ލޯބިވަން ޔާރާއޭ 15
ރިންގުވަމުންދިޔަ ފޯނަށް ބަލައިލުމަށްފަހު މަސައްކަތް މެދުކަނޑާލާ ވިޝާލް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ބުނެލި ވާހަކަތަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން މިދަނީއޭ ބުނެ ވިޝާލް އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ. ފައިލެއް ހިފައިގެން ވިޝާލްގެ ގާތަށް ދާންދިޔަ ޔަލްވީގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަވަސް ފިޔަވަޅުތަކެއްގައި އަންނަމުންދިޔަ ވިޝާލް ފެނިފައެވެ. ” ސަރ… ފައިލް… ” އޭނަ އާއި އަރާހަމަވުމާއެކު ޔަލްވީ ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް މަޑުކޮށްލުމެއްނެތި ވިޝާލް އެދިޔަ ގޮތަށް ގޮސް އޮފީހުން ނުުކުމެ ކާރުގައި އޭނަގެ މަންޒިލަށް މިސްރާބުޖެހިއެވެ. ވިޝާލްގެ މޫނުމަތީގެ އަސަރުތަކާއި އަމަލުތަކުން ވާނުވާ ނޭނގިފައި ޔަލްވީއަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ވިޝާލްގެ ހަރަކާތްތައް ހުރިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމަށް ޔަލްވީގެ ހިތް ބުނެލިއެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވުމަށް އެދެމުން ޔަލްވީ ގޮސް އޭނަގެ ކެބިންއަށް ވަނީ ވިޝާލް އައުމުން އަނބުރާ އެކެބިންއަށް ދިޔުމަށެވެ.
ބާރު ސްޕީޑުގައި ދިޔަ ކާރު ގޮސް މަޑުކޮށްލީ ސުކޫލެއްގެ ދޮރުމައްޗަށެވެ. ކާރު ޕާކުކުރުމަށްފަހު ވިޝާލް ކާރުން ފައިބާ ސުކޫލުގެ ތެރެއަށް ވަނެވެ. ރާޔާ ކިޔަވާ ކްލާސްރޫމްއާ ދިމާލަށް މިސްރާބުޖެހި ވިޝާލްގެ ލޮލުގައި ކްލާސް ރޫމުގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ޓީޗަރު އަޅައިގަތެވެ. ”ރާޔާގެ ބައްޕަތޯ… ” ވިޝާލް އަވަސް ހިނގުމެއްގައި ގޮސް އެހިސާބަށް އެރުމާއެކު ޔަގީންކުރާފަދަ ރާގެއްގައި ޓީޗަރު ބުނެލިއެވެ. ” ރާޔާ ކޮބާތޯ؟ ” ޓީޗަރުގެ ސުވާލަށް ބޯ ޖަހާލަމުން ވިޝާލްއަށް އަހާލެވުނެވެ. ” ރާޔާ އެބައިން އެތެރޭގަ ޓީޗަރަކާއެކު… އަޅުގަނޑު ކުޑަ ވާހަކައެއް ދައްކާލަން މަޑުކޮށްލަދެވިދާނެތޯ… ” ވިޝާލް މިފަހަރުވެސް ޓީޗަރުގެ ބަހަށް ބޯ ޖަހާލިއެވެ.
”ދުވަސްކޮޅެއްވެއްޖެ އަޅުގަނޑު މިވާހަކަ ރާޔާގެ ބައްޕައާ ވާހަކަ ދައްކާލަން ބޭނުންވެފަ ހުންނަތާ… މިހާރަކަށް އައިސް ކިޔެވުމަށް ދޭންވާ ސަމާލުކަން ރާޔާގެ ފަރާތުން ފުރިހަމައަށް ނުދެވޭކަން އަޅުގަނޑުމެނަށް ފާހަގަވޭ… ފުރަތަމަ މިކޮޅަށް ޖޮއިންކުރި އިރު ވަރަށް ރަނގަޅު… އެކަމަކު މިހާރު ފަރުވާކުޑަކަން ފާހަގަކޮށްލެވޭ… އަޅުގަނޑަށް ބޮޑަށް ހީވަނީ ޕޭރެންޓްގެ ފަރާތުންހެން ފަރުވާކުޑަ ވަނީ… އެއީ މިހާރު މިހެންވެސް އެވީ ދެދުވަހަކު… މިއަދުވެސް އިނގިރޭސި ހަފްތާގެ އޮފް ސްޓޭޖް ހަރަކާތްތައް ނިމޭ ގަޑި އަޅުގަނޑުމެން ޕޭރަންޓުންނަށް އަންގާލިން… ނޯޓިސް ބޯޑުގަވެސް ހަރަކާތްރަކުގެ ޝެޑިއުލް ހުންނާނެ… އެކަން ކަމަށް ސަމާލުކަންދޭނަމަ ނިމޭ ގަޑިއަށް ރާޔާ ބަލައިވެސް އަންނަން އިނގޭނެތާ… މިދިޔަ ހަފްތާގަ އަޅުގަނޑުމެން ބޭއްވި ޕޭރެންޓް މީޓިންއަށްވެސް ރާޔާގެ މަންމަ ހާޒިރުވެފައެއްނުވޭ… ދުވަހުން ދުވަހަށް ފިލާވަޅުތައްވެސް މިހާރު ރަނގަޅަށް ދަހެއްނުވޭ ރާޔާއަކަށް… ރީޑިންތައް ބަރާބަރަށް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް… މިހާރު ކިޔެވުމުގައި ގިނައިން ވަގުތު ހޭދަކުރި ވަރަކަށް ކުރިއަށް ދިއުމަށް ފަސޭހަވާނީވެސް… ބައެއް ފަހަރު ފިލާވަޅުވެސް ނުހެދި ހުރޭ… އަޅުގަނޑު ބުނަން ބޭނުންވަނީ ޅައުމުރަށްވިޔަސް އެހާާ ފަސޭހައިން ދޫކޮށްނުލައްޗޭ… ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަރަކަށް ކިޔެވުމުގަ ވަގުތު ހޭދަކުރުވާށޭ… ޕޭރެންޓުންވެސް އެކުއްޖަކާއެކު ކިޔެވުމުގަ ވަގުތު ހޭދަކުރަންވާނެ… އެކުދިންގެ ވާހަކަތައް އަޑުއަހާ އެކުދިންނާއެކު ވަގުތު ހޭދަކުރަންވާނެ… އޭރުން އިންޝާ ﷲ އެކުދިންގެ އުޅުމަށް ހެޔޮ ބަދަލެއް އަންނާނެ… ” ވިޝާލް ކަނުލާ ޓީޗަރުގެ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ” މަސައްކަތުގެ ގޮތުން އަޅުގަނޑަށް ރާޔާއާއެކު ހޭދަކުރެވޭ ވަގުތު މަދު… އެކަން ގަބޫލުކުރަން… ގިނަ ވަގުތު އަންހެނުން ރާޔާއާއެކު ހޭދަކުރަނީ… ތިފާހަގަކޮށްލި ކަންކަން ރަނގަޅުކުރާނަން އިންޝާ ﷲ… ” ގަދަކަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން ވިޝާލް ބުނެލިއެވެ. ޓީޗަރުގެ އިޝާރާތާއެކު ވިޝާލް ކުލާސް ރޫމް ތެރެއަށް ވަނެވެ. އޭރު ރާޔާ އިތުރު ޓީޗަރަކާއެކު މޭޒެއް ކައިރި ވާހަކަ ފޮތެއް ކިޔަން އިނެވެ.
ވިޝާލް ފެނުމާއެކު ރާޔާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ” ޑެޑީ… ” ގޮނޑިން ތެދުވެ ދުވެފާ ގޮސް ވިޝާލްގެ ގާތު ހުއްޓުމާއެކު ވިޝާލް ރާޔާ އުރާލިއެވެ. ” މަންމި ކީއްވެ ކޮއްކޮ ބަލާ ނައީ ހުރިހާ ކުދިން ދިޔައިރުވެސް… ” ފުރަތަމަވެސް ރާޔާ ޝަކުވާކޮށްލިއެވެ. ” ކަމެއް ދިމާވީމަ މަންމި ލަސްވީ… ޑެޑީ މިއައީނު ޕްރިންސަސް ބަލާ… ހިނގާދޯ އަވަހަށް ގެއަށްދަމާ… ” މޫނުމަތިން ނުތަނަވަސްކަން ފޮރުވާލަމުން ވިޝާލް ބުނެލިއެވެ. ޓީޗަރު ރާޔާގެ ދަބަސް ގެނެސްދިނުމާއެކު ޝުކުރު އަދާކޮށްފާ ރާޔާ ގޮވައިގެން ވިޝާލް ނުކުތެވެ. ވިޝާލް ސުކޫލުން ނުކުމެ ކާރަށް އަރާ ގެއަށް ދިޔުމަށް ދުއްވާލިއެވެ. އޭރު ރާޔާ މިއަދުގެ ހަރަކާތްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އެހެނަސް ވިޝާލްއަށް ރާޔާގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެެއް ދެވޭ ގޮތެއްނުވިއެވެ. އޭނަގެ ސަމާލުކަން ދެވިފާވަނީ ޓީޗަރުގެ ވާހަކަތަކަށެވެ. ރިއާޝާގެ އަމަލުތައް ހުރިގޮތުންވެސް ވިޝާލް އިނީ ހިތްހަމަނުޖެހިފައެވެ. ރިއާޝާ އެހާ ފަރުވާކުޑަވެދާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހީކޮށްފައެއްނުވެއެވެ. ކާރު ދުއްވަމުން ދަނިކޮށް އޭނައަށް ކާރު ހުއްޓާލެވުނީ ކައިރި ހިސާބެއްގައި ހުރި ކެފޭއެއްގެ ތެރެއަށް ވަން ރިއާޝާ ފެނިފައެވެ. ފިރިހެން ދެޒުވާނުންނާއެކު އެތެރެއަށް ވަންއިރު ރިއާޝާގެ ރަހުމަތްތެރި އިނާވެސް އޭނަގެ ގާތުގައި ހުއްޓެވެ. ފެންނަމުންދިޔަ މަންޒަރުން ވިޝާލްގެ ރުޅިގަނޑު އިތުރަށް ގަދަވެގެން ދިޔައެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ވިޝާލް އަނެއްކާވެސް ކާރު ދުއްވާލިއެެވެ. އޭރު ކުއްލިއަކަށް ކާރު ހުއްޓާލުމުންނާއި އޭނަގެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ނުދިނުމުން ރާޔާ އިނީ ވާނުވާ ނޭނގިފައެވެ. ލަސްތަކެއްނުވެ ވިޝާލް ކާރު ދުއްވާލުމާއެކު ރާޔާ އަނެއްކާވެސް އޭނަގެ ވާހަކަތައް ފެށިއެވެ. މިފަހަރު ހިނިތުންވުމެއް ހަދިޔާކުރަމުން ވިޝާލްވެސް ވާހަކައިގައި ބައިވެރިވިއެވެ.
ގެއަށް ގޮސް ވިޝާލް އެންމެ ފުރަތަމަވެސް ރިއާޝާއަށް ގުޅާ ގެއަށް އައުމަށް އެދުނެވެ. އެތައް ފަހަރަކު މިވަގުތު ކީއްކުރަންތޯ ރިއާޝާ ސުވާލުކުރުމުންވެސް ވިޝާލް ހުރީ ޖަވާބުދޭ ކަހަލަ ގޮތަކަށްނޫނެވެ. އެންމެފަހުން ހިތްހަމަނުޖެހުނު ވަރުން އޭނާ ފޯނު ކަނޑާލިއެވެ. އެއަށްފަހު ވިޝާލް ރާޔާގެ ޔުނިފޯމް ބަދަލުކުރުވިއެވެ. ޔުނިފޯމް ބަދަލުކުރުމަށްފަހު ތިރިއަށް ފައިބާ ރާޔާ ގޮވައިގެން ވިޝާލް ކާކޮޓަރިއަށް ވަނެވެ. ކާމޭޒު ކައިރިން ގޮނޑިއެއްގައި ރާޔާ ބޭންދުމަށްފަހު ވިޝާލް ފުރިޖުން ނެގި އާފަލު ޖޫސް ޕެކެޓުން ތައްޓަށް ޖޫސް އަޅާ ރާޔާ އަތަށް ދިނެވެ. އޭރު ދެފަހަރެއްގެ މަތިން ރާޔާ ރިއާޝާ ކޮބައިތޯވެސް ސުވާލުކޮށްފިއެވެ. ވިޝާލް ކޮންމެ ފަހަރަކުވެސް މަންމަ ވަރަށް އަވަހަށް އަންނާނެ ކަމަަށް ބުނެ އެވާހަކަ މެދުކަނޑާލަނީއެވެ. ރާޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލުމަށްފަހު ޖޫސް ތަށި ހުސްކޮށްލުމަށް އެދިފާ ވިޝާލް ސިޓިންރޫމަށް ނުކުތެވެ. އޭނާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރިއާޝާގެ އިންތިޒާރުގައެވެ.
މާގިނައިރެއްނުވަނީސް ގޭތެރެއަށް ވަދެގެން އައި ރިއާޝާ ފެނި ވިޝާލްގެ ހިނގުން ހުއްޓުނެވެ. ކާކޮޓަރި އާއި ދިމާލަށް އަވަސް ނަޒަރެއް ދިނުމަށްފަހު ވިޝާލް އޭނަގެ ދެއަތް ފަޓުލޫނުގެ ޖީބަށް ޖަހާލަމުން ކުރިއަށް ފިޔަވަޅުތައް ބެހެއްޓިއެވެ. ” ކޮންތާކުން ތިއައީ… ” ސީދާ ރިއާޝާގެ ދެލޮލަށް ބަލައިލުމަށްފަހު ވިޝާލް ސުވާލު އަމާޒުކޮށްލުމާއެކު ރިއާޝާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފެނިގެން ދިޔައެވެ. ” ކިހިނެއްވީ… ވިޝާލް މިގަޑީގަ… ގޭގަ… ” ހަމަޖެހެން މަސައްކަތްކުރަމުން ރިއާޝާވެސް ކޮށްލީ ސުވާލެކެވެ. ” އަހަރެންގެ ސުވާލުގެ ޖަވާބުދީ ރިއާ… ކޮންތާކުން ތިއައީ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ވިޝާލް ބުނުމާއެކު ރައްޓެހިންތަކަކާއެކު ކޮފީއަކުން ކަމުގައި ރިއާޝާ ޖަވާބުދިނެވެ. ” ރާޔާ ބަލައި ސުކޫލަށް ދާންޖެހޭކަން ހަނދާން އެބަހުރިތަ… ” ވިޝާލްގެ އެސުވާލުން ރިއާޝާގެ ދެލޯ ބޮޑުވިއެވެ. ރާޔާ ބަލައިދާކަށް އޭނާ ހަމަ އެއްވެސް ވަރަކަށް ހަނދާނެއްނެތެވެ. ” ތީ ރިއާޝާ ކޮފީގަ އިންނަންޖެހޭ ގަޑިތަ… އަމިއްލަ ދަރިފުޅު ސުކޫލުގެ އިތުރު ހަރަކާތް ނިމި އެތައް އިރެއްވީއިރުވެސް އެކުއްޖާ ބަލައިދާން ރިއާޝާއަށް ނޭނގުނުތަ… ރާޔާގެ ކަންކަމުގަ ތިހާ ފަރުވާކުޑަނުކޮށްބަލަ… އަހަރެން އެންމެ ހިތްހަމަނުޖެހޭ ކަންތައް އެއީ… އެއްވެސް ތަނަކަށް ނުގޮސްވެސް ރާޔާގެ ހުރިހާ ކަމެއް ރިއާޝާ ބަރާބަރަށް ކުރަންޖެހޭން… ރާޔާގެ ފިލާވަޅުތައް ހަދުވާ ދަސްކޮށްދޭން މަސައްކަތްކުރަންޖެހޭނެ… ޕޭރެންޓުންގެ ބައްދަލުވުންތަކަށް ދާންޖެހޭނެ… މިކަންކަންމީ ހަނދާންނެތެންޖެހޭވަރުގެ ކަންކަމެއް ނޫން… ” ޓީޗަރުގެ ފަރާތުން އިވުނު ވާހަކަތައް ކިޔާއިދީ ހިތްހަމަނުޖެހުމާއެކު ވިޝާލް ވާހަކަދެއްކިއިރު ރިއާޝާ އެއްވެސް އެއްޗެއް ނުބުނެ ހުރި ނަމަވެސް އޭނާ ހުރީ ވިޝާލްގެ ވާހަކަތައް ހުރިގޮތުން ހިތްހަމަނުޖެހިފަކަން ހާމަވެއެވެ. ކާކޮޓަރީގައި ރާޔާ އިނުމާއެކު ކިތަންމެ ހިތްހަމަނުޖެހިފާ ހުރި ނަމަވެސް ވިޝާލް ވާހަކަ ދެއްކީ އެހާާ ބާރަކަށް ނޫނެވެ. ” މަންމީ… ޑެޑީ… ” ރައްދުގައި ރިއާޝާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ކާކޮޓަރިން ނުކުން ރާޔާގެ އަޑުއިވި ދެމީހުންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. އެއަށްފަހު އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނެވެ. ” މަންމި ކޮންތާކުން… ކީއްވެ ރާއްކޮ ބަލާ ނައީ… ” ރާޔާ އެހުރިތަނުގައި ހުރެ ސުވާލުކޮށްލުމާއެކު ވިޝާލްގެ ނަޒަރު އަނެއްކާވެސް ރިއާޝާއަށް ހުއްޓުނެވެ. ” މަންމި މުހިއްމު ކަމަކު ބޭރަށް ދާންޖެހުނީމަ… ” ގަދަކަމުން ހިނިތުންވުމެއް ދައްކާލަމުން ރިއާޝާ ބުނެލިއެވެ. ” ރިއާގެ ފަރާތުން މިކަންކަން ތަކުރާރުވެގެން ނުވާނެ… ” ހަމައެކަނި ރިއާޝާއަށް އަޑުއިވޭނޭހެން އެހެން ބުނުމަށްފަހު ރާޔާއަށް ހިނިތުންވެލާފާ ވިޝާލް ގެއިން ނުކުތެވެ. ވިޝާލް ދިޔަ ދިމާލަށް ބަލަން ހުރުމަށްފަހު ފުން ނޭވައެއް ދޫކޮށްލާ ރާޔާގެ އަތުގާ ހިފައިގެން ރިއާޝާ މައްޗަށް އެރިއެވެ.
އޮފީހަށް އައިސް ވަން ވިޝާލް ފެނުމުން ޔަލްވީ އޭނާ ހަވާލުކުރަން އުޅުނު ފައިލް ހަވާލުކުރުމަށް އަވަސްވެގަތެވެ. އެގޮތުން ކުރަންއިން މަސައްކަތް މެދުކަނޑާލުމަށްފަހު އޭނާ ފައިލް ހިފައިގެން ވިޝާލްގެ ކެބިންއަށް ދިޔުމަށް ހިނގައިގަތެވެ. ކެބިންގެ ދޮރުގައި ޓަކިޖަހާލަމުން ވަނުމުގެ ހުއްދައަށް އެދުމާއެކު މަޑުމަޑުން އެތެރެއިން ވަނުމަށް އެދުނެވެ. ޔަލްވީ ދޮރު ހުޅުވާލާ އެތެރެއަށް ވަނުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނިއްކުރި އާއި ނޭފަތް ގުޅޭ ހިސާބުގައި އަތުން ހިފަހައްޓާލައިގެން އިން ވިޝާލްއެވެ. ވިޝާލްގެ ހަރަކާތްތަކުން ކޮންމެވެސް ކަމަކާމެދު ވިސްނަނީކަން ހާމަވެއެވެ. ”ސަރ… އަރ ޔޫ އޯކޭ… ” އިޚްތިޔާރުން ބޭރުގައި އެސުވާލު ޔަލްވީގެ ދުލުން ބޭރުކޮށްލެވުނެވެ. ޔަލްވީގެ އެސުވާލާއެކު ވިޝާލް އަވަސް ހަރަކާތަކާއެކު އިސްއުފުލާލަމުން ހަށިގަނޑު ސީދާކޮށްލިއެވެ. ވިޝާލްގެ ދެލޮލުން ޔަލްވީއަށް ފެނުނީ ކަންބޮޑުވުމާއެކު ހިތްހަމަނުޖެހުމެކެވެ. ވިޝާލްގެ ދެލޮލުން ފެނުނު އަސަރުތަކުން ޔަލްވީގެ ހިތަށް އުނދަގޫވިއެވެ. ކިހިނެއްތޯވީ ސުވާލުކޮށް އޭނައަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދޭން ޔަލްވީ ބޭނުންވިއެވެ. އެހެނަސް ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ވިޝާލްގެ އާއްމު ދިރިއުޅުމުގެ ކަންކަމާ ބެހުމުގެ އެއްވެސް ހައްޤެއް އޭނައަކަށް ނޯންނާނެ ނޫން ހެެއްޔެވެ؟ ” އައިމް ފައިން… ޔަލްވީ ކޮން ކަމަކު… ” މޫނުމަތީގެ އަސަރުތައް ބަދަލުކޮށްލަމުން ވިޝާލް އެހެން ބުނެލުމާއެކު ޔަލްވީ އޭނަގެ ޚިޔާލުތަކުން އެއްފަރާތްވެލާ އަތުގައި އޮތް ފައިލް ދިއްކޮށްލަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. ” ފަހުން ޗެކްކޮށްލާނަން އިނގޭ… އެންމެ ރަނގަޅު ޔަލްވީ ދިޔަޔަސް… ” ވިޝާލް ފައިލްގައި ހިފާ ދެތިން ސަފްޙާއެއް ބަލައިލުމަށްފަހު ފައިލް ލައްޕާލަމުން ބުނުމާއެކު ޔަލްވީ އެނިންމުމަށް ކިޔަމަންވަމުން ބޯ ޖަހާލުމަށް ކެބިންއިން ނުކުތެވެ. ޔަލްވީ ނުކުތުމާއެކު ވިޝާލްއަށް އޭނަގެ ގޮނޑީގައި ލެނގިލަމުން ފުން ނޭވައެއްް ދޫކޮށްލެވުނެވެ. ރިއާޝާގެ އުޅުން ހުރި ގޮތާމެދު ވިސްނާވިސްނާ އޭނާ ވަރުބަލިވެއްޖެއެވެ. އެއުޅުން ބަދަލުކުރެވޭތޯ އެތައް ނަސޭހަތެއް ދެވިއްޖެއެވެ. އެހެނަސް އަދި އެކަމަކަށް ހެޔޮ ބަދަލެއް އައިސްފައެއްނުވެއެވެ. ވިސްނާވިސްނާ އޭނަގެ ބޮލުގައި ރިހުމެއްވެސް ވަނީ އުފެދިފައެވެ.
ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ކޮޓަރިއަށް ވަން ދިމްނާގެ މޫނު މަތީގައިވީ ވަރުބަލިކަމެވެ. ވަރުބަލިވެފައިހުރި ވަރުން ދިމްނާ އައިސް އެނދުގައި އޮށޯވެލިއެވެ. ޔަނާލް އޮފީހަށް ނުނުކުންނާތީ އޮފީހުގެ މަސައްކަތްތައް އޭނައަށް ވަނީ ދެގުނަވެފައެވެ. ގޭގެ ކަންކަންވެސް އޮފީހުން އައިސް ކުރަންޖެހުމާއެކު އިތުރަށް އޭނަގެ ދުވަސް ބުރަކަމަށް ދަށްކައެވެ. ބައްޕަ އުޅޭ ދުވަސްވަރަކަށް ވުމުން ނަސީބަކުން މަންމަ ގޭތެރޭގެ މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ. އެކަމުން އޭނައަށް ލުއިކަން އިހުސާސްކުރެވެއެވެ. އެނދުގައި ދެލޯ މަރާލައިގެން އޮތް ދިމްނާ ދެލޯ ހުޅުވާލީ ގާތުގައި އޮތް އޭނަގެ ފޯނުގެ ރިންގުގެ އަޑަށެވެ. ރިންގުގެ އަޑާއެކު ދިމްނާގެ ތުންފަތަށްވެރިވި ހިނިތުންވުމުން އެވަގުތު ގުޅަމުން އެދަނީ ކޮންފަރާތެއްކަން އޭނައަށް އިނގޭކަން ކަށަވަރުވިއެވެ. ދެލޯ ހުޅުވާލަމުން ފޯނު ނަގާ ހަލޯއޭ ބުނެލުމާއެކު ދިމްނާއަށް އަޑުއިވިގެން ދިޔައީ އޭނަ އެންމެ އަހާލަން ބޭނުންވާ އަޑެވެ. އެހިތުގެ ވެރިޔާގެ އަޑެވެ. އަހުނަފްގެ ފިރިހެންވަންތަ އަޑެވެ. އެއީ މިހާރަކަށް އައިސް ކޮންމެ ރެއެއްގެވެސް އާދައެވެ. ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކައެވެ. ދުރުގައި ތިބިނަމަވެސް އެކަކު އަނެކަކުގެ އަޑު އަހާނުލާ ލޮލަށް ނިދިނާދެއެވެ. ދެމީހުންގެ ދެމެދުގައިވި އެކުވެރިކަން ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދިޔައިރު ދެހިތުގައިވެސް ލޯބީގެ ފޮނި އިހުސާސް ދިޔައީ ކުރިލާ ހެދި ފޯދެމުންނެވެ. ދެހިތުން އެއްވިންދެއް ޖަހަމުން ދިޔައިރު އެދެވެމުންދަނީ އަނެކާގެ ފަރާތުން ލިބޭނެ އިޝާރާތަކަށެވެ.
ދެމީހުންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތަކަކަށްފަހު އެދެމެދަށް ހަމަހިމޭންކަމެއް ވެރިވިއެވެ. ” ދިމް… ” އަހުނަފް ދޫކޮށްލި ފުންނޭވައަކަށްފަހު މަޑުމައިތިރި އަޑަކުން އޭނާ ދިމްނާއަށް ގޮވާލިއެވެ. ” ހޫމް… ކިހިނެއްވީ ހާދަ ފުން ނޭވައެއް ތިދޫކޮށްލީ… މާބޮޑު ވާހަކައެއް ދައްކަން އުޅެނީތަ… ” އަހުނަފްގެ އަޑުގައިވި ސީރިއަސްކަން ދެނެގަނެވުުނު ދިމްނާއަށް ބުނެލެވުނެވެ. ” ދިމް ބުނީމެއްނު ދިމް އަހަރެންހާ ލަކީއެއްނޫނޭ… އަހަރެންވެސް ލަކީ މީހަކަށްނުވި… ދުވަހަކުވެސް ހިއެއްނުކުރަން ޒީ އަހަންނާމެދު އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެކަމަކަށް… ” ވިސްނުމަކަށް ގެއްލިފައިވި ފަދައަކުން އަހުނަފް ވާހަކަ ދެއްކިއެވެ. އަހުނަފްގެ ވާހަކަތަކުން ދިމްނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަހުނަފްގެ އެބުނި އެއްޗެއް އޭނައަކަށް ސާފެއްނުވިއެވެ. ” ކީކޭ… ޒީ ކީއްކުރީތަ… މައްސަލައެއްޖެހުނީތަ ދެމީހުން ދެމެދު… ” ދިމްނާ ތަފްސީލުކޮށް އިނގެން ބޭނުންވިއެވެ. އޭނަގެ ހިތުގައި އަހުނަފް އާއި ޒީޝާގެ ގުޅުމާމެދު އުފެދިފައިވި ޝައްކު ޔަގީނަށް ބަދަލުކުރަން ބޭނުންވިއެވެ. ” ހަމައެކަނި މައްސަލައެއްނޫން ޖެހުނީކީ… އަހަރެން އެގުޅުން އެއްކޮށް ނިންމާލައިފިން… ” އަހުނަފްގެ ދުލުން އިވުނު ބަސްތަކާއެކު އޮށޯވެ އޮތް ދިމްނާއަށް އެނދުން ތެދުވެވުނެވެ. އޭނައަށް އެވަގުތު ބުނަންވީ އެއްޗެެއްވެސް ނޭނގުނެވެ. ” ކިހިނެއްވީ އެއްޗެކޭ ނުބުނީ… ހިތަކަށް ނާރާދޯ ދުވަހަކުވެސް އަހަރެމެން ވަކިވެދާނެއެކޭ… އެކަމަކު މިއީ ހަގީގަތް… އަހަރެންގެ ފަސްފަހަތުން އަހަންނަށް އޮޅުވާލާ ދޮގު ހަދާ ފަރާތަކާއެކު އުޅުމުގެ ބޭނުމެއްނެތެއްްނުދޯ… ” ދިމްނާ އެއްޗެކޭ ނުބުނުމުން މިފަހަރުވެސް ވާހަކަ ދެއްކީ އަހުނަފްއެވެ.
” ހޫމް… ބުނެއެއްނު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ… އަހޫއަށް ޒީއަށްވުރެ އަހޫދެކެ މާބޮޑަށް ލޯބިވާ ކުއްޖަކު ލިބިދާނެއެއްނު… ދޮގުހަދާ އޮޅުވާލާ ފަރާތަކާއެކު އުފަލަކު ނޫޅެވޭނެއެއްނު… މިހާރު އެހެން ކަންތައްކުރަންޏާ ފަހުންވެސް ހަމަ އެހެންދޯ ވާނީ… އަދި ތެދުވެރި ހިތަކުން ލޯބިވާ ފަރާތެއް ލިބޭނެ އިންޝާ ﷲ… މިހާރުވެސް ހުރެދާނެދޯ އަހޫއަށް އަދި ނޭނގުނަސް… ” އަހުނަފްއަށް ހިތްވަރުދެމުންދިޔަ ދިމްނާއަށް އޭނަގެ ހިތުގައި އުފެދފައިވި އިހުސާސްތައް ސިއްކުރުންވީ އުނދަގޫކަމަކަށެެވެ. އެންމެ ފަހުން އޭނައަށް އެބުނެލެވުނު ބަސްތައް އެއީ އޭނަގެ ދުލުން އިޚްތިޔާރެއްނެތި ބޭރުވި ބަސްތަކެކެވެ. އޭނަގެ ވާހަކަ ހުރިގޮތުން އަހުނަފްއަށް ޝައްކުނުވެ ނުދާނެކަން ދިމްނާއަށް އިނގުނެވެ. ހިތް ނުތަނަވަސްވީވަރުން ދެލޯ މަރާލަމުން މޭގައި އަތް އަޅާލެވުނެވެ. ” އާނ… މިހާރުވެސް ހީވޭ އެބަހުރިހެން… އެކަމަކު އަދި ޔަގީނެއްނޫން… ކުޑަދުވަސްކޮޅަކަށް އަދި މަޑުކޮށްލާނަން… ހެހެހެ…” ލާނެއްކަން އެކުލެވިގެންވީ އަޑަކުން އަހުނަފް އެހެން ބުނުމުން ދިމްނާގެ ދޮން މޫނަށް ޖަންބުކުލަ ވެރިވިއެވެ. ބޭއިޚްތިޔާރުގައި ދެތުންފަތުގައި ދަތްއަޅާލެވުނުއިރު އޭނަގެ މޫނު މަތީގައިވީ ލަދުރަކިކަމެވެ. އެރޭ ދެން އިތުރަށް ވާހަކަ ދައްކަން ނުކުރޭނެހެން ހީވުމުން ވަރަށް ނިދިއައިސްފި ކަމަށް ބުނެ އަވަހަށް ދިމްނާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހުވެސް އެކަކު އަނެކަކާމެދު ވިސްނުމުގައި އެތައް ވަގުތެއް ދެމީހުން ހޭދަކުރިއެވެ. ދެހިތުގައިވެސް އެކަކު އަނެކަކުގެ ސޫރަ ރަސްކަންކުރަމުން ދިޔައިރު ހިތަށް ވެރިވެފާވީ އުފާވެރިކަމެވެ. އެެރޭގެ ނިދި ދެމީހުންގެ ލޮލަށްވެސް ސަވާރުވީ އެވިސްނުންތަކުގައި ވަނިކޮށެވެ.
އޭގެ އަނެއް ދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. އޮފީސް ނިންމާލާފާ އިކާން އާއި މިކާލް ކާރުގައި ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލި އިކާން ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން އޭނަގެ ނަޒަރު މަގުގެ އެކި ހިސާބަށް ހުއްޓާލިއެވެ. ” ތިހޯދަން ބޭނުންވާ ސޫރައެއް ނުފެންނާނެ… ތިން ދުވަސް ރެސްޓް ކުރަން ބުނެފައެއްނު… އިކް ތިހާ ދެކިލަން ބޭނުންވާނަމަ އެގެއަށް ވިސިޓްކޮށްލަންވީނު… ” ވަގަކު ކަމެއް ކުރަނިކޮށް ފަޅާއެރިފަދައިން އިކާންއަށް އަވަސް އަވަހަށް މިކާލްގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ” މަށަށް އިނގެޔޭ ނުބުންޏަކަސް… މިދެދުވަސް ތެރޭގަ ކިތައް ފަހަރު އެގޭ ދޮރުމަތިން ކާރުގަ ބުރުޖެހިން… މަގުމައްޗަށް ނުކުތަސް އިކްއަށް ބެލެނީ ޔަނާލް ފެނޭތޯ… ޔަނާލް އެހާ ދެކިލަން ބޭނުންނަމަ އެގެއަށް ދާންވީނު… އެހާ ނުކެރިގެން ކަމެއް ނުވާނެދޯ… ” ފުރުސަތުގެ ބޭނުން ހިފާ މިކާލް އިކާންއާ ދިމާކޮށްލިއެވެ. ” ޔަނާލް ނުފެނިގެނެއް އަހަރެން ނޫޅެން… ތީ ރަނގަޅު އައިޑިއާއެއް އަސްލު… ޔަނާލްގެ ހާލު ބަލާލަން ދިއުން… ” ނޫންކަމަށް ހެދެމުން އިކާން އެހެން ބުނެލީ އޭނަގެ އަމިއްލަ ހިތަށްވެސް އެފަދައިން ވިސްނައިދެމުންނެވެ. އެވަގުތު ފެހި ކުލައިގެ ލައިޓް ދިއްލުމާއެކު އިކާން ކާރު ދުއްވާލިއެވެ. ” މިއަދު ހަވީރު ދަމާ… ” އިކާންގެ ހަރަކާތްތަކުން ހިނިއައިސްފައި އިން މިކާލް އެހެން ބުނުމާއެކު ކާރު ދުއްވަން އިން އިކާން ބޯ ޖަހާލިއެވެ.
19 Comments!
Comments are closed.








Salaam dear readers… After a long time dhw… Readers ifoo dheke upset vefa dhw… I’m really sorry dear readers.. Ingey upset vaane kanvx… But professionally I was very busy n last two day I was sick… Ehenve lasvee… Really sorry for the delay… Next part In Sha Allah liyevunuhaa avahah up kohladheynan… Comment your views after reading… Love you all n thankyou soooooo much for the support ❤️❤️❤️??????…
Awwwn…me first thrr???…vrh habbu mi stryyy❤❤❤❤comment nukuriyas kiyan ngeyy…hama varah varah molhu ifu?????kon irakun next dear???waitinxxxx
Its awesome dear…❤❤????..Vrh reethi mi part vex…❤❤????…Thankolheh dhigukohli nama…I understood ifoo bixy veema kan ehn vee…❤❤????.. Hope next part dhigukoh genesdheyne kamah..❤❤????…Really appriciated your hard work…❤❤????…Wish you all the best dear…❤❤????…Getwellsoon…❤❤????..Waitting for next part…❤❤????
Alhey Ifoo mihaaru kihineh?? Ifoo ah avas shifa akah edhen?. Mi part ves hama varah reethi. Maasha Allah❤️ mi vaahaka dhaagoi ves varah loabi. ????
Maasha allah V reethi mi part vx….. Waiting fr nxt part…… LYSM dear sis……
vrh reethi. when is the next part?
Ifoo ge story thah kiyan varah gina in.
Varah reethi mi vaahaka vx. Mi part vx hama varah salhi. Masha Allah ????????????????????????? keep it up ingey. ????? when is next part? ☺☺☺☺☺☺☺☺ Varah inthixaaru kurevey next part ah
Varah reethi mi part vx… waiting for the next part
When is next part
Kon irakun next part upload koladhani
Mi stry mihaaru up nukurany tha. Haadha gina dhuvas vehjey. Ehn is nxt prt
Omg vaahaka up nukurany keehve… Even habareh vx nuvey….
Kobaa next part??
Koba next part
Kon irakun next part upload kodhani
Kon irakun next part upload koladhani
Dhn Vaahaka up nukuraneetha? ?
ifoo you are my biggest fan in story world. Abadhuves vrh ginain ifooge vaahaka thah kiyan . alhugandu ves vrh ginain vhk liyan ekm dhuvahakuves nukere common kuraakah. so all the best.
Dhenn vhk up nukuriyya tho