ވަޢުދު (ސައުވީސްވަނަ ބައި)

- by - 82- October 30, 2019

އެރޭގެ ގަޑިން 8:30 ވެ ބޮޑުވީ ވަގުތު ޒޫމް ލައްވާފައި އައި ސައިކަލެއް އައިސް އަޔާޒްމެން އުޅޭ ހޮޓެލުގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެ ސައިކަލުގައި ކަޅުކުލަގަދަ ޖެކެޓެއްގައި ހުރި ޒުވާނާ އޭނަގެ މޫނު ނިވާކޮށްފައިވި ހެލްމެޓް ނަގާލި ވަގުތަކީ މަޑު ފެހި ކުލައިގެ ކާރެއް ވެސް އައިސް އެތަނަށް މަޑުކޮށްލި ވަގުތެވެ. ސައިކަލުން ފޭބީ އަޔާޒްގެ އެކުވެރި ސާޝާ ނޫން ދެވަނަ މީހެއްނޫނެވެ. އެ ފެހި ކުލައިގެ ކާރުން ފޭބީ އާދައިގެ މަތިން ކުރު ހެދުމެއްގައި ހުރި މައުވާއެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނުނު ވަގުތު މައުވާ ނުހަނު ބޮޑާ ގޮތަކަށް ހިނގާފައި ގޮސް ސާޝާއާއި ހަމަކުރިއެވެ.

 

“ބުނި ޢަދަދުގެ ދެބައި ކުޅަ އެއްބައި މިހާރުވެސް ޓްރާންސްފާރކޮށްފަ ހުންނާނީ. ކަންކޮށް ނިމުނުހާ އަވަހަކަށް އަނެއްބައި ޓްރާންސްފާރ ކުރާނަން. މިއޮތީ އެ ޑޮކިއުމެންޓް. ސާޝާ މިއާއެކީގަ ނިކުންނާނެއިރެއްގެ އިންތިޒާރުގަ އަހަރެން މިތާ މަޑުކުރާނަން. އެންމެ ރަނގަޅު؟” މައުވާ ސާޝާގެ އަތަށް ސިޓީ އުރައެއް ލައިދެމުން ރަޝިޔާ ބަހުން ބުނެލިއެވެ. މައުވާ ސުވާލުގެ ރާގަކަށް ބުނެލި އެ ބަސްތަކާއެކީ ސާޝާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

 

“ގޮއްސަ މާ ގިނައިރެއްނުކޮށް އަންނާނަން. ފްރެންޑަކަށް މިހެން ހަދަންވީމަ ދެރަވެސް އެބަވޭ އެކަމަކު އަހަރެން ނަގާފަ އޮތް ލޯނަށް ފައިސާވެސް ބޭނުން. އަދި އެހެންނޫނަސް އެ އަޔާޒާއިމެދު މަ ޒާތީ ޙަސަދައެއް އޮވޭ. މަ ރައްޓެހިވާން އުޅުނު ކުއްޖާ މަށާ ރައްޓެހި ނުވީ އޭނަ މާ ރީއްޗޭ ކިޔާފަ. އެހެންވީމަ ދާނަން.” ސާޝާ ފުރިހަމަ ހިނިތުންވުމަކާއެކީ އެހެން ބުނުމުން މައުވާ ތުން ފިއްތައިގެން ހުރެ ބޯޖަހާލުމުން ސާޝާ ހޮޓެލަށް ވަންނަން ދިޔައެވެ.

 

މާ ގިނައިރެއްނުވެ ސާޝާ ހުރީ ހޮޓެލްގެ އެންމެ މަތީ ބައިގައެވެ. އަތުގައި އޮތް ސިޓީ އުރާއެކީ އޭނަ އަޔާޒްމެންގެ ސޫޓްއާއި ދިމާލަށް ދިޔައީ ދިގު ފިޔަވަޅުތަކެއްގައެވެ. އޭނަ ގޮސް ބެލް އަޅުވާލުމާއެކުހެން އަޔާޒް ފެނިގެން ދިޔުމުން ހަމަ ޙަޤީޤަތުގައި ވެސް އޭނަ އުފާވިއެވެ. އޭނަގެ ދުވަސްވީ އެކުވެރިޔާ އޭނަގެ ގައިގައި ބައްދާލުމުން އޭނަ ކުރަން ރާވައިގެން އައި ކަންތައްތަކާމެދު ނުތަނަވަސްވެސްވިއެވެ. އެހެނަސް އޭނަ ފަސްޖެހުމެއްނެތި އެ ރޭވުމާއިގެން ކުރިއަށް ދިޔައީ ފައިސާގެ ދަހިވެތިކަމުގައެވެ. އަޔާޒް ކޮޓަރިއެއްގެ ތެރެއަށް ފޮނުވާފައި ސިޓިންގް ރޫމަށް ވަދެގެން ދިޔަ ވަގުތު އޭނައަށް ފުރޮޅުލީ ގޮނޑީގައި އިން އަންހެން ކުއްޖާ ފާހަގަވިއެވެ. އެއީ ކާކުކަން މައުވާވަނީ އޭނައަށް ނުހަނު ރަނގަޅަށް ކިޔައިދީފައެވެ. އަޔާޒްގެ އަންހެނުން ގޭގައި ހުންނާނެއޭ ބުނުމުން ސާޝާ ފުރަތަމަ ޖެހިލުންވިއެވެ. އެހެނަސް އެ އަންހެނުންނަކީ ނުހިނގޭ ކުއްޖެއްކަން އެނގުމުން އޭނަގެ ހުރިހާ ޖެހިލުންކަމެއް ފިލައިދިޔައެވެ. މި އަންހެން ކުއްޖާގެ ކުރިމަތިން ވެސް މިކަން ކުރެވިދާނެނޫންތޯ އޭނަ މައުވާގާތު ބުނެލީ ނުހަނު ޔަޤީންކަމާއި އެކީގައެވެ.

 

ސޯފާގައި އިށީނދެ އޭނަ މަލާކް ބަލާލުމުން ހިނިތުންވެލީ އެހެންވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ހިތުން އޭނަ އުޅުނީ މަލާކްވެސް އެހެންތަނަކަށް ދާންޖެހޭނެފަދަ ބަސްތަކެއް ބުނާށެވެ. އެހެނަސް އޭނައަށް އެއްޗެކޭ ނުވެސް ބުނެވެނީސް މަލާކް ދުރަށްދާން ފެށުމުން ސާޝާއަށް ކާމިޔާބުވުމުގެ އިތުރު ޔަޤީންކަމެއް ލިބުނެވެ. އެ ލިބުނު ޔަޤީންކަމާއެކީ އޭނަ މަލާކަށް ބަލަމުން ބަލަމުން އޭނަގެ ޖީބުގައި އޮތް ސިރިންޖު ނެގިއެވެ. އަދި އެ ޕެކެޓް ކަނޑާލަމުން ސިރިންޖު ނެގީ މަލާކް ވަކި ހިސާބަކަށް ގޮސް ގޮނޑި މަޑުކޮށްލިކަން އެނގިހުރެއެވެ. ސިރިންޖު ނަގައި އޭތި މަސައްކަތް ކުރޭތޯ ބަލާލިއިރު މަލާކް އޭނައަށް ބަލާލި މަންޒަރު ވެސް ލޮލުގެ ކޮޅުން ސާޝާއަށް ފެނުނެވެ. އެހެނަސް އެކަމަށް ވަކި ފަރުވާލެއްނެތި އަޔާޒް ވަން ކޮޓަރިއާއި ދިމާލަށް ދިޔައީ އެއީ މާ ބޮޑު ކަމަކަށް ނަހަދައެވެ. އޭނަ އަޔާޒް ހޭނައްތައި އެ ގަނޑުގައި އިނގިލީގެ ނިޝާން ޖަހައި ނިމި އެދެމީހުން ނިކަމެތި ކޮށްލެވޭއިރު ވެސް އެކުއްޖާއަށް ހަޅޭއްލެވުން ނޫންކަމެއް ނުކުރެވޭނެ ކަމަށް ހީކުރެވުނެވެ. އެހެނަސް އެއީ ޙަޤީޤަތާއި ކިހާ ދުރު ހީކުރުންތަކެއްކަން ރޭކާވެސް ލުމެއްނެތި ލަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަދެގެން ދިޔައެވެ. އޭރު އަޔާޒް ހުރި އަލަމާރީގެ ތެރެއިން ފޮތެއް ހޯދުމުގެ މަސައްކަތުގައި ކަމަށްވުމުން ސާޝާ ވަންކަމެއް އޭނައަށް ނޭނގުނެވެ. އެކަމުގެ ބޭނުން ހިފައި ސާޝާ އަޑު ވެސް ނުއިވޭފަދަ ފިޔަވަޅުތަކެއްގައި ގޮސް އަޔާޒްގެ ފުރަގަހުގައި ހުއްޓިލިއެވެ. އަޔާޒް ފޮތަކާއެކީ ހިންދެމިލުމާއެކު ސާޝާ އޭނަގެ އަތުގައި އޮތް ސިރިންޖް އަޔާޒްގެ ކަނދުރާއާއި ދިމާލަށް ދިއްކޮށްލިއެވެ. އޭނަ ޖެހިލުމެއްނެތި އެ ސިރިންޖް އަޔާޒްގެ ކަނދުރާއަށް ކޮއްޕާލި ވަގުތަކީ އޭރު ދޮރު މަތީގައި ހުރި މަލާކްގެ އަޑު އިވިގެން ދިޔަ ވަގުތެވެ.

 

“އަޔާޒް!” މަލާކްގެ އަޑު މުޅި ހިސާބުގައި ގުގުމާލުމުން އަޔާޒް ކަކޫ މައްޗަށް ތިރިވީ ހިނދު ނުތަނަވަސްވެގެން ދިޔަ ސާޝާގެ ނަޒަރު މަލާކަށް އަމާޒުވިއެވެ. މަލާކް އޭރުވެސް އިނީ އަޔާޒަށްވަމުން ދިޔަ ގޮތް ފެނިފައި ދެލޯ ބޮޑުވެ އަނގަ ހުޅުވިފައެވެ. ދެލޯ މެރިފައިވި އަޔާޒް މުޅިންހެން ބިންމައްޗަށް ދެމިގެން ދިޔަ ވަގުތު މަލާކްގެ ނަޒަރު ސާޝާއަށް އަމާޒުވިއެވެ. އެ ހިނދު މަލާކްގެ މޭތެރޭގައި ރޯވެގެން ދިޔައީ އަމަށަކު ރުޅިއެއްނޫނެވެ. އަދި އަމުދުން އެމީހާ އޭނައަށް ބަލަން ހުރެހުރެފައި އަޔާޒްގެ ގައިގައި ފައިން ޖެހި ގޮތުން މަލާކްގެ ދަތްކުނޑި ވިކުނު ހިނދު ގޮނޑީގެ އަތްގަނޑު މަތީގައިވި އޭނަގެ ދެއަތަށްވެސް ބާރުވިއެވެ. އެމީހަކު އަޔާޒަށް ދިން އަނިޔާގެ ބަދަލުގައި އޭގެ ދެގުނަވާ އަނިޔާއެއްދޭން ހިތް ބުނި ހިނދު މަލާކަށް ދެފަރާތަށް ނަޒަރު ހިންގާލެވުނެވެ. އެހިނދު އޭނަގެ ކަނާތް ފަރާތުގައި ހުރި ބޮޑު ގުޅިއެއް ފެނިފައި މަލާކް އިސާހިތަކު އޭނަގެ ގޮނޑި ކުޑަކޮށް ފަހަތަށް ޖެއްސުމަށްފަހު ގުޅީގެ އަނގައިގައި އަތް އަޅުވައި ކުއްލި ގޮތަކަށް އެ ކޮޓަރި ތެރެއަށް އޭތި އުކާލީ އޭތި ސާޝާގެ މޫނާއި ދިމާލަށް ދާ މަންޒަރު ސިފަކުރަމުންނެވެ. އެހެނަސް މަލާކް ހީކުރި ގޮތާއި ޚިލާފަށް ސިޓިންގް ރޫމަށްވުރެ ތިރިކޮށް ހެދިފައިވި އެ ކޮޓަރީގެ މެދާއި ހިސާބުގައި އެ ގުޅި ޖެހުމާއެކު އޭތި ބާރު އަޑުފަށްގަނޑަކާއެކީ ތަޅައިގެން ދިޔައީއެވެ. މަލާކް ސިފަކުރި ގޮތަށް ނުވިޔަސް އެ ގުޅީގެ ބޮޑުބައެއް ގޮސް ސާޝާގެ ފައިގައި ގޮސް ޖެހުމުން އޭނަގެ ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. އެ ހިނދު އަޔާޒަށް ކަމެއްވީތޯ ބަލަން މަލާކް ބަލާލިއިރު އަޔާޒް އޭރުވެސް އޮތް ގޮތަށް އޮތީއެވެ. އަޔާޒް އޮތް ގޮތް ފެނިފައި އެދިމާލަށް ދާން ހިތަށް އެރި ވަގުތު ރުޅިން ރަތްވި ސާޝާ ކަރުގެ ބުޑުން އަޑެއް ލައްވާލި އަޑު އިވުނެވެ. އެއާއެކު މަލާކް ސާޝާއަށް ބަލާލިއިރު ސާޝާ ގުޅީގެ ބައިތަކުގެ ތެރެއިން ދިގު ފިޔަވަޅުތަކެއް އަޅަމުން އޭނައާއި ދިމާލަށް އަންނަނީއެވެ. ބޮޑު އަދި ބީރައްޓެހި ފިރިހެނަކު ރުޅި އައިސްފައި ހުރެ އޭނައާއި ދިމާލަށް އަންނަ މަންޒަރު ފެނިފައި މަލާކްގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. ސާޝާ އަންނަމުން ދިޔަ ވަރަކަށް އޭނައަށް އަވަސްއަވަހަށް ގޮނޑި ފަހަތަށް ދުއްވުނީ އިޚްތިޔާރަކާއި ނުލައެވެ. އެހެނަސް ސާޝާ ކޮޓަރިން ނިކުތްތާ މާ ގިނައިރެއްނުވެ މަލާކްގެ އަތާއި އެއީ ގޮނޑީގެ އަތްގަނޑުގައި އޭނަ ހިފަހައްޓާލިއެވެ. މަލާކަށް އިތުރު އެއްޗެއް ވިސްނުމުގެ ފުރުޞަތެއްވެސް ދިނުމެއް ނެތި ސާޝާ މަލާކްގެ އެއްއަތުގައި ހިފައި ލުއްކެއްޖަހައި ދަމާލަމުން މަލާކް ބިންމައްޗަށް ވައްޓާލިއެވެ. ބިންމަތީގައި އިށީނދެވުނު ކަހަލަ ގޮތަކަށް ޖެހުނު ވަގުތު މަލާކްގެ ވޭނީ ހަޅޭކެއްގެ އަޑު އިވިގެން ދިޔައެވެ. އެއީ ޖެހުނު އިރު ވީ ތަދަށްވުރެ ބޮޑަށް ކުއްލިއަކަށް ދެފައި ލަންބައިގެން ގޮސް ގައިގެ ދަށުވުމުން ފައިގެ މަސްތަކުގައި ހިފާލި ތަދެވެ. އޭނައަކީ ފައިގެ ކިތަންމެ ކުޑަ ޙަރަކާތެއްވެސް ނުހަނު ވިސްނައިގެން ކުރާ މީހެކެވެ. ވިސްނާލުމެއްނެތި ކުރެވޭ ކުޑަ ޙަރަކާތަކުން ވެސް ފައިގައި ރިއްސާތީވެއެވެ. އެވަގުތު މުޅި ދެފައިގައި ހިފާލި ތޫނު ތަދުގެ ސަބަބުން މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މިވަގުތު ދެން އިތުރު ޙަރަކާތެއް ނުކުރެވޭނެ ކަމަށް އަމިއްލަ ނަފްސުގާތު ބުނެލި ހިނދު ކޮންމެވެސް އެއްޗެއް ދެމޭ އަޑު އިވެން ފެށިއެވެ. އަޑު އަންނަމުން ދިޔަ ދިމާލަށް ބަލާލިއިރު ސާޝާ ހޭނެތިފައި އޮތް އަޔާޒް ދަމަމުން ކޮޓަރިން ބޭރަށް ނެރެނީއެވެ. އެތަން ފެނިފައި ފެނިފައި މަލާކަށް އޭނަ ކޮޅަށް ތެދުވެގެން ގޮސް ސާޝާގެ ގަޔަށް އެތިފަހަރެއް ވިއްލާ މަންޒަރު ލޮލަށް ސިފަވެގެން ދިޔައެވެ. އެހެނަސް އެއީ ވާނެކަމެއް ނޫންކަން ޔަޤީންވުމުން މަލާކަށް ދެންވެސް ވަށައި ހޯދާލެވުނީ ވީހާވެސް އަވަހަކަށް ކަމެއް ކުރަންޖެހޭ ކަމަށް ބުނަމުން ދިޔަ އޭނަގެ ސިކުނޑީގެ ސަބަބުންނެވެ. އެ ހިނދު އޭނައާއި ދިމާ ކުރިމައްޗަށް ވާ ގޮތަށް ސޯފާއެއްގެ ކައިރީގައި ހުރި އަރިމަތީ މޭޒުގައި ބެހެއްޓިފައިވި ލޭންޑްލައިން ފޯނު އޭނައަށް ފެނިގެން ދިޔައެވެ. ފޯނަށް ބަލާފައި މަލާކަށް އަނެއްކާވެސް އަޔާޒް ދަމަމުން ދިޔަ ސާޝާއަށް ނަޒަރު ހުއްޓާލެވުނެވެ. އޭރު ސާޝާ އަޔާޒް ދަމަމުން ސިޓިންގް ރޫމުގެ މެދުގައި ހުރި މޭޒާއި ދިމާލަށް ދަނީއެވެ. މަލާކް އަނެއްކާވެސް އަރިމަތީ މޭޒުމަތީގައި ހުރި ފޯނާއި ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އެ މޭޒު ހުރީ އޭނައަށް ހުރެވުނު ހިސާބުން ފަސްވަރަކަށް ފިޔަވަޅު ދުރުގައެވެ. އަނެއްފަރާތަށް ބަލާލިއިރު އޭނަގެ ގޮނޑިވެސް ހުރީ އޭނައާއި އަދި މާ ދުރުގައެވެ. ސާޝާ ދިޔައީ އޭތި ދުރަށް ކޮއްޕާލާފައި ކަމަށްވުމުންނެވެ.

 

ޙާލަތުގެ ސަބަބުން މަލާކްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ހިނދު އޭނަގެ ނުތަނަވަސްކަން އިންތިހާއަށް ދިޔައެވެ. އެއްފަހަރު އަޔާޒަށް އަނެއްފަހަރު ސާޝާއަށް އަނެއްފަހަރު ފޯނަށް އޭނައަށް ތަކުރާރުކޮށް ނަޒަރު ހިންގެމުން ދިޔައެވެ. ސިކުންތެއްގެ ތެރޭގައި އެތައް ފަހަރު މަތިން އޭނަ ތެދުވެގެން ގޮސް ފޯނު ނަގައި ހޮޓެލްގެ ރިސެޕްޝަނަށް އެވަގުތު އެ ސޫޓްގައި ހިނގަމުންދާ ކަންތައް އަންގަން ހިތަށްއެރިއެވެ. މިފަހަރު އޭނަ ތެދުވެގެންދާ މަންޒަރު އޭނައަށް ސިފަވީ ހިނދު އޭނައަށް އެކަން ކުރެވޭނެކަން އޭނައަށް ޔަޤީންވިއެވެ. އެ ޙާލަތުގެ ސަބަބުން އޭނަގެ ފުރާވަރުގައި ދިމާވި ޙާދިސާއެއް އޭނަގެ ހަނދާނަށް އައެވެ. އޭނަ އިނީ އުނގުމަތީގައި ހުރި ދޮލަނގަކަށް އެޅިފައިވި ހަނޑޫ ހޮވަން ބަދިގޭގެ ތަޅުމަންތީގައި ދެފައި ދަމާލައިގެން އިށީނދެގެންނެވެ. އޭނަ އެހެން އިންއިރު ބަދިގެ ތެރެއިން ގެއިން ބޭރަށް ނިކުމެވޭ ދޮރުގެ ބޭރުން މަންމަ ކަތިވަޅިއަކުން ކާށި ބިންނަމުން ދިޔަ އަޑު އޭނައަށް އިވެމުން ދިޔައެވެ. ކާށި ބިނދެމުން ދިޔަ އަޑަށް އޭނަ އެވަގުތުކޮޅުގައި އާދަވެފައި ވަނިކޮށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ މަންމަގެ ހަޅޭކެއްގެ އަޑުންނެވެ. ބިރުވެރިކަން ވެރިވެގެން ދިޔަ ހިތަކާއެކީ މަލާކް އެދިމާލަށް ބަލާލިހިނދު ލެއިން ކަޅިވެފައިވި މަންމަގެ އަތް ފެނިފައި މަލާކަށް ވީނުވީއެއް ވެސް އޭނައަށް ނޭނގުނެވެ. އޭނައަށް މަންމާއޭ ކިޔައި ގޮވަމުން ދޮލަނގު ދުރަށް ހޫރާލުމަށްފަހު ދެފައި މައްޗަށް ތެދުވެ މަންމައާއި ދިމާލަށް ދުއްވައިގަނެވުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ރިހުން ތޫނުވެގެން ދިޔަ ދެފައި އޭނައަށް އެއްބާރުލުމެއް ނުދިނެވެ. ބަދިގެއިން ބޭރަށް ނިކުމެވޭ ދޮރާއި ކައިރި ވީވީހެން އޭނަ ބިންމައްޗަށް ތިރިވިއެވެ. އަދި މަންމަ ރޮއިގަތް މަންޒަރު ފެނި އޭނަގެ ނާޤާބިލިއްޔަތުކަން އިޙްސާސް ކުރެވި ގަދައަށް ރޮވުނެވެ. އެ ޖަޒުބާތުތަކުގައި އޭނަގެ ޙާލަތު އޭނައަށް އެވަގުތު ދޭހައެއް ނުކުރެވުނެއްކަމަކު އޭނައަށް އިޚްތިޔާރަކާނުލާ ފަޔަށް ގެނެވުނު ޙަރަކާތުގެ ނަތީޖާ ދުވަސްގަނޑެއް ވަންދެން ދެމި ހުއްޓެވެ. ފައިގެ ރިހުމުގެ ސަބަބުން އޭނައަށް ނުނިދި ދިޔަ ރޭތައް ގިނައެވެ. އެދުވަސްފަހުން 5 ދުވަސްވަންދެން އޭނަގެ އަތާއި ފައި ހުއްޓުމެއްނެތި ތުރުތުރު އަޅަމުން ދިޔައެވެ. އެކަންތައް ހެޔޮވެގެން ދިޔައީ އޭނަގެ ބަލީގެ ޙަޤީޤަތް ނޭނގި ތިބެ އޭނަގެ މަންމައާއި ބައްޕަ އެތައް ކަރުނައެއް އަޅަމުން ދިން އެތައް ފަރުވާއަކަށް ފަހުގައެވެ.

 

އެދުވަސްވަރު މަންމަމެން ތަކުރާރުކޮށް ބުނަމުން ދިޔަ ވާހަކައެއް އޮތެވެ. މަލާކް އޮޅުމަކުން ވެސް އަމިއްލައަށް ތަނަކަށް ހިނގައިގަންނަން މަސައްކަތް ނުކުރުމަށެވެ. އޭނަ އެފަދަ ވޭނެއްގައި އުޅޭތަން ދެކެން މަންމަމެންނަށް ކެތްނުވާނެތީވެއެވެ.

 

އެއްފަހަރު އެހީއަކަށް ބޭނުންވެފައި އޮތް އަޔާޒަށް އަނެއްފަހަރު ކުރިމަތިން ފެންނަމުން ދިޔަ ފޯނަށް ބަލަމުން ދިޔަ މަލާކްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެ ޚިޔާލުތަކެވެ. އެދުވަހު މަންމައަށްޓަކައި އޭނައަށް ބޭއިޚްތިޔާރުގައި ތެދުވެވުނެއްކަމަކު އެދުވަހުގެ ހިތި ނަތީޖާ އޭނަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވުމުން އޭނަ މިއަދު ތެދުވަންޏާ ތެދުވަން ޖެހޭނީ އަމިއްލަ އިޚްތިޔާރުގައިކަން މަލާކަށް އެނގުންވިއެވެ. އޭނަ އަޔާޒަށްޓަކައި ހަމަ އެފަދަ ޤުރުބާނީއެއް ވާނީތޯ މަލާކަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެމުން ދިޔައެވެ. އެ ސުވާލާއިމެދު މަލާކް ވިސްނަމުން ދަނިކޮށް ސާޝާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ. އޭނަ އަޔާޒްގެ ދެކޮނޑުން ދޫކޮށްލީ ވަރުބަލިވެގެން އުޅޭ ފަދައަކުންނެވެ. އަޔާޒް ބިންމަތީގައި ބޭއްވުމަށްފަހު ސާޝާ އެތާ މޭޒުމަތީގައި ހުރި ފެން ތަށްޓައް ބަލާލަމުން އެ ތަށި ނަގައި ފެން ބޯލިއެވެ. އެއަށްފަހު ބިއްލޫރި ތަށްޓައް ބަލާފައި ތިރީގައި އޮތް އަޔާޒްގެ މޫނަށް ބަލާލިއެވެ. އަޔާޒްގެ އެ ސޫރައަކީ އޭނައަށް އޭނަގެ ލޯބިވެރިޔާ ގެއްލުވާލި ސޫރައަށްވުމުން އެވަގުތު ސާޝާގެ މޫނުމައްޗަށް ވެރިވީ ރުޅިވެރިކަމެވެ. އޭގެ ދެވަނަ ސިކުންތުގައި ސާޝާ ކުއްލިއަކަށް އަޔާޒާއި ނުހަނު ކައިރިން ޓައިލްސް މައްޗަށް ބިއްލޫރި ތަށި ޖަހާލިއެވެ. ފެނުނު މަންޒަރާއި އިވުނު އަޑުފަތްގަނޑުން ސިއްސައިގެން ދިޔަ މަލާކަށް އަނެއްކާވެސް އަޔާޒްއޭ ކިޔައި ހަރު އަޑުން ގޮވާލެވުނެވެ. އިސާހިތަކު އޭނައަށް އަނެއްކާވެސް ފޯނަށް ބަލާލެވުނެވެ. އެއާއެކު މަލާކް ދެވަނަ ވިސްނުމެއްވެސް  ނެތި ރިހެމުން ދިޔަ ދެފައި މައްޗަށް ތެދުވެ އެ ފޯނާއި ދިމާލަށް ދުއްވައިގަތެވެ. ކަމެއްވާހެން ހީވެގެން ބަލާލި ސާޝާ ވެސް ފެނުނު މަންޒަރު ހުއްޓުންއެރިއެވެ. އެހެނަސް ތިން ފިޔަވަޅު އެޅުމާއެކުހެން މަލާކަށް ފައިގެ ރިހުމަށް ކެތްނުވުމުން އޭނަ އަނެއްކާވެސް ބިންމައްޗަށް ތިރިވިއެވެ. އެހެނަސް އޭނައަށް އޭރު އިށީނދެވުނީ ސޯފާއާއި ނުހަނު ކައިރީގައި ކަމަށްވުމުން މަލާކް ފައިގެ ރިހުމާއި އެކީގައި ވެސް ސޯފާގެ އަތްގަނޑުގައި ހިފަމުން އަރިމަތީ މޭޒު ކައިރިއަށް ދިޔައީ ނުހަނު ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. ސާޝާ ވާނުވާއެއް ނޭނގި ބަލަބަލާ ހުއްޓާ މަލާކް ފޯނުގެ އަތްގަނޑު ނަގައި ކުރީ ދުވަހު ފުލުހުންގެ ނަންބަރޭ ކިޔައި އަޔާޒް ކިޔައިދިން ނަންބަރަށް ގުޅާލިއެވެ. އެވަގުތުވެސް އަތް ތުރުތުރު އަޅަމުން ދިޔަގޮތުން ނަންބަރުތަކަށް ފިތަން ވެސް އޭނައަށް އުދަގޫވެފައިވިއެވެ.

 

“ހެލޯ…..ނިކަން އަވަހަށް ގްރީން ގްރޭންޑް ހޮޓެލްއަށް އައިސްދިނުން އެދެން. ހޮޓެލްގެ އެންމެ މަތީ ބަޔަށް އަނިޔާކުރާ މީހަކު ވަދެގެން އަޅުގަނޑުގެ ފިރިމީހާ ހޭނައްތާފަ އޮތީ. ވީހާވެސް އަވަހަކަށް އައިސްދެއްވާ!” މަލާކް ރޫރޫއަޅަމުން ދިޔަ އަޑަކުން ނުހަނު އަވަސްއަވަހަށް އިނގިރޭސި ބަހުން އެ ބަސްތައް ބުނެ ނިމުނުއިރު ސާޝާ ހުރީ ދެލޯ ބޮޑުވެ އަނެއްކާވެސް ރުޅިން ރަތްވެފައެވެ. މަލާކް ބަލަބަލާހުއްޓާ ސާޝާ އަނެއްކާވެސް އޭނައާއި ދިމާލަށްއައެވެ. އޭނައާއި ހަމަވުމުން މަލާކް ހީކުރަންވީ އެއްޗެއްވެސް ނޭނގިފައި ވަނިކޮށް ސާޝާ އޭނަގެ ނޭވާގެ ކައިރިން މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވިއްލާލިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތް ވަގުތު އޭނައަށް ބިންމަތީގައި އޮށޯވެވުނެވެ. އެއާއެކު ސާޝާ އަޔާޒަށް ހެދިހެން މަލާކްގެ އެއްއަތުގައި ހިފައި ދަމަމުން ކޮޓަރިއަކާއި ދިމާލަށް ދިޔައެވެ. އޭރު މަލާކްގެ ދެފައިގައި ރިއްސަމުން ދިޔަ ގޮތުންނާއި ހަތަރެސްފައި ތުރުތުރު އަޅަމުން ދިޔަ ގޮތުން ހިތުގައި އުފެދުނު ބިރުވެރިކަމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ނޭނގޭ ސަބަބަކާހުރެ ލޮލަށް އަނދިރިވަމުން ދިޔަދިޔަހެން އޭނައަށް ހޮޑުލެވެން އުޅުނުހެން ވެސް މަލާކަށް ހީވިއެވެ. މަލާކްގެ ޚަބަރު ހުސްވީ ވަގުތު ސާޝާ މަލާކަކީ ބުދެއްހެން ހީވާ ފަދައަކުން ކޮޓަރިއެއްގެ ބިންމައްޗަށް ދޫކޮށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ހޮޓެލްގެ ސެކިއުރިޓީ ގާޑުން ސޫޓްގެ ދޮރު ހުޅުވާލީ އެވަގުތެވެ. ކޯޓު ފަޓުލޫނުގައި ތިބި ފިރިހެނުން ފެނިފައި ސާޝާ ދުއްވައިގަތީ ކުއްލިއަކަށެވެ. ނުހަނު ފަރިތަކަމާއެކީ ގާޑުންގެ ކިބައިން ރެކެމުން ސާޝާ ސޫޓްގެ ތެރެއިން ނިކުތީ އެތާ މޭޒުމަތީގައި އޮތް ސިޓީއުރަ ހިފައިގެންނެވެ. ސާޝާ ދުވެފައި ދިޔުމުން ސެކިއުރިޓީ ގާޑުން ވެސް ސާޝާގެ ފަހަތުން ދިޔައެވެ.

 

ސާޝާއަށް ހޮޓެލްގެ ބޭރަށް ނިކުމެވުނު ވަގުތަކީ ފުލުހުންގެ ކާރުތައް އެތަނަށް އަންނަމުން ދިޔަ ވަގުތެވެ. އެ މަންޒަރު ކާރު ތެރޭގައި އިން މައުވާއަށް ފެނުނުތާ މާ ގިނައިރެއްނުވެ ދުވެފައި އައި ސާޝާ ފެނިފައި އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. މައުވާ ބަލަބަލާ ހުއްޓާ ސާޝާ ވިދުވަރެއްހާ އަވަހަށް ގޮސް މައުވާގެ ކާރަށް އަރައި ދޮރު ލައްޕާލިއެވެ.

 

“ދުއްވާ!” ހާސްވެފައި އިން ސާޝާ އޭނަގެ ބަހުރުވައިން ބުނެލީ ހަމައެކަނި އެހާވަރަށެވެ.

 

“ކިހިނެއް މި….” މައުވާގެ ސުވާލު ފުރިހަމަ ނުވަނީސް ސާޝާ ހަރުއަޑުން އަނެއްކާވެސް އޭނަ ދެންމެ ބުނި ބަސް ބުނެލިއެވެ. މައުވާ އައި ރުޅީގައި އޭނައަށް ބަލާލެވުނެއްކަމަކު ފުލުހުން ފުލުސް ކާރުތަކުން ފައިބަން ފެށި މަންޒަރު ފެނިފައި މައުވާ ސާޝާ ބުނި ގޮތަށް ހެދިއެވެ. ކާރު ސްޓާޓް ކުރުމަށްފަހު ރޭސްޖަހާލަމުން މައުވާ އެ ޕޮލިސް ކާރުތަކާއި ދުރަށް ދިޔައީ ނުހަނު ބާރު ސްޕީޑެއްގައެވެ. އެ ޞަރަޙައްދާއި ތަންކޮޅެއް ދުރު ހިސާބަކަށް ދެވުމުން މައުވާ ދެންވެސް ސްޕީޑް ދަށްކުރުމެއްނެތި ވާހަކަ ދެއްކިއެވެ.

 

“ކިހިނެއްތަވީ؟ ކާކު ފުލުހުންނަށް ގުޅީ؟” މައުވާ ސާޝާގެ ބަހުން ސުވާލުކުރިއެވެ.

 

“ދެޓް ސައިކޯ ވުމެން! ނުބުނަމެއްނު އޭނަ ގޮނޑިއެއްގަ ހުއްޓަސް ހިނގޭ ވާހަކައެއް؟” ސާޝާ އެހެން ބުނެލީ ރުޅިން ރަތްވެފައި ހުރެއެވެ. ސާޝާގެ ބަސްތައް އިވިފައި މައުވާވެސް އޭނައާއި އެއްވަރަށް ޙައިރާންވިއެވެ.

 

“ނުދެނަހުރީމޭ އޭނައަށް ހިނގޭ ކަމެއް….ހިނގެންޏާ އޭނަ ކީއްކުރަން ގޮނޑިއެއްގަ ހުންނަނީ؟ އަޖާއިބެއް! މިހާރު އޭނަ ކޮބާ؟ އަޔާޒްގެ އިނގިލީގެ ނިޝާން ލިބުނުތަ؟ އަޔާޒަށް ކަމެއް ނުވާހެން ހީވާފަދަ ގޮތަކަށް އެނދުގަ ބޭއްވިންތަ؟” މައުވާގެ އެ ފަހު ސުވާލުތައް ނިމުނު ވަގުތު ސާޝާ ނާއުއްމީދީ މޫނަކާއެކީ ބޯހޫރުވަނީއެވެ.

 

“ތީގެއިން އެއްވެސް ކަމެއްނުވި. ހިއެއްނުވޭ އަޔާޒް ހަމަ ހޭނެތުނީއޭ ބުނެ އޭނައަށް އޮޅުވާލެވޭނެހެން ވެސް. އަހަރެން ސިރިންޖު ޖެހި ވަގުތު އެ ކުއްޖާގަނޑު ހަޅޭއްވެސް ލެވި. ހިއެއްނުވޭ އެ އަޑު އަޔާޒަށް ނުއިވި ހުންނާނެހެން. އަދި އެ އަންހެން މީހާ ފުލުހުންނަށް ގުޅާލީ އަޔާޒް މި ޑޮކިއުމެންޓާއި ކައިރިއަށް ވެސް ނުގެނެވެނީސް. މަ އައި ރުޅީގެ އެ އަންހެން މީހާގެ ގޮތް ހުސްކޮށްފަ ކޮޓަރިއަކަށް ލިން. އެކަމަކު އަޔާޒަށް ގޮތެއް ނުވެގެން އުޅެނިކޮށް ހޮޓެލްގެ ސެކިއުރިޓީ މީހުން އައީ….” ސާޝާ ކިޔައިދިނެވެ. ސާޝާ ދެއްކި ވާހަކަތައް އިވިފައި އައި ގަދަ ރުޅިއެއްގައި މައުވާ ރޫރޫ އެޅިއެވެ. ދުލުން ހަޑި ހުތުރު ބަސްތަކެއް ކިޔެން ފެށީ މަލާކަށް އަމާޒު ކުރަމުންނެވެ. އެއަށްފަހު އޭނަ ވަގުތުން އޭނަ ކުރަން އުޅުނު ކުށުގެ އެއް އަސަރުވިޔަސް ފިލުވައިލެވޭނެ ގޮތަކާއިމެދު ވިސްނާލަމުން އޭނަގެ ފޯނުން މީހަކަށް ގުޅާލިއެވެ.

 

**

 

ސާޝާ ސޫޓްއިން ނިކުމެގެން ދިޔަތާ މާ ގިނައިރެއްނުވެ ހޮޓެލަށް އެމްބިއުލާންސެއް ގެނެވުނެވެ. އެމްބިއުލާންސްއިން ހޮސްޕިޓަލެއްގެ މުވައްޒަފުންނަށް ސޫޓްއާއި ހަމައަށް ދެވުނުއިރު އެތަން ތަޙުޤީޤު ކުރަމުން ދިޔަ ފުލުހުން އެމަޖެންސީ ގޮތަކަށް އެތަނުން ނިކުމެގެންދަނީއެވެ. އެމްބިއުލާންސްގެ މުވައްޒަފުންގެ ހަތަރު ފިރިހެނުންނަށް ސިޓިންގް ރޫމުގެ ބިންމަތީގައި އޮތް އަޔާޒް ފެނުމާއެކު ދެމީހުން ވެގެން އޭނަ ނަގައިގެންދާން ފެށިއެވެ. އެންމެން އެކީގައި ދާން އުޅުނު ވަގުތު މިގޭގައި ދެން އެހެން މީހަކު އުޅޭތޯ ކޮންމެވެސް އެހެން މީހަކު ސުވާލުކުރިއެވެ. ބުނިހާއިރަށް އެތާ ޒުވާން ފުރައެއްގައި ހުރި މުވައްޒަފު ބުނިގޮތުން އެހެން މީހަކު އުޅޭނަމަ ފުލުހުންނަށް އެކަން ފާހަގަކުރެވިފައިވާނެއެވެ. ދެން ތިބި މުވައްޒަފުން އޭނައާއި އެއްބަސްވުމުން އެންމެން އެކީގައި އަޔާޒް އެމީހުން ގެނައި ސްޓްރެޗާރގެ މައްޗަށް އަރުވައިގެން ގެންދަން ފެށިއެވެ. ސޫޓްއިން ނިކުތް ވަގުތު އެއްކަލަ ޒުވާން މުވައްޒަފުގެ ނަޒަރު އޭރު މަލާކް ވައްދާލެވުނު ކޮޓަރީގެ ދޮރަށް ހުއްޓުނީ މަކަރުވެރި ގޮތަކަށެވެ. އެ ދޮރު ލެއްޕިފައިވި ގޮތުންނާއި ސޫޓްގެ އެހެނިހެން ތަންތަން ވެސް ދާދި އެއްގޮތަކަށް ހުރުމުން ދެންމެ ފުލުހުން ކުރަމުން ދިޔަ ތަޙުޤީޤު ވަކި ހިސާބަކުން ހުއްޓިފައިވިހެން ހީވެއެވެ.

 

**

 

އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދެވުނު އަޔާޒް ވަގުތުން އެމަޖެންސީ ރޫމަށް ވެއްދި ފަރުވާ ދެވެން ފެށިއެވެ. ފަރުވާ ދެވެމުން ދަނިކޮށް އަޔާޒްގެ ހޭއެރިއެވެ. ހޭލެވުމުން ވެސް އޭނައަށް އޭނަގެ ލޯ ހުޅުވާލެވުނީ ވަކިވަރަކަށެވެ. އޭނަ އޮތީ ހޮސްޕިޓަލެއްގެ އެނދުގައި ކަމާއި އޭނަގެ އަތަށް އައިވީ ކަށްޓެއް ވައްދަމުން ދިޔަކަން އޭނައަށް އެނގުންވާން އިރުކޮޅެއް ނެގިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނަގެ ބޮލަށް އެނބުރުމެއް އަރާފައިވި ގޮތުން އޭނައަށް މަންޒަރުތައް ވެސް ފެންނަމުން ދިޔައީ އެހެން މިހެންނެވެ. ކަންވީ ގޮތް ހަނދާންކުރަން މަސައްކަތް ކުރުމުން އޭނަ ސާޝާމަތިން ހަނދާންވެގެން ދިޔައެވެ. ސާޝާ ބުނެގެން އޭނަ ފޮތެއް ނަގަން ކޮޓަރިއެއްގެ ތެރެއަށް ވަދެފައި ވަނިކޮށް ކުއްލިއަކަށް ކަނދުރައަށް އެރި ތަދާއެކީ މަލާކްގެ ހަޅޭކުގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވުމުން އަޔާޒަށް ދެފަރާތަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ތަކުރާރުކޮށް އޭނަގެ ކަންފަތުގައި އެ އަޑު ގުގުމަން ފެށިހެން ހީވުމުން އޭނަގެ އަތާއި ފައިވެސް މަޑުން ބާއްވަން އުދަގޫވިއެވެ. އެ ހިނދު އޭނަ ބަލަމުން ދިޔަ ޑޮކްޓަރުން އޭނައަށް މަސްތުވާ ޒާތުގެ އެއްޗެއް ދެވިފައިވާކަމަށް ލަފާކުރެވޭކަމަށް ބުނި އަޑު އަޔާޒަށް އިވުނެވެ. އެ އަޑު އިވުމާއެކު އަޔާޒް ހުއްޓުންއެރިއެވެ. ކަންވެފައިވާނެ ގޮތާއިމެދު ވިސްނަން އުޅުނެއްކަމަކު އެވަގުތު އޭނައަށް ދެވުނު އިންޖެކްޝަނަކާއެކީ އޭނަ ލަސްލަހުން ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ.

 

**

 

“ހެލޯ މަންމާ! ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ! މަށަށް ކިހިނެއް އެނގޭނީ އެ އަންހެނާ ހިނގަން ފަށާފާނެކަން؟ ސާޝާއަށް އެކަން ކުރެވުމުގެ ކުރިން އޭނަ ދުވެފަ ގޮހޯ ފުލުހުންނަށް ގުޅީވެސް. އޯ އައި ހޭޓް ހާރ ސޯ މަޗް!” މައުވާ ސާޝާ އޭނަގެ ގެއަށް ގެންގޮސް ދިނުމަށްފަހު އޭނަގެ ކާރު ފަޅު މަގެއްގައި މަޑު ކޮށްލަމުން ކާރުން ފޭބުމަށްފަހު ފޯނުން ވާހަކަ ދެއްކިއެވެ.

 

“ދެން ކިހިނެއްވީ؟ އެ އަންހެނާއަށް ފެނިފަތަ ހުންނާނީ ތި ޑޮކިއުމެންޓްގަ ހުރި ވާހަކަތައް؟” މައުވާގެ މަންމަ ސުވާލުކުރިއެވެ.

 

“ޕްރޮބެބްލީ ނުފެންނާނެ….ދެން އަހަންނަށް ވީވަރަކުން ހުރިހާ ކަމެއް ކަވާރ ކުރަން ޓްރާއި ކޮށްފިން. ފުލުހުންނަށް ވެސް ރަނގަޅަށް އެ މައްސަލަ ތަޙުޤީޤު ވިޔައެއް ނުދިނިން. އަޔާޒް ހޮސްޕިޓަލަށް ގެންދިޔައިރު އެމްބިއުލާންސް އިން ދިޔަ މީހުން އެ އަންހެނާ އޮތްތާ ބާއްވާފަ ދާނީ. މަށަށް ރަނގަޅީ އޭނަ އެތާ އޮވެ މަރުވެ ފުޅައަޅައިގެން ކުނިވިއްޔާ!” މައުވާ އައިސްފައިވި ރުޅީގައި ވިސްނާލުމެއްވެސް ނެތި ހަރުއަޑުން ބުނެލިއެވެ.

 

“އާނ….ރަނގަޅު ތިހާވަރު ކުރިކަން. ދެން އިހަށް އަޔާޒަށް އެކަހަލަ ކަމެއް ނުކޮށް އަނެއްކާވެސް އަޔާޒްއާއި ގާތްވާން މަސައްކަތް ކޮށްލައްޗޭ. ކޮންމެވެސް ގޮތަކަށް އޭނަ ޖަޒުބާތުގަ ޖައްސައިގެން ތިކަން ކުރެވޭތޯ ބަލާބަލަ. ތިމަންނައަށް ކުރާ އިތުބާރުގެ ގޮތުން އޭގަ ސޮއި ކޮށްދޭށޭ ބުނެ އެކަހަލަ ގޮތެއް ހަދާބަލަ.” މަންމަ ބުނެލިއެވެ.

 

“އާނ މަންމާ…އެހެންވެގެންނޭ ހޮސްޕިޓަލުގަ އަޔާޒަށް ފަރުވާކުރަން ތިބި ޑޮކްޓަރުންނާ ނުކުޅުނީ. ހޮސްޕިޓަލް ތެރެއިން ކަމެއް ދިމާވެއްޖެއްޔާ އަޔާޒަށް ނޭނގި ނުދާނެ. އެހެންނޫނަސް އެ މަލާކަކު ލެވި ހަޅޭކަކާހެދި އޭނަ ޝައްކުވެސް ކުރާނެ. މަ ދެން ހަމަ ވަރަށް ފޫހި އެބަވޭ އޭނައަށް.” މައުވާ ތަކުރާރުކޮށް ބުނެލިއެވެ.

 

“އާނ ދެން ކުޑަ ދުވަސްކޮޅަކަށް ކެތްކޮށްލާ. ކެތްތެރިކަމާއެކީ މަސައްކަތް ކޮށްގެން އަޔާޒްގެ ސޮއި ހޯދާ. އޭރުން ތީގެއިން އެއްވެސް މީހަކު ނުފެންނާނެ ހިސާބަކަށް މައުއަށް ދެވޭނެ.” މަންމަ ބުނެލިއެވެ. އެއާއެކު މައުވާ ދެންވެސް ހިތްހަމަ ނުޖެހިފައިހުރެ އޯކޭ މަންމާއޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކާރަށް އަރައި ކާރު ސްޓާޓް ކޮށްލަމުން މިފަހަރު މިޞްރާބުޖަހާލީ ހޮސްޕިޓަލާއި ދިމާލަށެވެ. އޭނަ ހިތުން އޭނަ ހިތްހަމަޖައްސާލީ އޭނަ ކުރި ކުށް އޭނައަށް އެއްކޮށް ފޮރުވާލެވުނު ކަމަށް ހީކުރަމުންނެވެ. އެހެނަސް އޭނަ ނުހަނު މުހިއްމު ކަމެއް ހަނދާން ނައްތާލިކަން އޭނައަށް ރޭކާނުލައެވެ.

 

**

 

އޭގެ ގަޑިއިރެއްހާއިރު ފަހުން އާދައިގެ ވޯޑެއްގެ އެނދެއްގައި ބޭއްވިފައިވި އަޔާޒް އަނެއްކާވެސް ލޯ ހުޅުވުނެވެ. މިފަހަރު އޭނައަށް ލޯ ހުޅުވާލެވުނީ އިހުނަށްވުރެ ރަނގަޅަށެވެ. އަދި މަންޒަރު ފެނި އޭނަގެ ވަށައިގެންވި އެކިއެކި އަޑުތައް ވެސް އިވެން ފެށީ އާދައިގެ ގޮތަކަށެވެ. އަނެއްކާވެސް އޭނަ ހޮސްޕިޓަލަށް ގެނެވެންވީ ސަބަބާއިމެދު ވިސްނާލެވުމާއެކު މަލާކް އޭނަގެ ނަމުން ގޮވާލި އަޑު އަޔާޒްގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު އަޔާޒަށް ތެދުވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު މީގެ އިރުކޮޅެއް ކުރިން ޑޮކްޓަރުން އޭނައަށް ވެފައިވިކަން ކިޔައިދިނުމަށް ބުނި ބަސްތައް ހަނދާންވުމުން އޭނައަށް އެކަން ކޮށްފައިވާނީ ސާޝާކަން އޭނައަށް ޔަޤީނާއި ގާތްކުރެވުނެވެ. އޭނަގެ އެކުވެރިއަކު އޭނައަށް އެހެން ހަދަންވީ ކީއްވެކަމާމެދު އަޔާޒް ޙައިރާންވިއެއްކަމަކު އެވަގުތު އޭނައަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތްވީ މަލާކަށްވީ ގޮތް ދެނެގަންނަން ބޭޤަރާރުވެފައެވެ. ސާޝާ އޭނައަށް ދީފައިވާނެފަދަ އަނިޔާއެއް މަލާކަށް ވެސް ދީފައިވާނެތޯ ހިތް ބުނި ހިނދު އަޔާޒަށް ދެފަރާތަށް ނަޒަރު ހިންގާލެވުނީ ކުރުވެގެން ދިޔަ ނޭވާއަކާއި އެކީގައެވެ. އޭނަ އެކި ގޮތްގޮތަށް ނަޒަރު ހިންގަމުން ދަނިކޮށް އޭނަގެ ކުރިމަތިން ހުރަސްކޮށްފައި ދިޔަ ނަރުސް ކުއްޖަކު ފެނިފައި އޭނައަށް ގޮވާލެވުނެވެ. ނަރުސްކުއްޖާ މަޑުކޮށްލުމުން އޭނަ ވާހަކަ ދެއްކިއެވެ.

 

“އަ….ހަރެންގެ އަންހެނުން އެބައޮތްތަ ހޮސްޕިޓަލުގަ؟ ގްރީން ގްރޭންޑް ހޮޓެލްއިން އަހަރެން ގެނެވުނުއިރު އަހަރެންގެ އަންހެނުން ގެނެވުނުތަ؟” އަޔާޒަށް ބޭރު ބަހުން އެހެން އަހާލެވުނީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމަކާއި އެކީގައެވެ.

 

“ގްރީން ގްރޭންޑް….އާނ އެ ހޮޓެލުން ގެނެވުނީ ތި ބޭފުޅާ އެކަނި. އެހެން މީހަކު އެ ސޫޓްގަ ނެތްކަމަށްވަނީ….” އެ ނަރުސްކުއްޖާ ހަނދާންކޮށްލަމުން ކިޔައިދިނެވެ. އެ ހިނދު އަޔާޒްގެ ދެލޯ ބޮޑުވީ ހިނދު އޭނަގެ ހިތުތެރޭގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ. ނަރުސްކުއްޖާ ހިނގައިގަތް ވަގުތު އަޔާޒް ވަގުތުން އޭނަގެ ޖިންސްގެ ޖީބާއި ދިމާލުގައި އަތް ޖައްސާލީ އޭނަގެ ފޯނު އޮތްތޯ ބެލުމަށެވެ. ޖީބުގައި ފޯނު ނެތުމުން އަޔާޒް ކަނާތް ފަރާތަށް ބަލާލިއިރު އޭނަ އުއްމީދު ކުރިފަދައިން އަރިމަތީ މޭޒުމަތީގައި އޭނަގެ ފޯނު ބޭއްވިފައިވިއެވެ. އަޔާޒް ވަގުތުން އޭނަގެ ފޯނު ނަގައި ގުޅާލީ މަލާކްގެ ނަންބަރަށެވެ. ރިންގުވާން ފަށާތާ މާ ގިނައިރެއްނުވެ އެކޮޅުން ޖަވާބެއް ލިބޭނެކަމަށް އަޔާޒަށް އުއްމީދުކުރެވުނެވެ. އެހެނަސް ރިންގުވަމުން ގޮސް ފޯނު ކެނޑުނުއިރު ވެސް އެއްވެސް ޖަވާބެއް ނުލިބުމުން އަޔާޒްގެ ހިތް ރޫރޫއެޅިއެވެ. އޭނަ އުއްމީދު ކަނޑާލުމެއްނެތި ތަކުރާރުކޮށް މަލާކަށް ގުޅިއެވެ. އެހެނަސް 5 ފަހަރު ގުޅާލެވުނު އިރު ވެސް ޖަވާބެއް ނުލިބުމުން އަޔާޒް އެންމެ ފަހުން ހޮޓެލްގެ ރިސެޕްޝަނަށް ގުޅާލިއެވެ.

 

“ހެލޯ! މިއީ އަޔާޒް ޢަބްދުލްޙަލީމް. އެނގިލައްވާތޯ އަޅުގަނޑުގެ އަންހެނުން ވީތަނެއް؟ އެންމެ މަތީ ބައިގެ ސޫޓް ގަ އަހަރުމެން ދެމީހުން ތިއްބާ މީހަކު އަހަރުމެންނަށް އަނިޔާ ކުރީ. އަޅުގަނޑު މިއޮތީ ހޮސްޕިޓަލުގަ އެކަމަކު އަޅުގަނޑުގެ އަންހެނުން މިތާ ނެތް. ސޫޓްގަ އަޅުގަނޑުގެ އަންހެނުން އެބަހުރިތޯ؟” އަޔާޒް އަހާލިއެވެ.

 

“ޑރ އަޔާޒްގެ އަންހެނުން ދިޔައީ ޑޮކްޓަރ އަޔާޒްއާއެކީ ހޮސްޕިޓަލަށްކަމަށް އަޅުގަނޑުމެން ހީކުރީ. ފުލުހުން ސޫޓްގެ ތެރެ ތަޙުޤީޤު ކުރަން ފެށި. އެކަމަކު ހަމަ އެވަގުތު ވަރަށް ގިނަ ފޭރޭ މީހުންގެ ބަޔަކު ހޮޓެލަށްވަދެ މާރާމާރީ ހިންގަން ފެށުމުން ފުލުހުން އެކަމަށް ސަމާލުކަން ދިނީ. އެމްބިއުލާންސްއިން މީހުން އައިއްސަ އެ ސޫޓްއިން 2 ބަލިމީހުން ގެންދިޔަ ވާހަކަ އެމްބިއުލާންސްގެ މުވައްޒަފަކު ބުނީ. ދެމީހުން ވެސް ގޮސްފައިވާނެކަމަށް ނިންމައިގެން އަޅުގަނޑުމެން ޑިނާރވެސް ނުފޮނުވީ. އެއްވެސް މައްސަލައެއް ޖެހުނީތޯ؟” ރިސެޕްޝަންގައި ހުރި އަންހެން ކުއްޖާ ކިޔައިދިނެވެ. އެއާއެކު އަޔާޒް ދެންވެސް ހަމަޖެހޭ ގޮތް ނުވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އެހެންވިއްޔާ އަޅުގަނޑަށް ހަމަ މިވަގުތު ސޫޓްގެ ތެރޭގެ ސީސީޓީވީ ފުޓޭޖް ފޮނުވިދާނެތޯ؟ މިރޭގެ 8:30 އާއި 9:30 އާ ދޭތެރޭގެ ފުޓޭޖް. ވީހާވެސް އަވަހަކަށް ފޮނުވުން އެދެން…” އަޔާޒް އެދުނެވެ. އެހިނދު ސާޝާ މަލާކް ގަދަކަމުން ގޮވައިގެންދާފަދަ މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔަ ގޮތުން އަޔާޒަށް މަޑުން އިންނަން ވެސް ދަތިވިއެވެ. އޭނަ ފޯނު ކަނޑާލުމަށްފަހު އެ ފުޓޭޖްގެ އިންތިޒާރުގައި އިނީ ހިތް އަވަސްވެފައެވެ. 6 ވަރަކަށް މިނެޓް ތެރޭގައި އޭނަގެ ފޯނަށް ވީޑިޔޯ މެސެޖެއް އައުމުން އަޔާޒް ވަގުތުން އޭތި ހުޅުވައި ބަލާލިއެވެ. ސާޝާ އައި ވަގުތުން ފެށިގެން އޭނަ ކޮޓަރިއަށް ވަން ވަގުތު ކަހާލުމަށްފަހު އަޔާޒް ކުރިއަށް ކަންތައް ވީގޮތް ބަލަން ފެށިއެވެ. މަތިން ނެގިފައިވި އެ މަންޒަރު ސާޝާ އެއްޗެއް ހިފައިގެން އޭނަ ވަން ކޮޓަރިއަށް ދިޔަ މަންޒަރު ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ މަލާކްވެސް އެކޮޓަރީގެ ދޮރުމައްޗަށް ދިޔަތަން ފެނުނެވެ. ކުއްލިއަކަށް މަލާކް އޭނަގެ ނަމުން ގޮވާލި އަޑު އިވުނެވެ. އަޔާޒް ހީކުރީ މަލާކް އެ އިންގޮތަށް އިނދެ ރޮއި ގަންނާނީ ކަމަށެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް މަލާކް އޭނައަށް އަނިޔާދިން މީހާއާއި ދެކޮޅަށް އަތް އުފުލަން މަސައްކަތް ކުރި މަންޒަރު ފެނިފައި އަޔާޒް ހުއްޓުން އެރިއެވެ. މަލާކް އެއްކަލަ ގުޅި ކޮޓަރީގެ ތެރެއަށް ކޮއްޕާލި ގޮތުން އަޔާޒަށް އިނދެވުނީ ދެލޯ ބޮޑުކޮށްގެނެވެ. އެއާއެކު ސާޝާ މަލާކާއި ދިމާލަށް އަންނަން ފެށި މަންޒަރު ފެނި އޭނަގެ މެއަށް ފިނިވިއެވެ. ސާޝާ މަލާކްގެ އަތުގައި ހިފައި ގޮނޑިން ވައްޓާލުމަށްފަހު ގޮނޑި ދުރަށް ކޮއްޕާލި ގޮތުން އަޔާޒްގެ ގޮށްމުއްކެވުނެވެ. މަލާކް ދެން އެ އިންގޮތަށް ރޯން އިންނާނީ ކަމަށް އަޔާޒަށް ދެންވެސް ހީކުރެވުނެވެ. އެހެނަސް ސާޝާ އަނެއްކާވެސް އޭނައަށް އަނިޔާއެއް ދިންހެން ހީވުމުން މަލާކް ދެފައި މައްޗަށް ކޮޅަށް ތެދުވެ ފިޔަވަޅުތައް އެޅި މަންޒަރު ފެނިފައި އަޔާޒްގެ ނޭވާވެސް ހުއްޓުމަކަށްއައެވެ. އެއަށްފަހު އެ ވީޑިޔޯ ނިމެންދެން ވެސް އޭނައަށް އިނދެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. ބަދަލެއް އައިއްޔާ އައީ މަލާކް ދަމައިގެން ސާޝާ ދިޔައިރު މަލާކް ތުރުތުރު އަޅަމުން ދިޔަ ގޮތް ފެނިފައި އޭނަގެ ރިހުމެއް އުފެދިގެން އައި މެއަށެވެ. ވީޑިޔޯ ނިމުނުއިރު އަޔާޒަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެ ވީޑިޔޯއިން ފެނުނު މަންޒަރުތަކުން އޭނަގެ ހިތަށް ނުހަނު އަސަރުކޮށްފިއެވެ. ދުވަހަކުވެސް އޭނައަށް ‘ބީރައްޓެހި’ އަންހެން ކުއްޖަކު އޭނައަށް އެފަދަ ކަމެއް ކޮށްދީފައެއް ނުވެއެވެ. ކަންމިހެން އޮތްވާ އަމިއްލަ ފައިމައްޗަށް ވެސް މީހެއްގެ އެހީއާ ނުލާ ކޮޅަށް ނުތެދުވެވޭ އެ އަންހެން ކުއްޖާ އޭނަ ސަލާމަތްކޮށްދިން ގޮތުން އޭނަގެ ހިތަށް ލޮޅުމެއްއައެވެ.

 

މައުވާ އެތަނަށް އައީ އަޔާޒް ފެންކަޅިވެފައިވާ ޙާލުގައި އެ އިންގޮތަށް އިންދައެވެ. އަޔާޒް ފޯނު ހިފަހައްޓައިގެން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތުން މައުވާ ހުއްޓުން އެރިއެއްކަމަކު އޭނަ ވާހަކަ ދެއްކިއެވެ.

 

“ހާއި ބޭބް! ތޭންކް ގޯޑް އައި ފައުންޑް ޔޫ! ކޮންމެވެސް ސައިކޯ މީހަކު ސޫޓްއަށް ވަދެގެން ބޭބްއަށް އެޓޭކެއް ދިނީއްޔޯ. މިހާރު އޯކޭތަ؟ އެއްވެސް ތަނަކަށް ތަދުވޭތަ؟” މައުވާ އަޔާޒްގެ ކައިރިއަށް ގޮސް އަޔާޒްގެ އަތުގެ ފަލަ މަސްގަނޑުގައި ހިފާލަމުން ސުވާލުކުރިއެވެ. އަޔާޒް ސިކުންތުކޮޅެއްވަންދެން އިނދެފައި އޭނަގެ އަތަށް ގުޅާލެވިފައިވި އައިވީ ނައްޓަން ފެށީ ކުއްލިއަކަށެވެ. މައުވާ ބޭބްއޭ ކިޔައި ގޮވަން ފެށުމުން ވެސް އަޔާޒް އޭނައަށް ބީރު ކަންފަތެއް ދެމުން އެނދުން ފޭބިއެވެ. އެއަށްފަހު މައުވާ ދެންވެސް އޭނަގެ ނަމުން ގޮވުމުން ވެސް ފިޔަވަޅުތައް ހުއްޓުމެއްނެތި އެ ވޯޑުން ނިކުންނަން ދިޔައެވެ.

 

މައުވާ އަޔާޒްގެ ފަހަތުން ގޮސް ހޮސްޕިޓަލުން ނިކުންނަން ދާންޖެހުނީ ވެސް ދުވެފައެވެ. އޭނަ ގޮވުމުން ވެސް އަޔާޒް ފަހަތް ބެލުމެއްނެތި ހިނގަމުން ދިޔަގޮތުން މިއީ އަދިވެސް އޭނައަށް ދެވުނު މަސްތުވާއެތީގެ އަސަރުތޯ މައުވާގެ ހިތަށްއެރިއެވެ. މައުވާ ބަލަބަލާ ހުއްޓާ އަޔާޒް ޓެކްސީއެއް ހޯދައިގެން އެ ޓެކްސީއަށް އަރައި ދުއްވާލިއިރު މައުވާއަށް ކިރިޔާ އެ ހިސާބާއި އަރައި ހަމަވަނީއެވެ. އެ ޓެކްސީ ދިޔަ މަންޒަރު ބަލަން ހުރެފައި އައި ރުޅީގައި މައުވާ ނުބައި ބަހެއް ކިޔާލަމުން އަވަހަށް އޭނަގެ ކާރަށް އަރައި އެ ޓެކްސީގެ ފަހަތުން ދާން ކާރު ދުއްވާލިއެވެ.

 

ޓެކްސީގައި އިން އަޔާޒް އެހެން އެއްވެސް ކަމަކާމެދު ވިސްނަން ނުކުޅެދިފައިވި ފަދައެވެ. އޭނައަށް މުޅިން ވެސް ވިސްނެމުން ދިޔައީ މަލާކާއި މެދުގައެވެ. މިހާތަނަށް އައިއިރު މަލާކް އޭނައަށް އެހީވެދިންހާ ގޮތްތަކެވެ. މަލާކާއި އެކީ އޭނަ ޙިއްސާކުރިހާ ހީލުންތަކެވެ. މަލާކްއާއެކީ ހުންނަ ވަގުތުތަކުގައި އޭނައަށް އިޙްސާސްކުރެވޭ ހިތްހަމަޖެހުމެވެ. އޭގެއިން ކޮންމެ ހަނދާނަކާއެކީ މިވަގުތު މަލާކް އޮންނާނެ ޙާލު ލޮލަށް ސިފަވެގެން ދިޔުމުން އަޔާޒްގެ ހިތަށް އުދަގޫވަމުން ދިޔައެވެ. އެ އުދަގޫވާ ކޮންމެ ފަހަރަކު ތަންކޮޅެއް ބާރަށް ދުއްވުމަށް ޓެކްސީ ޑްރައިވަރު ގާތު އެދެވެމުން ދިޔައެވެ.

 

ރޭގަނޑުގެ އެ ވަގުތު ހޮޓެލްގެ ކުރިމައްޗަށް އޭނަގެ ޓެކްސީ ގޮސް މަޑުކޮށްލުމާއެކު އަޔާޒް ޓެކްސީއިން ފައިބައިގެން ހޮޓެލަށް ވަންނަން ދިޔައީ ވެސް ދިގު ފިޔަވަޅުތަކެއްގައެވެ. ކާރު ޕާކްކުރުމަށްފަހު ކާރުން ފައިބައިގެން އޭނަގެ ފަހަތުން ދާންފެށީ މައުވާގެ އަޑު އޭނައަށް ދެންވެސް ނުއިވުނު ފަދައެވެ. އަޔާޒް ގޮސް ލިފްޓަށް އެރި މަންޒަރު ފެނިފައި މައުވާ އެ ލިފްޓަށް އަރަން އުޅުމުން ވެސް ލިފްޓު ލެއްޕުމުގެ ކުރިން އޭނައަށް އެހާ ހިސާބަށް ނުދެވުނެވެ. މައުވާ އައި ރުޅީގައި އޭނަ ވަގުތުން ސިޑިން އަރައިގެން ދާން މިޞްރާބުޖެހިއެވެ.

 

އެންމެ މަތީ ފަންގިފިލާއަށް ދެވުމާއެކު އަޔާޒް ލިފްޓުން ނިކުމެ ސޫޓްއާއި ދިމާލަށް ދިޔައީ ދުވެފައެވެ. ސޫޓްގެ ނަންބަރު ޖަހާލުމަށްފަހު ދޮރު ހުޅުވާލަމުން އޭނައަށް އެތެރެއަށް ވަދެވުނީ ރޫރޫއަޅާ އަޑަކުން މަލާކްގެ ނަމުން ގޮވަމުންނެވެ. ވެފައިވި ހާސްކަމެއްގެ ސަބަބުން އޭނަ ވަދެގެން ދިޔައީ ވެސް ސޫޓްގެ ދޮރު ލައްޕާލުމެއްނެތިއެވެ. އަޔާޒް ވަގުތުން ސީދަލަށް ގޮސް އެ ވީޑިޔޯއިން ސާޝާ މަލާކް ލީ ކޮޓަރިއާއި ހަމައަށް ގޮސް އެ ދޮރު ކައިރިއަށް ދިޔައެވެ. ދޮރާއި ކައިރިވަމުން ދިޔަދިޔަހެން ވެސް އޭނައަށް ކުކުރުމެއްގެ އަޑު އިވެމުން ދިޔައެވެ. ކުޑަކޮށް ހުއްޓިފައި ހުރުމަށްފަހު އަޔާޒް ދޮރު ހުޅުވާލުމާއެކު އޭނަ ގަނޑުވިއެވެ. ބިންމަތީގައި އޮތް ދެލޯ މެރިފައިވި މަލާކްގެ އަތްފައި ގަދައަށް ތުރުތުރު އަޅަމުން ދިޔައިރު އޭނަގެ މޫނުމަތީގައިވި އަސަރުންނާއި އޭނަގެ ކުކުރުމުން އޭނަވީ ގަދަ ވޭނެއްގައިކަން އެނގެއެވެ. އެތަން ފެނިފައި އަޔާޒަށް ވަގުތުން ކޮޓަރިއަށް ވަދެ މަލާކްގެ ކައިރިއަށް ތިރިވެލަމުން މަލާކް އޭނަގެ އަތުތެރެއަށް ލިއެވެ. ވޭންއަޅަމުން ދިޔަ އަސަރެއްވި އެމޫނަށް ނަޒަރު ހުއްޓައިގެން އިންދާ އަނެއްކާވެސް އޭނަގެ ލޮލުން ދިލަނަގަން ފެށިހެން އޭނައަށް ހީވި ވަގުތު އޭނައަށް މަލާކްގެ ނަމުން ގޮވާލެވުނެވެ. އޭނަގެ އަޑު ރޮވިފައިވާ ގޮތަކަށް ނިކުތް ގޮތުން އޭނަ ޙައިރާންވިއެއްކަމަކު އެވަގުތު އެކަމާމެދު ވިސްނަން އޭނަ ނުކުޅެދުނެވެ. އޭގެ ބަދަލުގައި އޭނައަށް އޭނަގެ އަތުތެރޭގައި ދެލޯ މެރިފައި އޮތް އަންހެން ކުއްޖާ އޭނައާއި ގާތްކޮށްލަމުން އެކުއްޖާގެ ގައިގައި ބައްދާލެވުނީ ލޯތްބާއި އެކީގައެވެ. މި ދުނިޔޭގައި އޭނައާއިމެދު އިޚްލާޞްތެރި ހިތަކުން އަޅާލާނެ މީހަކު ހުރިއްޔާ އެ އަންހެން ކުއްޖާ އެމީހާއަށް ވާނެކަން ޔަޤީންކުރެވުނު ހިނދު އަޔާޒްގެ ހިތް ލޯބިން ފުރިގެންއައެވެ.

 

އެވަގުތުކޮޅަށް ގެއްލިގެން ދިޔަ އަޔާޒަށް ނޭނގުނުކަމަކީ އެ ކޮޓަރީގެ ދޮރުމަތީގައި އެވަގުތު އެހެން މީހެއް ހުރިކަމެވެ. އަޔާޒް މަލާކްގެ ގައިގައި ބައްދައިގެން ހުރިގޮތުން އައި ރުޅީގައި އޭނަގެ ސިކުނޑި ގޯސްވެދާނެހެން މައުވާއަށް ހީވިއެވެ.

 

ނުނިމޭ

82

You may also like...

28 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Jana sis.. Alhugandu beynun sis aa suvaaleiy kollan.. Birthday faahaga kurumakee goas kamekey meehun bunanee keevvetha?? Unmeedgukuran sis ge javaabeiy avahah libeynekamau..

  ⚠Report!
  1. javaabu lasvi kamattakai maafah edhen fortnite. Gina ilmuverin dhekeny ey rangalhu kameh noon kamah dho? jana varah seedha javaabu nudheynan thikahala suvaaluthakah. ey fiqh massala thah emme rangalhah bunedheyn engeyny e ilm kiyavaigen thibi ilmuverinnah veema. jana aky eggothakahves ilmuverieh noon. hehe….dheen ungenen masakkaiy kuraa meehunge gothuga ilmuveringe ijumaaun saabithuvaa kanthakaa aharumen ebbasvaan vaane. ey gina ilmuverin egothah bunaany ethah hadhith thaka aayaiy thakah burave kamahveema 🙂 ehenveema dhenves haraam halaal anna kahala suvaaleh othiyya abadhuves ilmveriyakaa kurahchey fortnite ingey. Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen!

   ⚠Report!
 2. Hini ais HAPPY BIRTHDAY wish kuru makee Anekaa ah kurevey furahssaara ekeve..Fahe eyna Umuru madhuva Konme Aharakah thibaa UFAA kuranee hehyeve….

  ⚠Report!
 3. Masha Allah! Jana sis liyaa hurihaa vaahakaehves vrh theethi
  And that mauwagandu! I hate her so much😠
  Again ayaaz hama e nubai anhenaa kaitiyah dhaaneetha?….when next part? Waiting…

  ⚠Report!
 4. 🙂 نجاح باهر السوبر

  މާޝާ ﷲ…. ޖަނާ ސިސް ހާދަ މޮޅޭ…މި ޕާޓްވެސް ވ ވ ވ ރީއްޗޭ ބުނެވޭނީ..ވ ކިޔާ އެއް ކަހަލަ ގޮތަކަށް ތި ގެނެސްދެނީ….ތީ ހަމަ އެއްވަނައިގެ ލިޔުންތެރ
  އަޅޭ މަލާކްއަށް ދެރަ ގޮތެއް ވިޔަ ނުދެއްޗޭ….އައި ހޭޓް ދެޓް މައުވާ ރިއަލީ؟!..އެނީވޭ ވެއިޓިންގ ފޯ ދަ ނެކްސްޓް އިނގޭ ޖަނާ🙂…މަޗް މޯ ލަވް ފްރޮމް މީ ސިސް 3>

  ⚠Report!

Leave a Reply

Your email address will not be published.