Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featured

ހިތް ރުހުނަސް – 04

Hussain Aslam Abudulla Level 1
November 5, 2019 5 Mins Read
2 Comments
“އަބޫ…” ފިރިހެނަކު ފަހަތުން އަބުރާމު ގެ ނަމުން ގޮވައިލިއެވެ. އަޑު އައީ ފުރަގަހުންނެވެ. ޖޯލި ފަތި އަނބުރައިލަމުން އަބުރާމު ހިނިތުންވެލިއެވެ. އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމުން ހީވަނީ ވަރަށް ގާތްމީހެއް ފެނިގެން ހިނިތުންވެލިހެންނެވެ. އޭނަގެ އެހިނިތުންވެލުމުގައި ޖާދޫއެއް ހުއްޓެވެ. ހިނިތުންވެލާ ވަގުތު ލޯ ކުޑަވެގެންދާއިރު އޭނަގެ މޫނުގެ ހިތްގައިމުކަމެވެ. ބޮލުގެ އިސްތަށިގަނޑު ގައިގެ ކުރިމައްޗަށް ރަނގަޅުކޮށްލަމުން ޖޯލިން ތެދުވިއެވެ.“މައި ބަޑީ……” ފުޅާ ހިނިތުންވުމަކާއެކު އަބުރާމް ޖޯލިން ތެދުވިއެވެ. އޭނަގެ ކުރިމަތީގައި ހުއްޓިލައިގެން ހުރީ އަބުރާމުގެ އެންމެ ގާތް އެކުވެރިޔާ ޒަފަރެވެ. ޒަފަރަކީ އަބުރާމުގެ ކުޑައިރުގެވެސް އެންމެ ގާތްއެކުވެރިޔާއެވެ. ދެމީހުން ކިޔަވާ ނިމުނީވެސް އެކުއެކީގައެވެ. އުޅެ ބޮޑުވީވެސް އެކުއެކީގައެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ދެއެކުވެރިންނެވެ. ކޮންމެ ކަމެއް ދިމާވިކަމުގައިވިއަސް އެކަކު އަނެކަކުގެ އެހީތެރިކަން އަބަދުމެ ލިބެމުންދާ ލާމަސީލު “ބެސްޓްފްރެންޑުން”ނެވެ. އެފަދަ ދެވަނަ އެއްނެތް ދެ މިތުރުންނެވެ. މިޒާޖުގެ ގޮތުން ކިތައްމެ ތަފާތުކަމެއް ހުރި ނަމަވެސް އެކުވެރިކަމުގެ ނަމޫނާ ބައެކެވެ.

ޒަފަރަކީ އިސްކޮޅުން ދިގު ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ ރީތިވަރަކަށް ކޮށާފައެވެ. ތުނބުޅިވެސް ރީތިވަރަކަށް ޓްރިމް ކޮށްލާފައި ހުރި އިރު އޭނަ ހުރީ އޮފީސް ހެދުމުގައެވެ. އަތްދިގު ކަޅުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެކެވެ. ގަމީސް ހުރީ ފަޓުލޫނުދަށަށް ޖަހައި ބެގީކޮށްލާފައެވެ. އަޅައިގެން ހުރީ ކަޅުކުލައިގެ ޓައީ އަކާއި ކަޅުކުލައިގެ ބޫޓަކަށެވެ. ބޮލުގެ އިސްތަށިގަނޑުހުރީ ރީތިކޮށް ޖެލް ލައިގެން ކޮޅަށް ޖަހާފައެވެ. ވަރަށްވެސް ފިރިހެންވަންތައެވެ. ޒަފަރުގެ ހިނިތުންވުންވެސް އެހާމެ ފިރިހެންވަންތައެވެ. އޭނަގެ އެންމެ ހިތްދަމައިގަންނަ ކަމަކީ ގުދުރަތުން އޭނައަށް ލިބިފައިވާ ކަޅުވަރުގަދަ ބުމައެވެ. ޒަފަރު މަސައްކަތްކުރަނީ އެރަށުގެ ކައުންސިލް އިދާރާގައެވެ. ޒަފަރު ބްރޭކް ގަޑީގައި ބޭރަށް ނުކުމެލީ އަބުރާމު މެސެޖުކޮށް ބައްދަލުކޮށްލަން ބުނުމުންނެވެ. ޒަފަރު ހިނގާލާފައި އައީވެސް އެހޭމެ ފިރިހެންވަންތަ ހިނގުމެއްގައެވެ. ޒަފަރު އައިގޮތަށް އައިސް އެތަނުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އައިސް އިށީނެވެ. އޭނަގެ ތުންފަތަށް ވެރިވަމުން ދިޔަ ހިނިތުންވުން މޫނުމަތިން ފިލައިގެން ނުދެއެވެ. ހިތްހެޔޮ ސާދާ މިޒާޖެއްގެ ވެރިއެވެ. މަޑުމައިތިރި އަންހެންކުދިންގެ ހިތްތަށް ފަތަހަކޮށްލާފަދަ މިޒާޖެއްގެ ވެރިއެވެ.

“މިހާރު ކިހިނެއްވީ؟” ޒަފަރު އައިސް ޖޯލީގައި ހަމަޖެހިލަމުން ބުންޏެވެ. ޒަފަރުގެ ވާހަކަ ހުރިގޮތުން ހީވަނީ އަބުރާމު ކޮންމެވެސް ވާހަކައެއް ދައްކަން އުޅުނުހެންނެވެ. ޒަފަރަކީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. އަބުރާމުގެ ކޮންމެ އަމަލެއް ކޮންމެ އިޝާރާތެއް ޒަފަރަށްވަނީ ދަސްވެފައެވެ. އެމީހުންގެ އެކުވެރިކަމަކީ ގިނަދުވަސްވީ އެކުވެރިކަމެކެވެ. ދެމީހުންގެ މެދުގައި ސއްރުން ކުރެވޭ އަދި ފާޅުގައި ކުރެވޭ ހުރިހާކަމެއް ހިއްސާކުރަމުންދެއެވެ. އެވަގުތު ޒަފަރު ވާހަކައިގައިވެސް އެކަން އެނގެމުންދިޔައެވެ. އަބުރާމު ޖޯލީގައި ޖައްސާލިއެވެ. ބޮލުގެ އިޝްތަށިގަނޑާއި ކުޅެމުންދިޔައިރު އޭނަގެ މޫނުމަތިން ލަދުވެތިކަން ފެންނަމުންދިޔައެވެ.

“މީ.. ވެގެން އުޅޭގޮތަކީ…..؟” އަބުރާމު ވާހަކަދައްކަމުން ވާހަކައިގެ ވަކި ހިސާބަކުން ހުއްޓުންއެރިއެވެ. ޒަފަރު ގާތަށް ހެވުނެވެ. އަބުރާމުގެ އަމަލުތަކުން އޭނަ ދައްކަން އުޅޭވާހަކައެއް އޭނައަށް ފަހުމްވިއެވެ.

“މިހާރު ކޮންބިޓެއް ފެނުނީ.. ކިތައް ކުދިންދެކެ ސިކުންތެއްގެ ތެރޭގައި ލޯބިވާނެތަ؟” ޒަފަރު ވާހަކަ ދައްކަމުން ދިޔައީ މަލާމާތުގެ ރާގަށެވެ. ނަމަވެސް އަބުރާމު އުޅެމުންދިޔަ ގޮތުން ޒަފަރަށްވެސް ކަމެއް ފާހަގަކުރެވުނެވެ. “ހަމަ އަސްލުވެސް.. މަގޭ ޖަނަވާރު ބެސްޓީ ހަމަ އަސްލަށްވެސް ކުއްޖަކުދެކެ ހަޤީޤީ ލޯބި ވެވުނީ.. މާތްކަލާކޯ.. ކޮން ކޮޅަކު އިރު އެރިދުވަހެއް.. އަނެއްކާ މީ މަށަށް ފެންނަ ހުވަފެނެއްތަ؟” އަބުރާމަށް މަލާމާތްކުރާ ގޮތަކަށް ވާހަކަ ދައްކަމުން ޒަފަރު ޖޯލިން ތެދުވިއެވެ. އަބުރާމުގެ މޫނުމަތިން ފެންނަމުންދިޔައީ ލަދުވެތިކަމެވެ. “އަނެއްކާ ކޮންކުއްޖެއްތަ؟” ޒަފަރު ވާހަކަ ދައްކަމުންގޮސް އަބުރާމު ކައިރީގައި އުޑުފައިން އިށީންނެވެ.

“ފޮނިނުވެ ދެން ބުނަބަލަ.. މަށަށް ވެވޭ ވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން.. އެކަމަކު ކުރިންފަހަރު ހެދިހެން ނުހަދާތި.. އެފަހަރުވެސް މީހެއްގެ އަތްބެއްގާތާށް ވަދެ އޮއްވާ ބަސްޓްވީ.. މިފަހަރު ޖެހޭނީ މަބުނާގޮތަކަށް ހަދަން.. ޓަސްލާފަ ގޮސް ކޮޓަރިއަށްވަދެ ގަނޑުގަންނާނީކީ ނޫން…” ޒަފަރު ވާހަކަ ދައްކަމުންދިޔައިރުވެސް އަބުރާމު ލަދުވެތިގޮތަކަށް ހެވިފައި އިނެވެ. “އަމައްޔާއި. ކަލެއަށް އެނގޭތަ ލަދުގަންނަން…” އަބުރާމުގެ ކަކުލުގައި އަތުން ޖަހާލަމުން ޒަފަރު ބުންޏެވެ.

“ބުނެވިދާނެ ކާކުކަން.. ހަމަ ގައިމުވެސް ސިންގަލް ކުއްޖެއް.. އަދި މީހަކާއި ރައްޓެހިވެސް ނުވެ.. މިކަން ކުރެވޭނީ ހަމަ އެކަނި ޒަރޭއަށް.. އިތުރު އެއްވެސް މީހަކަށް މިކަމެއް ނުވާނެ…” ލަދުވެތި ގޮތަކަށް އަބުރާމް ވާހަކަ ދައްކަމުންދިޔައިރު ޒަފަރުގެ މޫނަށް ބަލައިވެސް ނުލައެވެ. އަބުރާމަކީ ކިތައްމެ ގައްޑާވެފައި އުޅޭ ޒުވާނެއް ނަމަވެސް ޒަފަރު ކުރިމަތީގައި އޭނައަކީ ވަރަށް އާދސއިގެ މީހެކެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާއަށް އޭނަ އިޙްތިރާމު ކުރެއެވެ. އެދެމީހުންގެ ގާތްކަން އެދެމީހުން އުޅޭމުންދިޔަ ގޮތުންވެސް ފެންނަމުން ދިޔައެވެ.

“އަނެއްކާ ކޮންކުއްޖެއް.. ދެން ބުނެބަލަ.. އެ ނަސީބުވެރިޔަކީ ކޮންކުއްޖެއް…” ލުއި ހިނިތުންވުމަކާއެކު ޒަފަރު ވާހަކަ ދައްކަމުންދިޔައެވެ. ޒަފަރު ބޭނުންވީ އެކުއްޖަކީ ކާކުތޯބެލުމެވެ.

“ތަންވީރު…..” ތަންވީރުގެ ނަން އޭނަގެ ކަންފަތުގައި ޖެހުމާއެކު އިންތަނުން ތެދުވެވުނެވެ. އޭނަގެ މޫނުމަތިން ފެންނަމުންދިޔަ ހިނިތުންވުމާއި އުޖާލަކަށް އޮއްސުނެވެ. ކޮޅަށް ތެދުވިގޮތަށް އައިކޮޅަށް ހިނގައިގަތެވެ. ޒަފަރު ހިތްހަމަ ނުޖެހުނެވެ. އަބުރާމު ޖޯލިން ތެދުވެގެން އަވަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް ޒަފަރުގެ ކޮނޑަށް އަތްވައްޓައިލިއެވެ. އޭރުވެސް އަބުރާމަށް ހެވެނީއެވެ.

“މަޑުކޮށްބަލަ.. ތިހާ ބާރަކަށް މަށަކަށް ނުހިނގޭނެ.. ހާދަ ރުޅިއެއް ތިއައީ….” އަބުރާމު އުޅެމުންދިޔަގޮތުން ހީވަނީ ޒަފަރާއި ސަމާސާކުރަމުންދިޔަހެންނެވެ. ނަމަވެސް ޒަފަރު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޒަފަރު ހުއްޓުނެވެ. އަބުރާމުގެ މޫނަށް ބަލައިލަމުން އަނެއްކާވެސް ހިނގައިގަތެވެ. އެބަލައިލުމުގައިވެސް އެތަކެއް އެއްޗެއް ގޮވަމުންދިޔަކަހަލައެވެ.

“ސާބަސް ޒަރޭ.. މަ ލޯބިވަނީ ތަންވީރު ދެކެއެއްނޫނޭ.. ހާދަ އަވަހަކަށޭ ނަރުގަނޑު ޖެހުނީ.. މި ދައްކަނީ އިރާދައްތަމެންގޭ ތަންވީރުގެ ވާހަކައެއްނޫން…. ފައިއްތަ މޭންގޭ އިޝާގެ ވާހަކަ…” ޒަފަރުގެ ފަސްފަހަތުން ޥާހަކަ ދައްކަމުން އަބުރާމު ހިނގައިގަތެވެ. ޒަފަރު އަނެއްކާވެސް ހުއްޓުނެވެ. އޭނަގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައެވެ. އަބުރާމުގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައިލަމުން ޗޮކެއް ކަނޑާއިލިއެވެ.

“މިހާރު ކިހިނެއްވީ؟ މަ ހުތުރީތަ މާ ފާޑަކަށް ތިބަލަނީ؟” އޭނަގެ ހަށިގަނޑަށް ބަލައިލަމުން އަބުރާމު ވާހަކަ ދެއްކިއެވެ. ޒަފަރު ފާޑަކަށް ހޭންފެށިއެވެ. އަބުރާމު ހައިރާންވެފައި ބަލަން ހުއްޓެވެ.

“އަބުރާމް ހަމަތަ މިއަދު؟’ ޒަފަރު މަލާމާތްކުރިއެވެ. އަބުރާމު ހިތްހަމަ ނުޖެހުނެވެ.

“މަ ވީމަ ކިހިނެއްވީ؟”

“ކަމެއްނުވޭ.. އެކަމަކު އިޝާއަކީ ނުލާހިކު ދީންވެރި ބަސްއަހާ ކުއްޖެއް… އަބުރާމާ ނުވެސް ގުޅޭ.. އެކަމަކު އެއީ ވަރަށް ބަސްއަހާ އަޚުލާޤު ރަނގަޅު ކުއްޖެއް.. އަބުރާމު ވީމަ….” ޒަފަރު ފަޑު ހިނިތުންވުމަކާއެކު ވާހަކަ ދައްކަމުން ބުންޏެވެ.

“އެހެހެހެ.. މަ ވީމާ އިޝާ މަށާ ނުގުޅޭ.. އެކަމަކު ތަންވީރާއި ޒަރޭއާއި ގުޅޭ.. ތަންވީރަކީ މިޒަމާނުގެ ޒަމާނީ ކުއްޖެއް… އެކަމަކު ޒަރޭ ތީ އެކަހަލަ ކަންތައްތަކަށް އެހާ ހިތްހަމަ ނުޖެހި ވާހަކަ ދައްކާ އެކަކު.. މަ މިހެން ހުއްޓަސް މަށަށްވެސް އެކަލަ ކުއްޖަކުދެކެ ލޯބިވެވިދާނެ.. ޒަރޭ ތީ މިޒަމާނުގެ ކަޓް ހިޔާލުތަކަށް އެހާ ޖޯކުޖަހާ މީހެއް. އެކަމަކު ހިތާވެގެން ތިއުޅެނީ އަނެއް އަތުގެ ކުއްޖަކާ.. ލޯތްބަކި ފާޑޭއްގެ އެއްޗެއް ޒަފަރު.. މަ ވަރަށް ގަޔާވާ ކުއްޖެއް އެއީ.. އޭނަ ލިބިއްޖެއްޔާ މަ ވަރަށް ލޯބިން އޭނަ ގެންގުޅޭނަން.. ޕްލީޒް.. އެކަންތައް ކޮށްދީ…” ޒަފަރަށްވެސް މަލާމާތްކުރަމުން އަބުރާމު ވާހަކަ ދައްކަމުންދިޔައެވެ. އޭނަގެ ވާހަކަތަކުން ތަންވީރަކީ އޭނަގެ ހަޔާތުގެ ބައިވެރިޔާކަން އެނގުނެވެ. އަބުރާމު އާދޭސްކުރަމުންދިޔައީ އެކަންތައް ކޮށްދިނުމަށެވެ. އިޝާ ސެޓުކުރަން އަބުރާމު ހުރީ އެހާމެ ބޭނުންވެފައެވެ. އޭނަގެ ވާހަކަތަކުން އިޝާދެކެ ލޯބިވާކަންވެސް އެނގުނެވެ.

“މަތަ ތިކަން ކުރަންވީ.. ލާހިކެއްނޫން…” ޒަފަރު ދެކޮޅުހެދިއެވެ. އިޝާއަކީ އަބުރާމާއި އަޅާބަލާއިރު އެކަށީގެންވާ ކުއްޖެއްނޫނެވެ. އަބުރާމަކީ ރަށުގައި އުޅޭ ވިޔާނުދާ ކުދިންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ނަމެވެ. އެންމެންވެސް އަބުރާމަށް ބަލަނީ ދާދާއެއްގެ ނަޒަރުންނެވެ.

“ދެން ތިކަހަލަ ހިޔާލު ދޫކޮށްލާ.. މިކަން ވާނީ ހަމައެކަނި ޒަރޭއަށް.. އިޝާއަކީ ތަންވީރުގެ ބެސްޓީ.. ސޯ އުނދަގޫކަމެއްނޫން.. ތަންވީރާއި ވާހަކަ ދައްކައިގެން އަލިމަގެއް ފެނޭތޯ ބަލާ ދީބަލަ.. މިކަން ވެއްޖެ ނަމަ ޒަރޭ ބުނި ކޮންމެ ކަމެއް ކޮށްދޭން މަ ތައްޔާރު.. ފުރާނަވެސް ޤުރުބާންކުރާނަން..”

“އޭތް.. ސާބަސް.. ތިކަހަލަ އެއްޗެއްހި ބުނާކަށް ނުވާނެ..” އަބުރާމުގެ ވާހަކައިގެ ކުރި މަރާލަމުން ޒަފަރު ވާހަކަ ދައްކަންފެށިއެވެ. އެދެމީހުންގެ ވާހަކަތަކުން އެދެމެދުގައިވާ އެކުވެރިކަން އެނގުންވިއެވެ. ޒަފަރަށްޓަކައި އަބުރާމު ހުންނަނީ ފުރާނަވެސް ޤުރުބާންކުރަން ތައްޔާރަށެވެ. “މޮޔަ ނުގޮވާ.. މަ ތަންވީރާއި ވާހަކަ ދައްކައިގެން މީޓްކުރެވޭ ގޮތެއް ހަދާނަން.. ދެންވެސް ތިކަހަލަ ވަަހަކަ ނުދައްކާތި….” އަބުރާމު އެހެން ބުނުމުން ޒަފަރު ހިތްހަމަ ނުޖެހުނެވެ. އަބުރާމަށް ދެރަގޮތެއްވެއްޖެނަމަ ޒަފަރު މޮޔަވާނެކަން ކަށަވަރެވެ. އެހާވެސް އެދެމެދުގައި އެވާ އެކުވެރިކަމުގެ ލޯބި ފެންނަމުންދިޔައެވެ. ވާހަކަތަކުންނާއި އަމަލުންނެވެ. އެންމެ ފަހުން ޒަފަރު އެއްބަސްވިއެވެ. އަބުރާމަށް އެކަމުން އަލިމަގެއް ހޯދައިދިނުމަށެވެ.

“ތޭންކްސް މައި މޭން.. އައި ލަވް ޔޫ ބްރޯ…” ޒަފަރުގެ ގައިގައި ބައްދާލަމުން އުފަލުންހުރެ އަބުރާމު ޝުކުރު އަދާކުރިއެވެ. އަބުރާމު އުފަލުން ފޮޅުނެވެ.

“އޫން.. ދެން ވާވަރު ވެއްޖެއެންނު.. ހިތްފުރިއްޖެ އެންނު. ބްރޭކްގަޑި ނިމެއްވާއިރަށް ހިނގާ ކެފޭއަށްވަދެ ކޮފީއެއް ބޯލަންދާން…” ޒަފަރާއި އަބުރާމާއި ދެމީހުން ހެމުން ވާހަކައިގައި ތިބެގެން ގޮސް ވަނީ ބަނދަރުމަތީގައި ހުންނަ “ކިސް” ކެފޭއަށެވެ.

***

ހަވީރުގެ ވަގުތެވެ. އިޝާ އާއި ތަންވީރު ނުކުތީ އެރަށުގެ ބޮޑުމަގުގައި ހުންނަ ފިހާރައިންނެވެ. ދެމީހުންގެ އަތުގައި މެގްނަމެއް އޮތެވެ. އެރަށުގެ ބޮޑުމަގުގައި އިންދާފައިވާ ބިޔަ ގަސްތަކުން މަގުގެ އެއްކޮޅުން އަނެއްކޮޅަށް އޮންނަނީ ހިޔާވެފައެވެ. ގަސްތަކުގައި އެލުވާފައިވާ ޖޯލިތަކުގައި ކުޑަކުދިންނާއި ހަރުފުރައިގެ އަންހެނުން ފިނިކޮށްލަން ނުކުމެ ތިއްބެވެ. މަގުގެ އެކި ހިސާބުތަކުން އެމަންޒަރު ފެންނަމުންދިޔައެވެ. އިޝާއާއި ތަންވީރު މެގްނަމް ބޮމުން ހިނގަމުންދިޔައީ ރަށުގެ ފުޓުބޯޅަ ދަނޑު އޮންނަ ދިމާ އަތިރިމައްޗަށެވެ. މަގު ނިމޭ ހިސާބަށް ދެވުމުން ދެމީހުން މަޑުޖެހުނެވެ. ދެމީހުންގެ ލޯ ހުއްޓިފައިވަނީ ފުޓުބޯޅަ ކުޅެންއުޅުނު ޒުވާނުންތަކަށެވެ. ކުޅެމުންދިޔަ ދެޓީމުގައިވެސް އެއްވަރަކަށް ކުޅުންތެރިން އުޅެމުންދިޔައެވެ. ތަންވީރު ބަލަމުންދިޔައީ އޭނަގެ ހަޔާތުގެ ބައިވެރިޔާ ޒަފަރަށެވެ. އަބުރާމުވެސް ކުޅެމުންދިޔައެވެ. ކޮންމެ ކުޅުން ތެރިއަކުވެސް މަތިހަށި ދައްކާލައިގެން ހަށިގަނޑުން އޮހެމުންދިޔަ ދާތިކިތަކާއި އެކީގައި ކުޅެން އުޅުނެވެ. ތަންވީރު އެއްޗެކޭ ނުބުނެ ގިނައިރުމުން މެގުނަމްގެ އެތިކޮޅެއްކަމުން ތަންވީރަށް ބަލައިލިއެވެ. ތަންވީރު ހުރީ ގެއްލި ހުސްވެފައި ޒަފަރަށް ބަލާށެވެ. އަޅައިގެން ހުރި ކަޅު ދޫ ބުރުގާ ރީތިކޮށްލަމުން އިޝާ ލުއި ހިނިތުންވުމެއްވިއެވެ. އިޝާ ލައިގެން ހުރީ ގަޔަށްދޫ ކަޅުކުލައިގެ ހެދުމެކެވެ. އޭނައަކީ އިސްލާމްދީނާއި އެއްގޮތަށް ބުރުގާއަޅައި އައުރަ ނިވާކޮށް ހެދުންއަޅާ ކުއްޖެކެވެ.

“ސާބަސް.. ހާދަ ވަރެއްވެފަ… ނުބައި ހިސާބެއްގައި ލޯ ޖެހުނީ ދޯ…” އިޝާ ވާހަކަ ދައްކަންފެށިއެވެ. ތަންވީރު ފާޑަކަށް ތެޅިގަތެވެ. އިޝާ ބުނިއެއްޗަކުން ފޮނި ގޮތަކަށް ހިނިތުންވެލިއެވެ. ލަދުވެތިގޮތަށް މޫނަށް ވައްތަރު ތަކެއް ޖައްސައިލިއެވެ.

“އިޝާވެސް ދޯ.. ދައްކާ ހަޑިވާހަކަ.. މަ ނުބަލަން އެހާ ހިސާބަކަށް.. މީނަވެސް ދައްކާ ގޮތްކުޑަ ވާހަކަ…” ތުއި ގޮތަކަށް ތަންވީރު ޖަވާބުދިނެވެ. އިޝާގެ ކޮނޑުގައި ޖަހާލަމުން ދަނޑުމަތީގައި ކުޅެން އުޅުނު ޒުވާނުންތަކަށް ކަޅިއެއް އެއްލިއެވެ. އަނެއްކާވެސް އިޝާއަށް ބަލައިލިއެވެ.

“ހާދަ ވަރެކޭދޯ ތިވަނީ….” އިޝާ ބުންޏެވެ.

“އަސްލު އެތަނުން ހަމަ އެންމެ ސަޅި ބޮޑީއެއް ލިބިފަ ހުރީ އަބޫއަށް.. އެއީ ރީތިހަށިގަނޑެއް… އެކަމަކު މަގޭ ލޯބިގަނޑު މާ ލޯބި. ލޯބި ލޯބި ބެސްޓް އެންޑްދި ބެސްޓް..” ދަނޑުގައި ކުޅެން އުޅުނު ކުޅުންތެރިންނަށް އަނެއްކާވެސް ބަލައިލަމުން ތަންވީރު ބުންޏެވެ. ތަންވީރު އެހެން ބުނުމުން އިޝާވެސް ބަލައިލިއެވެ. ކުޅުންތެރިންގެ ހަށިގަނޑު ވަކިވަކިން “ސްކޭން” ކޮށްލަމުން އަބުރާމުގެ ހަށިގަނޑަށް ބަލައިލިއެވެ. އިޝާއަކީ ދުވަހަކުވެސް އެގޮތަށް ފިރިހެނަކަށް ކަޅި ހިންގައިލި ކުއްޖެއްވެސް ނޫނެވެ. ތަންވީރު ބުނީ ތެދެކެވެ. މުޅި އެންމެންގެ ތެރެއިންވެސް އަބުރާމުގެ ހަށިގަނޑު “ސެކްސީ” އެވެ. އަވަސް އަވަހަށް އިޝާ އިސްޖަހައިލިއެވެ. ކުރެވެނީ ރަނގަޅުކަމެއްނޫންކަން އެނގުމުންނެވެ.

“ދެން ހިނގާދާން.. މިހެންތިބެވިދާނެ ވަރަށް ލަސްވަންދެންވެސް.. އިޝާ ނަމާދުކޮށްލައިގެން މަ ގުޅާނަން.. އަންނަންވާނެ….” ތަންވީރު ވާހަކަދައްކަމުން އައިކޮޅަށް މިސްރާބުޖެހީ ގެއަށްދާށެވެ. ދެމީހުންނަކީވެސް ކުޑައިރުގެ ރަޚުމަތްތެރިންނެވެ. “ބެސްޓު ފްޜެންޑުން” ނެވެ. އެއްކުލާހެއްގައި އުޅުމަށްފަހު ކިޔަވައި ނިމިގެން އެކުއެކީގައި ދިރިއުޅުން އުޅެމުންދާ ދެ މިތުރުންވެ. ތަންވީރާއި ޒަފަރުގެ ގުޅުމަށް މިހާރު ދެއަހަރުވާން ކައިރިވަނީއެވެ. ދެމީހުންވެސް ތައްޔާރުވަމުންދަނީ ކައިވެނި ކުރުމަށެވެ. ލޯބިވެރިންގެ ގުޅުން ކައިވެނީގޮށް ޖަހާލުމަށްފަހު ދެމަފިރިންނަށް ވުމަށެވެ.

***

އިޝާ ނަމާދުން ފައިބައިގެން ތަންވީރުގެ އެދުމުގެ މަތިން އިޝާ ހިނގަމުންދިޔައީ އެގެއަށްދާށެވެ. ތަންވީރަށް ގުޅާއިގެން ހުރެ ފޯނުން ވާހަކަ ދައްކަމުންދިޔައިރު އޭނަ ހުރީ ކޮންމެވެސް ވަރަކަށް ހިތް ނުތަނަވަސްވެފައެވެ. ބައެއް ގޯޅިތަށް އަނދިރިކަމުން އިޝާ ހިނގަމުންދިޔައީ ވަރަށް ބިރުން ހުރި ކަހަލަގޮތަކަށެވެ. މާގިނަ މަގުތަކެއް ނެތް ރަށެއްކަމުން ގިނަ ގޯޅި ތަކުގައި ހުންނަނީ ވަރަށް މަދު މަގުމަތީ ބައްތިތަކެއް ޖަހާފައެވެ. އަނދިރި ހިސާބަކަށް ދެވުމުން އޭނަގެ ފިޔަވަޅުތަށް އަވަސްވެގެންދެއެވެ. ބޮޑުމަގަށް ނުކުންނަށް ގޯޅިން ނުކުންވަގުތު އިޝާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޯނުވެސް އަތުން ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hussain Aslam Abudulla

Level 1

Other Articles

Previous

ލޯބި ނުވެވުނު ނަމަ -4-

Next

އެދިގެން ތި ލޯތްބަށް 10

Next
November 5, 2019

އެދިގެން ތި ލޯތްބަށް 10

Previews
November 5, 2019

ލޯބި ނުވެވުނު ނަމަ -4-

2 Comments!

  1. Yanaa says:
    November 5, 2019 at 8:23 pm

    Nice..maa sha allah…waiting for the next part

  2. jiji says:
    November 8, 2019 at 5:09 pm

    abraam fenunyky nuun baa..hehe..v v rythi upkohlaafa in 4 part vx??????…waiting for the next

Comments are closed.



All Right Reserved!