އެދޮރުން ކޮޓަރިއަށް ވަދެގެން އައީ މިއަދު ސުކޫލުން ފަތީން އާއި ދިމާވި ދިވެހި މުދައްރިސްއެވެ. އޭނާ ހުރީ އާދައެކޭ އެއްފަދައިން ވަރަށް ހިނިތުން ވެލާފައެވެ. އޭނާ ފެނުމާއެކު ފަތީން ވަރަށް ހައިރާންވިއެވެ. އޭނާގެ ކޮޓަރީގައި ފަތީން އޮތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “މިސްގެ ކުލާހުގަ މިއަދު އިން ކުއްޖެއްދޯ؟ ނަން ހަނދާން ނެތިގެން މިސް މިއުޅެނީ..” ފަތީން އޮށޯވެގެން އޮތް އެނދު ކައިރީގައި ހުރި ކުޑަ ޑްރެސިންޓޭބަލް ގޮނޑިއެއްގައި އިށީންނަމުން އޭނާ ސުވާލުކޮށްލިއެވެ. “ފަތީން… ނަމަކީ ފަތީން.. އަހަރެން ކީއްވެ މިތާ މިއޮތީ؟” ވަރަށް ލަދުން އޮވެ ފަތީން ވާހަކަ ދެއްކިއެވެ. “މިސް ފިހާރަޔަކުން އައިއިރު ކުއްޖަކު އޮތީ މިގޭ ދޮރުމަތީގަ ވެއްޓިފަ. އަނދިރި ކަމުން ނޭނގުނު ފަތީން ކަމެއް. އެކަމްވެސް މިސް ވަރަށް މަސައްކަތުން ވެއްދީ އެތާ ބާއްވާފަ ނާންނަން ވެގެން. ވެއްދި ފަހުން އިނގުގީ ފަތީން ކަން. ކީއްވެތަ މިހާ އަނިޔާވެފަ މިހިރީ.. ބަޔަކު އަނިޔާ ކުރީތަ..؟” ފަތީންގެ ބޮލުގެ ދުޅަވެފައިވާ ހިސާބުގައި އަތް ކާތާލަމުން ޝައިހާމިސް ބުނެލިއެވެ.

އެ މުދައްރިސް ވަރަށް އޯގާތެރިއެވެ. ފަޒީން ހާ އޯގާތެރިއެވެ. އެ ފިރުމުން ފަތީންއަށް ގެނެސްދިނީ ފުން ހަނދާންތަކެކެވެ. ފަތީންއަށް އަނިޔާއެއްލިބޭ ކޮންމެ ފަހަރަކު ފަޒީންގެ ފަރާތުން ލިބޭ އޯގާތެރިކަން ފަތީން ގެ ހަނދާނާ އެކުވާން ފެށިއެވެ. ފަތީންގެ ދެލޯ ފެންކަޅިވިއެވެ. އެތާ އޮތުމަށް އުނދަގޫވިއެވެ. ފަތީން އޮތްތަނުން ތެދުވިއެވެ. އެވަގުތު ޝައިހާ މިސް ގޮނޑިން ތެދުވެ ފަތީން ގާތުގައި އިށީނދެލިއެވެ. “މިސް ކާރި ބުނެބަލަ ވީގޮތެއް! ބަޔަކު ތަޅައި ގަތީތަ؟” ފަތީންގެ ކައިރީ އިނދެ ޝައިހާ ވާހަކަ ދެއްކީ ފަތީންގެ ބުރަކަށީގައި ފިރުމާލަމުންނެވެ. އެވަގުތު ފަތީން ޝައިހާގެ މޫނަށް ބަލާލިއެވެ. ފަތީން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހިތަށް ވެރިވަމުންދިޔަ އުދާސްތަކަށް އޭނާއަށް ކެތް ނުކުރެވޭ ވަރުވިއެވެ. އޭނާގެ އަނގައިން ބަހެއް ނުނުކުތެވެ. މަޑުމަޑުން ފަތީންގެ ހަށިގަނޑުގެ ތެރޭ އުތުރެމުންދިޔަ އުދާސްތަށް އެ ކޮޓަރީގެ ހަމަހިމޭން މާހަލުން ޖާގަހޯދީ އޭނާގެ ދެލޯ މެދުވެރިކޮށެވެ. ފަތީންއަށް ގިސްލާ ރޮވެން ފެށުނެވެ. ރޯން ބޭނުން ނުވިނަމަވެސް ފަތީންއަށް އެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ކެތް ކުރެވޭތޯ ކިތަންމެ ހިތްވަރެއް ކުރިއަސް ލޮލަށް ޖަމާވަމުންދިޔަ ކަރުމަތަކާއި ހަނގުރާމަ ކުރާނެ ހިތްވަރެއް އެ ހަށިގަނޑަކަށް ނުލިބުނެވެ. ޝައިހާ ފަތީންއަށް ހިތްވަރު ދޭން ވަރަށް މަސައްކަތް ކުރިއެވެ. ފަތީންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފޮހެދެމުން ވީގޮތެއް ބުނުމަށް ޝައިހާ ބުނަމުން ދިޔައެވެ.

ފަތީން ހިތްފުރެންދެން ރޮއިލިއެވެ. އޭނާއަށް ކުޑަ ހަމަޖެހުމެއް ލިބުނީ އެހެންކަމުންނެވެ. “އާނ.. ބަޔަކު ތަޅައި ގަތީ..” ފަތީންގެ އަނގައިން ބަހެއް ނުކުންނަ ވަރުވީ އެތަށް އިރެއް ފަހުންނެވެ. “އެއީ ކީއްވެކަން ފަތީން އަށް އިނގޭތަ؟ އެމީހުން ތަޅައި ގަންނަން ސަބަބެއް އޮންނާނެ އެންނު؟” އެވަގުތު ފަތީން ކަންތަށް ވަމުންދިޔަ ގޮތް ޝައިހާއަސް ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. ގިސްލަމުން އިނދެ ނަޒީހުއާއި ޖެހިފައިވާ މައްސަލަގަނޑު ގޮސްފައިވާ ހިސާބު އޭނާ ޝައިހާއަށް ކިޔައިދިނީ ޝައިހާގެ ފަރާތުން ލިބެމުންދިޔަ ހިތްވަރުގެ ބޭނުން ކޮށްގެނެވެ.

“ތިވާހަކަތަށް އަޑުއަހާފައި މިސް ވަރަށް ދެރަވެއްޖެ. މިއަދު ސުކޫލުންވެސް މިސްއަށް ފާހަގަވި ފަތީން ދެރަވެފަ އިންކަން. އިރާދަ ކުރެއްވިއްޔާ ފަތީން އަށާއި ފަތީންގެ އާއިލާއަށްވެސް އިންސާފު ލިބޭނެ.” ހުރިހާ ކަމެއް އިނގުމުން ޝައިހާ މަސައްކަތް ކުރީ ފަތީންއަށް ހިތްވަރެއް ދެވޭތޯއެވެ. މިގޮތުގައި ވަރަށް ގިނަވަގުތު ތަފާތު ވާހަކަ ދެއްކުމުގައި ފަތީން އާއި ޝައިހާ ތިއްބެވެ.

“ޓްރިން ޓްރިން” ރިންގް ވަމުން ދިޔައީ ފަތީންގެ ޖީބުގައި އޮތް ފޯނެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަމުންދަނީ މަންމައެވެ. ފޯނަށް ޖަވާބު ދިނުމާއެކު މަންމަގެ ފަރާތުން އިވިގެން އައީ ކަންބޮށުވުމުގެ ނިޝާންތަކެވެ. ފަތީން ލަސްވެގެން މަންމަ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އެވަގުތު ފަތީން އަތުކުރީ އަޅާފައިއޮތް ގަޑިއަށް ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. ގަޑިން ނުވައެއް ޖަހައިފިއެވެ. ފަތީން ވަގުތުން ފޯނު ކަނޑާލާފައި ގެޔަށް ދާން ތެދުވިއެވެ. “އަޅުގަނޑު ފޮތްތަށް ކޮބާ؟” ހިތް އަވަސްވެހުރެ ފަތީން ވާހަކަ ދެއްކިއެވެ. އެވަގުތު ޝައިހާ އެނދުގެ ހެޑުބޯޑް މަތީގައި އޮތް އޭނާގެ ފޮތްތަށް ނަގާ ދިއްކޮށްލިއެވެ. “ލަސްވެގެން ގެއިން ގުޅީދޯ؟” ފަތީންއާއި އެކު ބޭރަށް ނުކުންނަން ހިނގައި ގަންނަމުން ޝައިހާ އަހާލިއެވެ. ފަތީން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ގޭގެ މައިދޮރުން ނުކުމެ ހިނގައިގަތް ވަގުތު ޝައިހާ ފަތީންއަށް ގޮވާލިއެވެ. “ދެން ދެރަ ނުވައްޗެ މާބޮޑަށް. ކަމެއް ދިމާވަންޔާ މިސްގާތު ބުނާތި. ކޮންމެ ވަގުތަކުވެސް މިސް ހުންނާނަށް ފަތީންއަށް އެހީވާން..”. އެ އަޑު ފަތީންގެ ކަންފަތުގައި ޖެހުމާއެކު ފަތީންގެ ހިތަށް ވެރިވީ ބަޔާން ކުރަން ނޭނގޭފަދަ އުފާވެރި އިހުސާސް ތަކެކެވެ. ފަތީން ނުކުމެގެން ދިޔައީ ހިނިތުން ވެލަމުންނެވެ.

“ދަރިފުޅާ ކޮންތާކު އުޅެފަ ތިއައީ.؟ ކިހިނެއްވެފަ މިހިރީ ބޮލާ ތަންތަން ދުޅަވެފަ.؟” ފަތީން ގެޔަށް އައިސް ވަނުމާއެކު ފާތުމާ ފެށީ ރޯށެވެ. ފަތީންއަށް ލިބިފައިހުރި ގެއްލުންތަށް ފެނުނީމައެވެ. އެވަގުތު ފަތީން ފާތުމާއަށް ކަންތަށް ވީގޮތް ކިޔައިދިނެވެ. ހަދާނެ ދޮގެއް އޭނާގެ ސިކުނޑިއަށް ނައީމައެވެ. “ދަރިފުޅު ކީއްވެގެންތަ އޭނަގެ ބޮލުގަ ތި ތުހުމަތު އަޅުވަނީ؟” ފާތުމާއަށް ފަތީން ދެއްކި ވާހަކަތަށް ދެނެގަންނާކަށް ނޭނގުނެވެ. “އެއީ އޭނަ ކުރިންވެސް ދެތިން ފަހަރަކު ތިއްތިބެ މަރާލަން އިންޒާރު ދިން.. އޭނަ ބޭނުންވަނީ ޝިމާ.. އެހެންވެ.” ފާތުމާއަށް ކަންތަށްތަށް ވަމުންދިޔަ ގޮތް ފަހުމްވީ އެވަގުތުއެވެ. “ދެން އެކަމަކު މިވަރު ކޮށްލަން ޖެހޭތަ؟؟ އިބުރާހިމާ ހިނގާ ފުލުހުންނަށް ގުޅަން..” ސިޓިން ރޫމް މޭޒު ދަށުގައި އިށީނދެގެން އިން ފަތީންގެ ބައްޕަ އާއި ވާހަކަ ދައްކަމުން ފާތުމަ ބުނެލިއެވެ. ނަމަވެސް އިބުރާހިމް އެކަމާ ދެކޮޅުހެދިއެވެ. މި އާއިލާގެ އެއް މައްސަލަ މިހާރުވެސް ފުލުސް އޮފީހުގައި އޮއްވައި އިތުރު މައްސަލަ އަކާއިއެކު ދިޔުމަކީ ލަދު ކަމެއް ކަމުގައި އިބުރާހިމް ދެކެއެވެ. އެކަމާ ފާތުމާ އާއި އިބުރާހިމްގެ މެދުގައި ކުޑަ ދެބަސް ވުމަކަށްވެސް ދާން ޖުހުނެވެ.

ގަޑިން މެންދަމުން އަލިވެ އެކެއް ޖެހިއިރުވެސް ފަތީން އޮތީ ނުނިދިފައެވެ. ގައިގައި ރިއްސާތީއެވެ. ބޮލުގެ ދުޅަވެފައިވާ ތަނަށް ތަދުވާތީއެވެ. ދެފަރާތަށް އެނބުރި އެނބުރި ފޫހިވުމުން ފަތީން އޭނާގެ ފޯނު ނެގިއެވެ. އެވަގުތު ފޯނަށް އައީ ކޯލެކެވެ. އެއީ ނުދަންނަ ނަންބަރެކެވެ. “ހަލޯ..” ފަތީން ފޯނަށް ޖަވާބު ދިނެވެ. “ނުނިދިފަތަ..؟” އެކޮޅުން އިވިގެން އައީ ވަރަށް ބަރު އަޑެކެވެ. އެއީ ކާކުކަން ފަތީންއަށް ނޭނގުނުކަމުގައި ވިއަސް އެއީ ފިރިހެނެއްގެ އަޑުކަން ފަތީންއަށް އެނގެއެވެ. “ތީކާކު؟” ފަތީން ވަރަށް ހާސް ވެފައި އަހާލިއެވެ. “އަހަރެން މިއީ ކާކުތޯ ބެލުމުގެ ބޭނުމެއް ނެތް. އަހަރެން މިއީ ކާކުކަން އެނގުނަސް ވާނެ ފައިދާއެއްވެސް ނޯންނާނެ.!” އޭނާ ދައްކަމުން ދިޔައީ އޭގެ މާނަ ދެނެގަންނަން ފަތީންއަށް އުނދަގޫވި ވާހަކަ ތަކަކަށެވެ. އެވާހަކަ އިވިފައި ފަތީންގެ ގާތަށް އައީ ރުޅިއެވެ. “ދެން އެހެންވިއްޔާ ކީއްކުރަންތަ ތި ގުޅަނީ؟ މަށަށް ހެޔޮ ކަލޭތީ ކޮންމެ މީހަކަށް ވިއަސް..” ވަރަށް ރުންކުރު ގޮތަކަށް ވާހަކަ ދެއްކުމަށްފަހު ފަތީން ވަގުތުން ފޯނު ކަނޑާލިއެވެ. އެވަގުތު އަނެއްކާވެސް އެކޯލު ތަކުރާރު ވިއެވެ. “ކިހިނެއް ވެގެންތަ ތިއުޅެނީ.؟” އަނެއްކާވެސް ފަތީން ޖަވާބު ދިނީ ރުޅިއައިސްފައެވެ. އެވަގުތު ގުޅައިގެން ހުރި މީހާ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “ވަރަށް އުފާވެއްޖެ ތި ސުވާލު ކުރީމަ.. އަހަރެން ވާހަކަ ދައްކާ ނުނިމެނީސް ފޯނު ކަނޑާ ނުލާތި. އަހަރެންނަށް ވެގެން މިއުޅޭ ގޮތުގެ ވާހަކަ ބުނެދިނުމުގެ ފުރުސަތު އަހަރެން ނާހަނީސް ފަތީން ދިނީމަ ވަރަށް އުފާ ވެއްޖެ.. އަހަރެން މިއުޅެނީ ފަތީނުއަށް އެއްޗެއް ހަދިޔާ ކުރަން.. ބޭނުންތަ އެއީ ކޯޗެއްކަން ބަލަން..؟” އޭނާ މަސައްކަތް ކުރީ ފަތީންގެ ޝައުގުވެރިކަން ދަމައިގަތުމަށެވެ. “ހމމމ… ކޯއްޗެއްތައެއީ؟” ފަތީންގެ ވާހަކަ ދެއްކުމުގައި ހުރީ އޭނާ އެދައްކާ ވާހަކައަށް އެއްވެސް ސަމާލު ކަމެއް ނެތްފަދަ ގޮތެކެވެ. “ތިގޭ ދޮރުމަތީ އޮންނާނެ ސިޓީ އުރަލެއް. އެބަލާ..” އޭނާ މިހެން ބުނުމާއެކު ފޯނު ކެނޑުނެވެ.

އޭނާ ބުނީ ތެދެކެވެ. ފަތީން ގޭ ދޮރުމަށްޗަށް ނުކުމެ ބަލައިލީއިރު ދޮރުމަތީގައި ސިޓީ އުރައެއް އޮތެވެ. ފަތީން އެ ސިޓީ އުރަ ހިފައިގެން ކޮޓަރިއަށްވަދެ އޭތި ހުޅުވާލިއެވެ. “އަހަރެންނަށް އިނގޭ ފަތީންގެ ބޭބެ މަރާލި މީހާ.. އޭނާގެ މައުލޫމާތު ހޯދަން ބޭނުމިއްޔާ މާދަމާ ރޭ 9 ޖަހާއިރު އާދޭ އުތުރު ފަރާތުގައި ހަދާފައި އިންނަ ކުޑަ ބްރިޖު ކައިރިއަށް.. ހަނދާން ކުރާތި މިވާހަކަ އެއްވެސް މީހަކު ކައިރީ ބުނެފިއްޔާ މަށަށް އެނގޭނެ. އެފަދަ ކަމެއް ވެއްޖެޔާ އެ މައުލޫމާތު ލިބުމަށްވުރެ ގާތީ ނުލިބުން.. އަދި ހަނދާންކުރާތި ފަތީން އެތާ ހުންނަން ވާނީ އެކަނި..” އެއީ ތެދެއްބާއެވެ؟ ފަތީންގެ ހިތުގައި މި ސިޓީ ކިޔައިފައި އުފެދުނީ ސުވާލު ތަކެކެވެ. ނަމަވެސް ފަތީން އެތަނަށް ދާން ބޭނުން ވިއެވެ. އެއީ ހަގީގަތެއްތޯ ބެލުމަށެވެ.

ޖެހިގެން އައިދުވަހު ފަތީން ސުކޫލަށް ދިޔައީ ހަދާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. މިރޭ ކަންތަށް ކުރަންވީ ގޮތަކާއިމެދު ޝިމާ އާއި މަޝްވަރާ ކޮށްލުމަށް ފަތީން ހުރީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

އާދައެކޭ އެއްފަދައިން އިންޓަވަލް ގަޑީގައި ޝިމާއާއި ދިމާވުވުން ފަތީން އެވާހަކަ ހިއްސާ ކުރިއެވެ. އެ ކޯލުން ވާހަކަ ދެއްކި މީހާ އެކަން މަނާ ކޮށްފައި އޮތް ކަމުގައި ވިއަސް ޝިމާ އަކީ ފަތީންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ފަތީން މިކަހަލަ ފިޔަވަޅެއް އެޅުމުގެ ކުރިން ޝިމާގެ ހިޔާލެއް ހޯދަން ފަތީން ބޭނުންވިއެވެ.

ޝިމާ އާއި ފަތީން އެކަމުގެ މަޝްވަރާގައި ތިއްބައި އާނިސް އެތަނަށް އަތުވިއެވެ. “ކޮން ވާހަކައެއްގަ ދެމީހުން؟” އާނިސް އަހާލިއެވެ. ވަގުތުން ޝިމާ ބަލާލީ ފަތީންގެ މޫނަށެވެ. “ވެގެން މިއުޅޭ ގޮތަކީ މީހަކު ބުނަނީ ތިއްތިބެ މަރާލި މީހާ ބުނެދޭނަމޯ މިރޭ އެއްކަލަ އުތުރުފަރާތު ބްރިޖް ކައިރިއަށް ދިޔައިއްޔާ. އެވެސް އެއީ މަ އެކަންޔޯ..” ފަތީން އެއްވެސް ވިސްނުމެއްނެތި ބުނެލިއެވެ. “ޔަގީންތަ އަނެއްކާ އެއީ ތެދެއްކަން؟” އާނިސް ދެލޯ ބޮޑު ކޮށްލިއެވެ. “ނޭނގެ.. އެކަމު އަހަރެން ބޭނުން ތެދެއްތޯ ބަލަންވެސް ދާން..” ފަތީން ބުނެލިއެވެ.

“އެހެންވިއްޔާ ފަތީންއާ އެކީ އަހަރެންވެސް ދާނަން..” އާނިސް ބޭނުންވީ ފަތީން އާއި އެކު މިރޭ އެތަނަށް ދާށެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ މަރަށް އިންސާފު ހޯދައި ދިނުމަށް އާނިސް ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެވަގުތު ފަތީން އެކަމަށް އިންކާރު ކުރިއެވެ. “ނޫން. އޭނަބުނީ މީހަކު ގެންގޮސްފިއްޔާ އޭނަ އެވާހަކަ ކިޔައެއް ނުދިނުމޯ ގާތް ވާނީ.. ވަރަށް އަބުއި މީހެއް އެއީ..” ފަތީންގެ ހިޔާލަށް ޝިމާވެސް އަދި އާނިސްވެސް ދެކޮޅެވެ. “ނޫން… ފަތީން އެކަނި ދާކަށް އަހަރެން ގަބޫލެއް ނޫން.. އަހަންނާ އާނިސް އާ ދާނީ.. ގޮސް ފާރަޔަށް ގަހެއްގެ ނިވަލަށް ވަދެ އަހަރެމެނަށް ތިބެވިދާނެ އެއްނު ދޯ އާނިސް؟” ޝިމާ މިހެން ބުނުމާއެކު އާނިސްވެސް އެއްބަސް ވުމުގެގޮތުން ބޯޖަހާލިއެވެ. ކޮންމެއަކަސް އާނިސް އާއި ޝިމާގެ ގަދަހެދުމަށް ދެކޮޅުހަދާކަށް ފަތީންއަކަށް ހިތްވަރެއް ނުލިބުނެވެ. ފަތީން އެކުދިން ދެއްކި ވާހަކަޔަށް އެއްބަސް ވިއެވެ.

 

-ތިންވަނަ އެޕިސޯޑް ނިމުނީ-

39

8 Comments

  1. Kylie

    November 17, 2019 at 2:43 pm

    Me first dhw…. V reethi mi part vx… Waiting fr nxt part…

    • Maseeh

      November 17, 2019 at 6:36 pm

      yeah. in comments u r dho hehe.. thanks btw… keep reading.

  2. ®@@ñ!

    November 17, 2019 at 4:14 pm

    V v v reethi…..whns the next part…

    • Maseeh

      November 17, 2019 at 6:36 pm

      thanks very much… mihaaru upload kuran jahsaafin next part

  3. Friend

    November 17, 2019 at 7:11 pm

    Maseeh kon rasheh

    • Maseeh

      November 17, 2019 at 8:25 pm

      H___a___ru

  4. rainstorm

    November 19, 2019 at 6:44 pm

    mashah hiivey mi aanis knmes nubaeh hadhaa hen… eyna kanneynge faziin maralii

    • Maseeh

      November 20, 2019 at 6:20 pm

      hehe. lets see

Comments are closed.