އެދިގެން ތި ލޯތްބަށް 9
“ނޫނެކޭ ބުނެފީމެއްނު؟” ނަޒްހާއަށް ބާރަށް ބުނެވުނެވެ.
ޝާދު ކައިރިއަށް ރުޅި އައީ ކުއްލިއަކަށެވެ.
“އާނއެކޭ ބުނެބަލަ!” ދެ އަތުން ނަޒްހާގެ ދެ ކޮނޑާ ހިސާބުން ހިފާ ތަޅުވައިގަންނަމުން ޝާދު ބުންޏެވެ.
“ތަދުވޭ ޝާދު!” ޝާދުއަށް ވެފައި ހުރި ގޮތުން އެ ވަގުތު ނަޒްހާ ބިރު ގަތެވެ. އަތަށް ވީ ތަދުން ލޮލުން އައި ކަރުނައާ އެކު ނަޒްހާއަށް ޝާދުއާ ދިމާއަށް ބަލަން ހުރެވުނެވެ.
ވަގުތުން ޝާދު ނަޒްހާގެ ގައިން ދޫކޮށްލިއެވެ. ދެ އަތުން ބޮލުގެ އިސްތަށިގަނޑު ހާވާލަމުން އަނެއް ފަރާތަށް އެނބުރުނު ޝާދުއަށް ލޯ މަރާލެވުނެވެ. އެރޭ ކުއްލިއަކަށް ވީ ގޮތާމެދު ޝާދުއަށް ވިސްނާލެވުނެވެ.
ޝާދު ދޫކޮށްލުމާ އެކު ނަޒްހާ ދަބަސް ހިފައިގެން އެ ކޮޓަރިން ނިކުތެވެ. ސިޓިންގރޫމްގައި އެއްވެސް މީހަކު ނެތުމުން މަޑުވެސް ކޮށްނުލާ ނަޒްހާ އެ ގެއިން ނިކުމެގެން ދިޔައެވެ.
“ނަޒް…” ދޮރު ލެއްޕުނު އަޑަށް ޝާދު އެނބުރިފައި ބަލާލި އިރު ނަޒްހާ ފެންނަން ނެތުމުން ގޮވާލެވުނެވެ. ޝާދު ބޭރަށް ނިކުތް އިރު ނަޒްހާ ފެންނަން ނެތުމުން ކޮޓަރިއަށް ވަދެ ފޯން ނަގާ ނަޒްހާއަށް ގުޅާލިއެވެ.
ހަތަރު ފަހަރަށް ގުޅި އިރުވެސް ނަޒްހާ ފޯނަށް ޖަވާބެއް ނުދިނެވެ. ނަޒްހާއަށް ގެޔަށް ދެވޭނެ ހާ އިރު ކޮށްފައި ޝާދު ނޫރާގެ ނަމްބަރަށް ގުޅާލިއެވެ.
“ތުއްތަ ކޮބާ؟” ނޫރާ ފޯން ނެގުމާއެކު ޝާދު އެހިއެވެ.
“ތުއްތަބޭއާ އެއްކޮށެއް ނޫންތަ ތުއްތަ ދިޔައީ؟” ނޫރާއަށް އެނގުނު ގޮތުގައި އެރޭ ނަޒްހާ ބޭރަށް ދިޔައީ ޝާދުއާ އެކީއެވެ.
“އަދި ނުދޭތަ ގެޔަށް؟” ޝާދުއަށް އަހާލެވުނެވެ.
“އާނ، އެކަނިތަ އައީ؟” ނޫރާއަށް ސުވާލު ކުރެވުނީ ޝާދުއާ އެކީ ގޮސްފައި ނަޒްހާ އެކަނި ގެޔަށް އައި ވާހަކަ ބުނުމުންނެވެ.
“ތުއްތަ ގެޔަށް އައީމަ ނޫރާ ގުޅާލަދެއްޗޭ ތުއްތަބޭއަށް އިނގޭ” ވިސްނާލާފައި ޝާދު އެދުނެވެ.
“އާނ” ނަޒްހާއާ ޝާދުގެ މެދުގައި ދެބަސް ވުމެއް ހިނގައިފި ހެން ހީވި ނަމަވެސް ނޫރާ އިތުރު ސުވާލެއް ނުކޮށް ޝާދު ބުނި ގޮތާ އެއްބަސް ވިއެވެ.
ޝާދުމެން ގެޔާ ފުދޭ ވަރަކަށް ދުރަށް ދެވުމުން ނަޒްހާ ހުއްޓުނެވެ. އެ ވަގުތު ގެޔަށްވެސް ދާ ހިތް ނުވެފައި ހުރެ ނަޒްހާ ވިސްނާލިއެވެ. ނަމަވެސް އެހެން ތަނަކަށްވެސް ދާ ހިތެއް ނުވިއެވެ. މަޖީދީ މަގަށް ނިކުމެފައި ރެޑްވޭވް ފިހާރައަށް ވަދެ އެކި އެއްޗެހި ގަތީ ބާޒާރު ކޮށްލަން ބޭނުން ނުވިޔަސް އެ މަމުގައި ހޭދަވާ ވަގުތުގައި ޝާދުގެ ޚިޔާލާ ދުރުވެވިދާނެ ކަމަށެވެ. ނަމަވެސް އެހެން ފަހަރު ބާޒާރު ކުރާ އިރު ނައިހާ، ނޫނީ ނޫރާ ނޫނީ ނާޔާ އާއެކު އަންނާތީ އެރޭ އެކަނި ވުމުން އެކަންވެސް ވީ ފޫހި ކަމަކަށެވެ. ގަނެވުނު އެއްޗެހި ހިފައިގެން ނަޒްހާއަށް ގެޔަށް ދެވުނު އިރު ދިހަގަޑި ބައި ވަނީއެވެ.
ނަޒްހާ ކޮޓަރިއަށް ވަން އިރު ނޫރާއާ ނާޔާ އުޅެނީ ނިދަން ތައްޔާރު ވާށެވެ.
“ތުއްތާ، މިރޭ ކަމެއް ވީތަ؟” ނަޒްހާ އެއްޗެހި ބަދަލު ކޮށްގެން ނިކުތުމުން ނޫރާ އަހާލިއެވެ.
“އެއްވެސް ކަމެއް ނުވޭ” ނަޒްހާ ބުންޏެވެ.
“ތުއްތަބޭ ބުނި ތުއްތަ ގެޔަށް އައީމަ ގުޅައްޗޭ. ގުޅަން ވީތަ؟” ނޫރާ އަހާލިއެވެ.
“އުހުނ، ގުޅާނެ ކަމެއް ނެތް” ނަޒްހާ އެނދުގައި އޮށޯތެވެ.
ނޫރާ އިތުރަށް އެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ޝާދު ބުނި ގޮތަށް ކަންތައް ނުކޮށް ދޫކޮށްލާކަށްވެސް ނޫރާއަކަށް ނުކެރުނެވެ. އެހެން ނަމަވެސް ނަޒްހާ ނުގުޅާށޭ ބުނުމުން ޝާދުއަށް ގުޅާކަށްވެސް ނޫރާއަކަށް ނުކެރޭނެއެވެ. އެންމެ ފަހުން ނަޒްހާ ގެޔަށް އައި ވާހަކަ ބުނެފައި ނޫރާ ޝާދުއަށް މެސެޖެއް ކޮށްލިއެވެ.
އަނެއް ދުވަހު ނަޒްހާގެ ހެނދުނުގެ ޑިޔުޓީ އޮތުމުން ނަޒްހާ ހެނދުނު ދިޔަ ގޮތަށް އުޅުނީ ވަރަށް ބުރަކޮށެވެ. ފޯނު ބަލާލެވުނީވެސް ފަހެއް ޖެހި ފަހުން ގެޔަށް ދާން ނިކުމެފައެވެ. ޝާދުގެ އަށް ކޯލް މިސްވެފައި އޮތެވެ. އެންމެ ފަހުން ގުޅާފައި އޮތީ ހަތަރެއް ޖެހި ތަނާއެވެ. އެ ވަރަށް ޝާދު ގުޅާފައި އޮތް ނަމަވެސް ނަޒްހާ ގުޅާކަށް ބޭނުމެއް ނުވިއެވެ.
ނަޒްހާ ފެން ވަރައިގެން ނިކުމެ ފޯން ބަލާލީ އަނެއްކާވެސް ޝާދު ގުޅާފައި އޮވެދާނެ ކަމަށެވެ. ނަމަވެސް ފަހުން ޝާދު ގުޅާފައެއް ނެތެވެ. ނަޒްހާއަށް ގަބޫލު ކުރަން ދަތި ވިއެވެ. ނަޒްހާ އާ ވާހަކަ ދައްކަން ދެން އިތުރަށް ޝާދު ބޭނުން ނުވަނީ ހެއްޔެވެ؟ ނަޒްހާއަށް ޖަވާބެއް ދިނުން ޝާދުއަށް މުހިންމު ކަމަކަށް ނުވީ ހެއްޔެވެ؟ ނަޒްހާ ރުޅި އައުމުން، އެއަށް ވުރެ ބޮޑަށް ޝާދު ރުޅި އައީ ހެއްޔެވެ؟ ނޫނީ މާ ބޮޑަށް ރުޅި އާދެވުނީ ނަޒްހާއަށް ހެއްޔެވެ؟ މާފަށް އެދެން ވީ ނަޒްހާ ހެއްޔެވެ؟ ޝާދު ގުޅުމުން ފޯނަށް ޖަވާބު ނުދެވުނީ ނަޒްހާއަށެވެ. ވީ އިރު ދެން އިސްވެ ޝާދުއަށް ގުޅަން ވީ ނަޒްހާ ހެއްޔެވެ؟
ދެރަވި ނަމަވެސް ނަޒްހާ އިސްވެ ޝާދުއަށް ގުޅާކަށް ބޭނުމެއް ނުވިއެވެ. ފޯން ދުރުގައި ބާއްވާފައި ނަޒްހާ އެނދުގައި އޮށޯތެވެ.
ނާޔާއާ ނޫރާ ފިހާރައަކަށް ގޮސްފައި އައީ ނަޒްހާ އެހެން އޮއްވައެވެ. ނަޒްހާ ފެނުމުން ނޫރާ ގޮސް ނަޒްހާ ކައިރީ އިށީނެވެ.
“ތުއްތާ…؟” ނަޒްހާ މޫނުމަތީ ބާއްވާލައިގެން އޮތް ބާލީސް ނަގަމުން ނޫރާ ގޮވާލިއެވެ.
“ކީކޭ؟” ނަޒްހާ އަހާލިއެވެ.
“ކިހިނެއްތަ ވީ؟ ދެ މީހުން މައްސަލައެއް ޖެހުނީތަ؟” ނޫރާ އެހެން އަހާލީ ރޭވެސް ނަޒްހާ ޖަވާބެއް ނުދޭތީއެވެ.
“މަންމަ ބުނި ނާޔާއާ ދެ މީހުން ޝޮޕިންގއަކަށް ދިޔަ ވާހަކަ. ކާ އެއްޗެއް ގެނައިންތަ؟ ވަރަށް ބަނޑުހައި” ނަޒްހާ ދެއްކީ އެހެން ވާހަކައެކެވެ.
“ތިހާ ބަނޑުހައި ވަންޏާ ހިންގާ ސައި ބޯން. ސިޓީއަށް ވަދެފަ މި އައީ. ތުއްތަގެ ފޭވަރިޓް އެއްޗެހި ހުންނާނެ. މަންމަ އެބަ އުޅޭ ސައި ހަދަން. ހިނގާ އަވަހަށް” ނަޒްހާ އެ ވާހަކަ ދައްކަން ނޫޅުނީތީ ނޫރާވެސް ބާރެއް ނާޅައެވެ.
“އަސްލުވެސްތަ؟ ހިނގާ” ނަޒްހާ ތެދުވިއެވެ.
ބަނޑުހައި ވި ނަމަވެސް ނަޒްހާއަށް ސައެއް ނުބޮވުނެވެ. ފޫހި ވެފައި އިން ހެން އިނދެފައި އެންމެ ފަހުން ސައިތަށި ހުސްކޮށްލާފައި ބޮލުގައި ރިއްސާ ކަމަށް ބުނެފައި ކޮޓަރިއަށް ދިޔައީއެވެ.
“އަހަރެންގެ ކޮންމެ އަންހެން ދަރިއަކަށް ވާ ކަމެއްތަ މީ؟ މީހަކާ އިންނަން ތައްޔާރުވެ ހުރިހާ ކަމެއް ނިންމާފަ ކޮންމެސް ކަންތައްގަނޑެއް ދިމާވާނެ. ނައިހާވެސް އޭރު އުޅުނީ އެހެން. ނަޒްހާވެސް މިހާރު އެ އުޅެނީ އެހެން. ނޫރާ، ނަޒްހާއާ ޝާދުއާ ދެމެދުގަ ކަމެއް ވީތަ؟” ނަޒްހާ ދިޔަތަން ބަލަން އިން ނަރީމާއަށް، ނަޒްހާއަށް ކަމެއް ދިމާ ވެގެން އުޅޭހެން ހީވިއެވެ.
“ހީވަނީ އެހެން ހެން، އެކަމަކު އަހަރެން އެހީމަ ތުއްތަ އެއްވެސް އެއްޗެއް ނުބުނި” ނޫރާ ބުންޏެވެ.
ނަރީމާ އިތުރަށް ސުވާލެއް ނުކުރެއެވެ. ނަމަވެސް ސައިތަށި ކައިރި ކޮށްގެން ނަރިމާ އިން ގޮތުން ނަޒްހާއާ މެދު ކަންބޮޑުވެފައި ވާކަން އެނގެއެވެ.
ދިހަ ވަރަކަށް މިނަޓް ފަހުން ނަޒްހާ ތިރިއަށް ފޭބީ ބޭރަށް ދާން ތައްޔާރު ވެގެންނެވެ.
“މަންމާ، މި ދަނީ ދީނާމެން ގެޔަށް” ނަރީމާއށް ގޮވާލާފައި އެހެން ބުނެފައި ނަޒްހާ ބޭރަށް ނިކުތް ތަނާ ޓެކްސީ އައިސް މަޑުކޮށްލިއެވެ.
“ނަޒް، ކިހިނެއްތަ ވީ؟ ވީ ގޮތެއް ބުނީމައެއްނު ކަމެއް ކޮށްދެވޭނީވެސް” ދީނާ އެހިއެވެ.
ދީނާއަށް ނަޒްހާ ފެނުމާއެކު، ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ހެން ހީވެގެން ސުވާލު ކުރުމުންވެސް ނަޒްހާ ޖަވާބެއް ނުދީ އިނެވެ. ދެ ވަނަ ފަހަރަށް ދީނާ ސުވާލު ކުރީ އެއްވެސް އެއްޗެއް ނުބުނެ ނަޒްހާ އެހެން އިންނަތާ ދިހަ ވަރަކަށް މިނަޓް ވީ ފަހުންނެވެ.
“ކަމެއް ނުވޭ، ދެން ހަމަ ހިތަށް އެރީ ދީނާ ކައިރިއަށް ޖައްސާލާނީއޭ” އެ ބަހަނާ ދީނާ ގަބޫލު ނުކުރާނެ ކަން އެނގޭ އިރުވެސް ނަޒްހާ ބުންޏެވެ.
“ބުނަން ބޭނުން ނޫނިއްޔާ ނުބުންޏަސް އޯކޭ، އެކަމަކު ތިހެން ތި ބުނީ އަހަރެން ތި ވާހަކަ ގަބޫލު ކުރާނެ ކަމަށް ހީކޮށްގެން ވިއްޔާ ނަޒް ތީ ހަމަ މޮޔައެއް. އެކަމަކު ދެން ސުވާލު ކުރާކަށް ނެތިން. ހިނގާ އެއްޗެއް ބޯލަން ދޯ؟” އެހެން ބުނެފައި ދީނާ ބަދިގެއަށް ވަނީ ނަޒްހާއަށް އެކަނި ވެލާނެ ވަގުތުކޮޅެއް ބޭނުން ވާ ހެން ހީވެގެންނެވެ.
އެރޭ ޝާދު އެ އުޅުނީ، ދެ މީހުންގެ ގުޅުމަށް ދެ އަހަރު ވީ އިރު ކުރިން ދުވަހަކުވެސް އުޅުނު ގޮތަކަށް ނޫނެވެ. ޝާދުއަށް ހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ ނަޒްހާ ދެކޮޅު ހެދުމުން ޝާދު އެވަރަށް ރުޅި އައީ ކީއްވެ ހެއްޔެވެ؟
އެ ހުރިހާ އިރު ނުރޮއެ ހިފެހެއްޓި ނަމަވެސް އެ ވަގުތު ނަޒްހާއަށް ރޮވުނެވެ. ދެ އަތުން މޫނު ފޮހެލި ނަމަވެސް ރުއިމެއް ނުހުއްޓުނެވެ.
“ނަޒް…!” ދެ ކޮފީއާ އެކު ހެދިކާ ތައްޓެއް ތަބަކަށް ލައިގެން ނިކުތް ދީނާ، ނަޒްހާ ރޯ ކަން އެނގުމުން ތަބައް ބަހައްޓާފައި ނަޒްހާ ކައިރީ އިށީނެވެ.
“ދެ އަތުން ލޯ ފޮހެލާފައި ދީނާއާ ދިމާއަށް ބަލާލާފައި ނަޒްހާ ހިނިތުން ވެލަން މަސައްކަތް ކުރިއެވެ.
“ބުނެބަލަ…” ދީނާ ބުންޏެވެ.
ކުރީރޭ ވީ ގޮތް ނަޒްހާ ކިޔާދިނެވެ.
“ޝާދު ނުވެސް ގުޅާތަ ނަޒް ދިޔައީމަ؟” ދީނާއަށް އަހާލެވުނެވެ.
“ގުޅި، ނުނަގަން ފޯނެއް، މިއަދުވެސް ގުޅި” ނަޒްހާ، ދީނާއަށް ފޯން ދައްކާލިއެވެ.
“ދެން އޭނަ ގުޅީމަ ނަޒް ވާނެ ފޯން ނަގަން. އޭނައަށް އެކްސްޕްލެއިން ކޮށްދޭން ޗާންސެއް ދޭން ވާނެ. މިހާ ދުވަސް ވީ އިރު ޝާދުގެ ފަރާތުން ނަޒް ނުރުހޭ ކަހަލަ ކަމެއް ނުވެއެއްނު؟ އެހެން ވީމަ މެރީ ކުރަން މިހާ ކައިރި ވެފަ އޮއްވާ އޭނައަށް ޗާންސެއް ނުދީ ނަޒް ގޮތެއް ނިންމާކަށް ނުވާނެ” އެކުވެރިޔާއަށް ދެރައެއް ލިބުން ދީނާ ނޭދެއެވެ.
ނަޒްހާއަށް ވިސްނާލެވުނެވެ. ނައިހާއަށް ވީ ގޮތް ހިތަށް އަރާފައި އެ ވަގުތު ނަޒްހާ ގޮތެއް ނިންމިއެވެ. ދީނާ ބުނި ގޮތަށް، ޝާދުއަށް ފުރުސަތެއް ދޭނީއެވެ. ޝާދު ބުނާ އެއްޗެއް އަޑު އަހާނީއެވެ.
“އޯކޭ، ޝާދު ދެން ގުޅައިފިއްޔާ ފޯން ނަގާނަން، އެކަމަކު ފަހުން ޝާދު ނުގުޅާ” ނަޒްހާ ބުންޏެވެ.
“ނަޒް ދެކެ އޭނަ ލޯބި ވަންޏާ ގުޅާނެ” ދީނާގެ އަޑުގައި ވީ ޔަގީން ކަމެވެ.
ނަޒްހާ ބޯ ޖަހާލިއެވެ. ނަމަވެސް ދީނާ އެ ބުނި ބަހަކުން ނަޒްހާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
ޝާދު ކަންތައް ކުރީ ރަނގަޅަކަށް ނޫނެވެ. ކައިވެނީގެ ކުރިން ނަޒްހާގެ ފަރާތުން އެ ފަދަ ކަމަކަށް އެދުމަކީ ޝާދު ކުރި ގޯސް ކަމެކެވެ. އެހެން ވުމުން މާފަށް އެދެން ވާނީ ޝާދުއެވެ. ޝާދު މާފަށް އެދިއްޖެ ނަމަ ނަޒްހާ ވަގުތުން މާފު ކުރާނެއެވެ. ނަޒްހާ ޝާދު ދެކެ ލޯބި ވާތީއެވެ. ނަމަވެސް ލޯބި ވުމަކީ ޝާދު ބުނާ ކޮންމެ ކަމަކަށް ރުހިގެން އެކަމެއް ކޮށްދިނުމެއް ނޫނެވެ. އެކަން ޝާދުއަށް ވިސްނެން ވާނެއެވެ.
ނަޒްހާ ގެޔަށް ދާން ނިކުތީ އަށްގަޑި ބައި ވުމުންނެވެ.
“ދަރިފުޅާ، ޝާދު އެބަ އިން މަތީގަ” ނަޒްހާ ގެޔަށް ވަނުމުން ނަރީމާ ބުންޏެވެ.
ނަޒްހާއަށް ހައިރާން ވެފައި ނަރީމާއާ ދިމާއަށް ބަލަން ހުރެވުނެވެ.
“ދޭބަލަ…” ނަރީމާ ބުންޏެވެ.
“ވަރަށް ގިނަ އިރު ވެއްޖެތަ އައިތާ؟” ނަޒްހާ އަހާލިއެވެ.
“އިރުކޮޅެއް ވެއްޖެ، ދެން ދޭބަލަ” ނަޒްހާގެ ބުރަކަށީގައި އަތް ޖައްސާލަމުން ނަރީމާ ހިނިތުންވެލިއެވެ.
ނަޒްހާ މައްޗަށް އެރިއިރު ނޫރާއާ އަދީމް އާ ވާހަކަ ދައްކަން ބޭރު ސޯފާގައި ޝާދު އިނެވެ. ޝާދުގެ މޫނަށް ބަލާލާފައި ނަޒްހާ އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ.
“ތުއްތަ ތި އައީތަ؟” ނަޒްހާ ފެނުމުން ނާޔާ އެހެން ބުނެފައި ކޮޓަރިން ނިކުތެވެ.
ނާޔާ ނިކުތުމާ އެކު ޝާދު ވަދެ ދޮރު ލައްޕާލިއެވެ. ދަބަސް އެނދުމަތީ ބާއްވާފައި ނަޒްހާ އެނބުރި ޝާދުއާ ދިމާއަށް ބަލާލިއެވެ.
“ސޮރީ!” ނަޒްހާ ކައިރިއަށް އަންނަމުން ޝާދު ބުންޏެވެ.
ނަޒްހާ ޖަވާބެއް ނުދީ ހުއްޓެވެ.
“މާފެއް ނުކުރާނަންތަ؟” ނަޒްހާގެ ކުރިމަތީ ހުއްޓިފައި ޝާދު އަހާލިއެވެ.
ދެންވެސް ނަޒްހާ އެއްޗެއް ނުބުންޏެވެ.
“ނަޒް… އައިމް ރިއަލީ ސޮރީ. ނޭނގެ އޭރު އަހަންނަށް ވެފަ ހުރި ގޮތެއް… ދެން ނުވާނެ އެހެންނެއް. ޕްލީޒް… ގަބޫލު ކުރޭ. އަހަރެން ބޭނުމެއް ނޫން އަހަންނަށް ނަޒް ގެއްލޭކަށް” ޝާދު ވާހަކަ ދައްކަމުން ނަޒްހާގެ މޫނުގައި އަތް ޖައްސާލިއެވެ.
ނަޒްހާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަތުން މޫނު ފޮހެލަމުން ނަޒްހާ ޝާދުގެ މޭގައި ބޯ ޖައްސާލިއެވެ.
“އަހަރެން ހީކުރީ ޝާދު ރުޅި އައީ ކަމަށް… ފަހުން ނުގުޅީމަ…” ނަޒްހާ ބުންޏެވެ.
“އޭރު އެ ވަރަށް ގުޅި އިރު ހަނދާނެއް ނެތް ނަޒްގެ މޯނިންގ ޑިޔުޓީ ކަމެއް، ފަހުން ހިތަށް އެރީ ދެން މާފަށް އެދޭނީ ގެޔަށް އައިއްސައޭ، އެހެންވެ ނުގުޅީ” ޝާދު ކިޔާދިނެވެ.
ނަޒްހާ ޝާދުގެ މޫނަށް ބަލާލިއެވެ.
“އައިމް ސޮރީ…” ޝާދު މަޑުމަޑުން ބުންޏެވެ.
“އިޓްސް އޯކޭ…” ނަޒްހާ ޝާދުގެ މޭގައި މޫނު ފޮރުވާލިއެވެ.
“އައި ލަވް ޔޫ ނަޒް… ދެން ދުވަހަކުވެސް ނަޒް ދެރަވާ ކަހަލަ ކަމެއް ނުކުރާނަން…” ނަޒްހާ ގައިގައި ބައްދާލަމުން ޝާދު ބުންޏެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފައި ނޫރާއާ ނާޔާއާ އަދީމް ވަނެވެ.
“އަދިވެސް ބުނާނަންތަ ކަމެއް ނުވެޔޭ؟” ނޫރާ އަހާލިއެވެ.
“ސުވާލު ނުކޮށް ދާން އުޅޭ” ޝާދުގެ މޭގައި ބޯ ޖައްސާލައިގެން ހުރި ގޮތަށް ހުރެ ނަޒްހާ ބުންޏެވެ.
ނޫރާއާ ނާޔާ ހެމުން ނަޒްހާއާ ދިމާ ކުރަން ފެށިއެވެ.
“މި މީހުންނާ ހެދި މިރޭ ދެން އެއް ކަމެއްވެސް ނުވާނެ” ޝާދުއާ ދުރަށް ޖެހިލަމުން ނަޒްހާ ބުނެލިއެވެ.
“ހިނގާ ދުއްވާލަން ދާން؟” ޝާދު އަތް ދިއްކޮށްލަމުން ބުންޏެވެ. ބޯ ޖަހާލާފައި ޝާދުގެ އަތުގައި ހިފާލަމުން އަނެއް އަތުން ކޮއްކޮމެންނަށް ހަނާ އަޅާލަމުން ނަޒްހާ ނިކުތެވެ.
“އައި ލަވް ޔޫ…” އަދީމްގެ އަތުގައި ހިފާލަމުން ނޫރާ ބުނެލިއެވެ.
“އޯކޭ އޯކޭ، އަހަރެން ދަންދެން މަޑުކޮށްލާ ތި މީހުން” ނާޔާ ހެމުން ބޭރަށް ނިކުތެވެ.
ކައިވެންޏަށް ތައްޔާރު ވެގެން އިން ނަޒްހާގެ ވަށައިގެން ނައިހާއާ ނޫރާއާ ނާޔާގެ އިތުރުން ލައިލާއާ ޝަޒްނާއާ ޝިއުނާވެސް ތިއްބެވެ. އެންމެންވެސް ނަޒްހާގެ ރީތި ކަމަށް ތަޢުރީފް ކުރަމުން ދިޔައެވެ.
“ނަޒް، ހިނގާ ދެން ނިކުންނަން. ހުރިހާ ކަމެއް ތައްޔާރު ވެއްޖެ” ދޮރު ހުޅުވާލާފައި ނަރީމާ ވަދެފައި ބުންޏެވެ.
ކައިވެނި ކުރެވި ޕާޓީ ފެށުނު އިރުވެސް ނަޒްހާ ކައިރީގައި ނައިހާ ހުއްޓެވެ. މީހުން އަންނަން ފެށުމުން ނައިހާ ދުރަށް ޖެހިލާ ނަރީމާއާ އާދިލް ކައިރީ އިށީނދެލީ ފައި ވާޅު ވާން ފެށުމުންނެވެ. ޔަޒާން އޭރު އިނީ ނާއިލްއާ ނަވާފް ކައިރީގައެވެ. ޔަޒާންމެން ގޭ ހުރިހާ މީހުން އެއްކޮށް އައިސް ވަނުމުން ނައިހާ އެ މީހުން ކައިރިއަށް ދިޔައެވެ.
މީހުން ގިނަވާން ފެށުމުން ނައިހާއަށް އުނދަގޫ ވާން ފެށިއެވެ. ފަހަކަށް އައިސް ގިނަ މީހުން އެއްވާ ތަންތަނުގައި ހުންނަން ވުމުން ނައިހާގެ ނޭވާ ކުރުވާ ކަހަލަ ގޮތެއް ވެއެވެ. އެހެން ވިޔަސް ނައިހާއަށް ދާން ނުކުރިފައި އިނީ ނަޒްހާ ދެރަވެދާނެތީއެވެ.
އިޝާމްގެ އާއިލާ އެކުގައި އައިސް ވަން ތަން ފެނުމުން ނައިހާއަށް އެ ދިމާއަށް ބަލަން އިނދެވުނީ އިޝާމް ވެސް އަންނާނެ ކަން އެނގޭތީއެވެ. ނައިހާ ބަލަން އިންދާ އިސްރާއާ އިސްރާގެ ފިރިމީހާއާއެކު އިޝާމް ވަނެވެ.
ނައިހާއަށް އެ ދިމާއަށް ބަލަން އިނދެވުނެވެ. ވަކި ހިސާބަކަށް ގޮސްފައި އިޝާމް ކުއްލިއަކަށް ނައިހާއާ ދިމާއަށް ބަލާލި އިރު ހީވީ ނައިހާ ބަލަން އިން ކަން އިހުސާސް ކުރެވިގެން ބަލާލި ހެންނެވެ. އިސް ޖަހލަމުން ނައިހާ ފުންކޮށް ދެތިން ނޭވާ ލިއެވެ. ނަމަވެސް އަވަސް ވެފައިވާ ހިތުގެ ވިންދު ހަމައަކަށް ނޭޅުވުނެވެ. ނުސްރާ ކައިރީ ބުނެފައި ނައިހާ ތެދުވެ ހޯލް ތެރެ ވަށައިގެން ބަލާލީ ނޫރާ ނޫނީ ނާޔާ ފެނޭތޯއެވެ. ނަޒްހާ ކައިރީ ނާޔާ ހުރިތަން ފެނުނު ނަމަވެސް ނައިޙާއަކަށް ނޫރާއެއް ނުފެނުނެވެ. ޔަޒާން ކޮބާތޯ ބަލާލި އިރު ޔަޒާންވެސް ފެންނަން ނެތުމުން ނައިހާ އެކަނި ނިކުތީ ހާސް ވާން ފެށުމުންނެވެ. އޭރުވެސް އިޝާމް ހުރީ ނައިހާއާ ދިމާއަށް ބަލާށެވެ.
އެ އިމާރާތުގެ ޓެރެސްއަށް ނައިހާ އެރީ ހާމަ ތަނެއްގައި ހުރުމުން ހާސްކަން ފިލާނެތީއެވެ. ޓެރެސްއަށް ނިކުތް ތަނާ ބަޔަކު ވާހަކަ ދައްކާ އަޑު އިވުމުން ނައިހާ ދިޔައީ އެ އަޑާ ދުރަށެވެ. ނަމަވެސް ވަކި ހިސާބަކުން ނައިހާގެ ހުއްޓުނީ ނޫރާގެ އަޑު އިވުނު ހެން ހީވެގެންނެވެ.
ނޫރާއާ އަދީމް އެ ތިބީ އެތާ ހެއްޔެވެ؟ ހިނި އައިސްފައި ނައިހާ އެ މީހުން ތިބި ދިމާއަށް ދާންފެށިއެވެ.
“ދޮންތަ ކައިރީ ނުބުނެ އަހަރެން މި ހުންނަނީ މި ކަން ސިއްރު ކުރަން ބޭނުން ވާތީއެއް ނޫނޭ، ދޮންތަ ދެރަ ވާނެ ވަރު ހިތަށް އަރާފަ ބުނަން އުޅޭ ކޮންމެ ފަހަރަކުވެސް ނުކެރެނީ. އެނގިއްޖެތަ؟” ނޫރާ ބުނި އަޑު އިވުނެވެ.
ނައިހާއަށް މަޑުކޮށްލެވުނެވެ. ނޫރާއާ އަދީމްގެ މެދުގައި ދެބަސްވުމެއް ހިނގަނީ ހެއްޔެވެ؟ ނަމަވެސް އެ ދެމެދުގައި ނައިހާގެ ވާހަކަ އެ ގޮތަށް ދެކެވެން ވީ ކީއްވެ ހެއްޔެވެ؟
“އެނގޭ ތި ކަން. އެނގޭ ނޫރާއަށް ދުވަހަކުވެސް ނައިހާ ކައިރީ ބުނާކަށް ނުކެރޭނެ ކަން. ނޫރާގެ ހިތުގަ އަހަންނާ މެދު ކޮންމެސް އެއްޗެއް އޮންނާތީ ދޯ އެއީ؟”
ނައިހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އެތާ ނޫރާއާ އެކު އެހުރީ އަދީމްއެއް ނޫނެވެ. ޔަޒާންއެވެ. އެއީ ޔަޒާންގެ އަޑެވެ.
އެންމެން ކާން ދިޔަ ރޭގެ މަތިން ނައިހާ ހަންދާން ވިއެވެ. އެރޭގެ ފަހުން ނައިހާ އަމިއްލަ ހިތަށް ވިސްނައިދީގެން ހުރީ އެއީ ނައިހާއަށް ވީ ކުށް ހީއެއް ކަމުގައެވެ. ނަމަވެސް މިރޭ އަޑު އިވެމުން އެ ދަނީ އެ ކުށްހީ ފިލުވާ، އެރޭ ނައިހާއަށް ހީވި ހީވުން ޔަގީން ކުރުވާ ފަދަ ވާހަކައެވެ.
ނައިހާ މަޑުމަޑުން ގޮސް ނޫރާއާ ޔަޒާން ފެންނަ ހިސާބުގައި މަޑުކޮށްލިއެވެ.
“ނޫރާ ކިތަންމެ ވަރަކަށް ދެކޮޅު ހެދިޔަސް އަހަންނަށް އަހަރެންގެ ހިތެއް ބަދަލެއް ނުކުރެވޭނެ” ޔަޒާން އެހެން ބުނެފައި ނޫރާގެ އަތުގައި ހިފިއެވެ.
“ދޫކުރޭ! އަހަރެން ނުދެކެން ތިހާ ގޮތެއް ނެތް މީހެއް ދުވަހަކުވެސް. އަޅެ އެއް ފަހަރުވެސް ދޮންތަ މަތިން ހަނދާން ކޮށްބަލަ، ލިބެން އުޅޭ ދަރިފުޅު މަތިން ހަނދާން ކޮށްބަލަ” ޔަޒާންގެ އަތުތެރޭން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނޫރާ ބުންޏެވެ.
“އަހަރެންގެ ކުރިމަތީ ނޫރާ ފެންނަން ހުއްޓާ އަހަރެން ކީއްކުރަން ނައި މަތިން ހަނދާން ކުރަންވީ؟ ނޫރާ ފެންނަން ހުއްޓާ އަހަރެން އެހެން މީހެއްގެ މަތިން ހަނދާން ކުރާކަށް ބޭނުމެއް ނޫން” ޔަޒާން ހިނި އައިސްފައި ހުރެ ބުނެލިއެވެ.
“ހަމަ ތެދެއް މި ބުނީ، ބުނާނަން އަދީމް ކައިރީ” ދަތްތައް ޖައްސާ ބާރު ކޮށްލަމުން ނަޒްހާ ބުންޏެވެ.
“ނުބުނާނެ، އަދީމް ކައިރީ ބުނާނެ ނަމަ މިހާ ދުވަސް ވާ އިރު ނުބުނެ ނުހުންނާނެ. އެންމެންނަށް ސިއްރު ކޮށްގެން ނޫރާ ތި ހުންނަނީ ކަމެއް ވެގެންނެއްނު؟ އެހެން ނޫން ނަމަ ނައި ކައިރީ ނުބުންޏަށް އަދީމް ކައިރީ ބުނާނެ” ޔަޒާންގެ އަޑުގައި ވަނީ ޔަގީން ކަމެވެ.
“އަދީމް ކައިރީވެސް ނުބުނެ މި ހުންނަނީ ދޮންތައަށް ޓަކާ. އެހެން މީހަކަށް ޔަޒާންގެ ތި ގޮތްކުޑަކަން އެނގުނީމަ ދޮންތަ ދެރަވެ ލަދު ގަންނާނެތީ، އެނގިއްޖެތަ؟ ދޫކުރާށޭ!” ނޫރާގެ އަޑު ކުރިއަށް ވުރެ ބާރު ވިއެވެ.
“އޯކޭ، ދޫކޮށްލާނަން، އިހަށް މަޑުން ހުންނާތި” އެހެން ބުނެފައި ޔަޒާން ނޫރާގެ އަތަށް ދަމައިގަތުމާ އެކު ނޫރާ ގެނެސް ޔަޒާންގެ މޭގައި ޖައްސާލިއެވެ.
އިވެމުން ދިޔަ ވާހަކަ ތަކާ، ފެންނަމުން ދިޔަ މަންޒަރުން، ގަނޑުވެފައި ހުރެވުނު ނައިހާއަށް އިތުރަކަށް ނުހުރެވުނެވެ. ދެވުނު އެންމެ ބާރަކަށް ގޮސް ނޫރާގެ އަތުގައި ހިފާ ޔަޒާންއާ ދުރަށް ދަމައިގަތުމާއެކު ޔަޒާންއާ ދިމާއަށް އެނބުރުނު ގޮތަށް އަތަށް ލެވުނު ބާރެއް ލާފައި އެ މޫނުމަތީގައި ޖެހިއެވެ.
ނައިހާ ޖެހުމާ އެކު އެންމެ އިރުކޮޅަކުވެސް މަޑުކޮށްނުލާ ޔަޒާންވެސް ނައިހާގެ ކޯ މަތީ ޖެހިއެވެ. ޔަޒާން ޖެހިލެއް ބާރު ކަމުން ނައިހާ ވެއްޓުނެވެ.
“ދޮންތާ…” ނޫރާއަށް ބާރަށް ގޮވާލެވުނެވެ. އަދި އައިސް ނައިހާގެ އަތުގައި ހިފާ ތެދުވުމަށް އެހީވިއެވެ. ތުންފަތުން އައި ލޭ ފޮހެލާފައި ނައިހާ ޔަޒާންއާ ދިމާއަށް ބަލާލި އިރު އެ ދެ ލޮލުގައިވީ ރުޅިއެވެ.
“އަހަރެން ހިއެއް ނުކުރަން ތީ ތިހާ ގޮތްކުޑަ މީހެއް ކަމަކަށް. ޔަޒާންއަށް މި ދުނިޔެއިން އަހަރެންގެ ކޮއްކޮ ނޫނިއްޔާ ނުފެނުނީތަ؟” ނައިހާ އަހާލިއެވެ.
“ނައިހާ ނުޖެހޭ މި ކަންތަކާ ބެހޭކަށް” ޔަޒާން ބުންޏެވެ.
“ބެހޭނަން. ތީ އަހަރެންގެ ފިރިމީހާ. ޔަޒާން އަހަރެންގެ ކޮއްކޮގެ ފަހަތުން ޔަޒާން އުޅެންޏާ އަހަރެން ބެހޭނަން. ދޭ އެހެން އަންހެނުންގެ ފަހަތުން ދުވަން، އެ މީހުން ގޮވައިގެން ކުރާނެ ކަމެއް ކުރަން ދޭ. ކުރިންވެސް ޔަޒާން އުޅުނު ގޮތެއްނު އެއީ؟ އެހެން އުޅޭ، އެކަމަކު ދެން ނުވާނެ ނޫރާއާ ދިމާއަށް ބަލާލައިގެންވެސް” ނައިހާ ޔަޒާންއާ ވާހަކަ ދެއްކީ ކުރިން ދުވަހަކުވެސް ނުދައްކާ ގޮތަކަށެވެ.
“ބުނެފީމެއްނު އަހަރެން އުޅޭހާ ގޮތަކާ ނައިހާ ބެހޭކަށް ނުޖެހެޔޭ” ޔަޒާން ނައިހާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ބުންނެވެ.
އެ ވަގުތު އެތަނަށް ނާއިލްއާ އިޝާމް އައިސް ވަނެވެ. ޔަޒާންއާ ނައިހާއާ ނޫރާ އެ ތަނުން ފެނުމުން ދެ މީހުންވެސް ހުއްޓިފައި ބަލަން ތިބީއެވެ.
“އަހަރެން ބެހެން ނުޖެހެންޏާ ދެން ކާކު ބެހެން ޖެހެނީ؟ ޔަޒާން ކުރާ ކަންތަކާ އަހަރެން ބެހެން ބޭނުން ނޫނިއްޔާ އަހަރެން ވަރިކޮށްފަ ގެޔަށް ފޮނުވާ. އޭރަކުން ނުބެހޭނަން. އޭރުން ދެން ޔަޒާން އެއް ފަހަރާ ހަތަރު އަންހެނުން ގޮވައިގެން އުޅުނަސް އަހަރެން ނުބެހޭނަން” ނައިހާ ބުނެލިއެވެ.
ނައިހާ އެހެން ބުނުމާއެކު ޔަޒާން ދެވަނަ ފަހަރަށް ނައިހާގެ މޫނުމަތީ ޖެހިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.








Me fist
Hi. Here’s part 9. Kiyaalaafa comment kolahchey. Part 10 Insha Allah on Tuesday, ??❤️❤️
Woww?? Masha Allah ????? varah varah reethi ????? curiously waiting for it ???? first dhww ???? luv yeahhh ❤️???
Masha allah varah reethi ❤️ btw me first dho
Varah varah reethi..maa sha allah…waiting for the next part…
alheyy haadha reehchey mi part vx?..v v interesting n curious vx vefa mihury?…waiting for the next ingey sis…kon irakun upkohladheyny ebai?
Varah reethi mi bai ves?❤?❤?… Waiting for next part???
Woooow????❤❤????varah varah reethi mi bai ves????❤❤????curiously waiting for next part
OMG…. V reethi mi part vx……. Curiously Waiting fr nxt…..
Alhey dhen Nai ah kihineh vaanee??? So worried??
When next part…………. Can’t wait to read next part………..
Alhey dhn kihineh vaanee????curiously waiting for the nxt part….alhey avahah up kohla dhehchey…..varah curious vefa mihiry…..
Waiting for the nxt part??