އެދިގެން ތި ލޯތްބަށް 17 (ފަހުބައި)
އެރޭ އިޝާމް އައުމުން ނައިހާ އެ ވާހަކަ އިޝާމްއާ ހިއްސާ ކުރިއެވެ. ނައިހާގެ ބޭނުން ކަމެއް ކުރުމަށް އިޝާމް ނައިޙާއަށް ހިތްވަރު ދިނެވެ. ހަމަ އެއާއެކު ދުވަސްތަކެއް ވަންދެން އިޝާމް ދައްކަން ބޭނުން ވެފައި ހުރި ވާހަކަ އެރޭ ދައްކަން އިޝާމް ބޭނުން ވިއެވެ.
“އަހަރުމެން މެރީ ކުރަނީ ކޮން އިރަކުން؟” އިޝާމް އަހާލިއެވެ.
“އިޝާމް ބުނަން ދެން އަހަރެން މި ހުންނަނީ. އިޝާމް ބޭނުން އިރަކުން ދެން މެރީ ކުރަން އަހަރެން ބޭނުމީ. މިހާރު އަނުމްއަށް އަހަރެއް ވަނީ. ދެން މާ ގިނަ ދުވަހު މަޑު ކުރާކަށް ބޭނުމެއް ނޫން” އިޝާމްގެ ގައިގައި ލެނގިލަމުން ނައިހާ ބުންޏެވެ.
“އެހެން ވިއްޔާ ނައި ދުވަހެއް ބުނޭ. މާދަމައަށްވެސް އަހަރެން ރެޑީ” އަތުގެ އިނގިލިތައް ނައިހާގެ އިނގިލިތަކާ މަހާލަމުން އިޝާމް ބުންޏެވެ.
“ޓޫ ވީކްސް ފަހުން މެރީ ކުރަން ވީނު؟” ނައިހާ ބުންޏެވެ.
“އޯކޭ. ހުރިހާ ކަމެއް ރެޑީ ވާނެތަ ޓޫ ވީކްސްއަށް” އިޝާމް އަހާލިއެވެ.
“މާ ގިނަ ކަންތައްތަކެއް ކުރާކަށް ބޭނުމެއް ނޫން. އިޝާމްއާ މެރީ ކުރެވެނިކޮށް އެ ނިމުނީ” ނައިހާ ބޭނުން ވަނީ ދެން އިތުރަށް މަޑު ނުކޮށް އަވަހަށް ކައިވެނި ކުރާށެވެ.
“އޭރުން ޔަގީން ނާއިލް އަހަންނަށް ޝައްކު ކުރާނެ ކަން. މިހާ ދުވަހު މަޑު ކޮށްފަ، ކުއްލިއަކަށް އެހާ އަވަސް ކޮށްލައިގެން ދެ ހަފްތާ ފަހުން ކައިވެނި ކުރަނީ ކީއްވެ ތޯ އަހާނެ. އެއީ އަބަދުވެސް ކޮންމެސް ޝައްކެއް ހިތުގަ ލައިގެން އުޅޭ މީހެއް” ހިނި އައިސްފައި އިޝާމް ބުނެލިއެވެ.
“ހެޔޮ ތުއްތުބޭ ކޮންމެ އެއްޗެއް ހިތަށް އެރިޔަސް، ދެން ހަމަ ވީހާވެސް އަވަހަކަށް މެރީ ކުރަން ބޭނުމީ. ދެ ހަފްތާވެސް ލަސް، އަހަންނަށް ރަނގަޅީ މާދަމާވެސް މެރީ ކުރެވުނިއްޔާ” ނައިހާ ދެން އެއްގޮތަކަށްވެސް އެ ކައިވެނި ލަސް ކުރާކަށް ބޭނުމެއް ނޫނެވެ.
“އޯކޭ، ނައި ބޭނުން ގޮތެއް” އިޝާމް ހުރީ ނައިހާ ބޭނުން ގޮތަކަށް ކަންތައް ކޮށްދޭށެވެ.
ދެ މީހުން ވާހަކަ ދެއްކުމަށް ފަހު ހަމަ ޖެހުނީ ދެ ހަފްތާ ފަހުން ކައިވެނި ކުރާށެވެ. ނަރީމާ ކައިރީ ބުނެގެން އާދިލްއާ އެ ވާހަކަ ދެއްކުމުން އާދިލްވެސް އެ ގޮތާ ގަބޫލު ވިއެވެ.
ހަމަ އެރޭ، ނައިހާގެ ދަޢުވަތަށް ނަޒްހާ އެ ގެޔަށް އައުމުން ހަތަރު ބެއިންގެ އިތުރުން ލައިލާއާ ޝާލިޔާވެސް ބައިވެރި ވެގެން ކައިވެނީގެ ކަންތައް ކުރާނެ ގޮތުގެ މަޝްވަރާ ކުރިއަށް ދިޔައެވެ.
“އަހަރެން ބޭނުމެއް ނޫން މާ ބޮޑު ޕާޓީއަކާ އެއްޗެހި ބާއްވާކަށް. އިޝާމްވެސް ބުނީ ތަންކޮޅެއް އާދައިގެ ގޮތަކަށް ކުރާށޭ. އެހެން ވީމަ ހިތަށް މި އަރަނީ އިޝާމްމެން ގޭ ޓެރެސްގަ ފެމިލީއާ ފްރެންޑްސްއަށް ކެއުމެއް ހަދާލަން” ނައިހާ ބުންޏެވެ.
ދެން ދެކެވުނީ އެ ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން ކުރަން ޖެހޭ އެކިއެކި ކަންތަކުގެ ވާހަކައެވެ. ނައިހާ އެބަ އަންނަމޭ ބުނެފައި ބޭރަށް ނިކުމެފައި އައީ ނަރީމާ ގޮވައިގެންނެވެ. ނައިހާ ބޭނުން ވީ އެ މަޝްވަރާގައި ނަރީމާވެސް ބައިވެރި ވާށެވެ.
“ހޫނ، ދެން ނޫރާ ބުނެބަލަ، މި އަހަރު ތި ކޯސްވެސް ނިމޭނެއެއްނު؟ ދެން ނޫރާއާ އަދީމް ކޮން އިރަކުން މެރީ ކުރާނީ؟” ގިނަ ކަންތައް ހަމަ ޖެހުމުން ދެން ދެކެވުނު އެކި އެކި އެހެން ވާހަކައިގެ ތެރެއިން ޝާލިޔާ އަހާލިއެވެ.
“އޭރުން ދެން މެރީ ކުރަންވީ. ދެ މީހުން ވާހަކަ ދައްކާލާފަ ޑިސައިޑް ކޮށްފަ ބުނާނަން. އެންމެންވެސް ވަރުގަދަ ޕާޓީއަކަށް ރެޑީ ވެގެން ތިބޭތި. ހުރި ހަމަ އެކަނި ދަރިފުޅުގެ ކައިވެނި ކުރާ އިރު އަދީމްގެ މަންމައާ ބައްޕަ ބޭނުން ވާނެ ހުރިހާ ކަމެއްވެސް ވީ އެންމެ ބޮޑުކޮށް ކޮށްލަން” ނޫރާ ހެވިފައި ބުންޏެވެ.
“ވާއު! އެ މީހުން ތިއްތަ ދެކެ ވަރަށް ލޯބި ވާނެ ދޯ؟ ވަން އެންޑް އޮންލީ ބަހޫ ވިއްޔަ. އެހެން ނޫނަސް ގޯސްކޮށް ކަންތައް ކުރަން ބޭނުން ވިޔަސް އެންމެ ބަހޫއެއް ވީމަ އެހެންނެއް ނުހަދާނެ ދޯ؟” ނާޔާ ދިމާ ކޮށްލިއެވެ.
“އަސްލުގަ މަންމަ ވަރަށް އުފާވޭ މަންމަގެ ހުރިހާ ކުދިންނަށްވެސް އެހާ ރަނގަޅު ބައިވެރިން ލިބުނީމަ. ޝާލީވެސް، ލައިވެސް، އަދި ޝާދުއާ އިޝާމްއާ އަދީމްވެސް. އަދި މަންމަގެ ނާޔާގެ ޔާނިއުވެސް. ލޯބިވާ މީހަކާ ކައިވެނި ކުރެވުމަކީ ހާދަ ބޮޑު ނަސީބެކޭ. އެކަން އެނގޭނީ ލޯބި ނުވާ މީހަކާ ކައިވެނި ކޮށްގެން އުޅެފަ ހުރި މީހަކަށް އެކަނި” ނައިހާގެ ކޮނޑުގައި ހިފާ ގަޔާ ކައިރި ކޮށްލަމުން ނަރީމާ ބުންޏެވެ.
ނަރީމާގެ ކައިވެނި އެންމެ ފުރަތަމަ ކުރެވުނީ ނަވާފްގެ ބައްޕައާއެވެ. އެ ކައިވެނި ނަރީމާ ކުރީ މައިންބަފައިންގެ އެދުމަށެވެ. އާދިލްއާ ކައިވެނި ކުރަން ބޭނުން ވި ނަމަވެސް އާއިލާ އިން ގަބޫލު ނުވުމުން ދެ މީހުން ވަކި ވުމަށް ނިންމާފައި ޝިޔާމްއާ ނަރީމާ ކައިވެނި ކުރި ނަމަވެސް އެ ކައިވެނިން ނަވާފް ނޫނީ ނަރީމާއަށް ލިބުނު އުފަލެއް ނެތެވެ. ކައިވެންޏަށް ހަތް މަހުގައި ބަލިވެ އިން ނަމަވެސް ނަވާފް ވިހެއުމާ އެކު ޝިޔާމް ނަރީމާ ވަރި ކުރީ އެހެން މީހަކާ ކައިވެނި ކުރަން ބޭނުން ވެގެންނެވެ.
އޭގެ ދެ އަހަރު ފަހުން ނަރީމާ އާދިލް ކައިވެނި ކުރީ ނަރީމާގެ އާއިލާގެ ރުހުމާ އެކުއެވެ.
“މަންމައާ ދޮންތަގެ ލައިފް މި ދަނީ އެއް ކަހަލަ ގޮތަކަށް ދޯ؟” ނާޔާ އަހާލިއެވެ.
“އިޝާމްއަކީ ބައްޕަ ކަހަލަ މީހަކަށް ވިއްޔާ އިރާދަ ކުރެއްވިއްޔާ މަންމަގެ ނައިހާ ދެން އުޅޭނީ ވަރަށް އުފަލުން. އެކަން މަންމައަށް ޔަގީން” ނައިހާގެ ބޮލުގައި ފިރުމާލަމުން ނަރީމާ ބުންޏެވެ.
“މަންމާ، ބައްޕަ ޔަންގް އިރު ވަރަށް ރޮމްތަ؟” އެ ވަގުތު އެހެން އަހާލީ ސަމާސާ ކުރުމުގައި އެންމެ ކުރީގައި އުޅޭ ނަޒްހާއެވެ.
“ޔަންގް އިރު އެކްނަޏެއް ނޫން. މިހާރުވެސް ބައްޕަ ހަމަ ވަރަށް ރޮމް. މީހުން އުމުރު މައްޗަށް ދިޔަޔަސް ހިތެއް މުސްކުޅިއެއް ނުވާނެ، އަދި އަމްދުން ލޯބި ވާން ދަންނަ މީހުން” ހިނި އައިސްފައި އިނދެ އެހެން ބުނެފައި ކުދިންނާއެކު ހުނުމުގައި ބައިވެރި ވެލަމުން ނަރީމާ އެ ކޮޓަރިން ނިކުތެވެ.
“މަންމައާ ބައްޕަގެ ލަވް ސްޓޯރީވެސް ވަރަށް ސަޅި ދޯ އެހެން ވީމަ؟” ލައިލާ އަހާލިއެވެ.
“އާނ، މަންމަމެންގެ ސްޓޯރީއާ ނައިގެ ސްޓޯރީ އެންމެ ސަޅީ. އެންމެ ރޮމް މީހުންނަށް މިވީ ބައްޕައާ އިޝާމް ދޯ؟” ޝާލިޔާ ހިނި އައިސްފައި ބުންޏެވެ.
“އެކަމަކު އެންމެ އަވަހަށް ޖޭ ވާނީ އަދީމް” ނޫރާއާ ބެހިލާ ހިތުން ނަޒްހާ ދިމާ ކޮށްލިއެވެ. ދުން ލޯބި ވާން ދަންނަ މީހުން” ހިނި އައިސްފައި އިނދެ އެހެން ބުނެފައ
“އާނ، ތީ ހަމަ ތެދެއް. އެހެން ފިރިހެނަކު ނޫރާއާ ދިމާއަށް ބަލާލިޔަސް އަދީމް ހީވާނީ އެ މީހަކު ކާލަން ތައްޔާރަށް ހުރި ހެން. އަސްލުވެސް އަދީމް ވަރަށް ލޯބި ވޭ ނޫ ދެކެ” ނައިހާވެސް ނޫރާއާ ދިމާކޮށްލުމުގައި ނަޒްހާއާ ބައިވެރި ވިއެވެ.
“އަދީމް އެކަނިތަ ލޯބި ވަނީ؟ އިޝާމް ނުވޭތަ ނައި ދެކެ އެހާ ލޯތްބެއް؟ ނަޒް ދެކެ ޝާދުވެސް ހަމަ އެހާ ލޯބި ނުވޭތަ؟ ދޮންބެދައްތައާ ހެދި މޮޔަ ވެފައެއް ނޫންތަ ދޮންބެ ހުންނަނީ؟ ދެން ނާޔާ ދެކެ ރަނގަޅަށް ލޯބި ވެލާނެ ފުރުސަތެއް ޔާނިއުއަކަށް ނާއިލް ނުދޭ ވިއްޔަ. އެހެން ވިޔަސް ޔާނިއުވެސް ނާޔާ ދެކެ ހަމަ ނުލާހިކު ލޯބި ވޭ” ލައިލާ ބުނެލިއެވެ.
“ހަމަ އެ ގޮތަށް ނާއިލްވެސް ލައިލާ ދެކެ ލޯބި ވެޔޭ” ޝާލިޔާ ލައިލާއަށް ބަލާލާފައި ބުންޏެވެ.
“އާނ، ތުއްތުބޭ އަދި ލޯބި ވަނީ. ބައެއް ފަހަރު އިޝާމް އައިސް ކިޔާދެޔޭ ފެންނަ ކަންތައް. ތުއްތުބޭއަށް ތުއްތުބޭދައްތައާ ދުރު ނުވެވޭނެ އެހާ ފަސޭހައިންނެއް. ނޫންތަ؟” ނައިހާ ހެމުން ލައިލާއާ ދިމާ ކޮށްލިއެވެ.
ހަފްތާއަކު އެއް ފަހަރު، ކޮންމެ ހޮނިހިރު ދުވަހަކު ޔަޒާން ނައިހާމެން ގެޔަށް އާދެއެވެ. ގޭ އެއްވެސް މީހަކު ޔަޒާންއާ ދިމާއަށް ނުރުހުމުގައި އެއްވެސް އެއްޗެއް ނުބުނެއެވެ. ނާއިލްއާ ނޫރާ ނޫން އެހެން އެންމެން ޔަޒާންއާ ވާހަކަވެސް ދައްކައެވެ. އަނުމްއަށް ބޭނުން ވާ ހުރިހާ ކަމެއްވެސް ޔަޒާން ބަރާބަރަށް ކޮށްދެއެވެ. ނައިހާއާ ޔަޒާންގެ މެދުގައި ދުރު ކަމެއް ވީ ނަމަވެސް ދެ މީހުން ވާހަކަ ދައްކައެވެ.
ޔަޒާންގެ އާއިލާ މީހުން ބޭނުން ދުވަހަކު އެ ގެޔަށް އައުމަށް ނައިހާ، އަދި ނަރީމާވެސް އޮންނަނީ ބުނެފައެވެ. އެހެން ކަމުން ނުސްރާ އަދި ޔުސްރާވެސް ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް އެ ގެޔަށް އާދެއެވެ.
ނައިހާ ކައިވެނި ކުރަން އުޅޭ ވާހަކަ ޔަޒާންއަށް އެނގުނީ ނުސްރާގެ ފަރާތުންނެވެ. ކައިވެނީގެ ކަންތައް ހަމަ ޖެހުނު ފަހުން އަނުމް ކައިރިއަށް ނުސްރާ އައި ދުވަހު ނައިހާ އެ ވާހަކަ ނުސްރާ ކައިރީ ބުންޏެވެ. ނައިހާއަށް ޓަކާ ނުސްރާ އުފާވިއެވެ. ނައިހާއަށް އާ ދިރިއުޅުމަކަށް ނުސްރާ މަރުޙަބާ ކީ ހިތުގެ އަޑިންނެވެ.
“މަންމަ ބުނި ނައި މީހަކާ އިންނަން އުޅޭ ވާހަކަ. ތެދެއްތަ އެއީ؟” އެ ދުވަހު ޔަޒާން އައިސް އަނުމް އުރާލައިގެން އިނދެފައި އަހާލިއެވެ.
“އާނ” އަނުމްގެ އެއްޗެހި ފަތް ޖަހަން އިން ނައިހާ ޖަވާބު ދިނީ ޔަޒާންއާ ދިމާއަށް ބަލާލުމެއް ނެތިއެވެ.
“ނައި…” ޔަޒާން އެއްޗެއް ބުނަން އުޅެފައި ފަސް ޖެހުނެވެ.
ނައިހާ ޔަޒާންއާ ދިމާއަށް ބަލާލިއެވެ.
“ނައި… މި ވީ އަހަރެއް ހާ ދުވަސް ތެރޭ އަހަރެން ވަރަށް ވިސްނައިފިން…” ޔަޒާން ލަސްލަހުން ވާހަކަ ދެއްކިއެވެ.
“ކޮން ކަމަކާ؟” ނައިހާ އެހިއެވެ.
“ނައި… އޭރު ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަން އަހަރެން ގަބޫލު ކުރަން… ނައިއަށް ރަނގަޅު ފިރިއަކަށް އޭރު އަހަންނަކަށް ނުވެވުނު… އަނެއްކާ ދެން… އެއްވެސް ގޮތަކުން އަހަންނަކީ ރަނގަޅު މީހެކޭ އެކަކުވެސް ނުބުނާނެ. އެކަމަކު އަހަރެން ބަދަލު ވާން މަސައްކަތް ކުރިން… މިއަދު އަހަރެން މި އެދެނީ އަދި އެއް ފުރުސަތަށް… އޭރު ކަންތައް ކުރެވުނު ގޮތުން މާފަށް އެދެން. އަނުމްއަށް ޓަކާވެސް އަހަރުމެންނަށް އަލުން އެކީ އުޅޭވޭތޯ ބަލާލުން އަހަރެން އެދެނީ” ޔަޒާން ޖެހިލުންވެފައި ހުރެވެސް ވާހަކަ ފުރިހަމަ ކުރިއެވެ.
ނައިހާއަށް ހައިރާން ވެފައި ޔަޒާންއާ ދިމާއަށް ބަލަން އިނދެވުނެވެ.
“ނައި…” ޔަޒާން ގޮވާލީ ނައިހާ އެއްޗެއް ނުބުނެ އިނުމުންނެވެ.
“އަހަރެން މިއުޅެނީ އެހެން މީހަކާ އިންނަން. އެކަން އެނގި ހުރެ ޔަޒާން ތިހެން ބުނި އިރުވެސް އެނގޭނެ އަހަރެން ދޭނެ ޖަވާބު” ނައިހާ ބުންޏެވެ.
“ނައި އިންނަން ތި އުޅެނީ އަނުމްގެ ބައްޕައަކާ ނޫން. އެއަށް ވުރެ އަނުމްއަށް ރަނގަޅެއް ނުވާނެތަ ނައި އަހަންނާ އިނުން؟ އަހަރެން މި ބުނަނީ، ކުރިން ހެދި ހެނެއް ދެން ނުހަދާނަން. އެ ގޮތަކަށް ދެން އަހަރެން ނޫޅޭނަން” ޔަޒާން ބުންޏެވެ.
“އަހަރެން ބަލިވެ އިނދެ ވިހަން ކައިރި ވެފަ އިންދާ އަހަރެން ވަރި ވީ. އޭރު ކީއްވެ އަނުމްއާ މެދު ނުވިސްނީ؟ އޭރު ކީއްވެ އަނުމްއަށް އެންމެ ރަނގަޅު ވާނީ އަނުމްގެ މަންމައާ ބައްޕައާ އެކީ އުޅުނީމަ ކަން ނުވިސްނުނީ؟ އޭރު ޔަޒާންއަކަށް ނޭނގޭތަ އުޅެވުނީ ރަނގަޅަށް ނޫން ކަން؟ އަހަންނާ އިނީއްސުރެ ޔަޒާން އުޅުނީ އެހެން، އޭގެ ކުރިންވެސް ޔަޒާން އުޅުނީ އެހެން. މިހާރު ދެން ޔަޒާންއަށް ވިސްނުނޭ ކިޔާފަ ކޮން ކަމެއް ވާނީ؟” ނައިހާ އަހާލިއެވެ.
“އަހަރެން ބަދަލު ވެއްޖެޔޭ ނައި… އެނގޭ ގަބޫލު ކުރަން އުނދަގޫ ވާނެ ކަން… އޭރު ނުވިސްނުނީ ދަރިއަކު ލިބުމަކީ ކޮން ކަހަލަ ކަމެއް ކަން… މިހާރު، އަނުމް ލިބުނު ފަހުން އެކަން ވިސްނުނީ… މި ދަރިފުޅަށް ދެރަ ގޮތެއް ވާކަށް އެއްގޮތަކަށްވެސް ނޭދޭތީ އަހަންނަށް އަދި ފުރުސަތެއް ދޭށޭ މި ބުނަނީ…” ޔަޒާންގެ އަޑުގައި ވި މަޑުމައިތިރިކަމާ، އެ ވާހަކަ ދެއްކި އިރު ޔަޒާންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުން ޔަޒާން ހަގީގަތުގައިވެސް ބަދަލުވެފައި ވާކަން ގަބޫލު ކުރާކަށް ނައިހާއަކަށް އުނދަގުލެއް ނުވިއެވެ.
“މިހާރު މާ ލަސް ވެއްޖެ ޔަޒާން. ޔަޒާންގެ ފަރާތުން ތި ބަސްތަކަށް އަހަރެން ވަރަށް އުންމީދު ކުރިން… އަދި އަމްދުން އަނުމްއަށް ބަލިވެ އިން ފަހުން ޔަޒާންއަށް ވިސްނޭތޯ އަހަރެން ދުޢާ ކުރި ވަރެއް ޔަޒާންއަކަށް ނޭނގޭނެ. މިއަދުވެސް ޔަޒާންއަށް ވިސްނުނީތީ އަހަރެން އުފާވޭ. އެކަމަކު ދެން އަހަންނަކަށް ޔަޒާން ތި ބުނާ ފުރުސަތެއް ނުދެވޭނެ” ނައިހާ ބުންޏެވެ.
“ނޫން ނައި، އަދި ލަހެއް ނުވޭ. އަނުމްއަށް ޓަކާވެސް ތި ކައިވެންޏަށް ދެކޮޅު ހަދާފަ އަހަންނާ އިންނަން އާނއެކޭ ބުނޭ…” ޔަޒާން އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ. އެހެން ނަމަވެސް ނައިހާ އެ ވާހަކަ މެދު ކަނޑާލިއެވެ.
“އަހަރެން އެހެން މީހަކާ އިންނަން އުޅޭތީއެއް ނުނޭ ނޫނެކޭ މި ބުނަނީ. އަހަރެން ދެން ބޭނުން ނުވަނީ ޔަޒާންއާ އިންނަން. އެ ދުވަސްތައް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފިލާނެ… ޔަޒާން އެހެން އަންހެނަކާ އެކީ އުޅުނު ތަން އަހަރެންގެ ދެ ލޮލުން ދެކިފަ ޔަޒާންއަށް ހީވޭތަ ދެން އަހަންނަށް ދުވަހަކުވެސް ޔަޒާންއަށް އިތުބާރު ކުރެވިދާނެ ހެން؟ އެ ދުވަހު އަހަންނަށް އިހުސާސް ކުރެވުނީ އަހަންނަށް ކުރެވުނީ ކިހާ މޮޔަ ކަމެއް ކަން.
ޔަޒާންއަށް އެނގޭތަ؟ އޭރު އަހަރެން އުޅުނީ އެހެން މީހަކާ އިންނަން. އަހަންނަށް ކުރެވުނު ކުށްހީ އަކާ ހެދި އަހަރެންގެ ހަޔާތުން ދެ އަހަރު ޔަޒާންއަށް ދެވުނީ. މިއަދު މި އުޅެނީ އޭރު އަހަންނަށް ކުރެވުނު ކުށް ރަނގަޅު ކުރަން. އަހަރެން ލޯބި ވީ މީހާއާ އިންނަން އަހަރެން މި އުޅެނީ. އޭނަގެ އެއްވެސް ކުށެއް ނެތި، އަހަންނަށް ކުރެވުނު ކުށްހީއަކާ ހެދި އަހަރެން އޭނަ ދޫކޮށްލާފަ ޔަޒާންއާ އިނީ. އެކަމަކުވެސް އަހަރެން ލިބޭނެ ކަމުގެ އުންމީދެއް ނެތިވެސް އޭނަ ހުރީ އަހަރެންގެ އިންތިޒާރުގަ. އަނުމް ވިހޭ ފަހުން އޭނަ އައިސް އަހަރެން ކައިރީ ބުނީ މިއަދުވެސް އޭނަ ހުރީ އަހަންނާ އިންނަން ތައްޔާރަށޭ، އެހެން މީހެއްގެ ދަރިއަކާ އެކީ އަހަރެން ގަބޫލު ކުރަން އިރުކޮޅަކަށްވެސް ފަސް ނުޖެހޭ އޭނަ.
މިއަދު އަހަންނަކަށް ޔަޒާންގެ އެދުމެއް ގަބޫލެއް ނުކުރެވޭނެ. ތީ އަހަރެންގެ ދަރިފުޅުގެ ބައްޕަ. އަނުމްއާ ޔަޒާންގެ މެދަށް އަހަރެން ދުވަހަކުވެސް ނުވަންނާނަން. ވަކިން އުޅުނަސް ޔަޒާންއަށް ކޮންމެ އިރަކުވެސް އަނުމް ކައިރިއަށް އާދެވޭނެ. އެކަމަކު އަހަންނާ ޔަޒާންގެ މެދުގަ ދެން އެހެން ގުޅުމެއް ދުވަހަކުވެސް ނޯންނާނެ.
ޔަޒާން ތި ބުނާ ހެން ބަދަލު ވެއްޖެއްޔާ ދެން އަހަރެންގެ ދިރިއުޅުމާއިގެން އަހަރެން ދޫކޮށްލާފަ ރަނގަޅު ކުއްޖަކު ހޯދައިގެން އިނދެގެން ރަނގަޅަށް އުޅެވޭތޯ ބަލާ. އެއީ މިހާރު އެންމެ ރަނގަޅު ގޮތަކީ”
ނައިހާ ދެއްކި ވާހަކަ އަޑު އަހަން ޔަޒާން އިނެވެ. ނައިޙާގެ ޙަޔާތުން ދެން ޔަޒާންއަށް ފުރުސަތެއް ނެތް ކަން ޔަގީން ވީ ނައިހާގެ ވާހަކަ އަޑު އަހާފައެވެ. ޔަޒާންއަށް ނައިހާ ދެ ފުރުސަތު ދިނެވެ. އެއް ފަހަރުވެސް ޔަޒާން އޭގެ ބޭނުން ނުކުރީއެވެ. ގެއްލުނީ ކިހާ އަގުހުރި ޖަވާހިރެއް ކަން ޔަޒާންއަށް ވިސްނުނީ އެ ވަގުތުއެވެ.
ނައިހާ އެ ހެދީ ރަނގަޅަށެވެ. އެއްވެސް އަންހެން ކުއްޖަކު ޔަޒާންއަށް އެހެން ފުރުސަތެއް ދެން ނުދޭނެއެވެ. ނައިހާއަށް ޔަޒާން ހެދި ގޮތަށް ފަހު، ނައިހާއަށް ހައްގު ވަނީ ނައިހާ ދެކެ ތެދުވެރި ލޯބި ވާނެ މީހެކެވެ. އަޅާލާ، އަބަދުވެސް އެކުގައި ވާނެ ފިރިއެކެވެ. ނައިހާއާ ނައިހާގެ ލޯތްބާ މެދުގައި ހުރަހަކަށް ވާކަށް ޔަޒާން ދެން ނުހުންނާނެއެވެ.
“މަރުޙަބާ!” ހިމޭން ވަގުތުކޮޅަކަށް ފަހު ޔަޒާން ބުނެލިއެވެ.
ގަބޫލު ނުކުރެވިފައި ނައިހާއަށް ޔަޒާންއާ ދިމާއަށް ބަލަން އިނދެވުނެވެ.
“ނައިއަށް އުފާވެރި ދިރިއުޅުމަކަށް ހިތުގެ އަޑިން އަހަރެން އެދެން. ޔޫ ޑިޒަރވް އިޓް! އެހެންވެ ހަމަ ހެޔޮ ހިތުން މަރުހަބާ މި ކިޔަނީ” ހިނިތުންވުމަކާ އެކު ޔަޒާން ބުންޏެވެ.
“ޝުކުރިއްޔާ” ނައިހާވެސް ހީލަމުން ބުންޏެވެ.
ރަތް ކުލައާ އޮރެންޖް ކުލައިގެ އިންޑިއާ ފާޑުގެ ހެދުމެއްގައި ހުރި ނައިހާ އައިސް ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ނައިހާގެ ފަހަތުގައި ހުއްޓުނު އިޝާމް ދެ އަތުން ނައިހާގެ ކޮނޑުގައި ހިފާ އަނބުރާލަމުން ނައިހާ ގައިގައި ބައްދާލިއެވެ. އެ ދެމެދުގައި ވި ދުރުމުން ނައްތާލަމުން އިޝާމްގެ މޫނުގައި ދެ އަތުން ހިފާލީ ނައިހާއެވެ.
“ދެން ބޭރަށް ދާކަށް ބޭނުމެއް ނޫން…” ނައިހާ މަޑުމަޑުން ބުނެލިއެވެ.
“އަހަރެންވެސް…” އިޝާމްވެސް ނައިހާއާ އެއްބަސްވިއެވެ.
ނަމަވެސް ދެމަފިރިންގެ އަމިއްލަ ވަގުތުކޮޅަށް ނިމުމެއް ގެންނަމުން އިޝާމް ނައިހާއާ ދުރުވެލީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުންނެވެ.
“ނައި…؟” ދެވަނަ ފަހަރަށްވެސް ޓަކި ޖަހާލާފައި ނަޒްހާ ގޮވާލި އަޑު އިވުނެވެ.
“މި ދަނީ” ނައިހާ ޖަވާބު ދިނެވެ. އަދި ލޯގަނޑުން މޫނު ބަލާލާފައި ގޮސް ދޮރު ހުޅުވާލިއެވެ.
“ތި ކަންތައް ފަހަށް ބަހައްޓާފަ ނިކުމެލަން ވީނު؟ މީހުން ސުވާލު ކުރަން ފަށައިފި މިހާރު ނައިއާ އިޝާމް ނުފެނިގެން. ދެ މީހުންނަށް އަދި ޗާންސް ލިބޭނެޔޭ ތިހާ ކެތްމަދު ނުވިޔަސް” ނަޒްހާ ދެ މީހުންނަށް ވަކިން ބަލާލަމުން ދިމާ ކޮށްލިއެވެ.
“ކެތްމަދު ވެގެން އުޅެވޭ ވަރު އެނގޭނެ ނަޒް ކައިރިއަށް ދިޔަ ނުދީ ޝާދު ހިފަހައްޓާލީމަ. އަހަރުމެން ރަނގަޅު ކަމުން ނަޒްމެންގެ ވެޑިންގ ރޭގަ ޝާދު ދިޔަދިނީ. އެކަމަކު މިހާރު ނަޒް ނެތް ދޯ އެ ހަނދާނެއް؟” ދެރަ ނުވާން ވެގެން އިޝާމް ބުންޏެވެ.
“އަހަންނެއް ނޫނޭ ދެ މީހުންގެ މެދަށް ވަންނަން މި އުޅެނީ. އަހަންނަށް ވާ ނަމަ އެންމެން ފޮނުވާލީމުސް. އެކަމަކު ނައިމެން ލަސް ވެގެން މަންމަ ބުނީމަ ބަލާ މި އައީ. ދެން ހިނގާ އަވަހަށް” ނަޒްހާ ހެމުން ބުންޏެވެ.
އިޝާމްއާ ނައިހާއަށް އެކަހެރި ވެލެވުނު އިރު ބާރަ ޖަހާ ބޮޑު ވެއްޖެއެވެ. ކޮޓަރިއަށް ވަދެ ހަމަ ޖެހި ނުލެވިގެން އުޅެނިކޮށް އަނުމް ހޭލުމުން އަނުމްއަށް ބުއްފުޅި ދީފައި ނިންދެވީ އިޝާމްއެވެ. އަނެއް ދުވަހު ހެނދުނު ފުރަން ޖެހޭތީ ނައިހާ އެ ވަގުތު ޕެކްކޮށް ނިންމާލިއެވެ.
“ދެން ނުހުރެވޭނެ އެންމެ އިރުކޮޅަކުވެސް…” އަނުމް އެނދުގައި ބާއްވާފައި އައި ގޮތަށް އިޝާމް އައިސް ނައިހާ އަތް މައްޗަށް ނަގައިގެން އެނދާ ދިމާއަށް ދަމުން ބުންޏެވެ.
“ކާކު ބުނީ އަދިވެސް މަޑު ކުރާށޭ؟ އަހަރެން ނުބުނަން…” ނައިހާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް އިޝާމް ނުދިނެވެ. ބުނާ ކޮންމެ ބަހަކުން، ކުރާ ކޮންމެ ހަރަކާތަކުން ނައިހާ ދެކެ ލޯބި ވާ ވަރު ބުނެދެމުން ދިޔައެވެ.
ޔަޒާންއަށް އޮފީހުން ނިކުމެވުނު އިރު އެކެއް ޖަހަން ކައިރި ވެއްޖެއެވެ. ގެޔަށް ދާ ހިތް ނުވެފައި ސައިކަލު ކައިރީ ހުރެވުނީ ނައިހާއާ މެދު ވިސްނާށެވެ. އިރުކޮޅަކު އެހެން ހުރެފައި ޔަޒާން ސައިކަލަށް އެރިއެވެ. ބްރިޖް ހުރަސްކޮށް މާލެއަށް އައިސް ތަންކޮޅަކަށް ދެވުނު ތަނާ، ޓެކްސީއެއް ނުލިބިފައި އެކަނި ހުރި އަންހެން ކުއްޖަކު މަގުގެ އެއް ފަރާތުން ޔަޒާންއަށް ފެނުނެވެ. ތަންކޮޅެއް ދުރުގައި ޔަޒާން މަޑުކޮށްލައިގެން ބަލަން އިނީ އެ ގަޑީގައި އެ އަންހެން ކުއްޖާއަށް ޓެކްސީއެއް ނުލިބޭނެ ހެން ހީވާތީއެވެ.
ޔަޒާން ބަލަން އިންދާ ސައިކަލެއް އެ ކުއްޖާ ކައިރިއަށް ހުއްޓުނެވެ. ޔަޒާން އިން ހިސާބަށް ދެކެވުނު ވާހަކައިގެ އަޑު ނީވުނު ނަމަވެސް އެ ދެމެދުގައި ކުރެވުނީ ޒުވާބެއް ކަން އެނގުނެވެ. ފަސް ވަރަކަށް މިނަޓް ފަހުން އަންހެން ކުއްޖާ ދުރަށް ހިނގައިގަތެވެ. އެ ވަގުތު ފިރިހެން މީހާ ސައިކަލުން ފައިބައިގެން ގޮސް އަންހެން ކުއްޖާ އަތުގައި ހިފެހެއްޓިއެވެ.
“ދޫ ކުރޭ!” އަންހެން ކުއްޖާ ބާރަށް ބުނި އަޑު އިވުނެވެ.
ޔަޒާން އެ ވަގުތު އައިސް އެ ދެ މީހުން ކައިރީ މަޑުކޮށްލިއެވެ.
“އޭނަ އެ ބުނީ ދޫ ކުރާށޭނު؟” ޔަޒާން ފިރިހެން މީހާއަށް ބުންޏެވެ.
“މީ މަގޭ އަންހެނުން. އަހަރުމެންގެ މެދަށް އިތުރު މީހަކު ވަންނާކަށް ނުޖެހޭ” ރުޅި ގަދަ ވެފައި ފިރިހެން މީހާ ބުންޏެވެ.
“ދޮގެއް އެއީ، އޭނަ އަހަރެން ވަރި ކުރިތާ ތިންމަސް ވީ މިއަދު. ކުއްލިއަކަށް ނޭނގެ އަހަންނާ އަހަރުމެންގެ ދަރިފުޅު މަތިން ހަނދާން ވެގެން އެ އުޅެނީ ކީއްވެ ކަމެއް. ގޭން ބޭރަށް ނިކުމެވޭ ވަރެއް ނޫން މިހާރު މީނަގެ އުނދަގުލާ ހެދި. މި ބުނަނީނު ދެން ޝާމިންއާ އިންނާކަށް ބޭނުމެއް ނޫނޭ؟ ދެ ފަހަރަށް ވަރި ކޮށްފި. އަނެއްކާވެސް އިނދެފަ ދުވަސްކޮޅެއް ވާ އިރަށް ވަރި ކުރާނެ. ދެން ނުދާނަން. މިހާރު ވާ ވަރު ވެއްޖެ. ދޫ ކުރޭ” އަންހެން ކުއްޖާ ރޮމުން ބުންޏެވެ.
“ދެން ދޫކޮށްލަން ވީނު؟ އޭނަ ބޭނުން ނުވަންޏާ ގަދަ ކަމުން އިނދެގެންނެއް ނޫޅެވޭނެއެއްނު؟” ޔަޒާން ބުންޏެވެ.
ޔަޒާންއާ ދިމާއަށް އަލިފާން ކަނި ބުރާފަދަ ނަޒަރަކުން ބަލާލާފައި އެ މީހާ ސައިކަލަށް އަރާ ދުއްވާލިއެވެ.
“މިހާ ލަސް ވީމަ އެކަނި ނުވާނެއެއްނު ބޭރަށް ނިކުންނާކަށް؟” އަންހެން ކުއްޖާ ލޯ ފޮހެލާ ހަމަ ޖެހިލުމުން ޔަޒާން ބުންޏެވެ.
“މިތާ ކައިރި ބޭސް ފިހާރައަކަށް ޖޮބަށް ދަނީ. ބާރަ ގަޑި ބައިވީ އިރު ޑިޔުޓީ ނިންމާފަ އަދިވެސް މި ހުންނަނީ ޓެކްސީއެއް ނުލިބިގެން. އޭނަ މިހެން ބުރު ޖަހާނެ އަހަރެން އުޅޭ ގޮތެއް ބަލާށޭ ކިޔާފަ” އަންހެން ކުއްޖާ ބުންޏެވެ.
“އަހަރެން ގެންގޮސްދެންތަ؟ ހިއެއް ނުވޭ ކާރެއް ލިބޭނެ ހެނެއް” ޔަޒާން ފަސް ޖެހިފައިވެސް ބުންޏެވެ.
“އުނދަގުލެއް ނުވާނެތަ؟” އަންހެން ކުއްޖާ އަހާލިއެވެ.
“ނުވާނެ، އަރާ” ޔަޒާން ބުންޏެވެ.
ދާން ވީ ހިސާބު ބުނެފައި އަންހެން ކުއްޖާ ސައިކަލަށް އެރިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަންނަކީ ރީޝަމް” ސައިކަލުން ފައިބާފައި ރީޝަމް އަތް ދިއްކޮށްލަމުން ބުންޏެވެ.
“ޔަޒާން” ޔަޒާން ބުންޏެވެ. އަދި އަތުން ހަނާ އަޅާލާފައި ދިޔައެވެ.
ދެވަނަ ފަހަރަށް ރީޝަމްއާ ޔަޒާން ދިމާވީ ކުރިންވެސް ދިމާވި ހިސާބުން ހަމަ އެ ވަގުތުގައި، އޭގެ ދެ މަސް ފަހުންނެވެ. އެ ފަހަރު ދެ މީހުން އެކަކު އަނެކަކުގެ ނަމްބަރު އަތުލާ، އެކުވެރިވިއެވެ. ހަތް މަސް ފަހުން ޔަޒާންއާ ރީޝަމްގެ ކައިވެނި ކުރެވުނެވެ.
އެ ކައިވެންޏަށް ނައިހާއަށް ދައުވަތު ލިބުނީ ރީޝަމްއަކީ އިސްރާގެ ފިރިމީހާގެ ތިމާގެ ކުއްޖަކަށް ވުމުންނެވެ.
އަނުމް އުރާލައިގެން ހުރި އިޝާމްގެ އަތުގައި ހިފައިގެން ނައިހާ ވަދެގެން އައި އިރު ޔަޒާންއާ ރީޝަމް ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ.
“އޭނަ އަސްލުވެސް ވަރަށް ބަދަލު ވެއްޖެ ދޯ؟” އިޝާމް އަހާލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ. ރީޝަމްއާ ވާހަކަ ދައްކަން ހުރެފައި އެ ވަގުތު އެ ދިމާއަށް ބަލާލި ޔަޒާންއަށް އަނުމް ފެނުމާއެކު މޫނުމަތީގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ޔަޒާން ދެ އަތް ދިއްކޮށްލުމާއެކު އަނުމްވެސް ޔަޒާންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.
“ބައްޕަ ދޫނި ކިހިނެއްތަ؟” ޔަޒާން އަހާލިއެވެ.
މީހުން ގިނަ ތަނަކަށް އާދެވުމުން ޖެހިލުން ވެފައި އިން އަނުމް ޖަވާބެއް ނުދީ ވަށައިގެން ބަލާލިއެވެ.
“އެހެރީ ދަރިފުޅުގެ ފްރެންޑް” ރީޝަމްގެ އަތުގައި ހިފާލައިގެން ހުރި ކުޑަ އަންހެން ކުއްޖާ ދައްކާލަމުން ޔަޒާން ބުންޏެވެ.
ހަތަރު އަހަރުގެ އީނަލް ފެނުމާއެކު އަނުމް ހީލާފައި ޔަޒާންގެ އަތުން ފައިބަން ގަދަ ހަދާލިއެވެ. ޔަޒާން ބިންމަތީ އަނުމް ބެހެއްޓުމާއެކު އީނަލް އަނުމްގެ އަތުގައި ހިފާލިއެވެ.
“މިހާރުވެސް ވަރަށް ގުޅޭ ދޯ؟” ރީޝަމް ހީލަމުން ބުނެލިއެވެ.
ނައިހާ ބޯ ޖަހާލިއެވެ.
“ނައި، މިހާރު އޯކޭތަ؟” ރީޝަމް އަހާލިއެވެ.
އިޝާމްއަށް ބަލާލާފައި ނައިހާ ބޯ ޖަހާލިއެވެ.
ދުރުގައި ހުރި މޭޒެއް ކައިރީ ނައިހާއާ އިޝާމް އިށީނެވެ.
“ބޯ އަނބުރަންޏާ ބުނައްޗޭ” އިޝާމް ބުންޏެވެ.
ނައިހާ ހީލަމުން ބޮޑުވާން ފަށާފައިވާ ބަނޑުގައި އެއް އަތް ޖައްސާލާފައި އަނެއް އަތުން އިޝާމްގެ އަތުގައި ހިފާލިއެވެ.
“އައި އެމް ސޯ ހެޕީ…” ނައިހާ ބުނެލިއެވެ.
އިޝާމް ހީލާފައި ނައިހާގެ އަތްތިލަ ހިއްލާލާ އެ އަތުގައި ތުންފަތް ޖައްސާލިއެވެ. އެ ދެމެދުގައި ވާ ލޯބި އެންމެންނަށް މިސާލެއް ގޮތުގައި ދައްކަމުންނެވެ.
ނިމުނީ
19 Comments!
Comments are closed.








Salaam hurihaa kudhin, miothy fahu bai. Hykuran mi bai kamudhaane kamah. Readers ah mi story kamudhiya kamah hykuran. Kiyaalaafa comment kollahchey. New story eh iraadha kurevviyya next week ga fashaanan. It has been wonderful to write for u. ❤️❤️❤️❤️❤️❤️❤️❤️❤️❤️
Maasha allah Mi part vx v reethi..?????????????… Nd miadhu mee hurihaa stories nimey dhuvhehtha???Hehe.???????????……. Nimun v furihama igey sis….??????..
Thank u Kylie ❤️❤️
nd me first dhw….
Yes, u 1st
Awwwwwww…… Very nice….. Am waiting for next story!!!!
Thank u Muslim. New story ge masahkathuga miulheny ❤️?
Mi part ves Varah reethi………
Thank u Shuha ❤️❤️
Awwwn…………..mi story ves varah varah reethi………waitin for new story……..luv yeah
Thank u Meekko. Soon inge ❤️❤️❤️
vrh reeeeethi inge mi part vx. ekm nau beynun vany thankolheh dhigu story eh miah vure. like 80 episodes. bt vhk genesdhyfa inna goiyh hama ehnme best. luv you. maashahtha ge story eh ge par kiyaalaa nimey iru hama heeevaany nau ah vx experience kurevey hn…hehe
Ohh, thank u nau. Ehaa dhigu koh adhi nuliyevey evves story eh. Will try, ❤️❤️
Alhey mioh reethi vaahaka vx nimuny…..varah reethi mi part vx….unmeedhu kuran adhi mikahala reethi reethi storys kiyaalan libeyne kamah marsha sis ge……m gonna miss thiss story…..ly marsha sis……
Thank u Kairaa, new story eh feshey tho miulheny ingey. Sooonn. ❤️❤️
Wow???… V v v v v v reethi enme fahubai ves, adhi mi vaahakaige hurihaa ba eh ves??????? v dhera ves vey vaahaka nimuneema.????? ekam vaahaka ves nimen jeheyne thaa dhw???????? Marsha ge aa story akah v inthizaaru kurevey eba??????? please new story eh avahah genes dhehchey??????? yaaniu and naayaa ge bai genes dhinama adhi maa furihama vees?????. Anehkaa mihen buneema negative koh nunagahchey ingey Maasha?????…. Waiting for the new story???. Love you Marsha???????????????
Thank u maii, aan, yaniu n naaya ge bai levunu nama dho, noo, I welcum any suggestions, ufalaa aku balai annaanan, eyrunnehnu Marsha ge liyun kuri araany, ❤️❤️❤️
konirakun start kurany new story eh
Wow mi story ves Vara reethi ❤️