ވީރާނާވެފައިވީ ޙަޔާތް މަގޭ 16
“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ.
**********************
“މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް އޭރު ތިބީ އެއްގަމުގައެވެ.
ރިފާގެ ފަޔަށް ބިއްލޫރިކޮޅެއް ހެރި ފުދޭވަރަކަށް ބޮޑަށް ޒަޚަމްވެފައިވެއެވެ. ނާޒިމް ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައުމުން، އާޔާ ރިފާގެ ފައިގައި ބޭސް އަޅައިދިނެވެ. ދުވަހުގެ ބާކީ އޮތް ކުޅިވަރުތަކުގައި ރިފާ ބައިވެރިއެއް ނުވެއެވެ. އެކަމަކު އެހެންމީހުންނަށް ފޯރިދިނުމުގައި އެންމެ ކުރީގައި އުޅުނީ އޭނާއެވެ. އުފާވެރި ވަގުތުތަކަކަށްފަހު، އެނބުރި ރަށަށް ދާން އަހަރެމެން ފުރިއިރު، ހަވީރު ހަތަރެއް ޖަހަނީއެވެ.
**********************
އޭގެ ދެދުވަސް ފަހެވެ. އަހަރެން ދިޔައީ އާޔާމެންނާއިއެކު ވޮލީ ކުޅޭށެވެ. ރިފާގެ ފައި މުޅިން ރަނގަޅު ނުވާތީ، އޭނާ ގޭގައި މަޑުކޮށްލީއެވެ. އާއްމުކޮށް ހަވީރުގެ ވަގުތު ހޭދަކުރަނީ ކޮންމެވެސް ކުޅިވަރެއް ކުޅެންކަމުގައި އާޔާ ބުންޏެވެ. އެގޮތުން މިހާރު އެންމެ އާއްމުކޮށް އެމީހުން ކުޅެ އުޅެނީ ވޮލީއެވެ. އަހަރެންވެސް ކޮންމެވެސް ވަރަކަށް އެމީހުންނާއި ބައިވެރިވަމެވެ. އެކަމަކު އެހާ މޮޅަށް ކުޅެން ނޭންގޭތީ، ގިނަ ވަގުތު ހުންނަނީ ބަލާށެވެ.
ހައެއްޖެހުމުން ކުޅުން ހުއްޓާލުމަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައި، އާޔާމެން ފޯރީގައި ވާހަކަ ދައްކަމުން ދިޔައިރު، އަހަންނަށް އެމީހުންގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ. އަހަރެމެންނާއިއެކު އައި ކުއްޖަކު ސުވާލުކުރުމުންވެސް، ގަދަކަމުން ހިނިތުންވެލަމުން، ކަމެއް ނުވާކަމަށް ބުނީމެވެ. އެހެންނަމަވެސް އަހަންނަށް ލިބިފައިވާ ނުތަނަވަސްކަން ކުޑައެއް ނުވެއެވެ.
މި ދެދުވަހު އަހަންނަށް ހުރެވެނީ ޝައްކެއްގެ މަތީގައެވެ. ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު، ކޮންމެވެސް މީހަކު، އަހަންނަށް ފާރަލާހެން ހީވަނީއެވެ. އެކަމަކު އަހަރެން ފަހަތް ބަލާލާއިރު، އެއްވެސް މީހަކު، އެހެން ވަކި ފާހަގަވާގޮތަށް ފެންނާކަށް ނުހުރެއެވެ. އެހެންވެ އަހަރެންގެ ހިތުގައި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ.
**********************
ގެއަށް ވަންއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ސިޓިންރޫމް ދޮރު ހުޅުވާލިއިރު، ގޭތެރެއަށް އަނދިރިކަން ވެރިވެފައިވެއެވެ. އެހެންވީމާ، އެއްވެސް މީހަކު އަދި ގެއަށް ނާންނަނީކަންނޭންގެއެވެ. ޖެހިލުންވެފައިހުރެ، ސިޓިންގރޫމް ދިއްލާލުމަށްފަހު، ކޮޓަރިއަށް މިސްރާބު ޖެހީމެވެ.
“ޕޮއް…” ކޮޓަރި ދޮރު ހުޅުވާލި ވަގުތު، ކުއްލިއަކަށް އިވުނު އަޑުން، އަހަރެން ސިއްސައިގެން ދިޔައެވެ. މޭގައި އަތްއަޅާލަމުން، އަހަންނަށް ކަރުބުޑުން ހަޅޭއްލަވައިގަނެވުނެވެ. ކުއްލިއަކަށް ކޮޓަރިތެރެ ހުދު އަލިން ދިއްލާލުމުން، އަހަންނަށް ދެލޯ މަރާލެވުނެވެ.
ހޭންފެށި އަޑު އިވުމުން، މަޑުމަޑުން ލޯ ހުޅުވާލިއިރު، ޝާފީއާއި ޔަމާން ތިއްބެވެ. އޭރުވެސް އަހަރެން ހުރީ މޭގައި އަތް އަޅާލައިގެންނެވެ. އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. ޝާފީ ކުރެވުނު ކަންތައް މަޖާވެގެން ހެމުންހެމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ، ހިތުގައިވާ ހާސްކަން އެކީ ބޭރުކޮށްލަން ބޭނުންވެފައިހުރެއެވެ.
“ޔަމާން… ކިހިނެއް ތި ހެދީ؟” އަހަންނަށް ބުނެވުނެވެ. ޔަމާން އަހަރެން ކައިރިއަށް އައިސް ހުއްޓުނުއިރުވެސް ހުރީ ހެވިފައެވެ.
“ހެހެހެ… އަދިވެސް ތިނޫންވަރެއް ނުވޭދޯ ހަމަ؟” ޔަމާން އަހަންނާއި ދިމާކޮށްލިއެވެ. އަހަރެން ރުޅި އައިކަމަށް ހަދާފައި ޔަމާންގެ އަތުގައި ޖެހީމެވެ.
“އޯކޭ.. އޯކޭ… ސޮރީ…” ޔަމާން ބުނެލިއެވެ. އަދި ގަޔާއި ކައިރިކޮށްލަމުން، އަހަރެންގެ ހަށިގަނޑުގައި އޭނާގެ ދެއަތުން ވަށާލިއެވެ.
**********************
އެރޭ ޝާފީ ނިދުމުން، ޔަމާންއާއިއެކު އަހަރެން ބޭރަށް ދިޔައީމެވެ. މި ދަތުރު އައިފަހުން، އެހެންމީހުންނާއި ވަކިން، ދެމީހުން އެކުގައި ތަނަކަށް ދެވެނީ ވަރަށް މަދު ފަހަރަކުއެވެ.
ޔަމާން އަހަރެން ގޮވައިގެން ދިޔައީ، ރަށުގައި ހުރި ރެސްޓޯރެންޓަކަށެވެ. ކައި ނިމިގެން ރަށުތެރޭގައި ސައިކަލް ދުއްވާލަން ދިޔައިމެވެ. ޔަމާން ސައިކަލް މަޑުކޮށްލުމުން އަހަރެން ފޭބީމެވެ. އެތަނުގެ ހަމަހިމޭންކަމުން ލިބުނު ހިތްހަމަޖެހުމުގައި އަހަންނަށް ހިނިތުންވެލެވުނެވެ. ރާޅުޖަހާ އަޑު އިވެމުން ދިޔައިރު، ޖެހިލާ ވައިރޯޅިން ގަސްތަކުގެ ގޮފިތައް ހެލިލާ އަޑު އިވިއިވި ހުއްޓެވެ. މާހައުލުގެ ހިތްގައިމުކަމަށް ގެއްލިފައި އަހަންނަށް ހުރެވުނެވެ.
ވަށައިގެން ނަޒަރު ހިންގާލުމަށްފަހު، ޔަމާންއަށް ގޮވާލަމުން ފަހަތަށް އެނބުރުނުއިރު، އަހަރެން ސިހުނީ، ޔަމާން ފެންނަން ނެތުމުންނެވެ. ދެވަނަ ފަހަރަށް ޔަމާންއަށް ގޮވާލަމުން، އަހަރެން ކުރިއަށް ހިނގައިގަތީމެވެ. އަހަރެންގެ އަތުގައި ހިފާލުމުން، ސިހިފައި އަނެއްފަރާތަށް އެނބުރުނުއިރު، ކުރިމަތީގައި ހުރީ ޔަމާންއެވެ.
“ދެން ޔަމާން…” އަހަރެންގެ އަނެއް އަތް ނަގާ، ޔަމާންގެ މޭގައި ޖަހާލަމުން އަހަރެން ބުނީމެވެ.
“ޝަބާ…” އަހަންނަށް ގޮވާލުމުން ޔަމާންގެ މޫނަށް ބަލާލީމެވެ. ޔަމާންގެ އެއް އަތް އޭނާގެ ފަހަތަށް ލެވިފައިވިކަން ފާހަގަވީވެސް އެއަތް ކުރިމައްޗަށް ގެނައުމުންނެވެ. އެ އަތުގައިވި ރަތް ފިނިފެންމަލަށް ބަލާލުމަށްފަހު، ޔަމާންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ލޯބިން ފުރިގެންވީ ނަޒަރަކުން ޔަމާން ބަލަން ހުރުމުން، އަހަންނަށްވެސް އެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރެވުނެވެ.
“ނުހިފާނަންތަ؟” ޔަމާންގެ އަޑު އިވުމުން، ހުވަފެނަކުން ހޭލެވުނުފަދައިން އަހަންނަށް ހަމަބިމަށް އާދެވުނެވެ. އަހަރެން ލަދުން އިސްޖަހާލަމުން، ޔަމާން ދިއްކޮށްލި މަލުގައި ހިފީމެވެ.
“އައި ލަވް ޔޫ…” ލޯތްބާއެކު ޔަމާން ބުނެލިއެވެ. އަހަންނަށް އެ މަލުގައި ހިފާ ބާރުކޮށްލެވުނެވެ. އަދި ހިނިތުންވެލަމުން ޔަމާންގެ މޫނަށް ބަލާލީމެވެ. އަހަރެމެންގެ ކައިވެނި ކުރެވުނުފަހުން މިވީ ދުވަސްތަކުގައި، ޔަމާންގެ ފަރާތުން ހަދިޔާ ލިބުމަކީ އާއްމު ކަމެކެވެ. ކޮންމެހެން ވަކި މުނާސަބަތަކާ ނޫނީ ވަކި ޚާއްޞަ ކަމަކާ ގުޅުވާފައެއް ނޫނެވެ. އަދި އަހަރެން އެކަމަށް އެދިގެންނެއްވެސް ނުމެނޫންމެއެވެ. އެގޮތަށް ހަދިޔާ ދޭ ކޮންމެ ފަހަރަކުމެ، އަހަރެންދެކެ ލޯބިވާކަން ހާމަކުރެއެވެ.
އަހަރެން ޔަމާންގެ މޭގައި މޫނު ޖައްސާލުމުން، އެ ދެއަތުގެ ތެރޭގައި އަހަރެން ހައްޔަރުކޮށްލިއެވެ. ދެމީހުން އެކުގައި ހޭދަކުރަމުންދިޔަ ވަގުތުކޮޅުގެ ތެރޭގައި ލިބުނު އުފާވެރިކަމަށް ހިޔަނި އެޅިގެން ދިޔައީ، އަނެއްކާވެސް އަހަންނަށް ހީވާންފެށި ހީވުމުގެ ސަބަބުންނެވެ. އެތަނުގައި އަހަރެމެންގެ ހަރަކާތްތަކަށް ބަލަން އެހެން މީހަކު ހުރިކަމަށް އަހަންނަށް ޝައްކު ކުރެވުނެވެ.
އެއްފަހަރަކު، އެތާ ކައިރީގައި ހުރި ގަހެއްގެ ފަހަތުގައި މީހަކު ހުރިހެންވެސް އަހަންނަށް ހީވިއެވެ. އަހަރެން މަޑުމަޑުން ޔަމާންއަށް ގޮވާލީމެވެ. ޔަމާން ކިހިނެއްވީތޯ ސުވާލުކުރުމުން، ގަސް ކައިރީގައި މީހަކު ހުރިކަމަށް އަހަރެން ބުނީމެވެ. ޔަމާން އެދިމާއަށް ބަލާލުމަށްފަހު، އެތަނުގައި އެއްވެސް މީހަކު ނެތްކަމަށާއި އެއީ އަހަންނަށް ހީވިގޮތެއްކަމަށް ބުންޏެވެ.
އަހަރެން ދެވަނަ ފަހަރަށް ބަލާލިއިރު، އެތަނުންވެސް އަދި އެތާ ކައިރި ހިސާބެއްގައިވެސް މީހަކު ފެންނާކަށް ނެތެވެ. ވަށައިގެން ނަޒަރު ހިންގަން ފެށުމުން، ޔަމާން އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އަދި އެއީ އަހަރެން އަބަދު ބިރުން އުޅޭތީ ހީވިގޮތެއްކަމަށް ބުނެ، އަހަރެން ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.
**********************
އަނެއްދުވަހު ހެނދުނުގެ ވަގުތު، އެންމެން އެކުގައި ތުނޑިއަށް ދިޔައީމެވެ. މާހައުލުގެ ހިތްގައިމުކަމާއި ޖެހެމުން ދިޔަ ފިނި ވައިރޯޅިން ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ހުސްފައިގައި ރާޅުޖަހާ ހިސާބުގައި ހިނގާލުމުން، ތަފާތު އިހްސާސެއް ކުރެވުނެވެ. ކުޑަކުދިންތައް ދުވެދުވެފައި އުޅެމުން، އެތަނުގެ ހިތްފަސޭހަކަމުން އުފާލިބިގަންނަމުން ދިޔައެވެ.
**********************
އެދުވަހު ހަވީރުވެސް އާޔާއާއިއެކު ވޮލީ ކުޅޭތަނަށް ދިޔައިމެވެ. ވަރުބަލިވެގެން ކުޅުން ހުއްޓާލުމަށްފަހު، ބެންޗެއްގައި މަޑުކޮށްލައިގެން އިންދާ ފޯނު ކޯލެއް އައެވެ.
“ކީކޭ މަންމާ؟؟” ފޯނު ނަގާފައި އަހަރެން ޖަވާބު ދިނީމެވެ.
“ދަރިފުޅާ… ޝާފީ ރޯވަރުން މި ގުޅީ…” މަންމަ މިހެން ބުނުމުން، އަހަރެން ކަންބޮޑުވިއެވެ.
“ރޮނިއްޔޭ؟؟؟ ކީއްވެ ރޮނީ؟؟” ހާސްވެފައި އަހަރެން އެހީމެވެ.
“ކުޅެން އުޅެނިކޮށް އަނިޔާވީ…” މަންމަ ބުންޏެވެ.
“އަނިޔާ އޭ؟؟ ކިހިނެއްވީ އަނެއްކާ؟” އަހަންނަށް ކޮޅަށް ތެދުވެވުނު ގޮތެއްވެސް ނޭންގުނެވެ.
“ބޯޅަ ކުޅެން އުޅެނިކޮށް ވެއްޓި، ކަކޫ މަށައިގެން ދިޔައީ… މިހާރު ބޭސްވެސް އަޅައިފިން… އެކަމަކުވެސް ދަރިފުޅަށް އެނގެއެއްނު… އެކަހަލަ ކަމެއް ދިމާވާއިރު، މަންމަ ނޫނީ ބައްޕަ ކައިރީގައި ނެތިއްޔާ ޝާފީއަށް ރޮވޭކަން… ޔަމާންއެއްވެސް ނެތް ގެޔަކު… އެހެންވެ ދަރިފުޅަށް މިގުޅީ…” މަންމަ ވީގޮތް ކިޔައިދިނުމުން، އަހަރެން މިހާރު މިދަނީކަމަށް ބުނެފައި ފޯނު ބޭއްވީމެވެ. އަވަސް ހިނގުމެއްގައި ގެއާއި ދިމާއަށް މިސްރާބު ޖެހީމެވެ. އާޔާ ގާތު ބުނާކަށްވެސް ހަނދާނެއް ނުވިއެވެ.
ޖެހިގެން އޮތް މަގުން ލަނބާލުމަށްފަހު، ކުރިއަށް ހިނގަމުން ގޮސްގޮސް ހުއްޓާ، އަހަންނަށް ކޮންމެވެސް އެއްޗެއް ހީވެގެން ހުއްޓުނީމެވެ. ފަސްއެނބުރި ބަލާލިއިރު، އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވަށައިގެން ބަލާލުމަށްފަހު، ކުރިމައްޗަށް މޫނު އަނބުރާލި ވަގުތު، މީހެއްގެ ގައިގައި ޖެހުނެވެ. ސިއްސައިގެންގޮސް އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. މޭގައި އަތްއަޅާލެވުނީ ބިރުގެންވަރުންނެވެ.
ކުރިމަތީގައި ހުރި މީހާ ފެނުމުން އަހަންނަށް ލިބުނީ ހައިރާންކަމެކެވެ. ދެލޯ ހަނިކޮށްލަމުން އެމީހާއާއި ދިމާއަށް އަހަރެން ބަލާލިއިރު، އެމީހާ ހުރީ ކަޅިޖަހާނުލާ އަހަންނާއި ދިމާއަށް ބަލާށެވެ. އަހަރެން އެއްފަރާތަކުން ކުރިއަށް ދާން އުޅުމުން އޭނާ އެރީ އަހަރެންގެ ކުރިމައްޗަށެވެ. އަހަރެން އޭނާއަށް ބަލާލިއިރު، ހަމަ ކުރިއެކޭ އެއްގޮތަށް، ކަޅިޖަހާނުލާ އަހަންނަށް ބަލަން ހުއްޓެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނީ، ދެތިންހަތަރު ފަހަރު ކުރިއަށް ހިނގަން މަސައްކަތްކުރުމުންވެސް އޭނާގެ ސަބަބުން އެކަން ކާމިޔާބު ނުވުމުންނެވެ.
“ކިހިނެއްވެގެން ތި އުޅެނީ؟” އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ. އެދުވަހު ފިހާރަ ކައިރިން އަހަންނާއި ދިމާކޮށްލިއިރު ރިފާއަށް ފެނުމުން، މިގޮތަށް ހުމާމްގެ ފަރާތުން އުނދަގުލެއް ޖެހިދާނެކަމަށް އަހަރެން ހިއެއް ނުކުރަމެވެ.
“އޯހް…. ޝަބާ… ހާދަ ރުޅިއެއް ތިއައީ؟” ހުމާމް އަހަންނާއި ދިމާއަށް ބުނެލިއެވެ. އޭނާއަށް އަހަރެންގެ ނަން އެނގުނީ ކިހިނެއްބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
“އެއީ މާ އުނދަގޫ ކަމެއް ނޫނެއްނު…” ހުމާމް ބުނި އެއްޗަކުން އަހަންނަށް ލޯ ހަނިކޮށްލެވުނެވެ.
“ތި ހިތަށް އަރަނީ އަހަންނަށް ޝަބާގެ ނަން އެނގުނު ގޮތަކާ މެދުގައި…. ނޫންތަ؟” ވިހަ ހިނިތުންވުމެއް ދެމުން ހުމާމް ބުނެލިއެވެ.
“އެއީ އެހާ އުނދަގޫ ކަމެއް ނޫނެއްނު… އެހެންނޫނަސް އަހަންނަކީ އަހަރެން ކުރަން ހިތުލާ ކަމެއްވިއްޔާ ކާމިޔާބުނުވަނީސް ހުއްޓާލާ މީހެއް ނޫން…” ހުމާމުގެ އަޑުގައި އެކުލެވިގެންވި ނުރައްކާތެރިކަމުން އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ހުމާމު ބުނެލި ޖުމްލަތަކުގެ ފޮރުވިފައިވި މާނަ، އަހަންނަކަށް ދެނެއެއް ނުގަނެވުނެވެ. ދެބުމަ ގޮށްޖަހާލަމުން ހުމާމުގެ މޫނަށް ބަލާލެވުނެވެ.
“ހެހެހެހެ… މި ބުނީ ކީކޭކަމެއް ނޭންގުނު ދޯ! އަޅާނުލާ… ވަރަށް ސުވާލު އުފެދޭނެކަން އެނގޭ… އެހާ ހާސްނުވޭ… އަހަންނަކީ ކާކުކަން ބުނެދީފާނަން… މިއީ ހުމާމް….” އަމިއްލަ މޭގައި ޝަހާދަތް އިނގިލި ޖައްސާލަމުން ހުމާމް ބުނެލިއެވެ.
އެވަގުތު ފޯނު ރިންގުވާން ފެށުމުން، ހުމާމުގެ ސަމާލުކަން ފޯނަށް ހުއްޓުނެވެ. ފޯނުގެ ސްކްރީނަށް ބަލާލުމަށްފަހު، އަހަންނަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އޯކޭ… މިދަނީ…” އެކޮޅުން ދެއްކި ވާހަކައެއް އަޑުއެހުމަށްފަހު، ޖަވާބުގައި އެހެން ބުނެލަމުން، ފޯނު ކަންފަތާއި ވަކިކޮށްލިއެވެ. ފޯނުން ވާހަކަ ދައްކަމުން ދިޔައިރުވެސް، އޭނާ އަހަރެން ކުރިއަށް ދިޔަޔަކަ ނުދިނެވެ.
ފޯނު ޖީބަށްލަމުން ފަހަތަށް ދެތިން ފިޔަވަޅެއް އަޅާލުމަށްފަހު، އަނެއްފަރާތަށް އެނބުރުނެވެ. އޭނާގެ ކިބައިން ސަލާމަތްވީކަމަށްޓަކައި ހިތާހިތުން ޙަމްދުކުރީމެވެ. އެހެނަސް ކުރިއަށް ދެފިޔަވަޅެއް އެޅުމަށްފަހު، ހުމާމު ހުއްޓުނުގޮތުން، އަހަރެން ޖެހިލުންވިއެވެ.
“އޫހޫމް… ކުރި ސުވާލުގެ ޖަވާބު ނުދެވޭ ދޯ އަދި…” އަހަންނާއި ކުރިމަތިލުމަށްފަހު ހުމާމު ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން މި އުޅެނީ ކީއްވެގެން، ކޮން ބޭނުމެއްގައިކަން ވަރަށް އަވަހަށް ޝަބާއަށް އެނގޭނެ… ޖަސްޓް ވެއިޓް އެން ވޮޗް…” ހުމާމް ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް، އޭނާ އަހަންނަށް ދިނީ އިންޒާރެއްހެން އަހަންނަށް ހީވިއެވެ.
“ތިހީވީ ރަނގަޅަށް… އަހަރެން މި އުޅެނީ ވަކި މަގްސަދެއްގައި… ވަގުތު ޖެހުމުން ޝަބާއަށްވެސް އެއީ ކޮންކަމެއްކަން އެނގޭނެ…” އެއްމިޔަކަނުން ހީލަމުން ހުމާމުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެންގެ ހިތަށް ވެރިވި ބިރުވެރިކަމުގެ ސަބަބުން، ބުނާނެ އެއްޗެއް ނޭންގިފައި ހުރެވުނީއެވެ. ހަމަ އެ މަކަރުވެރި ހިނިތުންވުމުގައި ހުރެ، އަތުގެ އިޝާރާތުން ކުރިއަށް ދިއުމަށް އޭނާ ބުނެލިއެވެ. އަހަރެން އޭނާގެ މޫނަށް ބަލަން ހުރުމަށްފަހު، ހިނގައިގަތީމެވެ. އޭނާއަށް ފަސްދިން ވަގުތު، ތުނބުން ފުމެލި އަޑު އިވުނެވެ.
އަޅާނުލާ އަހަރެން ކުރިއަށް ހިނގައިގަތީމެވެ. އެމަގުގެ އަނެއްފަރާތުން ދެވެން އޮތް ގޯޅިން އަހަރެމެން ގެއަށް އަވަހަށް ދެވޭނެކަން އެނގިހުރެ، އަހަރެން މަގު ހުރިގޮތަށް ކުރިއަށް ހިނގައިގަތީމެވެ. މަގު ހުރަސްކުރުމުގެ ޚިޔާލުވެސް ދޫކޮށްލީ، އަވަސްގޮތަކުން، އޭނާގެ ލޯ ކުރިމަތިން، ދުރަށްދާން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގޮސް، ޖެހިގެން އޮތް މަގަށް އެޅިއިރުވެސް ހުމާމުގެ ނަޒަރު އަހަންނަށް ހުއްޓިފައިވާކަން އިހްސާސްކުރެވުނެވެ.
ޖެހިގެން އޮތް މަގަށް އެޅުމުން، ހުއްޓެވުނެވެ. މޭގައި އަތް އަޅާލަމުން، އަހަންނަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ހީވީ މިއޮއް ހުރިހާއިރު، ނޭވާވެސް ހިފައްޓާލައިގެން ހުރެވުނުހެންނެވެ. އަނެއްކާވެސް އަތް ތިރިކޮށްލަމުން، ކުރިއަށް ހިނގައިގަތީމެވެ.
ވަކި ހިސާބަކަށް ދެވުނުތަނާ އައި ނައި ތަނެއް ނޭންގި، ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފާ، ހަނި ގޯޅިއެއް ތެރެއަށް، އަހަރެން ދަމާފައި ގެންދިޔައެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރުމުންނާއި، ގަތްފާ ހުރި ބިރެއްގެ ބޮޑުކަމުން އަހަންނަށް ހަދާނެ ގޮތެއް ނޭންގުނެވެ. ކުއްލިއަކަށް އެމީހަކު ފަހަތުން އަހަރެންގެ ގައިގައި ބައްދާލުމުން، އަހަރެން ތެޅިގަތީމެވެ. ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު، ހުޝިޔާރުކަމާއެކު އެމީހަކު، އަހަރެންގެ އަނގަމަތީގައި އަތް އެޅިއެވެ.
“މިފަހަރު ސަލާމަތްވާނީ ކިހިނެއް؟” އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަންވީ އިތުރެވެ. އަނގަމަތީގައި އަޅާފައިވާ، އޭނާގެ އަތް ނައްޓުވަން އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. އެއަށްވުރެ އޭނާ މާ ބާރުގަދައެވެ. މާޒީ ލޯކުރިމަތިން ސިފަވި ވަގުތުކޮޅަކަށް، އެހިނދުކޮޅުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



