Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް (އަށްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
December 7, 2019 8 Mins Read
11 Comments

އޭގެ އަނެއްދުވަހެވެ. މުނީޝާމެން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައިރު އާރިޝް އިނީ ކާކޮޓަރީގައި އޭނާގެ ފޯނު ހިފައިގެންނެވެ. ނައިޒަކް ދިން ރަތްކުލައިގެ ހެޑްސެޓް ކަންފަތަށް ޖަހައިގެން އިންއިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް އާރިޝް އަށް ނޭނގޭކަހަލައެވެ. ކުއްލިއަކަށް ބިންމަތީގައި ފޮއްޓެއް ބެހެއްޓި އަޑަށް މުނީޝާ އަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އޭރު ޝިވާން ހުރީ ކާކޮޓަރި ދޮރުމަތީގައި އާރިޝް އަށް ބަލަހައްޓައިގެންނެވެ. މުނީޝާ ޝިވާން ގާތަށް އައުމުން ޝިވާން މުނީޝާ ގައިގައި ބައްދައިލިއެވެ. “މަންމަމެން ކިހިނެތްތަ؟” މަންމަމެން ރަނގަޅު ކަމަށް ބުނެ ޝިވާން އާރިޝް އާއި ދިމާލަށް ހިނގައިގަތެވެ. ޝިވާން އެއުޅެނީ އާރިޝް އަށް ކޮންމެވެސް ޖެއްސުމެއް ކޮށްލަންކަން އެވަގުތު މުނީޝާ އަށް އިނގުނެވެ. މުނީޝާ ޝިވާންގެ ފޮށި ހިފައިގެން އޭތި ކޮޓަރިއަށް ގެންދަން ހިނގައިގަތެވެ.

އާރިޝް އަށް ޝިވާން އޭނާގެ ގާތުގައި ހުރިކަމެއް ނޭނގެއެވެ. އެއަށްވުރެ ބޮޑަށް އާރިޝްގެ ދެލޯ ވަނީ ފޯނުގެ ސްކްރީނުގައި ތަތްކޮށްލެވިފައެވެ. ޝިވާން ބަލާކަށްނުުހުރެ އާރިޝްގެ ކަންފަތުން ހެޑްސެޓް ނައްޓައިލައި އޭނާގެ އަތުން ފޯނުވެސް އަތުލިއެވެ. އާރިޝް ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔަދިޔައިނުން ގޮނޑިން ނުވެއްޓުނީވެސް ކިރިޔާއެވެ. މޭމަތީ އަތްއަޅައިގެން ފުން ނޭވާތަކެއް ލަމުން ދިޔަ އާރިޝްއަށް ކުރިމަތީގައި ހުރި މީހާއަށް ބަލައިލެވުުނެވެ. އޭރު ލިބުނު އުފަލަކުން އާރިޝްއަށް އޭނާގެ ދެލޯ ބޮޑުކޮށްލަމުން ތަދުވެވެން އުޅުނެވެ. ނަމަވެސް ޝިވާން އަތުގައި އޭނާގެ ފޯނު އޮތުމުން އާރިޝް ގޮނޑީގައި ލެނގިލިއެވެ. ފޯނު ދޭށޭ ބުނުމުގެ ބަދަލުގައި އާރިޝް ކިޔަން ފެށީ ލަވައެކެވެ. އޭނާގެ އުފާވެރި މޫނު ދެރަވެފައިވާ މޫނަކަށް ބަދަލުކޮށްލަމުންނެވެ. “މަގޭ ނަސީބު މީހޭ..؟ ލިބުން އުފާ ނެތްހޭ..؟” އެމަންޒަރު ފެނި އެންމެނަށްވެސް ހެވުނެވެ. ޝިވާން އަށް އާރިޝް އެ ކީ އެއްޗެއްގެ މާނަ ވަރަށް ރަނގަޅަށްވެސް އިނގުނެވެ. “އާރިޝް އަށް ދެން ފޯނަށްވުރެ ބޮޑު އުފަލެއް ނޯވޭދޯ.. އަނ. މިހާރު ތިއޮތީ ނަސީބު ލިބިފަ. އުފާވެސް ލިބިފަ.” އާރިޝް އާއި ދިމާކޮށްލަމުން ޝިވާން އާރިޝް އަތަށް ފޯނު ލަައިދިނެވެ. ޝިވާން އާއި ދިމާލަށް ލޯ އަަޅައިލުމަށްފަހު ފޯނަށް ސަމާލުކަން ދިނެވެ. ޝިވާން ހިނިގަނޑެއް ޖަހައިލުމަށްފަހު ބަދިގެއަށް ވަނެވެ. “މަންމާ.. ކިހިނެތް؟” އުނދުން ކައިރީގައި ހުރި އަސްމާ ގާތަށް ގޮސް ޝިވާން އެހިއެވެ. “މަންމަ ހަމަ ރަނގަޅު އިރާދަކުރެއްވިއްޔާ. ދަރިފުޅު ކިިހިނެތް؟” ޝިވާންގެ ބޮލުގައި ފިރުމައިލަމުން އަސްމާވެސް ސުވާލުކޮށްލިއެވެ. “އަޅުގަނޑުވެސް ހަމަ ރަނގަޅު އިރާދަކުރެއްވިއްޔާ.” ޝިވާން އެހެން ބުނެ ރިޝާނާ އާއި އުޝާ ގާތަށް ދިޔައެވެ. އުޝާ އާއި ރިޝާނާ ތިބީ ޝިވާން އަށް ފުރަގަސްދީގެން ކަމުން ޝިވާން ބޭނުންވީ އެދެބެން ސިއްސުވާލާށެވެ. “ޕޮއް.” އެވަގުތު ރިޝާނާ އާއި އުޝާ ސިއްސައިގެން ދިޔައެވެ. އަދި ސެމީހުންނަށް ފަސްއެނބުރި ބަލައިލެވުނީވެސް އެކުއެކީގައެވެ.

“ބަލާބަލަ ނުވެސް ބުނެޔޭ ޝިއްބެ އައިސް މިއުޅެނީ. ބުނޭ ކޮން އިރަކު އައީ؟” އުޝާ ޝިވާން އާއި ދިމާލަށް ލޯ އަޅައިލަމުން ސުވާލުކުރިއެވެ. “ނުބުނާނަން.” ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝިވާން ބުންޏެވެ. “ބުނޭ. އެހެންނޫނީ މީގެން ޖަހާނަން އިނގެ.” އުޝާ އޭނާގެ އަތުގައި އޮތް ހޫނު ދޭފަތް ދައްކަމުން ބުންޏެވެ. “ދެން ހަމަ އެވަރު ވާހަކައެއް ނުބުނެވިގެން ތީގެން ޖަހަންވޭތަ؟” ޝިވާން އުޅުނީ ކޮންމެކަހަލަ ބަހަނާއެއް ދައްކައިގެންވެެސް އެދެބެން ރުޅިއަރުވައިލާށެވެ. ރިޝާނާ ބަލާކަށް ނުހުރެ ޝިވާންގެ ގަމީހުގެ ގިރުވާނުގައި ހިފެހެއްޓިއެވެ. “ބުނޭ!” އަމުރުވެރި ރާގަކަށް ރިޝާނާ ބުންޏެވެ. ޝިވާން ރިޝާނާ ރުޅިއަރުވައިލުމުގެ ގޮތުން ދެލޯ ބޮޑުކޮށްލައި ރިޝާނާ އާއި ދިމާލަށް ބަލައިލިއެވެ. “ބިންމަތީ ލެއްވި ހޫރަކީ ބާއޭ.. ބިންމަތީ ލެއްވި ހޫރަކީ ބާއޭ..” ރިޝާނާ ގަތް ލަދުން ޝިވާންގެ ގަމީހުން އޭނާގެ އަތް ދޫކޮށްލިއެވެ. ރިޝާނާއަށް ވީގޮތް ފެނިފައި ޝިވާން އަށް ހުނުން ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. އަނގަ ތަންމިނަށް ހުޅުވައިގެން ހުރެ ޝިވާން ހެމުންދިޔައެވެ. ރިޝާނާ އައި ރުޅިން މޭޒުމަތީގައި ހުރި ފުށް ޕެކެޓުން ފުށްކޮޅެއް ނެގުމަށްފަހު ޝިވާންގެ ބޮލުގައި ހައިކައިލިއެވެ.

ޝިވާން އަށް ކުއްލިއަކަށް ހުނުން ހުއްޓައިލެވުނެވެ. އަދި އޭނާގެ ބޮލުގައި އަތް ހައިކައިލީ ކޮންމެވެސް އެެއްޗެއް ރިޝާނާ ހޭކިހެން ހީވެގެންނެވެ. ޝިވާން އަތަށް ބަލައިލިއިރު ހުރީ ކޮންމެވެސް ހުދު ކުލައިގެ އެއްޗެކެވެ. ރިޝާނާ ފުށް ހޭކީކަން އެނގުމުން ޝިވާން ރިޝާނާ އާއި ދިމާލަށް ލޯއަޅައިލިއެވެ. ރިޝާނާ އަވަހަށް އެތަނުން ދުއްްވައިފައި ދާން ނުކުތެވެ. އުޝާވެސް ޝިވާން އާއި ދިމާލަށް ވައްތަރެއް ޖައްސައިލައިފައި އެތަނުން ދާން ހިނގައިގަތެވެ. ޝިވާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މިމީހުންގެ މިހުންނަ ކުޑަކުދިންގެ ގޮތްގަނޑުވެސް ނުކެނޑޭތާއޭ ޝިވާންގެ ހިތަށް އެރިއެވެ. ޝިވާން އެ ހުރިގޮތަށްހުރެ އެތަނުން ނުކުންނަން ހިނގައިގަތެވެ.

ޝިވާން ކާކޮޓަރިން ނުކުންނަން ހިނގައިގަތް ވަގުތާއި ނައިޒަކް ކާކޮޓަރިއަށް ވަންނަން އައި ވަގުތާއި ވީ އެއްވަގުތަކަށެވެ. ދެމީހުން އެކަކު އަނެކަކު ގައިގައި ނުޖެހުނީ ކިރިޔާއެވެ. ނައިޒަކްއަށް ޝިވާންގެ އިސްތަށިގަނޑު ހުރި ގޮތް ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. “ސުބްޙާނައްﷲ.. ބޮލަށް ކޮން ވަރެއް އަރުވާފަ؟” ޝިވާންގެ ބޮލަށް އިޝާރާތް ކުރަމުން ނައިޒަކް އެހިއެވެ. “މީ ރިޝޫ މެން އަހަރެންގެ ބޮލުގަ ފުށް ހާކާފަ މިހުރީ.” ޝިވާންގެ ޖަވާބު އިވިފައި ނައިޒަކް އަށް ހީގަނެވުނެވެ. “ހަހަހަހަ.. ޝިއްބެ އައީމަ ރިޝޫ ދިން ހަދިޔާ ދޯ ތިއީ.” ހެމުން ހެމުން ނައިޒަކް ބުންޏެވެ. “އާނ.. ހަދިޔަލެއް ދޯ ދެން. ފާޑަކަށް.” ޝިވާން އެހެން ބުނެ އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.

އެދުވަހުގެ މެންދުރު ނަމާދަށްފަހު އެންމެންވެސް ތިބީ ކާކޮޓަރީގައި ކެއުމަށް އިންސާފްކުރާށެވެ. ކާމޭޒުމަތި ފުރިފައިވަނީ އެކިއެކި ކާ އެއްޗެހިތަކުންނެވެ. ބާސްމަތީ ބަތް ކައްކައިފައި ކުކުޅު ހަދައިފައި ހުއްޓެވެ. ސަޓަނިވެސް ހަދައިފައި ހުއްޓެވެ. އެންމެންވެސް ހިތްފުރެންދެން ކެއުމައިގެން ކުރިއަށްދިޔައެވެ. މެންދުރު އެންމެންވެސް ކައި ނިމުމުން ރިޝާނާ ތަށިތައް ނަގައި ދޮންނަން ފެއްޓިއެވެ. އުޝާ އުޅުނީ ކާމޭޒުމަތި ސާފުކުރުމުގައެވެ. މުނީޝާވެސް އެމީހުންނަށް އެހީވަމުން ދިޔައެވެ. ހުރިހާ ކަމެއް ކޮށް ނިންމައިލައިފައި އެންމެންވެސް ސިޓިންގް ރޫމް ސޯފާގައި އިށީނެވެ. މުނީޝާ އާއި ޝިވާން އެއް ސޯފާއެއްގައި އިންއިރު އަސްމާ އާއި ނައިޒަކް އަދި އުޝާ އިނީ އެއް ސޯފާއެއްގައެވެ. ރިޝާނާ އާއި އާރިޝް އެއް ސޯފާއެއްގައި އިނެވެ. “ރިޝޫ.. އެބައޮތް ސަރޕްރައިޒް އެއް.” ޝިވާން އެހެން ބުނެ އޭނާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ރިޝާނާ އިނީ ވާނުވާގައެވެ. އަދި މުނީޝާ އަށް ބަލައިލައި ދެބުމަ އަރުވައިލެވުނީ މުނީޝާ އަށް ޝިވާން އެބުނި އެއްޗެއް އިނގޭތޯ އަހާފަދަ ގޮތަކަށެވެ. މުނީޝާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވައިލިއެވެ. މިނެޓްތަކެއްގެ ތެރޭގައި ޝިވާން އައީ ރަތްކުލައިގެ ޕާރުސަލަކުން ފޮރުވައިލެވިފައިވާ ކުޑަފޮއްޓެއް ހިފައިގެންނެވެ. އޭގައި ހުދުކުލައިގެ ރިބަނެއް އައްސައި ރީތިގޮތަކަށް ޓައި އެއްޖަހައިލެވިފައިވެއެވެ. “ޓު މައި ލިޓްލް ސިސް.” ޝިވާން އެހެން ބުނެ ރިޝާނާ އަށް އެފޮށި ދިއްކޮށްލިއެވެ. ރިޝާނާ އެ ފޮށީގައި ހިފީ އުފަލުން އިނދެއެވެ. އެންމެންވެސް ހެވިފައި ރިޝާނާގެ ޙަރަކާތްތަކަށް ބަލަމުން ދިޔައެވެ.
ރިޝާނާ މަޑުމަޑުން އެ ޕާރުސަލް ކަނޑައިލިއެވެ. އެއާއިއެކު ފެނުނު އެއްޗަކުން ރިޝާނާގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ރިޝާނާ އަތުގައި މިހާރު އެއޮތީ ސެމްސަންގް ފޯނެއް ލައިފައި އޮތް ފޮއްޓެކެވެ. ރިޝާނާ އެ ފޮށި ވެސް ހުޅުވައިލިއެވެ. އޭގައި އޮތީ ސެމްސަންގްގެ އެންމެ ފަހުގެ ފޯނެކެވެ. “އަނ.. މިއޮތީ ކަވަރު. ދެން ތީގެ ތެރޭ އޮންނާނެ ޗާޖަރާ ހެޑްސެޓް. ދެން ޝިއްބެ ފަހުން ސިމް ނަގައިދޭނަން.” ޝިވާން އެހެން ބުނެ ފޯނުގެ ކަވަރު ރިޝާނާ އަތަށް ދިނެވެ. ޑިސްކޯރަތްކުލައަކުން ކަވަރު ފަވާލެވިފައިވާއިރު ކަވަރުގެ ވަށައިގެން ހުދު އެސްތަކެއް ޖަހައިފައި ހުއްޓެވެ. “އަޅެ. ރިޝޫ ހީވެސް ނުކުރަން. ތެންކިޔޫ ޝިއްބޭ.” ފޯނު މޭގައި ޖައްސައިލަމުން ރިޝާނާ ބުންޏެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަން ހުރީ އުފާވެރިކަމެވެ. އެންމެ މީހަކަށް އުފަލެއް ލިބުނަސް އެއީ މުޅި އެއާއިލާއަށްވެސް ލިބޭނެ އުފަލެކެވެ. ދުވަހަކުވެސް އެއްވެސް މީހެއްގެ އަތުގައި އެއްޗެއް މަދުވެގެން ޝަކުވާ ކޮށްފައެއް ނެތެވެ. “ތިއްތިބެއަށް ތި ފޯނު. ރިޝޫ އަށް ތިއްތިބެގެ ފޯނު.” ރިޝާނާ ރުޅި އަރުވައިލުމުގެ ނިޔަތުގައި އާރިޝް ބުންޏެވެ. ރިޝާނާ ވަގުތުން ރުޅި މޫނު ހަދައިލިއެވެ. އެންމެންވެސް ތިބީ މި މަންޒަރު ބަލަން ހެވިފައެވެ. “ދެން ތި ދީބަލަ.” ރިޝާނާގެ ފޯނަށް އިޝާރާތް ކުރަމުން އަނެއްކާވެސް އާރިޝް ބުންޏެވެ. ރިޝާނާ ވަގުތުން އެ ފޯނު އޭނާގެ ފުރަގަހަށް ލިއެވެ. “ދަހިނުކުރާށޭ ޖަވާބު ދީބަލާށެ ދެން ކަލާ ވަރަށް ދެރަވެއްޖޭ ހިނގާތީ ހީނުލާ.. ހީލާށޭ..ހީލާށޭ….. ހެހެހެ.. ތިއްތިބެ ސަމާސަ ކޮށްލީއޭ.. މި ރިޝޫވެސް އެއްޗެކޭ ބުނާއިރަށް ބޭބީވާނެ.” ރިޝާނާގެ އިސްތަށިގަނޑު ހާވާލަމުން އާރިޝް ބުންޏެވެ. “ދެން މި ތިއްތިބެވެސް ނިކަން މީހުން ރުޅިއަރުވާނެ.” އާރިޝްގެ އަތުގައި ޖަހައިލަމުން ރިޝާނާ ބުންޏެވެ. “ޕިސް. ތިއްތިބެ ސަމާސަ ކޮށްލީއޭ. އަދިވެސް ރުޅިއައިސްފަތަ؟” އާރިޝް ކުޑަކޮށް ގުދުވެ ރިޝާނާގެ މޫނަށް ބަލައިލަމުން އެހިއެވެ. ރިޝާނާ އޭނާގެ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. “ދޭތޯ ދޭތޯ ލޯބި އަލުން ޔާރާ.. މޭގާ ވޭތޯ ލޯބި އަލުން އާލާ.. އޯގާވާށޭ ނުރުހުން ދޫކުރޭ.. އޭރު ދިންހާ ލޯބި ދޭތޯ އާހުން ކުރާމީ.. އާދޭހެކޭ.. އޭ ސާހިބާ….. ހެހެހެ..” އާރިޝް ރިޝާނާގެ އަތުގައި ހިފައި އާދޭސް ކުރާކަމަށް ހެދެމުން ލަވައެއް ކިޔައިލިއެވެ. ރިޝާނާއަށްވެސް އިތުރަކަށް ރުޅި މޫނު ހަދައިގެނެއް ނީނދެވުނެވެ. ރިޝާނާ ހީލަމުން އޭނާގެ ލޯބިވާ ތިއްތިބެ ގައިގައި ބައްދައިލިއެވެ.

ހަވީރު ފިންޏަށް ހިނގައިލުމަށްޓަކައި ޝަމީމް ޒައިން އާއި އެކީގަ ބޭރަށް ނުކުތެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުން މާލޭ މަގުމަތީ ވަކި މިސްރާބެއް ނެތި ހިނގަމުން ދިޔައެވެ. އެގޮތަށް ހިނގަމުން ގޮސް ޒައިން މީހެއްގެ ގައިގައި ލައިގަތެވެ. “އައިމް ސޯ ސޮރީ.” ޒައިން މާފަށް އެދެމުން އެމީހެއްގެ ކޮނޑުގައި ހިފެހެއްޓިއެވެ. “އިޓްސް އޯ…” ނައިޒަކް އަށް ބުނެވުނީ އެހާވަރަށެވެ. ނައިޒަކް އަށް ހީވީ އޭނާގެ ބައްޕަ ކުރިމަތިން ފެނުނު ހެންނެވެ. ޒައިން އަށް ހީވީ އޭނާގެ އެންމެ ޒުވާން އުމުރުގެ ތަސްވީރެއް ކުރިމައްޗަށް ފާޅުވީހެންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބައި ޝަމީމް ކަރުކެހިލިއެވެ. “ނައިކޫ.. ކޮން ވަޑާމެއް.” ޝަމީމް ބުންޏެވެ. ނަމަވެސް ނައިޒަކް އަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނާއަށް އަދިވެސް ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ ސޫރައަށް ބަލަހައްޓައިގެންނެވެ. “ހޭ ނައިކޫ.. ދިސް އިޒް މައި ފްރެންޑް.. ޒައިން.” ޝަމީމް ނައިޒަކްއަށް ޒައިން ތަޢާރަފް ކޮށްދިނެވެ. ޒައިން ހިނިތުންވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ. “ޒައިން އަލީ ޒައިދް.” ނައިޒަކް މަޑުމަޑުން ޒައިންގެ އަތުގައި ހިފައިލިއެވެ. “ހުސެއިން ނައިޒަކް އަލީ ޒައިދް.” ނައިޒަކް ވެސް އޭނާގެ ފުރިހަމަ ނަން ބުންޏެވެ. އެ އަޑުގައި ހައިރާންކަން އެކުލެވިފައިވެއެވެ. ޝަމީމް އަށް އެދެމީހުންގެ ގުޅުވައިލެވިފައިވި އަތަށް ބަލައިލެވުނެވެ. ނައިޒަކްގެ ކަނާއަތުގެ ބޮޑުވައި އިނގިލި އެއްކަފި ވެފައި އިން އިރު ޒައިންގެ ކަނާއަތުގެ ބޮޑުވައި އިނގިލިވެސް އިނީ ހަމަ އެހެންނެވެ. ދެމީހުންގެ މޫނުމަތިންވެސް ވައްތަރުގޮތެއް ފެންނަން ހުއްޓެވެ.

ދެމީހުންވެސް ބުނާނެ އެއްޗެއް ނޭނގި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީއެވެ. އެމީހުން އެގޮތަށް ތިބިއިރު ވަށައިގެން ބަޔަކު އުޅޭ ކަމެއްވެސް ނޭނގެއެވެ. ޝަމީމްވެސް ބުނާނެ އެއްޗެއް ނޭނގިފައި އެދެމީހުންނަށް ބަލަހައްޓައިގެން ތިއްބެވެ. ކުއްލިއަކަށް އެމީހުންނަށް ހަމަހޭވެރިކަން ލިބުނީ އެމީހުނާއި ދާދި ކައިރިން ބާރު އަޑުފަށްގަނޑެއް އިވިގެންނެވެ. ޒައިން އާއި ނައިޒަކް އަށް އެއްފަހަރާ ފަހަތަށް ޖެހިލެވުނެވެ. ޝަމީމްވެސް ސިހިގެން އަޑު އައި ދިމާލަށް ބަލައިލިއެވެ. އޭރު ބިންމަތީގައި ބޮޑު ކަޅު ފޮއްޓެއް އޮތެވެ. ނައިޒަކް މަތި ބަލައިލިއިރު ކުރިމަތީ ހުރި އިމާރާތުގެ އެންމެ މަތީބައިގައި ހުރި މީހަކު ދެކަންފަތުގައި ހިފައިގެން ހުރީ އަހަންނަށް މަޢާފު ކުރާށޭ ބުނާފަދަ ގޮތަކަށެވެ. “ނަސީބެއްނު ތި ދެމީހުންނަށް ކަމެއް ނުވިކަން.” ޝަމީމް ޒައިން އަދި ނައިޒަކްގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ. “އޭ ޝައްމު.. މަ ދެން ދަނީ އިނގެ. ވަރަށް ބޮޑު ކަމަކު ނުކުމެ މިއުޅެނީ.” ނައިޒަކް އެހެން ބުނެ ޒައިން އަށް އަވަސް ނަޒަރެއް ދިނުމަށްފަހު ހިނގައިގަތެވެ. ލޮލުކޮޅަށް އޮބައިލަންދެން ޒައިން އަށްހުރެވުނީ ނައިޒަކް ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. “ކަލޯ ކަލެމެން ދެމީހުން ހާދަހާ ވަރެއް ތިއަރުވާލީ އެކަކު އަނެކަކު ފެނުނީމަ. އަނެއްކާ ދަންނަ މީހަކީތަ؟” ޝަމީމް ޒައިން އާއި ދިމާކޮށްލިއެވެ. ނަމަވެސް ޒައިން ހުރީ ކުރިންވެސް ހުރި ސީރިއަސްކަމުގައެވެ. “އާނ.. ހަމަ ހީވީ އަހަރެންގެ ވިހި އެކާވީސް އަހަރުގެ ފޮޓޮއެއް މަގޭ ކުރިމައްޗަށް ފާޅުވިހެން. ނަންވެސް ފާޑަކަށް އެއްގޮތް ދޯ އަހަރުން ދެމީހުންގެ…؟” އެއްދިމާލަކަށް ނަޒަރު ހުއްޓައިލައިގެން ހުރެ ޒައިން އެހިއެވެ. “މަޑުކޮށްބަލަ.. ދެމީހުންގެ ނަމުގެ ފަހަތަށް އެބައާދޭ ކޮންމެވެސް ޒައިދް އެއް. އެހެންމަ އޭގެ މާނައަކީ….” ޝަމީމް އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ޒައިން އަށް ބަލައިލެވުނެވެ. ޒައިންވެސް ދެލޯ ބޮޑުކޮށްލަމުން ޝަމީމްއަށް ބަލައިލިއެވެ. “އޭގެ މާނައަކީ އަހަންނާ ނައިޒަކް އަކީ… އުހުނ. އެހެނެއް ނުވާނެ. އިއްތިފާގަކަށް ވާނީ. އެހެންނޫނަސް ދެމީހެއްގެ ބައްޕައަކަށް އެއް ނަމެއްވެސް ކިޔާފާނެއްނު… ދެން ހިނގާބަލަ މިތާ ކައިރި ތާކަށް ޖައްސާލަން ދާން.” ޒައިން އިތުރަށް އެ މަޢުޟޫޢުއަށް ވާހަކަ ދައްކަން ބޭނުންނުވުމުން ބުންޏެވެ. ޝަމީމްވެސް އިތުރު އެއްޗެކޭ ނުބުނެ ޒައިން އާއި އެއްކޮށް ހިނގައިގަތެވެ.

“ޒެކް ކޮންތާކުން ތި އައީ؟” ސިޓިންގް ރޫމް ސޯފާގައި ޓީވީ ބަލަން އިން ޝިވާން އަށް ނައިޒަކް ގެއަށް ވަތްތަން ފެނުމުން އެހިއެވެ. “ފޫހިވާތީވެ މިއައީ ހިނގާލާފަ.” ނައިޒަކް ސޯފާގައި އިށީންނަމުން ބުންޏެވެ. އެ ވަގުތަކީ އަސްމާވެސް ކޮޓަރިން ނުކުތް ވަގުތެވެ. ސިޑިން ފައިބައި ނައިޒަކް ގާތުގައި ސޯފާގައި އަސްމާ އިށީނެވެ. އަސްމާ އާއި ޝިވާން ޓީވީ ބަލަން އިން އިރު ނައިޒަކް އަށް އިނދެވުނީ އެހެން ދިމާލަކަށް ނަޒަރު ހުއްޓައިލައިގެންނެވެ. އޭނާ އަށް ހަމަ ޒައިން އާއި މެދު ވިސްނެނީއެވެ. ޒައިން އާއި ޒައިދްގެ މޫނުމަތިން އެއްވެސް ތަފާތުކަމެއް ނައިޒަކް އަކަށް ފާހަގައެއް ނުކުރެވުނެވެ. ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ އެ ބޮޑު ދެލޮލެވެ. އެ ކަޅުކަންގަދަ ބުމައެވެ. އެ ދޮން އޮމާން މޫނެވެ. އެ ފަން އިސްތަށިގަނޑެވެ. މި ހުރިހާ ކަމަކީވެސް ޒައިންގެ ފަރާތުން ނައިޒަކް އަށް ފެނުނު ސިފަތަކެވެ. މި ސިފަތަކަކީ ޚުދު ނައިޒަކްގެ ކިބައިގައިވެސް ހުންނަ ސިފަތަކެކެވެ. ދެމީހެއްގެ ކިބައިގައި އެއްގޮތް ސިފަތަކެއް ހުންނަކަމަށް ވަންޏާ އެއީ ލޭގެ ގުޅުން ނުހިނގާ ދެމީހުންކަމުގައި ނުވެއެއްނުދާނެއެވެ. ފަހަރުގައި އިއްތިފާގުންވެސް ދެމީހެއްގެ ކިބައިގައި އެއްގޮތް ސިފަތަކެއްވެސް ހުރެދާނެއެވެ. ކޮންމެއަކަސް މިކަހަލަ ޚިޔާލުތަކެއްގައި އިންދައި ނައިޒަކްގެ އެސްފިޔަތަކަށް ބަރުވާގޮތްވާން ފެށިއެވެ. މާ ބޮޑަށް ތާއްޔާ ޖެހެން ފެށުމުން ނައިޒަކް ގަސްދުކުރީ ނިދައިލަން ދިއުމަށެވެ. އަސްމާ އާއި ޝިވާން އަށް އަވަސް ނަޒަރެއް ދީފައި ނައިޒަކް ސޯފާއިން ތެދުވެ އޭނާގެ ކޮޓަރިއާއި ހަމައަށް ދާން ހިނގައިގަތެވެ.

ފުން ނިންޖަކުން ނިދިފައި އޮތް ނައިޒަކް އަށް ތެދުވެވުނީ ލުއްކެއް ޖަހައިފައެވެ. ހީވީ ތޫނު އެއްޗެއް ނައިޒަކްގެ ގަޔަށް ހެރުނު ހެންނެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީއެވެ. ނައިޒަކް ހުރީ ހައިރާންވެފައެވެ. މިހާ ގިނައިރު ވާންދެން އޭނާއަށް ނިދިއްޖެހެއްޔެވެ؟ ނަމާދުނުކުރެވޭ ހަނދާން ވުމުން ނައިޒަކް ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނުކުރެވުނު ދެނަމާދު ޤަޟާކުރިއެވެ. ނައިޒަކް ބޭނުންވީ ދަންވަރުގެ މި ހަމަހިމޭންވަގުތު އޭނާގެ ހިތަށް ހަމަޖެހުމެއް ލިއްބައިދޭށެވެ. އެހެންކަމުން ކޮޓަރީގައި އިން ބެލްކަނީދޮރު ހުޅުވައިލައިފައި ނައިޒަކް ބެލްކަންޏަށް ނުކުތެވެ. އެހާ ބޮޑު ނޫނަސް ފުދޭވަރެއްގެ ބެލްކަންޏެކެވެ. ހަތަރު މީހުންނަށް އެއްފަހަރާ އެ ބެލްކަނީގައި ހުރެވޭނެއެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިލަމުން ނައިޒަކް ތިރިއަށް ނަޒަރު ހުއްޓައިލިއެވެ. ބޮޑު ބަގީޗާ ހާމައަށް ފެންނަން އޮތް އިރު ނައިޒަކްގެ ހަނދާންތައް ދަތުރުކުރީ މީގެ 17 އަހަރު ކުރިއަށެވެ.

***************

ތުއްތު ނައިޒަކް އޭނާގެ ތިއްތިބެއާއި، ތުއްތަ އާއި އަދި އުޝްކޮ އާއެއްކޮށް ބަގީޗާ ތެރޭ ކުޅެން އުޅުނެވެ. އެ ކުދިންތައް ބަގީޗާގައި ހައްދައިފައި ހުރި މާގަސްތަކުތެރޭ ދުވަމުން ދިޔައިރު މާތަކުގެ ތެރޭ ކޮކާ އުދުހޭހެން ހީވެއެވެ. އާރިޝް އުޅުނީ އުޝާގެ ފަސްފަހަތުންނެވެ. އުޝާއަށް ދެއަހަރު ކަމުން އުޝާއަށް ރަނގަޅަކަށް ނުދުވެވެއެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ދުވެއެވެ. ފަނަރަ އަހަރުގެ އާރިޝް އުޝާގެ ފަހަތުން އުޅުނީ އުޝާ ވެއްޓިދާނެތީވެއެވެ. ކުދި ގާކޮޅުތައް ބަގީޗާތެރޭ ހުރިއިރު އެއިން ގާކޮޅަކަށް އަރައި އުޝާ ވެއްޓިދާނެތީ އާރިޝް އަބަދުވެސް ކަންބޮޑުވެއެވެ. ދިހަ އަހަރުގެ މުނީޝާ ހަތަރު އަހަރުގެ ނައިޒަކް ގޮވައިގެން ބަގީޗާތެރޭ ދުވެދުވެފައި އުޅެއެވެ. މުޅި ބަގީޗާތެރެ ފަޅުފިލުވައިލައިފައިވަނީ އެކުދިންގެ ހުނުމުގެ އަޑުންނެވެ. އެކުދިން އެގޮތުގައި ކުޅެން އުޅެނިކޮށް ޒައިދް އޭނާގެ ފޮށި ހިފައިގެން ގެއިން ނުކުތެވެ. ޒައިދްގެ ފަހަތުން ތިން މަހުގެ ތުއްތު ރިޝާނާ އުރައިލައިގެން އަސްމާ ނުކުތެވެ. ޒައިދް ދާން އުޅެނީކަން އެނގުންވުމުން ހަތަރު ކުދިންވެސް އެކުއެކީ ޒައިދް ގާތަށް އައެވެ. “ދަރިފުޅުމެން މަންމަ ބަސްއަހައިގެން އުޅެއްޗޭ އިނގެ. ބައްޕަ އަންނާނަން ވަރަށް އަވަހަށް. ދަރިފުޅުމެންނަށް ހަދިޔާ ހިފައިގެން ބައްޕަ އިރާދަކުރެއްވިއްޔާ މާލެ އަންނާނީ.” އާރިޝް އާއި މުނީޝާގެ ގައިގައި ބައްދައިލަމުން ޒައިދް ކުރުފައިމައްޗަށް ތިރިވެ ނައިޒަކް އާއި އުޝާ ގައިގައި ބައްދައިލިއެވެ. ނައިޒަކް އުރައިލައިފައި ނައިޒަކްގެ އޮމާން ކޯތާފަތުގައި ޒައިދް ބޮސް ދިނެވެ. އަދި އުޝާ އުރައިލައި އުޝާ އާއި ލޯބިކޮށްލިއެވެ. އުޝާ ތިރީގައި ބެހެއްޓުމަށްފަހު ޒައިދް އެންމެ ފަހުން ރިޝާނާ އުރައިލިއެވެ. “ބައްޕަ ދޫނީ.. ބައްޕަ އަންނާނަން އިނގެ ވަރަށް އަވަހަށް. ބައްޕަ އަންނައިރު ބައްޕަގެ ރިޝޫ ހުންނާނީ ބޮޑުވެފަ ދޯ.” ރިޝާނާގެ މަޑުމަޑު ކޯތާފަތުގައި ބޮސްދެމުން ރިޝާނާ އަސްމާގެ އަތަށް ލައިދިނުމަށްފަހު ޒައިދް އަސްމާއަށް ބަލައިލިއެވެ. “މިކުދިން ރަނގަޅަށް ބަލައްޗޭ.. އިރާދަކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް އަންނާނަން.” އެވަގުތު އަސްމާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. “އިންޝާ ﷲ.” އެ ހިނިތުންވުމުގައި ހުރެ އަސްމާ ބުންޏެވެ. ޒައިދް ފޮށި ހިފައިގެން ގޭގެ ގޭޓާއި ހަމައަށް ގޮއްސައި އަދި އެއްފަހަރު ފަސްއެނބުރި ބަލައިލިއެވެ. “ބާއި.” އެންމެންނަށް ހަނާއަޅައިލުމަށްފަހު ޒައިދް ގޭޓުން ނުކުމެ އޭނާގެ ކާރަށް އެރިއެވެ.

*************

އިސާހިތަކު ނައިޒަކްގެ ދެލޯ ފެންކަޅިވާން ފެށިއެވެ. ބައްޕަ ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެ މުޅި އުމުރަށް އެމީހުން ދޫކޮށްފައި ބައްޕަ އެ ދިޔައީއެވެ. ދެން ބައްޕަ އަނބުރާ އައުމެއް ނެތެވެ. ބައްޕަ މިހާރު ވާނީ އެހެން ދުނިޔެއެއްގައެވެ. އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު ނައިޒަކް އަނބުރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ބެލްކަނި ދޮރު ލައްޕައިލައިފައި އައިސް އެނދުގައި އޮށޯވެލިއެވެ. ފޯނު ހުޅުވައިލައިފައި ނައިޒަކް ފޭސްބުކަށް ވަދެލިއެވެ. ޒަމާންތަކަކަށްފަހު ނައިޒަކް އަށް ފޭސްބުކަށް ވަދެވިއްޖެއެވެ. ކިތަންމެ ބައިވަރު ފްރެންޑް ރިކުއެސްޓާއި ނޮޓިފިކޭޝަން ލިބިފައި ހުއްޓަސް ނައިޒަކް އެއަކަށް ފަރުވާލެއް ނުބަހައްޓައެވެ. ކުޑަތަންކޮޅަކަށް ސްކްރޯލް ކޮށްލެވުމުންވެސް ނައިޒަކް ފޫހިވާން ފެށިއެވެ. ފޭސްބުކަށް ވަދެވިއްޖެއްޔާ ނައިޒަކްގެ ޙާލަކީ އެއީއެވެ. އެހާވެސް ނައިޒަކް އެ އެޕްލިކޭޝަން އަށް ނަފްރަތު ކުރެއެވެ. ނައިޒަކް އެންމެ ފަހުން ފޭސްބުކް އިން ނުކުމެ އޭނާގެ ފޯނުގައި އިން އެންމެ ވަރުގަދަ ގޭމް އަޅުވައިލިއެވެ. އޭލިއެން ޝޫޓަރ ނަމަކަށް ކިޔާ އެ ގޭމް ހުޅުވައިލުމަށްފަހު ނައިޒަކް އެ ކުޅެން ފެށިއެވެ. ލެވެލް ތައް މަތިވާވަރަކަށް ނައިޒަކްގެ ހިތުގެ ތެޅުން އަވަސްވެގެން ދެއެވެ. އެހާވެސް ބޮޑަށް ނައިޒަކް އަށް އިނީ އެ ގޭމުގެ ތެރެއަށް ވަދެވިފައެވެ. ކުއްލިއަކަށް އައި ހިލައެއްގައި ޑްރޯން ޖެހުމުން ގޭމް އެއްކޮށް އޯވާ ވިއެވެ. “އޯ ނޯ.. ދެން މި ހިލަތަކަށްވެސް މަޑުން ނޫނިއްޔަކާ ނާދެވޭނެ.” ނައިޒަކް އައި ރުޅިން ފޯނު ލޮކްކޮށްލައިފައި ހެޑްބޯޑު މަތީގައި އޭނާގެ ފޯނު ބޭއްވިއެވެ. ފުން ޚިޔާލެއްގެ ތެރެއަށް ނައިޒަކް ގެއްލެން އުޅެނިކޮށް އިވުނު ބާރު އަޑުފަށްގަނޑަކުން ނައިޒަކް ސިއްސައިގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

އެނދުމަތި

Next

އެދުވަސް އަނބުރާ އަންނާނެނަމަ

Next
December 7, 2019

އެދުވަސް އަނބުރާ އަންނާނެނަމަ

Previews
December 7, 2019

އެނދުމަތި

11 Comments!

  1. Maisha maii says:
    December 7, 2019 at 4:49 am

    Wow❤❤❤ varah reethi mi part vx❤❤❤ curiously waiting for next part❤❤❤ when next???❤❤❤ ly dhonthy

    1. Dhonthy says:
      December 8, 2019 at 7:13 am

      Thank you Maii. mihaaru upload vefa innaanee nuva vana bai. Love you too <3 <3 <3 <3 <3 <3

  2. Dhonthy says:
    December 7, 2019 at 12:34 pm

    Salaam! 🙂 miothee auvana episode upload vefa. unmeedhukuran hurihaa kiyuntherinnauves kamudhaanekamau. Dhn cover photo ga eyndha MATT LE BLANC(Joey) eiy zain. Dhn ehen hurihaa enmen ingeyne kamau mi balannee. Furathama episode gaves kiyaadheefa innaane. Enjoy reading and Leave a comment. Hurihaa comment ehves ufalaa ekeega balaigannaanan. Love you all <3 <3 <3 <3 <3

  3. Kylie says:
    December 7, 2019 at 1:01 pm

    Maasha allah V reethi mi part vx…….. Waiting fr nxt part….. LYSM sis…..

    1. Dhonthy says:
      December 8, 2019 at 7:14 am

      Thank you Kylie 🙂 mihaaru upload vefa inge innaanee. Love you too dear

  4. magnumm says:
    December 7, 2019 at 1:02 pm

    Hello donti???????????waiting fr da next ngeyyy???????????????lysm

    1. Dhonthy says:
      December 8, 2019 at 5:14 pm

      Hello magnumm. Maa fahun comment mi fenunee. hehe. Love you too magnumm <3 <3 <3

  5. Izabell says:
    December 7, 2019 at 3:07 pm

    Mi part vx varah reethi, Masha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤varah interesting story eh mee,
    Keep it up ?? Nd when is next part

    1. Dhonthy says:
      December 8, 2019 at 7:15 am

      Thank you so much Izabell. 🙂 V ufaavejje. 🙂 Nuva vana bai upload vefa innaanee mihaaru inge. avahah kiyaalaa

  6. Meekkomee says:
    December 7, 2019 at 7:09 pm

    Dhonthyyyy…….. Mi part ves varah varah reethi ingyyy……whn is next part………waiting 4 it…….luv yeahhhh…. Varah miss ingyyyy……:( ahvahah up kohla dhyythi ingyyyy 😉

    1. Dhonthy says:
      December 8, 2019 at 7:16 am

      Thank you Meekkomee <3 <3 Nuva vana bai upload vefa innaanee mihaaru, Avahah kiyaalaa inge 🙂 😉 Yeah I miss you too dear <3 <3

Comments are closed.

Next Episodeމަޢާފް (ނުވަވަނަ ބައި)←


All Right Reserved!