ރާސްތާ2 ތިންވަނަބައި
އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު ޔޫސުފް ނިދިއައިސްގެން ފޯނު ބޭއްވީއެވެ.
*****
އިރުގެ ރަންދޯދިތަށް ލޮލަށް އެޅުމާއެކު ނަވާރް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލިއެވެ. ރޭގައި އޭނާއަށް ނިދުނީ ރޯން އޮއްވައި ކަމުން ލޮލަށް ބަރުވެ ބޮލުގައި ރިހުމެއް އުފެދިފައި ހުއްޓެވެ. ތެދުވެ އެނދުގެ ފަޑީގައި ލެގިލައިގެން އަތުން ބޮލުގައި ހިފެހެއްޓިއެވެ. ނަވާރް ސިއްސައިގެން ދިޔައީ ބާރަކަށް ދޮރުގައި ތަޅައިގަތް އަޑުއިވުމުންނެވެ. ދޮރު ނުހުޅުވިއަސް އެއީ ހަމްދާކަން ނަވާރްއަށް އެނގުނެވެ. މަޑު މަޑުން އެދުން ތެދުވެގެން ގޮސް ނަވާރް ދޮރުހުޅުވިއެވެ. ރުޅިއައިސް ރަތްވެފައި ހުރި މޫނަކާއެކީ ހަމްދާ އުނގަނޑުގައި ދެއަތް ވިއްދައިގެން ހުއްޓެވެ. “ސްކޫލަށް ދާންޖެހޭކަންވެސް އިނގެނީ ރަސްމީ އިއްޒަތުގައި މީހަކު އައިސް ބުނީމަ ދޯ! އެއޮށް ހަތެއް ޖެހީ އަށެއް ޖަހާއިރު ދާންޖެހޭ. ދެންވެސް ތިހެން ނީންދެ ތައްޔާރުވާން އުޅޭ!” ހަމްދާ ދިއުމާއެކު ނަވާރް ކޮޓަރީދޮރު ލައްޕާލިއެވެ. ހަމްދާ ވާހަކަ ދެއްކި ގޮތުން އެހިތަށް ތަދުވިއެވެ. މަންމަ އޭނާއާ މެދު އެގޮތަށް އަމަލުކުރާތީ ނަވާރްގެ ހިތްވަނީ ފަޅައިގެން ދާން ކައިރިވެފައެވެ. ބައްޕަ ނެތްނަމަ އޭނާ ދުނިޔޭން މޮޔަވީސްކަން ޔަގީނެވެ. ނަވާރް ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ދެން އަވަސްވެ ގަތީ ސްކޫލަށް ދާން ތައްޔާރުވާށެވެ.
***
މާލެދާން އެއާޕޯޓްގައި އިން ޔާޒްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ނަވާރްގެ ސޫރަ ނުފެނި ދާން ޖެހެމުންނެވެ. ހޮޓެލްއިން އެއާ ޕޯޓަށް އައި މަގުމަތީގަވެސް ޔާޒްއަށް ނަވާރް ފެނޭތޯ ހޯދެމުން ދިޔައެވެ. މާގިނައިން މަގު މައްޗަށް ބަލާތީ އާރާޝް ސުވާލުވެސް ކުރިއެވެ. ބޯޑިންއަށް ގޮވުމާއެކު ބަރުހިތަކާއެކީ ޔާޒް ހިނގައިގަތެވެ. ނުވެސް ދަންނަ ކުއްޖަކާ ހެދި އެހާވަރު ވުމުން ޔާޒް އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ.
***
ޓީމު މާލެ ދާ ފްލައިޓް އިނީ ހަވީރުގައި ކަމުން އާރާޝްމެން ފުރުވާފައި ޔޫސުފް ހިނގާލަން ރަށުތެރެއަށް ނުކުތެެވެ. ކަޅު ކުލައިގެ ހޫޑީއަކާ ކަޅު ޖިންސެއްގައި އެނާ ފެންނަލެއް ވަރަށް ފުރިހަމައެވެ. ޖިންސުގެ ދެޖީބަށް އަތް ޖަހައިގެން ހިނގާފައި ދިޔައިރު ނުހަނު ފިރިހެންވަންތައެވެ. އަނގައިން ރާގެއް ލައްވަމުން ދިޔައިރު މަގުމަތިން ފެންނަ ކޮންމެ މީހަކަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. އަންހެންކުއްޖެއް ނަމަ އޭނާގެ އެންމެ އަސަރުގަދަ ހިނިތުންވުން ދައްކާލައެވެ. ޔާޒްއެކޭ އެއް ފަދައިން ޔޫސުފްއަކީވެސް “ފްލާޓް” ކުރަން ނުހަނު މޮޅު ޒުވާނެކެވެ. އުމުރުން އަށާރަ އަހަރުވީއިރު ފަސްވަރަކަށް ކުދިންނާ ލޯބީގެ ގޮތުން ގުޅުނެވެ. އޭނާ ކުއްޖަކާ ރަށްޓެހިވާކަން އެނގޭ ކޮންމެ ފަހަރަކު މާނީ އެކަމާ ނުރުހުންވެގެން ވާހަކަ ދައްކައެވެ. އެއިން ކޮންމެ ފަހަރަކުވެސް އެއީ މަޖަލަކަށޭ ކިޔާ ޔޫސުފް ވާހަކަ އޮއްބާލައެވެ. ގިނަ ކުދިން ޔޫސުފްއާ ހެދި މޮޔަވަނީ ރީތި ކަމުގެ އިތުރަށް ޔޫސުފްއަކީ މަޝްހޫރު އާރާޝްގެ ދަރިފުޅަށް ވީމައެވެ.
****
ކަނާއަތް މަތީ ވައަތް އަޅައިގެން ނިކަން ސިއްރުން އައިރާ ގެއަށް ވަނެވެ. ގޭތެރެއިން މީހަކު ފެންނަން ނެތުމުން ވައިސޫރިއެއްހެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕާ ތަޅުލިއެވެ. ކަނާއަތް މަތިން ވައަތް ނެގިއިރު އަތުގެ ކުޑަހުޅަށްވުރެ ތަންކޮޅެއް މަތިން ލޭއަންނަމުން ދިޔައެވެ. ހީވަނީ ތޫނު އެއްޗެއް އަޅުވާފައި ހުރިއެވެ. އެތަނުން ނަގަމުން ދިޔަ ދިލައިން ކެއްނުކުރެވިގެން އައިރާގެ ލޮލުން ކަރުނަނީރާލިއެެވެ. އަނގައިން އަޑެއް ނުކުމެދާނެތީ ތުންފަތުގައި ބާރަށް ދަތް އަޅައިގެން އިނދެ ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އަތުގައި ބޭސްއެޅިއެވެ. ބޭސްއަޅާ ނިންމާފައި އެއްޗިހިތަށް ހުރިތަނަށް ލާނިމުނު ތަނުން ފޯނުރިންގްވާ އަޑު އިވުނެވެ. އެނދުމައްޗަށް އެއްލާލާފައި އޮތް ހޭންޑްބޭގްގެ ތެރެއިން އޭނާގެ ފޯނު ނަގައި ގުޅަނީ ކާކުތޯ ބެލިއެވެ. ސްކްރީނަށް އަރާފައި އިން ނަންފެނުމާއެކު ރުޅިއައިސްގެން އައިރާ ފޯނު އެއްލާލިއެވެ. އެތައްއިރަކު ރިންގްވެފައި ފޯނު ކެނޑުނުތާ މަޑެއްނުވެ ދެންވެސް ރިންގްވާން ފެށިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އައިރާ ފޯނު ބިޒީ ކޮށްފައި ނިއްވާލިއެވެ. އެނދުމައްޗަށް ފޯނު ހޫރާލާފައި އޭނާވެސް އެނދުމައްޗަށް ވެއްޓިގަތެވެ. ލޯމަރާލުމާއެކު ހޯސްލާފައި ކަރުނަތައް އޮހިގަތެވެ.
****
މާލެ އާދެވުމާއެކު އަލްޔަސް އެންމެ ފުރަތަމަވެސް ދިޔައީ އޭނާގެ ލޯބިވެރިޔާ ތާނިޔާ ގާތަށެވެ. އޭނާ ދާންވާއިރަށް ތާނިޔާ ހުރީ ރީތިވެގެންނެވެ. އަލްޔަސް ތާނިޔާ ގޮވައިގެން މުޅި މާލޭގައި ދުއްވުމަށްފަހު އެންމެ ފަހުން ހުޅުވި ރެސްޓޯރަންޓަށް މެންދުރުކާންވަނެވެ. ތާނިޔާ ވަނުމާއެކު އެންމެންގެ ސަމާލުކަން ތާނިޔާއަށް ލިބުނެވެ.
ތާނިޔާއަކީ އުމުރުން ވިހި އަހަރުގެ އަރަމުން އަންނަ ލަވަކިއުންތެރިއެކެވެ. ތާނިޔާގެ ޖާދުވީ އަޑުގައި އެތައްް ބަޔަކު ޖައްސާފައިވާ ޖާދުގަރެކެވެ. ރާއްޖޭގެ ކާމިޔާބު ފިލްމުތަކުގެ އިތުރަށް ބޮލީވުޑްގެ ދެ ފިލްމަކަށްވެސް ތާނިޔާ ވަނީ ލަވަކިޔާދީފައެވެ. ތާނިޔާގެ އަޑާ އެއްވަރަށް ބުރުސޫރަވެސް ރީއްޗެވެ. ރީތިވަރެއްގެ އިސްކޮޅާއި ރީތިވަރެއްގެ ހަށިގަނޑެކެވެ. ހަމުގެ ކުލަ ދޮންނުވިއަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. ލޯބޮޑުވެފައި އެސްފިޔަތަށްވެސް ދިގެވެ. ކޮނޑުން ކުޑަ ތަންކޮޅެއް ތިރިއަށް އޮންނަ މުށިކުލައިގެ ރާޅުބާނީ އިސްތަށިގަނޑު ގިނަފަހަރަށް އޮންނާނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ.
އެންމެންގެ ސަމާލުކަން ތާނިޔާއަށް ލިބެމުން ދާތީ އަލްޔަސްއަށް އޭނާގެ އަތް މުށްކަވާލެވުނެވެ. ބައެއް ކުދިން އައިސް ތާނިޔާއާ އެއްކޮށް ނަފްސީނެގިއިރު އޭނާ ޖެހުނީ ދުރުގައި ބަލަން ހުންނާށެވެ. ގައިމު އޭނާ އެއައީ ފުޓުބޯޅަ މެޗެއްގައި ހެޓްރިކްހަދާފައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިގެންނެވެ. މެޗުގެ ފަހުން އަބަދުވެސް އޮންނަ އިންޓަވިއު ފިޔަވާ އިތިރު އިންޓަވިއު ތަކެއް ނުކުރެއެވެ. ޔޫސުފްގެ ސަބަބުން އޭނާ ވަނީ މުޅިން ފަނޑުވެފައެވެ. ތާނިޔާއާ އެއްކޮށް އުޅޭއިރުވެސް އެންމެންގެ ސަމާލުކަން ލިބެނީ ތާނިޔާއަށެވެ. އޭނާ އެނގޭ ކަމަށްވެސް މީހުން ނުހަދައެވެ. އެތެެރެ އެތެރެއިން މިހާ އަނދަމުން ދިޔަ ނަމަވެސް އަލްޔަސް ކެއްކޮށްލިއެވެ. ކޮންމެ މީހަކަަށްވެސް އޭނާގެ ފުރިހަމަ ހިނިތުންވުން ހަދިޔާކޮށްލައެވެ. ތާނިޔާ އެންމެންނާ އެއްކޮށް ފޮޓޯ ނަގާ ނިމުމާއެކު ދެޒުވާނުންގޮސް ތަންކޮޅެއް އެކަހިރިކޮށް ހުރި މޭޒެއްގައި އިށީނެވެ.
އަލްޔަަސް އުއްމީދުކޮށްގެން ހުރީ ތާނިޔާގެ ފަރާތުން އޭނާއަށް ތައުރީފުގެ ބަސްތައް އޮހޭނެކަމަށެވެ. އޭނާ ދެއްކި މޮޅު ކުޅުމަށް ތައުރީފުކޮށް ކުރިއަށް އޮތްތަނުގައިވެސް އެހެން ކުޅެން ހިއްވަރުދޭނެކަމަށް އުއްމީދު ކުރެވުނެވެ.
“ބޭބް. އިނގޭތަ މަށަށް އަނެއްކާވެސް ބޮލީވުޑް ފިލްމަކަށް ލަވަކިޔަން ޗާންސް ލިބިއްޖެ” އަލްޔަސްގެ ހިނިތުންވުން ފިލައި ދިޔައީ އޭނާ ހީކުރިގޮތާ ޚިލާފަށް ތާނިޔާ އަމިއްލަ ވާހަކަ ދެއްކުމުންނެވެ. “ބޭބް އުފަލެއް ނުވޭތަ؟” އަލްޔަސް މޫނުގެ ކުލަވަރު ބަދަލުވިގޮތުން ތާނިޔާ އަހާލިއެވެ. އަލްޔަސް ދެފަރާތަށް ބޯހޫރާލުމަށްފަހު ހީލިއެވެ. “ނޮޕް ވަރަށް އުފާވެއްޖެ” ތާނިޔާ އަތުގައި ހިފާލަމުން އަލްޔަސް ބުންޏެވެ. މުޅި ކެއުން ނިމިގެން ދިޔައިރުވެސް ތާނިޔާ އަލްޔަސްގެ މެޗާ ބެހޭ ގޮތުން އެންމެ ބަހެއްވެސް ނުބުނެއެވެ. މުޅިންހެންވެސް ދެއްކީ ލަވައިގެ ކޮންމެސް ވާހަކައެކެވެ. ދެރަވި ނަމަވެސް އަލްޔަސް އެއްޗެކޭ ނުބުނެއެވެ. “ތާނީ ވީ ވޮން” މެޗުގެ ވާހަކަ ނޭހި ކަމަށް އެންމެ ފަހުން އަލްޔަސް ބުންޏެވެ. އެހެންހޭ ބުނެފައި ތާނިޔާ އިތުރު އެއްޗެކޭ ނުބުންޏެވެ. އަލްޔަސްގެ މޭގައި އުފެދުނު ރިހުމާއެކު މޭގައި އަތް އަޅާލެވުނެވެ.
***
އަލައިކާ ރިޕޯޓެއް ތައްޔާރު ކުރަން ހުއްޓާ އޭނާއާ އެއްކޮށް މަސައްކަތްކުރާ ޔޫއާން ޓެބްލެޓެއް ހިފައިގެން އައެވެ. ގޮނޑިއެއް ދަމާލަމުން އަލައިކާ ގާތު އިށީންދެފައި އަލައިކާގެ ސަމާލުކަން ހޯދިއެވެ. “މީނަގެ ވާހަކަ އެއްވެސް ނިއުސްއެއްގަ ނެތް. ހުރިހާ އެއްޗެއްގަ ހުރީ ޔޫސުފްގެ މޮޅު ވާހަކަ. އަލް މަށަށް ކޮށްދޭންވި ކަމަކީ އަލްޔަސްގެ މެޗު ބަލާފަ ރިޕޯޓެއް ތައްޔާރުކުރަންވީ! އާރާޝްގެ ދަރިފުޅަށް ވީމަ އެންމެން ސަމާލުކަންދިނީ ޔޫސުފްއަށް!” ޔޫއާން ހިތްހަމަނުޖެހިފައި އިނދެ ބުންޏެވެ. އަލައިކާ އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. އާރާޝްއަކީ އޭނާގެ ބޮޑުބޭބެކަން ގިނަ މީހުންނަކަށް ނޭންގެއެވެ. އޭނާއަކީ އަކްމަލްގެ ދަރިފުޅުކަންވެސް އެނގޭ މީހުން ވަރަށް މަދުވާނެއެވެ. އަލައިކާ ހިމޭނުން އިނދެ ބޯޖަހާލުމަށްފަހު ޔޫއާން ހަވާލުކުރި މަަސައްކަތް ކުރަން އަވަސްވެގަތެވެ.
***
ނިދިފައި އޮތް އައިރާއަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ކަންނެއް ގޮތަކަށް ދެލޯ ހުޅުވާފައި ގަޑި ބަލާލިއެވެ. މެންދުރު ދޭއް ޖަހަނީއެވެ. ފުންމައިގެން ތެދުވި ގޮތުން އަތަށް ތަދެއްވެސް އެރިއެވެ. އޯ ގޮއްވާފައި ފާޚާނައަށްވަދެ މޫނު ދޮވެގެން ނިކުތެވެ. ކުޑަ ގޮތަކަށް ރީތިވެގެން ނިކުތެވެ.
“ކަމަނާ ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ؟” އައިރާ ސިއްސައިގެން ދިޔައީ ނުހަނު ގާތުން ޔާޒްގެ އަޑު އިވުމުންނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު ޔާޒްއާ ދިމާއަށް ލޯއަޅާލިއެވެ. “ޔާޒް ގަނޑާ! ހަމަ ސިއްސުވާލަން ޖެހޭތަ؟” ޔާޒްއާ ދިމާއަށް ދެލޯ އަޅައިގެން އިނދެ އައިރާ އެހިއެވެ. “ތިއެއް ނޫނޭ ޝާރިމް މަށަށް ގުޅާ އެބަ އައިރާއަށް ނުގުޅިގެން. ދެމީހުންކޮންފަދަ ޖަގަޑާއެއް ހަދައިގެން ތިއުޅެނީ؟” ޝާރިމްގެ ނަން އަޑުއިވުމާއެކު އައިރާ އިސްޖަހާލިއެވެ.
އައިރާއަށް ވީގޮތް ފެނި ޔާޒްގެ ދެބުމަގޮަށް ޖެހުނެވެ. ޝާރިމްއާ އައިރާގެ ގުޅުން އެންމެ ރަނގަޅަށް އެނގޭ އެކަކަށް ޔާޒް ވާނެއެވެ. ޝާރިމްއަށް އެންމެ ފުރަތަމަ އައިރާ ފެނުނީވެސް ޔާޒްމެން ގެއިންނެވެ. އޭރު އައިރާގެ އުމުރުން އެންމެ ފަނަރަ އަހަރެވެ. ފުރަތަމަ ނަޒަރުންވެސް ޝާރިމްއަށް އައިރާ ކަމުދިޔައެވެ. އައިރާއަށްވެސް ވީ ހަމައެވަރެވެ. ޝާރިމް ފެންނައިރަށް އޭނާގެ ނުވިސްނޭ މޮޔަހިތް ޝާރިމްއަށް ހިބައިން ދެވުނެވެ. ޝާރިމްއަކީ ކޮންކަހަލަ އަޚުލާގެއްގެ ކިހިނެއްއުޅޭ ޒުވާނެއްތޯވެސް ބެލުމެއް ނެތި ޝާރިމް ލޯބި ހުށަހެޅުމުން ގަބޫލު ކުރީއެވެ. އެދެމީހުންގެ ލޯބީގެ ކުޅުވަރު އެނގޭ ހަމައެކަނި ބަޔަކީ އަލައިކާ ޔާޒް އަދި ޔޫސުފްއެވެ. ޔޫސުފްއާއި އަލައިކާއަށްވުރެ ގިނަ ކަންކަން ޔާޒްއަށް އެނގެއެވެ. ޝާރިމްއަކީ ވަރަށް ފަސޭހައިން ރުޅިގަދަވާ މީހެކެވެ. ލޯބީގެ ނަމުގައި އޭނާ އައިރާ ގެންގުޅެނީ އަޅެއްހެންނެވެ. ލޯބިވެރިޔާގެ ގޮތުގައި ހުރެވެސް އައިރާގެ މައްޗަށް އަމުރު ހިންގައެވެ. ޔާޒް ކިތަންމެ ރުޅިއަޔަސް އެއްޗެކޭ ނުބުނަނީ ދެލޯބިވެރިންގެ ދެމެދަށް ނުވަންނާށެވެ. އައިރާ ޝާރިމްދެކެ ވާ ކަނު ލޮތްބެއްގެ ސަބަބުން ޝާރިމް ބުނިހާ ގޮތެއް ހެދިގެން އައިރާ ހުރެއެވެ. ޝާރިމްދެކެ ކިތަންމެ ރުޅިއައި ނަމަވެސް ރުޅިހަދާފައި އައިރާއަށް އެންމެ ގިނަވެގެންވެސް ހުރެވޭނީ ސައްވީސް ގަޑިއިރުވަންދެކަށެވެ. މިފަހަރު އައިރާގެ މޫނު މަތިން އެހެންނާ ނުފެންނަ ހިތްދަތިކަމެއް ފެންނަމުން ދިޔައެވެ. ޔާޒް ދެކޮޅު ބަލާލުމަށްފަހު އެކަކުވެސް ފެންނަން ނެތުމުން އައިރާގެ ދެކޮނޑުގައި ހިފައި އޭނާ ގާތަށް ގެނައެވެ. “ވަޓްސް ރޯންގް އައިރާ؟” ކަންބޮޑުވުމާއެކު ޔާޒް އެހިއެވެ. އައިރާއަށް ކެއްކުރެވުނީ އެހިސާބަށެވެ. ލޯތެރޭ ބޮނޑިވެފައި ހުރި ކަރުނަތައް ފައިބަންފެށިއެވެ. ޔާޒް ގައިގައި ބާރަށް ބައްދައިގަނެފައި ރޯންފެށިއެވެ.
އައިރާ ގަދަޔަށް ރޯން ފެށުމުން ޔާޒް ހާސްވާގޮތްވިއެވެ. އިސްރާ ނޫނީ އަހުސަމްއަށް ފެނިއްޖެޔާ ކަންތައް ވަރަށް ގޯސްވާނެތީއެވެ. އައިރާ އޭނާގެ ގަޔާ ދުރުކޮށްފައި އަތުލަފިކޮށްގެން އައިރާގެ ކޮޓަރިއަށް ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި އައިރާ ރޮމުން ދިޔައެވެ.
***
ބެލްޖެހުމާއެކު ނަވާރް ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. އަވަސް އަވަހަށް ދަބަހަށް ފޮތްތަށް އަޅާފައި ކުލާހުން ނުކުންނަން ހިނގައިގަތެވެ. ނަަވާރްގެ ފިޔަވަޅުތައް މަޑު ޖެހުނީ ބާރުގަދަ އަތަކުން އޭނާގެ އަތުގައި ހިފުމުންނެވެ. ނަވާރް ދެލޯ މަރާ ބާރުކޮށްލިއިރު މޫނު މަތީގައި ރުޅިވެރިކަންވިއެވެ. ފަހަތަށް އެނބުރުމެއް ނެތި އޭނާގެ އަތް ފޮޅުވާލެވޭތޯ ނަވާރް މަސައްކަތް ކުރިއެވެ. އެހެނަސް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ނަވާރްއަށް އެކަންވީ އުނދަގޫ ކަމަކަށެވެ. “ހަމަ މިހާރު ދޫކުރޭ! އެހެންނޫނީ ހުރިހާ ކުދިންނާ ޓީޗަރުން އެއްވާ ވަރަށް ހަޅޭއްލަވަން ފަށާނަން!” ރުޅި އައިސްގެން ތުރުތުރު އަޅަމުން ނަވާރް ބުންޏެވެ. “އޯ ޑާރލިން! އަވަހަށް ހަޅޭއްލަވާ އެކަމް ތިއަތުން ދޫކުރާ ހިތެއް އަހަންނެއް ނެތް!” ނަވާރް ކުރިމައްޗަށް އަރަމުން އޭނާ ކުލާހުގައި އުޅޭ ޒުނާމް ބުންޏެވެ. ޒުނާމްއަކީ ގްރޭޑްއަށަކުން ފެށިގެން ނަވާރްއާއި އަޅައިގަނެގެން އުޅޭ ޒުވާނެކެވެ. ނަވާރް ފެނުމުން ޒުނާމް ހުންނަނީ މޮޔަވެފައި ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަވާރް ފެނިއްްޖެނަމަ ފަހަތު އަޅުވާނުލާ ދުވަހެއް މަދުވާނެއެވެ.
އަރައިގެން ބޫޓުން ޒުނާމްގެ ފައި މައްޗަށް އަރާފައި ނަވާރް ދުއްވައިގަތެވެ. ފަހަތް ބަލަމުން ދުވަމުން ދިޔައިރު ގިނަ ކުދިންގެ ލޯތައް އޭނާއަށް ހުއްޓެމުން ދިޔައެވެ. ސްކޫލް ގޭޓާ ހަމަވުމާއެކު ނަވާރް ދުވުން ހުއްޓާލިއެވެ. މޭގައި ދެއަތް އަޅައިގެން ފުންކޮށް ދެތިން ނޭވާލިއެވެ. ކުދިންތަކުގެ ތެރެއިން ލާފައި އެދިމާއަށް އަންނަމުންދިޔަ ޒުނާމްފެނި އަނެއްކާވެސް ދުއްވައިގަތެވެ.
އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓައިގެން މަގު މައްޗަށް މާބޮޑު ސަމާލުކަމެއއްނުދީ އައި ޔޫސުފް ގައިގައި ނުހަނު ބާރަށް ދުވެފައި އައި މީހަކު ޖެހުނެވެ. ޖެހުނު ގޮތަށް ދެމީހުން ދެފަޅިއަށް ވެއްޓުނެވެ. އަތުގައި އޮތް ފޯނު ވިއްސައިގެން ގޮސް ޖެހުނީ މާދުރަށެވެ. ފޯނު ތަޅައިގެން ދިއުމާއެކު ޔޫސުފް ރުޅިވެރިކަމާއެކު އޭނާ ގައިގައި ޖެހުނު މީހާއަށް ބަލާލިއެވެ.
ކުރިއަށް ނުބަލައި ފަހަތް ބަލަމުން ދުވަމުން އައި ނަވާރް މީހެއްގައިޖެހުނު ގޮތަށް މަގުމައްޗަށް ވެއްޓުނެވެ. ވެއްޓުނީ މޫނުވަތަށް ކަމުން ތާރުގައި މޫނު ޖެހި ތުންފަތް ފަޅައިގެން ދިޔައެވެ. އަަތްތިލައިން ހަންގޮސް ތޫނު ދިލައެއް ނަގައިގަތެވެ.
ވެއްޓިފައި އޮތް އަންހެންކުއްޖާފެނި ޔޫސުފް މޫނުގެ ކުލަވަރު ބަދަލުވިއެވެ. އަންހެންކުއްޖާ އޮތީ މޫނު ވަތަށް ކަމުން އެކުއްޖާގެ މޫނެއް ރީތިކޮށެއް ނުފެނުނެވެ. އޮތް ތަނުން ތެދުވެ ޖިންސުފޮޅާލުމަށްފަހު އިސްތަށިގަނޑު ރީތިކޮށްލިއެވެ. ފިލްމުތަކުން ފެންނަ “ހީރޯ”އެއްހެން އޭނާގޮސް ނުހަނު ބަލައިގެން ނަވާރް ނެގިއެވެ.
“ސޮރީ ފޯނާ ކުޅެން ހުރެ އައިމަ ތިކުއްޖާ ނުފެނުނީ!” ނަވާރް ހުރި ގޮތް ފެނުމާއެކު ޔޫސުފް ވަގުތުން މާފަށް އެދުނެވެ. އަދި ވެއްޓިފައި އޮތް ނަވާރްގެ ފޮތްދަބަސްވެސް ނަގައިދިނެވެ. “އިޓްސް އޯކޭ” ޔޫސުފްއަށް ހިނިތުންވުމެއް ހަދިޔާކޮށާފައި ނަވާރް ދާން ހިނގައިގަތެވެ. ނަވާރް ކަންތައް ކުރި ގޮތުން ޔޫސުފްގެ އަނގަ ހުޅުވުނެވެ. އެހެން އަންހެންކުއްޖެއްނަމަ އެވަގުތުވެސް ދާނީ އޭނާއާއެކީ ސެލްފީއެއް ނަގާފައެވެ. އެރަށުން ދިމާވި އެހެން ފަސް ވަރަކަށް އަންހެންކުދިންނާއެއްކޮށް އޭނާ މިހާރު ފޮޓޯ ނަގައިފިއެވެ. މަގުގެ ކޮޅުން ފެނިލާއިރަށް ކުދިންތައް ގޮވަން ފަށައެވެ. އެހެނަސް އެކުއްޖާ ކޮންމެ މީހަކަށްވެސް ހިނިތުންވެލާނެ ފަދައިން އޭނާއަށްވެސް ހިނިތުންވެލާފައި އެދިޔައީއެވެ. އޭނާއަކީ މަޝްހޫރު ޔޫސުފްކަންވެސް އެކުއްޖާއަށް ނޭންގެނީބާއޭ ޔޫސުފް ހިތަށް އެރިއެވެ. އެހެން ކުއްޖެއްނަމަ އޭނާގެ އެހީތެރިކަން ލިބުމުން އުދުހެވޭނަމަ އުދުއްސައިގަތީހެވެ.
ޔޫސުފް ދެފަރާތަށް ބޯހޫރާލިއެވެ. އެކުއްޖާ އެހެން އެހެދީ އޭނާގެ ސަމާލުކަން ހޯދަންކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. “ޕުފްޓް. މައެބަ އުޅޭތަ މޮޔަވެގެން އޭނަ ފަހަތުން ދާކަށް” ޔޫސުފް އޭނާގެ އަމިއްލަ ނަފްސަށް ބުންޏެވެ.
އަނގަމަތީގައި ހުރި ލޭތައް ޓިޝޫއަކުން ނަވާރް ފުހެލިއެވެ. ގެއަށް ވަނުމުގެ ކުރިން ކުޑަކޮށް މޫނާ ޔުނީފޯމް ރީތި ކުރިއެވެ.
ގޭތެރެއަަށްވަންއިރު ހަމްދާގެ ހިލަމެއްނުވެއެވެ. ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ކަކޫ މަތިންވެސް މަށައިގެން ގޮއްސައި ހުރިކަން ނަވާރްއަށް އެނގުނީ ބެލްސް ބޭލުމުންނެވެ. ފެންޖެހުމުން މަށައިގެން ގޮއްސައި ހުރިތަންނަނުން ދިލަނެގިއެވެ.
ފެންވަރައިގެން ނުކުނެ ނަމާދުކޮށްގެން ނަވާރް އެނދުގައި ޖައްސާލީ ވަރުބަލިވެފައި އޮތްލެއް ބޮޑުކަމުންނެވެ. އެނދުގައި ޖެހުމާއެކު އެސްފިޔަތަކަށް ބަރުވެ ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ.
***
އައިރާ ގާތު އިށީންދެގެން އިންއިރު ރުޅިއައިސްގެން ޔާޒް ތުރުތުރު އަޅައެވެ. “އައިރާ. ޝާރިމްއާ ބްރޭކްއަޕް ވާން ވެއްޖެއެއްނު މިހާރު. މިހާރު ގަޔަށް ބޮލަށް އަރާ ހިސާބަށް އޭނާގެ ކަންތައް އެދިޔައީ!” ހަރުކަށިކަމާއެކު ޔާޒް ބުންޏެވެ. “ކިތަންމެ ދުރުވާން ބޭނުންވިއަސް ޝާރިމްދެކެ ވާލޮތްބެއްގެ ބޮޑުކަމުން އެކަމެއްނުވޭ! ރުޅި އަންނަ ގަޑީ އެހެން ހެދިއަސް ފަހުން ވަރަށް ލޯބިން އުޅެނީ!” އައިރާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. މިއަޮށް ބޮޑު ދުނިޔެއިންވެސް އޭނާއަށް ލޯބިވެވުނީ އެލޯބި ހައްޤުވާވަރު މީހެއްދެކެއެެއްނޫނެވެ. ޝާރިމްގެ ސަބަބުން އެހިތުގައި އެތައް ކޫރުމެއްވަނީ އެޅިފައެވެ. “އައިރާ! މިއޮތީ ފޯނު ޝާރިމްއަށް ގުޅާފަ މިގަޑީ ބްރޭކްއަޕްވޭ!” އައިރާ އަތަށް ޔާޒް ފޯނު ލައިދިނެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލާފައި އައިރާ ޝާރިމްގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ރިންގްވީތަނުން ފޯނު ނެގިއެވެ. “ބޭބީ ވަރަށް ބޮޑަށް ސޮރީ” ޝާރިމް މާފަށް އެދޭނެކަން ކުރިންވެސް އައިރާއަށް އެނގެއެވެ. އައިރާ ޝާރިމްގެ ވާހަކަ ހުއްޓުވާފައި ވާހަކަދެއްކިއެވެ. “ޝާރިމް! ބޭނުމެއްނޫން ޝާރިމް ދައްކާ ވާހަކަ އިތުރަށް އަޑުއަހާކަށް. މިއަދަށްފަހު އަހަރުން ދެމީހުންގެ ގުޅުން ނިމުނީ!” ޝާރިމްއަށް އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ އައިރާ ފޯނުކަނޑާލިއެވެ. ލޯތެރޭ ބޮނޑިވެފައި ހުރި ކަރުނަތައް ރޮނގަކަށް ފައިބައިގަތެވެ. “ޝްޝްޝް. ޝާރިމް ކަހަލަ މީހަކަށްޓަކައި އައިރާގެ އަގުހުރި ކަރުނަތައް ހުސްނުކުރޭ” ޔާޒް ނުހަނު އޯގާތެރިކަމާއެކު އައިރާގެ ކަރުނަތައް ފުހެދިނެވެ. އައިރާ ޔާޒްގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެން ދުވަހަކުވެސް އޭނާގެ ހަޔާތުން ޝާރިމްއަށް ޖާގަ ނުދޭން ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.






Varah reethi vaahaka ye mi
Woww ????? Varah reethi ??? whn is next part ?? waiting for it ??? lysm
Reethi story??
Salhi
Hey malti…. I know you
Salhi…..gud work….kiyaa Yousuf n yaar loves navaar???????????
Woww….good work……keep it up……v reethi mi part vx…..whn nxt part…..
Salam all. Miadhu test othyma mihaa lahun comment mikureveny. Dhen oii part genesdheveyny November 13ge fahun kan varah hithaamayaa eku dhannavanu
Haadha dhigu inthizaarekey dhw , will wait ?
Yaax aee kaakuge dhariehbaa??
Yoosuf n Alaika or yoosuf n Nawaar?
Alyas n Alaika?
Yaaz n Nawaar or Yaaz n Aira?
Bodah olhijje?
But story is nice but short
Kuda kon dhigu kohlahchey
Sis alyas evarah hithuga nujahsaba dw???…he feeling so sad eyy…eyna dhera nukurahchey..nikan eyna ge report vx habaruga avahah liyaashey buney ingey???…hehe…btw story dhaa goiy v rythi ?❤??.. Dhen Ahna part ga insha allah I ah hyvaa gothah couples kiyaa dheynan ngey…waiting for the next..ly n bye?????????????????❤❤❤???❄❄❄??
Hey nice story. I love it. I like how you have got the passio of story writing in this story. This is one of the best stories I have ever read.????