ. އޭރު އާހިލްއަށް ތިން އަހަރު. އާލިމް އޮތީ ދައްތަ ބަނޑުގަ” ފާތުމާ ހެދީ ދޮގެވެ. ހާޒިމްގެ މަންމަ އެދުވަސްތަކުގެ ވާހަކަ ހާޒިމްއަށް ސިއްރު ކޮށްފައިވާކަން ފާތުމާއަށް އެނގެއެވެ. އެހެންކަމުން އެވާހަކަތަށް ހާޒިމްގެ ކުރިމަތީ ބޭޒާރު ކޮށްލާ މީހަކަށްވާން ފާތުމާ ބޭނުން ނުވީއެވެ.

“ދައްތާ ދެން ދަނީ. ހިތްހެޔޮ ކުރައްޗޭ.. އިރާދަ ކުރެއްވިއްޔާ މީދޫއަށް ދާން މިއުޅެނީ ވަރަށް އަވަހަށް. ފާތުން ދައްތަ މެންގެޔަށް ދާނަން..” ހާޒިމް ތެދުވީ ބަންގީގެ އަޑު އިވުމުންނެވެ. ފާތުމާވެސް ހިނިތުން ވެލިއެވެ.

===============

ފާތުމާ މެންގެއިން ނުކުމެގެން ހާޒިމް ދިޔައީ ނީލަމް މެންގެ ގެޔަށެވެ. ނީލަމްގެ ފޯނަށް ޖަވާބުދޭތޯ ދެތިންފަހަރަކު އޭނާ ގުޅާލިއެވެ. ނަމަވެސް ފޯނަށް ޖަވާބު ނުދިނުމުން އޭނާގޮސް ވަނީ ނީލަމްގެ ގެޔަށެވެ.

“ނީލަމް އެބަ އުޅޭތަ؟” ހާޒިމް ވަތް ވަގުތު ބޮލުގައި ތާކިހަލެއް އަޅައިގެން އެގެއިން ނުކުންނަމުންދިޔަ ނީލަމްގެ ބައްޕަގާތު ހާޒިމް ވަރަށް ލަދުންހުރެ އަހާލިއެވެ. “ދޭބަލަ. ކޮޓަރީގަ ވެއްޖެ.” އާދައެކޭ އެއްފަދައިން ހިނިތުންވެލާފައި ނީލަމްގެ ބައްޕަ ބުނެލިއެވެ.

ހާޒިމްގޮސް ކޮޓަރިއަށް ވަތްއިރު ނީލަމް ހުރީ ކޮޓަރިތެރެ ކުނިކަހާށެވެ. އޭނާގެ ފޯނު އެނދުމަތީގައި ބާއްވާ ލެވިފައި އޮތެވެ. “ކީއްވެތަ ފޯނު ނުނަގަން ތިހުރީ؟” ހާޒިމް ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. ނީލަމްގެ އަނގައިން އެއްޗެއް ބުނޭތޯ ކުޑަ އިރުކޮޅަކު ހާޒިމް މަޑުކޮށްލިއެވެ. “ތިގޮތަށް އަނގައިން ނުބުނެ ކިތަންމެ ދުވަހަކު ހުއްޓަސް ތި ޖެހިގެން އުޅޭ މައްސަލައެއް ހައްލެއް ނުވާނެ. މައްސަލަ ހައްލުވާނީ ދެފަރާތުގެ ރީސަންތަށް ދެފަރާތަށް ޝެއާކުރެވި ސަބަބުތަށް އޮޅުން ފިލުވުނު އިރަކުން. އަހަރެން ގަބޫލުކުރަން އަހަންނަށް ބައެއްފަހަރު ނީލަމް ގުޅީމަ ފޯނު ނުނެގޭކަން. އެކަމަކު އެއީ އަހަރެންގެ ސަބަބުތަކެއް ހުރެގެންދޯ.. ތީ އެވަރު ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއްނޫން. މިއޮއް ހުރިހާ ދުވަހު އުޅުނީ ގައިމު. ތިކަހަލަ ޝަކުވާއެއް ނުކުރެ. ދެންކީއްވެ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް ތިއައީ؟” ހާޒިމް ވާހަކަ ދެއްކިއެވެ.

“އަހަންނަށްތަ ބަދަލު އައިސްގެން މިއުޅެނީ؟ ހާޒިމް!!! ބުނެބަލަ!! އަހަރެންތަ ދޮގުހެދީ؟؟ އަހަރެން ނުބުނަމޭ އަހަރެންގުޅާ ކޮންމެ ފަހަރަކު ހާޒިމް ފޯނު ނަގާށެކޭ.. އެކަމަކު ތިކަހަލަ ބުނާބަހުގަ އިތުބާރު ނުހުންނަ ބުނެވޭ އެއްޗެއް ހަނދާން ނުހުންނަ މީހަކާ އެކީ އުޅެން އަހަންނެއް ދެން ބޭނުމެއް ނޫން. ހާޒިމް ތިއުޅެނީ އަހަރެން ރުޅިއައިސްގެން މިއުޅޭ ސަބަބެއް އޮޅުން ފިލުވާށެއްނު؟ މައްސަލައެއް ނެތް! އެސަބަބު ބުނެދީފާނަން. އެކަމް އޭގެފަހުން ހާޒިމް އަހަންނަށް ގުޅާގެންވެސް ނުވާނެ. މިގެޔަށް އައިސްގެންވެސް ނުވާނެ. އެގޮތުން އަހަރެން އެ ސަބަބބު ބުނެފާނަން.” އަނގައިން ނުބުނަން ހުރި ނީލަމްއަށް ކެތް ނުކުރެވިގެން ވާހަކަ ދެއްކިއެވެ.

“ތީ ކޮންކަހަލަ ޝަރުތެއް ނީން؟ ނީން މަގޭ ދެކެ ލޯބި ނުވަނީތަ؟” ހާޒިމް ދެރަވީ ނީލަމް އޭނާ ދޫކޮށްލަން ބޭނުން ވީމައެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިއަސް ހާޒިމް އަދިވެސް ގަބޫލުކުރަނީ ހާޒިމްއަށް ނީލަމްދެކެ ވެވުނީ ހަގީގީ ލޯބި ކަމަށެވެ.

“އަހަރެންނެއްނު ފުރަތަމަ ސުވާލު ކުރީ؟ އަހަރެންނަށް ޓަކާ އެންމެ ފަހަރަކު އަޅެ ހާޒިމް އަހަރެން ބުނާ ކަމެއް ކޮށްދީބަލަ. ހެޔޮނުވާނެ. އަހަރެން ކުރި ސުވާލަށް ޖަވާބު ދީބަލަ.” ނީލަމް އާދޭސް ކުރިއެވެ.

“މައްސަލައެއް ނެތް. ނީން އަހަރެންނާއެކީ އިތުރަށް އުޅެން ބޭނުން ނުވަންޔާ އަހަރެން ހުރެފާނަން ދުރުގަ. ދެން ބުނެދީ ތިސަބަބޫ” ހާޒިމްގެ ދެލޯ ފެންކަޅިވިއެވެ. “އާނނ.. އަޑުއަހާ.. ތިން ހަފްތާ މިވީ.. ތިން ހަފްތާ.. ހާޒިމް ކިތަށް ފަހަރު އަހަރެން ކައިރީ މިގެޔަށް އަންނާނަމޭ ބުނެފަ ވައުދުވީ.. އެގޮތަށް ކިތަށް ފަހަރު އަންނާނަމޭ ބުނެފަ ނައިސްގެން އަހަރެން ގުޅާއިރު ހާޒިމް ހުންނަނީ ހަނދާން ނެތިފަ. ކިތަށް ފަހަރު އަންނަން ބުނެފަ ނައިސްގެން އަހަރެން ގުޅާއިރު ފޯނު ނުނަގާ ހުންނަނީ.. އަހަރެންވެސް މިއީ އިންސާނެކޭ ހާޒިމް. އަހަރެންގެ ހިތަށް ހާދަ އުނދަގުލެއް ވެޔޭ އެގޮތަށް ކަންތަށްވީމަ.” ނީލަމްގެ ހިތުގައި ޖެހިގެން ދިޔައީ ކެތްނުކުރެވޭ ވަރަށެވެ.

“ނީންއަށް ހަމަ ރަނގަޅަށް އެނގޭނެ އޭރު އަހަރެން އުޅުނު ގޮތް. އާހިލްއަށް ދިމާވީ ކުޑަ ކަމެއް ނޫންދޯ. އޭނަޔަށް އެންމެ ބޮޑަށް ހިއްވަރު ބޭނުންވި ދުވަހު އަހަރެން އޭނަގެ ހާލު ނުބަލާ އައީމަ އޭނައަށް ވާނީ ކިހިނެއް. ވިސްނަބަލަ!” ހާޒިމް މަސައްކަތް ކުރީ ނީލަމްއަށް ވިސްނަ ދެވޭތޯއެވެ.

“ތިކަން އަހަންނަށް އެނގެޔޭ.. ތިކަން ތިހެން އޮތިއްޔާ ކިއްވެގެންހޭ ދޮގު ހަދަނީ؟ އެންމެ ފަހުންވެސް އަންނަން ބުނިރޭ އެގާރަގަޑި ބައިވީމަ އަހަރެން ގުޅާ ގުޅާ އޮތީ ފޯނުވެސް ނިވާލާފަ.” ނީލަމް ބުނި ވާހަކައިން ހާޒިމްގެ ހިތުގައި އުފެދުނީ ސުވާލެކެވެ.

“އެރޭ ނީންއާ މަށާ ދިމާވިއެއްނު ދޮރުމަތިން. ނީންކައިރީ ބުނީމެއްނު ފޯނު ނިވިފަ އޮތް ވާހަކަ.” ހާޒިމް ބުނި ވާހަކައިން ނީލަމްގެ ގާތަށް އައީ އިތުރަށް ރުޅިއެވެ. ނީލަމް ހީކުރީ ހާޒިމް ދޮގު ހަދަނީ ކަމަށެވެ. “ކޮންހާ ދޮގެއް ހަދާކަށް؟؟ އަހަރެން ނުވެސް ނުކުންނަން އެރެއަކު ބޭރަކަށް..”

ނީލަމް ބުނެލި ޖުމްލައިން ހާޒިމްގެ ނިއްކުރީގައި ރޫޖެހިގެން ދިޔައެވެ. ހިތުގައި ސުވާލުން ފުރިގެން ދިޔައެވެ. “ދެން އެހެންވިއްޔާ އަހަރެންނާއެކީ މިތާ ތުނޑިމައްޗަށް ނުކުތީ ކާކު؟” ހާޒިމް ހާސްވެފައި ސުވާލު ކޮށްލިއެވެ. “ނޭނގެ މަށަކަށް.. މަށެއް ނުނުކުންނަން. ތީ އެހެންނޫނަސް ހަނދާން ނުހުންނަ މީހެއް. ވެދާނެ އެހެން ކުއްޖަކާއެކީ ދިޔައީކަމަށް.. ކޮންމެ މީހަކާއެކީ ދިޔަސް މަށަށް ހެޔޮ. މަށެއް ދެން ބަލާކަށްވެސް ބޭނުމެއް ނޫން. ސަބަބުވެސް މިހާރު އިޔޮތީ ބުނެވިފަ. ދެން ހާޒިމް މިތަނުން ދިޔައިއްޔާ ރަނގަޅުވާނީ..” އަތުގައި އޮތް ފިހިގަނޑުން އަނެއްކާވެސް ތަޅުންމަތި ފޮޅަން ފަށަމުން ނީލަމް ބުނެލިއެވެ.

ހާޒިމްއަށް އިސްޖެހުނެވެ. ދެރަވެގެންނެވެ. ނީލަމް އެހުރީ ހާޒިމްއަށް މާފު ކުރާކަހަލަ ވިސްނުމެއްގައެއް ނޫނެވެ. ހާޒިމް ހިނގައިގަތީ އެ ކޮޓަރިން ބޭރަށްދާށެވެ “އަހަންނަށް ހީވަނީ މިހާރު ނީން ތިއުޅެނީ އަހަންނާ ރުޅިވާން ދައްކާނެ ބަހަނާއެއް ނޭނގިގެންހެން. ކޮންމެ އެއްޗެއް ކިޔަސް ހެޔޮ. ހަމަ ގައިމުވެސް އެރޭ އަހަރެން ދިޔައީ ނީންއާ އެކީ.. ނީން އަހަންނާ އެކީ އުޅެން ބޭނުން ނޫނިއްޔާ އަހަރެން ހުރެފާނަން ނީންއަށް އުނދަގޫ ނުކޮށް ދުރުގަ. އެކަމަކު އަހަންނަށް އެހެންމީހަކާ ގުޅުމެއް ނުބޭއްވޭނެ. ނީން އެހެން މީހަކާ ގުޅެންދެން އަހަރެން ހުންނާނަން ނީންގެ އިންތިޒާރުގަ. އަހަންނަށް އަދިވެސް ނީން އަހަރެން ދޫކޮށްލާފިކަން ގަބޫލުކުރަން ދަތި. އެކަމަކު ނީން އެހެންމީހަކާ ގުޅޭ ދުވަހަކުން އަހަރެން ޔަގީންކުރާނަން އަހަންނަށް ހަގީގަތުގަވެސް ނީން ގެއްލިއްޖެކަން. އެނޫން ހާލެއްގަ އަހަރެން އެހެންމީހަކާ ގުޅުމެއް ބާއްވާކަށް ހިޔާލަށްވެސް ނުގެންނާނަން..” މިހެން ބުނެފައި ހާޒިމް އެކޮޓަރިން ނުކުމެގެން ހިނގައިގަތުނެވެ.

 

– ނުނިމޭ –

7

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. OMG Neelam keevetha understand nuvany haazim ge situation. By the way story Vara Reethi. And when is the next part? ❤️❤️❤️

    ⚠Report!

Leave a Reply

Your email address will not be published.