ހުރީމެ އިންތިޒާރުގަ (6)

- by - 14- January 7, 2020

ދުވަސްތައް ފާއިތުވަމުން ގޮސް ހަމަސްވީއެވެ. ދިވެހި މި ރާއްޖެއަކީ ސާުިލް އުއްމީދު ކުރި ކަހަލަ ތަނަކަށް ނުވިއެވެ. ކުލަޖެހިދާނެކަމަށް ދެކުނުހާ ހުވަފެންތައް ފެނަށްވެއްޖެއެވެ. މިއީ އިންސާނީ ވަގުފާރީގެ މަރުކަޒެކެވެ. މަސްތުވާ ތަކެއްޗާއި ވައްކަން ކުރުމާ ފޭރުމާއި ނޭންގާނީ އެތައް އަމަލެއްގެ ބޮޑުހާއްޔެކެވެ. މީހުން ކަތިލެވެމުންދަނީ ބިރެއްނެތިއެވެ. ކުށެއްނެތި ގަތުލުކޮށްކެވިފައިވާ އެތައް ބަޔެކެވެ. އިންސާފެއް ނުލިބި އެތައް ދުވަހެކެވެ. ދުނިޔެމަތީގައިވާ ސުވަރުގެއޭ ކިޔާ ނަންދެމުންދަނީ ކީއްވެގެން ކަމެއް ވިސްނާ ވިސްނާވެސް ސާހިލް އަކަށް ނޭގުނެވެ. މެހެމާންދާރީ އަދާ ކުރުމުގަ ދުނިޔޭގައި ދެވަނައެއް ނެތްތަނެކޭ މީހުން ބުންޏަސް ސާހިލް އަށް އެކަން ގަބޫލު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. ރާއްޖޭގައި މިވީހާ ދުވަހު ސާހިލް އުޅެމުންދިޔައީ ހާދަ ހާލެއްގައެވެ.

ރާއްޖެ އައުމަށްފަހު ސާހިލް މަސައްކަތް ކުރަންޖެހުނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބަޔަކާއި އެކުގައެވެ. މި ފަދަ މަސައްކަތެއްގެ އެއްވެސް ތަޖުރިބާެެއެއް ލިބިފައިނުވާ ސާހިލް އަށް ފުރަތަމަ ދުވަސްކޮޅު މިކަންވީ ވަރަށް އުދަގޫކަމަކަށެވެ. ހެދުނު އަރާ އިރާއި އެކު މަސައްކަތު ނުކުންނަންޖެހެއެވެ. ވެހޭހާ ވާރެއަކާއި ދޭހާއި އަތްވެއްގައި މަސައްކަތް ކުރުމުގައި ދެމިހުންނަން ޖެހެއެވެ. މަސައްކަތައް ކިރިޔާ ލަހހހުން ދެވުނަސް ބޮޑުމީހާގެ ހަރުކަށިކަން ދައްކާލާނެއެވެ. ކާއެއްޗެއް ލިބެނީ ބަނޑުހައިވެގެންގޮސް ހާންތިވާ ފަހުންނެވެ. ދުވާލުދާ ހަތަރުދަމު މަސައްކަތް ކޮށްފައި ނިދަން ވަންނަންޖެހޭ ތަނުގެ ހާލަތު ދެއްކުމަށް ވުރެން ރަގަޅުވާނީ ނުދެއްކިއްޔާއެވެ. ޖަލު ގޮޅީގައި ތިބޭމީހުންވެސް ނިދާނީ މިއަށްވުރެން އަރާމުގައި ކަންޔަގީނެވެ. ކުޑަ ކުޑަ ކޮޓަރި ގަނޑެއްގައި ވިހި ތިރީސްމީހުން ނިދަން އެބަޖެއެވެ. ދުވާވަހުން ނޯންދަމާލަން ނުކެރެއެވެ. މިލަވަހުންނާއި ތަތްމުޑުވަހާއި ކާއެއްޗެހީގެވަހުން މުޅި ކޮޓަރިތެރެ އޮންނަނީ ތަގައްޔަރުވެފައެވެ. ފާހާނާވެސް އެހާ މުޑުދާރެވެ. މިއީ ތަރައްގީވެ މިިވަރުތަނެއް ނެތްކަމަށް ބުނާ މާލޭގައި މަސައްކަތުމީހާ އުޅެންޖެހޭ ހާލެވެ. މިއީ ދިވެހިންނަށް ހައްޓަށް ބުރަކަމުން ކުރަންނުކެރޭ މަސައްކަތްތައް ކުރުމަށް ބޭރުން ގެންނަ މީހާއަށް އަޅާލާ ކަމޭހިތާ މިންވަރެވެ.

ހަމަސް ވެގެންދިޔައިރުވެސް ސާހިލް އަށް ދިވެހި ބައި ރުފިޔާ ފޮއްޗެއްހާ ހިސާބުގައިވެސް އަތްލާކަށް ނުލިބެއެވެ. މުސާރަ ލަސްވަމުންދާތީ ސާހިލް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. ގައިގަލާނެ މީރުވަސްދުވާއެއްޗެއްވެސް އަތަކު ހުރީކީ ނޫނެވެ. މިސްކަތައް ނަމާދައް އެރިޔަސް ކައިރީގަ ހުންނަމީހާ ނޯށުގައި އަތްއަޅާތަން އޭނާއަށްފެނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ގައިން މީރުވަހެއް ދުވާނީވެސް އަތުގައި ފައިސާ ހުރިނަމަތާއެވެ. ފެންވަރާލަން މިޖެހެނީ ހުސް ފެންފޮދަކުންނެވެ. އެވެސް މާލޭގައި ތަގައްޔަރުވެފައިވާ ލޮނުފެނުންނެވެ. ގައިގަލާނެ ސައިބޯނިކޮޅެއް އެއްޗެހި ދޮވެލާނެ ދޮންނަކުޑި ކޮޅެއްނެތެވެ. ބާވެ ހަފުސްވެފައިވާ ގަމީހާއި ތުނިވެ ހަންކޮޅަކަށް ވެފައިވާ ފައިވާނުގައި އުޅެން މިވަނީ މަޖުބޫރުވެފައެވެ.

ސާހިލް އުޅެ ބޮޑުވި ފަގީރު ހާލަށްވުރެން މިއަދު ޖެހިފައިމިވާ ހާލު މާ ބޮޑެވެ. މުސާރައިން ބައެއްވެސް ލިބޭތޯ ސާހިލްމެންނާއި ހަވާލުވެ ހުންނަމީހާ ކައިރީ އެތައްފަހަރަކު އާދޭސް ކުރެވިއްހެއެވެ. އޭނާގެ ޖަވާބަކަށް ކޮންމެ ފަހަރަކުވެސް ވަނީ މުސާރައަކީ އޭނާ ދޭ އެއްޗެއް ނޫންކަމުގައެވެ. ސާހިލް އަށް އަދި އެބުނާ މީހަކާ ދުވަހަކުވެސް ބައްދަލެއް ނުވެއެވެ.

އިންސާނަކަށް ކެތްކުރެވޭނީވެސް ވަކިވަރަކަށްތާއެވެ. އިންޑިޔާއަށް އެބުރިދާން ބޭނުންވިޔަސް ދެވޭކަށްވެސް ނެތެވެ.. ސާހިލް އަތުގައި އެއްވެސް އެއްޗެއް ނެތެވެ. ޕާސްޕޯޓާއި އައޑީކާޑާއި މިހުރިހާ އެއްޗެއްވީ ކާކުގެ އަތުގައި ކަމެއްވެސް ނޭގެއެވެ. އެންމެ ފަހުން ސާހިލްވެސް ނިންމީ އެތަނުން ނުކުންނާށެވެ. އަމިއްލައަށް މަގުމަތިވާށެވެ. އޭނާ ނެތިގެން ހޯދަން ނޫޅޭނެކަން ސާހިލްއަށް ވަރަށް ރަގަޅަށް އޮތީ އެގިފައެވެ. އެގޮތައް ފިލާގެން އުޅޭ އެތައް ބަޔަކާއި މިހާތަނަށް ވަނީ ބައްދަލުވެފައެވެ. ސާހިލް ގުޅުނީ އޭގެން މީހަކާއެވެ. އޭނާ ނިދަން ދާ ތަން އަދި ކުރިން ސާހިލް އުޅުނު ތަނަށް ވުރެން މާހާލުދެރައެވެ. ނިދަން ޖެހެނީ ދަންފަޅި ބަހަހައިގެންނެވެ. ނަމަވެސް ބުރަކަށި ދަމާލާ ދެތިން ގަޑި އިރަށް ވިޔަސް ނިދާލެވޭނެ ތަންކޮޅެއް ލިބުނީތީ ސާހިލް ޝުކުރު ކުރިއެވެ.

ސާހިލް މަގުމަތީަގައި އުޅެމުންދާތާ ހަފްތާއެއް ވަނީއެވެ. ގޭގެއަށް ކުނި އުކާދިނުމުން ކޮންމެ ދުވަހކުވެސް ދިރިހުރެވޭ ވަރުގެ ކާ އެތިކޮޅެއް ގަންނާނެ ރުފިޔާލިބެއެވެ. ގޭގެއިން އުކާލަންދޭ ކުނިކޮތަޅު ހާވާލުމުން ލާނެ އަންނައުނު ލިބެއެވެ. ދިވެހިންނަކީ އިސްރާފް ކުރުމުގައި ހައްދު ފަހަނަ އަޅާފައިވާ ބަޔެއްކަން ކުނިކޮތަޅުތަކަށް ބަލާލީމަވެސް އެގެއެވެ. ސާހިލްއަށް މި ކޮތަޅުތައް ފެންނަނީ ހަޒާނާއެއްގެ ގޮތުގައެވެ. ކޮންމެދުވަހަކުވެސް އުކާލުމުގެ ކުރިން ކުނިކޮތަޅުތައް ހާވާލާ ބޭނުން ހިފޭނެ އެއްޗެއްވިޔާ ނަގައެވެ.

މީހެއްގެ ނަސީބު އައިސް އަތުގައި ހިފާނީ ކޮން ވަގުތަކު ކަމެއް އެކަކަށްވެސް ނޭގޭނެެއެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތައް ސާހިލް މަސައްކަތް ނިންމާލުމަށް ފަހު މަޑު ކޮށްލީ ވިލިގިލީ ފެރީ ޓާމިނަލް ގައެވެ. އުމުރުން ފަންސާހަކަށް އަހަރުގެ މީހަކު އައިސް ވާހަކަދައްކަން ފަށައިފިއެވެ. މިއީ މިގޮތައް ދިވެއްސަކު އިސްވެ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. އޭނާ ކިޔަނީ ކީކޭކަން އެއްވެސް ވަރަކަށް ސާހިލް އަށް ފަހުމް ވާގޮތެއްވެސް ނުވިއެވެ. ދިވެހި ބަހުން އެއްޗެއް ބުނާނެގޮތެއްވެސް ނޭގުނެވެ. ނަސީބަކުން އޭނާ ދައްކާ ވާހަކަތައް އަޑުއަހަން ކައިރީގައި ބޭރުމީހަކު ހުއްޓެވެ. އެވެސް ސާހިލް ހެން އުޅެމުންދާ މީހެކެވެ. ރާއްޖޭގައި އުޅޭތާ ފަސްވަރަކަށް އަހަރު ވެއްޖެއެވެ. ދިވެހިބަހުން މިހާރު އޭނާއަށް ނޭގޭ އެއްޗެއް އޮންނާނެހެން ހިޔެއް ނުވެއެވެ. އޭނާ އެ ދިވެހި މީހާ ކައިރީ ވާހަކަތަކެއް ދެއްކުމަށްފަހު ސާހިލް އަށް ވާނުވާ ކިޔާދީފިއެވެ.
ސާހިލްގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވެއްޖެއެވެ.
އެމީހާ އެދުނުގޮތައް އެގޭގައި މަސައްކަތް ކުރުމަށް ދިޔުމަަށް އެއްބަސް ވެއްޖެއެވެ.

ސާހިލް އަށް އެގެއަށް ދިޔުމުން ސާހިލް ކުރަންޖެހޭ ކަންތައްތައް ކިޔާދީފިއެވެ. ސާހިލްއަށް ޖެހެނީ ކުނިއުކާލާ ގެެެޭތެރެސާފުކޮށްބެލެހެއްޓުމާ ބާޒާރު ކުރުމެވެ. އެގޭގައި މަސައްކަތް ކުރުމަށް އިތުރު އެހެން ބޭރު އަންހެނަކުވެސް އުޅެއެވެ. އޭނާގެ މަސައްކަތަކީ ކައްކާ ކާން ހެދުމާއި ދެ ދަރިންނާއި ބަލި އަންހެނަކު ބެލުމެވެ. އެ ގެއަކީ މާގިނަ ބަޔަކު އުޅޭ ގެޔެއް ނޫނެވެ. އެގޭގަެި އުޅެނީ އައިޝާއާއި އޭނާގެ ފިރިމީހާ އަހުމަދުގެ ދެ ދަރިންނާއި އަދި އިތުރު އަންހެނަކު ފިޔަވާ އިތުރުބަޔަކު ނޫޅެއެވެ. ދެމަފިރިންނަކީވެސް ވަޒީފާއަށްދާ ދެމީހުންކަމުން ދުވާލުގިނަ ވަގުތު ގޭގައި ނޫޅެއެވެ. ޗުއްޓީ ދުވަހެއް ނަމަ ހަމަ އެކަނި އުޅެނީ އަންހެންމީހާ އެކަންޏެވެ. އެމީހުން ދަރިންކޮޅު ގޮވާގެން ދަނީ ކޮންމެވެސް ރިޒޯޓަކަށެވެ. މުޅި ގެ އޮންނަނީ ސާހިލްމެންގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

ދުވަސްތައް ފާއިތުވަމުންދިޔައީ ވަރަށް އަވަހަށެވެ. ސާހިލް އަށް މިއާދެވުނު ގެއިން ނިދާނެ ތަންކޮޅެއް ލިބުނެވެ. ރީތިކޮށް ފެންވަރާލެވެއެވެ. ގޭތެރެ ނުލާހިކު މިނިވަނެވެ. ސާހިލްގެ ފަރާތުން އެއްވެސް ހިތްހަމަނުޖެހޭ ކަމެއް ކުރިމަތިލާން ނުޖެހޭ ވަރަށް މަސައްކަތް ކުރެއެވެ.

ސްކޫލް ކުދިންގެ ފުރަތަމަ ޓާރމުގެ ބަންދު ދުވަސްތަކެވެ. ދެމަފިރިންނާއި ދަރިން ވީ ޗުއްޓީއަށް ރަށަކަށް ގޮހެވެ. ގޭގައި އިނީ އަންހެން މީހާ އެކަންޏެވެ. އެދެމަފިރިން އެއްވެސް ތަނަކަށްދާއިރު މި އަންހެންމީހާއެއް ނުގެންދެއެވެ. ސާހިލް އަށް އެގޭގައި މަސައްކަތް ކުރާ ބާލާގެ ފަރާތުން އެގުނު ގޮތުގައި އެއީ އެއީ އަހުމަދުގެ ބޮޑުދައިތައެވެ. ދިމާވި ހާދިސާއެއްގެ ސަބަބުން އޭނާއަށްވަނީ ނަފްސާނީގޮތުން ވަރަށްބޮޑަށް އަސަރު ކޮށްފައެވެ. އެއްވެސް ވަރަކަށް މީހހުންނާއި ވާހަކަދައްކައެއް ނޫޅެވެ. ނަމަވެސް ސާހިލް އޭނާއަށް ފެންނަ ކޮންމެ ފަހަރަކުވެސް އެއްޗެކޭ ބުނަން އުޅޭހެން ހީވެއެވެ. ސާހިލް ފެންނަން ހުރެއްޖެނަމަ އެމީހާ އެހެން ދިމާއަކަށް ނުބަލައެވެ. ސާހިލް އޭނާހެގެ ލޯމަތިން ގެއްލެންދެން ހުންނަނީ ބަލާށެވެ. ހީވަނީ މީގެ ކުރިން ސާހިލް ފެނިފައިވާހެންނެވެ.

ހެދުނުގެ ވަގުތެވެ. ސާހިލް އުޅުނީ ގޭތެރެ ސާފު ކުރެވޭތޯއެވެ. ބާލާ އިނީ ޓީވީ ބަލާށެވެ. ކާއެއްޗެއް ހަދާކަށްވެސް ނޫޅެއެވެ. މެންދުރު ވަގުތުވާންވެސް މާ ގިނަވަގުތެއް ނެތެވެ. ދައްތަ ބަނޑުހައިވެގެން ކިތަންމެ ފަހަރަކު ކާ އެއްޗެއް މޭޒުމަތީގައި ހުރިތޯ ބަލައިފިއެވެ. އެފަކީރު ބަނޑުހައިވެގެން ތުރުތުރުއަޅަނީއެވެ. ސާހިލްއަށް މި މަންޒަރު ބަލަން ކެތް ނުކުރެވިގެން ޖޫސްތައްޓަކާއި މޭވާ ކޮޅެއް ކޮށާލާފައި ދައްތަގެ ކޮޓަރިއަށް ގެންގޮސްދީފިއެވެ. އެ ދައްތަ ސާހިލްއަށް ޝުކުރު އަދާކުރުމުގެ ގޮތުން ހީލިއެވެ. ދެންމެ ދެންމެ އެއްޗެއް ބުނެފާނެއޭވެސް ހީވެއެވެ. މިމަންޒަރު ބަަލަން ބާލާ ފާޑަކަށް ތުންކޮޅު ހަދާލައިގެން އިނެވެ.

” ކީއްވެ އަދިވެސް ނުކައްކާ ތި ހުރީ.. އެދައްތަ އެހުރީ ވަރަށް ބަނޑުހައިވެފަ” ސާހިލް ހުރީ ހަގީގަތުގަވެސް ވަރަށް ދެރަވެފައެވެ. ލަގޮޑިއަށް ބާރުކޮށް ހިތައް އުދަގޫތަކެއް ވެއްޖެއެވެ.

” އަހަރެމެން ކީއްކުރަން އެހާ ވަރުން އުޅެންވީ. އަދި މަރުވާވަރަކަށް ބަޑުހައި ވާވަރެއްވެސް ނުވެއެއްނުން” ބާލާގެ އަޑާެި ރާގުގައި ހުރީ ފޫހިވެރިކަމެވެ.
ސާހިލް އިތުރަށްވީ ދެރައެވެ. ސާހިލް ހިތައް އަރަމުން ދިޔައެވެ. އަމިއްލަ ގެދޮރާއި ދަރިން ބެލުމަށް ބޭރުން މީހުން ގެންނަނީ ކީއްކުރަންބާއެވެ. އެކަކު އެކަނި ނުބެލޭވަރުގެ ގެއެއްވެސް ނޫނެވެ. އަމިއްލަ ދަރިންނަށް ކާ އެތިކޮޅެއް ކައްކާލާ ކާންދެވޭހާވެސް ވަގުތު ނުވަނީ ހެއްޔެވެ. ފިރިމީހާއަށް ކާންދީ ލާހެދުން ދޮވެ އިސްތިރިކުރަން އެހެން އަންހެނަކު ހުރުމަކީ ލަދުވެތިކަމަކަށް ނުވަނީ ހެއްޔެވެ؟ ތަރައްގީވެ ތަހުޒީބު ވުމަކީ މިއީ ބާއެވެ. ނޫނެކެވެ. މިއީ އަދި ތަހުޒީބުވުމެއް ނޫނެވެ. މީހުން ވަރެއް ވުރެން ކަންނެތް ވުމެވެ.

” އެނގޭތަ މަށަށް މުސާރަ ނުދީ މި މީހުން އުޅޭތާ ކިހާ ދުވަހެއްވެއްޖެކަން. . މުސާރަ ވާހަކަ ދައްކާ އިރަށް ގޭގެ ކުއްޔޭ ފެންބިލޭ ކަރަންޓުބިލޭ ކިޔާނެ. ބިލްތަކަށް ފައިސާ ނުދެއްކިގެން އުޅޭއިރު ބޭރުން އެމީހުންނަށް ކައްކާފަ ކާންދޭނެ މީހުން އެބަ ހޯދަން ޖެހޭ.” ބާލާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

” އަހަރެންވެސް މިތަނަށް މިއައީ ދަރިން ދޫކޮށްލާފަ. މަންމައޮތީ ބަލިވެ. ފިރިމީހާ ވީތަނެއް ނޭނގެ. މިތަނަށް މިއައީ މަސައްކަތް ކޮށްގެން ރުފިޔާ ހޯދަން. އެކަމަކު އަހަރެން މިތާ އުޅޭތާ 5 މަސްވީއިރުވެސް އެއްވެސް އެއްޗެއް ނުލިބޭ. ރަށުގަ ދަރިންކޮޅު އެތިބީ އެއްފަހަރު ކެއްޔާ އަނެއްފަހަރު ނުކައި.. ” ބާލާގެ ރުޅިވެރިކަން ކަރުނައަށް ބަދަލުވެއްޖެއެވެ. ސާހިލްއަށް އެއްޗެކޭވެސް ނުބުނެ ހުރެވުނީއެވެ. ބާލާގެ ހާލަތު ސާހިލް އަށް ވަރަށް ރަގަޅަށް އިހްސާސް ކުރެވެއެވެ.

***

އޭގެ ހަފްތާއެއް ފަހެވެ. ސާހިލް ގޭގެ ދޮރު ހުޅުވާލީ ބޭރުން މީހަކު ޓަކިޖެހުމުންނެވެ. ދޮރުމަތީގައި ހުރީ ފިރެހެނެކެވެ.

” އަސްތާ! ބޭބެ ހާދަ ދުވަހެއް ކޮށްލާފަ ތިއައީ”
އަހުމަދު ބޭބެ ފެނުމާއެކު ބުންޏެވެ.

ބާލާގާތުގައި ސައި ތައްޔާރު ކުރަން ބުނެފައި ބޭބެ ސިޓިންގ ރޫމް ސޯފާގައި ބައިންދާފިއެވެ.

‘އެއީ ބޭރުމީހެއްދޯ. ކޮން އިރަކު ގެނައި މީހެއް” އެމީހާ ސާހިލް ދައްކާލާފައި ބުންޏެވެ

” އަދި ނުވޭ މާގިނަ ދުވަހެއް. މަށަށްވެސް މޫސަބޭ ހޯދަދިން މީހެއް” އަހުމަދު ހީލަމުން ބުންޏެވެ.

” މަވެސް މިއުޅެނީ ބޭރުމީހެއް ހޯދަން.. ތިޔަ މޫސަބެއެއް ކައިރީ ބުނެލަބަލަ މަގޭ ވާހަކަވެސް” ސާހިލް ހުރީ އެމީހާ ދައްކާވާހަކަ އަޑު އިވޭ ހިސާބުގައެވެ. މިގެޔަށް އައިފަހުން ކޮންމެވެސް ވަރަކަށް ދިވެހިން ކިޔާ އެއްޗެހި އެގޭވަރުވެއްޖެއެވެ.

” ތީ އެއްވެސް ކަމެއް ނޫނެއް ނުން. މަގުމަތީގައި ތީގެ އެއްޗެހި އެއޮތީ ބައިވަަރެއް. މަށަށް މާދަމާވެސް ލިބިދާނެ.. ބޭބެ މީނަ ގޮވާގެންދޭ ރަށަށް” ބޭރުމީހުންނާއި ދޭތެރޭ ދެކޭ ނިކަމެތި ގޮތް އަހުމަދުގެ ވާހަކައިން ވެސް ހާމަވެއެވެ.

ސާހިލް ހުރީ އިސްޖަހާލައިގެންނެވެ. މާދަމާއިންފެށިގެން އޭނާވާނީ އެހެން މީހެއްގެ އަޅަކަށެވެ. މިވާހަކަތައް އަޑު އިވޭފަށުގައި ހުރި އަހުމަދުގެ ބޮޑުދައިތަގެ މޫނުމަތީގައިވާ ހިނިތުންވުން މުޅިން ގެއްލިއްޖެއެވެ. މި އަޑުތައް އިވުމުން އޭނާ މާޔޫސް ވަނީ ކީއްވެގެން ކަމެއް ހުދު އޭނާ އަކަށް ވެސް ނޭގެއެވެ. އެގޭހާވެސް ކަމަކީ އޭނާގެ ކުރިމަތީގައި ސާހިލް ހުންނައިރު ބުނެދޭން ނޭގޭ ކަހަލަ އިހުސާސެއް ހިތައް ކުރަމުންދާކަމެވެ.

(ނުނިމޭ)

14

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply

Your email address will not be published.