މިލީނާ މަޔާންގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުމާއިއެކު މިޙުރާންގެ މޫނަށް ބަލާލިވަގުތުކޮޅަކަށްފަހު މަޔާން ވާހަކަދެއްކިއިރު މިޙުރާންގެ މޫނާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރިއެވެ. އެއަޑުގައިވީ ހާސްކަމާއިއެކު ވާހަކަ ކުރިއަށްދިޔަވަރަކަށް މިޙުރާންގެ ތަނަވަސް ނިއްކުރިއަށް ރޫތައްޖެހެމުންދިޔައެވެ. ސޯފާގެ އަތްގަނޑުގައި ހިފާލެވިފައިވާ އަތަށް ބާރުވެގެންދިޔަވަގުތު ކޮޅު މިޙުރާން ސޯފާއިން ތެދުވެވަޑައިގަތްގޮތަށް ފާރުގައި އަތްޖައްސާލިއެވެ. އެއްއަތުން ދަތްދޮޅީގައި ހިފާލަމުން މަޔާންއާއި ދިމާލަށް ބަލާލިއިރު އެލޮލުުގައިވީ ޝުއޫރުތައް ތަރުޖަމާކުރަން މަޔާން ނުކުޅެދުނެވެ. މިޙުރާންގެ ރުޅިވެރިކަމަކީ މިހާތަނަށްވެސް އޭނައަށް ފެނިފައިވާ ސިފަޔަކަށްނުވިޔަސް މަޔާންގެ ހިތުގައި ހާސްކަމެއް ވަކިހިއްޕާލިއެވެ. މިޙުރާންގެ އަމަލުތައް ހުންނާނެގޮޮތެއް އަންދާޒާކޮށްލަންވެސް ދަތިވިއިރު ހިންދިރުވާލެވުނެވެ.

“ޔާން… ދިރިއުޅުމުގެ ތިހާބޮޑު ނިންމުމެއް ބައްޕަމެންނަށް އެންގުމަކާއިނުލާ ދަރިފުޅު ނިންމަފާނޭކަމަށް ހީވެސްނުކުރަން… އަމުދުން ދަރިފުޅަށް ހުރިހާކަމެއް އިނގިހުރެ… ސިއްރުން ކަންކަން ކުރުމަކީ އެއްވެސް ކަމެއްގެ ހައްލެއްނޫނޭ ދަރިފުޅާ… ބައްޕަމެންނަށް ސިއްރުކުރަން ހަަދައިގެން ކިހާ ގޯސްކަމެއް ތިކުރެވުނީ…. މިއަދު ދަރިފުޅުގެ މިޝަލް ހުރިނަމަ ކަންތައްވާނެގޮތް ވިސްނޭތަ؟ ކިހިނެތް އެ ދަރިފުޅަކީ ޔާންގެ ދަރިއެއްކަން ސާބިތުކޮށްދޭނީ… ބީރައްޓެހި ގައުމެއްގައި އަންހެންކުއްޖެއްގެ ކައިވެނި ވަލީވެރިއެއް ނެތި ކުރިއިރު ތި ކައިވެނި ސައްހަވާނޭގޮތެއް ނޯންނާނެކަން މަޔާންއަށް އިނގޭނެ… ތިކައިވެނި ކައިވެންޏަކަށްނުވާނެ….” މިޙުރާން ކިތަންމެ ގާތްކޮށް ވާހަކަދެއްކެވިޔަސް އެ އަޑުގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިގެންވިއެވެ. ސިއްރުންކުރެވޭ ކައިވެނިތަކާއި އެފަދަ އެހެންކަންކަމަށް އެންމެ ބޮޑަށް ދެކޮޅުހަދާ އެކަކަށް އޭނަވާނެއެވެ. އެމީހުންނާއި ދެކޮޅަށް އޭނަ ވާހަކަދައްކަނިކޮށް އެ ލިސްޓުގައި އޭނަގެ ދަރިފުޅުގެ ނަންވެސް ހިމެނިގެން ހިނގައްޖެއެވެ.

“ކޮންމެ ކަމެއްގައިވެެސް އުސޫލްތަކެއް ކަނޑައިއެޅިފައިވަނީ އިންސާނުންނަށް ހިކްމަތަކަށްޓަކައި… އެ ހުދޫދުގެ ބޭރުން ނިންމުންތައް ނިންމަން އަހަރެމެންނަކީ ކޮންބައެއް… ކައިވެންޏަކީ ދެފަރާތުގެ ރުހުމާއިއެކު ގޮށްޖަހާލެވޭ ވަރަށް މަތިވެރިގުޅުމެއް… އަޙްވަންތަކަން އާލާކޮށްދޭކަމެއް… ތިގޮތަށް ކަންތައްކުރީމަ އެކަމުގެ ބަދަލުގައި ރުޅިވެރިކަން އުފެދޭނީ… އުފަންވާކުދިންގެ ނަސްލު އޮޅޭނީ…” ދުނިޔެވީ މިސާލުތައް ދައްކަވަމުން މިޙުރާން ވާހަކަދައްކަވަމުން ދިޔައިރު މަޔާންއަށް އިނދެވުނީ އިސްޖަހާލިގޮތަށް އިސްއުފުލާލަން ނުކެރިފައެވެ. ފުރަތަމަ ފަހަރަށް އޭނައަށް ލިބިފައިވާ ތައުލީމުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފޭކަމުގެ އިހުސާސް މަޔާންއަށް ކުރެވުނެވެ.

“ތިކަމުގެ ސަބަބުން ދަރިފުޅާއި ޒެލްއާއި ދެމެދު ރުޅިވެރިކަން އުފެދުނީ… ކުށަކާއިނުލާ ދަރިފުޅުގެ ނަފްރަތާއި ޝަލީން ކުރިމަތިލާން ޖެހުނީ… ޝަލީންގެ ކައިވެނި އޮޅުންބޮޅުންވީ… ކިހާ ދެރަކަމެއް ދަރިފުޅާ…” މިޙުރާން މަޔާންގެ މޫނަށް ބަލާލެއްވިއިރު އެލޮލުން ދަރިފުޅުގެ އަމަލާއިމެދު ދެރަވެ ލަދުވެތިވާކަމުގެ އަސަރުތައް ފެނިލެއްވިއެވެ.

“އަޅުގަނޑަށް މައާފުކުރައްވާ ބައްޕާ…” ބައްޕަ އޭނައަށް ކުރަމުންދިޔަ އިތުބާރު ނަގާލެވިއްޖެކަމަށް ހީވީވަގުތު މަޔާން މައާފަށް އެދުނެވެ. އެއަޑުގައި އެކުލެވިފައިވީ ކުށްވެރިކަން އިހުސާސްކުރެވި މިޙުރާން ފުންނޭވާއެއް ދޫކޮށްލެއްވިއެވެ. މިލީނާވެސް ދަރިފުޅުގެ އަތުގައިި ހިފާ ބާރުކޮށްލިއެވެ.

“ހިތްހަމަނުޖެހިގެން ވާހަކަދެއްކިދާނެ… އެކަމަކު އެއްވެސްކަމެއް ބަދަލެއްނުވާނެ… އެހެންނު… މިހާރު ދަރިފުޅަށް ތިއޮތީ ގޯހެއް ހެދިފައި… ދެން އޮތްގޮތަކީ އެކަން ރަނގަޅުކުރުން… ޔާން ބޭނުންވާގޮތެއް އޮންނާނީ… ޝަލީންއާއި އެކީ އުޅެން ބޭނުމިއްޔާ ދެން އުޅެވޭނީ އަލުން ކައިވެނިކޮށްގެން… ކުރިންވެސް ކައިވެނި ރަނގަޅުނުވާނެކަން އިނގެއެއްނު… އަނެއްކާ ހައިޒަލްއާއި ޝަލީން ކައިވެނިކުރީމަ ތިކައިވެނި ރޫޅިފައި ތިއޮތީ…” ބޯކޮށް ފަޅާފައިވާ ތުނބުޅީގައި އަތް ހިންގާލަމުން މިޙުރާން މަޔާންއާއި ދިމާލަށް ފުންނަޒަރަކުން ބަލާލެއްވިއެވެ. އެ ސުވާލުކުރިއިރުވެސް މިޙުރާންގެ ތޫނު ސިކުނޑީން މަޔާންގެ ޖަވާބުދެނެގަތެވެ.

“ބައްޕާ… ބޭނުން ޝަލީންއާއި ކައިވެނިކުރަން… އެކަމަކު ޝަލީން އެއްބަހެއްނުވާނެ… ޝަލީން ދެކޭގޮތުގައި ބައްޕަމެން ޝަލީންއަކާއި ޤަބޫލެއްނުވާނެ…” މަޔާންގެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ހިތާމައާއި ރިހުމެވެ. އެގުޅުމަށް އައިސްފައިވާ ހަނަފަސްކަމުން އަރައިނުގަނެވިގެން އޭނަގެ ހިތް ހަފުސްވެފައިވެއެވެ. ދުނިޔޭގެ ބަދަލުވަމުންދާފަދައިން އެ ގުޅުމަށް ބަދަލު އަންނަމުންދާތަން ދެކުމަކީ އޭނައަށް ފަސޭހަކަމެއްނޫނެވެ. ހާލަތު މުޅި ދިރިއުޅުމަށް ތޫފާނެއް ގެނައީ ކީއްވެގެން ހެއްޔެވެ؟ ގައިމުވެސް ޝަލީން ދިޔަދިނުމަކީ އޭނަ ފުރާނަހުރެގެން ކުރަން ބޭނުންވާކަމެއްނޫނެވެ.

“އާއިލާގެ ދުޝްމިނަކަށްވުން… ކުށްވެެރިއެއްގެ ދަރިއަކަށްވުން.. މިއީ ބައްޕަމެން ބަލާކަންކަމެއްނޫން… އިޝާރަކީ ބައްޕަގެ ދުޝްމިނެއްގެ ގޮތުގައި ބައްޕަ ދުވަހަކު ނުދެކެން… އެގޮތަށް ދެކެމުން އައީ ހުދު އިޝާރު… އެހެންނޫނަސް އިޝާރު ކުރިކުށުގެ ބަދަލު ޝަލީން ނަގަންޖެހޭނެ ސަބަބެއްނެތް… ކޮންމެ މީހަކީވެސް އެމީހަކު ހޯދައިގަތް އަމަލަކަށް ހައްޤު ޝަޒާ ލިބޭނޭ މީހެއް… އެކަމާއި އެހެންމީހުން ކުށްވެރިވާކަށް ނުޖެހޭނެ…” މިޙުރާން ވާހަކަދެއްކެވީ މަޔާންގެ ހިތުގައިވާ ގޮތަށެވެ. ޖަލުގެ ތޭރިތަކުގެ ފަހަތުގައި އިޝާރުވުމަކީ ގައިމުވެސް އޭނަ ޝަލީން ދޫކޮށްލާނޭ ސަބަބެއްނޫނެވެ. އިޝާރުގެ ކުށްވެރިކަމުގެ ބަދަލު އަލްހާންއާއި އައްމާރު ނޫން ފަރާތެއް ނަގަން ޖެހޭނޭކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

“ބައްޕަމެން ގޮތެއް ނިންމަންދެން ދުވަސްކޮޅެއްވާންދެން ޔާން މަޑުކުރޭ… އެ މުއްދަތުގެ ތެރޭގައި ދަރިފުޅު ޝަލީންއާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ… ފޯނުންވިޔަސް ބައްދަލުކޮށްގެންވިޔަސް… މިއީ ބައްޕަ ދޭ ކުޑަކުޑަ އަދަބެކޭ ހީކޮށްލާ…” މިޙުރާން އޭނާގެ ނިންމުން އިއްވެވިއިރު އެ އަޑުގައިވީ ހަރުކަށިކަމާއިއެކު ތުންފަތްމަތީވީ ހިނިތުންވުމެކެވެ. އެ އަމުރު މައުރޫފްއަކީ މަޔާންއަށް މަރުގެ ހުކުމެއްފަދައެވެ. ޝަލީންގެ ފޮނި އަޑުއަހާލުމެއްނެތި އޭނަގެ ދުވަސް ފެށިގެންދާނޭގޮތެއްވެސް އޭނައަކަށް ނޭނގެއެެވެ. އެ މޫނު ނުދެކި އޭނަގެ ދުވަސް އުޖާލާވެގެނެއް ނުދާނެއެވެ. ޝަލީންއާއި ދުރުގައިހުރުމަކީީ ނޭވާނުލައި ދިރި ހުރުން ފަދަ ކަމެއްކަން އިނގޭއިރުވެސް ބައްޕަ އެދުނީތީ ހިތާއި ދެކޮޅަށް މަޔާން އެއްބަސްވިއެވެ. ހަޤީގަތުގައި އެ ނިންމުން ޤަބޫލުކުރަން އޭނައަށް އުނދަގޫވެފައިވެއެވެ. އޭނަ ބޭނުންވާގޮތާއިމެދު ބައްޕަ ސުވާލުކުރުމުން އޭނައަށް ލިބުނު ޔަގީންކަން ވަޔަށް ބުރައިގެންދިޔައެވެ. ދަރީންނަށް ދެރަވާފަދަ ގޮތަކަށް ބައްޕަ އެއްވެސް ކަމެއް ނުނިންމަވާނެކަން ޝައްކެއްނެތްމިންވަރަށް ޔަގީންވެފައިވިޔަސް އޭނަގެ ހިތުގައި ނުތަނަވަސްކަމެއްވިއެވެ. ބައްޕަ ވިސްނަވަން ވަގުތު ބޭނުންވާނީ ކޮންމެވެސް ކަމެއްވެގެންނެވެ. މިޙުރާންގެ ސިކުނޑީގައިވީ ވާހަކަތައް ދެނެގަންނާކަށްވެސް މަޔާންއަކަށް ނޭނގުނެވެ. އޭނަގެ ކުރިމަތީން އުފާވެރިކަން ހަނާއެޅިޔަސް އެކަން ދެނެގަނެވޭވަރަށްވުރެ ހިތްވަނީ ހާސްވެފައެވެ.

*** *** *** *** *** ***

ހާޒިރުވާން ހަމަޖެހިފައިވީ ފަރާތްތަށް ހާޒިރުވެ އެމީހެއްގެ ޖާގައިގައި ހަމަޖެހުމާއިއެކު މައްސަލައިގެ  އަޑުއެހުން ފެށިގެންދިޔައެވެ. މައްސަލައިގެ ކުޑަ ތައާރަފަކާއި ކުރީގެ އަޑުއެހުންތަކުގެ ހުލާސާއެއް މައްސަލައާއި ހަވާލުވެގެން ހުންނެވި ވަކީލު ދެއްވަމުންދިޔައިރު ކުށްވެރިންގެ ޖާގައިގައި ރައިހާން އިނީ އިސްއޮބާލައިގެންނެވެ. ތާއަބަދުހެން ބޮޑާކަމާއި ކިނބުރުވެރިކަން ހާމަވަމުންދާ މޫނުމަތީން މިއަދު ފެންނަމުންދިޔައީ ނިކަމެތިކަމާއި މޮޅިވެރިކަމެވެ. އޭނަގެ ދިރިއުޅުން ކުއްލިއަކަށް ވެއްޓުނު ހާލަތުން އޭނަގެ އިހުސާސްތަކަށް ތޫފާނެއް ގެނުވައިފިއެވެ. ތުހުމަތުގައި ހައްޔަރުުކުރެވުނުފަހުންވެސް މަތި ހަށި ހިއްލަމުން ހިނގަމުންދިޔަ ހަށިގަނޑު ނިކަމެތިކަމާއިއެކު ތިރިކޮށްލަން ޖެހިއްޖެއެވެ. މީހުންގެ ރުޅިވެރިކަޅިއެޅުންތަކާއި ބަދުބަސްތަކަކީ މީގެ ކުރީން އޭނަގެ ހިތަށް ކުޑަވެސް އަސަރެއްކުރުވާ އެއްޗެއްނޫނެވެ. އެއިން ކޮންމެ ބަހެއްގެ ރައްދެއްގެ ގޮތުން އޭނަގެ މުއްސަނދިކަމާއި އަބުއިކަން ދައްކަމުން އޭނަ ދިޔައީ އެތައް ހިތެއް ކިލަނބުކުރަމުންނެވެ. އެއިން ކޮންމެ ބަހަކަށް އޭނަ ރައްދުދެމުންދިޔައީ އެތަށް ބައެއްގެ އަނބުރުކަތިލަމުން އެންމެ ހުުތުރުކޮށެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. ދޫތަކުން ވިހަލާ ދޫކުރާ ބަސްތައް އޭނައަށްޓަކައި ހަންޖަރަށްވުރެ ތޫނު އެއްޗަކަށްވެގެން ހިނގައްޖެއެވެ.

އަޑުއެހުންކުރިއަށްދަމުންދިޔަވަރަކަށް ރައިހާން ހިޔާލަކަށް ގެެއްލެމުންދިޔައެވެ. ކުރިމަތީ ހިނގަމުންދިޔަ ޝަރީއަތުގެ ބަދަލުގައި އޭނަގެ ލޯމައްޗަށް ސިފަވަމުންދިޔައީ މާޒީގެ ކުލަނެތް ފޮނި ހަނދާންތަކެވެ. މަންމައާއި ބައްޕަގެ ހިފަހެއްޓުމެއްނެތްނެތި ލޯބި ލިބިގެން ބޮޑުވެގެން އައި ޅަފުރާއެވެ. ކުޑައިރުއްސުރެ އޭނަައަށް ބަންޑުންކޮށްލެވިފައިވާ ލޯބީގެ ސަބަބުން ދިރިއުޅުމުގެ މައިދާނުގައި އޭނައަށް އުނިވެފައިވާ އެއްވެސްކަމެއް ނެތެވެ. އޭނަަގެ ކޮންމެ އެދުމަކީ ދުލުން ބޭރުވުމާއިއެކު ފުދިގެންދާ ކަމެކެވެ. އޭނަދެކެ މަންމައާއި ބައްޕަ ވަމުންދިޔަ ފުންލޯބީގެ ސަބަބުން އެއްވެސްކަމެއް އުނިވެގެން ރޯލާއަޑުއެހުމަކީ ދެމަފިރިންކުރެ އެކަކަށްވެސް ކެތްވާވަރުގެ ކަމެއްނޫނެވެ. އޭނަގެ ކޮންމެ އެދުމެއް ފުރިހަމަކޮށްދިނުމަކީ އެދެމީހުން ވާޖިބެއް ފަދައެވެ. ބޮޑުވެގެންއައިރު އެކަމުގެ މާނަ އޭނަ ނެގީ އެންމެ ނުބައިގޮތުގައެވެ. އޭނަ ބޭނުންވާ ކޮންމެ އެއްޗަކީ އޭނަގެ މިލްކަކަށްވާނޭ އެއްޗެއްކަމުގައި ޤަބޫލުކުރަންފެށިއެވެ. އެކަމާއި ހުރަސްއަޅާ ކޮންމެ މީހަކާއި ކުރިމަތިލާ ކުރިހޯދަން މަސައްކަތްކުރިއެވެ. ކުދިކުދި ތަޅާފޮޅުންތައް ބޮޑުވެ ހަނގުރާމައަށް ބަދަލުވެ ކުށްވެރިވާ ކޮންމެ ފަހަރަކު ބައްޕަ އޭނަ ސަލާމަތްކުރަން އައުމަކީ އޭނައަށް ލިބުނު ހިތްވަރެވެ. މަންމަ އޭނައަށް ކުރަމުންދިޔަ އިތުބާރުގެ ނާޖާއިޒް ފައިދާ ނަގައިގެން މަތިމައްޗަށް ދޮގުތައް ހަދަމުން އޭނަ އުޅެމުންދިޔައީ އަމިއްލަ މިނިވަންކަމުގައެވެ. އޭރު ކުޑައިރު ލޯބި އޭނަގެ ސިކުނޑީގައި ނުބައި ވިސްނުމެއް އަށައިގަންނުވައިފިއެވެ. ނުބައި ދިމާލަކަށް ނަފްސުގެ މިސްރާބު ހިފުވައިފިއެވެ. ސިކުނޑިވެސް އޭނަގެ ދުޝްމިނަކަށްވެގެން އޭނަގެ އަޒުމް ނުބައިކުރުވީއެވެ. ބޭނުންވާ ކޮންމެ އެއްޗެއް ހާސިލްކުރުމާއިއެކު ހާސިލްނުވެއްޖެނަމަ އެއެއްޗެއް ނައްތާލަން އޭނައަށް ދަސްކޮށްދިނީއެވެ.

“އިއްޒަތްތެރި ޣާޒީ… މިމައްސަލައިގައި އަޅުގަނޑު ދައްކަމުން މިގެންދާ ވާހަކަތަކަށް ބާރުދިނުމުގެ ގޮތުން ހެކިވެރިއަކު ހާޒިރުކުރުމުގެ ހުއްދައަކަށް އެދެން…” ވަކީލް މިންހާގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ހިޔާލުތަކުން ބޭރުވެވުނު ރައިހާންގެ ނަޒަރު ހެކިވެރިންގެ މޭޒާއި ދިމާލަށް ދަތުރުކުރިއެވެ. އެވަގުތު ކޯޓުގެ މާލަމުގައި ޝަރީއަތް ހިނގުމުގެ ގޮތުން ހާއްސަ ފަރާތްތަކަށް ނޫނީ ނުވަދެވޭފަދައިން ވަކިކުރެވިފައި ބަޔަށް ހުޅުވާލެވިފައިވާ ބައިން ނިކުމެގެން އައި އަންހެންކުއްޖާގެ މޫނަށް ނަޒަރު ހަމަވީ ވަގުތުކޮޅު ރައިހާންގެ މޫނުން ތަފާތު ކުލަވަރެއް ފެނިލިއެވެ. ލޮލުން ފާޅުވެގެންދިޔަ ހިތިކަމާއިއެކު އޭނަގެ ވަކީލް ވިދްހާންއާއި ދިމާލަށް ބަލާލެވުނުއިރު ވިދްހާން ދެލޯ ބޮޑުކޮށްލައިގެން ހުރީ ލޯކުރިމައްޗަށް މަރުފެންނަމުންދިޔަ ބީދައިންނެވެ.

ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކީ މައިރާގެ ހަށިގަނޑު ފިނިވެ އެ ހަށިގަނޑުގައި ތުރުތުރުލުމެއް އެކުލެވެމުންދިޔައެވެ. އޭނަގެ ދެލޯމަރާބާރުކުރެވިފައިވާއިރު މޫނުމައްޗަށް ގެންނަމުންދިޔަ އަވަސް ހަރަކާތްތަކާއިއެކު އެސްފިޔަތައް ތެޅި ބުމަވެސް އެކިގޮތްގޮތަށް ހަރަކާތްކުރަމުންދިޔައެވެ. ތަގުޅިކޮށްލެވިފައިވާ ދެލޮލަށް ދޫކަމެއް ދެމުން ދެލޯ ހުޅުވާލިި ހިނދު އެ މޫނަށް ހުއްޓިފައިވާ އެތަށް ލޯތަކެއްގެ ތޫނުކަންފެނި މައިރާ ޖެހިލުންވިއެވެ. ނޭވާ ހަމަޔަކަށް އަޅުވާލަމުން އެ ނަޒަރުތަކަށް ފުރަގަސްދިނުމާއިއެކު އޭނަގެ ކަޅީގެ ތެރެއަށް ފޭދުނު ސޫރައާއިއެކު އޭނަގެ ހުރިހާ ހިއްސެއްގެ މައްޗަށް ރުޅިވެރިކަން ގަދަވެގަތެވެ. މޭގައި ޖައްސާލެވިފައިވާ ދެއަތް ތިރިކޮށްލެވިގެންދިޔައިރު ދެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭރު އިރުކޮޅެއްގެ ކުރީން އެލޮލުގައިވީ ސިހުމުގެ ބަދަލުގައި އެލޮލުގެ ތެރެއިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. މަޑުމަޑުން ކަޅީގެ ތެރެއަށް ގިނަވާންފެށި ކަރުނަތަކާއިއެކު މައިރާގެ ލޯމައްޗަށް މަންޒަރެއް ފެނުނުފަދައެވެ. އެ މަންޒަރާއިއެކުވެގެން ދެން ފެނުނު މަންޒަރުން އޭނަގެ އަރުތެރެއިން ވޭނި އަޑެއް ނިކުތްއިރު ދިގު އެސްފިޔަތައް ލައްޕާލެވިގެންދިޔައެވެ.

3 ދުވަސްކުރިން….

ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރީގެ އެނދުމަތީގައި ހަރަކާތެއްނެތި މައިރާ އޮތީ މައްޔިތެއްފަދައިންނެވެ. އޭނަގެ ކަނދުރާއަށް ތަދުވާވަރަށް މައްޗަށް އުފުލާލައިގެން އޮތްއިރު ތަރުތީބެއްނެތި ކޮށާލެވިފައި އިސްތަށިގަނޑު ހޭވި މޫނުމައްޗަށް ބައެއް އެޅިފައި އޮތެެވެ. ދެއަތްމުށްކަވާ ބާރުކޮށްލައިގެން އޮތްއިރު އަތުގެ ހުދުހަމުގައި ނިޔަފަތި ޖެހޭ ހިސާބުން ލޭކުލަފާއްދާލައިފައިވެއެވެ. ކަރުގެ ދެފަރާތުން ރަތްވެ މީހެއްގެ އަތުގެ ނިޝާން ފާޅުވަމުންދިޔައެވެ.

ހުދު ކުލައިން ދިރުމެއް ގެނެސްދީފައިވާ ސީލިންގަށް ބަލަހައްޓައިގެން އޮވެފައި މައިރާ އެނދުން ތެދުވީ ގައިމަތީ އަޅާފައިއޮތް ހުދު ބެޑްޝީޓް އަތުގެ ތެރެއަށް ބޮޑިކޮށްލައިގެން ހުރެއެވެ. ވާރޭގެ ފިނިކަން ހިފާފައިވާ ޓައިލްސް މަތީ ފައިޖެހުނު ހިނދު މައިރާގެ ހަށިގަނޑު ރޫރޫއަޅައިގަތީ ފިންޏާއިއެކު ހަށިގަނޑުގައި އެހެން އިހުސާސެއް ހިނގާލުމުންނެވެ. އޭނަގެ ހިޔާލު ބަދަލުކުރަން މަސައްކަތްކުރަންފެށި ކަރުނަތަކާއިއެކު ރުޅިވެރިގޮތަކަށް ލޯފުހެލަމުން ކޮޓަރީގައި ހުރި މޭޒާއި ދިމާލަށް އޭނަ ހިނގައިގަތެވެ.

ފުރާނަ ހަށިގަނޑާއި ދެތަންކުރުން މަޅިގަނޑުގެ ތެރެއަށް ބޯލެއްވިއިރު މައިރާގެ ލޮލުން ހޯސްލާފައި ކަރުނަގަނޑު ފައިބަމުންދިޔައެވެ. އެއީ އެއްވެސް އިންސާނަކު މިދުނިޔެ ދޫކޮށްދާން ބޭނުންވާނޭގޮތެއްވެސް ނޫނެވެ. އުއްމީދު ގެއްލި ދިރިއުޅުމުގައި މާޔޫސްވެފައިވާ އިންސާނަކު މެނުވީ ނިންމާނޭ ނިންމުމެއްނޫނެވެ. ދިރިއުޅުމަށް ޓަކައި އޭނަވެސް ހުވަފެންތަކެއް ދެކުނެވެ. އުއްމީދުތަކެއް ކަނޑައެޅިއެވެ. ނަމަވެސް އެ ހުވަފެންތައް މިއަދު އޮޔާލައިިފިއެވެ. ކުލަނެތް އަވާމެންދުރަކަށްވެ މުޅިއުމުރަށް އޭނައަށް އަލްވަދާއު ކިޔައިފިއެވެ. އޭނަ ދުނިޔޭގައި ހުރިނަމަވެސް ވިންދުޖަހާ ހަށިގަނޑުގެ ތެރޭގައި ދިރުމެއްނެތެވެ. ރަހުމާއި އިންސާނިއްޔަތުކަމުގެ ޒައްްރެއްނެތް އިންސާނުން އޭނަގެ އިއްފަތްތެރިކަން ފޭރިގަތީ އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިކޮށްފައެވެ. ދިރިހުއްޓަސް އޭނަވަނީ މަރުވެފައެވެ. ދިރިހުރެމެ މައްޔިތެއްގެ މިސާލުގައި މި ބިންމަތީ ދިރިއުޅޭކަށް ދެން އޭނައަކަށް ކެތެއްނުވާނެއެވެ. އޭނައަށް މަރުނޫންގޮތެއް ނެތެވެ. ސަލާމަތްވެއްޖެ ނަމަވެސް އެ ނުބައި މީހުންގެ އަތްދަށުވާނޭކަމީ ޔަގީންކަމެވެ. އޭރުން އޭނަ ދުނިޔެއާއި ވަކިވެގެންދާން ޖެހޭގޮތް މާވޭންދެނިވި ވާނެއެވެ.

ކަރަށްމަޅިގަނޑު ބާރުވެގެންދިޔަހިނދު ދެލޯބޮޑުވެ މައިރާގެ ހަށިގަނޑަށް ހަރުކަށިކަމެއްވެރިވެގެންދިޔައެވެ. ނޭވާހޮޅިން ނޭވާ ހުސްވަނީހެން ހީވިވަގުތު ކުރެވުނު ކަންތަކާއި މޮޔަހީވެހުރެ މަރުން ސަލާމަތްވާން މައިރާ ތެޅިގަތެވެ. އޭރު އޭނަ ހުރީ ސީލިންގާއި އެނދާއި ދޭތެރޭ އެލިފައެވެ. ދެލޮލުން ފައިބައިގަތް ކަރުނަތަކާއިއެކު ކަރަށް ބާރުވަމުން އައި މަޅީގައި ހިފައި މައިރާ ލުކި ޖެހިއެވެ. އެވަގުތު އެހަށިގަނޑަށް އައި ލޮލުމާއިއެކު ފައިގެ އިނގިލިތަކުން ޖެހި ގޮނޑި ދުރަށް ވިއްސައިގެން ދިޔައެވެ.

ވިއްސައިގެން އައި ޕްލާސްޓިކް ގޮނޑި ޓައިލްސްމަތީ ޖެހުނު އަޑުފަށްގަނޑާއިއެކު ބޭރުގައި ހުރެފައި ކޮޓަރީގެ ދޮރުހުޅުވާލި އަންހެންކުއްޖާއަށް ހަޅޭލަވައިގަނެވުނެވެ. ލޯމަތީން ފެންނަމުންދާ މަންޒަރުން ޖެހިލުންވެހުރެ ކުރިއަށް ފިޔަވަޅެއްއަޅާލެވުނުއިރު ބޭރުގައި މަޑުކޮށްލައިގެން ހުރި ޑޮކްޓަރުވެސް އެތެރެއަށް ދެމިގަތީއެވެ. އެއާއިއެކު ފެނުނު މަންޒަރުން އެ ހަނި ދެލޯ ބޮޑުކޮށްލެވިގެންދިޔައިރު އޭނަ ދުވެފައި ކަހަލަގޮތަކަށް ގޮސް އެނދަށް އަރާ ބެޑްޝީޓްގެ އެހީގައި ފަންކާގައި އެލިފައިވާ މައިރާގެ ހަށިގަނޑު އެނދަށް ތިރިކުރިއެވެ. ކަރުގައި އައްސައިފައިވާ ބެޑްޝީޓްގެ ކޮޅު މޮހާލިގޮތަށް އެޒުވާނާ މައިރާގެ ކަރުގައި ދެއިނގިލި ޖައްސާލިއެވެ. އެއާއިއެކު ވައަތުގެ ޝަހާދަތް އިނގިލި ނޭފަތާއި ދިމާލަށް ހުރަސްކޮށްލިއެވެ. ފަޑުގޮތަށް އިހުސާސްވެގެންދިޔަ ވިންދާއިއެކު އަތަށް އިހުސާސްވި ހޫނު ނޭވާއާއިއެކު އެ ޒުވާނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ދެއިނގިލީގެ ކޮޅުން މައިރާގެ ލޯހުޅުވުމަށްފަހު މުށިކުލައިގެ ކަޅީގެ ތެރެއަށް ލައިޓްއިން އަލިކޮށްލުމަށްފަހު އެ ޒުވާނާ އެ އަންހެންކުއްޖާއާއި ދިމާލަށް ބަލާލިއެވެ. އަދި އެނދުގެ ކައރީގައި އިން ބެލްއަށް ފިތާލަމުން އިހަށް ބޭރުގައި މަޑުކޮށްލަން އެދުނެވެ.

ތިރީސްވަރަކަށް މިނެޓްފަހުން ޑޮކްޓަރުންގެ ޓީމް ކޮޓަރިން ނިކުމެގެންދިޔުމާއިއެކު މިންހާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އޭރު މައިރާ އޮތީ އެނދުގައި އޮށޯވެ ދޮރަށް ފުރަގަސްދީގެންނެވެ. ދޮރުހުޅުވިގެންދިޔަ އަޑާއިއެކު ދޮރާއި ދިމާލަށް އެނބުރުނުގޮތަށް މައިރާ ދުމެއްހެން އެނދުންތެދުވިއެވެ. އެވަގުތު އެ ހަށިގަނޑު އަރި އަޅާލައިގޮތްވީއިރު މިންހާ ދުވެފައި އައިސް ބަލިކަށިވެފައިވާ ހަށިގަނޑުގައި ހިފަހެއްޓިއެވެ. އެއާއިއެކު އެ މޫނަށް ނުރުހުމުގެ ނަޒަރެއްދެމުން ދުރުވެލިގޮތަށް މައިރާ ލުކި ޖަހާފައި އަތުގައި އިން ކެނިއުލަރ ދަމައިގަތެވެ. ބޮކިޖަހާފައި އަތުން އައި ލޭ މަނާކުރަން އެއްއަތްމަތީ އަނެއް އަތްއަޅާލައިގެން ހުރެ މައިރާ މިންހާއާއި ދިމާލަށް ބަލާލީ ރުޅިވެރި ނަޒަަރަކުންނެވެ.

”މައިރާ… މައިރާ ކުރަން އުޅުނީ ކިހާވަރެއްގެ ކަމެއްކަން އިނގޭތަ؟ އަމިއްލައަށް މަރުވުމަކީ ފާފައެކޭ… އިނގިހުރެ ނަރަކައިގެ އަލިފާންގަނޑަށް ފުންމާލާށޭ ތި މަސައްކަތްކުރީ.. ވިސްނާލަބަލަ… މިއަދު އަަހަންނަށް ވަގުތައް ނާދެވުނުނަމަ މައިރާ ސަލާމަތްވީސްތަ؟” ފުންނޭވާއެއް ދޫކޮށްލަމުން މޭޒުމަތީ އިން ޓިޝޫފޮށިން ނެގި ޓިޝޫތައް މައިރާގެ އަތަށް ލައްވަމުން މިންހާ ވާހަކަދެއްކިއެވެ. މީގެ އިރުކޮޅެއްކުރީން ލޮލަށް ފެނުނު މަންޒަރުން އޭނަގެ ހިތަށްވެސް އަސަރުކޮށްފައިވެއެވެ. އިންސާނަކު އެދަރަޖައަށްދާން މަޖުބޫރުވާނީ ކިހާވަރެއްވީމަކަން އޭނައަށްވެސް އިނގެއެވެ. މައިރާ ކުރާ ހިތާމައާއި އެ ހަށިގަނޑުގައި އަޅާނެ ވޭންތައް އަންހެނަކަށްވީތީ އޭނާއަށް އިހުސާސްކުރެވެއެވެ. އެވޭންތައް ލުއިކޮށްދީ މައިރާއަށް އެހީތެރިވުން އޭނަގެ އަޒުމަކަށްވެފައިވިޔަސް ދިމާވި ހާދިސާއަށްފަހު މައިރާ ހުރީ އެއްވެސް މީހަކަށް އިތުބާރުކުރާފަދަގޮތަކަށްނޫނެވެ. އޭނައާއި ވާހަކަދައްކަން މަސައްކަތްކުރާ ކޮންމެ މީހަކާއި މައިރާ ކުރިމަތިލަނީ ރުޅިވެރިކަމާއިއެކުގައެވެ

“މައިރާ ބޭނުންވަނީ އަމިއްލަ ފުރާނައިން އަތްދޮވެލައިގެން ކުށްވެރިންނަށް ސަލާމަތްވާނޭ ފުރުސަތެއް ދޭންތަ؟ އަމިއްލަ ދިރިއުޅުން ހަލާކަށް ވައްޓާލަން އުޅޭއިރު ހުރިހާކަމެއް އިހުސާސްކުރެވިފައި ހުރިހާލު ކުށްވެރިންނަށް އެއްބާރުލުމޭ ތިދެވެނީ… މައިރާއާއިއެކު މިކަން މިހިސާބުން ނިމިގެންދާންތަ ބޭނުމީ…” މައިރާގެ ފަރާތުން ފެންނަމުން ދިޔަ ހިމޭންކަން ޤަބޫލުނުކުރެވުނު މިންހާގެ އަޑުގައި ހަރުކަށިކަމެއްވިއެވެ. އޭނަގެ ޖުމްލަތަކުގެ މެދުތެރެއިން މައިރާގެ ލޮލަށް އެއްވާންފެށި ކަރުނަތައް ފެނި މިންހާ ވާހަކަ މެދުކަނޑާލިއެވެ. ދުރަށް ބަލާލުމަށްފަހު ކޮންމެވެސް އެއްޗެއް ވިސްނާލި ވަގުތުކޮޅަކަށްފަހު މިންހާ މައިރާއާއި ދިމާލަށް ބަލާލިއިރު އެ މޫނުމަތީގެ ކުލަވަރުގައި ތަފާތުކަމެއްވިއެވެ.

“މައިރާ އަހަންނާއި ވާހަކަދައްކަބަލަ… ބޭނުންވާގޮތް ބުނެބަލަ… އޭރުން އަހަންނަށް އެހީއެއްވެވޭނީ… ތިހިމޭންކަމުގެ ފަހަތުގައި މައިރާ ސިއްރުކުރާ ހިތާމަތަށް އަހަންނާއި ހިއްސާކޮށްބަލަ… އަހަންނަށް އިނގޭ މައިރާއަށް ވާހަކަދެއްކޭކަން… ކުޅެދޭހާލު ނުކުޅެދޭ މީހަކަށްވެގެން މައިރާ ތިއުޅެނީ ކީއްވެތަ؟ ތިހެން އުޅެގެން މައިރާއަށް އިންސާފު ލިބިދާނެތަ… ޕްލީޒް… އަމިއްލަ ހައްޤަށްޓަކައި ތެދުވެބަލަ… އަހަރެން މައިރާއާއިއެކު އެބަހުރީމޭ…” މިންހާ ވާހަކަދައްކަމުންްދިޔަވަރަކަށް މައިރާގެ ކަޅީގެ ތެރެއިން ހިތިކަމެއްގެ އަސަރު ފާޅުވަމުންދިޔައެވެ. އޭނަ އެހީއަކަށް އެންމެ ބޭނުންވީ ވަގުތު އަޑުވެސް އޭނައަށް މަދަދުވެރި ނުވިއިރު މިއަދު އޭގެބޭނުމެއް އޮންނާނެ ހެއްޔެވެ؟ އަރްޒާންގެ ނުބައި އިންޒާރާއިއެކު އޭނަގެ ފުރާނަވެސް ބިރުން ރޫރޫއެޅިއިރު އޭނަ ހަޅޭލަވަން މަސައްކަތްކުރިއެވެ. ނަމަވެސް އެރޭ އޭނަގެ އަޑުވެސްވީ އަރުތެރޭ ތާށިވެފައެވެ.

“ނުރޮއެ… އަހަރެން މިވާހަކަ މިދައްކަނީ މައިރާ ދެރަކުރާކަންނޫނޭ… އަހަންނަށްވެސް އިނގޭ މައިރާ ދެރަވެ ހިތާމަކުރާނެވަރު… އެކަމަކު މައިރާ ވިސްނާލަބަލަ… މައިރާއަށް އިންސާފުހޯދައިދޭން އިތުރު މީހަކު އަންނާނެތަ؟ އަހަރެމެންނަށްވެސް އެހީވެވޭނީ… އެކަމަށްޓަކައި ކަން ހިނގާދިޔަގޮތް އިނގުން މުހިންމު… އަހަރެމެންނަށް އެއްބާރުލުންދީ… އިންޝާ ﷲ މައިރާއަށް އިންސާފުހޯދައިދޭނަން…” މައިރާގެ ކޯތާފަތްމަތީން ދެމެމުން ދަތްދޮޅިދަށަށް ވަންނަމުންދިޔަ ކަރުނަތައް ފުހެލަދެމުން މިންހާ މައިރާގެ އަތުގައި ހިފަހެއްޓިއެވެ. އެވަގުތު މައިރާ ގައިހުރި ބާރުލާފައި އޭނަގެ އަތުގެ ތެރޭގައި އޮތް މިންހާގެ އަތްފޮޅުވާލިއިރު އެލޮލުން ފާޅުވީ އިންތިހާ ދަރަޖައިގައި ހުރި ރުޅިވެރިކަމެވެ. މިންހާގެ ބަސްތަކުން އަލިފާންފަރުބަދައެއްފަދައިން އޭނަގެ އެތެރެހަށި ކައްކާލާކަށް ސިކުންތުކޮޅެއްވެސް ބޭނުމެއްނުވިއެވެ. އެ ޖުމްލަތަކާއިއެކު އޭނަގެ އެތެރެހަށީގައި އަނދަމުންދާ އަލިފާންގަނޑު ހުޅުފަޅާ މައްޗަށް އެރިފަދައެވެ.

“އިންސާފު… ހައްޤު.. އެއީ ކަލޭމެންގެ ދުލުކުރީގައި ލިޔެފައި އޮންނަ ދެބަސްތަ؟ ދުނިޔެއަށް ދަޅަދައްކާލަން ބޭނުންކޮށްކޮށް ބާނުވާ ދެލަފްޒުތަ؟ ކޮބާ ތިބުނާ އިންސާފަކީ ހައްޤު ލިބިދިނުމަކީ؟ ބާރުހުރިމީހާއަށް ކަންކަންވުންތަ؟ ނިކަމެތިމީހާ އިނދަޖެހުންތަ؟ ހަތަރުއަހަރު… ފުރިހަމަ ހަތަރު އަހަރު އަހަރެން މިކަމުގައި ގަނަތެޅުނުއިރު ތިބުނާ އިންސާފުކޮބާ؟ ހުރިހާކަމެއްވެނިމި އަހަރެންގެ އަތުން ހުރިހާ އެއްޗެއް ގެއްލުނީމަތަ އިންސާފު ލިބެންވީ؟ ދެންވެސް އިންސާފެއް ނުލިބޭނެ… ބަދުނާމުވެ މުޅި މާލެތެރެއަށް ގިނަވުންނޫން ކަމެއްނުވާނެ… އިޒާއަށް ނުލިބުނު އިންސާފެއް އަހަންނަކަށްވެސް ނުލިބޭނެ…” މައިރާ ވާހަކަދައްކަމުންދިޔަވަރަކަށް އެ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދި ދެލޮލުން ރުޅިވެރިކަމުގެ ހޫނު އަލިފާނުގެ އަސަރު ފާޅުވާން ފެށިއެވެ. ވަގުތާއިއެކު ކަންކަން ހަމަޔަށްއެޅި ހައްޤުފާޅުވެ ނުހައްޤުން އަނިޔާލިބުނު ފަރާތްތަކަށް އިންސާފު ލިބޭނޭކަމަށް ބުނާ ބުނުން އޭނަ ޤަބޫލެއްނުކުރެއެވެ. ވަގުތާއިއެކު ހަނދާންނައްތާލުމަކީ އިންސާނާގެ ޠަބީއަތެވެ. އަނިޔާލިބުނު ފަރާތުގެ ހައްޤުގައި ވަކާލާތުކުރުމަށްފަހު ވަކިހިސާބަކުން ހިމޭންވުމަކީ އިންސާނާގެ އާދައެވެ. އިޒާއަށް ދިމާވި ހާދިސާއަކީ އޭގެ ހެެއްކެކެވެ. އުމުރުން އެންމެ ނަވާރަ އަހަރުގައި އަނިޔާވެރިއެއްގެ ވަކިތަކުގެ ޝިކާރަޔަށްވެގެންދިޔަ އަންހެންކުއްޖާގެމަތީން ހަނދާންކުރާ އެކަކުވެސް މިއަދު ނެތެވެ. މާޒީގެ ސަފްހާތަކާއި އެދުވަސް އެކުވެގެން ހިނގައްޖެއެވެ. ދުވަހަކު ހިތުން ނުފިލާނެ ލަކުނަކާއިއެކު ކުށްވެރިކަމުގެ އިހުސާސްތައް ހިތުގެ އަޑީގައި ބާއްވައިގެން އުޅެންޖެހިފައިވަނީ އޭނާއަށެވެ.

“ކަލޭމެންގެ ހިމާޔަތުގެ ދަށުގައި ހުރި ފުރާނައަށް އިންސާފު ހޯދައިދެވުނުތަ… އެންމެ ކުޑަމިނުން ރަނގަޅު ހިމާޔަތެއްދެވުނުތަ؟ މައުސޫމް ފުރާނައެއް ދުނިޔެއާއި ވަކިވެގެންދިޔައިރު ކަންކުރި މީހުން ހޯދުނުތަ؟ ކުށެއްނެތް އަންހެންކުއްޖަކު މުޅި ރަށަށް ބަދުނާމްވިއިރު ކުށްވެރިންނަށް ލިބުނު ނިކަމެތިކަމެއް އޮތްތަ؟ މަތީ މަޤާމުތައް މިލްކުކޮށްގެން ފިޔަފަޅައިގެން އެ މީހުން އުދުހޭއިރު އަހަރެމެންނަށް ޖެހިފައިވަނީ އިސްއޮބާލައިގެން އުޅެން… އަހަންނަށް ކޮން ޔަޤީންކަމެއް އޮތީ ދެވަނަ ފަހަރަށް އެ ނުބައިމީހުންގެ އަތްދޮށަށް އަހަރެން ނުދާނެކަމުގެ… އަހަރެން ދުނިޔެއިން ނައްތާނުލާނޭކަމުގެ… މިއަށްވުރެ މަރުވުންވެސް ހިތަށް ފަސޭހަވާނެ…” މައިރާ ކިތަންމެ ހިތްވަރުކޮށްގެން ކަރުނައެއް ވައްޓާނުލަން އިނަސް ލޮލުން ކަރުނަ ފޭބިއެވެ. ހަތަރުއަހަރުވަންދެން އޭނަ އުޅުނު ހާލު އެހެން އިންސާނަކަށް ވަޒަންވެސް ނުކޮށްލެވޭނެއެވެ. ދުނިޔޭގެ އަލިކަމަށްވެސް ފޮރުވައިގެން އެމީހުން އޭނަ ގެންގުޅުނީ އުފާހޯދާ ވަސީލަތެއްހެ ގޮތުގައެވެ. އޭނަގެ ހަށިގަނޑަށް ލުއިކަމެއް ލިބުނު އެންމެ ވަގުތުކޮޅެއްވެސް ނައެވެ. އަދަދުނުވާހާ މީހުންގެ އަތްދަށުވެ އޭނަގެ ހަށިގަނޑުގެ ކޮންމެ ތަންކޮޅެއްގައި ކޫރުން އެޅުނެވެ. ބޭރުފުށުން ލަކުނު ފެނުނަސް އޭގެ ޒަހަމްތައް ހިތުގައި ތާޒާކަމާއިއެކު މިއަދުވެސް ދެމި އެބަހުއްޓެވެ.

“މަަރުވުމަކީ ހުރިހާކަމެއްގެ ހައްލެއްނޫނޭ މައިރާ… ކެރިގެން ކުރިމަތިލާބަލަ… މާޔޫސްނުވޭ…  އަހަރެމެންނާއިއެކު ﷲ ވޮޑިގެންވެއޭ… އެއްވެސް އިންސާނަކަށް ދުނިޔެދާ ތާއަބަދަކު ފަރުދާގެ ފަހަތުގައި ފިލައެެއް ނުހުރެވޭނެ… ކޮންމެ ކަމަކީވެސް ފާޅުވެގެންދާނޭކަމެއް… އަނިޔާވެރިންނަށް އޭގެ ބަދަލު ދެދުނިޔެއިންވެސް ފެންނާނެ… އަހަރެމެންނަށް އޮތީ ދުނިޔެއިން އެ މީހުންނަށް ކަނޑައެޅިފައިވާ އަދަބު ތަންފީޒުކުރުން… މައިރާ ބުނެބަލަ.. ރައިހާންއަށް ހައްޤު އަދަބު ލިބޭކަށް ބޭނުމެއްނޫންތަ؟ މިއަދު އޭނަ މިނިވަންވެއްޖެއްޔާ އެއީ މައިރާފަދަ އެތަށް ކުދީންނެއްގެ ހަލާކުގެ ފެށުންކަމުގައި ނޫނީ ނުވާނެ… އަހަރެންގެ ހިތްބުނޭ މައިރާ ކޮންމެވެސް ކަމެއް ސިއްރުކުރަނީއޭ… ސިއްރުނުކޮށް ކިޔައިދީ… އަހަންނަށްވީވަރަކުން އެހީވާނަން… ގައިމުވެސް އެހެންމީހުންފަދައިން ހައްޤަށް ފުރަގަސްދޭ މީހަކަށް އަހަރެން ނުވާނަން… އެވަރުގެ އިތުބާރެއް މައިރާ އަހަންނަށް ކުރޭ…” މިންހާގެ ކޮންމެ ބަހެއްގައި ޔަގީންކަމެއްވިއެވެ. އެލޮލުން ފެނުނު އަސަރުތައްވެސް އެ ބަސްތަކުގެ ތެދުކަން ޤަބޫލުކުރަން މައިރާއަށް ބާރުއެޅިއެވެ.

“މައިރާ އަހަރެމެން ދެމީހުންވެގެން މިކަމާއި ކުރިމައްޗެއްނުލެވޭނެތަ؟ އަހަންނަކީވެސް މައިރާފަދައިން އަންހެނެއް… އަންހެނެއްގެ އިހުސާސްތައް އަންހެނަކަށްވުރެ ރަނގަޅަށް އިނގޭނީ ވަކި ކާކަށް؟ މީ އަހަރެންގެ ކޮޅު މޮޅުކުރަން އަހަރެން ހިޔާރުކުރި ކުޅިވަރެއްނޫން… އަންހެންކުއްޖަކަށް އެހީވާން އަހަަރެން އިހްތިޔާރުކުރި މަގެއް… މިކަމަށްޓަކައި އަހަރެންވެސް އެހީތެރިކަމަށް ބޭނުންވޭ… ބުނެބަލަ މައިރާ އަހަންނަށް އެހީވާނަންތަ؟” މިންހާގެ އަތްތިލަ މައިރާއާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއިރު އެ މޫނުމަތީން އެދުމެއް ފާޅުވިއެވެ. މައިރާއަށް އިންސާފު ހޯދައިދިނުމަށްޓަކައި އޭނަ މައިރާގެ އެއްބާރުލުން ބޭނުންވެއެވެ. މައިރާގެ ހެކިބަހަކީ ރައިހާންއާއި ދެކޮޅަށް އުފުލޭނޭ އެންމެ ވަރުގަދަ ހަތިޔާރަށް ވާނެއެވެ.

ކަމަކާއި ވިސްނާފަދަ ގޮތަކަށް ދުރަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނދެފައި މައިރާ މިންހާއާއި ދިމާލިއެވެ. އެއާއިއެކު ޖެހިލުންވެފައި އިންފަދަ ގޮތަކަށް މިންހާގެ އަތާއި ދިމާލަށް އަތްދިއްކޮށްލިއިރު އެހަށިގަނޑުގައިވީ ތުރުތުރުލުމުގެ ބޮޑުކަމުން އަތްތިލަވެސް ތެޅެމުންދިޔައެވެ. މިންހާގެ އަތްމަތީ މައިރާގެ އަތްތިލަ ބޭއްވިގެންދިޔަ ހިނދުކޮޅު އެ ބޮޑުލޮލުން މިންހާގެ މޫނަށް ބަލާލިއެވެ. އެއާއިއެކު ވަގުތުން އެއަތްމަތީން އަތްތިލަ ނަގަމުން ދުރުބަލައިލައިފިއެވެ.

*** *** *** *** *** ***

ހެކިވެރީންނަށް ހާއްސަކުރެވިފައިވާ ޖާގައިގައި އިށީންނުމަށް ޤާޒީ ދެވަނަ ފަހަރަށް އެންގުމާއިއެކު މައިރާއަށް ހިޔާލީ ދުނިޔެއިން ހަމަބިމަށް ފޭބުނުފަދައެވެ. ލޮލުގެ ރަވައިގައި ހުރި ކަރުނަތައް ފުހެލަމުން ގޮނޑީގައި އިށީދެ މައިރާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެ މޫނުމައްޗަށް ވެރިވެފައިވީ ޖެހިލުމުގެ އަސަރުތައް ސާބިތުކަމުން ފޮރުވާލަމުން މައިރާ ޤާޒީއާއި ކުރިމަތިލިއެވެ.

އަންހެންކުއްޖެއްގެ އެންމެ އަގުބޮޑު ހަޒާނާ އޭނަގެ އަތުން ގެއްލިގެންދިޔަރޭގެ ވާހަކަ މައިރާ ކިޔައިދެމުން ދިޔައިރު އޭނައަށް ގިސްލެވެމުންދިޔައެވެ. އެލޮލުން ފައިބަމުންދާ ކަރުނަތަކާއި މާލަމުގައި ތިބި މަދުމީސްކޮޅުގެ ލޮލުން ކަރުނަ އޮހޮރާލިއިރު ހަށިގަނޑުގައި ނެތް ހިތްވަރުލައިގެން މައިރާ ކެތްކުރިއެވެ. އެ ނުބައިމީހުންގެ ނުބައިކަން މުޅިދުނިޔެއަށް އަންގާ އިއުލާންކުރަން އޭނަ ބޭނުމެވެ. ދެވަނަ އަންހެންކުއްޖަކަށް އެފަދަ އަނިޔާއެއް ލިބެން މަގުފަހިނުވާހާ ބޮޑަށް ދުނިޔެ ހޭލުންތެރިކުރަން އޭނަ ބޭނުމެވެ. ދުނިޔެ ދޫކޮށްދިޔަ އިޒާގެ ރޫހަށް ހަމަޖެހުން ގެނެސްދޭން ބޭނުމެވެ. އެދުވަހު އޭނަ އިޒާއަށް ދެެރި ދަރަނި އަދާކޮށްދޭން ބޭނުންވިއެވެ.

މައިރާ ސާބިތުކަމާއިއެކު ހެކިބަސްދެމުންދިޔައިރު އެ ތޫފާނީރޭގެ ކޮންމެ ހަނދާނެއް ލޯމައްޗަށް ސިފަވިއެވެ. އެއީ ނުހަނު މޫސުމް ގޯސްރެއެކެވެ. އިރުއޮއްސުނީއްސުރެ ވެހެމުންދިޔަ ވާރޭގެ ސަބަބުން ކަންނެތްވެ މަޑު ތަންމަތީގެ އަރާމު ހާސިލްކުރަން ބޭނުންވެފައި ހުރެވެސް މައިރާ ބޭރަށް ނިކުތީ ލޯބިވެރިޔާ ރައިހާންގެ އެދުމަކަށެވެ. ރައިހާންގެ އެދުމަކަށް ފަސްދޭން ބޭނުންނުވާތީއާއިއެކު އެ ގުޅުމަށް ހަމަސްފުރިގެންދިޔަރޭ ރައިހާން އެކަނި ފާހަގަކުރަން ދޫކޮށްލަން ބޭނުންނުވެގެންނެވެ. ވެހެމުންދިޔަ ވާރޭގެ ރީތި މަންޒަރުން އުފާވެރިކަން ލިބިގަންނަމުން ދެޒުވާނުން އެކީގައި ރެސްޓޯރެންޓްގައި ހޭދަކުރި ވަގުތުކޮޅަކީ މައިރާގެ ހަޔާތުގައި އެހާތަނަށް އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ރައިހާންގެ ލޯބީ ފެންވަރުވާފައިވާ ލަފްޒުތަކާއި އެލޮލުގެ ނަޒަރުތައް އެރޭ މައިރާގެ ހިތަށް ލިބިދިން ފިނިކަމަކަށްވިއެވެ. ދެޒުވާނުން ނޫން ފުރާނައެއްނެތި މަޑު މިޔުޒިކަކަށް ގެނބިފައިވީ މަންޒިލްގައި ދެޒުވާނުން ހިތުގައިވީ ލޯބި ހާމަކުރިއެވެ. ކޮންމެ އަމަލަކުން ހިތުގައިވީ ލޯބި އަންގައިދެމުން އައިސްފައި މައިރާ ހާސްވާންފެށީ އެހެންރޭރެއާއި ހިލާފަށް ރައިހާންގެ ފަރާތުން މާބޮޑަށް ގައިގޯޅިކަން އިހުސާސްކުރެވެންފެށުމުންނެވެ. ރައިހާންގެ އެއަމަލުން އެ ހަށިގަނޑުގެ މުރާދުނަގައިގަނެވުނު މައިރާ އެކަމާއި ދެކޮޅު ހަދަމުން ދުރުވާން އުޅުމުން ރައިހާންގެ ފަރާތުން ފެނުނު ރުޅިވެރިކަމަކީ މައިރާއަށް ދުވަހަކު ފެނުނުކަމެއްނޫނެވެ. އެ ބާރުގަދަ އަތުގެ މައިރާ ހައްޔަރުވެ ކަށިކޮޅުތައް މުގުރިގެންދިޔަވަގުތުކޮޅު އިވިގެންދިޔަ މައިރާގެ އާދޭސްތަކާއިއެކު ހަމަހޭވެރިއަކަށް އާދެވުނުހެން ހީވި ރައިހާން މައާފަށްއެދުނެވެ. ރައިހާންގެ އަމަލުތަކާއި މެދު ހިތްހަމަނުޖެހި ތަންދޫކޮށް ދާން އުޅުނު މައިރާ ހިފަހެއްޓީ އެލޮލުން ފާޅުވަމުންދިޔަ ކުށްވެރި އިހުސާސްތަކެވެ. ރައިހާން އާދޭހަށް އޭނަގެ މުޅި ނަފްސު ވިރިގެންދިޔައިރު އެއީ އޭނަގެ ހަޔާތް އަނދިރިކަމާއި ގާތަށް ގެންދެވުނު ފިޔަވަޅެއްކަމެއް މައިރާއަށް ރޭކާވެސްނުލިއެވެ.

ދަންވަންދެން އެ މާހައުލުގައި އެކި ހަނދާންތައް ރައްކާކުރަން ތިބެފައި އެތަން ދޫކޮށްގެން ދިޔުމުގެ ހިޔާލު މައިރާ ފާޅުކުރިވަގުތު ރައިހާން އަތުން އޭނަގެ އަރުތެރެއަށް އެތެރެކޮށްދިން ބުއިމާއިއެކު މައިރާގެ ހަށިގަނޑަށް ގޮތެއްވިއެވެ. ސިކުނޑިއަށް ނޭނގޭފަދަ އަސަރެއްކުރުވާ ލޯބަރުވެ ހަށިގަނޑަށް ހޫނުވެގެން ދިޔަ ވަގުތުކޮޅު އޭނަގެ ސިކުނޑިއަށްވާނުވާ ނަަގައިނުގަނެވެންފެށިއެވެ. ބޮލަށްބަރުވެ ހަށިގަނޑުގެ ކޮންޓްރޯލް ދޫވިވަގުތު ރައިހާންގެ އަތްދަނޑިމަތީގައި އޭނަ ގެންގޮސް ކާރަށް އެރުވިކަން އިނގުނެެވެ. އެވަގުތު ރައިހާން އެއްޗެކޭ ކިޔާލިނަމަވެސް އެންމެ އަކުރެއްހާ ހިސާބުވެސް އޭނައަކަށް ސާފެއްނުވިއެވެ. ގަދަކަމުން ލޯހުޅުވައިގެން އޮންނަން މަސައްކަތްކުރަނިކޮށް ލޮލުގެ ދާއިރާ ހަނިވަމުންގޮސް އެކީހެން ލޯމެރި ހަށިގަނޑު ހިމޭންވެގެންދިޔައީ މައިރާގެ ބާރަކާއިނުލައެވެ.

ހަށިގަނޑުގެ ހޭވެރިކަމެއްނެތި ހޭދަވެގެންދިޔަ ގަނޑިއިރު ތަކަކަށްފަހު މައިރާގެ ލޯހުޅުވިގެންދިޔައިރު ކުރިއަށް ބޭރުގައިވާ ތޫފާން ގަދަވެފައިވެއެވެ. ބާރުވަޔާއިއެކު ގަސްތައް ހޭރެމުންދިޔައިރު ވިދުވަރުގެ ގަދައަލިން އުޑުމަތި ދިއްލެމުންދިޔައެވެ. ބޮލަށް އިހުސާސްވަމުންދިޔަ ބަރުކަމާއިއެކު އިރުކޮޅެއްވަންދެން ލޯމަރައިގެންއޮވެފައި ތެދުވަން މަސައްކަތްކުރި ހިނދު ބިރާއި ސިހުން އެކުލެވިގެންވީ އަޑަކުން މައިރާއަށް ހަޅޭލަވައިގަނެވުނެވެ. އެއާއިއެކު އޭނަގެ އަނގަމަތީގައި ބަރު އަތެއް އެޅިގެންދިޔަގޮތުން މައިރާގެ ނޭވާ ހާސްވާގޮތްވީއިރު އޭނަގެ އިއްފަތްތެރިކަމަށް ދަހިވެތިވެފައިވާ އިންސާނާގެ ފަރާތުން ސަލާމަތްވާން މައިރާ ތެޅިފޮޅިގަތެވެ. މައިރާގެ ދެކޮޅުހެދުމުގެ ޖަވާބެއްގެ ގޮތުން ކަންފަތްމައްޗަށް އެރި ހޫނުއެތިފަހަރާއިއެކު ކަންފަތް ބައްވެގެންދިޔަ ވަގުތުކޮޅަކީ ހޮނު ގުގުރީގެ އަޑާއިއެކުވެގެން އައީ ވިދުވަރުގެ އަލިން މުޅި ކާއިނާތު ދިއްލާލިވަގުތެވެ. ކުޑަދޮރުުގެ ބިއްލޫރިގަނޑުން އެޅުނު ލޮލަށް އުނދަގޫވާހާ ގަދައަލިން ހިނދުކޮޅަކަށް އެތަން ދިއްލާލުމާއިއެކު ލޮލަށް ފެނުނު ސޫރައަކުން މައިރާގެ މުޅި ވުޖޫދަށް ގުނޑުން އެރިއެވެ. ދުލުން ބޭރުވެގެންދިޔަ ހަތަރު ލަފްޒާއިއެކު އެލޮލުން ހައިރާންކަން ފާޅުވެގެންދިޔައީ ލޮލަށް ފެންނަ މަންޒަރު ޤަބޫލުނުކުރެވިގެންނެވެ. އޭނަގެ ދެލޮލަށް ގިނަވިކަރުނަތަކާއިއެކު ވާހަކަދައްކަން މަސައްކަތްކުރިވަގުތު އެ ފުރުސަތު ދިނުމެއްނެތި ރައިހާން އެ ހަށިގަނޑުގެ މައްޗަށް ޖެހިގަތީ ޝިކާރަޔަށް ދަހިވެތިވެފައިވާ ސިންގާއެއްފަދައިންނެވެ. ހަަށިގަނޑުގެ ގުނަވަންތަކުން ނަގައިގެން ދިލަ ރިހުމާއިއެކު މައިރާގެ އަނގައިން ބޭރުވި ފިސް ހަޅޭކާއި އެކުވެގެން އެހެން އަންހެންކުއްޖެއްގެ އަޑުއިވިލިއެވެ.

ހަށިގަނޑުގައި ނަގައިގެން ވޭންވަރާއިއެކު ރައިހާންގެ ފަރާތުން ސަލާމަތްވާން މަސައްކަތްކުރުމާއިއެކު މައިރާއަށް ކުރިމަތިލާން ޖެހުނީ ރައިހާން ހޫނު އެތިފަހަރުތަކާއެވެ. މޫނާއި އަނގަމަތި ފެޅި ލޭގަނޑު އޮހިގެން ދިޔައިރު މައިރާގެ ވޭނީ ރުއިމުގެ އަޑު މުޅި އިމާރާތުގެ ތެރޭގައި ގުގުމާލިއެވެ. ނަމަވެސް އެރުއިމުން އަސަރުކުރާހާ ރަހުމެއްހުރި ހިތެއް އެތަނުގެ ތެރޭގައިނުވާފަދައެވެ. އަތުގައި ހުރި ބިއްލޫރި ފުޅިތަކުގައި ހުރި ބުއިމުގެ މީރުކަން ލިބިގަންނަމުންދިޔައިރު ދުނިޔެވީ އެއްވެސް ކަމެއް އެ ސިކުނޑި ތަކުގައި ނުވާފަދައެވެ. އަމަލުތައް ހުރީ ހަމަހޭވެރިކަން ނެތް ބަޔަކު ފަދައިންނެވެ. އަރުތެރެއަށް އެެެތެރެކުރަމުންދާ ކޯވަރުތަކާއިއެކު ހަށިގަނޑަށް ލިބެމުންދިޔަ ބާރުދައްކަމުން ދިޔައީ އޭގެ އެންމެ ނުބައިގޮތުގައެވެ. ކުށެއްނެތް އަންހެންކުއްޖެއްގެ ހަށިގަނޑަށް އަނިޔާވެރިވަމުންނެވެ.

ދަންވަމުންދިޔަވަރަކަށް ބޭރުގައިވީ ތޫފާން މައިތިރިވަމުންދިޔައިރު މައިރާގެ ހަށިގަނޑުގައިވީ ހަކަތަ މަޑުމަޑުންދޫވަމުންދިޔައެވެ. ކަރުނަ ހުސްނުވާހާލު ލޯހުޅުވާލައިގެން ހަރަކާތެއްނެތި އޮވެފައި މައިރާ ލޯމަރާ ތަގުޅިކޮށްލީ ލޮލަށް ފެނުނު މަންޒަރުގެ ހުތުރުކަމުންނެވެ. ފުރަގަސްދެމުން ދެލޯ މަރާލިޔަސް އެ މަންޒަރު ދުވަހަކު ހިތުން ފޮހެވިގެން ހިނގައިދާނެހެއްޔެވެ؟ އޭނަގެ ކުރިމައްޗަށް އެއްލާލެވުނު އަންހެންކުއްޖާ ހަށިގަނޑަށް ރައިހާން ވެރިވެގަތްތަން އޭނައަށް ތަކުރާރުކޮށްފެންނަފަދައެވެ. ހިނދެއް ހިނދަކަށް ބާރުވަމުންދިޔަ ހަޅޭކުގެ އަޑާއިއެކު ސަލާމަތަށް އެދި އެކުއްޖާ ހަޅޭލަވަމުންދިޔަ އަޑު ކަންފަތުގައި ގުގުމަންފެށުމާއިއެކު މަރާލެވިފައިވާ ލޮލަށް ބާރުކޮށްލަމުން މައިރާ އަތްމުށްކަވާލިއެވެ. އެ ފިނި އަތުން އެހީއަކަށްހެދި މައިރާގެ އަތުގައި ހިފާލި ވަގުތުކޮޅު މައިރާގެ ހަށިގަނޑު ފިނިވެގެންދިޔަނަމަވެސް އޭނަ ދާދި އަވަހަށް ވަރުދޫވެފައިވާ އަތުގެ ތެރެއިން އަތްދަމައިގަތްފިއެވެ. ހުދު އޭނަވެސް އޮތީ އެހެންމީހަކަށް އެހީއެއްވެވޭފަދަ ހާލެއްގައި ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ.

ފަޅުކަން ރަސްކަންކުރަމުންދިޔަ އިމާރާތުގެ ތެރޭގައިވީ ހިމޭންކަން ފުޑުކުރަމުންދިޔަ ބާރު ނޭވާތަކުގެ އަޑު މަޑުމަޑުން މަޑުވަމުން އައިސް އެކީހެން ކެނޑިގެންދިޔުމާއިއެކު ތަންތަނުގައި ހިފަހައްޓަމުން މައިރާ ކޮއްޅަށް ތެދުވިއެވެ. އޭރު ބޯން ގެންގުޅުނު ފުޅިތަކާއިއެކު އެކިތަންތަނަށް ޒުވާނުންތައް ދެމިފައި ތިއްބެވެ. އެ ހުރިހާ ޒުވާނުންގެ ތެރެއިންވެސް މައިރާގެ ނަޒަރު ދަތުރުކުރީ އޭނައަށް އަތްފޯރުވާލެވޭހާ ގާތަށް އޮތް ލޯބިވެރިޔާގެ މޫނަށެވެ. ތާއަބަދުހެން ލޯތްބާއި ވަފާތެރިކަން ސިފަކުރަމުން އައި މޫނަށް މައިރާއަށް ބަލަހައްޓައިގެން ހުރެވުނީ ވޭނާއި ޝަކުވާގެ ނަޒަރަކުންނެވެ. އޭނަ ރައިހާންއަށް ކުރި އިތުބާރު ސިކުންތުކޮޅެއްގެ ތެރޭގައި ރައިހާން ވެއްޔާއި މޮޑެލައިފިއެވެ. އޯގާތެރިކަމާއި ހިމާޔަތަށް އެދުނު ދެއަތުން އޭނަގެ ހަށިގަނޑުގައި ފަސޭހަވުމެއްނެތް ފާރުތަކެއް ލައްވާލައިފިއެވެ. އެންމެ އިތުބާރުކުރިމީހާގެ އަތުން އެފަދަ ޒަހަމެއް ހިތުގައި ލާނޭކަމަށް އޭނައަށް ހީކުރެވޭނީވެސް ކިހިނެތްހެއްޔެވެ؟

ބިންމައްޗަށް އުކާފައިވާ އަންނައުނުތަކުން ހަށިގަނޑު ނިވާކޮށްލުމަށްފަހު އެ އަނދިރިކިއްލާއިން ސަލާމަތްވުމަށް މައިރާ ފިޔަވަޅުތައް ނަގަންފެށިއެވެ. އަނދިރިކަމަށް ލޯހާނަމުން އޭނަ ދޮރާއި ހަމަވީވަގުތު ހަށިގަނޑަށް ހުއްޓުމެއްއައެވެ. ވަގުތުން ފަސްއެނބުރި ބަލާލެވުނީ ކީއްވެގެންކަމެއް ނޭނގުނެވެ.

އެ އިމާރާތުގެ ކުރިމައްޗަށްވާގޮތަށް ހުރި އިމާރާތުން އެޅެމުންދާ އަލިކަމުން އެ އަންހެންކުއްޖާ އޮތް ދިމާލަށް ނުހަނު ބޮޑަށް އަލިވެފައިވެއެވެ. ހަރަކާތެއްނެތި އޮވެފައިވެސް އެ ކުއްޖާ ތުންތަޅުވާލަމުން ބުނެލިބަސް މަައިރާއަށް ރީތިކޮށް ސާފުވިއެވެ.

“ހެޔޮނުވާނެ… ސަލާމަތްކޮށްދީ…” އެ ޖުމްލައާއިއެކު އެކުއްޖާއާއި ގާތަށް ފިޔަވަޅެއްއަޅާލައިފައިވެސް މައިރާ ފަސްދިނެވެ. އަމިއްލަ ނަފްސައިގެން ސަލާމަތްނުވެވިފައި ހުރިއިރު އެހެން ފަރާތަކަށް އޭނަ އެހީވާނީ ކިހިނެތްހެއްޔެވެ؟ އިތުރު ފުރާނައެއްގޮވައިގެން އެތަނުން ސަލާމަތްވުމަކީ އޭނަގެ އަމިއްލަ ބަރުބާދީއަށް އަމިއްލައަށް ހުށަހެޅިގަތުމެވެ.

ދެކޮޅަށް ހިޔާލު ކިރެންފެށި ވަގުތު މައިރާ ލޯމަރާ ބާރުކޮށްލަމުން އެ އިމާރާތުން ބޭރަށް ނިކުމެ ދުއްވައިގަތެވެ. އެވަގުތު ވޭނުންފުރިގެންވީ ރިހުމެއްގެ ބާރު އަޑު މައިރާގެ ކަންފަތާއި ހަމަޔަށް ފޯރިއެވެ. އިރުކޮޅެއްގެ ތެރޭގައި އެއަޑު ވާރޭތެރެއަަށް އޮބިގެންދިޔައީ އެ ނިކަމެތި އަންހެންކުއްޖާގެ ހިތުގެ އާދޭސް ވަންހަނާ ކުރަމުންނެވެ.

“ކުށެއްނެތް އަންހެންކުއްޖެއްގެ މުޅި ދިރިއުޅުން ހަލާކުކޮށްލައި އެކުއްޖާ ދުނިޔެއިން ނައްތާލުމަށްފަހު އުުފަލާއި އަރާމުގައި އުޅުނުއިރު ހިތަށް އެއްޗެކޭ އެރިތަ؟ ކަލޭކަހަލަ ނުބައި އިންސާނުންނަށް ޖަލުގެ ތޭރިއަކީވެސް ކުޑަ އަދަބެއް… ކަލޭމެންގެ ވިޔާނުދާ އަމަލުތަކުން ކިތައްމީހުންގެ ދިރިއުޅުން ރޫޅި ހަލާކުވީ… މުއްސަނދި ބައްޕަގެ މުއްފަތުން ކުށްތަކުގައި މަތިޖަހާ ފޮރުވަމުން ތިމާވަރުގެ ރަނގަޅު މީހަކު ނެތްކަމަށް ހެދިގެން އުޅުނުއިރު ތިމާ މީހާގެ ލަދުކޮބާ؟ ތިއީ އައްމާރަށްވުރެ ނުބައިމީހެއް… އަހަރެންގެ ދޫބަންދުކުރަން ކަލޭނުކުރަނީ ކީއް… ރަހީނުކޮށްގެން އެތަށް ބަޔަކަށް އަހަރެންދޫކުރީ… އަމިއްލަ މީހާގެ ކަރުހިއްކުން ފިލުވީ… އިންޒާރާއި އަނިޔާއިން ހިތް އެންދީ… ދުނިޔެއަށް ބޭޒާރުވެދާނެކަމުގެ ބިރަށް އަންހެންކުއްޖެއްގެ ފުރާނަދަމައިގަތީ… ކަލޭ ތިއީ އިޒާގެ ޤާތިލް…” މައިރާގެ ވާހަކަތަކުގެ މެދުތެރެއިން ޤާޒީ ވާހަކަ ހުއްޓާލުމަށް އެންގިނަމަވެސް މައިރާ ކުރިއަށްގެންދިޔައެވެ. މިއަދު އެއްވެސް މީހަކަށްވެސް އަދި ކަމަކަށްވެސް އޭނައެެއް ނުހުއްޓުވޭނެއެވެ. މިއަދު އޭނަ ހުއްޓާލާނީ ރައިހާންގެ ހުރިހާ އަނދިރި ސިއްރެއް ދުނިޔޭގެ ކުރިމައްޗަށް ގެނެސްފާޅުކޮށްފައެވެ. މަޑުމަޑުން ތިލަވަމުންދިޔަ ވާހަކަތަކާއިއެކު އެންމެ ފަހުން މައިރާގެ ދުލުން ބޭރުވި ވާހަކައިން މުޅިތަނަށް ނަގޫރޯޅިއެއް އައިފަދައެވެ. ރައިހާންގެ ދިފާއުގައި ވާހަކަދައްކަން ތެދުވެ ތެދުވެހުރި ވިދްހާންއަށްވެސް މޭޒުގައި ހިފަހައްޓާ ބާރުކޮށްލެވުނެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ދެން ރައިހާން ސަލާމަތްވުމަކީ ނުވާނޭކަމެއްކަން އޭނަ އަމިއްލައަށްވެސް  ޤަބޫލުކުރެވުނީއެވެ. އޭރު ރައިހާން އިނީ އިސްޖަހާލިގޮތަށް އިސްއުފުލާވެސްނުލައެވެ. އެލޮލަށް ގިނަވަމުން އައި ކަރުނަތައް މޭޒުމައްޗަށް ތިކިޖަހަމުންދިޔައެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އެ މޫނުމަތީން ކުރެވުނު ކަންތަކާއިމެދު ލަދުވެތިވާކަން ފާޅުވިއެވެ.

މައިރާ ފުންނޭވާއެއް ދޫކޮށްލަމުން ކަރުނަތައް ހިފަަހައްޓާލިއެވެ. އެރޭ އިޒާއަށް އެހީއަކަށްނުވެވުނަސް ފަހުން އިޒާއަށްޓަކައި ހެކިބަސްދޭން އޭނަ ތައްޔާރުވިއެވެ. ނަމަވެސް އޭގެ ކުރީން އޭނަ ރައިހާންގެ އަތްދަށުވެގެންދިޔައީ އޭނަ އެކަމަށް ތައްޔާރުވެސްނުވެ ހުއްޓައެވެ. ރައިހާންގެ ހައްޔަރުގައި ބަހައްޓައިގެން އެތަށް ގޮތަކަށް އޭނައަށް ބިރުދެއްކިއެވެ. އެވަރުން ނުުފުދިގެން އޭނަ މުޅިއުމުރަށް ހިމޭންކުރާނޭ މަގެއް ރައިހާން ހޯދައިގަތީއެވެ. ދުނިޔޭގެ ލޯތަކަށް ނޭނގޭނޭފަދައިން އޭނަ ރަހީނުކުރީއެވެ. އޭނައާއި އަޅާލާނޭ މީހަކު ނެތުމުގެ ފައިދާ ރައިހާން ނެގީއެވެ. ކަނު އަނދިރި ގުދަނެއްފަދަ ކުޑަ ކޮޓަރިތެރޭ އޭނަ ހޭދަކުރި ދިގު އަހަރުތަކަކީ ރައިހާންގެ ނުބައި ރޭވުންތައް އޭނަގެ ކުރިމަތީ ނިއުޅިގެންދިިޔަ އަހަރުތަކެވެ. އިޒާ މަރާލަން ރާވާ އެކަމަށް މީހުން ހަމަޖައްސާ ހުރިހާ ކަމެއް ރައިހާން ފޯނުން ނިންމާލީ އޭނަގެ ގާތުގައި އޮވެގެންނެވެ. ފެށިގެން ނިޔަލަށް އެ ނުބައި ރޭވުން ކިޔައިދިންއިރު އޭނަގެ ހިތްވެސް ބިރުން ރޫރޫއެޅިއެވެ. އިޒާއަށް އެހީވެދޭން ހިތް ބާރުއެޅިއެވެ. ނަމަވެސް އޭނަވީ ރައިހާންގެ ކަސްތޮޅުތަކުން ގައިދުވެފައެވެ.

މުޅި މަސްރަހު ސިއްސުވާލާވަރުގެ ހަބަރަކާއިއެކު އަޑުއެހުން ނިމިގެންދިޔައީ ވިދްހާންގެ އަތުން ބާޒީ ދޫވެގެންނެވެ. ބަލަންޖެހޭ ކަންކަމަށް ރިއާޔަތްކުރުމަށްފަހު ދެން އޮންނަ އަޑުއެހުމެެއްގައި ގޮތެއް ނިންމާނޭކަމަށް ޤާޒީ އެންގެވުމާއިއެކު ރައިހާންއަށް އިސްއޮބާލުންނޫން ކަމެއް ނުކުރެވުނެވެ. އެކަމާއި ދެކޮޅުހަދާ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސް ދިގުދަންމާކަށްވެސް އޭނަ ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވަނީ އޭނައަށް ކުރެވުނު ކުށްތަކަށް އަދަބުލިބިގަންނާށެވެ. ދުނިޔޭގެ ލޯމައްޗަށް ކުށްފޮރުވާލުމަކީ ތިމާ މައުސޫމްމީހަކަށް ހަދައިދޭނޭކަމެއްނޫނެވެ. މައިރާ އޭނައަށް ފިލާވަޅެއް ދަސްކޮށްދީފިއެވެ. އޭނަގެ ލޯބިން ހަލާކުކޮށްލި ހިތާއިއެކު އޭނައާއި ކުރިމަތިލާ އަމިއްލަ ހައްޤު ހޯދައިފިއެވެ. އެއީ އޭނައަށް ހައްޤު ޝަޒާއެވެ.

*** *** *** *** *** ***

ހޮޅިލައި ނެގި ރާޅެއްފަދައިން ރާއްޖޭގެ މަސްރަހަށް ބިންދާލި ވާހަކައާއިއެކު އެތަށްދުވަހެއްވަންދެން ފަސްލެވިފޮރުވިފައިވާ ވާހަކަތަކެއް މައްޗަށް އަރައި ވައިގައި ހިފައިގެންދިޔައެވެ. ހަތަރު އަހަރުވަންދެން ބޮޑު ގްރޫޕެއްވެގެން ރޭޕްކޮށް އިންސާފުނުލިބި ދުނިޔެދޫކޮށްދިޔަ އަންހެންކުއްޖާ އިޒާގެ ވާހަކަ ދުވަސްތަކަކަށްފަހު އެންމެންގެ ދޫމައްޗަށް އެރިއެވެ. އިޒާގެ މަރަކީ އިޒާގެ ފަރުވާކުޑަކަމުން ހިނގި އަމަލެއްކަމަށް ހީކޮށްގެން ތިބި މީހުންނަށް ޝޮކެއްލިބިގެންދިޔައެވެ. އެދުވަހު ޕިކަޕު ޑްރައިވަރުގެ ފަރާތުން ފެނުނު ނަމޫނާގެ ފަހަތުގައި ފޮރުވި މުޑުދާރު ފަރާތްހާމަވެގެންދިޔުއެކު މަންސަތަކުގައި އެމީހާއާއި މެދު ނުރުހުން ފާޅުކޮށް ހައްޔަރު ކުރުމަށް ގޮވާލަންފެށިއެވެ. ބައެއްފަރާތަކުން އެމީހާގެ އަނބުރަށް ހުތުރުވާނެހެން ވާހަކަދައްކާ ޒާތީ މައުލޫމާތުތަކަށްދާންދެން ހާމަކުރަންފެށިއިރު ރާއްޖޭގެ މަސްރަހު ނުހަނު ހޫނުވިއެވެ.

އަތުގައި އޮތް ޓެބްލެޓުން ފަހުގެ ހަބަރުތައް ކިޔަންހުރެފައި މޭޒުމަތީ ޓެބްލެޓް މޭޒުމަތީ ބޭއްވުމަށްފަހު ދެއަތް ބޮލުގައި ވިއްދާލިއިރު ޝަޔަމްގެ ލޮލަށް ކަރުނަތައް ގިނަވަމުންދިޔައެވެ. އިޒާގެ ހަނދާންތަކާއި ދުރުވެ ލައިޝާއާއިއެކީ ދިރިއުޅުމެއް ފަށަން ތައްޔާރުވީ ހިނދު ކަންފަތާއި ހަމަޔަށް ފޯރި ވާހަކަތަކުން އޭނަގެ ހަޔާތް އިންދިރާސްކޮށްލައިފިއެވެ. އޭނަގެ ހިތް ލައިޝާ މިލްކުކޮށްފައިވިޔަސް އިޒާއަކީ އެހިތުގެ ކަނެއްގައި އަދިވެސް ރަނިކަންކުރާ ލޯތްބެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވާލައިފައި އެ ލޯތްބަށް ދުވަހަކު ފަނޑުވުމެއްނެތެވެ. އިޒާ ބީވެގެންދިޔަ ހިތާމަ ލުއިވީހެން ހީވިވަގުތުކޮޅު ލީވާންގެ ފަރާތުން އިވުނު ވާހަކަތަކަކީ ފަހުންފަހުން އައިސް އޭނަގެ ސިކުނޑީގެ ހަމަނުޖެހުން ނަގާލި ވާހަކަތަކަކަށްވިއެވެ. އެކަން ޤަބޫލުނުކުރެވިފައިހުއްޓާ ހުރިހާ ހެއްކެއް އޭނަގެ ޤަބޫލުކުރުންތަކާއި ދެކޮޅަށް އައިސް އޭނަ ހައްޔަރު ކޮށްލައިފިއެވެ. އިޒާ ދުނިޔެއާއި ވަކިވެގެންދިޔައީ އެހާ ހިތި ހަޤީގަތަކާއިއެކީކަމަށްވުމީ އޭނައަށް ހީވެސްކުރެވިފައިވީ ކަމެއްނޫނެވެ.

އެދުވަހަކު އޭނަގެ ލޯމައްޗަށް ފެނުނު މަންޒަރު ހެއްކަކާއިނުލާ އޭނަ ޤަބޫލުކުރިއެވެ. ލޯމައްޗަށް ދަޅައެއްދައްކާލެވޭނެކަން ޤަބޫލުކުރާވަރަށްވުރެ ދުނިޔެއާއިމެދު އެދުވަހު އޭނަގެ ހިތް ސާފެވެ. ހާލަތުގެ ބޭނުން ހިފައިގެން މީހަކު އިޒާ ދުނިޔެއިން ނެތިކޮށްލީކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ނަމަވެސް މިއަދު ފާޅުވި ހަޤީގަތާއިއެކު ދުނިޔޭގެ ކުލަ އޭނަގެ ހަމަލޮލަށް ފެނިގެން ހިނގައްޖެއެވެ. ދުނިޔެދައްކާ ކުލަތަކުގެ ރީތިކަމާއިއެކުވެސް މިތަނުގެ ނުބައިކަމާއި ވިހަގަދަކަން ދަސްވެއްޖެއެވެ.

ޝަޔަމް ވިސްނަމުންދިޔަވަރަކަށް ދުވަސްތަކުގެ ހަނދާންތައް ގުޅި އޭނަގެ އަމިއްލަ ނަފްސުވެސް ކުށްވެރިކުރެވޭންފެށިއެވެ. އެދުވަސް ބަދަލުކުރެވޭނެ ފަދަ ބާރެއް އޭނައަށް ލިބޭނެނަމައޭ ހިތަށްއެރިއެވެ. އޭރުން އޭނަ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އިޒާއަށް ރައްކާތެރިވީހެވެ. އިޒާގެ ހަށިފާރަވެރިއެއްފަދައިން އެ ހަށިގަނޑާއި ދުރުނުވެ އިޒާގެ ހިޔަނިފަދައިންވީހެވެ. ނަމަވެސް މިއަދު ނަމަނަމައަކުން ކުރާނޭ ފައިދާއެއްނެތެވެ. ވަގުތާއިއެކު އޭނަގެ ދިރިއުޅުމަށް ބޮޑު ހުސްކަމެއް ގެނެސްފިއެވެ. މިއަދު އޭނައަށް އޮތީ ކެތްތެރިވުމެވެ. އިޒާއަށްޓަކައި ހެޔޮދުއާކުރުމެވެ.

*** *** *** *** *** ***

ހަވީރުވަމުން އައިރު މިޑޯވިއުގެ ލިވިންރޫމްތެރޭގައި އިޔާނާއާއި އެކު ޝަލީންއާއި ލައިޝާވެސް ހަރަކާތްތެރިވަމުންދިޔައެވެ. ވޭތުވެގެންދިޔަ ދުވަސްކޮޅުގެ ތެރޭގައި އެގޭގެ މާހައުލު ކޮންމެވެސްވަރަކަށް ހަމަޔަކަށް އެޅިގެން ހިނގައްޖެއެވެ. ހިތާމަކުރުން ދޫކޮށްލުމަށްފަހު ކުދީންނަށްޓަކައި އިޔާނާވެސް ތެދުވެ އުޅެން ފެއްޓިތާ ކިތަންމެ ދުވަހެކެވެ. ފިރިމީހާއަށްފަހު ކުދިންނަށްޓަކައި އޭނައަށް ހިތްވަރުކުރަން ޖެހިފައިވެއެވެ. ހާއްސަކޮށް އޭނައަށް މާމަކިޔަން ތައްޔާރުވަމުންދާ ދަރިފުޅަށްޓަކައެވެ.

ހަވީރުގެ ސަޔަށް ތައްޔާރުކުރި ހެދިކާގެ ބާވަތްތައް މޭޒުމައްޗަށް ނަގާނިމި ތަށިތައް ރަމަތަކުރުމުގައި އުޅެނިކޮށް ގޭގެ މައިދޮރުގައި ކޮންމެވެސް މީހަކު ބެލްއެޅިއެވެ. އިޔާނާގެ އެދުމުގެ މަތީން ދޮރުހުޅުވާން ޝަލީން ހިނގައިގަތީ އެގެއަށް އަންނާނީ ކާކުކަމާއިމެދު ވިސްނަމުންނެވެ. މިޑޯވިއުއަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން އެގެއަށް ޒިޔާރާތްކުރާނޭ ބަޔަކު ޝަލީންގެ ވިސްނުމަކަށްވެސް ނާދެއެވެ.

ދޮރުގެ އަރިމައްޗަށްވާގޮތަށް އިން ބަޓަންއަށް ފިތާލުމާއިއެކު ހުޅުވިގެންދިޔަ ދޮރުގެ ދޭތެރެއިން ފެނިގެންދިޔަ ދެ ސޫރައާއިއެކު ޝަލީންއަށް ތަކުރާރުކޮށް އެސްފިޔަ ޖަހާލެވުނީ އޭނަގެ ލޯމައްޗަށް ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވިގެންނެވެ. ޤަބޫލުކުރަންދަތިވެފައިވާ ގޮތަކަށް އޭނައަށް ކިޔާލެވުނު ދެނަމާއިއެކު ދޮރުމަތީ ތިބި ދެމީހުން ހިތްހެޔޮކަމާއިއެކު ޝަލީންއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ދަރިފުޅާ ކާކުތަ؟” ދޮރުހުޅުވަންދިޔަ ޝަލީންގެ ހިލަމެއްނުވެގެން ޑައިނިންރޫމްއިން ނިކުމެގެން އައި އިޔާނާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައީ ދޮރުމަތީގައި ތިބި މިލީނާއާއި މިޙުރާން ފެނިފައެވެ. އޭނަގެ މޫނަށްވެސް ވެރިވެގެންދިޔައީ ޝަލީންގެ މޫނަށްވެރިވެގެންދިޔަ އަސަރުތަކާއި އެއްގޮތް އަސަރުތަކެކެވެ.

“ދަރިފުޅު… މަންމަމެން އެތެރެއަކަށްވެސް ނުވައްދާނަންތަ؟” މިލީނާގެ ހިތްހެޔޮ އަޑުކަންފަތުގައި ޖެހިގެންދިޔުމާއިއެކު ޝަލީން ދޮރުގެ ކުރިމައްޗަށްވާގޮތަށް ހުރެފައި އެއްފަރާތްވެލިއެވެ. އޭރު މަޑުހިނގުމެއްގައި އިޔާނާ އައިސް އެހިސާބާއި އަރާހަމާވީއެވެ.

“މިޙުރާން… މިލީނާ… ކަމަކުތޯ…” ލިވިންރޫމްގައި ހުރި ސޯފާތަކުގައި އިށީންނަން އެދެމުން އިޔާނާ ސުވާލުކުރިއެވެ.

“އަޅުގަނޑުމެން މިއައީ ޝަލީންގެ ބެލެނިވެރިފަރާތާއި ބައްދަލުކޮށްލަން…” މިލީނާ ބޭނުން ހާމަކުރުމާއިއެކު އެކަމުގެ ހުއްދަ ދޭފަދައަކުން އިޔާނާ ބޯޖަހާލިއެވެ. އޭނަ ވަކިން އިން ސޯފާގައި އިށީނުމާއިއެކު ޝަލީން ސިޑިއާއި ދިމާލަށް ހިނގައިގަތެވެ. މިލީނާ އެގެއިން ފެނުނު ވަގުތުކޮޅު އޭނައަށް ހަދިޔާކޮށްލި ހިތްހެޔޮ ހިނިތުންވުމާއިއެކުވެސް ޝަލީންއަށް ވިސްނެމުންދިޔައީ އެންމެ ނުބައިކޮށެވެ. މިލީނާ އެއައީ ރީތިގޮތުގައި އޭނައާއި މަޔާންގެ ގުޅުން ނިންމާލަން އެދުމަށްކަމަށް ހިތް ބުނެލިވަގުތުކޮޅު ޝަލީންގެ ހިތް ރޯލިއެވެ. އިތުރަށް އެންމެ ވަގުތުކޮޅަކަށްވެސް އެތާގައި މަޑުކުރާކަށް އޭނަ ބޭނުމެއްނުވިއެވެ.

“ޝަލީން… މިއީ ދަރިފުޅާއިވެސް ގުޅުންހުރި ވާހަކައެއް… ދަރިފުޅުވެސް ހުރެގެން މިވާހަކަ ދައްކަން މަންމަ ބޭނުމީ…” ޝަލީން ދުރަށްހިނގައިގަތުމާއިއެކު މިލީނާ ސޯފާއިން ތެދުވެ ޝަލީންގެ އަތުގައި ހިފަހެއްޓިއެވެ. އެއާއިއެކު ޝަލީންގެ ޖަވާބަކަށް ބެލުމެއްވެސްނެތި ޝަލީން ގެެނެސް އޭނަގެ ގާތުގައި ބައިންދަމުން މިޙުރާންއާއި ދިމާލަށް ބަލާލިއެވެ. އޭރު ބޭރަށްދާން ތައްޔާރުވެގެން ނިކުތް ޝަޔަމްވެސް ލިވިންރޫމްގައި ތިބި މެހެމާނުން ފެނިފައި ސޯފާތައް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ޝަޔަމް ކައިރީ ލައިޝާވެސް ހުރީ ދެކެވެން އުޅޭވާހަކަތައް އަޑުއަހަން ކެތްމަދުވެފައިވެއެވެ. ޝަޔަމްގެ ފަރާތުން ޝަލީންގެ ހުރިހާކަމެއްހެން އިނގިފައިވާތީވެ އުފާވެރިހަބަރަކަށް އޭނައަށް އިންތިޒާރުކުރެވެމުންދިޔައެވެ.

“އިޔާނާއަށް ފަހަރެއްގައި ނޭނގިއޮވެދާނެ… އަހަރެމެންގެ ދެކުދީންނަށް އަހަރެމެންނަށް އެންގުމަކާއިނުލާ ވަނީ ވަރަށްބޮޑު ގޯހެއްހެދިފައި… އެކަންއެހެން ވާންޖެހުނީ ދެފަރާތުންވެސް އެކުދީންނަށް އެއްބާރުލުމެއް ނުލިބުނީތީކަމުގައި ހުދު އަހަރެންވެސް ޤަބޫލުކުރަން.. އެކަމަކު ކޮންމެ ނިޔަތެއްގައި ކުރިނަމަވެސް އެއީ ރަނގަޅުކަމެއްނޫން… އަހަރެން ހަމައެކަނި ޝަލީން ކުށްވެރިކޮށްގެން ނިންމާލަނީކީ ނޫން… އަހަރެންގެ މަޔާންވެސް ކުރީ ކުށެއް… ވެދާނެ އަހަރެމެން މިވާހަކަދެއްކުމަކީ އެންމެ ރަނގަޅުގޮތަށް ނުވަދާނޭކަމަށް… އެކަމަކު ދަރީން ހަމަމަގަށް އަޅުވަން ތިބޭނީ މައިންބަފައިން… އެއްވެސް ހާލެއްގައި އެކުދީން ކުށްވެރިކުރުމެއްނޫން މަޤްސަދަކީ… ހެދިފައިވާ ގޯސްތައް ރަނގަޅުކުރުމަށް ފުރުސަތުދޭން އަހަރެމެން ބޭނުންވަނީ…” މިޙުރާންގެ ވާހަކަތަކާއިއެކު އެންމެންގެ މޫނުމަތީން ފާޅުވި ހައިރާންކަމުން ޝަލީންގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއްޖަހާލިއެވެ. މިޙުރާންގެ ދުލުން ބޭރުވެގެންދާން އުޅެނީ ކޮންހަޤީގަތެއްކަން ނަގައިގަނެވުނު ހިނދުކޮޅު ޝަލީންއަށް ނޭވާހިފަހައްޓާލެވުނެވެ. އެވަގުތު އޭނައަށް އިހުސާސްވީ މިލީނާ އޭނަގެ އަތުގައި ހިފަހައްޓާލިކަމެވެ. ނަފްސަށް އަތްގަދަކުރަން ތައްޔާރުވި ބިރުވެރިކަން ގުނަވަންތަކަށް ފޭދިގެންދިޔުމުގެ ކުރީން ޝަލީން ފުންނޭވާއެއްލަމުން ލޯމަރާ ހުޅުވާލީ އެ ހަޤީގަތާއި ކުރިމަތިލާން ތައްޔާރުވީފަދައަކުންނެވެ. އެއީ މިއަދު ނޫނީ މާދަމާ އޭނަގެ އާއިލާގެ ކުރިމަތީ ހާމަވެގެންދާނޭކަމެއްކަމަަށް ހުދު އޭނާވެސް ޤަބޫލުކުރެއެވެ. އެހެންނޫނަސް ދަރިފުޅު ދުނިޔޭގައި ނެތަސް ދަރިފުޅުގެ ނަސްލު އޮޅިފައި އޮތުމަކީ އޭނަ ބޭނުންވާގޮތެއްނޫނެވެ.

މިހުރާންގެ ވާހަކަދައްކަވަމުންދިޔަވަރަކަށް ލިވިންރޫމްގެ ތެރެއަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވަމުންދިޔައެވެ. ކަންފަތަށް އިވެމުންދިޔަ ވާހަކަތައް އަޑުއަހަން ނުކުޅެދޭހާލު އެންމެންގެ ނަޒަރު އަމާޒުވީ ޝަލީންގެ މޫނަށެވެ. އެނަޒަރުތަކުން އޭނައަށް ކުރިމަތިކުރުވި ސުވާލުތަކަށް ދޭނޭ ޖަވާބެއް ނޭނގުނުހިނދު ޝަލީން އިސްޖަހާލިއެވެ.

މިޙުރާންގެ ވާހަކަކޮޅު ނިމި ތަނަށްވެރިވެގެން ދިޔަ ހިމޭންކަމަށްފަހު އިތުރަށް ބުނާނޭ އެއްވެސް އެއްޗެއް އެކަކުގެ ދުލަކަށްވެސް ނައެވެ. ބަހެއް ބޭރުކުރަން ނުކުޅެދުނުހާލު އިޔާނާވެސް އުނގުމަތީ ބާއްވާލެވިފައިވާ ދެއަތްތިލައަށް ނަޒަރު ތިރިކޮށްލިއެވެ. ޝަޔަމްގެ ނަޒަރު ޝަލީންގެ މޫނަށް ހުއްޓުނުވަގުތުކޮޅަކަށްފަހު އޭނައަށް ދުރުބަލާލެވުނީ ދުލަށް ބަހެއް ގެންނަންވެސް ނުކުޅެދިގެންނެވެ. ކޫރުމެއްވެސް ނޭޅި އުފާވެރިކަމުގައި ޒުވާންވެގެން އަންނަން އޭނަ އެދުނު ކޮއްކޮގެ ހިތަކީ ޒަހަމްވެ ލޭކޮށިފައިވާ ހިތެއްކަމެއް މިވީހާތަނަށްވެސް އޭނައަކަށް ނޭނގުނެވެ. އުމުރުގެގޮތުން އޭނައަށްވުރެ ކިތަންމެ ތަނެއް ހަގަސް އެކޮއްކޮ ކަޑައްތުކޮށްފައިވާ ވޭންތަކަކީ އޭނަގެ ދިރިއުޅުމުގެ ދިގު ރާސްތާތަކުގައި އެންމެ ފަހަރަކަށްވެސް ކުރިމަތިލާން ޖެހުނު ކަންކަމެއްނޫނެވެ. އޭނަ ހީކުރިވަރަށްވުރެ ޝަލީންގެ ހަޔާތުގެ ސޮފްހާތައް އަޑިގުޑަންވެފައި ވޭނީއެވެ. އެވާހަކަތައް އަޑުއިވުމަށްފަހު އޭނަގެ ހިތުގައިވެސް ރިއްސާލައިފިއެވެ. ކޮއްކޮގެ އަމަލުތަކުން މާޔޫސްވުމުގެ ބަދަލުގައި އޭނަގެ ހިތަށް ތުރާދިނީ އެ ހިތާމަތަކެވެ.

“ކީކޭ ބުނާނީ ތިއީ އެއްވެސް ވަރަކަށް އަޅުގަނޑުމެންނަށް އިނގިފައިވާ ކަންކަމެއްނޫން… އިޝާރަށް އިނގިހުރެ ހުރިހާކަމެއްކުރިޔަސް އަޅުގަނޑަކީ އެފަދަ މީހެއްނޫން… އެންމެ ފުރަތަމަ ދުވަހު އިނގުނު ނަމަވެސް މިކަން މިހިސާބަށް އަޔަނުދޭން ކުރެވެން ހުރި ހުރިހާކަމެއް އަޅުގަނޑު ކުރީމުސް…” އިޔާނާ ވާހަކަދެއްކިއިރު އިސްއުފުލާ ބަލާލުމަށް އެންމެ ފަހަރަކުވެސް ގަސްދެއްނުކުރިއެވެ. ފަރަޤުގެ ގޮތުން މިޙުރާންގެ އާއިލާއާއި އެއާއިލާ އަޅާނުކިޔޭނެކަން އޭނައަށް އިނގެއެވެ.

“އަމިއްލަ ނަފްސުކުށްވެރިކުރުމުގެ ބޭނުމެއްނެތް… އަހަރެމެން މިއައީ ތިދެމައިން ކުށްވެރިކުރާކަށްނޫން… ކުރެވިފައިވާ ގޯސްކަންކަން ހަމަމަގަށް އެޅުވުމުގެ ފުރުސަތު އަހަރެމެންނަށް އެބައޮތް… އެކަމަށްޓަކައި އަހަރެން މިއައީ… އަހަންނާއި މިލީނާވެސް ބޭނުންވަނީ ޝަރުއީ ހަމަތަކުގެ މަތީން އަހަރެމެންގެ ދަރިފުޅާއި ޝަލީން ގުޅެން… މިއީ އަހަރެމެން ދެމަފިރިންނާއި އަހަރެމެންގެ ދަރިފުޅުގެވެސް ވަރަށް ބޮޑު އެދުމެއް…” މިޙުރާން އިއްވާލުމާއިއެކު ޝަލީންއަށް ބަލާލެވުނީ އެ ޖުމްލަތަކުން ސިހިގެންދިޔަފަދަ ގޮތަކަށެވެ. އިޝާރުގެ ކުށްވެރިކަން ހާމަވެގެންދިޔުމަށްފަހު މަޔާންގެ މައިންބަފައިން އޭނަގެ ފަރާތުން އެފަދަ ކަމަކަށް އެދިދާނެކަމަށް ޝަލީން އުއްމީދެއްނުކުރެއެވެ. އޭނަގެ މޫނުމައްޗަށް އެތައް ކުލަވަރުތަކެއް އަރާފޭބީ ހިނދުކޮޅު މިލީނާ އޭނަގެ މޫނުގައި އަތްހިންގާލަމުން ހިނިތުންވެލީ އެ ބަސްތަކުގެ ޔަޤީންކަން ދެމުންނެވެ.

“ތިކަމާއިމެދު އަޅުގަނޑު ބުނާނީ ކީކޭ… މަޔާންއަކީ ކޮންމެ މަންމައަކުވެސް އެމީހެއްގެ އަންހެން ދަރިފުޅަށް ދަރިފުޅަށް ހޯދައިދޭން ބޭނުންވާނެހާ ފުރިހަމަކުއްޖެއް…. އަނެއްކޮޅުން ތިއީ އަޅުގަނޑުގެ ޝަލީންގެ ހިތުގެ އެދުން… އިޝާރު ދިޔުމުގެ ކުރީން އެދަރިފުޅު ބޭނުންވާ ފަރާތަކާއި ގުޅުމުގެ ހުއްދަ ދެއްވާފައި އޮތީ… އެކަމަކު އިސްވެ ތިވާހަކަދައްކާނެ ހައިސިއްޔަތެއް އަޅުގަނޑުމެންގެއެއްނެތް… ހިތަށް އަރާ މިޙުރާންމެންފަދަ ބޭފުޅުންނާއި އަޅުގަނޑުމެން ކުފޫހަމަވެގެންވޭބާވައޭ…” އިޔާނާގެ ކޮންމެ ބަހަކުން ހާމަވީ އިޝާރު ކުރިކުށުގެ ޒިންމާ އިޔާނާ އަމިއްލައަށްވެސް ނަގާކަމެވެ. އެ ޖުމްލަތަކާއިއެކު ޝަލީންއަށް ތުންފަތުގައި ދަތްއަޅާލެވުނުއިރު ޝަޔަމްގެ ލޮލަށްވެސް ކަރުނަގިނަވެލައިފިއެވެ. ފެށުނީއްސުރެ މިޙުރާންގެ ކުޑައާއިލާއަކީ މީހުން އިހުތިރާމްކުރާ ޤަދަރުވެރި އާއިލާއެއްކަން ނުދަންނަ އެކަކުވެސް އެތަނަކު ނެތެވެ. ޝަރުއީ ދާއިރާގައި މަތީ މަޤާމުތަކެއް ފުރަމުންއައި މިޙުރާންއަކީ ރާއްޖޭގެ ރައްޔިތުންގެ ލޯބި ހޯދި ފަރާތެކެވެ. އަމިއްލަ މަސައްކަތަށް މިޙުރާން އަނބުރިލެއްވި ހިސާބުން ދެދަރީން ބައްޕަ ހޯދި މަޤާމު ދެމެހެއްޓިއެވެ.

“އަހަރެމެން އެންމެންނަކީވެސް އިންސާނުން… އަހަރެމެންގެ ވެރިއިލާހުގެ ހަޞްރަތުގައި އަހަރެެމެން ހަމަހަމަވެގެންވާއިރު އަމިއްލައަށް ދަރަޖަ ތަފާތުކުރަން އަހަރެމެންމީ ކޮންބައެއް… ފަރަޤުގެ ވާހަކަނުދައްކާ… ޤައިމުވެސް އަހަރެމެން އެގޮތަކަށްނުދެކެން… އަދި ތިދެމައިން ކުށްވެރިއެއްވެސް ނުކުރަން… ކުށްވެރިންނަށް ކަމާއިބެހޭ ފަރާތުން އަދަބުދެއްވާނެ… ކަމާއި ނުގުޅޭމީހުންނަށް ދަތިކުރުމަކީ ވިސްނުން ހަނިކަން… އެއްވެސްމީހަކަށްކުރެވޭނެކަމެއްނޫން… އިޝާރުގެ ސަބަބުން އަހަރެންގެ އެކުވެެރިޔާ ބީވެދިޔަޔަސް އެހާ ވިސްނުން ހަނިމީހަކަށްވާކަށް ބޭނުމެއްނޫން…” މިޙުރާންގެ ވާހަކައިން ހާމަވެގެން ދިޔައީ މިޙުރާންގެ ހިތްތިރިކަމެވެ. ކަންކަމާއިމެދުގައި މިޙުރާން ގެންގުޅުއްވާ ނަޒަރިއްޔާތުގެ ފުރިހަމަކަމެވެ.

“އިޔާނާ… ތަފާތުކުރުންތަކަކީ އެއްވެސް އިރެއްގައި އަހަރެމެން ތަރުހީބުދިންކަންކަމެއްނޫން… އަހަރެމެންގެ ދަރިއަކާއި ތަފާތުނުކޮށް އަހަރެން ޝަލީ ގެންގުޅޭނަން… އަހަންނަށް އިޔާނާގެ މިދަރިފުޅުދީ… މިއީ އަހަރެންގެ މަޔާންގެ އުފާވެރިކަމަކީ…” ޝަލީންގެ އަތުގައި ހިފަހައްޓާލަމުން އިޔާނާ ގާތުން މިލީނާ އެދުނެވެ. އޭނައަށް ދެފިރިހެންދަރީންގެ ނިއުމަތް މިންވަރުކުރައްވާފައިވާއިރު އެ ހަޔާތުގައި އަންހެންދަރިއަކު ނެތުމުގެ ފަޅުކަން ފުރައިދެން ކުދީންގެ ކައިވެނިވެވޭ ކުއްޖަކު ގެއަށް އަންނާނޭ ދުވަހަކަށް އިޔާނާ ނުހަނު އުއްމީދުކުރެއެވެ. އަމުދުން އެކުދީންނަކީ ދަރީންގެ އުފަލަށްވާއިރުއެވެ.

“ޝަލީ ބޭނުންވާގޮތެއް ތިކަމުގައި އޮންނާނީ…” އިޔާނާ ހިނިތުންވެލަމުން ޝަލީންއާއި ދިމާލަށް ބަލާލިއެވެ. މިލީނާއާއި މިޙުރާންގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު އޭނަގެ ހިތަށް ޔަޤީންކަމެއް ލިބިގެން ހިނގައްޖެއެވެ. އޭނައާއި އިޝާރު ފަދައިން މިލީނާއާއި މިޙުރާން ޝަލީންގެ ދެވަނަ މައިންބަފައިންނަށް ވާނޭކަމުގެ ޔަގީންކަން އޭނައަށް އެބައޮތެވެ.

“ދަރިފުޅު.. މަންމަ މިއަދު ޝަލީގެ ފަރާތުން އެދެން މިއުޅެނީ ވަރަށްބޮޑުކަމަކަށް… ދަރިފުޅު މަންމައަށް މިކަން ކޮށްދޭނެކަމަށް މަންމަ އުއްމީދުކުރަން… މަންމަގެ މަޔާންގެ އުފާވެރިކަން ހޯދައިދީ… އެއުފާވެރި ކަމަކީ ޝަލީ ނޫން ދެވަނަ ކަމެއްނޫން… މަންމަގެ މަޔާން އޭނަގެ ޝަލީދެކެ ވަރަށް ލޯބިވޭ… ދަރިފުޅާއި ވަކިވާންޖެހިދާނެއަތީ އެދަރިފުޅު އެއަޅާ ކަރުނަތައް ދެކުމަކީ މަންމައަށް ކެތްވާވަރުގެ ކަމެއްނޫން… ދަރިފުޅު ތިއީ މުޅި އެވަރޓަންގެ އުފާވެރިކަން… ދަރިފުޅާ… ބުނޭ މަޔާންގެ ބައިވެރިއަކަށްވާނަމޭ… މަންމައާއިއެކު މަންމަގެ ދަރިއެއްގެ ގޮތުގައި އެގެއަށް ދާނަމޭ…” އިޔާނާ ޝަލީންގެ ކަނދުރާދަށަށް އަތްލައްވާލަމުން މޫނު މައްޗަށް ހިއްލާލުމަށްފަހު އެ މޫނަށް ނަޒަރު ހުއްޓާލިއިރު އެ ލޮލުގައިވީ އެކަމަށް އެދޭވަރެވެ. ކަރުނަ ގިނަވެފައިވާ ދެލޮލުން ބަލާލަމުން މިލީނާ ބޯޖަހާލީ އެކަމާއި ރުހެދޭށޭ ބުނާފަދަ ނަޒަރަކުންނެވެ. އެވަގުތުކޮޅު މިޙުރާންގެ ލޮލުންވެސް ފެނިލީ އެއްގޮތް އަސަރުތަކެކެވެ. ހިނދުކޮޅެއް  ވަންދެން ޝަލީން ހަރާކާތެއްނުކޮށް އިނދެފައި ވަކިވަކީން އޭނާގެ އާއިލާގެ މެންބަރުންގެ މޫނުތަކަށް ބަލާލިއެވެ. ކޮންމެ ލޮލަކުންވެސް މިއަދު ފާޅުވަމުންދިޔައީ އުފާވެރިކަމެވެ. ޝަލީންއާއި ނަޒަރު ހަމަވުމާއިއެކު ފުން ހިނިތުންވުމަކާއިއެކު ބޯޖަހާލަނީ އުފާތަކާއި ދިމާލަށް ދާށޭ ޝަލީންގާތު ބުނާފަދަގޮތަކަށެވެ. ދެލޯ މަރާލަމުން އުފާވެރިކަމުގެ ކަރުނަތައް ކޯތާފަތްމައްޗަށް ބަންޑުންވެގަތްވަގުތު ޝަލީން ޖަވާބެއްގެ ގޮތުގައި ބޯޖަހާލިއެވެ. އެއާއިއެކު ލުއި ހުނުމުގެ އަޑަކާއިއެކު މިލީނާ ޝަލީން ގެނެސް މެޔާލައި ބޮޑިކޮށްލިއެވެ. މިޙުރާންވެސް ހިނިތުންވެލައްވަމުން ޝަލީންގެ ބޮލުގައި ފިރުމާލެއްވިއެވެ.

އިރުއޮއްސެން ގާތްވެފައިވަނިކޮށް ޝަޔަމްގެ ފަރާތުން ލިބުނު މެސެޖާއިއެކު އޮފީހުން ނިކުތްގޮތަށް މަޔާން މިޑޯވިއުއާއި ދިމާލަށް ކާރުދުއްވާލިއެވެ. ކުއްލިގޮތަކަށް ޝަޔަމް އޭނައަށް ގުޅާފައި ބައްދަލުކުރަން އެންގި ސަބަބެއް ވިސްނައިނުގަނެވިގެން މަޔާންގެ ހިތުގައި ހިސާބެއްގެ ނުތަނަވަސްކަމެއް އުފެދިފައިވިއެވެ. ޝަޔަމްއަކީ ވަކީލަކަށްވާތީ އިޝާރުގެ ކަންތަކާއި އޭނައާއި މަޝްވަރާކުރަން ބޭނުންވަނީ ހެއްޔެވެ؟ ނޫނީ ޝަލީންއާއި އޭނައާއިދެމެދު އޮތް ގުޅުން ޝަޔަމްއަށް އިނގުނީބާވައޭ މަޔާންގެ ހިތަށްއަރާ އޭނަ ހިސާބަކަށް ފަސްޖެހުނެވެ.

ގޮތެއް ނުނިިމި ހޭދަވެގެންދިޔަ ވަގުތުކޮޅަކަށްފަހު ކާރު މިޑޯވިއުއާއި އަރާހަމަވުމާއިއެކު ކާރުން ފޭބިގޮތަށް މަޔާންއަށް އެގެއާއި ދިމާލަށް ފިޔަވަޅުތައް ނެގުނީ ނުކެރިފައިހުރެއެވެ. ގޭގެ ބޮޑުދޮރާއިހަމަވެ އޭނައަށް ބެލްޖެހުނުއިރު އަތާއި ހަށިގަނޑު ފިނިވެފައިވެއެވެ. ދެވަނަ ރިންގްގެ އަޑާއިއެކު ޝަޔަމްގެ އަންހެނުން ލައިޝާ އައިސް ދޮރުހުޅުވާލުމުން އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު މަޔާންގެ މޫނަށް ހައިރާންކަންވެރިވެގަނެއްޖެއެވެ. އޭނަގެ ނަޒަރު ވަގުތުން ސޯފާގައި ތިބި ދެމޫނަށް ހުސްކޮށްލެވުނުއިރު މިޙުރާން އަތުގެ އިޝާރާތުން ގާތަށް އައުމަށް އެންގެވީއެވެ. އެއާއިއެކު މަޔާން އެދިމާލަށް ފިޔަވަޅު ނަގަންފެށިއިރު އޭނައަށް ފާހަގަކުރެވުނީ މިޙުރާންގެ މޫނު އަލިވެ އުޖާލާވެފައިވީވަރެވެ. މިލީނާގެ މޫނުމަތީވީ މައުނަވީ ހިނިތުންވުމެވެ.

“ބައްޕަމެންނަށް ކޮށްދެވޭނެވަރެއް ކޮށްދީފިން ޔާން… ތާރީޙެއް ކަނޑައެޅުމަކީ ދަރިފުޅުމެންގެ އަތްމަތީ އޮތްކަމެއްދޯ… ނޫނީ ތާރީހެއްވެސް ބައްޕަމެން ކަނޑައަޅަންވީތަ؟” މިޙުރާން ނުހަނު ބޮޑަށް ހިނިތުންވެލައިގެން އިންނަވާފައި ދަރިފުޅާއި ދިމާކޮށްލެއްވިއެވެ. މަންމައާއި ބައްޕަ މިޑޯވިއުއިން ފެންނަން ޖެހޭ ސަބަބެއް ނުވިސްނިފައި ހުރި މަޔާންއަށް މިޙުރާންގެ ވާހަކަ ނަަގައެއްނުގަނެވުނެވެ.

“ސާބަސް… ބޮޑުވެގެނެއްނޫންތަ ދަރިފުޅު ކައިވެންޏެއްކުރަން ތިއުޅެނީކީ… އަދި އެވެސް ދެވަނަ ފަހަރަށް…” މިލީނާ ތެދުވިގޮތަށް މަޔާންގެ އަތުގައި ހިފަހައްޓައިގެން އައިސް ޝަލީން ގާތުގައި ބޭންދިއެވެ. އޭރު މިލީނާ ބުނެލި ޖުމްލަތަކުން އެންމެންގެ މޫނަށް ހިނިތުންވުމެއްގެ އަސަރު ގެނެސްދީފައިވިއެވެ. އެ ޖުމްލަތަކުން މަޔާންގެ ސިކުނޑީގެ މަސައްކަތް ހުއްޓާލުމަށްފަހު ހިނގައިގަތްއިރު އޭނައަށް ޝަލީންގެ މޫނަށް ބަލާލެވުނެވެ. އެވަގުތު ޝަލީންގެ މޫނަށް ވެރިވި ރަތްކުލައިން މަޔާންއަށް ޖަވާބުލިބިގެންދިޔައިރު އޭނަގެ ދެލޯވިދާލިއެވެ. އެ ހިނދުން އެ ހިނދަށް ޝަލީން ގެނެސް އެއަތުތެރެއަށް ލަމުން އުފާފާޅުކުރަން ހިތްއެދުނަސް މަޔާން ކެތްތެރިވެލިއެވެ. ޝަލީންގެ އަތުގައި ހިފާލަމުން ބައްޕަމެން ދައްކަވަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދިނެވެ.

ދެއާއިލާގެ ދެމެދުގައި ދެކެވިގެންދިޔަ ވާހަކަތަކަށްފަހު ދެއާއިލާ ވަކިވެގެންދިޔައީ ކައިވެނިކުރާނޭ ތާރީޙެއް ކަނޑައަޅާފައެވެ. އަދި ކައިވެންޏަށްޓަކައި ކުރަން ޖެހޭކަންކަން ވީހާވެސް އަވަހަކަށް ފަށާނޭކަމުގެ ޔަގީންކަންދީފައެވެ.

*** *** *** *** *** ***

އިރާދަމުގެ ވަގުތުތައް ނިމިގެންގޮސް ރަތްވިލާތަކުގެ އަސަރު އުޑުމަތީން އެކީހެން ފުހެވިގެންދިޔައިރު  ވިއްސާރައިގެ އަސަރެއްވެސް ނެތި ކަޅުކުލައިގެ ބިއްލޫރިކޮޅެއްފަދަ އުޑު އޮތީ ނުހަނު ރީތިކޮށެވެ. އެހެން ރޭތަކާއި ހިލާފަށް އުޑުމަތީ ތަރިތައް ގިނަކަމުން އަރަމުން އައި ހަނދުގެ އަލިގަދަކަމަށްވެސް ހިޔަނި އަޅާފައިވާފަދައެވެ. މަޑުމަޑުން ޖެހެންފެށި ފިނިވައިރޯޅިތަކުން ޖައްވު ފިނިވާންފެށިއިރު ބަނޑިބަނޑި ލައްވަމުން އައިސް ހުދުފަސްގަނޑުގައި ބީހިލާ ރާޅުތަކުގެ ލުއި އަޑު އިވެމުންދިޔައީ މިޔުޒިކެއް ފަދައިންނެވެ. ލެވެންޑަރ އަދި ހުދުކުލައިގެ ވެނީލާ އުއްބަތީގެ ރޫހަށް ފިނިކަން ލިއްބައިދޭ ވަސް ލޮނުގެ ވަހާއި އެކުވަމުންދިޔައިރު ވައިރޯޅިތައް ހުޅުކޮޅުތަކަށް ގޯނާކުރަމުންދިޔަގޮތުން ހިޔަނިތައްވެސް ނަށަމުންދިޔައެވެ.

ދުރަށްދެމިފައިވާ އުއްބައްތީގެ ސިލްސިލާއިން ހުޅުދާންވެފައި ފަސްގަނޑުގައި ތިބިގެން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށްފަހު ހައިޒަލްއާއި ނައިނާ ހޭޅިފަށަށް ފޭބިއިރު އެއްވެސް އަލިކަމާއި ނުލާވެސް ހަނދުގެ އަލިން އެތަން ދިއްލާލައިފައިވެއެވެ. ރިވެލިތައް އުފައްދަމުންދިޔަ ލޮނުގަނޑަށް އެރަން އަލި ވިދަމުންދަނީ ހުވަފެނީ ގޮތަކަށެވެ. މަދުންނޫނީ ލޮލަށް ނުފެންނަ އެ ހިތްގައިމު މަންޒަރަށް ހިތްދޫކޮށްލައިގެން ހުއްޓާ ހައިޒަލްގެ ދެއަތް ނައިނާގެ ހަށިގަނޑުގައި ވަށާލަމުން އެ ތުނި ހަށިގަނޑު އެ ތަނަވަސްމޭގައި ލައްކޮށްލައިފިއެވެ. އެވަގުތު ވައިރޯޅިތަކުން ގެނެސްދިން އެހަށިގަނޑުގެ މީރުވަހާއި ލާމެހިގެންދިޔުމަށް އެދި ނައިނާ ލޯމަރާލިއެވެ. އެދެއަތުގެ ހިމާޔަތް އޭނައަށް އިހުސާސްކުރެވޭ ކޮންމެ ހިނދަކު ހުވަފެނެއް ފަދައިން އެވަގުތުކޮޅު ދެމިގެންދާން އޭނައަށް އެދެވެއެވެ. އެއިން ކޮންމެ އަމަލަކުން ހިތުގައިވާ ދީވާނާކަން އިތުރުވަނީއެވެ. ދުވަހުން ދުވަހަށް އިތުރަށް ހައިޒަލްއާއި ދިމާލަށް ހިތްދީލައިލަނީއެވެ.

ނައިނާގެ ނިއްކުރީން ފެށިގެން އޮމާން ކޯތާފަތާއި ހަމަޔަށް ގެެނެސްފައި ނުހަނު ބޮޑަށް ހިނިއައިސްފައި ހައިޒަލް އެ ކަންފަތްދޮށުގައި ކިޔާލި ބަސްތަކާއިއެކު ނައިނާ ވަގުތުން ހައިޒަލްއާއި ދިމާލަށް އެނބުރިލިއިރު އެލޮލުގެ ތެރެއިން ހައިރާންކަން ފާޅުވޭވޭ ހުއްޓެވެ.

“ވަޓް… ކިހިނެތް ހައިއަށް އިނގުނީ ކަޔާން އަހަންނަށް ޕްރޮޕޯޒްކުރިކަން… ވެއިޓް… ހައި އެރޭ އަޑުއަހާފައި އައިސް ދޯ އެހުރިހާ ވާހަކައެއްދެއްކީ…” ނައިނާ ދެލޯބޮޑުކޮށްލައިގެން ހައިޒަލް މޫނުގެ ކުލަވަރު ނުހަނު ފަރުވާތެރިކަމާއިއެކު ދިރާސާކުރަމުން ސުވާލުކުރިއެވެ. އޭނަގެ ތޫނު ދެލޯ ހައިޒަލްއާއި އަމާޒުކޮށްލައިގެން ހުއްޓަސް ހައިޒަލް ދައްކަން ބޭނުންވާ ކުލައެއްނޫނީ އެ މޫނުން ނުފެންނާނެކަން އޭނައަށް ކިތަންމެ ރަނގަޅަކަށްވެސް ޔަގީންވެއެވެ.

“ދެން ނައިނާ ހީކުރީ އަހަރެން އެރޭ ހަމަ ލޯބިތަކެއް އަރައިގަނެގެން ގޮސްކަމަށްތަ އެ ހުރިހާ އެއްޗެއްކިއީ…” ހައިޒަލް ނައިނާގެ ނޭފަތުގައި ހިފާލަމުން އޭނަގެ ބަސްތަކުން ނައިނާ ރުޅިއަރުވާލިއެވެ.

“އެއްބަސްނުވިޔަސް ހެވޭ… އެއްކަލަ ޖޭވާ މީހާއަށް ހަމަ ކެތްނުވީކަން އިނގޭ… މައި ޖެލަސީ ބޯއީ… ކަޔާންއަށް ޔެސް ބުނެވުނުނަމަދޯ…” ނައިނާ ރަކިގޮތަކަށް ހީނގަތުމަށްފަހު ހައިޒަލްއަށް އަތުނުވާންވެގެން ދުރަށް ދުއްވައިގަތީ ހައިޒަލްގެ އަތުން ހަމަލާއެއް އަންނާނެކަން ޔަގީންވާތީއެވެ. އޭރު ހައިޒަލް މޫނުކުނިކޮށްލައިގެން ހުރީ ނުބައިއެއްޗެއް ކެވުނު ފަދައަކުންނެވެ.

“ކަޔާންއަށް ޔެސްއޭ ބުނާށޭ… އެހެން ފިރިހެނުންގެ ވާހަކަ އަހަރެން ގާތުގައި ދައްކަނީ މަގޭ އަތުން އަނިޔާއެއްވާހިތުންދޯ… ނައިނާ އަތުނުވައްޗޭ… އިފް ޔޫ ޑޫ… ޔޫއަރ ގޮއިން ޓު ޑައި އޮން މައި ހޭންޑްސް….” ލައިގެން ހުރި ޖީންސްގެ ފައިކުރި އޮޅާލިގޮތަށް ރާޅުފަށުގައި ހުރި ނައިނާއާއި ދިމާލަށް ހައިޒަލް ދުއްވައިގަތެވެ. އެއަޑުގައިވީ އިންޒާރުގެ އަސަރާއިއެކުވެސް މޫނުމަތީވީ ހިނިތުންވުމެކެވެ. އޭނަ ނައިނާގެ ފަހަތުން ދުވެފައި ދިޔަގޮތަށް ނުހަނު ކުޅަދާނަކަމާއި ނައިނާ އެއަތުގެ މައްޗަށް އުފުލާލައިގެން ގެނެސް މަޑު ދޮންވެލިގަނޑު މައްޗަށް ވައްޓާލިއެވެ. އެއާއިއެކު ނައިނާގެ ދެފަރާތުން ރެކިނުގަނެވޭނޭ ފަދައިން އަތްވިދާލައިގެން އިނދެފައި ވެލީގެ މަޑުދާނުގައި ބުރަކަށިދަމާލީ ނައިނާގެ އަތްތިލަ އެބާރުގަދަ މުށުގެ ތެރޭގައި ހައްޔަރުކޮށްލަމުންނެވެ.

“ދެންކޮންތާކަށްދާނީ… މިފަހަރު ތިއޮތީ ރަނގަޅަށް ހައްޔަރުވެފައި ދެން ދާންޏާ ދާންޖެހޭނީ އަތް ބާއްވާފައި…” ހައިޒަލްގެ އަތުގެތެރޭގައި އޮތް ނައިނާގެ އަތަށް ބާރުވެގެންދިޔަވަގުތު ނައިނާ ހީލަމުން ބޯމަތީން ވިދަމުންދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލިއެވެ. ތަރިތަކުން އުޑުމަތި ފުރާލައިފައިވާއިރު ފަލަކުގައިވާހާ ތަރިއެއް އެދެލޯބިވެރިންގެ ބޯމައްޗަށް ޖަމާވެ ފިޔަޖަހަމުންދާފަދައެވެ. ހަނދުގެ އޭގެ ދަރުބާރުގައި ރިނދަލިކުރަމުންދިޔައީ އެދޯލިބިވެރިންގެ ލޯބީގެ ދުނިޔޭގެ ހެކިވެރިއަކަށްވަމުންނެވެ.

“އެރޭ ހައި ފުރަތަމަ ފަހަރަށް ނެއިން ކިއީ… އެންމެން ނައި ކިޔާފައި ހައި އެހާލޯބިން ކިޔާތީ ވަރަށް ޑިފަރެންޓް…” ނައިނާ ތަރިތަކަށް ނަޒަރުހުއްޓާލައިގެން އޮވެ ވާހަކަދެއްކިއެވެ.

“އަހަރެން ބޭނުންވީ އެހެން އެންމެންނަށްވުރެ އަހަންނަށް ނެއިން މުހިންމުކަން އަންގައިދޭން… ތިއީ އެހެންމީހުންގެ ނައިނާ… އެކަމަކު ހަމައެކަނި އަހަރެންގެ ނެއިން… އެ ނަމުން ނެއިންއަށް ކިޔާނެ ދެވަނަ މީހަކު އަންނާކަށް ބޭނުމެއްނުވޭ… އެއީ ހަމައެކަނި އަހަންނަށް ހާއްސަ ނަމެއް…” ހައިޒަލް ނައިނާއާއި ދިމާލަށް އެނބުރިލަމުން ނައިނާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލިއެވެ.

“އެހެންވީއިރު މިއީ މިހާރު އަހަރެންގެ ޒެލްދޯ… އިނގޭތަ… މަންމަ މިހާރު ހައި ކިޔަސް ހައިއަށް ޒެލް ކިޔަން ބޭނުންވެފައި ހުންނަކަން އިނގޭ…” ނައިނާ ވާހަކަދެއްކިއެވެ. ވިންޓަރ ބްރީޒްގައި އުޅުނު ފުރަތަމަ ދުވަސްކޮޅު ހައިޒަލްއަށް ޒެލްގެ ނަމުން ކިޔަމުން އައިސްފައި ހައިލާވަނީ ވަކިހިސާބުން ޒެލް ކިޔުން ހުއްޓާލައިފައެވެ.

“ނޯރ… އެކަމަކު ޒެލް އެނަމަކީ އަބަދުވެސް ހާއްސަ ނަމަކަށްވާނެ… ބައްޕަ ދެއްވި ނިކްނޭމްއެއް ވިއްޔަ… އެކަމް ދެން މިހާ ދުވަސްފަހުން އެހެން ނަމަކުން ކިޔުމަކީ ފަސޭހަކަމަކަށް ނުވާނެދޯ… އެންމެންނަށް އިނގިފައި އިނީވެސް ހައިގެ ނަމުން… އަނެއްކާ މިހާދުވަހު މިއުޅުނީ ހައިގެ ގޮތުގައި… އެކަމަކު މަންމަ ބޭނުންނަމަކުން ކިޔާށޭ މަންމަގާތު ބުނިން… އެހެންނޫނަސް ކޮންމެ ނަމަކުން ކިޔަސް އަހަރެން ހަމަވާނީ ހައިޒަލްއަށްދޯ… ހައިއާއި ޒެލްއަކީވެސް އެކަކެއްނު…” ހައިޒަލް ވާހަކަދެއްކިއިރު ހައިލާ ފަރާތުން އިނގިފައިވާ ބައެއް ވާހަކަތައްވެސް ނައިނާއާއި ހިއްސާކުރިއެވެ. އޭނައަށް ނޭނގުނަސް މިހުރިހާ ދުވަހު އޭނައަށް ގޮވެމުންއައި ނަން “ހައި”އަކީ އޭނަގެ ބައްޕަ ލޯބިން މަންމައަށް ކިޔަމުން އައި ނަމެވެ. އޭނަގެ ނަމަކީ މަންމައާއި ބައްޕަގެ ނަމުގެ އަކުރުތަކުން ބައްޕަ ހޯދިނަމެކެވެ. އޭނައަށް ދިމާވި ކަންތަކަށްފަހު އޭނައަށް އެނަން ކިޔާ ހަރުކުރީ ދޮންތަ ޝާދީންއެވެ. ނަމުންވެސް ހަނދާން އާވެދާނެއަތީ އެ ހިސާބުން ޒެލްގެ ނަން ފޮރުވަމުން އެހެންނަމެއްގައި އޭނަ ދުނިޔެއަށް ނޭވާލެއްވީއެވެ.

މާޒީގެ ވާހަކަތައްދެކެވެމުންދިޔަ ވަގުތުކޮޅު ކުރިމަގަށްކުރެވޭ އުއްމީދުތައްވެސް ހައިޒަލް ނައިނާއަށް ހިއްސާކުރިއެވެ. އޭނަ މިހާރު އިންތިޒާރުކުރަނީ މައްސަލައިގެ އަޑުއެހުންތައް ނިމި އޭނަގެ ބައްޕަގެ ޤާތިލުންގެ މައްޗަށް ހުކުމް އިއްވޭނޭ ދުވަހަކަށެވެ. އެދުވަހަކަށްޓަކައި އޭނަ ނުހަނު ގިނަކަންކަން ކުރަން ރާވައިފައިވެއެވެ. އެއްވެސް މީހަކާއި އަދި މަޝްވަރާނުކުރިޔަސް ދިރިއުޅުމަށް ބަަދަލުތަކެއް ގެންނަން އޭނަ ވިސްނަމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. އެއީ އެންމެވެސް މަރުހަބާކިޔާނޭ ކަމެއްކަމުގެ ޔަގީންކަން އޭނައަށް ނުހަނު ބޮޑަށް ލިބިފައިވެއެވެ.

2 ހަފްތާ ފަސް

ކޯޓުގައި ކުރިއަށްދިޔަ އޭ.އެޗް.ފިނޭންޝިއަލްގެ މައްސަލަ އެންމެ ބާރުމިނުގައި ކުރިއަށްގޮސް ނިމިގެންދިޔައީ ކުށްވެރިންގެ މައްޗަށް ކުށް ސާބިތުވެ ހައްޤަށް ނަސްރު ލިބިގެންނެވެ. އެ އަމަލުގައި މައިގަނޑުގޮތެއްގައި ބައިވެރިވި ހުރިހާ ފަރާތަކަކަށް އަދަބުލިބިގެންނެވެ. ނުހަނު ބާރުމިނުގައި ކަންކަން ނިއުޅެމުން ހޯދަމުންދިޔަ ވަގުތު މާހިލްގެ ފަރާތުން ލިބުނު ހެކިބަހުން ނުހަނު ބޮޑު ކުރިއެރުމެއް ތަހުޤީޤަށް ލިބިގެންދިޔައެވެ. އެއީ އައްމާރާއި ދެކޮޅަށް ހުށަހެޅިގެންދިޔަ އެންމެ ބާރުގަދަ ހެކިވެސްމެއެވެ. މާހިލްގެ ދުލުން ތަފްސީލުކަމާއިއެކު އައްމާރުގެ އަމަލުތައް ފާޅުވެގެންދިޔައިރު އެތަށް ބަޔަކު މަޅިއަށް މޮހިގެންދިޔައެވެ. މަޤާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ތުހުމަތުގައި ރީހާންއާއި ރިޔާޒުވެސް ހައްޔަރުކުރެވިގެންދިޔައީ މަޔާން ހޯދިހޯދުންތަކާއިއެކު މާހިލްދިން ހެކިބަހުގެ އެހީގައެވެ. އޭރު މަޑުމަޑުން ހާމަވަމުންދިޔަ ހަޤީގަތްތަކާއި ނުގުޑާފަދަ އަޒުމެއްގައި ހުރި މަޔާން ނުހަނު ހޫނުވެފައިވިއެވެ. އޭނަގެ އަޒުމަކަށްވެފައިވީ ރީހާންއާއި ރިޔާޒަށްވެސް ދެވެން އޮތް އެންމެ ބޮޑު އަދަބެއްދިނުމެެވެ. ރިޔާޒުމެން ކަހަލަ ދެފުށްކެހެރީންނަކީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށްވެސް ހުރި ލަދެކެވެ. އިންސާފު ހޯދައިދިނުމުގެ ނަމުގައި ރިޝްވަތުގައި ހިފައިގެން ރިޔާޒު ހަލާކުކޮށްލީ ގުނާއަދަދުނުވާހާ މީހުންގެ ދިރިއުޅުމެވެ. ވައްޓާލީ ޝަރުއީ ދާއިރާގެ އަގެވެ. އިސްމަޤާމުތަކުގައި ތިބުމުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގައިގެން އެފަރާތްތަކުގެ އަގުވައްޓާލީ ނުބައި މީހުންނަކީ އެއީއެވެ.

މައްސަލައިގެ ހުކުމް އިއްވުމުގެ ކުރީން ބޭއްވިގެންދިޔަ އަޑުއެހުމުގައި މަޔާން އެންމެ ފަހަށް ހުރި ހެކިތައް ހުށަހަޅަމުންދިޔައިރު އަލްހާންއާއި އިޝާރު ތިބީ ހިމޭންކަންމަތީއެވެ. އެންމެ ފުރަތަމަ ދުވަހު އެމީހުން ނިންމި ނިމުމަށް ބަދަލެއް ނުގެންނަން ނިންމައިގެންނެވެ. ކުރެވުނު ކުށާއިމެދު ލަދުވެތިނުވާހާލު ކޯޓުގެ ހުރުމަތްކަނޑަން މަސައްކަތްކުރީ އައްމާރެވެ. ހުރިހާ ދިމާލަކުން ބެނދި ސަލާމަތްވާނޭ މަގެެއް ފެނިފައިނެތްއިރުވެސް އޭނަ ބަލިޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ޤާޒީގެ ނިންމުން އަޑުއިވުމާއެކު އިރުކޮޅަކަށް ހުއްޓުންއަރާފައި ހުރެފައި ހޭވެރިކަންވީވަގުތު އޭނަ ކޯޓުގެ މާލަންތެރޭ ހަޑިހުތުރުބަސްތައް ގޮވިއެވެ. އޭނައާއި ކުރިމަތީ ފުލުހުންނާއި ހަމަނުޖެހުން ހިންގިއެވެ. ރައިހާންއަށް ހުކުމްކުރެވި އޭނަ ބެދިގެންދިޔައިރު އައްމާރުހުރީ ރުޅިން ގޮސް ހަމައިން ނައްޓާވަރުވެފައެވެ. އެންމެފަހުން  އަޑުއެހުން ނިމިގެން ކުށްވެރިިން ވޭންއަށް އަރުވަން ގެންދިޔަ ވަގުތުކޮޅު މަގުތައްމަތި ހަލަބޮލިވިއެވެ. ރިހާނާއާއި އައްމާރުގެ އަމަލުތަކުގެ ސަބަބުން އެތަށް ބަޔަކަށް އަނިޔާލިބުނެވެ. ޖަލުގެ ތޭރިތަކުގެ ތެރޭގައި ހޭދަކުރި ދުވަސްތަކަށްފަހުވެސް އެދެމީހުންތިބީ ކުށް ޤަބޫލުކުރާފަދަ ގޮތަކަށްނޫނެވެ. ދެެރަވެ ނިކަމެތިވީ ދުވަހު ކުރެވުނު ކުށްތަކާއިމެދު ވިސްނުމުގެ ބަދަލުގައި ދެމީހުންވެސް އިސްކުރީ ރުޅިވެރިކަމެވެ.

*** *** *** *** *** ***

ވާރިސުންގެ ބަހެއް ހޯދަން ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމަށްފަހު ހައިޒަލްގެ އާއިލާ ކޯޓުން ނިކުތުމާއިއެކު މީޑިއާގެ ސުވާލުތައް ހައިލާއާއި ހައިޒަލްއަށް އޮއްސާލިއެވެ. މަރަށް މަރުހިފުމަށް ނިންމައިގެން ތިބެފައި އެންމެފަހުވަގުތު އާއިލާއިން އެ ނިންމުން ބަދަލުކުރުމުން ގިނަބަޔަކަށް ހައިރާންކަމެއް ލިބިފައިވިއެވެ. އެކަމުގެ ސަބަބު ހަމައެކަނި ދެނަހުރީ މިޙުރާންގެ އާއިލާއާއި ހައިލާގެ އާއިލާގެ މެންބަރުންނެވެ. ޝާދީންއާއިމެދު ވިސްނާލައިފައި އެހާ ބޮޑު ނިންމުމެއް ނިންމަން ހައިޒަލްއާއި ހައިލާވެސް ބޭނުންނުވީއެވެ. ބޭނުންނިންމުމެއް ނިންމުމުގެ މިނިވަންކަން ޝާދީން ދިނަސް އެދެފަރާތަށް ވެސް އިސްކުރެވުނީ ޝާދީންގެ ހިތްހަމަޖެހުމެވެ. އަލްހާން އަޒްހާންއަށް ނުކުރި ރަހުމެއް ހައިލާ އަލްހާންއަށް ކުރި ސަބަބަކީ އެއީއެވެ.

ކޯޓުން ނިކުތްގޮތަށް ދެއާއިލާގެ މެންބަރުން އެކަކު އަނެކަކުގެ ގައިގައި ހިފައިގަތްއިރު މޫނުތަކުން ފާޅުވީ ހިތްހަމަޖެހުމެވެ. އެތަށްދުވަހަކަށްފަހު އެ އެންމެންގެ ލޯބިވާ ފަރާތަށް އިންސާފުހޯދައިދެވިއްޖެއެވެ. ފުރާނައިން ގެއްލުނު ފުރާނައަށް އަގުނުދެވުނަސް ޖަލުގެ ތޭރިތަކުގެ އަހުލުވެރިންނަށް އެ ނުބައި މީހުން ހެދުމުގައި ކާމިޔާބުވީކަމީ އެންމެންނަށްވެސް ލިބުނު ހަމަޖެހުމެވެ. މިއަދު ބާތިލްގެ މައްޗަށް ހައްޤު ގަދަވެގަތްފިއެވެ. އޭގެ ނޫރުން އެތަށްބައެއްގެ ދިރިއުޅުން އުޖާލާކޮށްދެމުންނެވެ. އިންސާފުގެ ފޮނި ރަހަ އަރުތެރޭގައި ލައްވައިދެމުންނެވެ.

*** *** *** *** *** ***

ނިމިގެންދިޔަ ކޯޓުގެ އަޑުއެހުންތަކާއިއެކު ހައިޒަލްވެސް ބޮޑެތި ނިންމުންތަކެއް ނިންމިއެވެ. އެގޮތުން ހައިޒަލް އެންމެ ފުރަތަމަކަމަށް “ބްލޫސް” ކޮމްޕެނީގެ ނަން ރީބްރޭންޑްކޮށް ކުރީގެ ނަންކަމަށްވާ އޭ. އެޗް. (އަޒްހާން އެންޑް ހައިލާސް) ފިނޭޝިއަލްގެ ނަމަށް އަލުން ބަދަލުކުރިއެވެ. އަޒްހާން މިއަދު ދުނިޔޭގައި ނެތްނަމަވެސް ބައްޕަގެ ހަނދާނަކަށް ހައިޒަލް ކޮމްޕެނީގެ ނަން ބައްޕައަށް ނިސްބަތްކުރަން ނިންމުމަކީ އެންމެންނަށްވެސް ލިބުނު އުފަލެކެވެ. އެއާއިއެކު ހައިޒަލްގެ ސީއީއޯގެ ގޮތުގައި އިސްވެ ހުރެގެން އަލްހާންއާއި ގުޅުން އޮންނަ ގިނަ ފަރާތްތަކެއް ވަޒީފާއިން ވަކިކޮށް ގާބިލު ފަރާތްތަށް މަގާމުތަކަށް ހަމަޖެއްސިއެވެ. އެގޮތުން ސިލްކް ކޮމްޕެނީއާއި ދެމެދު ވެފައިވާ އެއްބަސްވުންތަށް އުވާލާ އެ ކޮމްޕެނީއާއިއެކު ހަދާފައިވާ ޕާރޓްނާޝިޕް ބާތިލްކުރިއެވެ. އެއްވެސް ހާލެއްގައި އަލްހާން އަދި އައްމާރުގެ ބާރު ކޮމްޕެނީއަށް ފޯރުވިޔަނުދިނުމަށްޓަކައި އެކްޒެކިޓިކް ބޯޑްވެސް ހައިޒަލް އަލުން އެކުލަވާލިއެވެ. ބޯޑްގެ އިއްތިފާގުން ހައިޒަލްއަށް ޗެއަރމޭންގެ މަގާމު ލިބުނުއިރު ސިއީއޯގެ މަގާމަށް ހަމަޖެހިގެން ދިޔައީ ޝާދީންއެވެ. މިކްޔާލްގެ ގާތްކަމާއި ވަފާތެރިކަން ފެނި ހައިޒަލްގެ އެދުމުގެ މަތިން މެނޭޖިން ޑިރެކްޓަރަކަށް މިކްޔާލް އިސްކުރެވިގެންދިޔައެވެ. އަދި އެސް އައި ލޯވް ފާރމްގެ ބަދަލުގައި “ރައިޓް ލޯރ ފާރމް”އާއި އެކުގައި އެއްބަސްވުމެއްގައި ސޮއެކުރެވިގެންދިޔައެވެ. އެއީ ހައިލާގެ ހިތަށް ފިނިކަން ލިއްބައިދިންކަމެކެވެ. އަޒްހާނަށްފަހުވެސް ދެކޮމްޕެނީގެ ދެމެދުގައި ގާތް ގުޅުން ދެމިގެންދިޔުމަކީ ހައިލާ އަބަަދުވެސް އެދޭގޮތެވެ.

ހައިޒަލް އެންމެ އިސްކަމެއްދީގެން ވަކީލަކާއި މަޝްވަރާކޮށް އަޒްހާން ދުނިޔޭގައި ހުރިއިރު ކޮމްޕެނީގެ ޝެއަރ ޕަސެންޓްތައް ހުރިގޮތަށް އަލުން ބަދަލުކުރިއެވެ. އެތަށް އަހަރެއްވަންދެން ރިހާނާ ވެރިވެގަނެގެން އުޅުނު އޭނާގެ ހިއްސާ އަނބުރާ ހައިލާއަށް ލިބުނުއިރު އަޒްހާން ދުނިޔޭގައި ނެތުމުން ޝަރުއީ ގޮތުން އަޒްހާންގެ ބައި ލިބުނީ ހައިޒަލްއަށެވެ. ހައިޒަލްއާއި ހައިލާގެ މަޝްވަރާގެ މަތިން އަޒްހާންގެ ދުނިޔޭގައި އަލްހާންއަށް ދީފައި އޮތް ބައި ޝާދީންއަށް ދޭގޮތަށް ނިންމިއެވެ. ޝާދީންއަށް އެކަން އިނގުމުން ކިތަންމެވަރަށް ދެކޮޅު ހެދިޔަސް ހައިލާއާއި ހައިޒަލް ތިބީ އެނޫންގޮތަކަށް އެކަން ނުުނިންމަން ހުވާކޮށްގެންނެވެ. ޝާދީން އެތަށް ބަހަނާއެއްދެއްކުމަށްފަހުވެސް ހައިލާ އެދުމުން އެކަން ގަބޫލުކުރިއެވެ. އެކަމުން ހައިލާއަށް އުފަލެއް ލިބުނެވެ. ޝާދީން އަމިއްލަ ނަފްސް ކުށްވެރިކޮށްގެން އުޅުނަސް ޝާދީންގެ ކުށެއްނެތެވެ. ވީއިރު ރިހާނާއާއި އަލްހާން ކުރިކުށުގެ ޝަޒާ ޝާދީންއަށް ދިނުމަކީ އޭނަކުރާނޭ ކަމެއްނޫނެވެ.

*** *** *** *** *** ***

ދަތުރުވެރިންތަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްތެރެ ފުރިބާރުވެފައިވެއެވެ. ޑިޕާރޗަރ ގޭޓްގެ ކުރިމަތީ ބަހައްޓާލެވިފައިވާ ގޮނޑިތަކުގައި ދަތުރުވެރިންނާއި ދަތުރު އެރެހައްޓަން އައިސް ތިބި މީހުންތައް ބައިބަޔަށް އިށީދެލައިގެން ތިއްބެވެ. ބޭރަށްކުރާ ދަތުރުތަކުގެ ޗެކިން ފެށެން ވަގުތުކޮޅެއް އޮތީތީ ރެސްޓޯރެންޓްތަކަށް ބާރުއަރާފައިވެއެވެ.

ޑިޕާރޗާއަށް ވަންނަ ގޭޓާއި ކުރިމަތިވާގޮތަށް ބެހެއްޓިފައިވާ ދިގު މޭޒުގައި ވިންޓަރ ބްރީޒްގެ މެންބަަރުން ލުއި ބުއިމަކަށް އިންސާފުކުރުމުގައި ތިބިއިރު މިޙުރާންއާއި މިލީނާގެ ދެމަފިރީންނާއި، ޝަލީންއާއި މަޔާންގެ އިތުރުން ހައިޒަލްގެ އެކުވެރީންކަމުގައިވާ ޒިވާންއާއި އިޒްކާން އަދި މިކްޔާލްވެސް ހައިޒަލްއާއި ބައިވެރިވެގެން ތިއްބެވެ. ހައިޒަލްއާއި ހައިލާގެ އިތުރުން ނައިނާވެސް ހުރީ ދަތުރަށް ތައްޔާރުވެ ކޮނޑުގައި ދަބަސްތައް އަޅުވާލައިގެންނެވެ. ހަފްތާއެއްކުރީން ޝާދީން ޔޫއެސްއަށް އަނބުރާދިޔުމަށް ނިންމި ދަތުރު އެންމެފަހުން ނިމުނީ އެންމެންދާގޮތަށް ހަމަޖެހިގެންނެވެ. ހިޔާލުތަކާއި ދުރުވެލަން މާހައުލާއި ދުރުވެލަން ޝާދީން ބޭނުންވިޔަސް ހާލަތުގެ ގޮތުން ޝާދީން އެކަނި ދޫކޮށްލަން ހައިޒަލްއާއި ހައިލާއަށްވެސް އެއްބަސްނުވެވުނީއެވެ. ހައިލާ ޝާދީންއާއި ދިޔުމުގެ ހިޔާލުފާޅުކުރުމުން ހައިޒަލްވެސް ކުރުމުއްދަތަކަށް ނަމަވެސް ދަތުރުގައި ބައިވެރިވާން ނިންމީ މަންމަމެން އެކޮޅުގައި ހަމަޔަކަށް އެޅިލަންދެން އެހީވާނެ މީހެއް ނުހުންނާނެއަތީއެވެ. އެހެންނޫނަސް އޭނަގެ ފަހަތުން މިދުވަސްކޮޅު ހިޔަނިހެން އުޅޭ މީޑީއާގެ މީހުންގެ ފަރާތުން ސަލާމަތްވާން ކޮންމެވެސްކަމެއްކުރަން އޭނައަށް ޖެހިފައިވެއެވެ. އޭނައާއި ޝަލީންގެ ވަރީގެ ހަބަރާއިއެކު ނައިނާއާއިއެކު ބޭރުތެރެއިން ފެންނަން ފެށުމުން އެތައް ބައެއްގެ ސުވާލުތައް އޭނައަށް ކުރިމަތިވެފައިވެއެވެ. އޭނަގެ ޒާތީ ދިރިއުޅުމުގެ ސިއްރުތަކަކީ އެއްވެސް ފަރާތަކާއި ހައިޒަލް ހިއްސާކުރަން ބޭނުންވާކަމެއްނޫނެވެ. މަޝްހޫރުވިޔަސް އެފަދަކަންކަމުގައި އަމިއްލަ މިނިވަންކަން އޮންނަންޖެހޭނެކަމަށް އޭނަ ދެކެއެވެ.

ޗެކިން ފެށޭގަނޑި ޖެހި ޑިޕާރޗަރ ގޭޓް ހުޅުވިގެންދިޔުމާއިއެކު ދެކެވެމުންދިޔަ ވާހަކަަތައް ކުރުކޮށްލިގޮތަށް މޭޒުދޮށުން ތެދުވަމުން އެންމެން ޑިޕާރޗަރ ގޭޓާއި ދިމާލަށް ހިނގައިގަތެވެ. އެންމެން އެކީހެން ރެސްޓޯރެންޓްއިން ނިކުމެގެން އައިރު ދެކުނު ބަޔަކަށްނަމަ ހީވާނީ އެއީ އެއްއާއިލާއެއްހެންނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އެދެއާއިލާ ގުޅުން އެހާވެސް ބޮޑަށް ބަދަހިވެގެން ގޮސްފައިވެއެވެ. ކުރީގެ ބަދަހިކަން އަލުން އިޔާދަވެފައިވެއެވެ.

“މާލެ އައިސްފައި ދިމާވާންވާނެ.. އަހަންނަކަށް ނޭނގެ ޝުކުރުއަދާނެގޮތެއްވެސް… ޒޭވްއާއި ޒޭންގެ ސަބަބުން އަހަރެންގެ ހުވަފެނުން ހަޤީގަތާއި ކުރިމަތިލާން ދަސްވީ… ތޭންކްސް ބްރޯސް…” ނައިނާގެ އަތުގައި ހިފާލައިގެން އައިސް ހައިޒަލް ޒިވާންއާއި އިޒްކާންގެ ގައިގައި ހިފައިގަތެވެ. އޭނަގެ އަމިއްލަ ނަފްސު ހޯދުމުގައި އެންމެ ބޮޑަށް އެހީތެރިވެ ބަޔަކަށް އެދެޒުވާނުންވާނެއެވެ. މިއަދު ހުރިހާކަމެއް ނިމިފައިވިޔަސް އަބަދަށްވެސް އެދެމެދުގައި އޮތް ގުޅުން އެގޮތުގައި ދެމިގެންދާން އޭނަ އެދެއެވެ. ހައިޒަލް މިކްޔާލްއާއި ސަލާމްކުރަމުން ކޮނޑާއި ކޮނޑުޖެއްސިއެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނަ އަމިއްލަ ނަފްސަށް ނުކުރާ އިތުބާރު މިކްޔާލްއަށް ކުރެވިފައިވެއެވެ. އެންމެ ޒިންމާދާރު ވަޒީފާގައި ހުރެ މިކްޔާލްގެ އަތްމައްޗަށް ހުރިހާކަމެއް ދޫކޮށްލައިފައިދާން އޭނަ ކުޑަކޮށްވެސް ފަހެއްނުޖެހެއެވެ. އެއަށްވުރެ ބޮޑަށް އޭނަ މިކްޔާލްއަށް އިތުބާރުކުރެއެވެ.

“ޓޭކް ކެއަރ ބްރޯ… ކޮންމެގޮތެއް ހަދާފައިވެސް އަހަރެމެންގެ ވެޑިންއަށް އަންނަންވާނެ…” މަޔާން ހައިޒަލްގެ ކޮނޑުގައި ޖަހާލަމުން ނައިނާއާއިވެސް ސަލާމްކުރިއެވެ. އޭރު ޝަލީން ހުރީ މަޔާންގެ އަތުގައި ހިފަހައްޓާލައިގެން ހިނިތުންވެލައިގެންނެވެ. އެތަށް ގޮށްޖެހުންތަކަކަށްފަހު އެދެޒުވާނުންނަށް މިިނިވަން ކަންމަތީ އެ ގުޅުންކުރިއަށް ގެންދާނޭކަމުގެ ފުރުސަތު ލިބިގެން ހިނގައްޖެއެވެ.

މިލީނާވެސް އޭނަގެ ޒަމާންވީ ގާތްއެކުވެރިޔާގެ ގައިގައި ބައްދާލަމުން ސަލާމްކުރިއެވެ. ބާއްޖަވެރި ދަތުރަކަށް އެދެމުން ދެ މީހުން ދުރުވި ވަގުތުކޮޅު މިލީނާ ހައިލާގެ ގާތުގައި ހުރި ޝާދީންގެ އަތުގައި ހިފާލަމުން ބޮލުގައި ފިރުމާލިއެވެ. އެދަރިފުޅުގެ ކުރިމައްޗަށް އޮއްސާލާން ބޭނުންވާ ކިތަންމެ އާދޭހެއް ހުއްޓަސް މިލީނާ ހިނިތުންވުމަކުން ފުއްދާލީއެވެ. މިލީނާ ޝާދީން ކައިރިކޮށްލައިގެން ހުރިއިރު އިރުއިރުކޮޅުން ދިމަދިމާއަށް ނަޒަރު ހިންގާލަނީ މީހަކަށް އިންތިޒާރުކުރާފަދައަކުންނެވެ. އޭރު މަޑުމަޑުން ދަތުރުވެރިންތައް އެތެރެއަށް ވަންނަމުންދާތަން ފެނި އެ މޫނުމަތީން މާޔޫސްކަމެއް ފެނިލައިފިއެވެ.

ހަލުވިކަމާއިއެކު ވަގުތުތައް ފާއިތުވަމުންގޮސް ގަނޑި ކުޑަތަންވާން ގާތްވުމާއިއެކު އެންމެ ފަހުގެ ވަދާއި ސަލާމަށް އަތްހޫރާލުމަށްފަހު ހައިޒަލްގެ ކުޑައާއިލާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ހައިޒަލް ނައިނާއާއި ހައިލާ ގާތުގައި ބަހައްޓައިގެން ވަދެގެންދިޔައިރު ޝާދީން ހުރީ ތަންކޮޅެއް ފަހަތުގައެވެ. މަޑުމަޑުން ގޭޓާއި ދިމާލަށް ބަލަމުން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު ޝާދީން ފަސްއެނބުރި ބަލަމުންދިޔަގޮތުން ކޮންމެވެސް ފަރާތެއް ހޯދަނީހެން ހީވިއެވެ. އެންމެފަހުވަގުތުކޮޅު ހަމަވެގެންދިޔައރުވެސް އޭނަ އުއްމީދުކޮށްގެން ހުރި ސޫރަނުފެނުމުން އެ މޫނުމަތީން ފާޅުވި މާޔޫސްކަމާއިއެކު ފިޔަވަޅުތަކަށް ބާރުލަމުން ޝާދީން ކުރިއަށް ހިނގައިގަތެވެ. މިފަސްގަނޑާއި ވަކިވެގެންދިޔުމުގެ ޔަޒްދާންގެ މޫނު ފެންނާނެކަމަށް އޭނަ އުއްމީދުކުރިއެވެ. މުޅިއުމުރަށް ޔަޒްދާންގެ ލޯތްބާއި ދުރަށްދާން ނިންމައިގެން އުފަން ފަސްގަނޑު ދޫކޮށްދާއިރު ހިތްފުރޭވަރަށް އެ މޫނުދެކިލަން އޭނަ ބޭނުންވިއެވެ. އުމުރުގައި އެންމެފަހަރުވެސް ދެން އެސޫރަ އޭނާއަށް ފެންނާނެކަމެއް ނޭނގެއެވެ.

“ޝަވާ…” ޑިޕާރޗަރއާއި ދިމާލަށް އައި ބާރު ފިޔަވަޅުތަކެއްގެ އަޑާއިއެކު ޔަޒްދާންގެ ބާރު ހަޅޭކުގެ އަޑު އިވިފައި ޝާދީންއަށް ވަގުތުން ފަސްއެނބުރިބަލާލެވުނެވެ. އޭރު އެތާގައި މަޑުކޮށްލައިގެން ތިިބި މިޙުރާންގެ އާއިލާގެ ނަޒަރުވެސް ޔަޒްދާންއަށް ހުއްޓިފައިވެއެވެ. ނަމަވެސް އޭނަގެ ފަރުވާލެއް އެއިން އެއްވެސްކަމަކަށް ދެވިފައިނުވާފަދައެވެ. އަވަސްވެފައިވާ ނޭވާ ހަމަޔަކަށް އެޅުވުމެއްނެތި ޔަޒްދާން ދުވެލައިފައި ގޮސް އޭނައަށް ފަސްދިން ޝާދީންގެ އަތުގައި ހިފަހެއްޓިއެވެ.

“ޝަވާ ހަމަ ދަނީތަ؟” ކިތަންމެ މަޑުން ސުވާލުކުރިނަމަވެސް ޔަޒްދާންގެ އަޑުގައިވީ އަސަރަކުން ހިލައަށްވުރެ ހިލަހިތްވެސް ފޫދުއްވާލާނެއެވެ. އެ ޖުމްލަތައް ޝާދީންގެ ލޮލުން ކަރުނަ އޮހޮރާލަން މަދަދުވެރިއަކަށްވީއިރު ޝާދީން ލޯމަރާބާރުކޮށްލިއެވެ. ޔަޒްދާންގެ ސުވާލަށް ދޭނޭ ޖަވާބެއްނެތި ހިމޭންވެގެންދިޔަ ވަގުތުކޮޅު ޔަޒްދާން ޝާދީންގެނެސް މޭގައި ޖައްސާލަމުން އޭނަގެ ކޮނޑާއި ހިސާބުގައި އަތްވަށާލިކަމުގެ އިޙުސާސްކުރެވުނެވެ.

“އަހަރެން ދޫކޮށްލައިފައި ދަނީތަ… އަހަރެންގެ އާދޭސްތަކުގެ އެއްވެސް އަގެއް ޝަވާގެ ކުރިމަތީ ނެތީތަ؟ ޝަވާގެ އުފަލަށް ވިސްނުމަކީ އަހަންނަށް ކުރެވުނު އެހާވެސް ބޮޑު ކުށެއްތަ؟” ލޮލުގައި ތެރެއަށް ގިނަވާންއުޅޭ ކަރުނަތައް ގައިދުކުރަން ޔަޒްދާން މަސައްކަތްކުރަމުންދިޔައިރު ހިތްވެސް ކަރުނައަޅާ ރޮމުންދިޔައެވެ. ޝާދީން ބޭނުންވާ ދުރުމިންދޭނޭކަމަށް އޭނަ ހުވާކޮށްގެން ހުއްޓަސް އޭނައަށް ނުފެންނަ ހިސާބަކަށް ޝާދީން ދާކަށް އޭނައަކަށް ޤަބޫލެއްނުވެވޭނެއެވެ. އަމުދުން އެއީ ދާއިމީ ވަކިވުމެއްކަން އިނގޭއިރުއެވެ.

“ޕްލީޒް… އެންމެ ފަހަރަކުވެސް އަހަންނާއިމެދު ވިސްނާލަބަލަ… އަހަރެންގެ ހިތަށް ހަމަޖެހުމެއްލިބޭނޭ ޖަވާބެއްދީބަލަ… އަހަރެން އާދޭސްކުރަން…” ޔަޒްދާންގެ ދެލޮލުން ރޮނގަކަށް ކަރުނަފޭބިއިރު އެކަރުނަތައް ހުއްޓުވާކަށްވެސް މަސައްކަތެވެ. އޭނަގެ ކަރުނަތައް އިތުރަށް ފޮރުވައިގެން އުޅޭހާ ހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ. އޭނަގެ ހިތުގައިވާ ދީވާނާ ދަރަަޖައިގެ ލޯބި ފުރަތަމަ ފަހަރަށް އަންހެންކުއްޖެއްގެ ކުރިމަތީގައި އޭނަ ކަރުނައަޅާ ރޯން ޖައްސައިފިއެވެ.

“މިއަދުވެސް އަހަރެންގެ ނިންމުމަކީ އެންމެ ފުރަތަމަދުވަހުވެސް އަހަރެން ނިންމި ނިންމުން… އެ ނިންމުމަކަށް ބަދަލެއްނާންނާނެ… އިތުރަށް މަޖުބޫރުނުކުރޭ ޔަޒްދާން… އަހަރެންގެ މިހާލުގައި އުޅުނަދީ…” ޔަޒްދާން ކަރުނަތަކުން ޝާދީންގެ އެތެރެހަށި ވިރިގެންފޭބިކަމުގެ އިހުސާސްކުރެވި އޭނަގެ ނަފްސު ބަލިކަށިވެގެންދާނެކަމުގެ ވަހުމް ހިތުގައި އުފެދުނުވަގުތުކޮޅު ޝާދީން ޔަޒްދާންގެ އަތުތެރެއިން ފޮޅުވިގަތްގޮތަށް ދޮރާއި ދިމާލަށް ހިނގައިގަތެވެ. ޝާދީން ދިޔަނުދޭން އަމާޒުހިފައިގެން ހުރި ޔަޒްދާން ޝާދީންގެ ހަށިގަނޑަށް އަތްފޯރުވާލިގޮތަށް ޝާދީން ގެނެސް މެޔާލައި ބޮޑިކޮށްލިގޮތަށް އެ ހަށިގަނޑުގައި ދެއަތްވަށާލިއެވެ.

“ޕްލީޒް… އަހަރެންގެ އާދޭސްތަކަށް ރަހުމްނުކުރާހާ ހިތްހަރުނުވޭ…” ޔަޒްދާން މޫނު ޝާދީންގެ ކޮނޑުގައި ފޮރުވާލިއިރު އެއަޑު ކުރެހިގެންދިޔައެވެ. އޭރު ޔަޒްދާންގެ އެކުއްލި ހަރަކާތާއި ހިތްހަލާކުކޮށްލާ ފަދަ އާދޭސްތައް އަޑުއިވި ޝާދީންއަށް ހުރެވުނީ ގެންނާނޭ ހަރަކާތެއް ނޭނގިފައެވެ. ޔަޒްދާންގެ ލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނައަކާއި އެދުލުން ބޭރުވާ އާދޭސްތައް އޭނަގެ ދެފައިގައި ކަސްތޮޅުއަޅާ އޭނަގެ ހިޔާލުބަދަލުކުރަން މަސައްކަތްކުރަމުންދަނީއެވެ. ފުުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޝާދީން ދެލޯމަރާބާރުކޮށްލިއެވެ. ހިނދުކޮޅަކަށްފަހު އޭނަ ލޯހުޅުވާލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. އޭރު މިޙުރާންގެ އާއިލާ ފެންނަ ހިސާބުގައި ނެތްއިރު އެދެޒުވާނުންނަށް ނަޒަރު ހުއްޓާލައިގެން ހުރި އަންހެންކުއްޖާ ފެނިފައި ޝާދީންއަށް ޔަޒްދާންއާއި ދުރުވެވުނުގޮތެއްވެސް ނޭނގުނެވެ.

164

43 Comments

 1. jiji

  October 26, 2019 at 8:54 pm

  Yeyy me first 😘😘😘😘💕💕💕

  • dhiraa wish

   October 26, 2019 at 9:02 pm

   yes dear first.. waiting for your comment ingey

 2. dhiraa wish

  October 26, 2019 at 8:56 pm

  Dears miothy vaahakaige 81 vana bai upkurevifa.. dhen inee last part ingey.. varah gina dhuvasfahu dhw kiyaalan mi libunee.. aslu mi bai thigukoh liyelanvegen dhira gina dhuvas negee.. mi partga miothy hurihaa kameh overall koh wrap kohlaafa.. ummeedhukuran mihaathanah kiyuntheringe hithuga ufedhunu suvaaluthakuge javaabu mihaa hisaabun libigen dhaane kamah.. olhun nufilaa thankolheh inihyaaves suvaalu kohlahjjey.. dhira ah thidhey support ah shukuru adhaakuramun Bunedheyshe ruhemeyge fahu bayaai eku bahdhaluvumuge ummedhuga vaki velan.. baahjaveri reyakah edhen… dhira kameh faahaga kohlan beynun… ehves haalathega amihla nafsah aniyaaverivumaai amihla ah maruvumakee aharemenge dheenuga haraam kameh.. furaanakee amaanaatheh e amaanaaih eyge enme furihama gothuga belehehtumakee ahremenge mahchah vaa vaajibeh

 3. Imkko

  October 26, 2019 at 9:36 pm

  Maasha Allah ….. V furihama mi baives dhiraa…. Mi hurihaa dhuvahaku kuri inthizaar mee… Dhiraa story upload kureytho v inthizaar kurun …. Finally …. V happy vejje ….. And V reethi shaadheen ge baives …. Mihaaru dhn emme inthizaaru kurevenee shaadheen and yazdhaan Alun gulheyne dhuvahaka …. N yesh I’m soo happy tht mayaan and shaleen gulhuneema ….. Curiously waiting for the next part …. Bunelan othee komme baeh ves v furihama ey …. Keep it up dhiraa …. You are the best and my favorite writer ….. Love this story and love you dhiraa 💓💓💓💓

  • dhiraa wish

   November 17, 2019 at 7:47 pm

   thank you so much dear.. love you too darla

 4. Maloo

  October 26, 2019 at 10:00 pm

  V rythi mivaahaka

  • dhiraa wish

   November 17, 2019 at 7:48 pm

   thanks dear

 5. Aisha

  October 26, 2019 at 10:06 pm

  V reethi.kon iraku dhen oi parr

  • dhiraa wish

   November 17, 2019 at 7:49 pm

   thanks dear

 6. Nash

  October 26, 2019 at 11:06 pm

  V. Reethi mi part vec. Waiting for next part.

  • dhiraa wish

   November 17, 2019 at 7:49 pm

   thanks dear

 7. Juwai Ner

  October 26, 2019 at 11:44 pm

  Nahu Xaad Shixoo Izkaan Afeef

  • dhiraa wish

   November 17, 2019 at 7:50 pm

   thanks dear

 8. Meekkomee

  October 27, 2019 at 12:38 am

  Woww ….. Masha Allah 😘😘😘😘😘😘 varah varah reethi ingyy mi part ves ❤️❤️😘😘😘😘😘😘 whn is next part 😉😊😊😊 curiously waiting for it 😘😘😘😘😘😘 LYSM ❤️❤️❤️❤️❤️😘😘😘😘😘😘😘

  • dhiraa wish

   November 17, 2019 at 7:50 pm

   thanks dear

 9. Shuha

  October 27, 2019 at 5:44 am

  Varah reethi mi part………. Dhen inee last part thr………….

  • dhiraa wish

   November 17, 2019 at 7:51 pm

   thanks dear

 10. Nayaa

  October 27, 2019 at 10:06 am

  Dhiraa sis mi prt vx v perfect….. Lyssssm… Whn is the next part????… Dhiraa sis ge ehen vaahaka eh kiyaalan nulibeynetha?? Sis mathin v miss vaane… Your my favorite writer.. And this is my favorite story.. Good luck with your exams… Thank you for uploading such a beautiful story.. 😻 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻 😘 😍 😻…

  • dhiraa wish

   November 17, 2019 at 7:53 pm

   thanks dear.. insha allah dhira ge ehen stories fehnaane ingey.. your most welcome

 11. Shixoo Izkaan Afeef

  October 27, 2019 at 10:12 am

  Keyninmaalin rei fathehe 😂

  • dhiraa wish

   November 17, 2019 at 7:54 pm

   thanks dear

 12. Anonymous

  October 27, 2019 at 12:30 pm

  Mivaahaka varammolhu. Mulhi vaahaka binaakoffa vaagoy v.kamudey. Mi tharujamaa kuramundhaa garay es v.molhu

  • Boy

   October 27, 2019 at 2:05 pm

   kn thaakun balaigen hey e tharujama kuranee!!!
   hama hurefa meehaku tharujamaa kuranihyyee bunyas gabooleh nukureveyne dho heki nudhahkanyyakaa… Dhiraa eba buney amihlla vaahaka ekey mii.. Dhn kon haa ithuru vaahaka eh dhakkaakah…. vaahaka ehge tharujamaa ekey kiyanyyaa jeheyne dho e myhaku heki dhakkan.. mi vaahakaige origin dhahkan…

  • Kattey

   October 27, 2019 at 2:29 pm

   Ahannah heevanee mi golaa miulhenee mi vaahakaiga ulhey nubai characters kulhey role eiy kulhenehen🤣🤣🤣LOL. Hama episode eiy upload kollaairau echchekey meechchekey eba kiyaey. Ajaibeiyvaa nuvaane

  • dhiraa wish

   November 17, 2019 at 7:57 pm

   thanks dear.. dhira gaboolukuraa gothuga anonymous ah vaahaka kamudhaavarun tharujamaa eh hen heevanee.. dhira vaahaka eh bunantha.. fothakah vure thanavas ehjeh insaanaage sikudiakee.. e sikundin maa molhethi vaahaka liyeveyne… veeiru konme hiyaaalakee tharujamaa eh noon..

  • dhiraa wish

   November 17, 2019 at 8:00 pm

   readers dhira kurinves bunelaafa ihnaaane comment thakah reply nukuran.. varah dheravey ekan repeat kuraathee.. ingey supportive vanee kanves.. but hope you wont repeat.. anyways thanks boy and dear kattey.. thibunihen mi vaahakaige tharujamaa eh original eh naahnaane… sababakee mee amihla hiyaalah ekulavaalaafaivaa vaahaka akah vaathy

 13. Haiiiii

  October 27, 2019 at 3:27 pm

  Maasha allah. Vvvv reethi mi baives. Feel so proud to be one of the reader of u dear writer. Vaahaka nimeythy dheraves vey. Keep it up dear. On waiting insha allah 😍😍😍😍😊😊😊❤❤❤❤

  • dhiraa wish

   November 17, 2019 at 8:01 pm

   thankss dear

 14. Elly

  October 27, 2019 at 5:04 pm

  As usual mi prt vx hama vvvv reethi😘😘😘!!! Plus mi story nimeny dho😢😢?? So sad!!! dhiraa ge ehn story eh kiyaalan adhi libeyne tha😭😭😭??? To be honest, mi story mee Elly ge emme favorite story😍!!! Keep it up girl❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • dhiraa wish

   November 17, 2019 at 8:03 pm

   thanks dear.. insha allah thikudhin thigothah thibihyaa dhirage stories fehnaane.. alhe… haadha ufaavehjjey elly.. hope abadhuves dhira ge vaahaka thah elly ah kamudhaane kamah

 15. #nobody

  October 27, 2019 at 5:32 pm

  Don’t want this amazing story to end 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • dhiraa wish

   November 17, 2019 at 8:04 pm

   thanks dear.. konmekamakahves nimumeh ahnaane dhw.. dhira varah dheravaakameh vaahakaige nimun liyumakee.. ekm dhira promise kuri gothah hurihaa kudhinah happy ending eh dheyn jeheynu

 16. Isher

  October 27, 2019 at 5:52 pm

  Obiness to the max💛💛💛…. hehhehehe ekamu haadha lahunney up vany mihaaru dhw….next part avahah up kohlahchey……😘

  • dhiraa wish

   November 17, 2019 at 8:05 pm

   oww,, thanks a lot deear

 17. 🖤Dhona🖤

  October 28, 2019 at 8:33 pm

  Mi vaahaka aslives nimeneetha🥺😲alhey. So sad.. btw vvvvvvvvvvvvvvvvvvvvvvvvv salhi hurihaa prt ehves…
  #v obi
  #v loabx
  V miss vaane dhira mathin😭😭
  Dhiraa ge ithuru vaahaka eh kiyaakah nulibeynetha…. Plx ehen vaahaka ehves genesdhehchey… Vvvvv miss vaane sis mathin…😭😭😭.. honestly ur my favourite writer…☺️☺️☺️☺️ I’ve read evry single prt n i think its fab.😍😍😍 Ur a reallly talented fab writer.😘😘.. Keep going n keep the good work up… Ur readers r with u…. Lysm 💙💙💙💙💙💙♥️♥️♥️♥️🌹🌹🌹🌹🤗🤗🤗🥰🥰

  • dhiraa wish

   November 17, 2019 at 8:07 pm

   vaahaka miothy nimifa dear.. dhiraves varah miss vaane.. insha allah dhira ah vaguthuvaavarakun ehen vaahaka eh genesdheynan ingey dear.. thank you so much dear.. thikohli hiyvarah.. 82 part kiyaalumakee gaimuves varah bodu vareh.. love you too

 18. Nai

  October 30, 2019 at 8:23 pm

  OMG!!! This story is way better than i thought😘😘… but vrh lahun dho up vanee… we will miss you girl!!! keep your hard work up❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • dhiraa wish

   November 17, 2019 at 8:09 pm

   thanks dear.. varah ufaa vehjje kamudhiyakan iguneema

 19. Loola

  November 2, 2019 at 10:16 pm

  V reethi ….. kon irakun next part gennaanee … v eba wait kuran … plx thankolhe avaha dhiraa genesdheeba …. curiously waiting ingey .💙❤💙❤

  • dhiraa wish

   November 17, 2019 at 8:09 pm

   thanks dear

 20. Someone 😡😠

  November 4, 2019 at 7:02 pm

  Kihaadera kameh………… Meehun vaahaka liyanyyo………… 1 part publish koh fa etah duvaheh vaairuves aneh part up kurevey kamakahnuvey………… Mi kan nukurevenyaa nukuryma nimunynu…………. Kiyunterin intijaaruga Huna kameh hadaaneh nuhurey………….

  • dhiraa wish

   November 17, 2019 at 8:10 pm

   thanks and sorry dear.. then liyaa story ehga ekan ragalhu kohlaanan

 21. dhiraa wish

  November 17, 2019 at 8:11 pm

  thanks and sorry dear.. then liyaa story ehga ekan ragalhu kohlaanan

Comments are closed.