މަޢާފް (ފަސްވަނަ ބައި)

- by - 32- November 25, 2019

ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު އޮފީހަށް ދާން ތައްޔާރުވުމަށްޓަކައި ޒައިން ކޮޓަރިއަށްވަނެވެ. ވިލުނޫކުލައިގެ އަތްދިގު ގަމީހަކާއިއެއްކޮށް އެންމެ ޒަމާނީ ކަޅު ފަޓްލޫނުގައި ބެގީ ޖަހައިލައިގެން ހުރިއިރު ޒައިދްއާއި އެއްވެސް ތަފާތެއް ނެތެވެ. އުމުރުން އެންމެ ތިރީސް ހަތަރު އަހަރަކަސް ޒައިން ހުންނަގޮތުން ފެންނަ މީހަކަށް ހީކުރެވޭނީ ޒައިންއަކީ ވިހި ތިރީސްއަހަރުގެ ޒުވާނެއްހެނެވެ. މިއަދުވެސް ގިނަބަޔަކު ޒައިން އަކީ ތިރީސްހަތަރު އަހަރުގެ ޒުވާނެކޭ ބުނުމުން ޤަބޫލެއް ނުކުރެއެވެ. ހަމީދާއަކީ ޒައިންގެ މަންމަ ކަމަށްވެސް ގިނަބަޔަކު ޤަބޫލެއްނުކުރެއެވެ. ޙަޤީޤަތަކީވެސް އެއީއެވެ. ޒައިންއަކީ ހަމީދާގެ ދަރިއެއްނޫނެވެ. ހަމީދާގެ ދަރިއަކަށް ޒައިން ނުވާއިރު ހަމީދާއަށް ޒައިން ލިބުނީ ކިހިނެތް ހެއްޔެވެ؟ މިޒަމާނުގައި އަމިއްލަ ދަރި ނޫން އެހެން މީހެއްގެ ދަރިއަކު ބަލަން ވެއްޖެއްޔާމުން އެ ދަރިއަކަށް ކޮންމެވެސް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާނެއެއްނޫންހެއްޔެވެ؟ ނަމަވެސް ހަމީދާ މިހާ ލޯބިން ޒައިން ބަލައި ބޮޑުކުރީ ކިހިނެތްވެގެން ހެއްޔެވެ؟ އަނެއްކާ ހަމީދާއާއި އަސްމާ އާއި ދެމެދު ލޭގެ ގުޅުމެއް އޮންނަނީ ބާވައެވެ؟ ހައްތަހާވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ނަމަވެސް ދުނިޔޭގައި ތާއަބަދު މިކަން މިގޮތަކަށް ނޯންނާއެއްނޫންހެއްޔެވެ؟ ކޮންމެވެސް އެއްދުވަހަކުން މި ސުވާލުތަކުގެ ޖަވާބުވެސް ލިބިދާނެތާއެވެ.

އޮފީހަށްވަދެ ފިންގާ ޖެހުމަށްފަހު ޒައިން އޭނާގެ ކެބިންއަށްވަދެ އޭނާއާއި ޙަވާލުކޮށްފައި ހުރި މަސައްކަތްތައް ކުރަން ފެށިއެވެ. ގޮނޑީގައި އިށީނދެ ކޮމްޕިއުޓަރުގެ ސްކްރީނަށް އޭނާގެ މުޅި ނަޒަރުހުސްކޮށްލިއެވެ. ފަރިތަކަމާއިއެކު މައިކްރޮސޮފްޓް ވޯޑުގައި ރިޕޯޓެއް ލިޔަމުން ޒައިން ގެންދިޔައިރު ޙައިރާންވާހާވެއެވެ. ކީބޯޑަށް ބެލުމެއްވެސް ނެތި ފަރިތަކަމާއިއެކު ދިވެހި ޓައިޕްކުރަމުން ޒައިން ގެންދިޔައެވެ. ޒައިން ކުރަން އިން މަސައްކަތް ހުއްޓުމަކަށް އައީ އޭނާގެ ފޯނު ރިންގުވާއަޑު އިވުމުންނެވެ. “ހަލޯ މަންމާ!” ފޯނު ނަގައި ކަންފަތުގައި ޖައްސައިލަމުން ޒައިން ބުންޏެވެ. “ދަރިފުޅު. ދަރިފުޅު ބުރޭކަށް އަންނައިރު ޕެނެޑޯލް ކާޑެއް ގަނެގެން އަންނައްޗޭ އިނގެ! ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ މިއުޅެނީ.” ހަމީދާ އެހެން ބުނުމުން ޒައިން ލައްބައޭ ބުނެ ފޯނު ކަނޑައިލިއެވެ. ހަމީދާގެ އަޑުގައި ކޮންމެވެސްވަރަކަށް ވަރުބަލިކަން އެކުލެވިފައިވިއެވެ. ނަމަވެސް ޒައިންއަށް އެކަން ފާހަގަވިހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ ބޮޑަށް އޭނާއަށް ސަމާލުކަންދެވިފައިވީ ކޮމްޕިއުޓަރުގެ ސްކްރީނަށެވެ. ޒައިން ރިޕޯޓް ލިޔެ ނިމުމުން މުޅި ރިޕޯޓް އެއްކޮށް ޕީޑީއެފް ކުރުމަށްފަހު މައިކްރޮސޮފްޓް ވޯޑް ކްލޯސްކޮށްލިއެވެ. އަދި އެއަށްފަހު ވައިބަރ އަށް ވަނީ މާގިނައިން ވައިބަރ ނޮޓިފިކޭޝަން އަންނަން ފެށުމުންނެވެ. އެކި އެކި މީސްމީހުންގެ މެސެޖްތައް ފުލުފުލުން އަންނަމުން ދިޔައެވެ. ޒައިންގެ ރައްޓެހިން މި ރާއްޖޭގައިވެސް ނުލާހިކު ގިނައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ޒައިން އަށް ރައްޓެހިން ލިބިފައިވަނީ އޭނާ ކުރަމުންދާ ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ ޒައިންއަކީ މުޅި ރާއްޖެއަށް މަޝްހޫރު މީހެކެވެ.

މެސެޖުތަކަށް ރިޕްލައި ކުރުމަށްފަހު ޒައިން ވައިބާ ކޮލޯސްކޮށްލިއެވެ. އަދި ގެއަށް ދާން ހިނގައިގަތީ ބްރޭކްގަޑި ޖެހުމުންނެވެ. ހަމީދާ ބުނިފަދައިން ކައިރީގައި ހުރި ފިހާރައަކުން ޕެނެޑޯލް ކާޑެއް ގަނެގެން ޒައިން ގެއަށް ދާން ހިނގައިގަތެވެ. “މަންމާ!” ގެއަށް ވަދެފައި ދޮރު ލައްޕައިލަމުން ޒައިން ހަމީދާއަށް ގޮވައިލިއެވެ. އެއްވެސް އަޑެއްބަޑެއް ނީވުމުން ހަމީދާ ވާނީ ކޮޓަރީގައޭ ހިތައި ޒައިން ހަމީދާގެ ކޮޓަރިއާއި ދިމާލަށް މަޑު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. “މަންމާ!” ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިލައި އެތެރެއަށް ބޯދިއްކޮށްލަމުން ޒައިން މަޑުމަޑުން ހަމީދާއަށް ގޮވައިލިއެވެ. އޭރު އަރާމު ނިންޖަކުން ހަމީދާ ނިދައިލައިފައި އޮތެވެ. އެއީ ޒައިންއަށް ހީވި ހީވުމެއްކަން އޭނާއަށް ރޭކާނުލައެވެ. ޒައިން މަޑުމަޑުން އެތެރެއަށްވަދެ ކޮޓަރީގައި ހުރި މޭޒުމަތީގައި ބޭސްކާޑު ބާއްވައިފައި ކޮޓަރިން ނުކުތެވެ. އަދި ބަދިގެއަށްވަނީ ކޮންމެވެސް އެއްޗެއް ކައިލުމުގެ ނިޔަތުގައެވެ. ބަދިގެއަށް ވަދެވުނުތަނާ މެންދުރު ނަމާދަށް ބަންގި ގޮވުމުން ޒައިން ބޭނުންވީ މިސްކިތަށްގޮސް ނަމާދުކޮށްލައިގެން އައިސް ކާށެވެ. އެހެންކަމުން ޒައިން ގެއިން ނުކުތީ ހަމީދާ އޮތް ޙާލެއް އެނގުމެއްނެތިއެވެ.

“ހައެ އޯ މެރި ޖާން ނަހޯ ޕަރެޝާން.. ބިނަ ތޭރަ މޭރަ ސަރްނާ ނަހީ.. ވޭ މައްޔާ ތޭރީ ޚޭރް.. ހޯވޭ ޗާރޯ ޕޭރް.. ޝާލާ ހޯރް ކުޖް މަނގްދާ ނަހީ…” މެންދުރު ނަމާދުން ފައިބައިގެން އާރިޝް ކޮޓަރިން ނުކުތީ ލަވައެއް ކިޔަމުންނެވެ. ގަމީހުގެ އަތުކުރިއޮޅަމުން އާރިޝް ކާކޮޓަރިއަށްވަދެ މޭޒުކައިރީގައި އިށީނެވެ. އޭރު މޭޒުމަތީގައި ހުރި ތެލިތަކުގެ މަތި ނެގިތަނުން އާރިޝްގެ އަނގައިން ކުޅުދިޔާވާން ފެށިއެވެ. ބާސްމަތީ ބަތާއި ޑެވިލްޑް ޗިކެން ހުރުމުން އާރިޝް އަވަހަށް ތައްޓެއް ހިފައިގެން އައިސް ކާން އިށީނެވެ. ހިތް ފުރޭވަރަށް ކެވުމުން އާރިޝް ތެދުވެ ތަށި ދޮވެލައިފައި ހޯލްޑަރުގައި ތަށި ބެހެއްޓިއެވެ. ފްރިޖުން ފިނި ފެންފުޅިއެއް ނަގައިގެން އޭގެން ފެންފޮދެއް ބޮއެލުމަށްފަހު އާރިޝް ކާކޮޓަރިން ނުކުތީ އޭނާ މިއަދު ދާން ހަމަޖެހިފައި އޮތް މަންޒިލަށް ދިއުމަށްޓަކައެވެ.

ސިނަމާލެ ބްރިޖް މަތިން ރަތްކުލައިގެ ފެރާރީ ކާރެއް ދަތުރުކުރަމުން ދިޔައެވެ. ކާރުގެ ޑްރައިވަރު ކާރު ދުއްވަމުން ދިޔައިރު ކުރީ ސީޓުގައި އާރިޝް ހަމަޖެހިލައިގެން ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ބަލަން އިނެވެ. މިނިވަން ކަމާއިއެކު އުޑުމަތީ ދޫނިތައް އުދުހެމުން ދިޔަ މަންޒަރު ބަލަހައްޓައިގެން އާރިޝް އަށް އިނދެވުނެވެ. އޭނާ އެހެން އިންއިރު މާޒީވި ދުވަހެއްގެ މަތިން ހަނދާންވިއެވެ.

**************

ކުޑަކުޑަ އާރިޝް ގޭގެ ބަގީޗާ ތެރޭގައި ދުވަމުން ދިޔައެވެ. ކުލަކުލައިގެ މާތަކުގެ ތެރޭގައި އާރިޝް ދުވަމުން ދިޔައިރު އެ މޫނުމަތީގައިވާ މައުސޫމްކަންފެނި ކޮންމެމީހެއްގެވެސް ހިތް ލޯބިން ބަންޑުންވާވަރުވާނެއެވެ. އާރިޝްގެ ފަހަތުން އަސްމާވެސް ދުވަމުން ދިޔައެވެ. މުޅި އެ ސަރަހައްދުގައި ގުގުމައިލައިފައިވަނީ އެ ދެމައިންގެ ހުނުމުގެ އަޑެވެ. “މިއޮތީ އަތުލެވިފަ. ދެން ދުލެއް ނުކުރެވޭނެ އިނގެ.” ފަހަތުން ދުވަމުން އައިސް އާރިޝް ނަގައި އުރައިލަމުން އަސްމާ ބުންޏެވެ. އަދި އާރިޝްގެ ކަރުގައި ކުޑަކޮށް ކޮށްޓައިލިއެވެ. އެއާއިއެކު އިވިގެން ދިޔައީ އާރިޝްގެ ޅައަޑުން ހީލި އަޑެވެ. ދެމައިން ސަކަރާތް ޖަހަން ތިއްބައި ހުއްޓައިލަން ޖެހުނީ ގޭގެ ބޮޑު ގޭޓު ހުޅުވުނު އަޑު އިވުމުންނެވެ. ގޭޓުން ވަތް ޒައިދް ފެނުމުން އާރިޝް އަވަހަށް ޒައިދް ގާތަށް ދާން އަސްމާގެ އަތުތެރެއިން ދެމިގަތެވެ. ޒައިދް ކުރުފައިމައްޗަށް ތިރިވެ އަތްދިއްކޮށްލުމުން އާރިޝް ދުވެލައިފައި އައިސް ޒައިދް ގައިގައި ބައްދައިގަތެވެ. “ބައްޕި.. ކޮބާ އާއްކޮގެ ދޫނި؟” ޒައިދްގެ ގަޔާއި ދުރުވެލަމުން އާރިޝް ސުވާލުކުރިއެވެ. “އަމް.. ދޫނި އަންނާނެ އިރުކޮޅަކުން. ދޭބަލަ މަންމަ ކައިރިއަށް. ބައްޕަ އަންނާނަން ދޫނި ފެނޭތޯ ބަލާލާފަ.” ޒައިދް އެހެން ބުނުމުން އާރިޝް ‘ޔޭ’ އޭ ކިިޔައި އަސްމާ އިން ބެންޗާއި ދިމާލަށް ދުއްވައިގަތެވެ. “ދަރިފުޅު ބަލައިގެން…” އަސްމާއަށް އާރިޝް ގައިގައި ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. “މަންމަ އަބަދުވެސް ބުނަމެއްނު ތަންކޮޅެއް މަޑުން އުޅޭށޭދޯ.. ދެންމެވެސް ކިރިޔާނުން ވެއްޓި ބޯނުފެޅުނީ. ދެން އާދޭ މިތާ ތިއްތިކޮށް އިށީނދެލައިގެން އިންނަން. ބައްޕަ އަންނާނެއްނު އާއްކޮގެ ދޫނި ގޮވައިގެން. ދޯ!” އަސްމާ އެހެން ބުނެ އާރިޝް ގޮވައިގެން ބެންޗުގައި އިށީނެވެ. އާރިޝް މިފަހަރު މަޑުމަޑުން އަސްމާ ގާތު އިށީންދެލައިގެން އިނެވެ. އޭނާއަށް އިރުއިރުކޮޅާ ގޭޓާއި ދިމާލަށް ބަލައިލެވެނީ ކެތްތެރިކަން ކޮޅުންލައިފައިވާފަދަ ގޮތަކަށެވެ.

“ޔޫހޫ.. އާއްކޯ. ބަލާބަލަ މިއޮތީ އާއްކޮގެ ބޭބީ.” ޒައިދް އެތެރެއަށްވަދެ އޭނާގެ އަތުތެރޭގައި އޮތް ގުރާ ދައްކައިލުމުން އާރިޝް ފުންމައިލައިފައި ބެންޗުން ތެދުވިއެވެ. ޒައިދްގެ އަތުތެރޭ އެއޮތީ އާރިޝް އެންމެ ބޭނުންވެގެން އުޅޭ ވައްތަރުގެ ގުރައެކެވެ. “ދަރިފުޅާ. ބަލާބަލަ މިއޮތީ ބޭބީ މަކާއޮއެއް.” އާރިޝްއާއި ދިމާލަށް އޭތި ކައިރިކުރަމުން ޒައިދް ބުންޏެވެ. ނަމަވެސް އާރިޝް ބިރުން ފަހަތަށް ޖެހުނީއެވެ. “ދަރިފުޅޫ. މީތި ދަތެއް ނާޅާނެއޭ. ބަލަ ކުޑަކުޑަ ބޭބީ މަކާއޮއެއްނު މީ.” ޒައިދް މިފަހަރުވެސް އާރިޝް އާއި ދިމާލަށް އެ ގުރާ ދިއްކޮށްލިއެވެ. އެ ގުރާ ލޯބިކަމުން އާރިޝް ހުރީ އެ ގުރަލުގައި އަތްޖައްސައިލާ ހިތްވެފައެވެ. ނަމަވެސް އޭތި ކުޑަކަމުން އާރިޝް އޭގައި އަތްލަން ފަސްޖެހުނެވެ. އޭނާއަށް ހީވީ އެހާ ކުޑަކުޑަ ގުރައެއްގައި އަތްޖައްސައިލިޔަސް އޭގެ ފުރާނަ ދާނެކަމަށެވެ. ގުރަލުގެ ބޯ ހުދުކުލައާއި ކަޅުކުލައިގައި އިންއިރު އޭގެ ގައި ހުރީ އެއްކޮށް ރަތްކުލައިގައެވެ. “ދައްކަބަލަ އަތް.” އާރިޝް އަތް ދިއްކުރުމުން ޒައިދް ވަރަށް މަޑުމަޑުން އާރިޝްގެ އަތަށް އެ ގުރާ ލައިދިނެވެ. “ވާއު.” އެ ގުރާ އޮތްލެއް ލޯބިކަމުން އާރިޝް އަށް އެއަށް ބަލަހައްޓައިގެން އިނދެވުނެވެ. “އެހާ ގިނައިރު ތިހެން ބާއްވާކަށް ނުވާނެ. ގެނޭ ބައްޕަ ތި ގުރާ ކޮށްޓަށް ލާނަން. ގުރާ ބޮޑުވީމަ މިތަނަށް ދޫކޮށްލާނީ. އޭރުން އާއްކޮއަށް ގުރާ ގެންގުޅެވޭނެއެއްނު ދޯ.” ޒައިދް އެހެން ބުނެ އާރިޝްގެ އަތުން އެ ގުރާ ނެގިއެވެ. އަދި ދުރުގައި އިން ހުދުކުލައިގެ ކޮށްޓެއްގެ ތެރޭގައި އޭތި ބޭއްވިއެވެ. އެއަށްފަހު ހިނގާށެ ބުނެ އާރިޝް އުރައިލަމުން އަނެއް އަތުން އަސްމާގެ އަތުގައި ހިފަހައްޓައިގެން ޒައިދް ގޭތެރެއަށްވަނެެވެ.

***************

އާރިޝްއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ކާރުގެ ބުރަކި ޖެއްސި އަޑު އިވުމުންނެވެ. ޑްރައިވަރަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އާރިޝް ކާރުން ފޭބިއެވެ. ކުރިމަތިން ފެންނަން ހުރި އިމާރާތަށް ނަޒަރު ހުއްޓައިލައިގެން އާރިޝް ކުޑައިރުކޮޅަކު ހުއްޓެވެ. އެހެން އިނދެފައި އާރިޝް މަޑުމަޑުން އިމާރާތުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ބޮޑު ދޮރު ހުޅުވައިލުމަށްފަހު ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އާރިޝް އެ އިމާރާތުގެ އެންމެ މަތީ ބަޔަށް އެރިއެވެ. އަދި ފެންނަން ހުރި ބޮޑު ދޮރު ކައިރީގައި އާރިޝް ހުއްޓިލިއެވެ. ދެތިން ފަހަރަކު ދޮރުގައި ޓަކި ޖަހައިލުމުން އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވިއެވެ. “އާރިޝް.” ކުރިމަތީގައި ހުރި ސޫރަ ފެނުމުން އައްޔޫބް އާރިޝްއާއި ސަލާމްކޮށްލައިފައި އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އައްޔޫބަކީ އާރިޝް ވަޒީފާގައި އުޅުނު ދުވަސްކޮޅު އޭނާއަށް ލިބުނު މާތް އަޚްލާޤެއްގެ ވެރި، ހިތްހެޔޮ ރަނގަޅު ރަހުމަތްތެރިއެކެވެ. ނަމަވެސް އާރިޝް ވަޒީފާއިން ވަކިކުރިފަހުން ދެ ރަޙްމަތްތެރިން ބައްދަލު ނުވާތާ އެތައް އަހަރެއް ފާއިތުވެގެން ގޮސްފައިވެއެވެ. އެންމެ ފަހުން ދެ އެކުވެރިން އެ ބައްދަލުވީ މިއަދުއެވެ. “އިށީންނަންވީއެއްނު.” ސިޓިންގް ރޫމުގައި ހުރި ބޮޑު ސޯފާއަށް އިޝާރާތްކުރަމުން އައްޔޫބް ބުންޏެވެ. ނޫކުލައިގެ އެ ބޮޑު ސޯފާގައި އާރިޝް އިށީނުމާއިއެކު އައްޔޫބްވެސް އާރިޝް ގާތުގައި ސޯފާގައި އިށީނެވެ. “ކޮބާ ކިހިނެތްވަނީ ކަންތައްތައް؟” ފުރިހަމަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އިނދެ އައްޔޫބް ސުވާލުކުރިއެވެ. “އައްޔު ތިއެެއް ނޫނޭ.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިއައީ.” އާރިޝް ކުރިއާއި ޚިލާފަށް މާ އަވަސްއަވަހަށް ވާހަކަދައްކަން ފެށުމުން އައްޔޫބް ހައިރާންވިއެވެ. އެހާ ދުވަސްފަހުން ބައްދަލުވީއިރު ކިހިނެއްތޯ އަހައިލުމުން އާރިޝް މިފަދަ ގޮތަކަށް ވާހަކަދައްކާނީ ކޮންމެވެސް ބޮޑުކަމެއް ލައިގަތީމައެއްނޫންހެއްޔެވެ؟ “ކޮން ވާހަކައެއް؟” ދެލޯ ހަނިކޮށްލަމުން އައްޔޫބް އެހިއެވެ. “ޒައިން ކިޔާ މީހަކު ދަންނަންތަ؟”

“ކޮން ޒައިންއެއް؟ ކިތަންމެ ޒައިންއެއް އުޅޭ މިރާއްޖޭގަ. ހެހެހެ.” ހިމޭންވަގުތުކޮޅަކަށްފަހު އައްޔޫބް ސަމާސާ ރާގެއްގައި ބުންޏެވެ. “އައްޔު ޕްލީޒް. މިގަޑީގަ ސަމާސާކުރަން ހަދާނެކަމެއްނެތް. މީ ވަރަށް ސީރިއަސްކޮށް އަހަރެން ދައްކަން ބޭނުންވާ ވާހަކައެއް. އަހަންނަށް މިދުވަސްކޮޅު އޭނައާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގިފަކާއެއްނެތް. އެކަމް އެއީ ވަރަށް މަޝްހޫރު މީހެއްކަން އިނގޭ. ބޮޑު ޢިލްމުވެރިއެއް އެއީ އަހަންނަށް އިނގުނު ގޮތުގަ. ޔޫޓިއުބް ޗެނަލް އެއް ހަދާ ވީޑިއޯވެސް އަޕްލޯޑް ކޮށްފަ ހުރޭ ވަރަށް ގިނައިން. އެއީ ކޮންތަނެއްގެ ކާކުތަ؟” އާރިޝް ބުންޏެވެ. “މަޑުކޮށްބަލަ.. ތިބުނާ ޒައިންއެއްވެސް އިނގޭ އަހަންނަށް. އެކަމަކު ކީއްކުރަން މާވަރަކުން އޭނަ ހޯދަން ތިއުޅެނީ؟ އެއީ ހަމަ މިރާއްޖެތެރޭގަ އުޅޭ އާދައިގެ މީހެއްނު. އެކަމަކުވެސް އެންމެންގެ މެދުގަ ވަރަށް މަޝްހޫރު މީހެއް އެއީ.” އައްޔޫބް ބުންޏެވެ. އައްޔޫބް އެ ސުވާލުކުރުމުން އާރިޝް އޭނާއަށްް މި ހުރިހާ ދުވަހަކު ޒައިންގެ ފަރާތުން ފާހަގަވި ކަންތައްތައް ކިޔައިދިނެވެ. އަދި ޒައިންއާއި ނައިޒަކް އާއި ވައްތަރުވާހަކަވެސް ބުންޏެވެ. އެމީހުންގެ ބައްޕައާއި ޒައިންގެ އެއްވެސް ތަފާތެއް ނުވާ ވާހަކަވެސް ބުންޏެވެ. ޒައިންގެ ފުރިހަމަ ނަންވެސް އާރިޝް އައްޔޫބަށް ކިޔައިދިނެވެ. އަދި އޭނާގެ ފޯނުން ޒައިންގެ ފޮޓޮއެއް ދެއްކިއެވެ. އާރިޝް ދެއްކިި ހުރިހާ ވާހަކައެއް އައްޔޫބް ކަނުލައި އަޑުއަހަމުން ދިޔައެވެ. އަދި ޒައިންއަކީ ކާކުކަން ހޯދަން ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައެޅިއެވެ.

ކޮންމެއަކަސް އާރިޝް އާއި އައްޔޫބްގެ އެ ބައްދަލުވުން ނިމުނީ އެ ދުވަހު ޢަޞްރު ވަގުތަށެވެ. ޒައިންއާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމުގައި ދެއެކުވެރިން ވަގުތު ހޭދަކުރިއެވެ. އެގޮތުން ޒައިން އެންމެ ފުރަތަމަ އަޕްލޯޑް ކޮށްފައި އިން ވީޑިއޯ ބަލައިގެން ދެއެކުވެރިން ޒައިން ދިރިއުޅޭ ރަށާއި ވިހޭ ތާރީޚުވެސް ހޯދިއެވެ. ނަމަވެސް އާރިޝްއަށް އޭގައި ދީފައި އިން ތަޢާރަފަކީ ޙަޤީޤަތުގައި ޒައިންގެ ތަޢާރަފަކަށް ވާނެކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އާރިޝްއަށް ހައްތަހާވެސް ހީވަމުން ދިޔައީ ޒައިންގެ ހަށިގަނޑުގައިވެސް ހިނގާނީ އޭނާ އާއި އެއްލޭ ކަމެވެ. އެއީވެސް އާރިޝްގެ ބައްޕަގެ ދަރިއެކޭ ހީވަމުން ދިޔައެވެ. ކޮންމެއަކަސް އެދުވަހު ޢަޞްރު ނަމާދުކޮށްގެން އާރިޝް ގެއަށް ދިޔައީ މިފަދަ ޚިޔާލުތަކެއްގައި ހުރެއެވެ.

ޑިއުޓީ ނިންމައިލައިފައި ޒައިން ގެއަށް އައިއިރުވެސް ހަމީދާގެ ޚަބަރެއް ނުވެއެވެ. އޭރު އެ އޮތްގޮތަށް ގުޑިވެސް ނުލައި ހަމީދާ އޮތެވެ. ޒައިން މާބޮޑަށް ބަނޑުހައިވެގެން ކާންހަދައިދޭން ބުނަން ހަމީދާއަށް ގޮވައިލާނަމޭ ހިތައި އެކޮޓަރިއަށްވަދެ ހަމިދާ ނިދައިފައި އޮތް އެނދުގައި އޭނާގެ މަގަތުގައި އިށީނެވެ. “މަންމާ! މަންމާ!” ހަމީދާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ޒައިން ހަމީދާއަށް ގޮވައިލިއެވެ. ނަމަވެސް ވީކަމެއް ޙަރާމެވެ. ހަމީދާ ގުޑިވެސް ނުލިއެވެ. ޒައިންއަށް ކަމެއް ގޯސްވެއްޖެކަން އެނގުނީ އެވަގުތުއެވެ. ޒައިންއާއިވީ ފަރާތަށް ހަމީދާ އަނބުރައިލަމުން އޭނާގެ ނޭފަތުގެ ދެ ހަނދޮޅު ކައިރީގައި އިނގިލިކުރި ޖައްސައިލިއެވެ. ޒައިންއަށް ލިބުނު ސިހުމުގައި އޭނާ ތަނެއްގައި ނުޖެހުނީ ކިރިޔާއެވެ. ހަމީދާ ނޭވައެއް ނުލައެވެ. އަނެއްކާވެސް ހަމަ އެކަން ތަކުރާރުކޮށްލެވުނީ މިއީ ޒައިންއަށް ހީވިހީވުމެއްްކަމަށް ނިންނަމަމުންނެވެ. ނަމަވެސް ވަމުން ދިޔައީ ހަމަ އެއްގޮތެކެވެ. ނޭވާ ނުލިތާނގައި ހަރަކާތެއްވެެސް ކޮށްނުލައެވެ. ޒައިން އެންމެ ފަހުން ހަމީދާގެ އަތްތިލަ ނަގައި ކުޑަހުޅުގައި ހިފައިލީ ވިންދު ޖަހައިތޯ ބަލައިލާށެވެ. ހަށިގަނޑުގެ ހުރިހާ ހަރަކާތެއް ހުއްޓިފައިވީއިރު އެ ހަށިގަނޑުގައި ވިންދުވެސް ނުޖަހައެވެ. އިސާހިތަކު ޒައިންގެ ދެލޯ ކަރުނުން ފުރެން ފެށިއެވެ. އަދި ގޭދޮށު މީހުންނަށް ގޮވައިގެން އެމީހުންގެ އެހީއާއިއެކު ހަމީދާ ރަށުގެ ސިއްޚީ މަރުކަޒަށް ގެންދިޔައެވެ.

ސިއްޚީ މަރުކަޒަށް ހަމީދާ ގެންދެވުމާއިއެކުހެން އޭނާގެ ޚިދުމަތުގައި ޑޮކްޓަރުންނާއި ނަރުހުން ހަރަކާތްތެރިވާން ފެށިއެވެ. ނަމަވެސް އެމީހުން ކުރި މަސައްކަތް ވީ ބޭކާރެވެ. ހަމީދާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެ ހަށިގަނޑާއި ފުރާނަ ވަނީ ވަކިވެފައެވެ. އެހެންކަމުން ޑޮކްޓަރުން ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް ހަމީދާ އަލުން ދިރިގެން ނާންނާނެއެވެ. “ސޮރީ. ޕޭޝަންޓްވަނީ މަރުކަޒަށް ގެނެވުނުއިރުވެސް ނިޔާވެފަ. އަޅުގަނޑުމެން ބެލި ބެލުމުން އިނގުނުގޮތުގަ ޕޭޝަންޓްގެ ބޯފެޅުނުކަމަށް ލަފާކުރެވެނީ. ބޮލަށް ލިބުނު އަނިޔަލެއްގެ ސަބަބުން މިހެން މިވީ.” ޑޮކްޓަރު ރޫމުން ނުކުމެ ޒައިން ގާތުގައި އޭނާއަށް ލަފާކުރެވުނު ގޮތް ކިޔައިދިނެވެ. ޑޮކްޓަރު ކިޔައިދިން ވާހަަކަތަކުން ޒައިން ޙައިރާންވުންނޫންކަމެއް ނުވިއެވެ. އޭނާއަކަށް ހަމީދާ ބޯފެޅިފައި އޮތްތަނެއް ނުފެނެއެވެ. ނުވިތާކަށް އެއްވެސް ތަނެއްގައި ލޭހުރިތަނެއްވެސް ޒައިންއަކަށް ނުފެނެއެވެ. ފަހަރުގައި ޒައިން އަވަސްއަރުވައިލައިގެން އުޅުމުން އެހުރިހާ މަންޒަރުތަކެއް ނުފެނި ހިނގައިދާނެއެވެ. އެ ލިބުނު ޙައިރާންކަމުގައި ޒައިންގެ ހޭބުއްދި ފިލައިގެން ދިޔަ ކަހަލައެވެ. ޒައިން އިތުރަށް މަރުކަޒުގައި މަޑުކުރަން ބޭނުންނުވުމުން އެ ތަނުން ނުކުމެގެން ގެއަށް ދާން ހިނގައިގަތެވެ. ޒައިން މަގުމަތިން ހިނގައިފައި ދިޔައިރުވެސް އޭނާއަށް ދެވުނީ ބުއްދި ފިލައިގެން ގޮސްފައިވާ މީހަކު ހިނގައިފައި ދާފަދަގޮތަކަށެވެ. ބައެއްފަހަރު ފައި އެޅޭ ގޮތަކުންވެސް ޒައިން އަރިއަޅައިލައެވެ. ނަމަވެސް ވަރަށް ހިތްވަރުން ހިނގައިފައި ގޮސް ޒައިން ގެއަށްވަނެވެ.

މުޅި ގޭތެރޭގައި ގުގުމައިލީ ޒައިންގެ ވޭނީ ހަޅޭކުގެ އަޑެވެ. ބަދިގެތެރޭގައި ކުރުފައިމައްޗަށް ތިރިވެގެން ޒައިން އިންއިރު އޭނާ އިނީ އިސްޖަހައިލައިގެނެވެ. މުޅި މީހާގެ މޫނުވަނީ އެއްކޮށް ރަތްވެފައެވެ. ޒައިން އެހެން އިންއިރު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ އޭނާ ކުޑައިރު ހަމީދާ އޭނާގޮވައިގެން އުޅުނު ހިތްދަތި ދިރިއުޅުމުގެ ހަނދާނެވެ. ޒައިން އުރައިގެން އެކި ގޭގެއަށް ގޮސް ކާނެ އެއްޗެއް ހަމީދާ ކުރިހާ މަސައްކަތެވެ. ރީތި އަންނައުނު ޒައިންއަށް ހޯދައިދޭން ހަމީދާ ކުރި މަސައްކަތެވެ. ޒައިންއަށް ކިޔަވައިދޭން ކުރި މަސައްކަތެވެ. ޒައިން ބަލައި ބޮޑުކޮށް ރަނގަޅު ތަރުބިއްޔަތެއް ދީ، މީހަކަށް ހަދައިދިނީ ހަމީދާއެވެ. އެ އަތުން ޒައިންއަށް އަޅާލުމާއި ލޯބި ދީފައި ހަމީދާ އެދިޔައީ ޒައިން ދޫކޮށް މާދުރަށެވެ. މި ދުނިޔެއާއިވެސް މާ ދުރަށެވެ. ދެން އޮތް ގޮތަކީ ހަމީދާއަށް ހެޔޮދުޢާ ކޮށްދިނުމެވެ. ނަމަވެސް ޒައިން ގައިގައި އެހާ ހިތްވަރު ހުރެދާނެ ހެއްޔެވެ؟ ޒައިންގެ ޙަޤީޤަތް ޚުދު ޒައިންއަށް ނޭނގޭއިރު ދުވަހެއް ދުވަހަކަށް ދިމާވާނީ ހައްތަހާވެސް ޒައިންގެ ބޯހާސްކުރުވާ ކަންތައްތަކެއްނޫންހެއްޔެވެ؟ މިވަރުން ޒައިންއަށް ހިތްވަރުކުރެވިދާނެހެއްޔެވެ؟

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންގޮސް ހުކުރުދުވަސް އައިސް ޖެހިއްޖެއެވެ. ހުރިހާ ފިރިހެންވެރިން ހުކުރަށްދާން ތައްޔާރުވަމުން ދިޔައިރު ހުރިހާ އަންހެންވެރިން ކެއްކުމުގައި މަޝްޣޫލުވެގެން އުޅެއެވެ. އެގޮތުން އަސްމާ، މުނީޝާ، އުޝާ އަދި ރިޝާނާ ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. “ސުބްޙާނައްﷲ.. އަދި ހުންނާނީ އެދެމީހުންގެ ގަމީސްވެސް އިސްތިރިނުކޮށް.” ފިޔާ މީރުކުރަން ހުރި މުނީޝާއަށް އާރިޝްމެންގެ ގަމީސް އިސްތިރި ނުކުރެވޭކަން ހަނދާންވުމުން ދޭފަތްގަނޑު ތެލިތެރެއަށް ލައިފައި ރިޝާނާއާއި އެކަން ހަވާލުކޮށްފައި ކާކޮޓަރިން ނުކުމެ ދުވެލައިފައި ސިޑިން އަރައި ނައިޒަކްއާއި އާރިޝްގެ ގަމީސްނަގައިގެން މުނީޝާ ސިޓިންގްރޫމަށް އައިސް ގަމީސް އިސްތިރިކުރަން ފެށިއެވެ. އެދެބެން ފެންވަރައިގެން ނުކުތުމުގެ ކުރިއަށް މުނީޝާ އަވަސްއަވަހަށް އެމީހެއްގެ ގަމީސް އެމީހެއްގެ ކޮޓަރިއަށް ލައިފައި ނުކުތެވެ. “ކޮބާ އިސްތިރިކުރެވިއްޖެތަ؟” އުނދުން ނިވާލަމުން ރިޝާނާ ބުންޏެވެ. “އާނ. ޒެކްގެ ގަމީސް ކިރިޔާ ވިރުވާނުލެވުނީ.. ހެހެ.” މުނީޝާ އެހެން ކިޔައި ހިނިގަނޑެއް ޖަހައިލަމުން ކުުކުޅުތައް ކޮށުމާއިގެން އަަސްވެގަތެވެ.

ކެއްކުމަށްފަހު މުޅި ގޭތެރެ ސާފްކޮށް ނިންމައިލައިފައި ހަތަރު އަންހެނުންވެސް އެމީހެއްގެ ކޮޓަރިއަށްވަނީ ތާޒާވެލައި ނަމާދުކޮށްލުމުގެ ބޭނުމުގައެވެ. އޭރު އާރިޝް އާއި ނައިޒަކް ވީ ހުކުރަށް ގޮހެވެ. އުޝާ ނަމާދުކޮށް ނިންމައިގެން އޭނާގެ ފޯނު ހިފައިގެން އެނދުމަތީގައި އިށީނެވެ. ފޯނު ހުޅުވާލުމާއިއެކު ފެނިގެން ދިޔައީ އުޝާއާއި ޒައިދްގެ ފޮޓޮއެކެވެ. ދެ އަހަރުގެ އުޝާ އުރައިލައިގެން ޒައިދް އިން ފޮޓޯ ފެނިފައި އުޝާގެ ލޮލުން ކަރުނަ ހިލެން ފެށިއެވެ. ނަމަވެސް ކަރުނަތައް ފޭބުމުގެ ކުރިން އުޝާ އޭނާގެ އަތުގެ ނުފުށުން އެ ކަރުނަތައް ފުހެލިއެވެ. އަދި ޕިއާނޯ ޓައިލްސް ކިޔާ ގޭމެއް އަޅުވައިގެން އެ ގޭމު ކުޅެން ފެށިއެވެ. ޓައިލްސްތަކުގެ ދުވުން ބާރުވާވަރަކަށް އުޝާގެ ދެ ބޮޑުވައި އިނގިލީގެ ޙަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. އުޝާގެ ހިތްވެސް ދިޔައީ އަވަސްވަމުންނެވެ. ކުއްލިއަކަށް ފިތަން ޖެހޭ ޓައިލް ނޫން އެހެން ޓައިލްއަކަށް ފިތާލެވުމުން ގޭމް އެއްކޮށް އޯވާވެގެން ދިޔައެވެ. “އޯ މައި ގޯޑް.” އުޝާ އެހެން ކިޔައި ފޯނު ލޮކްކޮށްލިއެވެ. އަދި ނައިޒަކްމެން ގެއަށް އަންނަ ގަޑި ޖެހެން ގާތްވަމުން ދާތީ ކޮޓަރިން ނުކުތެވެ.

އާއިލާ އެކީ ކެއުން ނިންމައިލުމަށްފަހު ސިޓިންގްރޫމުގައި ވާހަކަ ދައްކަން ފަސްމައިން ތިއްބެވެ. ފަސް ބެއިން އެކިއެކި ސަމާސާކުރަމުން ދިޔައިރު އަސްމާ އިނީ ނެގިމަޑުވެފައެވެ. އޭނާއަށް ހަަމަ ޒައިންއާއިދޭތެރޭ ވިސްނެނީއެވެ. “މަންމާ! ބަލަ ދޮންބޭބެ.” ރިޝާނާ ދުވެލައިފައި އައިސް އަސްމާ އިން ސޯފާގައި އިށީނުމުން އަސްމާއަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އޭރު ނައިޒަކް އިނީ އޭނާގެ ފޯނުގެ ކެމެރާ ރިޝާނާ އާއި ދިމާލަށް ދިއްކޮށްގެންނެވެ. “ދެން މަންމާ ބުނެބަލަ ދޮންބޭބެ ގާތު ފޮޓޯ ނުނަގަން.” އަސްމާގެ ކޮނޑުގައި ބޯއަޅައި މޫނު ފޮރުވައިލަމުން ރިޝާނާ ބުންޏެވެ. އަސްމާ ކުޑަކުޑަ ހުނުމަކުން ފުއްދާލީއެވެ. “ހަހަހަހަ.. މިއުޅޭ ރިޝޫ އެއްދޯ! ރިޝޫގެ ލޯބި ލޯބި ފޮޓޮއެއްނަގަންވެގެނޭ މިއުޅެނީ. ރިޝޫ ތިގޮތަށް އުޅެންޏާ ފޮޓޯ ނަގާފަ އިންސްޓަގްރާމަށް ލާނީ ދެން.” ނައިޒަކް އެހެން ބުނުމުން ރިޝާނާ އަވަސްހިނގުމެއްގައި އައިސް ނައިޒަކްގެ އަތުން ފޯނު އަތުލިއެވެ. “ފޯނު ގެނޭ.” ސޯފާއިން ތެދުވަމުން ނައިޒަކް ބުންޏެވެ. “ބްލްލް.. ނުދޭނަން.” ރިޝާނާ ނައިޒަކްއާއި ދިމާލަށް ދޫދިއްކޮށްފައި ބުންޏެވެ. “ގެނޭ!” ނައިޒަކް މިފަހަރު ރިޝާނާއާއި ދިމާލަށް ދެލޯ އަޅައިގެން ހުރެ އަމުރުވެރި ރާގަކަށް ބުންޏެވެ. ނައިޒަކް ދިން ނުރައްކާތެރި ނަޒަރުން ރިޝާނާ ސިހޭގޮތްވިއެވެ. އަދި އިސްޖަހައިލަމުން ސޮރީއޭ ބުނެ ނައިޒަކްއަތަށް ފޯނު ދިނެވެ. “އައްދެ.. ސީރިއަސްވީތަ؟ ދޮންބޭބެ ސަމާސާ ކޮށްލީއޭ. ރިޝޫ ދެރަނުވައްޗޭ.” ނައިޒަކް ރިޝާނާ ގެނެސް އެ މޭތެރޭގައި ފޮރުވައިލިއެވެ. ރިޝާނާ ތުންފަތަށް އެގަޑީގައި ލުއި ހިނިތުންވުމެއް ވެރިވިއެވެ.

އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ފަސްބެއިން އެކީގައި ރަސްފަންނަށް ދިޔައެވެ. އަސްމާގާތުގައި ދާން ހިނގާށޭ ބުނެ އާދޭސްކުރުމުންވެސް އަސްމާ ދާކަށް އެއްބަހެއްނުވިއެވެ. އަސްމާ ގާތު އެކިގޮތްގޮތަށް ވާހަކަދެއްކުމުންވެސް އޭނާ ދެމުން ދިޔައީ ހަމަ އެންމެ ޖަވާބެކެވެ. އެހެންކަމުން ފަސްބެއިން ހިތާއި ދެކޮޅަށް ނަމަވެސް އަސްމާ ނުލައި ބޭރަށް ނުކުތީއެވެ. ހުދު ދޮންވެލިގަނޑުގައި ފަސްބެއިން އިށީނދެލީ އެ ހިތްގައިމު މާހައުލުގެ އުފަލާއި ހިތްހަމަޖެހުން ހޯދުމުގެ ނިޔަތުގައެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ކުޑަކުދިންގެ ހުނުމުގެ އަޑާއި ބޮޑެތި މީހުންގެ ހުނުމުގެ އަޑުން މުޅި އެ ސަރަހައްދު ފަޅުފިލުވައިލައިފައި ވެއެވެ. “ހިނގާ ލަވަބާޒީ ކުޅެން. އެކުދިންނެކޭ އެއްގޮތަށް އަހަރުންވެސް ޖެހޭނެއެއްނު މަޖާކޮށްލަން ދޯ.” އާރިޝް އެންމެނަށް ދޯދެމުން ބުންޏެވެ. އާރިޝްގެ ޚިޔާލަށް އެންމެން ތާއީދުކުރިއިރު ނައިޒަކް އިނީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ރިޝާނާމެން ކުރުނުކޮށް ކިޔަން ފެށުމުން އެ ކުޅިވަރުގައި ބައިވެރިވާން ނައިޒަކް ނިންމިއެވެ. އާރިޝް އަކުރެއް ކިޔާށޭ ބުނުމުން ނައިޒަކް ޒަވިޔަނިން ފެށޭ ލަވައެއް ކިޔަން ބުންޏެވެ. އާރިޝް ލަވަކިޔަން އަނގަހުޅުވައިލިތަނާ ހުއްޓެން ޖެހުނީ ނައިޒަކް ވެއިޓް އޭ ބުނުމުންނެވެ. “ރިމެމްބަރ. ނޯ ހިންދީ ނޯ އިންގްލިޝް. ހަމައެކަނި ދިވެހި. އޯކޭ. ދެން ހަމައެކަނި މައިގަނޑު ކިިޔަން ޖެހޭނީ. އެ ލަވައެއްގެ ކަޑި ކީމަ ކަމަކުނުދާނެ.. ހްމްމް. ދެން ފައްޓާ.” ނައިޒަކް އެހެން ބުނުމުން ކިޔާނެ ދިވެހި ލަވަޔަކާ މެދު އާރިޝްއަށް ވިސްނާލަން ޖެހުނެވެ. ކުއްލިއަކަށް އާރިޝް ދެލޯ ބޮޑުކޮށްލީ އޭނާގެ ސިކުނޑިއަށް ޒައިންގެ ޚިޔާލު ވެރިވުމުންނެވެ. ނައިޒަކް ‘ޒަވިޔަނިން’ ފެށެ ލަވައެކޭ ބުނުމުން އާރިޝްއަށް ވިސްނާލެވުނީ ޒައިންއާއި މެދުގައެވެ. އެހެނީ ޒައިންގެ ނަން ފެށެނީ ޒަވިޔަންޏަކުންނެވެ. ކިހާ ބޮޑު އިއްތިފާގެއްހެއްޔެވެ؟ އާރިޝްއަށް އެއްދިމާލަކަށް ބަލަހައްޓައިގެން ދެލޯބޮޑުކޮށްލައިގެން އިނދެވުނުއިރު ރިޝާނާ ފިޔަވައި ދެން ތިބި މީހުންތިބީ ވާނުވާނޭނގޭ ޙާލު އާރިޝްއަށް ބަލަހައްޓައިގެނެވެ.

-ނުނިމޭ-

 

32

You may also like...

12 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salaam hurihaa kiyuntherin 🙂 🙂 Miothy ma’aaf mi vaahakaige fasvana episode upload kurevifa. Hurihaa kiyuntherinnauves mibai kamudhaanekamau unmeedhukuran. Enjoy readin dears and leave a comment. Love you all <3 <3 <3 <3

    ⚠Report!
  2. varah❤❤❤ varah❤❤❤ varah ❤❤❤❤reethi.❤❤❤❤❤❤❤.maa sha Allah.❤❤waiting❤❤❤ for❤❤❤ the❤❤❤ next❤❤❤ part..❤❤❤❤lysm dhonthii.

    ⚠Report!
  3. Wow😍😍😍 varah reethi mi part vx❤❤❤ curiously waiting for next part💞💞💞 ly dhonthy😘😘😘

    ⚠Report!

Leave a Reply

Your email address will not be published.