Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ނަވާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 20, 2019 11 Mins Read
22 Comments

“އަސްލު…..ކުޑަ ވާހަކައެއް ދައްކާލަން އަހަރެން މަލާކް މިތަނަށް މިގެނައީ…” ލުއި ހިނިތުންވުމަކާއެކީ އަޔާޒް ބުނެލި އެ ވާހަކައިން މަލާކްގެ މެއަށް ފިނިވެގެން ދިޔައެވެ. އެއީ އަޔާޒްގެ ދުލުން ދެން އިވިދާނެ ވާހަކައަށް އޭނަ ކެތްމަދުވުމުންކަމެއް ނޫނީ ނުތަނަވަސްވުމުންކަމެއް ޔަޤީންކުރަން މަލާކަށް ނޭނގުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ވޭތުވެ ދިޔަ ދުވަސްތަކުގައި އަޔާޒް އޭނައާއިމެދު ކަންތައް ކުރިގޮތުން އޭނަގެ ހިތުގައި އަޔާޒަށްޓަކައިވި އިޙްސާސްތައް އެތައް ގުނައެއް ފުންވެފައިވިއެވެ. އަދި އަޔާޒްގެ ޙަރަކާތްތަކެއްގެ ސަބަބުން އަޔާޒަށް ވެސް އެފަދަ އިޙްސާސްތަކެއް ކުރެވޭކަން މަލާކަށް ހީވަމުން ދިޔައެވެ.

 

“ކޮން ވާހަކައެއް؟” މަލާކަށް އެހެން އަހާލެވުނީ އޭނައަށް ހީވަމުން ދިޔަ ހީވުން އަޔާޒް ޔަޤީނަކަށް ބަދަލުކޮށްދޭނެކަމުގެ އުއްމީދުގައެވެ.

 

“އަހަރުމެން….ވް..ވަރީގެ ވާހަކަ.” އަޔާޒްގެ ދުލުން އިވުނު އެ ބަސްތަކުން މަލާކްގެ މޫނުމައްޗަށް ވެރިވާން އުޅުނު ހިނިތުންވުން ވެސް އިސާހިތަކު ގެއްލިދިޔައެވެ. ވަރީގެ ވާހަކައޭ އަޔާޒް ބުނި އަޑު އިވުމުން މަލާކްގެ ހިތްދަތިވިއެވެ. މިފަދަ މާޙައުލަކަށް އަޔާޒް އޭނަ ގެނެސް ދައްކާނީ މި ވާހަކަކަމެއް އޭނައަށް ކުޑަކޮށްވެސް ހީކުރެވިފައެއްނެތެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އަޔާޒް ވާހަކަ ދެއްކިއެވެ. އެހެނަސް އެ ދައްކަން ފެށި ވާހަކައަށް މަލާކަށް ފުރިހަމަ ސަމާލުކަމެއް ނުދެވުނީ އެއީ އޭނަ އެއްގޮތަކަށް ވެސް އަހަން ބޭނުންވާ ޒާތުގެ ވާހަކައެއް ނޫންކަން ޔަޤީންވުމުންނެވެ. އެއަށްވުރެ ބޮޑަށް މަލާކަށް ސަމާލުކަން ދެވެމުން ދިޔައީ އަޔާޒްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށެވެ. ދެމީހުން ވަކިވާންޖެހޭ ސަބަބުތައް ކިޔައިދެމުން ދިޔައިރު އެ ލޯމަތިން އުދަގުލެއްވެގެން އުޅޭހެން މަލާކަށް ހީވިއެވެ. އަޔާޒްގެ ވާހަކަ ދޭތެރެދޭތެރެއިން މެދުކެނޑެމުން ދިޔަގޮތުންނާއި، މެދު ތެރެއިން އަޔާޒް އޭނައާއި ވަކިވާން ބޭނުންނުވާކަމަށް ބުނަން އުޅުނު ގޮތުން، އެ ހީވުމަށް އިތުރު ބާރެއް ލިބިގެން ދިޔައެވެ. އަޔާޒަށް މިވަގުތު އެ ވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އޭނަ ފަދައިން ދެމީހުންގެ ވަރީގެ ވާހަކައިން އަޔާޒްގެ ވެސް ހިތްދަތިވަނީތޯ ހިތަށްއެރިއެއްކަމަކު މަލާކަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އަޔާޒް ހިތްދަތިވާނެނަމަ އެ ވާހަކަ ނުދެއްކީސް ނޫންތޯ ހިތް ބުނުމުންނެވެ.

 

ކޮންމެ ގޮތެއްވިޔަސް އަޔާޒްގެ ވާހަކަ އަޑުއަހަން އިނދެއިނދެފައި މަލާކްގެ ކެތްތެރިކަން ކޮޅުންލީ އަޔާޒް ހިޝާމްގެ ވާހަކަ ދައްކަން ފެށުމުންނެވެ. އަޔާޒާއި އޭނަ ވަކިވާން ޖެހޭ ސަބަބަކަށް އެ އަސްލެއްނެތް ގުޅުމުގެ ވާހަކަ އަޔާޒް ގެނައުމުން މަލާކަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް ލޯބިނުވޭ ހިޝާމްދެކެ…..” އަޔާޒާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ މަލާކަށް އެހެން ބުނެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އެހެން ސަބަބެއް ދެއްކިޔަސް ނެތްކަމެއް ދެމީހުންގެ ދެމެދަށް ނުގެނައުމަށް އޭނަ އަޔާޒްގާތު ބުނަން އުޅުނު ފަދައެވެ.

 

މަލާކް ބުނެލި އެ ބަސްތަކަށްފަހު އެ ދެމެދަށް ފުން ހިމޭންކަމެއް ވެރިވިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ އެހެން މީހަކަށް ނޭނގޭ ފަދައަކުން އެދެމެދުގައި ވާހަކައެއް ދެކެވެމުންދާ ފަދައަކުންނެވެ. މަލާކްގެ ބަސްތަކުން ހުއްޓުންއެރި އަޔާޒަށް ވިސްނެމުން ދިޔައީ އެ ބަސްތަކުގެ މާނައާއި މެދުގައެވެ. މަލާކް ހިޝާމްދެކެ ލޯބިނުވާނަމަ އޭގެ މާނައަކީ ކޮބައިތޯ ހިތަށްއެރިއެވެ. އޭނަހެން މަލާކް ވެސް ‘ހުސްހަށިބަޔަށް’ ހުރުމުން މަލާކްގެ ހިތުގައި އޭނައަށްޓަކައި އިޙްސާސްތަކެއް ވެދާނެތޯ ހިތަށްއެރިއެވެ.

 

ޚުދު މަލާކްގެ ހިތަށްވެސް ވެރިވީ އެ ޒާތެއްގެ ސުވާލެކެވެ. އެހެނަސް އޭނައާއި އަޔާޒްއާ ދެމެދުގައިވި ފަރަޤުތައް މަލާކްގެ ހަނދާނަށް ވެރިވެގެން ދިޔައީ ކުއްލިއަކަށެވެ. ކައިވެނިކުރަން ފުރަތަމަ ވާހަކަ ދެއްކިއިރު ވެސް އެ ފަރަޤުތަކުގެ ވާހަކަ ފާހަގަކުރަމުން އަޔާޒް މި ކައިވެންޏާއި ދެކޮޅު ހެދިގޮތް ހަނދާނަށްއައެވެ. ހަމަ އެއާއެކު އަޔާޒް އޭނައާއި ކައިވެނި ކުރީ ހަމައެކަނި މައުވާއާއި ހަމައަށް ދެވޭނެ މަގެއް ހޯދަންކަން ހަނދާންވުމުން މަލާކްގެ ހިތް ނުތަނަވަސްވިއެވެ. އަދި އަމުދުން އޭނައަކީ ‘ނުކުޅެދޭ’ މީހަކަށް ވީ ހިނދު އަޔާޒް ކަހަލަ ޒުވާނަކު އޭނަދެކެ ލޯބިވެދާނެކަމަށް އޭނަ ހީކުރީވެސް ކިހިނެއް ހެއްޔެވެ؟ އަޔާޒް ފަހަކަށް އައިސް އޭނައާއި ދޭތެރޭ ކިތަންމެ ގާތްކޮށް ހިތިޔަސް އޭނައަށް އެކަން އޮޅިގެނެއް ނުވާނެއެވެ. އެ ޚިޔާލު ހިތަށް ވެރިވުމާއެކު މަލާކަށް ވާހަކަ ދެކެވުނެވެ.

 

“މަލާކް އަސްލު ލޯބިވަނީ އެހެން މީހެއްދެކެ.” މަލާކަށް އަވަސްއަވަހަށް ބުނެލެވުނެވެ. އޭނަ ހިތުން އެހެން ބުނެލީ ދޮގެއް ހެދުމަށެވެ. އެ ދޮގުގެ ހިޔަލުގައި އޭނައަށް އަޔާޒްގެ ލޯބި ނުލިބުނަސް އޭނަ ވަކި ހިތާމައެއް ނުކުރާނެކަން އަޔާޒަށް ދެއްކުމަށެވެ. އެހެނަސް މަލާކަށް ނޭނގުނު ކަމަކީ އޭނަ އެހެން ބުނުމުން ވެސް އަޔާޒްގެ ޚިޔާލުތަކަށް މާ ބޮޑު ބަދަލެއް ނައިކަމެވެ.

 

“ކާކުދެކެ ލޯބިވަނީ؟” މަލާކްގެ ނުތަނަވަސްކަން ވެރިވެފައިވި ދެލޮލުން ނަޒަރު ވަކި ކުރުމެއްނެތި އަޔާޒަށް އެހެން އަހާލެވުނީ ވެސް ބަދަލުވެފައިވި އަޑަކާއި އެކީގައެވެ. މަލާކް އިތުރަށް ވެސް ބުނެލި ވާހަކައިން މަލާކްގެ ހިތުގައި އޭނައަށްޓަކައި އިޙްސާސްތަކެއްވާކަން އަޔާޒަށް ޔަޤީނާއި ގާތްކުރެވުނެވެ. އެހެނަސް ދެންވެސް މަލާކް ސީދަލަށް އެ ވާހަކަ ނުބުނުމުން އޭނަގެ ހިތުތެރޭގައި ޝައްކަކާއި ނުތަނަވަސްކަމެއްވިއެވެ.

 

“އަޔާޒަށް ވަކި އެނގެން ނުޖެހޭނެ ކަންނޭނގެ….މާ ގިނަ ދުވަހެއްނުވެ މަލާކްއާ އަޔާޒް ވަކިވާނެތާ….އެހެންވީމަ ވަކި އެންގުމުގެ ބޭނުމެއްނެތް.” މަލާކް ދެންވެސް ވާހަކަ ދެއްކީ ދޮގު ހެދުމުގެ ނިޔަތުގައި ކަމަށްވިޔަސް އޭނަގެ ވާހަކަ ދެ މާނަ އެކުލެވޭ ގޮތަށް ދިޔަ ގޮތުން ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް ކެތްތެރިކަން ކޮޅުންލަމުން ދިޔަ އޭނަގެ ހިތް އެ އިޙްސާސްތައް ބަންޑުން ކުރަން އުޅުނު ފަދައެވެ. އެކަން ހިސާބަކަށް އެންގުންވި އަޔާޒްގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނައަށް އެނގުމެއްނެތިއެވެ.

 

“އެންމެ ރަނގަޅު…..އެހެންވެއްޖެއްޔާ އަހަރެން ކައިރި މި ވާހަކަ ބުނެދީ….މަލާކް ތި ލޯބިވާ މީހަކު މަލާކްދެކެ ލޯބިވޭތަ؟” އަޔާޒް އެ ސުވާލުކޮށްލި ހިނދު އޭނަގެ ހިތް ނޭނގޭ ސަބަބަކާހުރެ ލަސްލަހުން އުފާވެރިކަމުން ފުރެމުން ދިޔައެވެ.

 

“ނޭނގެ….” އަޔާޒްގެ ލޮލުން ނަޒަރު ވަކިކުރަން ނުކުޅެދިފައިހުރެ މަލާކަށް ބުނެލެވުނީ ތެދުތެދަށެވެ. އެހިނދު އަޔާޒްގެ މޫނުމަތިން ފެންނަމުން ދިޔަ ލުއި ހިނިތުންވުން ފުންވެގެން ދިޔަހެން ހީވުމުން އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅެން ފެށިއެވެ. އަނެއްކާވެސް އަޔާޒް އޭނައަށް ތަފާތު ނަޒަރަކުން ބަލާފާނެކަމަށް ހިތް ބުނަން ފެށުމުން ހިތާހިތުން ބޯހޫރުވަމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ދެން އެ ވާހަކަ ބާއްވަމާދޯ؟ ހަމަ ކުރިން ވެސް އަޔާޒްއާ މަލާކް ރޭވި ގޮތަށް ކުރިއަށް ގެންދަމާ. ދެ މަސް ވަންދެން ދެމަފިރިން ގޮތުގަ އުޅެމާ….އަހަރުމެން އޭގެ ކުރިން ވަކިވެއްޖެއްޔާ ގެދޮރުގެ މައްސަލައިގަ އަނެއްކޮޅުގަ ތިބި މީހުން އެ ވަޞިއްޔަތުގަ އޮތް މި ކައިވެނީގެ ޝަރުޠުގަ ވެސް ހިފަން މަސައްކަތް ކޮށްފާނެދޯ؟ އެހެންވީމަ ހިނގާ އެކީގަ އުޅެން. އުޅެލާފަ ވަކިވާނީ….” މަލާކް އެންމެ ފަހުން އަމިއްލަ އިޙްސާސްތަކުގެ މައްޗަށް ބާރު ހޯދަމުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އަޔާޒްގެ ހިނިތުންވުން ފިލިއެވެ. އޭނަ ދެންވެސް އިރުކޮޅެއް ވަންދެން މަލާކަށް ބަލަން އިނދެފައި ތުން ފިއްތާލަމުން ބޯޖަހާލިއެވެ. އެއާއެކު މަލާކް އަވަހަށް ގެއަށް ހިނގަމާދޯއޭ ބުނުމުން އަޔާޒް ހިނގާށޭ ބުނެ ކޮޅަށް ތެދުވެލިއެވެ. އެއަށްފަހު ގޮނޑި އަނބުރާލަމުން ދުއްވަން ފެށި މަލާކާއެކީ ހިނގަންފެށިއެވެ. މި މަންޒަރު ފެންއަރުވާ ވަޑާމުގެ އަނެއްފަރާތުގައި އިށީނދެ އިނދެފައި ތެދުވެލީ މައުވާއަށް ފެންނަމުން ދިޔައެވެ. އަޔާޒާއި މަލާކް އޭނައަށް ފަސްދީފައި ދަމުން ދިޔަ މަންޒަރު ބަލަން މައުވާ ހުރިއިރު އޭނަގެ ލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމަށްވުރެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އަޔާޒް މަލާކްއާއެކީ ދަމުން ބަލިވީމަ ބުނާށޭ ބުނެލި ހިނދު މައުވާ ކަޅި މައްޗަށް ހިންގާލީ މަލާމާތުގެ ޒާތަކަށެވެ. އަޔާޒްގެ ހިތް އޭނައަށް ފަތަޙަ ނުކުރެވުމުން މި ޙާލަތާއިމެދު ދެރަ ނުވާނެހެން އޭނައަށް ވިސްނޭނެ ގޮތްތަކަށް އޭނަ ހިތާހިތުން ނިންމުންތައް ނިންމާފައިވެއެވެ. އަޔާޒް އޭނަ ޚިޔާރު ނުކޮށް ނުކުޅެދޭ ކުއްޖެއްގެ ކައިރިއަށް ދިޔުމަކީ އަޔާޒްގެ ބަދުނަސީބުކަމަށް އޭނަ އަމިއްލަ ނަފްސުގާތު ބުނެފައިވެއެވެ. އަދި އެހެންނޫނަސް އޭނައާއި އެ ނުކުޅެދޭ ކުއްޖާގެ ތެރެއިން ކޮންމެވެސް އެކަކަށް ލިބެން އޮތް މުއްސަނދިކަމާއި ތަނަވަސްކަން ލިބެން އޮތީ ދެމީހުންކުރެ ދެފައިމައްޗަށް ކޮޅަށް ތެދުވެވޭނެ މީހަކަށެވެ. އަޔާޒް އޭނަ ދޫކޮށްލީ އަޔާޒަށް ނޭނގުމުންތާއެވެ. އަދި އޭނަ އަޔާޒަށް އަންގާނެއެވެ. އޭނަ ދޫކޮށްގެން އަޔާޒަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން އޭނަ ނުހަނު އަވަހަށް ދައްކާނެއެވެ. އޭނަ ކައިރިއަށް އަޔާޒް އައިސްގެން ނޫނީ ޙައްލު ނުކުރެވޭނެ މަޅިއެއް އޭނަ ރާވާނެއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން މައުވާގެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ. އަޔާޒާއި މަލާކް ގޮސް ދުރުގައި އޮތް ކާރަށް އެރި މަންޒަރު ބަލަން ހުރެހުރެފައި އޭނަ އޭނަގެ ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އެ ހިނދު އަނެއްކޮޅުން އެ ފޯނު ބިޒީކަމަށް ބުނަން ފެށުމުން މައުވާ މެސެޖެއް ލިޔެލިއެވެ.

 

“ކޯލް މީ ވެން ޔޫ އާރ ފްރީ……ލަމް ސިސް.” ހަމަ އެ ނަމުން ސޭވް ކުރެވިފައިވި ނަންބަރަށް މައުވާ ފޮނުވާލީ އެ މެސެޖެވެ.

 

**

 

ރާއްޖޭގެ ގަޑިން އެރޭ 10 ޖަހައި ބޮޑުވަމުން ދިޔަ ވަގުތު އަނުމް އެނދަށްއެރީ ނިދާލުމަށެވެ. ނިދަން އޮށޯތުމުގެ ކުރިންވެސް އަނުމް އޭނަގެ މިހާރުގެ އާދައިގެ މަތިން އޭނަގެ ފޯނު ނެގިއެވެ. އެ ޢުމުރު ފުރައިގެ ކޮންމެ ކުއްޖެކޭ އެއްގޮތަށް އަނުމް އެ ގަޑީގައި ވަންނާނީ ކޮންމެވެސް ސޯޝަލް މީޑިޔާ އެކައުންޓަކަށްހެން ބަލާ މީހަކަށް ހީވެދާނެއެވެ. އެހެންނޫނީ އޭނަ އެއުޅެނީ އޭނަގެ ލޯބިވެރިޔާއަށް މެސެޖެއް ކޮށްލަންހެން ހީވެދާނެއެވެ. އެހެނަސް އަނުމް އޭނަގެ ފޯނުގެ ހުރިހާ އެޕްތަކުގެ ތެރެއިން ހުޅުވާލީ އެކިއެކި ޒިކުރުތައް އޭގެ މާނައާއެކީ ހުންނަ އެޕެކެވެ. އެޕްގެ ތެރެއިން ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ސާޗްކޮށްލަމުން އޭނަ އެ ޒިކުރުތައް ކިޔަން ފެށީ ކިޔާ ހިތުންނެވެ. ނިދުމުގެ ކުރިން ކިޔާ އެކިއެކި ޒިކުރުތައް އޭނަގެ މަންމަ އޭނައަށް ކިޔައިދެމުން ދިޔައީ އޭނަ ހަނދާން ހުންނަން ފެށީއްސުރެއެވެ. އެހެނަސް އެ ހުރިހާ ޒިކުރެއް ހަނދާނުގައި ބަހައްޓަން އަނުމްއަށް ދަތިވެފައިވިއެވެ. ދޮންބެ ފޯނު ގަނެދިން ދުވަހު އޭނަގެ ފޯނަށް އިންސްޓޯލް ކުރި މި އެޕްގެ ސަބަބުން އޭނަ އެ ޒިކުރުތަކަށް އިތުރު ޝައުޤުވެރިވެފައިވެއެވެ. ވަކިން ޚާއްޞަކޮށް ކޮންމެ ޒިކުރެއްގެ ދަށުގައި އޭގެ މާނަ ވެސް ހުންނަ ގޮތުން އަނުމްއަށް ކޮންމެ ޒިކުރެއް ކިޔައި އޭގެ މާނަތައް ވެސް ކިޔެމުން ދިޔައެވެ. އެއީ އޭނަ މީގެއިން އެއްވެސް ދުވަހަކު ހީވެސް ނުކުރާހާ ފުން މާނަތަކަށްވުމުން އޭނައަށް އެ އެޕްގައިވި އެހެނިހެން ޒިކުރުތަކުގެ މާނަތައް ވެސް ބެލެން ފަށާފައިވެއެވެ.

 

ކޮންމެ ރެއެކޭވެސް އެއްފަދައިން މިނެޓްތަކެއްގެ ޒިކުރު ކިޔުމަށްފަހު ފަތިސް ނަމާދަށް އެލާމަށް ލަމުން އަނުމް ނިދަން އޮށޯތެވެ. އޭނަ ދެލޯ މަރާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިދާނެކަމުގެ އުއްމީދުގައެވެ. އެހެނަސް ލޯ މަރާލުމާއެކު އޭނަގެ ލޮލަށް ސިފަވެގެން ދިޔައީ އޭނައަށް މީގެ ދެދުވަހެއްހާ ދުވަސްކުރިން ފެނުނު ސޫރައެވެ. ޕޭވްމެންޓް މަތިން އޭނަ ހިނގާފައި ދަނިކޮށް އޭނަ ކައިރިން ކުއްލިއަކަށް ބުރަކި ޖައްސާލި ނޫކުލައިގެ އަކުއާ ކާރު ތެރޭގައި އިން ޒުވާނާއެވެ. އަނުމް އިވުނު ބުރަކީގެ އަޑާއެކީ އިއާރފޯނު ކަންފަތުން ނަގަމުން ކާރާއި ދިމާލަށް ބަލާލި ވަގުތު ޒުވާނާ ކާރުގެ ކުޑަދޮރު ތިރިކޮށްލީއެވެ. އެއާއެކު ފެނިގެން ދިޔައީ އަނުމްމެންގެ ސްކޫލްގެ ޔުނިފޯމް ލައިގެން އިން ފިރިހެން ކުއްޖެކެވެ. އެ ޒުވާނާއާ އަނުމްގެ ހަތަރުކަޅި ބައްދަލުވީ ވަގުތު އަނުމް ހުއްޓުންއަރާ ގޮތްވިއެވެ. އެ ސޫރައިން އޭނަ އަޅައިގަންނަ ފަދަ ގޮތެއް އޭނައަށް ފާހަގަވުމުންނެވެ. ކަޅުކުލަ ގަދަ ދެލޮލުން އޭނައަށް ބަލައިގެން ހުރިގޮތުން އެ ދެލޮލުގެ ދަމާ ބާރެއްގެ އިޙްސާސް އަނުމްއަށް ކުރެވުނެވެ. ދިގުކޮށް ހުރި އަލި މޫނަކަށް ވިޔަސް ކަތުރުކަށިގަނޑުގެ ރޮނގު ސާފުކޮށް ފެންނަމުން ދިޔަ ގޮތުންނާއި އެ ގަދަ ބުމައިގެ ސަބަބުން ފިރިހެންވަންތަކަމަށް ދައްކަމުން ދިޔައެވެ. ފިލްމުތަކުން ފެންނަ ބިޔަ ހަށިގަނޑެއް ނެތަސް ބާމަތި ފުޅާކޮށް ހުރި ގޮތުންނާއި ޔުނިފޯމްގެ އަތުކުރި އުޅަނބޮށްޓާއި ހަމައަށް އޮޅާލެވިފައިވި ގޮތުން ރީތި ގޮތެއް ހުއްޓެވެ.

 

އަނުމް އެހެން ދިމާލަކަށް ބަލަން ނޭނގިފައި ވަނިކޮށް އެ ޒުވާނާ އޭނަގެ ފަހަތުގައި ހުރި މީހަކަށް ބަލާލިއެވެ.

 

“ނިމާލް ހާދަ ބާރަކަށޭ ހިނގާފަ ތި އަންނަނީ؟” ޒުވާނާ އެމީހަކަށް ބަލައި ކިޔާލި ނަމަކުން އަނުމްއަށް އިސާހިތަކު އެދިމާލަށް ބަލާލެވުނީ ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގި ހިތަކާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައާއި ނުހަނު ކައިރިން ނިމާލް ފެނުމުން އަނުމްއަށް ދެލޯ ބޮޑުކޮށް މޭމަތީގައި އެއްއަތް އަޅަމުން ފަހަތަށް ދެ ފިޔަވަޅު އަޅާލެވުނީ ބިރެއް ފެނުނު ފަދައަކުންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ވޭތުވި ދުވަސްތަކުގައި ނިމާލްވަނީ އޭނައާއި އެކި ގޮތްގޮތުން ގާތްވާން މަސައްކަތް ކޮށްފައެވެ. އަދި ވަކިން ޚާއްޞަކޮށް ނިމާލްއަކީ އޭނައާއި އެއްކުލާހެއް ޙިއްސާކުރާ ކުއްޖަކަށްވުމުން އެކަމަށްޓަކައި ނިމާލަށް ލިބިފައިވަނީ ރަނުގެ ފުރުޞަތެކެވެ. އަނުމް ބޭނުންނުވާއިރު ވެސް އޭނަގެ އަތުގައި ހިފުމާއި އޭނަ އަޑުއަހަން ބޭނުންނުވާހާ ތަޢުރީފުތައް އޭނައަށް އިއްވުމާއި އެހެނިހެން ގޮތްގޮތުން ވެސް އަނުމްގެ ވިސްނުން ތަޣައްޔަރުވާނެ ފަދަ ސަމާސާތައް ދޭތެރެދޭތެރެއިން ކުރުމަކީ ނިމާލްގެ އާދައަކަށްވަނީ ވެފައެވެ. އަނުމްއަށް އެ ކަންތައް ވަނީ ހަމައެކަނި އޭނަ ނުރުހުންވެ ރުޅި އަންނަ ކަންތަކަށް އެކަންޏެއް ނޫނެވެ. އެހެނަސް އޭނައަށް ކުރެވިފައިވި ތަޖުރިބާތަކެއްގެ ސަބަބުން ނިމާލްގެ ފަރާތުން އޭގެއިން ކޮންމެ ކަމެއް ފެންނަ ހިނދު އޭނަގެ މޭގައި ރިހުމެއް އުފެދި ބިރުވެސްގަނެއެވެ. އަނެއްކާވެސް އެނބުރި އޭނަގެ މާޒީއަށް ހިނގައިދާނެކަމުގެ ބިރާއި އެ މާޒީއިން އޭނައަށް ލިބުނު ހިތްދަތިކަމުގެ އިޙްސާސްތަކުން އޭނަގެ ހިތް ވަށާލެވިގެން ދެއެވެ. ނިމާލަށް އެކަން އިޙްސާސް ނުކުރެވޭތީ ނިމާލަށް އިތުރު ރުޅިއެއް އަންނަމުން ދިޔައެވެ.

 

އަނުމް ނިމާލް ފެނިފައިވެސް އަމިއްލަ އެ ޚިޔާލުތަކަށް ގެއްލެން އުޅުނު ވަގުތު އަނެއްކާވެސް އެ ޒުވާނާގެ އަޑު އިވުނެވެ.

 

“ގަޑި ނުޖެހެނީސް މާ އަވަހަށް ސްކޫލާއި ހަމައަށް ދާން ތިއުޅެނީ ފާޚާނާއަކަށް ދާންޖެހިގެންތަ؟ އެހެންކަމަށްވަންޏާ އަވަހަށް ކާރަށް އަރާ! އަހަރެން ވަރަށް އަވަހަށް ގެންގޮސްދޭނަން.” ޒުވާނާ ރާގަކަށް ބުނެލި އެ ވާހަކަ ނިންމާލީ ހިނިތުންވުމަކާއި އެކީގައެވެ. އޭނަ އެހެން ބުނެލިއިރު މަލާކްގެ ފުރަގަހުން ހިނގާފައި ދިޔަ ހަމަ އެމީހުންގެ ސްކޫލްގެ ދެ އަންހެން ކުދިންނަށް އެ ވާހަކަ އިވުމުން އެދެކުދިން ސިއްރުސިއްރުން ހީލި އަޑުވެސް އިވިގެން ދިޔައެވެ. ޒުވާނާ ބުނި އެއްޗެއްގެ ސަމާސާކަން އަނުމްއަށްވެސް އެނގުންވުމުން އޭނަ އޭނަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން ވަރަށް މަސައްކަތް ކުރަން ޖެހުނެވެ. އެހިނދު އޭނަ ކައިރީގައި ހުއްޓިހުރި ނިމާލް ރުޅިން ރަތްވިއެވެ. ނިމާލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން އެއްޗެހި ގޮވައިގަންނަން އުޅުނުތަނާހެން އެ ޒުވާނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ނިމާލް ހަނދާން ނެތުނީ ކަންނޭނގެދޯ ތިގޮތަށް ބާރަށް ހިނގާފަ އައުމަކީ އަހަރެން ކުރާ ކަމެއްކަން. ދެން ކީއްކުރަން ނިމާލް ކުރަން ނުޖެހޭ ކަމެއް ނިމާލް ތިކުރަނީ؟ އަހަންނަށް އަސްލު އިވުނީއޭ ނިމާލް މިގަޑީގަ ތިގޮތަށް ހިނގާނެ ވާހަކަ. ނިމާލް ކުރަން ނުޖެހޭ ކަމެއް ނިމާލް ކުރީމަ މައްސަލައެއް ނުޖެހި ހުންނާނެހެން ހީވޭތަ؟ ނައު ގެޓް އިން ދަ ކާރ، ލައިކް އަ ގުޑް ބޯއި، އިފް ޔޫ ޑޯންޓް ވޯންޓް ޓު ބީ އިން ޓްރޮބްލް.” އެ ޒުވާނާ ދެމާނައެއް އެކުލެވޭ ގޮތަށް ވާހަކަ ދެއްކުމަށްފަހު އެންމެ ފަހު ބަސްތައް ބުނެލަމުން ނިމާލަށް ލޯ އަޅާލިއެވެ. އެއާއެކު ނިމާލް ގޮށްމުއްކަވައި ދަތްކުނޑި ވިކައިގަތް ގޮތުން އޭނަ އެޒުވާނާއަށް ވަރުގަދަ ރައްދެއްދޭން އުޅުނުހެން ހީވިއެވެ. އެހެނަސް އެންމެ ފަހުން ކާރުގެ ކުރިމަތިން ވަށައިގެން ގޮސް ކާރަށް އަރަން ދިޔައީ އޭނައަށް އެހެން ގޮތެއް ނެތްހެން ހީވާ ފަދައަކުންނެވެ. އަނުމް ނިމާލް އަނެއްފަރާތަށް ދިޔަތަން ބަލަން ހުރެފައި ކާރުގައި އިން ޒުވާނާއަށް ލުއި ނަޒަރެއް ދެމުން ދާން ހިނގައިގަތީ ދެން އޭނަ އެތާ ހުރުމުގެ ބޭނުމެއްނެތް ހެން ހީވުމުންނެވެ. އެހެނަސް އޭނަ އެ ކާރު ފަހަނަޅައި ދާން އުޅުނު ވަގުތު ފުރަގަހުން ހަމަ އެ ޒުވާނާ ‘ސްކިއުޒް’ އޭ ކިޔާލި އަޑު އިވުނެވެ. އަނުމް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަހަތް ބަލާލިއެވެ.

 

“ވީހާވެސް ވަރަކުން ތަންތަނަށް ދާއިރު ބޭބެމެންނާއެކީ ދަތުރުކުރައްޗޭ. ތިގޮތަށް އެކަނި ދިޔުން އެހާ ސޭފްއެއްނޫން.” ޒުވާނާ ކުޑަދޮރުން ބޯދިއްކޮށްގެން އަނުމްއަށް ސީރިއަސް ނަޒަރެއް ދީގެން ހުރެ ބުނެލީ އެހެންނެވެ. އެހިނދު އެ ލޯމަތިން އަނުމްއަށް ފެނިގެން ދިޔައީ އޭނައަށްޓަކައިވި އަޅާލުމަކާއި އޯގާތެރިކަމެކެވެ.

 

އެ ޒުވާނާ އެހެން ބުނުމަށްފަހު ކުޑަދޮރު އަރުވާލަމުން ނިމާލްއާއެކީ ކާރު ދުއްވާލީއެވެ. އެހެނަސް އަނުމްއަށް އޭނަ ފަހަނަޅައި ދިޔަ ކާރަށް ބަލަހައްޓައިގެން އެ ޒުވާނާއާއި މެދު ވިސްނަން ސިކުންތުކޮޅެއް ވަންދެން އެ ހުރިތާ ހުރެވުނެވެ. އޭގެ 2 ދުވަސްފަހުން އެރޭ އެނދުގައި އޮތްއިރު ވެސް ޒުވާނާ އެންމެ ފަހަކަށް ބުނެލި ބަސްތަކާއެކީ އަނުމްއަށް ހިނިތުންވެލެވުނެވެ. ހިނިތުންވެލީ ހިނދު އޭނަގެ ކޯތާފަތް ރަތްވެ އޭނަގެ ދެލޯ ވެސް ހުޅުވިގެން ދިޔައެވެ. އެއާއެކު ވޭތުވި ދެ ރޭ ފަދައިން އެރޭ ވެސް އަނުމް އެ ޒުވާނާގެ ޚިޔާލުތަކަށް ގެއްލުނެވެ. އޭނަ ގޮސް ކާރު މަޑުކޮށްލި ގޮތާއި އޭނަ ނިމާލަށް މަލާމާތްކުރި ގޮތާއި އޭނަ އަނުމްގާތު ‘ސޭފް’ ކޮށް އުޅުމަށް ބުނެލި ގޮތެވެ. ޚިޔާލުތައް ކުރިއަށް ދިޔަވަރަކަށް އެ އަޑުވެސް ހާދަ ރީއްޗޭ ހިތަށްއެރިއެވެ. ހުންގާނުގައި އެއްއަތް އަޅުވައިގެން ހުރިގޮތް ވެސް ހާދަ ފިރިހެންވަންތައޭ ހިތް ބުންޏެވެ. އިސާހިތަކު އެ ފިރިހެން ކުއްޖާއާއެކީ މުޅި ޢުމުރު ވޭތުކުރާ މަންޒަރު ލޮލަށް ސިފަވެގެން ދިޔަގޮތުން އަނުމްއަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. އޭނަ މޮޔަވީތޯ ހިތް ސުވާލުކުރިއެވެ. މީގެ ކުރިން ވެސް އޭނައަށް ފިރިހެން ކުދިން ރީތިވެ ކަމުގޮސްފައިވެއެވެ. އެހެނަސް އެދުވަހު އެ ފެނުނު ޒުވާނާ އޭނަ މުޅިން އާ ދަރަޖައަކަށް ކަމުގޮސްފައިވަނީ އެ ޒުވާނާ ނިމާލްގެ އަތްދަށުން އޭނަ ސަލާމަތް ކޮށްދިން ގޮތުންނެވެ. މިއީ ހަމަ ރީތި ފިލްމަކުން ވާނެ ގޮތް ނޫންތޯ އަނުމްގެ ހިތަށްއެރިއެވެ. މި ‘ފިލްމު’ ނިމޭނީ އޭނައާއި އެ ޒުވާނާ ގުޅުމުން ނޫން ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ ދެންވެސް އެ ޒުވާނާއާއި ކައިވެނިކޮށް އެ ޒުވާނާއާއެކީ ދިރިއުޅުމެއް ފަށާ މަންޒަރު އަނުމްއަށް ޚިޔާލުކުރެވެން ފެށިއިރު އެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެފައިވިއެވެ. އެހެނަސް އެ ޚިޔާލުތައް ވަކި ހިސާބަކަށް ދިޔުމުން ލަސްލަހުން އެ ހިނިތުންވުން ފޭދެން ފެށިއެވެ. މީގެ މަސްތަކެއް ކުރިން ކައިވެންޏެއްގެ ހުރިހާ ހުވަފެންތަކަށް އޭނަ ފަސްއަޅައި ވަޅުލީ ކީއްވެކަން ހަނދާންވެގެން ދިޔަ ވަގުތު އެއްކަލަ ތޫނު ތަދު އޭނަގެ މޭގައި ހިފަން އުޅުނުހެން އޭނައަށް ހީވިއެވެ. އެ ތަދަށް ގަތް ބިރާއެކީ އޭނަ ދެން އެ ޚިޔާލުތައް ނުކުރަން އުޅުނެއްކަމަކު އަނުމްއަށް އެ ޚިޔާލުތަކުގެ މައްޗަށް ބާރެއް ނުހިންގުނެވެ. މީގެ މަސްތަކެއް ކުރިން އޭނަ ނުވެސް ދަންނަ ފިރިހެނަކު އޭނަގެ މައްޗަށް އަތްގަދަކޮށް އޭނަގެ އަބުރު ނަގާލީ ވަކި އޭނަގެ ކުށެއް އޮވެގެނެއްނޫނެވެ. އެ އަނދިރި މާޒީ އަނުމްއަށް ސިފަވަނީ އޭނަގެ ޙަޔާތުގައި ޖެހިގެން ދިޔަ ލައްގަނޑެއް ފަދައަކުންނެވެ. އަދި އެ ‘ލައްގަނޑު’ގެ ސަބަބުން އޭނަގެ މުޅި މުސްތަޤްބަލަށް އަސަރު ކުރާނެކަން އޭނައަށް ހިތާހިތުން ޔަޤީން ކުރެވިފައިވެއެވެ. ކޮންމެ ރެއެކޭވެސް އެއްފަދައިން އަނުމްގެ ދެލޯ ވެސް ރަތްވެ އެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ އެ ޔަޤީންކަމާއި އެކީގައެވެ. މޭމަތީގައި އަތްއަޅާލެވުނު ހިނދު އަތާއި ފައިވެސް މަޑުން ބާއްވަން އުދަގޫވީ އެ މޭގައިވި ރިހުމަށް އޭނައަށް ކެތްނުކުރެވޭނެހެން ހީވުމުންނެވެ. އިސާހިތަކު އެ ރިހުމުން ވެސް އޭނަ ސަލާމަތްކޮށްދޭނެ މީހެއް ނެތްކަމާއި، މުސްތަޤްބަލުގައި ވެސް އޭނަ ކައިރީގައި މީހަކު ނުހުންނާނެކަން އަމިއްލަ އަމިއްލައަށް ޔަޤީންކުރަމުން އަނުމްއަށް ގަދައަށް ރޮވެން ފެށިއެވެ. އަނުމްއަށް ނޭނގުނުކަމަކީ އެވަގުތު ވެސް އެ ރުއިމުގެ އަޑު އައްސަވަމުން ދިޔަ ފަރާތެއްވިކަމެވެ. އޭނަގެ ހިތުގެ ޙާލަތު ޚުދު އޭނައަށްވުރެ ވެސް މޮޅަށް ދެނެވޮޑިގެންވި ފަރާތެއްވިކަމެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ރިހުން ފިއްލަވައި އެ ހިތުގެ ޙާލަތު ބަދަލުކުރުމަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ފަރާތެއްވިކަމެވެ. އަދި އޭނަގެ މުސްތަޤްބަލަށް އޭނަގެ މާޒީގެ ހިޔަނިވެސް ނޭޅި އެ މުސްތަޤްބަލް އޭނަ ހީވެސް ނުކުރާހާ ރީތި ކުރެވޭނެ ފަރާތެއްވިކަމެވެ.

 

އާދައިގެ މަތިން އަނުމް އެރޭ ވެސް ނިދުނީ ގަޑިއިރެއްހާ ވަންދެން ރުއިމަށްފަހު ވަރުބަލިވުމުންނެވެ. ފުން ނިދީގެ ތެރެއަށް ގެނބުނު އަނުމްއަށް ނޭނގުނު ކަމަކީ ކިތަންމެ ގިނަ އިމްތިޙާންތައް އޭނަގެ ކުރިމަތީގައި ވިޔަސް އޭގެއިން ކޮންމެ އިމްތިޙާނަކީ އޭނައަށް އިތުރު ބާރެއް ލިބިދޭނެ ފަދަ އިމްތިޙާނެއްކަމެވެ. އަދި އޭގެއިން ކޮންމެ ކަމެއްގެ ތެރެއިން އޭނައަށް އެހީވާނެ މީހަކުވެސް ހުރިކަމެވެ.

 

**

 

އެރޭގެ އެ ވަގުތުގައި ލަމްޔާ އިނީ ނުހަނު ތަނަވަސް އެޕާޓްމެންޓެއްގެ ސިޓިންގް ރޫމުގެ ސޯފާއެއްގައެވެ. ސޯފާގައި އިނދެ އޭނަ ކުރިމަތީގައި ހުރި މޭޒުމަތީގައިވި ބިއްލޫރި ތަށްޓަށް ނުހަނު ޒާތެއްގެ ފެހިކުލައިގެ ފުޅިއަކުން ބުއިމެއް އަޅައި އެ ބުއިން ބުއެވެ. އެ ބުއިމުން އޭނައަށްވި ގޮތުން އެއީ ރަނގަޅު ބުއިމެއް ނޫންކަން އެނގެއެވެ.

 

ލަމްޔާ އޭނަގެ ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޖިންސްގެ ޖީބުން ރަތްކުލައާއި ކަޅުކުލައިގެ ޕެންޑްރައިވެއް ނެގިއެވެ. އެއަށް ބަލަން ހުރެފައި ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ލަމްޔާ ސޯފާމަތީގައި އޮތް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ސްޕީކަރަށްލަމުން ފޯނު މޭޒުމަތީގައި ބޭއްވިއެވެ.

 

“ހައި މައު….ހައުޒް ޔޫ؟” ލަމްޔާ ހިނިތުންވުމަކާއެކީ ބުނެލީ އަނެއްކާވެސް އޭނަގެ ތަށްޓަށް ބުއިމެއް އަޅަމުންނެވެ. އެހިނދު ލަމްޔާއަށް ނޭނގުނުކަމަކީ ގޭގެ ތެރެއިން އައި ފުރާވަރުގެ ޒުވާނެއް އެ އަޑު އިވިފައި ފާރެއްގެ ކައިރީގައި މަޑުކޮށްލީ ކަމެވެ.

 

“އައިމް ގުޑް…..ޔޫ؟” މައުވާ ފޯނުން އަހާލި އަޑު މުޅި ސިޓިންގް ރޫމަށް އިވުނެވެ.

 

“އައިމް ގްރޭޓް! ވަކިން ޚާއްޞަކޮށް މިފަހަރު ފެއިލް ނުވާނެ ކަހަލަ ޕްލޭން ސީއެއް ހަދާލެވުނީމަ.” ލަމްޔާ އެހެން ބުނެލީ ފުޅި ބަހައްޓަމުން އޭނަގެ އަތުގައި އޮތް ޕެންޑްރައިވަށް ނަޒަރެއް ދެމުންނެވެ.

 

“އަސްލުވެސްތަ؟ އަނުމްގެ ކަންތައްދޯ؟ ކިހިނެއް ހަދަން ތިއުޅެނީ؟” މައުވާ އަހާލި އަޑު އިވުނެވެ.

 

“ޖަސްޓް….ހަމަ ކުޑަކުޑަ އެއްޗެއް އޭނަގެ ދަބަސް ތެރެއަށް އަޅާލަން ޖެހޭނީ. އެއްވެސް މީހަކަށް ނުހުއްޓުވޭނެ ދޯ މިކަހަލަ ކުޑަކުޑަ ކަމެއް؟” ލަމްޔާ މަސްތުވުމުގެ މަގުމަތީގައިވި އަޑަކުން ބުނެލިއެވެ. އޭނަ އެހެން ބުނެލި އަޑަށް އެ ޕެންޑްރައިވަށް އަމާޒުވެފައިވި ފިރިހެން ޒުވާނާގެ ލޯ ހަނިވިއެވެ.

 

“އައިމް ޝުއާރ…..އައި ޓްރަސްޓް ޔޫ ލަމް ސިސް….ދެން ކޮބައިތަ އެއްކަލަ އަންހެނާގެ ކޮޓަރީގެ ކަންތައް؟ މަ ދުށީމޭ އެ ދެމީހުން މިކޮޅުގަ އުޅުނު ގޮތް….އެ ފުރޭތަގަނޑު އަޔާޒް ކައިރީގަ ބުނީ ދެ މަސްވަންދެން އުޅެލާނީޔޯ…ދެމަސްވަންދެން މައި ފުޓް! އޭނަ އެއުޅެނީ އަޔާޒްއާއެކީ އެނދަށް އަރާ ހިތުން އެހެން އެއްވެސް ކަމެއްނޫން!” މައުވާގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ.

 

“މައު ޗިލް އައުޓް! އަހަރެން މައު ބުނިގޮތަށް އޭސީ ހަދާ ބަޔަކު ފޮނުވައި އެކޮޓަރިއަށް ހަދަންވީ އެއްޗެއް ހަދައިފިން…ދެން އެމީހުން މިކޮޅަށް އައުމުގެ އިންތިޒާރު އޮތީ!” ލަމްޔާ ބުނެލިއެވެ. އެއާއެކު މައުވާ އޭނައަށް ތަޢުރީފު ކުރަން ފެށިއެވެ. އެ އަޑުތައް އަޑުއަހަން ހުރެހުރެފައި އެއްކަލަ ޒުވާނާ އަނެއްކާވެސް އެޕާޓްމެންޓްގެ ތެރެއަށް ވަދެގެން ދިޔައެވެ.

 

**

 

އަންނަން އުޅޭ ޠޫފާނަކާމެދު ރޭކާލުމެއްނެތި މަލާކާއި އަޔާޒް އެމީހުން ރަޝިޔާގައި ހޭދަކުރަން ބާކީ އޮތް އެންމެ ދެދުވަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން ދިޔައެވެ. އެދުވަހު ދެކެވުނު ވާހަކައަށްފަހު މަލާކަށް އަޔާޒާއި ވާހަކަ ދައްކަން އުދަގޫވިއެއްކަމަކު އަޔާޒް ނުހަނު އާދައިގެ ގޮތަކަށް މަލާކާއި މެދު ކަންތައް ކުރަމުން ދިޔައެވެ. ދެމީހުންގެ ދެމެދުގައި އެމީހުންގެ ގުޅުމާއިމެދު ވާހަކަ ނުދެކެވުނެއްކަމަކު އެކަނިވާ ކޮންމެ ވަގުތެއްގައި ދެމީހުންނަށް ވެސް އަމިއްލަ އަމިއްލައަށް އެ ގުޅުމާއިމެދު ވިސްނެމުން ދިޔައެވެ. އަޔާޒް މޫނުބަލާ ލޯގަނޑު ކުރިމަތީގައި ރީތިވާން ހުންނައިރުވެސް ހަނދާންވަނީ މަލާކްގެ ބަސްތަކެވެ.

 

“ނުލާހިކު އެޓްރެކްޓިވްވެފަ މެޗުއާރވާ އޭޖްއެއް އެއީ…އަންހެން ކުދިން ލައިކްވާނެ އެކަހަލަ ފިރިހެނުން.” އެ ބަސްތައް ހަނދާންވާ ކޮންމެ ފަހަރަކު އަޔާޒަށް އެކަނި ހުރެވެސް ހީލެވެއެވެ. އަދި އިހުނަށްވުރެ ރީއްޗަށް އޭނަގެ އިސްތަށިގަނޑުވެސް ހެދޭތޯ ބެލެއެވެ.

 

މަލާކްވެސް ދޭތެރެދޭތެރެއިން އަޔާޒް ބުނި ބައެއް ބަސްތައް ހަނދާންވެއެވެ. އަޔާޒް އޭނައާއި ވަކިވާން ބޭނުންނުވާ ވާހަކަ ބުނަން އުޅެފައި ނުތަނަވަސްވެގެން ކަހަލަ ގޮތަކަށް ނުބުނި ގޮތް ހަނދާންވުމުން މަލާކަށް ލަދުރަކި ގޮތަކަށް ހިނިތުންވެވެމުން ދިޔައެވެ. އެހެނަސް އަޔާޒާއި ޚިލާފަށް މަލާކް އޭނަގެ އެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވޭތޯ ބަލައެވެ. އަޔާޒަށް އޭނަ ކަމުގޮސްދާނެކަމުގެ ޚިޔާލުވެސް ކުރަން އޭނައަށް ދަތިވުމުންނެވެ. އަޔާޒަށް އޭނަ ކަމުނުދާކަން ފަހުން އެނގުމަށްވުރެ އެ ޝައްކުވެސް ނުބާއްވަން ބޭނުންވިވަރުންނެވެ.

 

ކޮންމެއަކަސް އަޔާޒާއި މަލާކް އެކީގައި ދެންވެސް ތަންތަނަށް ގޮސް ހެދިއެވެ. މިގޮތުން އެއްދުވަހުގެ ހަވީރު އަޔާޒް މަލާކް ގެންދިޔައީ އޭނަ ކުރިން ހަމައެކަނި މައުވާއާއެކީ ހިނގާލަންދާ މަގަކަށެވެ. އެއީ ދެ ފަރާތުގައިވެސް ފިޔާތޮށި ކުލައިގެ މާ ގަސްތަކެއް ހެއްދިފައިވި މަގަކެވެ. އެ މަގާއި ހަމައަށް ދެވުނުއިރު މަލާކްގެ އަތްބަލިވެފައިވީތީ އަޔާޒް މަލާކްއާއެކީ އެ މަގުން ދާން ޖެހުނީ މަލާކްގެ ގޮނޑި ދުއްވާފައެވެ. އެ ހިނދު މައުވާގެ އަތުގައި ހިފައިގެން އޭނަ ހިނގި ހަނދާން އާވެފައި އެ ޚިޔާލު މާ ރީތިކަން އެނގުންވުމުން އަޔާޒްގެ ހިތުގައި ޝަކުވާއެއް އުފެދުނެވެ. އޭނަ މަލާކްއާއެކީ ހޭދަކުރާ ވަގުތުކޮޅަކަށްވުރެ މައުވާގެ ޚިޔާލެއް ރީތިވާން އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން މަލާކަށް ހިނގޭނެނަމައޭ އެދުވަހު އަޔާޒްގެ ހިތަށްއެރީ ފުރަތަމަ ފަހަރަށެވެ. ހަމައެއާއެކު މަލާކަށް ނުހިނގެނީ ކީއްވެކަން އޭނައަށް އެނގޭކަން ވެސް އެނގުންވިއެވެ. އޭނަ މިހާތަނަށް އައިއިރު މަލާކަށް ފަރުވާ ނުކުރީ ކީއްވެތޯ ހިތް ސުވާލުކުރުމުން ކައިވެނީގެ ފުރަތަމަ ރޭ މަތިން އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އޭނަ ފަރުވާގެ ވާހަކަ ދެއްކުމުން މަލާކް އިސްކުރި ރުޅިމަތިން ހަނދާންވިއެވެ.

 

“މަލާކް ބޭނުމެއްނޫން ބަލި މީހަކަށްވާކަށް!” މަލާކް ބުނެލި އެ ބަސްތައް އަޔާޒްގެ ސިކުނޑީގައި ގުގުމާލިއެވެ. އެ ބަސްތައް ދޭހަކުރަން އަދަށްދާންދެންވެސް އަޔާޒަށް ދަތިވިއެވެ. އޭނައަށް މަލާކް އެނގިފައިވާ ގޮތުގަ ކަމަށްވާނަމަ މަލާކަކީ ފަރުވާ ކުރުމުގައި ދިމާވެދާނެ ދައްޗަކަށް ޖެހިލުންވާވަރަށްވުރެ ޢަޒުމް ވަރުގަދަ ކުއްޖެކެވެ. ވީއިރު މަލާކް އެހެން ބުނެފައިވާނީ ކީއްވެ ހެއްޔެވެ؟ މުޅި ޢުމުރު މީހުން އޭނަ ބަލި މީހެއްގެ ގޮތުގައި ދެކުނީތީ އޭނަ އިތުރަށް ޑޮކްޓަރަކަށް ދައްކަން ބޭނުމެއްނުވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ޑޮކްޓަރެއްގެ ޙައިސިއްޔަތުން މަލާކްގެ އެ އިޙްސާސް ޤަބޫލުކުރަން އަޔާޒް ނިންމިއެވެ. އެހެނަސް މަލާކަށް ފަރުވާވެސް ކުރަން ބޭނުންވުމުން މަލާކް ބަލި މީހަކަށް ހެދުމެއް ނެތި އޭނައަށް ފަރުވާ ކުރެވިދާނެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އިސާހިތަކު އޭގެ ޖަވާބު ލިބިގެން ދިޔުމުން އަޔާޒަށް ހިނގާފައި ދަމުން ވާހަކަ ދެކެވުނެވެ.

 

“މަލާކް….ހިނގާދޯ މިރޭ ސްވިމިންގް ޕޫލަށް ފައިބަން؟” އަޔާޒަށް އެ ސުވާލުކޮށްލެވުނީ ހިމޭންކަމުގެ ތެރެއިން ކުއްލިއަކަށެވެ. އެއާއެކު ސިހުމެއް ލިބުނު މަލާކް ކުއްލިއަކަށް ދެއަތުން ފުރޮޅީގައި ހިފަހައްޓައި ގޮނޑި މަޑުކުރުވަމުން ‘ވަޓް’އޭ ކިޔައި އަޔާޒަށް ބަލާލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އެދިގެން ތި ލޯތްބަށް 14

Next

ހިތްހަލާކު

Next
November 21, 2019

ހިތްހަލާކު

Previews
November 20, 2019

އެދިގެން ތި ލޯތްބަށް 14

22 Comments!

  1. Jana says:
    November 20, 2019 at 9:10 pm

    Assalaam’alaikum. Alhamdhulillah ethah dhuvaheh fahun jana anekkaaves varah bodah free vejje. adhi amudhun vaahakaige main massalathah feshen ulheyiru free veema maa bodah ves ufaavejje. Alhamdhulillah! 🙂

    mihaa hisaabun jana vaahaka liyamun mi page ves hingaane vaahaka bunelan. mi page aky jana hama random koh eki eki aayaiy thah hissa kuraa page eh. kommeves kiyuntheriegge khiyaala eggothah ehdhuvahu dhivehi post eh fb ga post kureema eah libunu tharuheebun jana mi nimmany guidance from quran ge post thah ves dhe bahun genesdheyn In Sha Allah.

    https://web.facebook.com/guidancefromquran/

    Meege ithurun jana kureega bunihen Arabi lessons thah ves december in fashaigen blog ga aai, jana kurin buni aa gothah ves kuriah gendheveytho balaanan. Maai Allah alhamen kuraa komme heyo kameggai barakaaiy lavvai ekan qabool kuravvaashi. Ameen!

    Next part In Sha Allah friday ga. <3 😀

  2. Muslim says:
    November 20, 2019 at 9:26 pm

    V reethi Ma Sha Allah… You are so talented Jana sis. And thank you mikahala reethi vaahaka eh genesdheythy. I am sure mi vaahakain v gina zuvaankudhinnah iburaithakeh libigen dhaanekan…Cuz I have also experienced it hama mi story in… And Jana sis, may Allah bless you… BTW lysm ingey and the story vx… Solo curious for next part

  3. Rai says:
    November 20, 2019 at 9:32 pm

    Wow.abadhu VX enme kiyaahiy vaa hisaabun thi ninmaalany..

  4. Drax says:
    November 20, 2019 at 10:16 pm

    Omg it’s getting more interesting day by day
    Can’t wait to see what happens next
    Love this part

  5. Ayaaz says:
    November 20, 2019 at 11:38 pm

    Masha Allah??
    Jazakillah khairan sis♥
    Maai allah sis thikuraa masakkathuga barakaai lavvaashi….ameeen

  6. Kairaa says:
    November 20, 2019 at 11:52 pm

    Woww…varah reethi mi bai vx…..whn nxt…..waiting….

  7. Aisha says:
    November 21, 2019 at 12:38 am

    ما شاء الله.vr reethi. Jana thibuneenu arabic lessons thakeh kuriyah gendhaa vahaka dhw dear.. kon site eh ga and how? Can you pls give me your email dear i want to tell you something a bit privatly if you dont mind.. in sha allah a happy news?❤ vr bodah sorry vommnt nukureveythyve all parts ah. But i always read your storues and its just ma sha allah fab.. i love it. May allah bless you dear

  8. ®@@ñ! says:
    November 21, 2019 at 12:50 am

    Wow….wow…v furihama jana sis…… Va reethi ❤️♥️♥️?? waiting 4nxt part

  9. Izabell says:
    November 21, 2019 at 6:54 am

    Mi part vx varah reethi????Masha Allah ❤❤❤ Nd mee varah interesting story eh aslu ??? kiyaahithun indha nimeynii ??? When is next part

  10. azaan says:
    November 21, 2019 at 8:10 am

    Sis ge English vaahaka eh nufeney..btw mivaahaka mee my favorite ❤❤ Masha Allah ur reallyy talented

  11. Xaaan says:
    November 21, 2019 at 8:46 am

    Masha Allah mi partves vvv reethi

  12. Saaji says:
    November 21, 2019 at 9:10 am

    Masha allah varah reethi mi part ves ❤❤❤❤ you are the best jana sisss.. keep it upp ?

  13. Snow says:
    November 21, 2019 at 10:13 am

    Yay!! This is one of my fav story now. 3 fav story writers in Maldives
    Binmaa, Aisha(sun.mv), and Jana

    Binmaa stories:higgaimu?
    Aisha stories: exciting?
    Jana stories: peace and happy?
    Ehen myhunge vahaaka tha v. Nukiyan. Bae vaahaka tha heevany Hindi or dhivehi drama eh hen so eha reeche noon.

    Mikahaka reecha vaahaka liyaa liyuntherin thibeythi v ufaavey..life is pleasant hahaha

  14. Naafy says:
    November 21, 2019 at 12:14 pm

    Wow janaa sis….ur so talented Mashaa Allah …mhru mauvaa mnn raavanyy dhw anekkaa…ayaaz mennah dhera gotheh nahadhahchey…plx.. curiously waiting for the next part… sending so much love♥️

  15. Yanaa says:
    November 21, 2019 at 4:02 pm

    Varah??? Varah ???reethi maa sha Allah???curiously waiting ???for ???the next??? part.???

  16. rani says:
    November 21, 2019 at 7:52 pm

    it awsome …i wonder wht will happen then…its really cool jaanooooooo

  17. Mariyam Sudhuna says:
    November 21, 2019 at 10:12 pm

    Naswa Hassan

  18. Jana says:
    November 22, 2019 at 9:33 am

    Assalaam’alaikum. Ma Sha Allah haadha support ekey mi bayah mi libuny. hithah araa rangalhu msg thah ginain hunna baithakah ves mihaa support libeyne namaey. hehe…In Sha Allah 30 vana bai mirey 9 hikah haairu up kohdheynan. up koffa mi comment thakah reply kohdheynan 🙂

  19. Jana ge twin sis says:
    November 22, 2019 at 8:50 pm

    Jana akee mi jeelah fethey molhu liyuntheri eh masha allah?.Varah ufaavey mikahala vaahaka genesdheythee.. jana dheenee flim eh noony vaahaka fotheh nehlaane kamah ummeedhu kuran?.jazkillah khairan <3 <3

  20. 5#!√ says:
    November 22, 2019 at 9:03 pm

    Where is next part…

  21. Koyuki says:
    November 23, 2019 at 11:17 pm

    Masha Allah!!I love it
    Sis ur the best ingey..abadhuves jana sis ge vaahakayah emme inthizaaru kirevenee..love u for the sake of Allah <3

  22. Shifa says:
    January 9, 2020 at 12:24 am

    Ma sha Allah. Jazaakihlaah khairan

Comments are closed.

Next Episodeވަޢުދު (ތިރީސްވަނަ ބައި)←


All Right Reserved!