މަޢާފް (ހަތްވަނަ ބައި)

- by - 56- December 2, 2019

“މަށަށް ހީވަނީ މިގޮލާ އިންސްޓާ އިން ކޮންމެވެސް މީހަކާ އަރާރުންވެލައިގެންހެން މިއުޅެނީ.. ދޯ ޝިމާ!” ފަޔާޒް އާދައިގެމަތިން ޝިމާޔާ އާއި ދިމާކުރާގޮތަށް ދިމާކޮށްލިއެވެ. “ނޫން.. އެވަރު ކަމެއް ނުވޭ. މީހެއް ގައިގަ ލައިގަތީ މިހެން އަންނަނިކޮށް!” ޝިމާޔާ ބުނި ވާހަކައިން ފެން ބޯން އިން ލައިލާ ކޮށިއަރައިގަތެވެ. “ކީކޭ؟ ކާކު ކޮންކަހަލަ ކިހިނެތްހުރި ކޮންދިމާލެއްގެ މީހެއް ގައިގައި ލައިގަތީ؟” ލައިލާ ސުވާލުކޮށްލި ގޮތުން އެންމެނަށްވެސް ހެވުނެވެ. “ދެން އަޅެ ބުނެބަލަ.” ރަކިވިވަރުން ލައިލާ އަށް އެހެންވެސް ބުނެވުނީ ތަންކޮޅެއް ތޫލި އަޑަކުންނެވެ. “އަސްލު ޝައްކު ވެފަ މި ހުންނަނީ.. ނޭނގެ އެއީ ސީދާ ޒައިން ކަމެއް ނޫނީ އެހެން މީހެއްކަމެއް. ހަމަ ޒައިން ހުރި ގޮތަށް އޭނަ ހުރީ. ނޫކުލައިގެ ދެލޮލަކާ ފަންފަން އިސްތަށިގަނޑެއް ލިބިފަ ހުރި މީހެއް. ބުމަވެސް ވަރަށް އެއްގޮތް.” ޝިމާޔާ ނައިޒަކްއާއި ބެހޭގޮތުން އޭނާއަށް އިނގުނު އެއްޗެއް ކިޔައިދިނެވެ. “އޯ އަދި އެމީހާގެ ކަނާއަތުގެ ބޮޑުވާއިނގިލިވެސް އިންނަނީ އެއްކަފި ވެފަ.” ޝިމާޔާ ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. “ދެން ތި މީހެއްގެ ވާހަކައެއް ދައްކާނެކަމެއްނެތޭ ކޮންމެހެންނަކުން. ކޮންމެވެސް އެހެން ވާހަކައެއްދައްކަމާ.” އަންޖަދު ފެންތަށިން އެތިފޮދެއް ބޮއެލުމަށްފަހު ދެލޯހަނިކޮށްލަމުން ބުންޏެވެ. ފަޔާޒް އެއްޗެކޭ ބުނަން އަނގަ ހުޅުވައިލިތަނާ ވެއިޓަރު ކާ އެއްޗެހި ހިފައިގެން އައެވެ. ވެއިޓަރު އެއްޗެހި މޭޒުމަތީގައި ބަހައްޓައިފައި ދިޔުމާއިއެކު އެންމެންވެސް އެކި ވާހަކަދައްކަމުން ކެއުމަށް އިންސާފްކުރަމުންދިޔައެވެ.

އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ނައިޒަކް ގެއަށް ވަނެވެ. ނައިޒަކް ހުރީ މިއަދު ވީ ކަންތަކުން މޫޑު އޮފްވެފައެވެ. ހަށިގަނޑުން ހުރީ ލޭ ކެކިކެކި އެވެ. އެންމެންގެ ތެރޭގައި ނައިޒަކް ލަދުގަންނަވާލަން އެ އަންހެން ކުއްޖާ އެއީ ކާކުހެއްޔެވެ؟ އަދި އައިސް މާ މޮޅުވެލައިފައި މަގޭ ގަމީހުގެ ގިރުވާނުގައި ހިފައިފިއެއްނޫންހެއްޔެވެ؟ މިކަހަލަ އެތައް އެއްޗެއް ނައިޒަކްގެ ހިތަށް އަރައި ފައިބަމުން ދިޔައެވެ. އޭނާ ހުރީ އެ އަންހެންކުއްޖާ ހުރިގޮތުން ލަދުވެސްގަނެފައެވެ. ހަށިގަނޑަށް ބާރުކޮށް ހެދުން ލައިގެން ހުރިއިރު މޫނުމަތީގައި ވަނީ ގަދަ މޭކަޕެއްކޮށްފައެވެ. ނައިޒަކް ބޭނުންވީ ދެން އެކުއްޖާ ފެންނަ ދުވަހަކުން އެ ކުއްޖާއަށް ކޮންމެވެސް ކަހަލަ ޖެއްސުމެއް ކޮށްލާށެވެ. ނަމަވެސް ނައިޒަކް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. އެގޮތަށް މަޖަލަކަށް ހިލޭ އަންހެންކުދިން ގައިގައި އަތްލުމަކީ ނައިޒަކް އަށް ލާހިކު ކުޅަދާނަކަމެއްނޫނެވެ. އެގޮތަށް އުޅޭނީ އެއްވެސް ގޮތެއް ފޮތެއްނެތި ދުނިޔޭގައި އުޅޭ މީހުންނެވެ. އެހެންނޫނަސް މަށަކާ ކޮން ބެހޭކަމެއްހެއްޔެވެ؟ އެމީހަކު އުޅޭނެ ގޮތަކަށް އުޅެފާނެނޫންހެއްޔެވެ؟ އަޅައިނުލީމަ އެވީ ނޫންހެއްޔެވެ؟ ކޮންމެއަކަސް މިކަހަލަ ޚިޔާލުތަކެއްގައި އިންދައި އާރިޝް އައިސް އޭނާއާއި ދާދި ގާތުގައި ސޯފާގައި އިށީނެވެ.

“ދަރިފުޅާ.. ހާދަހާ މޫޑީވެފަ ތީނީ!” އާރިޝް ސަމާސާވެރި ރާގެއްގައި ބުންޏެވެ. އާރިޝް ނައިޒަކް އާއި މުޚާތަބުކޮށް ކީ ނަމަކުން ނައިޒަކް އަށް މަޑުމަޑުން ހެވުނެވެ. “ހެހެ. ކަމެއް ނުވޭ. އައި މަގުމަތީގަ ކުޑަ އެކްސިޑެންޓެއް ވީ.” ނައިޒަކް ބުންޏެވެ. ނައިޒަކް އެންމެ ފަހު ޖުމްލަ ބުނިއިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރަކަށް ފޫހިކަން އެކުލެވިފައިވިއެވެ. “ކިހިނެތްވީ؟ ކޮންތާކު ޖެހުނީ؟” އާރިޝް ހާސްވެފައި އިނދެ ސުވާލުކޮށްލިއެވެ. “ތިއްތިބޭ! މިބުނީ ކުއްޖެއްގެ ގައިގަ ޖެހުނު ވާހަކަ.” ނައިޒަކް އެހެން ބުނުމުން އާރިޝް ދެލޯހަނިކޮށްލައި ނައިޒަކްއަށް ބަލައިލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާރިޝްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. “ކޮން ކަންތައްގަނޑެއް ހިންގާލީ؟” އާރިޝް ރާގަކަށް އެހެން އެހުމުން ނައިޒަކް ގާތަށް އައީ ރުޅިއެވެ. ނަމަވެސް ނައިޒަކް އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އެ ވާހަކަ އާރިޝް އަށް ކިޔައިދިނެވެ. ނައިޒަކް އެކުއްޖާ ގައިގައި ޖެހުމުން އެކުއްޖާ ކަންތައް ކުރި ގޮތުގެ ވާހަކައެވެ. ނައިޒަކް ދޫކުރާށޭ ބުނުމުން އެކުއްޖާ ބިރެއް ފެނިގެން އުޅުނުހެން ނައިޒަކްގެ ގައިން ދޫކޮށްލި ވާހަކައެވެ. ނައިޒަކް އެ ވާހަކަ ކިޔައިދިނުމުން އާރިޝް ފެށީ ހޭށެވެ. އާރިޝްގެ ބަނޑަށް ތަދުވީއިރުވެސް ހުނުން ކޮންޓްރޯލެއް ނުކުރެވުނެވެ. ނައިޒަކް ރަކިވިވަރުން ސޯފާއިން ތެދުވެ އޭނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

“އަޅެ މެންދުރު ދިޔަގޮތަށް މިހާރުތަ ތި އައީ؟” ޝިމާޔާ ގެއަށް އައިސް ވަނުމުން ޝަމީމް ޝަކުވާ ކުރަން ފެށިއެވެ. ޝަކުވާކުރަންވެސް ޖެހޭނެތާއެވެ. މިހާރު ގަޑިން ހަތަރު ގަޑި ބައިވެ ބޮޑުވީއެވެ. “ދެން ހަމަ ފްރެންޑްސް އާއެއްކޮށް އިންޖޯއި ކޮށްލާފަ މިއައީ.” ޝިމާޔާ އެހެން ބުނެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޝަމީމް ދެފަރާތަށް ބޯހޫރުވައިލުމަށްފަހު ގެއިން ނުކުންނަން ދިޔައެވެ. މާލޭގެ ކާރުބާރު ބޮޑު މަގުތައްމަތީ ހިނގަމުންދިޔަ ޝަމީމްގެ މިޞްރާބަކަށް ވެފައިވީ ނައިޒަކްމެންގެ ގެއެވެ. ގަޑިއިރެއްގެ ދަތުރަކަށްފަހު ޝަމީމްއަށް ނައިޒަކްމެން ގެއާއި ހަމައަށް އާދެވިއްޖެއެވެ. ސެކިއުރިޓީ ގާޑު ގޭޓު ހުޅުވައިލަދިނުމުން ޝަމީމް އެތެރެއަށްވަދެ ވޯކްވޭއިން ހިނގައިލައިފައި ގޮސް ގޭދޮރުމަތީގައި ހުއްޓިލިއެވެ. އަދި މަޑުމަޑުން އެ ބޮޑު ދޮރުގައި ޓަކި ޖަހައިލިއެވެ.

ކާކޮޓަރީގައި ސައިބޯން އިން ރިޝާނާ އަށް ގޭ ބޮޑުދޮރުގައި ޓަކި ޖަހާއަޑު އިވިގެން ކާކޮޓަރިން ނުކުމެ ގޭބޮޑު ދޮރު ކައިރީގައި ހުއްޓިލިއެވެ. މިގަޑީގައި ގެއަށް އަންނާނީ ކާކު ހެއްޔެވެ؟ އެންމެންވެސް ވީ ގޭގައެވެ. ފަހަރުގަ މަންމަގެ ވަރަށް ގާތް ރައްޓެއްސަކަށްވެސް ވެދާނެއެވެ. ނޫނީ އޭނާގެ ބޭބެމެން ކުރެ ބޭބެއެއްގެ ރައްޓެއްސަކަށްވެސް ވެދާނެއެވެ. ރިޝާނާ ވަރަށް ހިތްވަރުކޮށްފައި ދޮރުގެ ތަޅުގައި ހިފައި ދޮރު ހުޅުވައިލިއެވެ. “ހާއި.” ރިޝާނާ ފާޑަކަށް ބަލަން ހުރުމުން ޝަމީމް ނުވާކަމަަކަށް ހަދައިފައި ހައި ޖަހައިލިއެވެ. ރިޝާނާވެސް މަޑުމަޑުން ހައި އޭ ބުނެލިއެވެ. “އަމް.. ނައިކު އުޅޭތޯ ބަލާލަންވެގެން މިއައީ.” ޝަމީމް އޭނާ އެގެއަށް އައި ބޭނުން ހާމަކުރިއެވެ. “އާނ.. ދޮންބޭބެ ވެއްޖެ ކޮޓަރީގަ. ގޮވާލަދޭންވީތަ؟” ރިޝާނާ ހިތްހެޔޮކަމާއިއެކު ސުވާލު ކުރިއެވެ. “ނޫނޭ.. އަހަރެން ގޮސްފާނަން.” ޝަމީމް އެހެން ބުނުމުން ރިޝާނާ އެއްކައިރިއަކަށް ޖެހިލިއެވެ. ޝަމީމް ގޭތެރެއަށްވަދެ ސިޑިން މައްޗަށް އަރަން ދިޔައެވެ. އަދި މައްޗަށް އަރައި ނައިޒަކްގެ ކޮޓަރި ދޮރުގައި ޓަކި ޖަަހައިލިއެވެ.

“ޝައްމު.. އާދޭ އާދޭ..” ނައިޒަކް ދޮރު ހުޅުވާލުމާއިއެކީ ޝަމީމް ފެނުމުން ޝަމީމް އޭނާގެ ކޮޓަރިއަށް ވެއްދިއެވެ. ޝަމީމް އެތެރެއަށްވަދެ އެކޮޓަރީގައި ހުރި ބޮޑު ސޯފާގައި އިށީނެވެ. ނައިޒަކް ކޮޓަރި ދޮރު ލައްޕައިލައިފައި އައިސް އެނދުގައި އިށީނެވެ. “ކޮންކަމަކު ތި އައިސްލީ؟” ނައިޒަކް ވަރަށް އާދައިގެ ގޮތަކަށް އަހައިލިއެވެ. “ދެން ހަމަ ނައިކު މަތިން މިސް ވާތީ މި އައިސްލީ.” ޝަމީމްވެސް ވަރަށް އާދައިގެ ގޮތަކަށް ޖަވާބުދިނެވެ. “ނައިކު ހާދަ މޫޑީ ވެފަ؟ ކިހިނެތްވީތަ؟” އެހެންޏާ ނައިޒަކްގެ ފަރާތުން ނުފެންނަ ސިފައެއް ފެނުމުން ޝަމީމް ސުވާލުކޮށްލިއެވެ. ނައިޒަކް އޭނާގެ ފޯނު އެނދުމަތީގައި ބާއްވަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. “ކަމެއްނުވޭ.” ކުރުޖަވާބަކުން ނައިޒަކް ފުއްދައިލިއެވެ. ޝަމީމްއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އަދި ނައިޒަކް އެބުނި ކުރު ބަސްކޮޅު އޭނާއަކަށް ޤަބޫލެއްނުކުރެވުނެވެ. “އުހުނ.. ކޮންމެވެސް ކަމެއް ވެއްޖެ. ނައިޒަކް އެހެންޏާ ތިހެނެއް ނީންނަމެއްނު. އަބަދުވެސް މަޖާކޮށް ހެވިދިއްލިފަ އިންނަ މީހެއް ތިއީ. ދެން މިއަދު ތިހެން އިންތަން ފެނުނީމަ ވީ ކީއްތޯ ނާހައެއްވެސް ނީނދެވޭނެތާ.” ޝަމީމްއަށް އެހެން ބުނެވުނީވެސް ތަންކޮޅެއް ބާރަށެވެ. ޝަމީމް ކުރުނުކޮށް ކިޔަން ފެށުމުން ނައިޒަކް އެންމެ ފަހުން ވީ ގޮތް ކިޔައިދޭން ނިންމިއެވެ. “މިއަދު މަގުމަތިން ހިނގާފަ ދަނިކޮށް އަންހެން ކުއްޖެއް ގައިގަ ލައިގަތީ.” ނައިޒަކް ފޫހިގޮތަކަށް އިނދެ ބުންޏެވެ. “ސާބަސް! އެވަރު ކަމަކާތަ ތިއިންނަނީ މާ މޫޑީ ވެފަ.” ނައިޒަކް ބުނި ވާހަކަ ޝަމީމް އެހާ ސީރިއަސްކޮށެއް ނުނެގިއެވެ. “ނޫނެކޭ. އޭނާ ކަންތައް ކުރި ގޮތުން އަސްލު. އަހަރެން ގައިގަ ޖެހިގަނެފަ އަހަރެން ދާން ހިނގައިގަތީމަ އޭނާ އަހަރެންގެ ގަމީހުގަ ހިފާ އޭނަ ގާތަށް ގެނެއްސަ ބުނި ކަލޭ ތީ ކާކު ހެއްޔޯ އައިސް ތިމަންނަ ގައިގަ ޖެހެން. އަދި އަހަރެން ދޫކުރާށޭ ބުނީމަ މަގޭ ސަމާލުކަން ހޯދަންވެގެން ބިރެއް ފެނިގެން އުޅުނުހެން ދުރަށް ޖެހެފިއޭ. މައަދި އެންމެ ރުޅި އައީ އޭނާ ހުރި ގޮތުން.” ނައިޒަކް ވީ ގޮތް ކިޔައިދިނެވެ. “ކޮންހެނެއްތަ ތި ބުނާ މީހަކު ހުރީ؟” ޝަމީމް މިފަހަރު ތަންކޮޅެއް ސީރިއަސް ވެލައިފައި ނައިޒަކްއާއި ސުވާލު ކުރިއެވެ. “ނޭނގެ. ފާޑެއްގެ ރަތް ކުލައެއްގެ ކުރު ޓޮޕަކާ ބާރު ޖިންސެއް ލައިގެން ހުރީ. މުޅި މޫނުގަ ހީވަނީ ދަވާދު ހާކާފަ ހުރިހެން. ފުރޭތައަކަށްވުރެވެސް އޭނަގެ ސިފަ މާ ހުތުރު.” ނައިޒަކް ޝިމާޔާ އާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވައިލީ އެއީ ޝިމާޔާކަން ނޭނގި އިނދެއެވެ. ނައިޒަކް އެ ވާހަކަ ކިޔައިދިން ގޮތުން ޝަމީމް އަށް އެއީ ޝިމާޔާކަން އިނގުނެވެ. ޝަމީމްއަށް އިސްދަށަށް ޖަހައިލެވުނީ ނައިޒަކް އޭނާގެ ކޮއްކޮއާ މެދު ބުނި ޖުމްލައަކުން އޭނާގެ ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުންނެވެ. މިމަންޒަރު ވަރަށް ރީތިކޮށް ނައިޒަކް އަށް ފެނުނެވެ. “ހޭއި ޝައްމު.. ކިހިނެތްވީ؟” ޝަމީމްގެ ކޮނޑުގައި ހިފަހައްޓައިލަމުން ނައިޒަކް އެހިއެވެ. “ނައިކު އަށް އޮޅިގެންވެސް ތި އެއްޗެހި ކިޔުުނީ މަގޭ ކޮއްކޮ ޝިމާޔާ އާ ދިމާލަށް.” ޝަމީމް އެހެން ބުނިއިރު އޭނާގެ އަޑުވަނީ ކޮންމެވެސްވަރަކަށް ކުރެހިފައެވެ. “އޯ ޑިއަރ.. އައިމް ސޯ ސޮރީ.. ޝައްމު އަށް ޔަގީންތަ އެއި ހަމަ ޝިމާޔާ ކަން؟” ނައިޒަކް ޔަޤީން ކޮށްލުމުގެ ގޮތުން އަހައިލިއެވެ. ޝަމީމް މަޑުމަޑުން ބޯ ޖަހައިލިއެވެ.

ނައިޒަކް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިމާޔާ އިންސްޓާގްރާމްގައި ޚިއްޞާ ކުރާ ފޮޓޯތަކާއި އޭނާގެ އުޅުން ހުންނަގޮތް ކިހާ ތަފާތުކަން މިއަދު ނައިޒަކްއަށް އިނގިއްޖެއެވެ. އެންމެ ގިނައިން މައްކާ އާއި މަދީނާގެ ރީތި ފޮޓޯތައް އިންސްޓަގްރާމްގައި ޚިއްޞާ ކުރާ އެކަކަށް ޝިމާޔާ ވާނެއެވެ. ފަލަސްތީނާއި ޣައްޒާގެ ފޮޓޯވެސް ޝިމާޔާ ވަރަށް ގިނައިން އިންސްޓާގްރާމްގައި ޚިއްޞާކޮށްފައި ހުރެއެވެ. އަދި މަޝްހޫރު ދީނީ އިލްމުވެރިންނާއި އެހެނިހެން ބޮޑެތި ޢިލްމުވެރިންގެ ފޮޓޯވެސް ޝިމާޔާ އިންސްޓާގްރާމްގައި ޚިއްޞާ ކުރެއެވެ. ނަމަވެސް އެކަހަލަ މާތް ތަންތަނުގެ ފޮޓޯތައް ޚިއްޞާ ކޮށްފައި ޝިމާޔާ އެއުޅެނީ ކިހިނެތްހެއްޔެވެ؟ އެއްވެސް އުޅުމެއް ނެތެވެ. ނަމާދުކުރާ ކަމެއްވެސް ނޭނގެއެވެ. މިއިން ޒަމާނަކު ޤުރްއާނުން އަކުރެއް ކިޔަވައިލި ކަމެއް ނޭނގެއެވެ. މިއީ މުސްލިމެއްގެ ގޮތުގަ ހުރެ އުޅެގެން ވާނެ ގޮތެއް ނޫނެވެ. އަނެއްކާ ޝިމާޔާ އެއުޅެނީ މީހުންގެ ސަމާލުކަން ހޯދަންހެއްޔެވެ؟ އެންމެންގެ ތެރޭގައި މަޝްހޫރު މީހަކަށް ވާން ހެއްޔެވެ؟

ނައިޒަކްއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ޝަމީމް އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ. “ކޮން ޚިޔާލެއްގަ؟” ޝަމީމް ސުވާލުކުރުމުން ނައިޒަކް ދެފަރާތަށް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. ޝަމީމް ހުރީ ވާނުވާގައެވެ. ނައިޒަކްއަށް އޭނާ ކުރި ސުވާލު ދޭހަ ނުވަނީހެއްޔެވެ؟ ކޮން ޚިޔާލެއްގައި ހެއްޔޭ އެހުމުން އޭގެ ޖަވާބަކީ ނޫނެކޭ ހެއްޔޭ؟ ނައިޒަކް އަށް މިވަނީ ކިހިނެތްހެއްޔެވެ؟ ނައިޒަކް އޭނާގެ ފޯނު ހުޅުވައިލުމަށްފަހު އިންސްޓާގްރާމަށް ވަނެވެ. އަދި ޝިމާޔާގެ ޕްރޮފައިލް އަށް ވަދެ އޭނާ ޚިއްޞާ ކޮށްފައި ހުރި ފޮޓޯތައް ޝަމީމް އަށް ދެއްކިއެވެ. “މި ވާނީ ކޮންމެވެސް އެހެން ޝިމާޔާއަކަށް ކަންނޭނގެ.” ޝަމީމް އޭނާއަށް ހީވިގޮތް ބުންޏެވެ. ޝިމާޔާ އެގޮތަށް އުޅޭއިރު މިކަހަލަ ރީތި ތަންތަނުގެ ފޮޓޯ ޝިމާޔާ ޚިއްޞާ ނުކުރާނެކަން ޝަމީމްއަށް އެވަގުތު ޔަޤީންވިއެވެ. ނަމަވެސް އެއީ ކުށްހީއަކަށް ނޫނީ ނުވާނެއެވެ. “ނޫން މީ ހަމަ އޭނަ.” ނައިޒަކް ޝަމީމްގެ ޚިޔާލާއި ދެކޮޅު ހެދިއެވެ. ނައިޒަކް ދެން އުޅުނީ މީސްމީހުން އެއަށް ކޮށްފައި ހުރި ކޮމެންޓްތައް ބަލާށެވެ. ކޮމެންޓްތަކަށް ބަލައިލިއިރު ކަމަކުދާކަށްނެތެވެ. ކޮމެންޓްވެސް ކޮށްފައި ހުރީ ހުޅަނގުގެ މީހުންނެވެ. އެމީހުން ހުރީ އެ ފޮޓޯތަކުން ފެންނަ މަންޒަރާއި މީސްމީހުންނަށް މަލާމާތް ކޮށްފައެވެ. ޚުދު ޝިމާޔާވެސް ހުރީ އެ ފޮޓޯތަކަށް މަލާމާތްކޮށްފައެވެ. ހަމަ އެއާއި ޚިލާފަށް އެފޮޓޯތަކަށް ތަޢުރީފް ކޮށްފައި މީހުންވެސް ކޮމެންޓްކޮށްފައި ހުއްޓެވެ. ނައިޒަކް އިނީ ޤަބޫލުކުރަންދަތިވެފައެވެ. ދިވެއްސަކު މިފަދަ ގޮތަކަށް ކަންތައް ކޮށްފާނެކަމަކަށް ނައިޒަކް ހީއެއްވެސް ނުކުރެއެވެ.

ނައިޒަކް އިނީ ހަމަ އެއްގޮތަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ. މި ވާހަކަ ޝަމީމް އަށް ކިޔައިދޭކަށް އޭނާއަކަށް ނުކެރުނެވެ. ކިޔައިދޭނީވެސް ކިހިނެތްހެއްޔެވެ؟ ޝިމާޔާ އެއީ ޝަމީމްގެ ކޮއްކޮ ވިއްޔާއެވެ. މިހުރިހާ ދުވަސްވީއިރުވެސް ޝަމީމް އަށް އެކަން ނޭނގުނީމަ ނައިޒަކް އިނީ ޙައިރާންވެފައެވެ. ފަހަރުގައި ޝަމީމް އިންސްޓާގްރާމް ބޭނުންނުކުރާތީ އޭނާއަށް އެކަންތައްތައް ނޭނގިވެސް ހިނގައިދާނެއެވެ. ނަމަވެސް ޝިމާޔާގެ އުޅުމުންވެސް އެކަން އިނގެންޖެހޭނެއެވެ. “ނައިކު ކިހިނެތްވެފަ ތިއިނީ.. އަނެއްކާ މަގޭ ކޮއްކޮއަށް ހިތްކީތަ؟” ސަމާސާވެރި ރާގެއްގައި ޝަމީމް ބުންޏެވެ. ނައިޒަކް އެއިންގޮތަށް އިނދެ ޝަމީމް އަށް އޭނާގެ ފޯނު ދިއްކޮށްލިއެވެ. ޙައިރާންކަން އެކުލެވިފައިވި ނަޒަރަކުން ނައިޒަކްއަށް ބަލައިލަމުން ޝަމީމް އެ ފޯނުގައި ހިފިއެވެ. އަދި ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ޝަމީމްއަށްވެސް ވީ ހަމަ ނައިޒަކްއަށް ވީ ވަރެވެ. ވީ ދެރައިން ފޯނު ދުރަށް އެއްލައިނުލެވުނީވެސް ކިރިޔާއެވެ. ޝަމީމް ކުރިން ހީކުރީ ޝިމާޔާ އެކަހަލަ ފޮޓޯ ޚިއްސާ ނުކުރާނެ ކަމަށެވެ. ނަމަވެސް ނިކަން ބަލައިލަބަލާށެވެ. ފޮޓޯތައް އަޕްލޯޑް ކުރުމަށްފަހު އެހުރީ އެ ފޮޓޯތަކަށް މަލާމާތް ކޮށްފައެވެ. ޝަމީމް އެނދުމަތީގައި ފޯނު ބާއްވައިފައި ސޯފާއިން ތެދުވިއެވެ. “ޝައްމު އޭތް.. ޝައްމު؟” ޝަމީމް ކުއްލިއަކަށް އެހުރިގޮތަށް ހުރެ ތިރިވުމުން ނައިޒަކް އަށް ފުންމައިގެން ތެދުވެވުނެވެ. “މަ ހިއެއްވެސް ނުކުރަން ޝިމް އެހާ ގޯސް ވާނެކަމަކަށް. އަހަރެންނަށް އެންމެން ކުރާ ޤަދަރާއި އިތުބާރުވެސް ޝިމްގެ ސަބަބުން ގެއްލޭނެ. ބުނާނެ ކަލެއަކަށް އޭނާ ތަރުބިއްޔަތެއް ނުކުރެވުނެއްނުންހޭ. ކަލޭ ތީ ކޮންކަހަލަ މީހެއްހެއްޔޭ. ނައިކު އަހަރެން ކިހިނެތްތަ ހަދަންވީ؟ އަހަރެން ލަދުގަނޭ ޝިމް އެއުޅޭ ގޮތުން.” ކުއްލިއަކަށް ޝަމީމް ރުޅިގަދަވާން ފެށިއެވެ. “ޝައްމު ޕްލީޒް. އަދި ތިކަހަލަ އެއްޗެހި ކިޔާކަށް ނުވެއެއްނު. ޝައްމު ގެއަށް ގޮއްސަ ރަނގަޅަށް ޝިމާޔާ އާ ވާހަކަ ދައްކާ. ޝައްމު ރަނގަޅަށް ޝިމާޔާ ބަލަހައްޓާ. އަބަދު އޭނަގެ ނުލަފާ އެކުވެރިންނާއެކު ބޭރަށް ދިޔަނުދީ.” ނައިޒަކް ޝަމީމްގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. ނަމަވެސް އެ ވާހަކަތަކުން ޝަމީމްއަށް އެއްވެސް ހިތްވަރެއް ނުލިބުނެވެ. އެއަށްވުރެ މާބޮޑަށް ޝަމީމް ވަނީ ލަދުގަނެ ދެރަވެފައެވެ.

ޝަމީމް އެދުވަހު ގެއަށް ދިޔައީ ނައިޒަކް އާއި އެއްކޮށް މަޣްރިބް ނަމާދުކޮށްގެންނެވެ. ޝަމީމް ގެއަށް ދިޔައިރު ޝިމާޔާ އިނީ ޓީވީ ހުޅުވައިގެން ފޯނާއި ކުޅޭށެވެ. ޝިމާޔާ އިން ގޮތުން ޝަމީމް އިނީ ޝިމާޔާއާއި ދިމާލަށް ބަލައިލަންވެސް ނުކެރިފައެވެ. ފެހި ކުލައިގެ ކުރުކުރު ސޯޓްކޮޅަކާއި ގަޔަށް ބާރު ހުދުކުލައިގެ ޓީޝާޓެއް ލައިގެން ޝިމާޔާ އިނެވެ. “ޝިމް. ނަމާދުކުރާކަށް ނޫޅެންތަ؟” ޝަމީމް ވަރަށް ހިތްވަރުކޮށްފައި ޝިމާޔާ ގާތު ސޯފާގައި އިށީންނަމުން ސުވާލުކުރިއެވެ. އެއާއިއެކު ޝިމާޔާ ކަޅި މައްޗަށް ހިންގައިލި ތަން ޝަމީމްއަށް ވަރަށް ރީތިކޮށް ފެނުނެވެ. “ވަރަށް ނިދިއައިއްސަ މީނީ. ނިދާލަން ދާން ވެއްޖެ.” ޝިމާޔާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ނަމަވެސް ޝިމާޔާ ސޯފާއިން ތެދުވި ތަނުން ޝަމީމް ޝިމާޔާގެ އަތުގައި ހިފެހެއްޓިއެވެ. “ނަމާދުކޮށްގެން ކުރާ ކަމެއް ކުރަންވާނީ.” ޝަމީމް މަޑުމައިތިރިކަމާއިއެކު ބުންޏެވެ. އެހެން ބުނެ ޝަމީމް އޭނާގެ އަތް ދޫކޮށްލިއެވެ. ހަމަ އެއާއިއެކު ޝިމާޔާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެެވެ. ޝަމީމް އަށް ޖެހުނީ ކަރުއެރުވައިލައިގެން އިންނާށެވެ. ކޮއްކޮއަށް ވިސްނައިދޭން އޭނާ ކުރަންވީ ކޮން ކަމެއްހެއްޔެވެ؟ މައިންބަފައިން ނިޔާވުމުން ޝަމީމް ވަރަށް ރަނގަޅަށް ޝިމާޔާ ގެންގުޅުނެވެ. ނަމަވެސް ޝަމީމް ބޭރަށް ކިޔަވަން ދާން ޖެހުމުން އޭނާއަށް ޖެހުނީ ޝިމާޔާ އޭނާގެ ރަހުމަތްތެރިއަކާއި ޙަވާލުކުރާށެވެ. އެގޮތުން ޝަމީމް ޝިމާޔާ ގޮވައިގެން މާލެއާއި ކައިރި ރަށަކަށް ގޮސް އޭނާގެ ރަހުމަތްތެރިޔާ ގާތުގައި ބެހެއްޓިއެވެ. ޝިމާޔާ ވަރަށް ރަނގަޅަށް ބަލަން ބުނެ ޝަމީމް މާލެ އައިސް އޭގެ އަނެއްދުވަހު ބޭރަށް ދާން ފުރިއެވެ. ނަމަވެސް އޭނާ އައިފަހުން މި ފެނުނީ އެހެން މަންޒަރެކެވެ. ޝިމާޔާ މާލެ އައިއިރު ޝިމާޔާއަށް ހުރީ ވާނެކަމެއްވެ ނިމިފައެވެ. ޝަމީމް މިފަދަ ޚިޔާލުތަކެއްގައި އިންދައި ޒައިން އައިސް ޝަމީމް ގާތުގައި އިށީނެވެ.
“ޒައިން.. ކިހިނެތްވީ؟” ޝަމީމް އިސްއުފުލައިލާ ޒައިންއަށް ބަލައިލަމުން ބުންޏެވެ. “ކަމެއްނުވޭ. ވާހަކައެއް ބުނަންވެގެން މިއައީ.” ޒައިންގެ މޫނުމަތިން ނުތަނަވަސްކަމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. “ކޮން ވާހަކައެއް؟” ޒައިންގެ މޫނަށް ފުންކޮށް ބަލައިލަމުން ޝަމީމް އެހިއެވެ. ޒައިން ވަރަށް ހިތްވަރުކޮށްފައި އޭނާ ދައްކަން އުޅުނު ވާހަކަ ފެށިއެވެ. “އަހަރެންވެސް ޝިމް ދެކެނީ މަގޭ ކޮއްކޮއެއް ގޮތަށް. އެކަމު އޭނާ މާ ތަފާތު. ދެންމެ އަހަރެން މިތާ ޓީވީ ބަލަން އިންދައި އެ އައީ. އައިސް މަގޭ ކައިރީގަ އަދި އިށީނީވެސް. އޭނާ ހުރި ގޮތުން މަ ލަދުން އަވަހަށް ކޮޓަރިއަށް ވަނީ. އޭނާ ކޮޓަރިއަށް ދިޔަކަން އިނގުނީމަ އަހަރެން މި ނުކުތީވެސް.” އަނެއްކާވެސް ޝަމީމްއަށް އަޑުއިވިގެން ދިޔައީ އޭނާ އަޑުއަހަން ބޭނުންވި ވާހަކައެއް ނޫނެވެ. ޒައިން އެ ވާހަކަތައް ކިޔައިދިންއިރު ޝަމީމްގެ އަތް ވަނީ މުއްކެވިފައެވެ. ޝިމާޔާ އެހާ ލަދުކުޑަވެދާނެކަމަކަށް ޝަމީމް ހިޔެއްނުކުރެއެވެ. ކޮންމެއަކަސް އެރޭގެ ޢިޝާ ނަމާދަށް ބަންގި ގޮވީ އެމީހުން އެގޮތުގައި ތިއްބައެވެ.

“ތޯޓް މެރެ ޗޫ ކޭ ނިކްލާ.. ބަދަން ޕޭ ތޭރޭ ފިސްލާ.. ލަފްޒް މެރެ ހޯނޓް ސެ ޗޫލޭ.. މޭ ތޮ ތުޖެ ދޭކް ކެ ޕިގްލާ.. އަގަން މޭ ޖަލީ ހެ ޖަލީ ހެ ޖަލީ.. ކަމްސިން ކަލީ ހެ ކަލީ ހެ ކަލީ….” ސޯފާގައި ތިބި ތިން ބެއިން ސިހިގެން ދިޔައީ އާރިޝް ލަވަކިޔާ އަޑަށެވެ. މުނީޝާ ގޭގެ ގޯތިތެރެއަށް ނުކުތް އިރު އާރިޝް ބެލްކަނީގައި ހުރިތަން ފެނުނެވެ. ދެފަރާތަށް ބޯހޫރުވައިލައިފައި މުނީޝާ އަނެއްކާވެސް އައިސް ގެއަށް ވަނެވެ. “ތިއްތިބެ އެހުރީ ބެލްކަނީގަ.” ސޯފާގައި އިށީންނަމުން މުނީޝާ ބުންޏެވެ. “މިތާ ދޮންބޭބެ އިންނަމަ ވަރެއް އަރުވާލީސް އިނގެ.” ރިޝާނާ މަޖާވެލައިފައި ބުންޏެވެ. އުޝާވެސް އެ ސަކަރާތުގައި ބައިވެރިވިއެވެ. އެ މީހުން އެންމެ ބަލާހިތްވާ މަންޒަރަކީ އާރިޝް އާއި ނައިޒަކް ހިފާ މަންޒަރެވެ. އާރިޝް ކޮށްލާ ކުޑަކުޑަ ކަމަކުންވެސް ނައިޒަކް ރުޅިއަތުވެދާނެއެވެ. ތިންބެއިން އެކަހަލަ ވާހަކަތަކެއްގައި ތިއްބައި ނައިޒަކް ކޮޓަރިން ނުކުތެވެ. ހަމަ އެއާއިއެއްކޮށް ތިން ބެއިންވެސް އަވަހަށް މަޢުޟޫއު އޮޅުވައިލިއެވެ. އަދި އެމީހުންގެ މުސްތަޤްބަލާއި ބެހޭގޮތުން ވާހަކަދައްކަން ފެށިއެވެ. ނައިޒަކްވެސް އައިސް އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ. ނައިޒަކް އައިސް އެތާ އިށީންސުރެ ރިޝާނާ އަށް ދިޔައީ ހެވެމުންނެވެ. އެއްވެެސް އަޑެއް ނުލައްވައި ސިއްރު ސިއްރުން ރިޝާނާ ހެވަމުން ދިޔައިރު އެކަން ނައިޒަކް އަށް ރޭކާނުލައެވެ.

“ދަރިފުޅުމެން ހާދަ ސީރިއަސްވެލާފަ އަނެއްކާ ކޮން ވާހަކައެއް ތި ދައްކަނީ؟” އަސްމާ އައިސް އެތަނުން ސޯފާއެއްގައި އިށީންނަމުން އެހިއެވެ. “ދެން ހަމަ ފޫހިފިލުވާލަން ވާހަކަ ދައްކާލަނީ. މި ގަޑީގަ ނެތްވިއްޔަ ކުރާނެކަމެއް.” އުޝާ ބުންޏެވެ. “ކޮބާތަ އާރިޝް؟” އަސްމާ ފަރާތް ފަރާތް ބަލަމުން އެހިއެވެ. މުނީޝާ ޖަވާބުދޭން އަނގަ ހުޅުވައިލިތަނާ އާރިޝްގެ އަޑުއިވުނެވެ. “މިހުރީ..” އާރިޝް ސިޑިން ފައިބަމުން ބުންޏެވެ. ސިޑިން ފައިބައިގެން އައިސް ނައިޒަކް ގާތުގައި ސޯފާގައި އާރިޝް އިށީނެވެ. “ކޮބާ ނެތްތަ ކަމެއް؟” އާރިޝް ނައިޒަކްގެ ފައި ފަލަމަސްގަނޑުގައި ޖަހައިލަމުން އަހައިލިއެވެ. “ނޫނޭ.. ކަންތައްތައް ހުންނާނެއެއްނު. ހިނގަ ކެރަމްބޯޑް ކުޅެން.” ނައިޒަކްގެ ޚިޔާލަށް އެންމެންވެސް ތާއީދު ކުރިއެވެ. ނައިޒަކް ތެދުވެ ކެރެމްބޯޑު ހިފައިގެން އައިސް މުށިތަކުމަތީގައި އިށީނެވެ. “އަހަންނާ ތިއްތިބެއާ އެއް ޓީމް. ތުއްތަ އާ އުޝްކޮ އާ އެއްޓީމް. މަންމަމެން އާދޭ ބަލަން.” އެންމެންވެސް އައިސް މުށިތަކުމަތީގައި އިށީނެވެ. ނައިޒަކްއާއި އާރިޝް އެކަކު އަނެކަކަށް ކުރިމަތިވާނެހެން ތިއްބެވެ. މުނީޝާ އާއި އުޝާ ވެސް އެކަކު އަނެކަކަށް ކުރިމަތިވާނެހެން ތިއްބެވެ. “އެބައަންނަން ފޮތިތައް ހިފައިގެން.” އާރިޝް އެހެން ބުނެ ކެރަމް ފޮތި އަޅައިފައި ހުރި ދަޅެއް ހިފައިގެން އައެވެ. ކޮންމެއަކަސް ގޭމު ފެށިއްޖެއެވެ. އަސްމާ ނައިޒަކްމެނަށް ސަޕޯޓް ކުރަމުން ދިޔައިރު ރިޝާނާ ދިޔައީ މުނީޝާ މެނަށް ސަޕޯޓް ކުރަމުންނެވެ. ނައިޒަކްއަށް ހުދު ކުލައިގެ ފޮއްޗެއް ވައްޓައިލެވުމުން އުޝާ އާއި މުނީޝާ އެއްފަހަރާ ނައިޒަކްގެ ކޮނޑުގައި ޖެހިއެވެ. ނައިޒަކް އެއަކަށް ފަރުވާލެއް ނުބަހައްޓާ ކުޅެވޭތޯ ބެލިއެވެ. ކުޅެމުން ކުޅެމުން ގޮސް މުނީޝާ އަށް ރަތް ފޮތި ވައްޓައިލެވިއްޖެއެވެ. “އަޅެ.. އެ ޖެހުނީ ހުދު ފޮއްޗެއް ވައްޓަން.” ނުތަނަވަސްވެފައި އިނދެ މުނީޝާ ބުންޏެވެ. ކޮންމެއަކަސް ބާގަނޑާއި އެންމެ ކައިރީގައި އޮތް ހުދު ފޮއްޗާއި ދިމާލަށް ބޮޑު ފޮތި އަމާޒުކޮށްލިއެވެ. “ހަހަހަ..” ނައިޒަކްއާއި އާރިޝް އެއްފަހަރާ ހެވައިގަތެވެ. މުނީޝާ ބޮޑު ފޮތި ދޫކޮށްލި ގޮތަށް ހުދު ފޮތީގައި ކިރިޔާ ޖެހިލައިފައި އެ ބޮޑު ފޮތި އެ ބާގަނޑު ތެރެއަށް ވެއްޓިގެން ދިޔައީއެވެ. މުނީޝާއަށް ޖެހުނީ އެރަތް ފޮއްޗާއެކު އިތުރު ހުދު ފޮއްޗެއްވެސް އެ ބޯޑުގައި ބާއްވާށެވެ. މުނީޝާ ތުން އޫކޮށްގެން އިންގޮތުން އެމީހުންނަށް އިތުރަށް ހެވުން ނޫންކަމެއް ނުވިއެވެ. ކޮންމެއަކަސް އެ ގޭމް ކުޅެ ނިމުނީ ނައިޒަކްމެން މޮޅުވެ މުނީޝާމެން ބަލިވެގެންނެވެ. އާރިޝްމެން ކޮޓަރިއަށް ދިޔައީ އެމީހުންނަށް މޮޅުވެވުނީމާ އެކަމާ ފޮނިކަނޑަމުންނެވެ. އެއާއި ޚިލާފަށް މުނީޝާމެން ކޮޓަރިއަށް ދިޔައީ ތުންކޮޅު އޫކޮށްގެން ހުރެއެވެ.

-ނުނިމޭ-

56

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. awwwn me first thrr❤❤❤V v v rythi mi part vx…when next dhonthxx😘😘😘💕💕💕💕 <3

  ⚠Report!
  1. yes magnumm miadhu enme furathama au. Hehe. And thank you magnumm. Dhen oiy bai budha dhuvahu genesdheveythoa mi balanee. <3 <3 <3

   ⚠Report!
 2. vrh riithi vhk… haassa koh lava hunna thankolhu kolhu kiyaafa sifa vanii tiktok thah… hehe 😂 when next? waitingggxxxx🤗🤗

  ⚠Report!
  1. Ahhaha…. Aarish akee majaa mizaajegge meehakauvaathee lava kiyenee. Dhw. hehe. And thank you so much Rainstorm. Insha Allah budha dhuvahu dhen oiy bai genesdheveythoa balaanan inge. Keep waitingxx. Hehe 😉

   ⚠Report!
 3. Varah varah reethi mi part vx❤♥❤♥❤♥❤♥❤♥❤♥❤♥❤♥…. Waiting for next part… Ly

  ⚠Report!
  1. Thank you maii 🙂 🙂 Yes maii! Keep waiting inge. Love you too <3 <3 <3 <3 <3 <3

   ⚠Report!
 4. Varah❤❤❤varah💙💙💙reethi❤ maa sha Allah❤❤❤ waiting💙 for❤❤❤ the💙next❤❤❤part.💙💙💙💙❤❤

  ⚠Report!
  1. Thank you Yanaa 🙂 🙂 Keep waiting inge upload vaane v avahah. submit kollaafa innaanee mihaaru. <3 <3

   ⚠Report!

Leave a Reply

Your email address will not be published.