Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (އެކާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
October 19, 2019 13 Mins Read
22 Comments

ސްކޫލްގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ނިޝާން ކާރުން ފޭބިއިރު ވެސް ބައެއް ބެލެނިވެރިން ފުޓުބޯޅައިގައި ބައިވެރިވާ ކުދިން ގޮވައިގެން ސްކޫލުން ދަމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ނިޝާން އެމީހުންނަށް ބަލަމުން ބަލަމުން ސްކޫލްގެ ގޭޓުން ވަދެގެން ދިޔައެވެ. އެއަށްފަހު މަޑުކުރުމެއްނެތި ސްކޫލްގެ ކަނާތްފަރާތުން ފެންނަން އޮތް ގްރައުންޑާއި ދިމާލަށް މިޞްރާބުޖެހީ ލަޔާންމެން ޢާއްމު ގޮތެއްގައި ކުޅެ އުޅޭ ތަނަކީ އެއީ ކަމަށްވެފައި އެދިމާލުން ލަޔާންމެންގެ ކޯޗުވެސް ފެނިގެން ދިޔުމުންނެވެ. ދުރުން އެ މަންޒަރު ފެންނަމުން ދިޔައިރު ކޯޗުގެ ކައިރިން ދެ ތިން ކުދިންވެސް ފެންނަމުން ދިޔައީތީ އެތާނގައި ލަޔާން ހުރެދާނެކަމަށް ނިޝާނަށް ހީކުރެވުނެވެ. އެހެނަސް އެމީހުންނާއި ގާތްވީއިރު ވެސް އެތަނުން ލަޔާން ނުފެނުމުން ނިޝާނަށް ވާހަކަ ދެކެވުނެވެ.

 

“ލަޔާން ކޮބައިތަ؟” ނިޝާން ކޯޗު ކައިރިން އެ ސުވާލުކޮށްލީ ނުތަނަވަސްވެފައިވާ ޙާލުގައި ކަމަށްވިޔަސް އޭނަ ހިނިތުންވެވޭތޯ ބެލިއެވެ. އެ ހިތްހެޔޮ ކޯޗަށް އޭނަ ކުރާ އިތުބާރާއި އެކީ އެ ޙާލަތުގައި ހެޔޮކޮށް ވިސްނުމަށްވެސްމެއެވެ. އެހެނަސް…..

 

“ލަޔާން ގޮވައިގެން ގޮއްސިއެއްނު؟” ކޯޗު އެހެން ބުނެލީ ދެބުމަ ކައިރިކޮށްލަމުން ނިޝާނަށް ނޭނގޭތީ ޙައިރާންކަމެއް ވެރިވެފައިވި މޫނަކާއެކީ ގައެވެ.

 

“ކީކޭ؟ ކާކު ގެންދިޔައީ؟!” މޭގަނޑު އަތަށް އައިހެން ހީވި ވަގުތުކޮޅަކަށްފަހު ނިޝާނަށް އެހެން އަހާލެވުނީ އަވަސްއަވަހަށެވެ.

 

“ލަޔާންގެ މަންމަ ގެންދިޔައީ.” ކޯޗު ބުނެލި އެ ވާހަކަ ނިޝާންގެ ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު އޭނަ ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއް ވަންދެން އޭނަ ޙައިރާންކަމެއްގެ ތެރެއަށް ގެއްލުނެވެ. އޭނައަށް ދެންމެ އެ އިވުނު ބަސްތައް ތެދަކަށް ވާންވީ އެއްވެސް ސަބަބެއް އޭނަގެ ސިކުނޑިއަކަށް ނައެވެ. ލަޔާންގެ މަންމަގެ ހިތުގައި ކުއްލިއަކަށް ލަޔާނަށްޓަކައި ކުލުނެއް އުފެދުމަކީ އޭނައަށް ވިސްނައިގަންނަން ވެސް ދަތިކަމެކެވެ. ވީއިރު އެ ހިތް ހަރު އަންހެނާ ލަޔާންގެ މަތިން ހަނދާންވާންވީ ވެސް ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމުން އިސާހިތަކު ނިޝާންގެ ހަނދާނަށް އައީ މީގެ ދެ ތިން ދުވަސް ކުރިން އޭނައަށް ލިބުނު މެސެޖެވެ. އޭނައާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެ އޭނައަށް ލިބުނު މެސެޖެވެ. އެ މެސެޖުގައި އޮތް ތާރީޚު ފަސްވެފައިވިކަން އެނގުންވުމުން ނިޝާންގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގިއެވެ. ލަޔާނަށް ދެރައެއް ލިބިދާނެ ކަމުގެ ބިރު ހީވުމާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.

 

“ކް….ކޮން އިރަކު ލަޔާން ގޮވައިގެން ދިޔައީ؟” ނިޝާނަށް އަވަސްއަވަހަށް އަހާލެވުނެވެ.

 

“ހަމަ 5:30 ވީއިރު ލަޔާންގެ މަންމަ ލަޔާން ބަލާ އައިއްސަ ހުރި. ލަޔާން މަންމައާއެކީ ދިޔައީ ވެސް ވަރަށް އުފަލުން.” ކޯޗު ބުންޏެވެ. ނިޝާން އެ ވާހަކަ އަޑުއަހަން ހުރެފައި ދެފަރާތަށް ކަޅި ހިންގަމުން ކޯޗަށް ޝުކުރު އަދާ ކޮށްފައި ސްކޫލުން ނިކުންނަން ދިޔައެވެ.

 

ސްކޫލުން ނިކުމެގެން ގޮސް ކާރަށް އެރުމާއެކު ނިޝާން ކާރު ސްޓާޓްކޮށްލިއެވެ. އެއަށްފަހު ބާރު ސްޕީޑެއްގައި މިޞްރާބު ޖެހީ ހެންވޭރުގައި ހުންނަ ޢިމާރާތަކާއި ދިމާލަށެވެ. މިނެޓްތަކެއްގެ ތެރޭގައި ހަ ފަންގިފިލާގެ ޢިމާރާތަކާއި ހަމަވުމުން ނިޝާން މަޑުކުރުމެއްވެސް ނެތި އެތާ ތެރެއަށް ވަދެގެން ގޮސް ލިފްޓަކުން 4 ވަނަ ފަންގިފިލާއަށް އެރިއެވެ. އަދި އެ ފަންގިފިލާގައި ހުރި ދެކޮޓަރީގެ ތެރެއިން 102 ވަނަ އެޕާޓްމެންޓްގެ ދޮރުގައި ބެލް އަޅުވަން ފެށިއެވެ. ދެތިން ފަހަރު ބެލް އަޅުވާލެވުމުން ވެސް މީހެއްގެ ހިލަމެއް ނުވުމުން ވީ ނުރުހުމުގައި ނިޝާނަށް ގޮށްމުއްކަވައި އެ ދޮރުގައި ތެޅެން ފެށިއެވެ. އެ އަޑަށް އެ އެޕާޓްމެންޓާއި ޖެހިގެން ހުރި އެޕާޓްމެންޓްގެ ދޮރު އެތާނގައި އުޅޭ ފިރިހެނަކު ހުޅުވިއެވެ.

 

“ލަމްޔާ މިވަގުތު ގޭގަ ނެތްހެން އަހަންނަށް ހީވަނީ. މީގެ އިރުކޮޅެއް ކުރިން ގެއިން ނިކުތް މަންޒަރު ދުށިން.” އެ މީހާ ބުނެލިއެވެ. އެތައް ދުވަހެއް ފަހުން އިވިގެން ދިޔަ އެ ނަމުން އެތައް ހާސް ޖަޒުބާތެއް އެއްފަހަރާ ނިޝާންގެ ހިތުތެރެއިން ހިނގާލިއެވެ. އެހެނަސް އޭނަ ހަމައަކަށް އެޅެމުން ލަޔާން މަތިން ހަނދާން ކުރިއެވެ.

 

“ކުޑަ ކުއްޖަކު ގޮވައިގެން އޭނަ ގެއަށް އައިތަ؟” ނިޝާން ސުވާލުކުރިއެވެ.

 

“ނޫން ނުދެކެން ކުޑަކުއްޖެއް. އޭނަ އޭނަގެ ފިރިމީހާއާ ވަރިވެގެން އައީ ދަރިން ދޫކޮށްލާފަޔޯ މަ އަޑުއެހީ.” އެ މީހާ ނިޝާނަށް އެނގޭ ޙަޤީޤަތް ކިޔައިދިނެވެ. އެއާއެކު ދެންވެސް ލަޔާން ވީ ތަނެއް ނޭނގުމުން ނުތަނަވަސްކަން އިތުރުވެގެން ދިޔަ ހިތަކާއެކީ ނިޝާން އެތަނުން ބޭރަށް ދާން ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އޭނަ އެ ޢިމާރާތުން ނިކުތީ ދެން ލަޔާން ހުރެދާނެ ތަނަކާއިމެދު ވިސްނަމުންނެވެ. އެކަމާއިމެދު ވިސްނިވަރަކަށް ސިކުނޑީގެ ނާރުތަކަށް ވާންވުން ނޫންކަމެއް ނުވިއެވެ. ހިތަށް ފިނިކަމެއް ލިބިދާނެ ޖަވާބެއް ހޯދަން އޭނަގެ ވިސްނުން ނުކުޅެދިފައި ވަނިކޮށް އޭނަގެ ފޯނު ރިންގުވާން ފެށި އަޑު އިވުނެވެ. އެއާއެކު ނިޝާން ފޯނު ނަގައި ސްކްރީނަށް އަރާފައި އޮތް ނަންބަރަށް ބަލާލިއެވެ. އެއީ ސޭވް ކުރެވިފައިވި ނަންބަރަކަށް ނުވިޔަސް އެ ނަންބަރު ފެނުމާއެކު އެއީ ކާކުގެ ނަންބަރެއްކަން ނިޝާނަށް އެނގުންވިއެވެ. ހަމަ އެއާއެކު މީގެ ދުވަސްކޮޅެއްކުރިން އޭނަ އެ ނަންބަރު ކޮންޓެކްޓް ލިސްޓުން ޑިލީޓް ކުރި ހަނދާންވެސް އާވިއެވެ. އިރުކޮޅެއް ވަންދެން އެ ނަންބަރަށް ބަލަން ހުރެފައި ނިޝާން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ލަޔާން ކޮބާ؟” ނިޝާނަށް އެހެން އެއްވެސް ވާހަކައެއް މުހިއްމެއް ނުވިއެވެ.

 

“އައުޗް….ނެތީތަ ހެލޯ ލަމް ނޫނީ ހެލޯ ލޯބިއެއްވެސް؟ އެހެން ނުބުނީމަ ތިއަށް ޖަވާބު ދޭހިތެއްވެސް ނުވޭ.” ލަމްޔާ އޭނައަށް މަލާމާތް ކުރަން އުޅޭ ފަދައަކުން ބުނެލުމުން ނިޝާންގެ ދަތްކުނޑި ވިކުނެވެ.

 

“ކޮބައިހޭ ލަޔާން؟! މަ ނުއުޅެން މާ ގިނަ ވާހަކަ ދައްކާ ހިތުންނެއް!” ނިޝާން ރުޅިވެރިކަމާއެކީ އަންގާލިއެވެ.

 

“ފައިން! އަހަރެން ވެސް ބޭނުމެއް ނޫން ދައްކާކަށް. ސެންޓްރަލް ހޮޓެލްގެ އެންމެ މަތީ ބަޔަށް އާދޭ. އަހަރެން މިހިރީ ލަޔާންއާއެކީ މިތާ.” ލަމްޔާ ބުނެލި އަޑު އިވުނެވެ. އެއާއެކު ނިޝާން އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑާލަމުން ކާރަށް އެރިއެވެ. އަދި ލަމްޔާ އެ ބުނި ތަނަށްދާން މިޞްރާބުޖެހިއެވެ.

 

މިނެޓްތަކެއްގެ ތެރޭގައި ނިޝާންގެ ކާރު ގޮސް ސެންޓްރަލް ހޮޓެލްގެ ކައިރީގައި ޕާކް ކުރެވިގެން ދިޔައެވެ. އެއަށްފަހު އެ ހޮޓެލުގެ ޢިމާރާތަށް ވަދެގެން ދިޔައީ އަވަސްވެފައިވާ ހިތަކާއި އެކީގައެވެ. ލަމްޔާ ހުރީ ލަޔާންއާ އެކީ އެ އުސް ޢިމާރާތުގެ މަތީ ބައިގައޭ ބުނި ބުނުން ހަނދާންވީވީހެން ބިރުވެރި ޚިޔާލުތައް ނިޝާންގެ ސިކުނޑިއަށް ވެރިވަމުން ދިޔައެވެ. އެ ދަރިފުޅު ދުނިޔޭގައި ނެތް ކުއްޖަކަށްވުމަށް އެދިއެދިހުރި އަންހެން މީހާ ކައިރީ އެ ކުއްޖާ ހުރިކަން އެނގުންވުމުންނެވެ. ލިފްޓަށް އެރުމަށްފަހު ވެސް ނިޝާނަށް ބަދަލުވަމުން ދިޔަ ނަންބަރުތަކަށް ބެލެމުން ދިޔައީ ކެތްމަދުވެފައިވާ ފަދައަކުންނެވެ. ލިފްޓު ހުޅުވިގެން ދިޔުމާއެކު ނިޝާން އޭނަގެ ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ބައިގައި ހުންނަ ހާމަ ތަނަށް ނިކުމެ ލަޔާންއޭ ކިޔައި ގޮވާލިއެވެ. ހަމަ އެ ހިނދު އެ ބައިގައި ހުރި މޭޒުތަކުގެ ތެރެއިން ކުރިމަތީގެ އެއްފަރާތުން ފެންނަމުން ދިޔަ މޭޒު ދޮށުން ލަޔާންގެ އަޑު ނިޝާނަށް އިވުނެވެ.

 

“ބައްޕީ!” ލަޔާން އެ މޭޒުގެ ގޮނޑިއެއްގައި އިނދެ ގޮވާލީ އުފާވެރި ހިނިތުންވުމަކާއި އެކީގައެވެ. ލަޔާންގެ އެ އަޑަށް ނިޝާންއާއެކީ ބީރައްޓެހި ބަޔަކަށް ބަލާލީ އެ ބައިގައި ހުރި މޭޒުތަކުގެ ތެރެއިން ކަނެއްގައި ހުރި މޭޒު ދޮށުގައި ތިބި ދެ ފިރިހެނުންނެވެ. އެމީހުން އަވަސްއަވަހަށް އަމިއްލަ ވާހަކައަށް އެނބުރި ދިޔައެއްކަމަކު، ދަރިފުޅު ފެނިފައި ހިތަށް ފިނިކަމެއް ލިބިގެން ދިޔަ ނިޝާނަށް ލަޔާންގެ ހިނިތުންވުމާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ލަޔާންގެ ކުރިމައްޗަށްވާ ގޮތަށް އޭނައަށް ފަސްދީގެން އަންހެނަކު ހުރިކަން ވެސް އޭނައަށް އެނގުންވީ ސިކުންތުކޮޅެއް ފަހުންނެވެ. އަތް ދިގުކޮށް އޮތް ހުދުކުލައިގެ މައްޗަކާއި ނޫ ޖިންސަކާއެކީ ރަތްކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އަންހެން މީހާއަކީ ކާކުކަން ނިޝާނަށް އެނގުންވި ވަގުތަކީ އޭނަ ފަސްއެނބުރި ބަލާލި ވަގުތެވެ. އެ ހިނދު މީގެ އަހަރުތަކެއް ކުރިން އޭނަގެ ހިތް އަތުލި ސޫރަ ނިޝާނަށް އަނެއްކާވެސް ފެނިގެން ދިޔުމުން އޭނަ ހުއްޓުން އެރިއެވެ. ހިތުގެ ބައްޓަމަށް ދޮންކޮށް ހުރި މޫނާއި، ބޯ އެސްފިޔަތަކުން ހިޔާ އެޅިފައިވި ދެލޯ ފެނިފައި އޭނަ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތެން އުޅުނެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ސޫރައިގެ އަވައިގައި ޖެހިގެން އޭނަ ނިންމި ނިންމުންތަކެއްގެ ސަބަބުން އޭނަ ޙަޔާތުގައި ތަޙައްމަލުކުރަން ޖެހުނު ވޭންތައް ހަނދާންވެގެން ދިޔުމުންނެވެ. އަދި އެ ސޫރައިގެ ވެރިޔާގެ ސަބަބުން އޭނަގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔަ ގޮތްވެސްމެއެވެ. އެކަންތައް ހަނދާނަށް އައުމުން އެ ސޫރައިން ހުތުރުކަމެއް ނޫނީ ނިޝާނަށް ސިފައެއް ނުވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް ލަޔާންގެ އަޑު އިވުނެވެ.

 

“ބައްޕީ ބައްޕީ އާދެބަލަ! މަންމި ކޮއްކޮއަށް އައިސްކްރީމް ބޯންދެނީ.” ލަޔާން އޭނަގެ ކުރިމަތީގައި ހުރި ތަށްޓައް ޢިޝާރާތް ކުރަމުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ނިޝާންގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. ލަމްޔާއަށް ބަދަލެއް އައީތޯ ހިނދުކޮޅަކަށް ނަމަވެސް އޭނަގެ ހިތް ސުވާލުކުރީ ލަޔާން ކައިރިއަށް ދާން ހިނގައިގަންނަމުންނެވެ.

 

“ތެދެއް ބައްޕި އާދެބަލަ ބަލާލަން…ލަޔާންއަށް ވެސް ކަމުދަނީ ވެނީލާ އައިސްކްރީމްއޯ. ހަމަ މަންމި ގޮތަށް.” ނިޝާން ގޮސް އެ މޭޒު ކައިރި ހުއްޓިލީ ވަގުތު ލަމްޔާ އެހެން ބުނެލީ ލަޔާނަށް ބަލަހައްޓައިގެން އިނދެ ލަޔާންއާއި ހިނިތުންވަމުންނެވެ.

 

“ހެހެ….ބައްޕިއާ ލިލީ ކޮއްކޮއަށް ކަމުދާނީ ޗޮކްލެޓް…ލަޔާންގެ ފޭވްރިޓްއަކީ މަންމިގެ ފޭވްރިޓް…އެއީ ލަޔާން ބޮޑަށް މަންމިދެކެ ލޯބިވާތީދޯ މަންމި؟” ލަޔާން ބުނެލިއެވެ. އެ ހިނދު ނިޝާން ހިސާބެއްގެ ހާސްކަމަކާއެކީ ލަމްޔާއަށް ބަލާލިއެއްކަމަކު ލަމްޔާ ޤަޞްދުގައި އޭނައަށް ބެލުމެއްނެތި ހިނިތުންވުމެއްގައި އިނީއެވެ.

 

“އާނ ލަޔާން….އެއީ އެހެންވީމަ…އެހެންވަންޏާ ބައްޕި ކައިރި ބުނަންވީއެއްނު ލަޔާން ދެންމެ މަންމި ކައިރި ދެއްކި ވާހަކަތައްދޯ؟ ބައްޕި ކައިރި ބުނަން ބޭނުންވާ ވާހަކަތައް އަވަހަށް ބުނެލާ.” ލަމްޔާ ރާގަކަށް އެހެން ބުނި ގޮތުން ނިޝާންގެ މޭތެރެއިން އަނެއްކާވެސް ތުރުތުރެއް ހިނގާލިއެވެ. އޭނަ ނެތް ވަގުތު ކޮންމެވެސް އެއްގޮތަކަށް ލަޔާންގެ ސިކުނޑި ދޮވެވިފައިވާކަން އޭނައަށް އެނގުންވިއެވެ. އެއާއެކު ލަޔާން ބުނެފާނެ އެއްޗަކަށް އޭނަ ކެތްމަދުވިއެވެ. ލަޔާން ހިނިތުންވުން ފިލައިގެން ދިޔަ މޫނަކާއެކީ އޭނައަށް ބަލާލި ގޮތުން ނިޝާންގެ މޭނުބައި ކުރިއެވެ.

 

“ބައްޕީ…..ކޮއްކޮ ބޭނުންވަނީ މަންމިއާއެކީ ހުންނަން.” ލަޔާން ދެރަ މޫނަކާއެކީ ބުނެލިއެވެ.

 

“ވަޓް؟! ކީކޭ ލަޔާން ތި ކިޔަނީ؟” އިވުނު ބަސްތަކާއެކީ ނިޝާނަށް ރުޅިއިސްކުރެވުނީ ލަޔާންގެ އެ ބަސްތަކުގެ ފަހަތުގައިވީ އެހެން މީހެއްކަން އޭނައަށް ސާފުކޮށް ފެންނަމުން ދިޔައީތީވެއެވެ. އެހެނަސް އޭނައަށް އެ ހެދުނު ގޮތުން ލަޔާން ޖެހިލުންވި ގޮތުން އޭނަ ދެރަވެސްވިއެވެ. އޭނައަށް އިތުރު އެއްޗެކޭ ނުބުނެވެނީސް ލަޔާން ކަރުނުން ފުރެން ފެށި ލޮލާއެކީ ވާހަކަ ދެއްކިއެވެ.

 

“ކޮއްކޮ ވަރަށް ބޭނުން މަންމިއާއެކީ ހުންނަން ބައްޕި. އެހެން ކުދިން މަންމިމެންނާއެކީ އުޅޭތަން ފެނިފަ ކޮއްކޮވެސް ކޮއްކޮގެ މަންމި މަތިން ހަނދާންވޭ. މަންމި ވަރަށް ލޯބިވާނެ ކޮއްކޮދެކެ ބައްޕި. ކޮއްކޮ ބޭނުން މަންމި ކައިރީގަ ހުންނަން ބައްޕި.” ލަޔާން ތަކުރާރުކޮށް އެދެން ފެށި ވަގުތު އޭނަގެ ލޮލުން ކަރުނަތައްވެސް ފައިބައިގެން އައެވެ. ލަޔާން ދެރަވާތަން ފެނިފައި އާދައިގެ މަތިން ނިޝާންވެސް ދެރަވިއެވެ. އެހެނަސް އެވަގުތު އޭނަ އިތުރަށް ބަލިކަށިވީ އޭނަގެ ލޯތްބަށްވުރެ ލަޔާނަށް އެހެން މީހެއްގެ ލޯބި މުހިއްމުވުމުންނެވެ. ލަޔާން އޭނައާއި ދުރުވެދާނެ ކަމުގެ ބިރާއެކީ ނިޝާން ލަޔާންގެ ކައިރިއަށް ޖެހި ކުރުފައި މައްޗަށް ތިރިވަމުން ލަޔާނަށް ބަލާލިއެވެ.

 

“ލޯބިވާ މީހުން އަހަރުމެން ދޫކޮށްފަ ނުދާނެ ލަޔާން. ލޯބިވާނަމަ ކޮންމެފަދަ ކަމެއް ދިމާވިޔަސް އަހަރުމެން ކައިރީގަ ތިބޭނެ އެމީހުން. އެގޮތަށް ބައްޕި ހުރީމެއްނު ލަޔާން ކައިރި؟” ނިޝާން އެހެން ބުނެފައި ލަޔާންގެ މަންމަގެ ނުބައި ކަމަށްވެސް އަލި އަޅުވާލަން ބޭނުންވިއެވެ. އެހެނަސް އޭނަ އެހެން ހަދާކަށް ބޭނުމެއް ނުވިއެވެ. އޭނަ ލަމްޔާއަށް ކިތަންމެ ރުޅި އަޔަސް އޭނަގެ ދަރިފުޅަކީ އެ ދަރިފުޅުގެ މަންމައަށް ޤަދަރުކުރާ ކުއްޖަކަށްވުމަކީ އޭނަގެ އުއްމީދަކަށްވާތީވެއެވެ. އެހެނަސް އެތާ ދެން ހުރި މީހަކު އެފަދަ ވިސްނުމެއް ނުގެންގުޅޭކަން އޭނައަށް އެނގުންވީ އެމީހަކު ވާހަކަ ދެއްކުމުންނެވެ.

 

“އެކަމަކު މަންމި ދިޔައީ ކީއްވެކަން ކޮއްކޮއަށް އެނގޭތަ؟ ކޮއްކޮދެކެ ލޯބިނުވާތީވެއެއްނޫން މަންމި ދިޔައީ. މަންމި ދިޔައީ ބައްޕި މަންމި ގައިގަ ޖެހީމަ. ކޮއްކޮވެސް ހަނދާން ހުންނާނެ އެދުވަސް. ޖެހީމަ މަންމިއަށް ކެރޭނެތަ ބައްޕި ކައިރި ހުންނަން؟” ލަމްޔާ އެ ސުވާލު ކޮށްލި ވަގުތު ރުޅިވެރިކަން އިންތިހާއަށް ދިޔަ ނިޝާނަށް ލަމްޔާއޭ ކިޔައި ބާރަށް ގޮވާލެވުނެވެ. ލަމްޔާއާ އޭނަގެ ހަތަރުކަޅި ހަމަވި ސިކުންތުކޮޅަށްފަހު ލަމްޔާ ފުން ނޭވައެއް ދޫކޮށްލަމުން މާޔޫސީ މޫނަކާއެކީ ލަޔާންއަށް ބަލާލީ ބަލާބަލާށޭ ބުނެ ޝަކުވާކުރާ ފަދައަކުންނެވެ. އެ ހިނދު ނިޝާން ކުއްލި ގޮތަކަށް ލަޔާންއަށް ބަލާލި ވަގުތު ލަޔާން އޭނައަށް ބަލާލީ އޭނައަށް ކުށްވެރިއަކަށް އަމާޒުވާނެފަދަ ނުރުހުމުގެ ނަޒަރެއް ދެމުންނެވެ.

 

“ބައްޕި ކީއްވެ މަންމިއާ ދިމާލަށް މާ ބާރަށް ވާހަކަ ދައްކަނީ؟ ތިހެން ވާހަކަ ދައްކަންޏާ ކޮއްކޮވެސް ބިރުގަނޭ ބައްޕި ކައިރި ހުންނަން.” ލަޔާން ނުރުހުމުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު މި ވާހަކައިން މިވަގުތު އޭނައަށް ކުރިއެރުމެއް ލިބެން ނެތްކަން އެނގުންވުމުން ނިޝާން ހިންދެމިލަމުން ހަރުކަށިކަން އިސްކުރަން ނިންމިއެވެ.

 

“ލަޔާން މިވަގުތު އަންނަންވީ ބައްޕިއާއެކީ ގެއަށް. ގެއަށް ގޮއްސަ ޗޭންޖްކޮށްގެން ނަމާދުކޮށްގެން ކައިގެން މިރޭ އަވަހަށް ނިދަންވެސް އެބަޖެހޭ މާދަމާ ސްކޫލަށްދާން. އަވަހަށް ތެދުވެލާ!” ނިޝާން އެހެން ބުނެ ލަޔާންގެ އަތުގައި ހިފައި ކުޑަކޮށް ދަމާލުމުން ލަޔާން އެ ވާހަކަތަކާމެދު ވިސްނަމުން ގޮނޑިން ފޭބިއެވެ.

 

“އެކަމަކު ބައްޕި….” ލަޔާންގެ ވާހަކަ ނިޝާން މެދުކަނޑާލިއެވެ.

 

“އިތުރު ވާހަކައެއް ދައްކަންވެފަ އޮތިއްޔާ ގެއަށް ގޮއްސަ ދައްކާނީ.” ނިޝާން ލަޔާންގެ އަތުގައި ހިފާފައި ހިނގައިގަންނަމުން ބުނެލިއެވެ. ލަޔާން ލަމްޔާއަށް ފަސްދިނީ ލަމްޔާއަށް ބަލަމުން ބަލަމުންނެވެ. އެމީހުން އޭނައަށް ފަސްދީފައި ދިޔަ ވަގުތު ވެސް ލަމްޔާ ކޮޅަށް ތެދުވެފައި މަންޒަރު ބަލަން ހުރީ ނުހަނު ހަމަޖެހިގެން ހުރި މޫނަކާއެކީގައެވެ. އެހެނަސް ހަމަޖެހުން ނެތިފައިވި ނިޝާނަށް ވަކި ހިސާބަކަށް ގޮސް ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ލަމްޔާއަށް ބަލާލިއެވެ.

 

“އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގޭ ކޮން ރޭވުމެއްކަން ރާވައިގެން ތިއުޅެނީ. އެކަމަކު އަހަރެން ޔަޤީންކުރާނަން އަހަރެންގެ ލަޔާން ދުވަހެއްގެ ކޮޅުން ވެސް ތި ނުލަފާ މީހާގެ ކައިރިއަށް ނުދޭތޯ!” ނިޝާން ދަތްކުނޑި ވިކަމުން ވާހަކަ ދެއްކިއެވެ. އެ ހިނދު އޭނަގެ އަތުގައި ހިފައިގެން ހުރި ލަޔާން ކަންބޮޑުވިއެވެ.

 

“އެބުނީ ކީކޭ ބައްޕި؟ ދެން ކޮއްކޮ މަންމިއާ މީޓް ނުވާނީތަ؟ ބުނެބަލަ ބައްޕި….ބައްޕީ…ކޮއްކޮ އެކަމަކު ވަރަށް ބޭނުން މަމް….” ލަޔާން އެހެން ބުނެލުމާއެކު ރުޅިވެރިކަމާއި މާޔޫސްކަން އެއްވެފައިވި ހިތަކާއެކީ ހަރުއަޑުން ނިޝާނަށް ލަޔާނާއި ދިމާލަށް ހުއްޓާލާށޭ ބުނެލެވުނެވެ. އިސާހިތަކު ލަޔާންގެ ކުޑަ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އެ ވަށް ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ނިޝާން ހިތުން ދުރު ބަލާލަމުން ހިނގަން ފެށީ މަންޒަރު ނުބެލުމުން އޭނަގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން އޭނައަށް ފަސޭހަވާނެ ކަމަށް ހީކުރަމުންނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނަ ދަމައިގެން ހިނގަމުން ދިޔަ ލަޔާންގެ ގިސްލުމުގެ އަޑު އިވެން ފެށުމުން ނިޝާންގެ މޭގައި ތޫނު ރިހުމެއް އުފެދުނެވެ. އިސާހިތަކު ލަޔާނާއި ހަމައަށް ތިރިވެ ލަޔާން ހަމައަކަށް އަޅުވަން ބޭނުންވިއެވެ. އެހެނަސް އެހެން ނެދީ އެވަގުތު އޭނަ އެހެން ހަދައިފިނަމަ ޖަޒުބާތުގައި ޖެހިގެން އޭނައަށް ކަތި ފިޔަވަޅެއް އެޅިދާނެތީވެއެވެ. ނޭނގި ނަމަވެސް އޭނަގެ ލޯބިވާ ދަރިފުޅު ނުބައި އަތެއްގެ ތެރެއަށް ލެވިދާނެތީވެއެވެ. ލަޔާންގެ ރުއިމުގެ އަޑުން އޭނައަށް ލިބޭ ވޭނަށް އޭނައަށް ކެތްކުރެވިދާނެއެވެ. މީގެ 3 މަސްކުރިން ވެސް އޭނަ ކެތްކުރީއެވެ. ލަޔާނަށް ރޮވެނީ ލަޔާނަށް ކަމުގެ ޙަޤީޤަތް ނުވިސްނޭތީވެއެވެ. އެހެނަސް އޭނަ ލަޔާންގެ ބައްޕައެއްގެ ގޮތުގައި އެ ދަރިފުޅަށް ވޭނާއި ކެކުޅުން ލިބިދާނެ ފަދަ މަގަކުން ދިޔުމުން ރައްކާތެރިކޮށްދޭނެއެވެ. އެއިން އޭނައަށް ކިތަންމެ ބޮޑު ހިތާމައެއް ލިބުނަސްވެސްމެއެވެ.

 

ނިޝާން ލަޔާން ގޮވައިގެން ލޯމަތިން ގެއްލެންދެން ވެސް ލަމްޔާ އެމީހުންނަށް ބަލަން ހުރީ އެއްވެސް އަސަރެއްނެތް މޫނަކާއެކީގައެވެ. އަމިއްލަ ދަރިފުޅުގެ ރުއިމުގެ އަޑުން ވެސް އެ ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރާ ފަދައެވެ. ނިޝާން ލަޔާންއާއެކީ ގޮސް ލިފްޓަށް ވަން މަންޒަރު ބަލަން ހުރެހުރެފައި ލަމްޔާ އޭނަގެ އަތް ދަބަސް ތެރެއިން ފޯނު ނަގައި ނަންބަރަކަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އިރުކޮޅެއްފަހުން އޭނަ ހުރިގޮތަށް ހުރެ ވާހަކަ ދެއްކިއެވެ.

 

“ހެލޯ މައު…..ޕްލޭން ވަރަށް ވެސް ރަނގަޅަށް ދިޔައީ. އަހަރުމެން ހީކުރި ގޮތަކަށް ނޫން މުޅިން ދިޔައީ. އެކަމަކު އަހަންނަށް ހަމަ ޔަޤީން ދެން އުސްތާޒް ނިޝާންއަށް ކޯޓުގައި ވާހަކަ ނުދެއްކޭނެ ވަރަށް އޭނަގެ ފިރިހެން ދަރިފުޅު އޭނަގެ ބޯކާނެކަން. އެހެން ނުވިއްޔާ އަހަރެން އިތުރު މަޅިތަކެއް ހަދާނީ….ދަރިން ބޭނުންނުވެ ހުރެވެސް ހޯދުނުކަން އެއީ ނަސީބު.” ލަމްޔާ އެހެން ބުނެލުމަށްފަހު ނުލަފާ ހީލުމެއް ހީލިއެވެ.

 

**

 

އަޔާޒާއި މަލާކް ކުރި ދިގު ދަތުރަށްފަހު މޮސްކޯ އިންޓަނޭޝަނަލް އެއާރޕޯޓުގައި އެމީހުން ތިބި ފްލައިޓް ޖެއްސީ ރަޝިޔާގެ ގަޑިން ހަވީރު 5:14 ވީ ވަގުތެވެ. ފްލައިޓްގެ ކުރީކޮޅު މަލާކް ރުޅި މޫނު ހަދައިގެން ހުއްޓެއްކަމަކު ފްލައިޓް ތެރެއިން ލިބުނު އެކިއެކި ޚިދުމަތްތަކާއިމެދު ދެމެދުގައި އެކިއެކި ވާހަކަތަކެއް ދެކެވުނެވެ. ފްލައިޓް ތެރޭގައި ކުޑަ އެއްޗެއް ކެއުމަށްފަހު މާ ގިނައިރެއްނުވެ މަލާކަށް ނިދުނެވެ. އަޔާޒް ކުރިމަތީގައި ހުރި ސްކްރީނުން ބަލަމުން ދިޔަ ވީޑިޔޯއެއް ނިމުމުން އެ ދިމާލަށް ބަލާލި ހިނދު ކުޑަ ދޮރަށް ބޯ ލައްކޮށްގެން ނިދިފައި އޮތް މަލާކް ފެނިފައި އޭނަ ވަގުތުން މަލާކް އޮތް ގޮތް ރަނގަޅުކުރަން އަވަސްވިއެވެ. އެހެނަސް އެއީ ކިތަންމެ އަރާމު ސީޓަކަށް ވިޔަސް އަޔާޒް އުޅެ އުޅެ މަލާކްގެ ބޯ ސީދަލަށް ސީޓުގައެއް ނުހުރެއެވެ. އޭނަ ރަނގަޅު ކޮށްދީފައި ދޫކުރާއިރަށް އަނެއްކާވެސް މަލާކް ކައްސާލައިގެން ގޮސް އެއްފަރާތަކަށް ވެއްޓެން ދެއެވެ. އެގޮތަށް ހަދަމުން ގޮސް އެންމެ ފަހުން މަލާކްގެ ބޯ އޭނަގެ ކޮނޑު މަތީގައި އެޅުނެވެ. އެ ހިނދު އަޔާޒްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ. މަލާކްގެ މޫނަށް ނަޒަރު ހުއްޓާލެވުނީ ބޭއިޚްތިޔާރުގައެވެ. މަލާކް ދުރުކުރަން އޭނަ ބޭނުމެއްނުވީ އެހެން ގޮތަކަށް ނުވާނަމަ މިގޮތް އެންމެ ރަނގަޅު ނޫންތޯ ބުނި ހިތެއްގެ ސަބަބުންނެވެ. އަދި މީހަކަށް ‘އެހީއެއް’ ވުމުގައި ގޯހަކީ ކޮބައިތޯ ބުނެ ހިތް ސުވާލުކުރުމުންނެވެ.

 

މަލާކަށް ހޭލެވުނީ ފްލައިޓް ތިރިކުރަން ގާތްވުމުން ފްލައިޓް ތެރެއިން އެ ވާހަކަ އެންގިގެން ދިޔަ އަޑަށެވެ. އަޔާޒް އުއްމީދު ކުރި ފަދައިން މަލާކް ހޭލެވުމާއެކު ދިޔައީ ސިއްސައިގެންނެވެ. މަލާކް ހެއްވާލުމަށްޓަކައި އަޔާޒްވެސް މަލާކް އޭނައާއި ދުރުވި ވަގުތު މޭމަތީގައި އެއްއަތް އަޅައި ކަރު ތެރެއިން އަޑެއް ލައްވަމުން ސިއްސައިގެންދާ ކަމަށް ހެދުނެވެ. އޭނަގެ ހިތް އެދުނު ފަދައިން އެވަގުތު އޭނައަށް މަލާކްގެ ހުނުމުގެ އަޑު އިވުނެވެ. އޭނަ އެ އަޑު އަހަން ބޭނުންވަނީ ކީއްވެކަމާމެދު އެވަގުތު ނުވިސްނަން އޭނަގެ ސިކުނޑިއަށް ބާރުލީ އެވަގުތުކޮޅު ޚަރާބުކުރަން ބޭނުމެއްނުވި އޭނަގެ ހިތެވެ. އެހެންކަމުން އަޔާޒް ނުފިލާ ހިނިތުންވުމެއްގައި މަލާކަށް ބަލަން އިނެވެ. އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އަނެއްކާވެސް ފްލައިޓް ތިރިވަމުން ދިޔަ ވަގުތު ގޮނޑީގެ އަތްގަނޑުމަތީގައި ބޭއްވިފައި އޮތް މަލާކްގެ ދެއަތަށް ބާރުވި މަންޒަރު ފެނުމުންނެވެ. މިފަހަރު އެކަމާމެދު މަލާކާއި ވާހަކަ ދައްކާލަން އަޔާޒް ނިންމިއެވެ.

 

“އަސްލު މަލާކް ކީއްވެ ތި ބިރުގަންނަނީ؟” އަޔާޒް އެނގި ހުރެވެސް ސުވާލުކުރިއެވެ. މަލާކްގެ ސިކުނޑިއަށް ވެރިވާނެ ޚިޔާލުތައް އޭނައަށް އަންދާޒާ ކުރެވުނަސް މަލާކް އެންމެ ބިރުގަންނަނީ ކޮން ކަމަކަށްކަން ދަނެގަނެ އެކަމާމެދު ވާހަކަ ދައްކަން އޭނަ ބޭނުންވީ އެއިން މަލާކަށް އެހީއެއް ލިބޭނެކަން އެނގިގެންނެވެ.

 

އަޔާޒްގެ ސުވާލު އިވިފައި ކުރިއެކޭ ވެސް އެއްފަދައިން މަލާކްގެ ނުތަނަވަސްކަން އިހުނަށްވުރެ ކުޑަވިއެވެ. އޭނަ އަޔާޒަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

 

“ބިރުގަންނަނީ….މިހާ ބާރަށް ގޮއްސަ ފްލައިޓް ބިމުގަ ޖެހޭއިރު ފްލައިޓްގެ ޓައިރު ފަޅައިގެން ހިނގައިދާނެތީ…ނޫނީ ޖެއްސޭ ގޮތަކުން އެންމެ ފުރަތަމަ ފްލައިޓްގެ ފިޔަގަނޑު ބިމުގަ ޖެހިދާނެތީ…ނޫނީ ފްލައިޓް ބިމުގަ ޖެހިދާ ގޮތަކުން އިންޖީނު ގޮވައިގެން ހިނގައިދާނެތީ. ނޫނީ….” މަލާކް ދެންވެސް ކަންބޮޑުވުމަކާއެކީ ދިގު ލިސްޓެއް ކިޔައިދޭން ފެށުމުން އަޔާޒަށް ހީލެވުނެވެ. އެހިނދު މަލާކް ވާހަކަ ހުއްޓާލަމުން ސީރިއަސްކަމާއެކީ އޭނައަށް ބަލާލިއެވެ.

 

“އެނގޭ ވަރަށް މޮޔަ ވާހަކަތަކެއްކަން މިއީ. އެކަމަކު މަލާކް ހަމަ ވަރަށް ބޮޑަށް ބިރުގަނޭ. ކަމެއް ދިމާވިޔަސް މަލާކަށް ސަލާމަތްވާން ދުއްވައިގަނެވޭނީއެއް ނޫންވިއްޔާ. އެހެންވެ ކަންނޭނގެ އެހާ ގިނައިން މި ކަންތައްތަކާމެދު ވިސްނެނީ….ހެހެ….މޮޔަ ދޯ ވަރަށް؟” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އަސަރެއް ނެތް ގޮތަކަށް ހީހީފައި އެ ބަސްތައް ބުނެލީ އޭނަ ޙަޤީޤަތުގައި ވެސް މިވަނީ މޮޔަވުމުގެ މަގުމަތީގައިކަން ހަނދާންކުރަމުން ހިތްދަތިވެފައިވާ ޙާލުގައެވެ. އޭނަ ހިތާމަވެރި މޫނަކާއެކީ އިންގޮތުން އަޔާޒް ބަލަން އިނދެއިނދެފައި ވާހަކަ ދެއްކިއެވެ.

 

“އަހަރެން ދެކޭ ގޮތުގަ އެއީ މޮޔަކަމެއް ނޫން. ވިސްނުންތޫނު ވީމަ ތިމާގެ ހުރި ބަލިކަށިކަމެއް އެނގި ރައްކާތެރިވާނެ ގޮތަކާއިމެދު ވިސްނަން ދުރާލާ މަސައްކަތް ކުރެވޭނީވެސް…” އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް އޭނައާއި ދިމާލަށް ބަލާލެވުނީ ކުއްލި ގޮތަކަށެވެ. އަޔާޒް އެ ދެއްކީ އޭނަ އުއްމީދުވެސް ކޮށްގެން ހުރި ފަދަ ވާހަކައަކަށް ނުވުމުންނެވެ. އަޔާޒްގެ ފަރާތުން އަނެއްކާވެސް އުއްމީދީ ބަސްތަކެއް އިވިގެން ދިޔުމުން އޭނަގެ ހިތަށް ޙައިރާންކަމެއް ވެރިވިއެވެ.

 

މަލާކް ބަލަބަލާ ހުއްޓާ އަޔާޒް އަނެއްކާވެސް ލުއި ގޮތަކަށް ހީލުމަށްފަހު ވާހަކަ ދެއްކިއެވެ.

 

“ބިރަކީ ކޮންމެ މީހަކުވެސް ގަންނަ އެއްޗެއް. އެކަމަކު އެ ބިރުވެރިކަން ހަމައަކަށް އަޅުވަން އަހަރުމެން އެންމެންނަށް ވެސް އެނގެންވާނެ. މިހެން ބުނާއިރު ހަނދާންވަނީ ބައްޕަ ދަސްކޮށްދިން ދުޢާއެއް. حَسْبُنَا اللّه وَ نِعْمَ الْوَكِيْل….ހެހެ…..އަހަރެން ރޭގަނޑު އެކަނި ނިދަން ބިރުގަތީމަ ބައްޕަ އަބަދުހެން އެހެން ކިޔާލާފަ ބުނާނީ ﷲ ރައްކާތެރިއެއްގެ ގޮތުގަ ފުދިގެންވެއޭ….ދެން ކީއްކުރަންހެއްޔޭ އެހެން މީހަކު ގޮވައިގެން ދާން ތިއުޅެނީ. ﷲ ރައްކާތެރިކުރައްވާނެ ވަރަށް އެހެން މީހަކަށް ރައްކާތެރި ކޮށްދެވޭނެ ހެއްޔޭ. ކޮންމެ ކަމެއް ދިމާވިޔަސް އެކަމުގެ މައްޗަށް ފުރިހަމަ ބާރު ﷲ އަށް ލިބިވޮޑިގެންވެޔޭ. ދެން ކީއްކުރަން ހެއްޔޭ އެއްވެސް ކަމަކަށް ބިރުގަންނަންވީ…..ނޭނގޭ ކީއްވެކަމެއް. އެ ބަސްތައް އިވޭއިރަށް އަހަންނަށް އަބަދުވެސް ހިތްވަރެއް ލިބޭ. ޑޯންޓް ގެޓް މީ ރޯންގް އެކަމަކު އަހަންނަކީ އެހާ ދީންވެރިވެގެން އުޅޭ މީހެއްވެސް ނޫން. އެކަމަކު ބައްޕަ އެ ދޭ ނަޞޭޙަތްތަކުން އަހަންނަށް ވަރަށް އަސަރުކުރޭ. އަދަށްދާންދެން ވެސް ހަނދާން ހުންނަނީ އެހެންވީމަ….ސޮރީ…ވަރަށް ބޯރިންގް ވާހަކަތަކެއްދޯ މިއީ؟” އަޔާޒް ވާހަކަ ދައްކަމުން ގޮސް އެ ފަހު ސުވާލު ކޮށްލީ އޭނަ އެފަދަ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު މައުވާ ނުރުހުންވެގެންދާ ގޮތް ހަނދާންވުމުންނެވެ. މަލާކް ވެސް އެފަދަ ވާހަކައެއް ދައްކާނެ ކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް….

 

“ނޫނޭ….ތިއީ ބޯރިންގް ވާހަކަތަކެއް ނޫން. ވަރަށް އިންޓްރެސްޓިންގް. އަހަރެންގެ މަންމަ ވެސް ވަރަށް ތިކަހަލަ ނަޞޭޙަތްތައް ދީ ހަދާނެ ދުނިޔޭގަ ހުރިއިރު. މަންމަ ނެތީމަ އަސްލު އަހަރެން ވަރަށް ގޯސްވަމުން ދާހެން އަހަންނަށް ހީވަނީ. އަޔާޒްގެ ބައްޕަ ތި އެއްޗެހި ތި ކިޔައިދެނީވެސް މަންމައަށްވުރެ ތަފްޞީލުކޮށް ހެން އަހަންނަށް ހީވަނީ. އަޔާޒް އަދި އަޔާޒްގެ ބައްޕަ ދެއްކި ތިކަހަލަ ވާހަކަތައް ޝެއާރ ކޮށްދެއްޗޭ. ވަރަށް އަޑުއަހަން ބޭނުން. އިން ފެކްޓް މިހާރު މިވަގުތު ބިރުނުގަންނާނެހެން ތި ދުޢާވެސް ކިޔަން ބޭނުން. حَسْبُنَا اللّه وَ نِعْمَ الْوَكِيْل….ހެހެ…” މަލާކް އެހެން ކިޔައި ހީލުމުން އަޔާޒަށް ވެސް ހީލެވުނީ ހިތަށް ލިބުނު ހަމަޖެހުމާއި އެކީގައެވެ. މި ހުރިހާ ދުވަހު އޭނައަށް ހީކުރެވިފައިވީ އޭނައަށް ދެކެވޭ އެފަދަ ވާހަކަތަކަކީ ބައްޕަގެ ހަނދާންތަކުގެ ސަބަބުން ‘މުސްކުޅި ވިސްނުން’ އޭނަގެ ސިކުނޑިން ވަކި ނުކުރެވޭތީ އޭނައަށް ދެކެވޭ ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތަކަށް ޝައުޤުވެރިވާނީ ހަމައެކަނި މުސްކުޅި ބޭބެއިން ކަމަށް އޭނައަށް ހީކުރެވިފައިވިއެވެ. އެހެންނޫނީ މީހަކު އޭނައަށް ވިސްނައިދޭން މަސައްކަތް ކޮށްފައިވީ އެފަދައިންނެވެ. މަލާކް ފަދަ ވިސްނުންތޫނު ޒުވާން ކުއްޖަކަށް އެ ވާހަކަތައް ކަމުދިޔުމުން އަޔާޒްގެ ހިތް އުފާވިއެވެ. އޭނައަށް މި ލިބުނީ ރަނގަޅު ބައިވެރިއެއްތާއޭ ހިތް ބުނެލިއެވެ. އެ ޚިޔާލުން އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔައެއްކަމަކު އަޔާޒް އަވަސްއަވަހަށް އޭނަގެ ހިތަށް ވެރިވި ޖަޒުބާތުތައް ފިލުވާލީ އޭނަ މަލާކާއިމެދު ދެކުނީ އެކުވެރިއެއްފަދަ ބައިވެރިއެއްގެ ގޮތުގައޭ ހިތާހިތުން ކިޔަމުންނެވެ.

 

ފްލައިޓް އެއާރޕޯޓުގައި ޖެއްސުމުން އަޔާޒް މަލާކާއެކީ ލަގްޖެތައް ހިފައިގެން ނިކުންނަން އަވަސްވިއެވެ. އެއާރޕޯޓުން ނިކުތްއިރު ވެސް އެމީހުންގެ އިންތިޒާރުގައި އަޔާޒް ގުޅާލި ޓެކްސީ އޮތެވެ. ޓެކްސީއަށް އެރި ވަގުތުގައާއި ޓެކްސީގައި ކުރެވުނު މުޅި ދަތުރު މަތީގައި މަލާކަށް އާދައިގެ މަތިން އާ ތަނަކަށް އާދެވުމުން ވަށައި ހޯދެމުން ދިޔައެވެ. ކާރު ދުއްވަމުން ދިޔަ ފުޅާ މަގާއި ދެ ފަރާތުން ފެންނަމުން ދިޔަ އުސް ޢިމާރާތްތަކާއި ދުރުން ފެންނަމުން ދިޔަ ބްރިޖް ފެނިފައި މަލާކަށް ހުރެވުނީ އެސްފިޔަ ޖަހާލުމެއްނެތި ބަލަހައްޓައިގެންނެވެ. ބައިގަޑިއިރު ވަންދެން ކުރެވުނު ދަތުރުމަތީގައި އަޔާޒް އޭނައަށް ވީ ވަރަކުން އެކި ތަންތަނުގެ ނަންތަކާއި މަޢުލޫމާތުތައް މަލާކަށް ކިޔައިދެމުން ދިޔައެވެ. ޓެކްސީ ދުއްވަމުން ދިޔަ އޭނައާއި އެކުވެރި ޑްރައިވަރު ރަޝިޔާ ބަހުން އެއީ ގެސްޓެއްތޯ ސުވާލުކުރުމުން އަޔާޒް އެއީ އޭނަގެ ޤައުމުގެ މަޝްހޫރު ތަރިއެއްކަމުގައި ބުނެލިއެވެ. އެއާއެކު ޑްރައިވަރު މީހާ ވަގުތުން ގަނޑަކާއި ގަލަމެއް ދިއްކޮށްލަމުން ތިމަންނައަށް ސޮއި ހޯދައިދޭށޭ ބުނެލިއެވެ. އެއާއެކު އަޔާޒް މަލާކްގެ އަތުން ސޮއި ހޯދައި އެމީހާ އަތަށް ލައިދިނެވެ. އެމީހާ ދައްކަނީ ކޮން ވާހަކައެއްތޯ މަލާކް އެހިއެއްކަމަކު އަޔާޒް ނޭނގޭ ކަމަށް ހެދުނެވެ. އެ ހިނދު މަލާކް އޮޅުން އަރާފައިވި ގޮތަކަށް އިންނަން ފެށުމުން އަޔާޒަށް އެ މައުސޫމް މޫނަށް ބަލަން އިނދެ އަމިއްލަ އަމިއްލައަށް ހީލެވުނެވެ.

 

އަޔާޒް ޓެކްސީ މަޑުކުރުވީ މަލާކް ހީވެސް ނުކުރާފަދަ ބިޔަ ބޮޑު ޢިމާރާތެއްގެ ކުރިމައްޗަށެވެ. އެ ޢިމާރާތަށް ގޮސް ވަނުމުން ފެނިގެން ދިޔަ މާބަލް ޓައިލްސްއާއި ރިސެޕްޝަން އޭރިއާގެ ވެސް ބޮޑުމިން ފެނިފައި މިތަނުގެ އެޕާޓްމެންޓެއް ސަހަލު އަގެއްގައި ނުލިބޭނެކަމަށް މަލާކްގެ ހިތް ބުންޏެވެ. އަޔާޒް މިހާ އަގުބޮޑު ތަނެއް ޚިޔާރުކުރީ ކީއްކުރަންތޯ އޭނަގެ ހިތް ސުވާލުކުރަމުން ދިޔައެވެ. ފައިސާ ލިބުނަސް މިއީ ތަންކޮޅެއް ބޮޑުވަރޭ ހިތަށްއެރިއެވެ. މަލާކްގެ މި ޚިޔާލުތައް ދެގުނަ ވެގެން ދިޔައީ އަޔާޒް އެމީހުންދާނީ އެ ޢިމާރާތުގެ އެންމެ މަތީ ބައިގައި ހުރި ޕްރެޒިޑެންޝަލް ސޫޓްއަށްކަމަށް ބުނުމުންނެވެ. އަދި އަމުދުން ލިފްޓުން އަރައިގެން ގޮސް އެތަނަށް ވަދެވުމުން ފެނިގެން ދިޔަ ބޮޑު ޖާގައިގައި ހުރި ސޯފާތަކާއި ފާރުގައި ހުރި ބޮޑު ޓީވީގެ އިތުރުން ވަށައިގެން ފެންނަމުން ދިޔަ ދިގު ކުޑަދޮރުތައް ފެނިފައި މަލާކަށް ވާހަކަ ދެކެވުނެވެ.

 

“ކީއްކުރަން މިހާ ބޮޑުތަނެއް ހޯދީ؟ ކުޑަ ދުވަސްކޮޅަކަށް އަންނައިރު ކުޑަ ތަނެއް ހޯދި ނަމަވެސް ރަނގަޅުވީހެއްނު؟” މަލާކަށް ބުނެލެވުނެވެ. އޭރު އަޔާޒް ގޮސް ކުޑަ ދޮރުތަކުގެ ތެރެއިން ފަރުދާ ކަހާލެވިފައި ނުވާ ކުޑަދޮރެއްގެ ކައިރިއަށް ގޮސް ފަރުދާ ކަހާލީއެވެ. މަލާކްގެ ސުވާލު އިވިފައި އަޔާޒަށް ހީލެވުނެވެ.

 

“މިއީ ހޯދި ތަނެއް ނޫނޭ. މިއީ އަނެއްހެން ބުނަންޏާ މި ރަށުގަ އުޅޭއިރު އަހަރެންގެ ގެ.” އަޔާޒް ކުޑަދޮރުން ބޭރުން ފަނޑުވަމުން ދިޔަ އަލީގެ ތެރެއިން ދުރުދުރަށް ފެންނަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ.

 

“ގެ؟!” މަލާކަށް ޙައިރާންކަމާއެކީ އަހާލެވުނެވެ. އެއާއެކު އަޔާޒް އޭނައަށް ބަލާލަމުން ބޯޖަހާލިއެވެ.

 

“ގެ…މިއީ ބައްޕަ ބޯޓު ދަތުރުކޮށް އުޅުނުއިރު ދަތުރު މަތީގައި ވަރަށް ޙާލުގަ ޖެހުނު ރަޝިޔާ މީހަކަށް އެހީވެދިނީމަ ބައްޕައަށް އެމީހާ ހަދިޔާ ކުރި ތަނެއް. ކިޔެވިއިރު ވެސް އަހަރެން އުޅެމުން ދިޔައީ މިތާ. ބައްޕަ އެހެން މީހުންނަށް ކޮށްދީފަ ހުރި ކަންތަކުން ބައްޕަގެ ކުދިންނަށް ހައްތަހާވެސް މިފައިދާ ވަނީ. ބައްޕަގެ ބައިވަރު ފްރެންޑުން ތިބޭނެ އެކި ޤައުމުތަކުގަ. އެހެންވެއެއްނު ކޯރމެޑް ހޮސްޕިޓަލުން ވެސް އަހަރެން ކިޔަވައި ނިމޭހާއިރަށް ވަޒީފާއެއް ދޭނަމޭ ބުނެފަ އޮތީ؟ އެތަން ވެސް ހިންގަނީ ބައްޕަގެ އިންޑިޔަން ފްރެންޑެއް.” އަޔާޒް ބުނެލިއެވެ.

 

“ކޯރމެޑް ހޮސްޕިޓަލް…” މަލާކަށް އެ ބަސްތައް ކިޔާލެވުނީ އެއީ އޭނަ ދަންނަ ނަމެއްހެން ހީވާ ފަދައަކުންނެވެ.

 

“ޔާ….ނައު ދެޓް އައިމް ސޭއިންގް ދިސް އެތަނުންނެއްނު މަލާކްގެ….” އަޔާޒް އެހާ ހިސާބަށް ބުނެލި ވަގުތަކީ އަޔާޒްގެ ފޯނު ރިންގުވާން ފެށިއެވެ. އެ ހިނދު މަލާކަށް އަޔާޒް ބުނެލި ހޮސްޕިޓަލުގެ ނަމާއިމެދު ވިސްނެމުން ދިޔައިރު އަޔާޒް އޭނަގެ ފޯނުގެ ސްކްރީނަށް ބަލާލީއެވެ. ސްކްރީނުން މައުވާގެ ނަން ފެނިފައި އޭނަގެ ހިތަށް އެއްވެފައިވި ޖަޒުބާތުތައް ވެރިވިއެއްކަމަކު އަޔާޒް ހިނިތުންވެލީ އޭނަ މިހާތަނަށް އައީ މިކަމަށްޓަކައި ކަން އޭނަގެ ސިކުނޑި ހަނދާންކޮށް ދިނުމުންނެވެ. އަދި މަލާކާއިމެދު އޭނަގެ ހިތުގައިވި ޖަޒުބާތުތަކާމެދު ވިސްނުމަކީ އޭނަގެ ސިކުނޑިއަށް އުދަގޫކުރުވާ ކަމަކަށް ވާތީވެސްމެއެވެ. އޭނަ ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ މައު….” އަޔާޒް އެހެން ބުނެލި އަޑަށް މަލާކަށް އޭނަގެ ޚިޔާލުތަކުން ވަގުތުން ނިކުމެ އަޔާޒަށް ހުރިހާ ސަމާލުކަމެއް ދެވުނެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރި އަޔާޒްގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިފައި މަލާކްގެ ހިތް އަނެއްކާވެސް ގެނބެން ފެށިހެން އޭނައަށް ހީވިއެވެ.

 

“ވަޓް؟! ޔޫ އާރ އޯލްރެޑީ ހިއާރ؟ އަވަހަށް އާދޭ!” އެކޮޅުން އިވުނު ވާހަކައިން އަޔާޒަށް ޖޯޝާއެކީ ވާހަކަ ދެކެވުނެވެ. މައުވާ އޭނަ އުއްމީދުވެސް ނުކުރަނީސް އޭނައާއި ބައްދަލުކުރަން އައުމުން އޭނަގެ ޚިޔާލުތައް މީގެ 3 އަހަރު ކުރިއަށް ދިޔުމުން އޭނަ ވަގުތުން ހިތް އުފާވިއެވެ. އެހެނަސް އެ އުފާވި ވަގުތުވެސް މަލާކްގެ ނަން އޭނަގެ ހިތުގެ ކަނެއްގައިވިކަން ހަނދާން ނައްތާލަން އޭނައަށް އުދަގޫވިއެވެ. އެ ދަތިކަމުގެ މަތިން ހަނދާން ނައްތާލުމަށްޓަކައި މައުވާ ފޯނު ކަނޑާލުމުން އަޔާޒް މަލާކަށް ބަލާލީ އޭނަ އުފާވާކަން ދައްކަން އިތުރު މަސައްކަތެއް ކުރަމުންނެވެ.

 

“މައުވާ އައިއްސަ އެބަހުރި އަހަރެން ނުވެސް ގުޅަނީސް….ސޯ ރޮމޭންޓިކް ޝީ އިޒް!” އަޔާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރެ އެހެން ބުނެލީ ހިތުން އޭނަގެ ކުރީގެ ނަފްސަށް އޭނައަށް ދެވޭނެ ކަމުގެ އުއްމީދުގައެވެ. މަލާކަކީ އޭނައަށް ދުވަހަކުވެސް ކަމުނުދާނެ އާދައިގެ ކުއްޖެއްގެ ގޮތުގައި ދެކި އޭނަގެ ލޯތްބަކީ މައުވާކަން އަމިއްލަ ނަފްސަށް ވިސްނައިދެވޭނެކަމަށް ހީކުރަމުންނެވެ. އެހެނަސް އޭނަ އެހެން ބުނުމުން މަލާކް ހިނިތުންވުމެއް ދައްކާލީ ގަދަކަމުން ކަން އެނގުންވުމުން އަޔާޒްގެ ހިތް ދެރަވިއެވެ. އެއާއެކު އަނެއްކާވެސް އޭނަގެ ހިތަށް އުދަގޫވާން ފެށިހެން ހީވުމުން އަޔާޒް ތިމަންނަ މިދަނީ ފްރެޝްވެލާށޭ ބުނެލަމުން އެތަނުންދާން ހިނގައިގަތެވެ.

 

**

 

އިރުއޮއްސެމުން ދިޔަ އެވަގުތު އަޔާޒްމެން ވަދެގެން އައި ހޮޓެލްގެ ރިސެޕްޝަން އޭރިއާ ތެރެއިން މައުވާގެ ކަށި ފައިވާނުގެ އަޑު އިވިގެން ދިޔައެވެ. އޭނަ ލައިގެން ހުރީ އާދައިގެ މަތިން އަތް ކުރު ކަކުލާއި ހަމައަށް އޮތް ހެދުމެކެވެ. ހިނގާފައި ދަމުން އޭނަ އަތުން ހިފައިގެން އައި ފޯނު ރިންގުވާން ފެށުމުން ސްކްރީން ބަލާލިއެވެ. ގުޅަނީ އޭނަގެ މަންމަކަން އެނގުމުން މައުވާ އެވަގުތުވެސް ފޯނު ނެގިއެވެ.

 

“ހެލޯ މަންމާ….މި ދަނީ އަޔާޒްއާ ބައްދަލުކުރަން.” މައުވާ ބުނެލިއެވެ.

 

“ރަނގަޅު….އުފާވެރި ޚަބަރެއް ދޭންވެގެން މި ގުޅާލީވެސް. ދެން ދުވަސް ގަނޑެއް ވަންދެން އަހަރުމެން ކޯޓުން ސަލާމަތްވާނެ ހަމަ ގައިމުވެސް. ރާއްޖޭގަ ހުރި އެންމެ ބޯ ހަރު އަދި އެންމެ ނުހެއްލޭ ވަކީލުވެސް އަހަރުމެން މައިތިރި ކޮށްފިން. ތި އަޔާޒްއަކާ ދެން ނުގުޅުނަސް އަސްލު މައްސަލައެއްނެތް. މައު އޭނަ ދޫކޮށްލަން ބޭނުމިއްޔާ ދޫކޮށްލާ. އެކަމަކު މަލާކްއާ އޭނަ ކައިރިތޯ ކުޑަކޮށް ބަލާލާފަ ދޫކުރާނީ. މައުއަށް އެނގޭނެ އެދެމީހުން ގުޅިގެން އުޅެން ފަށައިފިއްޔާ ވާނެ ގޮތް. އެކަމަކު ހިއެއްނުވޭދޯ އަޔާޒް އެ ނުހިނގޭ ކުއްޖާއާއެކީ މާ ގިނަ ދުވަހު އުޅޭނެހެންވެސް؟” މަންމަ އެކޮޅުން ބުނެލި އަޑު އިވުނެވެ.

 

“މަށަށް ހިއެއްނުވޭ އިނދެގެން ވެސް އެކީގަހެން އެއުޅެނީ. ދެންމެވެސް އަހަރެން އަޔާޒްއަށް ގުޅާފަ މިއަންނަނީއޭ ބުނީމަ ފުންމައިގެން މަ ގަޔަށް އަރަން އުޅުނީހެން ހީވީ….ހެހެ…މޮޔަ ގޮލައެއް އެއީ. އަހަރެން ދެން ފޫހި ފިލުވަން ދުވަސްކޮޅަކަށް ކުޅެލާނަން އޭނައާ. އޭނަ ހުރިއްޔާ އޭނަގެ ބޯ ކައިގެން ހަމަ އިތުރު ފަންޑްސް ލިބެމުން ދާނެތާދޯ މަންމާ؟” މައުވާ ލިފްޓަށް އަރަމުން ބުނެލިއެވެ.

 

“މަގޭ މާސްޓާރމައިންޑް ޑޯޓާރ!” މައުވާގެ މަންމަ ބުނެލިއެވެ. އެއާއެކު ދެމައިން އެކީގައި ހީލީ އެމީހުން އެ ހީކުރި ހީކުރުންތަކަށް ބުރަވެ އެމީހުންގެ ރޭވުން ވަރަށް ކާމިޔާބުވާނެ ކަމަށް ޔަޤީންކުރަމުންނެވެ. މަލާކްއާއި އަޔާޒްގެ ހިތުތެރޭގައި ފޮރުވިފައިވި އިޙްސާސްތަކުގެ ބާރު އެމީހުންނަކަށް ރޭކާއެއްނުލައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވާހަކަ އެލާޓް

Next

ހާސިލް ވުމަށް އެދީގެ ކިޔުންތެރިންނަށް

Next
October 20, 2019

ހާސިލް ވުމަށް އެދީގެ ކިޔުންތެރިންނަށް

Previews
October 19, 2019

ވާހަކަ އެލާޓް

22 Comments!

  1. Maaya says:
    October 19, 2019 at 7:18 pm

    maa shaa allah varah reethi whn next part?

    1. Jana says:
      October 20, 2019 at 11:30 am

      Alhamdhulillah! (All praise and thanks belong to Allah) 🙂 Next part wednesday ga In Sha Allah 😀 <3

  2. jiji says:
    October 19, 2019 at 7:40 pm

    Me second alhamdhulliah…kiyaafa comment eh kohlaanan ingey jana?

    1. jiji says:
      October 19, 2019 at 8:45 pm

      masha allah mi part vx vrh vrh vrh rythi…sis alhe mi mauvaa menah rangalhu bondi eh boandhybala…huvaa mibuny ma haadha nattaey emeehun e ulhey gothakun…Ayaaz aa malaak dhuru nukurahchey…adhi ayaaz ah mauva ge hageegaiy ingey goiy hadhaathi…plx…..waiting for the next n blog posts…Lysm sissy?

    2. Jana says:
      October 20, 2019 at 11:32 am

      hehe…Mauva mennah bondi dheyhithun jana mihaaruves othy kommeves bondieh raavaafa. jana ves varah nattaa meehun ey. adhives jiji ah heeveytha Malaak ah Ayaaz dhuruvedhaanehen? balamaa dho In Sha Allah. next part wednesday ga. Love you too :*

  3. mimmi says:
    October 19, 2019 at 8:06 pm

    Varah reethi..Maa sha Allah.when is next part??waiting for the next part..Nishan are layaan dhuru nukuruvahchey please..Ayaz are malaak avahah gulhuva bala

    1. Jana says:
      October 20, 2019 at 11:34 am

      Nishan aa Layaan dhuru koffi dho already kommeves meehaku. kaireega thibbas jazubaathun ves dhurukuruvumaky varah bodu kameh dho mimmi? balamaa vaagotheh…Ayaz aa Malaak dhen gulheyne varakah gulhifa dho ethiby mimmi? 😛 dhen emeehunge kameh e libifa oiy furusathuge beynun hifumaky. hehe 😀 In Sha Allah next part wednesday ga 🙂

  4. Kairaa says:
    October 19, 2019 at 8:17 pm

    Woowwww…v reethi ingey….whn nxt

    1. Jana says:
      October 20, 2019 at 11:35 am

      Alhamdhulillah! Next part wednesday ga In Sha Allah 🙂

  5. Alanaasi says:
    October 20, 2019 at 5:45 am

    Mauva and her mom. Can’t believe them ?

    1. Jana says:
      October 20, 2019 at 11:35 am

      and can you believe Lamya? :/

    2. Alanaasi says:
      October 21, 2019 at 2:17 am

      Lamya is much worse. A person with a heart would never do that to her own child.
      Lamya ah visneyne nama ey hithah araa..

  6. Mrs Chocolate says:
    October 20, 2019 at 11:02 am

    Masha Allah.. Mi part ves v furihama ?❤️

    1. Jana says:
      October 20, 2019 at 11:36 am

      Alhamdhulillah! 😀 <3

  7. Jana says:
    October 20, 2019 at 11:39 am

    Not too long ago, I sat in a session where a group of us were given information about mental health. We were being told about the different mental illnesses and how they could impact a person. We were also told about certain thoughts that a person might have if they have an illness like depression or anxiety.

    At the end of all of it I was quite surprised. Because I have those exact thoughts that were described in the session every now and then. But for some reason, I didn’t happen to have the behaviours that would usually occur with those disorders. Despite those thoughts, I still manage to see the bright side of things. I refuse to see anything in a negative light and I can’t stand anyone saying that something is impossible.

    And I thought to myself, why? Why wouldn’t my behaviours align with the negative thoughts that would go with those disorders? The answer to that was these words that would come to my mind with every negative thought I had.

    حَسْبُنَا اللّه وَ نِعْمَ الْوَكِيْل

    “Allah is enough for us and excellent is He is a Disposer of affairs.”

    That was it! Allah is enough. No matter what happens in my life, no matter what I lose, no my how tough of a situation I go through, Allah is always there for me. Allah will protect me if I seek His protection. Allah will guard me even in the most impossible situations. Allah Will heal my heart if I remember Him no matter how deep I think the scars are. Allah can change my entire life around with the blink of an eye and He is the One Who Loves me the most. So all I need to do is ask Him. Though I cant comprehend any bad that happens in my life, I know for a fact that I’m headed to where I belong because He is the best of Planners. These are the thoughts that save me, every.single.time.

    And interestingly, this is exactly how Cognitive Behaviour Therapy (CBT) works in the world of psychology. It works on the assumption that what we think is what we feel and we behave according what we feel. So the therapy works on changing what a person thinks (the negative thoughts) and therefore change the way they feel and behave.

    Do you now realize the favour Allah has done upon us, with this faith?

    #Mentalhealth #FaithinAllah

  8. Jana says:
    October 20, 2019 at 11:41 am

    Assalaam’alaikum. In Sha Allah mi blog post ge dhivehi bai miadhu haveeru jana genesdheynan. blog post in faidha eh kuriyya hissa kollumaky jana ge varah bodu edhumeh In Sha Allah 🙂

    https://web.facebook.com/Asr-1445208739121696/

    1. Hayat says:
      October 20, 2019 at 12:59 pm

      Thank you janaa sis thikuraa massaikathah. Thanks for showing us the right path when we were going strayed.. I missed ur blog posts varah rangalhu message libidhey theege sababun. So thanks sis. May Allah bless you and your work

    2. Jana says:
      October 20, 2019 at 8:12 pm

      Alhamdhulillah! Hayat ah jana ge post akun faidha eh kuriyya faidha vany hama ekani Allah ge iraadha fulhun. mee emme furathama jana ah handhaan kohdhinumeh. Hayat kureege bayah koffa huri comment ah jana reply koffa hunnaane ingey? vaguthu nuviyas suvaaleh koffa othyma jana eyah reply kury. hope its clear to you sis. 🙂

  9. Jana says:
    October 20, 2019 at 8:10 pm

    މީގެ ދުވަސްކޮޅެއް ކުރިން މަޢުލޫމާތުދޭ ސެޝަނެއްގައި އިށީނީމެވެ. އެ ސެޝަނަކީ ނަފްސާނީ ބަލިތަކާއި ގުޅޭ ގޮތުން ބޭއްވިގެން ދިޔަ ސެޝަނެކެވެ. ސެޝަންގެ ތެރެއިން އެކިއެކި ނަފްސާނީ ބަލިތަކާއި ބެހޭ ވާހަކަތައް ދެކެވި އޭގެއިން ކޮންމެ ބައްޔަކުން މީހަކަށް އަސަރުކުރާނެ ގޮތްތައް ކިޔައިދެވުނެވެ. އަދި ޑިޕްރެޝަން އާއި އެންޒައިޓީ ފަދަ ބަލިތައް ޖެހިފައިވާ މީހުންގެ ސިކުނޑިއަށް ވެރިވާނެ ޚިޔާލުތައް ވެސް ކިޔައިދެވުނެވެ.

    އެ ހުރިހާ ވާހަކައެއް އަޑުއަހައި ނިމުނުއިރު އަޅުގަނޑު ވަރަށް ޙައިރާންވިއެވެ. އެހެނީ އެ ބަލިތައް ޖެހިފައިވާ މީހުންގެ ސިކުނޑިއަށް ވެރިވާ ޚިޔާލުތަކަކީ ޚުދު އަޅުގަނޑުގެ ޚިޔާލުތަކުގައި ވެސް ދޭތެރެދޭތެރެއިން ދައުރުވާ ކަންތައްތަކަށް ވުމުންނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ބަލިތައް ޖެހިފައި ހުންނަ މީހުންގެ ކިބައިން ފެންނަ އުޅުމެއް އަޅުގަނޑުގެ ކިބައިން އަޅުގަނޑަށް ފާހަގައެއް ނުވުމުންނެވެ. އެ ނޭދެވޭ ޚިޔާލުތަކާއި އެކީގައިވެސް އަޅުގަނޑަށް ކޮންމެ ޙާލަތެއްގައިވާ ރަނގަޅު ކަންތައްތައް ފާހަގަކުރެވެއެވެ. އެއްވެސް ކަމަކާމެދު ގޯސްކޮށް ދެކުމަކީ އަޅުގަނޑު އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާހިތްވާ ކަމެއް ނޫނެވެ. މީހަކު އެއްވެސް ކަމަކާމެދު އެއީ ނުވާނެ ކަމެކޭ ބުނާ ބުނުމަކީ އަޅުގަނޑު ނުރުހުންވާ ކަންތައްތަކެވެ.

    އަޅުގަނޑު ވިސްނީމެވެ. އެފަދަ ނޭދެވޭ ޚިޔާލުތައް އަޅުގަނޑަށް ކުރެވޭއިރުވެސް އަޅުގަނޑުގެ އުޅުމަށް އޭގެ އަސަރު ނުކުރަނީ ކީއްވެކަމާއި މެދުގައެވެ. އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔައީ، ނޭދެވޭ ޚިޔާލެއް އަޅުގަނޑަށް ކުރެވޭއިރަށް އަޅުގަނޑުގެ ހަނދާނަށް އަންނަ ބަސްތައް ހަނދާންވެގެން ދިޔުމުންނެވެ.

    حَسْبُنَا اللّه وَ نِعْمَ الْوَكِيْل

    “ﷲ އަޅަމެންނަށް ފުދިގެންވެއެވެ. އަދި އެންމެ މޮޅު ވަކީލަކީ (ވަކީލު ކުރެވޭނެ ފަރާތަކީ) އެކަލާނގެއެވެ.”

    އެ ވާގޮތް ވިސްނިގެން ދިޔައީ އެހާ ހިސާބުންނެވެ. އަޅުގަނޑަށް ﷲ ފުދިގެންވާކަން ހަނދާންވަނީއެވެ. ޙަޔާތުގައި ކޮންމެފަދަ ކަމެއް ދިމާވިޔަސް، ކޮންމެ އެއްޗެއް ގެއްލުނަސް، ކޮންމެފަދަ ޙާލަތެއް ދިމާވިޔަސް އަޅުގަނޑާއެކީ ﷲ ވޮޑިގެންވެއެވެ. ކޮންމެ ކަމަކާމެދު ބިރުގަތަސް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމުން އެކަލާނގެ އަޅުގަނޑު ރައްކާތެރި ކޮށްދެއްވާނެއެވެ. އެއްވެސް ސަލާމަތެއް ނެތްހެން ހީވާ ޙާލަތްތަކުގައި ވެސް ﷲ އަށް އަޅުގަނޑު ރައްކާތެރި ކުރެވޭނެއެވެ. އަޅުގަނޑުގެ ހިތުތެރޭގައިވި ޒަޚަމްތައް ކިތަންމެ ފުންހެން އަޅުގަނޑަށް ހީވިޔަސް އަޅުގަނޑު ﷲ މަތިން ހަނދުމަކުރުމުން އެކަލާނގެ އެ ޒަޚަމްތަކަށް ޝިފާ ދެއްވާނެއެވެ. އެކަލާނގެއަށް އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލު ކޮށްދެވިދާނެއެވެ. އަދި އަޅުގަނޑުދެކެ އެންމެ ލޯބިވެވޮޑިގެންވާ ފަރާތަކީ ވެސް އެއީއެވެ. އެހެންކަމުން ކަމަކަށް ބޭނުންވުމުން އަޅުގަނޑު ކުރަންޖެހޭހާވެސް ކަމަކީ އެކަލާނގެ ޙަޟްރަތުން އެދުމެވެ. ޙަޔާތުގައި ދިމާވާ ދެރަ ކަމެއް ދިމާވަނީ ކީއްވެކަން އަޅުގަނޑަށް ދޭހަ ނުކުރެވުނަސް އަޅުގަނޑަށް ދެވޭނީ ރަނގަޅު މިޞްރާބަކަށްކަން އަޅުގަނޑަށް ޔަޤީންކުރެވެއެވެ. އެންމެ މޮޅު ރޭވުންތެރިއަކީ ހަމައެކަނި ﷲ ކަން އަޅުގަނޑަށް ޤަބޫލުކުރެވޭތީވެއެވެ. ނޭދެވޭ ޚިޔާލުތަކުގެ ނުބައި އަސަރުތަކުން އަޅުގަނޑު ކޮންމެ ފަހަރަކު ސަލާމަތްވެގެން ދަނީ މި ޚިޔާލުތަކުންނެވެ.

    މިއަދުގެ ސައިކޮލޮޖީގެ ދުނިޔޭގައި މަޝްހޫރު ތެރަޕީއެއްކަމުގައިވާ ކޮގްނިޓިވް ބިހޭވިއާރ ތެރަޕީ (ސީބީޓީ) ވެސް މަސައްކަތް ކުރަނީ މިފަދަ ގޮތަކަށެވެ. މި ތެރަޕީ ބުރަވެފައިވާ ތިއަރީ ބުނާ ގޮތުން އިންސާނާއަށް އިޙްސާސް ކުރެވޭނީ އޭނަ އެންމެ ގިނައިން ވިސްނާ ވިސްނުންތަކާއި އެއްގޮތަކަށެވެ. އަދި އޭނަގެ އުޅުން ހުންނާނީ އޭނަގެ އިޙްސާސްތަކާއި އެއްގޮތަކަށެވެ. އެހެންކަމުން މި ތެރަޕީގައި ބަލިމީހާގެ ނޭދެވޭ ޚިޔާލުތަކާއި ވިސްނުންތައް ބަދަލުކުރަން މަސައްކަތް ކުރެވެއެވެ. އޭގެ ސަބަބުން އޭނަގެ އިޙްސާސްތަކަށް ބަދަލު އައިސް އޭނަގެ އުޅުން ބަދަލުކުރުމުގެ އުއްމީދުގައެވެ.

    އީމާންކަމަކީ ﷲ އަހަރުމެންނަށް ދެއްވި ކިހާ ބޮޑު ނިޢުމަތެއްކަން ތިބާއަށް މިހާރު އިޙްސާސް ކުރެވޭ ހެއްޔެވެ؟

  10. Hayat says:
    October 20, 2019 at 11:25 pm

    Yes janaa.. handhaan nethuny kurin comment kuri iru evrhak bunelan. Thanks ingey ehaa busy koh ulhemun vx hayat ge doubt clarify kohdhin kamah..

  11. Anonymous says:
    October 22, 2019 at 1:51 pm

    Jana ge English vaahaka koba

    1. Jana says:
      October 22, 2019 at 7:40 pm

      English vaahakaige fahubai In Sha Allah mi anna thursday noon dhen anna thursday ah up kuran mi raavany In Sha Allah. jana v bodah busy vefa dhuvas nimey iru varah balivefa hunnaathy kiriya extra kamakah dhivehi vaahaka ah focus mikureveny. hehe…but In Sha Allah will try my best to upload that chapter by next week thursday ^_^

Comments are closed.

Next Episodeވަޢުދު (ބާވީސްވަނަ ބައި)←


All Right Reserved!