ވީރާނާވެފައިވީ ޙަޔާތް މަގޭ – 15

- by - 38- November 12, 2019

“އޭނާ ދަންނަންތަ؟” ރިފާ ކުރި ސުވާލުގެ ސަބަބުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. ރިފާގެ މޫނަށް ވެރިވި ކުލަވަރުންނާއި، އެ އަޑުގައިވާ ހާސްކަމުން، އެމީހާ އެއީ އާދައިގެ މީހެއް ނޫންކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ސުވާލު އުފެދިފައެވެ.

**********************

 

“ޝަބާ؟… އޭނާ ދަންނަންހޭ؟…” ރިފާ ދެވަނަ ފަހަރަށްވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ.

 

“ނޫން… ނުދަންނަން… ނޭންގެ އެއީ ކާކުކަމެއް…” އަހަރެން އިތުރަށް ބުނެލީމެވެ.

 

“އޯހ… އޯކޭ… ހިނގާ ދާން…” ރިފާ ކުރިއަށް ދާން ފެށިއެވެ. އަހަރެން އެހުރިތާ މަޑުކޮށްގެން ހުރީމެވެ.

 

“ރިފާ؟” އަހަރެން ރިފާއަށް ގޮވާލީމެވެ. ރިފާގެ ފިޔަވަޅުތައް ހުއްޓުނެވެ. އެކަމަކު، ފަސްއެނބުރި ބަލައެއްނުލިއެވެ.

 

“ރިފާ އޭނަ ދަންނަން ދޯ؟…” އަހަރެން ސުވާލުކުރީމެވެ. ކުއްލިއަކަށް ރިފާ އަހަންނާއި ދިމާއަށް އެނބުރުނެވެ. އަހަރެން ދެވަނަ ފަހަރަށްވެސް ހަމަ އެސުވާލު ތަކުރާރުކުރީ، ރިފާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.

 

“އާން…” ވިސްނާލަން ހުރުމަށްފަހު، ރިފާ ޖަވާބު ދިނެވެ.

 

“އަވަހަށް ހިނގާ ގެއަށް ދާން… އިރުއޮއްސިއްޖެ… މިހާރު މަންމަމެން ޝަބާ ލަސްވެގެން ހޯދާނެ…” އަހަރެން އިތުރު ސުވާލެއް ކުރުމުގެ ކުރީގައި ރިފާ ބުންޏެވެ.

 

އެމީހާ ފެނުމުން، ރިފާގެ ތަބީއަތަށް ބަދަލެއް އައިސްފިކަން އަހަންނަށް އެނގުނެވެ. އެކަމަކު، މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތަށް ނުވާތީ، އަހަރެން އިތުރު ސުވާލެއް ނުކުރަމެވެ. ފަހުން ހަމަޖެހިލައިގެން އެވާހަކަ ދައްކަން ހިތުލަމުން، އަހަރެންވެސް ކުރިއަށް ހިނގައިގަތީމެވެ.

 

ޝާފީ ނިދުމުން، އަހަރެން ސިޓިންގރޫމްގައި މަޑުކޮށްލީ، ދޮންބެދައްތަ ކޮޓަރިން ނުކުންނަންދެނެވެ. ޓީވީ ހުޅުވާލުމަށްފަހު، އެކި ޗެނަލްތަކަށް ބަދަލުކުރަމުން ދިޔައީ، ކަމުދާ ޕްރޮގްރާމެއް ނުފެނުމުންނެވެ. އެންމެފަހުން ޓީވީ ނިއްވާލުމަށްފަހު، ރިމޯޓް ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވީމެވެ. އިރުކޮޅަކުން، ދޮރު ހުޅުވާލި އަޑު އިވުމުން، އެދިމާއަށް ބަލާލީމެވެ.

 

“އަދި ކިރިޔާ ރީމާއަށް ނިދުނީ… ހިނގާ ދާން…” ކޮޓަރީގެ ދޮރު ލައްޕާލަމުން ދޮންބެދައްތަ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން، ސޯފާއިން ތެދުވީމެވެ.

 

ޖަމިއްތަމެންގެއަށް ވަންއިރު، އާޔާ އޮތީ ޓީވީ ބަލާށެވެ. އަހަރެމެން ދިއުމުން ތެދުވެ، ސޯފާގައި ހަމަޖެހިލިއެވެ. އަދި އަހަރެމެން ގާތު އިށީންނަން ބުންޏެވެ.

 

“ރިފާ ދޯ… ވަރަށް ނިދި އާދެއޭ ކިޔާފައި މިރޭ މާ އަވަހަކަށް ކޮޓަރިއަށް ވަދެއްޖެ…” ރިފާ ކޮބައިތޯ އަހަރެން ސުވާލުކުރުމުން، އާޔާ ބުނެދިނެވެ.

 

އެކަމާ ގުޅޭގޮތުން އިތުރަށް އެއްވެސް ވާހަކައެއް އަހަރެން ނުދައްކަމެވެ. އާޔާވެސް ދެން ފެށީ އެވަގުތު ބަލަމުން ދިޔަ ފިލްމްގެ ވާހަކައެވެ. އަހަރެން މާ ޝައުޤުވެރިވާ ފިލްމަކަށް ނުވާތީ، އަހަރެންގެ ސަމާލުކަން އެއަށް ހުއްޓޭ ގޮތެއް ނުވިއެވެ. ދޮންބެދައްތަވެސް އެފިލްމްގެ ތެރެއަށް ގެއްލިފައި އިނެވެ. ރިފާއާއި ވާހަކަ ދައްކަން ބޭނުންވިޔަސް، މިރޭ ނުދެއްކޭނެތީ، އެމީހުން ބަލަމުން ދިޔަ ފިލްމަށް އަހަރެންވެސް ނަޒަރު ހުއްޓާލީމެވެ.

**********************

 

އަނެއްދުވަހުގެ ހެނދުނުގެ ވަގުތެވެ. އަހަރެން ބަދިގެއިން ނުކުމެގެން އައިއިރު އާޔާމެން ސިޓިންގރޫމްގައި ތިއްބެވެ. ގޭގެ އެހެންމީހުންވެސް ތިބީ ސޯފާގައި އިށީންދެލައިގެންނެވެ.

 

“ޝަބާ…އަވަހަށް އާދޭ.. ޝަބާ އަންނާނެ އިރަކަށް އަހަރެމެން އެންމެން މި އިންތިޒާރު ކުރަނީ…” އަހަރެން ފެނުމާއެކު ދޮންބެދައްތަ ބުނެލިއެވެ. ކިހިނެއްވީތޯ އަހަރެން ސުވާލުކުރުމުން، ކައިރީގައި އޮތް ރަށަކަށް ދަތުރު ދާން އުޅޭ ވާހަކަ ދޮންބެ ބުންޏެވެ. އަހަރެންވެސް ސޯފާގައި ޖައްސާލީ އެވާހަކައިގައި ބައިވެރިވުމުގެ ގޮތުންނެވެ.

 

ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލު ފާޅުކުރިއެވެ. އެންމެން ވާހަކަ ދެއްކުމަށްފަހު ނިންމީ، ޖެހިގެން އަންނަ ދުވަހު ދަތުރުދާށެވެ. ދަތުރުގެ ކަންތައްތައް ކުޑަކޮށް ރާވާލުމަށްފަހު، އެހެން މީހުން ސޯފާއިން ތެދުވެގެން ދިޔައެވެ. މިހާރު އެތާ ތިބީ އަހަންނާއި ދޮންބެދައްތަ އަދި އާޔާއާއި ރިފާއެވެ. ރިފާ މާ މަޑުން އިންނަކަން ފާހަގަކުރެވިގެން ދޮންބެދައްތަ އާޔާގެ ކޮނޑުގައި ކޮއްޓާލުމަށްފަހު ކިހިނެއްވެފަތޯ ސުވާލުކުރިއެވެ. އަހަރެންވެސް ޖަވާބަކަށް އެދިގެން އިނީމެވެ. އާޔާ އިޝާރާތުން ނޭންގޭކަމަށް ބުންޏެވެ.

 

“ރިފާ؟ ކިހިނެއްވެފަ ތި އިންނަނީ؟” ދޮންބެދައްތަ އެންމެ ފަހުން ސުވާލުކުރިއެވެ. ރިފާ ކުޑަކޮށް ސިހިފައި ބަލާލިއެވެ.

 

“މާބޮޑުކަމެއް ނުވޭ… ކުޑަކޮށް ބޮލުގައި ރިއްސަނީ..” ރިފާ ޖަވާބުދިނެވެ. އަހަންނަށް ރިފާގެ މޫނަށް ބަލާލެވުނެވެ. ދޮންބެދައްތައާއި އާޔާއާއި ދެމީހުން ބޭރަށް ގޮސްލާފައި އެބަ އަންނަންކަމަށް ބުނެފައި ތެދުވެގެން ދިއުމުން، އަހަރެމެން ދެމީހުން އެތަނުގައި އެކަނިވިއެވެ. އަހަރެން ރިފާއާއި ވާހަކަ ދެއްކުމަށް އަނގަ ހުޅުވާލި ވަގުތު، ރިފާ ވާހަކަ ދައްކަން ފެށިއެވެ.

 

“މަ މިދަނީ ގެއަށް އިނގޭ… ނިދާލީމަ ރަނގަޅުވެދާނެހެން ހީވަނީ” ރިފާ ދިޔަ ދިމާއަށް ބަލަން، އަހަންނަށް އިނދެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޚިޔާލުތަކުގެ ތެރެއިން އަހަންނަށް ނުކުމެވުނީ، ސޯފާމަތީގައި އޮތް ފޯނެއް ރިންގްވާން ފެށި އަޑަށެވެ.

 

“އަޅެ… ރިފާ އެދިޔައީ ފޯނު ބާއްވާފައި…” އަހަންނަށް ބުނެވުނެވެ. ދެވަނަ ފަހަރަށްވެސް ރިފާގެ ފޯނު ރިންގްވާން ފެށިއެވެ.

 

ފޯނު ހިފައިގެން އަހަރެން ސޯފާއިން ތެދުވީމެވެ. އެގެއަށް ވަންއިރު ޖަމިއްތަ ބަދިގެ ފަރާތުގައި އުޅޭތީ، ރިފާ ކޮބައިތޯ ސުވާލުކުރުމުން ކޮޓަރީގައި ކަމަށް ބުންޏެވެ. އަނެއްކާވެސް ފޯނު ރިންގްވާން ފެށީ ސިޓިންގރޫމަށް ވަންތަނާއެވެ. ރިފާގެ ކޮޓަރިއާއި ހިސާބަށް ދެވުނުއިރު، މިފަހަރުވެސް ކޯލް މިސްވެއްޖެއެވެ.

 

ރިފާގެ ކޮޓަރި ދޮރުފަތުގައި ޓަކި ޖަހާލީމެވެ. ރިފާ ދޮރު ހުޅުވާލުމުން، އޭނާގެ ފޯނު ދިއްކޮށްލީމެވެ. އަހަރެން އެއްޗެއް ބުނުމުގެ ކުރިން، ހަތަރުވަނަ ފަހަރަށް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ބަލާލި ރިފާގެ ދެލޯ ބޮޑުވިއެވެ. އަހަރެންގެ މޫނަށް ބަލާލަމުން، އަނެއްކާވެސް ފޯނަށް ނަޒަރު ހުއްޓާލިއެވެ. އަވަސް ހަރަކާތަކާއެކު ފޯނު ސައިލެންޓަށް ލިއެވެ.

 

އަހަރެންގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ. އަދި އެއީ އެހާ މުހިންމު ކޯލެއް ނޫންކަމަށާއި، ނުދަންނަ ނަމްބަރަކުން ކޮންމެވެސް މީހަކު ގުޅަނީކަމަށް ބުންޏެވެ. އަހަންނަށް ރިފާގެ މޫނަށް ބަލަން ހުރެވުނެވެ. ރިފާއަށްވެސް އޭނާއަށް ކުރެވުނީ ކީއްކަން އެނގުމުން، އަހަންނާއި ދިމާއަށް ދެލޯ ބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ. އެއްޗެކޭ ބުނަން އުޅެނިކޮށް، ޖަމިއްތަ އަހަންނަށް ގޮވާލުމުން، އަހަރެން ޖަމިއްތަ ކައިރިއަށް ދިޔައީއެވެ.

 

އެދުވަހު މެންދުރު، އަހަރެން ކައިރީގައި ހުރި ފިހާރައަކަށް ވަންއިރު، އަހަންނަށް އެތަނުން ރިފާ ފެނުނެވެ. އެދިމާއަށް ދަނިކޮށް އަހަންނަށް ސިހުމެއް ލިބުނީ އިއްޔެ، އަހަންނާއި ދިމާކޮށްލި މީހާ ރިފާގެ އަތުގައި ހިފިތަން ފެނުމުންނެވެ. ރިފާ އެމީހާގެ އަތް ފޮޅުވާލިއެވެ. އަހަރެން މަޑުމަޑުން އެދިމާއަށް ދިޔައިރު، އެދެމީހުން ވާހަކަ ދައްކަމުން ދިޔަކަން އެނގުނެވެ. ތަންކޮޅެއް ކައިރިއަށް ދިއުމުން އެމީހުން ދައްކާ ވާހަކަ އަޑުއިވެއެވެ. އެމީހުންނަށް ފެނިދާނެތީ އަހަރެން އެތަނުގައި ހުރި ހަރުގަނޑަކާ ނިވާވެލީމެވެ.

 

“އަހަންނަށް ރިފާގެ ނަންބަރު ހޯދުމަކީ އުނދަގޫ ކަމެއްހެން ހީވޭތަ؟” އެފިރިހެންމީހާގެ އަޑު އިވުނެވެ.

 

“ރިފާއަށް އެނގޭނެ އަހަރެން ބޭނުން ކަމެއް ކުރާނެކަން…” ރިފާ އެއްޗެކޭ ނުބުނެ ހުއްޓާ، އިވުނީ އެފިރިހެންމީހާގެ އަޑެވެ. ކާކުގެ ނަސީބެއްކަމެއް ނޭންގެއެވެ. އެވަގުތު ފިހާރައަށް އިތުރު ބަޔަކު ވަނުމުން، އެފިރިހެންމީހާ ފިހާރައިން ނުކުންނަން ދިޔައެވެ.

 

އޭނާ ފިހާރައިން ނުކުތްކަން ޔަޤީންވުމުން، ރިފާ ހުރި ދިމާއަށް އަހަރެން ހިނގައިގަތީމެވެ. އޭރުވެސް ރިފާ ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. އަހަރެން ރިފާއަށް ގޮވާލުމުން، އޭނާ އަހަންނާއި ދިމާއަށް ބަލާލިއެވެ. އެމޫނުމަތީގެ ކުލަވަރު ހުރިގޮތުން، އެތަނުން އެވަގުތު އަހަރެން ފެނިދާނެކަމަށް އުންމީދު ނުކުރާކަން އެނގުނެވެ. ހައިރާންވެފައި ރިފާ އަހަންނަށް ބަލަން ހުއްޓެވެ. ދެންމެ ފެނުނު އެއްވެސް ކަމެއްގެ ވާހަކަ ނުދައްކާ އަހަރެން  މަޑުކޮށްލީ، ތިބެވުނު ތަނުގެ ގޮތުންނެވެ.

 

ފިހާރައިން ނުކުމެގެން ވަކި ހިސާބަކަށް ގޮސްފައި، އަހަރެން ރިފާއަށް ގޮވާލާ ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކުރީމެވެ. ދެޚިޔާލެއްގައި ހުރެފައި، ރިފާ އެކަމަށް އެއްބަސްވިއެވެ. އަހަރެން ރިފާއާއިއެކު އެގެއަށް ދިޔައީ ރިފާ އެގޮތަށް އެދުމުންނެވެ. ރިފާގެ ކޮޓަރިއަށް ވަދެވުމުން، އަހަރެން ހަށިފުރާ ނޭވާއެއްލީ ދައްކަން މިއުޅޭ ވާހަކައަށް ތައްޔާރުވުމުގެ ގޮތުންނެވެ.

 

“އެއީ ކާކު؟” އަހަރެން އަހާލީމެވެ.

 

“ކާކުގެ ވާހަކައެއް ތި ދައްކަނީ؟” ރިފާވެސް ކޮށްލީ ސުވާލެކެވެ.

 

“ރިފާ؟؟ އެއީ ކާކުކަން ނުބުނާންވެގެން ތި އުޅެނީ ކީއްވެ؟” އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ. ކުއްލިއަކަށް ރިފާގެ އުޅުމަށް ބަދަލެއް އައީ އެމީހާއާއި ދިމާވިފަހުން ކަމުގައިވާތީއެވެ.

 

“މި ދައްކަނީ އިއްޔެ ފިހާރަ ކައިރިން ފެނުނު މީހާގެ ވާހަކަ… އެވަރުން ހަނދާން ނުވަންޏާ އަދިވެސް ބުނެދީފާނަން… މިއަދު ފިހާރަތެރެއިން ރިފާއާއި ވާހަކަ ދެއްކި މީހާގެ މަތިން އަދި ހަނދާނެއް ނުނެތޭނެ ކަންނޭންގެ… އަހަންނަށް އެއީ ކާކުކަން ނޭންގުނަސް، ރިފާއަށް އެއީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭހެން އަހަންނަށް ހީވަނީ… މިއީ ދޮގެއްތަ؟” އަހަރެން ވާހަކަ ދައްކަމުން ދިޔައިރު، ރިފާ އަހަރެންގެ މޫނަށް ބަލަން އިނެވެ. ދެން ދުރަށް ނަޒަރު ހުއްޓާލަމުން، ދެތުންފަތް ޖައްސާ ބާރުކޮށްލިއެވެ. އަހަރެން ރިފާގެ ހަރަކާތްތަކަށް ބަލަން އިނީމެވެ.

 

“އެއީ… އެއީ ހުމާމް….” ރިފާ އެއްވެސް އަސަރެއް ނެތް ގޮތަކަށް އެމީހާގެ ނަން ބުނެލިއެވެ. އަހަރެން ސުވާލުގެ ނަޒަރަކުން ރިފާއަށް ބަލާލީ، އިތުރު ތަފްސީލް ބޭނުންވާތީއެވެ. ރިފާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އެނދުން ތެދުވެގެން ގޮސް، ކުޑަދޮރު ކައިރީގައި މަޑުކޮށްލިއެވެ. އިރުކޮޅަކުން އަހަންނާއި ދިމާއަށް އެނބުރުނެވެ.

 

“އޭނާއަކީ… އެއީ… އަހަރެންގެ އެކްސް…” ލިބުނު އާ މައުލޫމާތުން އަހަންނަށް ސިހުމެއް ލިބުނެވެ. ރިފާގެ އަޑުގައި ޖެހިލުންވުން އެކުލެވިގެންވިއެވެ. އެކަމަކު، އެހެން ބުނިއިރުވެސް، އެމޫނުމަތިން ވަކި ތަފާތު އަސަރެއް އަހަންނަކަށް ނުފެނުނެވެ. ބުނާނެ އެއްޗެއް ނޭންގިފައި އަހަންނަށް ހުރެވުނީއެވެ.

 

“އަހަންނަށް ހެދުނު ވަރަށް ބޮޑު މިސްޓޭކެއް އެއީ.. ދެމީހުން ރައްޓެހިވިއިރު، އޭނާގެ ހަޤީޤަތެއް އަހަންނަކަށް ނޭންގޭ… ފަހަރެއްގައިވެސް ހިއެއް ނުކުރަން އެކަހަލަ މީހަކަށް އޭނާ ވެދާނެކަމަކަށް…” ރިފާގެ ދެލޯ ފެންކަޅިވިއެވެ. ރިފާ ދެއްކި ވާހަކަތަކުން، އަހަރެންގެ ހިތުގައި އުފެދުނީ އިތުރު ސުވާލުތަކެކެވެ. މިކަން ވިސްނިގެން ކަންނޭންގެއެވެ. ރިފާ ތަފްސީލުކޮށް، އަހަންނަށް އެވާހަކަތައް ކިޔައިދޭން ފެށިއެވެ.

 

ރިފާއާއި ހުމާމް ދިމާވީ، މާލޭގައި ކިޔަވަން އުޅުނު ދުވަސްވަރެވެ. ދެމީހުންގެ މެދުގައި އެކުވެރިކަން އުފެދި، މާ ގިނަ ދުވަހެއް ނުވެ، އެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. ރައްޓެހިވިއިރު، ހުމާމަކީ ކޮންކަހަލަ މީހެއްކަން ރިފާއަށް އެނގިފައެއްނެތެވެ.

 

ހުމާމަކީ އޭނާ ހީކުރިފަދަ މީހެއް ނޫންކަން ރިފާއަށް އެނގުނީ، ދެމީހުން ރައްޓެހިވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ހުމާމް ބުނީކީ ނޫނެވެ. ރިފާގެ ލޮލަށް ހުމާމްގެ އަސްލު ސޫރަ ފެނުނީއެވެ. ހުމާމަކީ ގޭންގް މާރާމާރީތަކާއި، އެނޫންވެސް އެފަދަ ބޮޑެތި ކުށްތަކުގައި ބައިވެރިވުމުގެ ސަބަބުން، ހައްޔަރުކޮށް، އެތައް ފަހަރެއްގެ މަތިން ޖަލަށްލެވިފައިވާ މީހެއްކަން އެނގުނު ދުވަހު، ރިފާގެ ހިތް ހަލާކުވިއެވެ.

 

“އޭނާގެ ހަޤީޤަތް އެނގުނު ދުވަހު ވަރަށް ދެރަވި… އެކަމަކު އެކަހަލަ މީހަކާ އެއްކޮށް އުޅެން ބޭނުން ނުވާތީ، ވަރަށް ވިސްނުމަށްފަހު އޭނާއާއި ގުޅުން ކަނޑާލީ… އޭގެފަހުންވެސް އޭނާ ގުޅި… އަހަރެން ޖަވާބެއް ނުދެން… މާގިނަ ދުވަހެއް ނުވެ، އަހަރެން ރާއްޖެއިން ބޭރަށް ދިޔައީ… މަންމަމެން ގާތު ބުނީ އިތުރަށް ކިޔަވަން ބޭނުންވާތީއޭ… އަސްލު ބޭނުންވީ އޭނާގެ ކުރިމަތިން ދުރަށް ދާން… އޭނާ މަތިން ހަނދާން ނައްތާލަން.. އެކަމަކު އެކަން ވަރަށް އުނދަގޫ ކަމަކަށްވީ… އެހެންވެ، ކޯސްވެސް ނުނިމެނީސް، އަހަރެން ރަށަށް އެނބުރި އައީ…” ރިފާ އިތުރަށް ކިޔައިދިނެވެ. އަހަރެން ރިފާގެ ކޮނޑުމަތީގައި އަތް ބާއްވާލީ، ހިތްވަރު ދިނުމުގެ ގޮތުންނެވެ.

 

“އެކަމަކު މިހާރު އަހަރެން އެކަމާ ހިތާމައެއް ނުކުރަން… އުފާވޭ ވަގުތު ފާއިތުނުވަނީސް، އޭނާގެ ކިބައިން ސަލާމަތް ވެވުނީތީ…” ރިފާ އަހަރެންގެ މޫނަށް ބަލާލަމުން ބުންޏެވެ.

 

“ދެން ކީއްވެ؟” އަހަންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

 

“އަހަންނަށްވެސް އޭނާ މިރަށުން ފެނުނީ އިއްޔެ… މީގެ ކުރިއަކުން ނުދެކެން… މިރަށަށް އައި ކަމެއްވެސް އެނގިފައެއް ނެތް…. އަނެއްކާ ރޭގައި އަހަރެންގެ ނަމްބަރު ހޯދައިގެން ގުޅަންވެސް ގުޅައިފި… މިއަދު ޝަބާ ފޯނު ގެނައި އިރުވެސް އޭނާ އެ ގުޅީ…” ރިފާ ކިޔައިދިނެވެ.

 

“ދެން ރިފާ މާ ހާސްވެ ކަންބޮޑުވެފައި ހުންނަނީ ކީއްވެ؟ އޭނަ ފެނުނު ފަހުން ވަރަށް ޗޭންޖްވެއްޖެ..” އަހަރެން ބުނީމެވެ.

 

“ވިސްނެނީ… މާބޮޑަށް އެކަމާ ދޭތެރޭގައި ވިސްނެނީ… އޭނާ މިރަށަށް އައީ ކީއްކުރަންބާވައޭ ހިތަށް އަރަނީ؟ އަނެއްކާ އަހަރެންގެ ފަރާތުން ބަދަލު ހިފަންތަ؟… މިއަދު އޭނާ ދެއްކި ވާހަކަތަކުން، އަހަންނަށް ދޭހަވީ އެކަހަލަ އެއްޗެއް… ދެން ނޭންގެ…” ވިސްނުމެއްގެ ތެރޭގައި ހުރެގެން، ރިފާ ވާހަކަ ދެއްކިއެވެ.

 

ގެއަށްގޮސްވެސް އަހަންނަށް އެކަމާ ދޭތެރޭ ވިސްނާލެވުނެވެ. އެކަމަކު ހުމާމް އަހަންނާއި އެގޮތަށް ދިމާކޮށްލުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ އަހަރެން އޭނާ ނުވެސް ދަންނަމެވެ. ދެން ހިތަށް އެރިއެވެ. އެކަހަލަ މީހުން އުޅޭނީ އެހެންނެވެ. ތަނަކުން މީހަކު ފެންނައިރަށް، އެމީހަކާ ޖެއްސުންކޮށް އުނދަގޫ ކުރާނެއެވެ. ދެފަރާތަށް ބޯ ހޫރާލީ، އެފިކުރުތައް ސިކުނޑިން ނެރެލަން ބޭނުންވިވަރުންނެވެ.

**********************

 

ޖެހިގެން އައި ދުވަހު އެންމެން ދަތުރުދާން ތައްޔާރުވެގެން ނުކުމެ، ހައެއް ޖަހަންވީއިރު ތިބީ ބަނދަރުމަތީގައެވެ. އުޑުމަތި ސާފު، މޫސުން ރީތި ދުވަހަކަށްވީތީ، އެންމެންވެސް ތިބީ އެކަމާ ވަރަށް  ހިތްހަމަޖެހިފައެވެ.

 

ދަތުރުމަތީގައިވެސް އެކަކު، އަނެކަކަށް ސަމާސާކުރުމާއި، މަޖާކުރުން އޮތެވެ. އެރަށަށް ދެވުމުން، ކުޑަކުދިންތައް ގޮވައިގެން އެއްބަޔަކު އެއްގަމަށް އަރައިގެން ދިޔައިރު، އަނެއްބަޔަކު އަވަދިނެތި އުޅުނީ ގެނައި އެއްޗެހި ބޭލުމުގެ މަސައްކަތުގައެވެ.

 

ހުރިހާ އެއްޗެއް ގެނައުމުން، އަހަރެމެން ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އުޅުނީމެވެ. މޫދަށް އެރެން ބޭނުންވެގެން މިހާރުވެސް ޝާފީމެން ދެތިން ފަހަރަކު ބުނެފިއެވެ.

 

ސައިބޮއި ނިމުމުން، އެންމެން މޫދަށް އެރެން ދިއުމުންވެސް، އަހަރެން މަންމައާއިއެކު މަޑުކުރީއެވެ. އަހަރެން ނުދިޔައީ ކީއްވެތޯ މަންމަ ސުވާލުކުރިއެވެ. އަހަރެން އޮޅުވާލާފައި، އެހެން ވާހަކައެއް ފެށީމެވެ. މަންމަ ދަބަސްތައް ބަހައްޓާފައި ހުރި ތަނަށް، ކޮންމެވެސް އެއްޗެއް ބަލާ ދިޔަ ވަގުތު، އަހަރެން މޫދާއި ދިމާއަށް ބަލާލީމެވެ. އެންމެން ހީ ސަކަރާތް ޖަހަމުންދާ މަންޒަރު ފެނުމުން، އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެވެސް މީހަކު އައިސް ފަހަތުން އަހަރެންގެ ގައިގައި ބައްދާލުމުން، އަހަންނަށް ތެޅިގަނެވުނެވެ.

 

“ރިލެކްސް.. މިއީ މަށޭ…” ޔަމާން ބުނެލިއެވެ.  ކުއްލިއަކަށް ޔަމާންގެ އަތްދަނޑި މައްޗަށް އަހަރެން ނަގާ އުފުލާލުމުން، އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

 

“ޔަމާން… އަހަރެން ތިރީގައި ބަހައްޓަބަލަ… ޕްލީޒް….” ވަށައިގެން ނަޒަރު ހިންގާލަމުން، އަހަރެން ބުނީމެވެ. އޭރު މޫދުގައި ތިބި އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓިފައިވާތީ އަހަރެން ލަދުގަތެވެ. މީގެ ކުރިން، މީހުންގެ ތެރޭގައި ޔަމާން މިކަހަލަ ސަމާސާއެއް ކޮށްފައި ނުވާތީ، އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

 

“ޔަމާން… އެންމެން އެބަ ބަލައޭ…” އަހަރެން ޔަމާންގެ މޫނަށް ބަލާލަމުން، އަނެއްކާވެސް ބުނީމެވެ.

 

“ބަލާ މީހަކު ބަލާފާނެއެއްނު… ބެލިޔަސް މަށަށް އޯކޭ…” ޔަމާން ފަރުވާކުޑަގޮތަކަށް ބުނެލުމުން، އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މިތަން ފެނުމުން ޔަމާން، ލާނެތް ގޮތަކަށް ހީލިއެވެ. ގަބޫލުނުކުރެވިފައި ޔަމާންގެ ނަމުން އަހަންނަށް ގޮވާލެވުނެވެ.

 

“ބުނީމެއްނު ދެން ފަހަރަކުން ސަލާމަތެއް ނުވާނޭ… އުރާލައިގެން ނަމަވެސް ގެންގޮސް މޫދަށް ލާނަމޭ…” އަހަރެންގެ ކަންފަތް ކައިރީގައި ޔަމާން ބުނެލިއެވެ. އެ މޫނަށް ބަލާލިއިރު، ލާނެއް ހިނިތުންވުމެއް ފެނުނެވެ. ޔަމާންގެ އަތުތެރެއިން ސަލާމަތްވާން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ޔަމާން އެދިޔަ ގޮތަށް ގޮސް، އަހަރެން މޫދަށްލިއެވެ. އެއާއެކު މޫދުގައި ތިބި އެންމެން މަޖާވެގެން، ހަޅޭއްލަވަން ފެށިއެވެ.

 

ޔަމާން އަހަރެންގެ އަތުގައި ހިފައިގެން ބޭރަށް ދާން ފެށިއެވެ. އަހަރެން ނޫނެކޭ ބުނެ އެއްގަމާއި ދިމާއަށް ދާން އުޅުމުން، ޔަމާން އަހަރެން ހިފެއްޓިއެވެ. ކިރިޔާ ފައި ޖެހޭ ހިސާބަށް ގެންގޮސް އަހަރެންގެ އަތުން ދޫކޮށްލުމުން، އަހަރެން ތެޅިގަތީމެވެ. ޔަމާންގެ އަތުގައި ހިފަމުން، ދުރަށް ނުދާށޭ ބުނީމެވެ. އަހަރެން ބިރުން ހުރިކަން އެނގުމުން، ހަމަޖެހިލާށޭ ޔަމާން ބުންޏެވެ. ޔަމާންއާއި ގާތަށް ޖެހިލަމުން، އަހަންނަށް ފަތާކަށް ނޭންގެއޭ ބުނީމެވެ. ހާސްނުވުމަށާއި، ކައިރީގައި ހުންނާނެކަމަށް ޔަމާން އަހަރެން ގާތު މަޑުމަޑުން ބުންޏެވެ.

 

“އޯހ… މޫދަށް ނޭރެން މި އުޅެނީ ފަތަން ނޭންގޭތީ ދޯ… ސާބަސް ޝަބާ…” އާޔާ އަހަންނާއި ދިމާކޮށްލިއެވެ.

 

“ޔަމާން ހުއްޓާ ޝަބާ ބިރުގަންނާކަށް ނުޖެހޭނެ… އޭނާ ޝަބާ ގެނބުނަކަ ނުދޭނެ… އެއަށްވުރެ މާ ލޯބިވާނެ… ކޮންމެ ހާލެއްގައިވެސް ޝަބާ ސަލާމަތްކުރާނެ ދޯ ޔަމާން.. މިހާރުވެސް އެހުރީނު……” ދޮންބެދައްތަ ދިމާކުރަން ފެށިއެވެ.

 

އަހަރެން “ދެން ދޮންބެދައްތާ” އޭ ކިޔާފައި ގޮވާލަމުން، އެވާހަކަތައް މެދުކަނޑާލީމެވެ. އެއާއެކު އެންމެން އެއްފަހަރާ ހޭން ފެށިއެވެ. އެންމެންވެސް ތިއްބާ، ދޮންބެދައްތަ އެހެން ބުނެލުމުން އަހަރެން ވަރަށް ލަދުގަތެވެ. ބައްޕައާއި ބޮޑުބޭބެމެން، ކުޑަކުދިންތައް ގޮވައިގެން ތަންކޮޅެއް ދުރުގައި ތިބިކަން ނަސީބެކޭ ހިތަށް އެރިއެވެ.

 

އެންމެންނާއެކު އުޅެން ފެށުމުން، އަހަރެންވެސް ހަމައަކަށް އެޅުނެވެ. ފަހުން އެމީހުންގެ ސަކަރާތުގައި ބައިވެރިވީމެވެ. މެންދުރަށް ކެއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް، އަހަރެމެން މޫދުން އެރިއިރުވެސް، ކުޑަކުދިންތަކާއެކު، ފިރިހެންވެރިން މޫދުގައި އުޅުނެވެ.

 

“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ.

 

(ނުނިމޭ)

38

You may also like...

2 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Wow😍😍😍 varah reethi mi part vx💜💛❤💚💙…. Next part avahah up kohla dhehchey❤.. Waiting for the next part

    ⚠Report!

Leave a Reply

Your email address will not be published.